-

އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2020-94)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

ބާބު 1

ތައާރުފު 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 50 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. (އިސްލާހު ކުރެވިފައި)

(ށ) މި ގަވާއިދަށް ކިޔާނީ، "އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު

(ހ) ދިވެހިރާއްޖޭގައި އެކުއަކަލްޗަރ ތަރައްގީ ކުރުމާ ގުޅޭ ހަރަކާތްތައް ކުރިޔަށް ގެންދަނީ އަދި އެކުއަކަލްޗަރ ތަރައްގީ ކުރުމުގެ އެންމެހައި މަރުހަލާތަކެއް ކުރިޔަށް ގެންދަނީ ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި ވިރާސީ ގުޅުން އޭގެ ޒާތުގައި ދެމެހެއްޓުމާއެކު، ގުދުރަތީ ވަސީލތްތަކުގެ ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަަންފާއަށް ރައްކައުތެރިކޮށް، ދެމެހެއްޓެނެވި ގޮތެއްގައިކަން ކަށަވަރުކުރެވޭނެ އުސޫލުތައް ކަނޑައެޅުން.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރާއި، ފަޅާއި، މޫދާއި، ކުޅިއާއި، ރަށްރަށް ހިމެނޭގޮތުން ދިވެހިރާއްޖޭގެ ކަނޑާއި އެއްގަމުގެ ސަރަހައްދުތައް، ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗަރ ކުރުމަށް ކުއްޔަށް ދޫކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން. (އިތުރު ކުރެވިފައި)

 

3 ވަނަ މާއްދާ - ގަވާއިދު ހިންގޭ ފަރާތް 

މި ގަވާއިދު ހިނގާނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރާއި، ފަޅާއި، މޫދާއި، ކުޅިއާއި، ރަށް ފަދަ ތަންތަނުގައި އެކުއަކަލްޗަރކުރާ އެންމެހައި ފަރާތްތަކުގެ މައްޗަށެވެ. 

 

4 ވަނަ މާއްދާ - އިސްތިސްނާ ހާލަތު

މަސްވެރިކަން ބެލެހެއްޓުމަށް ނުވަތަ މަސްވެރިކަން ހިނގާ ނުހިނގާ ގޮތް ބެލުމަށް ނުވަތަ މަސްވެރިކަމާ ގުޅުން ހުރި އެއްވެސް ކަމަކާ ގުޅޭ ގޮތުން މިނިސްޓްރީން ހިންގާ އެކުއަކަލްޗަރގެ މަސައްކަތްތައް، މި ގަވާއިދުގެ ދަށުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުމުން އިސްތިސްނާވާނެއެވެ.

 

5 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

 

ބާބު 2

ލައިސަންސް ހޯދުން

 

6 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް ހޯދުން 

(ހ) އެކުއަކަލްޗަރ ފެސިލިޓީއެއްގައި އެކުއަކަލްޗަރ ކުރުމުގެ އެއްވެސް ހަރަކާތެއް ހިންގަންވާނީ، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި،މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށްލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގެ ދަށުން ސައްހަ ލައިސަންސެއް ހޯދުމަށްފަހުގައެވެ.

(ށ) އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދޫކުރާނީ، ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަމަށެވެ. އަދި އެ ކަންކަން ކުރުމަށް ދޫކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ކެޓެގަރީގެ ލައިސަންސެވެ.

  1. އެކުއަކަލްޗަރ ޓެކްނޮލޮޖީއެއްގެ އަޖުމަބެލުމަށް ނުވަތަ އައު ބާވަތެއް އާލާކުރުމުގެ އަޖުމަ ބެލުމަށް، "އެކުއަކަލްޗަރ ތަޖުރިބާކުރުމުގެ ލައިސަންސް"؛
  2. ވިޔަފާރިކުރުމުގެ ގޮތުން އެކުއަކަލްޗަރ ކުރުމަށް، "އެކުއަކަލްޗަރކުރުމުގެ ލައިސަންސް".

(ނ) އަންނަނިވި ކަންތައްތައް ފުރިހަމަވެފައިވާކަން ޔަގީންވުމުން މެނުވީ، އެކުއަކަލްޗަރ ކުރުމުގެ ލައިސަންސެއް ދޫކޮށްގެން ނުވާނެއެވެ. 

  1. ގަވާއިދު ނަންބަރު 2020-91 (މަސްވެރިކަމުގެ މަށްރޫއުތައް ގާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދު) ގެ ދަށުން ހުއްދަ ލިބިފައިވާ މަށްރޫއަކަށް ވުން؛ (އިސްލާހު ކުރެވިފައި)
  2. ދިވެހިރާއްޖޭގެ ކަމާގުޅޭ ގާނޫނުތަކާ އެއްގޮތަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓެއް ހަދައިފައިވުން؛ (އިސްލާހު ކުރެވިފައި)
  3. އެކުއަކަލްޗަރ ކުރުމުގެ ހުއްދަ ދިނުމުގެ ސަބަބުން އެ ސަރަހައްދުގައި ކުރިޔަށްގެންދާ އިގްތިސާދީ އެހެނިހެން މަސައްކަތްތަކަށް ބުރޫ ނޭރުން؛ (އިސްލާހު ކުރެވިފައި)
  4. އެކުއަކަލްޗަރ ކުރުމަށް ހުއްދަ ދިނުމުގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމެއް މެދުވެރި ނުވުން؛ (އިތުރު ކުރެވިފައި)
  5. އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ސަރަހައްދަކީ އެކުއަކަލްޗަރ ކުރުމަށް ނުވަތަ ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ މަސް އެކުއަކަލްޗަރ ކުރުމަށް އެކަށޭނަ ތަނެއް ކަމުގައި ވުން. (އިތުރު ކުރެވިފައި)

(ރ) "އެކުއަކަލްޗަރ ތަޖުރިބާކުރުމުގެ ލައިސަންސް" އެއްގެ ދަށުން އުފައްދާ އުފެއްދުންތައް ވިޔަފާރީގެ ގޮތުގައި ބޭނުންކުރެވޭނީ، "އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް" އެއް ހޯދުމަށްފަހުއެވެ. އެކުއަކަލްޗަރ ތަޖުރިބާކުރުމުގެލައިސަންސްގެ ދަށުން އުފައްދާ އެއްވެސް އުފެއްދުމެއް މިނޫން ގޮތަކަށް ވިޔަފާރީގައި ބޭނުންކޮށްގެން ނުވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ދޫކުރާ އެކުއަކަލްޗަރ ކުރުމުގެ ލައިސަންސްގެ ފީއާއި ލައިސަންސްގެ މުއްދަތު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި އެވަނީއެވެ. (އިތުރު ކުރެވިފައި)

 

7 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރުމުގެ ލައިސަންސްގެ އާންމު ށަރުތުތައް

ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، ލައިސަންސްގެ މުއްދަތުގައި،އަންނަނިވި ށަރުތުތަކާ އެއްގޮތައް އަމަލުކުރަންވާނެއެވެ.

(ހ) މި ގަވާއިދާއި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކާ އެއްގޮތަށް އަމަލުކުރުން؛

(ށ) އެކުއަކަލްޗަރ ކޮށްގެން އުފައްދާ އެއްވެސް ދިރުމެއް ދިވެހިރާއްޖޭގެ ގުދުރަތީ ވެށްޓަށް ދޫކޮށްގެން ނުވާނެއެވެ. އަދި ގުދުރަތީ ވެށީގައި ކޮށްޓާއި ލަގަރި ފަދަ ތަކެތީގައި އެކުއަކަލްޗަރކުރާނަމަ، އާލާކުރާ ބާވަތްތައް ގުދުރަތީ ވެށްޓަށް ދޫވުމުގެ ފުރުސަތު ކުޑަކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅު އެޅުން؛

(ނ) ލައިސަންސްގެ މުއްދަތުގައި، މި ގަވާއިދުގެ ބާބު 6 ގައި ބަޔާންކޮށްފައިވާ ގޮތަށް މައުލޫމާތު ރިކޯޑުކޮށް، އެ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ފޮނުވުން؛

(ރ) ލައިސަންސް ދީފައިވާ ތަނުގައި ލައިސަންސްގެ ސައްހަ ކޮޕީއެއް، ހުރިހާ ވަގުތެއްގައިވެސް އޮންނަންވާނެއެވެ. އަދި މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ލައިސަންސް ދެއްކުމަށް އެދިއްޖެ ނަމަ، އެ ފަރާތަކަށް ލައިސަންސް ދެއްކުން؛

(ބ) އެކުއަކަލްޗަރކޮށްގެން އާލާކުރާ އެއްވެސް ބާވަތެއް ޕްރޮސެސްކުރާ ނަމަ، ނުވަތަ އެކްސްޕޯޓުކުރާ ނަމަ، އެ ބާވަތާކާ ގުޅޭ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެކަން ކުރުން؛

(ޅ) އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގައި ކަނޑައަޅައިފައިވާ ތަންތަނުގައި އާލާކުރާ ދިރުން، އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުން؛

(ކ) ބަލިޖެހިފައިވާ ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގެ ކުރިން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަން ފުރިހަމަކުރުން؛

(އ) ބަލިޖެހިފައިވާ ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން ނައްތައި ލުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުން.

 

8 ވަނަ މާއްދާ - ކަރަންޓީނު ފެސިލިޓީ ހިންގުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ކަރަންޓީނު ފެސިލިޓީއެއް ހިންގު މުގެ ކުރިން އެކަމާ ގުޅޭ ލައިސަންސް މި ގަވާއިދުގެ ދަށުން، ގަވާއިދު ނަންބަރު 2020-92 (މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަގަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް މި މާއްދާގެ (ހ) ގެ ދަށުން، އެ ފަރާތުގެ އެކުއަކަލްޗަރކުރާ ތަނުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރެވިދާނެއެވެ. މިގޮތަށް ގާއިމުކުރާ ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނު ކުރެވޭނީ ހަމައެކަނި އެ ފަރާތުގެ ބޭނުމަށް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ފެނުގެ ދިރުންތަކެވެ. (އިސްލާހު ކުރެވިފައި)

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ ކަރަންޓީނު ފެސިލިޓީ ހިންގުމުގެ ލައިސަންސްގެ ފީއާއި ލައިސަންސްގެ މުއްދަތު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި އެވަނީއެވެ. (އިސްލާހު ކުރެވިފައި)

(ރ) ކަރަންޓީނު ފެސިލިޓީ ހިންގުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ލައިސަންސްގެ މުއްދަތުގައި، އަންނަނިވި ށަރުތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)

  1. މި ގަވާއިދާއި، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން؛ (އިތުރު ކުރެވިފައި)
  2. ކަރަންޓީނު ފެސިލިޓީ މިނިސްޓްރީން ކަނޑައަޅާ "އަމިއްލަ ފަރާތްތަކުން ކަރަންޓީނު ފެސިލިޓީ ގާއިމުކޮށް ހިންގުމާ ގުޅޭ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތީން ތައްޔާރުކުރުން؛ (އިތުރު ކުރެވިފައި)
  3. ކަރަންޓީނު ފެސިލިޓީ ހިންގުމުގައި، މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމެނޭ ކަރަންޓީނު ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރުން. 

 

 

ބާބު 3

އެކުއަކަލްޗަރ ކުރެވޭ ތަންތަނާއި ސަރަހައްދުތައް އަދި އެކުއަކަލްޗަރ ކުރުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރުން (ސުރުހީ އިސްލާހު ކުރެވިފައި)

 

9 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރެވޭ ތަން ނުވަތަ ސަރަހައްދު ފާހަގަކުރުން

އެކުއަކަލްޗަރ ކުރާ ތަންތަނުގައި، އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގެ ނަންބަރު އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.  

 

10 ވަނަ މާއްދާ - އެކުއަކަލްޗަރކުރާ ދިރުންތައް އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުން

(ހ) އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގައި ކަނަޑައަޅައިފައިވާ ތަންތަނުގައި އާލާކުރާ ދިރުމެއް، ނުވަތަ ދިރުމެއްގެ އެއްވެސް މަރުހަލާއެއް އޭގެ ފުރާނަ ހުންނަ ހާލަތުގައި އެކުއަކަލްޗަރ ކުރުމުގެ ބޭނުމަށް އެހެން ތަނަކަށް ބަދަލުކުރެވޭނީ މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެކުއަކަލްޗަރ ކޮށްގެން އާލާކުރާ ދިރުމެއް ބަދަލުކުރުމަށް ހުއްދަ ދެވޭނީ، އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދިރުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމުގެ 14 (ސާދަ) ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައިގެން އެކަމުގެ ހުއްދަ ހޯދަންވާނެއެވެ.

(ރ) ބަލިޖެހިފައިވާ ދިރުން ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަކީ މަނާކަމެކެވެ.

(ބ) މި މާއްދާގެ (ރ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބަލިޖެހިފައިވާ ދިރުން ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން، ތިރީގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ނައްތައިލުމަށް އެހެން ތަނަކަށް ގެންދެވިދާނެއެވެ.

  1. އެކުއަކަލްޗަރ ކުރާ ތަނެއްގައި އާލާކުރާ ދިރުން ބައްޔެއްގެ ސަބަބުން މަރުވެފައިވާނަމަ، އަދި އެ ތަކެތި ނައްތައިލުމަށް އެހެން ތަނަކަށް ގެންދަންޖެހޭނަމަ، ލަސްނުކޮށް އެކަން މިނިސްޓްރީއަށް އެންގުން؛
  2. ބަލީގެ ސަބަބުން މަރުވާ ދިރުން ނައްތައިލުމަށްޓަކައި ގެންދަން ހުށަހަޅާ ތަނުގައި، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ ތަކެތި ނައްތައިލެވޭނެ އިންތިޒާމު ހަމަޖެހިފައިވުން.

(ޅ) މި މާއްދާގެ (ބ) ގައިވާ ހާލަތެއް މެދުވެރިވެގެން އެ ދިރުންނައްތައިލަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތަކަށެވެ.

  1. ވަޅުލުން؛
  2. އަންދައިލުން ނުވަތަ އިންސިނަރޭޓް ކުރުން.

 

10-1 ވަނަ މާއްދާ - ކުއްޔަށް ދެވޭނެ ސަރަހައްދު ކަނޑައެޅުން (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ ދަށުން އެކުއަކަލްޗަރގެ މަސައްކަތަށް ކުއްޔަށް ދިނުމަށް ކަނޑައެޅޭނީ އަންނަނިވި ތަންތަނެވެ.

  1.  ރަށު ކައުންސިލެއްގެ ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށާއި އެއްވެސް ރަށަކާ ގުޅިފައިނުވާ ފަޅުތަކާއި ކަނޑުގެ ސަރަހައްދުގެ ތެރެއިން، މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައި، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށް ދިނުމަށް ކަނޑައަޅާ ފަޅުރަށްރަށާއި، ރަށަކާ ގުޅިފައިނުވާ ފަޅުފަޅާއި އެނޫންވެސް ކަނޑުގެ ސަރަހައްދުތަކެވެ.
  2. ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށުގެ ނުވަތަ އެއްވެސް ރަށަކާ ގުޅިފައިނުވާ ފަޅުތަކުގެ ނުވަތަ ކަނޑުގެ ސަރަހައްދުގެ ތެރެއިން ސަރަހައްދެއް، އެކުއަކަލްޗަރ ކުރުމުގެ ބޭނުމަށް ކުއްޔަށްދޭ ސަރަހައްދެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުންގެ ކޮމެޓީ ގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަޅުރަށްރަށާއި، ރަށަކާ ގުޅިފައިނުވާ ފަޅުފަޅާއި އެނޫންވެސް ކަނޑުގެ ސަރަހައްދުތަކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޔަށް ދޫކުރާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ކުއްޔަށް ދިނުމުގެ ބާރާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ މިނިސްޓްރީ އަށެވެ.

(ނ) މި ގަވާއިދުގެ ދަށުން ފަޅުރަށެއް އެކުއަކަލްޗަރ ތަރައްގީ ކުރުމުގެ ބޭނުމަށް ކުއްޔަށްދޭނީ، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން، އެ ފަޅުރަށެއް އެކުއަކަލްޗަރ ކުރުމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި މިނިސްޓްރީ އާ ހަވާލުކުރުމުން، އެ ގާނޫނާ ހިލާފުނުވާ ގޮތެއްގެ މަތީން އަދި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

10-2 ވަނަ މާއްދާ - އެކުއަކަލްޗަރގެ ބޭނުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރުން (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

އެެކުއަކަލްޗަރގެ ބޭނުމަށް، ކުއްޔަށް ދޫކުރާ ސަރަހައްދު ކުއްޔަށް ދޫކުރާނީ، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށެވެ.

  1. އެކުއަކަލްޗަރގެ ބޭނުމަށް ކަނޑައަޅައިފައިވާ ސަރަހައްދެއްކަމަށް ބަޔާންކޮށް އެކަމަށް ބިޑު ހުށަހެޅުމަށް އިއުލާންކުރުމުން، މި ގަވާއިދުގެ 3-10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލެއްގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާ ބިޑު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށްދިނުން؛ ނުވަތަ
  2. ފަޅުރަށެއް ނުވަތަ ރަށަކާ ގުޅިފައިނުވާ ފަޅެއް ނުވަތަ ކަނޑުގެ ސަރަހައްދެއްގައި ހިންގަން ބޭނުންވާ އެކުއަކަލްޗަރގެ މަށްރޫއެއްގެ ތަފުސީލުާއެކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅުމުން، މި ގަވާއިދުގެ 3-10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލެއްގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާ ޕްރޮޕޯ ޒަލް ހުށަހަޅާ ފަރާތަކަށް ކުއްޔަށްދިނުން.

(ށ) ކުުއްޔަށް ދިނުމަށް ކަނޑައަޅާ ސަރަހައްދު، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޔަށް ދިނުމުގައި އަމަލުކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ދެ ގޮތުންކުރެ ގޮތެއްގެ މަތީން، މި ގަވާއިދުގެ ކަމާބެހޭ މާއްދާތަކާއި، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ތަފުސީލު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

10-3 ވަނަ މާއްދާ - އެކުއަކަލްޗަރގެ ބޭނުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރުމުގެ އާންމު ށަރުތުތައް (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށް ހިފަން ހުށަހަޅާ ބިޑު ނުވަތަ ޕްރޮޕޯޒަލްތަކަށް ރިއާޔަތްކޮށް، ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދު ކުއްޔަށް ދޭންވާނީ، ތިރީގައިވާ އާންމު ށަރުތުތައް ފުރިހަމަވާނަމައެވެ. 

  1. ކުުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދުގައި ކުރަން ހުށަހަޅާ ކަމަކީ، ރާއްޖޭގެ އިގްތިސާދަށާއި ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމަކަށް ވުން؛
  2. ކުއްޔަށް ހިފަން ހުށަހަޅާ ފަރާތަކީ، އެ ސަރަހައްދުގައި ކުރަން ހުށަހަޅާ ކަމެއް ކުރުމުގެ މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ލިބިފައިވާ ފަރާތެއްކަމަށް ވުން؛
  3. ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދަކީ މާހައުލީ ގޮތުން އެ މަށްރޫއު ހިންގުމަށް އެކަށީ ގެންވާ ތަނަކަށް ވުން؛
  4. ކުއްޔަށް ހިފަން ހުށަހަޅާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކާއެކު އެ ފައިސާ ދައްކާނެ ގޮތާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ވެފައިވާ ނަމަ ނުވަތަ އިތުރު އިންތިޒާމެއް ދައުލަތުން ހަމަޖައްސައިފައި ވާ ނަމަ، އެ އެއްބަސްވުމާ އެއްގޮތަށް ނުވަތަ ހަމަޖައްސައިފައިވާ އިންތިޒާމަކާ އެއްގޮތަށް، އެ ފައިސާ ގަވާއިދުން ދައްކާ ފަރާތެއް ކަމުގައި ވުން؛
  5. ކުއްޔަށް ހިފަން އެދޭފަރާތަކީ ގާނޫނު ނަންބަރު 219-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއް ކަމުގައި ވާ ނަމަ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ކޮށްފައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، އިތުރު ށަރުތުތަކެއް ކަނޑައަޅަން ބޭނުން ނަމަ، މިނިސްޓްރީން ކުރާ އާންމު އިއުލާނުގައި އެފަދަ ށަރުތެެއް ކަނޑައެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

10-4 ވަނަ މާއްދާ - ކުއްޔަށްދެވޭނެ ފަރާތްތައް (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

ފަޅުރަށެއް ނުވަތަ ރަށަކާ ގުޅިފައިނުވާ ފަޅެއް ނުވަތަ ކަނޑުގެ ސަރަހައްދެއް ކުއްޔަށް ދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

(ހ) ދިވެހި ރައްޔިތަކަށް؛ ނުވަތަ

(ށ) އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށް؛ ނުވަތަ

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ފޮރިން އިންވެސްޓްމަންޓް ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އަކަށް.

 

10-5 ވަނަ މާއްދާ - ކުލީގެ އަދަދާއި، ކުލި ދެއްކުން (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ކުއްޔަށް ދޫކުރެވޭ ސަރަހައްދުގެ ކުއްޔާއި ޖޫރިމަނާއާއި އެނޫންވެސް ފައިސާ ދައްކާނ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށެވެ.

(ށ) އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށްދޭ ފަޅުރަށްރަށުގެ ބިމުގެ އެންމެ ދަށް ކުއްޔަކީ އަހަރަކަށް، ކުއްޔަށް ދޫކުރެވޭ ބިމުގެ އަކަފޫޓަކަށް 10 (ދިހައެއް) ލާރިއެވެ.

(ނ) އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުރަށާއެކު، ދެވޭ ފަޅުގެ ސަރަހައްދުގައި އާމްދަނީ ލިބޭ އެއްވެސް މަސައްކަތެއް ކުރާ ނަމަ، އެ މަސައްކަތެއް ކުރާ ސަރަހައްދުގެ އެންމެ ދަށް ކުއްޔަކީ އަހަރަކަށް، އަކަފޫޓަކަށް 5 (ފަހެއް) ލާރިއެވެ.

(ރ) އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށްދޫކުރާ ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަހައްދުތަކާއި ކަނޑުގެ ސަރަހައްދުތަކުގެ އެންމެ ދަށް ކުއްޔަކީ އަހަރަކަށް، އަކަފޫޓަކަށް 5 (ފަހެއް) ލާރިއެވެ.

(ބ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުގެ އަހަރީ ކުލި ދައްކަންވާނީ އެއްވަރުގެ 4 (ހަތަރެއް) ޕޭމަންޓަށް ބަހައިލައިގެން ކަލަންޑަރު ކުއާޓަރުގެ އުސޫލުންނެވެ. އެގޮތުން، ކޮންމެ ކުއާޓަރެއް ފެށުމުގެ ކުރިން، އެ ކުއާޓަރުގެ ކުލި ދައްކައި ހަލާސްކުރަންވާނެއެވެ. އަދ،ި ކުލީގެ އަހަރު ގުނަން ފަށާނީ، ކޮންމެ މާލާދީ އަހަރެއްގެ ޖަނަވަރ މަހުގެ 1 އިން ފެށިގެން ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށެވެ.

 

10-6 ވަނަ މާއްދާ - އިކުއިޒިށަން ފީ (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

އެކުއަކަލްޗަރކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް އިކުއިޒިށަން ފީ އަކާ ނުލައި ކުއްޔަށް ދޫކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

10-7 ވަނަ މާއްދާ - ގްްރޭސް ޕީރިއަޑެއް ދިނުން (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

ކުއްޔަށް ދޫކުރާ ސަރަހައްދުގެ ފުރަތަމަ 36 (ތިރީސް ހައެއް) މަސްދުވަހުގެ ކުލި ދައްކަންނުޖެހޭގޮތަށް ހަމަޖެއްސުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

10-8 ވަނަ މާއްދާ - ކުލިނުދައްކައިގެން ދައްކަންޖެހޭ ޖޫރިމަނާ (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދަކަށް، މި ގަވާއިދާއި، ކުލީގެ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާ ނަމަ، ކުލީގެ ފައިސާ ދައުލަތަށް ދެއްކުމާ ހަމަޔަށް، ކުލި ނުދައްކާ އޮތް މުއްދަތުގެ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސަންތަ) ގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ. މި މާއްދާގެ ބޭނުމަށް ޓަކައި، ކުލި ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ހިސާބުކުރާނީ، ކުލި ނުދައްކާ އޮތް ކޮންމެ ކުއާޓަރަކަށް ވަކިންނެވެ.

(ށ) ކުއްޔަށް ދިނުމުގެ އެއްބަސްވުން އެއްވެސް ސަބަބަކާހުރެ ބާތިލުވެއްޖެ ނަމަ ނުވަތަ ނިމުމަކަށް އައިސްފައިވާ ނަމަ، އެ އެއްބަސްވުން ބާތިލުވާ ދުވަހުން ފެެށިގެން ނުވަތަ ނިމުމަކަށް އައި ދުވަހުން ފެށިގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ހިނގުން ހުއްޓުމަކަށް އަންނާނެއެވެ.

 

10-9 ވަނަ މާއްދާ - ކުލި ނުދެއްކުމުން، ކުއްޔަށް ދީފައިވާ ސަރަހައްދު ވަކިކުރުން (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ކުއްޔަށް ދީފައިވާ ސަރަހައްދުގެ ކުލ،ި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން، ކުލި ދައްކަންޖެހޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކޮށްފައި ނުވާ ނަމަ، އެ ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށް، ކުއްޔަށް ހިފައިފައިވާ ފަރާތަށް، ލިޔުމުން ނޯޓިސް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިހުގެ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކޮށްފައި ނުވާ ނަމަ، އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބަސްވުން ބާތިލުކުރާ ހާލަތެއްގައި، ކަމާބެހޭ ގާނޫނާއި ގަވާއިދާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން އަމަލުކުރަމުންދާ އުސޫލަކާ އެއްގޮތަށް، ކުއްޔަށް ހިފާ ފަރާތުން ނުދައްކާ ހުރި ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

10-10 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާސަރަހައްދުތައްމޮނިޓަރކުރުން (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ކުއްޔަށް ދިނުމުގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދާކަން ބެލުމަށާއި، އެ ތަނުގައި ހިންގާ ހަރަކާތްތަކާއި އެ ތަނުގެ ވެށީގެ ހާލަތު ވަޒަންކުރުމަށް ޓަކައި، މިނިސްޓްރީން އެ ތަންތަން މޮނިޓަރ ކުރަންވާނެއެވެ. މިގޮތުން، ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނޭ އިންވެސްޓްމަންޓް ޕްލޭނާއި، ވޯކް ޕްލޭނާއި، ޕްރޮޑަކްށަން ޕްލޭނާއި އެނޫންވެސް އެހެން ޕްލޭންތަކުގައި ކަނޑައަޅައިފައިވާ ގޮތަށް، އެ ޕްލޭންތައް ތަންފީޒު ކުރަމުންދާކަން މިނިސްޓްރީން ކަށަވަރު ކުރަމުން ގެންދަން ވާނެއެވެ.

(ށ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދު މޮނިޓަރކުރުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖެއްސުމުން، މޮނިޓަރކުރުމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖެއްސުމަކީ ކުއްޔަށް ހިފާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް ހަރަދު ހަމަޖައްސައިދޭންޖެހޭ މޮނިޓަރިންގ ދަތުރުކަމުގައި ބެލެވޭނ އަންނަނިވި ދަތުރުތަކެވެ.

  1. ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދު މޮނިޓަރކުރުމަށް އާންމުކޮށް ކުރާ ދަތުރުގެ ގޮތުގައި އަހަރަކު 2 (ދޭއް) ދަތުރު؛
  2. ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ އިންވެސްޓްމަންޓް ބަދަލުކުރުމުގެ ބޭނުމަށް ނުވަތަ ވިއްކައިލުމުގެ ބޭނުމަށް ކުރަންޖެހޭ މޮނިޓަރިންގ ދަތުރުތައް؛
  3. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެހެނިހެން މޮނިޓަރިންގ ދަތުރުތައް.

 

10-11 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދަށް އަރައި ފޭބުން (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ކުއްޔަށް ހިފައިފައިވާ ފަރާތުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ފަރާތަކުން، ކުއްޔަށް ދީފައިވާ ސަރަހައްދަކަށް އެރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތަކުން، އަންނަނިވި ހާލަތްތަކުގައި، ކުއްޔަށް ދީފައިވާ ސަރަހައްދަކަށް އެރުމަށް ނުވަތަ ވަނުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

  1. މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން؛
  2. މިނިސްޓްރީން އެ ސަރަހައްދަކަށް ވަންނަ ވަނުން؛
  3. ތަންފީޒީ އިދާރާތަކުން އަދާކުރަންޖެހޭ ގާނޫނީޒިންމާއެއް އަދާކުރުމުގެ ގޮތުން؛
  4. މޫސުން ގޯސްވެގެން ނުވަތަ ހާލުގައި ޖެހިގެން ނުވަތަ ކަނޑުމަތީގައި ދިމާވާ ހާދިސާއެއްގައި މީހުުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ޓަކައި ނުވަތަ އެނޫންވެސް ކުއްލި ނުރައްކަލެއްގެ ހާލަތެއްގައ.ި

 

10-12 ވަނަ މާއްދާ - ފަޅުރަށްރަށުން ރުއްގަސް ކެނޑުމާއި ނެގުމާއި އުފުރުމާއި އަދި ފަޅުރަށްރަށުގެ ތިމާވެށްޓާއި ސަގާފީ ތަރިކަ ރައްކައުތެރިކުރުން (ސުރުހީ އާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުން ރުއް ނުވަތަ ގަސް ކަނޑަންވާނީ ނުވަތަ ނަގަންވާނީ ނުވަތަ އެއްތަނުން ތަނެއް ގެންދަންވާނީ، ތިމާވެށި ހިމާޔަތްކުރުމާބެހޭގޮތުން އެކުލަވައިލައިފައިވާ ކަމާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ ތިމާވެށްޓަށާއި ސަގާފީ ތަރިކައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުން ރުއް ނުވަތަ ގަސް ކެނޑުމަށް ނުވަތަ ނެގުމަށް ނުވަތަ އުފުރުމަށް ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންވާ ނަމަ، އެކަން ކުރަންވާނީ، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ކަމާބެހޭ އިދާރާއަކުން އެކަމަށް ލިޔުމުން ހުއްދަ ލިބިގެންނެވެ.

(ނ) ފަޅުރަށުގައި އުފެދިފައިވާ ކުޅިއާއި، ފަލާއި، ޗަސްބިން ފަދަ ގުދުރަތީ ވަސީލތްތަކާއި ސަގާފީ ތަރިކަ ރައްކައުތެރިކޮށް ބެލެހެއްޓުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް މަގުފަހިކޮށްދިނުމަކީ ރަށް ކުއްޔަށް ހިފައިފައިވާ ފަރާތުގެ ޒިންމާއެކެވެ.

 

ބާބު 4 

އެކުއަކަލްޗަރ ކުރުމަށް ފެނުގެ ދިރުންތައް ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން 

 

11 ވަނަ މާއްދާ - އިމްޕޯޓުކުރުން ހުއްދަ ބާވަތްތައް

(ހ) ގުދުރަތީގޮތުން ދިވެހިރާއްޖޭގައި ނޫޅޭ ފެނުގެ ދިރުމެއް އެކުއަކަލްޗަރ ކުރުމުގެ ބޭނުމަށް ދިވެހިރާއްޖެއަށް އެތެރެކުރަން ހުއްދަދެވޭނ،ީ ހަމައެކަނިމި ގަވާއިދުގެ ޖަދުވަލު 1 ގައިވާ " އެކުއަކަލްޗަރ ކުރުމަށް ދިވެހިރާއްޖެއަށްއިމްޕޯޓުކުރުން ހުއްދަ، ފެނުގައި ދިރުއުޅޭ ނޮނ-ްނޭޓިވް ސްޕީށީޒްގެ ލިސްޓު" ގައި ހިމެނޭ ބާވަތްތަކަށެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދެވޭ ބާވަތްތައް އެކުއަކަލްޗަރ ކުރަންވާނ،ީ މޫދު ނުވަތަ ކަނޑުގެ މާހައުލާ އެއްވެސް ގުޅުމެއް ނެތް ގޮތަކަށް، އެއްގަމުގައެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ދިރާސާކުރުމުގެ ބޭނުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައި ނުހިމެނޭ ބާވަތެއ،ް މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހ،ު ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމަށް ހާއްސަ ހުއްދައެއް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

(ރ) ދިވެހިރާއްޖޭގެ މާހައުލުގައި ގުދްރަތީގޮތުން އުޅޭ ފެނުގެ ކޮންމެ ދިރުމެއް ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް އެކުއަކަލްޗަރ ކުރުމަކީ ހުއްދަ ކަމެކެވެ. (އިތުރު ކުރެވިފައި)

 

12 ވަނަ މާއްދާ - އިމްޕޯޓުކުރުން ހުއްދަ ބާވަތްތަކުގެ ލިސްޓަށް އުނިއިތުރު ގެނައުން

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައި ނުވާ ބާވަތެއް ދިވެހިރާއްޖެއަށް އިމްޕޯޓްކުރަން ބޭނުންވާ ފަރާތްތަކުން އެ ލިސްޓަށް އެ ބާވަތެއް އިތުރުކުރުމަށް ބޭނުންވާނަމަ، އިމްޕޯޓުކުރަން ބޭނުންވާ ތާރީހުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިސްޓަށް އުނިއިތުރު ގެނައުމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، ނުވަތަ މިނިސްޓްރީން މި ލިސްޓަށް ބަދަލެއް ގެންނަން ބޭނުންވެއްޖެނަމަ، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރުމަށްފަހ،ު މި ލިސްޓަށް ބަދަލު ގެނައުމުގެ އި ހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

  1. އެ ބާވަތެއް ސަބަބުން ދިވެރިރާއްޖޭގެ ގުދުރަތީ މާހައުލަށާއި ދިރުންތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރުމަށް އެސެސްމަންޓެއްހަދައި، އެ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް (މިޓިގޭށަން މެށަރސް) އާ އެކު އެ ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުން ރައްކައުތެރިކަމުގައި މިނިސްޓްރީއަށް ފެނުން؛ (އިތުރު ކުރެވިފައި)
  2. އެ ބާވަތަކީ އިންވޭސިވް ސްޕީށީޒްއެއް ނުވަތަ އިންވޭސިވް ވުމުގެ ފުރުސަތު އޮތް ބާވަތެއް ކަމުގައި ނުވުން؛ (އިތުރު ކުރެވިފައި)
  3. އާލާކޮށްގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑު މަންފާއެއް ލިއްބައިދޭ ފަދަ ބާވަތެއް ކަމުގައި ވުން. (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ލިސްޓަށް އުނިއިތުރު ގެންނައިރު، ވަކިވަކި ބާވަތްތައް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާއިރު އެ ބާވަތަކަށް ހާއްސަކޮށް ފުރިހަމަކުރަންޖެހޭ އިތުރު އިޖުރާއަތުތައް ނުވަތަ ކަންކަން ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ރ)، (ބ)، (ޅ)، (ކ) (އ)، (ވ) (މި ނަންބަރުތައް އުނި ކުރެވިފައި)

 

13 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ހުއްދައަށް އެދޭ ފަރާތުގެ ށަރުތުތައް

(ހ) މި ގަވާއިދުގެ ދަށުން އިމްޕޯޓު ކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކުގައި އަންނަނިވި ށަރުތުތައް ހަމަވާންވާނެއެވެ.

  1. އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް އޮތް ފަރާތަކަށް ވުން؛
  2. އިމްޕޯޓުކުރާ ބާވަތްތައް މިނިސްޓްރީގެ ކަރަންޓީނު ފެސިލިޓީގައި ނުވަތަ މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ގާއިމުކޮށް އޮޕަރޭޓްކުރާ އެހެން ފެސިލިޓީއެއްގައި ކަރަންޓީނު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވުން. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްފަހު އިމްޕޯޓުކުރުމުގެ އަމަލީ މަސައްކަތް ފަށަންވާނީ، އިމްޕޯޓުކުރުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމަށް މިނިސްޓްރީން ހުއްދަ ދިނުމުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ އިމްޕޯޓް ކުރުމުގެ ހުއްދަ އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - ރާއްޖެއަށް އިމްޕޯޓުކުރާ ފެނުގެ ދިރުން އުފައްދާ ބޭރުގެ ފެސިލިޓީގައި ހުންނަންޖެހޭ މިންގަނޑު 

ފެނުގެ ދިރުން އެތެރެކުރުމުން ރާއްޖޭގެ ތިމާވެށްޓަށް ނުވަތަ ރާއްޖޭގެ ކަނޑުގެ މާހައުލީ ނިޒާމަށް ލިބިދާނެ ގެއްލުމަކުން ރައްކައުތެރިވުމުގެ ގޮތުން ދިވެހިރާއްޖެއަށް ފެނުގެ ދިރުން އެކްސްޕޯޓުކުރާ ހެޗަރީތަކުގައި ނުވަތަ ފެސިލިޓީތަކުގައި އަންނަނިވި ކަންކަން ފުރިހަމަވޭތޯ ކަށަވަރުކުރަންވާނެއެވެ.

(ހ) އެ ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އަދި، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާ (ކޮމްޕްލަޔަންޓް) ހެޗަރީއަކަށް ވުން؛

(ށ) ރާއްޖެއަށް އިމްޕޯޓުކުރާ ފެނުގެ ދިރުމަށް އާންމުކޮށް ޖެހޭ ބަލިތަކަށް ގަވާއިދުން ސްކްރީންކުރާ ހެޗަރީއަކަށް ވުން؛ (އިސްލާހު ކުރެވިފައި)

(ނ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ސްޓޮކުގެ ސިއްހީ އެންމެހައި ރެކޯޑުތައް މިނިސްޓްރީއާ ހިއްސާކުރަން އެއްބަސްވާ ހެޗަރީއަކަށް ވުން.

 

15 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ) އެކުއަކަލްޗަރ ކުރުމަށް ފެނުގެ އެއްވެސް ދިރުމެއް ރާއްޖެއަށް އިމްޕޯޓްކުރުމަށް އެދޭ ފަރާތްތަކުން، ކޮންމެ ށިޕްމަންޓެއް އެތެރެކުރުމަށް ގަސްތުކުރާ ތާރީހުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ކުރިން މިނިސްޓްރީން ހުއްދަ ހޯދަންވާނެއެވެ. މިގޮތަށް ހުއްދައަށް އެދެވޭނީ، ހަމައެކަނި މި ގަވާއިދުގެޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިސްޓުގައި ހިމެނޭ ބާވަތްތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ،އެކުއަކަލްޗަރ ކުރުމަށް ފެނުގެ ދިރުންތައް ރާއްޖެއަށް އިމްޕޯޓް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ތައްޔާރުކޮށް އާންމުކޮށްފައިވާ ފޯމު ނުވަތަ އޮންލައިން އެޕްލިކޭށަން ހުށަހެޅުމަށް މިނިސްޓްރީންގާއިމްކޮށްފައިވާ ނިޒާމް މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެކުއަކަލްޗަރ ކުރުމަށް ފެނުގެ ދިރުމެއް ރާއްޖެއަށް އިމްޕޯޓް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ އެޕްލިކޭށަން ފޯމާއި، އެ ފޯމެއް ހުށަހެޅުމުގައި އަމަލުކުރަން ޖެހޭނެގޮތުގެ ތަފުސީލު،މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ހުއްދަ ދޫކުރުން 

(ހ) މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުމެއް މިނިސްޓްރީއަށް ލިބޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ހުއްދަ ދޫކުރުމާމެދު މިނިސްޓްރީން ނިންމާ ގޮތެއް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެޕްލިކޭށަނަކާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވެއްޖެ ނަމަ، ފޯމު ހުށަހަޅާތާ، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި،އެޕްލިކޭށަން ހުށަހެޅި ފަރާތަށް އެކަން ލިޔުމުން އަންގަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެކުއަކަލްޗަރ ކުރުމަށް ފެނުގެ ދިރުމެއް ރާއްޖެއަށް އިމްޕޯޓް ކުރުމުގެ ހުއްދައަށް އެދިފައިވާ ބާވަތަކާ ބެހޭގޮތުން މިނިސްޓްރީގެ ފަރާތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން، ހުއްދައާމެދު ގޮތެއް ނިންމުމަށް 45 (ސާޅީސް ފަހެއް) ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް މުއްދަތެއް ކަނޑައެޅިދާނެއެވެ.

 

17 ވަނަ މާއްދާ - އިމްޕޯޓުކުރުމަށް ހުއްދަ ދޭ ބަނދަރުތައް

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ފެނުގެ ދިރުން އެތެރެކުރުމުގެ ހުއްދަ ދޫކުރާނީ، މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ބަނދަރުތަކަށް އެކަންޏެވެ. މިގޮތަށް ކަނޑައަޅާ ބަނދަރުތައް، މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މިނިސްޓްރީގެ ފަރާތުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - އިމްޕޯޓުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) ރާއްޖެއަށް އިމްޕޯޓުކުރެވޭ ފެނުގެ ދިރުން ވާންވާނީ، އެ ދިރުން އެކްސްޕޯޓުކުރާ ގައުމުގެ ހެޗަރީއެއްގައި ނުވަތަ ނާސަރީ ފެސިލިޓީއެއްގައި، އެ ސްޓޮކު މަދުވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަކަށް ވަކިކޮށްގެން ބަލަހައްޓައިފައިވާ ދިރުމަކަށެވެ. 
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ތެރޭގައި އިމްޕޯޓް ކުރުމަށް ތައްޔާރުކޮށްފައިވާ ސްޓޮކުގެ ސިއްހީ ހާލަތު މޮނިޓަރކޮށް، އަންނަނިވި މައުލޫމާތު ހިމެނޭ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

  1. ރިފަރެންސް ނަންބަރު؛
  2. ފެސިލިޓީގެ ނަމާއި، އެޑްރެހާއި، އީ މެއިލް އެޑްރެސް؛
  3. އެކްސްޕޯޓް ކުރުމަށް ސްޓޮކު ވަކިކުރި ބާވަތް (ސައިންޓިފިކް ނަމާއި އާންމު ނަން)، އަދަދު، އެވްރެޖް ސައިޒާއި ދިރުމުގެ މަރުހަލާ؛
  4. އެކްސްޕޯޓް ކުރުމަށް ސްޓޮކު ވަކިކުރި ތާރީހާއި ނިމުނު ތާރީހު؛
  5. އެކްސްޕޯޓް ކުރުމަށް ސްޓޮކް ވަކިކޮށްފައި ބެހެއްޓި މުއްދަތުގެ ތެރޭގައި އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނުނު ނަމަ، އެކަމުގެ ތަފުސީލު؛
  6. ރާއްޖެއަށް އިމްޕޯޓުކުރެވޭ ފެނުގެ ދިރުމުގައި އެ ދިރުމަކަށް އާންމުކޮށް ޖެހޭ ބައްޔެއް ނެތްކަން ކަށަވަރުކުރަން ކުރި އިންސްޕެކްށަންތަކާއި ޓެސްޓެއް ހަދައިފައިވާނަމަ، އެ ޓެސްޓުތަކުގެ ނަތީޖާ؛ (އިސްލާހު ކުރެވިފައި)
  7. އެކްސްޕޯޓް ކުރުމަށް ސްޓޮކް ވަކިކޮށްފައި ބެހެއްޓި މުއްދަތުގެ ތެރޭގައި ބައްޔަކަށް ފަރުވާ ކުރުމަށް ނުވަތަ އެނޫން އެހެން ބޭނުމަކަށް ވެސް އެއްވެސް ކެމިކަލެއް ނުވަތަ ބޭހެއް ބޭނުންކުރި ނަމަ،އެ ކެމިކަލް/ބޭސްތަކުގެ ނަމާއި، ކެމިކަލް/ބޭސް ބޭނުންކުރި މިންވަރާއި، ކެމިކަލް/ބޭސް ބޭނުންކުރި ބޭނުމުގެ ތަފުސީލު؛
  8. މޮނިޓަރިންގ ރަނގަޅަށް ފުރިހަމަވިކަމުގެ އިގްރާރު؛ އަދި
  9. ފެސިލިޓީގެ ތައްގަނޑު.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެކަމަށް ބަޔާންކޮށްފައިވާނަމަ، އެ ސްޓޮކް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނުދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

 

19 ވަނަ މާއްދާ - އިމްޕޯޓް ށިޕްމަންޓާއެކު ހުންނަންޖެހޭ ލިޔެކިޔުންތައް

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެކުރާ ދިރުންތައް ރާއްޖެއަށް އެތެރެކުރާ ބަނދަރުގައި، މިނިސްޓްރީން އައްޔަނު ކޮށްފައިވާ ފިށަރީޒް ރޭންޖަރަކު، މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއާ ގުޅިގެން ބަލައި ފާސްކުރަން ވާނެއެވެ.

(ށ) ބަލައި ފާސްކުރުމުގައި، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާ ށިޕްމަންޓް އެއްގޮތްތޯ ބަލައިފައި، އެއްގޮތް ނޫންނަމަ، އެ ށިޕްމަންޓް ހިފެހެއްޓޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓާ ށިޕްމަންޓް ނައްތައިލުމުގެ ނުވަތަ ރީއެކްސްޕޯޓްކުރަން އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން ނައްތައިލުމަށް ނުވަތަ ރީއެކްސްޕޯޓް ކުރުމަށް ދާ ހަރަދު ދޭންވާނީ އެ ދިރުމެއް އެތެރެކުރި ފަރާތަކުންނެވެ.

(ރ) އެތެރެކުރެވޭ ދިރުންތައް، ބޯޑަރ އިންސްޕެކްށަން ސަރަހައްދުގައި ބަލައި ފާސްކުރުމަށްފަހު، ށިޕްމަންޓް ސީދާ ގެންދަންވާނީ ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވާ ފެސިލިޓީއަށެވެ.

 

20 ވަނަ މާއްދާ - ކަރަންޓީނު ކުރުން

(ހ) އެކުއަކަލްޗަރ ކުރުމުގެ ބޭނުމަށް މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖެއަށް އެތެރެކުރާ ފެނުގެ ހުރިހާ ދިރުމެއް ދައުލަތުގެ ކަރަންޓީނު ފެސިލިޓީއެއްގައި ނުވަތަ މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން އޮޕަރޭޓްކުރާ އަމިއްލަ ކަރަންޓީނު ފެސިލިޓީއެއްގައި އެ ބާވަތަކަށް ހާއްސަކޮށް ކަނޑައަޅާ ކަރަންޓީނުގެ މުއްދަތުގައި ކަރަންޓީނު ކުރަންވާނެއެވެ. މިގޮތަށް ކަރަންޓީނު ކުރުމުގެ ހުރިހާ ހަރަދެއް ބަލަހައްޓަންވާނ،ީ އެ ދިރުމެއް ދިވެހިރާއްޖެއަށް އެތެރެކުރާ ފަރާތުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ރ) ގެ ދަށުން އިމްޕޯޓުކުރާ ދިވެހިރާއްޖޭގެ މާހައުލުގައި ގުދުރަތީގޮތުން އުޅޭ ފެނުގެ ދިރުމެއް ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ހާލަތުގައި ވެސް މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރާ ފެނުގެ ދިރުން ކަރަންޓީނު ކުރުމުގައި އަމަލު ކުރަންވާނެ ގޮތާއި، ކަރަންޓީނުކޮށްފައި ބަހައްޓާނެ މުއްދަތު، މި ގަވާއިދުގެ ޖަދުވަލު 3 "ކަރަންޓީނު ފެސިލިޓީތައް ހުންނަންޖެހޭނެ މިންގަނޑުތަކާއި، ކަރަންޓީނު ކުރުމުގައި އަމަލުކުރަންވީ ގޮތް (ކަރަންޓީނު ޕްރޮޓޮކޯލް)" ގައި އެވަނީއެވެ. (އިސްލާހު ކުރެވިފައި)

 

21 ވަނަ މާއްދާ - ކަރަންޓީނު ކުރެވޭ ތަކެތި ނައްތައިލުން

(ހ) ރާއްޖޭގެ މާހައުލީ ނިޒާމަށާއި އިންސާނުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ބައްޔެއް ނުވަތަ އެފަދަ ބައްޔެއްގެ ނިށާނެއް ކަރަންޓީނުގެ މުއްދަތުގައި ފެނިއްޖެނަމަ، ލަސްނުކޮށް އެކަން މިނިސްޓްރީއަށް އަންގައި، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ނައްތައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދިރުމެއް ނައްތައިލާ ހާލަތުގައި މިނިސްޓްރީން އެ ފަރާތަކަށް އެއްވެސް ބަދަލެއް ދޭކަށެއް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދިރުމެއް ނައްތައިލާ ހާލަތުގައި އެ ދިރުމެއް ނައްތައިލަންވާނީ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައެވެ.

(ރ) ކަރަންޓީނު ކުރެވޭ ބާވަތެއް ނައްތައިލަން ޖެހިއްޖެ ހާލަތުގައި އެކަން ކުރަންވާނީ އިންސިނަރޭޓް ކޮށްގެންނެވެ.

 

 

ބާބު 5

އެކުއަކަލްޗަރ ކުރާ ތަންތަނުގައި އާލާކުރާ ދިރުމުގެ ސިއް ހަތު ދެމެހެއްޓުން

 

22 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރާ ދިރުންތަކަށް ޖެހޭ ބަލިތައް އިއުލާނު ކުރުން

އެކުއަކަލްޗަރ ކުރާ ދިރުންތަކަށް ޖެހޭ ބަލިތަކުގެ ލިސްޓެއް މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އަދި ރާއްޖޭގައި އެކުއަކަލްޗަރ ކުރާ ބާވަތްތަކަށް އަލަށް ތައާރަފުވާކަމަށް މި ބާވަތްތައް އެކުއަކަލްޗަރ ކުރާ އެހެން ތަންތަނުގައި ރެކޯޑުވެ،ބަޔޯސެކިއުރިޓީއާއި ފެނުގެ ދިރުމުގެ ސިއްހަތު ދެމެހެއްޓުމަށް މަސައްކަތްކުރާ ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ގެނެވޭ ބަދަލު ހިމެނުމަށް މުރާޖައާ ކުރެވޭ ލިސްޓަކަށް މި ލިސްޓު ވާންވާނެއެވެ. 

 

23 ވަނަ މާއްދާ - ބަލި ރިޕޯޓްކުރުން

އެކުއަކަލްޗަރ ކުރާ ދިރުމަކުން އެއްވެސް ބައްޔެއް ނުވަތަ ބައްޔެއްގެ އެއްވެސް ނިށާނެއް ފެނިއްޖެނަމަ، ނުވަތަ އެކުއަކަލްޗަރ ކުރާ ބާވަތެއް އާދަޔާ ހިލާފަށް ގިނައިން މަރުވާން ފަށައިފިނަމަ، ލަސްނުކޮށް މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

 

24 ވަނަ މާއްދާ - ވޭސްޓް ޑިސްޗާޖް 

އާންމުގޮތެއްގައި ބޭރުކުރެވޭ ކުނިބުނީގެ ތެރޭގައި ހުންނަ އަމިއްލަ ޒާތުގައި ނެތިގެންދާ ގެވެށި ކުންޏާއި (ބަޔޯޑިގްރެޑަބަލް ހައުސްހޯލްޑް ވޭސްޓް)، އެކުއަކަލްޗަރ ކުރާ ތަނަކުން އުފައްދާ އެހެން ކުނިބުނި ނައްތައިލަންވާނީ ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) އެކުއަކަލްޗަރ ފެސިލިޓީއަކުން ބައްޔެއް ފާހަގަކުރެވިގެން އެ ބައްޔަށް ފަރުވާކުރުމަށް އެއްވެސް ބޭހެއް ނުވަތަ ކެމިކަލެއް ބޭނުންކުރަން ޖެހިއްޖެ ހާލަތުގައި، އެ ފެސިލިޓީން ބޭރުކުރާ ފެން، މިނިސްޓްރީން ކަނޑައަޅާ މިންވަރަކަށް ޓްރީޓްކޮށްފައި މެނުވީ ރާއްޖޭގެ ގުދުރަތީ ވެށްޓަށް ދޫކޮށްގެން ނުވާނެއެވެ.

(ނ) ތިރީގައިވާ ފެންވަރަށް ސާފުކުރުމަށް ފަހުގައި މެނުވީ، އެކުއަކަލްޗަރ ކުރާ އެއްވެސް ތަނަކުން އެކުއަކަލްޗަރ ކުރުމަށް ބޭނުންކޮށްފައިވާ ފެން، ނުވަތަ އެކުއަކަލްޗަރ ކުރާ ދިރުމަކަށް ފަރުވާދިނުމަށް ބޭނުންކޮށްފައިވާ ފެން،ދިވެހިރާއްޖޭގެ ގުދުރަތީ ވެށްޓަށް ދޫކޮށްގެން ނުވާނެއެވެ.؛

  1. ޕީ.އެޗް. 6.0 - 9.0
  2. ސަސްޕެންޑެޑް ސޮލިޑްސް: ކޮންމެ ފެން ލީޓަރެއްގައި 100 (އެއްސަތޭކަ) މިލިގްރާމަށްވުރެ މަދު (100 މިލިގްރާމް ޕަރ ލީޓަރ)؛
  3. ޓޯޓަލް ފޮސްފަރަސް: ކޮންމެ ފެން ލީޓަރެއްގައި 5.0 (ސުމެއް ޕޮއިންޓް ފަހެއް) މިލިގްރާމަށްވުރެ މަދު މިންވަރަކަށް؛
  4. ޓޯޓަލް އެމޯނިޔާ ނައިޓްރޮޖަން: ލީޓަރަކަށް 5 (ފަހެއް) މިލިގްރާމަށްވުރެ މަދު؛
  5. (ފަހެއް) ދުވަހުގެ ބަޔޮލޮޖިކަލް އޮކްސިޖަން ޑިމާންޑް: ލީޓަރެއްގައި 50 (ފަންސާސް) މިލިގްރާމަށްވުރެ މަދު؛
  6. ޑިސޯލްވްޑް އޮކްސިޖަން: ލީޓަރެއްގައި މަދުވެގެން 4 (ހަތަރެއް) މިލިގްރާމް.

 

25 ވަނަ މާއްދާ - ކާނާއާއި، ކާނާއާ އެއްކުރާ އެހެނިހެން މާއްދާތައް 

އެކުއަކަލްޗަރ ކުރުމުގައި ބޭނުންކުރާ ކާނާއާއި ކާނާ އެއްކުރާ މާއްދާތައް ވާންވާނީ މިނިސްޓްރީން ގަބޫލުކުރާ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، އެކުއަފީޑް އުފެއްދުމުގެ ހުއްދަ އޮންނަ ފަރާތަކުން އުފައްދާ ކަނާއާއި މާއްދާއަށެވެ.

(ށ) ދިރުން އާލާކުރުމުގައި ބޭނުންކުރުމަށް ރާއްޖޭގައި އުފައްދާ ކާނާއާއި ކާނާއާ އެއްކުރާ މާއްދާތައް ވާންވާނީ ތިރީގައިވާ މިންގަނޑުތަކަށް ފެތޭ ތަކެއްޗަށެވެ:

  1. ހޯމޯން އެކުލެވިގެން ނުވުން؛
  2. މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އެންޓިބަޔޮޓިކްގެ ތެރެއިން، ރާއްޖޭގައި ބޭހާއި ބޭހާ ގުޅުންހުރި މާއްދާތައް ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނަ މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އެންޓިބަޔޮޓިކް ފިޔަވައި އެހެން އެންޓިބަޔޮޓިކް އެކުލެވިގެން ނުވުން؛
  3. ތައްޔާރީ ކާނާއެއް ނަމަ، އެ ކާނާގައި އެކުލެވޭ މާއްދާތައް އެނގޭނެގޮތަށް ލޭބަލް ކޮށްފައިވާ ކާނާއަކަށް ވުން.

 

26 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރާ ތަންތަނުގައި ބޭނުންކުރާ ކެމިކަލާއި ބޭހުގެ ބާވަތްތައް

(ހ) އެކުއަކަލްޗަރ ކުރާ ތަންތަނުގައި ބައްޔަށް ފަރުވާކުރުމަށް ނުވަތަ ބަލިޖެހުމުން ރައްކައުތެރިކުރުމަށް ނުވަތަ ފެން ސާފުކުރުމަށް ބޭނުންކުރެވޭނީ މި ގަވާއިދުގެޖަދުވަލު 4 ގައި ހިމެނިފައިވާ ބާވަތްތަކެވެ.

(ށ) އެކުއަކަލްޗަރ ކުރާ ދިރުމަށް ފަރުވާ ދިނުމަށް އެއްވެސް ހާލަތެއްގައި މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އެންޓިބަޔޮޓިކް ފިޔަވައި އެހެން އެންޓިބަޔޮޓިކެއް ބޭނުންކުރުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ލިސްޓުގައި ހިމެނޭ ކެމިކަލްތައް ބޭނުންކުރަންވާނީ، ބޭހާއި ބޭހުގެ މާއްދާތައް ރެގިއުލޭޓްކުރާ މުއައްސަސާއިން ކަނޑައަޅާ ރައްކައުތެރިކަމުގެ މިންގަނޑުތަކާއި، އެ ބާވަތެއް އުފައްދައިފައިވާ ފަރާތުން ކަނޑައަޅައިފައިވާ ޑޯސޭޖާ އެއްގޮތަށް، ނުވަތަ ފަރުވާދޭ ބައްޔަށާއި ބަލިޖެހިފައިވާ ބާވަތަށް ރިއާޔަތްކޮށް އެކުއަކަލްޗަރ ކުރުމުގެ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްގައި އެ ކެމިކަލެއް ނުވަތަ ބޭހެއް ބޭނުންކުރުމަށް ލަފާދީފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ.

 

27 ވަނަ މާއްދާ - އެކުއަކަލްޗަރ ކުރާ ތަންތަނުގައި ފެތުރޭ ބަލި ނައްތައިލައި، ބަލި ކޮންޓްރޯލް ކުރުން

(ހ) އެކުއަކަލްޗަރ ކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރި ފެނުގެ ދިރުމަށް އާންމުކޮށް ޖެހޭ ބަލިތަކުގެ ތެރެއިން ބައްޔެއް ނުވަތަ އެ ބައްޔެއްގެ ނިށާނެއް ފެނިއްޖެ ހާލަތެއްގައި އެކަމުގެ ބޮޑުކުޑަމިނަށް ބަލައި އެކުއަކަލްޗަރކުރާ ތަން ނުވަތަ އެ ތަނުން ބައެއް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަރަންޓީނުކޮށްފައި ބެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ށ) އެކުއަކަލްޗަރ ކުރާ ތަނެއް ކަރަންޓީނުކޮށްފައި ބެހެއްޓުމުގެ މުއްދަތުގައި ފަރުވާދީގެން ކޮންޓްރޯލް ކުރެވޭ ފަދަ ބަލިތަކަށް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ފަރުވާކޮށް ބަލި ކޮންޓްރޯލް ކުރުމަށް، ލައިސަންސް ލިބިފައިވާ ފަރާތުން މަސައްކަތް ކުރަންވާނެއެވެ. އަދި ފަރުވާ ނުދެވިއްޖެ ހިނދެއްގައި، ބަލިޖެހިފައިވާ ސްޓޮކް ނައްތައިލައި، އެ ދިރުންތައް ގެންގުޅުނު ތަނުންނާއި ބޭނުންކުރި އާލާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ކަރަންޓީނު ފެސިލިޓީގައި ބޭނުންކުރާ އާލާތުން ޖަރާސީމު ނައްތައިލާނެގޮތްތައް ކަނޑައަޅައިފައިވާ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތަށް ޖަރާސީމު ނައްތައިލަންވާނެއެވެ.

(ނ) އެކުއަކަލްޗަރ ކުރާ ތަނެއްގައި ފެތުރޭ ބައްޔަކީ އިންސާނުންގެ އާންމު ސިއްހަތައް ނުރައްކައު ވެދާނޭ ފަދަ ބައްޔެއް ނަމަ، ބަލީގެ ތަފުސީލާއި، ބައްޔަށް ފަރުވާކުރުމަށް އެޅި ފިޔަވަޅުތަކާއި، ބަލި ކޮންޓްރޯލް ކޮށް، ތަނުގައި މަސައްކަތްކުރާ ފަރާތްތައް ބަލިން ރައްކައުތެރި ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު، އާންމު ސިއްހަތާ ގުޅުންހުރި އެންމެހައި ކަންކަން ބަލަހައްޓާ މުއައްސަސާތަކާ ހިއްސާކުރުން.

 

ބާބު 6

މައުލޫމާތު ބެލެހެއްޓުމާއި، މައުލޫމާތު ދިނުން

 

28 ވަނަ މާއްދާ - ފެނުގެ ދިރުންތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި އެއްކުރެވޭ މައުލޫމާތް

(ހ) "އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް" ލިބިފައިވާ ފަރާތްތަކުން ލައިސަންސްގެ ދަށުން ކުރާ މަސައްކަތާ ގުޅޭ މައުލޫމާތު ފުރިހަމަޔަށް ރެކޯޑްކޮށް ބަލަހައްޓަންވާނެއެވެ.

(ށ) އެކުއަކަލްޗަރ ކުރާ ފަރާތްތަކުން ކުރާ އެކުއަކަލްޗަރއާ ބެހޭ މައުލޫމާތު އެއްކުރުމަށް މިނިސްޓްރީން ތައްޔާރުކޮށް އެކުއަކަލްޗަރ ލައިސަންސް ނަގައިފައިވާ ފަރާތަށް ދޫކޮށްފައިވާ ލޮގްފޮތުގައި ހިމެނޭ މައުލޫމާތުތައް،އެކުއަކަލްޗަރ ލައިސަންސް ނަގައިފައިވާ ފަރާތުން ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، މިނިސްޓްރީއަށް އެ މައުލޫމާތު ފޮނުވަންވާނެއެވެ.

(ނ) "އެކުއަކަލްޗަރ ތަޖުރިބާކުރުމުގެ ލައިސަންސް" ގެ މުއްދަތުގައި މަށްރޫއު ކުރިޔަށްދާ ގޮތުގެ ރިޕޯޓެއް، ކޮންމެ 3 (ތިނެއް) މަހަކުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. މަށްރޫއު ކުރިޔަށްދާ ގޮތް ރިޕޯޓުކުރާނެ ގޮތުގެ ތަފުސީލު،

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގައި މިނިސްޓްރީގެ ވެބްސައިޓުގައި 
އާންމުކުރަންވާނެއެވެ. 
(ރ) މައުލޫމާތު ދޭ ފަރާތްތަކުން، މިނިސްޓްރީއަށް ދޭ ނުވަތަ ފުރިހަމަކޮށްދޭ ނުވަތަ މިނިސްޓްރީއަށް ދިނުމަށް ޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މައުލޫމާތަކީ ތެދު، ފުރިހަމަ މައުލޫމާތު ކަމަށް ވާންވާނެއެވެ. އަދި މިގޮތުން ދޭ އެއްވެސް މައުލޫމާތަކީ ދޮގު މައުލޫމާތު ކަމުގައި ނުވަތަ ސައްހަ ނޫން މައުލޫމާތުކަމުގައި ވެގެން ނުވާނެއެވެ.

 

29 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުމާއި މައުލޫމާތު ދިނުން

(ހ) އެކުއަކަލްޗަރ ކުރާ ދިރުމުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މަގުފަހިކުރުމަށް ޓަކައި އެކުއަކަލްޗަރ ލައިސަންސްގެ ދަށުން މަސައްކަތްކުރާ ތަންތަނަށް ދިރުން ސްޓޮކް ކުރުމުން ފެށިގެން އެ ދިރުން ވިއްކައިލުމާ ހަމަޔަށް ނުވަތަ ނައްތައިލުމާ ހަމަޔަށް އެކި މަރުހަލާގައި މަރުވާ ތަކެތީގެ ފުރިހަމަ މައުލޫމާތާއި، ފާހަގަކުރެވޭ ބަލީގެ ނިށާންތަކާއި، ބައްޔަކަށް ޓެސްޓެއްކޮށްފައިވާ ނަމަ އެ ޓެސްޓެއްގެ ނަތީޖާއާއި، ދިން ފަރުވާއާއި، މިނޫންވެސް ބަލިތަކާއި ބަލިތައް ކޮންޓްރޯލްކުރުމާ ގުޅުންހުރި އެހެން މުހިންމު މަ އުލޫމާތުގަވާއިދުން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބެލެހެއްޓުން ލާޒިމުކުރާ ރެކޯޑްތައް މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އެކުއަކަލްޗަރ ލައިސަންސްގެ ވެރިފަރާތުން މިނިސްޓްރީއަށް ދޭންވާނެއެވެ.

 

ބާބު 7

ފިޔަވަޅު އެޅުން

 

30 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުން ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި،އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގެ ށަރުތުތަކާ ހިލާފުވުންބެލެވޭނީ ކުށެއްގެ ގޮތުގައެވެ.

(ށ) މި ގަވާއިދުގެ ދަށުން ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކުރުމަށް ކަނޑައަޅައިފައިވާ އެއްވެސް ކަމެއް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތްނޫން އެހެން ގޮތަކަށް ނުވަތަ އެ ގޮތާ ހިލާފު ގޮތަކަށް ކޮށްފިނަމަ، މި ގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނޑައަޅައި، އެ ކުރި ކަމަކާމެދު މި މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގައި ބަލާނީ، ގަވާއިދާ ހިލާފަށް ކޮށްފައިވާ ކޮންމެ ކަމަކީ ވަކި ކުށެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނީ، ގަވާއިދު ނަންބަރު 2020-74 (މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުމާބެހޭ ގަވާއިދު) ގައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ނުވަތަ އިދާރީ ފިޔަވަޅު އެޅޭ ހަރަކާތްތަކަށް ފިޔަވަޅު އަޅާނީ، މި ގަވާއިދުގެ ޖަދުވަލު 5 އާއި ޖަދުވަލު 6 ގައިވާ ގޮތުގެ މަތިންނެވެ.

(ބ) ކުުއްޔަށް ދިނުމުގެ އެއްބަސްވުމާ ހިލާފުވެގެން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާކުރުމަކީ ނުވަތަ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެނޫންވެސް ފިޔަވަޅެއް އެޅުމަކީ، މި މާއްދާގެ ދަށުން އިދާރީ ފިޔަވަޅެއް އެޅުމަށް ހުރަސްއަޅާނެ ކަމެއް ނޫނެވެ. (އިތުރު ކުރެވިފައި)

 

 

ބާބު 8

މާނަކުރުން

 

31 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް، އެ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަންހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތުހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވަޒީރަށެވެ.

(ނ) "ކަނޑު" ކަމަށް ބުނެފައި އެވަނީ، ފަރާއި، ފަޅާއި، ގިރިއާއި، ހަލާއި، ތިލަޔާއި، ކަނޑުއޮޅިއާއި، އަތޮޅު ބޭރުގައިވާ ލޮނުފެނުގެ މާހައުލަށެވެ.

(ރ) "މޫދު" ކަމަށް ބުނެފައި އެވަނީ، ރަށެއްގެ ގޮނޑުދޮށުން ފެށިގެން ކަނޑުތޮށްޓާ ދެމެދުގައިވާ ފަޅުގެ ސަރަހައްދަށެވެ.

(ބ) "ފެން" ކަމަށް ބުނެފައި އެވަނީ، ލޮނުގެ އަސަރު އެއްވެސް މިންވަރަކަށް ނެތް ފެނަށާއި، އެކި މިންވަރަށް ލޮނުގެ އަސަރު ހުންނަ ފެނަށެވެ.

(ޅ) "ފެނުގެ ދިރުން" ކަމަށް ބުނެފައި އެވަނީ، ފެނުގެ މާހައުލުތަކުގައި ދިރިއުޅޭ ދިރުމުގެ ވައްތަރުތަކަށެވެ.

(ކ) "ދިރުން" ކަމަށް ބުނެފައި އެވަނީ، ފުރާނަ ހުންނަ ހާލަތުގައިވާ ދިރޭ އެއްޗެހީގެ ވައްތަރުތަކަށާއި، އެ ވައްތަރުތައް ކަޑައްތުކުރާ އެންމެހައި މަރުހަލާތަކަށެވެ.

(އ) "އާލާކުރުން" ކަމަށް ބުނެފައި އެވަނީ، އިންސާނުންގެ ބެލުމާއި، ބެލެހެއްޓުމާއި، އަޅައިލުމުގެ ދަށުން ދިރުންހުރި ތަކެތި ވިއްސުމާއި ގިނަކުރުމާއި ނުވަތަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތަށެވެ.

(ވ) "އެކުއަކަލްޗަރ ކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 88 ވަނަ މާއްދާގެ (ށ) ގައި އެކުއަކަލްޗަރ ކުރުން ކަމަށް ބުނެފައިވާ އެންމެހައި ކަންކަމަށެވެ.

(މ) "ތަޖުރިބާކުރުން" ކަމަށް ބުނެފައި އެވަނީ، ކަމެއް އަމަލީގޮތުން ކޮށްގެން،ނުވަތަ އަޖުމަބަލައިގެން، ނުވަތަ ތަހުލީލުކޮށްގެން މައުލޫމާތު ހޯދުމަށެވެ.

(ފ) "އިންވޭސިވް ސްޕީށީޒް" ކަމަށް ބުނެފައި އެވަނީ، އެ މާހައުލަކުން އާންމުކޮށް ނުފެންނަ، އެފަދަ މާހައުލަކަށް އެ ބާވަތެއް ތައާރަފު ވެއްޖެނަމަ ތިމާވެށްޓަށް ނުވަތަ އިގްތިސާދަށް ނުވަތަ އިންސާނުންގެ އާންމު ސިއްހަތައް ނޭދެވޭ އަސަރު ފޯރާނެ ފަދަ މިންވަރަކަށް އާލާވުމުގެ ގާބިލުކަން ލިބިފައިވާ ބާވަތްތަކަށެވެ.

(ދ) "ބަޔޯސެކިއުރިޓީ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ކަނޑުތަކުގެ މާހަ އުލުގައި އުޅޭ ދިރުން، ގެއްލުންދެނިވި ބަޔޮލޮޖިކަލް ބާވަތްތަކުން، ނުވަތަ މިފަދަ ބާވަތްތައް އުފައްދާ ބަޔޯ ކެމިކަލް މާއްދާތަކުން ރައްކައުތެރިކުރުމަށް އަޅާ ފިޔަވަޅުތަކަށެވެ.

(ތ) "އެކުއަކަލްޗަރއާ ގުޅުން ހުރި ހަރަކާތް" (އުނި ކުރެވިފައި)

(ލ) "މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ތިންވަނަ ބާބާ ގުޅިގެން މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި، ތަރައްގީކުރުމާ ގުޅޭ ޕްލޭނަށެވެ.

(ގ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑު އަދި ހާއްސަ އިގުތިސާދީ ކަނޑަށެވެ.

(ޏ) "ދިވެހިރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށެވެ.

(ސ) "ސަރަހައްދު" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެކުއަކަލްޗަރގެ ބޭނުމަށް ކަނޑައަޅައިފައިވާ ފަޅުރަށްރަށާއި، ރަށަކާ ގުޅިފައިނުވާ ފަޅުތަކާއި އެނޫންވެސް ކަނޑުގެ ސަރަހައްދުތަކަށެވެ. (އިތުރު ކުރެވިފައި)

(ޑ) "ފަޅުރަށް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެކުއަކަލްޗަރގެ ބޭނުމަށް ކަނޑައަޅައިފައިވާ ފަޅުރަށާއި އެ ރަށުގެ ހޭޅިފަށުން ފެށިގެން ވަށައިގެންވާ ފަޅުގެ 500 (ފަސް ސަތޭކަ) މީޓަރުގެ ސަރަހައްދަށް ނުވަތަ ރަށުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދަށެވެ. (އިތުރު ކުރެވިފައި)

(ޒ) "ރަށަކާ ގުޅިފައިނުވާ ފަޅު" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެކުއަކަލްޗަރގެ ބޭނުމަށް ކަނޑައަޅައިފައިވާ ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަހައްދަށެވެ. (އިތުރު ކުރެވިފައި)

(ޓ) "'ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތު އޮންނަ ގޮތެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކޮމިޓީތަކަށެވެ. (އިތުރު ކުރެވިފައި)

(ޔ) "ތަންފީޒީ އިދާރާ" ކަމުގައި ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް އިމިގްރޭށަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށެވެ. (އިތުރު ކުރެވިފައި)

(ޕ) "ކާރިސާ" ކަމުގައި ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލތްތައް ބޭނުންކޮށްގެން ތަހައްމަލް ނުކުރެވޭ ގޮތަށް، އެ ބައެއްގެ އިންސާނ ކެރިކުޅަދާނަކަމަށާއި، މާއްދ ވަސީލތްތަކަށާއި، އިގްތިސާދީ ވަސީލތްތަކަށާއި، ތިމާވެށްޓަށް ގެއްލުންވ،ެ އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ. (އިތުރު ކުރެވިފައި)

(ޖ) "ކުންފުނި" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުންޏަށެވެ. (އިތުރު ކުރެވިފައި)

(ޗ) "ޕާޓްނަރށިޕް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ޕާޓްނަރށިޕަށެވެ. (އިތުރު ކުރެވިފައި)

(ހހ) "ކޯޕަރޭޓިވް ސޮސައިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީ ގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކޯޕަރޭޓިވް ސޮސައިޓީ ތަކަށެވެ. (އިތުރު ކުރެވިފައި)

(ހށ) "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ. (އިތުރު ކުރެވިފައި)

(ހނ) "ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލާއި ސިޓީ ކައުންސިލުތަކަށެވެ. (އިތުރު ކުރެވިފައި)

 

 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

1 ޖަދުވަލު

އެކުއަކަލްޗަރ ކުރުމަށް ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން ހުއްދަ، ފެނުގައި ދިރުއުޅޭ ނޮން-ނޭޓިވް ސްޕީށީޒްގެ ލިސްޓު (ސުރުހީއާއި މުޅި ޖަދުވަލު އިސްލާހު ކުރެވިފައި) 

ސައިންޓިފިކް ނަން 

 އާންމު ދިވެހި ނަން 

އާންމު އިނގިރޭސި ނަން

Holothuria scabra

 ވެލި ހުއިފިލަނޑާ

Sandfish

Penaeus monodon

ޑިންގާ

Giant tiger prawn

Litopenaeus vannamei

ޑިންގާ

 Whiteleg shrimp

 

 

 

ޖަދުވަލު 2

ލައިސަންސް ކުރުމުގެ ފީތަ ކާއި ލައިސަންސު ގެ މުއްދަތުތައް

(ސުރުހީއާއި މުޅި ޖަދުވަލު އިސްލާހު ކުރެވިފައި)

 

ލައިސަންސް ގެ ބާވަތް

ލައިސަންސުގެ މުއްދަތު

ލައިސަންސް ފީ

އެކުއަކަލްޗަރ ތަޖުރިބާކުރުމުގެ ލައިސަންސް

12 މަސްދުވަސް

1،000 ރުފިޔާ

އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް

12 މަސްދުވަސް

2،000 ރުފިޔާ

ކަރަންޓީނު ފެސިލިޓީ ހިންގުމުގެ ލައިސަންސް

12 މަސްދުވަސް

3،000 ރުފިޔާ

 

 

 

ޖަދުވަލު 3

ކަރަންޓީން ފެސިލިޓީތައް ހުންނަންޖެހޭނެ މިންގަނޑުތަކާއި، ކަރަންޓީން ކުރުމުގައި އަމަލުކުރަންވީ ގޮތް

(ކަރަންޓީން ޕްރޮޓޮކޯލް)

 

1. ކަރަންޓީނު ފެސިލިޓީތައް ހުންނަންޖެހޭނެ މިންގަނޑު

(ހ) ފެސިލިޓީއަށް ވަންނަ ފެން ފިލްޓަރ ކުރެވި، އެ ފެނުގައި ހުރުން އެކަށީގެންވާ ޖަރާސީމު ނައްތައިލުމަށްޓަކައި އަލްޓްރާވަޔޮލެޓް (ޔޫވީ) އިން ޓްރީޓްކުރެވެން ހުރުން.

(ށ) ފެސިލިޓީއަށް ވަދެނުކުމެވުން ހަމައެކަނި ފެސިލިޓީ އޮޕަރޭޓް ކުރާ މުވައްޒަފުންނަށް ކޮންޓްރޯލްކުރެވޭ ގޮތަށް، ވަދެނުކުމެވުމަށް ފުޓްބާތެއް ކަޑައްތުކޮށްފައި ވަދެވޭ އެއް ދޮރު ހުރުން؛

(ނ) ފެސިލިޓީއަށް ވައި ދައުރުކުރުމަށް ހަދާ ތަންތަނުގައި (ކުޑަދޮރު، އާނގު ފަދަ ތަންތަން) ދިރޭ ސޫފާސޫތްޕަށް ނުވަދެވޭ ގޮތަށް ދަގަނޑު ނުވަތަ އެނޫންވެސް އެއްޗަކުން ބަންދުކޮށްފައި ހުރުން؛

(ރ) ފެސިލިޓީގައި ޓޭންކުތައް ވަކިވަކިން އޮޕަރޭޓް ކުރެވޭގޮތަށް ހުރުން (މިސާލަކަށް، އެއް ފެން ލައިނަކާއި ކާނަކާ ގުޅައިފައިވީނަމަވެސް ކޮންމެ ޓޭންކެއްވެސް ވަކިވަކިން ބަންދުކުރެވޭގޮތަށް ހުރުން)؛

(ބ) ޓޭންކުތަކުގައި ދައުރުވާ ފެން ބޭނުންކުރުމުގެ ކުރިން ސާފުކުރުމަށް، ފެސިލިޓީން ދުވާލަކު ބޭރުކުރާ ފެނުގެ ނިސްބަތަށް ބަލައި ޖަމާކުރެވޭނޭ ގޮތަކަށް ފަރުމާކޮށްފައިވުން؛

(ޅ) ތަޅުމާއި ފާރުތައް ފެން ލީކުނުވާގޮތަށް ހަދައިފައި ހުރުން އަދި ޖަރާސީމު ނައްތައިލައި ސާފުކުރުމަށް މަގުފަހިވާގޮތަށް ފަރުމާކޮށްފައި ހުރުން (ހޮޅިއާއި އެހެނިހެން ތަކެތި ތަޅުން މަތިން ވީހާވެސް މަދުވާގޮތަކަށް ފަރުމާކުރުން)؛

(ކ) ފެސިލިޓީގައި ކަރަންޓީނު ކުރާ މުއްދަތުގައި ބޭނުންކުރާ ކޮންސިއުމަބަލް ސާމާނާއި، ފެސިލިޓީން މަރުވާ ތަކެތި ނައްތައިލުމަށް، ފެސިލިޓީގެ ކެޕޭސިޓީއާ އެކަށީގެންވާ އިންސިނަރޭޓަރެއް ބެހެއްޓިފައި ހުރުން. މިގޮތަށް ފަރުމާކުރާ ކުނި ނައްތައިލައި އިންސިނަރޭޓްކުރާ ތަންތަން ހުންނަންވާނީ ކަރަންޓީން ކުރާ ތަންތަނާ ވަކިން؛

(އ) ފެސިލިޓީގައި އެއްފަހަރާ ކަރަންޓީން ކުރެވޭ ސްޓޮކްގެ އަދަދަށް ބަލައި، މި މަރުހަލާގައި ސްޓޮކް ބެލެހެއްޓުމަށް ބޭނުންވާ ކާނާ ގުދަންކުރާނެ ތަނެއް ހުރުން؛

(ވ) ފެސިލިޓީގައި ބޭނުންކުރާ އިކުވިޕްމަންޓާއި މެށިނަރީގެ ސްޕެއަރ ޕާރޓްސް ގުދަން ކުރާނޭ ތަނެއް ހުރުން؛

(މ) ފެސިލިޓީގައި ކަރަންޓީން ކުރާ ބާވަތްތަކަށް ޖެހޭ ބަލި ދެނެގަތުމުގެ ގާބިލުކަންހުރި ލެބޯޓަރީއެއް ހުރުން؛ 

(ފ) ބައޯސެކިއުރިޓީ ކަށަވަރުކުރުމަށް ކަރަންޓީނު ފެސިލިޓީއެއްގައި ފުރިހަމަކުރަންޖެހޭކަމަށް މިނިސްޓްރީން އަންގާ އެންމެހައި ކަންކަން.

 

2. ކަރަންޓީނު ކުރުމުގައި އަމަލު ކުރަންވީ ގޮތް (ކަރަންޓީން ޕްރޮޓޮކޯލް)

(ހ) ފެސިލިޓީގައި ބޭނުންކުރާ ފެން

ކަރަންޓީން ފެސިލިޓީގައި ބޭނުންކުރާ ފެނުގެ ސަބަބުން ފެސިލިޓީގައި ކަރަންޓީނު ކޮށްފައިވާ ބާވަތްތަކަށް ނުރަނގަޅު އަސަރުކޮށްފާނޭ ފަދަ ޖަރާސީމު ތައާރަފުވުމުން ރައްކައުތެރިވުމަށްޓަކައި ފެސިލިޓީގައި ބޭނުންކުރާ ފެން ހުންނަންވާނީ ފިލްޓަރ ކުރެވި، އަލްޓްރާވައިލެޓް (ޔޫވީ) އިން ޓްރީޓް ކުރެވިފައެވެ.

 

(ށ) ފެސިލިޓީން ބޭރުކުރާ ފެން

ފެސިލިޓީން ބޭރުކުރާ ފެން (ފެސިލިޓީގައި ކަރަންޓީނު ކުރާ ބާވަތްތައް ރާއްޖެއަށް އެތެރެކުރިއިރު ޕެކްކޮށްފައި ހުރި ފެންވެސް ހިމެނޭ ގޮތަށް) މާހައުލަށް ބޭރުކުރުމުގެ ކުރިން، އޭގައި ހުރުން އެކަށީގެންވާ ޖަރާސީމު ނައްތައިލުމަށް ޓަކައި އެކަށީގެންވާ މިންވަރަށް ޓްރީޓް ކުރަންވާނެއެވެ. މިގޮތުން ޓްރީޓް ކުރުމަށް ތިރީގައިވާ ގޮތްތަކުން ގޮތެއް ހިޔާރުކުރެވިދާނެއެވެ.

  1. ކްލޮރިން ޓްރީޓް ކުރުން: ފެނުގައި ހުންނަ "ސަސްޕެންޑެޑް ސޮލިޑްސް" ވަކިކުރުމަށްފަހު، މަދުވެގެން 200 (ދުއިސައްތަ) ޕާރޓްސް ޕަރ މިލިއަން (ޕީޕީއެމް) ގެ ސޯޑިއަމް ހައިޕޯކްލޯރައިޓް (ބްލީޗް) ގައި މަދުވެގެން 1 (އެކެއް) ގަޑިއިރު ޓްރީޓް ކުރުން. މިގޮތަށް ޓްރީޓްކުރާއިރު ފެންގަނޑު އެއިރޭޓް ކޮށްފައި ބަހައްޓަންވާނެއެވެ. މި މިންވަރަށް ކްލޮރިން ޓްރީޓް ކުރުމަށް ބްލީޗް ބޭނުންކުރާނަމަ، ފެނުގެ ކޮންމެ ލީޓަރަކަށް 1.6 (އެކެއް ޕޮއިންޓް ހައެއް) މިލިލީޓަރ ބްލީޗް ބޭނުންކުރަންވާނެއެވެ. ކްލޮރިން ޓްރީޓްކޮށްފައި ހުންނަ ފެން މާހައުލަށް ދޫކުރުމުގެ ކުރިން ކްލޮރިންގެ ބާރު ކަނޑުވައިލަންވާނެއެވެ. މިގޮތުން އިސްވެ ބަޔާންކުރި މިންވަރަށް ކްލޮރިން އަޅައިފައިވާ ފެނަށް، ކޮންމެ ލީޓަރަކަށް ސޯޑިއަމް ތަޔޯސަލްފޭޓްގެ 1.25 (އެކެއް ޕޮއިންޓް ދޭއް ފަހެއް) ގްރާމް އެޅުމަށްފަހު އެއިރޭޓް ކުރެވިދާނެއެވެ. ކްލޮރިނޭޓް ކުރުމުގެ ރެކޯޑް އެ ފެސިލިޓީއަކުން ބަލަހައްޓަންވާނެއެވެ. މިގޮތުން، ޓްރީޓް ކުރުމަށް ބޭނުންކުރި ކްލޮރިންގެ މިންވަރާއި، ޓްރީޓްކުރި ފެނުގެ ވޮލިއުމާއި، ޓްރީޓްކުރި ވަގުތާއި، ޕީއެޗްއާއި، 1 (އެކެއް) ގަޑިއިރުފަހުން ފެންގަނޑުގައި ކްލޮރިން އެކުލެވިގެންވާ މިންވަރުގެ އިތުރުން ކްލޮރިންގެ ބާރު ކަނޑުވައިލުމަށް ޓަކައި ބޭނުންކުރި ތަޔޯސަލްފޭޓްގެ މިންވަރު ރެކޯޑް ކުރެވެންވާނެއެވެ. ފެސިލިޓީން ބޭރުވާ ފެނުގައި ކްލޮރިންގެ މިންވަރު ހުންނަންވާނީ ލީޓަރަކަށް 2 (ދޭއް) މައިކްރޯގްރާމަށް ވުރެ މަދުންނެވެ.
  2. އަލްޓްރާވައިލެޓް (ޔޫވީ) ޓްރީޓްކުރުން: ޔޫވީ އަލިން އެންމެ އެކަށީގެންވާ މިންވަރަށް ޖަރާސީމު ނައްތައިލުމަށް ޓަކައި، ޔޫވީ ޓްރީޓް ކުރުމުގެ ކުރިން ޔޫވީ ޓްރީޓް ކުރެވޭ ފެނުން ސަސްޕެންޑެޑް ސޮލިޑްސް ވަކިކުރުމަށްޓަކައި ފިލްޓަރ ކުރަންވާނެއެވެ. ޔޫވީ ޓްރީޓްކުރުމަށް ބޭނުންކުރަންވާނީ 280 - 190 ނެނޯމީޓަރ (އެންމެ ރަނގަޅީ 254 ނމ) ގެ އަލި، އެންމެ ދަށްވެގެން 130 މިލިވޮޓް ސެކަންޑް ޕަރ ސްކުއަރ ސެންޓިމީޓަރ (mWs/cm²) ގައި އަލި މި ފޯރުވައިދޭ ކޮމަރށަލް ޔޫވީ ފިލްޓަރެވެ.

 

3. ފެސިލިޓީގައި ބޭނުންކުރާ ސާމާނު

ފެސިލިޓީގައި ގެންގުޅޭ ސާމާނު ފެސިލިޓީން ބޭރަށް ގެންދިޔުމުގެ ކުރިން ނުވަތަ އިތުރު ބުރަކަށް ދިރުން ކަރަންޓީނު ކުރުމުގެ ކުރިން ރަނގަޅަށް ސާފުކޮށް ޖަރާސީމު ނައްތައިލަން ވާނެއެވެ. މިގޮތުން:

(ހ) ޖަރާސީމު ނައްތައިލުމަށް ޓަކައި ކްލޮރީން ފެނުގައި ނުވަތަ ޕޮޓޭސިއަމް އަޔޮޑައިޑް އަޅައިފައިވާ ފެނުގައި މަދުވެގެން 50 (ފަންސާސް) މިނިޓު ބަހައްޓަންވާނެއެވެ.

(ށ) ފެން ސާފުކުރުމަށް ބޭނުންކޮށްފައިވާ ފިލްޓަރ ފަދަ ތަކެތި ނައްތައިލުމަށް ފެސިލިޓީން ބޭރުކުރުމުގެ ކުރިން އޮޓޯކްލޭވް ކުރަންވާނެއެވެ.

(ނ) ދިރުން ރާއްޖެ އެތެރެކުރުމަށް ޓަކައި ޕެކްކުރުމަށް ބޭނުންކޮށްފައިވާ ތަކެއްޗާއި، މަސައްކަތުގައި ބޭނުންކުރާ މާސްކާއި އަންގި ފަދަ ތަކެތި ކުނީގެ ގޮތުގައި ފެސިލިޓީން ބޭރުކުރެވޭނީ ކްލޮރީން ފެނުގައި ނުވަތަ ޕޮޓޭސިއަމް އަޔޮޑައިޑް އަޅައިފައިވާ ފެނުގައި މަދުވެގެން 50 (ފަންސާސް) މިނިޓް ބެހެއްޓުމަށްފަހުއެވެ.

(ރ) ކްލޮރިން ފެން ފެސިލިޓީން ބޭރުކުރަންވާނީ ސޯޑިއަމް ތައޯސަލްފޭޓްއިން ޑީ-ކްލޮރިނޭޓްކޮށްފައެވެ. އަދި ފެސިލިޓީން ބޭރުވާ ފެނުގައި ކްލޮރިންގެ މިންވަރު ހުންނަންވާނީ ލީޓަރަކަށް 2 (ދޭއް) މައިކްރޯގްރާމަށް ވުރެ މަދުންނެވެ.

 

4. ފެސިލިޓީއަށް ވަދެ ނުކުތުން

(ހ) ފެސިލިޓީގައި ބޭނުންކުރުމަށް ހާއްސަކޮށްފައިވާ ފައިވާނާއި، ބޫޓު ފަދަ ތަކެތި، ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތަކަށް ފެސިލިޓީ ހިންގާ ފަރާތުން ފޯރުވައިދޭންވާނެއެވެ. އަދި މިފަދަ ފެސިލިޓީއަށް ހާއްސަ ތަކެތި، ފެސިލިޓީން ބޭރަށް ނެރެވިގެން ނުވާނެއެވެ.

(ށ) ފެސިލިޓީއަށް ވަނުމުގެ ކުރިން ބޫޓާއި ފައިވާނުން ޖަރާސީމު ނައްތައިލުމަށް ތައްޔާރުކޮށްފައިވާ ފުޓްބާތުގައި ހުންނަންވާނީ ކްލޮރީން ނުވަތަ އަޔޮޑީން އެކުލެވިގެންވާ ފެނެވެ. މި ފެންގަނޑު ގަވާއިދުން އައުކުރަންވާނެއެވެ.

(ނ) ފެސިލިޓީގައި ކަރަންޓީނު ކުރެވިފައިވާ ދިރުމުގައި ނުވަތަ އެ ދިރުން ގެންގުޅޭ ފެން ހަށިގަނޑުގެ އެއްވެސް ތަނެއްގައި ހޭކުނުނަމަ ފެސިލިޓީން ނުކުންނަންވާނީ ދެއަތް ނުވަތަ ފެން ޖެހުނު ތަނެއް ދޮވެ ސާފުކުރުމަށްފަހުއެވެ.

 

5. ކަރަންޓީނު ކުރެވޭ ދިރުން ކަރަންޓީނު ފެސިލިޓީއަށް ސްޓޮކް ކުރުމާއި، ކަރަންޓީނު ކުރާ މުއްދަތު

(ހ) ކަރަންޓީނު ކުރެވެނީ އިމްޕޯޓްކުރި ފަރާތް ނޫން އެހެން ފަރާތެއްގެ ކަރަންޓީން ފެސިލިޓީއެއްގައި ނަމަ، ކަރަންޓީނު ކުރެވޭ ދިރުމާ ގުޅޭ އަންނަނިވި ލިޔެކިއުންތައް ހުންނަންވާނެއެވެ.

  1. މިނިސްޓްރީން ދޫކޮށްފައިވާ އެކުއަކަލްޗަރ ކުރުމަށް ފެނުގެ ދިރުން އިމްޕޯޓްކުރުމުގެ ހުއްދަ
  2. ށިޕްމަންޓް ޕެކިންގ ލިސްޓުގެ އަސްލު
  3. އެކްސްޕޯޓުކުރި ގައުމުގައި ކުރި ބޯޑަރ ކަރަންޓީނު ފުރިހަމަކުރިކަމުގެ ސެޓުފިކެޓު
  4. ހެލްތު ސެޓިފިކެޓު

 

(ށ) ކަރަންޓީނު ފެސިލިޓީއަށް ދިރުން ގެނައުމަށްފަހު، ކަރަންޓީނު ކުރެވޭ ޓޭންކުތަކަށް އެޅުމުގެ ކުރިން ދިރުންތަކުގެ ބޭރުފުށަށް އަސަރުކުރާ ޕެރެސައިޓާއި އެނޫންވެސް ޕަނިފަކުސާ ނައްތައިލުމަށްޓަކައި މީރު ފެނުން ޓްރީޓް ކުރަންވާނެއެވެ.

(ނ) އެތެރެކުރެވޭ ދިރުން ކަރަންޓީނު ކޮށްފައި ބަހައްޓަންވީ މުއްދަތު:

  1. ކަސްފާނަ: 14 (ސާދަ) ދުވަސް
  2. ހުއިފިލަނޑާ: 7 (ހަތެއް) ދުވަސް

ކަރަންޓީނުގެ މުއްދަތުގެ ތެރޭގައި ކަރަންޓީނު ކޮށްފައިވާ ދިރުންތަކުގައި އެއްވެސް ބައްޔެއް ހުރިކަމަށް ށައްކުކުރެވޭނަމަ ކަރަންޓީނު ކޮށްފައި ބަހައްޓަންޖެހޭ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ކަރަންޓީނުގެ މުއްދަތުގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބަލިތަކުގެ އެއްވެސް ނިށާނެއް ފެނިއްޖެ ހިނދެއްގައި، ދިރުންތައް އިންސިނަރޭޓުކޮށް ނައްތައިލަންވާނެއެވެ.

 

6. ކަރަންޓީނު ކުރެވޭ ދިރުންތަކުގެ ސިއްހަތު މޮނިޓަރ ކުރުން

(ހ) ކަރަންޓީނުގެ މުއްދަތުގައި ގަވާއިދުން ދިރުންތައް މޮނިޓަރކޮށް ސުޕަވައިޒް ކުރަންވާނެއެވެ. އަދި ކަރަންޓީނު ކޮށްފައިވާ ދިރުންތައް އާދަޔާހިލާފަށް ގިނައިން މަރުވާކަމަށް ފާހަގަކުރެވޭނަމަ ނުވަތަ ބައްޔެއްގެ އަލާމާތެއް ނުވަތަ އާދަޔާ ހިލާފު އެހެން ކަމެއް ވެސް ފާހަގަކުރެވިއްޖެނަމަ، މިނިސްޓްރީން ކަނޑައަޅައިފައިވާ އޮފިށަލަކަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

(ށ) އެ އަލާމާތެއް މެދުވެރިވުމުގެ އަސްލު ހޯދުމަށްޓަކައި ޓެސްޓު ކުރެވެންވާނެއެވެ. މިގޮތަށް ކުރާ ޓެސްޓުތަކުން ބަލިޖެހުން މެދުވެރިވި ސަބަބު ކަށަވަރުނުވާނަމަ ނުވަތަ އެ ބައްޔަކީ ސަމާލުވާންޖެހޭ ޖަރާސީމެއް ނުވަތަ ޕެރެސައިޓެއްގެ ސަބަބުން ޖެހިފައިވާ ބައްޔެއްނަމަ އެތެރެކުރެވުނު ސްޓޮކް އެކުގައި ނައްތައިލަންވާނެއެވެ.

(ނ) ކަރަންޓީނު ކުރެވޭ ދިރުމަށް ފަރުވާ ދިނުމަށްޓަކައި ބޭހާއި ކެމިކަލް ބޭނުންކުރެވޭ ގޮތުގެ ރެކޯޑު ބަލަހައްޓަންވާނެއެވެ.

 

7. މަރުވާ ދިރުން ނައްތައިލުން

(ހ) ށިޕްމަންޓެއް ފެސިލިޓީއަށް ގެންދެވޭއިރު އޭގައި މަސް މަރުވެފައި ހުރިނަމަ، އެ ތަކެތިން ޓެސްޓުތައް ހެދުމަށް ހުއްދަ ލިބިފައިވާ ކެމިކަލެއްގައި ރައްކައުކުރެވިފައި ނުވަތަ ރައްކައުތެރިކަމާއެކު ގަނޑުކޮށްފައި ބަހައްޓަންވާނެއެވެ. މިގޮތަށް ރައްކައުކުރެވޭ ތަކެތީގައި އެ ތަކެތި އެތެރެކުރި ށިޕްމަންޓާއި، ދިރުމުގެ ބާވަތާއި، ސްޓޮކް ކުރި ޓޭންކުގެ ނަންބަރާއި، މަރުވެފައިވާ ތަކެތީގެ ޖުމުލަ އަދަދާއި، އެ ތަކެތި މަރުވި ތާރީހާއި ސާމްޕަލް ރައްކާކުރި ފަރާތް އެނގޭނޭހެން ފާހަގަކޮށްފައި ހުންނަންވާނެއެވެ.

(ށ) ކަރަންޓީނުގެ މުއްދަތުގައި މަރުވާ ދިރުން، ނައްތައިލެވެންދެން ހުންނަންވާނީ މިކަމަށް ހާއްސަކޮށްފައިވާ ޑީޕްފްރީޒަރެއްގައި ރައްކާކުރެވިފައެވެ.

(ނ) ފެސިލިޓީން މަރުވާ ތަކެތި ނައްތައިލަންވާނީ މިނިސްޓްރީގެ ހުއްދަ ލިބުމަށްފަހު، އިންސިނަރޭޓް ކޮށްގެންނެވެ.

8. ކަރަންޓީން މަރުހަލާ ފުރިހަމަވުން

(ހ) ކަރަންޓީނު ކުރެވޭ ދިރުންތަކުން އެއްވެސް ބައްޔެއްގެ އަލާމާތެއް ނުފެނި ކަރަންޓީނު މަރުހަލާ ފުރިހަމަވުމުން، ކަރަންޓީނު މަރުހަލާ ފުރިހަމަކުރިކަމުގެ ސެޓުފިކެޓެއް، އިމްޕޯޓްކުރި ފަރާތަށް ދޫކުރަންވާނެއެވެ.

(ށ) ކަރަންޓީނު މަރުހަލާ ފުރިހަމަކުރުމަށްފަހު، މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ، ކަރަންޓީނު ކުރެވޭ އެއްވެސް ދިރުމެއް ފެސިލިޓީން ބޭރުނުކުރެވޭކަން ފެސިލިޓީ ހިންގާ ފަރާތުން ޔަގީން ކުރަންވާނެއެވެ.

(ނ) ކަރަންޓީނު ފެސިލިޓީން ބޭރުކުރުމުގެ ހުއްދަ ލިބުމުން، ކަރަންޓީނު މަރުހަލާ ފުރިހަމަވެފައިވާ ދިރުން އެކުއަކަލްޗަރގެ ބޭނުމަށް ސްޓޮކް ކުރެވިދާނެއެވެ. މިގޮތަށް ސްޓޮކް ކުރުމަށް ފެސިލިޓީން ބޭރުކުރެވޭ ދިރުން ހުންނަންވާނީ ފިލްޓަރކޮށްފައިވާ ޖަރާސީމު ނައްތައިލެވިފައިވާ ލޮނުފެނުގައެވެ.

(ރ) ކަރަންޓީނުގެ މަރުހަލާ ނިމުމަށްފަހުގައިވެސް ސްޓޮކްކުރެވޭ ދިރުމުގައި ބައްޔެއް ހުރިކަން ކަށަވަރު ކުރެވިއްޖެ ހިނދެއްގައި އެއްވެސް ބަދަލުދިނުމަކާ ނުލައި ކަރަންޓީނު އޮފިށަރެއްގެ ހާޒިރުގައި ސްޓޮކް ނައްތައިލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9. ކަރަންޓީނުގެ މަރުހަލާ ފުރިހަމަކުރުމަށްފަހު ފެސިލިޓީ ސާފުކުރުން

ކަރަންޓީނުގެ މަރުހަލާ ފުރިހަމަ ކުރުމަށްފަހު ކަރަންޓީނު ކުރުމަށް ބޭނުންކުރި ހުރިހައި ޓޭންކުތަކާއި، ހިފާ ގެންގުޅޭ ތަކެއްޗާއި، ފެސިލިޓީގެ ތަޅުން ކްލޮރިން ފެނުން ދޮވެ، ޖަރާސީމު ނައްތައިލަންވާނެއެވެ.

 

10. ރެކޯޑު ބެލެހެއްޓުން

(ހ) ކަރަންޓީން ފެސިލިޓީގައި ސްޓޮކް ކުރެވޭ ދިރުމާ ގުޅޭ ފުރިހަމަ މައުލޫމާތު ބަލަހައްޓަންވާނެއެވެ. ފެސިލިޓީގައި ށިޕްމަންޓާ ގުޅޭ މައުލޫމާތާއި، ށިޕްމަންޓް އެތެރެކުރުމަށްޓަކައި ހުށަހަޅައިފައިވާ އެންމެހައި ހެލްތު ސެޓްފިކެޓުތަކާއި ކަރަންޓީނުގެ މަރުހަލާ ނިންމުމަށްފަހު ދޫކުރެވޭ ހުއްދައިގެ ކޮޕީ ބަލަހައްޓަންވާނެއެވެ. މީގެ އިތުރުން، ކަރަންޓީނު ކުރެވޭ ސްޓޮކާ ގުޅޭ ތިރީގައިވާ މައުލޫމާތު ހުލާސާކޮށްފައި ހުންނަންވާނެއެވެ.

  1. އެކްސްޕޯޓު ކުރާ ފަރާތާއި، ދިރުން އުފައްދައިފައިވާ ގައުމާއި އެއަރވޭ ބިލް
  2. ދިވެހިރާއްޖެއަށް ދިރުން އެތެރެކުރި ތާރީހު
  3. ކަރަންޓީނު ފެސިލިޓީން ދިރުން ދޫކޮށްފައިވާ ތާރީހު
  4. ށިޕްމަންޓުގައި ދިވެހިރާއްޖެ އެތެރެކުރެވުނު ދިރުމުގެ ޖުމުލަ އަދަދާއި ދިވެހިރާއްޖެ އެތެރެކުރުމުގެ މަރުހަލާގައި މަރުވެފައިވާ ތަކެތީގެ ޖުމްލަ އަދަދު؛
  5. ސްޓޮކް ކުރި ޓޭންކުގެ އަދަދާއި، ކޮންމެ ޓޭންކެއްގައި ސްޓޮކްކުރި ދިރުމުގެ އަދަދު؛
  6. ވަކިވަކި ޓޭންކުތަކުގައި ހުރި ދިރުމަކުން ނުވަތަ ދިރުންތަކަކުން، ބައްޔެއްގެ އަލާމާތެއް ފާހަގަކުރެވުނު ނަމަ، ކޮންމެ ޓޭންކެއްގެ މައުލޫމާތު ވަކިން އެނގޭނޭހެން އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު (އަލާމާތް ފެނުނު ތާރީހާއި އަލާމާތުގެ ތަފުސީލާއި، އަލާމާތް ފެންނަން ހުރި ތަކެތީގެ އަދަދު ހިމެނޭގޮތަށް)؛
  7. ކޮންމެ ޓޭންކަކުން މަރުވާ ތަކެތީގެ އަދަދު؛
  8. ހެލްތް ސެޓްފިކެޓެއް ދޫކުރެވިފައިވާ ނަމަ އެކަމާ ގުޅޭ މައުލޫމާތު؛
  9. ބައްޔެއް ހުރިތޯ ބެލުމަށް ޓެސްޓެއް ހަދައިފައިވާނަމަ، އެ ޓެސްޓަކާ ގުޅޭ މައުލޫމާތު؛
  10. ބަލި ހުރިކަން ކަށަވަރުވުމާ ގުޅިގެން، ނައްތައިލެވުނު ދިރުމުގެ ޖުމުލަ އަދަދާއި، އެވްރެޖް ސައިޒާއި، އެ ތަކެތި ނައްތައިލެވުނު ގޮތާ ގުޅޭ ތަފުސީލު މައުލޫމާތު.
  11. ކަރަންޓީނުގެ މަރުހަލާ ފުރިހަމަކުރުމަށްފަހު، ފެސިލިޓީން ދޫކޮށްފައިވާ ދިރުމުގެ ޖުމުލަ އަދަދާއި، ފެސިލިޓީން ދިރުން ދޫކުރި ތާރީހާއި، ދޫކުރި ދިރުން ސްޓޮކް ކުރުމަށް ހަމަޖެހިފައިވާ ތަނާ ގުޅޭ މައުލޫމާތު.

(ށ) ކަރަންޓީން ފެސިލިޓީއަށް، ދިރުން ގެންގުޅޭ ޓޭންކުތަކުގެ ރެކޯޑް، ކޮންމެ ޓޭންކަކަށް ވަކިން ބަލަހައްޓަން ވާނެއެވެ. މިގޮތުން ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަލަހައްޓަންވާނެއެވެ.

  1. ޓޭންކަށް ދީފައިވާ ނަންބަރު؛
  2. ޓޭންކުގައި ސްޓޮކްކޮށްފައިވާ ދިރުމުގެ ޖުމުލަ އަދަދު؛
  3. އެކްސްޕޯޓުކުރި ފަރާތުގެ މައުލޫމާތާއި އެކްސްޕޯޓު ކުރެވުނު ގައުމު؛
  4. ޓޭންކުގައި ދިރުން ސްޓޮކްކުރި ތާރީހު؛
  5. ށިޕްމަންޓު ނުވަތަ އެއަރވޭ ބިލް ނަންބަރު؛
  6. ބައްޔެއްގެ އަލާމާތެއް ފާހަގަކުރެވިފައިވާނަމަ އެކަމުގެ މައުލޫމާތު؛
  7. ޓޭންކުން ކޮންމެ ދުވަހަކު މަރުވާ ދިރުމުގެ އަދަދު؛
  8. ފަރުވާއެއް ދެވިފައިވާނަމަ އެކަމުގެ ތަފުސީލު؛
  9. މަރުވެފައިވާ ތަކެތި ރައްކައުކުރެވިފައިވާ ގޮތުގެ މައުލޫމާތު؛
  10. ޓޭންކު ސާފުކޮށް ޖަރާސީމު ނައްތައިލެވިފައިވާ ގޮތުގެ މައުލޫމާތު.

(ނ) ފެސިލިޓީން ބޭރުކުރާ ފެން ޓްރީޓްކޮށްފައިވާ ގޮތުގެ ތަފުސީލާއި، ފިލްޓަރުތައް ސާފުކުރުމާ ގުޅޭ ނުވަތަ ބަދަލުކުރުމާ ގުޅޭ ތަފުސީލު ބަލަހައްޓަންވާނެއެވެ.

(ރ) ފެސިލިޓީއަށް ވަދެ ނުކުމެވާ ފަރާތްތަކުގެ ލޮގެއް ބަލަހައްޓަންވާނެއެވެ. ފެސިލިޓީއަށް ވަދެނުކުމެވުމުގެ ހުއްދަ އޮންނަންވާނީ، ފެސިލިޓީގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުންނަށެވެ.

 

11. ކޮންޓިންޖަންސީ ޕްލޭން

ފެސިލިޓީއަށް ދިރުން ގެންދިއުމަށް ހާއްސަ އުޅަނދަށް ދަތުރުމަތީގައި ކަމެއް ދިމާވުމާއި، ފެސިލިޓީ ހިންގަމުންދާ މާހައުލުގައި ދިމާވުން އެކަށީގެންވާ ހާއްސަ ހާލަތްތައް ދެނެގަނެ، އެފަދަ ހާލަތެއްގައި އަމަލުކުރާނޭ ގޮތުގެ ޕްލޭނެއް ފެސިލިޓީ ހިންގާ ފަރާތުން ތައްޔާރުކޮށްފައި މިނިސްޓްރީއާ ހިއްސާކޮށްފައި އޮންނަންވާނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްނުކޮށް އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

ޖަދުވަލު 4

އެކުއަކަލްޗަރކުރާ ދިރުމަށް، ފަރުވާދިނުމަށް ބޭނުންކުރުން ހުއްދަ ކެމިކަލްތަކާއި، ބޭހާއި، އެންޓިބަޔޮޓިކްތައް


1. Chloromine-T
2. Formalin
3. Hydrogen peroxide
4. Oxytetracycline hydrochloride
5. Tricaine methanesulphonate
6. Chorionic gonadotropin
7. Florfenicol
8. Oxytetracycline dihydrate

 

ޖަދުވަލު 5

ޖޫރިމަނާ ކަނޑައެޅިފައިވާ މި ގަވާއިދާ ހިލާފު ހަރަކާތްތަކާއި ފިޔަވަޅުތައް (މުޅި ޖަދުވަލު އިސްލާހު ކުރެވިފައި)

 

#

ހަރަކާތް

ޖޫރިމަނާ

ތަކުރާރު ކުށްތަކަށް ޖޫރިމަނާ ކަނޑައެޅުން

1.

އެކުއަކަލްޗަރ ކުރުމުގެ ލައިސަންސް ނެތި އެކުއަކަލްޗަރ ކުރުމުގެ ހަރަކާތެއް ހިންގުން

 5000 ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 5،000 ރުފިޔާ އިތުރުވާނެ. (ގިނަވެގެން 200،000 ރުފިޔާއާ ހަމަޔަށް)

2.

ސައްހަ ލައިސަންސެއް ނެތި ކަރަންޓީނު ފެސިލިޓީއެއް ހިންގުން.

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 5،000 ރުފިޔާ އިތުރުވާނެ. (ގިނަވެގެން 200،000 ރުފިޔާއާ ހަމަޔަށް)

3.

މި ގަވާއިދުގެ ބާބު 6 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް މައުލޫމާތު ނުބެލެހެއްޓުން، އަދި/ނުވަތަ ގަވާއިދުން މިނިސްޓްރީއަށް މައުލޫމާތު ނުފޮނުވުން. 

3،000 (ތިންހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500 (ފަސްސަތޭކަ) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

4.

މި ގަވާއިދުގެ ބާބު 6 ގައި ބަޔާންކޮށްފައިވާ އުސޫލުން މިނިސްޓްރީއަށް މައުލޫމާތު ފޮނުވާއިރު ދޮގު މައުލޫމާތު ނުވަތަ ސައްހަ ނޫން މައުލޫމާތު ފޮނުވުން. 

5،000 (ފަސްހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 (އެއްހާސް) ރުފިޔާ އިތުރުކުރެވޭނ،ެ އަދި 3 ވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، ޖޫރިމަނާކުރުމާއެކު އެ ފަރާތަކަށް ދޫކޮށްފައިވާ އެކުއަކަލްޗަރ ލައިސަންސް ބާޠިލުކުރެވޭން. 

5.

އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގައި ކަނަޑައަޅައިފައިވާ ތަންތަނުގައި އާލާކުރާ ދިރުން، މިނިސްޓްރީގެ ހުއްދަ ނުހޯދައި އެއްތަނުން އަނެއްތަނަށް ބަދަލުކުރުން. 

5،000 (ފަސްހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 (އެއްހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

6.

 ބަލިޖެހިފައިވާ ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަން ފުރިހަމަނުކޮށް އެއްތަނުން އަނެއްތަނަށް ގެންދިޔުން.

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2،000 (ދެހާސް) ރުފިޔާ އިތުރުވާނެ. (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

7.

ބަލިޖެހިފައިވާ ނުވަތަ ބަލީގެ ސަބަބުން މަރުވެފައިވާ ދިރުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ނައްތައިލުން ނުވަތަ ނައްތައިލުމަށް މަސައްކަތް ކުރުން.

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2،000 (ދެހާސް) ރުފިޔާ އިތުރުވާނެ. (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

8.

މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ ބާވަތްތައް ނޫން ބާވަތެއ،ް ހުއްދަ ނެތި އިމްޕޯޓުކުރުން. 

10،000 (ދިހަހާސް) ރުފިޔާ

ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2,000 (ދެހާސް) ރުފިޔާ އިތުރުކޮށް،އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުން.

9.

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ފެނުގެ ދިރުން އިމްޕޯޓުކުރުން ހުއްދަ ނޫން ބަނދަރަކުން ފެނުގެ ދިރުން އެތެރެކުރުން.

10،000 (ދިހަހާސް) ރުފިޔާ

ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2,000 (ދެހާސް) ރުފިޔާ އިތުރުކޮށް،އެކުއަކަލްޗަރ ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުން.

10.

ފެނުގެ ދިރުން އިމްޕޯޓުކުރުމަށް ސައްހަނޫން މައުލޫމާތު ނުވަތަ ދޮގު މައުލޫމާތު ބޭނުންކުރުން. 

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2,000 (ދެހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

11.

އިމްޕޯޓުކުރާ ފެނުގެ ދިރުން ކަރަންޓީނު ނުކޮށް ސްޓޮކް ކުރުން. 

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 2,000 (ދެހާސް) ރުފިޔާ އިތުރުކުރުމާއެކު،ތިންވަނަ ފަހަރު، ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުން. 

12.

މި ގަވާއިދުގެ ޖަދުވަލު 3 ގައި ކަރަންޓީނު ކުރުމަށް ކަނޑައަޅައިފައިވާ އުސޫލުގައިވާ ކަންކަން ފުރިހަމަ ނުކުރުން. 

5،000 (ފަސްހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 (އެއްހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200،000 ރުފިޔާއާ ހަމަޔަށް)

13.

ބައްޔެއްގެ ވާހަކަ ރިޕޯޓު ކުރުމުގައި ނުވަތަ ބަލީގެ އަލާމާތެއް ރިޕޯޓުކުރުމުގައި ލަސްކުރުން. 

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 (އެއްހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200،000 ރުފިޔާއާ ހަމަޔަށް)

14.

އެކުއަކަލްޗަރ ކުރާ ތަންތަނުގައި ބައްޔަށް ފަރުވާކުރުމަށް ނުވަތަ ބަލިޖެހުމުން ރައްކައުތެރިކުރުމަށް ނުވަތަ ފެން ސާފުކުރުމަށް ހުއްދަ ނޫން ކެމިކަލް ބޭނުންކުރުން. 

100،000 (އެއްލައްކަ) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 10,000/ (ދިހަހާސް) ރުފިޔާ އިތުރުކުރުމާއެކު،ތަކުރާރުވާ ތިންވަނަ ފަހަރު، ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުން. 

15.

ޖަދުވަލު 4 ގައި ނުހިމެނޭ ހޯމޯން އަދި/ނުވަތަ އެންޓިބަޔޮޓިކް އެއްކޮށްފައިވާ ކާނާ އެކުއަކަލްޗަރ ކުރުމުގައި ބޭނުންކުރުން. 

50،000 (ފަސްހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 20,000 (ވިހިހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

16.

ކަރަންޓީނު ފެސިލިޓީ ހިންގުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން "އަމިއްލަ ފަރާތްތަކުން ކަރަންޓީނު ފެސިލިޓީ ގާއިމުކޮށް ހިންގުމާ ގުޅޭ މިންގަނޑު" ނުވަތަ ޖަދުވަލު 3 ގައި ކަރަންޓީނު ކުރުމަށް ކަނޑައަޅައިފައިވާ އުސޫލުގައިވާ ކަމަކާ ހިލާފުވުން. 

10،000 (ދިހަހާސް) ރުފިޔާ

ތަކުރާރުވާ ކޮންމެ ފަހަރަކު،އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 5,000 (ފަސްހާސް) ރުފިޔާ އިތުރުވާނެ (ގިނަވެގެން 200,000 ރުފިޔާއާ ހަމަޔަށް)

17.

(މުޅި ނަންބަރު އިތުރު ކުރެވިފައި)

ކުއްޔަށް ދީފައިވާ ސަރަހައްދަކަށް ލިޔުމުން ހުއްދަ ނުހޯދައި އެރުން. 

ކުއްޔަށް ދީފައިވާ ސަރަހައްދަކަށް ހުއްދަ ނުހޯދައި އަރާ ކޮންމެ ފަރާތެއް 5,000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާކުރުން.

 

18.

 (މުޅި ނަންބަރު އިތުރު ކުރެވިފައި)

މި ގަވާއިދުގައި ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް ކަނޑައަޅައިފައިވާ ކަމެއް އެ ނޫން ގޮތަކަށް ކުރުން.

ގަވާއިދުގައި ވަކި ގޮތަކަށް ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަމެއް އެ ގޮތަކާ ހިލާފަށް ކޮށްފި ނަމަ ނުވަތަ ވަކި ކަމެއް ކުރަންޖެހޭ ހާލަތެއްގައި އެ ކަމެއް ނުކޮށް ދޫކޮށްލައިފި ނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، އެ ކަމެއް ކުރި ނުވަތަ ނުކޮށް ދޫކޮށްލި ފަރާތެއް 5,000 (ފަސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

 

 

 

ޖަދުވަލު 6

ޖޫރިމަނާ ހިސާބުކުރެވޭ ކުށްތައް

#

ހަރަކާތް

ޖޫރިމަނާގެ އަދަދުތައް

ޖޫރިމަނާ ކަނޑައެލުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

1.

އެކުއަކަލްޗަރ ކޮށްގެން އުފައްދާ ދިރުނ،ް ދިވެހިރާއްޖޭގެ ގުދުރަތީ ވެށް ޓަށް ދޫކުރުން.

ގިނަވެގެން 200000 ރުފިޔާއާ ހަމަޔަށް.

- ދޫކޮށްފައިވާ ބާވަތާއި މިންވަރު.

- ދޫކޮށްފައިވާ މާހައުލީ ނިޒާމުގެ މުހިންމުކަން.

- ދޫކޮށްފައިވާ ބާވަތުގެ ސަބަބުން މާހައުލީ ނިޒާމަށް ލިބޭނެކަމަށް އަންދާޒާކުރެވޭ ގެއްލުން.

 

2.

މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ފެންވަރަށް ސާފުނުކޮށް އެކުއަކަލްޗަރ ކުރުމަށް ބޭނުންކުރާ ފެން ދިވެހިރާއްޖޭގެ ގުދުރަތީ ވެށްޓަށް ދޫކުރުން.

ގިނަވެގެން 200000 ރުފިޔާއާ ހަމަޔަށް.

- ދޫކޮށްފައިވާ މިންވަރު.

- ދޫކޮށްފައިވާ މާހައުލީ ނިޒާމުގެ މުހިންމުކަން.

- ދޫކޮށްފައިވާ ފެނުގެ ސަބަބުން މާހައުލީ ނިޒާމަށް ލިބޭނެކަމަށް އަންދާޒާކުރެވޭ ގެއްލުން.

 

 

3.

އެކުއަކަލްޗަރ ފެސިލިޓީގައި ބަލިބައްޔަށް ފަރުވާ ކުރުމަށް ބޭސް ނުވަތަ ކެމިކަލް ބޭނުންކުރުމަށްފަހު އެ ތަނުގައި ބޭނުންކުރާ ފެނ،ް މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ފެންވަރަށް ސާފުނުކޮށް، ދިވެހިރާއްޖޭގެ ގުދުރަތީ ވެށްޓަށް ދޫކުރުން. 

ގިނަވެގެން 200000 ރުފިޔާއާ ހަމަޔަށް 

- ދޫކޮށްފައިވާ މިންވަރު.

- ދޫކޮށްފައިވާ މާހައުލީ ނިޒާމުގެ މުހިންމުކަން.

- ދޫކޮށްފައިވާ ފެނުގެ ސަބަބުން މާހައުލީ ނިޒާމަށް ލިބޭނެކަމަށް އަންދާޒާކުރެވޭ ގެއްލުން.

 

 

 

 

ޖަދުވަލު 7 (މުޅި ޖަދުވަލު އިތުރު ކުރެވިފައި)

އެކުއަކަލް ޗަރކުރުމުގެ ބޭނުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރުމާ ގުޅޭ އުސޫލުތައް

 

1 ވަނަ މާއްދާ - އާންމުކޮށް އިއުލާނުކުރުން

ފަޅުރަށެއް ނުވަތަ ރަށަކާ ގުޅިފައިނުވާ ފަޅެއް ކުއްޔަށް ދިނުމަށް އެދި ބިޑު ހުށަހެޅުމަށް ދައުވަތުދީ، މި ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރުމުން، ކުއްޔަށް ދިނުމަށް އެދި ބިޑު ހުށަހަޅާނީ، އެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

2 ވަނަ މާއްދާ - އިއުލާނުގައި ހިމަނަންވާނެ ބައިތައް

(ހ) ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށް ދިނުމަށް އާންމުކޮށް ކުރާ އިއުލާނުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކުއްޔަށް ދޫކުރެވޭނެ ފަޅުރަށް ނުވަތަ ރަށަކާ ގުޅިފައިނުވާ ފަޅު އަދި އެ ތަންތަނުގައި ކުރެވޭނެ އެކުއަކަލްޗަރގެ މަސައްކަތްތައް؛
  2. ކުއްޔަށް ދޫކުރެވޭނެ މުއްދަތު؛
  3. މިނިސްޓްރީއަށް މުހިންމުކަމަށް ފެންނަ އެހެނިހެން މައުލޫމާތ.ު

(ށ) ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ބިޑުގައި ހިމަނަންޖެހޭ ތަފުސީލުު ހިމެނޭ މައުލޫމާތު ކަރުދާހެއް މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. މިގޮތުގެ މަތީން އެކުލަވައިލާ މައުލޫމާތު ކަރުދާހުގައި، ހުށަހަޅާ ބިޑުގައި ކޮންމެހެން ހިމަނަންވާނެ ބައިތަކާއި، ހުށަހަޅާ ބިޑު ވަޒަންކުރާނެ މިންގަނޑުތައް ބަޔާންކުރަންވާނެއެވެ.

(ނ) މިނިސްޓްރީން ކަނޑައަޅާ އަގެއްގައި މައުލޫމާތު ކަރުދާސް ވިއްކުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. ބިޑު ހުށަހެޅޭނީ، މިނިސްޓްރީން މައުލޫމާތު ކަރުދާސް ދޫކުރާ ފަރާތްތަކަށެވެ.

 

3 ވަނަ މާއްދާ - ބިޑުގައި ނުވަތަ ޕްރޮޕޯޒަލުގައި ހިމަނަންވާނެ ބައިތައް

(ހ) އެކުއަކަލްޗަރކުރުމުގެ މަށްރޫއެއް ހިންގުމަށް ސަރަހައްދެއް ކުއްޔަށް ހިފުމަށް އެދި މި ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ބިޑު ނުވަތަ ޕްރޮޕޯޒަލް ހުށަހަޅަންވާނީ، މަދުވެގެން އަންނަނިވި މައުލޫމާތު ހިމެނޭގޮތުންނެވެ. 

  1. ހުށަހަޅާ ފަރާތުގެ އާންމު މައުލޫމާތު އަދި ގާނޫނީ ށަހްސަކުން ހުށަހަޅާ ނަމަ، ޕްރޮޕޯޒަލުގައި ނުވަތަ ބިޑުގައި ސޮއިކޮށްފައިވާ ފަރާތަކަށް އެކަމުގެ ބާރު ލިބިދީ ފައިވާކަން އަންގައިދޭ ބޯޑުގެ ނުވަތަ ހިންގާ ކޮމިޓީގެ ނިންމުން؛
  2. ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދުގައި ކުރުމަށް ހުށަހަޅާ ކަންކަން ނުވަތަ މަސައްކަތްތަކުގެ ތަފުސީލުު؛
  3. ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދުގެ އަކަފޫޓަކަށް ހުށަހަޅާ ކުލި؛
  4. އިންވެސްޓްމަންޓް ޕްލޭނާއި އިންވެސްޓްމަންޓް ށެޑިއުލް؛
  5. މަސައްކަތްތަކުގެ ވާރކް ޕްލޭން؛
  6. ހުށަހަޅާ މަސައްކަތްތަކުގެ ޕްރޮޑަކްށަން ޕްލޭން؛
  7. މަށްރޫއު ކުރިޔަށް ގެންދިއުމުގައި ގެންގުޅޭނެ އިސް މެނޭޖްމަންޓް ޓީމުގައި ހިމެނޭ މަގާމުތަކާއި އެ މަގާމުތަކުގެ ޒިންމާތަކަކީ ކޮބައިކަން އެނގޭނެ ހިއުމަން ރިސޯސް ޕްލޭން؛
  8. ކުއްޔަށް ހިފުމަށް ހުށަހަޅާ ސަރަހައްދުގައި ކުރުމަށް ހުށަހަޅާ ކަންކަމުގެ ނުވަތަ މަސައްކަތްތަކުގެ ކުޑަބޮޑުމިނާއި، އެކަންކަމަށް ދާނެ ހަރަދާއި، ލިބޭނެ އާމްދަނީ އާއި، ފައިދާ ހިމެނޭ ފައިނޭންށިއަލް ފީޒިބިލިޓީ އާއި އެކަމުގެ ޓެކްނިކަލް ފީޒިބިލިޓީ އާއި މާކެޓް ފީޒިބިލިޓީ ރިޕޯޓު؛
  9. މަސައްކަތް ކުރުމަށް ހުށަހަޅާ ސަރަހައްދު ބޭނުންކުރާނެ ގޮތް؛
  10. ކުއްޔަށް ހިފުމަށް ހުށަހަޅާ ސަރަހައްދުގައި ކުރުމަށް ހުށަހަޅާ މަސައްކަތްތަކާ ގުޅިގެން ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ދަށުން ވަކި ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ހުށަހަޅާ ފައިސާގެ މިންވަރު؛
  11. މިނިސްޓްރީން ގާއިމުކޮށްފައިވާ ފަންޑަށް ފައިސާ ދޭ ނަމަ، އެ ފައިސާގެ މިންވަރު.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބީލަން ކަރުދާހުގައި ނުވަތަ މިނިސްޓްރީން ކުރާ އިއުލާނުގައި އިތުރު ކަންކަން ހިމެނުމަށް ށަރުތުކޮށްފައިވާ ނަމަ، ބިޑު ނުވަތަ ޕްރޮޕޯޒަލް ހުށަހަޅަންވާނީ އެ ކަންކަން ފުރިހަމަވާ ގޮތެއްގެ މަތީންނެވެ.

 

4 ވަނަ މާއްދާ - ބިޑު ނުވަތަ ޕްރޮޕޯޒަލް އިވެލުއޭޓްކުރާ ކޮމިޓީ

(ހ) ބިޑު ނުވަތަ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާ ކޮމިޓީއަށް މެންބަރުން އައްޔަނުކޮށް ވަކިކުރާނީ މިނިސްޓަރެވެ.

(ށ) ބިޑު ނުވަތަ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާ ކޮމިޓީއަށް މެންބަރުން އައްޔަނުކުރުމުގައި އަންނަނިވި ދާއިރާތައް ހިމަނަންވާނެއެވެ.

  1. ފިށަރީޒްގެ ދާއިރާ؛
  2. އެކުއަކަލްޗަރގެ ދާއިރާ؛
  3. ފައިނޭންސްގެ ދާއިރާ.

(ނ) ބިޑު ނުވަތަ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާނެގޮތުގެ އުސޫލު އެ ކޮމިޓީން އެކުލަވައިލަންވާނެއެވެ.

 

5 ވަނަ މާއްދާ - ޕްރޮޕޯޒަލް އިވެލުއޭޓްކުރުމާއި އެވޯޑުކުރުން

(ހ) މި ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުރާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާ ބިޑުތައް އިވެލުއޭޓު ކޮށް، މަށްރޫއު ހިންގުމަށް އެންމެ ގާބިލު ފަރާތް ކަނޑައަޅާނީ، ބީލަން ކަރުދާހާ އެއްގޮތްވާ ގޮތުގެ މަތީން، އިވެލުއޭށަނުން ފާސްވާ އަދި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

(ށ) މި ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ޕްރޮޕޯޒަލްތައް ވަޒަންކޮށް، މަށްރޫއު ހިންގުމަށް ގާބިލު ފަރާތެއްކަމަށް ކަނޑައަޅާނީ، މި ޖަދުވަލުގެ ށެޑިއުލް 1 ގައި ހިމެނޭ ތާވަލަށް ބިނާކޮށް، އެންމެ މަދުވެގެން 70 (ހަތްދިހަ) ޕޮއިންޓް ލިބޭ ފަރާތެކެވެ.

(ނ) ޕްރޮޕޯޒަލް އިވެލުއޭޓުކުރުމުގައި ބިޑު ނުވަތަ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތާ ގުޅުންހުރި ފަރާތެއް ހިމަނައިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ގުޅުންހުރި ފަރާތް" ކަމުގައި ބަޔާންކޮށްފައި އެވަނީ:

  1. އެ ފަރާތެއްގެ އަނބިމީހާާ ނުވަތަ ފިރިމީހާާ ނުވަތަ މާމަ ނުވަތަ ކާފަ ނުވަތަ މަންމަ، ނުވަތަ ބައްޕަ ނުވަތަ ދަރިއެއް ނުވަތަ އެއްބަނޑުއެއްބަފާ މީހެއް ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހެއް؛
  2. އެ ފަރާތާއެކު ޕާޓްނަރށިޕެއްގައި ހިމެނޭ ފަރާތެއް؛
  3. އެ ފަރާތަކީ، އެ ކުންފުނީގެ އެއްވެސް ހިއްސާއެއް ނުވަތަ ޒިންމާއެއްގައި އެއްވެސް މަސްލަހަތެއް ލިބިފައިވާ މީހެއް ނަމަ، އެ ހިއްސާތަކާ މަސްއޫލިއްޔަތުގައި މަސްލަހަތެއް ހިމެނިފައިވާ އެހެން އެއްވެސް ފަރާތެއް.

 

6 ވަނަ މާއްދާ - ކުއްޔަށް ހިފުމުގެ އެއްބަސްވުން

މި ގަވާއިދުގެ ދަށުން އެކުއަކަލްޗަރ ކުރުމުގެ މަސައްކަތަށް ސަރަހައްދެއް ކުއްޔަށް ދޫކުރަންވާނީ، ކުއްޔަށް ހިފާ ފަރާތާއި މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ. މި އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ކުއްޔަށްދޭ މުއްދަތު؛

(ށ) ކުލީގެ އަދަދާއި ކުލި ދައްކާނެ ގޮތް؛

(ނ) ކުއްޔަށް ދޫކުރާ ސަރަހައްދުގައި ހިންގާނެ މަސައްކަތާއި، އެ މަސައްކަތް ހިންގާނެ ގޮތް؛

(ރ) ކުއްޔަށް ހިފާ ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އަމަލުކުރާނެ ގޮތް؛

(ބ) އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތަކާއި، ބާތިލުކުރެވޭނެ ގޮތް؛

(ޅ) ކުލި ނުދައްކައިގެން ނޯޓިސް ދިނުމާއި އެއްބަސްވުން ބާތިލުކުރުމުގައި އަމަލުކުރެވޭނެ އިޖުރާއަތު؛

(ކ) ކުއްޔާއި ޖޫރިމަނާ ފައިސާ ހޯދުމަށް ޓަކައި ކަމާބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ފިޔަވަޅުތައް އެޅޭނެކަމާއި ށަރުއ ކޯޓަށް ދިޔުމުގެ އިހުތިޔާރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަން؛

(އ) އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ނުވަތަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، ކުއްޔަށް ދީފައިވާ ސަރަހައްދުގައި ހުންނަ އިމާރާތްތަކާއި ޕްލެޓްފޯމުތަކާއި ތަކެއްޗާމެދު އަމަލުކުރެވޭނެ ގޮތް؛

(ވ) ގެއްލުމުގެ ބަދަލު ދިނުމުގައި އަމަލުކުރާނެގޮތް؛

(މ) މިނިސްޓްރީން ކަނޑައަޅާ މުހިންމު އެހެނިހެން ކަންކަން.

 

7 ވަނަ މާއްދާ - އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެގެން ކުއްޔަށް ހިފުން

(ހ) އެއްފަރާތަކަށް ވުރެ ގިނަ ފަރާތުން ބައިވެރިވެގެން އެކުއަކަލްޗަރކުރުމުގެ ބޭނުމަށް ސަރަހައްދެއް ކުއްޔަށް ހިފުމަށް ހުށަހެޅުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ކުއްޔަށް ހިފަން ހުށަހަޅަނީ، ބައިވެރިން އެއް ށަހްސެއްގެ ގޮތުގައިކަން ނުވަތަ ބައިވެރިން ވަކިވަކި ށަހްސުންގެ ގޮތުގައިކަން؛
  2. ކުއްޔަށް ހިފަން ހުށަހަޅަނީ ވަކިވަކި ށަހްސުންގެ ގޮތުގައި ނަމަ، ކުއްޔަށް ހިފާ ސަރަހައްދު ބައިކުރަން ހުށަހަޅާ ގޮތާއި، އެ ބައިތަކުގައި ކުރުމަށް ހުށަހަޅާ މަސައްކަތް؛
  3. ކުއްޔަށްހިފަން ހުށަހަޅަނީ ވަކިވަކި ށަހްސުންގެ ގޮތުގައި ނަމަ، އެ ސަރަހައްދުގައި ކޮމަން ފެސިލިޓީ ގާއިމުކުރުމަށް ހުށަހަޅާ ނަމަ، އެ ފެސިލިޓީތައް ގާއިމުކޮށް ބޭނުންކުރުމާ ގުޅޭގޮތުން، ކުއްޔަށް ހިފަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ތަންފީޒީުކުރެވޭ ފަދަ އެއްބަސްވުމެއް ހަދައިފައިވުން؛
  4. ކުއްޔަށްހިފަން ހުށަހަޅަނީ ވަކިވަކި ށަހްސުންގެ ގޮތުގައި ނަމަ، ކުއްޔަށް ހިފާ ފަރާތްތަކުގެ ޒިންމާތައް ވަކިވަކީން އެނގެން އޮތުން؛
  5. ކުއްޔަށް ހިފަން ހުށަހަޅަނީ އެންމެހައި ބައިވެރިން އެއީ އެއް ށަހްސެއްގެ ގޮތުގައި ނަމަ، ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދާ ގުޅިގެން މިނިސްޓްރީއާ މުއާމަލާތު ކުރާނެ ފަރާތް ކަނޑައެޅުން.

 

8 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ތަނުގެ މުއްދަތު އިތުރުކުރުން

(ހ) ކުއްޔަށްހިފާ ފަރާތުން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ހާލަތުގައި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ޕްލޭނާ އެއްގޮތަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި އިންވެސްޓް ކޮށްފައިވުން؛ އަދި މިގޮތުން އިންވެސްޓްމަންޓް ޕްލޭނުގައި ކަނޑައަޅައިފައިވާ މަސައްކަތުގެ މަދުވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) މަސައްކަތް ފުރިހަމަ ކޮށްފައިވުން؛ ނުވަތަ، ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ޕްލޭން ފުރިހަމަކުރުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން އައު ޕްލޭނަކާ އެއްގޮތަށް އިތުރު އިންވެސްޓްމަންޓް ކުރަމުންދާ ނަމަ، އެ އިންވެސްޓްމަންޓް ޕްލޭނެއްގެ ދަށުން ކުރަންޖެހޭ އިންވެސްޓްމަންޓުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވުން؛
  2. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނޭ ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރަމުންދާ ފަރާތަކަށް ވުން؛
  3. ވޯކް ޕްލޭން ތަންފީޒީުކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ކުރާ މަސައްކަތާ ބެހޭގޮތުން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ރިޕޯޓުތައް އެކަށީގެންވާ ގޮތަކަށް ހުށަހަޅަމުން އައިސްފައިވާ ފަރާތަކަށްވުން؛ ނުވަތަ، ވޯކް ޕްލޭނާ އެއްގޮތަށް ރަށުގައި މަސައްކަތް ކުރަމުން ގޮސްފައިވޭތޯ ބެލުމަށް، މިނިވަން ސެޓިފައިޑް އޮޑިޓް ފާރމެއް މެދުވެރިކޮށް ހަދާ ރިޕޯޓަކުން ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކޮށްފައިވާކަން ސާބިތުވުން؛
  4. ކުއްޔަށް ދިނުމުގެ އެއްބަސްވުމާ އެއްގޮތަށް ތަނުގެ ކުއްޔާއި ދައްކަންޖެހޭ އެހެނިހެން ފައިސާ ދައްކަމުން އަންނަ ފަރާތަކަށްވުން؛
  5. ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ކުއްޔަށްހިފާ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓާ ގުޅިގެން ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދާ ގުޅުންހުރި އެއްވެސް ތަހުގީގެއް ނުވަތަ ށަރީއަތެއް ހިނގަމުން ނުދާ ފަރާތެއް ކަމުގައިވުން؛
  6. ކުއްޔަށް ހިފަން އެދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްއޮތް ނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކާއެކު އެ ފައިސާ ދައްކާނެ ގޮތާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ވެފައިވާ ނަމަ ނުވަތަ އިތުރު ގޮތެއް ދައުލަތުން ހަމަޖައްސައިފައިވާ ނަމަ، އެ އެއްބަސްވުމާ އެއްގޮތަށް ނުވަތަ ހަމަޖައްސައިފައިވާ އިންތިޒާމަކާ އެއްގޮތަށް، އެ ފައިސާ ގަވާއިދުން ދައްކާ ފަރާތެއް ކަމުގައި ވުން؛
  7. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އެދޭ ފަރާތަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ ފަރާތަކަށްވުން.

(ށ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅޭނީ، އެއްބަސްވުމުގެ ދެބައިކުޅައެއްބައި މުއްދަތު ހިނގައިދިއުމަށް ފަހުގައެވެ.

 

9 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ

(ހ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފަރާތުން، އިތުރުކުރުމަށް ހުށަހަޅާ ކޮންމެ އަހަރަކަށް، އެ ތަނަށް ދައްކަމުންދާ އަހަރީ ކުލީގެ ހަތަރު ބައިކުޅައެއްބައި ނުވަތަ %25 (ފަންސަވީސް އިންސައްތަ) އަށް ޖެހޭ ފައިސާގެ މިންވަރު، މުއްދަތު އިތުރުކުރުމުގެ ފީ އެއްގެ ގޮތުގައި ދައުލަތަށް ދައްކަންވާނެއެވެ. މިގޮތުން، ދައްކާ ފައިސާއަކ ކުލީގެ ތެރޭގައި ނުހިމެނޭ އަދި އަނބުރާ ރައްދުކުރެވޭނެ ފައިސާއެއް ނޫނެވެ.

(ށ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ މުއްދަތު އިތުރުކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ، މޯލްޑިވްސް އިންލެންޑް އޮތޯރިޓީއަށް ދައްކައި ހަލާސްކުރުމުންނެވެ.

 

10 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދު އިންށުއަރކުރުން

(ހ) އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން އެއްބަސްވުމުގެ މުއްދަތަށް، މިނިސްޓްރީން ގަބޫލުކުރާ އިންށުއަރެންސް ހިދުމަތްދޭ ތަނެއްގައި، ކުއްޔަށް ހިފާ ފަރާތުގެ އަމިއްލަ ހަރަދުގައި، ކުއްޔަށް ދޫކުރާ ސަރަހައްދާއި އެ ތަނުގައި ކުރާ އިންވެސްޓްމަންޓް އަނބުރާ އޭގެ އެންމެ ފުރިހަމަ އަގަށް ރުޖޫއަކުރެވޭ މިންވަރަށް، ކުއްޔަށްދޫކުރާ ސަރަހައްދާއި އިންވެސްޓްމަންޓް އިންށުއަރކުރަން ވާނެއެވެ.

(ށ) ކުއްޔަށްހިފާ ފަރާތުން ނަގާ އިންށުއަރެންސް ޕޮލިސީ އާއި ޕްރީމިއަމް ދައްކަމުންދާކަން ހެކިކޮށްދޭ ލިޔެކިޔުންތައް، މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، ކުއްޔަށްހިފާ ފަރާތުން މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - އިންވެސްޓްމަންޓް އެހެން ފަރާތަކަށް ވިއްކައިލުން

ކުއްޔަށް ދޫކުރާ ސަރަހައްދުގައި ކުއްޔަށް ހިފާ ފަރާތުން، ކޮށްފައިވާ އިންވެސްޓްމަންޓް، މިނިސްޓްރީގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު އެހެން ފަރާތަކަށް ވިއްކައިލެވިދާނެއެވެ. އިންވެސްޓްމަންޓް ވިއްކޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) އިންވެސްޓްމަންޓް ގަންނަފަރާތަކީ މި ގަވާއިދުގެ 3-10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.

(ށ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނޭ އިންވެސްޓްމަންޓް ޕްލޭނާ އެއްގޮތަށް ކުއްޔަށް ދޫކުރާ ސަރަހައްދުގައި ކުރަންޖެހޭ އިންވެސްޓްމަން ޓުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) އިންވެސްޓުކޮށް، ވޯކް ޕްލޭން އެ މިންވަރަށް ފުރިހަމަކޮށްފައިވުން (މިކަން ސާބިތުކުރުމަށް، މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް، ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ހަރަދާއި ވޯކް ޕްލޭން ތަންފީޒީުކޮށްފައިވާ މިންވަރު އެނގޭ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.)

(ނ) އިންވެސްޓްމަންޓް ވިއްކައިލާ ފަރާތާއި އިންވެސްޓްމަންޓް ގަންނަ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކާއެކު އެ ފައިސާ ދައްކާނެ ގޮތާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ވެފައިވާ ނަމަ ނުވަތަ އިތުރު ގޮތެއް ދައުލަތުން ހަމަޖައްސައިފައިވާ ނަމަ، އެ އެއްބަސްވުމާ އެއްގޮތަށް ނުވަތަ ހަމަޖައްސައިފައިވާ އިންތިޒާމަކާ އެއްގޮތަށް، އެ ފައިސާ ގަވާއިދުން ދައްކާ ފަރާތެއް ކަމުގައި ވުން.

(ރ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުމުގެ ފީއެއްގެ ގޮތުގައި ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ 5 (ފަހެއް) އަހަރުދުވަހުގެ ކުއްޔާ އެއްވަރު އަދަދެއްގެ ފައިސ،ާ ކުއްޔަށްހިފާ ފަރާތުން ދައުލަތަށް ދެއްކުން.

(ބ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ކޮށްފައިވާ އިންވެސްޓްމަންޓް، މި ގަވާއިދުގެ ދަށުން ރަހުނުކޮށްފައިވާ ނަމަ، ރަހުނުކޮށްފައިވާ ބެންކުން އިންވެސްޓްމަންޓް ވިއްކައިލުމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުން ހުށަހަޅައިފައިވުން.

 

12 ވަނަ މާއްދާ - މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުން

(ހ) ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިދީ ފައިވާ އެއްވެސް ހައްގަކަށް، އަދި އަދާކުރަންޖެހޭ އެއްވެސް އިލްތިޒާމަކަށް އުނިކަމެއް ނާންނާނޭ ގޮތެއްގެ މަތީން، މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން، ކުއްޔަށް ހިފައިފައިވާ ފަރާތުން، ކުއްޔަށް ހިފައިފައިވާ ސަރަހައްދު އެހެން ފަރާތަކަށް ހިންގުމަށް ހަވާލުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އެއްބަސްވުން ތަންފީޒީުކުރުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރި ނަމަވެސް، މިނިސްޓްރީން ކުއްޔަށް ހިފައިފައިވާ ފަރާތާ ދެމެދު ކުރަންޖެހޭ މުއާމަލާތްތައް ކުރާނީ ސީދާ ކުއްޔަށް ހިފައިފައިވާ ފަރާތާއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން، ކުއްޔަށް ހިފައިފައިވާ ސަރަހައްދު އެހެން ފަރާތަކަށް ހިންގުމަށް ހަވާލުކުރުމުގެ ކުރިން، މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

 

13 ވަނަ މާއްދާ - ރަހުނުކުރުން

(ހ) ކުއްޔަށް ހިފައިފައިވާ ސަރަހައްދުގެ މައްޗަށް ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ލީޒް ހޯލްޑް ރައިޓްސް، މިނިސްޓްރީގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު، މިނިސްޓްރީން ކަނޑައަޅާ ށަރުތުތަކެއްގެ ދަށުން ރަހުނުގެ ގޮތުގައި ބެހެއްޓިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރަހުނުގެ ގޮތުގައި ބެހެއްޓޭނީ، އަންނަނިވި ށަރުތުތަކުގެ މަތީންނެވެ.

  1. ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން، 12 (ބާރަ) މަސްދުވަހުގެ ކުރިން، އެ ލޯނެއް ނުވަތަ ދަރަންޏެއް އަދާކުރުމަށް ލޯނު އެއްބަސްވުމުގައި ކަނޑައަޅައި ފައިވުމާއި، އެ ދަރަނިން ރަހުނު ސާފުވާނެކަމުގެ ޔަގީންކަންދިނުން؛
  2. ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، ކުއްޔަށް ދޫކުރެވުނު ތަނުގެ މައްޗަށް ރަހުނު ދެމިނޯންނާނެކަމަށް އެއްބަސްވުން ނުވަތަ އެ ރަހުނު ޑިސްޗާޖްކުރުމަށް އެއްބަސްވުން. އަދި އެ ރަހުނާ ގުޅިފައިވާ ދަރަންޏަކާ ގުޅިގެން ކުއްޔަށް ދޭ ފަރާތަށް ލިބިދާނެ ގެއްލުމެއްގެ ޒިންމާ ކުއްޔަށް ކުއްޔަށްހިފާ ފަރާތުން ނަގާނެކަމަށް އެއްބަސްވުން؛
  3. މި ގަވާއިދުގެ ދަށުން ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ލިބިދޭ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިދާނެ ކަމެއް ނުކުރުމަށާއި، އެފަދަ ކަމަކަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ނުކުރުން؛
  4. ކުއްޔަށް ހިފައިފައިވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއާއެކު އެ ފައިސާ ދައްކާނެ ގޮތާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ވެފައިވާ ނަމަ ނުވަތަ އިތުރުގޮތެއް ދައުލަތުން ހަމަޖައްސައިފައިވާ ނަމަ، އެ އެއްބަސްވުމާ އެއްގޮތަށް ނުވަތަ ހަމަޖައްސައިފައިވާ އިންތިޒާމަކާ އެއްގޮތަށް، އެ ފައިސާ ގަވާއިދުން ދައްކާ ފަރާތެއް ކަމުގައި ވުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޔަށް ހިފާ ފަރާތުން ރަހުނުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު، އެ ހުށަހެޅުމާއެކު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. ރަހުނުކުރުމުގެ އެއްބަސްވުމުގެ ފައިނަލް ދެލިކޮޕީ؛
  2. ލޯނު އެއްބަސްވުމުގެ ފައިނަލް ދެލިކޮޕީ؛
  3. ކުރިން ރަހުނުކޮށްފައިވާ ސަރަހައްދެއް ނަމަ، ރަހުނުކުރަނ ކުރިން ރަހުނުކޮށްފައިވާ ބެންކު ނުވަތަ މާލީ އިދާރާ ފިޔަވައި އެހެން ބެ ންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ކަމަށް ވާ ނަމަ، ރަހުނުކުރި ބެންކު ނުވަތަ މާލީ އިދާރާއިން، އިތުރު ރަހުނެއް ކުރުމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަހުނުކުރުމަށް ހުށަހެޅުމުން، މިނިސްޓްރީއަށް ރަހުނުކުރުމަށް ހުއްދަދޭން ފެންނަ ނަމަ، މިނިސްޓްރީގެ ފަރާތުން މާލީ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، ކުއްޔަށް ހިފާ ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި ކުއްޔަށް ހިފާ ފަރާތުން ރަހުނުކުރުމުގެ މަސައްކަތް ފުރިހަމަކުރުމަށްފަހު، ރަހުނުކުރުމުގެ އެއްބަސްވުން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު

(ހ) ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ނުވަތަ ދިވެހިރާއްޖޭގެ ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފަށް ކުރާ މަސައްކަތެއްގެ ސަބަބުން ކުއްޔަށް ހިފައިފައިވާ ތަނަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ، އެ ލިބުނު ގެއްލުމުގެ ބަދަލު، ކުއްޔަށް ހިފައިފައިވާ ފަރާތުން ދޭންވާނެއެވެ.

(ށ) ކުއްޔަށް ދޫކުރާ ސަރަހައްދުގައި ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ނުވަތަ ގާނޫނާ ހިލާފަށް ކުރާ ކަމެއްގެ ސަބަބުން ކުުއްޔަށް ހިފައިފައިވާ ތަނުގެ އެއްބަސްވުން މިނިސްޓްރީން ބާތިލުކޮށްފި ނަމަ، ތަނުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ބަދަލު ދޭކަށެއް ނުޖެހޭނެއެވެ.

(ނ) ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލުކޮށްފި ނަމަ، ކުއްޔަށް ހިފައިފައިވާ ފަރާތުން، ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، އެ ތަނުގައި ބަހައްޓައިފައިވާ އެ ފަރާތުގެ އުފުލޭ މުދާ ގެންދިޔުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުން ބާތިލުކޮށްފި ނަމަ، ކުއްޔަށް ދޫކޮށްފައިވާ ތަނުގައި ހުރި ކުއްޔަށް ހިފައިފައިވާ ފަރާތުގެ އުފުލޭ މުދާ، ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ގެންދަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ދޫކޮށްލާ ތަކެތި ބެލެވޭނީ، އެއީ ދައުލަތުގެ މުދާ ކަމުގައެވެ. އަދި މިފަދަ ނުއުފުލޭ މުދަލުގެ ބަދަލު ކުއްޔަށް ހިފާ ފަރާތަކަށް ނުލިބޭނެއެވެ.

 

ށެޑިއުލް 1 

# ތަފުސީލު އެެންމެ މަތިން ދެވޭ ޕޮއިންޓް
1. އިންވެސްޓްމަންޓް ޕްލޭން 20
2.  ޕްރޮޑަކްށަން ޕްލޭން 15
3.  ފަންނީ ގާބިލުކަން 15
4.  މާލީ ގާބިލުކަން 25
5. ހިއުމަން ރިސޯސް ޕްލޭން 10
6. ސީއެސްއާރު ހުށަހެޅުން 15

 

މައި ގަވާއިދު

އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-94)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

ކިޔުންތެރިންގެ ހިޔާލު