-

ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2011-09) 

 

1 ވަނަ މާއްދާ – ތައާރުފު

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމޭވެށި ހިމާޔަތްކުރެވޭ،  ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެމަތިން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަގައްޔަރުވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެންދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި، ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި، ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރުއެޅުމުގެ ގޮތުންނާއި؛

(ށ) ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ޖޫރިމަނާ ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކާއި، ޖޫރިމަނާ ކަނޑައެޅުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި، ޖޫރިމަނާ ހިސާބުކުރާނެ ގޮތްތައް ބަޔާންކުރުމާއި، ޖޫރިމަނާ ކަނޑައެޅުމުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމާއި، ކުށުގެ ބާވަތަށް ރިއާޔަތްކޮށް، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު އެއްގޮތް ސިޔާސަތެއްގެ ދަށުން ފިޔަވަޅު އެޅުމަށާއި؛

(ނ) ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް މިގާނޫނު ތަންފީޒު ކުރުމަށް ހަވާލުކުރެވިފައިވާ މިނިސްޓްރީން މިގަވާއިދު ތަންފީޒު ކުރުމަށް ކަނޑައަޅާ ސަރުކާރުގެ އޮފީހެއްގައި މަސައްކަތްކުރާ ކަމާބެހޭ މުވައްޒަފުންނަށް އިރުށާދުދިނުމަށް ހަދާފައިވާ ގަވާއިދެކެވެ.

(ރ) މިގަވާއިދަކީ، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެްޓުމާބެހޭ ގާނޫނު) ގެ ދަށުން ބާރުލިބިގެން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މިގަވާއިދަށް ކިޔާނީ "ތިމާވެއްޓަށް ދޭ ގެއްލުންތަކަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯޑުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ގާނޫނު ނަންބަރު 1993-04 (ދިވެިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު)، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމާއި، އެފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމެވެ.

 

4 ވަނަ މާއްދާ – ގަވާއިދަށް އަމަލު ކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ – ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒު ކުރާނީ، މިނިސްޓްރީގެ ފަރާތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީންނެވެ.

 

6 ވަނަ މާއްދާ – މިގަވާއިދުގެ ދަށުން އިސްތިސްނާކުރެވޭ ކަންތައްތައް

ތިރީގައި ބަޔާންކުރާ ކަންކަމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް މިގަވާއިދު އިސްތިސްނާ ކުރެވޭނެއެވެ.

(ހ) ހަނގުރާމައަކުން ތިމާވެއްޓަށް ލިބޭގެއްލުން

(ށ) މިނިސްޓްރީ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިބިގެން ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތައް

(ނ) ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން އަޅާ ފިޔަވަޅުތައް

(ރ) އިމަޖެންސީ ހާލަތްތަކުގައި ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތައް.

(ބ) ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04) އަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ ކަންތައްތައް.

(ޅ) ތަންފީޒީ އިދާރާއަށް އެނގިގެން ސަރުކާރުގެ ހުއްދަ ލިބިގެން، ވަކި ށަރުތުތަކެއްގެ މަތީން ކުރާ ދިރާސާތަކާއި ތަހްލީލުތައް.

 

7 ވަނަ މާއްދާ – ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކުން ތިމާވެށި ރައްކާތެރި ކުރުން، ނުވަތަ ލިބޭ ގެއްލުން ކުޑަކުރުން

ކުރެވޭ މަސައްކަތަކުން ނުވަތަ ހިންގޭ މަޝްރޫއަކުން ތިމާވެއްޓަށް ގެއްލުމެއް ލިބޭފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ އެފަދަ ކަމެއް މެދުވެރިވެދާނެކަމަށް ލަފާކުރެވިއްޖެނަމަ، ތިރީގައި މިވާ ފިޔަވަޅުތައް ވަގުތުން އަޅަންޖެހޭނެއެވެ.

(ހ) ކުރެވޭ މަސައްކަތަކުން ނުވަތަ ހިންގޭ މަޝްރޫއަކުން ތިމާވެއްޓަށް ގެއްލުމެއް ލިބޭފަދަ ކަމެއް މެދުވެރިވެއްޖެނަމަ ތަންފީޒީ އިދާރާއަށް އެންގުމާއެކު، އެފަދަ ކަމެއް ހުއްޓުވަން ނުވަތަ ކުރިމަތިވިޔަ ނުދިނުމަށްޓަކައި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް މައުލޫމާތު މަސައްކަތް ހިންގާ ފަރާތުން، ތަންފީޒީ އިދާރާއަށް ދިނުމުން އެކަމެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް އެފަދަ ގެއްލުމެއް ކުޑަކުރުމަށް ނުވަތަ ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމުރު މަސައްކަތް ހިންގާ ފަރާތަށް ތަންފީޒީ އިދާރާއިން ނެރެންވާނެއެވެ.

(ނ) މިމާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ފިޔަވަޅުތައް އަޅަންޖެހޭ މުއްދަތުތައް ތަންފީޒީ އިދާރާއިން ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން މަސައްކަތް ހިންގާ ފަރާތުން ނުކުރުމަކީ މިގަވާއިދުގެ ދަށުން ކުށެކެވެ.

 

8 ވަނަ މާއްދާ – ތަންފީޒީ އިދާރާއިން ފިޔަވަޅުއެޅުން

މަސައްކަތް ހިންގާ ފަރާތުގެ ބަދަލުގައި ތަންފީޒީ އިދާރާއިން ތިރީގައި މިވާ ހާލަތްތަކުގައި ތިމާވެއްޓަށް ލިބޭ ގެއްލުމެއް ކުޑަކުރުމަށް ނުވަތަ ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ.

(ހ) އިމަޖެންސީ ހާލަތްތައް

(ށ) މި ގަވާއިދުގެ (7) ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފިޔަވަޅުތައް މަސައްކަތް ހިންގާފަރާތުން ނޭޅުން

(ނ) މި ގަވައިދުގެ (7) ވަނަ މާއްދާގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހިނގާ ހަރަދު މަސައްކަތް ހިންގާ ފަރާތުން ތަންފީޒީ އިދާރާއަށް ދޭންޖެހޭނެއެވެ.

(ރ) ތަންފީޒީ އިދާރާއިން މި ގަވައިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ކުރުމަށާއި، 7 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށާއި އަޅަންޖެހޭ ފިޔަވަޅު އެޅުމަށާއި 7 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅޭ މުއްދަތުގެތެރޭގައި ކަންކަން ހިނގާނުހިނގާ ގޮތް ބެލުމަށް ތަންފީޒީ އިދާރާއިންކުރާ ހަރަދު މަސައްކަތް ހިންގާ ފަރާތުން ތަންފީޒީ އިދާރާއަށް ދޭންވާނެއެވެ.

 

9 ވަނަ މާއްދާ – ސަރުކާރުގެ އިދާރާއަކުން ލިޔުމަކުން ހުއްދަލިބިގެން ކުރާ މަސައްކަތްތައް

(ހ) ސަރުކާރުގެ އިދާރާއަކުން ލިޔުމަކުން ހުއްދަލިބިގެން ނުވަތަ އިރުށާދު ލިބިގެން ކުރާ މަސައްކަތަކުން ތިމާވެއްޓަށް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވިއްޖެ ހާލަތެއްގައި މިގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެއެވެ.

(ށ) މިގަވާއިދުގެ 7 ވަނަ މާއްދާ އާއި 8 ވަނަ މާއްދާގެ ދަށުން ތިމާވެށި ރައްކާތެރިކުރުމަށް ނުވަތަ ލިބުނު ގެއްލުން ކުޑަކުރުމަށް ފިޔަވަޅުއެޅި ފަރާތަކުން ކުރާ ހަރަދުތަކުގެ ބަދަލު އެ މަސައްކަތެއް ކުރުމަށް ލިޔުމަކުން ހުއްދަދިން ސަރުކާރުގެ އިދާރާއަކުން ހޯދުމުގެ ހައްގު އެފަރާތަށް ލިގިބެންވެއެވެ.

(ނ) މިމާއްދާގެ (ނ) ގެ ދަށުން ބަދަލު ހޯދޭނީ މަސައްކަތުގެ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވާނަމައެވެ.

 

10 ވަނަ މާއްދާ – ތިމާވެއްޓަށް ލިބޭ ގެއްލުން ވަޒަން ކުރުން

މަސައްކަތް ހިންގާ ފަރާތުން ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމެއްގެ މައުލޫމާތު ތަންފީޒީ އިދާރާއަށް ލިބުމުން އެ ލިބުނު ގެއްލުމެއް ވަޒަންކޮށް، އެ ގެއްލުމަކީ ތިމާވެއްޓަށް ލިބުނު ގެއްލުމެއްކަން ނުވަތަ ނޫން ކަން ކަނޑައަޅަންވާނެއެވެ.

 

11 ވަނަ މާއްދާ – ތިމާވެށްޓަށް ލިބޭ ގެއްލުމެއްގެ ބަދަލު ހޯދުމަށް ފިޔަވަޅުއެޅުން

(ހ) މަސައްކަތް ހިންގާ ފަރާތުން ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމެއްގެ މައުލޫމާތު ތަންފީޒީ އިދާރާއަށް ލިބުމުން އެލިބުނު ގެއްލުމެއް ވަޒަންކޮށް އެ ގެއްލުމަކީ ތިމާވެއްޓަށް ލިބުނު ގެއްލުމެއްކަން ކަނޑައަޅައިފިނަމަ، އެކަމެއް ހިންގި ފަރާތެއް ހޯދާ، އެފަރާތަކަށް ތިރީގައި މިވާ އެންގުންތައް އެންގޭނެއެވެ.

  1. އެ ގެއްލުމަކީ ތިމާވެއްޓަށް ލިބުނު ގެއްލުމެއްކަން އެންގުން
  2. މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގެއްލުމަކީ، މަސައްކަތް ހިންގި ފަރާތުގެ ސަބަބުން ކުރިމަތިވި ކަމެއްކަން އެންގުން.
  3. ތިމާވެއްޓަށް ލިބުނު ގެއްލުންތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި، މިގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ގޮތަށް ތަންފީޒީ އިދާރާއަށް ހުށަހެޅުމަށް އެންގުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގުސަދުތައް ހާސިލުވާނެ ކަމަށް ތަންފީޒީ އިދާރާއަށް ނުފެނިއްޖެ ހިނދެއްގައި މިމާއްދާގެ (ހ) ގެ ދަށުން މަސައްކަތް ހިންގާ ފަރާތަށް ތަންފީޒީ އިދާރާއިން އެންގި އެންގުން އަނބުރާ ގެންދިޔުމާއި، ބަދަަލުކުރުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ.

 

12 ވަަނަ މާއްދާ – އިސްތިއުނާފު ކުރުން

މިގަވާއިދުގެ ދަށުން ތަންފީޒީ އިދާރާއިން މަސައްކަތް ހިންގާ ފަރާތަށް ހިންގާ އެންގުމަކާމެދު ތިރީގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބަކާހުރެ މިނިސްޓަރަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު މަސައްކަތް ހިންގާ ފަރާތަށް ލިބިގެންވެއެވެ.

(ހ) ތިމާވެއްޓަށް ލިބުނު ގެއްލުމަކީ، މަސައްކަތް ހިންގި ފަރާތުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމުގައި ނުވުން.

(ށ) އެ ލިބުނު ގެއްލުމަކީ ތިމާވެއްޓަށް ލިބުނު ގެއްލުމެއްކަން ކަނޑައެޅުމުގައި ތަންފީޒީ އިދާރާއިން ކަނޑައެޅި ގޮތަކީ ގަބޫލު ކުރެވޭ ގޮތެއް ކަމަށް ނުވުން.

(ނ) އެ ލިބުނު ގެއްލުމަކީ ސަރުކާރުގެ އިދާރާއަކުން އާންމުކޮށްފައިވާ އަދި އޭގެ މައްޗަށް އަމަލުކުރުމަށް ލާޒިމުކޮށްފައިވާ ގަވާއިދަކަށް ނުވަތަ ގާނޫނަކަށް އަމަލުކުރުމަށް އެޅި ފިޔަވަޅެއްގެ ތެރެއިން ހިނގި ކަމެއް ކަމުގައިވުން.

(ރ) މިނިސްޓްރީގެ ހުއްދައާއެކު ތިމާވެށި ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން މަސައްކަތް ކުރަމުން ދަނިކޮށް ތިންވަނަ ފަރާތެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމުގައިވުން.

 

13 ވަނަ މާއްދާ - މިގަވާއިދު ތަންފީޒުކުރާ ފަރާތަށް ލިބިދޭ އިހުތިޔާރުތަކާއި ބާރުތައް

(ހ) މިގަވާއިދު ތަންފީޒުކުރާ ފަރާތެއްގެ ގޮތުގައި ކަނޑައަޅާ ފަރާތަކީ، ތަންފީޒީ އިދާރާއިން މިގަވައިދުގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުމަށް ބާރާއި އިހުތިޔާރު ދީ އެކަން ލިޔުމަކުން ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތެކެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކުރާ ފަރާތަށް ތިރީގައި މިދަންނަވާ ކަންތައްތައް ކުރުމުގެ އިހްތިޔާރާއި ބާރު މިގަވާއިދުގެ ދަަށުން ލިބިދެއެވެ.

  1. މަސައްކަތް ހިނގަމުންދާ ނުވަތަ ހިނގާފައިވާ ސަރަހައްދަކަށް ވަދެ، ބަލައި ފާސްކުރުން.
  2. ބަލަންޖެހޭ ލިޔެކިޔުންތަކާއި ލިޔުންތަކުގެ ކޮޕީ ނެގުމާއި ހޯދަންޖެހޭ ހޯދުންތައް ހޯދުން.
  3. މަސައްކަތް ހިނގަމުންދިޔަ ނުވަތަ ހިނގާފައިވާ ސަރަހައްދަށް އިތުރު ބަދަލެއް ނުގެނައުމަށް އެންގުން.
  4. ފޮޓޯ ނެގުމާއި ވީޑިއޯކުރުމާއި އަޑު ރިކޯޑުކުރުން.
  5. އެސަރަހައްދުން ނުވަތަ އެސަރަހައްދަކާ އިންވެގެން ހުންނަ ތަނަކުން ހޯދުންތަކަށް ބޭނުންވާ ސާމްޕަލް ނެގުން.
  6. އެސަރަހައްދެއްގައި އޮތް ނުވަތަ ހުރި ދިރުންހުރި ނުވަތަ ދިރުން ނެތް އެއްޗެއްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމެއް އިތުުރަށް ބޮޑުވެގެން ދާނެކަމަށް ފެނިއްޖެ ހާލެއްގައި އެއެއްޗެއް މަސައްކަތް ނުކުރާގޮތް ހެދުން ނުވަތަ ރޫޅާލުން ނުވަތަ ނައްތާލުން ނުވަތަ ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނައުން.
  7. އެލިބުނު ގެއްލުމަކާ ގުޅޭ ގޮތުން ނަގަންޖެހޭ ބަޔާންނެގުމާއި، ބަޔާނުގައި ސޮއި ކުރުވުމާއި އިނގިލީގެ ނިށާން ނެގުން.

 

14 ވަނަ މާއްދާ – ތަންފީޒީ އިދާރާއަށް މައުލޫމާތު ދިނުން

މިގަވާއިދުގެ ދަށުން ހޯދަންޖެހޭ ހޯދުމަކަށް ނުވަތަ ބަލަންޖެހޭ ބެލުމަކަށް މައުލޫމާތު ހޯދުމުގެ ގޮތުން ތަންފީޒީ އިދާރާއިން ސުވާލުކުރަންޖެހޭ ފަރާތަކުން، އެފަރާތެއްގެ ބާރުގެ ދަށުގައިވާ ނުވަތަ އެފަރާތަކަށް އެނގޭ ކަމާބެހޭ ތެދު މައުލޫމާތު ތަންފީޒީ އިދާރާއަށް ދޭންވާނެއެވެ.

 

15 ވަނަ މާއްދާއަދަބު ކަނޑައެޅުން

(ހ) ފަރުދަކު މިގަވާއިދާ ހިލާފުވެއްޖެ ކަމަށް ސާބިތުވެއްޖެނަމަ، މިގަވާއިދުގެ ދަށުން އަމަލު ކުރެވޭނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. ގަވާއިދާ ހިލާފުވި ކުޑަބޮޑުމިނަށް ބަލައި މިގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން ޖޫރިމަނާކުރުން.
  2. ޖަދުވަލު 5 ގައި ބަޔާން ކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށް އިންކާރު ކުރުމާއިި ތަންފީޒީ އިދާރާއަށް ދޭންޖެހޭ އެއްބާރުލުން ނުދިނުމާއި ތަކުރާރުކޮށް ތިމާވެށީގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުވެއްޖެނަމަ މައްސަލަ ށަރީއަތަށް ހުށަހެޅުން.

(ށ) ކުންފުންޏެއް ނުވަތަ މުއައްސަސާއެއް މިގަވާއިދާ ހިލާފުވެއްޖެ ކަމަށް ސާބިތުވެއްޖެނަމަ، މިގަވާއިދުގެ ދަށުން އަމަލު ކުރެވޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. ގަވާއިދާ ހިލާފުވީ ކުންފުންޏެއްނަމަ، އެކުންފުންޏެއް އަދި މަސައްކަތް ތަންފީޒު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް ކުށުގެ ކުޑަބޮޑުމިނަށް ބަލައި މިގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން ޖޫރިމަނާކުރުން.
  2. ގަވާއިދާ ހިލާފުވީ މުއައްސަސާއެއްނަމަ، އެ މުއައްސަސާއެއްވެސް ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން ޖޫރިމަނާކުރުން.
  3. ގަވާއިދާ ހިލާފުވީ ކުންފުންޏެއް ނަމަ އެކުންފުނިން ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް އިންކާރުކުރުމާއި ތަންފީޒީ އިދާރާއަށް ދޭންޖެހޭ އެއްބާރުލުން ނުދިނުމާއި ތަކުރާރުކޮށް ތިމާވެށީގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުވެއްޖެނަމަ ކުންފުނީގެ މައްސަލަ ށަރީއަތަށް ހުށަހެޅުން.
  4. ގަވާއިދާ ހިލާފުވީ މުއައްސަސާއެއްނަމަ، އެމުއައްސަސާއިން ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް އިންކާރުކުރުމާއި ތަންފީޒީ އިދާރާއަށް ދޭންޖެހޭ އެއްބާރުލުން ނުދިނުމާއި ތަކުރާރުކޮށް ތިމާވެށީގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ހިލާފުވެއްޖެނަމަ އެ މުއައްސަސާގެ މައްސަލަ ށަރީއަތަށް ހުށަހެޅުން، އަދި އެ މުއްސަސާއެއް ޖަވާބުދާރީ ކުރުވާ ފަރާތަކީ ރައްޔިތުންގެ މަޖިލިސްކަމުގައިވާނަމަ އެ މުއައްސަސާއެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަަށް ހުށަހެޅުން.

(ނ) މިގަވާއިދުގެ ދަށުން ގަވާއިދާ ހިލާފުވި ފަރާތްތަކާއި އެފަރާތްތަކަށް އެޅުނު ފިޔަވަޅު ތަންފީޒީ އިދާރާއިން އާންމުކުރަން ޖެހޭނެއެވެ.

 

16 ވަނަ މާއްދާޖޫރިމަނާ ކަނޑައެޅުން

މިގަވާއިދުގެ ދަށުން ޖޫރިމަނާ ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ބެލެވޭނެއެވެ.

(ހ) ގަވާއިދާ ހިލާފަށް ކުރި މަސައްކަތެއްގެ ސަބަބުން އެމަސައްކަތެއް ހިންގި ފަރާތަކަށް ލިބުނު މާލީ ފައިދާ (މިގަވާއިދުގެ ޖަދުވަލު 1)

(ށ) ގަވާއިދާ ހިލާފުވި ކުޑަބޮޑު މިން. (މިގަވާއިދުގެ ޖަދުވަލު 2)

(ނ) ގަވާއިދާ ހިލާފުވި ކަމެއް ތަންފީޒީ އިދާރާއިން ބެލުމުގައި ގަވާޢިދާ ހިލާފުވި ފަރާތުން އެއްބާރުލުން ދިން މިންވަރު (ޖަދުވަލު 3)

(ރ) އެފަރާތަކުން ގަވާއިދާ ހިލާފަށް ތަކުރާރުކޮށް ކަންކަން ކޮށްފައިވާ މިންވަރު (ޖަދުވަލު 4)

(ބ) ގަވާއިދާ ހިލާފަށް ހިނގި ކަމަކީ ގަސްތުގައި ހިންގި ކަމެއްކަން ނުވަތަ ފަރުވާކުޑަވުމުގެ ސަބަބުން ހިނގާފައިވާ ކަމަކަށްވުން.

(ޅ) ގަވާއިދާ ހިލާފަށް ކުރެވުނު ކަމެއް ރަނގަޅުކުރުމަށް ގަވާއިދާ ހިލާފުވި ފަރާތުން ކޮށްފައިވާ މަސައްކަތް

(ކ) ގަވާއިދާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުން (ޖަދުވަލު 5)

 

17 ވަނަ މާއްދާ – ބަދަލު ހޯދުން

ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ބަދަލު، ށަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ – ގަވާއިދަށް ބަދަލުގެނައުން

މި ގަވާއިދުގައިވާ ކަންކަމަށް ބަދަލުގެނައުމުގެ ފުރިހަމަ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިނިސްޓްރީން، މި ގަވާއިދަށް އެއްވެސް އިސްލާހެއް ގެންނަން ޖެހިއްޖެނަމަ އެ އިސްލާހެއް ގެނައުމަށްފަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭނެއެވެ.

 

19 ވަނަ މާއްދާ – މާނަކުރުން

މިނިސްޓްރީ: މިނިސްޓްރީއަކީ، ތިމާވެއްޓާބެހޭ މެންޑޭޓް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ސަރުކާރުގެ ވުޒާރާއެވެ.

މިނިސްޓަރ: މިނިސްޓަރަކީ، ތިމާވެއްޓާބެހޭ މެންޑޭޓް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ވަޒީރެވެ.

ހިމާޔަތްކޮށްފައިވާ ތަކެއްޗާއި ސަރަހައްދުތައް: ހިމާޔަތްކޮށްފައިވާ ތަކެއްޗާއި ސަރަހައްދުތަކަކީ، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 4 ވަަނަ މާއްދާގެ ދަށުން ހިމާޔަތްކޮށްފައިވާ ތަކެއްޗާއި ސަރަހައްދުތަކެވެ.

ތަންފީޒީ އިދާރާ: ތަންފީޒީ އިދާރާއަކީ، އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އޭޖެންސީއެވެ.

ތަންފީޒީ އިދާރާއަށް އެންގުން: ތަންފީޒީ އިދާރާއަށް އެންގުމަކީ، ސިޓީ، ފެކުސް ނުވަތަ އީމެއިލްގެ ޒަރީއާއިން އެންގުމެވެ.

ދިރޭތަކެތި: ދިރޭތަކެއްޗަކީ، ދިރުންހުރި ހުރިހާ ބާވަތްތަކެވެ.

މަސައްކަތް ހިންގާ ފަރާތް: މަސައްކަތް ހިންގާ ފަރާތަކީ، މަސައްކަތުގެ ވެރިފަރާތެވެ.

މަސައްކަތް ކުރާ ފަރާތް: މަސައްކަތެއް ކޮންޓްރެކްޓެއްގެ ދަށުން އަމަލީގޮތުން މަސައްކަތް ތަންފީޒުކުރުމަށް ހަވާލުވެފައިވާ ފަރާތެވެ.

އިމަޖެންސީ ހާލަތް: އިމަޖެންސީ ހާލަތަކީ، ކާރިސާތައް ކުރިމަތިވެގެންއުޅޭ ދަނޑިވަޅުތަކާއި ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާ ހާލަތްތަކެވެ.

ގެއްލުން ލިބުން: ގެއްލުން ލިބުމަކީ، ތިމާވެއްޓަށް ގެއްލުމެއް ލިބޭފަދަ އެއްވެސްކަމެއް ކުރުން ނުވަތަ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ދިރުންހުރި ނުވަތަ ދިރުންނެތް އެއްޗެއް ހިފުން، ނެގުން، ގެންގުޅުން އަދި ގޯނާކުރުމެވެ. އަދި ގުދުރަތީ މާހައުލަށް ބަދަލު ގެނައުމެވެ.

ވިހަ: ވިހައަކީ، ތިމާވެއްޓަށާއި އިންސާނުންނަށާއި އެހެނިހެން ދިރުންތަކަށް ގެއްލުންދޭ މާއްދާތަކެވެ.

ކޮންސަލްޓަންޓް: ކޮންސަލްޓަންޓަކީ، އީ.އައި.އޭ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކެވެ.

ރޭޓް: ރޭޓަކީ، ސެންްޓްރަލް ބޭންކް، ދިވެހިރާއްޖޭގައިނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިސްކައުންޓް ރޭޓުގެ އެންމެ މަތީ އަދަދެކެވެ.

ފަރުދު: މިގަވާއިދުގެ ބޭނުމަށް 'ފަރުުދު' ކަމުގައި ބަލާނީ، އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަމެއް ހަމަޖެއްސުމަށް މަސައްކަތްކުރާ ފަރާތެއް. 'ފަރުދުގެ' މާނައިގެ ތެރޭގައި ވިޔަފާރީގެ ބޭނުމަކަށް މިއިންކަމެއް ކުރާ އެއްވެސް ފަރާތެއް ނުހިމެނޭނެއެވެ.

 

 

ތިމާވެއްޓަށް ދޭގެއްލުންތަކަށް ބަދަލު ހޯދުމުގެ ގަވާއިދު

ޖަދުވަލުތައް

 

(ޖަދުވަލު 1)

ތިމާވެއްޓަށް ގެއްލުންވާ ކަމެއް ކުރި ފަރާތަކަށް ޖޫރިމަނާ ކަނޑައެޅުމުގައި ބަލާނެ ފުރަތަމަ މިންގަނޑަކީ، ގަވާއިދާ ހިލާފަށް ކުރި ކަމެއްގެ ސަބަބުން އެފަރާތަކަށް ލިބުނު މާލީ މަންފާއަށް ބިނާކޮށްގެންނެވެ. މިގޮތުން މީގެތެރޭގައި އެކުލެވޭ ބައިތަކަކީ؛

  1. ގަވާއިދާ އެއްގޮތަށް އެމަސައްކަތައް ކުރުމަށް ކުރަންޖެހޭ ހަރަދު، ފަސްކުރުމުގެ ސަބަބުން ނުވަތަ އެހަރަދެއް ނުކޮށް ދޫކޮށްލުމުގެ ސަބަބުން ލިބުނު މާލީ މަންފާ.
  2. މާލީ މަންފާ ހިސާބުކުރުމުގައި ބަލާނީ، ގަވާއިދާ އެއްގޮތަށް އެ މަސައްކަތެއް ކުރުމަށް ކުރަންޖެހޭ ކެޕިޓަލް ހަރަދާއި، ކެޕިޓަލް ނޫން ހަރަދުގެ އަހަރަކަށް ޖެހޭ ރޭޓުން، ގަވާއިދާ ހިލާފުވިި މުއްދަތަށްޖެހޭ މިންވަރު (މިރޭޓު ކަނޑައަޅާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ ލެންޑިންގ ރޭޓުގެ އެންމެ މަތީ ރޭޓުންނެވެ.
  3. ގަވާއިދާ ހިލާފުވެގެން އެފަރާތަކުން ކުރި ކަމަކުން ނުވަތަ މަސައްކަތަކުން އެފަރާތަކުން ހޯދި ފައިދާ. މިބައިގެ ދަށުން އެފަރާތަކުން ގަވާއިދާ ހިލާފުވެގެން ހޯދާފައިވާ މުދާ އެކުގައި ދައުލަތަށް ނެގުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ.
  4. ގަވާއިދުގެ ދަށުން ކަނޑައެޅޭ ޖޫރިމަނާ، 30 ދުވަހުގެ ތެރޭގައި ތަންފީޒީ އިދާރާއަށް ދައްކަންޖެހޭނެއެވެ.

 

 

(ޖަދުވަލު 2)

ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ކުޑަބޮޑުމިން ބަލައި، ޖޫރިމަނާ ކަނޑައަޅާނީ، އަންނަނިވި ބައިތަކުގެ މައްޗަށް ރިއާޔަތްކޮށްގެންނެވެ.

  1. ގެއްލުން ލިބުނު ސަރަހައްދު ބަލާ މިންގަނޑު.


    ގެއްލުނު ބާވަތް

    ގެއްލުން ބަލާ މިންގަނޑު

    ފަޅުކޮނުން

    ކޮޑިމީޓަރުން

    ބިންގަނޑު ކޮނުން

    ކޮޑިމީޓަރުން

    ބިންހިއްކުން/ ފަޅު ހިއްކުން

    ކޮޑިމީޓަރުން

    ވެލި/ ކިސަޑުއެޅުން

    ކޮޑިމީޓަރުން

    ނެރުކެނޑުން

    ކޮޑިމީޓަރުން

    ތޮށިލުން/ ތޮށިނެގުން

    އަކަމީޓަރުން

    ފަރުގޮއްވުން

    އަކަމީޓަރުން

    ވައި ތަގައްޔަރުކުރުން

    ކޮޑިމީޓަރުން (މާހައުލަށް ބޭރުކުރި މާއްދާގެ ވޮލިޔުމް)

    ބިމުގެ ފެން ތަގައްޔަރުކުރުން

    ކޮޑިމީޓަރުން

    މޫދު/ކަނޑު ތަގައްޔަރުކުރުން

    ކޮޑިމީޓަރުން

    ބިންގަނޑު ތަގައްޔަރުކުރުން

    ކޮޑިމީޓަރުން

    ކުނިއެޅުން

    އަކަމީޓަރުން

       
  2. ގެއްލުން ލިބުނު ސަރަހައްދުގެ ކުޑަބޮޑުމިން.


    ގެއްލުން ލިބުނު ސަރަހައްދުގެ ކުޑަބޮޑުމިން (އަކަމީޓަރުން)

    ޖޫރިމަނާއަށް އިތުރުކުރެވޭ އަދަދު (ރުފިޔާ)

    0-5

    55،900 (A) (ފަންސާސް ފަސްހާސް ނުވަސަތޭކަ)

    5 އަކަމީޓަރަށް ވުރެ އިތުރުވާ ކޮންމެ އަކަމީޓަރަކަށް

    12،600 (B) (ބާރަހާސް ހަސަތޭކަ)

       

    ގެއްލުން ލިބުނު ސަރަހައްދުގެ ކުޑަބޮޑުމިން (ކޮޑިމީޓަރުން)

    ޖޫރިމަނާއަށް އިތުރުކުރެވޭ އަދަދު (ރުފިޔާ)

    0-5

    83،525 (A) (އަށްޑިހަ ތިންހާސް ފައްސަތޭކަ ފަންސަވީސް)

    5 ކޮޑިމީޓަރަށްވުރެ އިތުރުވާ ކޮންމެ ކޮޑިމީޓަރަކަށް

    18،000 (B) (އަށާރަހާސް)



  3. ގެއްލުން ލިބުނު ސަރަހައްދުގެ ބާވަތް.

     ގެއްލުން ލިބުނު ސަރަހައްދުގެ ބާވަތް

    ޖޫރިމަނާ އަށް އިތުރު ކުރެވޭ އަދަދު (ރުފިޔާ)

     0-5 އަކަމީޓަރ

     5 އަކަމީޓަރަށް ވުރެ އިތުރުވާ ކޮންމެ އަކަމީޓަރަކަށް

    ޗަސްބިން / ކުޅި / ފާތައް

    A*5

    B*5

    ވެޖިޓޭށަން ކަވަރ

    A*4

    B*4

    ހޭޅިފަށް

    A*4

    B*4

    10%-0% ދިރޭ މުރަކަ ހިމެނޭ ސަރަހައްދެއްނަމަ

    A*2

    B*2

    50%-11% ދިރޭ މުރަކަ ހިމެނޭ ސަރަހައްދެއްނަމަ

    A*3

    B*3

    50% އަށް ވުރެ ގިނައިން ދިރޭ މުރަކަ ހިމެނޭ ސަރަހައްދެއްނަމަ

    A*5

    B*5

    އެންދަމާ ސަރަހައްދެއްނަމަ

    A*5

    B*5

    ހިމާޔަތްކޮށްފައިވާ ސަރަހައްދެއްނަމަ

    A*5

    B*5

    ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗެެއްެގެ ބްރީޑިންގ ގްރައުންޑެއްނަމަ

    A*5

    B*5

     

  4. ގެއްލުން ލިބުނު ތަކެތީގެ އަދަދު

    ގެއްލުން ލިބުނު ދިރޭތަކެތީގެ އަދަދު

    ޖޫރިމަނާއަށް އިތުރުކުރެވޭ އަދަދު (ރުފިޔާ)

    1 (އެކަތިނަމަ)

    20،000 (ވިހިހާސް)

    އިތުރުވާ ކޮންމެ ދިރޭއެއްޗަކަށް

    25،000 (ފަންސަވީސްހާސް)

    ހިމާޔަތްކޮށްފައިވާ އެއްޗެއްނަމަ

    ކަނޑައެޅިފައިވާ އަދަދުގެ އިތުރަށް ކޮންމެ އެއްޗަކަށް 10،000 (ދިހަހާސް)

     

  5. ރައްކާތެރިކޮށްފައިވާ ވަސީލަތެއް ބޭނުންކޮށްފައިވާ މިންވަރު.


  6. ތިމާވެއްޓަށް ގެއްލުން ލިބުނީ ވިހައެއްގެ (ޑެފިނިށަން) ޒަރީއާއިން ކަމަށްވާނަމަ، އެ ވިހައިގެ ސަބަބުން އަސަރުކުރި ސަރަހައްދާއި އެ ވިހައެއްގެ ބާވަތާއި ވިހައެއްގެ ބާރު.


  7. ގަވާއިދާ ހިލާފަށް ހޭދަވި މުއްދަތު: މިގޮތުން ހޭދަވި މުއްދަތަށް ޖޫރިމަނާ ކަނޑައަޅާނީ، ތިރީގައިވާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 


    ގަވާއިދާ ހިލާފުވި މުއްދަތު (މަހުން)

    ޖޫރިމަނާ އަށް އިތުރު ކުރެވޭ އަދަދު (ރުފިޔާ)

    0-1

    63،750 (ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ ފަންސާސް)

    2-3

    102،000 (އެއްލައްކަ ދެހާސް)

    4-6

    153،000 (އެއްލައްކަ ފަންސާސްތިންހާސް)

    7-12

    191،250 (އެއްލައްކަ ނުވަދިހައެއްހާސް ދުއިސައްތަ ފަންސާސް)

    13-18

    225،000 (ދެލައްކަ ފަންސާސްފަސްހާސް)

    19-24

    318،750 (ތިންލައްކަ އަށާރަހާސް ހަތްސަތޭކަ ފަންސާސް)

    24 މަހަށްވުރެ އިތުރު ވެއްޖެނަމަ

    318،750 (ތިން ލައްކަ އަށާރަހާސް ހަތްސަތޭކަ ފަންސާސް) ގެ އިތުރުން އިތުރުވާ ކޮންމެ މަހަކަށް 63،750 (ފަސްދޮޅަސް ތިންހާސް ހަތްސަތޭކަފަންސާސް)

     


    (ޖަދުވަލު 3)

    މިގަވާއިދުގެ ދަށުން، ގަވާއިދާ ހިލާފުވި ފަރާތެއް ޖޫރިމަނާ ކަނޑައެޅުމުގައި، ގަވާއިދާ ހިލާފުވި ފަރާތުން އެކަމަކަށް އެއްބާރުލުން ދިން މިންވަރުގެ މައްޗަށް ބަލައި ޖޫރިމަނާގެ އަދަދު ކުށަކުރުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ. މި ގަވާއިދުގެ ދަށުން އެއްބާރުލުން ދިންކަމަކަށް ބެލެވޭނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.

    (ހ) ގަވައިދާ ހިލާފަށް ހިނގި ކަމެއްގެ މައުލޫމާތު ތަންފީޒީ އިދާރާއަށް ލަސްނުކޮށް ދިނުން

    (ށ) ގަވާއިދާ ހިލާފަށް ހިނގި ކަމެއް ރަނގަޅު ކުރުމަށް އަމިއްލައަށް އިންނެގި މިންވަރު.



    (ޖަދުވަލު 4)

    މި ގަވާއިދުގެ ދަށުން އެފަރާތަކުން ގަވާއިދާ ހިލާފަށް ތަކުރާރުކޮށް ކަންކަން ކޮށްފައިވާ މިންވަރު ބަލާނީ، އަންނަނިވި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށްގެންނެވެ.

    (ހ) ކުރިން ގަވާއިދާ ހިލާފަށް ކަމެއް ކޮށްފައިވާނަމަ، އެކަމަކާއި ފަހުން ގަވާއިދާ ހިލާފަށް ކުރި ކަމަކާ ހުރި އެއްގޮތްކަން.

    (ށ) ކުރިން ގަވާއިދާ ހިލާފަށް ކަމެއް ކޮށްފައިވާނަމަ، އެކަމެއް ކުރި ފަހުން ހިނގާފައިވާ މުއްދަތު.

    (ނ) ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކުގެ އަދަދު.

    (ރ) ގަވާއިދާ ހިލާފަށް ކުރިން ކޮށްފައިވާ ކަމަކާ ގުޅޭގޮތުން ގަވާއިދާ ހިލާފުވި ފަރާތުން އަމަލުކޮށްފައިވާ ގޮތް.


     

    (ޖަދުވަލު 5)

    ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުމުގެ ސަބަބުން ޖޫރިމަނާއަށް އިތުރު ކުރެވޭ މިންވަރު ކަނޑައަޅާނީ، ތިރީގައި މިވާ ތަވަލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

    ޖޫރިމަނާއަށް އިތުރުކުރެވޭ އަދަދު (ރުފިޔާ)

    ކުށުގެ ބާވަތް

    191،250 (އެއްލައްކަ ނުވަދިހައެއްހާސް ދުއިސައްތަ ފަންސާސް)

    ތަންފީޒީ އިދާރާއަށް ރިޕޯޓް ނުކުރުން

    63،750 (ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ ފަންސާސް)

    ލަހުން ރިޕޯޓް ކުރުން

    102،000 (އެއްލައްކަ ދެހާސް)

     

    ރިޕޯޓު ކުރުމުގައި މައުލޫމާތު ފުރިހަމަނުވުން ނުވަތަ ސައްހަނުވުން.

    191،250 (އެއްލައްކަ ނުވަދިހައެއްހާސް ދުއިސްތަ ފަންސާސް)

    ހުންނަންޖެހޭ ލިޔެކިޔުންތައް ނެތުން ނުވަތަ ފުރިހަމަ ނުވުން

    191،250 (އެއްލައްކަ ނުވަދިހައެއްހާސް ދުއިސްތަ ފަންސާސް)

    ނަގަންޖެހޭ ހުއްދަތައް ނެތުން

    63،750 (ފަަސްދޮޅަސް ތިންހާސް ހަތްސަތޭކަ ފަންސާސް)

    އަންގާ އެންގުންތަކަށް ގަވާއިދުން އަމަލުކުރަމުން ނުދިޔުން

    191،250 (އެއްލައްކަ ނުވަދިހައެއްހާސް ދުއިސައްތަ ފަންސާސް)

    ހުށަހަޅަންޖެހޭ ރިޕޯޓްތައް ގަވާއިދުން ހުށަނޭޅުން

    102،000 (އެއްލައްކަ ދެހާސް)

    ހުށަހަޅަންޖެހޭ ރިޕޯޓް ފުރިހަމަނުވުން

    63،750 (ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ ފަންސާސް)

    ހުށަހަޅަންޖެހޭ ސުންގަޑިއަށްވުރެ ފަހުން ރިޕޯޓް ހުށަހެޅުން



    (ޖަދުވަލު 6)

    ތިރީގައިވާ މައުލޫމާތަކީ މަސައްކަތް ހިންގާ ފަރާތުން ތަންފީޒީ އިދާރާއަށް ހުށަހަޅަންޖެހޭ މައުލޫމާތެވެ.

    1. ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ތައާރުފު

    2. ގެއްލުން ކުޑަކުުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް

    3. ކަމާބެހޭ ފަންނީ ކުރެހުންތަކާއި ފޮޓޯތަކާއި ވީޑިއޯތަކާ އަދި ޗާޓުތައް

    4. އެކަމަށް ހިނގާ ހަރަދުގެ ތަފުސީލު

    5. ތަންފީޒު ކުރުމަށް ރަވާފައިވާގޮތުގެ ތާވަލު

    6. މަސައްކަތް ހިނގާނުހިނގާ ގޮތް ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ ކޮންސަލްޓަންޓުގެ މައުލޫމާތު.

    7. މިނޫންވެސް ކަމާގުޅެ އިތުރު މައުލޫމާތު

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04)

 

ގުޅުންހުރި ގަވާއިދު

ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމާއި އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލު (އުސޫލު - 6 ޖޫން 2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު