-

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު

(ގާނޫނު ނަންބަރު 2020-26)

 

 އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ- ތައާރުފާއި ނަން

(ހ) މިއީ، އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި އޮތޯރިޓީއެއް އުފައްދައި، އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އާންމު ބޭނުންތަކުގެ ހިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދުތައް

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުން؛

(ށ) އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ އެފިށަންޓް އަދި ތިމާވެއްޓާ ރައްޓެހި ހިދުމަތްތަކެއްގެ ގޮތުގައި ބައްޓަންކުރުން؛

(ނ) އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭ އަދި ކާމިޔާބުކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ހިދުމަތްތަކަކަށް ހެދުން؛

(ރ) އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމާއެކު، ވާދަވެރި ވެށްޓެއް ގާއިމުކޮށް، ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިކުރުން؛

(ބ) އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައަޅައި، ތަންފީޒުކުރުން؛

(ޅ) އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތްތަކުން މި ގާނޫނާއި އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރަމުންދޭތޯ ބަލައި، ފިޔަވަޅު އަޅާނެ ނިޒާމެއް ގާއިމުކުރުން؛

(ކ) އާންމު ބޭނުންތަކުގެ ހިދުމަތްތައް ހޯދާ ފަރާތްތަކާއި، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިދޭ ހައްގުތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން.

 

 

ދެވަނަ ބާބު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ

 

3 ވަނަ މާއްދާ - އޮތޯރިޓީ އުފެއްދުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި، މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ.

(ށ) އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން މިނިސްޓަރަށް ޖަވާބުދާރީވާންވާނެއެވެ.

 

4 ވަނަ މާއްދާ - އޮތޯރިޓީގެ މަސްއޫލިއްޔަތުތައް

އާންމު ބޭނުންތަކުގެ ހިދުމަތާ ގުޅޭގޮތުން އޮތޯރިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އާންމު ބޭނުންތަކުގެ ހިދުމަތުގެ ދާއިރާ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީކުރުމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއެރުވުން؛

(ށ) އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަދި ބޭނުންކުރުމުގައި އަމަލުކުރުމަށް ހަދާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން؛

(ނ) އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމުގައި ހަމަޖެހޭ ވާދަވެރި ވެށްޓެއް ގާއިމުކޮށް ކުރިއަރުވައި ތަރައްގީކުރުން؛

(ރ) އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމުގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާއި ދެމެހެއްޓެނިވި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމާ ދެކޮޅު ކަންތައްތައް ދެނެގަތުމާއި އެފަދަ ކަންކަން ހުއްޓުވުން؛

(ބ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާބެހޭ ހާއްސަ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމާއި، އެ ގާނޫނުތަކާއި ގަވާއިދުތަކަށް ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަމުންދޭތޯ ބެލުން؛

(ޅ) އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ދޫކުރާ ލައިސަންސާ އެއްގޮތަށް ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަމުންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުން؛

(ކ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާބެހޭ ހާއްސަ ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހިދުމަތުގެ އަގުތައް ފާސްކުރުމާއި، އަގު ކޮންޓްރޯލުކުރުމާއި، އަގާބެހޭ އެހެނިހެން ކަންކަން ބެލެހެއްޓުން؛

(އ) އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ހިދުމަތްދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި އެފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން؛

(ވ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭގޮތުން ދޭދޭ ފަރުދުންގެ މެދުގައި ވެވޭ އެއްބަސްވުންތަކާ ގުޅިގެން ޖެހޭ މައްސަލަތައް ބަލައި އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(މ) އާންމު ބޭނުންތަކުގެ ހިދުމަތް ބޭނުންކުރާ ނުވަތަ ހިދުމަތަށް އެދޭ ފަރާތްތަކުގެ ށަކުވާއާއި ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން؛

(ފ) އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކޮށް، އެފަދަ ތަންތަނާއި ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަދިނުން؛

(ދ) އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި ގައިޑްލައިންތަކާއި ކަމާގުޅޭ އާންމު ގަވާއިދުތައް އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުން؛

(ތ) އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތައް ގާއިމުކުރުމުގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބާރުއަޅައި، ހިތްވަރުދިނުން؛

(ލ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުން؛

(ގ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން؛

(ޏ) އާންމު ބޭނުންތަކުގެ ހިދުމަތްދިނުމުގައި އިސްރާފު ކުޑަކުރުމާއި، ފެންވަރާއި އެފިށަންސީ ރަނގަޅުކުރުމަށް ބާރުއެޅުން؛

(ސ) މި ގާނޫނަށް އަމަލުކުރަން ފަށާފަހުން ގާއިމުކުރެވޭ އާންމު ބޭނުންތަކުގެ ހިދުމަތްތައް ގާއިމުކޮށް ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ އެންމެ މަތީ މިންވަރަކަށް ބޭނުންކުރާކަން ކަށަވަރުކުރުން؛

(ޑ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާބެހޭ ދާއިރާތަކާގުޅޭ ތަފާސްހިސާބު އެކުލަވާލައި ށާއިއުކުރުން؛

(ޒ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މަސައްކަތްތެރިންނަށް ހުއްދަ ދިނުން؛

(ޓ) މި ގާނޫނުގެ ދަށުން ނުވަތަ އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނެއްގެ ދަށުން އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުމާއި، އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމާގުޅޭ އެނޫންވެސް ކަންކަން މި ގާނޫނާއި އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކުރުން.

 

5 ވަނަ މާއްދާ - އޮތޯރިޓީންދޭ ހިދުމަތް އަވަސްކުރުމާއި ފަސޭހަކޮށްދިނުން

އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހަކަމާއި ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް ފަހި މާހައުލެއް ގާއިމުކުރަންވާނެއެވެ.

 

 

ތިންވަނަ ބާބު

ޑިރެކްޓަރުންގެ ބޯޑު
 

6 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑު

(ހ) އޮތޯރިޓީގެ މަސައްކަތްތައް ކުރުމުގައި މަސްއޫލުވާންޖެހޭ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެއެވެ.

(ށ) ބޯޑު އެކުލެވިގެންވަނީ، 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

(ނ) ބޯޑަށް މެންބަރުން އައްޔަންކޮށް ވަކިކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

(ރ) ބޯޑުގެ މެންބަރުންނަށް ލިބިދެވޭ އުޖޫރަ ކަނޑައަޅާނީ މާލީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރެވެ.

(ބ) ބޯޑުގެ މެންބަރުންނަށް އުޖޫރަ ދޭނީ ބޯޑުގެ ޖަލްސާތަކަށް ހާޒިރުވާ ނިސްބަތަށެވެ.

(ޅ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ ށަރުތު

(ހ) އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ބޯޑަށް އައްޔަންކުރަންވާނީ، އަންނަނިވި ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނެވެ.

  1. ހަކަތައިގެ ދާއިރާ؛
  2. ފެނާއި ނަރުދަމާގެ ދާއިރާ؛
  3. ކުނި މެނޭޖްކުރުމުގެ ދާއިރާ؛
  4. މާލީ ނުވަތަ އިގްތިސާދީ ދާއިރާ؛
  5. ތިމާވެށީގެ ދާއިރާ.

(ށ) ބޯޑަށް އައްޔަންކުރެވޭ މެންބަރުންނަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތައުލީމާއި ތަޖުރިބާ ލިބިފައިވުމުގެ އިތުރުން އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހުން ކަމުގައި ވާންވާނެއެވެ.

  1. ބޯޑުގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައިވުން؛
  2. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  3. އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން؛
  4. އާންމު ބޭނުންތަކުގެ ހިދުމަތްދޭ ކުންފުންޏެއްގެ ނުވަތަ އޮތޯރިޓީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ކަމުގައި ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛
  5. އާންމު ބޭނުންތަކުގެ ހިދުމަތްދޭ ކުންފުންޏެއްގައި ނުވަތަ އޮތޯރިޓީގެ ދަށުން ހިނގަމުންދާ އިދާރާއެއްގައި، އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ އެހެން ކުންފުންޏެއްގެ ނަމުގައި ހިއްސާ އޮތް މީހަކު ކަމުގައި ނުވުން؛
  6. ގާނޫނެއްގައި ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހަކު ކަމުގައި ނުވުން.

(ނ) މި މާއްދާގެ ދަށުން ބޯޑުގެ މެންބަރުންގެ ގޮތުގައި އައްޔަންކުރާ ކޮންމެ މެންބަރަކު އައްޔަންކުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ 1 (އެކެއް) ދައުރަށެވެ.

 

8 ވަނަ މާއްދާ - ބޯޑުގެ ޗެއަރޕަރސަން

(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންކަމުގެ މަގާމަށް، ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ށ) ބޯޑުގެ ޗެއަރޕަރސަންގެ ޒިންމާތަކަކީ ބޯޑުގެ މަސައްކަތްތައް ރާވައި ހިންގުމާއި ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ނ) ބޯޑުގެ ޗެއަރޕަރސަން ކުރަންޖެހޭ ކަމެއް ކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެކަން ކުރުމަށް ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކާ ބޯޑުގެ ޗެއަރޕަރސަން ހަވާލުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ބޯޑުގެ މެންބަރުކަމުން ވަކިކުރުން

(ހ) ބޯޑުގެ މެންބަރެއްގެ ކިބައިގައި ހުރުން މި ގާނޫނުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެނަމަ، އޭނާ ބޯޑުގެ މެންބަރުކަމުން ވަކިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެންއޮތް ކަމުގައިވީނަމަވެސް، ބޯޑުގެ ޗެއަރޕަރސަން ނުވަތަ ބޯޑުގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ މެންބަރެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާނުކުރެވޭ ކަމަށް ފެނިއްޖެ ހިނދެއްގައި ނުވަތަ ބޯޑުގެ ޗެއަރޕަރސަން ނުވަތަ ބޯޑުގެ މެންބަރަކު، ސުލޫކީ މިންގަނޑާ ހިލާފުވެއްޖެކަމަށް ފެނިއްޖެ ހިނދެއްގައި އެ މެންބަރަކު މަގާމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ވަގުތީގޮތުން މަސްއޫލިއްޔަތުން ދުރުކުރުން

(ހ) ބޯޑުގެ ޗެއަރޕަރސަން ނުވަތަ ބޯޑުގެ އެހެން މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ އެކަން ބަލައި، ވަކިގޮތެއް ނިމެންދެން އެ މެންބަރަކު ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތުތަކުން ދުރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަސްއޫލިއްޔަތުން ދުރުކުރެވެނީ ބޯޑުގެ ޗެއަރޕަރސަން ކަމުގައިވާނަމަ، ބޯޑުގެ ކަންކަން ވަގުތީގޮތުން ހިންގާނެ އެހެން ފަރާތެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - އިސްތިއުފާދިނުން

(ހ) ބޯޑުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާދެވިދާނެއެވެ. އިސްތިއުފާދިންކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ.

(ށ) ބޯޑުގެ ޗެއަރޕަރސަންވެސް އިސްތިއުފާދޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އެހެންނަމަވެސް، ބޯޑުގެ ޗެއަރޕަރސަން އޭނާގެ މަގާމުން އިސްތިއުފާދިންކަމުގައިވިޔަސް، ބޯޑުގެ މެންބަރުކަމުން އިސްތިއުފާނުދޭހާ ހިނދަކު، ބޯޑުގެ މެންބަރުކަމުން އޭނާ އިސްތިއުފާދިނީ ކަމުގައެއް ނުބެލެވޭނެއެވެ.

 

12 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތުތައް

ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށާއި އާންމު ބޭނުންތަކުގެ ހިދުމަތުގެ ދާއިރާ އިންތިޒާމުކުރުމަށްޓަކައި އޮތޯރިޓީން ކުރަންޖެހޭ ކަންކަން ކަނޑައެޅުން؛

(ށ) އޮތޯރިޓީ ހިންގުމާގުޅޭ އަންނަނިވި ގަވާއިދުތައް މި ގާނޫނުގެ ދަށުން ހަދައި، އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީއާއި ބޯޑުގެ ކަންކަން ހިނގާތޯ ބެލުން:

  1. އޮތޯރިޓީގެ ހިންގުމާގުޅޭ ގަވާއިދުތައް؛
  2. ބޯޑުގެ ހިންގުމުގެ ގަވާއިދުތައް؛
  3. ބޯޑުގެ މެންބަރުންގެ ސުލޫކާބެހޭ ގަވާއިދު.

(ނ) އޮތޯރިޓީގެ ބަޖެޓު އެކުލަވާލައި، ފާސްކުރުން.

 

13 ވަނަ މާއްދާ - ބޯޑުގެ ޖަލްސާތައް

(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް، މަދުވެގެން ކޮންމެ މަހަކު 2 (ދޭއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) ބޯޑުގެ ޖަލްސާއެއް ބޭއްވޭނީ، ބޯޑުގެ ޗެއަރޕަރސަން ހިމެނޭގޮތުން 3 (ތިނެއް) މެންބަރުންނަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުން ހާޒިރުވުމުންނެވެ.

(ނ) ބޯޑުން ކަމެއް ނިންމީ ކަމަށް ބެލޭނީ، ބޯޑުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން އެކަމެއް ފާސްވުމުންނެވެ.

(ރ) ބޯޑުގެ 3 (ތިނެއް) މެންބަރުންނަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުން ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާނަމަ އެކަން ސަބަބު ބަޔާންކޮށް ބޯޑުގެ ޗެއަރޕަރސަނަށް ހުށަހެޅިދާނެއެވެ. އަދި ބޯޑުގެ ޗެއަރޕަރސަނަށް އެ ނޯޓިސް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ނޯޓިހުގައި ހުށަހަޅާފައިވާ ގޮތުގެމަތިން ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.

(ބ) ބޯޑުން އަވަސް ގޮތަކަށް މައްސަލައެއް ނިންމައިދިނުމަށް އެދި ބޯޑުގެ ޗެއަރޕަރސަނަށް ލިޔުމަކުން ހުށަހެޅުމުގެ އިހްތިޔާރު ޗީފް އެގްޒެކެޓިވްއަށް ލިބިގެންވެއެވެ. އެގޮތުން ޗީފް އެގްޒެކެޓިވް ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބޯޑުގެ ޗެއަރޕަރސަނަށް ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ބޯޑުގެ ޖަލްސާއެއް ބާއްވައި، ޗީފް އެގްޒެކެޓިވް ހުށަހަޅާފައިވާ މައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ.

 

14 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

(ހ) ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއް ނުވަތަ މައްސަލައެއް، އޮތޯރިޓީން ބަލާ ހިނދު، އެކަމެއް ނުވަތަ އެ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި އޮތޯރިޓީން ބަލާ މައްސަލައަކީ، އެފަދަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއް ނުވަތަ މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭ ހިނދު، އެކަން ބޯޑަށް އެންގުމާއެކު، އެކަމެއް ނުވަތަ އެ މައްސަލައެއް ބެލުމަށް އަދި/ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެ މެންބަރަކު ތަނާޒުލުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މަސްލަހަތު ފުށުއެރުމުގެ މައްސަލައެއް ބޯޑުގެ ޗެއަރޕަރސަނަށް މެދުވެރިވެއްޖެނަމަ، އެކަން ބޯޑަށް އެންގުމާއެކު، އެކަމެއް ނުވަތަ އެ މައްސަލައެއް ބެލުމަށް އަދި/ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން ޗެއަރޕަރސަން ތަނާޒުލުވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާފަދަ މަސްލަހަތު ފުށުއެރުމުގެ މައްސަލައަކުން ބޯޑުގެ ޗެއަރޕަރސަން ނުވަތަ މެންބަރަކު ތަނާޒުލުނުވެއްޖެނަމަ، އެއީ، މި ގާނޫނުގެ 9 ވަނަ މާއްދާގެ ބޭނުމަށްޓަކައި އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ ހާލަތެއް ކަމުގައި ބެލެވިދާނެއެވެ.

 

15 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ ސުލޫކު

މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލާ ސުލޫކީ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރަކު، މި ގާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވެވިދާނެފަދަ ގޮތެއްގައި، އެއްވެސް ބާވަތެއްގެ ހަދިޔާއެއް، ނުވަތަ މަންފާއެއް ލިބޭފަދަ ކަމެއް، އޭނާގެ އަމިއްލަ ނަމުގައި، ނުވަތަ އޭނާ ކާވެނިކޮށްގެންއުޅޭ މީހެއްގެ ނަމުގައި، ނުވަތަ އޭނާގެ ދަރިއެއްގެ ނަމުގައި، ނުވަތަ ގާތްތިމާގެ މީހެއްގެ ނަމުގައި ނުވަތަ ވިޔަފާރީގެ ގޮތުން، ނުވަތަ މާލީ ގޮތުން އެމީހަކާ ގުޅުމެއް އޮތް މީހެއްގެ ނަމުގައި، ނުވަތަ އެފަދަ މީހެއްގެ ދަރިއެއްގެ ނަމުގައި، ގަބޫލުކޮށްގެން ނުވާނެކަން.

(ށ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެއްކަމާއި، އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެކަން.

 

 

ހަތަރުވަނަ ބާބު

އޮތޯރިޓީ ހިންގުން
 

16 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް

(ހ) އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ ވެރިޔަކީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއެވެ. އޭގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނު ތަންފީޒުކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި އޮތޯރިޓީގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން ކުރުން ހިމެނެއެވެ.

(ށ) ޗީފް އެގްޒެކެޓިވްގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި އެ މަގާމަކީ ސިވިލް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާ އެއް ފެންވަރުގެ ސިވިލް ސަރވިސްގެ މަގާމެކެވެ.

(ނ) ޗީފް އެގްޒެކެޓިވް ކަމަށް އައްޔަންކުރެވޭ މީހަކީ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގައި ހުރުން ލާޒިމު ކަމަށް މި ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވާންވާނެއެވެ.

(ރ) އޮތޯރިޓީގެ ޖަލްސާތައް ބާއްވައި، ޖަލްސާތަކުގެ އިދާރީ ކަންކަން ބަލަހައްޓައި، ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރުމަކީ ޗީފް އެގްޒެކެޓިވްގެ މަސްއޫލިއްޔަތެކެވެ.

(ބ) ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ފިޔަވައި، އޮތޯރިޓީ ތަމްސީލުކުރަންޖެހޭ ކަންކަމުގައި އޮތޯރިޓީ ތަމްސީލުކުރާނީ، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއެވެ.

(ޅ) ޗީފް އެގްޒެކެޓިވްގެ މަސައްކަތާގުޅޭ ކަންކަމުގައި އޭނާ ޖަވާބުދާރީވާނީ، ޑިރެކްޓަރުންގެ ބޯޑަށެވެ.

(ކ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އައްޔަންކުރާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އައްޔަންކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - އޮތޯރިޓީގެ މުވައްޒަފުން

(ހ) އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބޭނީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.

(ށ) އޮތޯރިޓީގެ ފަންނީ އަދި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ އިދާރީ އޮނިގަނޑެއް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އެކުލަވާލައި ބޯޑުގެ ލަފަޔާއެކު ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.

(ނ) އޮތޯރިޓީގެ މުވައްޒަފުންނަށް ލިބިދެވޭނެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، އޮތޯރިޓީގެ ބޯޑުގެ މަށްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

18 ވަނަ މާއްދާ - މުވައްޒަފުންގެ ސުލޫކު

އޮތޯރިޓީގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެ މުވައްޒަފަކަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް

ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހެޔޮ ނިޔަތުގައި އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޮތޯރިޓީގެ ނަމުގައި މަސައްކަތްކުރާ ފަރާތަކުން އެފަރާތުގެ ވާޖިބުތައް އަދާކުރުމުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެފަރާތުގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއެވެ.

 

20 ވަނަ މާއްދާ - ހިދުމަތްތައް ލާމަރުކަޒުކުރުން

(ހ) ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްތަކުގެ ތެރޭގައި ހިމެނޭ އޮތޯރިޓީން ކުރަންޖެހޭ ކަންކަމާގުޅޭ މަސައްކަތްތައް ހިންގުން ހަވާލުކުރަންވާނީ އެ ކައުންސިލަކާއެވެ. އެގޮތުން ހަވާލުކުރެވޭ މަސައްކަތެއް ހަވާލުކުރަންވާނީ އެކަމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލޯކަލް ކައުންސިލްތަކާ ހަވާލުކުރެވޭ މަސައްކަތްތައް އެއްބަސްވުމާ އެއްގޮތަށް ކައުންސިލްތަކުން ކުރާކަން ކަށަވަރުކުރުމަކީ އޮތޯރިޓީގެ ޒިންމާއެކެވެ.

 

21 ވަނަ މާއްދާ - ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުން

އޮތޯރިޓީގެ މުވައްޒަފުން ނުވަތަ އޮތޯރިޓީގެ މަސައްކަތެއް ހަވާލުކުރެވޭ ފަރާތަކުން މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަމާއި ނިންމަންޖެހޭ އެންމެހައި ނިންމުންތައް ނިންމަންވާނީ، ވަކި ފަރާތަކަށް ބުރަނުވެ، ނުފޫޒުން އެއްކިބާވެތިބެއެވެ.

 

 

ފަސްވަނަ ބާބު

މިނިސްޓަރުގެ މަސްއޫލިއްޔަތު
 

22 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތުތައް

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް މިނިސްޓަރު އެކަށައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިސްޓަރު ސިޔާސަތުތައް ކަނޑައެޅުމުން، އޮތޯރިޓީން އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، އެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) އޮތޯރިޓީއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ޖަވާބުދާރީވާންވާނެއެވެ.

(ރ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާއި ވަޒީރުންގެ މަޖިލީހުން ހޯދަންޖެހޭ މަށްވަރާތައް މިނިސްޓަރު ހޯދަންވާނެއެވެ.

 

 

ހަވަނަ ބާބު

ހިދުމަތުގެ ލައިސަންސާގުޅޭ އާންމު އުސޫލު

 

23 ވަނަ މާއްދާ - ލައިސަންސް ނެތި ހިދުމަތް ފޯރުކޮށްނުދިނުން

މި ގާނޫނު ނުވަތަ އާންމު ބޭނުންތަކުގެ ހިދުމަތަކާގުޅޭ ހާއްސަ ގާނޫނެއްގެ ދަށުން ދޫކުރާ ލައިސަންސެއް ނުވަތަ ވަގުތީ ހުއްދައެއް ލިބިގެން މެނުވީ، އާންމު ބޭނުންތަކުގެ އެއްވެސް ހިދުމަތެއް އެއްވެސް ފަރާތަކުން ފޯރުކޮށްދީގެންނުވާނެއެވެ.

 

24 ވަނަ މާއްދާ - ލައިސަންސާއި ހުއްދަ ދޫކުރުން

(ހ) އާންމު ބޭނުންތަކުގެ ހިދުމަތްދިނުމުގެ ލައިސަންސް ނުވަތަ ވަގުތީ ހުއްދަ ދޫކުރާނީ، މި ގާނޫނާއި އާންމު ބޭނުންތަކުގެ ހިދުމަތަކާގުޅޭ ހާއްސަ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީންނެވެ.

(ށ) އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، އާންމު ބޭނުންތަކުގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ލައިސަންސަށް އެދި، އޮތޯރިޓީއަށް ހުށަހަޅާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ލައިސަންސް ދިނުމާ ގުޅޭގޮތުން އޮތޯރިޓީން ނިންމާގޮތެއް ލިޔުމުން ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ނ) އޮތޯރިޓީން ދޫކުރާ ލައިސަންސްތަކާއި ހުއްދަތަކަށް ކުރިން ކަނޑައަޅައި އާންމުކޮށްފައިވާ ފީއެއް އޮތޯރިޓީއަށް ނެގިދާނެއެވެ.

 

25 ވަނަ މާއްދާ - ލައިސަންސާގުޅޭ އާންމު ށަރުތުތައް

އާންމު ބޭނުންތަކުގެ ހާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ރެގިއުލޭޓްކުރާ އާންމު ބޭނުންތަކުގެ ހިދުމަތުގެ ލައިސަންސް ދިނުމާ ގުޅޭގޮތުން އަންނަނިވި ކަންކަން ހިމަނައި، އޮތޯރިޓީއަށް ށަރުތުތައް ކަނޑައެޅިދާނެއެވެ.

(ހ) ހިދުމަތް ފޯރުކޮށްދެވޭ ގޮތް؛

(ށ) ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތަކުގެ އެންމެ ދަށް ފެންވަރު ކަށަވަރުކޮށްދޭ މިންގަނޑު؛

(ނ) މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގެ މިންގަނޑު؛

(ރ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އޮތޯރިޓީން ކަނޑައަޅާ ސުލޫކީ މިންގަނޑުތަކާއި، އެންގުންތަކާއި، ގައިޑްލައިންތައް؛

(ބ) ވަސީލަތްތައް ބަލައި، ފާސްކޮށް، ޓެސްޓްކުރުން؛

(ޅ) ފޯރުކޮށްދޭ ހިދުމަތާ ގުޅޭގޮތުން އޮތޯރިޓީއަށް މައުލޫމާތު ފޯރުކޮށްދިނުން؛

(ކ) އާންމު ބޭނުންތަކުގެ ހިދުމަތްތަކުން އަގު ނެގުމުގެ މިންގަނޑުތައް؛

(އ) ހިދުމަތް ލިބިގަންނަ ފަރާތުގެ ޒާތީ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން؛

(ވ) ދެމެހެއްޓެނިވި ގޮތުގައި ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއެކު ވިޔަފާރީގެ ވާދަވެރިކަމަށް ޖާގަ ފަހިކޮށްދިނުން؛

(މ) ލައިސަންސް އެހެން ފަރާތަކަށް ބަދަލުނުކުރުން؛ އަދި

(ފ) ހިދުމަތްދޭ ފަރާތުގެ މާލީ އަދި ފަންނީ ގާބިލުކަން ވަޒަންކުރުން.

 

26 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތަކަށް އުނިއިތުރު ގެނައުން

(ހ) ލައިސަންސްގައި ހިމެނިފައިވާ ށަރުތަކަށް އުނިއިތުރު ގެނައުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މިގޮތުން ލައިސަންސްތަކުގައި ކަނޑައެޅޭ ށަރުތުތަކަށް އުނިއިތުރު ގެންނަންވާނީ ނުވަތަ ބާތިލުކުރަންވާނީ ދޫކުރެވިފައިވާ ލައިސަންސްގެ އާންމު ތަބީއަތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސްގެ ށަރުތަކަށް ގެނެވޭ ބަދަލުގެ މައުލޫމާތު، އެ ބަދަލެއް ގެނައުމުގެ ކުރިން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

27 ވަނަ މާއްދާ - އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސް

(ހ) އާންމު ބޭނުންތަކުގެ އެއްވެސް ހިދުމަތެއް ދިނުމަށްޓަކައި، އެއްވެސް ފަރާތަކަށް އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސެއް ދިނުމަށް އޮތޯރިޓީއަށް ކަނޑައެޅޭނީ، އެ ހިދުމަތެއްދޭ އިހްތިސާސެއްގެ ލޯކަލް ކައުންސިލްގެ ހުއްދަ ލިބުމާއެކު އެކަމަކީ ގައުމީ މަސްލަހަތަށް ބޭނުންތެރިކަމެއް ކަމަށްވާނަމަ، ވަޒީރުންގެ މަޖިލީހުގެ މަށްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ ހުއްދައެއް ލިޔުމުން ލިބިގެންނެވެ.

(ށ) މި މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު، އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް، އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސްގެ ށަރުތުތަކަށް އުނިއިތުރު ގެނެސް، ބަދަލުކޮށް، އުވާލައި، ނުވަތަ އިތުރު ށަރުތުތައް ހިމެނުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ އިހްތިސާސްތަކުގެ ތެރެއިން ކަނޑައަޅާފައިވާ ވަކި އިހްތިސާސީ ސަރަހައްދަކަށް އާންމު ބޭނުންތަކުގެ ހިދުމަތެއް ދިނުމަށް އިތުރު ފަރާތަކަށް ލައިސަންސް ދިނުމުގައި، ކުރިން އެ ހިދުމަތެއް ދިނުމުގައި އެހެން ފަރާތަކަށް ލައިސަންސެއް ދީފައިވާނަމަ، އެފަރާތަށް ލިބިދާނެ އިގްތިސާދީ ގެއްލުމަށާއި، ފޯރުކޮށްދޭ ހިދުމަތުގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން ނުވަތަ ބާތިލުކުރުން

(ހ) އަންނަނިވި ހާލަތުތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމެއް އިސްލާހުކުރުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު އެކަން އިސްލާހުނުކޮށްފިނަމަ، ލައިސަންސް ލިބިފައިވާ ފަރާތަށް އޮތޯރިޓީން ލިޔުމަކުން ނޯޓިސް ދިނުމަށްފަހު އެފަރާތަކަށް ދޫކޮށްފައިވާ ލައިސަންސެއް ހިފަހައްޓައި ނުވަތަ ބާތިލުކުރެވިދާނެއެވެ.

  1. ލައިސަންސް ލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނުދެއްކުން؛
  2. ލައިސަންސް ލިބިފައިވާ ފަރާތުން، ލައިސަންސެއްގައި ކަނޑައަޅާފައިވާ މައިގަނޑު ށަރުތަކާ ހިލާފުވުން؛
  3. ލައިސަންސް ލިބިފައިވާ ފަރާތުން، މި ގާނޫނާ، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވުން؛ ނުވަތަ
  4. ފޯރުކޮށްދޭ ހިދުމަތާ ބެހޭގޮތުން އޮތޯރިޓީން އަންގާ އެންގުންތަކަށް، ލައިސަންސް ލިބިފައިވާ ފަރާތުން އަމަލުނުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ ނުވަތަ ބާތިލުކުރެވޭ ލައިސަންސެއް ހިފެހެއްޓުމުގައި ނުވަތަ ބާތިލުކުރުމުގައި، އެ ލައިސަންސްގެ ބައިތަކުގެ ތެރެއިން، ނުހިފަހައްޓާ ނުވަތަ ބާތިލުނުކުރާ ބަޔަށް އުނިކަން ނާންނާނެ ފަދައިން، އެ ލައިސަންސްގެ ވަކި ބައެއް ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓިފައިވާ ނުވަތަ ބާތިލުކުރެވިފައިވާ ލައިސަންސްތަކަށް ދައްކާފައިވާ ފީއާއި އެހެނިހެން ފައިސާ، އެ ފީ ނުވަތަ ފައިސާ ދެއްކި ފަރާތަށް އަނބުރައެއް ނުލިބޭނެއެވެ.

(ރ) އޮތޯރިޓީން ވަކިގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސެއް ހިފެހެއްޓޭ ހިނދު، ނުވަތަ ބާތިލުކުރެވޭ ހިނދު، އެ ލައިސަންސުން ހުއްދަކުރެވިފައިވާ ހިދުމަތްދިނުން ހުއްޓާލަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) އާ ހިލާފުވެއްޖެނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެފަރާތެއް 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން، އަދި އެ މާއްދާއާ ހިލާފުވެ ހިނގާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަހުގެ ބަޔަކަށް 1,000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާއަށް އުނިކަމެއް ނާންނާނެހެން، ވަކި ލައިސަންސެއް ލިބިފައިވާ ފަރާތެއްގެ ލައިސަންސް، އޮތޯރިޓީން ހިފަހައްޓަންވާނީ ނުވަތަ ބާތިލުކުރަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް އިސްލާހުކުރުމަށް މި ގާނޫނުގެ ދަށުން އެޅެންހުރި އެންމެހައި ފިޔަވަޅުތައް އެޅުމަށްފަހުވެސް އެކަމެއް އިސްލާހުކޮށްފައިނުވާނަމަ، ނުވަތަ އެކަށީގެންވާ މިންވަރަކަށް އެކަމެއް އިސްލާހުކުރަން މަސައްކަތް ކޮށްފައިނުވާ ހާލަތުތަކުގައެވެ.

 

 

ހަތްވަނަ ބާބު

ހިދުމަތުގެ އަގު

 

29 ވަނަ މާއްދާ - ހިދުމަތުގެ އަގު

(ހ) އާންމު ބޭނުންތަކުގެ ހިދުމަތުން ނަގާ އަގުތަކަކީ، އޮތޯރިޓީން ކަނޑައަޅާ ފާސްކޮށްފައިވާ އަގުތަކެއް ކަމުގައި ވާންވާނެއެވެ.

(ށ) މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އޮތޯރިޓީގެ އެންގުންތަކާއި ލައިސަންސްގެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސް ލިބިފައިވާ ފަރާތުން އެފަރާތުގެ ހިދުމަތުގެ އަގާއި އަގު ނަގާނެ ގޮތުގެ އުސޫލު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ނ) ލައިސަންސް ލިބިފައިވާ ފަރާތުން، އެފަރާތުން ފޯރުކޮށްދޭ ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ އަގުތައް ބަޔާންކުރުމަށް ށާއިއުކުރާ ލިޔުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އެފަރާތުން ފޯރުކޮށްދޭ ހިދުމަތާބެހޭ ތަފްސީލު؛
  2. ހިދުމަތުގެ ވަކިވަކި އަގުތައް؛
  3. ހިދުމަތާ ގުޅިގެން ދެވޭ އެހެނިހެން ހިދުމަތްތައް؛
  4. ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމާ ހިލާފުވެގެން ޖޫރިމަނާ ކުރެވޭނެ ގޮތްތަކާއި އެކަމާގުޅޭ ތަފްސީލުތަކާއި އަދަދުތައް؛ އަދި
  5. އޮތޯރިޓީން އަންގާ އެހެނިހެން މައުލޫމާތުތައް.

(ރ) ލައިސަންސް ލިބޭ ފަރާތުން ށާއިއުކުރާ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެފަރާތުގެ ހިދުމަތުގެ އަގުގައި ނުހިމެނޭ، އައު ހިދުމަތެއް ނުވަތަ ހިދުމަތުގެ އަގެއް ތައާރުފުކުރަން އެފަރާތުން ބޭނުންނަމަ، އެ ހިދުމަތް ނުވަތަ އަގު ހުއްދަކުރިކަމުގެ ލިޔުމެއް އޮތޯރިޓީން ހޯދަން ލާޒިމުވާނެއެވެ.

 

30 ވަނަ މާއްދާ - އަގު ކޮންޓްރޯލުކުރުން

(ހ) އޮތޯރިޓީގެ އެންގުމަކުން ނުވަތަ ލައިސަންސްގެ ށަރުތަކުން އޮތޯރިޓީން ލިޔުމުން ކަނޑައަޅައި، އަގު ކޮންޓްރޯލުކުރުމަށް އޮތޯރިޓީން އަޅާ ފިޔަވަޅުތަކަށް ލައިސަންސް ލިބޭ ފަރާތުން ތަބާވުމަށް، ނުވަތަ އަގު ކޮންޓްރޯލުކުރުމަށްޓަކައި، ލައިސަންސް ލިބޭ ފަރާތަކުން ށާއިއުކޮށްފައިވާ އަގަށްވުރެ ގިނައިން ނުވަތަ މަދުން އަގު ނުނެގުމަށް އޮތޯރިޓީއަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަގު ކޮންޓްރޯލުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އޮތޯރިޓީން ކަނޑައެޅި އަގުގެ ސަބަބުން ހިދުމަތްދޭ ފަރާތަށް ގެއްލުންވާނަމަ އެ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އެހީތެރިވާންވާނެއެވެ.

(ނ) ލައިސަންސް ލިބިފައިވާ ފަރާތުންދޭ ހިދުމަތުގެ އަގަކަށް ބަދަލުގެންނަންވާނީ ލައިސަންސްގައި ކަނޑައަޅާފައިވާ އުސޫލެއް ނުވަތަ ފޯމިއުލާއެއްގެމަތިން އޮތޯރިޓީއަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ.

(ރ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ އަގަކަށް އޮތޯރިޓީން ބަދަލެއް ގެންނަނަމަ އެ ބަދަލެއް ބިނާވާންޖެހޭނީ ތިރީގައިވާ މައިގަނޑު އަސާސްތަކުގެ މައްޗަށެވެ.

  1. އަގުތަކަކީ އެކަށީގެންނުވާ ގޮތެއްގައި ތަފާތުކުރެވިފައިނުވާ އިންސާފުވެރި އަގުތަކެއްކަމުގައިވުން؛
  2. ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކުގެ ވާދަވެރި ފުރުސަތުތައް ގެއްލޭފަދަ ގޮތަކަށް ހުންނަ އަގުތަކަކަށް ނުވުން.

 

 

އަށްވަނަ ބާބު

އޮތޯރިޓީގެ އެންގުންތަކާއި މިންގަނޑުތަކާއި ގައިޑްލައިންތައް
 

31 ވަނަ މާއްދާ - އޮތޯރިޓީން އަންގާ އެންގުންތައް

(ހ) އަންނަނިވި ކަންކަން ހާސިލުކުރުމަށްޓަކައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ވަކިގޮތަކަށް އަމަލުކުރުމަށް އޮތޯރިޓީއަށް އެންގިދާނެއެވެ.

  1. އާންމު ބޭނުންތަކުގެ ހިދުމަތް ރަނގަޅު ފެންވަރެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭތޯ ބެލުމަށް؛
  2. އާންމު ބޭނުންތަކުގެ ހިދުމަތްތައް ދިނުމުގައި އިސްރާފު ކުޑަކުރުމަށާއި ހިދުމަތްތައް އެފިށަންޓް ކުރުމަށް؛
  3. އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގައި ފަންނީ ގޮތުންނާއި ސަލާމަތީގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމަށް؛
  4. މި މާއްދާއާ ހިލާފުނުވާ ގޮތެއްގެމަތިން، ވިޔަފާރީގައި ހަމަހަމަކަމާއި ހަރުދަނާ ސުލޫކީ މިންގަނޑެއް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ގެންގުޅޭތޯ ބެލުމަށް؛ އަދި
  5. އޮތޯރިޓީން ކުރަންޖެހޭ ކަންކަން ކުރުމުގައި، ނުވަތަ އޮތޯރިޓީގެ ބާރުތައް ބޭނުންކުރުމުގައި، ނުވަތަ އާންމު މަސްލަހަތެއް އޮތްކަމެއްގައި ކޮންމެހެން އަންގަންޖެހޭ އެންގުންތައް އެންގުމަށް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއް، އާންމު ބޭނުންތަކުގެ ހިދުމަތަކާބެހޭ ހާއްސަ ގާނޫނަކާ ނުވަތަ މި ގާނޫނުގެ އެއްވެސް މާއްދާއަކާ ނުވަތަ މި ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވެގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމުގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ބަޔާންކޮށްފައިވާ ކަމަކާގުޅޭ ބާވަތުގެ ކަމެއް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އެކަށީގެންވާ މުއްދަތެއް ބަޔާންކުރުމާއެކު ލިޔުމުން ލައިސަންސް ލިބިފައިވާ ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމަށް ވީއެންމެ އަވަހަކަށް އަމަލުކުރަން ފެށުމަށް، އެ އެންގުމުގައި ކަނޑައެޅިދާނެއެވެ. އަދި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އެ އެންގުން ބާތިލުކުރެވިދާނެއެވެ.

(ބ) ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އޮތޯރިޓީން އެންގުންތައް އެންގުމުގައާއި،  އެ އެންގުންތަކާ ގުޅޭގޮތުން އަމަލުކުރާނެ ގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - އޮތޯރިޓީއަށް ލިބިގެންވާ އަމުރުކުރުމުގެ ބާރު

މި ގާނޫނާއި އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ބެހޭ ހާއްސަ ގާނޫނަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން ބަލާ މައްސަލައެއްގައި ހިދުމަތްދޭ ފަރާތްތަކުގެ މައްޗަށް އެކަމާގުޅިގެން ކުރަންޖެހޭ އަމުރުތައް ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ - އޮތޯރިޓީން އަމަލުކުރާ އުސޫލުތައް ހެދުން

(ހ) މި ގާނޫނަށް އަމަލުކުރުމަށް އަމަލީގޮތުން އެހީތެރިވެ، ފަސޭހަކޮށްދިނުމަށްޓަކައި، އާންމު ބޭނުންތަކުގެ ހިދުމަތްދިނުމާ ބެހޭގޮތުން އޮތޯރިޓީން އަމަލުކުރާނެ އުސޫލުތައް އެކުލަވާލަންވާނެއެވެ.

(ށ) އޮތޯރިޓީން ހަދާ އުސޫލުތަކުގައި މި ގާނޫނާއި އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނެއްގެ އެއްވެސް މާއްދާއަކާ ނުވަތަ މަގްސަދަކާ ތައާރުޒުވެގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި އަންނަނިވި ކަންކަން ކުރާނެ ގޮތުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ އުސޫލުތަކުގައި ބަޔާންކުރަންވާނެއެވެ.

  1. އޮތޯރިޓީން ކުރާ މަސައްކަތްތަކުގެ ތެރެއިން، އޮތޯރިޓީން ދޫކުރާ ލައިސަންސްތައް ދޫކުރުމުގައި އެފަރާތުން ގެންގުޅޭނެ އުސޫލުތަކާއި މިންގަނޑުތަކާއި، ލައިސަންސްތަކާއި ހުއްދަތައް ދޫކުރުމުގައި ބަލާނެ ކަންކަން؛
  2. އާންމު ބޭނުންތަކުގެ ހިދުމަތްތައް ދިނުމާބެހޭ އުސޫލުތަކާއި އެ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް؛
  3. ހިދުމަތްދޭ ފަރާތްތަކުގެ އިދާރީ އަދި ހިންގުމުގެ ހަރަދުތަކާއި އިންސާނީ ވަސީލަތްތައް މެނޭޖްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު.

 

34 ވަނަ މާއްދާ - ފަންނީ މިންގަނޑުތައް

(ހ) އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމާބެހޭ އިކުއިޕްމަންޓާއި ވަސީލަތްތަކާއި އެ ތަކެތި ބޭނުންކުރުމާ ގުޅޭގޮތުން ތަބާވާންޖެހޭ ފަންނީ މިންގަނޑުތަކާއި ހަމަތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކުންނާއި ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުން، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ ފަންނީ މިންގަނޑުތަކާއި ހަމަތަކަށް ތަބާވާންވާނެއެވެ.

 

 

ނުވަވަނަ ބާބު

ހިދުމަތުގެ ފެންވަރާއި ހިދުމަތްދިނުމުގެ ހަމަތައް

 

35 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރު

(ހ) އާންމު ބޭނުންތަކުގެ ހިދުމަތްތައް، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދެވެނީ، ކަމާގުޅޭ ހާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، މި ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން އޮތޯރިޓީން ކަށަވަރުކުރަންވާނެއެވެ.

(ށ) ލައިސަންސް ލިބިފައިވާ ފަރާތުން ހިދުމަތް ލިބިގަންނަ ފަރާތާ އެކަށީގެންވާ ގޮތަކަށް މުއާމަލާތުކޮށް، ހިދުމަތް ލިބިގަންނަ ފަރާތްތަކުން ކުރާ ށަކުވާތަކާ ގުޅިގެން އެކަންކަން ރަނގަޅުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް ލައިސަންސް ލިބިފައިވާ ފަރާތުން އަޅަންވާނެއެވެ.

(ނ) ލައިސަންސްގެ ށަރުތެއްގެ ގޮތުގައި ނުވަތަ އޮތޯރިޓީން އަންގާ އެންގުމެއްގެ ގޮތުގައި، ލައިސަންސް ލިބިފައިވާ ފަރާތުން ހިދުމަތް ލިބިގަންނަ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅުމަށް، ލައިސަންސް ލިބިފައިވާ ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ.

 

36 ވަނަ މާއްދާ - ޕަރފޯމަންސް މިންގަނޑުތައް

(ހ) އަންނަނިވި ކަންކަމާބެހޭ މިންގަނޑުތަކެއް އޮތޯރިޓީގެ ފަރާތުން ހަދައި، އެކަށީގެންވާ މުއްދަތެއް ދިނުމާއެކު، އެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އޮތޯރިޓީން އަންގަންވާނެއެވެ.

  1. ކަނޑައަޅާފައިވާ އާންމު ބޭނުންތަކުގެ ހިދުމަތެއް، ހިދުމަތް ލިބިގަންނަ ފަރާތުން ހިދުމަތަށް އެދި ހުށަހަޅާ ހުށަހެޅުން ލިބުމާއި، އެ ހިދުމަތް ފޯރުކޮށްދިނުމާމެދު ހިނގާނެ މުއްދަތު؛
  2. ކަނޑައަޅާފައިވާ އާންމު ބޭނުންތަކުގެ ހިދުމަތެއް ލިބުމުގެ ދަތިތަކެއް ހުރިކަމަށް ނުވަތަ އެނޫންވެސް މައްސަލައެއް ހުރި ކަމަށް ބުނެ، ހިދުމަތް ލިބިގަންނަ ފަރާތުން ރިޕޯޓުކުރާ ވަގުތުން ފެށިގެން އެ މައްސަލައެއް ހައްލުކުރުމަށް ނަގާނެ މުއްދަތު؛ އަދި
  3. ލައިސަންސް ލިބިފައިވާ ފަރާތުގެ ފަންނީ އަދި ހިންގުމުގެ ގާބިލިއްޔަތާއި މާލީ ހާލަތު.

(ށ) މި ބާބުގެ ދަށުން ކަނޑައެޅޭ މިންގަނޑަކާ ލައިސަންސް ލިބިފައިވާ ފަރާތަކުން ހިލާފުވެއްޖެނަމަ، ހިދުމަތް ލިބިގަންނަ ފަރާތަށް އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ލައިސަންސް ލިބިފައިވާ ފަރާތުން ލިބިދިނުމުގައި ގެންގުޅޭނެ އުސޫލާއި، ބަދަލުގެ ގޮތުގައި ލައިސަންސް ލިބިފައިވާ ފަރާތުން ޒިންމާވާންޖެހޭ މިންވަރާއި، އެކަންކަން ކަނޑައަޅާނެ އުސޫލެއް ނުވަތަ އަމަލުކުރަންޖެހޭ ގޮތް، އޮތޯރިޓީގެ ފަރާތުން ކަނޑައަޅަންވާނެއެވެ.

 

37 ވަނަ މާއްދާ - ހިސާބު ބެލެހެއްޓުމުގެ އުސޫލުތައް

ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މާލީ ތަފާސްހިސާބުތަކުގެ ރިކޯޑު ބެލެހެއްޓުމާއި ރިޕޯޓުކުރުމުގައި އަމަލުކުރާނެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށް، އެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އޮތޯރިޓީން އަންގަންވާނެއެވެ.

 

 

ދިހަވަނަ ބާބު

ސިއްރު ހިފެހެއްޓުން

 

38 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުމުގެ ޒިންމާ

އޮތޯރިޓީއާއި ލައިސަންސް ދޫކުރެވިފައިވާ ފަރާތްތައް ހިމެނޭގޮތުން އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އެފަރާތްތަކުގެ އޮފިސަރުންނާއި، މުވައްޒަފުންނާއި، އެޖެންޓުންނާއި، އެފަރާތްތަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ފަރާތްތައް، ހިދުމަތްދޭ ދާއިރާގެ ތެރޭގައި އެފަރާތްތަކުގެ ވަޒީފާގެ މަސައްކަތާ ގުޅިގެން ލިބިފައިވާ، އަންނަނިވި ކަންކަމާގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް، ހާމަކޮށްގެންނުވާނެއެވެ.

(ހ) ހިނގަމުންދާ ނުވަތަ ހިނގާފައިވާ އެއްވެސް މުއާމަލާތަކާބެހޭ ލިޔެކިޔުން ނުވަތަ އެފަދަ މުއާމަލާތަކާބެހޭ އެނޫންވެސް މައުލޫމާތެއް؛

(ށ) ހިދުމަތް ފޯރުކޮށްދޭ ފަރާތުން، އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ނުވަތަ ފޯރުކޮށްދިނުމަށް ރާވާފައިވާ ފަރާތެއް؛ ނުވަތަ

(ނ) މީހެއްގެ ޒާތީ މައުލޫމާތެއް ނުވަތަ މުއާސަލާތެއް.

 

39 ވަނަ މާއްދާ - އިސްތިސްނާ

އަންނަނިވި ހާލަތުތަކުގައި މައުލޫމާތެއް ހާމަކުރުމަށް މި ގާނޫނު ހުރަހެއްނާޅައެވެ. އަދި އެއިން ހާލަތެއްގައި މައުލޫމާތެއް ހާމަކުރުމަކުން މި ގާނޫނުގެ 38 ވަނަ މާއްދާއާ ހިލާފުވީ ކަމަކަށް ނުބެލެވޭނެއެވެ.

(ހ) އާންމުކޮށް ލިބެންހުންނަ މައުލޫމާތު؛

(ށ) މި ގާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު އެފަދަ އެހެން މުވައްޒަފަކަށް އެމީހެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވެގެން ހާމަކުރާ މައުލޫމާތު؛

(ނ) ފޯރުކޮށްދޭ މައުލޫމާތު ނުވަތަ ލިޔުމެއް ފޯރުކޮށްދެނީ، އޮތޯރިޓީ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތް ނުވަތަ އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ދާއިރާގެ އޮފިސަރެއް، މުވައްޒަފެއް، އެޖެންޓެއް ނުވަތަ ކޮންޓްރެކްޓަރެއް ކަމަށްވެފައި، ފޯރުކޮށްދޭ މައުލޫމާތަކީ އެމީހެއްގެ ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައި ފޯރުކޮށްދޭ މައުލޫމާތަކަށްވުން؛

(ރ) ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ހިދުމަތް ފޯރުކޮށްދިނުމުގައި ހިދުމަތް ލިބިގަންނަ ފަރާތަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތެއް، އެފަރާތަކަށް ދޫކުރެވިފައިވާ ލައިސަންސްގެ ބޭނުމަށް ހާމަކުރުން؛

(ބ) ޖިނާއީ ކުށެއް ކުރުން ހުއްޓުވުމަށް ނުވަތަ އެފަދަ ކުށެއްގެ ތަހްގީގަށް ބޭނުންވެގެން، ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ޖިނާއީ ތަހްގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް މައުލޫމާތު ހާމަކުރުން؛

(ޅ) ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި، ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ސަލާމަތީ ހިދުމަތްތަކަށް މައުލޫމާތު ހާމަކުރުން؛

(ކ) ފޯރުކޮށްދޭ މައުލޫމާތު ނުވަތަ ލިޔުން ފޯރުކޮށްދެނީ ވަކި ގާނޫނެއްގެ ދަށުން، އެ ގާނޫނަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ކަމުގައިވުން؛

(އ) މަދަނީ ނުވަތަ ޖިނާއީ ށަރީއަތެއްގައި ހާމަކުރެވޭ ހުއްދަ މައުލޫމާތު؛

(ވ) މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ ލައިސަންސްގެ ށަރުތުތަކުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، އޮތޯރިޓީއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު؛

(މ) ފޯރުކޮށްދެވޭ މައުލޫމާތަކީ ނުވަތަ ލިޔުމަކީ، އެހެން މީހެއްގެ ނުވަތަ ބައެއްގެ މައުލޫމާތު އެކުލެވޭ އެއްޗެއްނަމަ، އެފަދަ މައުލޫމާތެއް ނުވަތަ ލިޔުމެއް އެހެން ބަޔަކަށް ފޯރުކޮށްދީ ބޭނުންކުރުމުގެ ހުއްދަ ލިބިފައިވުން؛

(ފ) ތަފާސްހިސާބުތަކުގައި ހިމެނުމަށް ދައުލަތުގެ ތަފާސްހިސާބާބެހޭ އިދާރާއަށް ހާމަކުރާ މައުލޫމާތު؛

(ދ) ދިވެހި ސަރުކާރާއި ބޭރު ގައުމެއްގެ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން، ނުވަތަ ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމުވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތު؛

(ތ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާބެހޭ ސިޔާސަތުތައް އެކަށައަޅައި، އާންމު ބޭނުންތަކުގެ ހިދުމަތްތަކާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާއަށް ހާމަކުރާ މައުލޫމާތު.

 

 

އެގާރަވަނަ ބާބު

ށަކުވާ ބެލުން

 

40 ވަނަ މާއްދާ - މި ބާބުގެ ދަށުން ބެލޭނެ މައްސަލަތައް

އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން އަންނަނިވި ކަންކަމާގުޅޭ މައްސަލަތައް، އެކަމުގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށްވެސް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

(ހ) މި ގާނޫނާ ނުވަތަ އާންމު ބޭނުންތަކުގެ ހިދުމަތަކާބެހޭ ހާއްސަ ގާނޫނަކާ ހިލާފުވާ މައްސަލަ؛

(ށ) މި ގާނޫނުގެ ދަށުން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަކާ ހިލާފުވާ މައްސަލަ؛

(ނ) ހިދުމަތް ފޯރުކޮށްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމާ ހިލާފުވާ މައްސަލަ؛

(ރ) ހިދުމަތް ލިބިގަންނަ ފަރާތަކަށް ހިދުމަތެއް ގުޅައިދިނުމުގެ ނުވަތަ ގުޅައިނުދެވުމުގެ މައްސަލަ؛

(ބ) ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ އިހުމާލުން ލިބޭ ގެއްލުމުގެ މައްސަލަ؛ އަދި

(ޅ) ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ތަކެއްޗާއި ތަންތަނަށް ދޭ ގެއްލުންތަކާގުޅޭ މައްސަލަ.

 

41 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) މި ގާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތަކާ ގުޅޭގޮތުން ށަކުވާ ހުށަހަޅާނެ ގޮތާއި، އެ ށަކުވާތަކަށް އޮތޯރިޓީން ޖަވާބުދިނުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާ ށަކުވާ ފަސޭހަކަމާއެކު ހުށަހެޅުމަށް ބޭނުންވާ އިންތިޒާމުތައް އޮތޯރިޓީގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ނ) އެއްވެސް ފަރާތަކުން ހުށަހަޅާ ށަކުވާއަކާ ގުޅިގެން، އެ ށަކުވާއެއް ބެލުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އޮތޯރިޓީއަށް ނުފެންނަނަމަ، އެ ށަކުވާއަކާ ބެހޭގޮތުން އޮތޯރިޓީން ނިންމި ގޮތާއި އޭގެ ސަބަބުތައް އެ ށަކުވާ ހުށަހަޅާ ފަރާތަށް އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އޮތޯރިޓީން އަންގަންވާނެއެވެ.

 

42 ވަނަ މާއްދާ - އޮތޯރިޓީން އިސްވެ މައްސަލަ ބެލުން

އަންނަނިވި ހާލަތުތަކުގައި، އަންނަނިވި މައްސަލަތައް އިސްވެ އޮތޯރިޓީން ބެލިދާނެއެވެ.

(ހ) އެއްވެސް ފަރާތަކުން މި ގާނޫނާއި އާންމު ބޭނުންތަކުގެ ހިދުމަތްތަކާބެހޭ ހާއްސަ ގާނޫނަކާ ހިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ މައްސަލަ؛

(ށ) އެއްވެސް ފަރާތަކުން މި ގާނޫނާއި އާންމު ބޭނުންތަކުގެ ހިދުމަތްތަކާބެހޭ ހާއްސަ ގާނޫނަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް އޮތޯރިޓީގެ ފަރާތުން އަންގާފައިވާގޮތާ ހިލާފުވެފައިވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ މައްސަލަ؛ އަދި

(ނ) އެނޫން ހާލަތެއްގައި، މައްސަލައެއް ބަލަންޖެހޭކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް އޮތޯރިޓީއަށް ގަބޫލުކުރެވިގެން ބަލާ މައްސަލަ.

 

43 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ ރިޕޯޓު

(ހ) މި ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) އަދި މި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން މައްސަލަ ބެލުމަށްފަހު، ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރާ ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. މައްސަލަ ބެލި ގޮތް؛
  2. ބެލި މައްސަލައިގެ ނަތީޖާއެއްގެ ގޮތުން އޮތޯރިޓީއަށް ލިބިފައިވާ ހޯދުންތައް؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ މައުލޫމާތާއި ހޯދުންތައް ބިނާކޮށްފައިވާ ހެކި؛
  4. ބެލި މައްސަލައާ ގުޅިގެން ނުވަތަ އެކަމާ ގުޅޭގޮތުން އޮތޯރިޓީއަށް ފެންނަ ކަންކަން ނުވަތަ އޮތޯރިޓީން ހުށަހަޅާ ކަންކަމާއި އޮތޯރިޓީގެ ނިންމުން.

 

44 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

(ހ) އޮތޯރިޓީން މައްސަލަ ބެލުމަށްފަހު މި ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތައްޔާރުކުރާ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ށ) އަންނަނިވި ހާލަތުތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އޮތޯރިޓީގެ ރިޕޯޓެއް ނުވަތަ އޭގެ ބައެއް ށާއިއުކޮށްގެން ނުވަތަ ހާމަކޮށްގެންނުވާނެއެވެ.

  1. އެ ރިޕޯޓެއް ނުވަތަ އޭގެ ބައެއް ށާއިއުކުރުމުން ނުވަތަ ހާމަކުރުމުން މީހެއްގެ ނުވަތަ ކުންފުންޏެއްގެ ސިއްރެއް ހާމަވާފަދަ ހާލަތެއްގައި؛ ނުވަތަ
  2. ޖިނާއީ މައްސަލައަކާ ގުޅިގެން ހިނގަމުންދާ ތަހްގީގަކަށް ހުރަސްއެޅިދާނެފަދަ ހާލަތެއްގައި؛ ނުވަތަ
  3. މީހެއްގެ މައްޗަށް ހިންގޭ ށަރީއަތެއްގެ އަދުލުވެރިކަމަށް ހުރަސްއެޅޭފަދަ ހާލަތެއްގައި؛ ނުވަތަ
  4. ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއްގައި.

(ނ) އޮތޯރިޓީގެ ފަރާތުން ރިޕޯޓެއް ނުވަތަ ރިޕޯޓެއްގެ ބައެއް ށާއިއުކުރުމުގައި، އެއްވެސް މީހެއްގެ އަމިއްލަ ނުވަތަ ޒާތީ މައުލޫމާތެއް އެކަށީގެންނުވާ މިންވަރަކަށް ހާމަވާނަމަ އެފަދަ މައުލޫމާތެއް ށާއިއުކޮށްގެންނުވާނެއެވެ.

(ރ) އޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާއި އޮތޯރިޓީން ބަލާ މައްސަލަތަކުގެ މައުލޫމާތާއި ކަމާގުޅޭ ތަފާސްހިސާބުތައް އަދާހަމަކޮށް އާންމުކުރަންވާނެއެވެ.

(ބ) އޮތޯރިޓީން ދެމުންގެންދާ ހިދުމަތްތަކާއި، ގެންގުޅޭ އުސޫލުތަކާއި، އަންގާ އެންގުންތަކާއި އަދި ތައްޔާރުކުރާ ރިޕޯޓުތައް އާންމުންނަށް ފަސޭހައިން ފެންނާނެހެން ށާއިއުކުރަންވާނެއެވެ.

 

45 ވަނަ މާއްދާ - ސަބަބު ބަޔާންކުރުމާއި މުރާޖައާކުރުން

(ހ) މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުން އޮތޯރިޓީން ނިންމާ ނިންމުމެއްގެ ސަބަބުން މީހެއްގެ ހައްގަކަށް އުނިކަން ލިބޭކަމަށް އެފަރާތަށް ގަބޫލުކުރެވޭނަމަ، އެ ނިންމުން އެފަދައިން ނިންމި ސަބަބުތައް ބަޔާންކޮށްދިނުމާއި، އެ ނިންމުމެއް މުރާޖައާކުރުމަށް ހުށަހެޅުމާއި، އެ ހުށަހެޅުމާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި އޮތޯރިޓީގައި މުރާޖައާ ކޮމިޓީއެއް އެކުލަވާލާފައި އޮންނަންވާނެއެވެ. މިގޮތުން އެކުލަވާލާ މުރާޖައާ ކޮމިޓީގައި އެ މައްސަލަ ބެލި ކޮމިޓީގެ މެންބަރަކު ހިމެނިގެންނުވާނެއެވެ.

 

46 ވަނަ މާއްދާ - ށަރީއަތަށް މައްސަލަ ހުށަހެޅުން

(ހ) މި ގާނޫނުގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އޮތޯރިޓީގެ މުރާޖައާ ކޮމިޓީން ނިންމުމެއް ނިންމުމަށްފަހު، އެ މައްސަލަ ހުށަހެޅި ފަރާތަށް ދޭ ލިޔުމުގައި ބަޔާންކުރާ ސަބަބުތައް އެ ލިޔުން ރައްދުވާ ފަރާތަށް ގަބޫލުނުކުރެވޭނަމަ، އެ ލިޔުން އެފަރާތަށް ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިދެވޭނީ، މި ގާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހުގައެވެ.

 

 

ބާރަވަނަ ބާބު

އާންމު ބޭނުންތަކުގެ ހިދުމަތްދޭ ތަންތަނާއި ވަސީލަތްތައް އޮތޯރިޓީން ފާސްކުރުން

 

47 ވަނަ މާއްދާ - އާންމު ބޭނުންތަކުގެ ހިދުމަތްދޭ ތަންތަނާއި ވަސީލަތްތައް ފާސްކުރުން

(ހ) ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް ލައިސަންސް ލިބިފައިވާ ފަރާތުން އަމަލުކުރަމުންދޭތޯ ބެލުމަށްޓަކައި، ބަލައި ފާސްކުރަން ބޭނުންވާ ތަންތަނުގެ ތަފްސީލާއި، ބަލައި ފާސްކުރުމަށް އެދޭ ސަބަބު އަދި އެކަންކުރާ ތަނެއްގައި ލައިސަންސް ލިބިފައިވާ ފަރާތް ތަމްސީލުކުރާނެ މީހަކު ބެހެއްޓުމަށް އަންގައި މަދުވެގެން 15 (ފަނަރަ) ދުވަހުގެ ކުރިން ލިޔުމަކުން ނޯޓިސްދިނުމަށްފަހު، އެފަރާތުގެ އޮފީސްތަކާއި، ހިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކާއި އަދި ވަސީލަތްތައް ބަލައި ފާސްކުރުމަށްޓަކައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ އިމާރާތްތަކާއި ތަންތަނަށް ވަދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެންއޮތް ނަމަވެސް، ކުއްލި ހާލަތެއްގައި ނުވަތަ ޖިނާއީ މައްސަލައެއް ތަހްގީގު ކުރުމަށްޓަކައި ނޯޓިސް ދިނުމަކާ ނުލައި، ލައިސަންސް ލިބިފައިވާ ފަރާތުގެ އޮފީސްތަކާއި، ހިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކާއި، އަދި ވަސީލަތްތައް ބަލައި ފާސްކުރުމަށްޓަކައި، އެފަރާތްތަކުގެ އިމާރާތްތަކާއި، ތަންތަނަށް ވަނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) ލައިސަންސް ލިބިފައިވާ ފަރާތެއްގެ ހިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓާއި ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަންތަން ފާސްކުރުމަށް ނުވަތަ އެ ވަސީލަތްތައް ރަނގަޅުތޯ ބެލުމަށް ކުރަންޖެހޭ ޓެސްޓްތައް ކުރުމަށް ބޭނުންވާނެ ކަމަށް އެކަށޭނަ އިކުއިޕްމަންޓް، ލައިސަންސް ލިބިފައިވާ ފަރާތުގައި ހުރިކަމުގައިވާނަމަ، އެތަކެތި އޮތޯރިޓީން ކަނޑައަޅާ ފަންނީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީގެ ބޭނުމަށް ލައިސަންސް ލިބިފައިވާ ފަރާތުން ފޯރުކޮށްދޭންވާނެއެވެ. އަދި އޮތޯރިޓީގެ ބޭނުމަށް ތަކެތި ބޭނުންކުރުމުގައި އިތުރު ހަރަދެއް ހިނގާކަމުގައިވާނަމަ، އެ ހަރަދަކަށް އޮތޯރިޓީން ޒިންމާވާންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ލައިސަންސް ލިބިފައިވާ ފަރާތުން މުވައްޒަފުން ފޯރުކޮށްދޭންވާނެއެވެ. އަދި މި މާއްދާގެ ދަށުން އޮތޯރިޓީން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރަން ލާޒިމުވާނެއެވެ.

(ބ) އާންމު ބޭނުންތަކުގެ ހިދުމަތްދޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކުރުމަށް އޮތޯރިޓީން އެ ތަންތަނަށް ޒިޔާރަތްކޮށް އިންސްޕެކްށަންގެ މަސައްކަތްތައް ހިންގުމުގެ އިންތިޒާމު ލައިސަންސް ލިބިފައިވާ ފަރާތުން ނުވަތަ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން އޮތޯރިޓީއަށް ހަމަޖައްސައިދޭންވާނެއެވެ. މިކަމުގައި ހަރަދެއް ހިނގާނަމަ، އެ ހަރަދު ހަމަޖައްސާނީ އޮތޯރިޓީންނެވެ.

 

 

ތޭރަވަނަ ބާބު

ފިޔަވަޅު އެޅުން

 

48 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން

(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ، ނުވަތަ ލައިސަންސެއް ދޫކުރެވޭއިރު ށަރުތުކުރެވޭ ކަންތައްތަކާ، ނުވަތަ މި ގާނޫނުގެ ދަށުން އަންގާ އެންގުންތަކާ، ނުވަތަ މި ގާނޫނުގައިވާ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެނަމަ، އަދި އެކަމަކަށް އެހެން ގާނޫނެއްގައި ނުވަތަ މި ގާނޫނުގެ އެހެން މާއްދާއެއްގައި ވަކި ފިޔަވަޅެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރި ފަރާތެއް، ތިރީގައި ބަޔާންކުރެވިފައިވާ އަދަދުތަކަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ފިޔަވަޅު އެޅޭ ފުރަތަމަ ފަހަރު 1,000 (އެއްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  2. އެއް މައްސަލައެއް ތަކުރާރުވެގެން ފިޔަވަޅު އެޅޭ ދެވަނަ ފަހަރު 50,000 (ފަންސާސްހާސް) ރުފިޔާއާއި 200,000 (ދެލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  3. އެއް މައްސަލައެއް ތަކުރާރުވެގެން ދެ ފަހަރަށްވުރެ އިތުރަށް ފިޔަވަޅު އެޅޭ ކޮންމެ ފަހަރަކު 200,000 (ދެލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި
  4. މި އަކުރުގެ (1) ވަނަ ނަންބަރު، (2) ވަނަ ނަންބަރު އަދި، (3) ވަނަ ނަންބަރުގައިވާ ޖޫރިމަނާގެ އިތުރުން، ހިލާފުވެ ހުންނަ ކޮންމެ ދުވަހަކަށް 1,000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފުރިހަމަވުމުން މެނުވީ އޮތޯރިޓީން ޖޫރިމަނާކޮށްގެން ނުވާނެއެވެ.

  1. މައްސަލައިގެ ބާވަތަށާއި ހާލަތަށް ބަލައި، ކުރެވޭ ޖޫރިމަނާއަކީ އެ މައްސަލައާ ނުވަތަ ޖޫރިމަނާކުރުމަށް މެދުވެރިވި ހާލަތާ ނުވަތަ ޖޫރިމަނާކުރުމަށް މެދުވެރިވަމުންދާ ހާލަތާ އެކަށީގެންވާ ޖޫރިމަނާއަކަށްވުން؛ އަދި
  2. މި ގާނޫނާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާއެއް ކަނޑައެޅޭ ފަރާތަށް އެ ޖޫރިމަނާއެއް ކަނޑައެޅުމަށް މެދުވެރިވި ސަބަބު ރަނގަޅުކުރުމަށް އެކަށީގެންވާ ފުރުސަތެއް ދެވިއްޖެ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވުން އަދި ޖޫރިމަނާކުރުމަށް މެދުވެރިވި ސަބަބު ނުވަތަ ޖޫރިމަނާކުރުމަށް ކުރި އަމަލު ރަނގަޅުކުރުމަށް ނުވަތަ ހިލާފުވެފައިވާ ލައިސަންސްގައިވާ ށަރުތުތަކާ އެއްގޮތަށް ކަންތައްތައް ކުރުމަށް ނުވަތަ ހިލާފުވެފައިވަނީ މި ގާނޫނުގެ މާއްދާއަކާ ނުވަތަ ބަޔަކާނަމަ އެފަދަ ހިލާފެއް ރަނގަޅުކުރުމަށް އެކަށީގެންވާ ފުރުސަތެއް އެފަރާތަކަށް ނުވަތަ ލައިސަންސް ދޫކުރެވިފައިވާ ފަރާތަކަށް ދެވިއްޖެކަމަށް އޮތޯރިޓީއަށް ފެނުން؛ އަދި
  3. މި ގާނޫނާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާއެއް ކަނޑައެޅޭ ފަރާތުން އެފަރާތުގެ ދިފާއުގައި ހުށަހަޅަން ބޭނުންވާ އެއްޗެއް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ދެވިފައިވުމާއި އަދި އެފަރާތުގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް ޖޫރިމަނާކުރުމާ ބެހޭގޮތުން އޮތޯރިޓީން ގޮތެއް ނިންމުން.

 

 

ސާދަވަނަ ބާބު

މައުލޫމާތު ހޯދުމަށް އޮތޯރިޓީއަށް ލިބޭ ބާރު

 

49 ވަނަ މާއްދާ - މައުލޫމާތާއި ލިޔެކިޔުން ހޯދުމުގެ އިހްތިޔާރު

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ލިބިފައިވާ އިހްތިޔާރު، ލައިސަންސް ލިބިފައިވާ ފަރާތްތައްވެސް ހިމެނޭ ގޮތުގެމަތިން، ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކުގެ މައްޗަށް ހިންގިދާނެއެވެ.

  1. މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިދޭ ބާރެއް ހިންގުމުގައި ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ބޭނުންވާ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނުވަތަ އެއްވެސް ލިޔެކިޔުމެއް އެއްވެސް ފަރާތެއްގެ އަތުގައި އޮތް ނުވަތަ އޮތް ކަމަށް ބެލެވޭ ފަރާތެއް؛
  2. މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީއަށް ލިބިދޭ ބާރެއް ހިންގުމުގައި ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް އޮތޯރިޓީއަށް ބޭނުންވާކަމަށް އެފަރާތުން ގަބޫލުކުރެވޭ ހެކިބަހެއް ދެވިދާނެފަދަ ފަރާތެއް.

(ށ) ވަކި ގާނޫނަކުން ކަނޑައެޅިގެން މަނާނުކުރާހާ ހިނދަކު، އަންނަނިވި ކަންކަމުގައި ލިޔެކިޔުމުން މުއާމަލާތުކުރުމަށް އޮތޯރިޓީން ކޮންމެ ފަރާތަކަށްވެސް އެންގިދާނެއެވެ.

  1. އޮތޯރިޓީން ފޮނުވާ ލިޔުމެއްގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެ ލިޔުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން އެފަރާތަކުން އޮތޯރިޓީއަށް ބޭނުންވާ އެންމެހައި މައުލޫމާތު ފޯރުކޮށްދިނުން؛
  2. އޮތޯރިޓީން ފޮނުވާ ލިޔުމެއްގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެ ލިޔުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން އެފަރާތަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ފޮނުވުން؛
  3. އޮތޯރިޓީން ފޮނުވާ ލިޔުމެއްގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އެ ލިޔުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން އޮތޯރިޓީއަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކުގެ އަސްލާ އެއްގޮތަށް އޭގެ ނަކަލު ތައްޔާރުކުރުން؛
  4. އޮތޯރިޓީން ލިޔުން ފޮނުވަނީ އަމިއްލަ ފަރުދަކަށްކަމަށްވާނަމަ، އޮތޯރިޓީން ފޮނުވާ ލިޔުމުގައި ކަނޑައަޅާފައިވާ ވަގުތެއްގައި، އެފަރާތުން އަނގަބަހުން ނުވަތަ ލިޔެކިޔުމުން ޖަވާބުދާރީވުން ނުވަތަ ހެކިބަސް ދިނުން؛
  5. އޮތޯރިޓީން ލިޔުން ފޮނުވާ ފަރާތަކީ ތަބައީނޫން ގާނޫނީ ށަހްސެއްނަމަ، އެ ތަނެއްގެ އިސްވެރިޔަކު އޮތޯރިޓީން ފޮނުވާ ލިޔުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، އަނގަބަހުން ނުވަތަ ލިޔުމުން ޖަވާބުދާރީވުން ނުވަތަ ހެކިބަސްދިނުން.

 

50 ވަނަ މާއްދާ - އޮތޯރިޓީން އަންގާ ގޮތަށް އަމަލުކުރުން

(ހ) މި ގާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހުރިހާ ފަރާތަކުންވެސް އަމަލުކުރަންވާނެއެވެ.

(ށ) އެއްވެސް ފަރާތެއް، މަގުބޫލު ސަބަބެއްނެތި، މި ގާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާގޮތަށް އަމަލުނުކޮށްފިނަމަ، އެފަރާތެއް 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ - ލިޔެކިޔުމާއި ނަކަލުތައް އޮތޯރިޓީގެ ބެލުމުގެ ދަށުގައި ބެހެއްޓުން

(ހ) މި ބާބުގެ ދަށުން އޮތޯރިޓީގެ ބޭނުމަށް އެފަރާތަށް ހުށަހަޅާ ލިޔެކިޔުމެއް، އޮތޯރިޓީގެ ބޭނުން ނިމެންދެން، އޮތޯރިޓީގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.

(ށ) މި ބާބުގެ ދަށުން އޮތޯރިޓީއަށް ފޮނުވާ ނުވަތަ ހުށަހަޅަންޖެހޭ ލިޔެކިޔުމެއް ނުވަތަ އޭގެ ނަކަލު، އޮތޯރިޓީން ބެލުމަށްފަހު، އެފަދަ ލިޔެކިޔުމަކުން ނުވަތަ އޭގެ ނަކަލަކުން ކޮޕީ ހައްދައި، ބަހައްޓަން ބޭނުންވެއްޖެނަމަ ނުވަތަ އެފަދަ ލިޔެކިޔުމަކުން ވަކި ހާއްސަ ބައެއް ނަގަން ބޭނުންވެއްޖެ ހިނދެއްގައި އެކަންކުރެވިދާނެއެވެ.

(ނ) އޮތޯރިޓީއަށް ލިބިގަނެވޭ އެންމެހައި މައުލޫމާތު ނުވަތަ ހެކި ނުވަތަ މި ގާނޫނުގެ 49 ވަނަ މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީން ހޯދާ ލިޔެކިޔުންތަކުގެ ރިކޯޑެއް ބަލަހައްޓަންވާނެއެވެ.

 

52 ވަނަ މާއްދާ - ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް މައުލޫމާތު ބޭނުންނުކުރުން

އެއްވެސް ފަރާތަކުން އޮތޯރިޓީއަށް މައުލޫމާތު ދީގެން ނުވަތަ އެފަރާތުން މައުލޫމާތުދިނުމުގެ ސަބަބުން ލިބިގަނެވުނު މައުލޫމާތަކީ، އެފަދަ މައުލޫމާތުދީފައިވާ ނުވަތަ ހުށަހަޅާފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާއެއް އުފުލުމަށް ބޭނުންކުރެވޭނެ ހެއްކެއް ނޫނެވެ.

 

 

ފަނަރަވަނަ ބާބު

މާލީ ކަންކަމާއި ރިޕޯޓުކުރުން

 

53 ވަނަ މާއްދާ - މާލީ ކަންކަން

(ހ) އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން އެ އޮތޯރިޓީއަށް ދޫކުރަންވާނެއެވެ. އެގޮތުން، މިނިސްޓްރީގެ ލަފާގެ މަތިން، އޮތޯރިޓީގެ ބޯޑުން އޮތޯރިޓީގެ ބަޖެޓު އެކުލަވާލައި، އޮތޯރިޓީގެ ބޯޑުން ފާސްކޮށް، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވަންވާނެއެވެ.

(ށ) އޮތޯރިޓީގެ އެންމެހައި ހިސާބުތަކާއި އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަންވާނީ ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

54 ވަނަ މާއްދާ - އޮޑިޓްކުރުން

ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު އޮތޯރިޓީގެ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން އޮޑިޓްކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ވޭތުވެދިޔަ އަހަރު އޮތޯރިޓީ ހިންގި ގޮތުގެ ރިޕޯޓެއް، އޮތޯރިޓީގެ އޮޑިޓްކުރެވިފައިވާ ހިސާބުތަކާއެކު، ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން ތައްޔާރުކޮށް، ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، އެ ބޯޑުން ފާސްކުރުމަށްފަހު މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. އަދި އެ ރިޕޯޓު މިނިސްޓަރަށް ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އާންމުކުރުމާއެކު، އެ ރިޕޯޓުގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، ޑިރެކްޓަރުންގެ ބޯޑުން ބަލާފައިވާ އެއްވެސް މައްސަލައެއްގައި، ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް މައްސަލަތަކާއި، އެ މައްސަލަތަކުގައި އަމަލުކޮށްފައިވާގޮތް ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި، ރިޕޯޓުގައި ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް، މަސައްކަތްތައް ވަޒަންކުރުމުގައި ފާހަގަކުރެވުނު މުހިންމު ކަންކަމާ ބެހޭގޮތުންނާއި، ހާއްސަކޮށް އަންނަނިވި ކަންކަން މޮނިޓަރކޮށް އެކަންކަމަށް ރިޕޯޓުގައި ރިއާޔަތްކޮށްފައި އޮންނަންވާނެއެވެ.

  1. ހިދުމަތް ލިބިގަންނަ ފަރާތުގެ ހިތްހަމަޖެހުން ހުރި މިންވަރު؛
  2. ހިދުމަތް ލިބިގަންނަ ފަރާތަށް ލިބޭ މަންފާތައް؛
  3. ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު؛
  4. ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި އެނޫންވެސް ފަރާތްތަކުން މި ގާނޫނު ހިންގައި ތަންފީޒުކުރަމުންދާ ގޮތް؛
  5. ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދެމުންގެންދާ ފެންވަރު؛
  6. ހިދުމަތް ލިބިގަންނަ ފަރާތްތަކުން ހިދުމަތްތަކާމެދު ހިތްހަމަޖެހޭ މިންވަރާއި، އެ ހިދުމަތްތަކާމެދު ށަކުވާކުރާ މިންވަރު؛
  7. ހިދުމަތް ލިބިގަންނަ ފަރާތްތަކުން ހިދުމަތް ލިބިގަތުމަށް ދައްކާ ފީ އަދި/ނުވަތަ އަގުތައް؛
  8. ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށް އާންމު ބޭނުންތަކުގެ ހިދުމަތްތައް ލިބެންހުރި މިންވަރާއި ފެންވަރު؛
  9. އާންމު ބޭނުންތަކުގެ ހިދުމަތުގައި ވާދަވެރިކަން އުފެދިފައިވާ މިންވަރާއި، އެ ވާދަވެރިކަން ދެމެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ހަރުދަނާކަން؛
  10. މި ގާނޫނު ހިންގުމުގައި ދިމާވާ ދަތިތަކާއި ހުރަސްތައް؛ އަދި
  11. މަތީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅުންހުރި ކަމަށް އޮތޯރިޓީއަށް ފެންނަ އިތުރު ކަންކަން.

 

 

ސޯޅަވަނަ ބާބު

އެހެނިހެން ކަންކަން

 

56 ވަނަ މާއްދާ - އޮތޯރިޓީ އުފެދުމާއެކު ބައެއް ތަންތަނާއި ވަސީލަތްތައް ބަދަލުވުން

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި އަންނަނިވި ތަންތަނާއި ވަސީލަތްތައް، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެދުމާއެކު، އެ އޮތޯރިޓީއަށް ބަދަލުވީއެވެ.

(ހ) މޯލްޑިވްސް އެނަރޖީ އޮތޯރިޓީއާއި އެ އޮތޯރިޓީގައި ބޭނުންކުރަމުންގެންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި، ސަރުކާރުގެ ބަޖެޓުން އެ އޮތޯރިޓީއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީން އުފުލަންޖެހޭ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތައް؛

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންދާ އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީގެ ފެނާއި ނަރުދަމާއާއި ކުނި މެނޭޖްކުރުމުގެ ކަންކަން ރެގިއުލޭޓްކުރުމުގެ ހިދުމަތާގުޅޭ ކަންކަން ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސެކްށަންތަކުގެ އެންމެހައި މަސައްކަތްތަކާއި އެ މަސައްކަތުގައި ބޭނުންކުރި އެންމެހައި ވަސީލަތްތަކާއި، ފެނާއި ނަރުދަމާއާއި ކުނި މެނޭޖްކުރުމުގެ ހިދުމަތާ ގުޅޭގޮތުން ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޭޖެންސީން އުފުލަންޖެހޭ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، ގާނޫނީ ގޮތުންނާއި އެފަދަ އެއްބަސްވުންތަކުގެ ދަށުން އެ އޭޖެންސީއަށް ލިބިދޭ ހައްގުތަކާއި މަންފާތައް.

 

57 ވަނަ މާއްދާ - މުވައްޒަފުން ބަދަލުވުން

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީގައި މަސައްކަތްކުރަމުންދިޔަ އެންމެހައި މުވައްޒަފުންނާއި، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީގެ ފެނާއި ނަރުދަމާއާއި ކުނި މެނޭޖްކުރުމުގެ ކަންކަން ރެގިއުލޭޓްކުރުމުގެ ހިދުމަތާގުޅޭ ކަންކަން ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މުވައްޒަފުން، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާ އޮތޯރިޓީ އުފެދުމާއެކު، އެ އޮތޯރިޓީގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީއެވެ.

 

58 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާއިރު އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތްތައް

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ގަވާއިދުން ހުއްދަ ލިބިގެން ގާއިމުކޮށް ހިންގަމުން ގެންދާ އާންމު ބޭނުންތަކުގެ ހިދުމަތްތައް ބެލެވޭނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ގާއިމުކޮށް ހިންގަމުން ގެންދާ ހިދުމަތްތަކެއްކަމަށެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭގޮތުން ދޫކޮށްފައިވާ ލައިސަންސް ބެލެވޭނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްފައިވާ އަދި މި ގާނޫނާ ތައާރުޒުނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން އެއަށް އަމަލުކުރެވޭނެ އެއްޗެއްކަމަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދޫކޮށްފައިވާ ލައިސަންސް މި ގާނޫނާ ތައާރުޒުނުވާކަން، މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީން ކަށަވަރުކުރަންވާނެއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދޫކޮށްފައިވާ ލައިސަންސް މި ގާނޫނާ ތައާރުޒުވާނަމަ، އެކަން ބަޔާންކުރުމާއެކު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ލައިސަންސް އައު ކުރުމަށް އޮތޯރިޓީން އެފަރާތަށް އަންގަންވާނެއެވެ.

 

59 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ އޮތޯރިޓީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

60 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

61 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ،  އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބުނާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ކަންކަން ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ނ) "އާންމު ބޭނުންތަކުގެ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ފީއެއް ނަގައިގެން ނުވަތަ ވިޔަފާރީގެ އުސޫލުން ދޭ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށެވެ.

 (ރ) "ހިދުމަތް ފޯރުކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކުރާ އާންމު ބޭނުންތަކުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކަށެވެ.

(ބ) "ލައިސަންސް ލިބިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމަށް ނަގަންޖެހޭނެކަމަށް މި ގާނޫނުގައި ބުނާ ލައިސަންސް ލިބިފައިވާ، އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަށެވެ.

(ޅ) "އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނުތައް" ނުވަތަ "ކަމާގުޅޭ ހާއްސަ ގާނޫނުތައް" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށް ހަދާފައިވާ ގާނޫނުތަކަށެވެ.

(ކ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން، އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމަށް ދޫކުރާ ދާއިމީ އަދި ވަގުތީ ލައިސަންސަށާއި، ދާއިމީ އަދި ވަގުތީ ހުއްދައަށެވެ.

(އ) "ޑިރެކްޓަރުންގެ ބޯޑު" ނުވަތަ "ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލާއި މިންގަނޑު

  1. ޓެކްނިކަލް ސްޕެސިފިކޭށަން އެންޑް ގައިޑްލައިން ފޮރ ބޯރހޯލް ޑްރިލިންގ (އުސޫލު ނަންބަރު 2024-18)
  2. ރެއިންވޯޓަރ ހާވެސްޓިންގ ގައިޑްލައިން (އުސޫލު ނަންބަރު 2024-17)
  3. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ތަންފީޒުކުރާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ދޫކުރާ ހުއްދަތަކާއި ލައިސަންސްތަކަށް ފީ ނެގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2024-04)
  4. އާންމު ބޭނުންތަކުގެ ހިދުމަތްތަކަށް ރަޖިސްޓަރީވުމާއި، އެ ހިދުމަތްތަކަށް ބިލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-174)
  5. އިލެކްޓްރިކަލް އިންސްޓޮލޭށަން ސްޓޭންޑަރޑްސް (އެހެނިހެން ނަންބަރު 2023-10)
  6. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކުރާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-104)
  7. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ސުލޫކާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-140)
  8. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-130)
  9. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-86)
  10. ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-23)
  11. ފެނުގެ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު