-

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކުރާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-104)

 

އެއްވަނަ ބާބު

އާންމު ބައިތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 49 ވަނަ މާއްދާއިން މައުލޫމާތާއި ލިޔެކިޔުން ހޯދުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށް ލިބިދީފައިވާ ބާރުގެ ދަށުން އޮތޯރިޓީއަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި، އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތްތަކުންނާއި އާންމު ފަރާތްތަކުން އޮތޯރިޓީއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ހޯދައި ލިބިގަތުމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައި އެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ލިބިދޭ ގަވާއިދު ހެދުމުގެ ބާރުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކުރާ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުގެ 49 ވަނަ މާއްދާ ތަންފީޒުކުރުމުގައި، އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތްތަކާއި އާންމު ފަރާތްތަކުން އޮތޯރިޓީއަށް ދޭންޖެހޭ މައުލޫމާތު ހޯދައި ލިބިގަތުމާ ބެހޭ އުސޫލުތައް ބަޔާންކޮށް، އެ ފަރާތްތަކުން އެ އުސޫލުތަކަށް އަމަލުކުރަމުންދޭތޯ ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމެވެ.

 

3 ވަނަ މާއްދާ - ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒު ކުރާނީ އޮތޯރިޓީންނެވެ.

 

4 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - ހާއްސަ ގާނޫނުތަކާއި ގަވާއިދުތަކަށް އިސްކަންދިނުން

(ހ) ވަކި ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި، އޮތޯރިޓީއަށް މައުލޫމާތު ފޮނުވުމަށް ވަކި މިންގަނޑެއް ނުވަތަ ގޮތެއް ކަނޑައަޅައިފައި ނުވާނަމަ އަމަލު ކުރަންވާނީ،މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ވަކި ގާނޫނެއްގައި ނުވަތަ ގަވާއިދެއް ނުވަތަ މިންގަނޑެއްގައި، ކަނޑައެޅިފައިވާ ދުވަހެއްގެ ކުރިން އޮތޯރިޓީއާ މައުލޫމާތު ހިއްސާކުރަން ލާޒިމުކުރާނަމަ އިސްކަން ދޭންވާނީ، އެ ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ނުވަތަ މިންގަނޑަކަށެވެ.

 

6 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ލިބިދޭ ހުރިހާ މައުލޫމާތަކީ ، ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ރައްކައުތެރިކުރަންޖެހޭ މައުލޫމާތެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޮތޯރިޓީއަށް މައުލޫމާތު ހާމަކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - މައުލޫމާތު ހުށަހަޅަންޖެހޭ ގޮތް

(ހ) މި ގަވާއިދުގެ ދަށުން ފޮނުވުމަށް އަންގާ މައުލޫމާތު ވަކި ގޮތަކަށް ހުށަހެޅުމަށް އަންގައިފައި ނުވާނަމަ ހުށަހަޅަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.

  1. ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)؛
  2. ހާޑް ކޮޕީ
  3. ކުންފުނިތަކާއި އެހެނިހެން އިދާރާތަކުގެ ރަސްމީ އީ-މެއިލް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ނުފޮނުވޭ ވަރުގެ ބޮޑު ފައިލެއް ނުވަތަ ފައިލްތަކެއް ފޮނުވާނަމަ، އެ ފައިލް ނުވަތަ ފައިލްތައް އަޕްލޯޑް ކުރެވޭނެ ގޮތް އޮތޯރިޓީން ހަމަޖައްސައިދޭންވާނެއެވެ.

 

ދެވަނަ ބާބު

މައުލޫމާތާއި ލިޔެކިޔުމުގެ ކެޓަގަރީތަކާއި، މައުލޫމާތު ފޮނުވުމާއި، މައުލޫމާތު ފޮނުވަންޖެހޭ މުއްދަތު

 

8 ވަނަ މާއްދާ - މައުލޫމާތާއި ލިޔެކިޔުމުގެ ކެޓަގަރީތައް

(ހ) ކެޓަގަރީ A

މި ކެޓަގަރީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައެޅިގެން އޮތޯރިޓީން އެއްކުރުމަށް ލާޒިމުކުރާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކެވެ.

(ށ) ކެޓަގަރީ B

މި ކެޓަގަރީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައެޅިގެން އޮތޯރިޓީން އެއްކުރުމަށް ލާޒިމު ނުކުރާ މައުލޫމާތާއި ލިޔެކިޔުންތަކެވެ.

 

9 ވަނަ މާއްދާ - މައުލޫމާތުގެ ބާވަތްތައް

މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީއަށް ފޮނުވުމަށް އަންގަންވާނީ،
އަންނަނިވި ބާވަތްތަކުގެ މައުލޫމާތެވެ.

(ހ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާބެހޭ އިދާރީ މައުލޫމާތާއި ފަންނީ މައުލޫމާތު.

(ށ) އާންމު ބޭނުންތަކުގެ ހިދުމަތްދޭ އެއްވެސް ފަރާތެއް ގާއިމުވެފައިވާ ސަރަހައްދުގައި ހިނގާ ހާދިސާއާބެހޭ މައުލޫމާތު.

(ނ) އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތްތަކާ ބެހޭ ތަފާސްހިސާބު.

(ރ) އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޮނުވާ ބިލްތަކާބެހޭ މައުލޫމާތު.

(ބ) މީހުން ދިރިއުޅޭ ރަށްތަކުގައި އާންމު ބޭނުންތަކުގެ ހިދުމަތްދޭ ފަރާތްތަކުގެ މާލިއްޔަތާބެހޭ މައުލޫމާތު.

(ޅ) މަތީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ގާނޫނުންނާއި، ދިވެހިރާއްޖޭގެ އެހެން ގާނޫނުތަކުން އޮތޯރިޓީއަށް ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޮތޯރިޓީއަށް ބޭނުންވާ އެންމެހައި މައުލޫމާތު.

 

10 ވަނަ މާއްދާ - މައުލޫމާތު ފޮނުވުމަށް ދޭ މުއްދަތު

އޮތޯރިޓީއަށް ބޭނުންވާ މައުލޫމާތު ހުށަހެޅުމަށް ދޭ މުއްދަތު ކަނޑައަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީންނެވެ.

 

11 ވަނަ މާއްދާ - އޮތޯރިޓީއަށް ފޮނުވާ މައުލޫމާތު

(ހ) ސްކޭން ކޮށްފައި އޮތޯރިޓީއަށް ފޮނުވާ މައުލޫމާތުތައް ހުންނަންވާނީ، ސާފުކޮށް އޭގައިވާ އެއްޗެއް ބަލަން އަދި ކިޔަން އެނގޭނޭހެންނެވެ. އެގޮތުން ފޮނުވާ ސްކޭންތަކުގެ ޑޮޓްސް ޕަރ އިންޗް (DPI (300 އަށް ވުރެ ދަށްވެގެން ނުވާނެއެވެ. އަދި ސްކޭން ކުރާ މައުލޫމާތަކީ ފޮޓޯއެއްނަމަ، ސްކޭން ކުރަންވާނީ "ފުލް ކަލަރ" މޯޑުގައެވެ. އަދި ސްކޭންކުރާ މައުލޫމާތަކީ ފޮޓޯ ނޫން އެއްޗެއްނަމަ، ބޭނުންކުރަންވާނީ "ގްރޭސްކޭލް" މޯޑުގައެވެ.

(ށ) އޮތޯރިޓީއަށް މައުލޫމާތު ފޮނުވަންޖެހޭނެ ވަކި ނަމޫނާއެއް ކުރިން ކަނޑައަޅައިފައިވާނަމަ، އެ މައުލޫމާތެއް ފޮނުވަންވާނީ އެ ނަމޫނާއަކާ އެއްގޮތަށެވެ.

(ނ) އޮތޯރިޓީއަށް ރިޕޯޓުކުރުމަށް އެއްވެސް ގަވާއިދަކުން ނުވަތަ ގާނޫނަކުން ކުރިން ކަނޑައަޅާފައިނުވާ ނަމޫނާއަކަށް އޮތޯރިޓީން މައުލޫމާތު ފޮނުވަން އެދިއްޖެ ހިނދެއްގައި، އެ މައުލޫމާތު ފޮނުވަންޖެހޭ ފަރާތަށް އެ މައުލޫމާތު ފޮނުވުމަށްޓަކައި އެ ކުރަންޖެހޭ މަސައްކަތާއި އެކަށޭނެ މުއްދަތެއް ދެވޭނެއެވެ.

(ރ) އޮތޯރިޓީން ވަކި ފައިލް ފޯމެޓަކަށް މައުލޫމާތު ފޮނުވަން އެދިއްޖެނަމަ، އެދިފައިވާ ފައިލް ފޯމެޓަށް އެ މައުލޫމާތެއް ފޮނުވަން ވާނެއެވެ. އާންމުކޮށް ބޭނުންކުރާ ފައިލް ފޯމެޓްތައް ޖަދުވަލު 3 ގައިވާނެއެވެ.

(ބ) އޮތޯރިޓީއަށް ފޮނުވާ ހުރިހާ މައުލޫމާތު ބަލާނީ، ފޮނުވި ފަރާތުގެ ރަސްމީ ލިޔެކިޔުން ކަމުގައެވެ.

(ޅ) އޮތޯރިޓީއަށް ފޮނުވާ މައުލޫމާތާ ބެހޭގޮތުން އިތުރަށް އޮޅުންފިލުވަން ޖެހިއްޖެ ނަމަ، އެކަމާބެހޭ ގޮތުން މުއާމަލާތުކުރާނީ، އެ ފަރާތަކުން ކަނޑައަޅައިފައިވާ ފޯކަލް ޕޮއިންޓެވެ.

(ކ) މި މާއްދާގެ (ބ) ގައި އެހެން އޮތް ނަމަވެސް، ފޮނުވާ މައުލޫމާތަކީ ވަކި ހާއްސަ މައުލޫމާތެއްނަމަ، އެ މައުލޫމާތާ ގުޅިގެން ކުރަންޖެހޭ ސުވާލުތަކަށް ޖަވާބުދާރީވުމުގެ ގޮތުން، ފޯކަލް ޕޮއިންޓުގެ އިތުރުން، އޮތޯރިޓީއަށް ޖަވާބުދާރީވުމަށް ފަރާތެއް ހަމަޖެއްސުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

 

12 ވަނަ މާއްދާ - މައުލޫމާތު ހޯދުމަށް ފޮނުވާ އެންގުން

މައުލޫމާތު ހޯދުމަށް އަންގަންވާނީ، އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުގެ މަތިން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "މައުލޫމާތާއި ލިޔެކިޔުން ފޮނުވުމަށް އަންގާ އެންގުން" ނުވަތަ އެ އެންގުމުގައި ހިމަނައިފައިވާ މައުލޫމާތު ހިމެނޭ ގޮތަށް އޮތޯރިޓީން ތައްޔާރުކުރާ އެންގުމަކުންނެވެ.

(ހ) މައުލޫމާތު ރައްދުކޮށްދެންޖެހޭ ފަރާތް.

(ށ) މައުލޫމާތު ހުށަހެޅުމަށް ދޭ ސުންގަޑި.

(ނ) ބޭނުންވާ މައުލޫމާތުގެ ތަފުސީލު.

(ރ) މައުލޫމާތު ބޭނުންކުރެވޭނެ ގޮތް.

(ބ) މައުލޫމާތު ހުށަހަޅަންޖެހޭ ފައިލް ފޯމެޓްތައް.

(ޅ) މައުލޫމާތު ތައްޔާރުކުރަންވީ ގޮތުގެ ނަމޫނާ.

(ކ) މުއާސަލާތު ކުރަންވީ ގޮތް.

(އ) ހޯދަން އެދިފައިވާ މައުލޫމާތާބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި މުއާމަލާތު ކުރަންވީ ފަރާތުގެ ނަމާއި، މަގާމާއި، އީމެއިލް އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު.

(ވ) މައުލޫމާތު ހޯދުމަށް އެދޭ ރަށް(ތައް) ނުވަތަ ސަރަހައްދު(ތައް)

(މ) ކަނޑައެޅިފައިވާ މުއްދަތުގައި މައުލޫމާތު ނުފޮނުވައިފިނަމަ އެޅޭނެ ފިޔަވަޅު.

 

ތިންވަނަ ބާބު

ގަވާއިދާ ހިލާފުވުން

 

13 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން ކަމުގައި ބެލޭނެ ކަންތައްތައް

ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ ގަވާއިދާ ހިލާފުވުން ކަމުގައި ބެލެވޭނެއެވެ.

(ހ) އޮތޯރިޓީން ފޮނުވަން އަންގައިފައިވާ މައުލޫމާތެއް ދިނުމަށް އިންކާރު ކުރުން.

(ށ) އޮތޯރިޓީން މައުލޫމާތު ފޮނުވުމަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި އެ މައުލޫމާތު ނުފޮނުވުން.

(ނ) އޮތޯރިޓީން މައުލޫމާތު ފޮނުވުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުގެ ފަހުން މުއްދަތު އިތުރުކުރުމަށް އެދުން.

(ރ) އޮތޯރިޓީން މައުލޫމާތު ފޮނުވުމަށް އެދި ފޮނުވާ އެންގުމަށް އަމަލު ކުރާނެ ގޮތެއް ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ނޭންގުން.

(ބ) އޮތޯރިޓީއަށް ފޮނުވައިފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތުކަން ސާބިތުވުން.

(ޅ) މި ގަވާއިދުގެ 11 ވަނަ މާއްދާއާ ހިލާފަށް މައުލޫމާތު ފޮނުވުން.

 

14 ވަނަ މާއްދާ - އިންޒާރު ދިނުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތެއް، މި ގަވާއިދުގެ ދަށުން ޖޫރިމަނާކުރުމުގެ ކުރިން، އިތުރު ފުރުސަތެއް ދިނުމަށް ޓަކައި އޮތޯރިޓީން މި މާއްދާގެ (ރ) ގައިވާގޮތަށް އިންޒާރު ދޭންވާނެއެވެ.

(ށ) ކޮންމެ ފަރާތަކަށް ވެސް، ހިނގަމުންދާ މީލާދީ އަހަރެއްގެ ތެރޭގައި، މި ގަވާއިދާ ގުޅިގެން ގިނަވެގެން ދެވޭނީ ޖުމުލަ 3 (ތިނެއް) އިންޒާރެވެ.

(ނ) ހިނގަމުންދާ މީލާދީ އަހަރުގެ ތެރޭގައި 3 (ތިނެއް) އިންޒާރު ދީ ހަމަވުމުން،އިތުރު އިންޒާރަކާނުލައި އޮތޯރިޓީއަށް ޖޫރިމަނާ ކުރެވިދާނެއެވެ.

(ރ) އިންޒާރު ދޭނީ ލިޔުމުންނެވެ. އަދި އިންޒާރު ދޭއިރު، ތިރީގައިވާ ކަންކަން، އިންޒާރުދޭ ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.

  1. އިންޒާރު ރައްދުވާ ފަރާތުގެ ނަން؛
  2. އިންޒާރު ރައްދުވާ ފަރާތުގެ އެޑްރެސް؛
  3. އިންޒާރު ދެވޭ ސަބަބު؛
  4. މައުލޫމާތު ފޯރުކޮށްދިނުމަށް އެންގުނު ލިޔުމުގެ ރިފަރެންސް ނަންބަރު؛
  5. މައުލޫމާތު ފޯރުކޮށްދިނުމަށް އެންގުނު ލިޔުން ފޮނުވި ގަޑިއާއި ދުވަސް؛
  6. މައުލޫމާތު ފޮނުވުމަށް ކަނޑައެޅުނު ސުންގަޑި؛
  7. ފޮނުވަން އަންގައިފައިވާ މައުލޫމާތުގެ ހުލާސާ.

(ބ) މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތްތަކުން ކުރެ ކޮންމެ ގޮތަކަށް ވެސް އިންޒާރުގެ ލިޔުން ފޮނުވިދާނެއެވެ.

 

15 ވަނަ މާއްދާ - އަދަބު ކަނޑައެޅުން

(ހ) މި މާއްދާއަށް އަމަލުކުރާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ފަރާތަކަށް ދެވޭ އިންޒާރުތައް ހަމަވުމުންނެވެ.

(ށ) މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ކަންކަމަށް ޖޫރިމަނާ ކަނޑައެޅިފައިވާނީ، ގާނޫނުގެ 50 ވަނަ މާއްދާ "އޮތޯރިޓީން އަންގާ ގޮތަށް އަމަލުކުރުން" ގެ ދަށުންނެވެ.

(ނ) މި ގަވާއިދާ ހިލާފުވެއްޖެނަމަ، ތިރީގައިވާ ގޮތުގެ މަތީން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

  1. މި ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ކަމެއް މެދުވެރިވެއްޖެނަމަ، 2،000 (ދެހާސް) ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
  2. އަދި، ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު، 2،000 (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ޖޫރިމަނާ ދެއްކުމަށް ދޭ މުއްދަތު

ޖޫރިމަނާ ދެއްކުމަށް ދެވޭނީ، ސަރުކާރު ބަންދު ނޫން 45 (ސާޅީސްފަހެއް) ދުވަހުގެ މުއްދަތެވެ.

 

17 ވަނަ މާއްދާ - ޖޫރިމަނާ ސްލިޕް

މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާ ކުރާނަމަ، އެ ފަރާތަކާ ޖޫރިމަނާ ސްލިޕް ހަވާލު ކުރަންވާނެއެވެ. މި ޖޫރިމަނާ ސްލިޕްގައި، ތިރީގައިވާ މައުލޫމާތު ހަމަވާންވާނެއެވެ.

(ހ) ޖޫރިމަނާ ކުރެވޭ ފަރާތުގެ ނަމާއި އެޑްރެސް.

(ށ) ޖޫރިމަނާ ކުރި ސަބަބު.

(ނ) މައުލޫމާތު ހޯދުމަށް ފޮނުވި އެންގުމުގެ ރިފަރެންސް ނަންބަރު.

(ރ) މައުލޫމާތު ހޯދުމަށް ފޮނުވި އެންގުމުގައިވާ ފޮނުވި ގަޑިއާއި ދުވަސް.

(ބ) މައުލޫމާތު ފޮނުވުމަށް ދިން ސުންގަޑި.

(ޅ) ފޮނުވަން އެދުނު މައުލޫމާތުގެ ހުލާސާ.

 

ހަތަރުވަނަ ބާބު

އެހެނިހެން

 

18 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު،ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކަށާއި ލަފުޒުތަކަށް ދީފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.

(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) އަށެވެ.

(ނ) "ނަމޫނާ" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ފޮނުވަން އަންގާ މައުލޫމާތާއި ލިޔެކިޔުންތައް ލިޔެފައި ނުވަތަ ތާވަލުކޮށްފައި ހުންނަންވާނެ ގޮތަށެވެ.

(ރ) "ފައިލް ފޯމެޓް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ފޮނުވަން އަންގާ މައުލޫމާތު ދައްކުވައިދޭ ލިޔެކިޔުން ތައްޔާރުކުރެވޭ ބާވަތް ނުވަތަ ވައްތަރަށެވެ.

(ބ) "އާންމު ބޭނުންތަކުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތަކަށެވެ.

 

މި ގަވާއިދުގެ ޖަދުލުވަތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގާނޫނު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2020-26)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު