-

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ތަންފީޒުކުރާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ދޫކުރާ ހުއްދަތަކާއި ލައިސަންސްތަކަށް ފީ ނެގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު 

(އުސޫލު ނަންބަރު 2024-04)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 ޖަނަވަރީ 2024 ގައި)


1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ދޫކުރާ ލައިސަންސްތަކާއި، ހުއްދަތަކަށް ފީ ނެގުމުގައި އަމަލުކުރާނެ އުސޫލުތަކެއް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ތަންފީޒުކުރާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ދޫކުރާ ހުއްދަތަކާއި ލައިސަންސްތަކަށް ފީ ނެގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، އޮތޯރިޓީން ތަންފީޒުކުރާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނެގޭނެ ފީ ކަނޑައަޅައި އާންމުކުރުމާއި، ފީ ނެގުމުގައި އެއް އުސޫލެއްގެ ދަށުން އަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.ެ

 

3 ވަނަ މާއްދާ - އެހެނިހެން ގަވާއިދުތަކަށް އިސްކަންދިނުން

އާންމު ބޭނުންތަކުގެ ހިދުމަތާ ގުޅޭ ހާއްސަ ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އަމަލުކުރާނީ މި އުސޫލަށެވެ.

 

4 ވަނަ މާއްދާ - ފީ ނެގޭނެ ކަންކަން

(ހ) އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން މި އުސޫލުގެ ދަށުން ފީ ނެގޭނެ ކަންކަން ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. އާންމު ބޭނުންތަކުގެ ހިދުމަތްދިނުމަށް ޓަކައި ވަގުތީ ހުއްދަ ދޫކުރުން؛
  2. އާންމު ބޭނުންތަކުގެ ހިދުމަތްދިނުމަށް ޓަކައި ދާއިމީ ލައިސަންސް ދޫކުރުން؛
  3. ސިނާއީ ބޭނުންތަކަށް ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ކަރަންޓު، ނުވަތަ ފެން، ނުވަތަ ނަރުދަމާ، ނުވަތަ ކުނި މެނޭޖުކުރުމަށް ދެވޭ ލައިސަންސް، ނުވަތަ ވަގުތީ ހުއްދަ ދޫކުރުން؛
  4. ޑިޒައިންތައް ފާސްކޮށްދިނުން؛
  5. އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅުންހުރި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް ލައިސަންސް ދޫކުރުން؛
  6. ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރަށް ނުވަތަ ކޭބަލަށް ހުއްދަ ދޫކުރުން؛
  7. ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕެނަލް ނިޒާމު ފާސްކުރުން؛
  8. ބެކަޕް ޖަނަރޭޓަރާއި ސްޓޭންޑްބައި ޖަނަރޭޓަރު ބޭނުންކުރުމާއި ފެން ޕްލާންޓްތަކާއި ކުނި ޓްރީޓްމަންޓް ޕްލާންޓްތަކާއި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓްތަކަށް ހުއްދަ ދޫކުރުން؛
  9. ވަގުތީގޮތުން ބަހައްޓައިގެން ބޭނުންކުރާ ޖަނަރޭޓަރާއި ފެން ޕްލާންޓާއި ނަރުދަމާގެ ފެސިލިޓީއަށް ވަގުތީ ހުއްދަ ދޫކުރުން؛
  10. ފެސިލިޓީތަކާއި ތަކެތި ރަޖިސްޓަރީކޮށްދިނުން؛
  11. ގާއިމުކޮށް ހިންގަމުންދާ ނިޒާމުތައް އަޕްގްރޭޑް ކުރުމަށް ހުއްދަ ދޫކުރުން؛
  12. ކްރޫޑު އޮއިލްއާއި ޕެޓްރޯލިއަމުގެ އުފެއްދުންތައް ސާފުކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން.
  13. ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމުގެ ބާވަތެއް އިމްޕޯޓްކުރުމަށާއި، އެކްސްޕޯޓްކުރުމަށް ނުވަތަ ރީއެކްސްޕޯޓު ކުރުމަށ،ް ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން؛
  14. ވިޔަފާރީގެ ބޭނުންތަކަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ ބާވަތެއް ގުދަންކޮށް ރައްކައުކުރުމަށް ހުއްދަ ދޫކުރުން؛
  15. ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ ބާވަތެއް އެއްތަނުން އަނެއްތަނަށް އުފުލުމުގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން؛
  16. ހޯލްސޭލްކޮށް ނުވަތަ ރީޓޭލްކޮށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ވިޔަފާރިކުރާ ފަރާތްތަކަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން؛
  17. އެއްތަނުން އަނެއްތަނަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އުފުލުމުގެ ހިދުމަތް ދިނުމަށް އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން.

(ށ) ކުރިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގެ ނަކަލު ހޯދުމަށް ޓަކައި ހުށަހަޅާ ހުށަހެޅުންތަކަށ،ް މި އުސޫލުގެ ދަށުން ފީ ނެގޭނެ ކަންކަން ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ހުއްދަތަކުގެ ނަކަލު ދޫކުރުން؛
  2. އޮޕަރޭޓިންގ ލައިސަންސްގެ ނަކަލު ދޫކުރުން؛
  3. ފަންނީ ލައިސަންސްގެ ނަކަލު ދޫކުރުން؛
  4. ޑިޒައިންތަކުގެ ނަކަލު ދޫކުރުން؛
  5. ރަޖިސްޓަރީތަކުގެ ނަކަލު ދޫކުރުން؛
  6. މިނޫން ވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ނަކަލު ދޫކުރުން.

 

5 ވަނަ މާއްދާ - ފީ ނެގުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް

އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން މި އުސޫލުގެ ދަށުން ފީ ނެގުމުގައި ތިރީގައިވާ އިޖުރާއަތުތައް ފުރިހަމަކުރަންޖެހޭނެއެވެ.

(ހ) މި އުސޫލުގެ ދަށުން ފީނެގުމަށް ޓަކައި އޮތޯރިޓީއަށް ހުށަހަޅައިފައިވާ އެޕްލިކޭށަންގެ ސައްހަކަން ކަށަވަރު ކުރަންވާނެއެވެ.

(ށ) އެޕްލިކޭށަން ސައްހަކަން ކަށަވަރު ކުރުމަށްފަހު، ފީ ދެއްކުމަށ،ް ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފީ ނުދައްކައިފި ނަމަ، އެޕްލިކޭށަން ބާތިލުވާނެއެވެ.

 

6 ވަނަ މާއްދާ - މި އުސޫލު ގެ ދަށުން ކަނޑައެޅިފައިވާ ފީތައް

(ހ) މި އުސޫލުގެ ދަށުން ފީނެގޭނީ، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) މި އުސޫލުގެ ދަށުން އޮތޯރިޓީއަށް ދައްކާ އެއްވެސް ފީއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.

 

7 ވަނަ މާއްދާ - އުސޫލު ތަންފީޒުކުރުން

މި އުސޫލު ތަންފީޒުކުރާނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީންނެވެ.

 

8 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި މިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކުގެ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ދަށުން އުފައްދައިފައިވާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.

(ށ) "އާންމު ބޭނުންތަކުގެ ހިދުމަތާ ގުޅޭ ހާއްސަ ގާނޫނުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށް ހަދައިފައިވާ ގާނޫނުތަކަށެވެ.

(ނ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީއޮތޯރިޓީގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2021-18 (ހަކަތައިގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާނޫނުގެ) އާއި، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ ދަށުން، ހިދުމަތެއް ދިނުމަށް ދޫކުރާ ދާއިމީ ލައިސަންސަށާއި، ވަގުތީ ލައިސަންސަށާއި، ދާއިމީ ހުއްދައަށާއި، ވަގުތީ ހުއްދައަށެވެ.

(ރ) "ޕެޓްރޯލިއަމްގެ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-18 (ހަކަތައިގެ ގާނޫނު) ގެ ދަށުން އެ އުފެއްދުމަކީ އަލި ނުވަތަ ހޫނު ނުވަތަ ހަކަތަ އުފައްދަން ބޭނުންކުރާ ނުވަތަ ޕެޓްރޯލިއަމުން ކުރާ އެހެންވެސް ބޭނުމެއް ކުރ،ާ ޕެޓްރޯލިއަމުން އުފައްދައިފައިވާ ނުވަތަ އެ އުފެއްދުމެއްގައި ޕެޓްރޯލިއަމްގެ ކޮންމެވެސް މިންވަރެއް އެކުލެވިފައިވާ ކޮންމެ އުފެއްދުމަކަށެވެ.

 

9 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

ޖަދުވަލު 1

(ހ) އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތްތަކަށް މި އުސޫލުގެ ދަށުން ނެގޭ ފީތަކުގެ ތަފުސީލު

#

ހިދުމަތް

ޔުނިޓް

ކަނޑައަޅައިފައިވާ ފީ

1. އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމަށް ޓަކައި ވަގުތީ ހުއްދަ ދޫކުރުން. - 20،000 (ވިހި ހާސް) ރުފިޔާ
2. އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމަށް ޓަކައި ލައިސަންސް ދޫކުރުން އަހަރަކަށް 50،000 (ފަންސާސް ހާސް) ރުފިޔާ
3. ސިނާއީ ބޭނުންތަކަށް ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ކަރަންޓު ނުވަތަ ފެން ނުވަތަ ނަރުދަމާ ނުވަތަ ކުނި މެނޭޖުކުރުމަށް ދެވޭ ލައިސަންސް ނުވަތަ ވަގުތީ ހުއްދަ ދޫކުރުން އަހަރަކަށް 25،000 (ފަންސަވީސް ހާސް) ރުފިޔާ
4. ޑިޒައިންތައް ފާސްކުރުން. ޑޮކިއުމަންޓަކަށް 5،000 (ފަސްހާސް) ރުފިޔާ
5. އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅުންހުރި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް ލައިސަންސް ދޫކުރުން ކެޓަގަރީއަކަށް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ
6. ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ނަރަށް ނުވަތަ ކޭބަލަށް ހުއްދަ ދޫކުރުން. އެޕްލިކޭށަނަކަށް 500 (ފަސްސަތޭކަ) ރުފިޔާ
7. ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕެނަލް ނިޒާމު ފާސްކުރުން. އެޕްލިކޭށަނަކަށް 1،000 (އެއްހާސް) ރުފިޔާ
8. ބެކަޕް ޖަނަރޭޓަރާއި ސްޓޭންޑްބައި ޖަނަރޭޓަރު ބޭނުންކުރުމާއި ފެން ޕްލާންޓްތަކާއި ކުނި ޓްރީޓްމަންޓް ޕްލާންޓްތަކާއި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓްތަކަށް ހުއްދަ ދޫކުރުން. ހުއްދައަކަށް 5،000 (ފަސްހާސް) ރުފިޔާ
9. ވަގުތީ ގޮތުން ބަހައްޓާ ޖަނަރޭޓަރާއި ބޭނުންކުރާ ޖަނަރޭޓަރާއި ފެން ޕްލާންޓާއި ނަރުދަމާގެ ފެސިލިޓީއަށް ވަގުތީ ހުއްދަ ދޫކުރުން. ހުއްދައަކަށް 5،000 (ފަސްހާސް) ރުފިޔާ
10. ފެސިލިޓީތަކާއި ތަކެތި ރަޖިސްޓަރީކު ރުން. ރަޖިސްޓްރީއަކަށް 1،000 (އެއްހާސް) ރުފިޔާ
11. ގާއި މުކޮށް ހިންގަމުންދާ ނިޒާމުތައް އަޕްގްރޭޑް ކުރުމަށް ހުއްދަ ދޫކުރުން.   1،000 (އެއްހާސް) ރުފިޔާ
12. ކްރޫޑު އޮއިލް އާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ސާފުކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން. ހުއްދައަކަށް 100،000 (އެއްލައްކަ) ރުފިޔާ
13. ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ ބާވަތެއް އިމްޕޯޓްކުރު މަށާއި، އެކްސްޕޯޓްކުރު މަށް ނުވަތަ ރީއެކްސްޕޯޓު ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން. ހުއްދައަކަށް 75،000 (ހަތްދިަހަ ފަސްހާސް) ރުފިޔާ
14. ވިޔަފާރީގެ ބޭނުންތަކަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ ބާވަތެއް ގުދަންކޮށް ރައްކައުކުރުމަށް ހުއްދަ ދޫކުރުން. ހުއްދައަކަށް 50،000 (ފަންސާސްހާސް) ރުފިޔާ
15. ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ ބާވަތެއް އެއް ތަނުން އަނެއް ތަނަށް އުފުލާ އުޅަނދުފަހަރު ގެންގުޅުމަށް ނުވަތަ ހިދުމަތް ދިނުމަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރުން.  ލައިސަންސަކަށް/ހުއްދައަކަށް 50،000 (ފަންސާސްހާސް) ރުފިޔާ

 

(ށ) ކުރިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގެ ނަކަލު ހޯދުމަށް ޓަކައި ހުށަހެޅޭ ހުށަހެޅުންތަކަށް މި އުސޫލުގެ ދަށުން ނެގޭ ފީތަކުގެ ތަފުސީލ.ު 

#

ހިދުމަތް

ކަނޑައަޅައިފައިވާ ފީ

1. ހުއްދަތަކުގެ ނަކަލު ދޫކުރުން. 350 (ތިންސަތޭކަ ފަންސާސް) ރުިފޔާ
2. އޮޕަރޭޓިންގ ލައިސަންސްގެ ނަކަލު ދޫކުރުނ 1،000 (އެއްހާސް) ރުފިޔާ
3. އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅުންހުރި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ނަކަލު ދޫކުރުން. 1،000 (އެއްހާސް) ރުފިޔާ
4. ޑިޒައިންތަކުގެ ނަކަލު ދޫކުރުން. 10،000 (ދިހަހާސް) ރުފިޔާ
5. ރަޖިސްޓަރީތަކުގެ ނަކަލު ދޫކުރުން. 500 (ފައްސަތޭކަ) ރުފިޔާ
6. މިނޫން ވެސް، މި އުސޫލުގެ ޖަދުވަލު 1 ގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ނަކަލު ދޫކުރުން. 1،000 (އެއްހާސް) ރުފިޔާ

 

 

މައި ގާނޫނު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2020-26)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު