-

ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2013-15)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 އެޕްރީލް 2013 ގައ)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތިން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ތައައްޔަރުވިޔަ ނުދިނުމާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި، ގުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރުއެޅުމުގެ ގޮތުންނާއި،

(ށ) ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން، ފަޅު ފުންކުރުމާއި ބިންހިއްކުމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އުސޫލުތައް ކަނޑައެޅުމަށް ތައްޔާރުކޮށްފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު" އެވެ. 

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު)، ގެ 3 ވަނަ މާއްދާގެ ދަށުން، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ސަބަބުން ތިމާވެށްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އުސޫލުތައް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން 

މި ގަވާއިދު ތަންފީޒު ކުރާނީ، މިނިސްޓްރީގެ ފަރާތުން އެންވަޔަރަންމަންޓަލް ޕޮރޮޓެކްށަން އޭޖެންސީންނެވެ. 

 

6 ވަނަ މާއްދާ -  ފަޅު ފުންކުރުމާއި ބިން ހިއްކުމަށް ހުއްދަދިނުން

ފަޅު ފުންކުރުމާއި ބިން ހިއްކުމަށް ހުއްދަދިނުމުގައި އަމަލުކުރާނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.

(ހ) ފަޅު ފުންކުރުމަށް ނުވަތަ ބިން ހިއްކުމަށް ބޭނުންވެއްޖެ ހިނދެއްގައި، މިގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަޅު ފުންކުރެވިދާނެ އަދި ބިން ހިއްކިދާނެ ހާލަތްތަކަށް ރިއާޔަތްކޮށް އެ މަސައްކަތުގެ ތަފުސީލާއި، ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން، ބިން ހިއްކުމަށް ނުވަތަ ފަޅު ފުންކުރުމަށް ކޮންމެހެން ބޭނުންވާ ސަބަބު ތަފުސީލުކޮށް ބަޔާންކޮށް ތަންފީޒީ އިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި މިތަފުސީލުތަކާއެކު ހިއްކަން ނުވަތަ ފުންކުރަން ހުށަހަޅާ ސަރަހައްދު ހިއްކުމުގެ ކުރިން އޮތްގޮތާއި ހިއްކުމަށްފަހު އޮންނާނެގޮތް ދައްކުވައިދޭ ޖިއޯރިފަރެންސްޑް ސްކޭލް ޗާޓެއް (1:10،000) ހުށަހަޅަންވާނެއެވެ. އަދި މިހުށަހެޅުމުގެ މައްޗަށް ބިނާކޮށް ތަންފީޒީ އިދާރާއިން ހުއްދަ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ލިބުމުން "ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012" އާ އެއްގޮތްވާގޮތުގެ މަތިން ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކުރުމަށްފަހު ތަންފީޒީ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތިމާވެށްޓެށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ތަންފީޒީ އިދާރާއިން ދިރާސާކުރުމަށްފަހު، ތަންފީޒީ އިދާރާއިން ނިންމި ގޮތެއް މަށްރޫއު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ފަޅުފުންކުރެވިދާނެ ހާލަތްތައް

(ހ) މީހުން ދިރިއުޅޭރަށެއްގައި ނަމަ؛ 

  1. އިޖުތިމާއީ ނުވަތަ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ފަޅު ފުންކުރަން ޖެހުން.

(ށ) ސިނާއީ މަސައްކަތްތަކާއި ދަނޑުވެރިކަމާއި ފަތުރުވެރިކަން ފަދަ މަސައްކަތްތައް ކުރުމަށްޓަކައި ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކުރެވިފައިވާ ރަށެއްގައިނަމަ؛ 

  1. އެރަށެއްގައި ކުރުމަށް ސަރުކާރުން ހުއްދަ ދީފައިވާ މަސައްކަތް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައިވުން ނުވަތަ ފަޅުން ބައެއް ފުން ނުކޮށް އެރަށެއްގައި ކުރިޔަށްގެންދާ ހަރަކާތް ކުރިޔަށް ނުގެންދެވުން.

 

8 ވަނަ މާއްދާ - ބިން ހިއްކިދާނެ

(ހ) މީހުން ދިރިއުޅޭރަށެއްގައި ނަމަ؛ 

  1. އިޖުތިމާއީ ނުވަތަ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ބިން ހިއްކަން ޖެހުން.
  2. ރަށުގެ ބިން ފުރުމުގެ ސަބަބުން ގޯތިގެދޮރު އެޅުމަށް އިތުރު ބިން ބޭނުންވުން.
  3. ގޮނޑުދޮށް ގިރާލުމުން އައްސޭރިފަށް ކުރިންއޮތްގޮތަށް އަލުން އިއާދަ ކުރުމަށް ނުވަތަ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް.

(ށ) ސިނާއީ މަސައްކަތްތަކާއި ދަނޑުވެރިކަމާއި ފަތުރުވެރިކަންފަދަ މަސައްކަތްތައް ކުރުމަށްޓަކައި ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކުރެވިފައިވާ ރަށެއްގައިނަމަ؛ 

  1. އެރަށެއްގައި ކުރުމަށް ސަރުކާރުން ހުއްދަ ދީފައިވާ މަސައްކަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައިވުން ނުވަތަ ފަޅުން ބައެއް ހިއްކައިގެން ނޫނީ އެރަށެއްގައި ކުރިޔަށްގެންދާ ހަރަކާތް ކުރިޔަށް ނުގެންދެވުން.
  2. ގޮނޑުދޮށް ގިރާލުމުން އައްސޭރިފަށް ކުރިންއޮތްގޮތަށް އަލުން އިއާދަ ކުރުމަށް ނުވަތަ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް.

 

9 ވަނަ މާއްދާ - ގޮނޑުދޮށް ގިރުމުގެ ސަބަބުން، އައްސޭރިފަށް ކުރިން އޮތްގޮތަށް އަލުން އިއާދަ ކުރުމަށްޓަކައި ނުވަތަ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި އެސަރަހައްދެއް ކަނޑައެޅުން

ގޮނޑުދޮށް ގިރުމުގެ ސަބަބުން، އައްސޭރިފަށް ކުރިން އޮތްގޮތަށް އަލުން އިއާދަ ކުރުމަށްޓަކައި ނުވަތަ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި އެސަރަހައްދަށް ވެލި އެޅޭނީ ނުވަތަ ބިން ހިއްކޭނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިންނެވެ.

(ހ) އެފަދަ ސަރަހައްދަކަށް ވެލި އެޅޭނީ ނުވަތަ ބިންހިއްކޭނީ ރެޖިސްޓަރޑް ށޯލައިން އިން ފެށިގެން 10 (ދިހައެއް) މީޓަރަށް ވުރެ ބޮޑު ނުވާ މިންވަރަށެވެ. 

(ށ) އެފަދަ ސަރަހައްދަކަށް އަޅަން ބޭނުންވާ ވެލި ނަގަންވާނީ މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ވެލިނެގުން މަނާ ކަމަށް ބަޔާންކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުންނެވެ.

 

10 ވަނަ މާއްދާ - އިސްތިސްނާ ކުރެވޭ ކަންތައްތައް 

މިގަވާއިދުގެ 6 ވަނަ މާއްދާ ފިޔަވައި އެހެން މާއްދާތަކުގައި ބަޔާންކުރާ ކަންކަމަށް އަމަލުކުރުމުގައި ތިރީގައި ބަޔާންކުރާ ކަންކަން މިގަވާއިދުގެ ދަށުން އިސްތިސްނާ ކުރެވޭނެއެވެ.

  1. މީހުން ދިރިއުޅޭ ރަށްރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ފާސްކޮށްގެން ހިންގާ ޕްރޮޖެކްޓްތައް.
  2. ސިނާއީ މަސައްކަތްތަކާއި ދަނޑުވެރިކަމާއި ފަތުރުވެރިކަން ފަދަ މަސައްކަތްތައް ކުރުމަށްޓަކައި ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކުރެވިފައިވާ ރަށްރަށް ތަރައްގީކުރުމަށް އެންމެފުރަތަމަ ތައްޔާރުކޮށްފައިވާ ޕްލޭން (އިނީށިއަލް ކޮންސެޕްޓް) ގައިވާ ކަންތައްތައް. 

 

11 ވަނަ މާއްދާ - ފަޅު ފުންކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް

ފަޅު ފުންކުރުމުގައި ގެންގުޅެންޖެހޭ މިންގަ ނޑުތައް ސަރުކާރުގެ ކަމާބެހޭ ދާއިރާއަކުން ތައްޔާރުކޮށް އާންމުކޮށްފައިވާނަމަ، ފަޅު ފުންކުރުމުގެ މަސައްކަތް ކުރަންވާނީ އެމިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. 

 

12 ވަނަ މާއްދާ - ބިން ހިއްކުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް

ބިން ހިއްކުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް ސަރުކާރުގެ ކަމާބެހޭ ދާއިރާއަކުން ތައްޔާރުކޮށް އާންމުކޮށްފައިވާނަމަ، ބިން ހިއްކުމުގެ މަސައްކަތްކުރަންވާނީ އެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

13 ވަނަ މާއްދާ - ބިން ހިއްކުމަށް ވެލި ނެގިދާނެ ތަންތަނާއި ވެލި ނެގުން އަދި ބިން ހިއްކުން ފަދަ މަސައްކަތް ކުރުން މަނާ ސަރަހައްދުތައް

(ހ) ބިން ހިއްކުމަށްޓަކައި ބޭނުންވާ ވެލި ނެގިދާނެ 3 ސަރަހައްދެއް ޖިއޯރިފަރެންސްޑް ޗާޓެއް 1:10،000 ގައި ފާހަގަކޮށް މަށްރޫއުގެ ވެރިފަރާތުން ތަންފީޒީ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ހުށަހަޅަންޖެހޭ ޗާޓާއެކު، ވެލި ނެގިދާނެކަމަށް ފާހަގަ ކޮށްފައިވާ 3 ސަރަހައްދުންކުރެ ކޮންމެ ސަރަހައްދަކުންވެސް ވެލި ނެގިދާނެ ވޮލިއުމް އަދި ބިން ހިއްކުމަށްޓަކައި ބޭނުންވާ ވެލީގެ ވޮލިއުމް ތަންފީޒީ އިދާރައަށް ހުށަހަޅަންޖެހޭނެއެވެ.

(ނ) ބިން ހިއްކުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ތަންތަނުން ވެލި ނެގުމަކީ މިގަވާއިދުގެ ދަށުން މަނާކަމެކެވެ.

  1. ފަރުގެ ބޭރުކައިރިން ފެށިގެން ރަށުގެ ގޮނޑުދޮށާ ދޭތެރޭ 100 (ސަތޭކަ) މީޓަރު ފަޅުތެރެއަށް ވާ ސަރަހައްދު.
  2. އެއްވެސް ފަރެއްގެ ނުވަތަ ފަޅެއްގެ ބޭރުތޮށިން ފެށިގެން 500 (ފަސް ސަތޭކަ) މީޓަރު ކައިރިން އެތެރެވަރިން.
  3. ފަޅުތެރޭގައި ރަށެއް އޮންނަނަމަ، ރަށުގެ ހޭޅިފަށުން ފެށިގެން 50 (ފަންސާސް) މީޓަރު ފަޅުތެރޭގެ ސަރަހައްދު.
  4. ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ "އެންވަޔަރަންމަންޓަލީ ސެންސިޓިވް އޭރިޔާސް" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކުން.

(ރ) މިމާއްދާގެ (ނ) ގެ 4 ގައި ބަޔާކޮށްފައިވާ ފަދަ ތަނަކާއި 200 (ދުއިސައްތަ) މީޓަރަށްވުރެން ކައިރިން ވެލިނެގުން ނުވަތަ ބިންހިއްކުން ނުވަތަ ފަޅު ފުންކުރުމަކީ މަނާކަމެކެވެ.

(ބ) ފަރުގެ ބޭރުކައިރިން ފެށިގެން ރަށުގެ ހޭޅިފަށާ ހަމަޔަށް 300 (ތިންސަތޭކަ) މީޓަރު ހަމަނުވާ ރަށްރަށުގައި ފަޅުތެރެ ފުންކުރުން ނުވަތަ ބިން ހިއްކިދާނެ ސަރަހައްދު ކަނޑައެޅުމުގައި ތަންފީޒީ އިދާރާއާ މަށްވަރާކުރަންވާނެއެވެ.

(ޅ) ވެލިނެގުން ހުއްދަ ކުރެވިފައިވާ ސަރަހައްދެއްގައިވެސް ތިމާވެށީގެ ގޮތުން ރައްކާތެރި ކުރަންޖެހޭ ސަރަހައްދެއްކަމަށް ތަންފީޒީ އިދާރާ އަށް ފެނިއްޖެ ހިނދެއްގައި އެ ތަނަކުން ނުވަތަ ސަރަހައްދަކުން ވެލި ނެގުން މަނާކުރެވިދާނެއެވެ.

 

14 ވަނަ މާއްދާ - ފަޅުފުންކުރުމުގައި ނެގޭ ވެއްޔާއި ގަލާމެދު އަމަލު ކުރާނެ ގޮތް

(ހ) ފަޅުފުން ކުރުމުގައި ނެގޭ ވެއްޔާއި ގަލާމެދު އަމަލު ކުރެވިދާނެ ގޮތްތައް:

  1. ބިން ހިއްކުމަށް. 
  2. ކޮންސްޓްރަކްށަން މަސައްކަތަކަށް.
  3. ރަށުތެރޭގެ ސަރަހައްދެއްގެ ބިންގަ ނޑު އެއްވަރު ކުރުމަށް.
  4. ގޮނޑުދޮށް ހިމާޔަތްކުރުމަށް.
  5. ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި ހުއްދަލިބިފައިވާ މަސައްކަތެއް ކުރުމަށް.

(ށ) ފަޅުފުންކުރުމުގައި ނެގޭ ވެއްޔާއި ގަލަށް މަތީގައި ބަޔާންކުރެވިފައިވާ ކަމަކަށް ނޫންގޮތަތަކަށް އަމަލު ކުރުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގެ 3 ގައި ބަޔާންކޮށްފައިވާ ފަދައިން ރަށުތެރޭގެ ސަރަހައްދެއްގެ ބިންގަ ނޑު އެއްވަރު ކުރުމުގައި ނުވަތަ ބިންގަ ނޑުގެ އުސްމިނަށް ބަދަލެއްގެނައުމުގައި ކުޅި،ފާ، ޗަސްބިން ފަދަ ތިމާވެށީގެ މުހިންމު މާހައުލަކަށް ގެއްލުން ލިބޭފަދަ ގޮތަކަށް އަމަލު ކުރުމުކީ މިގަވާއިދުގެ ދަށުން މަނާކަމެކެވެ.

 

15 ވަނަ މާއްދާ - ފަޅު ފުންކުރެވިދާނެ ސަރަހައްދުގެ ބޮޑުމިން

(ހ) 

  1. މީހުން ދިރިއުޅޭ ރަށެއްގައި ނަމަ، ފަޅު ފުންކުރެވޭނީ އެރަށެއްގެ ތަރައްގީގެ ޕްލޭންގައިވާ ފަދައިން އެއިރަކަށް އެކަށީގެންވާ މިންވަރަކަށެވެ.
  2. ސިނާއީ މަސައްކަތްތަކާއި ދަނޑުވެރިކަމާއި ފަތުރުވެރިކަން ފަދަ މަސައްކަތްތައް ކުރުމަށްޓަކައި ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކުރެވިފައިވާ ރަށެއްގައި ނަމަ، ފަޅު ފުންކުރެވޭނީ އެރަށެއްގެ ފަޅުގެ ސަރަހައްދުގެ 30 (ތިރީސް) އިންސައްތައަށްވުރެ ބޮޑުނުވާގޮތަށެވެ.

 

16 ވަނަ މާއްދާ - ބިން ހިއްކިދާނެ ސަރަހައްދުގެ ބޮޑުމިން

(ހ)

  1. މީހުން ދިރިއުޅޭ ރަށެއްގައިނަމަ، ބިން ހިއްކޭނީ އެރަށެއްގެ ތަރައްގީގެ ޕްލޭނުގައިވާ ފަދައިން އެއިރަކަށް އެކަށީގެންވާ މިންވަރަކަށެވެ.
  2. ސިނާއީ މަސައްކަތްތަކާއި ދަނޑުވެރިކަމާއި ފަތުރުވެރިކަން ފަދަ މަސައްކަތްތައް ކުރުމަށްޓަކައި ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކުރެވިފައިވާ ރަށެއްގައި ނަމަ، ބިން ހިއްކޭނީ އެރަށެއްގެ ފަޅުގެ ސަރަހައްދުގެ 30 (ތިރީސް) އިންސައްތައަށްވުރެ ބޮޑުނުވާ ގޮތަށެވެ.

 

17 ވަނަ މާއްދާ - ބިން ހިއްކުމުގެ ސަބަބުން ރަށުގެ ސިފަޔަށް ގެނެވުނު ބަދަލު އެންގުން

ރަށުގެ ބިމާއި ގުޅުވައިގެން ނުވަތަ ފަޅުތެރޭގެ އެއްވެސް ސަރަހައްދެއް ބިން ހިއްކައިގެން ގެނެވޭ އެއްވެސް ބަދަލެއް، އެބަދަލެއް ގެނައުމަށްފަހު ޖިއޯރިފަރެންސްޑް ސްކޭލް ޗާޓެއް (1:10،000) ށޯލައިން (ގޮނޑުދޮށް ފެށޭ ހިސާބު) އަދި ވެޖިޓޭށަންލައިން (ހޭޅިފަށް ފެށޭ ހިސާބު) ފާހަގަކޮށް ތަންފީޒީ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތަކުން ތިމާވެށްޓަށް ލިބިދާނެ ގެއްލުމަކުން ތިމާވެށި ރައްކާތެރިކުރުން، ނުވަތަ ލިބޭ ގެއްލުން ކުޑަކުރުން

(ހ) ހިންގަމުން ގެންދާ ބިން ހިއްކުން ނުވަތަ ފަޅު ފުންކުރުމުގެ މަސައްކަތެއްގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރެއް ފޯރާ ކަމަށް ތަންފީޒީ އިދާރާއަށް ފެނިއްޖެ ހިނދެއްގައި، އެ މަސައްކަތަކީ ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ މަސައްކަތެއްކަމުގައި ވީނަމަވެސް، ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން އެ މަސައްކަތް ހުއްޓުވުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ. އަދި "ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމާބެހޭ ގަވާއިދު" ގެދަށުން، އެމަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ. 

 

19 ވަނަ މާއްދާ - މި ގަވާއިދާ ހިލާފުވުން 

މިގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފި ނަމަ، "ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމާބެހޭ ގަވާއިދު" ގެ ދަށުން އެފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

20 ވަނަ މާއްދާ - ގަވާއިދަށް ބަދަލުގެނައުން 

މިގަވާއިދުގައިވާ ކަންކަމަށް ބަދަލު ގެނައުމުގެ ފުރިހަމަ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިނިސްޓްރީން، މިގަވާއިދަށް އެއްވެސް އިސްލާހެއް ގެންނަން ޖެހިއްޖެނަމަ އެ އިސްލާހެއް ގެނައުމަށްފަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭނެއެވެ. 

 

21 ވަނަ މާއްދާ - މާނަ ކުރުން

ފަޅު ފުންކުރުން: ފަޅު ފުންކުރުން ކަމުގައި ބުނެފައި އެވަނީ، ފަޅުގެ ސަރަހައްދުން އެއްވެސް ބައެއް ފުންކުރުން ނުވަތަ ވެލި/ގައު ނެގުމަށެވެ. ނަމަވެސް ރަށްރަށުގެ އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް މެށިނަރީ ބޭނުންނުކޮށް ވެލި ނެގުން، ފަޅު ފުންކުރުން ކަމުގައި ނުހިމެނޭނެއެވެ.

ބިން ހިއްކުން: ބިން ހިއްކުން ކަމުގައި ބުނެފައި އެވަނީ، ފަޅުގެ ސަރަހައްދުން އެއްވެސް ބައެއް ވެލިން ނުވަތަ އެހެންވެސް އެއްޗެއް ބޭނުންކޮށްގެން ހިއްކުމަށެވެ.

މިނިސްޓްރީ: މިނިސްޓްރީ ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ ސަރުކާރުގެ ވުޒާރާއެވެ.

ތަންފީޒީ އިދާރާ: ތަންފީޒީ އިދާރާ ކަމަށް ބުނެފައި އެވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީއަށެވެ.

ރެޖިސްޓަރޑް ށޯލައިން: ރެޖިސްޓަރޑް ށޯލައިން ކަމަށް ބުނެފައި އެވަނީ، ރަށް ތަރައްގީކުރުމަށްޓަކައި އެންމެ ފުރަތަމަ ހުށަހެޅުނު ޗާޓުގައި ގޮނޑުދޮށްކަމަށް ފާހަގަ ކުރެވިފައިވާ ލައިނަށެވެ.

ށޯލައިން: ށޯލައިން ކަމަށް ބުނެފައި އެވަނީ، ދިޔަވަރު ބޮޑުކޮށް އޮންނަ ވަގުތު ގޮނޑުދޮށް ފެށޭ ހިސާބު ފާހަގަކޮށްދޭ ރޮނގަށެވެ.

ތަރައްގީގެ ޕްލޭން: ތަރައްގީގެ ޕްލޭން ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށްރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކުން ފާސްކޮށްފައިވާ ޕްލޭނަށެވެ.

 

މި ގަވާއިދަށް ގެނެވިފައިވާ އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-15)

 

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު