ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ ހިންގާ ގަވާއިދު
(ގަވާއިދު ނަންބަރު 2025-60)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 މޭ 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން އެކުލަ ވައިލައިފައިވާ، ކޮމިށަން ހިންގާނެ ގޮތާއި، މެންބަރުންގެ ހާޒިރީއާއި، ޗުއްޓީއާއި، ކޮމިށަނުގެ ބައްދަލުވުންތައް ބޭއްވޭނެ ގޮތާއި، ބައްދަލުވުންތައް ހިންގާނެ ގޮތްތަކާއި، ކޮމިށަނުން ނިންމާ ނިންމުންތަކާމެދު އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ ހިންގާ ގަވާއިދު" އެވެ. ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) އާއި، ކޮމިށަނުގެ ގަވާއިދުތަކާއި، ކޮމިށަނުން ފާސްކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިށަން ހިންގާނީ، ކޮމިށަނުގެ ރައީސެވެ.
2 ވަނަ މާއްދާ - ކޮމިށަން ހިންގާ ފަރާތް
(ހ) ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) އާއި، ކޮމިށަނުގެ ގަވާއިދުތަކާއި، ކޮމިށަނުން ފާސްކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޮމިށަން ހިންގާނީ، ކޮމިށަނުގެ ރައީސެވެ،
(ށ) ކޮމިށަނުގެ ރައީސްގެ މަގާމު ހުސްވެފައިވާ ހާލަތެއްގައި ކޮމިށަން ހިންގާނީ، ނައިބު ރައީސެވެ. ކޮމިށަނުގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވާ ހާލަތެއްގައި ކޮމިށަން ހިންގާނީ، ކޮމިށަނު ގެ ބައްދަލުވުމަކުން ކޮމިށަން ހިންގުމާ ހަވާލުކުރާ މެންބަރެކެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯރަމް ހަމަވާވަރަށް މެންބަރުން އައްޔަނުކޮށްފައި ނެތް ނަމަ، ކޮމިށަން ހިންގާނީ، އެ އިރަކު ތިބި މެންބަރުންގެ ތެރެއިން އެއްބަސްވެވޭ މެންބަރެކެވެ.
3 ވަނަ މާއްދާ - އިދާރީ ހިންގުން
ކޮމިށަނުގެ އިދާރީ ކަންކަން ރާވައި ހިންގާނީ، ކޮމިށަނުގެ ރައީސްގެ ލަފާގެ މަތީން ނުވަތަ ކޮމިށަން ހިންގުމާ އެ އިރަކު ހަވާލުވެހުރި މެންބަރެއްގެ ލަފާގެ މަތީން، ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލެވެ.
4 ވަނަ މާއްދާ - އިދާރީ އޮނިގަނޑު
(ހ) ކޮމިށަނުގެ ގާނޫނުން ކޮމިށަނުގެ މައްޗަށް ލާޒިމުކުރާ މަސްއޫލިއްޔަތު އަދާކުރުމަށް ޓަކައި، ކޮމިށަނުން ފާސްކުރާ އިދާރީ އޮނިގަނޑެއް ކޮމިށަނުގައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ އެކި ބައިތަކުގެ މަސައްކަތްތަކާއި، އެ ތަންތަނުގައި ހިމެނޭ މަގާމުތަކާއި، އެ މަގާމުތަކުގެ މަސްއޫލިއްޔަތުތައް، އެ ކަންކަމާ ގުޅޭ އުސޫލުތަކުގައި ލިޔެފައި އޮންނަންވާނެއެވެ.
(ނ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އިދާރީ ކަންތައްތައް ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުންގެ އިދާރީ އޮނިގަނޑު އެކުލަވައިލުމާއި، މަގާމުތައް އުފެއްދުމާއި، މަގާމުތައް އުވައިލުމާއި، އެ މަގާމުތަކުގެ ފަންތި ކަނޑައަޅައި، އެ މަގާމުތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މާލީ ވުޒާރާގެ ލަފާގެ މަތީން، ކޮމިށަނުންނެވެ.
(ރ) ކޮމިށަނުގެ އިދާރީ އޮނިގަނޑަށް ބަދަލުގެނެވޭނީ ކޮމިށަނުގެ ބައްދަލުވުމަކުން ފާސްކޮށްގެންނެވެ.
5 ވަނަ މާއްދާ - ކޮމިށަނުގެ ރަސްމީ މަސައްކަތު ގަޑި
ކޮމިށަނުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅާނީ ކޮމިށަނުންނެވެ.
6 ވަނަ މާއްދާ - މެންބަރުންގެ ހާޒިރީ
(ހ) މަގުބޫލު އުޒުރެއް މެދުވެރިވެގެން މެނުވ،ީ ރަސްމީ ކޮންމެ ދުވަހަކު މެންބަރުން އޮފީހަށް ހާޒިރުވާންވާނެއެވެ.
(ށ) ރަސްމީ މަސައްކަތުގެ ދުވަހެއްގައި އެއްވެސް އުޒުރެއް މެދުވެރިވެގެން އޮފީހަށް ހާޒިރުވެވޭގޮތް ނުވެއްޖެ ނަމަ، ވީ އެންމެ އަވަހަކަށް އެކަން ކޮމިށަނަށް އަންގަންވާނެއެވެ.
(ނ) ކޮމިށަނުގެ މެންބަރުން ބައިވެރިވާންޖެހޭ ބައްދަލުވުމެއް ނުވަތަ މަސައްކަތެއް ވަކި ގަޑިއަކަށް އިންތިޒާމުކޮށްފައިވާ ނަމަ، އެ ގަޑިއަކަށް ހާޒިރުވާން ވާނެއެވެ.
(ރ) ކޮމިށަނުގެ މެންބަރުން، ކޮމިށަނުގެ ރަސްމީ ހައިސިއްޔަތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހޭދަކުރާ ދުވަސްތައް ބެލެވޭނީ ކޮމިށަނަށް ހާޒިރުވި ދުވަސްތަކެއްގެ ގޮތުގައެވެ.
(ބ) ކޮމިށަނުގެ މެންބަރުންގެ ހާޒިރީ ރިކޯޑު ކޮމިށަނުން ބަލަހައްޓަންވާނެއެވެ.
7 ވަނަ މާއްދާ - މެންބަރުންގެ ޗުއްޓީ
(ހ) ކޮމިށަނުގެ މެންބަރުންނަށް، ތިރީގައި ބަޔާންކޮށްފައިވާ ޗުއްޓީތައް ލިބޭނެއެވެ. މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، ޗުއްޓީ ގުނާނީ، ބަންދު ދުވަސްތައް ނުހިމަނައެވެ.
- މެންބަރުން އައްޔަނުކުރާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ ތެރޭގައި އަހަރީ ޗުއްޓީގެ 30 (ތިރީސް) ދުވަސް؛
- އާއިލީ ޒިންމާގެ ގޮތުގައި ކޮންމެ އަހަރަކު 10 (ދިހައެއް) ދުވަސް؛
- ދަރިއަކު ހިތާނުކުރުމާ ގުޅިގެން 5 (ފަހެއް) ދުވަސް؛
- ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ؛
- ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަނބިމީހާ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ؛
- ފަރުޒު ހައްޖު އަދާކުރުމަށް ބަންދު ދުވަސްތައް ހިމަނައިގެން ހައްޖު ޗުއްޓީގެ ގޮތުގައި ގިނަވެގެން 30 (ތިރީސް) ދުވަސް؛
- މެންބަރުކަމުގެ ދައުރުގައި ބަންދު ދުވަސްތައް ހިމަނައިގެން އުމްރާގެ ޗުއްޓީގެ ގޮތުގައި ގިނަވެގެން 30 (ތިރީސް) ދުވަސް.
(ށ) ކޮމިށަނުގެ ރައީސް ޗުއްޓީއެއް ބޭނުންވުމުން، ޗުއްޓީ ފަށަން ގަސްތު ކުރާ ތާރީހާއި ޗުއްޓީގެ މުއްދަތު ބަޔާންކޮށް، ކޮމިށަން ހިންގުމާ ހަވާލުވާނެ މެންބަރަކަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.
(ނ) ކޮމިށަނުގެ މެންބަރުން ޗުއްޓީއެއް ބޭނުންވުމުން، ޗުއްޓީ ފަށަން ގަސްތުކުރާ ތާރީހާއި ޗުއްޓީގެ މުއްދަތު ބަޔާންކޮށް، ހިންގުމާ ހަވާލުވެހުރި މެންބަރަކަށް ލިޔުމަކުން އެކަން
އަންގަންވާނެއެވެ.
(ރ) ކޮމިށަނުގެ ބައްދަލުވުމުގެ ކޯރަމް ގެއްލޭގޮތަށް 2 (ދޭއް) މެންބަރުންނަށް ވުރެ ގިނަ މެންބަރުން އެއްފަހަރާ ޗުއްޓީ ނަގައިގެން ނުވާނެއެވެ. ނަމަވެސް، ޒަރޫރީ ހާލަތެއް މެދުވެރިވެގެން ނަގާ ޗުއްޓީ އިސްތިސްނާވާނެއެވެ.
(ބ) މެންބަރުންގެ ޗުއްޓީ ރިކޯޑު ކޮމިށަނުން ބަލަހައްޓަންވާނެއެވެ.
(ޅ) މެންބަރަކު ވަޒީފާއިން ވަކިވާއިރ،ު މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ އަހަރީ ޗުއްޓީގެ ތެރެއިން ބޭނުންނުކޮށް އޮތް ދުވަސްތަކަށް އެ މެންބަރަކަށް ލިބެމުންއައި މުސާރައާއި އެހެނިހެން އިނާޔަތްތަކުން ދުވަހަކަށް ޖެހޭ މިންވަރުން އެ ދުވަސްތަކަށް ފައިސާ ދެވޭނެއެވެ.
8 ވަނަ މާއްދާ - ގަވާއިދާއި އުސޫލު ފާސްކުރުން
ކޮމިށަނުގެ ގަވާއިދުތަކާއި އުސޫލުތައް ކޮމިށަނުން ފާސްކުރަންވާނެއެވެ. އަދި ކޮމިށަނުގައި އަމަލުކުރަމުންދާ ގަވާއިދަކަށް ނުވަތަ އުސޫލަކަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ، އެ ބަދަލެއް ވެސްކޮމިށަނުން ފާސްކުރަންވާނެއެވެ.
9 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން
(ހ) ކޮމިށަނުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރާނީ، ކޮމިށަނުގެ ރައީސް ނުވަތަ ކޮމިށަން ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި މެންބަރެކެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމަށް ކޮމިށަނުގެ ވަކި މުވައްޒަފަކު އައްޔަނުކުރުމަށް ހުރަހެއް ނެތެވެ. މި ހާލަތުގައި އެކަމަށް މުވައްޒަފަކު އައްޔަނުކުރާނީ ކޮމިށަނުންނެވެ.
(ނ) ކޮމިށަނުގެ ފަރާތުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރާނީ، ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ކޮމިށަނުން ކަނޑައަޅާ މައުލޫމާތެކެވެ.
(ރ) ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކާއި، ކޮމިށަނުން އިސްނަގައިގެން ހިންގާ ތަހުގީގުތަކާ ގުޅޭ ތަފާސްހިސާބު، ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.
(ބ) ކޮމިށަނުން އެހެން ގޮތަކަށް ކަނޑަނާޅާ ނަމަ، ކޮމިށަނުން ހާމަކުރާ ހަބަރާއި މައުލޫމާތާއި ކޮމިށަނުން އާންމުކުރުމަށް ބޭނުންވާ ތަފާސްހިސާބު އާންމުކުރާނީ، ކޮމިށަނުގެ ވެބްސައިޓުގައެވެ. އަދި މިފަދަ މައުލޫމާތު ކޮމިށަނުގެ މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހާމަކުރާކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ޅ) ކޮމިށަނުގެ ނަމުގައި ނޫސްބަޔާނެއް ނެރެންވާނީ، ކޮމިށަނުގެ ބައްދަލުވުމަކުން ފާސްކޮށް، އެ ފާސްކުރި ގޮތަށެވެ.
(ކ) ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން އާންމުކޮށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ޓަކައި އެ ގާނޫނުގެ ދަށުން ކޮމިށަނުން ކަނޑައަޅާ އިންފޮމޭށަން އޮފިސަރ، އެ ގާނޫނުގައިވާ ގޮތުގެ މަތީން ކުރާ މަސައްކަތްތައް ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
10 ވަނަ މާއްދާ - ކޮމިށަނުގެ ބައްދަލުވުން
(ހ) ކޮމިށަނުގެ ބައްދަލުވުން، މަދުވެގެން ހަފުތާއަކު 2 (ދޭއް) ދުވަހު ބާއްވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާލަތަށް ރިއާޔަތްކޮށް، ކޮމިށަނުގެ ބައްދަލުވުންތަކުގެ އަދަދަށް ބަދަލުގެނައުމުގެ އިހުތިޔާރު ލިބިގެންވެއެވެ.
(ނ) ކޮމިށަނުގެ ބައްދަލުވުން ބާއްވާ ދުވަހާއި ގަޑި ކަނޑައަޅާނީ، ކޮމިށަނުގެ ރައީސެވެ. އަދި ރައީސް ނެތިއްޖެ ހާލަތެއްގައި، ކޮމިށަން ހިންގުމާ އެ ވަގުތަކު ހަވާލުވެހުރި މެންބަރެކެވެ.
(ރ) ކޮމިށަނުން ކުރާ މަސައްކަތްތައް ރާވަންވާނީ، ކޮމިށަނުގެ ބައްދަލުވުންތަކަށް ބުރޫނާރާނެ ގޮތަކަށެވެ.
(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ބައިވެރިވާނީ، ކޮމިށަނުގެ މެންބަރުންނާއި، ކޮމިށަނުގެ ބައްދަލުވުމުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމަށް ކޮމިށަނުގެ ބިޔުރޯއިން އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފެކެވެ. ނަމަވެސް، ކޮމިށަނުގެ އެކި މަސައްކަތްތަކާ ގުޅުންހުރި މައުޒޫއުތަކަށް ވާހަކަދެކެވޭއިރު ސެކްރެޓަރީ ޖެނެރަލާއި، ކޮމިށަނުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ އެކި ބައިތައް ހިންގުމާ ހަވާލުވެތިބޭ ފަރާތްތަކާއި މުވައްޒަފުން ބައިވެރިކުރަން ޖެހިއްޖެ ހާލަތެއްގައި ބައިވެރިކުރެވިދާނެއެވެ.
11 ވަނަ މާއްދާ - ބައްދަލުވުންތަކަށް ހާޒިރުވުން
(ހ) މަގުބޫލު އުޒުރެއް މެދުވެރިވެގެން މެނުވީ ކޮމިށަނުގެ މެންބަރުން، ކޮމިށަނުގެ ބައްދަލުވުންތަކަށް ހާޒިރުވާންވާނެއެވެ.
(ށ) ކޮމިށަނުގެ މެންބަރަކަށް ބައްދަލުވުމަށް ހާޒިރުނުވެވޭ ފަދަ އުޒުރެއް ދިމާވެއްޖެ ނަމަ، އެ މެންބަރެއްގެ ފަރާތުން، އެ ވަގުތަކު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތަކަށް، ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ކުރިން، އެކަން އަންގަންވާނެއެވެ.
(ނ) އާންމު އުސޫލެއްގެ ގޮތުން ޗުއްޓީގައި ތިބޭ މެންބަރުން ކޮމިށަނުގެ ބައްދަލުވުންތަކުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ މެންބަރަކަށް ބައްދަލުވުމެއްގައި ބައިވެރިވާން ފެނިއްޖެ ނަމަ، ޗުއްޓީގައި ހުރެގެން ބައްދަލުވުންތަކުގައި ބައިވެރިވުމަކަށް މި ގަވާއިދު މަނައެއް ނުކުރެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ޗުއްޓީގައި ހުރި މެންބަރަކު ބައްދަލުވުމުގައި ބައިވެރިވުމަކުން ޗުއްޓީ ކެންސަލެއް ނުވާނެއެވެ.
12 ވަނަ މާއްދާ - ބައްދަލުވުމުގެ ާވަތްތައް
(ހ) ކޮމިށަނުގެ ބައްދަލުވުންތައް ބެހިގެންވަނީ އަންނަނިވި ބާވަތްތަކުގެ މައްޗަށެވެ.
- އާންމު ބައްދަލުވުން؛
- ކުއްލި ބައްދަލުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުންތައް ބާއްވާނީ، ކޮމިށަނުގެ އިދާރާގައެވެ. ނަމަވެސް ދިމާވާ ހާލަތަކަށް ރިއާޔަތްކޮށް، ކޮމިށަނުގެ އިދާރާ ނޫން އެހެން ތަނެއްގައި ނުވަތަ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
13 ވަނަ މާއްދާ - އާންމު ބައްދަލުވުން
(ހ) އާންމު ބައްދަލުވުމަކީ، ކުރިން އެޖެންޑާކޮށްގެން ބާއްވާ ބައްދަލުވުންތަކެވެ.
(ށ) އާންމު ބައްދަލުވުންތަކަށް ހުށަހެޅޭނީ، ކޮމިށަނުން ބަލާ މައްސަލަތަކާއި، ށަކުވާތަކާ ގުޅޭ ކަންކަމާއި، ކޮމިށަނަށް ހުށަހެޅޭ އެކިއެކި ރިޕޯޓ/ުކަރުދާސްތަކާ ގުޅޭ ކަންކަމާއި، އިދާރީ ހިންގުމާ ގުޅޭ ކަންކަމާއި، ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭ ކަންތައްތަކާއި، ކޮމިށަނުގެ ގާނޫނުން ލާޒިމުކުރާ މިނޫންވެސް ކަންކަމާ ގުޅިގެން ނިންމަންޖެހޭ ކަންތައްތަކެވެ.
14 ވަނަ މާއްދާ - ކުއްލި ބައްދަލުވުން
(ހ) ކުއްލި ބައްދަލުވުމަކީ، ކުއްލިއަކަށް ދިމާވާ ކަމަކާ ގުޅިގެން، ކޮމިށަނުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ކޮމިށަނުން ކުރަންޖެހޭ ކަމެއް ކުރުމުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބާއްވާ ކޮމިށަނުގެ ބައްދަލުވުންތަކެވެ.
(ށ) ކުއްލި ބައްދަލުވުމެއް ބާއްވަން ކޮމިށަނުގެ ރައީސަށް ނުވަތަ ނާއިބު ރައީސަށް ނުވަތަ ކޮމިށަން ހިންގުމާ އެ ވަގުތަކު ހަވާލުވެ ހުރި މެންބަރަކަށް ފެނިއްޖެ ނަމަ ނުވަތަ ކޮމިށަނުގެ މެންބަރަކު ހުށަހަޅައިފި ނަމަ، އެފަދަ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
15 ވަނަ މާއްދާ - ބައްދަލުވުމަށް ނޯޓިސް ފޮނުވުން
(ހ) އާންމު ބައްދަލުވުންތަކުގެ ނޯޓިސް، އެ ބައްދަލުވުން ބާއްވާ ދުވަހުގެ ކުރިޔަށް އޮންނަ ރަސްމީ ދުވަހު ފޮނުވަންވާނެއެވެ. މިގޮތުން ފޮނުވާ ނޯޓިސް، ލިޔުމުން ނުވަތަ އަނގަބަހުން އެންގިދާނެއެވެ.
(ށ) ކުއްލި ބައްދަލުވުންތަކުގެ ނޯޓިސް، އެ ބައްދަލުވުން ބާއްވާ ގަޑީގެ 30 (ތިރީސް) މިނިޓުގެ ކުރިން މެންބަރުންނަށް ފޮނުވަންވާނެއެވެ. މިގޮތުން ފޮނުވާ ނޯޓިސް، ލިޔުމުން ނުވަތަ އަނގަބަހުން އެންގިދާނެއެވެ.
16 ވަނަ މާއްދާ - ބައްދަލުވުމުގެ އެޖެންޑާ
(ހ) ކޮމިށަނުގެ މެންބަރުންގެ އާންމު ބައްދަލުވުންތަކުގެ އެޖެންޑާ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ކުރިން މެންބަރުންނަށް ފޮނުވަންވާނެއެވެ. އަދި އެ ބައްދަލުވުމަކީ ކޮމިށަނުގެ މެންބަރުންގެ ކުއްލި ބައްދަލުވުމެއް ނަމަ، ބައްދަލުވުން ފަށާއިރ،ު ބައްދަލުވުމުގެ އެޖެންޑާ މެންބަރުންނަށް އިއްވަންވާނެއެވެ.
(ށ) ކޮމިށަނުގެ ކޮންމެ ބައްދަލުވުމަކަށް ވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. އަދި ބައްދަލުވުމުގެ އެޖެންޑާ ކަނޑައަޅާނީ، ކޮމިށަނުގެ ރައީސް ނުވަތަ އެ ވަގުތަކު ކޮމިށަން ހިންގުމާ ހަވާލުވެހުރި މެންބަރެކެވެ. އެގޮތުން އެޖެންޑާ ކަނޑައަޅާއިރ،ު މެންބަރުންގެ ފަރާތުން އެޖެންޑާގައި ހިމެނުމަށް ފޮނުވާ ކަންކަން ހިމަނަންވާނެއެވެ.
(ނ) ބައްދަލުވުމުގެ އެޖެންޑާ މެންބަރުންނަށް ފޮނުވުމަށްފަހު އެޖެންޑާއަށް އެއްވެސް ބަދަލެއް ގެނެވިއްޖެ ނަމަ، ބައްދަލުވުން ފެށުމުގެ ކުރިން މެންބަރުންނަށް އެކަން އަންގަންވާނެއެވެ.
(ރ) އެޖެންޑާނުކުރެވޭ މައްސަލަތަކުގެ ތެރެއިން ބައްދަލުވުމެއްގައި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް، އެޖެންޑާގައި ހިމެނޭ "އެހެނިހެން" މި އައިޓަމުގެ ތެރެއިން ހުށަހެޅިދާނެއެވެ.
(ބ) ކޮމިށަނުގެ މަސްލަހަތު ހިމެނޭ މުހިންމު އަދި ބޮޑެތި ކަންކަން އެޖެންޑާ އައިޓަމުގައި އޮންނަ "އެހެނިހެން" ގެ ދަށުން ނިންމައިގެން ނުވާނެއެވެ. އެގޮތަށް ނިންމައިގެން ނުވާނެ ކަންކަން ތިރީގައި މިވަނީއެވެ.
- ބަޖެޓާއި ފައިސާއާބެހޭ ކަންކަން؛
- މުވައްޒަފުންގެ ވަޒީފާއާއި މުސާރައާއި އިނާޔަތްތަކަށް ބަދަލުގެނައުން؛
- ކޮމިށަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައުން؛
- މެންބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުން؛
- ކޮމިށަނުން އަމަލުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލުގެނައުން؛
- މުވައްޒަފަކު ވަޒީފާއަށް އަލަށް ވެއްދުމާއި ވަޒީފާއިން ވަކިކުރުން.
(ށ) ކޮމިށަނުގެ ބައްދަލުވުމަކުން، ވަކި ކަމެއް، ވަކި ބައްދަލުވުމަކަށް އެޖެންޑާކުރަން ނިންމައިފި ނަމަ، އެ ކަމެއް އެ ބައްދަލުވުމަކަށް ކޮމިށަނުގެ ބިޔުރޯއިން އެޖެންޑާ ކުރަންވާނެއެވެ.
17 ވަނަ މާއްދާ - ބައްދަލުވުމުގެ ކޯރަމް
ކޮމިށަނުގެ ބައްދަލުވުމެއް ބޭއްވޭނީ، އަދި ބައްދަލުވުމެއް ކުރިޔަށް ގެންދެވޭނީ، ކޮމިށަނުގެ މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
18 ވަނަ މާއްދާ - ބައްދަލުވުމުގެ ސުލޫކު ހިފެހެއްޓުން
(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ހުޅުވައިލެވިފައިވާ މާހައުލެއްގައި މަށްވަރާތައް ކުރިޔަށް ގެންދިއުމަށް ބާރުއަޅަންވާނެއެވެ. އަދި ހުރިހާ މެންބަރުންގެ ހިޔާލަށް ވެސް އެކަށީގެންވާ ފުރުސަތު ދިނުމާއި، މަށްވަރާކުރެވޭ މައްސަލައަށް އަމާޒުކޮށްގެން ބަހުސް ކުރިޔަށްގެންދިއުމާއި، ހުރިހާ ފަރާތަކަށް ވެސް ގަދަރުކުރެވޭ ގޮތެއްގައި ހިޔާލުފާޅުކުރުމަށް ފުރުސަތު ދޭންވާނެއެވެ.
(ށ) ކޮމިށަނުގެ ބައްދަލުވުންތަކުގައި މެންބަރުން ވާހަކަދައްކާނީ ރިޔާސަތުން ފުރުސަތު ދިނުމުންނެވެ. މިގޮތުން ބައްދަލުވުންތަކުގައި ވާހަކަދެއްކުމަށް ރިޔާސަތުން ފުރުސަތު ދޭންވާނީ، މެންބަރުން ފުރުސަތަށް އެދޭ ތަރުތީބުން، އެއްވެސް ތަފާތުކުރުމެއް ނެތިއެވެ.
(ނ) ކޮމިށަނުގެ ބައްދަލުވުމުގައި ބަހުސްކުރެވެމުންދާ މައްސަލައެއްގައި، ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މައްސަލައަކާ ގުޅުންހުރި ޑިވިޒަނެއްގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވާ މުވައްޒަފަކު އެ މައްސަލައާ ބެހޭގޮތުން ހިޔާލުފާޅުކުރުމުގެ ފުރުސަތަކަށް އެދިއްޖެ ނަމަ، އެ ފުރުސަތު އެ ފަރާތަކަށް ރިޔާސަތުން ދޭންވާނެއެވެ.
(ރ) ކޮމިށަނުގެ ބައްދަލުވުންތަކުގައި މޯބައިލްފޯނުން ވާހަކަދެއްކުން ފަދަ، ބައްދަލުވުމުގެ މަސައްކަތަށް ހުރަސްއެޅިދާނެ ކަންކަމުން އެއްކިބާ ވާންވާނެއެވެ.
19 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ނިންމުންތައް ނިންމުމުގައި އަމަލުކުރާނެ ގޮތް
(ހ) ކޮމިށަނުގެ ބައްދަލުވުމުގެ ނިންމުންތައް ނިންމުމުގައި، ބައްދަލުވުމަށް ހާޒިރުވާ ހުރިހާ މެންބަރުން ބައިވެރިވެ ވޯޓު ދޭންވާނެއެވެ. ނަމަވެސް، މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ ކަމެއްގައި ނުވަތަ ނިންމުމެއްގައި އެ މެންބަރަކަށް ބައިވެރިއެއް ނުވެވޭނެއެވެ.
(ށ) ކޮމިށަނުގެ ބައްދަލުވުމުގެ ނިންމުމަކަށް، ބައްދަލުވުމަށް ހާޒިރުވެ ތިބޭ މެންބަރުން އިއްތިފާގުނުވާ ނަމަ އެ ކަމެއް ނިންމާނީ، ހާޒިރުވި މެންބަރުންގެ އަ ޣުލަބިއްޔަތުންނެވެ.
(ނ) ކޮމިށަނުން ނިންމާ ނިންމުމަކާ މެންބަރަކު ހިޔާލު ތަފާތުވެގެން އެކަމަށް ތާއީދުނުކުރާކަން ޔައުމިއްޔާގައި ފާހަގަކުރަން އެ މެންބަރަކު ބޭނުންވެއްޖެ ނަމަ، އެކަން ޔައުމިއްޔާގައި ފާހަގަކުރަން ފުރުސަތު ދޭންވާނެއެވެ.
(ރ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް، ކޮންމެ ނިންމުމެއް ނިންމުމުން، އެ ނިމުނު ގޮތް ރިޔާސަތުން އިއްވަންވާނެއެވެ.
(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަށް ހުރިހާ މެންބަރުން ވެސް ފުރިހަމައަށް އިހުތިރާމް ކުރަންވާނެއެވެ.
(ޅ) ކޮމިށަނުގެ ބައްދަލުވުމަކުން ނިންމައިފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ޑިވިޒަނަކުން ނުވަތަ މުވައްޒަފަކު ބޭނުންވެއްޖެ ހިނދެއްގައި، އެ ނިންމުން އިސްތިއުނާފުކުރުމަށް ބައްދަލުވުމަކަށް އެޖެންޑާކުރަން އެ ފަރާތަށް ފުރުސަތު ދޭންވާނެއެވެ.
20 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ނިންމުމާއި ޔައުމިއްޔާގެ ރިކޯޑު ބެލެހެއްޓުން
(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ނިންމުމާއި ޔައުމިއްޔ،ާ ކޮމިށަނުން ނިންމާ ގޮތެއްގެ މަތީން ލިޔ،ެ އެ މައުލޫމާތު ބަލަހައްޓަންވާނެއެވެ.
(ށ) ކޮމިށަނުގެ ބައްދަލުވުންތަކުން ނިންމާ ނިންމުންތަކާ ގުޅޭ ލިޔެކިޔުންތައް، ނިންމުންތަކާ އެޓޭޗްކުރަންވާނެއެވެ. މިގޮތަށް އެޓޭޗްކުރެވޭ ލިޔެކިޔުންތަކުގައި ރިޔާސަތުން ސޮއިކޮށް ކޮމިށަނުގެ ތައްގަނޑު ޖަހަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ނިންމުންތަކާއި ލިޔެކިޔުންތައް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ބިޔުރޯގައި ފައިލުކޮށްފައި ހުންނަންވާނެއެވެ.
(ރ) ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންވާނެއެވެ. އަދި ކޮންމެ ބައްދަލުވުމެއް ނިމުމަށްފަހ،ު ގިނަވެގެން ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ޔައުމިއްޔާ ލިޔެ މެންބަރުންނަށް ފޮނުވަންވާނެއެވެ.
(ބ) ޔައުމިއްޔާއަށް އިސްލާހެއް ގެންނަން އެއްވެސް މެންބަރަކު ބޭނުންވާ ނަމަ، މެންބަރުންނަށް ޔައުމިއްޔާ ލިބޭތާ ގިނަވެގެން، 2 (ދޭއް) ދުވަހުގެ ތެރޭގައި އެ މެންބަރަކ،ު އެ އިސްލާހެއް ބިއުރޯއަށް ފޮނުވަންވާނެއެވެ. އެ މުއްދަތުގައި އިސްލާހެއް ނުފޮނުވާ ނަމަ ބަލާނީ، ޔައުމިއްޔާއަށް އިސްލާހެއް ގެންނަން ނެތްކަމަށެވ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޔައުމިއްޔާ ފާސްކުރުމުގެ ކުރިން އިސްލާހެއް ގެންނަން ބޭނުންވެއްޖެ ނަމަ، އެ ފުރުސަތު އޮންނާނެއެވެ.
21 ވަނަ މާއްދާ - ކޮމިށަނުގެ ނިންމުންތަކަށް އަމަލުކުރުން
(ހ) ކޮމިށަނުގެ ބައްދަލުވުންތަކުން ނިންމާ ނިންމުންތަކަށް އިހުތިރާމުކޮށް، އެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމަކީ، ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންގެ މައްޗަށް ލާޒިމު ކަމެކެވެ.
(ށ) ކޮމިށަނުގެ ބައްދަލުވުންތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި އެކަން ތަންފީޒު ކުރަންވާނެއެވެ. އަދި އެ ނިންމުންތައް ތަންފީޒު ކުރަމުންދާކަން ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަންވާނެއެވެ.
(ނ) ކޮމިށަނުން ނިންމާ ނިންމުންތައް ތަންފީޒުވާ މިންވަރު ބަލައި، އެ ކަންކަން މަހަކު އެއްފަހަރު ކޮމިށަނަށް ހުށަހެޅުމަކީ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.
(ރ) ކޮމިށަނުގެ ނިންމުންތައް ތަންފީޒުވަމުންދާ މިންވަރު ކޮމިށަނަށް ހުށަހެޅުމުން، ނިންމުންތައް ތަންފީޒުވަމުންދާ މިންވަރު އަންގައިދޭ ލިޔެކިޔުންތައް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ފައިލްކޮށް، ރައްކައުތެރިކަމާއެކު ބެލެހެއްޓުމަކީ ކޮމިށަން ބިޔުރޯގެ ޒިންމާއެކެވެ.
(ބ) ކޮމިށަނުގެ ބައްދަލުވުންތަކުން ނިންމައިފައިވާ ނިންމުމެއް ތަންފީޒުކުރެވޭ ގޮތް ނުވެއްޖެ ނަމަ ނުވަތަ ތަންފީޒުކުރުމުގައި ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ، އެ ކަމަށް ގޮތެއް ނިންމުމަށް ޓަކައި، ކޮމިށަނުގެ ބައްދަލުވުމަކަށް އަލުން އެކަން ހުށަހަޅަންވާނެއެވެ.
22 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ކޮމިށަނުގެ ބައްދަލުވުމަކުން ކަނޑައަޅާ އުސޫލެއްގެ މަތީން މެނުވީ ކޮމިށަނުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ށ) ކޮމިށަނުގެ ބައްދަލުވުންތަކުގެ އެންމެހައި ލިޔެކިޔުންތަކާއި ރިކޯޑިންގތަކަކީ ސިއްރު ހިފެހެއްޓިފައިވާ ތަކެއްޗެވެ. މި ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓުމަކީ ކޮމިށަން ބިޔުރޯގެ ޒިންމާއެކެވެ.
(ނ) މަގާމުގެ ހައިސިއްޔަތުން ކޮމިށަނުގެ މެންބަރަކަށް ނުވަތަ ކޮމިށަނުގެ މުވައްޒަފަކަށް ލިބިފައިވާ މައުލޫމާތެއް، މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
23 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވުން
މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ ގަވާއިދުގައި ހިމެނިފައިވާ ކަމެއް މާނަކުރުމުގައި އޮޅުމެއް އަރައިފި ނަމަ ނުވަތަ ހިޔާލު ތަފާތުވުމެއް އުފެދިއްޖެ ނަމަ، އެ ކަމެއް ނިންމާނީ ކޮމިށަނުންނެވެ.
24 ވަނަ މާއްދާ - ގަވާއިދަށް ބަދަލުގެނައުން
މި ގަވާއިދަށް އެއްވެސް ބަދަލެއް ގެނެވޭނީ، ކޮމިށަނުގެ ބައްދަލުވުމެއްގައި ކޮމިށަނުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން، އެ ބަދަލެއް ގެނައުމަށް ފާސްކޮށް، އެ ފާސްކުރެވުނު އިސްލާހ،ު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
25 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-27 (ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ "ނޭށަނަލް އިންޓެގްރިޓީ ކޮމިށަން" އަށެވެ.
(ށ) "ކޮމިށަންގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް އިންޓެގްރިޓީ ކޮމިށަނަށް އައްޔަނުކޮށްފައިވާ 5 (ފަހެއް) މެންބަރުންނަށެވެ.
(ނ) "ކޮމިށަނުގެ ބައްދަލުވުން" ކަމުގައި ބުނެފައި އެވަނީ، ނޭށަނަލް އިންޓެގްރިޓީ ކޮމިށަނުގެ މެންބަރުންގެ ރަސްމީ ބައްދަލުވުންތަކަށެވެ.
(ރ) "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ސެކްރެޓަރީ ޖެނެރަލާއި ކޮމިށަނުގެ އެންމެހައިމުވައްޒަފުންނަށެވެ.
(ބ) "ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، އިދާރީ އެންމެ އިސް މުވައްޒަފު ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމަށް އެ ވަގުތު ހަވާލުވެހުރި
ފަރާތަށެވެ.
26 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރު 2015-27)
ކިޔުންތެރިންގެ ހިޔާލު