-

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2020-26) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2022-17)

(މި ގާނޫނަށް އަމަލުކުރަން ފެށީ 31 އޮކްޓޫބަރު 2022 ގައި)

ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އާންމު ބޭނުންތަކުގެ ހިދުމަތްތަކުން ބިލުކުރުމާގުޅޭ ގަވާއިދު ހެދުން 34-1.

(ހ) އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ހިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި އަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް، އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ މަށްވަރާއާއެކު،އޮތޯރިޓީން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އެއް މުއްދަތެއްގެ ބިލިންގ ސައިކަލްއެއް ކަނޑައެޅުމާގުޅޭ އުސޫލުތައް؛
  2. ބިލު ދެއްކުމަށް މަދުވެގެން ދޭންޖެހޭނެ މުއްދަތެއް ކަނޑައެޅުމާގުޅޭ އުސޫލުތައް؛
  3. ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތުތަކާއި ގޮތްތައް؛ 
  4. ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތައް؛
  5. ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ހާލަތެއްމެދުވެރިވެއްޖެނަމަ އެ ހާލަތުތަކުގައި ކޮންމެހެން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ގަވާއިދަށް އަމަލުކުރަން ފެށުމަށް މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އޮތޯރިޓީން ދޭންވާނެއެވެ.

(ރ) އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަންވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައެވެ. އަދި އެ ހިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްދެވިފައިވާ ފަރާތް ނޫން ފަރާތެއް ކަމުގައިވާނަމަ، އެ ހިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި އެ ހިދުމަތެއް، ހިދުމަތް ފޯރުކޮށްދޭ ފަރާތުގައި ރަޖިސްޓްރީކުރެވިދާނެއެވެ. އަދި މިކަން ކުރުމުގެ އެންމެހައި އުސޫލުތަކާއި ހަމަތައް ބަޔާންކުރާ ގަވާއިދެއް އޮތޯރިޓީން އެކުލަވާލަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އާންމު ބޭނުންތަކުގެ ހިދުމަތް އެއްވެސް ފަރާތަކުން ރަޖިސްޓްރީކޮށްފިނަމަ، އެ ހިދުމަތް ރަޖިސްޓްރީކުރި މުއްދަތަކަށް އެ ހިދުމަތަކަށް ހިނގާ ހަރަދުގެ ޒިންމާ އުފުލާނީ އެ ހިދުމަތް ރަޖިސްޓްރީކޮށްދެވިފައިވާ ފަރާތަކުންނެވެ.

 

2 ވަނަ މާއްދާ - މި ގާނޫނުގެ 1 ވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލަންވާނެއެވެ.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2020-26)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު