-

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ސުލޫކާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2021-140)

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ށ) ގެ (3) ގެ ދަށުން ހަދައިފައިވާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތައް ބަޔާންކުރާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މިި ގަވާއިދުގެ މަގްސަދަކީ، ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ މެންބަރަކުވެސް، ގާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށް، ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ އިމުގެ ތެރޭގައި އޭނާގެ ސުލޫކު ހިފެހެއްޓުމެވެ.

 

3 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ ސިޔާސަތުތައް

ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ މެންބަރަކުވެސް، އޭނާގެ ވާޖިބު އަދާކުރުމުގައި އަމަލުކުރަންޖެހޭ ބޯޑުގެ މައިގަނޑު ސިޔާސަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރު އެކަށައަޅާ ސިޔާސަތުތަކާ ފުށުނާރާ ގޮތަށް އަމަލުކުރުން؛

(ށ) ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތަކާ ފުށުނާރާގޮތަށް އަމަލުކުރުން.

 

4 ވަނަ މާއްދާ - ނުފޫޒުން އެއްކިބާވުން

(ހ) ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ މެންބަރަކުވެސް، އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަމާއި ނިންމަންޖެހޭ އެންމެހައި ނިންމުންތައް ނިންމަންވާނީ، ވަކި ފަރާތަކަށް ބުރަނުވެ، ނުފޫޒުން އެއްކިބާވެތިބެއެވެ.

(ށ)  ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރަކު، ގާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގައި ވަކި ފަރާތަކަށް ބުރަވެވިދާނެފަދަ ގޮތެއްގައި، އެއްވެސް ބާވަތެއްގެ ހަދިޔާއެއް، ނުވަތަ މަންފާއެއް ލިބޭފަދަ ކަމެއް، އޭނާގެ އަމިއްލަ ނަމުގައި، ނުވަތަ އޭނާ ކައިވެނިކޮށްގެންއުޅޭ މީހެއްގެ ނަމުގައި، ނުވަތަ އޭނާގެ ދަރިއެއްގެ ނަމުގައި، ނުވަތަ ގާތްތިމާގެ މީހެއްގެ ނަމުގައި ނުވަތަ ވިޔަފާރީގެ ގޮތުން، ނުވަތަ މާލީގޮތުން އެ މީހަކާ ގުޅުމެއް އޮތް މީހެއްގެ ނަމުގައި، ނުވަތަ އެފަދަ މީހެއްގެ ދަރިއެއްގެ ނަމުގައި، 
ގަބޫލުކޮށްގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެކެވެ. އެފަދަ މައުލޫމާތެއް، ހާމަކުރަންޖެހިއްޖެ ހާލަތެއްގައި ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

(ހ)  ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއް ނުވަތަ މައްސަލައެއް، އޮތޯރިޓީން ބަލާ ހިނދު، އެކަމެއް ނުވަތަ އެ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި އޮތޯރިޓީން ބަލާ މައްސަލައަކީ، އެފަދަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމެއް ނުވަތަ މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭ ހިނދު، އެކަން ބޯޑަށް އެންގުމާއެކު،އެ ކަމެއް ނުވަތަ އެ މައްސަލައެއް ބެލުމަށް އަދި/ ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އެ މެންބަރަކު ތަނާޒުލުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މަސްލަހަތު ފުށުއެރުމުގެ މައްސަލައެއްބޯޑުގެ ޗެއަރޕަރސަނަށް މެދުވެރިވެއްޖެނަމަ، އެކަން ބޯޑަށް އެންގުމާއެކު، އެކަމެއް ނުވަތަ އެ މައްސަލައެއް ބެލުމަށް އަދި / ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން ޗެއަރޕަރސަން ތަނާޒުލުވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާފަދަ މަސްލަހަތު ފުށުއެރުމުގެމައްސަލައަކުން ބޯޑުގެ ޗެއަރޕަރސަން ނުވަތަ މެންބަރަކު ތަނާޒުލުނުވެއްޖެނަމަ، އެއީ، ގާނޫނުގެ 9 ވަނަ މާއްދާގެ ބޭނުމަށްޓަކައި އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ ހާލަތެއް ކަމުގައި ބެލެވިދާނެއެވެ.

 

7 ވަނަ މާއްދާ - އާންމު ސުލޫކީ އުސޫލުތައް

ޑިރެކަޓްރުންގެ ބޯޑުގެ ކޮންމެ މެންބަރަކުވެސް، އޭނާގެ ވާޖިބު އަދާކުރުމުގައި އަމަލުކުރަންޖެހޭ އާންމު ސުލޫކީ އުސޫލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ހާމަކަން ބޮޑުގޮތެއްގައި އަމަލުކުރުން؛

(ށ) ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުން؛

(ނ) ދައުލަތުގެ މުދަލާއި ފައިސާ ނުވަތަ އެނޫންވެސް ވަސީލަތްތައް ބޭނުންކުރުމުގައި ކަމާބެހޭގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން؛

(ރ) އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާ މުއާމަލާތުކުރަންޖެހޭ ހާލަތްތަކުގައި އިހްތިރާމާއެކު މުއާމަލާތްކުރުން.

 

8 ވަނަ މާއްދާ - ޖަވާބުދާރީވުން

ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ މެންބަރަކުވެސް، ގާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގައި އަމަލުކުރާ ކަންކަމާއި ނިންމާ ނިންމުންތަކާ ބެހޭގޮތުން މިނިސްޓަރަށް ޖަވާބުދާރީ ވާންވާނެއެވެ.

 

9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

10 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެގޮތުން ގަވާއިދަށް އިސްލާހެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ބާރު ލިބިގެންވަނީ ޑިރެކްޓަރުންގެ ބޯޑަށެވެ. ގަވާއިދަށް ގެންނަ އިސްލާހުތަކަށް އަމަލުކުރަން ފެށޭނީ، އެ އިސްލާހެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) އަށެވެ.

"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގައި ބުނާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ކަންކަން ބެލެހެއްޓުމަށްރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

"ޑިރެކްޓަރުންގެ ބޯޑު" ނުވަތަ "ބޯޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގައި ބުނެފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ.

"ޗެއަރޕަރސަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަނަށެވެ.

 

މައި ގާނޫނު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 26/2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު