ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު
(ގާނޫނު ނަންބަރު 2011-08)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" ގެ ނަމުގައި ދައުލަތުގެ މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ މަގްސަދުތަކާއި، ބާރުތަކާއި، މަސްއޫލިއްޔަތުތަކާއި، އިމްތިޔާޒުތައް ބަޔާންކޮށް، ދިވެހިރާއްޖޭގެ ކަސްޓަމްސްއާބެހޭ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުން ހާސިލުކުރަން ބޭނުންވާ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމެއް ކަމުގައި ހެދުން؛
(ށ) "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" ގެ ނަމުގައި ވަކި ހިދުމަތެއް އުފައްދައި، އެ ހިދުމަތް ހިންގަމުންގެންދާނެ އުސޫލުތައް ކަނޑައެޅުން؛
(ނ) ދިވެހި ދައުލަތުގެ އާމްދަނީއާއި މުޖުތަމައުގެ ހައްގުތަކަށް ރައްކާތެރިވެ ތިބެ، ދިވެހިރާއްޖެއަށް އަންނަ މީހުންނާއި، އުޅަނދުފަހަރާއި، އެތެރެކުރާ މުދަލާއި، ދިވެހިރާއްޖެއިން ފުރާ މީހުންނާއި، އުޅަނދުފަހަރާއި، ބޭރުކުރާ މުދަލާގުޅޭ ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުން؛
(ރ) ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވުމަށްޓަކައި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރާއި، ރާއްޖެއިން ފުރާ އުޅަނދުފަހަރު ހާއްސަ ގޮތެއްގައި ބަލައި ފާސްކުރުމާއި، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ މީހުންނާއި، ރާއްޖެއަށް ގެންނަ އަދި ރާއްޖެއިން ގެންދާ ތަކެތީގެ ތެރެއިން ށައްކުކުރެވޭ ތަކެއްޗާއި މީހުން ބަލައި ފާސްކުރުމާއި، ރަސްމީ ވިޔަފާރި ބަނދަރުތަކުގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަގުފަހިކުރުން؛
(ބ) ކަސްޓަމްސްއާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި އަމަލުކުރެވޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަސްޓަމްސްގެ އިޖުރާއަތުތައް ލުއިކޮށްދީ، އެއިޖުރާއަތުތައް އެއްގޮތް ކުރުމާއި، އެ އިޖުރާއަތުތަކަށް އަމަލުކުރުމަށް މަގުފަހިކޮށްދިނުން.
ދެވަނަ ބާބު
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
3 ވަނަ މާއްދާ - މޯލްޑިވްސް ކަސްޓަމްސް ސަރވިސް އުފެއްދުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ހިދުމަތްދީ، ކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" ގެ ނަމުގައި، ޔުނިފޯމް އެޅި އޮފިސަރުން ހިމެނޭ މުއައްސަސާއެއް އުފެދުނީއެވެ.
(ށ) މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ ހިދުމަތެކެވެ.
(ނ) މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިނގަމުންދާނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއްގެ ބެލުމުގެ ދަށުންނެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެންމެހައި މުވައްޒަފުންނާއި އެފަރާތްތަކުގެ އެންމެހައި ހައްގުތަކާއި އިލްތިޒާމުތައް މި ގާނޫނުގެ ދަށުން މި އުފެއްދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ބަދަލުވީއެވެ.
4 ވަނަ މާއްދާ - މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވާޖިބާއި މަސްއޫލިއްޔަތު
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައިގަނޑު ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) އެކްސްޕޯޓް ޑިއުޓީއާއި އިމްޕޯޓް ޑިއުޓީ ނެގުމާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
(ށ) އެކްސްޕޯޓްކުރާ މުދަލާއި އިމްޕޯޓްކުރާ މުދަލާ ބެހޭގޮތުން ކަސްޓަމްސްއިން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ކަމާބެހޭ ހުރިހާ ހިސާބުތަކެއް ބެލެހެއްޓުން.
(ނ) ރާއްޖޭގެ ބަނދަރުތަކަށް އަންނަ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތަކަށް އަރައި ފައިބައި މީހުންނާއި، އަރުވައި ބާލާ ތަކެތީގެ ކަންކަން ހިންގައި ބެލެހެއްޓުން.
(ރ) ރާއްޖޭގެ ބަނދަރުތަކަށް އަންނަ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތަކަށް އިންވާރޑް އަދި އައުޓްވާރޑް ކްލިއަރެންސް ދިނުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މިފަދަ އުޅަނދެއް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ވަކިވާން އެދިއްޖެނަމަ އެކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
(ބ) ރާއްޖެ އައިސް ގޮސްވާ އުޅަނދުފަހަރާއި، ފަސިންޖަރުންނާއި، އެމީހުންގެ ފޮށި ތަންމައްޗާއި، ރާއްޖެ އެތެރެކޮށް ބޭރުކުރާ މުދަލާއި، ރާއްޖެ އަންނަ އަދި ރާއްޖެއިން ފޮނުވާ ތަކެތި ބަލައި ފާސްކުރުން.
(ޅ) ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމާއި، ރާއްޖެއިން ސިއްރުން މުދާ ބޭރުކުރުމާއި، ރާއްޖޭގެ ގާނޫނުތަކާއި ނުވަތަ ގަވާއިދުތަކާ ހިލާފު އެންމެހައި މުދަލާއި ތަކެތި ރާއްޖެއަށް އެތެރެވޭތޯ ނުވަތަ ބޭރުވޭތޯ ބަލައި، އެފަދަ ތަކެތި އެތެރެވިޔަނުދީ ނުވަތަ ބޭރުވިޔަނުދީ ބެލެހެއްޓުމާއި، އަދި އެފަދަ އެއްޗެއް ފެނިއްޖެނަމަ، އަތުލުމާއި، ހިފެހެއްޓުމާއި، ހާއްސަ ހުއްދައެއް ލިބިގެންމެނުވީ ރާއްޖެއަށް އެތެރެނުކުރެވޭ ނުވަތަ ބޭރުނުކުރެވޭ ތަކެތި އެގޮތުގެމަތިން މެނުވީ އެތެރެވިޔަނުދީ ނުވަތަ ބޭރުވިޔަނުދީ ބެލެހެއްޓުން.
(ކ) އެކްސްޕޯޓް އިމްޕޯޓް މުދާ ބަހައްޓާ ސަރަހައްދުތަކާއި، ކަސްޓަމްސްގެ ވެއަރހައުސްތަކާއި، ބޮންޑެޑް ވެއަރހައުސްތައް ރަޖިސްޓަރީކޮށްދިނުމާއި، އެތަންތާނގައި ބަހައްޓާ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ މުދަލާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
(އ) ދިވެހިރާއްޖޭގައި ހިންގާ މިނިވަން ވިޔަފާރީގެ ސަރަހައްދުތަކަށާއި، ޑިއުޓީ ހިލޭ ފިހާރަތަކަށާއި މިނިވަން އިގްތިސާދީ ސަރަހައްދުތަކުގައި ކަސްޓަމްސްގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަށް އިމްޕޯޓްކުރާ މުދަލާއި، އެކްސްޕޯޓްކުރާ މުދަލާއި، އެ ތަންތަނަށް ވަދެ ނިކުމެ އުޅޭ މީހުންނާ ގުޅޭގޮތުން، ކަސްޓަމްސްއިން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.
(ވ) ރާއްޖެއަށް އެތެރެކުރާ މުދަލާއި، ރާއްޖެއިން ބޭރުކުރާ މުދަލާގުޅޭ މަސައްކަތް ހިނގާ ސަރަހައްދުތަކަށާއި ކަސްޓަމްސްގެ ކޮންޓްރޯލް ސަރަހައްދުތަކަށް ވަދެނިކުމެވާ މީހުން ބަލައި ފާސްކުރުން.
(މ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންކަން ކުރުން.
5 ވަނަ މާއްދާ - މިނިސްޓަރުގެ ބާރާއި މަސްއޫލިއްޔަތު
މިނިސްޓަރުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ރާއްޖޭގެ ރަސްމީ ބަނދަރުތަކުގައި ކަސްޓަމްސްގެ ސަރަހައްދުތައް ކަނޑައެޅުމާއި ކަސްޓަމްސްއިން ހިދުމަތްދޭ ތަންތަން ކަނޑައެޅުން.
(ށ) ކަސްޓަމްސްގެ ހިދުމަތާގުޅޭ ސިޔާސަތުތައް ކަނޑައެޅުން.
(ނ) ކަސްޓަމްސްގެ ހިދުމަތުގެ ފެންވަރު މަތިކޮށް ދެމެހެއްޓުމުގެ ގޮތުންނާއި އެ މުއައްސަސާ ޖަވާބުދާރީ ކުރުވުމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި ނިޒާމުތައް އެކުލަވާލުމާއި، އެކަންކަމާ ގުޅޭގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
(ރ) މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެންމެހައި ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން.
6 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް
(ހ) ކަސްޓަމްސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެންމެހައި ކަންތައްތައް ރާވައި، ކަސްޓަމްސްގެ ކަންކަން ދުވަހުން ދުވަހަށް ހިންގައި ބަލަހައްޓާނެ އެންމެ އިސް ފަރާތަކީ، ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ.
(ށ) ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާ ގޮތާމެދު އޭނާ މިނިސްޓަރަށް ޖަވާބުދާރީވާންވާނެއެވެ.
7 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަސްއޫލިއްޔަތު
ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ކަސްޓަމްސްއިން ނަގަންޖެހޭ ޑިއުޓީއާއި އެހެނިހެން ޓެކްސް ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ފުރިހަމައަށް ނެގެމުންދާކަން ކަށަވަރުކުރުން.
(ށ) ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުމަށް ކަސްޓަމްސްއިން ކުރަންޖެހޭ ކަންތައްތައް ކުރުމާއެކު ބައިނަލްއަގްވާމީ ޖަމުއިއްޔާތަކާއެކު އެއްބާރުލުން ގާއިމުކުރުން.
(ނ) ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކަސްޓަމްސްގެ ކަންތައްތައް ހިންގުމާއި، ކަސްޓަމްސްގެ ކަންތައްތައް މި ގާނޫނުގައިވާ ގޮތުގެމަތިން ހިންގާކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
(ރ) ކަސްޓަމްސްއާ ބެހޭގޮތުން ސަރުކާރުން ސިޔާސަތު އެކުލަވާލާއިރު ކަސްޓަމްސްގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް މަށްވަރާއާއި ލަފާދިނުން.
(ބ) ރާއްޖޭގެ ރަސްމީ ވިޔަފާރި ބަނދަރުތަކުގައި ކަސްޓަމްސްގެ ސަރަހައްދާއި ކަސްޓަމްސްއިން ހިދުމަތް ދޭ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގައި ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުން.
(ޅ) ރާއްޖޭގެ ރަސްމީ ބަނދަރުތަކުގައި ކަސްޓަމްސްގެ ސަރަހައްދާއި ކަސްޓަމްސްއިން ހިދުމަތްދޭ ތަންތަން ހިންގުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
(ކ) ރާއްޖޭގެ ރަސްމީ ބަނދަރުތަކުގައާއި ކަސްޓަމްސްގެ ހުރިހާ ސަރަހައްދެއްގައި ކަސްޓަމްސްއިން ދެމުންގެންދާ ހިދުމަތްތައް ލުއިފަސޭހަކޮށްދީ، އަވަސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުމާއި، ހިންގުން.
(އ) މި ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ރޭވުމާއި، އެކަންތައްތައް ހިންގައި ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
(ވ) ދިވެހި ދައުލަތަށް ކަސްޓަމްސް މެދުވެރިކޮށް ލިބެންޖެހޭ އާމްދަނީ ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
(މ) ކަސްޓަމްސްގެ މެދުވެރިންގެ ގޮތުގައި އައްޔަންކުރެވޭ ފަރާތްތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ތަންފީޒުކޮށް، އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން.
8 ވަނަ މާއްދާ - ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސް
(ހ) ކަސްޓަމްސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެންމެހައި ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގައި ކޮމިށަނަރއަށް އެހީތެރިވެދިނުމަށްޓަކައި ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިން ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަންކުރަންވާނެއެވެ.
(ށ) ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އެކަކަށްވުރެ ގިނަ މީހުން އައްޔަންކުރާނަމަ މި މާއްދާގެ (ރ) ގައިވާ ހާލަތުގައި ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ހަވާލުކުރާނެ މީހަކު ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްގެ މަގާމުގައި ތިބި މީހުންގެ ތެރެއިން ކަނޑައެޅިފައި ހުންނަންވާނެއެވެ.
(ރ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއްގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަސްއޫލިއްޔަތާއި ވާޖިބުތައް ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސްއަށް ލިބިގެންވެއެވެ.
- އެއްވެސް ސަބަބަކާހުރެ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނެތުމުން؛ ނުވަތަ
- ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ސަސްޕެންޑުވުމުން؛ ނުވަތަ
- ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ހުސްވުމުން؛ ނުވަތަ
- އެއްވެސް ސަބަބަކާހުރެ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވުން.
9 ވަނަ މާއްދާ - ކަސްޓަމްސް އޮފިސަރުން
(ހ) ކަސްޓަމްސް އޮފިސަރުންގެ މަގާމުތަކާއި ރޭންކުތައް ކަނޑައަޅައި ހަމަޖައްސާނީ މިނިސްޓަރެވެ.
(ށ) ކަސްޓަމްސް އޮފިސަރުންނަށް ވަޒީފާ ދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މަގާމު ދަށްކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، މިކަންކަން ކުރާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރެވެ. މިނިސްޓަރު މިކަންކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކަމަށްޓަކައި ކަސްޓަމްސްގައި އެކުލަވާލެވޭ ބޯޑުގެ ލަފަޔާއެކުއެވެ.
(ނ) ކަސްޓަމްސް އޮފިސަރުން ވަޒީފާ އަދާކުރާ ތަން ކަނޑައެޅުމާއި ބަދަލުކުރުމުގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ.
(ރ) ކަސްޓަމްސް އޮފިސަރުން ފިޔަވައި ކަސްޓަމްސްއަށް ބޭނުންވާ މަގާމުތަކަށް މީހުން ހަމަޖައްސާނީ، މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މިނިސްޓަރެވެ.
10 ވަނަ މާއްދާ - ވަޒީފާގެ އޮނިގަނޑު
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އިދާރީ އޮނިގަނޑެއް މިނިސްޓަރު ކަނޑައަޅަންވާނެއެވެ. މި ބަޔާންކުރެވުނު އޮނިގަނޑުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަގާމުތަކުގެ ށަރުތުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ އަދަދު ކަނޑައަޅާފައި އޮންނަންވާނެއެވެ.
11 ވަނަ މާއްދާ - މުވައްޒަފުންގެ މުސާރަ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
12 ވަނަ މާއްދާ - ކަސްޓަމްސް އޮފިސަރުންގެ ހުވައި
(ހ) މި ގާނޫނުގެ ދަށުން ކަސްޓަމްސް އޮފިސަރުން އަދާކުރަންޖެހޭ އެންމެހައި ވާޖިބުތައް އަދާކޮށް، އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ޒިންމާދާރު ގޮތެއްގައި އަދާކުރުމަށްޓަކައި މި ގާނޫނުގެ ޖަދުވަލު 1 ގައިވާ ހުވައި ކަސްޓަމްސްގެ ކޮންމެ އޮފިސަރަކުވެސް ފަނޑިޔާރެއްގެ ކުރިމަތީގައި ކުރަންވާނެއެވެ.
(ށ) މި ގާނޫނުގައިވާ ގޮތުގެމަތިން ކަސްޓަމްސް އޮފިސަރުން ކުރާ ހުވައިގެ މަތީގައި ދެމިތިބުމަކީ ކަސްޓަމްސްގެ ކޮންމެ އޮފިސަރަކަށްމެ ވާޖިބުކަމެކެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ކަސްޓަމްސް އޮފިސަރުންގެ ގޮތުގައި ތިބި މީހުންވެސް މި ގާނޫނުގައިވާ ގޮތުގެމަތިން ހުވައިކުރަންވާނެއެވެ.
13 ވަނަ މާއްދާ - ކަސްޓަމްސް އޮފިސަރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
ކަސްޓަމްސް އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހި ގައުމުގެ އަބުރާއި އިއްޒަތާއި ގަދަރާއި ށަރަފު ދެމެހެއްޓުން.
(ށ) ކަސްޓަމްސްގެ ދާއިރާގެ ތެރެއިން ދިވެހި ދައުލަތުގެ އާމްދަނީއާއި މުޖުތަމައުގެ ހައްގުތައް ރައްކާތެރިކުރުން.
(ނ) ކަސްޓަމްސްގެ މުވައްޒަފުންގެ "ކޯޑް އޮފް އެތިކްސް" އާއި "ކޯޑް އޮފް ކޮންޑަކްޓް" އާ އެއްގޮތްވާ ގޮތުގެމަތިން ކަސްޓަމްސްގެ މުވައްޒަފުންގެ ވާޖިބުތައް އަދާކުރުންމަތީ ދެމިތިބުން.
(ރ) ރާއްޖެއަށް އަންނަ މީހުންނާއި، އުޅަނދުފަހަރާއި، އެތެރެކުރާ މުދަލާއި ތަކެތި ބަލައި ފާސްކުރުން.
(ބ) ރާއްޖެއިން ފުރާ މީހުންނާއި، އުޅަނދުފަހަރާއި، ބޭރުކުރާ މުދަލާއި ތަކެތި ބަލައި ފާސްކުރުން.
(ޅ) ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ރާއްޖެއަށް އެތެރެވުމާއި، ބޭރުވުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
(ކ) ކޮރަޕްށަންގެ އެއްވެސް އަމަލެއް ނުކުރުމާއި، އެފަދަ އެންމެހައި އަމަލުތަކާ ދެކޮޅަށް ހަރަކާތްތެރިވުން.
(އ) ކަސްޓަމްސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، އަމާނާތްތެރިވުމާއި ވަފާތެރިވުންމަތީ ދެމިތިބުން.
(ވ) ކަސްޓަމްސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އިހްލާސްތެރިކަމާއެކު އަދާކުރުން.
(މ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތައް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.
(ފ) އިސްލާމްދީނުގެ އަސްލުތަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނާއި ގަވާއިދާ ހިލާފުނުވާ ގޮތުގެމަތިން ވެރިން އަންގާ އެންގުންތަކަށާއި، ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވުން.
(ދ) ކަސްޓަމްސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، ކަނޑައެޅިގެން ހިލާފުވާނެ އަމަލެއް ކުރުމަށް އަންގާ އެންގުމަކަށް، ނުވަތަ ކުރާ އަމުރަކަށް އަމަލު ނުކުރުން.
14 ވަނަ މާއްދާ - ކަސްޓަމްސްއާއި ކަސްޓަމްސް އޮފިސަރުންގެ ހިމާޔަތް
(ހ) ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުވަތަ ބެލުމުގެ ދަށުގައި ހުރި މުދަލެއް ކަސްޓަމްސްއިން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ނުވަތަ ގަސްދުގައި އެ މުދަލަކަށް ގެއްލުން ދިނުމުގެ ސަބަބުން މުދަލަކަށް ގެންލުންވާ ހާލަތުގައި މެނުވީ، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ ނުވަތަ ބެލުމުގެ ދަށުގައިވާ މުދަލަކަށް ލިބޭ ގެއްލުމަކަށް ކަސްޓަމްސްއިން ޒިންމާވާކަށް ނުޖެހޭނެއެވެ.
(ށ) ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރަނގަޅު ނިޔަތުގައި ކަސްޓަމްސް އޮފިސަރުގެ ވަޒީފާގެ ވާޖިބުތައް އަދާކުރުމުގައި ކަސްޓަމްސް އޮފިސަރަކު ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއެވެ.
15 ވަނަ މާއްދާ - ކަސްޓަމްސްގެ މުވައްޒަފުންގެ ހައްގުތައް
ކަސްޓަމްސްގެ ކޮންމެ މުވައްޒަފަކަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.
(ހ) ކަސްޓަމްސްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ތެރޭގައި އެ މުވައްޒަފަކަށް ލިބޭ އަނިޔާއާއި، ހާނިއްކައާއި، އެ މުވައްޒަފެއްގެ މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ލިބިދިނުން.
(ށ) ކަސްޓަމްސްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ތެރޭގައި އެ މުވައްޒަފަކަށް ލިބޭ އަނިޔާއާއި ހާނީއްކައަށް ކަސްޓަމްސްގެ ހަރަދުގައި ބޭސްފަރުވާކުރުން.
(ނ) އެ މުވައްޒަފަކާމެދު ކުރެވޭ ށަކުވާއެއް އަޑުއަހައި، އެއަށް ޖަވާބު ދިނުމުގެ ފުރުސަތު ލިބިދިނުމަށްފަހު މެނުވީ، އެ މުވައްޒަފަކާމެދު އެއްވެސް އިދާރީ ފިޔަވަޅެއް ނޭޅުން.
(ރ) އެ މުވައްޒަފަކާމެދު ކުރެވޭ ށަކުވާއާމެދު ގޮތެއް ނިންމުމުގައި، އެ މުވައްޒަފަކާމެދު ށަކުވާ ކުރާ ފަރާތުގެ ދައުރެއް ނެތުން އަދި އެފަރާތުގެ އެއްވެސް ނުފޫޒެއް އެ ނިންމުމުގެ މައްޗަށް ނުހިންގުން.
(ބ) އެ މުވައްޒަފަކާމެދު އަޅާ އިދާރީ ފިޔަވަޅެއް އިސްތިއުނާފުކުރުމަށް ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަނަށް ނުވަތަ ށަރުއީ ކޯޓަކަށް ހުށަހެޅުން.
(ޅ) އެ މުވައްޒަފަކު ކުރި ކުށަކަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަދަބެއް ނުދިނުން.
(ކ) ކަސްޓަމްސްގެ މުވައްޒަފުންގެ ވާޖިބާ ހިލާފު އަމަލެއް ހުއްޓުވުމަށް ކަމާބެހޭ ފަރާތަށް ކޮށްފައިވާ ރިޕޯޓެއްގެ ސަބަބުން، އެ މުވައްޒަފަކާމެދު އެއްވެސް ޑިސިޕްލިނަރީ ނުވަތަ އިދާރީ ފިޔަވަޅެއް ނޭޅުން.
(އ) ކަސްޓަމްސްގެ މުވައްޒަފުންގެ ވާޖިބާ ކަނޑައެޅިގެން ހިލާފުވާނެ އަމަލެއް ކުރުމަށް އަންގާ އެންގުމަކަށް ނުވަތަ ކުރާ އަމުރަކަށް، ކިޔަމަންތެރި ނުވުމުގެ ސަބަބުން އެ މުވައްޒަފަކާމެދު އެއްވެސް ޑިސިޕްލިނަރީ ނުވަތަ އިދާރީ ފިޔަވަޅެއް ނޭޅުން.
(ވ) ކަސްޓަމްސްގެ މުވައްޒަފަކާމެދު ކަސްޓަމްސްއިން ކުރެވޭ ދައުވާއެއް ސާބިތުނުވެއްޖެނަމަ އެކަމުގެ ސަބަބުން އެ މުވައްޒަފަކަށް ލިބުނު ގެއްލުމުގެ ށަރުއީ ބަދަލު ކަސްޓަމްސްއިން ދިނުން.
16 ވަނަ މާއްދާ - ވަޒީފާ ދިނުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި ވަޒީފާއިން މުސްކުޅިކުރުން
ކަސްޓަމްސްއިން ވަޒީފާ ދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއިން މުސްކުޅިކުރެވޭނެ އުސޫލުތައް ކަސްޓަމްސްގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
17 ވަނަ މާއްދާ - ކަސްޓަމްސްގެ ޔުނިފޯމާއި އެހެނިހެން ތަކެތި ހުއްދަ ނެތި ބޭނުންކުރުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަ ދޭންޖެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެންމެނުވީ މި މާއްދާގެ (ހ) ، (ށ) ، (ނ) ، އަދި (ރ) ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި މީހަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.
(ހ) ކަސްޓަމްސް އޮފިސަރުން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ރަސްމީ ޔުނިފޯމެއް ނުވަތަ އެ ނޫންވެސް ޔުނިފޯމާގުޅޭ އެއްޗެއް ނުވަތަ ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު އުފެއްދުން ނުވަތަ ވިއްކުން ނުވަތަ ބޭނުންކުރުން ނުވަތަ މިއިން ކަމެއްގައި ބައިވެރިވުން.
(ށ) ކަސްޓަމްސް އޮފިސަރުން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ރަސްމީ ޔުނިފޯމެއް ނުވަތަ އެނޫންވެސް ޔުނިފޯމާގުޅޭ އެއްޗެއް ނުވަތަ ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު ނުވަތަ އެފަދަ އެއްޗެއްގެ ނަކަލެއް މީހަކަށް ނުވަތަ ބަޔަކަށް އޮޅުވާލުމުގެ ނިޔަތުގައި އުފެއްދުން ނުވަތަ ބޭނުންކުރުން.
(ނ) ކަސްޓަމްސް އޮފިސަރުން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ރަސްމީ ޔުނިފޯމެއް ނުވަތަ އެނޫންވެސް ޔުނިފޯމާގުޅޭ އެއްޗެއް ނުވަތަ ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު ބޭނުންކުރުމުގެ ހުއްދަ ނެތް މީހަކަށް ދިނުން.
(ރ) ކަސްޓަމްސް އޮފިސަރުން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ރަސްމީ ޔުނިފޯމެއް ނުވަތަ އެނޫންވެސް ޔުނިފޯމާގުޅޭ އެއްޗެއް ނުވަތަ ކަސްޓަމްސްގެ އައިޑެންޓިޓީ ކާޑު ނުވަތަ ކަސްޓަމްސްގެ ވަޒީފާ އަދާކުރުމަށް ދެވޭ އެހެނިހެން ތަކެތި ކަސްޓަމްސްގެ ވަޒީފާއިން ވަކިވުމަށްފަހު ބޭނުންކުރުން.
18 ވަނަ މާއްދާ - ތަމްރީން ދިނުން
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކަސްޓަމްސްގެ މުވައްޒަފުންނަށް ތަމްރީންދިނުމުގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ.
19 ވަނަ މާއްދާ - ކުރުން މަނާ ކަންތައްތައް
ކަސްޓަމްސްގެ އެއްވެސް މުވައްޒަފަކު މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ކުރުމަކީ މަނާކަމެކެވެ.
20 ވަނަ މާއްދާ - ވަޒީފާއިން އިސްތިއުފާ ދިނުން
(ހ) ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސް ފިޔަވައި ކަސްޓަމްސްގެ އެހެން މުވައްޒަފުން އެމީހެއްގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސަބަބު ބަޔާންކޮށް ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް ލިޔުމެއް ފޮނުވާނީއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔުން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް ފޮނުވިކަމުގައިވިޔަސް އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން އެމީހަކު ވަޒީފާގައި ދެމިހުންނަންވާނެއެވެ. މިފަދަ ލިޔުމެއް ލިބޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެތެރޭގައި އެކަމަށް ގޮތެއް ނިންމައި ލިޔުމަކުން އެކަން އެ މުވައްޒަފަކަށް އަންގަންވާނެއެވެ.
(ނ) ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ކަސްޓަމްސް އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމެއް ފޮނުވާނީއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވިކަމުގައިވިޔަސް އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން އެ މީހެއްގެ މަގާމުގެ ވާޖިބު އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ. މިފަދަ ލިޔުމެއް ލިބޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެތެރޭގައި އެކަމަށް ގޮތެއް ނިންމައި ލިޔުމަކުން އެކަން އެ މީހަކަށް އަންގަންވާނެއެވެ.
(ބ) ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރާ މީހުން ފިޔަވައި ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ މި ގާނޫނުގެ ދަށުން ހަދާ ރިޓަޔަރމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ށަރަފުވެރިކަމާއެކު ކަސްޓަމްސްގެ ވަޒީފާއިން ވަކިވި މީހެއްކަން މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.
(ޅ) ކަސްޓަމްސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރެވޭނެ ގޮތްތައް ކަސްޓަމްސްގެ ރިޓަޔަރމަންޓް ގަވާއިދުގައި ހިމަނަންވާނެއެވެ.
(ކ) ކަސްޓަމްސްގެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 65 (ފަސްދޮޅަސް ފަހެއް) އަހަރެވެ.
21 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން، ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރެވޭ މީހަކަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް އިނާޔަތެއް ނުވަތަ އިމްތިޔާޒެއް ނުލިބޭނެއެވެ.
22 ވަނަ މާއްދާ - ވެލްފެއަރ ފަންޑް
ކަސްޓަމްސްގެ މުވައްޒަފުންގެ ވެލްފެއަރގެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ވެލްފެއަރ ފަންޑެއް އުފައްދައި، އެ ފަންޑުން ކަސްޓަމްސްގެ މުވައްޒަފުންގެ ވެލްފެއަރގެ ކަންތައްތަކަށް ހޭދަކުރުމުގެ ހުއްދަދިނުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސްއަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ކަސްޓަމްސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ރަސްމީ ލިޔެކިޔުމެއް ނުވަތަ ވަޒީފާގެ ގޮތުން އެނގޭ މައުލޫމާތެއް ނުވަތަ ސިއްރު ލިޔުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ލިޔުމެއް ނުވަތަ ސިއްރު ލިޔުމެއްގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ އެއްވެސް ލިޔުމެއް އެ އެއްޗެއް ފޯރުކޮށްދޭންޖެހޭ ފަރާތެއް ނޫން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައިވާފަދަ ސިއްރެއް ގާނޫނީގޮތުން ހާމަކުރަންޖެހިއްޖެ ހާލަތެއްގައި، ހާމަކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
ތިންވަނަ ބާބު
ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަން
24 ވަނަ މާއްދާ - ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަން
ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަނަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމާއި އަދި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ މިނިވަން ގާނޫނީ ށަހްސެކެވެ.
25 ވަނަ މާއްދާ - ކޮމިށަންގެ މަގްސަދު
ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަންގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކަސްޓަމްސް މުވައްޒަފުންގެ މެދުގައި ގާނޫނާ ގަވާއިދަށް ހުރުމަތްތެރިކޮށްހިތުން އިތުރުކުރުން.
(ށ) ކަސްޓަމްސް މުވައްޒަފުންގެ ތެރޭގައި ހިނގާ ގާނޫނާ ގަވާއިދާ ހިލާފު އަމަލުތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ގާނޫނާ އެއްގޮތަށް ފިޔަވަޅުއެޅުން.
(ނ) ކަސްޓަމްސް މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނޭ ގާނޫނީ ރައްކާތެރިކަން ލިބިދިނުން.
(ރ) ކަސްޓަމްސް މުވައްޒަފުންގެ ހިދުމަތާ ބެހޭގޮތުން އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އިތުރުކުރުން.
26 ވަނަ މާއްދާ - ކޮމިށަންގެ މެންބަރުން
ކޮމިށަން އެކުލެވިގެންވާނީ 5 މެންބަރުންގެ މައްޗަށެވެ.
27 ވަނަ މާއްދާ - މެންބަރުންގެ ސިފަތައް
ކޮމިށަންގެ މެންބަރުންކަމަށް އައްޔަންކުރެވޭ މީހުންގެ ކިބައިގައި ތިރީގައިމިވާ ސިފަތައް ފުރިހަމަވާންވާނެއެވެ.
(ހ) މުސްލިމަކު ކަމުގައިވުން.
(ށ) ދިވެހިރައްޔިތަކު ކަމުގައިވުން.
(ނ) ބުއްދިހަމައަށް ހުރި މީހަކުކަމުގައިވުން.
(ރ) އުމުރުން 25 (ފަންސަވީސް) އަހަރު ވެފައިހުރި މީހަކުކަމުގައިވުން.
(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ތެރޭގައި ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައިނުވުން.
(ޅ) އެމީހަކީ ކޮމިށަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހަކު ކަމުގައިވުން.
(ކ) އެކްސްޕޯޓް އިމްޕޯޓް ވިޔަފާރިކުރުމާއި، އަދި އެފަދަ ތަނެއްގެ ބޯޑް މެންބަރެއް ކަމުގައި ނުވުން.
(އ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން.
(ވ) ކަސްޓަމްސް މުވައްޒަފެއްގެ ފިރިއެއް، އަންބެއް، ދަރިއެއް، ބައްޕައެއް، ނުވަތަ މަންމައެއްކަމުގައި ނުވުން.
28 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން
(ހ) ކޮމިށަންގެ މެންބަރުން އައްޔަންކުރާނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ދޭ މަށްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށްއެދޭނީ، އަދި ރައްޔިތުންގެ މަޖިލީހުން މަށްވަރާ ދޭނީ، އަންނަނިވި ގޮތުގެމަތިންނެވެ.
- ކޮމިށަންގެ މެންބަރުން އައްޔަންކުރުމަށް ބޭނުންވާ ކޮންމެފަހަރަކު، ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ލިޔުމަކުން، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
- ކޮމިށަންއަށް އެ ފަހަރަކު އައްޔަންކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނޫން އަދަދަކަށް މީހުންގެ ނަމާއި، އެމީހުންގެ ވަނަވަރު އެ ލިޔުމާއެކު ހިމެނުން.
- މަޖިލީހުން ކަނޑައަޅާ ގޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވާ ލިޔުމަކުން، ރައީސުލްޖުމްހޫރިއްޔާއަށް އެންގުން.
(ނ) ކޮމިށަންގެ މެންބަރުކަމަށް އައްޔަންކުރަންވާނީ، ކޮމިށަންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރިމީހުންގެ ތެރެއިން، މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާ މީހުންނެވެ.
(ރ) ކޮމިށަންއަށް އައްޔަންކުރާނެ މެންބަރުންނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ އާންމުކޮށް އިއްލާންކޮށްގެން، އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި އެގޮތުން ހުށަހެޅޭ ނަންތަކުގެ ތެރޭގައި، ވީހާވެސް ބޮޑަށް ގައުމުގެ އެކިދާއިރާތައް ތަމްސީލްވާނެ ގޮތެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ބާރުއަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވާއިރު އެ ފަހަރަކު ކޮމިށަނަށް އައްޔަންކުރަންޖެހޭ އަދަދުގެ ދެ ގުނައަށްވުރެން އިތުރަށް ނަންތައް ފޮނުވަންވާނެއެވެ. މި ގޮތުން އާންމުކޮށް އިއުލާންކުރުމުން އިޖާބަދިން މީހުންގެ އަދަދު ފޮނުވަންޖެހޭ އަދަދަށްވުރެން މަދުވާނަމަ އެ ފަހަރަކު ކުރިމަތިލީ ހުރިހާ މީހުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
29 ވަނަ މާއްދާ - ކޮމިށަންގެ މަސްއޫލިއްޔަތުތައް
ކޮމިށަންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކަސްޓަމްސް އޮފިސަރުންގެ ފަރާތުން ހުށަހަޅާ ށަކުވާތަކާ ބެހޭގޮތުން ކަސްޓަމްސްއިން ނިންމާ ނިންމުންތަކާ ގުޅިގެން ތަހުގީގު ކުރުމަށް މިނިސްޓަރު ހުށަހަޅާ މައްސަލަތައް ތަހުގީގުކޮށް، ކަމާބެހޭ ރިޕޯޓް އަދި ފެންނަގޮތް މިނިސްޓަރަށް ހުށަހެޅުން.
(ށ) ކަސްޓަމްސް އޮފިސަރަކު ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާކަމަށް ނުވަތަ އޭނާގެ އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ބުނެ އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އެކަމެއްބަލައި ތަހުގީގުކޮށް، ކަމާބެހޭ ރިޕޯޓް އަދި ފެންނަގޮތް މިނިސްޓަރަށް ހުށަހެޅުން.
(ނ) ކޮމިށަންއިން ބެލި މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ކޮމިށަންއަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިޔަށް ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން.
(ރ) ކޮމިށަންއަށް ހުށަހެޅޭ މައްސަލައަކާއި ގުޅިގެން ކުރެވޭ ތަހުގީގުތަކުގައި އެފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކަސްޓަމްސްގައި އަމަލުކުރެވޭ އުސޫލަކަށް ނުވަތަ ގަވާއިދަކަށް ބަދަލުގެންނަން ކޮމިށަންއަށް ފެންނަނަމަ އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.
30 ވަނަ މާއްދާ - ކޮމިށަންގެ ރައީސް
(ހ) ކޮމިށަންގެ މެންބަރުންގެ ތެރެއިން މީހަކު، ކޮމިށަންގެ ރައީސް ކަމުގައި އައްޔަންކުރަންވާނެއެވެ.
(ށ) ކޮމިށަންގެ ރައީސް އައްޔަންކުރާނީ، ކޮމިށަންގެ މެންބަރުންގެ ތެރެއިން އެ މެންބަރުން ކަނޑައަޅާ މީހެކެވެ. އަދި މިގޮތުން، ކޮމިށަނުން ކަނޑައަޅާގޮތެއް، އެ ގޮތެއް ކަނޑައަޅާތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިށަންއިން އަންގަންވާނެއެވެ.
31 ވަނަ މާއްދާ - ކޮމިށަންގެ ރައީސްގެ ޒިންމާ
ކޮމިށަންގެ ރައީސްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކޮމިށަންގެ މަސައްކަތްތައް ރާވައި ހިންގުން.
(ށ) ކޮމިށަންއަށް ހުށަހެޅޭ ށަކުވާތައް ކޮމިށަންގެ މެންބަރުންނާއި ބަލަން ހަވާލުކުރުން.
(ނ) ކޮމިށަންގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.
32 ވަނަ މާއްދާ - ކޮމިށަންގެ ނައިބުރައީސް
(ހ) ކޮމިށަންގެ މެންބަރުންގެ ތެރެއިން މީހަކު، ކޮމިށަންގެ ނައިބުރައީސް ކަމުގައި އައްޔަންކުރަންވާނެއެވެ.
(ށ) ކޮމިށަންގެ ނައިބުރައީސް އައްޔަންކުރާނީ، ކޮމިށަންގެ މެންބަރުންގެ ތެރެއިން އެ މެންބަރުން ކަނޑައަޅާ މީހެކެވެ. އަދި މިގޮތުން، ކޮމިށަނުން ކަނޑައަޅާގޮތެއް، އެގޮތެއް ކަނޑައަޅާތާ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިށަންއިން އަންގަންވާނެއެވެ.
33 ވަނަ މާއްދާ - ކޮމިށަންގެ ނައިބުރައީސްގެ ޒިންމާ
ކޮމިށަންގެ ރައީސަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަންގެ ނައިބުރައީސެވެ. މީގެ އިތުރުން، ކޮމިށަންގެ ރައީސަށް ކޮމިށަން ހިންގުމުގައި އެހީތެރިވެދޭންވާނެއެވެ.
34 ވަނަ މާއްދާ - ކޮމިށަންގެ މެންބަރުންގެ ޒިންމާ
(ހ) ކޮމިށަންގެ މެންބަރުންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ކަނޑައެޅިގެން އެގެންއޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަންގެ ޖަލްސާތަކަށް ހާޒިރުވުން.
- ކަނޑައެޅިގެން އެގެންއޮތް އުޒުރެއް ދިމާވެގެންމެނުވީ، ކޮމިށަންއިން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
- ކޮމިށަނުން ކުރާ ތަހުގީގުތައް ހިންގުން.
(ށ) ކޮމިށަންގެ ކޮންމެ މެންބަރަކުވެސް ކޮމިށަންއަށް ހިދުމަތް ކުރަންވާނީ މިނިވަންކަމާއި، އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކުގައެވެ. އަދި ކޮންމެ މެންބަރަކަށް ހަވާލުކުރެވޭ ކަންކަން ކުރަންވާނީ އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ނ) ކޮމިށަންގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމެއް ނުވަތަ މައްސަލައެއް، ކޮމިށަންއިން ބަލާ ހިނދު، އެކަމެއް ނުވަތަ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމިށަންއިން ބަލާ މައްސަލައަކީ، މިފަދަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމެއްކަން ނުވަތަ މައްސަލައެއްކަން ކުރިން އެނގިފައިނެތްނަމަވެސް އެކަން އެނގޭހިނދު، އެކަން ކޮމިށަންގެ ރައީސަށް އެންގުމާއެކު، އެކަމެއް ނުވަތަ މައްސަލައެއް ބެލުމުން ނުވަތަ އެމައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެ މެންބަރަކު ތަނާޒުލު ވާންވާނެއެވެ.
(ރ) ކޮމިށަންގެ ވަޒީފާގެ ހައިސިއްޔަތުން މެންބަރުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. މިފަދަ މައުލޫމާތެއް ގާނޫނީ ބާރެއް ލިބިފައިވާ ފަރާތެއްގެ ތަހުގީގަކަށްޓަކައި ނުވަތަ ށަރީއަތުގެ ބޭނުމަށްޓަކައި މެނުވީ ކޮމިށަންގެ މަސައްކަތާ ނުގުޅޭ އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
35 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރު
(ހ) ކޮމިށަންއަށް އައްޔަންކުރެވޭ މެންބަރަކު، އެ މަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
(ށ) މި ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކަށް އަލުން މި ކޮމިށަންއަށް ކުރިމައްޗެއް ނުލެވޭނެއެވެ.
36 ވަނަ މާއްދާ - މަގާމު ހުސްވުން
ތިރީގައިމިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮމިށަންގެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.
(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން އިސްތިއުފާ ދިނުން.
(ށ) މެންބަރުކަމުގެ ދައުރު ހަމަވުން.
(ނ) މި ގާނޫނުގައިވާ ގޮތުގެމަތިން މެންބަރުކަމުން ވަކިކުރުން.
(ރ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުން.
(ބ) މި ގާނޫނުގައި މެންބަރުންގެ ސިފަތައް ކަމުގައި ބަޔާންވެފައިވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުން.
37 ވަނަ މާއްދާ – އިސްތިއުފާދިނުން
(ހ) ކޮމިށަންގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަންގެ ރައީސް ނުވަތަ ނައިބުރައީސް، ރައީސްކަމުން ނުވަތަ ނައިބުރައީސްކަމުން އިސްތިއުފާދިންކަމުގައި ވިޔަސް، ކޮމިށަނުގެ މެންބަރުކަމުން އޭނާ އިސްތިއުފާދިނީ ކަމުގައި ނުބެލެވޭނެއެވެ.
38 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން
ތިރީގައިމިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮމިށަންގެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
- ށަރުއީ ހުކުމަކުން އިފްލާސްކުރުން.
- ކޮމިށަންގެ މެންބަރެއްގެ ކިބައިގައި ހުރުމަށް މި ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުން.
- ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން.
39 ވަނަ މާއްދާ - ކޮމިށަންގެ މުވައްޒަފުންނާއި ފަންނީ ލަފާދޭ ފަރާތްތައް
ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކޮށް މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާނޭ މުވައްޒަފުންނާއި ވަސީލަތްތައް ސަރުކާރުން ފަހިކޮށްދޭންވާނެއެވެ.
40 ވަނަ މާއްދާ – މުސާރަ
(ހ) ކޮމިށަންގެ މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
(ށ) ކޮމިށަންގެ މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް، މެންބަރުކަމުގެ މުއްދަތުގައި ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތަކަށްމެނުވީ އުންޏެއް ނުކުރެވޭނެއެވެ.
(ނ) ކޮމިށަންގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވާރާއާއެކު ކަނޑައަޅާނީ ކޮމިށަންއިންނެވެ.
41 ވަނަ މާއްދާ - ތަހުގީގު ކުރުމުގައި ކޮމިށަނަށް ލިބިގެންވާ ބަރާއި ޒިންމާ
(ހ) ކޮމިށަންއިން ކުރަމުންދާ ތަހުގީގަކާ ގުޅިގެން، އަންނަނިވި ކަންކަން ކުރުމުގެ ބާރު ކޮމިށަންއަށް ލިބިގެންވެއެވެ.
- ހެކިންގެ ގޮތުގައި ހާޒިރުކުރަންޖެހޭ ފަރާތްތައް ކޮމިށަންއަށް ހާޒިރުކުރުމާއި ހެކިބަސް ހޯދުން؛
- ކޮމިށަންއިން ކުރަމުންދާ ތަހުގީގަކާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކޮމިށަންއަށް ހާޒިރުކުރުމާއި އެ މީހުންގެ ހެކިބަހާއި ބަޔާން ހޯދުން؛
- ކޮމިށަންއިން ކުރަމުންދާ ތަހުގީގަކާ ގުޅުންހުރިކަމަށް ފެންނަ ލިޔެކިއުންތަކާއި އެހެނިހެން ތަކެތި ހޯދުމަށްޓަކައި ސަރުކާރުގެ އިދާރާތަކަށާއި އެހެނިހެން ތަންތަނަށް ކޮމިށަންގެ މުވައްޒަފުންގޮސް އެތަންތަނާއި އެތަންތަނުގައި ހުރި ލިޔެކިއުން ބެލުމާއި ނަކަލުކުރުމާއި ބޭނުންވެއްޖެނަމަ ކޮމިށަންއަށް ގެނައުން؛
- ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެ ކަމަށް ކޮމިށަންއަށް ފެންނަ ފަރާތްތަކުން، އެ މައުލޫމާތެއް ހޯދުން؛
- ކޮމިށަންއަށް ހުށަހެޅޭ މައްސަލައަކާއި ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ކޮމިށަންއަށް މައުލޫމާތެއް ދިނުމަށް، ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުން؛
- ކޮމިށަންގެ 2 މެންބަރަކު، ނުވަތަ އެއަށްވުރެ ގިނަ މެންބަރުންގެ ކޮމިޓީއަކުން މައްސަލަބަލައި ތަހުގީގުކުރުން؛
- ކޮމިށަންއިން ކުރެވޭ ތަހުގީގު ތަކުގައި، މައްސަލަނިންމަންވާނީ، މައްސަލަ ރައްދުވާފަރާތުން ބުނާ އެއްޗަކަށާއި އަދި މައްސަލައިގެ ވަށައިގެންހުރި ހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުއެވެ.
(ށ) ކޮމިށަންއިން ކުރެވޭ ތަހުގީގުތަކުގައި، މައްސަލަ ނިންމަންވާނީ، މައްސަލަ ރައްދުވާފަރާތުން ބުނާ އެއްޗަކަށާއި އަދި މައްސަލައިގެ ވަށައިގެންހުރި ހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުއެވެ.
42 ވަނަ މާއްދާ - ކޮމިށަންގެ ބާރުތައް
ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، އަންނަނިވި ބާރުތައް ކޮމިށަންއަށް ލިބިގެންވެއެވެ.
(ހ) ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ބޭނުންވާ އެންމެހައި ސާމާނާއި، ވަސީލަތާއި، އާލަތްތައް ހޯދައި، ގެންގުޅެ، އެތަކެތީގެ ބޭނުން ހިފުން؛
(ށ) ކޮމިށަންއިން އެކިއެކި މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި، ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި މި ގާނޫނަށް އަމަލުކުރުމުގައި ގެންގުޅޭނޭ އުސޫލުތައް އެކުލަވާލުން؛
(ނ) ކޮމިށަންއިން ބެލުނު މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ކޮމިށަންއަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން.
43 ވަނަ މާއްދާ - އެހެން ފަރާތްތަކުން ކުރާ ތަހުގީގު
ތަހުގީގުކުރުމުގެ ގާނޫނީ ބާރުލިބިފައިވާ އެއްވެސް އިދާރާއަކުން ކަސްޓަމްސްގެ މުވައްޒަފެއްގެ މައްސަލައެއް ތަހުގީގު ކުރަމުން ގެންދާނަމަ، އެކަމާބެހޭ މައުލޫމާތު ކޮމިށަންއަށް އެނގޭނެ ނިޒާމެއް ކޮމިށަންއިން ގާއިމް ކުރަންވާނެއެވެ.
44 ވަނަ މާއްދާ - އެހެން އިދާރާއަކުން ކުރާ ތަހުގީގަކަށް ލިބިފައިވާ މައުލޫމާތު
މި ގާނޫނުގެ ދަށުން ކުރަމުންގެންދާ ތަހުގީގަކަށް ބޭނުންވާ މައުލޫމާތެއް، ތަހުގީގު ކުރުމުގެ ގާނޫނީ ބާރު ލިބިގެން ތަހުގީގުކުރާ މުއައްސަސާއެއްގައި ހުރި ކަމަށް ކޮމިށަންއަށް ގަބޫލުކުރެވޭނަމަ، އެފަރާތަކަށް ލިބިފައިވާ މައުލޫމާތު ހޯދަން އެދުމާއި އެފަދަ މައުލޫމާތު ބޭނުންކުރުމުގެ އިހްތިޔާރު ކޮމިށަންއަށް ލިބިގެންވެއެވެ.
45 ވަނަ މާއްދާ - ށަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅުން ހުރި މައްސަލަ ބެލުން
(ހ) ށަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅުންހުރި ކަސްޓަމްސް އޮފިސަރެއްގެ މައްސަލައެއް ކޮމިށަންއަށް ހުށަހެޅިއްޖެނަމަ އެ މައްސަލަ ބަލަންވާނީ ށަރީއަތަށް އަސަރެއް ނުކުރާނޭ ގޮތެއްގެމަތިން ސިއްރު މައްސަލައެއްގެ ގޮތުގައެވެ. އަދި ށަރީއަތުގެ މަރުހަލާގައި އޮތް މައްސަލަ ށަރުއީ މަރުހަލާއިން ނުނިމެނީސް އެ މައްސަލައިގެ ރިޕޯޓް ނުވަތަ ހޯދުންތައް އާންމުކޮށްގެން ނުވާނެއެވެ.
(ށ) ކަސްޓަމްސް އޮފިސަރެއްގެ މައްސަލައެއް ށަރުއީ ކޯޓެއްގައި ހިނގަމުން ދަނިކޮށް އެ މައްސަލަ ކޮމިށަންއިން ނުބެލޭނެއެވެ.
46 ވަނަ މާއްދާ - މައްސަލަ ބެލުމަށްފަހު އަމަލުކުރެވޭގޮތް
ކޮމިށަންއިން މައްސަލައެއް ބަލާނިންމުމަށްފަހު އަމަލުކުރާނީ ތިރީގައިމިވާ ގޮތަށެވެ.
(ހ) ތަހުގީގު ކުރެވުނީ ކަސްޓަމްސް އޮފިސަރަކު ނުވަތަ ބަޔަކު ގާނޫނާއި ނުވަތަ ގަވާއިދާ ހިލާފުވެފައިވާކަމަށް ކުރެވުނު ތުހުމަތެއްގައިކަމަށްނަމަ، އެތުހުމަތަކާ ބެހޭގޮތުން ކޮމިށަންއަށް ފެންނަ ގޮތާއި އަދި މައްސަލައިގައި މިނިސްޓަރު އަމަލުކުރަން ފެންނަގޮތެއްގެ ލަފާ މިނިސްޓަރަށް ދިނުން.
(ށ) ކޮމިށަންއިން ކުރެވުނު ތަހުގީގަކާއި ނުވަތަ މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ފެންނަނަމަ އެކަން ކުރިއަށް ގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.
(ނ) ކޮމިށަންއިން ކުރެވުނު ތަހުގީގަކާ ގުޅިގެން، އެފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކަސްޓަމްސްގައި އަމަލުކުރެވޭ އުސޫލުތަކަށް ނުވަތަ ގަވާއިދުތަކަށް ބަދަލުގެންނަން ކޮމިށަންއަށް ފެންނަނަމަ އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.
(ރ) ކޮމިށަންއިން ކުރެވުނު ތަހުގީގަކާ ގުޅިގެން، އެފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކަސްޓަމްސްގައި އަމަލުކުރެވޭ އުސޫލުތަކަށް ނުވަތަ ގަވާއިދުތަކަށް ބަދަލުގެންނަން ކޮމިށަންއަށް ފެންނަނަމަ އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.
47 ވަނަ މާއްދާ - މެންބަރުންނަށާއި މުވައްޒަފުންނަށް ދެވޭ ހިމާޔަތް
ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ކޮމިށަންއަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގައި ގާނޫނާ ހިލާފުނުވާ ގޮތެއްގެމަތިން ކޮމިށަންގެ މެންބަރަކު، ނުވަތަ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު ދައުވާއެއް ނުއުފުލޭނެއެވެ.
48 ވަނަ މާއްދާ - ގަވާއިދު ހެދުން
ކޮމިށަންއިން އެކިއެކި މައްސަލަތައްބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަޑުތަކާއި، ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގެންގުޅޭނޭ އުސޫލުތައް ބަޔާންކުރާ ގަވާއިދުތައް އެކުލަވާލާނީ ކޮމިށަންއިންނެވެ.
49 ވަނަ މާއްދާ – ބައްދަލުވުންތައް
(ހ) ކޮމިށަންގެ ބައްދަލުވުމެއް މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) ކޮމިށަންގެ ކޮންމެ ބައްދަލުވުމެއްގެވެސް ރިޔާސަތު ބަލަހައްޓާނީ، ކޮމިށަންގެ ރައީސެވެ.
(ނ) ކޮމިށަންގެ ބައްދަލުވުމަކަށް ކޮމިށަންގެ ރައީސަށް ހާޒިރު ނުވެވިއްޖެނަމަ، އެބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިށަންގެ ނައިބުރައީސެވެ.
(ރ) ކޮމިށަންގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ ކޮމިށަންގެ 3 (ތިނެއް) މެންބަރުންނެވެ.
50 ވަނަ މާއްދާ - ކޮމިށަންގެ ނިންމުންތައް
މުޅި ކޮމިށަންގެ ފެންވަރުގައި ބަލާ މައްސަލަތައް ނިންމުމުގައި، ކޮމިށަންގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި، މައްސަލަތައް ނިންމާނީ، ކޮމިށަންގެ އަގްލަބިއްޔަތުންނެވެ.
51 ވަނަ މާއްދާ - އަހަރީ ރިޕޯޓް
(ހ) ކޮމިށަންގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމުހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މިނިސްޓަރަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓްގައި، އެރިޕޯޓްގެ މުއްދަތުގައި ހިނގައިދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކޮމިށަންއަށް ހުށަހެޅުނު މައްސަލަތައް.
- ކޮމިށަންއިން ނިންމި މައްސަލަތަކާއި، އެމައްސަލަތައް ނިންމިގޮތް.
- ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން، ބަލަމުންގެންދާ މައްސަލަތައް.
- ކަސްޓަމްސްއިން އިސްލާހުކޮށް ރަނގަޅުކުރަންޖެހޭކަމަށް އެމުއްދަތުގެ ތެރޭގައި ކޮމިށަންއިން ހުށަހެޅިކަންކަން.
- އިސްލާހުކުރުމަށް ހުށަހެޅި ކަންކަމުގެ ތެރެއިން ކަސްޓަމްސްއިން އަމަލުކުރި ކަންކަމާއި، އަމަލުނުކުރާކަންކަން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓް، ރައީސުލްޖުމްހޫރިއްޔާއަށާއި، މިނިސްޓަރަށް ފޮނުވާތާ، 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި، ކޮމިށަންއިން އެ ރިޕޯޓް އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ރ) ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަންއަށް ފެނިއްޖެ ހިނދެއްގައި، އެހާލަތަކާގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މިނިސްޓަރަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަންއަށް ލިބިގެންވެއެވެ.
52 ވަނަ މާއްދާ - ބެލުމުގެ ބާރު ލިބިގެންވާ މައްސަލަތައް
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ސަރުކާރުގެ ކަމާބެހޭ ދާއިރާއަކަށް ހުށަހަޅާފައިވާ މައްސަލައެއް ފިޔަވައި، މި ގާނޫނު ދަށުން ކޮމިށަންއަށް މައްސަލައެއް ހުށަހެޅޭނީ އަދި ކޮމިށަންއިން މައްސަލައެއް ބެލޭނީ، އެކަމެއްގެ މައްޗަށް މައްސަލަ ބިނާވެފައިވާ ކަންތައް ހިނގާފައިވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުގެ ތާރީހެއްގައިކަމަށް ވާނަމައެވެ.
(ށ) ކޮމިށަންއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ހިނގާފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުންކަމުގައިވިއަސް، އެހެންގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާހިނދަކު، ކޮމިށަންއިން އެމައްސަލައެއް ބެލޭނީ، އެކަމެއްގެ މައްޗަށް އެމައްސަލަ ބިނާވެފައިވާ ކަންތައް ހިނގި ތާރީހާއި އެމައްސަލައެއް ކޮމިށަންއަށް ހުށަހެޅި ތާރީހާ ދެމެދު، މިލާދީ ގޮތުން 2 (ދޭއް) އަހަރު ދުވަސް ފުރިހަމަ ނުވާނަމައެވެ.
ހަތަރުވަނަ ބާބު
ކަސްޓަމްސްގެ ސަރަހައްދުތައް
53 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަހައްދު
(ހ) މުދާ އިމްޕޯޓްކުރުމަށާއި އެކްސްޕޯޓްކުރުމަށް ރާއްޖޭގައި ބޭނުންކުރެވޭ ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގެ ވަކި ސަރަހައްދުތަކެއް އެއީ ކަސްޓަމްސްގެ ސަރަހައްދުކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) ކުއްލި ނުރައްކަލުގެ ހާލަތްތައް ނޫން އެހެން ހާލަތްތަކުގައި، ދިވެހިރާއްޖެއަށް އަންނަ ހުރިހާ އުޅަނދުފަހަރެއްވެސް ބަނދަރުކުރަންވާނީ ކަސްޓަމްސްގެ ސަރަހައްދެއް ހިމެނޭ ބަނދަރަކަށެވެ. އަދި ރާއްޖެއިން ފުރާ ހުރިހާ އުޅަނދުފަހަރެއް ފުރަންވާނީވެސް މިފަދަ ބަނދަރަކުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ކަސްޓަމްސްއިން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި ކަސްޓަމްސްގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ބަނދަރުކުރުމުގެ ހުއްދަދިނުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. އަދި މިގޮތުން ކަސްޓަމްސްއިން ހުއްދަދޭ ބަނދަރުތަކުގައި ކަސްޓަމްސްގެ އިޖުރާއަތުތައް، މި ގާނޫނުގައިވާ ގޮތުގެމަތިން ހިންގުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. މި މާއްދާގެ ދަށުން އުޅަނދުފަހަރު ލަފާފުރުމަށާއި، މީހުންނާއި މުދަލާއި ތަކެތި އަރުވާ ބޭލުމުގެ ވަގުތީ ހުއްދަދޫކުރެވޭނެ އުސޫލާއި، އެކަމަށް ނެގޭނެ އަގު ނުވަތަ ފީ، ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ރ) ކަސްޓަމްސްގެ ސަރަހައްދުތަކަކީ އަންނަނިވި ކަންކަން ކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކެކެވެ.
- ރާއްޖެއަށް މުދާ އިމްޕޯޓްކުރުމުގައި ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރުމުގައި މުދާ އެރުވުމަށާއި، ބޭލުމަށާއި މިކަންކަމުގައި އުޅޭ މީހުން ވަދެނުކުތުމަށް.
- ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރުގެ ފަސިންޖަރުންނާއި އެނޫންވެސް މީހުން ފުރުމަށާއި، ފޭބުމަށާއި، މިކަމުގައި އެހީތެރިވާ މީހުން ވަދެނުކުތުމަށް.
- މުދާ ރައްކާކުރުމަށާއި، މުދާ ބަލައި ފާސްކުރުމަށާއި، މުދާ ދޫކުރުމަށާއި، މީހުން ފޭބުމުގެ ހުއްދަ ދިނުމަށް.
- ކަސްޓަމްސްގެ ވެއަރހައުސްތަކާއި، ބޮންޑެޑް ވެއަރހައުސްތަކާއި، ޑިއުޓީ ހިލޭ ފިހާރަތަކާއި، މިނިވަން ވިޔަފާރީގެ ސަރަހައްދުތައް ހިންގުމަށް.
- މަތީގައި ބަޔާންކުރެވިފައިވާ ކަންކަމާގުޅޭގޮތުން ކުރަންޖެހޭ އިދާރީ އަދި އެހެނިހެން މަސައްކަތްތައް ކުރުމަށް.
(ބ) ކަސްޓަމްސްގެ ސަރަހައްދުތަކުގައި ނުވަތަ ވަގުތީ ޕޯޓް ފެސިލިޓީތަކުގައި އެންމެ ކުޑަމިނުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.
- ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު އަތްދޮށްކުރާ ސަރަހައްދާއި، މުދާ ބަހައްޓާ ސަރަހައްދުތަކަށް ހުއްދަނެތް ފަރާތްތަކަށް ނުވަދެވޭގޮތަށް ބަންދުކުރުން.
- މުދާ ބަހައްޓާ ސަރަހައްދުތަކަށާއި ތަންތަނަށް ވަދެނުކުމެވާ މީހުންނާއި، އެ ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުން އެ ސަރަހައްދުތަކަށް ވަދެނުކުތުން ކޮންޓްރޯލްކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
- އެކްސްޕޯޓްކުރާ މުދަލާއި، އިމްޕޯޓްކުރާ މުދާ އެކަށީގެންވާ ހާލަތެއްގައި ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުދާ ބަލައި ފާސްކުރުމާއި، މުދާ ދޫކުރުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރުން އަންނަ މީހުންނާއި ފުރާ މީހުން އަދި އެމީހުން ގެންނަ ތަކެއްޗާއި ގެންދާ ތަކެތި ބަލައި ފާސްކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ސަރަހައްދު ބެލޭނެ ކެމެރާއާއި އެހެނިހެން ވަސީލަތްތައް ހަމަޖެއްސުން.
54 ވަނަ މާއްދާ - ކަސްޓަމްސްގެ ވެއަރހައުސް
(ހ) ކަސްޓަމްސްގެ ވެއަރހައުސްތައް އުފައްދައި، އެތަންތަނުގައި ކަސްޓަމްސްގެ ކޮންޓްރޯލްގައިވާ މުދާ ބަހައްޓައި، އެތަންތަނުގައި ބަހައްޓާ މުދަލާގުޅިގެން ފީއެއްނެގުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. މިގޮތުން ބަހައްޓާ މުދާ ބަހައްޓަންވާނީ އެ މުދަލެއް ބެހެއްޓުމަށް އެކަށީގެންވާ ހާލަތުގައެވެ. އަދި ފީނެގުމުގެ އުސޫލާއި، ނަގާނެ ފީއެއް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަން ވާނެއެވެ.
(ށ) ކަސްޓަމްސްގެ ކޮންޓްރޯލްގައިވާ މުދާ ރަސްމީ ބަނދަރުތަކުގައާއި ކަސްޓަމްސްގެ ސަރަހައްދުތަކުގައާއި ކަސްޓަމްސްގެ ވެއަރހައުސްތަކުގައި ބެހެއްޓޭނީ، ބަލައި ފާސްކުރުމަށްޓަކައި ނުވަތަ ނައްތާލުމަށްޓަކައި ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް ދޫކުރުމަށްޓަކައި ނުވަތަ ރާއްޖެއިން އެކްސްޕޯޓް ކުރުމަށްޓަކައި ނުވަތަ އެނޫންވެސް ކަސްޓަމްސްގެ ބޭނުމަކަށްޓަކައެވެ. ރަސްމީ ވިޔަފާރި ބަނދަރުތަކުގައާއި ކަސްޓަމްސްގެ ވެއަރހައުސްތަކުގައި އަދި ވަގުތީގޮތުން މުދާ ބެހެއްޓުމަށް ހުއްދަދޭ ތަންތަނުގައި މުދާ ބަހައްޓާނެ އުސޫލު، ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
55 ވަނަ މާއްދާ - ބޮންޑެޑް ވެއަރހައުސް
(ހ) ބޮންޑެޑް ވެއަރހައުސްތައް ރަޖިސްޓަރީކޮށްދީ، އެތަންތަނުގައި ބަހައްޓާނެ މުދާ ކަނޑައަޅައި، އެތަންތަނުން ފީނެގުމުގެ އުސޫލުތައް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) ބޮންޑެޑް ވެއަރހައުސެއްގައި ބެހެއްޓޭނީ، އެ މުދަލަކުން ނަގަންޖެހޭ އިމްޕޯޓް ޑިއުޓީ ނުވަތަ އެކްސްޕޯޓް ޑިއުޓީ ނަގާ ނިމެންދެން ނުވަތަ އެ މުދަލެއް ބަލައި ފާސްކޮށް ނިމެންދެން ނުވަތަ އެ މުދަލެއް ނައްތާލެވެންދެން ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް ދޫކޮށް ނިމެންދެން ނުވަތަ ރާއްޖެއިން އެކްސްޕޯޓްކޮށް ނުވަތަ ބޭރުކޮށް ނިމެންދެން ކަސްޓަމްސްގެ ކޮންޓްރޯލްގައި ބަހައްޓަންޖެހޭ މުދަލެވެ.
(ނ) ބޮންޑެޑް ވެއަރހައުސްތައް ހިންގުމާއި ރަޖިސްޓަރީކުރުމާބެހޭ އުސޫލުތައް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
56 ވަނަ މާއްދާ - މިނިވަން ވިޔަފާރީގެ ސަރަހައްދުތަކާއި ޑިއުޓީ ހިލޭ ފިހާރަތައް
ދިވެހިރާއްޖޭގައި ހިންގާ މިނިވަން ވިޔަފާރީގެ ސަރަހައްދުތަކަށާއި، ޑިއުޓީ ހިލޭފިހާރަތަކަށާއި، މިނިވަން އިގްތިސާދީ ސަރަހައްދުތަކުގައި ކަސްޓަމްސްގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަށް އިމްޕޯޓްކުރާ މުދަލާއި އެތަންތަނުން އެކްސްޕޯޓްކުރާ މުދަލާގުޅޭގޮތުން، ކަސްޓަމްސްއިން އަމަލުކުރާނެ އުސޫލު، ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
57 ވަނަ މާއްދާ - މި ގާނޫނު ހިންގަން ފަށާއިރު ކަސްޓަމްސްގެ ސަރަހައްދުތައް ކަމުގައި ބެލެވޭނެ ތަންތަން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިންގަމުންގެންދާ ކަސްޓަމްސްގެ ވެއަރހައުސްތަކާއި، ބޮންޑެޑް ވެއަރހައުސްތަކާއި، ކަސްޓަމްސްގެ އެހެނިހެން ސަރަހައްދުތަކާއި، މިނިވަން އިގްތިސާދީ ސަރަހައްދުތަކުގައި ކަސްޓަމްސްގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަކީ، މި ގާނޫނުގެ ދަށުން ކަސްޓަމްސްގެ ސަރަހައްދުތައް ކަމުގައި ކަނޑައަޅާފައިވާ ތަންތަންކަމުގައި ބެލެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަސްޓަމްސްގެ ސަރަހައްދެއް ހިންގުމުގައި، މި ގާނޫނުގެ ދަށުން އިތުރު އުސޫލަކަށް އަމަލުކުރަންޖެހޭނަމަ، މި ގާނޫނު ހިންގަންފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، އެފަދަ ކަސްޓަމްސްގެ ސަރަހައްދުތަކާ ގުޅިގެން ކުރުން މި ގާނޫނުން ލާޒިމުކުރާ ކަންކަން ފުރިހަމަކޮށް ނިންމަންވާނެއެވެ.
58 ވަނަ މާއްދާ - ކަސްޓަމްސްއަށް ވަސީލަތްތައް ފޯރުކޮށްދިނުން
ކަސްޓަމްސްގެ ސަރަހައްދެއް އޮތް ބަނދަރެއްގައި، ކަސްޓަމްސްއިން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށްޓަކައި، ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަސްޓަމްސްއަށް ބޭނުންވާ ތަކެއްޗާއި ތަންތަނާއި، އެތަންތަނުގައި މަސައްކަތް ކުރެވޭނެގޮތް، އެބަނދަރެއް ހިންގާ ފަރާތަކުން ކަސްޓަމްސްއިން އެކަމަށް އެއްވެސް އަގެއްނެގުމަކާ ނުލައި ފަހިކޮށްދޭންވާނެއެވެ. މިގޮތުން، ތިރީގައިމިވާ ކަންތައްތައް ބަނދަރު ހިންގާ ފަރާތުން ކޮށްދޭންވާނެއެވެ.
(ހ) މުދަލާއި ތަކެތި ބަލައި ފާސްކުރުމަށް ބޭނުންވާނެ މެށިނަރީއާއި ސާމާނު ހޯދުމާއި ބެހެއްޓުން.
(ށ) މީހުންނާއި ފޮށިތަންމަތި ބަލައި ފާސްކުރުމަށް ބޭނުންވާނެ މެށިނަރީއާއި ސާމާނު ހޯދުމާއި ބެހެއްޓުން.
(ނ) ކަސްޓަމްސްގެ މަސައްކަތަށް ބޭނުންވާ ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރެވޭނެ ގޮތް.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދުތައް ކަސްޓަމްސްއިން ގަބޫލުކުރާ ފެންވަރަކަށް ހަދައި، އެ ސަރަހައްދުތަކުގައި ހިނގާ ކަންތައްތައް ބަލައި މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމްކުރެވި، އެ ސަރަހައްދުތަކަށް ވަދެނުކުމެވެވޭ ޕޮއިންޓުތައް ބެލެހެއްޓޭނެގޮތަށް ފަރުމާކުރެވި، އެފަދަ ޕޮއިންޓްތައް ގާއިމްކުރެވިފައި ހުރުން.
(ބ) އެ ބަނދަރަކަށް ބާލާ މުދަލުގެ ތަފްސީލު ކަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެމަތިން ކަސްޓަމްސްއަށް ދެމުން ގެންދިއުން.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް ވަދެނުކުތުމުގެ ހުއްދަދޭ ފަރާތްތަކާއި، ސަރަހައްދުތަކުގައި މަސައްކަތްކުރުމުގެ ހުއްދަ ނުވަތަ އައިޑެންޓިޓީ ކާޑު ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ކަސްޓަމްސްގެ ގަވާއިދުގައިވާ ގޮތުގެމަތިން، ކަސްޓަމްސްއަށް ދެމުންގެންދިއުން.
59 ވަނަ މާއްދާ - ކަސްޓަމްސްގެ މަސައްކަތަށް ބޭނުންވާ ވަސީލަތް ހޯދުން
ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަސްޓަމްސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ކަސްޓަމްސްއަށް ބޭނުންވާނެ އެންމެހައި ސާމާނާއި، އާލާތްތަކާއި، ވަސީލަތްތައް އެތެރެކުރުމާއި، އެ އެއްޗެހީގެ ބޭނުންހިފުމުގެ ބާރު ކަސްޓަމްސްއަށާއި ކަސްޓަމްސް އޮފިސަރުންނަށް ލިބިގެންވެއެވެ. މިގޮތުން ބޭނުންކުރެވޭނެ ސާމާނާއި، އާލާތާއި ވަސީލަތްތައް، ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ފަސްވަނަ ބާބު
ކަސްޓަމްސްގެ އުސޫލުތައް
60 ވަނަ މާއްދާ - އުޅަނދުފަހަރު އައުން
(ހ) ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު ކަސްޓަމްސްއިން ހުއްދަނުދޭ ތަނެއްގައި ބަނދަރުކުރުމަކީ މަނާކަމެކެވެ.
(ށ) އުޅަނދެއް ރާއްޖެއަށް އައުމުގެ ކުރީގައި، ކަސްޓަމްސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އެއުޅަނދު ރާއްޖެއަށް އަންނާނެކަމަށް ލަފާކުރެވޭ ވަގުތާއި، އެ އުޅަނދުގައިހުރި މުދަލަކާއި، އެ އުޅަނދުގައި ތިބި މީހުންނާބެހޭ ތެދު އަދި ފުރިހަމަ މައުލޫމާތު ހިމެނޭ އިންވާރޑް މެނިފެސްޓެއް، އެ އުޅަނދެއްގެ މާސްޓަރ ނުވަތަ އޭޖެންޓް ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
(ނ) ކަސްޓަމްސްގެ ގަވާއިދުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ނުވަތަ ކަސްޓަމްސްގެ ހުއްދައެއްނެތި، ދިވެހިރާއްޖެއަށް އަންނަ އުޅަނދަކަށް ކަސްޓަމްސްއިން އެރުމުގެކުރިން އެހެން އެއްވެސް މީހަކު ނުވަތަ ފަރާތަކުން އަރައި، ނުވަތަ އެ އުޅަނދަކުން ފައިބައި، ނުވަތަ އެ އުޅަނދަކަށް މުދާ އަރުވައި، ނުވަތަ އެ އުޅަނދަކުން މުދާ ބާލައިގެން ނުވާނެއެވެ.
(ރ) ރާއްޖެއިން ބޭރުން ރާއްޖެއަންނަ ކޮންމެ އުޅަނދެއް ރާއްޖޭގެ ބަނދަރަކަށް އައުމާއެކު އިންވާރޑް ކްލިއަރެންސް ހޯދަންވާނެއެވެ.
61 ވަނަ މާއްދާ - އިމްޕޯޓްކުރާ މުދަލުގެ މައުލޫމާތު ހުށަހެޅުން
(ހ) ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ކޮންމެ ފަރާތަކުން، އެ މުދަލަކާބެހޭ ތަފްސީލާއި، މުދަލުގެ އަދަދާއި، މުދަލުގެ އަގުގެ މައުލޫމާތު، ކަސްޓަމްސްއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އަދި ކަސްޓަމްސްއިން ކަނޑައަޅާ ޑިކްލަރޭށަންގައި ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
(ށ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް ގާނޫނުގައިވާ ގޮތުގެމަތިން ޑިއުޓީ ދައްކަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިކްލަރޭށަންއާއެކު ތިރީގައިމިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
- ކޮމާރށަލް އިންވޮއިސް؛
- ޕެކިންގ ލިސްޓް؛
- ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް؛ އަދި
- ކަސްޓަމްސްއަށް ބޭނުންވާކަމަށް ކަސްޓަމްސްގެ ގަވާއިދުގައި ކަނޑައަޅާ އިތުރު ލިޔެކިއުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކުގައި ހުންނަންޖެހޭ މައުލޫމާތުތައް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ބ) ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ފަސިންޖަރުން ގެންނަ، އެ މީހުންގެ އަމިއްލަ އެއްޗެއްސާ ގުޅޭގޮތުންނާއި، ކަނޑައެޅޭ އެހެންބައެއް ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިކްލަރޭށަންހުށަހަޅަން ނުޖެހޭގޮތަށް ކަސްޓަމްސްއަށް ކަނޑައެޅިދާނެއެވެ.
62 ވަނަ މާއްދާ - މުދާ ގިންތިކުރުން
ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ އެއްބަސްވުންތަކާ އެއްގޮތްވާގޮތުގެމަތިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ލަފާހޯދުމަށްފަހު ކަސްޓަމްސްގެ ބޭނުންތަކަށްޓަކައި މުދާ ގިންތިކުރާނީ، ދުނިޔޭގެ ކަސްޓަމްސްގެ ޖަމްއިއްޔާގެ "ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްށަން އެންޑް ކޯޑިންގ ސިސްޓަމް" އާ އެއްގޮތްވާ ގޮތުގެމަތިން، ކަސްޓަމްސްއިންނެވެ.
63 ވަނަ މާއްދާ - މުދަލުގެ އަގު ކަނޑައެޅުން
ކަސްޓަމްސްގެ ބޭނުންތަކަށްޓަކައި މުދަލުގެ އަގު ކަނޑައަޅާނެ އުސޫލު ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. މި އުސޫލު ކަނޑައެޅިފައި އޮންނަންވާނީ "އެގްރީމަންޓް އޮން އިމްޕްލިމެންޓޭށަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
64 ވަނަ މާއްދާ - ކަސްޓަމްސްގެ ކޮންޓްރޯލް
(ހ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ މުދާ، ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ ވަގުތުން ފެށިގެން އެ މުދަލެއް ދޫކޮށް ނިމެންދެން ނުވަތަ އެހެންވެސް ކަސްޓަމްސްގެ އިޖުރާއަތެއްގެ ދަށުން އަމަލުކޮށް ނިމެންދެން ހުންނާނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައެވެ.
(ށ) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދާ، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރުމަށްޓަކައި، ރަސްމީ ވިޔަފާރި ބަނދަރަކަށް ނުވަތަ ކަސްޓަމްސް ހުއްދަކުރާ ސަރަހައްދަކަށް ގެންނަ ވަގުތުން ފެށިގެން، އެ މުދަލެއް ރާއްޖެއިން ބޭރަށް ގެންދިއުމަށް އުފުލާ އުޅަނދު ކަސްޓަމްސްގެ ސަރަހައްދުން ނުކުންނަންދެން ހުންނާނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައެވެ.
(ނ) ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު ރާއްޖެއަށް އަންނަ ވަގުތުން ފެށިގެން ގާނޫނުގައިވާ ގޮތުގެމަތިން ކަސްޓަމްސްގެ ހުއްދަ ލިބެންދެން އޮންނާނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައެވެ.
(ރ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބޭރުދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން، ރާއްޖެއިންބޭރުން އަންނަ އުޅަނދުފަހަރު ރާއްޖެއަށް އަންނަ ވަގުތުންފެށިގެން އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ހަމަޖެހެންދެން އޮންނާނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައެވެ.
- ރާއްޖެއިން ބޭރަށް ފުރުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ކަސްޓަމްސްގެ ހުއްދަ ލިބެންދެން.
- އެ އުޅަނދެއް އެންމެ ފަހުން ކުރިދަތުރުގައި ރާއްޖެއަށް ގެނެސްފައިވާ މުދާ ބޭލުމަށްފަހު، ކަސްޓަމްސްއިން ކުރަންޖެހޭ އެންމެހައި ކަންކަން ނިންމައި، ކަސްޓަމްސްއިން އެއުޅަނދެއް ފާސްކުރަންދެން.
- ރާއްޖެއިން ބޭރަށް ދަތުރުކުރުން ހުއްޓާލައިފިކަމަށް ސަރުކާރުގެ ކަމާބެހޭ ދާއިރާއިން ހަމަޖައްސަންދެން.
(ބ) ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދެއް ރާއްޖެއިންބޭރަށް ދަތުރުކުރުން ހުއްޓާލުމުން ކަސްޓަމްސްގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެއުޅަނދެއް ކަސްޓަމްސްގެ ކޮންޓްރޯލްއިން ދޫކޮށްލިކަން އަންގަންދެން އޮންނާނީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައެވެ.
(ޅ) ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ މުދާ، އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ހުއްދަ، ކަސްޓަމްސްއިން ބޭނުންވެއްޖެ ހިނދެއްގައި ނުވަތަ މުދަލުގެ ވެރިފަރާތުން އެދިއްޖެ ހިނދެއްގައި ދެވިދާނެއެވެ. މިހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
65 ވަނަ މާއްދާ - އުޅަނދު ކަސްޓަމްސްގެ ކޮންޓްރޯލްގައި އޮންނައިރު ހުއްދަ ހޯދުން
(ހ) ކުއްލި ނުރައްކަލުގެ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ރާއްޖޭގެ ބަނދަރަކަށް އަންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިފައިވާ އުޅަނދުފަހަރު ނޫން އުޅަނދުތަކާއި، ބޭރު ދަތުރުކުރާ ރާއްޖޭގެ އުޅަނދުތަކަށް ގޮސްއައިސްވުމާއި، ތަކެތި އަރުވައި ބާލަންވާނީ ކަސްޓަމްސްގެ ހުއްދަ ލިބިގެންނެވެ.
(ށ) ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރަށް އަރައި ފައިބާ، ތަކެތި އަރުވައި ބާލަންވާނީ ކަސްޓަމްސްގެ ހުއްދަ ލިބިގެންނެވެ. އަދި މީހުން އަރައި ފޭބުމުގައާއި ތަކެތި އަރުވައި ބޭލުމުގައި އަމަލުކުރަންޖެހޭ އުސޫލު ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
66 ވަނަ މާއްދާ - ކަސްޓަމްސްގެ ސަރަހައްދުތަކަށާއި ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ ތަންތަނަށް ވަދެނުކުތުން
ކަސްޓަމްސްގެ ސަރަހައްދުތަކަށާއި ރަސްމީ ވިޔަފާރި ބަނދަރުތަކުގައި ކަސްޓަމްސްގެ ސަރަހައްދުކަމަށް ކަނޑައަޅާފައިވާ ތަންތަނަށް މީހުންނާއި އުޅަނދުފަހަރު އަދި ވެހިކަލްފަދަ ތަކެތި ވަދެނުކުމެވުމަށް އެތަންތަން ހިންގާ ފަރާތްތަކުން ހުއްދަދޭންވާނީ ކަސްޓަމްސްގެ ހުއްދަ ލިބިގެންނެވެ. އެފަދައިން ހުއްދަދިނުމުގައި އަމަލުކުރާނެ އުސޫލު ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
67 ވަނަ މާއްދާ - އިމްޕޯޓްކުރާ މުދާ ދޫކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ އެއްވެސް މުދަލެއް، އަންނަނިވި ގޮތުގެމަތިން މެނުވީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދުލެއް ނުކުރެވޭނެއެވެ.
(ހ) ށިޕް ސްޓޯރޒް ނުވަތަ ޓްރާންސްށިޕްމަންޓުގައިވާ މުދާނަމަ، އެ މުދަލެއް އުފުލާ އުޅަނދެއް ދިވެހިރާއްޖެއިން ފުރަންދެން.
(ށ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަށް ގެންނަ އެއްޗެއްނަމަ، އެ އެއްޗެއްގެ އިމްޕޯޓް ޑިއުޓީއަށްވާ ފައިސާ ދައްކާ ނިމެންދެން ނުވަތަ އެ އެއްޗަކީ ޑިއުޓީގެ އެއްވެސް އިސްތިސްނާއެއް ލިބިގެންވާ އެއްޗެއްނަމަ، އެކަން ކަނޑައަޅައި ނިމެންދެން. މި މާއްދާ މިހެން އޮތުމަކުން މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދެއްގައިވާ ގޮތުގެމަތިން، ކަސްޓަމްސްއިން ކަނޑައަޅާ ހާލަތްތަކެއްގައި ނުވަތަ ވަކި ބާވަތެއްގެ މުދަލަކަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުން ފަސްކޮށްދިނުން މަނައެއް ނުކުރެއެވެ.
(ނ) އެ އެއްޗަކީ، އަމިއްލަ ބޭނުމަށްޓަކައި ދިވެހިރާއްޖެއަށް އިމްޕޯޓްކުރުމަށް ގެންނަ އެއްޗެތީގެ ތެރެއިން، އެއްވެސް އިސްތިސްނާއެއް ލިބިގެންވާ އެއްޗެއްނަމަ، އެކަން ކަސްޓަމްސްއިން ކަނޑައަޅައި ނިމެންދެން.
68 ވަނަ މާއްދާ - އެކްސްޕޯޓްކުރާ މުދަލުގެ މައުލޫމާތު ހުށަހެޅުން
(ހ) ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތަކުން، އެއްވެސް މުދަލެއް ރާއްޖެއިން އެކްސްޕޯޓްކުރުމަށްޓަކައި ނުވަތަ ރީ-އެކްސްޕޯޓްކުރުމަށްޓަކައި އުޅަނދަކަށް އެރުވުމުގެ ކުރިން، އެ މުދަލެއްގެ ތަފްސީލާއި، މުދަލުގެ އަދަދާއި، އެފް.އޯ.ބީ. އަގު އެނގޭނެ ތެދު އަދި ފުރިހަމަ މައުލޫމާތު ކަސްޓަމްސްއިން ކަނޑައަޅާ ޑިކްލަރޭށަންގައި ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ.
(ށ) ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް ގާނޫނުގައިވާ ގޮތުގެމަތިން، އެކްސްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިކްލަރޭށަން ހުށަހަޅާއިރު، އެ ޑިކްލަރޭށަނާއެކު ހުށަހަޅަންވާނެކަމަށް ކަސްޓަމްސްގެ ގަވާއިދުގައި ކަނޑައަޅާ އިތުރު ލިޔެކިޔުންވެސް ހުށަހަޅަންވާނެއެވެ.
(ނ) ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ފަސިންޖަރުންގެ އަމިއްލަ އެއްޗެއްސާ ގުޅޭގޮތުންނާއި، ކަނޑައެޅޭ އެހެން ބައެއް ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑިކްލަރޭށަން ހުށަހަޅަން ނުޖެހޭގޮތަށް ކަސްޓަމްސްއަށް ކަނޑައެޅިދާނެއެވެ.
69 ވަނަ މާއްދާ - އެކްސްޕޯޓްކުރުމަށް މުދާ ދޫކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ އެއްވެސް މުދަލެއް އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން މެނުވީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދުލެއް ނުކުރެވޭނެއެވެ.
(ހ) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރަން ގެންދާ އެއްޗެއްނަމަ، އެ އެއްޗެއްގެ އެކްސްޕޯޓް ޑިއުޓީއަށްވާ ފައިސާ ދައްކާ ނިމެންދެން ނުވަތަ ސަރުކާރުގެ އެހެން އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް ދައްކާ ނިމެންދެން. މި މާއްދާ މިހެން އޮތުމަކުން މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދެއްގައިވާ ގޮތުގެމަތިން، ކަސްޓަމްސްއިން ކަނޑައަޅާ ހާލަތްތަކެއްގައި ނުވަތަ ވަކި ބާވަތެއްގެ މުދަލަކަށް ދައްކަންޖެހޭ އެކްސްޕޯޓް ޑިއުޓީ ދެއްކުން ފަސްކޮށްދިނުން މަނައެއް ނުކުރެއެވެ.
(ށ) އެ އެއްޗަކީ ޑިއުޓީގެ އެއްވެސް އިސްތިސްނާއެއް ލިބިގެންވާ އެއްޗެއްނަމަ، އެކަން ކަނޑައަޅައި ނިމެންދެން.
(ނ) އެ އެއްޗަކީ އަމިއްލަ ބޭނުމަކަށްޓަކައި ދިވެހިރާއްޖެއިން ބޭރުކުރުމަށް ގެންދާ އެއްޗެހީގެ ތެރެއިން ޑިއުޓީގެ އެއްވެސް އިސްތިސްނާއެއް ލިބިގެންވާ އެއްޗެއްނަމަ، އެކަން ކަސްޓަމްސްއިން ކަނޑައަޅައި ނިމެންދެން.
70 ވަނަ މާއްދާ - އުޅަނދުފަހަރު ފުރުން
ދިވެހިރާއްޖޭގެ ބަނދަރެއްގައިވާ އެއްވެސް އުޅަނދެއް ދިވެހިރާއްޖެއިން ބޭރަށްދިޔުމަށްޓަކައި ފުރަންވާނީ، އެ އުޅަނދުގައިވާ މީހުންނާއި މުދާ އެނގޭނެ ތެދު އަދި ފުރިހަމަ އައުޓްވާރޑް މެނިފެސްޓެއް، އެ އުޅަނދެއްގެ މާސްޓަރ ނުވަތަ އޭޖެންޓް ކަސްޓަމްސްއަށް ހުށަހަޅައި، އެ އުޅަނދަށް ނުވަތަ އެ އުޅަނދުގައިވާ މުދަލަށް އެއްވެސް ޑިއުޓީއެއް ދައްކަން ޖެހިފައިވާނަމަ، އެ ޑިއުޓީއެއް ދައްކައި، ކަސްޓަމްސްއިން އައުޓްވާރޑް ކްލިއަރެންސް ހޯދުމަށްފަހުގައެވެ.
71 ވަނަ މާއްދާ - ރަސްމީ ބަނދަރު ނޫން ތަންތަނަށް މުދާ ބޭލުމާއި އެފަދަ ތަންތަނުން މުދާ އެރުވުން
ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރު ރަސްމީ ވިޔަފާރި ބަނދަރުތައް ފިޔަވައި އެހެން ތަނަކަށް މުދާ ބޭލުމަށާއި އެފަދަ ތަނަކުން މުދާ އެރުވުމަށް ފީއެއް ނެގުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. މި ފީ ނަގާނެ މިންވަރާއި އުސޫލު ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
72 ވަނަ މާއްދާ - ކަސްޓަމްސްގެ އިޖުރާއަތުން އިސްތިސްނާވުން
ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް އަމަލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އުޅަނދުފަހަރާއި މީހުން، ކަސްޓަމްސްގެ އިޖުރާއަތުތަކުން އިސްތިސްނާކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
73 ވަނަ މާއްދާ - ހިދުމަތުގެ ފީ
ކަސްޓަމްސްއިންދޭ ހިދުމަތްތަކަށާއި، އެކިއެކި ބޭނުންތަކަށް ކަސްޓަމްސްއިން ދޫކުރާ ތަކެއްޗަށް ހިދުމަތުގެ ފީއެއް ނެގުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. މިގޮތުން ދެވޭ ހިދުމަތަށް ފީ ނެގޭނެ މިންވަރާއި އުސޫލު ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
74 ވަނަ މާއްދާ - ކަސްޓަމްސްއަށް ފައިސާ ދެއްކުމާއި ފައިސާ ދޫކުރުން
(ހ) ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދައްކަންވާނީ، ދިވެހި ފައިސާއިންނެވެ. މިގޮތުން ދިވެހި ފައިސާގެ އެކައުންޓަކުން ޗެކުން ދައްކާ ފައިސާ ބަލައިގަތުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ވަސީލަތް ގާއިމްކޮށްފައިވާ ތަންތަނަށް އެ ވަސީލަތްތައް މެދުވެރިކޮށް ފައިސާ ދެއްކިދާނެއެވެ.
(ށ) ކަސްޓަމްސްއިން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާއާއި، ޑިއުޓީގެ ރިފަންޑް ފައިސާ ދޫކުރާނީ، ދިވެހި ފައިސާއިން ނުވަތަ ދިވެހި ފައިސާގެ އެކައުންޓްގެ ޗެކުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އަމަލުކުރާނެ އުސޫލުތަކާއި، މި މާއްދާގެ (ށ) ގެ ދަށުން ކަސްޓަމްސްއިން ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
75 ވަނަ މާއްދާ - މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި މުދާ އެކްސްޕޯޓްކުރާ ފަރާތްތައް ރަޖިސްޓަރީކުރުން
އަމިއްލަ ބޭނުމަކު ފިޔަވައި އެނޫން ބޭނުމަކަށްޓަކައި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކާއި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތައް ކަސްޓަމްސްގައި ރަޖިސްޓަރީކުރަންވާނެއެވެ.
76 ވަނަ މާއްދާ - އިމްޕޯޓް އެކްސްޕޯޓް މުދަލުގެ ލިޔެކިއުން ނިންމުން
(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުން ޑިއުޓީ ނެގުމަށްޓަކައި ނުވަތަ އެ މުދަލަކާބެހޭ ލިޔެކިޔުން ނިންމުމުގައި އެ މުދަލުގެ އަގު ކަމުގައި ބަލާނީ، އިންށުއަރކޮށްފައިވާ މުދަލެއްނަމަ، މުދަލުގެ އެފް.އޯ.ބީ އަގާއި، އިންށުއަރެންސާއި، ފްރައިޓް ހިމަނައިގެންނެވެ. އިންށުއަރނުކުރާ މުދަލެއްނަމަ، މުދަލުގެ އެފް.އޯ.ބީ އަގާއި ފްރައިޓް ހިމަނައިގެންނެވެ. އެކްސްޕޯޓްކުރާ މުދަލެއްނަމަ، އެ މުދަލުގެ އަގު ކަމުގައި ބަލާނީ، އެ މުދަލުގެ އެފް.އޯ.ބީ އަގެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިއުޓީ ނެގުމުގައި ނުވަތަ އެމުދަލަކާބެހޭ ލިޔެކިއުން ނިންމުމުގައި ބޭރު ފައިސާ ދިވެހި ފައިސާއަށް ބަދަލުކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފަޔާއެކު ކަސްޓަމްސްއިން އެކަމަށް ކަނޑައަޅާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
77 ވަނަ މާއްދާ - އިހުމާލުވާ މުދަލުގެ ޑިއުޓީ ދެއްކުން
ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލާއި ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދޫކޮށް ނިމެންދެން ބެލެހެއްޓުމާ ހަވާލުވާ ފަރާތްތަކުގެ އިހުމާލުން މުދަލެއް ގެއްލި ނުވަތަ ހަލާކުވެ ނުވަތަ އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެމުދަލެއްގެ އިމްޕޯޓް ޑިއުޓީއަށްވާ ފައިސާ، އެ މުދަލެއް ބެލެހެއްޓުމާ ހަވާލުވި ފަރާތަކުން ކަސްޓަމްސްއަށް ދައްކަންވާނެއެވެ.
ހަވަނަ ބާބު
ބަލައި ފާސްކުރުމުގެ ބާރު
78 ވަނަ މާއްދާ - މުދަލާއި ތަކެތި ބަލައި ފާސްކުރުން
(ހ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާއި، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ މުދާ، ބަލައި ފާސްކުރާނީ ކަސްޓަމްސްއިންނެވެ. މިގޮތުން މުދަލުގެ ޑިކްލަރޭށަންއާއި މުދަލާ ދިމާވޭތޯއާއި، ގާނޫނީ ގޮތުން ރާއްޖެއަށް އެތެރެކޮށް ބޭރުކުރުން މަނާ އެއްޗެއް ހުރިތޯ ބަލައި ފާސްކުރާނީ ކަސްޓަމްސްއިންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ބަލައި ފާސްކުރުމުގައި، އަންނަނިވި ކަންކަން ކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
- މުދާ ކެނޑުމާއި، ހުޅުވުމާއި، ގުނުމާއި، ކިރުމާއި، ވަޒަންކުރުމާއި، ޓެސްޓްކުރުމާއި، ސާމްޕަލްނެގުމާއި، މިނޫން ގޮތްގޮތަށްވެސް ބަލައި ފާސްކުރުން.
- މުދަލުގައި ފާހަގަޖެހުމާއި، ސީލްޖެހުމާއި، ވަކި ތަނެއްގައި އެކަހެރިކޮށް ބެހެއްޓުމާއި، އެހެން ފަރާތެއްގެ ބާރެއް ނުފޯރާނެހެން ރައްކާތެރިކޮށް ބެހެއްޓުން.
- މުދަލެއް އެހެން ތަނަކަށް ގެންގޮސްގެން ބަލައި ފާސްކުރަންޖެހޭނަމަ، އެތަނަކަށް ގެންގޮސްގެން ބެލުން.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން، މުދާ ބަލައި ފާސްކުރާނީ މުދަލުގެ ވެރިފަރާތުގެ ހާޒިރުގައި ނުވަތަ އޭނާ އެކަމަށް އައްޔަންކުރާ ފަރާތެއްގެ ހާޒިރުގައެވެ.
(ރ) މުދަލެއް ބަލައި ފާސްކުރުމަށް ކަސްޓަމްސްއަށް ބޭނުންވެގެން އެންގުމުން މުދަލުގެ ވެރިފަރާތުން ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ހާޒިރުވާންވާނެއެވެ. ހާޒިރުވުމަށް އިންކާރުކުރާނަމަ ނުވަތަ އެ މުދަލަކާ ގުޅުވައިގެން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކޮށްފާނެކަމަށް ނުވަތަ ކުރަން އުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކޮށްފައިވާކަމަށް ކަސްޓަމްސްއަށް ބެލެވޭނަމަ، މުދަލުގެ ވެރިފަރާތުގެ ގައިރު ހާޒިރުގައިވެސް ކަސްޓަމްސްއަށް މުދަލެއް ބަލައި ފާސްކުރެވިދާނެއެވެ. ނަމަވެސް، އެފަދައިން މުދަލުގެ ވެރިފަރާތުގެ ގައިރު ހާޒިރުގައި ކަސްޓަމްސްއިން މުދާ ބަލައި ފާސްކުރަންވާނީ، މުދާ އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ މުއައްސަސާއެއް ނުވަތަ ފަރާތެއްގެ ހާޒިރުގައެވެ.
79 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ދިނުން
(ހ) ރާއްޖެއަށް އިންޕޯޓްކުރެވޭ މުދަލާއި، އެކްސްޕޯޓްކުރެވޭ މުދަލާއި، ކަސްޓަމްސްގެ ކޮންޓްރޯލް ދަށުގައިވާ މުދަލާއި، ކަނޑުމަގުންނާއި، ވައިގެމަގުންނާއި، އެއްގަމުމަގުން ދަތުރުކުރާ އުޅަނދުފަހަރު ބަލައި ފާސްކުރުމުގައި އަމަލުކުރަންވާނީ އެ މުދަލަކަށް ނުވަތަ އެ އުޅަނދަކަށް ވީހާވެސް ގެއްލުން ކުޑަވާނެގޮތެއްގެ މަތިންނެވެ. މިގޮތުން، ކަސްޓަމްސް އޮފިސަރަކު މުދަލާއި، އުޅަނދުފަހަރު ބަލައި، ފާސްކުރުމުގައި އެ މުދަލަކަށް ނުވަތަ އެ އުޅަނދަކަށް ކަނޑައެޅިގެން ގެއްލުން ދިނުމުގެ ނިޔަތުގައި އަމަލުކޮށްފިނަމަ، އެ މުދަލަކަށް ނުވަތަ އެ އުޅަނދަކަށް ލިބުނު ގެއްލުމެއްގެ ބަދަލު އެ މުދަލެއްގެ ނުވަތަ އެ އުޅަނދެއްގެ ވެރިފަރާތަށް ކަސްޓަމްސްއިން ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ރާއްޖެއަށް އެތެރެކުރާ މުދަލެއްގައި ނުވަތަ ކަނޑުމަގުންނާއި، ވައިގެ މަގުންނާއި، އެއްގަމުމަގުން ދަތުރުކުރާ އުޅަނދެއްގައި، އެކަށީގެންވާ ސަބަބަކާހުރެ، ގާނޫނީ ގޮތުން ރާއްޖެއަށް އެތެރެކޮށް ބޭރުކުރުން މަނާ އެއްޗެއް ހުރިކަމަށް ކަސްޓަމްސް އޮފިސަރަކަށް ގަބޫލުކުރެވިގެން އެ މުދަލެއް ނުވަތަ އެ އުޅަނދެއް ހަލާކުކޮށްގެން މެނުވީ ބަލައި ފާސްކުރެވޭނެގޮތެއް ނެތް ހާލަތްތަކުގައި، އެ މުދަލެއް ނުވަތަ އެ އުޅަނދެއް ބަލައި ފާސްކުރުމުގެ އިހްތިޔާރު ކަސްޓަމްސް އޮފިސަރަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތުގައި ކަސްޓަމްސް އޮފިސަރަކު މުދަލެއް ނުވަތަ އުޅަނދެއް ހަލާކުކޮށްގެން ބަލައި ފާސްކުރުމުގެ ތެރޭގައި ގާނޫނީ ގޮތުން ރާއްޖެއަށް އެތެރެކޮށް ބޭރުކުރުން މަނާ އެއްޗެއް ފެނިއްޖެނަމަ، އެ މުދަލަކަށް ނުވަތަ އެ އުޅަނދަކަށް ލިބުނު ގެއްލުމުގެ ބަދަލު، އެ މުދަލެއްގެ ނުވަތަ އެ އުޅަނދެއްގެ ވެރިފަރާތަށް ކަސްޓަމްސްއިން ދޭކަށް ނުޖެހޭނެއެވެ.
80 ވަނަ މާއްދާ - އުޅަނދު ބަލައި ފާސްކުރުން
(ހ) ކަސްޓަމްސްގެ ކޮންޓްރޯލްގައިވާ އުޅަނދުފަހަރުން މި ގާނޫނާއި ކަސްޓަމްސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އަމަލުކުރޭތޯ ކަށަވަރުކުރުމަށާއި، ކަސްޓަމްސްގެ ކޮންޓްރޯލްގައިވާ އުޅަނދަކުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކޮށްފާނެކަމަށް ނުވަތަ ކުރަންއުޅޭކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކޮށްފައިވާކަމަށް ކަސްޓަމްސްއަށް ފެނިއްޖެ ހިނދެއްގައި، އެ އުޅަނދެއް ހުއްޓުވައި، އެ އުޅަނދަކަށް އަރައި، އެ އުޅަނދެއް ބަލައި ފާސްކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ބަލައި ފާސްކުރަންޖެހޭ އުޅަނދަކަށް އެރުމަށާއި، އެ އުޅަނދެއް ބަލައި ފާސްކުރުމަށްޓަކައި ކަސްޓަމްސްއަށް ބޭނުންވާ، ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެހީތެރިކަން އުޅަނދުގެ މާސްޓަރ ފޯރުކޮށްދޭންވާނެއެވެ. އަދި އުޅަނދުގައި ކަސްޓަމްސް އޮފިސަރުން ބައިތިއްބަން ބޭނުންވެއްޖެ ހިނދެއްގައި، އެ މުވައްޒަފުންގެ ކެއުމާއި ނިދުމުގެ ކަންތައް އެކަށީގެންވާ ގޮތެއްގެމަތިން، އުޅަނދުގެ މާސްޓަރ ހަމަޖައްސައިދޭންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ކަސްޓަމްސްއިން ބަލައި ފާސްކުރާ އުޅަނދެއް، ކަސްޓަމްސްއިން ދޫކޮށްލައިފިކަން އަންގަންދެން އޮންނާނީ، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައެވެ.
(ރ) ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައިއޮތް އުޅަނދެއްގައި ކޮށްފާނެކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކޮށްފައިވާކަމަށް ކަސްޓަމްސްއަށް އެނގިއްޖެ ހާލަތެއްގައި، އެ މައްސަލައަކާގުޅޭ ގޮތުން އެކަމެއްގައި ހިމެނޭ ފަރާތް ނުވަތަ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ނިމެންދެން، އެ އުޅަނދެއް ހިފެހެއްޓުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
81 ވަނަ މާއްދާ - އެހެން ތަންތަން ބަލައި ފާސްކުރުން
(ހ) އިމްޕޯޓް ޑިއުޓީ ނަގަންޖެހޭނެކަމަށް ފެންނަ މުދަލެއް ނުވަތަ ރާއްޖެއަށް އެތެރެކުރުން މަނާ މުދަލެއް، މި ގާނޫނާއި ކަސްޓަމްސްގެ ގަވާއިދާ ހިލާފަށް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ބޭރުވެއްޖެކަމަށް ކަސްޓަމްސްއަށް ފެނިއްޖެ ހިނދެއްގައި، އެ އެއްޗެއް އަނބުރާ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށަށް ގެނައުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ށ) އެކްސްޕޯޓް ޑިއުޓީ ނަގަންޖެހޭނެކަމަށް ފެންނަ މުދަލެއް ނުވަތަ ރާއްޖެއިން ބޭރުކުރުން މަނާ މުދަލެއް، މި ގާނޫނާއި ކަސްޓަމްސްގެ ގަވާއިދާ ހިލާފަށް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ބޭރުވެއްޖެކަމަށް ކަސްޓަމްސްއަށް ފެނިއްޖެ ހިނދެއްގައި، އެ އެއްޗެއް އަނބުރާ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށަށް ގެނައުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ކަސްޓަމްސްއަށް ބޭނުންވެއްޖެ ހިނދެއްގައި ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގެ އެހީތެރިކަމަށް އެދެވިދާނެއެވެ. އެފަދަ އެހީތެރިކަމަކަށް ކަސްޓަމްސްއިން އެދިއްޖެނަމަ، އެފަރާތްތަކުން ކަސްޓަމްސްއަށް އެ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
82 ވަނަ މާއްދާ - ސުވާލުކުރުމާއި ލިޔެކިޔުން ބެލުން
(ހ) އެއްޗެއް ނުވަތަ ތަނެއް ނުވަތަ އުޅަނދެއް ނުވަތަ މީހެއް ބަލައި ފާސްކުރުމަށް ކަސްޓަމްސްއަށް ލިބިދޭ އިހްތިޔާރުގެ ތެރޭގައި، ކަމާބެހޭގޮތުން އެވަގުތު އެތަނެއްގައި ތިބި ބަޔަކާ ސުވާލުކުރުމާއި، ކަމާބެހޭ ލިޔެކިޔުންތައް ދެއްކުމަށް އެންގުން ހިމެނެއެވެ. މިގޮތުން ސުވާލުކުރެވޭ ކޮންމެ މީހަކު، އެ ސުވާލަކަށް ޖަވާބުދާރީވެ، ކަސްޓަމްސްއިން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކޮށްދޭންވާނެއެވެ. އަދި ކަސްޓަމްސްއިން ބަލަން ބޭނުންވެގެން ދެއްކުމަށް އެދެފި ތަނެއް ނުވަތަ އެއްޗެއް ނުވަތަ އުޅަނދެއް ނުވަތަ މީހެއް ނުވަތަ ކޮންމެ ލިޔެކިއުމެއްވެސް ދައްކަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކަސްޓަމްސްއިން ބަލަން ބޭނުންވެގެން ދެއްކުމަށް އެދެފި ތަނެއް، އެއްޗެއް ނުވަތަ އުޅަނދެއް ނުވަތަ މީހެއް ނުވަތަ ލިޔުމެއް ނުދެއްކުމަކީ ކުށެކެވެ.
(ނ) މި ގާނޫނުގެ ދަށުން ކަސްޓަމްސްއިން ބަލައި ފާސްކުރާ ލިޔުމެއް ކަސްޓަމްސްއަށް ހިފެހެއްޓިދާނެއެވެ. މިގޮތުން ހިފެހެއްޓޭ ލިޔުމެއްގެ ކޮޕީއެއް ބޭނުންވެގެން އެ ލިޔުމެއްގެ ވެރިފަރާތުން އެދިއްޖެނަމަ އޭގެ ކޮޕީއެއް ކަސްޓަމްސްއިން އެފަރާތަކަށް ދޭންވާނެއެވެ.
83 ވަނަ މާއްދާ - ތިންވަނަ ފަރާތުގެ ރެކޯޑްތައް
(ހ) މި ގާނޫނާއި ކަސްޓަމްސްގެ ގަވާއިދަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެކަމަށް ކަސްޓަމްސްއަށް ގަބޫލުކުރެވޭ ހާލަތްތަކުގައި، ތިންވަނަ ފަރާތެއްގައިވާ މައުލޫމާތަކީ ކަސްޓަމްސްއިން ބަލަމުންގެންދާ މައްސަލަ ސާފުވުމަށް ނުވަތަ ކަމުގެ ހަގީގަތް ސާބިތުކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތެއްކަމަށް ކަސްޓަމްސްއަށް ފެނިއްޖެ ހާލަތެއްގައި، އެފަދަ މައުލޫމާތު ހޯދުމަށް ތިންވަނަ ފަރާތަކަށް ކަސްޓަމްސްއިން އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ތިންވަނަ ފަރާތަކަށް ލިބިފައިވާ މައުލޫމާތެއް ހޯދުމަށް ކަސްޓަމްސްއިން ލިޔުމަކުން އެދިއްޖެނަމަ، އެގޮތުން އެދުނު މައުލޫމާތެއް އެފަރާތަކުން ކަސްޓަމްސްއަށް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކަސްޓަމްސްއިން ހޯދަން އެދޭ ލިޔުމެއް ނުވަތަ މައުލޫމާތެއް ކަސްޓަމްސްއަށް ނުދިނުމަކީ ކުށެކެވެ.
84 ވަނަ މާއްދާ - ކަމާބެހޭ އިދާރާތަކުން ކަސްޓަމްސްއަށް ބޭނުންވާ އެއްބާރުލުން ދިނުން
(ހ) ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ކަސްޓަމްސްއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަސްޓަމްސްއިން އެދިއްޖެނަމަ، އެ މައުލޫމާތެއް އެ އިދާރާއަކުން ކަސްޓަމްސްއަށް ދޭންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ކަސްޓަމްސްއިން ހިންގާ ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތާއި، އެއްބާރުލުމާއި، އެހީތެރިކަމަށް ކަސްޓަމްސްއިން އެދޭ ފަރާތްތަކުން، ކަސްޓަމްސްއަށް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކަސްޓަމްސްއަށް ލިބޭ މައުލޫމާތު ކޮންމެހެން އެނގެންޖެހޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ކަސްޓަމްސްއިން ހާމަކޮށްގެން ނުވާނެއެވެ.
85 ވަނަ މާއްދާ - މައުލޫމާތު ބަދަލުކުރުން
ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ދެނެގަތުމަށާއި، އެފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާތަކާއެކު މައުލޫމާތު ބަދަލުކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
86 ވަނަ މާއްދާ - މީހުންނާއި ތަކެތި ބަލައި ފާސްކުރުން
(ހ) މީހަކު ރާއްޖެ އައުމުގައި ނުވަތަ ރާއްޖެއިން ބޭރަށް ފުރުމުގައި ނުވަތަ އެނޫންވެސް ބޭނުމަކު ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދެއްގައި ނުވަތަ ކަސްޓަމްސްގެ ސަރަހައްދެއްގައި ވަނިކޮށް ޑިއުޓީ ދައްކަންޖެހޭ މުދަލެއް ނުވަތަ ރާއްޖެ އެތެރެކުރުން މަނާ މުދަލެއް ނުވަތަ އެއްޗެއް ނުވަތަ ރާއްޖެއިން ބޭރުކުރުން މަނާ މުދަލެއް ނުވަތަ އެއްޗެއް އޭނާގެ އަތުގައި ނުވަތަ އޭނާގެ ހަށިގަނޑުގައި ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ އެއްޗެއްގައި ފޮރުވާފައިވާކަމަށް ކަސްޓަމްސްއަށް ގަބޫލުކުރެވޭނަމަ، އޭނާއާއި އޭނާގެ ބެލުމުގެ ދަށުގައިވާ ތަކެތި ކަސްޓަމްސްއަށް ބަލައި ފާސްކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ބަލައި ފާސްކުރުމުގައި މީހެއްގެ ހަށިގަނޑު ނުވަތަ މީހަކު ލައިގެން ހުންނަ ފޭރާމުގެ އެތެރެއިން ބަލައި ފާސްކުރަންވާނީ ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރާ އަހްލާގީ މިންގަނޑަށް ފެތޭ ގޮތަށެވެ.
(ނ) މި ގާނޫނުގެ ދަށުން މީހެއްގެ ހަށިގަނޑާއި ހެދުން ބަލައި ފާސްކުރަންވާނީ އޭނާއާ އެއް ޖިންސުގެ މީހެކެވެ. އަންހެނެއްގެ ހަށިގަނޑު ބަލައި ފާސްކުރުމުގައި އަމަލުކުރަންޖެހޭ އަހްލާގީ މިންގަނޑު، ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖަކު ބަލައި ފާސްކުރަންވާނީ އެ ކުއްޖެއްގެ ބެލެނިވެރިއެއްގެ ނުވަތަ އެކުއްޖަކާ ހަވާލުވެގެން އައި މީހެއްގެ ހާޒިރުގައެވެ. އެފަދަ ފަރާތެއްނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާއެއްގެ ފަންނީ މީހެއްގެ ހާޒިރުގައެވެ.
(ރ) މި މާއްދާގެ (ހ) ، (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން، ބަލައި ފާސްކުރަންޖެހޭ މީހުން ބަލައި ފާސްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ބ) މީހެއްގެ އެތެރެހަށި ބަލަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރަންވާނީ، ރާއްޖޭގައި ސިއްހީ ފަރުވާ ދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ހުއްދަދީފައިވާ މީހުންގެ ތެރެއިން، ކަމުގެ ގާބިލުކަން ލިބިފައިވާ މީހެކެވެ.
(ޅ) ރާއްޖެއިން ބޭރުން އަންނަ މީހުންނާއި ރާއްޖެއިން ފުރާ މީހުންގެ ތެރެއިން، ކަސްޓަމްސްއިން ބަލަންޖެހޭ ބެލުންތަކަށް އިއުތިރާޒްކުރާ މީހުންގެ ހަށިގަނޑާއި ފޮށިތަންމަތި، އެމީހުންގެ ނުރުހުމުގައި، އެކަށީގެންވާ ބާރުގެ ބޭނުންކޮށްގެން ބަލައި ފާސްކުރުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ކ) މި ގާނޫނުގައި ކަސްޓަމްސްއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް މީހަކު ކޮށްފާނެކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކޮށްފައިވާކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭކަމަށްވާނަމަ، ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ގަބޫލުކުރެވޭކަމަށްވާނަމަ، ކޯޓު އަމުރަކާ ނުލައި އެމީހަކު ފާސްކުރުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(އ) ވެހިކަލެއް ނުވަތަ އެނޫންވެސް އެއްގަމު އުޅަނދެއް ކަސްޓަމްސްގެ ސަރަހައްދުގައި ވަނިކޮށް، ޑިއުޓީ ދައްކަންޖެހޭ މުދަލެއް ނުވަތަ ރާއްޖެއަށް އެތެރެކުރުން މަނާ މުދަލެއް ނުވަތަ އެއްޗެއް ނުވަތަ ރާއްޖެއިން ބޭރުކުރުން މަނާ މުދަލެއް ނުވަތަ އެއްޗެއް އެ ވެހިކަލެއްގައި ނުވަތަ އެ އެއްގަމު އުޅަނދެއްގައި ފޮރުވާފައިވާކަމަށް ކަސްޓަމްސްއަށް ގަބޫލުކުރެވޭނަމަ، ކަސްޓަމްސްއަށް އެ އެއްޗެއް ބަލައި ފާސްކުރެވިދާނެއެވެ.
(ވ) މި މާއްދާގެ (އ) ގައިވާ ގޮތުގެމަތިން، ބަލަންޖެހޭ އެއްޗެއް ބަލައި ފާސްކުރުމުގައި އަންނަނިވި ކަންކަންކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
- ބަލައި ފާސްކުރާ އެއްޗެއްގެ ހުރިހާ ތަންތަނާއި، ބައިބަޔާއި، އެ އެއްޗެއްގައި ހުރި ހުރިހާ ތަކެއްޗަކާއި މީހުން ބަލައި ފާސްކުރުން.
- އެއްޗެއް ފޮރުވާފައިވާކަމަށް ށައްކުކުރެވޭ ތަނެއް ނުވަތަ ތަނެއްގެ ބައެއް ބަލައި ފާސްކުރުން.
87 ވަނަ މާއްދާ - ބައެއް ހާލަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ މީހުން ހަވާލުކުރުން
ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް މީހަކު ކުރަމުންދާކަމަށް ކަސްޓަމްސްއަށް ފެނިއްޖެ ހިނދެއްގައި، އެމީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ހ) ސިއްރުން ރާއްޖެއަށް މުދާ އިމްޕޯޓްކުރުން ނުވަތަ ސިއްރުން ރާއްޖެއިން މުދާ އެކްސްޕޯޓްކުރުން.
(ށ) ރާއްޖެއަށް ގެނައުން މަނާ ތަކެތި ރާއްޖެއަށް ގެނައުން ނުވަތަ އިމްޕޯޓްކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުން މަނާ ތަކެތި ރާއްޖެއިން ގެންދިއުން ނުވަތަ އެކްސްޕޯޓްކުރުން.
(ނ) ކަސްޓަމްސް އޮފިސަރަކު އޭނާގެ ވާޖިބުއަދާކުރަމުން ދަނިކޮށް އެކަމަށް ހުރަސްއެޅުން.
88 ވަނަ މާއްދާ - ތަހުގީގުކުރުމާއި މައްސަލަ ހުށަހެޅުން
(ހ) ކަސްޓަމްސްއަށް ހުށަހެޅޭ މައްސަލަތަކާއި ކަސްޓަމްސްގެ އަމިއްލަ އިސްނެގުމުގައި ބަލާ މައްސަލަތައް ތަހުގީގުކޮށް، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ފިޔަވަޅުއެޅުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. އަދި އެ މައްސަލައަކީ ށަރީއަތަށް ހުށަހަޅަންޖެހޭ މައްސަލައެއްކަމުގައިވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް، އެ މައްސަލައެއް ށަރީއަތަށް ހުށަހެޅުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ށ) ގާނޫނާއި ގަވާއިދާ ހިލާފަށް އެއްޗެއް ރާއްޖެއަށް އެތެރެކުރަން ނުވަތަ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސްއަށް ހިފޭ ފަރާތްތަކުގެ މައްސަލަ ކަސްޓަމްސްއިން ތަހުގީގުކޮށް، ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ނ) ކަސްޓަމްސްއިން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ ފަރާތްތައް ކަސްޓަމްސްއިން ބަލަންޖެހޭ ބެލުންތައް ބަލައި ނިމެންދެން، ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. މީގެ ތެރޭގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި އެތެރެހަށީގައި ރައްކާކޮށްގެން ގެންނަ މީސްމީހުންގެ ގޮހޮރުގައި ހުރި ގޮތްނޭނގޭ އެއްޗެހިތައް ބޭރުވެ، މައްސަލައިގެ ތަހުގީގު ނިމެންދެން އެމީހަކު ހިފެހެއްޓުމުގެ ބާރު ހިމެނެއެވެ. އަދި މިގޮތުން ހިފެހެއްޓިފައި ހުންނަ ހުރުމުގައި، ހިފެހެއްޓޭފަރާތުގެ ހައްގުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން، ކަސްޓަމްސްއިން ރައްކާތެރިކޮށް ދޭންވާނެއެވެ.
(ރ) މި ގާނޫނުގެ ދަށުން ކަސްޓަމްސްއަށް ހާޒިރުކުރަންޖެހޭ މީހަކު ނުވަތަ ބަޔަކު ނުވަތަ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދެއް ހިންގާފަރާތް ނުވަތަ އުޅަނދާ ހަވާލުވެ ހުންނަ ފަރާތް ކަސްޓަމްސްއަށް ހާޒިރުކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
89 ވަނަ މާއްދާ - ހާއްސަ އޮޕަރޭށަންތައް ހިންގުން
(ބެލުމުގެ ދަށުން ދޫކުރުން)
(ހ) ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރާ މުދަލާއި، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރާ މުދަލާއި، ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް، ކަސްޓަމްސް އޮފިސަރަށް އެނގިހުރެ، ރާއްޖެއަށް އެތެރެވިޔަ ދިނުމަކީ، އަންނަނިވި ހާލަތްތަކުގައި ކުރެވިދާނެ ކަމެކެވެ.
- ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރާ މުދަލާއި، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރާ މުދަލާއި، ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް، އެތެރެކުރީ ކާކުގެ ބޭނުމެއްގައިކަން ދެނެގަތުމަށް.
- ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރާ މުދަލާއި، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރާ މުދަލާއި، ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް، އެތެރެކުރީ ކޮންބައެއް ގުޅިގެންކަން ދެނެގަތުމަށް.
- ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރާ މުދަލާއި، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރާ މުދަލާއި، ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް، އެތެރެކުރީ ކޮންބައެއް ވިޔަފާރިކުރުމަށްކަން ދެނެގަތުމަށް.
- ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރި މުދަލާއި، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރި މުދަލާއި، ދިވެހިރާއްޖެއަށް އެތެރެކުރި ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް، ބޭނުންކުރުމުގައި ނުވަތަ މުއާމަލާތްކުރުމުގައި ހިމެނެނީ ކޮންބައެއްކަން ދެނެގަތުމަށް.
(ސިއްރު އޮޕަރޭށަންތައް ހިންގުން)
(ށ) ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރާ މުދަލާއި، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރާ މުދަލާއި، ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް، ޓްރެފިކްކުރާ ބަޔަކު ހޯދުމަށް ކުރެވޭ މަސައްކަތުގައި، ކަސްޓަމްސް އޮފިސަރަކު، އެއީ ކާކުކަން ނޭނގޭގޮތުގައި، ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރާ މުދަލަށް ނުވަތަ، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރާ މުދަލަށް ނުވަތަ، ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް، ޓްރެފިކްކުރާ ބަޔަކާ ގުޅި، އެމީހުންގެ އަތުން ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރާ މުދަލަށް ނުވަތަ، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރާ މުދަލަށް ނުވަތަ ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް ގަތުމަށް ނުވަތަ ވިއްކުމަށް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ހާއްސަ އޮޕަރޭށަންތައް ހިންގޭނީ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމަކީ، އެ އަމަލު ހިންގި ކަސްޓަމްސް އޮފިސަރަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެ ކަމެއްނޫނެވެ. އަދި އެކަން ހިންގުވީ، އެއިން އޮފިސަރެއް މެދުވެރިވެގެން އެހެން މީހަކު ލައްވާކަމުގައިވަނީނަމަ، އެމީހަކީވެސް، މި ގާނޫނުގެ ދަށުން ކުށްވެރިވާނެ މީހެއް ނޫނެވެ.
(ބ) މި މާއްދާގެ (ށ) ގެ ދަށުން، ކަސްޓަމްސް އޮފިސަރަކު ހިންގާ މުއާމަލާތަކާގުޅިގެން، އެއިން މީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކުށެއްކުރިކަމުގެ ދައުވާއެއް ނުކުރެވޭނެއެވެ. ނަމަވެސް، އެއީ، އެ އޮފިސަރަކު، ވަކި އޮޕަރޭށަނެއްގެ ތެރެއިން، ހިންގި އަމަލެއްކަމުގައި ވެފައި، އެކަމުގެ މައުލޫމާތު ކަސްޓަމްސްގެ ކަމާބެހޭ ފަރާތްތަކަށް އެނގިފައި އޮތުމާއެކު، އެމީހުންގެ ރުހުމާއެކު ހިންގި އަމަލެއްކަމުގައި ވާނަމައެވެ.
90 ވަނަ މާއްދާ - މުދަލާއި ތަކެއްޗާއި އުޅަނދު ހިފެހެއްޓުން
ކަސްޓަމްސްގެ ދާއިރާގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ މުދަލާއި ތަކެއްޗާއި އުޅަނދުފަހަރު ކަސްޓަމްސްއަށް ހިފެހެއްޓިދާނެއެވެ.
(ހ) ރާއްޖެއަށް އިމްޕޯޓްކުރުން ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރުން މަނާ މުދާ.
(ށ) ސިއްރުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދާ، ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އިމްޕޯޓްކުރާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ނުވަތަ މިފަދަ ގޮތަކަށް ރާއްޖޭގައި ގެންގުޅޭ މުދާ.
(ނ) ޑިއުޓީ ދެއްކުމުން މަނާވެގަތުމަށްޓަކައި ފޮރުވާފައިވާ މުދާ.
(ރ) އެކްސްޕޯޓް އިމްޕޯޓާގުޅިގެން މުދަލުގެ މައުލޫމާތު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި އެ މުދަލެއްގެ މައުލޫމާތު ހުށަހަޅާފައިނުވާ މުދާ.
(ބ) ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ވަނިކޮށް، ގާނޫނާއި ގަވާއިދާ ހިލާފަށް، ހުރިތަނުން އެހެން ތަނަކަށް ގެންގޮސްފައިވާ މުދާ ނުވަތަ އެއްވެސް ގޮތަކަށް ބަދަލުގެނެސްފައިވާ މުދާ.
(ޅ) ބައިނަލްއަގްވާމީ ގާނޫނެއް ނުވަތަ އެއްބަސްވުމަކާ ހިލާފުވެފައިވާ މުދާ ނުވަތަ ވަގަށް ނަގާފައިވާ މުދާ.
(ކ) ޑިއުޓީ ނަގަންޖެހޭ މުދަލެއް މީހެއްގެ އަތުގައި ހުރިތޯ ކަސްޓަމްސްއިން ސުވާލުކުރުމުން، ނެތްކަމަށް ބުނެފައި ވަނިކޮށް، ނުވަތަ ނުދައްކާ ވަނިކޮށް، އޭނާގެ އަތުން ނުވަތަ އޭނާގެ ފޮށިތަންމަތިން ފެންނަ އެފަދަ މުދާ.
(އ) ވަކިގޮތަކަށް އަމަލުކުރަން ލާޒިމުވެފައިވަނިކޮށް، އެގޮތަކަށް އެއާމެދު އަމަލުކޮށްފައިނުވާ މުދާ.
(ވ) ރާއްޖެއަށް އަންނަ އުޅަނދެއްގެ އިންވާރޑް މެނިފެސްޓްގައި ފާހަގަކޮށްފައިނުވާ އަދި ފަޅުވެރިންގެ ނުވަތަ ފަސިންޖަރުންގެ ދާގީނާގެ ގޮތުގައިވެސް ހިމެނިފައިނުވާ ވަކި މީހެއްގެ މުދާކަން ނޭނގޭ މުދާ.
(މ) ރާއްޖެއިން ފުރުމަށް ތައްޔާރުކޮށްފައިވާ އުޅަނދެއްގެ އައުޓްވާރޑް މެނިފެސްޓްގައި ފާހަގަކޮށްފައިނުވާ އަދި ފަޅުވެރިންގެ ނުވަތަ ފަސިންޖަރުންގެ ދާގީނާގެ ގޮތުގައިވެސް ހިމެނިފައިނުވާ ވަކި މީހެއްގެ މުދާކަން ނޭނގޭ މުދާ.
(ފ) އެމުދަލަކާ ބެހޭގޮތުން ހަގީގަތާ ހިލާފު ޑިކްލަރޭށަންއެއް ނުވަތަ މެނިފެސްޓްއެއް ނުވަތަ ލިޔުމެއް ނުވަތަ ބަޔާނެއް ހުށަހަޅާފައިވާ މުދާ.
(ދ) ވެރިއަކު ނެތް ނުވަތަ ދޫކޮށްލާފައިވާ މުދާ.
(ތ) މި މާއްދާގެ ދަށުން ހިފެހެއްޓޭ މުދާ ބަންދުކޮށްފައިވާ އެއްޗެހި.
(ލ) ވެރިފަރާތަށް ނުވަތަ މާސްޓަރަށް އެނގިގެން ސިއްރުން ރާއްޖެއަށް މުދާ އެތެރެކުރުމަށް ނުވަތަ ސިއްރުން ރާއްޖެއިން މުދާ ބޭރުކުރުމަށް ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށް ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރުމަށް ނުވަތަ އެފަދަ ކަންކަމުގައި ގެންގުޅުމަށް ބޭނުންކުރާ އުޅަނދު.
(ގ) އެ އުޅަނދަކަށް އެރުމަށް، މި ގާނޫނުގައިވާ ގޮތުގެމަތިން، އެދުމުން އެރުމަށް ހުއްދަނުދޭ އުޅަނދު.
(ޏ) މި ގާނޫނުގައިވާ ގޮތުގެމަތިން، ބަނދަރުކުރުމަށް ނުވަތަ މަޑުކުރުމަށް، އަންގާފައިވަނިކޮށް، އެ އެންގުމާ ހިލާފުވާ އުޅަނދު.
(ސ) ކަސްޓަމްސްއިން ބަލައި ފާސްކޮށްފާނެތީ ނުވަތަ ހިފަހައްޓަފާނެތީ، އުޅަނދުގައިހުރި މުދާ ހަލާކުކޮށްލާ ނުވަތަ ނައްތާލާ ނުވަތަ އުޅަނދުން ބޭރަށް އުކާލާ އުޅަނދު.
(ޑ) ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް އުޅަނދެއްގައި ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ހިނގައިފިކަން ކަސްޓަމްސްއަށް އެނގުމުން، އެ މައްސަލައަކާ ގުޅޭގޮތުން އެކަމެއްގައި ހިމެނޭ ފަރާތް ނުވަތަ ފަރާތްތަކުން ފުރިހަމަކުރަންޖެހޭކަމަށް ކަސްޓަމްސްއިން އަންގާފައިވާ ކަންތައްތައް ފުރިހަމަކޮށް ނިންމާފައިނުވާ އުޅަނދު.
(ޒ) ގެންދަންޖެހޭ މުއްދަތުގައި ނުގެންގޮސް ހުންނަ މުދާ.
(ޓ) ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް ރައްކާކޮށްފައި ހުރެދާނެކަމަށް ށައްކުކުރެވޭ ތަކެއްޗާއި އަދި މިތަކެތި އަޅާފައި ހުންނަ ނުވަތަ ބަންދުކޮށްފައި ހުންނަ ތަކެތި.
91 ވަނަ މާއްދާ - މީހުން ހިފެހެއްޓުން
ތިރީގައި ބަޔާންކޮށްފައިވާ މީހުން، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ކަސްޓަމްސްއަށް ހިފެހެއްޓިދާނެއެވެ.
(ހ) މީހަކު ރާއްޖެ އައުމުގައި ނުވަތަ ރާއްޖެއިން ބޭރަށް ފުރުމުގައި ނުވަތަ އެނޫންވެސް ބޭނުމަކު ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދެއްގައި ނުވަތަ ކަސްޓަމްސްގެ ސަރަހައްދެއްގައި ވަނިކޮށް، ޑިއުޓީ ދައްކަންޖެހޭ މުދަލެއް ނުވަތަ ރާއްޖެ އެތެރެކުރުން މަނާ މުދަލެއް ނުވަތަ ރާއްޖެއިން ބޭރުކުރުން މަނާ މުދަލެއް ނުވަތަ ލިޔުމެއް ނުވަތަ މިއިން މުދަލަކާބެހޭ ލިޔުމެއް އެމީހެއްގެ އަތުގައި ނުވަތަ އެމީހެއްގެ ހަށިގަނޑުގެ ތެރޭގައި ފޮރުވާފައިވާކަމަށް ކަސްޓަމްސް އޮފިސަރަކަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްނަމަ އެ މީހަކު ބަލައި ފާސްކުރުމަށްޓަކައި ނުވަތަ އެ މީހަކާ ސުވާލުކުރުމަށްޓަކައި ނުވަތަ އެ މީހެއްގެ މައްޗަށް ތަހުގީގު ހިންގުމަށްޓަކައި އެމީހަކު ކަސްޓަމްސްއަށް ހިފެހެއްޓިދާނެއެވެ.
(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ މީހަކު ހިފަހައްޓާފައި ބަހައްޓަންވާނީ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.
(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ރާއްޖެއަށް އަންނަ ނުވަތަ ރާއްޖެއިން ފުރާ މީހެއްގެ އަތުގައި ނުވަތަ ހަށިގަނޑުގެ އެތެރެއަށް ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް ލައިގެން ސިއްރުން އެ އެއްޗެއް ރާއްޖެއަށް އެތެރެކުރަން ނުވަތަ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ މީހެއްގެ ހަށިގަނޑުގެ އެތެރެ ޗެކްކުރުމަށް ނުވަތަ އެކްސްރޭކުރުމަށް ނުވަތަ ކަސްޓަމްސްގެ އެހެން ބޭނުމަކަށް އެމީހަކު ހިފަހައްޓަންޖެހޭ މުއްދަތު 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުކުރަން ޖެހިއްޖެނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހަކު ހާޒިރުކޮށް، ފަނޑިޔާރު ކަނޑައަޅާ މުއްދަތަކަށް އެމީހަކު ހިފެހެއްޓުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ރ) ކަސްޓަމްސް އޮފިސަރެއްގެ ދައުރު އަދާކުރުމަށް ހުރަސްއަޅައިފި ނުވަތަ އެފަދަ ކަމެއް ކުރަން މަސައްކަތް ކޮށްފި މީހަކު 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގުނޫން މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
92 ވަނަ މާއްދާ - ނޯޓިސް ދިނުމާއި ށަރީއަތަށް ހުށަހެޅުން
(ހ) މުދަލެއް ނުވަތަ އުޅަނދެއް ނުވަތަ އެހެންވެސް އެއްޗެއް މި ގާނޫނުގެ ދަށުން ހިފަހައްޓައިފިނަމަ، އެ އެއްޗެއް ހިފެހެއްޓި ދުވަހަކުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކަން، މުދަލުގެ ވެރިފަރާތަށް ނުވަތަ އުޅަނދުގެ މާސްޓަރަށް ނުވަތަ ވެރިފަރާތަށް ނުވަތަ އެ އެއްޗަކަށް ޒިންމާވާ އެހެންވެސް ފަރާތަކަށް ކަސްޓަމްސްއިން ލިޔުމަކުން އަންގަންވާނެއެވެ. މިގޮތުން އަންގާ އެންގުމުގައި ހިފެހެއްޓިފައިވާ އެއްޗަކާބެހޭ ތަފްސީލާއި، އެ އެއްޗެއް ހިފަހައްޓަންޖެހުނު ސަބަބާއި، އެ އެއްޗަކާމެދު އަމަލުކުރެވޭނެ ގޮތް ބަޔާންކުރަންވާނެއެވެ. ހިފެހެއްޓޭ އެއްޗެއްގެ ވެރިފަރާތުގެ ގޮތުގައި އެއް ފަރާތަށްވުރެ ގިނަފަރާތް ހިމެނޭނަމަ، އޭގެތެރެއިން އެއް ފަރާތަށް އެންގުމުން އެ އެންމެންނަށް އެންގުނީކަމަށް ބެލެވޭނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ހިފެހެއްޓޭ މުދާ ނުވަތަ އެއްޗެހި ނައްތާލުމުގައި، އެ މުދަލަކީ ނުވަތަ އެއްޗަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އިމްޕޯޓްކޮށްގެން ހިފެހެއްޓި އެއްޗެއްނަމަ، އެ މުދަލެއް ނުވަތަ އެއްޗެއް އިމްޕޯޓްކުރި ފަރާތް ރާއްޖެއިން ފުރަންދެން އެ މުދަލެއް ނުވަތަ އެ އެއްޗެއް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި، ދައުލަތަށް ނެގުމާއި، ނުވަތަ ގާނޫނު ހުއްދަކުރާ އެހެން ގޮތަކަށް އެ މުދަލެއް ނުވަތަ އެއްޗަކާމެދު އަމަލުކުރުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. އަދި ކަމާބެހޭ އުސޫލުތައް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މުދަލެއް ނުވަތަ އެއްޗެއް ކަސްޓަމްސްއިން ހިފެހެއްޓުމުން އެކަމާމެދު އޭގެ ވެރިފަރާތް ހިތްހަމަނުޖެހޭނަމަ، އެ މައްސަލަ ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަށް ލިބިގެންވެއެވެ.
(ރ) ހިފެހެއްޓިފައިވާ މުދަލަކީ ހަލާކުވެދާފަދަ ނުވަތަ ދުވަސްވުމުން އޭގެ އަގު ދަށްވެދާފަދަ މުދަލެއް ކަމަށްވާނަމަ، ކަސްޓަމްސްގެ ގަވާއިދުގައި ބުނެފައިވާ އުސޫލުން ކަސްޓަމްސްއަށް އެ މުދާ ވިއްކާލެވިދާނެއެވެ. އެ މުދަލަކީ އާންމު ސިއްހަތަށް ނުވަތަ އާންމުންގެ ސަލާމަތަށް ނުރައްކާވެދާފަދަ މުދަލެއްނަމަ، އެ މުދަލުގެ ވެރިފަރާތުގެ ހަރަދުގައި އެ މުދަލެއް ނައްތާލެވިދާނެއެވެ. މިގޮތުން މުދާ ނައްތާލުމުގައި އަމަލުކުރާނެ އުސޫލު ކަސްޓަމްސްގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ވިއްކާލާ މުދަލުން ލިބޭ ފައިސާ މައްސަލަ ނިމެންދެން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.
93 ވަނަ މާއްދާ - ހިފެހެއްޓޭ މުދާ ދައުލަތަށް ނެގުން
(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހިފެހެއްޓޭ ކޮންމެ މުދަލަކީ ނުވަތަ އެއްޗަކީ ނުވަތަ އުޅަނދަކީ ކޯޓު އަމުރެއްގެ ދަށުން ދައުލަތަށް ނެގިދާނެ ތަކެއްޗެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓޭ މުދަލުގެ ޖުމްލަ އަގު 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ދަށްނަމަ، އެފަދަ މުދަލެއް ދައުލަތަށް ނެގުމުގައި ށަރުއީ މަރުހަލާ ނިންމާކަށް ނުޖެހޭނެއެވެ.
(ނ) މި މާއްދާގެ ދަށުން ދައުލަތަށް ނެގޭ ކޮންމެ އެއްޗަކީ ދައުލަތުގެ މިލްކެއް ކަމުގައި ބެލޭނެއެވެ. އަދި ސަރުކާރުން ކަނޑައަޅާ ގޮތެއްގެމަތިން އެ އެއްޗަކާމެދު އަމަލުކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.
94 ވަނަ މާއްދާ - ސިފައިންނާއި ފުލުހުންގެ އެހީއަށް އެދުން
ކަސްޓަމްސްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ކަސްޓަމްސްއަށް ބޭނުންވެއްޖެ ހިނދެއްގައި، ސިފައިންނާއި ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެއެވެ. އެފަދަ އެހީތެރިކަމަކަށް ކަސްޓަމްސްއިން އެދިއްޖެނަމަ، އެފަރާތްތަކުން ކަސްޓަމްސްއަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
ހަތްވަނަ ބާބު
އިދާރީ ފިޔަވަޅު
95 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުމުގެ ބާރު
ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
(ހ) ދިވެހިރާއްޖެއަށް މުދަލެއް އިމްޕޯޓްކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން މުދަލެއް އެކްސްޕޯޓްކުރުމުގައި ކަސްޓަމްސްއަށް އޮޅުވާލައިގެން ދަށް އަގެއް ހުށަހެޅުމަކީ މަނާކަމެކެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި މީހަކު، އެ އަމަލެއްގައި ހިމެނޭ މުދަލުގެ އެފް.އޯ.ބީ އަގުގެ %15 (ފަނަރަ އިންސައްތަ) އިން ޖޫރިމަނާކުރެވޭނެއެވެ.
އަދި މިފަދަ ކަމެއް ދެވަނަ ފަހަރަށް ކޮށްފިނަމަ އެ އަމަލެއްގައި ހިމެނޭ މުދަލުގެ އެފް.އޯ.ބީ އަގުގެ %25 (ފަންސަވީސް އިންސައްތަ) އިން ޖޫރިމަނާކުރެވޭނެއެވެ.
އަދި މިފަދަ ކަމެއް ދެ ފަހަރަށްވުރެ ގިނަ ފަހަރު ތަކުރާރުކޮށްފިނަމަ، އަދި އެ އަމަލެއްގައި ހިމެނޭ މުދަލުގެ އެފް.އޯ.ބީ އަގުގެ %50 (ފަންސާސް އިންސައްތަ) އިން ޖޫރިމަނާކުރުމާއެކު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެފަރާތެއްގެ އިމްޕޯޓްކުރުމުގެ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
މި މާއްދާގެ ބޭނުމަށްޓަކައި ކުށް ތަކުރާރުކުރުން ކަމުގައި ބަލާނީ، ރާއްޖެއަށް މުދާ އިމްޕޯޓްކުރި ފަރާތް ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރި ފަރާތް މި މާއްދާގައި ބުނާ ކުށެއް ކުރި ތާރީހުން ފެށިގެން މީލާދީ ގޮތުން 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި އެ ކުށެއް އަލުން ކޮށްފިނަމައެވެ.
(ށ) ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ މުދަލެއް ހުރީ ކަސްޓަމްސްއަށް ޑިކްލެއަރކުރި ވަރަށްވުރެ އިތުރަށްނަމަ، ކަސްޓަމްސްގެ ގަވާއިދުގައިވާ ގޮތުގެމަތިން ޑިކްލެއަރކޮށްފައިވާ ވަރަށްވުރެ އިތުރުވާ މުދަލުގެ އެފް.އޯ.ބީ އަގުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑުނޫން އަދަދަކުން އެކަން ކުރި ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ.
(ނ) މި މާއްދާގެ ދަށުން ކަސްޓަމްސްއިން ކުރާ ޖޫރިމަނާއަކާމެދު މުދާ އިމްޕޯޓްކުރާ ފަރާތުން ނުވަތަ މުދާ އެކްސްޕޯޓްކުރާ ފަރާތުން ހިތްހަމަނުޖެހޭ ކަމެއްވާނަމަ، ޖޫރިމަނާ ފައިސާ ކަސްޓަމްސްއަށް ދެއްކުމަށްފަހު ޖޫރިމަނާކުރި ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.
96 ވަނަ މާއްދާ - ކަސްޓަމްސް އޮފިސަރުންނަށް ދެވޭ އިދާރީ އަދަބު
(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަސްޓަމްސް އޮފިސަރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތާ ކަސްޓަމްސް އޮފިސަރަކު ހިލާފުވެއްޖެނަމަ، އެމީހަކު ކުރި އަމަލުގެ ކުޑަ ބޮޑުމިނަށް ބަލައި، އެ ގަވާއިދުގައިވާ ގޮތުގެމަތިން އެމީހަކާމެދު ފިޔަވަޅު އެޅޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި، ކަނޑައަޅަންވާނީ އަންނަނިވި ފިޔަވަޅުތަކެވެ.
- ނަސޭހަތް ދިނުން
- އިންޒާރުދިނުން
- ޖޫރިމަނާކުރުން
- ވަކި މުއްދަތަކަށް ވަޒީފާއިން ސަސްޕެންޑްކުރުން
- މަގާމު ދަށްކުރުން
- ވަޒީފާއިން ވަކިކުރުން
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ގާނޫނާއި ގަވާއިދާ ހިލާފަށް ކަސްޓަމްސް އޮފިސަރުންނާއި މުވައްޒަފުން ކުރާ އަމަލުތަކާމެދު ޖިނާއީ ދައުވާ ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
އަށްވަނަ ބާބު
ޖިނާއީ ކުށާއި އަދަބު
97 ވަނަ މާއްދާ - ސިއްރުން މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމުގެ ކުށް
(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން ރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް ރާއްޖެއަށް ސިއްރުން އެތެރެކުރުމާއި، އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް ރާއްޖެއިން ސިއްރުން ބޭރުކުރުމާއި، ޑިއުޓީ ދައްކަންޖެހޭ އެއްވެސް މުދަލެއް އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީއެއް ދެއްކުމުން މަނާވެގަތުމަށްޓަކައި ރާއްޖެއަށް ސިއްރުން އެތެރެކުރުމާއި، ރާއްޖެއިން ސިއްރުން ބޭރުކުރުމާއި، މިއިންކަމެއް ކުރަން އުޅުމަކީ ކުށެކެވެ.
(ށ) ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ކަމަށް ބެލޭނީ، މުދަލެއް ރާއްޖެއަށް ގެނައުމާއެކު، އެ މުދަލެއް ބޭލުމަށް ކަސްޓަމްސްއިން ކަނޑައަޅާ ސަރަހައްދު ނޫން ތަނަކަށް އެ މުދަލެއް ބޭލުމަށެވެ. ނުވަތަ ރާއްޖެއަށް ގެންނަ މުދާ ބަހައްޓަން ކަސްޓަމްސްއިން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހުއްޓާ، ކަސްޓަމްސްއަށް ނާންގައި، ނުވަތަ ކަސްޓަމްސްގެ ހުއްދަ ނުހޯދައި، އެ ސަރަހައްދުން މުދާ ބޭރަށް ގެންދިއުމަށެވެ. ނުވަތަ ދައްކަންޖެހޭ ޑިއުޓީއެއް ނުދައްކައި ރާއްޖެއަށް މުދާ އެތެރެކުރުމަށެވެ.
(ނ) ރާއްޖެއިން ސިއްރުން މުދާ ބޭރުކުރުންކަމަށް ބެލޭނީ، ކަސްޓަމްސްއަށް ނާންގައި، ނުވަތަ ކަސްޓަމްސްގެ ހުއްދަ ނުހޯދައި، ދިވެހިރާއްޖެއިން މުދާ ބޭރުކުރުމަށެވެ. ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ މުދާ ބަހައްޓަން ކަސްޓަމްސްއިން ކަނޑައަޅާފައިވާ ސަރަހައްދެއްގައި މުދާ ހުއްޓާ، ކަސްޓަމްސްއަށް ނާންގައި ނުވަތަ ކަސްޓަމްސްގެ ހުއްދަ ނުހޯދައި، އެ ސަރަހައްދުން ބޭރަށް މުދާ ގެންދިއުމަށް ނުވަތަ ފޮނުވުމަށެވެ. ނުވަތަ ދައްކަންޖެހޭ ޑިއުޓީއެއް ނުދައްކައި، ރާއްޖެއިން ބޭރަށް މުދާ ގެންދިއުމަށް ނުވަތަ ފޮނުވުމަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ ނުވަތަ އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެއްޖެނަމަ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު އެ އަމަލެއްގައި ހިމެނޭ މުދާ ބަދަލުދިނުމަކާ ނުލައި ކަސްޓަމްސްއަށް ނެގޭނެއެވެ. އަދި ސިއްރުން މުދާ އެތެރެކޮށްގެން ނުވަތަ ބޭރުކޮށްގެން އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހޯދާފައިވާނަމަ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެ މުދަލެއް ނުވަތަ އެފައިސާއެއްވެސް ކަސްޓަމްސްއަށް ނެގޭނެއެވެ.
(ބ) ރާއްޖެއަށް ސިއްރުން މުދާ އެތެރެކޮށްފި ނުވަތަ ރާއްޖެއިން ސިއްރުން މުދާ ބޭރުކޮށްފި މީހެއްގެ އަދަބަކީ 6 (ހައެއް) މަސްދުވަހާއި 2 (ދޭއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ 10,000 (ދިހަހާސް) ރުފިޔާއާއި 240,000 (ދެލައްކަ ސާޅީސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ތަކުރާރުކޮށްފިނަމަ، މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެކުށް ތަކުރާރުކުރި ކޮންމެ ފަހަރަކަށް 1 (އެކެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބުގެ ތެރެއަށް އިތުރުކުރެވޭނެއެވެ.
98 ވަނަ މާއްދާ - ރިށްވަތުގެ ކުށް
(ހ) ކަސްޓަމްސް އޮފިސަރަކު ނުވަތަ މުވައްޒަފަކު ރިށްވަތު ހިފުމާއި، ރިށްވަތު ލިބިގަތުމަށް އެދުމާއި، ރިށްވަތު ލިބިގަތުމަށް އެއްބަސްވުމަކީ ކުށެކެވެ. އަދި މިފަދަ ކުށެއް ކޮށްފި މީހަކަށް ގާނޫނުގައިވާ ގޮތުގެމަތިން އަދަބު ދެވޭނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ރިށްވަތު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި އެ ލަފްޒު ބޭނުންކޮށްފައިވާ މާނައިގައެވެ.
99 ވަނަ މާއްދާ - ކަސްޓަމްސް އޮފިސަރުގެ ވާޖިބަށް ހުރަސްއެޅުން
(ހ) ކަސްޓަމްސް އޮފިސަރެއްގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމަކީ ނުވަތަ އެފަދަ ކަމެއް ކުރަން އުޅުމަކީ ކުށެކެވެ.
(ށ) ތިރީގައިވާ ކަންކަމުން ކުރެ ކަމެއް ކުރަން އުޅުމަކީ ކަސްޓަމްސް އޮފިސަރުގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުން ނުވަތަ އެފަދަ ކަމެއް ކުރަން އުޅުންކަމަށް ބެލެވޭނެއެވެ.
- ކަސްޓަމްސް އޮފިސަރުންނަށް ލިބިފައިވާ އެއްވެސް ގާނޫނީ ބާރެއް ނުވަތަ އިހްތިޔާރެއްގެ ބޭނުން ހިފުމަށް އެއްވެސް މާނައެއްގައި ހުރަސްއެޅުން ނުވަތަ ހުރަސްއެޅޭފަދަ ކަމެއް ކުރުން ނުވަތަ މިއިންކަމެއް ކުރަން ރޭވުން ނުވަތަ މިއިން ކަމެއް ކުރުމުގައި ބައިވެރިވުން ނުވަތަ މިއިންކަމެއް ކުރަން ގޮވާލުން ނުވަތަ ހިތްވަރުދިނުން ނުވަތަ އެހީތެރިވެދިނުން ނުވަތަ މިއިންކަމެއް ކުރަން އުޅުން.
- ކަސްޓަމްސް އޮފިސަރުންނަށް ލިބިފައިވާ އެއްވެސް ގާނޫނީ ބާރެއް ނުވަތަ އިހްތިޔާރެއްގެ ދަށުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން ނުވަތަ އެ އަމުރު ރައްދުވާ މީހަކު އެ އަމުރަށް ނުކިޔަމަންތެރިވުމަށް ގޮވާލައި، ހިތްވަރުދީ ނުވަތަ އެނޫންވެސް ގޮތަކުން އެހީތެރިވެދިނުން ނުވަތަ މިއިންކަމެއްގައި ބައިވެރިވުން ނުވަތަ މިއިން ކަމެއް ކުރަން އުޅުން ނުވަތަ ރޭވުން.
(ނ) ކަސްޓަމްސް އޮފިސަރަކު މި ގާނޫނާއި ކަސްޓަމްސްގެ ގަވާއިދުގެ ދަށުން އޭނާގެ ވާޖިބު އަދާކުރަމުން ދަނިކޮށް އޭނާއަށް ހަމަލަދިނުމަކީ ނުވަތަ ހަމަލަދިނުމަށް މަސައްކަތްކުރުމަކީ ނުވަތަ އެފަދަ އިންޒާރެއް ދިނުމަކީ ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދިނުމަކީ ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވުމަކީ ކުށެކެވެ.
(ރ) ކަސްޓަމްސް އޮފިސަރެއްގެ ދައުރު އަދާކުރުމަށް ދަތިކޮށްފިނަމަ، ނުވަތަ ހުރަސްއަޅައިފިނަމަ، ނުވަތަ މިއިން ކަމެއް ކުރަން މަސައްކަތްކޮށްފި ކޮންމެ މީހަކު ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
100 ވަނަ މާއްދާ - އެހެނިހެން ކުށްކުށުގެ އަދަބު
(ހ) މި ގާނޫނުގައި ވަކި އަދަބެއް ކަނޑައެޅިފައިނުވާ، އެ ކުށުގެ އަމަލުގައި މުދަލެއް ހިމެނޭ ކުށެއް ކުރި ފަރާތަކަށް ދެވޭނެ އަދަބަކީ އެކަމެއްގައި ހިމެނޭ މުދަލުގެ އެފް.އޯ.ބީ އަގުގެ %15 (ފަނަރަ އިންސައްތަ) އިން ޖޫރިމަނާކުރުމެވެ.
އަދި މިފަދަ ކުށެއް ދެވަނަ ފަހަރަށް ކޮށްފިނަމަ އެ އަމަލެއްގައި ހިމެނޭ މުދަލުގެ އެފް.އޯ.ބީ އަގުގެ %25 (ފަންސަވީސް އިންސައްތަ) އިން ޖޫރިމަނާކުރެވޭނެއެވެ.
އަދި މިފަދަ ކުށެއް ދެ ފަހަރަށްވުރެ ގިނަ ފަހަރު ތަކުރާރުކޮށްފިނަމަ، އަދި އެ އަމަލެއްގައި ހިމެނޭ މުދަލުގެ އެފް.އޯ.ބީ އަގުގެ %50 (ފަންސާސް އިންސައްތަ) އިން ޖޫރިމަނާކުރުމާއެކު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެފަރާތެއްގެ އިމްޕޯޓްކުރުމުގެ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
މި މާއްދާގެ ބޭނުމަށްޓަކައި ކުށް ތަކުރާރުކުރުން ކަމުގައި ބަލާނީ، ކުށް ކުރި ތާރީހުން ފެށިގެން މީލާދީ ގޮތުން 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި އެ ކުށެއް އަލުން ކޮށްފިނަމައެވެ.
(ށ) މި ގާނޫނުގައި ވަކި އަދަބެއް ކަނޑައެޅިފައިނުވާ ކުށްތަކުގެ ތެރެއިން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި، މި ގާނޫނާއި ކަސްޓަމްސްގެ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ދެވޭނެ އަދަބަކީ 10,000 (ދިހަހާސް) ރުފިޔާއާއި 200,000 (ދެލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.
(ނ) މި މާއްދާގެ ދަށުން ޖޫރިމަނާކުރުމުގައި މުދަލުގެ ހަމައަގު އެނގެން ނުހުންނަ ހާލަތްތަކުގައި، އެ މުދަލުގެ އަގު ކަމުގައި ބަލާނީ، އެ ބާވަތުގެ މުދާ އާންމުކޮށް ރާއްޖެއަށް އެތެރެކޮށްފައި ހުންނަ އަގަށެވެ.
ނުވަވަނަ ބާބު
އެހެނިހެން ކަންކަން
101 ވަނަ މާއްދާ - އަމިއްލަ ޒިންމާ
ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީއާއި އެހެނިހެން ފައިސާ ދެއްކުމާއި ކަސްޓަމްސްއަށް ޑިކްލެއަރކުރަންޖެހޭ ތަކެތި ޑިކްލެއަރކުރުމާއި މުދަލާގުޅޭ ގޮތުން ސައްހަ މައުލޫމާތު ހުށަހެޅުމަކީ ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކާއި، ރާއްޖެއަށް އަންނަ އަދި ފުރާ މީހުންގެ ޒިންމާއެކެވެ. ރާއްޖެއަށް މުދަލެއް އިމްޕޯޓްކުރަނީ ނުވަތަ އެކްސްޕޯޓްކުރަނީ، އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކަމަށްވާނަމަ، އެ އެންމެން އެކުގައި ނުވަތަ ކޮންމެ މީހަކު ވަކިވަކިންވެސް އެ ޒިންމާ އުފުލަންވާނެއެވެ.
102 ވަނަ މާއްދާ - މަނާކުރެވިފައިވާ މުދާ
ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް އުޅަނދެއްގައި، މަސްތުވާތަކެއްޗާއި އަދި އުޅަނދުފަހަރުގައި އާންމުކޮށް ބޭނުންކުރުން ބައިނަލްއަގްވާމީ ގޮތުން މަނާކުރެވިފައިވާ ތަކެތި ފިޔަވައި މަނާކުރެވިފައިވާ އެހެން މުދަލެއް ހުރިނަމަ، އަދި އެއީ އަންނަނިވި ހާލަތްތަކުގައިވާ މުދާ ކަމުގައިވާނަމަ، އެ މުދަލެއް ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އިމްޕޯޓްކުރީ ކަމަކަށް ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރީ ކަމަކަށް ނުބެލެވޭނެއެވެ.
(ހ) އެ މުދަލެއް އުޅަނދުގައި ހުރިކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ދީފައިވާ މުދާ.
(ށ) ގާނޫނާއި ގަވާއިދު ހުއްދަކުރާ ގޮތުގެމަތިން އެ އުޅަނދެއްގައި ބޭނުންކުރުމަށް ހުރި ނުވަތަ ބޭރު ގައުމެއްގެ ބަނދަރަކަށް ގެންދަންހުރި މުދާ.
103 ވަނަ މާއްދާ – އޯޑިޓްކުރުން
(ހ) ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލާއި ރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާ ގުޅިގެން، ކަސްޓަމްސްއިން ފުރިހަމަކުރަމުންދާ މުއާމަލާތްތައް ފުރިހަމަކުރަމުންދާ ވަގުތުގައި، ނުވަތަ އެ މުއާމަލާތްތައް ފުރިހަމަވުމަށް ފަހުގައި ނަމަވެސް، އެ މުދަލަކާގުޅޭ ލިޔެކިޔުންތައް ކަސްޓަމްސްއަށް އޯޑިޓްކުރެވިދާނެއެވެ. މިފަދައިން އޯޑިޓްކުރުމުގައި މި ގާނޫނުގެ 61 ވަނަ މާއްދާއާއި 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކުގެ ތެރެއިން، އިމްޕޯޓް އެކްސްޕޯޓާ ބެހޭގޮތުން ކަސްޓަމްސްއަށް ބޭނުންވާ ލިޔެކިއުންތައް، އެ މުދާ ރާއްޖެއަށް އިމްޕޯޓްކުރި ފަރާތުން ނުވަތަ އެ މުދާ ރާއްޖެއިން އެކްސްޕޯޓްކުރި ފަރާތުން ކަސްޓަމްސްއަށް ހާމަކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނާފަދަ އޯޑިޓެއް ކުރުމަށް ނިންމާނީ ކަސްޓަމްސްގައި މިކަމަށް ކަނޑައެޅިފައިވާ ބައެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނާފަދަ އޯޑިޓެއް ކުރަން ބޭނުންވާނަމަ، އެކަން ލިޔުމުން، އެ މުދާ ރާއްޖެއަށް އިމްޕޯޓްކުރިތާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރިތާ 1 (އެކެއް) އަހަރުގެ ތެރޭގައި އެ މުދާ ރާއްޖެއަށް އިމްޕޯޓްކުރި ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.
(ރ) ކަސްޓަމްސްއިން ކުރާ އޯޑިޓަކުން ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތެއް ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ފަރާތެއް ކަސްޓަމްސްއަށް ދައްކާފައިވާ ފައިސާއަކާ ގުޅިގެން އުނިއިތުރުގެ މައްސަލައެއް ފާހަގަވެއްޖެނަމަ، އެ މައްސަލައެއް ފާހަގަކުރެވުނު ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ.
(ބ) ކަސްޓަމްސްއިން ކުރާ އޯޑިޓަކުން ނުވަތަ އެނޫންގޮތަކުންވެސް މުދަލުގެ ވެރިފަރާތަށް ފައިސާއެއް ލިބެންއޮތްކަމަށް ކަސްޓަމްސްއިން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފައިސާއެއް ހޯދުމަށް މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން މުދަލުގެ ވެރިފަރާތުން ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން އެ ފައިސާ މުދަލުގެ ވެރިފަރާތަށް ދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް ފައިސާއެއް ދައްކަންޖެހޭކަން ފާހަގަވެގެން އެކަން ކަސްޓަމްސްއިން މުދަލުގެ ވެރިފަރާތަށް އަންގާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް އެ ފައިސާއެއް ދައްކާ ނިންމަންވާނެއެވެ.
(ކ) އޯޑިޓްކުރުމަށްފަހު ޑިއުޓީއަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ގޮތާއި، މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް އިތުރަށް ދައްކަންޖެހޭ ފައިސާ ދެއްކުމާބެހޭ އުސޫލުތަކާއި، ކަސްޓަމްސްއިން މުދަލުގެ ވެރިފަރާތަށް ލިބިދޭންޖެހޭ ފައިސާއެއްވާނަމަ އެފައިސާއެއް ލިބިދެވޭނެ އުސޫލުތައް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
104 ވަނަ މާއްދާ - ވިޔަފާރި މުދަލާބެހޭ ލިޔެކިއުން ބެލެހެއްޓުން
މި ގާނޫނުގެ 61 ވަނަ މާއްދާއާއި 68 ވަނަ މާއްދާގެ ބޭނުމަށްޓަކައި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ އަދި ރާއްޖެއިން މުދާ އެކްސްޕޯޓްކުރާ ކޮންމެ ފަރާތަކުންވެސް އެ ފަރާތަކުން އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ މުދަލާބެހޭ ލިޔެކިޔުންތައް އެ މުދަލެއް އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ ތާރީހަކުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ. އަދި އެ މުދަލާ ބެހޭގޮތުން ތަހުގީގެއް ހިނގަމުންދާނަމަ ނުވަތަ މައްސަލައެއް އުފުލިފައިވާނަމަ، މި މުއްދަތު 1 (އެކެއް) އަހަރަށްވުރެ އިތުރުވީނަމަވެސް، އެ ކަމެއް މުޅިން ނިމެންދެން އެ މުދަލަކާބެހޭ ލިޔެކިޔުންތައް ބަހައްޓަންވާނެއެވެ. ރާއްޖެއަށް އިމްޕޯޓްކުރެވޭ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލަކާ ގުޅިގެން ބަހައްޓަންޖެހޭ ލިޔެކިޔުމުގެ ބާވަތްތައް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
105 ވަނަ މާއްދާ - ހިދުމަތް މެދުކަނޑާލުން
ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާއެއް ކަސްޓަމްސްއިން ކަނޑައަޅާ މުއްދަތެއްގައި ނުދައްކާ ހުންނަ މައްސަލަތަކުގައި، ހިދުމަތް ލިބިގަންނަ ފަރާތަށް ދެމުންގެންދާ ހިދުމަތް، ކަސްޓަމްސްއިން ކަނޑައަޅާ އުސޫލެއްގެ މަތިން ވަގުތީގޮތުން މެދުކަނޑާލުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ.
106 ވަނަ މާއްދާ - އުޅަނދަކުން މަސްތުވާތަކެތި ފެނުން ނުވަތަ ހަނގުރާމަވެރި ހަތިޔާރު ފެނުން
ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމުގައި އެ އުޅަނދަކުން މަސްތުވާތަކެތި ނުވަތަ ހަނގުރާމަވެރި ހަތިޔާރު ފެނިއްޖެނަމަ، އެ ފަހަރުގެ ދަތުރުގައި އެ އުޅަނދެއް ފުރަތަމަ ބަނދަރުކުރި ބަނދަރު ފިޔަވައި، ރާއްޖޭގެ އިތުރު އެހެން ބަނދަރަކަށް އެ އުޅަނދެއް ދިޔުމުގެ ހުއްދައެއް ނުދެވޭނެއެވެ.
107 ވަނަ މާއްދާ – އޭޖެންޓުން
(ހ) މި ގާނޫނުގައި ނުވަތަ ކަސްޓަމްސްގެ ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކަސްޓަމްސްއާ މުއާމަލާތްކުރާ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި، އެ ފަރާތްތައް ތަމްސީލުކުރުމަށް އޭޖެންޓުން އައްޔަންކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޭޖެންޓުން އައްޔަންކުރާނެ ގޮތާއި، އޭޖެންޓުންގެ ޒިންމާތަކާއި، އޭޖެންޓުކަމުން އެ ފަރާތްތައް ވަކިކުރެވޭނެ ގޮތްތަކާއި، އެފަދަ ކަންކަމާ ގުޅިގެން އަމަލުކުރަންޖެހޭ އެންމެހާ އުސޫލުތައް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
108 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން
(ހ) ކަސްޓަމްސްއިން މީހަކާމެދު ކުރި މުއާމަލާތެއްގައި، ކަސްޓަމްސްއިން ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާމެދު އެ މުއާމަލާތްކުރެވުނު ފަރާތް ހިތްހަމަނުޖެހޭނަމަ، އެ މައްސަލަ ބަލައިދިނުމަށް އެދި 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުން މިނިސްޓަރަށް ހުށަހަޅާ މައްސަލަތައް ބަލަންވާނީ، މިނިސްޓަރު ނުވަތަ އޭނާ އެ ކަމަށް އައްޔަންކުރާ މީހަކު ނުވަތަ ކޮމިޓީއަކުންނެވެ. އެ މައްސަލަ ބެލުމުގައި މައްސަލަ ހުށަހެޅި ފަރާތް ނުވަތަ އެފަރާތުން އައްޔަންކުރާ ފަރާތަކުން އެތަނަށް ހާޒިރުވެ، އެފަރާތުގެ ދިފާއުގައި ވާހަކަ ދެއްކިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން، މައްސަލައެއް ބަލާ ނިމުމުން އެ މައްސަލަ ބަލާ ނިންމި ގޮތް، ލިޔުމަކުން އެ މައްސަލަ ހުށަހެޅި ފަރާތަށް މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ދޭންވާނެއެވެ. މިފަދަ މައްސަލައެއް މިނިސްޓަރަށް ހުށަހެޅިއްޖެނަމަ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެތެރޭގައި އެ މައްސަލައެއް ބަލާ ނިންމަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން މިނިސްޓަރު ނުވަތަ އޭނާ އެކަމަށް އައްޔަންކުރާ މީހާ މައްސަލަ ނިންމާ ގޮތާމެދު އެ މައްސަލަ ހުށަހެޅި ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ މައްސަލަ ނިންމާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.
109 ވަނަ މާއްދާ - އުވާލެވޭ އަދި އިސްލާހުގެނެވޭ ގާނޫނު
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ތިރީގައި ބަޔާންކޮށްފައިވާ ގާނޫނުތައް އުވުނީއެވެ.
- ގާނޫނު ނަންބަރު 61/1978 (ދިވެހިރާއްޖެއިން ރާއްޖޭން ބޭރަށް ދިއުމަށް ފުރާ ކޮންމެ އުޅަނދަކަށް ކްލިއަރެންސް ހޯދުމުގެ ގާނޫނު)
- ގާނޫނު ނަންބަރު 62/1978 (ދިވެހިރާއްޖޭގެ ބަނދަރަށް އަންނަ އުޅަނދު ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށަށް ގެނައުމުގެ ގާނޫނު)
- ގާނޫނު ނަންބަރު 63/1978 (ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިފައިވާ އުޅަނދުތައް ފިޔަވައި ރާއްޖޭން ބޭރުން އަންނަ އުޅަނދުތަކަށް ގޮސްއައިސްވުމާ ތަކެތި ގެންގޮސް ގެނައުމުގެ ގާނޫނު)
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ ތިރީގައި ލިޔެފައިވާ، 11، 12، 13 އަދި 14 ވަނަ މާއްދާ އުވުނީއެވެ. އަދި އެ ގާނޫނުގެ 15 ވަނަ މާއްދާ އެއީ، އެ ގާނޫނުގެ 11 ވަނަ މާއްދާ ކަމުގައި އިސްލާހުވީއެވެ.
11. ( ހ) އިމްޕޯޓް ކުރުމުގައި އަގު އެނގެން ނުހުންނަ ތަކެއްޗާއި، އާންމު ގޮތެއްގައި އިމްޕޯޓް ކޮށްފައި ހުންނަ އަގަށްވުރެ ދަށް އަގެއްގައި ހުންނަ ތަކެތިން ޑިއުޓީ ދައްކާނެ އަގެއް ކަނޑައަޅާނީ އެދުވަސްވަރެއްގައި އާންމުކޮށް ރާއްޖެއަށް ތަކެތި އިމްޕޯޓް ކޮށްފައި ހުންނަ އަގުތަކަށް ބަލައިގެން ދިވެހިސަރުކާރުންނެވެ.
(ށ) އެކްސްޕޯޓްކުރުމުގައި އަގު އެނގެން ނުހުންނަ ތަކެއްޗާއި، އާންމު ގޮތެއްގައި އެކްސްޕޯޓްކޮށްފައި ހުންނަ އަގަށްވުރެ ދަށް އަގެއްގައި ހުންނަ ތަކެތިން ޑިއުޓީ ދައްކާނެ އަގެއް ކަނޑައަޅާނީ އެދުވަސްވަރެއްގައި އާންމުކޮށް ރާއްޖޭން ތަކެތި އެކްސްޕޯޓްކޮށްފައި ހުންނަ އަގުތަކަށް ބަލައިގެން ދިވެހިސަރުކާރުންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ދިވެހިސަރުކާރުން ކަނޑައަޅާ އަގާމެދު މުދަލުގެ ވެރިފަރާތުން ގަބޫލުނުކުރާ މައްސަލައެއް އޮވެއްޖެނަމަ، އެ އަގުން ޑިއުޓީ ދެއްކުމަށްފަހު އެ މައްސަލައެއް ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ. އެ މައްސަލައިގައި އެ ފަރާތުން ހުށަހަޅާ އަގަކީ ސައްހަ އަގެއްކަން ށަރީއަތަށް ސާބިތު ވެއްޖެނަމަ، ޑިއުޓީއަށް އިތުރަށް ދައްކާފައިވާ ފައިސާ، ދިވެހިސަރުކާރުން އެ މުދަލުގެ ވެރިފަރާތަށް އަނބުރާ ދޭންވާނެއެވެ.
12 .މި ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން ޑިއުޓީ ދައްކާނެ އަގެއް، ދިވެހިސަރުކާރުން ކަނޑައަޅަންޖެހޭ މައްސަލަތަކުގައި އެ މުދަލެއް އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ ފަރާތުން ކަނޑައެޅިގެން އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަން ސާބިތު ނުވާނަމަ، އެއީ މި ގާނޫނާ ހިލާފުވި ކަމަކަށް ނުބެލެވޭނެއެވެ.
13. (ހ) މި ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރުމާއި އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައިނުވާ އެއްޗެއް ދިވެހިރާއްޖޭން ސިއްރުން ބޭރުކުރުމާއި، ޑިއުޓީ ދައްކަންޖެހޭ އެއްވެސް މުދަލެއް އެ މުދަލަކަށް ދައްކަންޖެހޭ ޑިއުޓީއެއް ދެއްކުމުން މަނާވެގަތުމަށްޓަކައި ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރުމާއި، ދިވެހިރާއްޖޭން ސިއްރުން ބޭރުކުރުމާއި، މިއިންކަމެއް ކުރަން އުޅުމަކީ ކުށެކެވެ.
(ށ) ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ކަމަށް ބެލޭނީ، މުދަލެއް ދިވެހިރާއްޖެއަށް ގެނައުމާއެކު، އެ މުދަލެއް ބޭލުމަށް ކަސްޓަމްސުން ކަނޑައަޅާ ސަރަހައްދުނޫން ތަނަކަށް އެ މުދަލެއް ބޭލުމަށް، ނުވަތަ ދިވެހިރާއްޖެއަށް ގެންނަ މުދާ ބަހައްޓަން ކަސްޓަމްސުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ހުއްޓާ، ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުން ހުއްދަ ނުހޯދައި، އެ ސަރަހައްދުން މުދާ ބޭރަށް ގެންދިއުމަށް، ނުވަތަ ދައްކަންޖެހޭ ޑިއުޓީއެއް ނުދައްކައި ރާއްޖެއަށް މުދާ އެތެރެކުރުމަށެވެ.
(ނ) ދިވެހިރާއްޖޭން ސިއްރުން މުދާ ބޭރުކުރުން ކަމަށް ބެލޭނީ ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުގެ ހުއްދަ ނުހޯދައި، ދިވެހިރާއްޖޭން މުދާ ބޭރުކުރުމަށް ނުވަތަ ދިވެހިރާއްޖޭން ބޭރުކުރާ މުދާ ބަހައްޓަން ކަސްޓަމްސުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި މުދާ ހުއްޓާ ކަސްޓަމްސަށް ނާންގައި، ނުވަތަ ކަސްޓަމްސުން ހުއްދަ ނުހޯދައި، އެސަރަހައްދުން ބޭރަށް ގެންދިއުމަށް ނުވަތަ ފޮނުވުމަށް، ނުވަތަ ދައްކަންޖެހޭ ޑިއުޓީއެއް ނުދައްކައި ރާއްޖެއިންބޭރަށް މުދާ ގެންދިއުމަށް ނުވަތަ ފޮނުވުމަށެވެ.
14. (ހ) މި ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ ނުވަތަ އެފަދަ ކުށެއް ކުރަން އުޅެފިނަމަ، މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެކަމެއްގައި ހިމެނޭ މުދާ، ބަދަލު ދިނުމަކާނުލައި އަތުލެވޭނެއެވެ. އަދި ސިއްރުން މުދާ އެތެރެކޮށްގެން ނުވަތަ ބޭރުކޮށްގެން އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހޯދާފައިވާނަމަ، މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެ މުދަލެއް ނުވަތަ ފައިސާއެއް އަތުލެވޭނެއެވެ.
(ށ) ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކޮށްފި މީހެއްގެ ނުވަތަ ދިވެހިރާއްޖޭން ސިއްރުން މުދާ ބޭރުކޮށްފި މީހެއްގެ އަދަބަކީ، 6 މަސްދުވަހާއި، 2 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދު ކުރުމެވެ.
(ނ) ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން ނުވަތަ ދިވެހިރާއްޖޭން ސިއްރުން މުދާ ބޭރުކުރަން އުޅެފި މީހެއްގެ އަދަބަކީ، 4 މަސްދުވަހާއި، 2/1 1 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
(ރ) މި ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައިވާ ކުށް ތަކުރާރު ކޮށްފިނަމަ، މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބުގެ ތެރެއަށް، ކުށް ތަކުރާރުކުރި ކޮންމެ ފަހަރަކަށް 1 އަހަރަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން، އިތުރުކުރެވޭނެއެވެ.
(ބ) މުދާ އިމްޕޯޓް ކުރުމުގައި އޮޅުވާލައިގެން ދަށްއަގެއް ހުށަހަޅައިފިނަމަ، ފުރަތަމަ ފަހަރު އެކަމުގައި ހިމެނޭ މުދަލުގެ ހަމައަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެކުށްކުރި ފަރާތް ޖޫރިމަނާ ކުރުމާއި، އެއްފަހަރަށްވުރެ ގިނަފަހަރަށް މިކުށް ކޮށްފިނަމަ، އެކަމުގައި ހިމެނޭ މުދަލުގެ ހަމައަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެކުށްކުރި ފަރާތް ޖޫރިމަނާ ކުރުމާއެކު، 2 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް، އެފަރާތަކުން އިމްޕޯޓް ކުރުން ބަންދު ކުރުމުގެ އިހްތިޔާރު ދިވެހިސަރުކާރަށް ލިބިގެންވެއެވެ.
(ޅ) މުދާ އެކްސްޕޯޓް ކުރުމުގައި އޮޅުވާލައިގެން ދަށް އަގެއް ހުށަހަޅައިފިނަމަ، ފުރަތަމަ ފަހަރު އެކަމުގައި ހިމެނޭ މުދަލުގެ ހަމައަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެކުށްކުރި ފަރާތް ޖޫރިމަނާކުރުމާއި، އެއްފަހަރަށްވުރެ ގިނަ ފަހަރަށް މިކުށް ކޮށްފިނަމަ، އެކަމުގައި ހިމެނޭ މުދަލުގެ ހަމައަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެކުށްކުރި ފަރާތް ޖޫރިމަނާ ކުރުމާއެކު، 2 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އެފަރާތަކުން އެކްސްޕޯޓް ކުރުން ބަންދު ކުރުމުގެ އިހްތިޔާރު ދިވެހިސަރުކާރަށް ލިބިގެންވެއެވެ.
(ކ) މި ގާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށްތައް ފިޔަވައި މި ގާނޫނުގެ އެހެން މާއްދާއަކާ ހިލާފު ވެއްޖެނަމަ، އެކަމުގައި ހިމެނޭ މުދަލެއްގެ ހަމަ އަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެކުށްކުރި ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިފަދަ އަމަލެއް ކުރަން އުޅެފިކަން އެނގިއްޖެނަމަ، އެކަމެއް ހިންގަން ބޭނުންކުރި ނުވަތަ ބޭނުންކުރަން އުޅުނު މުދަލުގެ ހަމައަގަށްވުރެ ބޮޑުނޫން އަދަދަކުން އެ އަމަލެއް ހިންގަން އުޅުނު ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.
(އ) މި މާއްދާގެ (ބ) (ޅ) (ކ) ގައިވާ ގޮތުން ކުރެވޭ ޖޫރިމަނާއަކާމެދު ޖޫރިމަނާ ކުރެވުނު ފަރާތުން ގަބޫލުނުކުރާ މައްސަލައެއް އޮވެއްޖެނަމަ، އެ ޖޫރިމަނާއެއް ދެއްކުމަށްފަހު، އެ މައްސަލައެއް ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ. އެ މައްސަލައިގައި އެފަރާތް ގާނޫނާ ހިލާފު ނުވާކަމަށް ށަރީއަތުން ނިންމައިފިނަމަ، އެފަރާތުން ދައްކާފައިވާ ޖޫރިމަނާ ސަރުކާރުން އެފަރާތަކަށް އަނބުރާ ދޭންވާނެއެވެ.
110 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
111 ވަނަ މާއްދާ – ޖަދުވަލު
މި ގާނޫނުގެ ޖަދުވަލު 1 އެއީ މި ގާނޫނުގެ ބައެކެވެ.
112 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
113 ވަނަ މާއްދާ – މާނަ
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތައް މާނަކުރެވޭނީ ތިރީގައިވާ ގޮތަށެވެ.
(ހ) "ރާއްޖެއަށް މުދާ އިމްޕޯޓްކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް ދިވެހިރާއްޖެއަށް މުދާ ގެނައުމަށާއި، އެތެރެކުރުމަށެވެ.
(ށ) "ރާއްޖެއިން މުދާ އެކްސްޕޯޓްކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް ދިވެހިރާއްޖެއިން މުދާ ބޭރުކުރުމަށާއި، ފޮނުވުމަށެވެ.
(ނ) "ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް ރާއްޖެއަށް މުދަލެއް އިމްޕޯޓްކުރާއިރު މުދަލުގެ ވެރިފަރާތް ކަމުގައި ބަޔާންކޮށްފައިވާ ފަރާތާއި، އެ ފަރާތް ތަމްސީލުކުރާ ފަރާތަށެވެ.
(ރ) "ރާއްޖެއަށް މުދާ އެކްސްޕޯޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް ރާއްޖެއިން މުދަލެއް އެކްސްޕޯޓްކުރާއިރު މުދަލުގެ ވެރިފަރާތް ކަމުގައި ބަޔާންކޮށްފައިވާ ފަރާތާއި، އެ ފަރާތް ތަމްސީލުކުރާ ފަރާތަށެވެ.
(ބ) "ރީ-އެކްސްޕޯޓްކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްފައިވާ މުދާ، އެތަކެތީގެ ޒާތަށް ބަދަލުނުގެނެސް އަލުން ރާއްޖެއިން ބޭރުކުރުމަށް ނުވަތަ ފޮނުވުމަށެވެ.
(ޅ) "ރަސްމީ ބަނދަރު" ގެ މާނައިގައި، ކަނޑުގެ ބަނދަރާއި، ވައިގެ ބަނދަރުވެސް ހިމެނެއެވެ.
(ކ) "ކަނޑުގެ ބަނދަރު" ކަމަށް ބުނެފައި އެވަނީ، އުޅަނދުފަހަރު އައިސް މަޑުކުރުމަށާއި، މުދާ އަރުވައި ބޭލުމަށާއި، ފުރުމަށް ބޭނުންކުރާ ތަންތަނަށެވެ.
(އ) "ކަސްޓަމްސްގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ސަރަހައްދު ކަމުގައި ކަނޑައަޅާފައިވާ ތަންތަނަށެވެ.
(ވ) "ކަސްޓަމްސްގެ ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި މުދަލާއި އުޅަނދުފަހަރު ކަސްޓަމްސްގެ ބާރުގެ ދަށުގައި ހުރުމަށެވެ.
(މ) "ކަސްޓަމްސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" އަށާއި، އެ ސަރވިސްގެ މަސައްކަތް ކުރުމަށް އެ ސަރވިސްއިން ހަވާލުކުރާ ދައުލަތުގެ ކޮންމެ އިދާރާއަކަށެވެ.
(ފ) "ކަސްޓަމްސް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، ކަސްޓަމްސް އޮފިސަރުންގެ ހުވައި ކޮށްގެން ތިބި ކަސްޓަމްސްގެ މުވައްޒަފުންނަށެވެ.
(ދ) "ކަސްޓަމްސް ގަވާއިދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ކަސްޓަމްސްގެ ގަވާއިދަށެވެ.
(ތ) "އެފް.އޯ.ބީ" އަގު ކަމަށް ބުނެފައި އެވަނީ، މުދަލުގެ އަގާއި، ބަނދަރުގައި އޮތް އުޅަނދަކަށް އެ މުދާ އެރުވުމާ ހަމައަށް ހިނގި ހަރަދަށެވެ. މި ހަރަދުގެ ތެރޭގައި ނާލާއި، އިންށުއަރެންސްއެއް ނުހިމެނެއެވެ.
(ލ) "ސީ.އައި.އެފް" އަގު ކަމަށް ބުނެފައި އެވަނީ، މުދަލުގެ އަގާއި، އިންށުއަރެންސާއި، ނާލާއެކު އެ މުދަލަކަށް ޖެހޭ އަގެވެ. މީގެ ތެރޭގައި، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގާއި، ކަސްޓަމްސްގެ ބަނދަރަކާ ހަމައަށް އެ މުދާ ގެނައުމަށް ހިނގާ ހުރިހާ ހަރަދެއް ހިމެނެއެވެ.
(ގ) "ސީ.އެންޑް.އެފް" އަގު ކަމަށް ބުނެފައި އެވަނީ، މުދަލުގެ އަގާއި ނާލާއެކު އެ މުދަލަކަށް ޖެހޭ އަގެވެ. މީގެ ތެރޭގައި، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގާއި، ކަސްޓަމްސްގެ ބަނދަރަކާ ހަމައަށް އެ މުދާ ގެނައުމަށް ހިނގާ ހުރިހާ ހަރަދެއް ހިމެނެއެވެ.
(ޏ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، ވައިގެ ދަތުރުފަތުރުކުރާ އުޅަނދާއި، ކަނޑުގެ ދަތުރުފަތުރުކުރާ އުޅަނދާއި، އެއްގަމުގައި ދުއްވާ އެއްޗެއްސާއި، މިނޫނަސް މީހުންނާއި މުދާ ކަނޑުމަގުންނާއި ވައިގެމަގުން އަދި އެއްގަމުމަގުން އެއްތަނުން އަނެއްތަނަށް ގެންދިޔުމަށާއި، އުފުލުމަށް ބޭނުންކުރާ ވަސީލަތަށެވެ.
(ސ) "ވައިގެ ބަނދަރު" ކަމަށް ބުނެފައި އެވަނީ، މަތިންދާބޯޓު ޖެއްސުމަށާއި، މަޑުކުރުމަށާއި، މުދާ ބޭލުމަށާއި، އެރުވުމަށާއި، މީހުން ފޭބުމަށާއި، އެރުމަށާއި، ފުރުމަށް ކަނޑައެޅިފައިވާ ތަންތަނަށެވެ.
(ޑ) "ވެއަރހައުސް" ކަމަށް ބުނެފައި އެވަނީ، ގުދަނާއި، ރައްކާތެރިކަމާއެކު މުދާ ބެހެއްޓުމަށް ތައްޔާރުކުރެވިފައި ހުންނަ އިމާރާތާއި، ކޮންޓޭނަރާއި، ތާނގީއާއި، އެނޫންވެސް މުދާ ބެހެއްޓުމަށް ބޭނުންކުރާ ތަންތަނަށެވެ.
(ޒ) "އުޅަނދުގެ މާސްޓަރ" ކަމަށް ބުނެފައި އެވަނީ، އުޅަނދަކާ ހަވާލުވެ، އެ އުޅަނދެއްގައި އަމުރު ހިންގުމަށް ހުރި އެންމެ އިސް ފަރާތަށެވެ. މީގެ ތެރޭގައި، ހަމައެކަނި ބަނދަރަކުން އުޅަނދެއް ނެރުމަށް ނުވަތަ ވެއްދުމަށް އައްޔަންކުރާ މީހުންނެއް ނުހިމެނެއެވެ.
(ޓ) "މުދަލުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް މުދަލެއް ދިވެހިރާއްޖެއަށް އެތެރެކުރާއިރު ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާއިރު، މުދަލުގެ ވެރިފަރާތް ކަމުގައި ބަޔާންކޮށްފައިވާ ފަރާތާއި، އެފަރާތް ތަމްސީލުކުރާ ފަރާތަށެވެ.
(ޔ) "ށިޕް ސްޓޯރޒް" ކަމަށް ބުނެފައި އެވަނީ، ބޯޓުގެ އިކުއިޕްމަންޓާއި، އާލާތާއި، ތެލާއި، ފެނާއި، ފަޅުވެރިންނަށް ބޭނުންވާ ކާބޯތަކެއްޗަށެވެ.
(ޕ) "ބޮންޑެޑް ވެއަރހައުސް" ކަމަށް ބުނެފައި އެވަނީ، އެކްސްޕޯޓް އިމްޕޯޓް މުދާ، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދޫކޮށް ނިމެންދެން ބެހެއްޓުމަށް ހުއްދަދޭ ތަންތަނަށެވެ.
(ޖ) "ޑިކްލަރޭށަން" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަކާ ބެހޭގޮތުން އަމަލުކުރުމަށް ހުށަހަޅާ ކަސްޓަމްސްގެ އިޖުރާއަތާއި، އެ އިޖުރާއަތާގުޅޭ ގޮތުން ކަސްޓަމްސްއިން އެކަމަށް ތައްޔާރުކޮށްފައިވާ ފޯމަކުން ހުށަހަޅަންޖެހޭ މައުލޫމާތަށެވެ. މި މައުލޫމާތު ހޯދުމަށް ކަސްޓަމްސްއިން ތައްޔާރުކޮށްފައިވާ ފޯމަށް ކިޔާނީ "ގުޑްސް ޑިކްލަރޭށަން" އެވެ. "ޑިކްލަރޭށަން" މިބަހުގެ މާނައިގައި މި މާއްދާގައި ބުނާ ބޭނުމަށްޓަކައި މުދަލާ ގުޅޭގޮތުން މައުލޫމާތު ހުށަހެޅުމަށް ކަސްޓަމްސްއިން ތައާރުފުކުރާ އިލެކްޓްރޯނިކް މީޑިއާ އަދި އެހެނިހެން ވަސީލަތްތައްވެސް ހިމެނޭނެއެވެ.
(ޗ) "ޓްރާންސްށިޕްމަންޓް" ކަމަށް ބުނެފައި އެވަނީ، އެހެން ގައުމަކަށް ގެންދިޔުމުގެ މަގުމަތީގައި ރާއްޖެއަށް ގެންނަ މުދާ، ރާއްޖެއަށް ގެނެސް، އެ ގައުމަށް ފޮނުވުމަށްޓަކައި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ބަހައްޓާ ބެހެއްޓުމަށެވެ.
(ހހ) "އެކަށީގެންވާ ހާލަތެއްގައި ބެހެއްޓުން" ކަމަށް ބުނެފައި އެވަނީ، އެ މުދަލެއްގެ ބާވަތުން، އެ މުދަލެއް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދޫކުރެވެންދެން ހަލާކުވިޔަނުދީ ބެހެއްޓުމަށެވެ.
(ށށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަސްޓަމްސްގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަށެވެ.
(ނނ) "ވެހިކަލް" ނުވަތަ "ވެހިކަލެއް ނުވަތަ އެނޫންވެސް އެއްގަމު އުޅަނދެއް" ކަމަށް ބުނެފައި އެވަނީ، މުދަލާއި، މީހުންނާއި، ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށާއި އުފުލުމަށް އެއްގަމުގައި ބޭނުންކުރާ އެންމެހައި ވަސީލަތްތަކަށެވެ.
(ރރ) "އިންވާރޑް ކްލިއަރެންސް" ކަމަށް ބުނެފައި އެވަނީ، އުޅަނދެއް ރާއްޖެ އައުމުން ކަސްޓަމްސްއިން ދޭ ހުއްދައަށެވެ.
(ބބ) "އައުޓްވާރޑް ކްލިއަރެންސް" ކަމަށް ބުނެފައި އެވަނީ، އުޅަނދެއް ރާއްޖެއިން ފުރައިގެން ދިއުމަށް ކަސްޓަމްސްއިން ދޭ ހުއްދައަކަށެވެ.
(ޅޅ) "ޑިއުޓީ ހިލޭ ފިހާރަ" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރަށް ފުރައިގެންދާ މީހުންނަށް ތަކެތި ވިއްކުމަށްޓަކައި ކަނޑައަޅާފައިވާ، އެތަންތަނަށް ގެންނަ ތަކެތިން އިމްޕޯޓް ޑިއުޓީ މައާފުކޮށްފައިވާ ތަންތަނަށެވެ.
---------------
ޖަދުވަލު 1
ކަސްޓަމްސް އޮފިސަރުންގެ ހުވައި
"އަހުރެން، ..... (މީހާގެ ނަން) ..... އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ދިވެހި ގައުމުގެ އަބުރާއި އިއްޒަތާއި ގަދަރާއި ށަރަފު ދެމެހެއްޓުމަށާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުމަށާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރެއްގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތް ﷲ ގަންދީ ހުވައިކުރަމެވެ."
އުވުނު ގާނޫނު
- ރާއްޖޭން ބޭރަށް ފުރާ ކޮންމެ އުޅަނދަކަށް ކްލިއަރެންސް ހޯދުމުގެ ގާނޫނު (ގާނޫނު ނަންބަރު 1987-61)
- ދިވެހިރާއްޖޭގެ ބަނދަރަށް އަންނަ އުޅަނދު ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 1978-62)
- ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިފައިވާ އުޅަނދުތައް ފިޔަވައި ރާއްޖެއިން ބޭރުން އަންނަ އުޅަނދުތަކަށް ގޮސްއައިސްވުމާ ތަކެތި ގެންގޮސް ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 1978-63)
- ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1978-31) ގެ 11، 12، 13 އަދި 14 ވަނަ މާއްދާ
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ދިވެހިރާއްޖެއަށް ވައިގެމަގުން އަންނަ އުޅަނދުފަހަރާއި، ވައިގެމަގުން ފުރާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ މަޢުލޫމާތު ކަސްޓަމްސްއަށް ފޯރުކޮށްދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 92/2018)
- ކަސްޓަމްސް އިންޓެގްރިޓީ ކޮމިށަނުން މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާބެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 245/2014)
- ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 41/2011)
- ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދު 2012 (ގަވާއިދު ނަންބަރު 35/2012)
ކިޔުންތެރިންގެ ހިޔާލު