-

މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުމާ ބެހޭ ގަވާއިދު 

(ގަވާއިދު ނަންބަރު 74/2020)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 79 ވަނަ މާއްދާއާއި 80 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުމާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގްސަދު 

މި ގަވާއިދުގެ މަގްސަދަކީ، މަސްވެރިކަމުގެ ދާއިރާގައި ގަނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އެކިއެކި ހަރަކާތްތަކަށް ފިޔަވަޅު އެޅުމަށް، ދެފުށް ފެންނަ ފިޔަވަޅު އެޅުމުގެ ސާފު ނިޒާމެއް ކަނޑައެޅިފައި އޮތުމާއި، އެކަށީގެންވާ އަވަސް ގޮތެއްގައި ފިޔަވަޅު އަޅައިގެން، މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތައް މަދުކުރުމާއި، މަސްވެރިކަމުގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ހައްގުތައް ރައްކައުތެރި ކޮށްދިނުމަށް ޓަކައި އިންސާފުވެރި އަދި ޖަވާބުދާރީވުމުގެ ފުރުސަތު ލިބިދެވޭ ފަދަ ފިޔަވަޅު އެޅުމުގެ ނިޒާމެއް ގާއިމުކޮށް ހިންގުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގޭ ފަރާތްތައް

މި ގަވާއިދު ހިނގާނީ، އަންނަނިވި ފަރާތްތަކާއި ކަންކަމުގެ މައްޗަށެވެ.

(ހ) މަސްވެރިކަމުގެ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ އެންމެހައި ހަރަކާތަކަށް؛

(ށ) މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގާ ހުރިހާ ދިވެހިންނާއި ބިދޭސީންގެ މައްޗަށް؛

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހައި އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި އުޅޭ މީހުންގެ މައްޗަށް.

 

4 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަރާތަކުން، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާ، ނުވަތަ  އެ ގާނޫނުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދަކާ، ނުވަތަ އެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނަކާ ހިލާފު ހަރަކާތެއް ހިންގައިފިނަމަ، އިދާރީ ފިޔަވަޅު އަޅާނީ މި ގަވާއިދުގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކަށް އަދަބުގެ މިންވަރު ކަނޑައެޅުމުގައި، ކުށުގެ ބާވަތާއި، ކުށްކުރި ހާލަތާއި، ކުށުގެ މިންވަރާއި، އެ ކުށުގެ ކުޑަބޮޑު މިނާއި، ކުށްކުރި ފަރާތުން އެ ކުށަކަށް ޒިންމާވާންޖެހޭ މިންވަރަށް މިނިސްޓްރީން ރިއާޔަތް ކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅޭ ފަރާތަކަށް "އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިސް" އެއް، މިނިސްޓްރީގެ ފަރާތުން ދޭންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން އިދާރީ ފިޔަވަޅު އެޅުމަށް ދޭ ނޯޓިހުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކުރި ކުށުގެ ނުވަތަ ގަވާއިދާ ހިލާފު ހަރަކާތުގެ ތަފުސީލު؛
  2. ގަވާއިދާ ހިލާފު ހަރަކާތެއް ހިންގި ނުވަތަ ހިންގުނު ތަނާއި، ތާރީހާއި، ވަގުތު؛
  3. ނޯޓިސް ރައްދުވާ ފަރާތުގެ ނަމާއި އެޑްރެސް؛
  4. އިދާރީ ފިޔަވަޅުގެ ގޮތުގައި ޖޫރިމަނާއެއް ކުރާނަމަ، ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ އެންމެ ފަހު ތާރީހާއި، ދައްކަންޖެހޭ ތަނެއް ނުވަތަ ގޮތެއް؛
  5. އިދާރީ ފިޔަވަޅު އަޅައިފައިވަނީ މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުގެ ކޮން މާއްދާއަކުން ކަން؛
  6. ނޯޓިސް ދޫކުރާ ފަރާތުގެ ނަމާއި، މަގާމާއި، ސޮއި.
  7. ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 57 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަންފީޒީ އޮފިސަރެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކޮންމެ ފަރާތަކަށްވެސް ނުވަތަ ރޭންޖަރަކަށްވެސް މި ގަވާއިދުގެ ދަށުން މިނިސްޓްރީން އަޅާ އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިސް ދެވިދާނެއެވެ.
  8. މި މާއްދާގެ (ހ) ގެ ދަށުން އަޅާ އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިސްތަކުގެ މައުލޫމާތު މިނިސްޓްރީއަށް ރިޕޯޓްކޮށް ބެލެހެއްޓުމަށާއި ރައްކައުކުރުމަށް މިނިސްޓްރީގެ ފަރާތުން ނިޒާމެއް ގާއިމު ކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - އެއް ފަރާތަށްވުރެ ގިނަ ފަރާތާމެދު އިދާރީ ފިޔަވަޅު އެޅުން

މި ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި ކުށުގެ ބާވަތުން އެ ކުށެއް ކުރުމުގައި ސީދާގޮތުން ހަރަކާތްތެރިވާ ފަރާތެއްގެ އިތުރުން އެހެން ފަރާތެއް ހިމެނޭ ނަމަ، އިތުރު ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން، އުޅަނދެއްގައި މަސްވެރިކަމުގެ ކުށެއް ކޮށްފިނަމަ، ކުށް ކުރުމުގައި ސީދާގޮތުން ހަރަކާތްތެރިވި ފަރާތާއި، އުޅަނދުގެ މާސްޓަރާއި، އުޅަނދުގެ ވެރިފަރާތާއި، އުޅަނދު އޮޕަރޭޓްކުރާ ފަރާތާ މެދުގައިވެސް އިދާރީ ފިޔަވަޅު އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިސް މުރާޖައާކުރުން

(ހ) މި މާއްދާގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިސް ރައްދުވާ ފަރާތަކުން ނޯޓިހާމެދު ހިތްހަމަނުޖެހިއްޖެނަމަ، އެ ނޯޓިހެއް ލިބޭ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ފިޔަވަޅު މުރާޖައާ ކޮށްދިނުން އެދި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ނޯޓިސް މުރާޖައާ ކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުން ލިބޭ ތާރީހުން ފެށިގެން، ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ނޯޓިހާ މެދުގައި މިނިސްޓްރީން ނިންމާ ގޮތެއް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ނޯޓިސް ދޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ނޯޓިސް ބާތިލުކުރުމަށް ކޯޓަށް ހުށަހަޅައިފައި ނުވާނަމަ، ނުވަތަ މި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު މުރާޖައާކޮށް ފިޔަވަޅު އެޅުމުގެ ނޯޓިސް ބާތިލުކޮށްފައި ނުވާނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނޯޓިހުގައި ކަނޑައަޅައިފައިވާ ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސް ކުރަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކައިފައި ނުވާނަމަ، ނޯޓިހުގައިވާ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއް ކަމުގައި ބަލައި، މިނިސްޓްރީގެ ފަރާތުން، ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - އިދާރީ ފިޔަވަޅުގެ ނޯޓިސް މުރާޖައާކުރާ ކޮމިޓީ

މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އަޅާ އިދާރީ ފިޔަވަޅުތައް އަޅައިފައިވަނީ މި ގަވާއިދުގެ ދަށުން އަމަލު ކުރަންޖެހޭ އިޖުރާއަތްތަކާ އެއްގޮތަށްކަން ކަނޑައެޅުމަށާއި، މިނިސްޓްރީގެ ފަރާތުން އެއްވެސް ފަރާތަކަށް ދޭ އިދާރީ ފިޔަވަޅުގެ ނޯޓިހާ ގުޅިގެން ށަކުވާ ހުށަހެޅުމަށް ލިބިދޭ މުއްދަތުގައި ހުށަހަޅާ ށަކުވާތައް ބެލުމަށް މިނިސްޓްރީގެ ފަރާތުން "މަސްވެރިކަމުގެ ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު އަޅާ އިދާރީ ފިޔަވަޅުގެ ނޯޓިސް މުރާޖައާކުރާ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވައިލަން ވާނެއެވެ.

 

8 ވަނަ މާއްދާ - ކޮމިޓީއަށް މެންބަރުން އައްޔަނު ކުރުމާއި ވަކިކުރުން

(ހ) "މަސްވެރިކަމުގެ ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު އަޅާ އިދާރީ ފިޔަވަޅުގެ ނޯޓިސް މުރާޖައާކުރާ ކޮމިޓީ" އަށް މެންބަރުން އައްޔަނުކޮށް ވަކިކުރާނީ މިނިސްޓަރެވެ.

(ށ) ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާ ހިލާފުވާ ފަރާތްތަކާ މެދު އަޅާ އިދާރީ ފިޔަވަޅުގެ ނޯޓިސް މުރާޖައާކުރާ ކޮމިޓީއަށް މެންބަރުން އައްޔަނު ކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. މިނިސްޓްރީގެ ލީގަލް ސެކްށަނުން 1 (އެކެއް) މުވައްޒަފު؛
  2. މިނިސްޓްރީގެ ފިށަރީޒް ޑިޕާޓްމަންޓުން 1 (އެކެއް) މުވައްޒަފު؛
  3. މިނިސްޓްރީގެ އެހެން ޑިޕާޓްމަންޓްތަކުން 5 (ފަހެއް) މުވައްޒަފުން.

 

9 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުންގެ ށަރުތުތައް

ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާ ހިލާފުވާ ފަރާތްތަކާމެދު އަޅާ އިދާރީ ފިޔަވަޅުގެ ނޯޓިސް މުރާޖައާކުރާ ކޮމިޓީއަށް އައްޔަނު ކުރާ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވޭތޯ ކަށަވަރު ކުރަން ވާނެއެވެ.

(ހ) ސިޔާސީ މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން؛

(ށ) މިނިސްޓްރީގައި ދާއިމީ ވަޒީފާއެއް އަދާކުރަމުންދާ މުވައްޒަފެއް ކަމުގައި ވުން.

 

10 ވަނަ މާއްދާ - ކޮމިޓީގެ މުގައްރިރާއި މުގައްރިރުގެ ނައިބު އައްޔަނުކުރުމާއި އެ ފަރާތްތަކުގެ ޒިންމާތައް

(ހ) (ގާނޫނު ނަންބަރު) މަސްވެރިކަމުގެ ގާނޫނާއި ހިލާފުވާ ފަރާތްތަކާމެދު އަޅާ އިދާރީ ފިޔަވަޅުގެ ނޯޓިސް މުރާޖައާކުރާ ކޮމިޓީ އެކުލަވައިލުމާއެކު އެ ކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، އެ ކޮމިޓީގެ މުގައްރިރާއި މުގައްރިރުގެ ނައިބު އިންތިހާބު ކުރަން ވާނެއެވެ.

(ށ) ކޮމިޓީގެ މުގައްރިރުގެ ގޮތުގައި އައްޔަނު ކުރާ ފަރާތުން، ކޮމިޓީގެ ބައްދަލުވުންތަކާ ގުޅޭ އަންނަނިވި ކަންތައް ކުރަން ވާނެއެވެ.

  1. ކޮމިޓީގެ ބައްދަލުވުންތަކަށް ހާޒިރުކުރަން ޖެހޭ ފަރާތްތަކަށް ނޯޓިސް ފޮނުވުން؛
  2. ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމުގެ މަސައްކަތް ވިލަރެސްކުރުން؛
  3. ކޮމިޓީއަށް ހުށަހެޅޭ މުރާޖައާކުރުމުގެ ނޯޓިހާ ގުޅިގެން ނިންމާ ނިންމުންތަކުގެ މައުލޫމާތު އާންމުކުރުން.

(ނ) އެއްވެސް ސަބަބަކާ ހުރެ ކޮމިޓީގެ މުގައްރިރަށް އަޑުއެހުމަކަށް ހާޒިރު ނުވެވޭނަމަ، އެ އަޑުއެހުމަކާ ގުޅޭގޮތުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރާނީ ކޮމިޓީގެ މުގައްރިރުގެ ނައިބެވެ.

 

11 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުންގެ ސުލޫކީ މިންގަނޑު

ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާ ހިލާފުވާ ފަރާތްތަކާމެދު އަޅާ އިދާރީ ފިޔަވަޅުގެ ނޯޓިސް މުރާޖައާކުރާ ކޮމިޓީއަށް އައްޔަނު ކުރާ އެންމެހައި މެންބަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، އަންނަނިވި ސުލޫކީ މިންގަނޑުގައި ހިމެނޭ ކަންކަމުގައި ހިފަހައްޓަން ވާނެއެވެ.

(ހ) ކޮމިޓީއަށް ހުށަހަޅޭ ށަކުވާއަކީ، ކޮމިޓީގެ މެންބަރެއްގެ އަމިއްލަ މަސްލަހަތު އޮތް ކަމެއް ނަމަ، އެ ށަކުވާއަކާ މެދުގައި ގޮތެއް ނިންމުމުގައި ބައިވެރި ނުވުން؛

(ށ) ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ތިންވަނަ ފަރާތަކާ ހިއްސާނުކުރުން؛

(ނ) ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމަށްޓަކައި މަގާމުގެ މަސްއޫލިއްޔަތުގެ ބޭނުން ނުކުރުން.

 

12 ވަނަ މާއްދާ - މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތް

(ހ) ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާ ހިލާފުވާ ފަރާތްތަކާމެދު އަޅާ އިދާރީ ފިޔަވަޅުގެ ނޯޓިސް މުރާޖައާކުރާ ކޮމިޓީއަށް ހުށަހެޅޭ ކޮންމެ މައްސަލައަކާ ގުޅިގެން އެ ކޮމިޓީގެ އަޑުއެހުމެއް ބާއްވަން ވާނެއެވެ.

(ށ) ކޮމިޓީއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އަޑުއެހުމެއް ބޭއްވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން، މައްސަލަ ހުށަހެޅި ފަރާތަށާއި ފިށަރީޒް ކޮމްޕްލަޔަންސް ސެކްށަނަށް، އަންނަނިވި މައުލޫމާތު ފޮނުވަން ވާނެއެވެ.

  1. ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތަން؛
  2. ބައްދަލުވުން ބާއްވާ ގަޑި؛
  3. ހުށަހެޅިފައިވާ ށަކުވާއާ ގުޅިގެން ކޮމިޓީން ހޯދަން ބޭނުންވާ އިތުރު މައުލޫމާތު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަޑުއެހުން، އޯޑިއޯ/ވީޑިއޯ ކޮންފަރަންސް ކުރެވޭ ނިޒާމެއް މެދުވެރިކޮށް ބޭއްވިދާނެއެވެ.

(ރ) ކޮމިޓީއަށް މައްސަލަ ހުށަހަޅާ ފަރާތުން އެދިއްޖެ ނަމަ، އެ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ކޮމިޓީގެ އަޑުއެހުމުގައި ބައިވެރިކޮށްދިނުމަށް އެދި ކޮމިޓީގެ އަޑުއެހުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ލިޔުމުން އަންގަންވާނެއެވެ.

(ބ) ކޮމިޓީއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ބާއްވާ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލަކު ބައިވެރިކުރެވިދާނެއެވެ.

(ޅ) ށަކުވާ ހުށަހަޅާ ފަރާތުން އެދިގެން ކޮމިޓީގެ އަޑުއެހުމެއް ފަސްކުރެވޭނީ 1 (އެކެއް) ފަހަރުއެވެ. މިގޮތަށް ފަސްކޮށްދިނުމަށް އެދޭނަމަ، އަޑުއެހުން ފެށުމުގެ 2 (ދޭއް) ގަޑިއިރުގެ ކުރިން ލިޔުމުން އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ކ) ވަކި ސަބަބެއް އެންގުމަކާ ނުލައި ށަކުވާ ހުށަހެޅި ފަރާތުން އަޑުއެހުމަކަށް ހާޒިރު ނުވެއްޖެ ނަމަ، ށަކުވާ ހުށަހެޅި ފަރާތުން  ފުރުސަތު ދޫކޮށްލީކަމަށް ބަލައި، ކޮމިޓީގެ ފަރާތުން އެ މައްސަލައިގައި ގޮތެއް ނިންމަންވާނެއެވެ.

 

13 ވަނަ މާއްދާ - ކޮމިޓީގެ ކޯރަމް

އިދާރީ ފިޔަވަޅުގެ ނޯޓިސް މުރާޖައާކުރާ ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ގެންދިޔުމަށް، އެ ބައްދަލުވުމެއްގެ މުގައްރިރު ހިމެނޭ ގޮތަށް މަދުވެގެން 3 (ތިނެއް) މެންބަރުން ތިބެންވާނެއެވެ.

 

14 ވަނަ މާއްދާ - ށަކުވާއާ މެދު ގޮތެއް ނިންމުން

ކޮމިޓީގެ ފަރާތުން އިދާރީ ފިޔަވަޅު މުރާޖައާ ކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، ފިޔަވަޅު ބާތިލު ކުރުމަށް ނުވަތަ އަޅައިފައިވާ ފިޔަވަޅަށް ބަދަލުގެނެސްފައި، އައު ނޯޓިހެއް ދިނުމަށް އެންގިދާނެއެވެ.

(ހ) އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިހުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވެފައި ނެތުން؛

(ށ) އިދާރީ ފިޔަވަޅު އެޅުމުގެ ނޯޓިސް ދީފައިވަނީ ކަމާ ގުޅުން ނެތް ނުވަތަ ރައްދުވާންޖެހޭ ފަރާތަށް ކަމުގައި ނުވުން؛

(ނ) އިދާރީ ފިޔަވަޅު އަޅައިފައިވަނީ އެކަށީގެންވާ ހެކި ނެތިކަމުގައި ވުން. މިކަމަށް ރިއާޔަތްކޮށް ފިޔަވަޅު މުރާޖައާ ކުރުމުގައި، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 82 ވަނަ މާއްދާގައިވާ ކަންކަމަށް ފުރިހަމައަށް ރިއާޔަތް ކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - މުއްދަތު ގުނުމުގައި އަމަލުކުރާނެ ގޮތް               

މި ގަވާއިދުގައި ވަކި މުއްދަތެއްގައި ކުރުމަށް ކަނޑައަޅައިފައިވާ ކަންކަން  ގުނުމުގައި، އަމިއްލަ ބާރުނުފޯރާ ކަމެއް މެދުވެރިވެގެން އިތުރުވާ މުއްދަތެއް ނުގުނޭނެއެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މާސްޓަރ" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި،  އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޔޮޅު ނުވަތަ ސްކިޕަރ ހިމެނެއެވެ.

(ށ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭ ގޮތަށް މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "މަސް" ކަމުގައި ބުނެފައި އެވަނީ، ޖަނަވާރެއް ނުވަތަ ގަހެއް، ނުވަތަ  މަހެއްގެ ސިފައެއް ހުރި، ނުވަތަ އެފަދަ ސިފައެއް ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. މި މާނައިގެ ތެރޭގައި މައިކަށި ހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި، ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭ ތަކެތީގެ ޅަ އެއްޗެއްސާއި، އެ ތަކެތީގެ ފަންޏާއި ބިސް ހިމެނެއެވެ.

(ރ) "މަސްވެރިކަން" ކަމުގައި ބުނެފައި އެވަނީ:

  1. ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި، ބޭނުމަށް މަސް ހޯދުން؛
  2. މަސް ހޯދުމަށް، ނުވަތަ މަސް ހިފުމަށް، ނުވަތަ މަސް ނެގުމަށް، ނުވަތަ މަސް މެރުމަށް މަސައްކަތްކުރުން؛
  3. އެ ކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ނުވަތަ މަސް ހިފުން، ނުވަތަ މަސް ނެގުން، ނުވަތަ މަސް މެރުން ނުވަތަ މަސް ބޭނުން ކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
  4. "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ނުވަތަ ހޯދުން ނުވަތަ އަނބުރާ ހޯދުން؛
  5. މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ އެއްގަމުގައި (ރަށެއްގައި) މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު ނުވަތަ (4) ވަނަ ނަންބަރުގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.

(ބ) "މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް" ކަމުގައި ބުނެފައި އެވަނީ:

  1. މަސް ނުވަތަ މަހުގެ އުފެއްދުންތައް ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިޔުމަށް ނުވަތަ މަސް ނުވަތަ އެފަދަ އުފެއްދުމެއް ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިޔުމަށް (ޓްރާންށިޕްކުރުން)؛
  2. މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިޔުމަށް ނުވަތަ މަސް ހަލާކުނުވާ ގޮތަށް ރައްކައުކުރުމަށް؛
  3. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެންނަ ވަގުތާ ހަމައަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކައުކުރުމާއި، ގަތުމާއި، ޕްރޮސެސްކުރުމަށް؛
  4. މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް؛
  5. މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ހިންގުމަށް ނުވަތަ ހިދުމަތެއް ދިނުމަށް؛
  6. މި މާއްދާގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.

(ޅ) "އުޅަނދު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ތައްޔާރު ކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަމުގެ ހަރަކާތެއް ހިންގުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 14/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު