-

ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު

(ގާނޫނު ނަންބަރު 2007-03)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ކޯޕަރޭޓިވް ސޮސައިޓީތައް އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު" އެވެ.

(ނ) މީގެފަހުން މި ގާނޫނުގައި "ސޮސައިޓީ" ބޭނުންކޮށްފައި އެވަނީ ކޯޕަރޭޓިވް ސޮސައިޓީ އަށެވެ.

 

2 ވަނަ މާއްދާ - ކުންފުނި އަދި ޖަމްއިއްޔާތަކާބެހޭ ގާނޫނު ނުހިނގުން

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-10) އާއި، ޖަމްއިއްޔާތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2003-01) ސޮސައިޓީތަކުގެ  މައްޗަކަށް ނުހިނގާނެއެވެ.

 

3 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަންފެށުމާއި ގާނޫނު ހިންގުމާއި ގަވާއިދު ހެދުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 6 (ހައެއް) މަސްދުވަސް ފަހުންނެވެ.

(ށ) މި ގާނޫނު ހިންގާނީ، އަދި މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ކޯޕަރޭޓިވް ސޮސައިޓީ ހިންގާނެ ގޮތުގެ ގަވާއިދު ހަދައި ހިންގާނީ، ސޮސައިޓީތަކުގެ ކަންތައް ބެލެހެއްޓުމަށް އެވަގުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީ އަކުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި އާންމުކޮށް އިއްލާން ކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - "ކޯޕަރޭޓިވް" މި ލަފުޒު ބޭނުން ނުކުރުން

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރެވޭ ސޮސައިޓީއެއް ފިޔަވައި، އެހެން ފަރާތަކުން ވިޔަފާރިކުރުމަށް، ނުވަތަ ވިޔަފާރިއެއް ހިންގުމަށް، ނުވަތަ ވިޔަފާރީގެ ނަމުގެ ގޮތުގައި " ކޯޕަރޭޓިވް" މި ލަފުޒު ބޭނުންކޮށްގެން ނުވާނެއެވެ.

 

 

 

ރަޖިސްޓަރީކުރުން

 

5 ވަނަ މާއްދާ - ރެޖިސްޓްރާރ އޮފް ކޯޕަރޭޓިވްސް

މި ގާނޫނުގެ ދަށުން ސޮސައިޓީތައް ރަޖިސްޓަރީކޮށް ސޮސައިޓީތައް ހިންގާގޮތް ބަލަހައްޓާނެ ސަރުކާރުގެ އިދާރާއެއް ކަނޑައަޅަންވާނެއެވެ. އެފަރާތައް ކިޔާނީ "ކޯޕަރޭޓިވް ސޮސައިޓީގެ ރެޖިސްޓްރާރ" އެވެ.

 

6 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވިދާނެ ސޮސައިޓީތައް

މި ގާނޫނުގެ 7 ވަނަ މާއްދާގައިވާ ކޯޕަރޭޓިވް އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މުޖުތަމައުގެ ނުވަތަ މުޖުތަމައުގެ ބައެއްގެ އިގްތިސާދީ މަސްލަހަތު ކުރިއެރުވުމުގެ މަގްސަދުގައި، މި ގާނޫނުގެ ދަށުން ސޮސައިޓީއެއް ރަޖިސްޓަރީ ކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ކޯޕަރޭޓިވް ސޮސައިޓީގެ މައިގަނޑު އުސޫލުތައް

ކޯޕަރޭޓިވް ސޮސައިޓީ އުފެދިފައި ވާންވާނީ ތިރީގައި މިވާ އުސޫލުތަކުގެ މައްޗަށް ބިނާ ކޮށެވެ.

(ހ)  ކޯޕަރޭޓިވް ސޮސައިޓީ ވާންވާނީ މުޖުތަމައު ނުވަތަ މުޖުތަމައުގެ ބަޔަކު އަމިއްލައަށް އިސްނަގައިގެން، އެބައެއްގެ އިގްތިސާދީ އަދި އިޖްތިމާއީ ބޭނުންތައް  އެބައެއް އަމިއްލައަށް ފުއްދުމަށް އަމާޒުކޮށް، މި ގާނޫނުގައިވާ ގޮތުގެމަތީން އެބައެއް އުފައްދާ މިނިވަން ޖަމާއަތަކަށެވެ.

(ށ) ސޮސައިޓީގެ ވެރިންނަށްވާންވާނީ އެ ސޮސައިޓީގެ މެންބަރުންނެވެ. ސޮސައިޓީ ހިންގުމުގެ ހުރިހާ ބާރެއް ފެށިގެން އަންނަންވާނީ މެންބަރުންގެ ކިބައިންނެވެ. މިގޮތުން  ސޮސައިޓީ ހިންގަންވާނީ، ޑިމޮކްރެޓިކް އުސޫލުން އެ ސޮސައިޓީގެ މެންބަރުންގެ ތެރެއިން މެންބަރުން އިންތިހާބު ކުރާ ބައެކެވެ.

(ނ) ސޮސައިޓީއެއްގެ މެންބަރަކަށް ވުމުގެ ފުރުސަތު އެ މުޖުތަމައެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު ހުޅުވާލެވިފައި އޮންނަންވާނެއެވެ.

(ރ) ސޮސައިޓީގެ ހިއްސާއަކީ ހުރިހާ މެންބަރުންގެ މެދުގައި އިސްތިސްނާއެއްނެތި ހަމަހަމަވެގެންވާ އެއްޗަކަށް ވާންވާނެއެވެ.

(ބ)  ސޮސައިޓީގެ ރައުސުމާލު އިތުރުކުރަން ވެއްޖެނަމަ އެކަން އިތުރުކުރާނީ ހިއްސާދާރުންގެ އަހަރީ ޖަލްސާއިންނެވެ. މިގޮތުން

އެކަމެއް ފާސްވާނީ ހާޒިރީގެ %60 އަގްލަބިއްޔަތުންނެވެ.

 

8 ވަނަ މާއްދާ - ސަރުކާރު ފިޔަވައި އެހެން ފަރާތްތަކަށް ގަނެވޭނެ ހިއްސާގެ މިންވަރު

ސޮސައިޓީގެ ކޮންމެ މެންބަރަކު، މެންބަރަކަށްވުމަށްޓަކައި އެއިރެއްގައި ކަނޑައަޅާފައިވާ ހިއްސާގެ މިންވަރު ގަންނަންވާނެއެވެ.

 

9 ވަނަ މާއްދާ - ސަރުކާރުން ހިއްސާ ގަތުމާއި، ލޯނާއި، އެހީ ދިނުން

ސޮސައިޓީގެ ހިއްސާ، ސަރުކާރަށް ގަނެވިދާނެއެވެ. އަދި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސޮސައިޓީއަށް ލޯނާއި އެހެނިހެން އެހީ، ސަރުކާރުން ދެވިދާނެއެވެ.

 

10 ވަނަ މާއްދާ - ރެޖިސްޓްރާރގެ ޒިންމާ

ރެޖިސްޓްރާރގެ ޒިންމާ ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ސޮސައިޓީ ރަޖިސްޓްރީކުރުމާއި، އުވާލުން.

(ށ) ސޮސައިޓީ ހިންގަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯބެލުން.

(ނ) ސޮސައިޓީގެ ފައިސާ ހޭދަކުރުމާއި މާލީ ހިސާބުތައް  ބަލަހައްޓަމުންދާ ގޮތާމެދު ހުށައެޅޭ ށަކުވާތައް ބެލުން.

 

11 ވަނަ މާއްދާ - ރެޖިސްޓްރާރަށް ލިބިފައިވާ  އިހްތިޔާރުތައް

(ހ)  ރެޖިސްޓްރާރ ބޭނުންވެއްޖެ ހިނދެއްގައި ރެޖިސްޓްރާރ ނުވަތަ އެފަރާތުން އައްޔަން ކުރާ ފަރާތަކުން ސޮސައިޓީގެ ހިސާބުތަކާއި ވިޔަފާރި ހިނގާފައިވާ ގޮތް ބެލިދާނެއެވެ. މިގޮތުން، ހިސާބު ބަލަހައްޓާ ފޮތްތަކާއި އެކަމާގުޅުންހުރި ހުރިހާ ލިޔެކިޔުންތަކެއް ބެލުމާއި، ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔެކިޔުންތަކުގެ ކޮޕީ ނެގުމާއި، އެކަށީގެންވާ ވަގުތުތަކުގައި، އެ ލިޔެކިއުން ބެލުމަށްޓަކައި އެ ސޮސައިޓީއެއްގެ އޮފީސް ހުޅުވާފައި ބެހެއްޓުމަށް އެންގުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި އެ ސޮސައިޓީއަކުން ރެޖިސްޓްރާރަށް އެއްވެސް ހުރަހަކާނުލައި މިކަންކަމަށް މަގު ފަހިކޮށްދޭން ވާނެއެވެ.

(ށ) ސޮސައިޓީ ހިނގަމުންދާ ގޮތާމެދު ރެޖިސްޓްރާރަށް ލިބޭ ށަކުވާއަކާގުޅިގެން ރެޖިސްޓްރާރ ބޭނުންވެއްޖެ ހިނދެއްގައި އެށަކުވާއަކަށް ޖަވާބުދާރީ ވުމުގެގޮތުން ސޮސައިޓީއަކުން ރެޖިސްޓްރާރ ބޭނުންވާ މައްލޫމާތެއް ލިބިގަތުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

(ނ) މިމާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރެވިފައިވާ އިހްތިޔާރުތަކުގެ އިތުރުން، ރެޖިސްޓްރާރަށް ލިބިފައިވާ އިހްތިޔާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1.  ސޮސައިޓީއެއްގެ ހިސާބުތައް ބެލެހެއްޓުމުގެ ނިޒާމު ބަހައްޓަންވީގޮތް ކަނޑައެޅުން،
  2.   ސޮސައިޓީއަކަށް ގިނަވެގެން ދަރަނި ނެގިދާނެ މިންވަރު ކަނޑައެޅުން،
  3.   ސޮސައިޓީގެ ފައިސާ ހަރަދުކުރުމުގެ މައްސަލައަކާ ގުޅިގެން ސޮސައިޓީގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރުން،
  4.   ސޮސައިޓީގެ މަގްސަދާ ހިލާފުވާކަމެއް ސޮސައިޓީން ކުރާނަމަ އެކަމެއް ހުއްޓުވުން،
  5.   ސޮސައިޓީގެ އާންމު ޖަލްސާތަކާއި ހާއްސަކޮށް ބޭއްވޭ އާންމު ޖަލްސާތަކަށް ހާޒިރުވުމާއި އެ ޖަލްސާތަކަށް ރެޖިސްޓްރާރ އައްޔަންކުރާ ބަޔަކު ފޮނުވުން،
  6.   ސޮސައިޓީގެ އާންމު ޖަލްސާތަކާއި ހާއްސަކޮށް ބޭއްވޭ އާންމު ޖަލްސާތައް ބޭއްވުމަށް އެންގުމާއި، ގާނޫނާ ހިލާފަށް ސޮސައިޓީއަކުން ކުރަމުންދާކަމަށް ބެލުނު މައްސަލައަކާ ގުޅިގެން އެކަމެއް އެގޮތަކަށް ހިންގާކަމަށް ރެޖިސްޓްރާރަށް ގަބޫލު ކުރެވޭ މިންވަރަށް ހެއްކާ ގަރީނާ ލިބިއްޖެ ހިނދެއްގައި ހިންގާ ކޮމިޓީ ވަގުތީގޮތުން ސަސްޕެންޑް ކުރުމާއި އެފަދަ ހާލަތްތަކުގައި ސޮސައިޓީ ހިންގުމަށް ވަގުތީ ކޮމިޓީއެއް އިންތިހާބު ކުރުމާއި އެފަދަ ކޮމިޓީއެއް އިންތިހާބު ކުރެވެންދެން ރެޖިސްޓްރާރ އެކަމަށް އައްޔަންކުރާ އެހެން ފަރާތަކާ ސޮސައިޓީ ހިންގުމުގެ ކަންތައް ބެލެހެއްޓުން ވަގުތީގޮތުން ހަވާލުކުރުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) ސޮސައިޓީއެއް ރަޖިސްޓަރީކުރަން ހުށަހެޅޭނީ، މަދުވެގެން 10 މީހުންނަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސޮސައިޓީއެއް ރަޖިސްޓަރީ ކުރުމަށް ރެޖިސްޓްރާރަށް ހުށަހަޅާނީ ތިރީގައިމިވާ މައްލޫމާތު ފުރިހަމަ ކުރުމަށްފަހު އެ މައްލޫމާތުތަކާ އެކުގައެވެ.

  1. ސޮސައިޓީއެއް އުފެއްދުމުގެ އިގްތިސާދީ ބޭނުން.
  2. ސޮސައިޓީގެ މަގްސަދުތައް ހާސިލުކުރެވޭނެ މިންވަރު ސާފުކޮށްދޭ    ބަޔާނެއް.
  3. ސޮސައިޓީން ހިންގުމަށް ރާވާފައިވާ ކަންތައްތައް ހާސިލުކުރުމަށްޓަކައި ބޭނުންވާވަރަށް ފައިސާ ލިބޭނެ ގޮތާއި ރެކޯޑުތަކާއި ހިސާބުތައް ބަލަހައްޓާނެގޮތް.
  4. މި ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ހިންގާ ކޮމިޓީ ހޮވެންދެން ވަގުތީގޮތުން ސޮސައިޓީ ހިންގާނެ ފަރާތެއް.

 

13 ވަނަ މާއްދާ - ރަޖިސްޓަރީ ފީއާއި އަހަރީ ފީ

(ހ) ސޮސައިޓީއެއް ރަޖިސްޓަރީކުރަން ހުށަހަޅާއިރު، 200 ރުފިޔާ ރަޖިސްޓަރީ ފީގެ ގޮތުގައި، އަދި 200 ރުފިޔާ، އަހަރީ ފީގެ ގޮތުގައި ދައްކަންވާނެއެވެ.

(ށ) ސޮސައިޓީން ދައްކަންޖެހޭ އަހަރީ ފީ، އެ އަހަރެއްގެ މާޗުމަސް ނިމުމުގެ ކުރިން ދައްކަން ޖެހޭނެއެވެ. މާޗުމަސް ނިމުމުގެ ކުރިން އަހަރީ ފީ ނުދައްކައިފިނަމަ، އޭޕްރިލްމަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ، 50 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. އޭޕްރިލްމަސް ނިމުމުގެ ކުރިން ފީ ނުދައްކައިފިނަމަ، މެއިމަހުގެ ތެރޭގައި ފީ ބަލައިގަނެވޭނީ، 100 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތީން މެއިމަހުގެ ނިޔަލަށް ޖޫރިމަނާއާއެކު ފީ ނުދައްކައިފިނަމަ، އެފައިސާ 1 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އެ ސޮސައިޓީއަކަށް ލިޔުމަކުން އެންގުމަށްފަހު އެ ސޮސައިޓީއެއް އެވަގުތު ކުރަމުން އަންނަ ހިދުމަތްތަކަށާއި ޒިންމާތަކަށް ބަލައި އެ ސޮސައިޓީއެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން ސޮސައިޓީއެއްގެ ރަޖިސްޓަރީ ބާތިލު ކޮށްފިނަމަ އެކަން އާންމުކޮށް އިއުލާން ކުރަންވާނެއެވެ. އަދި އެއްވެސްފަރާތަކާ މުއާމަލާތެއް ކުރުން މަނާކުރުމަށް އެ ސޮސައިޓީއަކަށް އެންގުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ ދަށުން ސޮސައިޓީއެއްގެ ރަޖިސްޓަރީ ބާތިލުކުރުމަކުން އެ ސޮސައިޓީ އުވާލުމުގެ ހުރިހާ ކަންތައްތަކެއް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތީން ނުނިމެނީސް އެ ސޮސައިޓީގެ މައްޗަށް މި ގާނޫނުގެ ދަށުން ލާޒިމުކޮށްފައިވާ އެއްވެސް ޒިންމާއަކުން ބަރީއައެއް ނުވާނެއެވެ.

 

14 ވަނަ މާއްދާ - ސޮސައިޓީގެ ނަން

(ހ) ސޮސައިޓީއަށް ކިޔާ ނަމަކީ، މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ފެތޭ ނަމަކަށް ނުވާނަމަ، އެ ނަމެއް ރަޖިސްޓަރީކޮށެއް ނުދެވޭނެއެވެ.

(ށ) ކޮންމެ ސޮސައިޓީއެއްގެ ނަމުގެ ބައެއްގެ ގޮތުގައި "ކޯޕަރޭޓިވް" މި ލަފުޒު، ނަމުގެ ފަހަތުގައި ލިޔެފައި އޮންނަންވާނެއެވެ.

 

15 ވަނަ މާއްދާ - ހިންގާ ގަވާއިދު

ކޮންމެ ސޮސައިޓީއެއްގެވެސް ހިންގާ ގަވާއިދެއް އޮންނަންވާނެއެވެ. ހިންގާ ގަވާއިދު ވާންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހަދާފައިވާ ގަވާއިދަކަށެވެ.

 

16 ވަނަ މާއްދާ – ރަޖިސްޓަރީކުރުން

ސޮސައިޓީއެއް ރަޖިސްޓަރީކުރުމަށް ހުށަހެޅުމުން، އެ ސޮސައިޓީން ކުރަން ހުށަހަޅާފައިވާ ކަމަކީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުށަހަޅާފައިވާ ހުށަހެޅުމެއްނަމަ، އަދި ސޮސައިޓީން ކުރަން ހުށަހަޅާ ކަމަކީ، ހާސިލުކުރެވޭނޭ ކަމެއްކަމަށް ރެޖިސްޓްރާރަށް ފެންނަނަމަ، އެ ސޮސައިޓީއެއް ރަޖިސްޓަރީ ކޮށްދޭންވާނެއެވެ. އަދި ރަޖިސްޓަރީ ކުރުމަށްފަހު ރަޖިސްޓަރީ ކޮށްދީފިކަން އަންގާ ސެޓުފިކެޓެއް، އެ ސޮސައިޓީއަކަށް ރެޖިސްޓްރާރ ދޫކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ރަޖިސްޓަރީކުރަންއެދި ހުށަހަޅާ މެންބަރުން

(ހ) މި ގާނޫނުގެ ދަށުން ސޮސައިޓީއެއް ރަޖިސްޓަރީކުރަން ސޮއިކޮށް ހުށަހަޅާ ފަރާތްތައް ބެލެވޭނީ، ސޮސައިޓީގެ މެންބަރުންގެ ގޮތުގައެވެ. އަދި ސޮސައިޓީ ރަޖިސްޓަރީވުމާއެކު، މެންބަރުންގެ ދަފުތަރުގައި އެ މެންބަރުންގެ ނަން ހިމަނަންވާނެއެވެ.

(ށ) ސޮސައިޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ސޮސައިޓީގެ އެއްވެސް ހައްގެއް ލިބިދެވޭނީ، މެންބަރުކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކާފައިވުމާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެ ސޮސައިޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މެންބަރަކު އެ ސޮސައިޓީގެ ހިއްސާ ހޯދާފައިވާނަމައެވެ.

 

18 ވަނަ މާއްދާ - މެންބަރަކަށް ވުމާއި މެންބަރަކަށްވުމުގެ ށަރްތު

(ހ) ސޮސައިޓީގެ މެންބަރުންނަކީ އުމުރުން 18 އަހަރުވެފައިވާ، އެ މުޖުތަމައެއްގެ ނުވަތަ އެ މުޖުތަމައެއްގެ ބައެއްގައި ހިމެނޭ ފަރުދުންކަމުގައި ވާންވާނެއެވެ.

(ށ) ސޮސައިޓީގެ މެންބަރަކަށްވާނީ ސޮސައިޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވުމުންނެވެ.

(ނ) ސޮސައިޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރުދެއް އެ ސޮސައިޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށަހެޅުމުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން އެ ސޮސައިޓީއެއްގެ މެންބަރެއްކަމަށް އެ ސޮސައިޓީއެއް ހިންގާފަރާތުން ކަނޑައެޅުމުންނެވެ.

(ރ) ސޮސައިޓީގެ މެންބަރެއްކަމަށް ކަނޑައެޅުމުން އެމީހަކީ މެންބަރެއްކަން އެނގޭނޭ ލިއުމެއް ސޮސައިޓީން އެމީހަކަށް ދޫކުރަންވާނެއެވެ.

 

 

 

ސޮސައިޓީގެ ށަހްސިއްޔަތު އަދި ހިންގުން

 

19 ވަނަ މާއްދާ - ގާނޫނީ ށަހްސިއްޔަތު

މި ގާނޫނުގެ ދަށުން ސޮސައިޓީއެއް ރަޖިސްޓަރީވުމުން، އެ ސޮސައިޓީއަކީ، އެ ސޮސައިޓީގެ ރަޖިސްޓަރީ ކުރެވިފައިވާ ނަމުގައި، އެ ސޮސައިޓީއެއްގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ސޮސައިޓީއެއްގެ ކަންތައް ހިންގުމާއި، ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ގާނޫނީ ގޮތުން އަމިއްލަ ށަހްސެކެވެ.

 

20 ވަނަ މާއްދާ - އާންމު ޖަލްސާ

ސޮސައިޓީއެއްގެ އެންމެ އިސްފަރާތަކީ، މެންބަރުންގެ އާންމު ޖަލްސާއެވެ.  މި ޖަލްސާއަށް ހާޒިރުވެ ވޯޓުދިނުމުގެ ހައްގު، ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ.

 

21 ވަނަ މާއްދާ - ފުރަތަމަ ޖަލްސާ

(ހ) ކޮންމެ ސޮސައިޓީ އެއްވެސް، ރަޖިސްޓަރީ ކުރެވުނުކަމުގެ ސެޓުފިކެޓް ލިބޭ ދުވަހުން ފެށިގެން ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މެންބަރުންގެ ފުރަތަމަ ޖަލްސާ ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބާއްވާ ފުރަތަމަ ޖަލްސާގައި، އެ ސޮސައިޓީއެއްގެ ހިންގާ ކޮމިޓީ އިންތިހާބުކުރަން ވާނެއެވެ.

 

22 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާ

ސޮސައިޓީގެ ހިންގާ ކޮމިޓީން އެ ސޮސައިޓީގެ އަހަރީ އާންމު ޖަލްސާއެއް ބާއްވަންވާނެއެވެ. އަދި ލަސްވެގެން މާލީ އަހަރު ނިމޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އާންމު ޖަލްސާއެއް ބާއްވަންވާނެއެވެ.

 

23 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާގެ ނޯޓިސް

ސޮސައިޓީގެ ހިންގާ ގަވާއިދުގައި އެހެންގޮތަކަށް ކަނޑައެޅިފައި ނުވާނަމަ، އަހަރީ އާންމު ޖަލްސާގެ ނޯޓިސް ދޭނީ، އެ ޖަލްސާ ބާއްވާ ދުވަހުގެ 15 ދުވަސް ކުރިން، އާންމުކޮށް އަންގާ އެންގުމަކުންނެވެ. އަދި އެ އެންގުމުގައި، އެ ޖަލްސާގެ މަގްސަދާއި، އެޖެންޑާއާއި، އަދި އެ ޖަލްސާ ބާއްވާނެ ތަނާއި، ތާރީހާއި ގަޑި، ބަޔާންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - އާންމު ޖަލްސާ އާއި ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާގެ ގާނޫނީ އަދަދު     

ސޮސައިޓީގެ އާންމު ޖަލްސާއެއް ނުވަތަ ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާއެއް ބޭއްވޭނީ، އެ ސޮސައިޓީއެއްގެ ޕެއިޑްއަޕް ހިއްސާއިން އެއްކުރެވިފައިވާ ރައުސުމާލުގެ %20 އަށްވުރެ މަދުނޫން އަދަދެއް ތަމްސީލުކުރެވޭގޮތަށް، މަދުވެގެން 5 (ފަހެއް) މެންބަރުން އެ ޖަލްސާއަކަށް ހާޒިރު ވުމުންނެވެ.

 

25 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާގައި ކުރަންޖެހޭ ކަންތައްތައް

އަހަރީ އާންމު ޖަލްސާގައި، ތިރީގައިމިވާ ކަންތައްތަކާމެދު މަށްވަރާކޮށް ގޮތެއް ކަނޑައަޅަންވާނެއެވެ.

  1. އެންމެފަހުން ބޭއްވި ޖަލްސާއާއި، އެންމެފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  2. އޮޑިޓް ރިޕޯޓާމެދު މަށްވަރާކުރުން.
  3. ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ފާސްކުރުން.
  4. އަހަރީ ރިޕޯޓާމެދު މަށްވަރާކުރުން.
  5. ހިންގާ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން.
  6. ހިންގާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރުން.
  7. ސޮސައިޓީގެ ހިސާބުތައް އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުން.
  8. މި ގާނޫނާއި، ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ސާފު ފައިދާ ބަހާނެ ނުވަތަ އިންވެސްޓްކުރާނެގޮތް ކަނޑައެޅުން.

 

26 ވަނަ މާއްދާ - ހާއްސަގޮތުން ކުރާ އާންމު ޖަލްސާ 

(ހ) ހާއްސަގޮތުގައި ކުރާ ސޮސައިޓީގެ އާންމު ޖަލްސާއެއް ބާއްވަން ވެއްޖެކަމަށް ހިންގާ ކޮމިޓީއަށް ފެނިއްޖެނަމަ، އެފަދަ ޖަލްސާއެއް ބޭއްވިދާނެއެވެ. މިގޮތުން ބާއްވާ ޖަލްސާއަކަށް، މަދުވެގެން 7 ދުވަހުގެ ނޯޓިސް ދިނުމާއެކު، އާންމުކޮށް މެންބަރުންނަށް އަންގަންވާނެއެވެ.

(ށ) ސޮސައިޓީގެ %20 އަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުން، އެ ސޮސައިޓީގެ އާންމު ޖަލްސާއެއް ބާއްވަން އެދިއްޖެނަމަ، ހާއްސަގޮތެއްގައި ކުރާ އާންމު ޖަލްސާއެއް، އެ ސޮސައިޓީގެ ހިންގާ ކޮމިޓީން ބާއްވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހާއްސަގޮތުން ކުރާ އާންމު ޖަލްސާއަކަށް، މެންބަރުން އެދޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހިންގާ ކޮމިޓީން އެ ޖަލްސާ ނުބާއްވާނަމަ، އެފަދަ ޖަލްސާއެއް ބޭއްވުމަށް އެދި، ސަބަބު ބަޔާންކޮށް ރެޖިސްޓްރާރަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާތާ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ މިފަދަ ޖަލްސާއެއް ބާއްވަންވާނެއެވެ.

(ރ) ރެޖިސްޓްރާރަށް ނުވަތަ އޭނާ އައްޔަންކުރާ ފަރާތަކަށް ހާއްސަ ގޮތުންކުރާ އާންމު ޖަލްސާއެއްގައި ވާހަކަދެކެވޭނެ ކަންތައްތައް ކަނޑައެޅިދާނެއެވެ.

 

27 ވަނަ މާއްދާ - ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

(ހ) ކޮންމެ ސޮސައިޓީއަކުންވެސް، ތިރީގައިމިވާ މައްލޫމާތުތައް ސާފުކޮށް އެނގޭނެހެން، އެ ސޮސައިޓީއެއްގެ ހުރިހާ އާންމު ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

  1. ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަދަދާއި، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތުގެ ނަން.
  2. ޖަލްސާ ފެށުނު ގަޑިއާއި، ނިމުނު ގަޑި.
  3. ޖަލްސާގައި ވާހަކަދެކެވުނު ކަންތަކާއި، ނިންމުނު ކަންތައް.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލިޔާ އާންމު ޖަލްސާގެ ޔައުމިއްޔާގައި، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތާއި، ސޮސައިޓީގެ ސެކްރެޓެރީ ސޮއިކުރަންވާނެއެވެ.

 

28 ވަނަ މާއްދާ - ހިންގާ ކޮމިޓީ އެކުލެވިގެންވާގޮތް

(ހ) ސޮސައިޓީގައި، މަދުވެގެން 5 މެންބަރުން، އަދި ގިނަވެގެން 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ހިންގާ ކޮމިޓީއެއް އޮންނަންވާނެއެވެ.

(ށ) ސޮސައިޓީގެ މެންބަރުންގެ ތެރެއިން، ތިރީގައިމިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މީހުން އިންތިހާބުކުރަން ވާނެއެވެ.

  1. ޗެއަރޕާރސަން.
  2. ވައިސް ޗެއަރޕާރސަން.
  3. ސެކްރެޓެރީ.
  4. ޓްރެޒަރަރ.
  5. އިތުރު މެންބަރުން.

(ނ) ސޮސައިޓީގެ ހިންގާ ކޮމިޓީގެ އިތުރު މެންބަރުންގެ އަދަދު ކަނޑައެޅުމާއި ހިންގާ ކޮމިޓީގެ މެންބަރުން އިންތިހާބުކޮށް، ވަކިކޮށް، މަގާމުގެ މުއްދަތާއި މަގާމުގެ ވާޖިބުތައް ކަނޑައަޅާނީ، ސޮސައިޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ މަގާމެއް، ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން ހުސްވެއްޖެނަމަ، ނުވަތަ މެންބަރުންގެ އަދަދު 5 އަށްވުރެ މަދުވެއްޖެނަމަ، ދެން އާންމު ޖަލްސާއެއް ބާއްވާ ތާރީހުގެ ކުރިން ސޮސައިޓީގެ އެހެން މެންބަރަކު، އެ މަގާމަށް އައްޔަންކުރަން ވާނެއެވެ. މިގޮތުން މެންބަރަކު އައްޔަން ކުރާނީ، ހިންގާ ކޮމިޓީންނެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން، ހިންގާ ކޮމިޓީއަށް އައްޔަންކުރާ މެންބަރަކު އެ މަގާމުގައި ދެމިހުންނާނީ، ދެން އެންމެ އަވަހަށް އާންމު ޖަލްސާއެއް ބާއްވާ ތާރީހަކާ ހަމައަށެވެ. އެގޮތުން އާންމު ޖަލްސާއެއް ބާއްވާ ދުވަހު، އެ މަގާމަކަށް އަލުން މެންބަރަކު އިންތިހާބުކުރަން ވާނެއެވެ.

 

29 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ މެންބަރުންގެ ށަރްތުތައް  

ހިންގާ ކޮމިޓީގެ މެންބަރަކަށްވެވޭނީ، ތިރީގައިމިވާ ށަރްތުތައް ފުރިހަމަ ވާނަމައެވެ.

  1. ސޮސައިޓީގެ މެންބަރެއް ކަމުގައިވުން.
  2. ދިވެހި ރައްޔިތަކު ކަމުގައިވުން.
  3. އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން.
  4. ވޭތުވެދިޔަ 5 (ފަހެއް) އަހަރު ތެރޭގައި، އެއްވެސް ސޮސައިޓީއެއްގެ މެންބަރުކަމުން ވަކިކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  5. އެއްވެސް ސޮސައިޓީއެއްގެ ނުވަތަ މިފަދަ ޖަމާއަތެއްގެ ފަންޑު، ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ށަރީއަތަށް

ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން.

 

30 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ މަސައްކަތް

(ހ) އާންމު ޖަލްސާއިން ކަނޑައަޅާ ކަންތައްތަކުގެ އިތުރަށް، ސޮސައިޓީގެ ވިޔަފާރިއާއި މުދަލުގެ އެންމެހައި ކަންތައްތައް ހިންގައި ބަލަހައްޓާނީ، ހިންގާ ކޮމިޓީންނެވެ.

(ށ) ސޮސައިޓީގެ ހިންގާ ގަވާއިދާއި އާންމު ޖަލްސާއިން ވަކިގޮތަކަށް ކުރުމަށް ކަނޑައަޅާ ކަންތައް، އެކަނޑައަޅާ ގޮތަށް

ކޮށް ބަލަހައްޓާނީ ހިންގާ ކޮމިޓީންނެވެ.

 

31 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ ބާރު

(ހ) ތިރީގައިވާ ކަންތައްތައް ކުރުމުގެ ބާރު ހިންގާ ކޮމިޓީއަށް ލިބިގެންވެއެވެ.

  1. ސޮސައިޓީގެ މެންބަރުކަމަށްއެދޭ ފަރާތްތަކުގެ އެޕްލިކޭށަން ފޯމު ބަލައިގަތުމާއި، މެންބަރުންގެ ގޮތުގައި ހަމަޖައްސަންޖެހޭ މީހުން ހަމަޖެއްސުމާއި، ބާތިލުކުރަންޖެހޭ ފޯމުތައް ބާތިލުކުރުން.
  2. ސޮސައިޓީގެ އާންމު ހާލަތާއި، ހިންގުމާއި، މާލީ ހާލަތު ދެނެގަތުމަށާއި، ސޮސައިޓީގެ ކަންތައްތައް ރަނގަޅަށް ހިންގުމަށް ބޭނުންވާ ރިޕޯޓު ތައްޔާރުކޮށް، އެ ރިޕޯޓު ދިރާސާކުރުން.
  3. ސަބްކޮމިޓީތައް އައްޔަންކުރުން.
  4. ސޮސައިޓީ ހިނގަމުންދާގޮތުގެ މައްލޫމާތު، ސޮސައިޓީގެ މެންބަރުންނަށް ދިނުން.
  5. މި ގާނޫނާއި، ސޮސައިޓީގެ ހިންގާ ގަވާއިދުގެ ދަށުން، ވޭތުވެދިޔަ މާލީ އަހަރުގައި ފައިދާއެއް ލިބިފައިވާނަމަ، އެ ފައިދާ ބެހުމާ ބެހޭގޮތުން ހުށަހެޅުމެއް، އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުން.
  6. ވޭތުވެދިޔަ މާލީ އަހަރުގައި ހިންގާ ކޮމިޓީގެ ފަރާތުން ކުރެވުނު މަސައްކަތްތަކާއި، ސޮސައިޓީގެ މެންބަރުންނަށްދޭ ހިދްމަތް އިތުރަށް ހަރުދަނާކުރުމުގެގޮތުން ކުރެވިދާނެ ކަންތައް ބަޔާންކޮށް ރިޕޯޓެއް، އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުން.
  7. ރެޖިސްޓްރާރ ނުވަތަ އޮޑިޓަރ އަންގާ ކަންތައް ކުރުން.

(ށ) ހިންގާ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާގޮތް ފުރިހަމައަށް ލިޔެ ބެލެހެއްޓުން.

(ނ) ސޮސައިޓީގެ ކަންތައް ހިންގުމަށްޓަކައި މެނޭޖަރެއް އައްޔަންކުރުމާއި، އަދި އެފަދަ މެނޭޖަރެއްގެ މަސައްކަތަށް އެހީވެދިނުމަށްޓަކައި ބޭނުންވާ މުވައްޒަފުން އައްޔަން ކުރުން.

 

32 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ ޖަލްސާ

(ހ) ސޮސައިޓީގެ މަސައްކަތް ހުންނަ މިންވަރުން، ހިންގާ ކޮމިޓީގެ ޖަލްސާ ބާއްވަންވާނެއެވެ. އަދި ހިންގާ ކޮމިޓީގެ ޖަލްސާއެއް، އެންމެ މަދުވެގެން 3 މަހުން 1 މަހު ބާއްވަންވާނެއެވެ.

(ށ) ހިންގާ ކޮމިޓީގެ ޖަލްސާއެއް ބޭއްވޭނީ، މަދުވެގެން އެ ކޮމިޓީގެ މެންބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ހާޒިރުވުމުންނެވެ.

(ނ) ހިންގާ ކޮމިޓީގެ ޖަލްސާއެއްގައި، ކަމެއް ފާސްކުރެވޭނީ، އެ ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ އަގްލަބިއްޔަތުންނެވެ. އަދި މިގޮތަށް ވޯޓުދިނުމުގައި، ޗެއަރމަނަކަށް ވޯޓެއް ނުދެވޭނެއެވެ.

(ރ) ހިންގާ ކޮމިޓީގެ ޖަލްސާގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

 

33 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ މެންބަރުންގެ ޒިންމާ     

(ހ) ސޮސައިޓީގެ ކަންތައް ހިންގުމުގައި،  މި ގާނޫނާއި، ސޮސައިޓީގެ ހިންގާ ގަވާއިދާއި، އާންމު ޖަލްސާއިން ކަނޑައަޅާގޮތަކާ ހިލާފުވެގެން ނުވަތަ ސަމާލުކަން ބަހައްޓަންވާވަރަށް ސަމާލުކަން ނުބެހެއްޓުމުގެ ސަބަބުން، ސޮސައިޓީއަށް ނުވަތަ ސޮސައިޓީގެ މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ،
އެ ގެއްލުމެއްގެ ޒިންމާ، ހިންގާ ކޮމިޓީގެ މެންބަރުން ވަކިވަކިންނާއި ޖުމްލަކޮށް އުފުލަންޖެހޭނެއެވެ.

(ށ) ސޮސައިޓީގެ ކަންތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖަރަކު އައްޔަންކޮށްފައި ވީނަމަވެސް، ސޮސައިޓީގެ

ކަންތައްތަކުގައި އިރުށާދު ދިނުމަށް ހިންގާ ކޮމިޓީ އުފުލަންޖެހޭ މަސްއޫލިއްޔަތުތަކުން ބަރީއައެއް ނުވެވޭނެއެވެ.

 

34 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ މުއްދަތު  

(ހ) ހިންގާ ކޮމިޓީގެ މުއްދަތަކީ، އެ ކޮމިޓީގެ ފުރަތަމަ ޖަލްސާ ބާއްވާ ތާރީހުން ފެށިގެން 2 އަހަރު ދުވަހެވެ. އަދި އެ މުއްދަތު ހަމަވުމުން ކޮމިޓީ އުވޭނެއެވެ.

(ށ) ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމަށްފަހު، އެ ކޮމިޓީއަށް މެންބަރުން އައްޔަންކުރުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހިންގާ ކޮމިޓީއިން ސޮސައިޓީއަށް ލިޔުމަކުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިންގާ ކޮމިޓީ އައްޔަންކުރެވެންދެން، ވަގުތީ ހިންގާ ކޮމިޓީއެއް ރެޖިސްޓްރާރަށް އެކުލަވާލެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އެކުލަވާލެވޭ ވަގުތީ ހިންގާ ކޮމިޓީ ދެމިއޮންނާނީ، މިމާއްދާގެ (ށ) ގައިވާ ގޮތުގެމަތިން

ހިންގާކޮމިޓީ އައްޔަންކުރެވިފައި ނުވާނަމަ، ދެން އެންމެ އަވަހަށް އާންމު ޖަލްސާއެއް ބާއްވާ ތާރީހަކާ ހަމައަށެވެ. އެގޮތުން އާންމު ޖަލްސާއެއް ބާއްވާ ދުވަހު އެ މަގާމަށް އަލުން މެންބަރުން އިންތިހާބު ކުރަންވާނެއެވެ.

 

35 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުންގެ އަމަލު ބަހައްޓަންވީގޮތް

ހިންގާ ކޮމިޓީގެ މެންބަރުންގެ އަމަލުތައް ބަހައްޓަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

36 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުކަން ވިދިވިދިގެން ކުރެވޭނެ މުއްދަތު                                    

ވިދިވިދިގެން 3 ދައުރުގައި ހިންގާ ކޮމިޓީގެ މެންބަރަކަށް ހުރުމަށްފަހު، ދެން ހިންގާ ކޮމިޓީގެ މެންބަރަކަށް ވުމުގެ ފުރުސަތު ލިބޭނީ، އެންމެފަހުން މެންބަރުކަމުން ވަކިވިތާ 2 އަހަރަށް ފަހުގައެވެ.

 

37 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ މަގާމު ހުސްވުމުން އަމަލުކުރަންވީގޮތް                                    

ހިންގާ ކޮމިޓީގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމަށް މެންބަރަކު ހޮވާނީ، މި ގާނޫނުގެ 28 ވަނަ މާއްދާގެ (ބ) އާއި 34 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިންނެވެ.

 

38 ވަނަ މާއްދާ - ހިންގާ ކޮމިޓީގެ މެންބަރުން

(ހ) ހިންގާ ކޮމިޓީގެ މެންބަރަކު އޭނާގެ މަގާމު ނާޖާއިޒު ގޮތުގައި ބޭނުންކޮށްފިކަމަށް ނުވަތަ ސޮސައިޓީއަށް ގެއްލުންވާގޮތަށް އަމަލުކޮށްފިކަމަށް އެއްވެސް މެންބަރަކު ހުށަހަޅައިފިނަމަ، އެކަން ހިންގާ ކޮމިޓީން ބަލަންވާނެއެވެ. އަދި އެކަމަކީ އެމީހަކު ކޮށްފައިވާކަމެއްކަން ހިންގާ ކޮމިޓީއަށް ގަބޫލު ކުރެވޭވަރަށް ހެއްކާއި ގަރީނާ ލިބިއްޖެ ނަމަ، އެ މެންބަރަކު  ހިންގާ ކޮމިޓީން ވަކި ކުރުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މެންބަރުކަމުން ވަކިކުރެވޭ މީހަކަށް  އެއްވެސް ސޮސައިޓީއެއްގެ މެންބަރަކަށް ނުވަތަ ހިންގާ ކޮމިޓީގެ މެންބަރަކަށް ވެވޭނީ އެމީހަކު މެންބަރުކަމުން ވަކިވިތާ 5 އަހަރު ވުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ފިޔަވަޅު އެޅުމުގެ ކުރިން، އެ މެންބަރެއްގެ ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަ

ދެއްކުމުގެ ފުރުސަތު، އެ މެންބަރަކަށް ދޭންވާނެއެވެ.

 

39 ވަނަ މާއްދާ - މެންބަރުން ނޮމިނޭޓްކުރުމަށް ސަރުކާރާއި މެންބަރުންނަށް ލިބިދޭ ބާރު                            

ސޮސައިޓީގެ ޕެއިޑްއަޕް ހިއްސާއިން އެއްކުރެވިފައިވާ ރައުސުމާލުގެ %50 ނުވަތަ އެއަށްވުރެ ގިނަ އަދަދެއް ރަމްޒުކުރާ ހިއްސާ ގަނެވޭނީ ހަމައެކަނި ސަރުކާރަށެވެ. މިގޮތުން ސަރުކާރުން ހިއްސާ ގަނެފައިވާނަމަ،  އެ ސޮސައިޓީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ތިންބައިކުޅައެއްބައި އައްޔަން ކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ. އަދި ސޮސައިޓީއަށް  ނަގާފައިވާ ޖުމްލަ ލޯނުތަކުގެ %50 އަކީ، ސަރުކާރުން ދޫކޮށްފައިވާ  ލޯނުކަމަށް، ނުވަތަ ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުކަމަށްވެފައި، މިގޮތުން ނަގާފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު ސޮސައިޓީގެ ޕެއިޑްއަޕް ހިއްސާއިން އެއްކުރެވިފައިވާ ރައުސުމާލުގެ %50 އާ އެއްވަރުވާނަމަ، ނުވަތަ އެއަށްވުރެ ގިނަ ނަމަ، މިގޮތުން ނަގާފައިވާ ލޯނު އެއްކޮށް އަދާކޮށް ނިމެންދެން، އެ ސޮސައިޓީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ތިންބައިކުޅައެއްބައި އައްޔަން ކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

 

40 ވަނަ މާއްދާ - ސޮސައިޓީގެ އެޑްރެސް

ކޮންމެ ސޮސައިޓީއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެހެއް އޮންނަންވާނެއެވެ. ސޮސައިޓީއަށް ފޮނުވަންޖެހޭ ލިޔުންތަކާއި އެންގުންތައް ފޮނުވަންވާނީ، އެ އެޑްރެހަށެވެ. އެޑްރެހަށް ބަދަލެއް އަތުވެއްޖެނަމަ އެކަން ލިޔުމަކުން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރެޖިސްޓްރާރަށް އަންގަންވާނެއެވެ.

 

41 ވަނަ މާއްދާ - މައްލޫމާތު ލިބެންހުރުން

ސޮސައިޓީގެ މެންބަރަކު ނުވަތަ މެންބަރުން ބޭނުންވާ ތިރީގައި މިވާ ލިޔުންތައް، ސޮސައިޓީގެ ރަޖިސްޓަރީ ކުރެވިފައިވާ އެޑްރެހުގައި، އެކަށީގެންވާ ހުރިހާ ގަޑިތަކެއްގައި، ފަސޭހަކަމާއެކު ލިބޭގޮތަށް ނުވަތަ ބެލޭގޮތަށް ހުންނަންވާނެއެވެ.

(ހ) މި ގާނޫނުގެ ކޮޕީ.

(ށ) މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ކޮޕީ.

(ނ) ސޮސައިޓީގެ ހިންގާ ގަވާއިދުގެ ކޮޕީ.

(ރ) މެންބަރުންގެ ރަޖިސްޓަރީ.

(ބ) ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ އޮޑިޓްކޮށް ނިންމާފައިވާ މާލީ ހިސާބުތައް.

 

42 ވަނަ މާއްދާ - މާލީ ހިސާބު ށާއިއުކުރުން

އޮޑިޓް އޮފިސަރ ސައްހަކަމަށް ސޮއިކޮށްފައިވާ ސޮސައިޓީގެ މާލީ ހިސާބުތައް، ގަވާއިދުގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ށާއިއު ކުރަންވާނެއެވެ.

 

43 ވަނަ މާއްދާ - މެންބަރުންނޫން ފަރާތްތަކަށް ލޯނު ދޫކުރުން 

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ސޮސައިޓީން މެންބަރުންނޫން ފަރާތްތަކަށް ސޮސައިޓީން ފައިސާއާއި ލޯނު ދޫކޮށްގެން ނުވާނެއެވެ.

 

44 ވަނަ މާއްދާ - ލޯނު ދޫނުކުރެވޭނެ ހާލަތު

ސޮސައިޓީން ތިރީގައިމިވާ ހާލަތުތަކުގައި ލޯނު ދޫކޮށްގެން ނުވާނެއެވެ.

(ހ) މެންބަރުންނަށް ދަރަނީގެ ގޮތުގައި އެންމެގިނަވެގެން ނުވަތަ އާންމުކޮށް ދޫކުރެވޭނެކަމަށް ސޮސައިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ އަދަދަށްވުރެ އިތުރު އަދަދެއް.

(ށ) ސޮސައިޓީގެ އަސާސީ އަދި ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ސޮސައިޓީގެ ހިންގާ ކޮމިޓީގެ ހާއްސަ ގަރާރަކުންމެނުވީ އުފުލޭ މުދާ ސެކިއުރިޓީއަކަށް ހެދުމަށްފަހު ދޫކުރާ ލޯނެއް.

 

45 ވަނަ މާއްދާ - މައްލޫމާތު ދިނުން

ސޮސައިޓީގެ މުއާމަލާތުތަކާއި ހިންގުމާބެހޭ ގޮތުން ރެޖިސްޓްރާރ ނުވަތަ އޮޑިޓް އޮފިސަރ ނުވަތަ އާބިޓްރޭޓަރ ނުވަތަ ލިކުއިޑޭޓަރ ނުވަތަ އިންކުއަރާރަށް ބޭނުންވާ މައްލޫމާތު، ސޮސައިޓީގެ ވެރިންނާއި މެންބަރުން ދޭންވާނެއެވެ.

 

46 ވަނަ މާއްދާ - ނަން ބަދަލުކުރުމާއި، އޭގެ ނަތީޖާ

(ހ) ސޮސައިޓީގެ އާންމު ޖަލްސާއަކުން ފާސްކުރާ ގަރާރަކުން، ސޮސައިޓީގެ ނަން ބަދަލު ކުރެވިދާނެއެވެ. މިގޮތުން ސޮސައިޓީގެ ނަން ބަދަލުކުރެވިއްޖެނަމަ، 30 ދުވަހުގެ ތެރޭގައި އެކަން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.

(ށ) ސޮސައިޓީގެ ނަން ބަދަލުކުރުމަކުން ސޮސައިޓީއާއި، ސޮސައިޓީގެ މެންބަރުންނާއި، ކުރީގެ މެންބަރުންގެ ހައްގުތަކާއި ޒިންމާތަކަށް ބަދަލެއް ނާންނާނެއެވެ. އަދި ނަން ބަދަލުކުރެވުނުއިރު ސޮސައިޓީގެ ފަރާތުން ގާނޫނީ ދައުވާއެއް އުފުލާފައިވާނަމަ، ބަދަލުކުރެވޭ ނަމުގައި އެ ދައްވާ މެދުކަނޑާނުލައި ކުރިޔަށް ގެންދެވޭނެއެވެ.

 

47 ވަނަ މާއްދާ - ސޮސައިޓީއަށް ދޭންޖެހޭ ފައިސާ މެންބަރުންގެ މުސާރައިން ކެނޑުން                            

ސަރުކާރުގައި ނުވަތަ އަމިއްލަ ތަނެއްގައި ވަޒީފާ އަދާކުރާ ސޮސައިޓީގެ މެންބަރަކު، އެމީހަކު ވަޒީފާ އަދާކުރާ ތަނާއި ސޮސައިޓީއާ ދެމެދު  ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ސޮސައިޓީން ލޯނު ނުވަތަ މުދާ ނަގައިފިނަމަ، އެ ލޯނު ނުވަތަ މުދަލަށްވާ ފައިސާ ދައްކާނީ، އެމީހަކު އަދާކުރާ ވަޒީފާއިން ލިބޭ މުސާރައިން ނުވަތަ އެލަވަންސުން ލިބޭ ފައިސާ ގަރަންޓީކޮށް އިންސްޓޯލްމެންޓުން ދައްކާ އުސޫލުން އެ ފައިސާއިން ކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނަމަ، އެ ލޯނު ނުވަތަ އެ މުދަލަށްވާ ފައިސާ އެމީހެއްގެ މުސާރައިން ނުވަތަ އެލަވަންސުން ކެނޑުމަށްފަހު ސޮސައިޓީއަށް ސީދާ ލިބިދޭންވާނެއެވެ.

 

48 ވަނަ މާއްދާ - ސޮސައިޓީގެ މުދަލާއި ފައިސާ

(ހ) ވިޔަފާރީގެ މުއާމަލާތުތަކުން ސޮސައިޓީއަށް ލިބޭ ފައިދާއިން، ރިޒާރވް ފަންޑެއް ހުޅުވައި ބަލަހައްޓަންވާނެއެވެ.

(ށ) ސޮސައިޓީއަށް އަހަރަކު ލިބޭ ސާފު ފައިދާއިން ރިޒާރވް ފަންޑަށް، މަދުވެގެން %25 ޖަމާކުރަންވާނެއެވެ. މިގޮތުން ޖަމާކުރެވޭ ފައިސާގެ ތެރެއިން، މަދުވެގެން 2 އަހަރު ދުވަހުގެ ރިޒާރވް އަބަދުވެސް ފަންޑުގައި ބަހައްޓަންވާނެއެވެ.

(ނ) ސޮސައިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ ހާލަތެއްގައި، އަދި ކަނޑައަޅާ މިންވަރަށް މެނުވީ، ސޮސައިޓީގެ ވިޔަފާރިއަށް ރިޒާވް ފަންޑުގެ ފައިސާ ބޭނުންކޮށްގެން ނުވާނެއެވެ.

(ރ) ރިޒާވް ފަންޑުގެ ފައިސާގެ ތެރެއިން ސޮސައިޓީގެ ވިޔަފާރީގައި ބޭނުން ނުކުރެވިހުރި ފައިސާ އިންވެސްޓު ކުރަންވާނީ

 ނުވަތަ ޖަމާކުރަންވާނީ، ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ސޮސައިޓީގެ ހިންގާ ކޮމިޓީން ނިންމާ ގޮތުގެމަތިންނެވެ.

 

49 ވަނަ މާއްދާ - ފައިދާ ބެހުން

(ހ) މިމާއްދާގެ (ށ) ގެ (1) އާއި (2) ގައިވާގޮތާ ހިލާފުނުވާނޭހެން
އެ އަހަރުގެ ސާފު ފައިދާގެ ތެރެއިން ރިޒާރވް ފަންޑަށް ޖަމާކުރަން މި ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ލާޒިމްކުރާ މިންވަރު ފަންޑަށް ޖަމާކުރުމަށްފަހު ބަކީ ހުންނަ ފައިދާއާއި ވޭތުވެދިޔަ އަހަރުތަކުގެ ތެރެއިން ނުބަހައިހުރި ފައިދާއެއްވާނަމަ އެފައިދާ ނުވަތަ އެއިން ބައެއް ސޮސައިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެމަތިން މެންބަރުންނަށާއި މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދެވިދާނެއެވެ.

(ށ) ސޮސައިޓީގެ ހިންގާ ކޮމިޓީން އެހެންގޮތަކަށް ނުނިންމާހާ ހިނދަކު ތިރީގައިމިވާ ހާލަތްތަކުގައި ފައިދާއާއި ބޯނަސް ނުދެވޭނެއެވެ.

  1.   އަހަރު ހިސާބުގައި ހަގީގީ ފައިދާގެ ގޮތުގައި އޮޑިޓް އޮފިސަރ ސަރޓިފައިކޮށްފައިވާ ފައިދާ ފިޔަވައި އެހެން ފައިސާއެއް.
  2.   އަހަރު ހިސާބުގައި ސޮސައިޓީގެ މުދަލެއް ނުވަތަ އެސެޓެއް ރަނގަޅު ނޫންކަމަށް ނުވަތަ އެ މުދަލެއް ނުވަތަ އެސެޓަކާމެދު ށައްކުކުރެވޭކަމަށް އޮޑިޓް އޮފިސަރު ބަޔާންކޮށްފައިވާނަމަ
    އެ އަހަރެއްގެ ފައިދާ.

 

50 ވަނަ މާއްދާ - މެންބަރުން ވޯޓުދިނުން

ސޮސައިޓީގެ މެންބަރުންގެ މެދުގައި ތަފާތުކުރުމެއްނެތި ވޯޓުގެ ހައްގު ލިބިގެންވަނީ ހުރިހާ މެންބަރުންނަށް ހަމަހަމައަށެވެ. މިގޮތުން މެންބަރަކު ގަނެފައިވާ ހިއްސާގެ އަދަދުގެ ނިސްބަތަށް ރިއާޔަތް ކުރުމެއްނެތި ކޮންމެ މެންބަރަކަށް ދެވޭނީ  އެއްވޯޓެވެ.

 

51 ވަނަ މާއްދާ - މެންބަރުން ދަރަންޏަށް ޒިންމާވުން

ސޮސައިޓީގެ ހިންގާ ގަވާއިދުގައި އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ މެންބަރަކު ގަނެފައިވާ، ނުވަތަ ގަންނަން އެއްބަސްވެފައިވާ ހިއްސާގެ މޫނުމަތީ އަގަށްވުރެ ބޮޑު މިންވަރަކަށް ޒިންމާވާކަށް ނުޖެހޭނެއެވެ.

 

52 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުން

ސޮސައިޓީގެ މެންބަރަކު ވަކިވާން އެދިއްޖެނަމަ  ސޮސައިޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން، ސޮސައިޓީގެ މެންބަރުކަމުން ވަކިވެވިދާނެއެވެ.

 

53 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

(ހ) މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ނުވަތަ ސޮސައިޓީގެ ހިންގާ ގަވާއިދާ މެންބަރަކު ހިލާފުވެއްޖެނަމަ، ނުވަތަ ސޮސައިޓީގެ މަސްލަހަތާ ދެކޮޅަށް މެންބަރަކު އަމަލުކޮށްފިނަމަ، ސޮސައިޓީގެ އާންމު ޖަލްސާއަކަށް ހާޒިރުވާ މެންބަރުންގެ ތިންބައިކުޅަދެބައިގެ އަގްލަބިއްޔަތުން، އެ މެންބަރަކު މެންބަރުކަމުން ވަކިކުރެވިދާނެއެވެ. މިގޮތުން މެންބަރުކަމުން ވަކިކުރެވޭނީ، އެ މެންބަރެއްގެ މައްޗަށް ކުރެވޭ ތުހުމަތު، ޖަލްސާ ބޭއްވުމުގެ މަދުވެގެން 7 ދުވަސްކުރިން، ހިންގާ ކޮމިޓީން އެ މެންބަރަކަށް ލިޔުމަކުން އެކަން އެންގުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތްނޫން ގޮތަކަށްވެސް މެންބަރަކު މެންބަރުކަމުން ވަކިކުރެވިދާނެކަމަށް، ސޮސައިޓީގެ ހިންގާ ގަވާއިދުގައި ބަޔާން ކުރެވިދާނެއެވެ. ނަމަވެސް، މެންބަރުކަމުން ވަކިކުރެވޭނީ، ވަކިކުރަން ބޭނުންވާ ސަބަބާއި، އެ މެންބަރަކަށް އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށް ފަހުގައެވެ.

 

 

 

އޮޑިޓް

 

54 ވަނަ މާއްދާ - ސޮސައިޓީގެ އެކައުންޓު ރެޖިސްޓްރާރ އޮޑިޓްކުރުން

(ހ) ރެޖިސްޓްރާރ ގަބޫލުކުރާ ފަރާތަކުން، ސޮސައިޓީގެ މާލީ ހިސާބުތައް، ކޮންމެ އަހަރަކު އޮޑިޓްކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮޑިޓްކުރުމަށްދާ ހަރަދު، ސޮސައިޓީން ދައްކަންޖެހޭނެއެވެ.

 

55 ވަނަ މާއްދާ - އެކައުންޓު ތައްޔާރުކުރުމުގެ ބާރު ރެޖިސްޓްރާރަށް އޮތުން

(ހ) ސޮސައިޓީގެ މާލީ ހިސާބުތައް އޮޑިޓްކުރެވޭއިރު، އެ އެކައުންޓު އޮޑިޓް ކުރެވޭވަރަށް ތައްޔާރު ކުރެވިފައިނުވާނަމަ، ރެޖިސްޓްރާރ ގަބޫލުކުރާ ފަރާތަކުން ސޮސައިޓީގެ މާލީ ހިސާބު ތައްޔާރުކުރެވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން އެކައުންޓު ތައްޔާރުކުރުމަށްދާ ހަރަދު، ސޮސައިޓީން ދައްކަންޖެހޭނެއެވެ.

 

56 ވަނަ މާއްދާ - އޮޑިޓްކުރުމުގައި ބަލަންޖެހޭ ކަންތައް

(ހ) އޮޑިޓްކުރާއިރު، ތިރީގައިމިވާ ކަންތަކަށް ބަލަންޖެހޭނެއެވެ.

  1. ސޮސައިޓީގައި ހުރި ނަގުދު ފައިސާއާއި، މާލީ ސެކިއުރިޓީސްގެ  އަދަދާއި ހާލަތު.
  2. ފައިސާ ބަހައްޓާ ފަރާތާއި ފައިސާ ދޫކޮށްފައިވާ ފަރާތްތަކުގެ އިތުރަށް، ސޮސައިޓީއަށް ދަރާފައިވާ ފަރާތްތަކުގެ ދަރަންޏާއި، ބާކީ.
  3. ނުދެއްކި ގިނަދުވަސް ވެފައިވާ ދަރަންޏެއް އޮތްތޯ.
  4. ސޮސައިޓީގައިހުރި މުދަލާއި ޒިންމާތައް.
  5. ސޮސައިޓީން ކުރާ ފައިސާގެ މުއާމަލާތުތަކާއި އެހެނިހެން މުއާމަލާތުތައް ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ.
  6. އެކައުންޓުތަކުގެ ސްޓޭޓްމަންޓުތައް ތައްޔާރުކޮށްފައިވަނީ ރަނގަޅަށްތޯ.
  7. ފައިދާ ކަނޑައަޅާފައިވާ ގޮތް.
  8. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޮޑިޓުކުރާއިރު، ބަލަންޖެހޭނެކަމަށް ބުނެފައިވާ ކަންތައްތައް.
  9. މިފަދަ ސޮސައިޓީތަކާއި ޖަމާއަތްތައް އޮޑިޓް ކުރާއިރު ބަލަން ޖެހޭނެ ކަމަށް އެހެން ގާނޫނަކުން ކަނޑައަޅައިފި ކަންތައްތައް.

(ށ) ރެޖިސްޓްރާރ ނުވަތަ ރެޖިސްޓްރާރ ގަބޫލުކުރާ ފަރާތަކުން ތައްޔާރުކުރާ އޮޑިޓް ސްޓޭޓްމަންޓަކީ، ސޮސައިޓީގެ މައްޗަށް ތަންފީޒުކުރެވޭނެ ނިންމުމެކެވެ.

 

57 ވަނަ މާއްދާ - އޮޑިޓް ރިޕޯޓު

އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކުރާ އެކައުންޓުގެ ސްޓޭޓްމަންޓާއި، އޮޑިޓް ރިޕޯޓު، ފާސްކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ސޮސައިޓީއަށާއި ރެޖިސްޓްރާރަށް، އޮޑިޓް އޮފިސަރު ހުށަހަޅަންވާނެއެވެ. އަދި މި ރިޕޯޓުގައި، އަންނަނިވި ކަންތައް ހިމަނަންވާނެއެވެ.

  1. ގާނޫނާއި، ގަވާއިދާއި، ސޮސައިޓީގެ ހިންގާ ގަވާއިދާ ހިލާފަށް ކުރެވިފައިވާ މުއާމަލާތުތައް.
  2. އެކައުންޓުގައި ހިމަނަންޖެހޭ، ނަމަވެސް ހިމެނިފައިނުވާ ފައިސާގެ އަދަދު.
  3. އިހުމާލުވުމުގެ ސަބަބުން، ނުވަތަ ބަލަންޖެހޭވަރަށް ނުބެލުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި، އިތުރަށް ތަހްގީގުކުރަންޖެހޭ ކަންތައް.
  4. އެއްވެސް ފަރާތަކުން ނަހަމަގޮތުގައި ސޮސައިޓީއަށް ނިސްބަތްވެގެންވާ މުދަލަކަށް މަކަރާއި ހީލަތް ނުވަތަ ހިޔާނާތްތެރި ވެފައިވާކަމަށް ފެންނަނަމަ އެކަން.
  5. އޮޑިޓް ރިޕޯޓުގައި ހިމަނަންޖެހޭނެކަމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ ކަންތައްތައް.
  6. އޮޑިޓް ރިޕޯޓުގައި ހިމެނުން މުހިންމުކަމަށް އޮޑިޓް އޮފިސަރަށް ފެންނަ ކަންތައްތައް.

58 ވަނަ މާއްދާ - އިސްލާހުކުރަންޖެހޭ ކަންތައްތައް އިސްލާހު ކުރުން

އޮޑިޓް އޮފިސަރުގެ ރިޕޯޓު ލިބުމާއެކު، އެ ރިޕޯޓާ ގުޅިގެން ގެންނަންޖެހޭ އިސްލާހުތަކާއި ބަދަލުތައް ގެންނަންވާނެއެވެ. އަދި މިގޮތުން ގެނެވުނު އިސްލާހުތަކާއި ބަދަލުތައް، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހިންގާ ކޮމިޓީން ރެޖިސްޓްރާރަށް އަންގަންވާނެއެވެ.

 

 

 

 

ތަހްގީގުކުރުމާއި ސޮސައިޓީ އުވާލުން

 

59 ވަނަ މާއްދާ - ރެޖިސްޓްރާރ ތަހްގީގުކުރުން

ތިރީގައިމިވާ ހާލަތުތަކުގައި ރެޖިސްޓްރާރ ކަނޑައަޅާ ގޮތެއްގެމަތިން ސޮސައިޓީގެ ހިސާބުތަކާއި، ލިޔުންތަކާއި، ސޮސައިޓީގެ  އޮނިގަނޑާއި، ކުރެވޭ މަސައްކަތާއި، މާލީ ހާލަތު ހުރިގޮތާމެދު ތަހްގީގު ކުރެވިދާނެއެވެ.

  1. ހިންގާ ކޮމިޓީގެ މެންބަރުންގެ ތެރެއިން، މަދުވެގެން ދެބައިކުޅައެއްބައި އެދިއްޖެނަމަ.
  2. ސޮސައިޓީގެ މެންބަރުންގެ 33 އިންސައްތަ މެންބަރުންނަށްވުރެ މަދުނޫން އަދަދަކުން އެދިއްޖެނަމަ.
  3. އެފަދަ ތަހްގީގެއް ކުރަން، ރެޖިސްޓްރާރަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ފެނިއްޖެނަމަ.

 

60 ވަނަ މާއްދާ - ސޮސައިޓީ އުވާލުމުގެ އަމުރު

(ހ) ތިރީގައިމިވާ ހާލަތުތަކުގައި ސޮސައިޓީއެއް އުވާލުމުގެ އަމުރު ރެޖިސްޓްރާރަށް ނެރެވިދާނެއެވެ.

  1. މި ގާނޫނުގެ 59 ވަނަ މާއްދާގައިވާ ފަދައިން، ތަހްގީގު ކުރުމަށްފަހު، އެ ސޮސައިޓީއެއް އުވާލުމަށް ރެޖިސްޓްރާރަށް ފެނިއްޖެނަމަ.
  2. ސޮސައިޓީގެ މެންބަރުން ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާއެއްގައި މެންބަރުންގެ އަގްލަބިއްޔަތުން ސޮސައިޓީ އުވާލަން ފާސްކޮށް، ލިޔުމަކުން އެކަން ރެޖިސްޓްރާރަށް ހުށަހެޅުމުން.
  3. ސޮސައިޓީގެ މައިގަނޑު މަގްސަދު ކަމަށްވާ މަސައްކަތް، ސޮސައިޓީ ރަޖިސްޓަރީ ކުރެވުނު ދުވަހުން ފެށިގެން 1 އަހަރުވީއިރުވެސް ފެށްޓިފައި ނުވުން.
  4. ސޮސައިޓީގެ މައިގަނޑު މަގްސަދު ކަމަށްވާ މަސައްކަތް، ހުއްޓާލާފައިވާތާ 1 އަހަރު ވެފައިވުން.
  5. ރަޖިސްޓަރީކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި، ގަވާއިދުތަކަށް އަމަލު ނުކުރުން.
  6. މި ގާނޫނުގެ 13 ވަނަ މާއްދާގެ (ނ)ގައި ރެޖިސްޓްރާރަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން.

(ށ) މި މާއްދާގެ ދަށުން ސޮސައިޓީއެއް އުވާލުމަށް ރެޖިސްޓްރާރ ކޮށްފައިވާ އަމުރެއް ތަންފީޒު ކުރެވޭނީ، އެ އަމުރަކާމެދު ހިތްހަމަނުޖެހިގެން މައްސަލަ ށަރީއަތަށް ހުށަހެޅުމަށް، މަދުވެގެން 1 މަސް ދުވަސް ދިނުމަށްފަހު އެ މުއްދަތުގައި އެ މައްސަލަ ށަރީއަތަށް ހުށަނޭޅުމުން، ނުވަތަ ހުށަހެޅި ކޯޓުން އެ މައްސަލަ ގަބޫލު ނުކުރުމުންނެވެ.

 

61 ވަނަ މާއްދާ - ސޮސައިޓީ އުވާލާކަން އެންގުން

ސޮސައިޓީއެއް އުވާލުމުގެ އަމުރު ރެޖިސްޓްރާރ ނެރެފިނަމަ، ކަނޑައެޅިފައިވާ އުސޫލެއްގެމަތިން، އެ އަމުރުގެ ކޮޕީ، އެ ސޮސައިޓީއަށާއި، އެ ސޮސައިޓީގެ މެންބަރުންނަށާއި، ދަރަނިވެރިވެފައިވާ ފަރާތްތަކަށް، ރެޖިސްޓްރާރ ފޮނުވަންވާނެއެވެ.

 

62 ވަނަ މާއްދާ - ސޮސައިޓީގެ ދަރަނިތައް އަދާކުރާނެގޮތުގެ ތަފްސީލު

ސޮސައިޓީއެއް އުވާލުމުގައި، އެ ސޮސައިޓީއެއްގެ މުދަލާއި ފައިސާ ބޭނުންކުރާނީ، ތިރީގައިމިވާ ކަންކަމަށް އަދި ތިރީގައިމިވާ ތަރުތީބުންނެވެ.

(ހ) ސޮސައިޓީ އުވާލުމަށް އައްޔަންކޮށްފައިވާ ފަރާތުގެ އުޖޫރަ ދިނުމަށް.

(ށ) ސޮސައިޓީގެ ދަރަނި އަދާކުރުމަށް.

(ނ) ސޮސައިޓީގެ ދަރަނި އަދާކުރުމަށްފަހު، ހިއްސާގެ ނިސްބަތުން މެންބަރުންގެ މެދުގައި ބެހުމަށް.

 

 

 

ލިކުއިޑޭޓަރ

 

63 ވަނަ މާއްދާ - ލިކުއިޑޭޓަރ އައްޔަންކުރުމާއި އޭނާއަށް ލިބިދޭ ބާރު

(ހ) ސޮސައިޓީއެއް އުވާލުމަށް ރެޖިސްޓްރާރ އަމުރު ނެރޭއިރު، ލިކުއިޑޭޓަރެއް އައްޔަންކޮށް، އޭނާގެ އުޖޫރަ ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ ލިކުއިޑޭޓަރަށް، ތިރީގައިމިވާ ބާރުތައް ލިބިގެންވެއެވެ.

  1. ސޮސައިޓީގެ ހުރިހާ މިލްކިއްޔާތަކާއި ސޮސައިޓީގެ ވިޔަފާރިއާގުޅޭ ފޮތްތަކާއި އެހެނިހެން ލިއެކިޔުންތަކާއި ރެކޯޑުތައް އޭނާގެ ބާރުގެ ދަށަށް ގެނައުން.
  2. ސޮސައިޓީ އުވާލުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށްޓަކައި، ފައިދާހުރި ގޮތަކަށް ސޮސައިޓީގެ ވިޔަފާރި ކުރިޔަށް ގެންދިއުން.
  3. ސޮސައިޓީން ފައިސާ ދައްކަންޖެހޭ ފަރާތްތަކުން އެކަން ހުށަހަޅަންޖެހޭ ތާރީހު ކަނޑައެޅުން.
  4. ސޮސައިޓީގެ ފަރާތުން ހުށަހަޅަންޖެހޭ މައްސަލަ ހުށަހެޅުމާއި، އެއާގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.
  5. ސޮސައިޓީއަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި، ކުރަންޖެހޭ ކަންތައް ކުރުން.
  6. ސޮސައިޓީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައި، އެޅެންހުރި ފިޔަވަޅު އެޅުން.
  7. ސޮސައިޓީގައިހުރި ފައިސާއާއި މުދަލަށް ބަލައި، ސޮސައިޓީން ހޯދުމަށް އެދި ހުށަހަޅާފައިވާ ފައިސާ ދޫކުރުން.
  8. ރެޖިސްޓްރާރގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު، ސޮސައިޓީގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަތަކުގައި، ސުލްހަވެރި ހައްލު ހޯދުން.
  9. ސޮސައިޓީ އުވާލުމުގެ ކަންތައް ރަނގަޅަށް ގެންދިއުމަށްޓަކައި، 7 ދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ނޯޓިސްދީ، މެންބަރުންގެ ބައްދަލުވުމަކަށް އިއްލާނު ކުރުން.
  10. ސޮސައިޓީ އުވާލުމުގެ މަސައްކަތް ހިންގުމަށްޓަކައި އެއިރަކަށް ހާޒިރުކުރަންޖެހޭ މީހުންނާއި، ހެކިން ހާޒިރުކުރުމާއި، ބޭނުންވާ ލިޔެކިއުން ގެނެސް ބެލުން.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލިކުއިޑޭޓަރ ނިންމާ ކަމަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން، އެ ނިންމުމެއް ނިންމާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ރެޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ރ) ލިކުއިޑޭޓަރުގެ ބާރުގެ ދަށުގައި ނުވަތަ ބާރުގެ ދަށަށް އަންނަ ސޮސައިޓީގެ މުދަލާއި، ފައިސާ، ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކާ ލިކުއިޑޭޓަރ ހަވާލުކުރަންވާނެއެވެ.

(ބ) ކޮންމެ 3 މަހުން 1 މަހު، ސޮސައިޓީ އުވާލުމުގެ ކަންތައް ކުރިއަށް ދާގޮތުގެ ރިޕޯޓެއް ލިކުއިޑޭޓަރ، ރެޖިސްޓްރާރަށް ފޮނުވަންވާނެއެވެ. އަދި ސޮސައިޓީ އުވާލުމުގެ ކަންތައް ނިމުމާއެކު، ފުރިހަމަ ރިޕޯޓެއް ސޮސައިޓީއަށާއި ރެޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ. އަދި ސޮސައިޓީ އުވާލުމުގެ ކަންތަކާގުޅޭ ހުރިހާ ފޮތްތަކާއި، ލިޔެކިޔުންތަކާއި، އެކައުންޓުތައް ރެޖިސްޓްރާރާއި ހަވާލު ކުރަންވާނެއެވެ.

 

64 ވަނަ މާއްދާ - މައްސަލަ ބެލުން

(ހ) މި ގާނޫނުގެ ދަށުން ކުރާ ތަހްގީގަކުން ނުވަތަ ކުރާ އިންސްޕެކްށަނަކުން ނުވަތަ ސޮސައިޓީ އުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ސޮސައިޓީ ހިންގުމުގައި ބައިވެރިވެފައިވާ މީހަކު، ތިރީގައިވާ ކަމެއް ކޮށްފިކަމަށް ގަބޫލުކުރެވިއްޖެނަމަ، އެ މައްސަލައެއް އިތުރަށް ބަލަންވާނެއެވެ.

  1. ގަވާއިދަކާއި ނުވަތަ ސަރުކާރުގެ އެންގުމަކާ ހިލާފުވާފަދަ ގޮތަކަށް ގަސްތުގައި ސޮސައިޓީގެ ފައިސާ ދެއްކުން ނުވަތަ ފައިސާ ދެއްކުމަށް ހުއްދަދިނުން.
  2. ސޮސައިޓީއަށް ގެއްލުން ލިބޭފަދަ ގޮތަކަށް އިހުމާލުވުން.
  3. އެކައުންޓަށް ކޮންމެހެން އިތުރުކުރަންޖެހޭ ފައިސާ އިތުރުކޮށްފައި ނުވުން.
  4. ނަހަމަގޮތުގައި، އޮފިސަރަކު ސޮސައިޓީއަށް މުދާ ހޯދާފައިވުން.

(ށ) އޮފިސަރެއްގެ އަމަލުން ސޮސައިޓީއަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު، ސޮސައިޓީއަށް ދެއްކުމަށް ރެޖިސްޓްރާރ އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރެޖިސްޓްރާރ ކުރާ އަމުރަކުން ޖިނާއީގޮތުން އެފަދަ އޮފިސަރަކު އުފުލަންޖެހޭ ޒިންމާއިން ބަރީއައެއް ނުވެވޭނެއެވެ.

 

65 ވަނަ މާއްދާ – ކުށް

ތިރީގައިމިވާ އަމަލެއް ކުރުމަކީ ކުށެކެވެ.

(ހ) މި ގާނޫނުގެ ދަށުން ދޭންޖެހޭ މައްލޫމާތު، ދޭންޖެހޭ ފަރާތަކަށް ނުދިނުން.

(ށ) ހިންގާ ކޮމިޓީގެ މެންބަރަކަށްވުމުގެ ށަރްތު ފުރިހަމަނުވާ މީހަކު، ހިންގާ ކޮމިޓީގެ މެންބަރަކަށްވުން، ނުވަތަ ވާންއުޅުން.

(ނ) ހިންގާ ކޮމިޓީގެ މެންބަރެއްނޫން މީހަކު އެއީ އެފަދަ ކޮމިޓީއެއްގެ މެންބަރަކު ކަމުގައި ބުނުން، ނުވަތަ އެފަދަ މީހެއްކަމަށް ދެއްކުން.

(ރ) މި ގާނޫނުން ލާޒިމުކުރާ ކަމެއް ނުކުރުން.

(ބ) ރެޖިސްޓްރާރުގެ ހުއްދަ، ކުރިން ހޯދަންޖެހޭ ކަމެއްގައި، ހުއްދަ ނުހޯދައި އެކަމެއް ކުރުން.

 

66 ވަނަ މާއްދާ - ގާނޫނާ ހިލާފުވިކަމަށް ބެލުން

(ހ) މި ގާނޫނާ ހިލާފުވިކަމަށް ބެލެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ސޮސައިޓީއަކުން ކުރަންޖެހޭ ކަމެއް ނުކޮށްފިނަމަ، ނުވަތަ ވަކިމުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަމެއް އެ މުއްދަތުގައި ނުކޮށްފިނަމަ، ނުވަތަ މި ގާނޫނުގެ ދަށުން ރެޖިސްޓްރާރަށް، ނުވަތަ މިނިސްޓަރަށް ނުވަތަ އެއިން ފަރާތަކުން ކަނޑައަޅާ އެހެންފަރާތަކަށް ލިބިފައިވާ އިހްތިޔާރެއްގެ ދަށުން ކުރާ އަމުރަކަށް ނުކިޔަމަންތެރި ވުމުންނެވެ.

 

67 ވަނަ މާއްދާ – އަދަބު

(ހ) މި ގާނޫނުގެ ދަށުން ކުށެއް ކޮށްފިނަމަ، އެކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، 5،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެމީހަކު ނުވަތަ އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅޭ އަދަބުގެ އިތުރަށް، އެ ކުށެއްގެ ސަބަބުން ސޮސައިޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ސޮސައިޓީއަށް ލިބިދެވޭނެއެވެ.

 

68 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ: 

"ހިންގާ ގަވާއިދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދޭ ސޮސައިޓީއެއްގެ ހިންގާ ގަވާއިދާއި، އެ ގަވާއިދަށް ގެނެވޭ އުނިއިތުރަށެވެ. 

"ހިންގާ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ސޮސައިޓީ ހިންގުމަށް އެކުލެވޭ ކޮމިޓީއަށެވެ. 

"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ ސޮސައިޓީއެއްގެ ހިންގާ ގަވާއިދުގައި އެ ސޮސައިޓީއެއްގެ މާލީ އަހަރުކަމަށް ކަނޑައަޅާފައިވާ މުއްދަތަށެވެ.

"ގަވާއިދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު ހިންގުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށެވެ. 

"ސާފު ފައިދާ" ކަމަށް ބުނެފައި އެވަނީ، ހުރިހާ ހަރަދެއް (މީގެތެރޭގައި ލޯނަށް ދައްކަންޖެހޭ އިންޓަރެސްޓް، އޯޑިޓު ފީ، އަދި މިނޫންވެސް ހަރަދު ހިމެނޭގޮތަށް) ކަނޑައި ބާކީވާ ފައިދާއަށެވެ. 

"ސޮސައިޓީ" މި ލަފުޒު ބޭނުންކޮށްފައި އެވަނީ، "ކޯޕަރޭޓިވް ސޮސައިޓީ" އަށް ނިސްބަތްކޮށްފައެވެ. 

"ސެކްރެޓެރީ" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ (3) ގައާއި މި ގާނޫނުގެ އެހެން ތަންތާނގައި ބުނެފައިވާ އާންމު ޖަލްސާއާއި ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާތަކުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާ ހިންގާ ކޮމިޓީގެ ސެކްރެޓެރީއަށެވެ.  

"އޮޑިޓް އޮފިސަރ" ކަމަށްބުނެފައި އެވަނީ ސޮސައިޓީގެ މާލީ ހިސާބުތައް އޮޑިޓް ކުރުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ. 

"އާބިޓްރޭޓަރ" ކަމަށްބުނެފައި އެވަނީ މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސޮސައިޓީއަކާއި އެހެން ފަރާތަކާ ދެމެދު ހިނގާ ދެބަސްވުމެއް ހައްލުކޮށްދިނުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ. 

"ލިކުއިޑޭޓަރ" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސޮސައިޓީއެއް އުވާލުމުގެ މަސައްކަތް ކުރުމަށްޓަކައި މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ރެޖިސްޓްރާރ އައްޔަންކުރާ ފަރާތަކަށެވެ. 

"އިންކުއަރާރ" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސޮސައިޓީއެއްގެ މުއާމަލާތުތަކާއި ހިންގުމާބެހޭ ގޮތުން މައްލޫމާތު ހޯދުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު