-

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2020-26) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2026-09)

(މި ގާނޫނަށް އަމަލުކުރަން ފެށީ 23 އޮގަސްޓް 2026 ގައި)

 

ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ޓ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ޓ) މި ޤާނޫނުގެ ދަށުން ނުވަތަ އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ޤާނޫނެއްގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން އޮތޯރިޓީން ކުރަންޖެހޭ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުމާއ،ި އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމާގުޅޭ އެނޫންވެސް ކަންކަން، މި ޤާނޫނާއި އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ޤާނޫނުތަކާ ނުވަތަ އެނޫންވެސް ކަމާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިންތިޒާމުކުރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ބޯޑު އެކުލެވިގެންވަނީ، މަޤާމުގެ ހައިސިއްޔަތުން ބޯޑަށް އައްޔަންކުރާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާއެކު، 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ފިޔަވައ،ި އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ބޯޑަށް އައްޔަންކުރަންވާނީ، އަންނަނިވި ދާއިރާތަކުން ަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންގެ ތެރެއިން، އެއިން ކޮންމެ ދާއިރާއަކުން 1 (އެކެއް) މެންބަރެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ނަންބަރެއް އިތުރުކުރުން.

(6) ޤާނޫނީ ދާއިރާ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ފިޔަވައ،ި މި މާއްދާގެ ދަށުން ބޯޑުގެ މެންބަރުންގެ ގޮތުގައި އައްޔަންކުރާ ކޮންމެ މެންބަރަކު އައްޔަންކުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ ދައުރަކަށެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސ،ް މި ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ބޯޑުގެ މެންބަރުކަމުން ވަކިކުރެވޭ މެންބަރުން ފިޔަވައި އެހެން ކޮންމެ މެންބަރަކު، އެއް ދައުރަށްވުރެ ގިނަ ދައުރަށް ބޯޑުގެ މެންބަރުކަމަށް އައްޔަންކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންކަމުގެ މަޤާމަން، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ފިޔަވައި ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރަކު، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ. 

 

8 ވަނަ މާއްދާ -  ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ބޯޑުގެ ޖަލްސާއެއް ބޭއްވޭނީ، ބޯޑުގެ ޗެއަރޕަރސަން ހިމެނޭގޮތުން ބޯޑުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތާ އެއްވަރުގެ އަދަދަކަށް މެންބަރުންޗހާޒިރުވުމުންނެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ބޯޑުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތާ އެއްވަރުގެ އަދަދެއްގެ މެންބަރުން ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާނަމަ، އެކަން ސަބަބު ބަޔާންކޮށް ބޯޑުގެ ޗެއަރޕަރސަނަށް ހުށަހެޅިދާނެއެވެ. އަދި ބޯޑުގެ ޗެއަރޕަރސަނަށް އެ ނޯޓިސް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ނޯޓިހުގައި ހުށަހަޅާފައިވާ ގޮތުގެމަތިން ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ޅ) ބޯޑުން ނިންމާ އެއްވެސް ކަމެއްގައި ވޯޓުލުމުގެ ހައްޤު ޗީފް އެގްޒެކެޓިވްއަށް ލިބިގެންނުވެއެވެ.

 

11 ވަނަ މާއްދާ - މި ޤާނޫނުގެ 4 ވަނަ މާއްދާއިން ބުނެވިދިޔަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) އަށް ގެނެވޭ އިސްލާހާ ގުޅިގެން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް އައްޔަންކުރަންޖެހޭ މެންބަރު، މި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - މި ޤާނޫނަށް އަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަސްދީޤުކޮން، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 2020-26)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު