-

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 2020-34) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2023-02)

(މި ގާނޫނަށް އަމަލުކުރަން ފެށީ 22 މާރިޗު 2023 ގައި)

 

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 2020-34) އަށް ަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރެކްރޫޓުކުރުމުގެ ކުރިން އިތުރު ބެކްގްރައުންޑް ޗެކްކުރުން 17.

(ހ) ފުލުހުންގެ ވަޒީފާއަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މުހިންމު ވަޒީފާއަކަށްވާތީ ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެކުރިން، މި ގާނޫނުގެ ދަށުން ހަދާ ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ގަވާއިދުތަކުގައިވާ ގޮތުގެމަތިން އެމީހެއްގެ ބެކްގްރައުންޑް ޗެކްކުރަންވާނެއެވެ.

(ށ)  މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ކުށުގެ ރެކޯޑު ސާފުކުރުން؛ 
  2. ބެކްގްރައުންޑް އެނަލިސިސްއެއް ހެދުން.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހަދާ ބެކްގްރައުންޑް އެނަލިސިސްއަކަށްފަހު، ޕޮލިގްރާފް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް އިތުރު އެނަލިސިސް ހެދުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ރ) ފުލުހުންގެ ހިދުމަތުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އެކަންކަން ފުރިހަމަކުރުމުގައި ބޭނުންކުރެވިދާނެ އިތުރު ވަސީލަތްތައް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުތަކުގައި ބަޔާންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 100 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) ތަހްގީގުކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފަރާތަކީ ތަހްގީގުކުރުމާ ގުޅުންހުރި ދާއިރާއެއްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ގަބޫލުކުރާ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި، 27 މާރިޗު 2024 ގެ ނިޔަލަށް މި އަކުރަށް އަމަލުކުރުން ފަސްކުރުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 2020-34)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-34)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު