-

ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު

(ގާނޫނު ނަންބަރު 2015-27)

 

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ދިވެހިރާއްޖޭގައި ހިންގަމުންދާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއާތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި ކޮމިށަނެއް އުފައްދައި، އެ ކޮމިށަންގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، މަސައްކަތުގެ ދާއިރާއާއި، އެ ކޮމިށަންގެ މެންބަރުންގެ ށަރުތުތަކާއި ސުލޫކީ ހަމަތަކާއި، އެ ކޮމިށަން ހިންގާނެގޮތުގެ އުސޫލުތަކާއި އެ ކޮމިށަންގެ ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުމާއެކު، ކަމާގުޅޭ އެހެން އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދުތައް

މި ގާނޫނުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހްގީގުކުރުމާއި، އެފަދަ އަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އެއްވެސް ފަރާތަކުން  ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަހްގީގުކުރުން؛

(ށ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނެ ގާނޫނީ ރައްކާތެރިކަން ލިބިދިނުމާއެކު، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ހިދުމަތާ ބެހޭގޮތުން އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އިތުރުކުރުން؛

(ނ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތަކަށް އިސްލާހުގެނައުމާއި، ބަދަލުގެނައުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުގައި އެކުލަވާލައި ހިންގަންޖެހޭ ޕްލޭންތަކާއި މަށްރޫއުތަކާއި އުސޫލުތަކާއި ހަމަތައް ތައާރުފުކޮށް ހިންގުމާއި، ކަމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި އުސޫލުތަކާއި ހަމަތަކާ ގުޅޭގޮތުން އެފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާއި، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެކަންކަމަށް އަމަލުކުރެވެމުންދާ ގޮތް ބަލައި، ނަތީޖާ ނެރެދޭ މިންވަރު ވަޒަންކުރަމުން ދިޔުން؛

(ރ) މައްސަލައެއް ވަކިފަރާތަކުން ހުށަހެޅުމަކާ ނުލައި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނާއި އެ އިދާރާތަކުގެ މުވައްޒަފުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގައިފިކަމުގެ މައުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކުށެއް ހިނގައިފިކަމުގެ މައްޗަށް ށައްކުކުރެވިއްޖެނަމަ، ވަކިފަރާތަކުން އެކަމެއް އެންގުމަކާ ނުލައި، ވަކިފަރާތަކުން އެ މައުލޫމާތު ލިބުމަކާ ނުލައި، އަމިއްލަ އިސްނެގުމުގައި ހޯދަންޖެހޭ ހޯދުންތައް ހޯދައި، ކުރަންޖެހޭ ތަހްގީގުތައް ކުރުމާގުޅޭ އިޖުރާއާތުތައް އެކުލަވާލުން؛

(ބ) ކޮމިށަންގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ ދާއިރާއާއި އެ ކޮމިށަންގެ މެންބަރުންގެ ށަރުތުތަކާއި ސުލޫކީ ހަމަތަކާއި އެ ކޮމިށަން ހިންގާނެގޮތުގެ އުސޫލުތަކާއި ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުން؛

(ޅ) ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ގާނޫނު ނެގެހެއްޓުން އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

ދެވަނަ ބާބު

ނޭށަނަލް އިންޓެގްރިޓީ ކޮމިށަން

 

3 ވަނަ މާއްދާ - ކޮމިށަން އުފެއްދުން

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއާތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި މި ގާނޫނު ތަންފީޒުކުރާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި "ނޭށަނަލް އިންޓެގްރިޓީ ކޮމިށަން" ގެ ނަމުގައި ކޮމިށަނެއް އުފެދުނީއެވެ.

 

4 ވަނަ މާއްދާ - ނޭށަނަލް އިންޓެގްރިޓީ ކޮމިށަން ގާއިމްކުރުން

މި ގާނޫނުގެ ދަށުން ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހްގައި "ނޭށަނަލް އިންޓެގްރިޓީ ކޮމިށަން"ގެ ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ގާއިމްކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ގާނޫނީ ހައިސިއްޔަތު

ނޭށަނަލް އިންޓެގްރިޓީ ކޮމިށަންއަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

 

6 ވަނަ މާއްދާ - ގާނޫނު ހިނގާ ފަރާތްތައް

މި ގާނޫނު ހިނގާނީ އަންނަނިވި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށެވެ.

(ހ) ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު)  ގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް ސަރވިސް؛

(ށ) ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު)  ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް؛

(ނ) ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު)  ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް؛

(ރ) ޑިޕާރޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން.

 

ތިންވަނަ ބާބު

ކޮމިށަންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

 

7 ވަނަ މާއްދާ - ކޮމިށަންގެ އާންމު ބާރުތައް

މި ގާނޫނުގެ 2 ވަނަ މާއްދާގައި ގާނޫނުގެ މަގްސަދުތައް ކަމުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި އަންނަނިވި ކަންކަން ހިމެނޭގޮތަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކޮމިށަނުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ބޭނުންވާ އެންމެހައި ސާމާނާއި ވަސީލަތާއި އާލަތްތައް ހޯދައި، ގެންގުޅެ، އެތަކެތީގެ ބޭނުން ހިފުން؛

(ށ) ކޮމިށަނުން އެކިއެކި މައްސަލަތައް ބަލައި ތަހްގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި، ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި، މި ގާނޫނަށް އަމަލުކުރުމުގައި ގެންގުޅޭނެ އުސޫލުތައް އެކުލަވާލުން؛

(ނ) ކޮމިށަނުން ބެލި މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އެކަން ތަހްގީގުކޮށް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން؛

(ރ) ކޮމިށަނުން ބަލާ މައްސަލަތަކާ ގުޅިގެން ޓާސްކް ފޯސްތައް އުފެއްދުމާއި، ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ފަންނީ އެހީތެރިންގެ ގޮތުގައި ކަމާގުޅޭ ދާއިރާތަކުގެ އެހީތެރިކަން ހޯދުން؛

(ބ) ހެކިންގެ ގޮތުގައި ހާޒިރުކުރަންޖެހޭ ފަރާތްތައް ކޮމިށަނަށް ހާޒިރުކުރުމާއި ހެކިބަސް ހޯދުން؛

(ޅ) މައްސަލަތަކާ ގުޅޭގޮތުން އަޑުއެހުންތައް ބޭއްވުމަކީ މުހިންމުކަމެއް ކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އަޑުއެހުންތައް ބޭއްވުން؛

(ކ) ކޮމިށަނުން ބާއްވާ އަޑުއެހުމަކަށް ނުވަތަ އަޑުއެހުމުން ބަޔަކަށް އާންމުންނަށް ވަދެވޭނެކަމަށް ނުވަތަ ނުވަދެވޭނެކަމަށް ކަނޑައެޅުން.

 

8 ވަނަ މާއްދާ - ކޮމިށަންގެ މަސްއޫލިއްޔަތުތައް

ކޮމިށަންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހްގީގުކުރުމާއި، އެފަދަ އަމަލެއްކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން  ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަހްގީގުކުރުން؛

(ށ) މައްސަލައެއް ވަކިފަރާތަކުން ހުށަހެޅުމަކާ ނުލައި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނާއި އެ އިދާރާތަކުގެ މުވައްޒަފުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިންގައިފިކަމުގެ މައުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ އަމަލެއް ހިންގައިފިކަމަށް ށައްކުކުރެވިއްޖެނަމަ، ވަކިފަރާތަކުން އެކަމެއް އެންގުމަކާ ނުލައި، ވަކިފަރާތަކުން އެ މައުލޫމާތު ލިބުމަކާ ނުލައި، އަމިއްލަ އިސްނެގުމުގައި ހޯދަންޖެހޭ ހޯދުންތައް ހޯދައި، ކުރަންޖެހޭ ތަހްގީގުތައް ކުރުން؛

(ނ) ކޮމިށަންގެ އޮފިސަރަކު ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާކަމަށް ނުވަތަ އޭނާގެ އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ބުނެ އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އެކަމެއްބަލައި، ތަހްގީގުކޮށް ފިޔަވަޅު އެޅުން؛

(ރ) ކޮމިށަންގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާ ހިންގުމާ އެއިރަކު ހަވާލުވެ ހުންނަވާ ވަޒީރަކު ހުށަހަޅާ މައްސަލަތައް ތަހްގީގުކޮށް، ކަމާބެހޭ ރިޕޯޓު އަދި ފެންނަގޮތް ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހުށަހެޅުން؛

(ބ) ކޮމިށަނުން ބެލި މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން؛

(ޅ) ކޮމިށަނުން ތަހްގީގުކުރާ ކަންތައްތަކުގެ ތެރެއިން ދައުލަތުގެ އެހެން އިދާރާތަކުން އިތުރަށް ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެފަރާތްތަކަށް ހުށަހަޅައިގެން ސާފުކުރުމާއި، ކަމާގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް އަންގަންޖެހޭ ކަންކަން އެ އިދާރާތަކަށް އެންގުން؛

(ކ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރެވޭ ތަހްގީގުތަކުގައި އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއެއްގައި އަމަލުކުރެވޭ އުސޫލަކަށް ނުވަތަ ގަވާއިދަކަށް ބަދަލުގެންނަން ކޮމިށަނަށް ފެންނަނަމަ އެކަމާބެހޭ ލަފާ ގާނޫނު ތަންފީޒުކުރާ އިދާރާއަށް ދިނުން؛

(އ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތައް ހިނގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންކަން ބެލުމަށްޓަކައި ޕޮލިސް ސްޓޭށަންތަކަށާއި ޖަލުތަކާއި އެކި އިދާރާތަކަށް ޒިޔާރަތްކޮށް، އިސްލާހު ގެންނަންޖެހޭ ކަންތައްތައް ފާހަގަކޮށް، އެ އިސްލާހު ހުށަހެޅުން؛

(ވ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންގެ އިހްލާސްތެރިކަން ކުރިއަރުވައި، އެ އިދާރާތަކުގެ މުވައްޒަފުން ކުށްކުރުމަށް އަރައިގަތުން ހުއްޓުވުން؛

(މ) ކޮމިށަންގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި މަސައްކަތުގެ ދާއިރާއާއި އެ ކޮމިށަންގެ މެންބަރުންގެ ސުލޫކީ ހަމަތަކާއި އެ ކޮމިށަން ހިންގާނެގޮތުގެ އުސޫލުތަކާއި ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުން؛

(ފ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޭރުގެ ސަރުކާރުތަކާއި ސަރަހައްދީ ޖަމާއަތްތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅުން އުފެއްދުމާއި، އެ ގުޅުމުގެ ތެރެއިން ރާއްޖެއަށް ފައިދާހުރި ކަންކަމުގައި އެހީތެރިކަމާއި، މަދަދާއި އެއްބާރުލުން ލިބޭނެ ގޮތްތައް ހޯދައި، އެކަންކަމާ ގުޅޭގޮތުން އެއްބަސްވާންޖެހޭ ކަންކަމަށް އެއްބަސްވުމާއި، އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރުން؛

(ދ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތަކަށް އިސްލާހުގެނައުމާއި، ބަދަލުގެނައުމާއި، އަދި އެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކުގައި އެކުލަވާލައި ހިންގަންޖެހޭ ޕްލޭންތަކާއި މަށްރޫއުތަކާއި އުސޫލުތަކާއި ހަމަތައް ތައާރުފުކޮށް ހިންގުމާއި، ކަމާގުޅޭގޮތުން، ދައުލަތުގެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި އުސޫލުތަކާއި ހަމަތަކާ ގުޅޭގޮތުން އެފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާއި، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެކަންކަމަށް އަމަލުކުރެވެމުންދާ ގޮތް ބަލައި، ނަތީޖާ ނެރެދޭ މިންވަރު ވަޒަންކުރަމުން ދިޔުން؛

(ތ) ސެމިނާތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، އެހެނިހެން ޕްރޮގްރާމްތައް ހިންގައިގެން ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގޭގޮތާއި ބާވަތާއި އެފަދަ އަމަލުތައް ހިނގުމަށް މެދުވެރިވާ ސަބަބުތައް ހޯދައި ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ހާމަކޮށް ށާއިއުކުރުން؛

(ލ) ކޮމިށަންގެ މަސައްކަތްތައް ހިނގާދިޔަގޮތުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، އަހަރަކު އެއްފަހަރު، އާންމުކޮށް ށާއިއުކުރުން.

 

ހަތަރުވަނަ ބާބު

ކޮމިށަންގެ މެންބަރުން

 

9 ވަނަ މާއްދާ -  މެންބަރުންގެ އަދަދު

ކޮމިށަން އެކުލެވިގެންވަނީ 5 (ފަހެއް)  މެންބަރުންގެ މައްޗަށެވެ.

 

10 ވަނަ މާއްދާ - މެންބަރުންގެ ސިފަތައް

ކޮމިށަންގެ މެންބަރުކަމަށް އައްޔަންކުރެވޭ މީހުންގެ ކިބައިގައި ތިރީގައިމިވާ ސިފަތައް ފުރިހަމަވާންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން؛

(ށ) ދިވެހިރައްޔިތަކު ކަމުގައިވުން؛

(ނ) ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛

(ރ) އުމުރުން 30 (ތިރީސް)  އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛

(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ވޭތުވެދިޔަ 5 (ފަހެއް)  އަހަރުގެ ތެރޭގައި ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛

(ޅ) ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން 7 (ހަތެއް)  އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛

(ކ) އެމީހަކީ ކޮމިށަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހަކު ކަމުގައިވުން؛

(އ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛

(ވ) ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއްގެ ފިރިއެއް، އަންބެއް، ދަރިއެއް، ބައްޕައެއް، ނުވަތަ މަންމައެއްކަމުގައި ނުވުން؛

(މ) ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން؛

(ފ) އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.

 

11 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން

(ހ) ކޮމިށަންގެ މެންބަރުން އައްޔަންކުރާނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ދޭ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް އެދޭނީ، އަދި ރައްޔިތުންގެ މަޖިލީހުން މަށްވަރާ ދޭނީ، އަންނަނިވި ގޮތުގެމަތިންނެވެ.

  1. ކޮމިށަންގެ މެންބަރުން އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ލިޔުމަކުން، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން؛
  2. ކޮމިށަނަށް އެ ފަހަރަކު އައްޔަންކުރަން ހުށަހަޅާ މީހުންގެ ނަމާއި، އެ މީހުންގެ ވަނަވަރު އެ ލިޔުމާއެކު ހިމެނުން؛
  3. މަޖިލީހުން ކަނޑައަޅާ ގޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވާ ލިޔުމަކުން، ރައީސުލްޖުމްހޫރިއްޔާއަށް އެންގުން.

(ނ) ކޮމިށަންގެ މެންބަރުކަމަށް އައްޔަންކުރަންވާނީ މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާ މީހުންނެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވާއިރު އެ ފަހަރަކު ކޮމިށަނަށް އައްޔަންކުރަންޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދަކަށް ނަންތައް ފޮނުވަންވާނެއެވެ. މިގޮތުން އާންމުކޮށް އިއުލާންކުރުމުން އިޖާބަދިން މީހުންގެ އަދަދު ފޮނުވަންޖެހޭ އަދަދަށްވުރެ މަދުވާނަމަ އެ ފަހަރަކު ކުރިމަތިލީ ހުރިހާ މީހުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

12 ވަނަ މާއްދާ - ކޮމިށަންގެ ރައީސް

(ހ) ކޮމިށަންގެ މެންބަރުންގެ ތެރެއިން މީހަކު، ކޮމިށަންގެ ރައީސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކަނޑައަޅާގޮތެއް، އެ ގޮތެއް ކަނޑައަޅާތާ ގިނަވެގެން 48 (ސާޅީސް އަށެއް)  ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - ކޮމިށަންގެ ރައީސްގެ ޒިންމާ

ކޮމިށަންގެ ރައީސްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮމިށަންގެ މަސައްކަތްތައް ރާވައި ހިންގުން؛

(ށ) ކޮމިށަނަށް ހުށަހަޅާ ށަކުވާތައް ކޮމިށަންގެ މެންބަރުންނާއި ބަލަން ހަވާލުކުރުން؛

(ނ) ކޮމިށަންގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.

 

14 ވަނަ މާއްދާ - ކޮމިށަންގެ ނައިބުރައީސް

(ހ) ކޮމިށަންގެ މެންބަރުންގެ ތެރެއިން މީހަކު، ކޮމިށަންގެ ނައިބުރައީސް ކަމުގައި އައްޔަންކުރަންވާނެއެވެ.

(ށ) ކޮމިށަންގެ ނައިބުރައީސްކަމަށް އައްޔަންކުރާނީ، ކޮމިށަންގެ މެންބަރުންގެ ތެރެއިން އެ މެންބަރުން ސިއްރު ވޯޓަކުން އިންތިހާބުކުރާ މީހެކެވެ. އަދި މިގޮތުން، ކޮމިށަނުން ކަނޑައަޅާގޮތެއް، އެގޮތެއް ކަނޑައަޅާތާ ގިނަވެގެން 48 (ސާޅީސް އަށެއް)  ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިށަނުން އަންގަންވާނެއެވެ.

 

15 ވަނަ މާއްދާ - ކޮމިށަންގެ ނައިބުރައީސްގެ ޒިންމާ

ކޮމިށަންގެ ރައީސަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަންގެ ނައިބުރައީސެވެ. މީގެ އިތުރުން، ކޮމިށަން ހިންގުމުގައި ކޮމިށަންގެ ރައީސަށް އެހީތެރިވެދޭންވާނެއެވެ.

 

16 ވަނަ މާއްދާ - ކޮމިށަންގެ މެންބަރުންގެ ޒިންމާ

(ހ) ކޮމިށަންގެ މެންބަރުންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. މަގްބޫލު އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަންގެ ޖަލްސާތަކަށް ހާޒިރުވުން؛
  2. މަގްބޫލު އުޒުރެއް ދިމާވެގެންމެނުވީ، ކޮމިށަނުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛
  3. ކޮމިށަނުން ކުރާ ތަހްގީގުތައް ހިންގުން؛
  4. ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށް ތަބާވެ އެ ގާނޫނުތަކަށް އިހްތިރާމްކުރުމާއި، އެ ގާނޫނުތަކުގެ ދަށުން ރަސްމީ ވާޖިބު އަދާކުރުމުގައި ދެމިހުރުން؛
  5. ޒާތީ އެއްވެސް ތައައްސުބަކާނުލައި، އަދި ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ނިންމުންތައް ނިންމުމާއި، އެކަން ކުރުމުގައި ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި އިންސާފުވެރިވުމާއި، ފަރުވާތެރިވުން؛
  6. ރަސްމީ މަސައްކަތުގެ ދާއިރާގެ ތެރޭގައި އެހެންމީހުންނާ މުއާމަލާތް ކުރުމުގައްޔާއި، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތަކާ މުއާމަލާތް ކުރުމުގައި، އިހްތިރާމާއެކު މުއާމަލާތް ކުރުން؛
  7. ކޮމިށަނަށް މައްސަލައެއް ހުށަހެޅި މީހަކާމެދު ނުރަނގަޅު ގޮތަކަށް ނުބައި ނިޔަތުގައި އެއްވެސް އަމަލެއް ނުކުރުން؛
  8. ތިމާއަށް ލިބިދޭ ބާރާއި އިހްތިޔާރު ނުރަނގަޅު ނިޔަތެއްގައި ވަކިފަރާތަކަށް ގެއްލުމެއް ދިނުމުގެ ގޮތުން ބޭނުން ނުކުރުމާއި، ގާނޫނުގެ ދާއިރާގެ ތެރޭގައި ލިބިދޭ އިހްތިޔާރު ސައްހަގޮތުގައި ބޭނުންކުރުމާއި، އެ އިހްތިޔާރު ބޭނުންކުރުމުގައި އެހެންމީހުންގެ ހައްގުތަކަށާއި ވާޖިބުތަކަށާއި ގާނޫނުގައި ސައްހަ މަސްލަހަތުތަކަށް އިހްތިރާމްކުރުން؛
  9. މިނިވަންކަމާއި އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ކޮމިށަނަށް ހިދުމަތްކުރުމާއި، ހަވާލުކުރެވޭ ކަންކަން އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން؛
  10. ކޮމިށަންގެ މަސައްކަތަށް މީހުން އިހްތިޔާރުކުރުމުގައްޔާއި މީހުން އައްޔަންކުރުމުގައި އެންމެ އަސާސީ ރުކުނަކީ މަސައްކަތަށް އެކަށޭނެ ގާބިލުކަމާއި ތައުލީމީ ފެންވަރު ހުރުންކަމުގައި ބެލުމާއި، ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނާގުޅޭ އެހެނިހެން ކަންކަމުގައި ބަލަންޖެހޭ މައިގަނޑު މިންގަނޑަކީ ތައުލީމީގޮތުންނާއި އަހްލާގީގޮތުންނާއި މަސައްކަތުގެގޮތުން އެކަށޭނަ މީހަކަށްވުން ކަމުގައި ބެލުން.

 

17 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރު

(ހ) ކޮމިށަނަށް އައްޔަންކުރެވޭ މެންބަރަކު، އެ މަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް)  އަހަރު ދުވަހުގެ މުއްދަތަށެވެ.

(ށ) މި ގާނޫނުގެ ދަށުން މެންބަރުކަމަށް އައްޔަންކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށްވިއަސް 5 (ފަހެއް)  އަހަރުގެ 2 (ދޭއް)  ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ.

 

18 ވަނަ މާއްދާ – މުސާރަ

(ހ) ކޮމިށަންގެ މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

(ށ) ކޮމިށަންގެ މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް، މެންބަރުކަމުގެ މުއްދަތުގައި ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތަކަށްމެނުވީ އުންޏެއް ނުކުރެވޭނެއެވެ.

(ނ) ކޮމިށަންގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ކޮމިށަނުންނެވެ.

 

19 ވަނަ މާއްދާ - މަގާމު ހުސްވުން

ތިރީގައިމިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން އިސްތިއުފާދިނުން؛

(ށ) މެންބަރުކަމުގެ ދައުރު ހަމަވުން؛

(ނ) މި ގާނޫނުގައިވާ ގޮތުގެމަތިން މެންބަރުކަމުން ވަކިކުރުން؛

(ރ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުން؛

(ބ) މި ގާނޫނުގައި މެންބަރުންގެ ސިފަތައް ކަމުގައި ބަޔާންކޮށްފައިވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުން.

 

20 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން

(ހ) މި ގާނޫނުގެ 19 ވަނަ މާއްދާގެ (ށ)  ގައި ބުނެފައިވާ ހާލަތު މެދުވެރިވެގެން، ކޮމިށަންގެ މެންބަރުކަމުގެ މަގާމެއް ހުސްވުމުގެ 15 (ފަނަރަ)  ދުވަސް ކުރިން، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ހޯދަންޖެހޭ މަށްވަރާ ހޯދައި ނިންމަންވާނެއެވެ.

(ށ) މި ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) ، (ނ) ، (ރ) ، އަދި (ބ)  ގައި ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކޮމިށަންގެ ރައީސްކަމުގެ މަގާމު ނުވަތަ ކޮމިށަންގެ ނައިބުރައީސްގެ މަގާމު، ނުވަތަ ކޮމިށަންގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ އެ މަގާމެއް ހުސްވާތާ 60 (ފަސްދޮޅަސް)  ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.

 

21 ވަނަ މާއްދާ – އިސްތިއުފާދިނުން

(ހ) ކޮމިށަންގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ކޮމިށަންގެ ރައީސް ނުވަތަ ނައިބުރައީސް، ރައީސްކަމުން ނުވަތަ ނައިބުރައީސްކަމުން އިސްތިއުފާދިންކަމުގައި ވިޔަސް، ކޮމިށަންގެ މެންބަރުކަމުން އޭނާ އިސްތިއުފާދިނީ ކަމުގައި ނުބެލެވޭނެއެވެ.

 

22 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ތިރީގައިމިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮމިށަންގެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ހ) ށަރުއީ ހުކުމަކުން އިފްލާސްކުރުން؛

(ށ) ކޮމިށަންގެ މެންބަރެއްގެ ކިބައިގައި ހުރުމަށް މި ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުން؛

(ނ) ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން.

 

ފަސްވަނަ ބާބު

ކޮމިށަންގެ މުވައްޒަފުންނާއި ފަންނީ ލަފާދޭ ފަރާތްތައް

 

23 ވަނަ މާއްދާ - ކޮމިށަންގެ މުވައްޒަފުންނާއި ފަންނީ ލަފާދޭ ފަރާތްތައް

(ހ) ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކޮށް މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާނެ މުވައްޒަފުންނާއި ވަސީލަތްތައް ސަރުކާރުން ފަހިކޮށްދޭންވާނެއެވެ.

(ށ) ކޮމިށަން ހިންގުމަށް ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ ހިލާފުނުވާ ގޮތުގެމަތިން، ކޮމިށަންގެ މަސްއޫލިއްޔަތު އަމާންކަމާއި ހަރުދަނާކަމާއެކު ހިންގުމަށާއި، މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ބޭނުންވާނެ މުވައްޒަފުންނާއި، އިތުރު އޮފިސަރުންނަށް ވަޒީފާދިނުމާއި ތަމްރީނު ދިނުމާއި މަގާމުގެ ކުރިއެރުން ދިނުމާއި މަގާމުން ވަކިކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) ލީގަލް އޮފިސަރުންގެ ގޮތުގައި، ނުވަތަ ގާނޫނީ ވަކީލުންގެ ތެރެއިން ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޮމިށަނުން ކަނޑައަޅާ އަދަދަކަށް ފަންނީ މީހުން ނެގިދާނެއެވެ.

(ރ) ކޮމިށަންގެ މުވައްޒަފެއް ނުވަތަ އޮފިސަރެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް ތަހްގީގުކުރެވެމުންދާ ފަރާތަކާ މަސްލަހަތު ފުށުއެރުމެއް އޮތްނަމަ އެކަން ކޮމިށަނަށް ހާމަކޮށް، އެފަދަ ފަރާތަކާ ކޮމިށަނުގައި މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން އެއްވެސް ކަހަލަ ގުޅުމެއް ބާއްވައިގެންނުވާނެއެވެ.

(ބ) ކޮމިށަންގެ މުވައްޒަފުންނާއި އޮފިސަރުންގެ މައްޗަށް ހިނގާނެ ގަވާއިދުތައް ހެދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ – ކޮންސަލްޓަންޓުން

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކާއި، އެފަދަ އިދާރާތަކުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތްތައް ކޮމިށަނަށް ފަންނީ ލަފާ ދިނުމަށްޓަކައި ކޮންސަލްޓަންޓުންގެ ގޮތުގައި އައްޔަންކުރެވިދާނެއެވެ. މިގޮތުން ކޮމިށަނަށް ކޮންސަލްޓަންޓުން ހޯދާނެ ގޮތް ކޮމިށަންގެ ގަވާއިދުގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިށަނަށް ހޯދާ ކޮންސަލްޓަންޓުންނަކީ ސީދާގޮތުން ނުވަތަ ނުސީދާ ގޮތުންވެސް ތަހްގީގުކުރެވެމުންދާ ފަރާތަކާ ނުވަތަ ކޮމިށަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތަކާ ގުޅުން އޮންނަ ފަރާތަކަށް ވެގެން ނުވާނެއެވެ.

 

ހަވަނަ ބާބު

ކޮމިޓީތައް

 

25 ވަނަ މާއްދާ - ކޮމްޕްލެއިންސް ކޮމިޓީ

(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކޮމިށަނުން ކަނޑައަޅާ އަދަދެއްގެ މައްޗަށް އެކުލެވިގެންވާ ކޮމްޕްލެއިންސް ކޮމިޓީއެއް އެކުލަވާލުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ކޮމްޕްލެއިންސް ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާއި ށަކުވާތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން؛
  2. ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތް ދެނެގަތުން؛
  3. މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލަ ދެނެގަތުމަށްޓަކައި އިބްތިދާއީ ތަހްގީގުކުރުން؛
  4. މައްސަލަތަކާ ގުޅޭގޮތުން އެޅޭ ފިޔަވަޅުތައް މައްސަލަ ހުށަހަޅާ ފަރާތާ ހިއްސާކުރުން.

 

26 ވަނަ މާއްދާ - ޓާސްކް ފޯސް

ކޮމިށަންގެ މަސްއޫލިއްޔަތު އޮމާންކަމާއި ހަރުދަނާކަމާއެކު އަދާކުރުމަށްޓަކައި ބޭނުންވާނެ އަދަދަށް ޓާސްކް ފޯސްތައް އުފެއްދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ޓާސްކް ފޯސްގެ މެންބަރުންގެ ގޮތުގައި، ކޮމިށަންގެ އޮފިސަރުންނާއި ކޮންސަލްޓަންޓުން ހިމެނިދާނެއެވެ.

(ށ) ކޮމިށަނުން ޓާސްކް ފޯސްތަކުން ބެލުމަށް ކަނޑައަޅާ މައްސަލަތަކުގެ ބާވަތާއި ޓާސްކް ފޯސްގެ ޒިންމާތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - އެހެނިހެން ކޮމިޓީތައް

މި ގާނޫނުގެ ދަށުން ކޮމިށަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، ކޮމިށަނުން ބޭނުންވާ އަދަދަކަށް ކޮމިޓީތައް އެކުލަވާލުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

ހަތްވަނަ ބާބު

ކޮމިށަންގެ ބާރުތައް

28 ވަނަ މާއްދާ - ކޮމިށަންގެ ބާރުތައް

ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، އަންނަނިވި ބާރުތައް ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ބޭނުންވާ އެންމެހައި ސާމާނާއި ވަސީލަތާއި އާލަތްތައް ހޯދައި، ގެންގުޅެ، އެތަކެތީގެ ބޭނުން ހިފުން؛

(ށ) ކޮމިށަނުން އެކިއެކި މައްސަލަތައް ބަލައި ތަހްގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި، ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި މި ގާނޫނަށް އަމަލުކުރުމުގައި ގެންގުޅޭނެ އުސޫލުތައް އެކުލަވާލުން؛

(ނ) ކޮމިށަނުން ބެލުނު މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން؛

(ރ) ކޮމިށަނުން ބަލާ މައްސަލަތަކާ ގުޅިގެން ޓާސްކް ފޯސްތައް އުފެއްދުމާއި، ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ފަންނީ އެހީތެރިންގެ ގޮތުގައި ކަމާގުޅޭ ދާއިރާތަކުގެ އެހީތެރިކަން ހޯދުން؛

(ބ) ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް ބަލައި، ތަހްގީގުކޮށް އިދާރީ ފިޔަވަޅު އަޅަން ފެނިއްޖެ ހިނދެއްގައި އިދާރީ ފިޔަވަޅު އެޅުން.

 

އަށްވަނަ ބާބު

މައްސަލަ ހުށަހެޅުން

29 ވަނަ މާއްދާ - ކޮމިށަނަށް މައްސަލަ ހުށަހެޅުން

މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކާ ގުޅޭގޮތުން ނުވަތަ މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ މުވައްޒަފަކާ ގުޅޭގޮތުން ށަކުވާއެއް ނުވަތަ މައްސަލައެއް ބަލައިދިނުމަށް އެދި ކޮންމެ ފަރާތަކަށްވެސް ކޮމިށަނަށް ހުށަހެޅިދާނެއެވެ.

 

30 ވަނަ މާއްދާ - މައްސަލައިގެ ބާވަތް

(ހ) މި ގާނޫނުގެ ދަށުން ކޮމިށަނުން ބެލޭނީ އަންނަނިވި ބާވަތުގެ މައްސަލަތަކެވެ.

  1. ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކު ގާނޫނާއި ގަވާއިދާ ހިލާފަށް ކުރި އަމަލެއް؛
  2. ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ ކޮމިށަންގެ ނަޒަރުގައި އިންސާފުވެރިކަމެއް ކަމުގައި ނުވުން، ނުވަތަ އެކަމަކީ ތަފާތުކުރުމެއްކަމުގައި ބެލެވުން؛
  3. ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކު ތަބާވާންޖެހޭ އުސޫލުތަކާ ހިލާފު ކަމެއްކުރުން؛
  4. ޖިނާއީ ކުށެއްކުރިކަމުގެ ތުހުމަތު ކުރެވުން.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ މައްސަލަތައް އަންނަނިވި ހާލަތްތަކުގައިވެސް ބެލުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. އެ އަމަލެއް ހިންގާފައިވަނީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއް ނޫންނަމަވެސް، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކު އެ އަމަލެއް ހިންގުމުގައި ބައިވެރިވެފައިވުން؛
  2. ގާތަންފީޒުކުރާ އިދާރާގެ މުވައްޒަފަކު ރަސްމީ ގަޑި ނޫން ގަޑިއެއްގައި ހިންގި އަމަލަކަށްވުން.

 

31 ވަނަ މާއްދާ - ފުރިހަމަވާންޖެހޭ މައުލޫމާތު

މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލަ ނުވަތަ ށަކުވާ ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ފުރިހަމަ ވާންވާނެއެވެ.

(ހ) މައްސަލަ ހުށަހަޅާ ފަރާތުގެ ފުރިހަމަ މައުލޫމާތު؛

(ށ) މައްސަލަ ރައްދުވާ ފަރާތުގެ ފުރިހަމަ މައުލޫމާތު؛

(ނ) މައްސަލަ ރައްދުވާ ފަރާތުން ކުރި ނުވަތަ ނުކޮށް ދޫކޮށްލި އަމަލަކީ ކޮބައިކަމާއި، އެ އަމަލެއްގެ ސަބަބުން މައްސަލަ ހުށަހަޅާ ފަރާތަށް ލިބުނު ގެއްލުން؛

(ރ) މައްސަލަ ރައްދުވާ ފަރާތުގެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކީ މައްސަލަ ހުށަހަޅާ ފަރާތް ނޫންނަމަ، އަނިޔާ ލިބުނު ފަރާތާބެހޭ ފުރިހަމަ މައުލޫމާތާއި، އަނިޔާ ލިބުނު ފަރާތާއި މައްސަލަ ހުށަހަޅާ ފަރާތާ ހުރި ގުޅުމަކީ ކޮބައިކަން؛

(ބ) އެ އަމަލެއް ހިނގައިދިޔައިރު އެތަނުގައި ހާޒިރުވެ ތިބި ބައެއްގެ މައުލޫމާތު؛

(ޅ) އެ ހާދިސާއަކާ ގުޅޭ ފޮޓޯއާއި، ލިޔެކިޔުންފަދަ އެންމެހައި މައުލޫމާތު.

 

32 ވަނަ މާއްދާ - މައުލޫމާތު ފުރިހަމަނުވުން

(ހ) މި ގާނޫނުގެ 31 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަ ނުވާކަމަށް ނުވަތަ އެ މައުލޫމާތުގެ އުނިކަމަށް އެކަނި ބަލައި މައްސަލަ ނުބެލޭނެ ކަމަށް ކޮމިށަނުން ނިންމައިގެން ނުވާނެއެވެ.

(ށ) މި ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ މައުލޫމާތުގެ ތެރެއިން، މައްސަލަ ބަލާ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިނުވާނަމަ، މައުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން ހުށަހެޅުމަށް މައްސަލަ ބޭރުކޮށްލުމުގެ އިހްތިޔާރު ކޮމްޕްލެއިންސް ކޮމިޓީއަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުން

(ހ) ކޮމިށަނަށް މައްސަލައެއް ހުށަހެޅުމާއެކު، އެ މައްސަލައަކާ ގުޅިގެން ލިބިފައިވާ އެންމެހައި ހެއްކާ ގަރީނާ ވަޒަންކޮށް، އެ މައްސަލައަކާމެދު އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު، އެ މައްސަލައެއް ރަޖިސްޓަރީކުރުމާމެދު ކޮމްޕްލެއިންސް ކޮމިޓީއިން ގޮތެއް ކަނޑައަޅަންވާނެއެވެ.

  1. މައްސަލައަކީ މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން ނުވަތަ ނޫންކަން؛
  2. މި ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ބެލޭނެ ފަދަ މައްސަލައަކަށް ނުވުން؛
  3. އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ ށަކުވާއަކަށް ނުވުން؛
  4. މައްސަލައިގައި ބެލިގެންދާ ކަންކަން ހިނގާފައިވަނީ މާކުރީގެ ތާރީހެއްކަމުގައިވުމުގެ ސަބަބުން އެ މައްސަލައެއް ތަހްގީގުކުރުމަށް ދަތިވުން؛
  5. މައްސަލަ ހުށަހަޅާ ފަރާތަށް މައްސަލަ ހައްލުކުރުމަށް ކޮމިށަނަށް ހުށަހެޅުމަށްވުރެ ރަނގަޅު ފުރުސަތުތަކެއް ފަހިވެފައިވުން؛
  6. ހުށަހަޅާފައިވާ މައްސަލައަކީ ށަރުއީ ކޯޓަކުން ބަލައި ނިންމާފައިވާ މައްސަލައަކަށްވުން ނުވަތަ ށަރުއީ ކޯޓަކަށް ހުށަހެޅިގެން ބެލެމުންދާ މައްސަލައަކަށްވުން.

(ށ) މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައާ ގުޅޭގޮތުން މައްސަލަ ހުށަހަޅާ ފަރާތުން ދޭ މައުލޫމާތު ރެކޯޑުކުރުމަށްފަހު، އެ މައްސަލަ ރަޖިސްޓަރީކުރުމަށް ނިންމައިފިނަމަ، ރަޖިސްޓަރީ ކުރިކަމުގެ ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

(ނ) މި ގާނޫނުގެ 35 ވަނަ މާއްދާގެ (ރ)  ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް، އެ މައްސަލައަކީ ކޮމިށަނަށް ބެލުމުގެ އިހްތިސާސް ލިބިފައިނުވާ މައްސަލައެއް ކަމުގައި ފެނިއްޖެނަމަ، އެ މައްސަލަ ނުބެލޭނެކަން ސަބަބާއެކު ލިޔުމަކުން މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު ދޭންވާނެއެވެ.

 

34 ވަނަ މާއްދާ - އިބްތިދާއީ ތަހްގީގު

ކޮމިށަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އަންނަނިވި ކަންކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމުގެގޮތުން ކޮމްޕްލެއިންސް ކޮމިޓީއިން އިބްތިދާއީ ތަހްގީގެއް ހިންގިދާނެއެވެ.

(ހ) ހުށަހެޅިފައިވާ މައްސަލައިގެ ބާވަތް؛

(ށ) އެ މައްސަލައަކީ ކޮމިށަނުން ފުރިހަމައަށް ތަހްގީގެއް ހިންގަންޖެހޭ މައްސަލައެއްކަން ނުވަތަ ނޫންކަން.

 

35 ވަނަ މާއްދާ - ކޮމްޕްލެއިންސް ކޮމިޓީގެ ހޯދުންތައް

(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިބްތިދާއީ ތަހްގީގަށްފަހު ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައަކީ އަހްލާގީ މައްސަލައެއްކަމުގައި ކޮމްޕްލެއިންސް ކޮމިޓީއަށް ފެނިއްޖެނަމަ، އަދި އެ ފަދަ މައްސަލައެއް ބެލުމަށް އެންމެ އެކަށޭނަ އިދާރާއަކީ އެ މުވައްޒަފަކާ ގުޅޭގޮތުން ޑިސިޕްލިނަރީ ފިޔަވަޅުއަޅަން ކަނޑައަޅާފައިވާ ޑިސިޕްލިނަރީ ކޮމިޓީކަމަށް ކޮމްޕްލެއިންސް ކޮމިޓީއަށް ފެނިއްޖެ ހިނދެއްގައި، ކޮމްޕްލެއިންސް ކޮމިޓީއަށް ފެންނަ ގޮތް އެކުލެވޭގޮތަށް ތަހްގީގު ރިޕޯޓެއް ކޮމިށަނަށް ހުށަހެޅިދާނެއެވެ.

(ށ) ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައަކީ ގާނޫނު ނަންބަރު 2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގެ ދަށުން ބެލެންޖެހޭނެ މައްސަލައެއްކަމުގައި ކޮމްޕްލެއިންސް ކޮމިޓީއަށް ފެނިއްޖެ ހިނދެއްގައި، ކޮމްޕްލެއިންސް ކޮމިޓީއަށް ފެންނަ ގޮތް އެކުލެވޭގޮތަށް ތަހްގީގު ރިޕޯޓެއް ކޮމިށަނަށް ހުށަހެޅިދާނެއެވެ.

(ނ) ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައިގެ އިބްތިދާއީ ތަހްގީގަށްފަހު، އެ މައްސަލައަކީ ކޮމިށަނުން ފުރިހަމަ ތަހްގީގެއް ހިންގަންޖެހޭނެ މައްސަލައެއްކަމުގައި ފެނިއްޖެ ހިނދެއްގައި، ކޮމްޕްލެއިންސް ކޮމިޓީއަށް ފެންނަ ގޮތް އެކުލެވޭގޮތަށް ތަހްގީގު ރިޕޯޓެއް ކޮމިށަނަށް ހުށަހެޅިދާނެއެވެ.

(ރ) ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައިގެ އިބްތިދާއީ ތަހްގީގަށްފަހު، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް އެ މައްސަލައަކީ ކޮމިށަނަށް ބެލިދާނެ މައްސަލައެއް ނޫންކަމަށް ކޮމްޕްލެއިންސް ކޮމިޓީއަށް ފެނިއްޖެ ހިނދެއްގައި، ކޮމްޕްލެއިންސް ކޮމިޓީއަށް ފެންނަ ގޮތް އެކުލެވޭގޮތަށް ތަހްގީގު ރިޕޯޓެއް ކޮމިށަނަށް ހުށަހެޅިދާނެއެވެ.

  1. މައްސަލައަކީ މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތެރޭގައި ހިމެނޭ މައްސަލައެއްކަން ނުވަތަ ނޫންކަން؛
  2. މި ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ބެލޭނެ ފަދަ މައްސަލައަކަށް ނުވުން؛
  3. އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ ށަކުވާއަކަށް ނުވުން؛
  4. މައްސަލައިގައި ބެލިގެންދާ ކަންކަން ހިނގާފައިވަނީ މާކުރީގެ ތާރީހެއް ކަމުގައިވުމުގެ ސަބަބުން އެ މައްސަލައެއް ތަހްގީގުކުރުމަށް ދަތިވުން؛
  5. މައްސަލަ ހުށަހަޅާ ފަރާތަށް މައްސަލަ ހައްލުކުރުމަށް ކޮމިށަނަށް ހުށަހެޅުމަށްވުރެ ރަނގަޅު ފުރުސަތުތަކެއް ފަހިވެފައިވުން؛
  6. ހުށަހަޅާފައިވާ މައްސަލައަކީ ށަރުއީ ކޯޓަކުން ބަލައި ނިންމާފައިވާ މައްސަލައަކަށްވުން ނުވަތަ ށަރުއީ ކޯޓަކަށް ހުށަހެޅިގެން ބެލެމުންދާ މައްސަލައަކަށްވުން.

 

36 ވަނަ މާއްދާ - ކޮމްޕްލެއިންސް ކޮމިޓީގެ ތަހްގީގާ ގުޅިގެން ކޮމިށަނުން އަމަލުކުރާނެ ގޮތް

(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮމްޕްލެއިންސް ކޮމިޓީއިން ކޮމިށަނަށް ހުށަހަޅާ ތަހްގީގު ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ މައްސަލައަކާ ގުޅޭގޮތުން އަންނަނިވި ގޮތަކުންކުރެގޮތެއް ކޮމިށަނުން ނިންމަންވާނެއެވެ.

  1. މި ގާނޫނުގެ 35 ވަނަ މާއްދާގެ (ހ)  ގެ ދަށުން، ކޮމްޕްލެއިންސް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މައްސަލައަކީ ޑިސިޕްލިނަރީ މައްސަލައެއްކަމުގައި ކޮމިށަނަށް ގަބޫލުކުރެވޭނަމަ، އަދި އިތުރު ތަހްގީގެއް އެ މައްސަލައަކާ ގުޅޭގޮތުން ހިންގުމަށް ކޮމިށަނަށް ނުފެންނަނަމަ، އެ މައްސަލައެއް އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީއިން ބެލުމަށްޓަކައި އެ އިދާރާއަކަށް ފޮނުވަންވާނެއެވެ.
  2. މި ގާނޫނުގެ 35 ވަނަ މާއްދާގެ (ށ)  ގެ ދަށުން، ކޮމްޕްލެއިންސް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މައްސަލައަކީ ގާނޫނު ނަންބަރު  2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު)  ގެ ދަށުން ބެލެންޖެހޭނެ މައްސަލައެއްކަމުގައި ކޮމިށަނަށް ގަބޫލުކުރެވޭނަމަ،
    އެ މައްސަލައެއް ބެލުމަށްޓަކައި އެންޓި-ކޮރަޕްށަން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
  3. މި ގާނޫނުގެ 35 ވަނަ މާއްދާގެ (ނ)  ގެ ދަށުން، ކޮމްޕްލެއިންސް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މައްސަލައަކީ ކޮމިށަނުން ފުރިހަމަ ތަހްގީގެއް ހިންގަންޖެހޭނެ މައްސަލައެއްކަމުގައި ކޮމިށަނަށް ގަބޫލުކުރެވޭނަމަ، އެކަން އަންނަނިވި ފަރާތްތަކަށް ކޮމިށަނުން އަންގަންވާނެއެވެ.

    i.  މައްސަލައަކީ އަހްލާގީ މައްސަލައެއްނަމަ، އެ މުވައްޒަފެއްގެ އަހްލާގީ މައްސަލަތައް ބަލާ ޑިސިޕްލިނަރީ ކޮމިޓ.

    ii. މައްސަލައަކީ ޖިނާއީ މައްސަލައެއްނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް.
       
  4. މި ގާނޫނުގެ 35 ވަނަ މާއްދާގެ (ރ)  ގެ ދަށުން، ކޮމްޕްލެއިންސް ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ މައްސަލައަކީ ކޮމިށަނަށް ނުބެލޭނެ މައްސަލައެއް ކަމުގައި ކޮމިށަނަށް ގަބޫލުކުރެވޭނަމަ މައްސަލަ ބޭރުކޮށްލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.
  5. މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ކޮމްޕްލެއިންސް ކޮމިޓީން ހުށަހަޅާ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ނޫންކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި،  އެ މައްސަލަ އިތުރަށް ތަހްގީގުކުރުމަށް ޓާސްކް ފޯސްއަކާ ހަވާލުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.
  6. މި މާއްދާގެ (5)  ވަނަ ނަންބަރުގެ ދަށުން ޓާސްކް ފޯސްއާ ހަވާލުކުރެވޭ މައްސަލަތައް ތަހްގީގުކުރުމަށްފަހު، މައްސަލަ ހަވާލުކުރެވޭތާ 14 (ސާދަ)  ދުވަހުގެ ތެރޭގައި ޓާސްކް ފޯސްއިން ތަހްގީގު ރިޕޯޓު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުގެ ދަށުން ޑިސިޕްލިނަރީ ކޮމިޓީއަށް ނުވަތަ މި މާއްދާގެ (ހ)  ގެ (2)  ވަނަ ނަންބަރުގެ ދަށުން އެންޓި-ކޮރަޕްށަން ކޮމިށަނަށް ފޮނުވޭ މައްސަލަތައް، އެ އިދާރާއަކުން ތަހްގީގުކުރުމަށްފަހު، އެ މައްސަލައަކާ ގުޅިގެން އެ އިދާރާއަކުން ނިންމާ ނިންމުން އެ އިދާރާއަކަށް މައްސަލަ ފޮނުވާތާ 30 (ތިރީސް)  ދުވަހުގެ ތެރޭގައި ކޮމިށަނަށް އަންގަންވާނެއެވެ.

(ނ) ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޮމިށަނުން ނިންމާ ނިންމުން ލިޔުމަކުން ސަބަބާއެކު މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

37 ވަނަ މާއްދާ - ކޮމިށަންގެ އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން

މި ގާނޫނުގެ 31 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ތަންފީޒުކުރާ އިދާރާ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއްގެ މައްސަލައަކާގުޅޭ މައުލޫމާތު ކޮމިށަނަށް ލިބިއްޖެ ހާލަތުގައި، އެ މައްސަލައެއް ބެލުމަކީ އާންމުވެގެންވާ މަސްލަހަތެއް އޮތްކަމެއް ކަމުގައިވާނަމަ، ކޮމިށަންގެ އަމިއްލަ އިސްނެގުމުގައި އެ މައްސަލައެއް ތަހްގީގުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

38 ވަނަ މާއްދާ - ތަހްގީގުކުރުމާ ގުޅޭގޮތުން ކޮމިށަނަށް ލިބިގެންވާ  ބާރުތައް

(ހ) މި ގާނޫނުގެ މަގްސަދަށްޓަކައި އަންނަނިވި ބާރުތައް ކޮމިށަނަށް ލިބިގެންވެއެވެ.

  1. ށަރުއީ ކޯޓުތަކުގައި ހެކިބަސް ނެގުމުގައި ގެންގުޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހެކިންގެ ހެކި ބަސް އިގްރާރުން ނުވަތަ ހުވާ ލައިގެން އަނގަބަހުން ނުވަތަ ލިޔުމުން ނެގުން؛
  2. ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހެއް، އެމީހެއްގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި އޮތް ލިޔެކިޔުމެއް ނުވަތަ އެފަދަ އެހެން އެއްޗެއް ހޯދުމަށް ނުވަތަ ހެކިބަސް ނެގުމަށްޓަކައި ކޮމިށަންގެ ބައްދަލުވުމަކަށް ނުވަތަ އަޑުއެހުމަކަށް ހާޒިރުކުރުން؛
  3. ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކޮމިށަނަށް ހާޒިރުކުރުމާއި އެ މީހުންގެ ހެކިބަހާއި ބަޔާން ހޯދުން؛
  4. ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅުންހުރިކަމަށް ފެންނަ ލިޔެކިއުންތަކާއި އެހެނިހެން ތަކެތި ހޯދުމަށްޓަކައި ސަރުކާރުގެ އިދާރާތަކަށާއި އެހެނިހެން ތަންތަނަށް ކޮމިށަންގެ މުވައްޒަފުންގޮސް އެތަންތަނާއި އެތަންތަނުގައި ހުރި ލިޔެކިއުން ބެލުމާއި ނަކަލުކުރުމަށް ބޭނުންވެއްޖެނަމަ ކޮމިށަނަށް ގެނައުން؛
  5. ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެ ކަމަށް ކޮމިށަނަށް ފެންނަ ފަރާތްތަކުން، އެ މައުލޫމާތެއް ހޯދުން؛
  6. ކޮމިށަނަށް ހުށަހެޅޭ މައްސަލައަކާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ކޮމިށަނަށް މައުލޫމާތެއް ދިނުމަށް، ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުން.

 

39 ވަނަ މާއްދާ - ދިފާއުވުމުގެ ފުރުސަތު

ކޮމިށަނުން ބަލައި ތަހްގީގުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތަކަށް އޭނާގެ ދިފާއުގައި ވާހަކަ ދައްކައި، ނުވަތަ ގާނޫނީ ވަކީލަކު މެދުވެރިކޮށް، މައްސަލަ ހިނގިގޮތްކަމަށް އެފަރާތަށް ފެންނަ ގޮތެއް، ނުވަތަ އެކަމުގައި އެފަރާތަކުން އަމަލުކުރި ގޮތްކަމަށް އެފަރާތުން ބުނާގޮތެއް ކޮމިށަނަށް ބަޔާންކޮށްދިނުމުގެ ފުރުސަތު އެފަރާތަކަށް ދޭންވާނެއެވެ.

 

ނުވަވަނަ ބާބު

އަޑުއެހުންތަކާއި މީހުން ހާޒިރުކުރުން

 

40 ވަނަ މާއްދާ – އަޑުއެހުންތައް

(ހ) ކޮމިށަނުން ކުރާ ތަހްގީގެއްގެ ބޭނުމަށް އަޑުއެހުމެއް ބޭއްވުމަކީ މުހިންމު ނުވަތަ ބޭނުންތެރިކަމެއްކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އަޑުއެހުމެއް ބޭއްވިދާނެއެވެ.

(ށ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ބާއްވާނީ، އޮނަހިރި އަދަދެއްގެ މެންބަރުން ހިމެނޭ ގޮތުން ކޮމިށަންގެ ރައީސް އެކުލަވާލާ މައްސަލަ ބަލާ މަޖިލީހަކުންނެވެ. މައްސަލަ ބަލާ މަޖިލީހުގެ މެންބަރުން ކަނޑައަޅާނެގޮތާއި، މައްސަލަ ބަލާ މަޖިލީސް ބާއްވާނެ ތާރީހުތަކާއި ގަޑިތައް ކަނޑައަޅާނެގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

41 ވަނަ މާއްދާ - އާންމުންނަށް ހުޅުވާލައިގެންނާއި ސިއްރުކޮށް އަޑުއެހުން ބޭއްވުން

(ހ) ކޮމިށަންގެ އަޑުއެހުންތައް ބާއްވަންވާނީ އާންމުންނަށް ހުޅުވާލައިގެންނެވެ.

(ށ) މި މާއްދާގެ (ހ)  ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، އަޑުއެހުމެއް ނުވަތަ އަޑުއެހުމެއްގެ ބަޔަކުން ނިކުމެދާނެ ކަމެއް ނުވަތަ ހިއްސާކުރެވޭނެ މައުލޫމާތު ނުވަތަ ލިޔެކިޔުންތަކަކީ އޭގެ ޒާތުގައި ސިއްރު މައުލޫމާތަކަށްވާނަމަ އެ އަޑުއެހުމެއް ނުވަތަ އަޑުއެހުމުގެ ބައެއް ސިއްރުކޮށްގެން ކުރިޔަށް ގެންދެވިދާނެއެވެ.

(ނ) މިފަދަ ނިންމުންތައް ނިންމުމުގައި އެކަމެއްގައި ހިމެނިފައިވާ އާންމުވެގެންވާ މަސްލަހަތަށް ރިއާޔަތްކުރުމަކީ ކޮމިށަނަށް ލާޒިމުކަމެކެވެ.

 

42 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ނެރުން

ހެކިންނާއި މައްސަލަ ރައްދުވާ މީހުންނާއި އަދިވެސް އެކިއެކި ބޭނުންތަކަށް ކޮމިށަނަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް މި ގާނޫނުގެ މި މާއްދާގައިވާ ފަދައިން ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުން ފޮނުވާ އަމުރުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ހާޒިރުވާންވީ މީހާގެ ނަމާއި، ދާއިމީ އަދި ވަގުތީ އެޑްރެސް؛

(ށ) ހާޒިރުވާންވީ ތަނާއި ދުވަހާއި ގަޑި؛

(ނ) ހާޒިރުވާންޖެހޭ ސަބަބު؛

(ރ) އެ އަމުރުގައި ހިމަނަން ކޮމިށަނަށް ފެންނަ އެހެނިހެން މައުލޫމާތު؛

(ބ) ކޮމިށަނަށް ހާޒިރުވުމަށް އަންގާ އަމުރުގެ ނުފުށުގައި، ހާޒިރުވާ މީހުން ސަމާލުކަން ދޭންޖެހޭ ކަންކަން.

 

43 ވަނަ މާއްދާ - އަމުރު ރައްދުކުރުން

(ހ) ކޮމިށަނަށް ހާޒިރުވާންޖެހޭ މީހާއަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ، ހާޒިރުވުމުގެ އަމުރު އެމީހާއާ ހަވާލުކުރުމުން އަމުރު ރައްދުކުރެވުނީއެވެ. ހާޒިރުވުމުގެ އަމުރު ހަވާލުކުރި ފަރާތާއި، ހަވާލުވި ފަރާތް އަމުރުގެ އަސްލާއި ކޮޕީގައި ސޮއިކުރަންވާނެއެވެ. ސޮއިނުކޮށްފިނަމަ ބެލެވޭނީ ހަވާލުނުވީކަމަށެވެ. ކޮމިށަނަށް ހާޒިރުވާންޖެހޭ މީހާއާ ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ހަވާލުނުކުރެވިއްޖެނަމަ، އޭނާ ދިރިއުޅޭ ގޭގައި އުޅޭ ތަސައްރަފު ފުދިފައިވާ މީހަކާ އަމުރު ހަވާލުކުރުމުން، އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.

(ށ) ކޮމިށަނަށް ހާޒިރުކުރަންޖެހޭ މީހާއަކީ ކަނޑުގައި ދުއްވާ އުޅަނދެއްގައި އުޅޭ މީހަކަށްވެފައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރެވެން ނެތްނަމަ، އެ އުޅަނދެއްގައި އުޅޭ މީހުނަށް ފެންނަ ހިސާބެއްގައި ހާޒިރުވުމުގެ އަމުރު ހަރުކުރުމުން، އެ މީހަކަށް އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެއެވެ.

(ނ) ހާޒިރުވުމުގެ އަމުރު ލިބެންވާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް އަމަލުކުރުމުން ނުވަތަ އެ މީހަކު ވަޒީފާ އަދާކުރާ ތަނަށް އަމުރު ފޮނުވުމުން، އެ މީހަކަށް އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެމަތިން ހާޒިރުވުމުގެ އަމުރު ހަވާލުކުރެވިފައި ވަނިކޮށް، އަމުރު ލިބެންވާ ފަރާތުން އަމުރު ލިބުނު ކަމަށް އިންކާރުކުރާ ހާލަތުގައި، ކޮމިށަންގެ ފަރާތުން އަމުރު ހަވާލުކުރަން ދިޔަ ފަރާތުން، އަމުރު ހަވާލުކުރި ކަމަށްބުނެ ދޭ ހެކިބަހަކީ، ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ފުރިހަމަ ހެކިބަހެއް ކަމުގައި ބެލެވޭނެއެވެ.

 

44 ވަނަ މާއްދާ - އަމުރު ރައްދުކުރާ ފަރާތް

(ހ) ހާޒިރުވުމުގެ އަމުރު އާންމު ގޮތެއްގައި ކޮމިށަންގެ މުވައްޒަފުން ރައްދުކުރާ ގޮތަށް އޮތްކަމުގައި ވީނަމަވެސް، ކޮމިށަނުން ކަނޑައަޅާ ހާލަތުތަކުގައި، ރަޖިސްޓަރީ ޕޯސްޓްގެ ޒަރީއާއިން ނުވަތަ ކޮމިށަނުން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ޕޯސްޓްގެ ޒަރީއާއިން ހާޒިރުވުމުގެ އަމުރު ރައްދުކުރާ ހާލަތުތަކުގައި، އެމީހަކު ދިރިއުޅޭ އެޑްރެހަކަށް އަމުރު ރައްދުކުރިކަމަށް ސޮއިކުރުވާފައިވާ، ޕޯސްޓް އޮފީހުން ކޮމިށަނަށް ހުށަހަޅާ ސްލިޕް ބެލެވޭނީ، ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ހެއްކެއްގެ ގޮތުގައެވެ.

(ނ) އަމުރު ރައްދުވާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޖަމްއިއްޔާއެއްނަމަ، އެ ކުންފުންޏެއް ނުވަތަ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގެ އެޑްރެހަށް އަމުރު ރައްދުކުރިކަމަށް ސޮއިކުރުވާފައި، ޕޯސްޓް އޮފީހުން ކޮމިށަނަށް ހުށަހަޅާ ސްލިޕް ބެލެވޭނީ، އެފަރާތަށް އަމުރު ރައްދުވިކަމުގެ ހެއްކެއްގެ ގޮތުގައެވެ.

 

45 ވަނަ މާއްދާ - ކޮމިށަނަށް ހާޒިރުވުން

(ހ) ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ލިބޭ ކޮންމެ މީހަކު އެ އަމުރުގައި ކަނޑައަޅާފައިވާ ތާރީހުގައި، އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް ކޮމިށަނަށް ހާޒިރުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ފަދައިން ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، މަގުބޫލު އުޒުރެއް ނެތި އަމުރުގައިވާ ގަޑިއަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ އަމުރު ބަލައިނުގެންފިނަމަ، ކޮމިށަންގެ އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބަލައި، އޭނާއާމެދު ފިޔަވަޅުއެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. ހާޒިރުނުވި މީހަކީ ނުވަތަ އަމުރު ބަލައިނުގަތް މީހަކީ، ދައުވާލިބޭ ފަރާތް ކަމުގައިވާނަމަ، އޭނާ ބަންދުގައި ބަހައްޓައިގެން ކޮމިށަނަށް ހާޒިރުކުރުމުގެ އިހްތިޔާރުވެސް ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) ކޮމިށަނަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، މަގުބޫލު އުޒުރެއް ދިމާވެގެން ކޮމިށަނަށް ހާޒިރުވެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން، އެކަން ކޮމިށަނަށް އަންގަންވާނެއެވެ. މަގުބޫލު އުޒުރެއް ކަމަށް ބަލާނީ ތިރީގައިވާ ހާލަތުތަކުންކުރެ ހާލަތެއް މެދުވެރިވުމެވެ.

  1. ހާޒިރުވާންޖެހޭ މީހާ ކޮމިށަނަށް ހާޒިރުނުވެވޭފަދަ ބައްޔެއްވުން؛
  2. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރާއި، އެއްގަމު ދަތުރު ކުރެވޭގޮތް ނުވުން؛
  3. ކޮމިށަނަށް ގަބޫލުކުރެވޭ އެހެން އުޒުރެއް މެދުވެރިވުން.

 

ދިހަވަނަ ބާބު

މައްސަލައެއް ބަލައި ނިމުމުން އަމަލުކުރާނެގޮތް

 

46 ވަނަ މާއްދާ - މައްސަލަ ބެލުމަށްފަހު އަމަލުކުރެވޭނެގޮތް

ކޮމިށަނުން މައްސަލައެއް ބަލާ ނިންމުމަށްފަހު އަމަލުކުރާނީ ތިރީގައިމިވާ ގޮތަށެވެ.

(ހ) ތަހްގީގު ކުރެވުނީ ތަހްގީގީ އިދާރާއެއްގެ މުވައްޒަފަކު ނުވަތަ ބަޔަކު ގާނޫނާއި ނުވަތަ ގަވާއިދާ ހިލާފުވެފައިވާކަމަށް ކުރެވުނު ތުހުމަތެއްގައި ކަމަށްވާނަމަ، އެތުހުމަތަކާ ބެހޭގޮތުން ކޮމިށަނަށް ފެންނަގޮތާއި އަދި މައްސަލައިގައި އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކުން އަމަލުކުރަން ފެންނަގޮތެއްގެ ލަފާ އެ އިދާރާއަކަށް ދިނުން؛

(ށ) ކޮމިށަނުން ކުރެވުނު ތަހްގީގަކާ ނުވަތަ މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ފެންނަނަމަ އެކަން ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛

(ނ) ކޮމިށަނުން ކުރެވުނު ތަހްގީގަކާ ގުޅިގެން، އެފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި އަމަލުކުރެވޭ އުސޫލުތަކަށް ނުވަތަ ގަވާއިދުތަކަށް ބަދަލުގެންނަން ކޮމިށަނަށް ފެންނަނަމަ އެކަމާބެހޭ ލަފާ އެ އިދާރާތަކަށް ދިނުން.

 

47 ވަނަ މާއްދާ - ކޮމިށަންގެ ނިންމުންތައް

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މައްސަލައެއް ބަލައި ތަހްގީގުކުރުމަށްފަހު ކޮމިށަނުން ހުށަހަޅާ ހުށަހެޅުންތަކަށް އެ ހުށަހެޅުންތައް ހުށަހެޅޭ ފަރާތްތަކުން އަމަލުކުރަންވާނެއެވެ. އަދި، ކޮމިށަންގެ ލަފަޔާއި އެއްގޮތަށް އަމަލުކުރުމަށްފަހު، އެކަން ކޮމިށަނަށް 30 (ތިރީސް)  ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކާމެދު ފިޔަވަޅުއެޅުމަށް ކޮމިށަނުން އެ އިދާރާއަކަށް ފޮނުވާ ހިނދު، ކޮމިށަނުން ބެލުނު މައްސަލައާ ގުޅިގެން އެ މުވައްޒަފާމެދު އެ އިދާރާއަކުން ފިޔަވަޅު އަޅާފައިވާނަމަ، ކޮމިށަންގެ ހުށަހެޅުމާ އެއްގޮތަށް އެ މުވައްޒަފަކާމެދު ފިޔަވަޅު އެޅުން އެ އިދާރާގެ މައްޗަށް ލާޒިމެއް ނޫނެވެ.

(ނ) މުޅި ކޮމިށަންގެ ފެންވަރުގައި ބަލާ މައްސަލަތައް ނިންމުމުގައި، ކޮމިށަންގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި، މައްސަލަތައް ނިންމާނީ، ކޮމިށަންގެ އަގްލަބިއްޔަތުންނެވެ.

 

އެގާރަވަނަ ބާބު

ހާއްސަ އުސޫލު

 

48 ވަނަ މާއްދާ - އެހެން އިދާރާއަކުން ކުރާ ތަހްގީގަކަށް ލިބިފައިވާ މައުލޫމާތު

(ހ) ތަހްގީގުކުރުމުގެ ގާނޫނީ ބާރުލިބިފައިވާ އެއްވެސް އިދާރާއަކުން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއްގެ މައްސަލައެއް ތަހްގީގުކުރާނަމަ، އެ ކަމާބެހޭ މައުލޫމާތު ކޮމިށަނަށް އަންގަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ކުރަމުންގެންދާ ތަހްގީގަކަށް ބޭނުންވާ މައުލޫމާތެއް، ތަހްގީގު ކުރުމުގެ ގާނޫނީ ބާރު ލިބިގެން ތަހްގީގުކުރާ މުއައްސަސާއެއްގައި ހުރި ކަމަށް ކޮމިށަނަށް ގަބޫލުކުރެވޭނަމަ، އެފަރާތަކަށް ލިބިފައިވާ މައުލޫމާތު ހޯދަން އެދުމާއި އެފަދަ މައުލޫމާތު ބޭނުންކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

49 ވަނަ މާއްދާ - ށަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅުން ހުރި މައްސަލަ ބެލުން

ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއްގެ މަސައްކަތާ ގުޅުންހުރި މައްސަލައެއް ށަރުއީ ކޯޓެއްގައި ހިނގަމުން ދަނިކޮށް އެ މައްސަލަ ކޮމިށަނުން ނުބެލޭނެއެވެ.

 

50 ވަނަ މާއްދާ - މެންބަރުންނަށާއި މުވައްޒަފުންނަށް ދެވޭ ހިމާޔަތް

ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގައި ގާނޫނާއި ހިލާފުނުވާ ގޮތެއްގެމަތިން ކޮމިށަންގެ މެންބަރަކު، ނުވަތަ މުވައްޒަފަކު ނުވަތަ އޮފިސަރަކު ރަސްމީ ހައިސިއްޔަތުން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އޭނާގެ މައްޗަށް ދައުވާއެއް ނުއުފުލޭނެއެވެ.

 

51 ވަނަ މާއްދާ - މައުލޫމާތު ދިނުމަށް އޮންނަ ގާނޫނީ ވާޖިބު

އެއްވެސް ފަރާތެއްގެ ބާރުގެ ތެރޭގައި، މި ގާނޫނުގެ ދަށުން ތަހްގީގުކުރުމަށް ލާޒިމުކުރާ މައްސަލައެއްގެ މައުޒޫއާގުޅޭ އެއްވެސް މައުލޫމާތެއް ދިނުންވާނަމަ، އެ މައުލޫމާތެއް ހުރި ފަރާތަކީ މި ގާނޫނުން ގައިދުކޮށްފައިވާ މިންވަރާއި އެއްގޮތަށް މައުލޫމާތު ދިނުމުގެ ގާނޫނީ ޒިންމާ އަދާކުރަންޖެހިފައިވާ ފަރާތެއްކަމުގައި ބެލެވޭނެއެވެ.

 

52 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ކޮމިށަންގެ މެންބަރުންގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.

(ށ) ކޮމިށަންގެ މުވައްޒަފެއްގެ ހައިސިއްޔަތުން އެމީހުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.

 

53 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

ކޮމިށަންގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމެއް ނުވަތަ މައްސަލައެއް، ކޮމިށަނުން ބަލާ ހިނދު، އެކަމެއް ނުވަތަ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމިށަނުން ބަލާ މައްސަލައަކީ، މިފަދަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމެއްކަން ނުވަތަ މައްސަލައެއްކަން ކުރިން އެނގިފައިނެތް ނަމަވެސް އެކަން އެނގޭހިނދު، އެކަން ކޮމިށަންގެ ރައީސަށް އެންގުމާއެކު، އެކަމެއް ނުވަތަ މައްސަލައެއް ބެލުމުން ނުވަތަ އެމައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެ މެންބަރަކު ތަނާޒުލްވާންވާނެއެވެ.

 

54 ވަނަ މާއްދާ - މާލީ ކަންކަން

(ހ) ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން އެ ކޮމިށަނަށް ދޫކުރަންވާނެއެވެ. އެގޮތުން، ކޮމިށަނުން ބަޖެޓު އެކުލަވާލައި، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު)  އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ފޮނުވަންވާނެއެވެ.

(ށ) ކޮމިށަންގެ އެންމެހައި ހިސާބުތަކާއި އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަންވާނީ ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު)  އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

55 ވަނަ މާއްދާ - ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން

ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ކޮމިށަންގެ މެންބަރުން ހާޒިރުވާންވާނެއެވެ. އަދި އެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީން ކޮމިށަންގެ މެންބަރުންނާ ކުރެވޭ ސުވާލުތަކަށް ކޮމިށަންގެ މެންބަރުންނަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެއެވެ.

 

56 ވަނަ މާއްދާ - އޮޑިޓް ކުރުން

ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު ކޮމިށަންގެ ހިސާބުތައް އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އަދި ކޮމިށަނުން އެކަމަށް އައްޔަންކުރާ އެކައުންޓަންޓަކު މެދުވެރިކޮށް އޮޑިޓްކުރަންވާނެއެވެ.

 

57 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ކޮމިށަންގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގައިދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކޮމިށަނަށް ހުށަހެޅުނު މައްސަލަތައް؛
  2. ކޮމިށަނުން ނިންމި މައްސަލަތަކާއި، އެ މައްސަލަތައް ނިންމިގޮތް؛
  3. ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން، ބަލަމުންގެންދާ މައްސަލަތައް؛
  4. ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އިސްލާހުކޮށް ރަނގަޅު ކުރަންޖެހޭކަމަށް އެ މުއްދަތުގެ ތެރޭގައި ކޮމިށަނުން ހުށަހެޅިކަންކަން؛
  5. އިސްލާހުކުރުމަށް ހުށަހެޅި ކަންކަމުގެ ތެރެއިން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަމަލުކުރި ކަންކަމާއި، އަމަލުނުކުރާކަންކަން.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ފޮނުވާތާ، 45 (ސާޅީސް ފަހެއް)  ދުވަހުގެ ތެރޭގައި، ކޮމިށަނުން އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

58 ވަނަ މާއްދާ - ހާއްސަ ރިޕޯޓު

ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ ހާލަތަކާގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

59 ވަނަ މާއްދާ - ބެލުމުގެ ބާރު ލިބިގެންވާ މައްސަލަ

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ސަރުކާރުގެ ކަމާބެހޭ ދާއިރާއަކަށް ހުށަހަޅާފައިވާ މައްސަލައެއް ފިޔަވައި، މި ގާނޫނުގެ ދަށުން ކޮމިށަނަށް މައްސަލައެއް ހުށަހެޅޭނީ އަދި ކޮމިށަނުން މައްސަލައެއް ބެލޭނީ، އެކަމެއްގެ މައްޗަށް މައްސަލަ ބިނާވެފައިވާ ކަންކަން ހިނގާފައިވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުގެ ތާރީހެއްގައިކަމަށް ވާނަމައެވެ.

(ށ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ހިނގާފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުންކަމުގައިވިއަސް، އެހެންގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާހިނދަކު، ކޮމިށަނުން އެ މައްސަލައެއް ބެލޭނީ، އެކަމެއްގެ މައްޗަށް އެމައްސަލަ ބިނާވެފައިވާ ކަންކަން ހިނގި ތާރީހާއި އެ މައްސަލައެއް ކޮމިށަނަށް ހުށަހެޅި ތާރީހާ ދެމެދު، މިލާދީގޮތުން 2 (ދޭއް)  އަހަރު ދުވަސް ފުރިހަމަ ނުވާނަމައެވެ.

 

60 ވަނަ މާއްދާ - ކުށާއި އަދަބު

(ހ) ކޮމިށަނަށް ހާޒިރުވުމަށް، ނުވަތަ ކޮމިށަނަށް މައުލޫމާތެއް ދިނުމަށް ނުވަތަ ކޮމިށަނަށް ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިށަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކާ ހިލާފުވެއްޖެނަމަ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)  ގެ 533 ވަނަ މާއްދާ އަދި/ނުވަތަ 534 ވަނަ މާއްދާ އަދި/ނުވަތަ 535 ވަނަ މާއްދާގެ ދަށުން ދައުވާކޮށް އެފަރާތްތަކަށް އަދަބު ކަނޑައެޅިދާނެ، ނުވަތަ ކުރި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި 500 (ފައްސަތޭކަ)  ރުފިޔާއާއި 50,000  (ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ކޮމިށަންގެ ތަހްގީގަށް ހެކި ހޯދުމަށް އެފަރާތެއްގެ ކިބައިން ކޮމިށަނުން އެންގުމުން އެކަށީގެންވާ ސަބަބެއްނެތި އެކަމަށް އިންކާރުކޮށްފިނަމަ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)  ގެ 533 ވަނަ މާއްދާ އަދި/ނުވަތަ 534 ވަނަ މާއްދާ އަދި/ނުވަތަ 535 ވަނަ މާއްދާ އަދި/ނުވަތަ 540 ވަނަ މާއްދާގެ ދަށުން ދައުވާކޮށް އެފަރާތްތަކަށް އަދަބު ކަނޑައެޅިދާނެ، ނުވަތަ ކުރި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި) 500 (ފައްސަތޭކަ)  ރުފިޔާއާއި 50,000)  (ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.

(ނ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މައްސަލައެއް ބަލައި ތަހްގީގުކުރުމަށްފަހު ކޮމިށަނުން ހުށަހަޅާ ހުށަހެޅުންތަކަށް އެކަށީގެންވާ ސަބަބެއްނެތި އެ ހުށަހެޅުންތައް ހުށަހެޅޭ ފަރާތްތަކުން އަމަލުނުކޮށްފިނަމަ، ކުރި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި ) 500 (ފައްސަތޭކަ)  ރުފިޔާއާއި 50,000 (ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.

(ރ) މި ގާނޫނުގެ 51 ވަނަ މާއްދާއާ ހިލާފުވެއްޖެނަމަ، ކުރި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި ) 500 (ފައްސަތޭކަ)  ރުފިޔާއާއި 50,000  (ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.

(ބ) މި ގާނޫނުގެ 52 ވަނަ މާއްދާގެ (ހ)  ނުވަތަ (ށ)  އާ ހިލާފުވެއްޖެނަމަ، ކުރި އަމަލުގެ ކުޑަބޮޑު މިނަށް ބަލައި ) 500 (ފައްސަތޭކަ)  ރުފިޔާއާއި 50,000 (ފަންސާސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ.

 

61 ވަނަ މާއްދާ - ޖޫރިމަނާ ފައިސާ ހޯދުން

މި ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ކުރެވޭ ޖޫރިމަނާ ސަރުކާރު ބަންދުނޫން 3 (ތިނެއް)  ދުވަހުގެ ތެރޭގައި، ކޮމިށަނަށް ދައްކަންވާނެއެވެ. ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ދައުލަތަށް ނަގަންޖެހޭ މުދަލާއި ފައިސާ ނަގާ އުސޫލުން އެ ފައިސާ ނެގުމުގެ ބާރު ކަމާބެހޭ ފަރާތަށް ލިބިގެންވެއެވެ.

 

ބާރަވަނަ ބާބު

އިންތިގާލީ ކަންކަން

 

62 ވަނަ މާއްދާ - އުވާލެވޭ އަދި އިސްލާހުގެނެވޭ ގާނޫނު

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު)  ގެ 24 ވަނަ މާއްދާއިން ފެށިގެން 52 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުވުނީއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު)  ގެ 17 ވަނަ މާއްދާގެ (ނ)  ގެ (17)  އާއި، 18 ވަނަ މާއްދާއިން ފެށިގެން 51 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކާއި އަދި 76 ވަނަ މާއްދާގެ (ށ)  ގެ (3)  އުވުނީއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު)  ގެ ދަށުން ހަދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިށަނާއި، ގާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު)  ގެ ދަށުން ހަދާފައިވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަން އުވުނީއެވެ.

 

63 ވަނަ މާއްދާ - މުވައްޒަފުންނާމެދު އަމަލުކުރެވޭ ގޮތް

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ޕޮލިސް އިންޓެގްރިޓީ ކޮމިށަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަންގެ މުވައްޒަފުން، މި ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފެދޭ ނޭށަނަލް އިންޓެގްރިޓީ ކޮމިށަން އުފެދުމާއެކު، އެ ކޮމިށަންގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުން ކޮމިށަނަށް ބަދަލުކުރުމުގައި، އެއްވެސް މުވައްޒަފަކު ހުރި މަގާމަށްވުރެ ދަށް މަގާމަކަށް ބަދަލުކޮށްގެންނުވާނެއެވެ. އަދި އެއްވެސް މުވައްޒަފަކަށް ލިބެމުންއައި މުސާރައަށްވުރެ ކުޑަ މުސާރައެއް ލިބޭ މަގާމަކަށް ބަދަލުކޮށްގެން ނުވާނެއެވެ.

 

64 ވަނަ މާއްދާ - ނުނިމި ހުރި މައްސަލަތައް

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުން، ޕޮލިސް އިންޓެގްރިޓީ ކޮމިށަނާއި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަނުން ބަލަމުން އައި މައްސަލައެއް ނުނިމިވާނަމަ، އެ މައްސަލައެއް ބަލާނީ މި ކޮމިށަނުންނެވެ. 

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުން، ޕޮލިސް އިންޓެގްރިޓީ ކޮމިށަނާއި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަން ބައިވެރިވާ އެއްވެސް މައްސަލައެއް ނުވަތަ މުއާމަލާތެއް ނުނިމިވާނަމަ، އެ މައްސަލައެއް ނުވަތަ މުއާމަލާތެއްގެ ބައިވެރިޔަކަށްވާނީ މިކޮމިށަނެވެ.

 

ތޭރަވަނަ ބާބު

އެހެނިހެން ކަންކަން

 

65 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) ކޮމިށަނުން އެކިއެކި މައްސަލަތައް ބަލައި ތަހްގީގުކުރުމުގައި އަމަލުކުރާނެ މިންގަޑުތަކާއި، ކޮމިށަންގެ މަސައްކަތް ހިންގާގޮތާއި، ކޮމިށަނުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ކޮމިށަންގެ ބައްދަލުވުންތައް ބާއްވާނެގޮތާއި، ކޮމިށަނާބެހޭ އެހެނިހެން ކަންކަން ހިމެނޭ ގަވާއިދުތައް އެކުލަވާލާނީ ކޮމިށަނުންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް)  މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

66 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާތާ 1 (އެކެއް)  މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

67 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު ތަންފީޒުކުރާ އިދާރާ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރާތަކެވެ.

(ށ) "އޮފިސަރުން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ކޮމިށަނަށް ނަގާ ފަންނީ މުވައްޒަފުންނާއި ކޮންސަލްޓަންޓުން ހިމެނޭ ގޮތުންނެވެ.

(ނ) "ޑިސިޕްލިނަރީ ކޮމިޓީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅުއަޅާ އިދާރާ ނުވަތަ ކޮމިޓީ ނުވަތަ ބޯޑަށެވެ.

(ރ) "އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 4/2007 (އޮޑިޓް ގާނޫނު)  ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ނޭށަނަލް އިންޓެގްރިޓ ކޮމިޝަނުގެ ކޮމްޕްލެއިންސް ކޮމިޓ ގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-139)
  2. ނޭޝަނަލް އިންޓެގްރިޓީ ކޮމިށަނުގެ ޓާސްކްފޯސްގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-100)

 

ގުޅުން ހުރި ގަވާއިދު/އުސޫލު

ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުން މައްސަލަ ބެލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1044)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު