gaanoon_logo
-

އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-94) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-35)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 15 އެޕްރީލް 2025 ގައި)

 

ގަވާއިދު ނަންބަރު 2020-94 (އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ހ) މިއީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 50 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަގުސަދު 2.

މި ގަވާއިދުގެ މައިގަނޑު މަގުސަ ދުތައް، ތިރީގައި މިވަނީއެވެ.

ދިވެހިރާއްޖޭގައި އެކުއަކަލްޗަރ ތަރައްގީ ކުރުމާ ގުޅޭ ހަރަކާތްތައް ކުރިޔަށް ގެންދަނީ އަދި އެކުއަކަލްޗަރ ތަރައްގީ ކުރުމުގެ އެންމެހައި މަރުހަލާތަކެއް ކުރިޔަށް ގެންދަނީ ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި ވިރާސީ ގުޅުން އޭގެ ޒާތުގައި ދެމެހެއްޓުމާއެކު، ގުދުރަތީ ވަސީލތްތަކުގެ ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަަންފާއަށް ރައްކައުތެރިކޮށް، ދެމެހެއްޓެނެވި ގޮތެއްގައިކަން ކަށަވަރުކުރެވޭނެ އުސޫލުތައް ކަނޑައެޅުން.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑާއި، އަތޮޅުތަކުގެ އެތެރެވަރިއާއި، ފަރާއި، ފަޅާއި، މޫދާއި، ކުޅިއާއި، ރަށްރަށް ހިމެނޭގޮތުން ދިވެހިރާއްޖޭގެ ކަނޑާއި އެއްގަމުގެ ސަރަހައްދުތައް، ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗަރ ކުރުމަށް ކުއްޔަށް ދޫކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ ބާބުގެ ސުރުހީ އަންނަނިވިގޮތަށް އިސްލާހުކުރުން.

އެކުއަކަލްޗަރ ކުރެވޭ ތަންތަނާއި ސަރަހައްދުތައް އަދި އެކުއަކަލްޗަރ ކުރުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރުން

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން 12 މާއްދާ އިތުރުކުރުން.

ކުއްޔަށް ދެވޭނެ ސަރަހައްދު ކަނޑައެޅުން 1-10.

(ހ) މި ގަވާއިދުގެ ދަށުން އެކުއަކަލްޗަރގެ މަސައްކަތަށް ކުއްޔަށް ދިނުމަށް ކަނޑައެޅޭނީ އަންނަނިވި ތަންތަނެވެ.

  1.  ރަށު ކައުންސިލެއްގެ ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށާއި އެއްވެސް ރަށަކާ ގުޅިފައިނުވާ ފަޅުތަކާއި ކަނޑުގެ ސަރަހައްދުގެ ތެރެއިން، މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައި، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށް ދިނުމަށް ކަނޑައަޅާ ފަޅުރަށްރަށާއި، ރަށަކާ ގުޅިފައިނުވާ ފަޅުފަޅާއި އެނޫންވެސް ކަނޑުގެ ސަރަހައްދުތަކެވެ.
  2. ރަށު ކައުންސިލުގެ ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށުގެ ނުވަތަ އެއްވެސް ރަށަކާ ގުޅިފައިނުވާ ފަޅުތަކުގެ ނުވަތަ ކަނޑުގެ ސަރަހައްދުގެ ތެރެއިން ސަރަހައްދެއް، އެކުއަކަލްޗަރ ކުރުމުގެ ބޭނުމަށް ކުއްޔަށްދޭ ސަރަހައްދެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުންގެ ކޮމެޓީ ގެ ލަފާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަޅުރަށްރަށާއި، ރަށަކާ ގުޅިފައިނުވާ ފަޅުފަޅާއި އެނޫންވެސް ކަނޑުގެ ސަރަހައްދުތަކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޔަށް ދޫކުރާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ކުއްޔަށް ދިނުމުގެ ބާރާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ މިނިސްޓްރީ އަށެވެ.

(ނ) މި ގަވާއިދުގެ ދަށުން ފަޅުރަށެއް އެކުއަކަލްޗަރ ތަރައްގީ ކުރުމުގެ ބޭނުމަށް ކުއްޔަށްދޭނީ، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން، އެ ފަޅުރަށެއް އެކުއަކަލްޗަރ ކުރުމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި މިނިސްޓްރީ އާ ހަވާލުކުރުމުން، އެ ގާނޫނާ ހިލާފުނުވާ ގޮތެއްގެ މަތީން އަދި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

އެކުއަކަލްޗަރގެ ބޭނުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރުން 2-10.

އެެކުއަކަލްޗަރގެ ބޭނުމަށް، ކުއްޔަށް ދޫކުރާ ސަރަހައްދު ކުއްޔަށް ދޫކުރާނީ، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށެވެ.

  1. އެކުއަކަލްޗަރގެ ބޭނުމަށް ކަނޑައަޅައިފައިވާ ސަރަހައްދެއްކަމަށް ބަޔާންކޮށް އެކަމަށް ބިޑު ހުށަހެޅުމަށް އިއުލާންކުރުމުން، މި ގަވާއިދުގެ 3-10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލެއްގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާ ބިޑު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށްދިނުން؛ ނުވަތަ
  2. ފަޅުރަށެއް ނުވަތަ ރަށަކާ ގުޅިފައިނުވާ ފަޅެއް ނުވަތަ ކަނޑުގެ ސަރަހައްދެއްގައި ހިންގަން ބޭނުންވާ އެކުއަކަލްޗަރގެ މަށްރޫއެއްގެ ތަފުސީލުާއެކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅުމުން، މި ގަވާއިދުގެ 3-10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކާއި ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލެއްގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާ ޕްރޮޕޯ ޒަލް ހުށަހަޅާ ފަރާތަކަށް ކުއްޔަށްދިނުން.

(ށ) ކުުއްޔަށް ދިނުމަށް ކަނޑައަޅާ ސަރަހައްދު، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުއްޔަށް ދިނުމުގައި އަމަލުކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ދެ ގޮތުންކުރެ ގޮތެއްގެ މަތީން، މި ގަވާއިދުގެ ކަމާބެހޭ މާއްދާތަކާއި، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ތަފުސީލު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

އެކުއަކަލްޗަރގެ ބޭނުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރުމުގެ އާންމު ށަރުތުތައް 3-10.

(ހ) މި ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށް ހިފަން ހުށަހަޅާ ބިޑު ނުވަތަ ޕްރޮޕޯޒަލްތަކަށް ރިއާޔަތްކޮށް، ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދު ކުއްޔަށް ދޭންވާނީ، ތިރީގައިވާ އާންމު ށަރުތުތައް ފުރިހަމަވާނަމައެވެ. 

  1. ކުުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދުގައި ކުރަން ހުށަހަޅާ ކަމަކީ، ރާއްޖޭގެ އިގްތިސާދަށާއި ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމަކަށް ވުން؛
  2. ކުއްޔަށް ހިފަން ހުށަހަޅާ ފަރާތަކީ، އެ ސަރަހައްދުގައި ކުރަން ހުށަހަޅާ ކަމެއް ކުރުމުގެ މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ލިބިފައިވާ ފަރާތެއްކަމަށް ވުން؛
  3. ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދަކީ މާހައުލީ ގޮތުން އެ މަށްރޫއު ހިންގުމަށް އެކަށީ ގެންވާ ތަނަކަށް ވުން؛
  4. ކުއްޔަށް ހިފަން ހުށަހަޅާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކާއެކު އެ ފައިސާ ދައްކާނެ ގޮތާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ވެފައިވާ ނަމަ ނުވަތަ އިތުރު އިންތިޒާމެއް ދައުލަތުން ހަމަޖައްސައިފައި ވާ ނަމަ، އެ އެއްބަސްވުމާ އެއްގޮތަށް ނުވަތަ ހަމަޖައްސައިފައިވާ އިންތިޒާމަކާ އެއްގޮތަށް، އެ ފައިސާ ގަވާއިދުން ދައްކާ ފަރާތެއް ކަމުގައި ވުން؛
  5. ކުއްޔަށް ހިފަން އެދޭފަރާތަކީ ގާނޫނު ނަންބަރު 219-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއް ކަމުގައި ވާ ނަމަ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ކޮށްފައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، އިތުރު ށަރުތުތަކެއް ކަނޑައަޅަން ބޭނުން ނަމަ، މިނިސްޓްރީން ކުރާ އާންމު އިއުލާނުގައި އެފަދަ ށަރުތެެއް ކަނޑައެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

ކުއްޔަށްދެވޭނެ ފަރާތްތައް 4-10.

ފަޅުރަށެއް ނުވަތަ ރަށަކާ ގުޅިފައިނުވާ ފަޅެއް ނުވަތަ ކަނޑުގެ ސަރަހައްދެއް ކުއްޔަށް ދެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

(ހ) ދިވެހި ރައްޔިތަކަށް؛ ނުވަތަ

(ށ) އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށް؛ ނުވަތަ

(ނ) ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ފޮރިން އިންވެސްޓްމަންޓް ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އަކަށް.

 

ކުލީގެ އަދަދާއި، ކުލި ދެއްކުން 5-10.

(ހ) ކުއްޔަށް ދޫކުރެވޭ ސަރަހައްދުގެ ކުއްޔާއި ޖޫރިމަނާއާއި އެނޫންވެސް ފައިސާ ދައްކާނ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށެވެ.

(ށ) އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށްދޭ ފަޅުރަށްރަށުގެ ބިމުގެ އެންމެ ދަށް ކުއްޔަކީ އަހަރަކަށް، ކުއްޔަށް ދޫކުރެވޭ ބިމުގެ އަކަފޫޓަކަށް 10 (ދިހައެއް) ލާރިއެވެ.

(ނ) އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުރަށާއެކު، ދެވޭ ފަޅުގެ ސަރަހައްދުގައި އާމްދަނީ ލިބޭ އެއްވެސް މަސައްކަތެއް ކުރާ ނަމަ، އެ މަސައްކަތެއް ކުރާ ސަރަހައްދުގެ އެންމެ ދަށް ކުއްޔަކީ އަހަރަކަށް، އަކަފޫޓަކަށް 5 (ފަހެއް) ލާރިއެވެ.

(ރ) އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށްދޫކުރާ ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަހައްދުތަކާއި ކަނޑުގެ ސަރަހައްދުތަކުގެ އެންމެ ދަށް ކުއްޔަކީ އަހަރަކަށް، އަކަފޫޓަކަށް 5 (ފަހެއް) ލާރިއެވެ.

(ބ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުގެ އަހަރީ ކުލި ދައްކަންވާނީ އެއްވަރުގެ 4 (ހަތަރެއް) ޕޭމަންޓަށް ބަހައިލައިގެން ކަލަންޑަރު ކުއާޓަރުގެ އުސޫލުންނެވެ. އެގޮތުން، ކޮންމެ ކުއާޓަރެއް ފެށުމުގެ ކުރިން، އެ ކުއާޓަރުގެ ކުލި ދައްކައި ހަލާސްކުރަންވާނެއެވެ. އަދ،ި ކުލީގެ އަހަރު ގުނަން ފަށާނީ، ކޮންމެ މާލާދީ އަހަރެއްގެ ޖަނަވަރ މަހުގެ 1 އިން ފެށިގެން ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށެވެ.

 

އިކުއިޒިށަން ފީ 6-10.

އެކުއަކަލްޗަރކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތައް އިކުއިޒިށަން ފީ އަކާ ނުލައި ކުއްޔަށް ދޫކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

ގްްރޭސް ޕީރިއަޑެއް ދިނުން 7-10.

ކުއްޔަށް ދޫކުރާ ސަރަހައްދުގެ ފުރަތަމަ 36 (ތިރީސް ހައެއް) މަސްދުވަހުގެ ކުލި ދައްކަންނުޖެހޭގޮތަށް ހަމަޖެއްސުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

ކުލިނުދައްކައިގެން ދައްކަންޖެހޭ ޖޫރިމަނާ 8-10.

(ހ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދަކަށް، މި ގަވާއިދާއި، ކުލީގެ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާ ނަމަ، ކުލީގެ ފައިސާ ދައުލަތަށް ދެއްކުމާ ހަމަޔަށް، ކުލި ނުދައްކާ އޮތް މުއްދަތުގެ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސަންތަ) ގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެއެވެ. މި މާއްދާގެ ބޭނުމަށް ޓަކައި، ކުލި ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ހިސާބުކުރާނީ، ކުލި ނުދައްކާ އޮތް ކޮންމެ ކުއާޓަރަކަށް ވަކިންނެވެ.

(ށ) ކުއްޔަށް ދިނުމުގެ އެއްބަސްވުން އެއްވެސް ސަބަބަކާހުރެ ބާތިލުވެއްޖެ ނަމަ ނުވަތަ ނިމުމަކަށް އައިސްފައިވާ ނަމަ، އެ އެއްބަސްވުން ބާތިލުވާ ދުވަހުން ފެެށިގެން ނުވަތަ ނިމުމަކަށް އައި ދުވަހުން ފެށިގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ހިނގުން ހުއްޓުމަކަށް އަންނާނެއެވެ.

 

ކުލި ނުދެއްކުމުން، ކުއްޔަށް ދީފައިވާ ސަރަހައްދު ވަކިކުރުން 9-10.

(ހ) ކުއްޔަށް ދީފައިވާ ސަރަހައްދުގެ ކުލ،ި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން، ކުލި ދައްކަންޖެހޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކޮށްފައި ނުވާ ނަމަ، އެ ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށް، ކުއްޔަށް ހިފައިފައިވާ ފަރާތަށް، ލިޔުމުން ނޯޓިސް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިހުގެ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކޮށްފައި ނުވާ ނަމަ، އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެއްބަސްވުން ބާތިލުކުރާ ހާލަތެއްގައި، ކަމާބެހޭ ގާނޫނާއި ގަވާއިދާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން އަމަލުކުރަމުންދާ އުސޫލަކާ އެއްގޮތަށް، ކުއްޔަށް ހިފާ ފަރާތުން ނުދައްކާ ހުރި ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމުގެ ބާރު އެ އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

ކުއްޔަށް ދޫކޮށްފައިވާސަރަހައްދުތައްމޮނިޓަރކުރުން 10-10.

(ހ) ކުއްޔަށް ދިނުމުގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދާކަން ބެލުމަށާއި، އެ ތަނުގައި ހިންގާ ހަރަކާތްތަކާއި އެ ތަނުގެ ވެށީގެ ހާލަތު ވަޒަންކުރުމަށް ޓަކައި، މިނިސްޓްރީން އެ ތަންތަން މޮނިޓަރ ކުރަންވާނެއެވެ. މިގޮތުން، ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނޭ އިންވެސްޓްމަންޓް ޕްލޭނާއި، ވޯކް ޕްލޭނާއި، ޕްރޮޑަކްށަން ޕްލޭނާއި އެނޫންވެސް އެހެން ޕްލޭންތަކުގައި ކަނޑައަޅައިފައިވާ ގޮތަށް، އެ ޕްލޭންތައް ތަންފީޒު ކުރަމުންދާކަން މިނިސްޓްރީން ކަށަވަރު ކުރަމުން ގެންދަން ވާނެއެވެ.

(ށ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދު މޮނިޓަރކުރުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖެއްސުމުން، މޮނިޓަރކުރުމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖެއްސުމަކީ ކުއްޔަށް ހިފާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް ހަރަދު ހަމަޖައްސައިދޭންޖެހޭ މޮނިޓަރިންގ ދަތުރުކަމުގައި ބެލެވޭނ އަންނަނިވި ދަތުރުތަކެވެ.

  1. ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދު މޮނިޓަރކުރުމަށް އާންމުކޮށް ކުރާ ދަތުރުގެ ގޮތުގައި އަހަރަކު 2 (ދޭއް) ދަތުރު؛
  2. ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ އިންވެސްޓްމަންޓް ބަދަލުކުރުމުގެ ބޭނުމަށް ނުވަތަ ވިއްކައިލުމުގެ ބޭނުމަށް ކުރަންޖެހޭ މޮނިޓަރިންގ ދަތުރުތައް؛
  3. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެހެނިހެން މޮނިޓަރިންގ ދަތުރުތައް.

 

ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދަށް އަރައި ފޭބުން 11-10.

(ހ) ކުއްޔަށް ހިފައިފައިވާ ފަރާތުގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ފަރާތަކުން، ކުއްޔަށް ދީފައިވާ ސަރަހައްދަކަށް އެރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ފަރާތްތަކުން، އަންނަނިވި ހާލަތްތަކުގައި، ކުއްޔަށް ދީފައިވާ ސަރަހައްދަކަށް އެރުމަށް ނުވަތަ ވަނުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

  1. މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން؛
  2. މިނިސްޓްރީން އެ ސަރަހައްދަކަށް ވަންނަ ވަނުން؛
  3. ތަންފީޒީ އިދާރާތަކުން އަދާކުރަންޖެހޭ ގާނޫނީޒިންމާއެއް އަދާކުރުމުގެ ގޮތުން؛
  4. މޫސުން ގޯސްވެގެން ނުވަތަ ހާލުގައި ޖެހިގެން ނުވަތަ ކަނޑުމަތީގައި ދިމާވާ ހާދިސާއެއްގައި މީހުުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ޓަކައި ނުވަތަ އެނޫންވެސް ކުއްލި ނުރައްކަލެއްގެ ހާލަތެއްގައ.ި

 

ފަޅުރަށްރަށުން ރުއްގަސް ކެނޑުމާއި ނެގުމާއި އުފުރުމާއި އަދި ފަޅުރަށްރަށުގެ ތިމާވެށްޓާއި ސަގާފީ ތަރިކަ ރައްކައުތެރިކުރުން 12-10.

(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުން ރުއް ނުވަތަ ގަސް ކަނޑަންވާނީ ނުވަތަ ނަގަންވާނީ ނުވަތަ އެއްތަނުން ތަނެއް ގެންދަންވާނީ، ތިމާވެށި ހިމާޔަތްކުރުމާބެހޭގޮތުން އެކުލަވައިލައިފައިވާ ކަމާބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ ތިމާވެށްޓަށާއި ސަގާފީ ތަރިކައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުން ރުއް ނުވަތަ ގަސް ކެނޑުމަށް ނުވަތަ ނެގުމަށް ނުވަތަ އުފުރުމަށް ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންވާ ނަމަ، އެކަން ކުރަންވާނީ، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް، ކަމާބެހޭ އިދާރާއަކުން އެކަމަށް ލިޔުމުން ހުއްދަ ލިބިގެންނެވެ.

(ނ) ފަޅުރަށުގައި އުފެދިފައިވާ ކުޅިއާއި، ފަލާއި، ޗަސްބިން ފަދަ ގުދުރަތީ ވަސީލތްތަކާއި ސަގާފީ ތަރިކަ ރައްކައުތެރިކޮށް ބެލެހެއްޓުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް މަގުފަހިކޮށްދިނުމަކީ ރަށް ކުއްޔަށް ހިފައިފައިވާ ފަރާތުގެ ޒިންމާއެކެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާއަށް އަންނަނިވި މާނަކުރުންތައް އިތުރުކުރުން.

މާނަކުރުން 31.

(ސ) "ސަރަހައްދު" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެކުއަކަލްޗަރގެ ބޭނުމަށް ކަނޑައަޅައިފައިވާ ފަޅުރަށްރަށާއި، ރަށަކާ ގުޅިފައިނުވާ ފަޅުތަކާއި އެނޫންވެސް ކަނޑުގެ ސަރަހައްދުތަކަށެވެ.

(ޑ) "ފަޅުރަށް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެކުއަކަލްޗަރގެ ބޭނުމަށް ކަނޑައަޅައިފައިވާ ފަޅުރަށާއި އެ ރަށުގެ ހޭޅިފަށުން ފެށިގެން ވަށައިގެންވާ ފަޅުގެ 500 (ފަސް ސަތޭކަ) މީޓަރުގެ ސަރަހައްދަށް ނުވަތަ ރަށުގެ ފަޅުގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދަށެވެ.

(ޒ) "ރަށަކާ ގުޅިފައިނުވާ ފަޅު" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، އެކުއަކަލްޗަރގެ ބޭނުމަށް ކަނޑައަޅައިފައިވާ ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަހައްދަށެވެ.

(ޓ) "'ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތު އޮންނަ ގޮތެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކޮމިޓީތަކަށެވެ.

(ޔ) "ތަންފީޒީ އިދާރާ" ކަމުގައި ބުނެފައި އެވަނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް އިމިގްރޭށަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށެވެ.

(ޕ) "ކާރިސާ" ކަމުގައި ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލތްތައް ބޭނުންކޮށްގެން ތަހައްމަލް ނުކުރެވޭ ގޮތަށް، އެ ބައެއްގެ އިންސާނ ކެރިކުޅަދާނަކަމަށާއި، މާއްދ ވަސީލތްތަކަށާއި، އިގްތިސާދީ ވަސީލތްތަކަށާއި، ތިމާވެށްޓަށް ގެއްލުންވ،ެ އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ.

(ޖ) "ކުންފުނި" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުންޏަށެވެ.

(ޗ) "ޕާޓްނަރށިޕް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ޕާޓްނަރށިޕަށެވެ.

(ހހ) "ކޯޕަރޭޓިވް ސޮސައިޓީ " ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީ ގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކޯޕަރޭޓިވް ސޮސައިޓީ ތަކަށެވެ.

(ހށ) "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.

(ހނ) "ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލާއި ސިޓީ ކައުންސިލުތަކަށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 ގެ 16 ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރުތައް އިތުރުކުރުން.

# ހަރަކާތް ޖޫރިމަނާ ތަކުރާރު ކުށްތަކަށް ޖޫރިމަނާ ކަނޑައެޅުން
17. ކުއްޔަށް ދީފައިވާ ސަރަހައްދަކަށް ލިޔުމުން ހުއްދަ ނުހޯދައި އެރުން.  ކުއްޔަށް ދީފައިވާ ސަރަހައްދަކަށް ހުއްދަ ނުހޯދައި އަރާ ކޮންމެ ފަރާތެއް 5,000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާކުރުން.  
18.  މި ގަވާއިދުގައި ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް ކަނޑައަޅައިފައިވާ ކަމެއް އެ ނޫން ގޮތަކަށް ކުރުން. ގަވާއިދުގައި ވަކި ގޮތަކަށް ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަމެއް އެ ގޮތަކާ ހިލާފަށް ކޮށްފި ނަމަ ނުވަތަ ވަކި ކަމެއް ކުރަންޖެހޭ ހާލަތެއްގައި އެ ކަމެއް ނުކޮށް ދޫކޮށްލައިފި ނަމަ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، އެ ކަމެއް ކުރި ނުވަތަ ނުކޮށް ދޫކޮށްލި ފަރާތެއް 5,000 (ފަސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.  

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް ޖަދުވަލު 7 ގެ ގޮތުގައި ޖަދުވަލެއް އިތުރުކުރުން. 

 

ޖަދުވަލު 7

އެކުއަކަލް ޗަރކުރުމުގެ ބޭނުމަށް ސަރަހައްދުތައް ކުއްޔަށް ދޫ ކުރުމާ ގުޅޭ އުސޫލުތައް

 

1 ވަނަ މާއްދާ - އާންމުކޮށް އިއުލާނުކުރުން

ފަޅުރަށެއް ނުވަތަ ރަށަކާ ގުޅިފައިނުވާ ފަޅެއް ކުއްޔަށް ދިނުމަށް އެދި ބިޑު ހުށަހެޅުމަށް ދައުވަތުދީ، މި ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރުމުން، ކުއްޔަށް ދިނުމަށް އެދި ބިޑު ހުށަހަޅާނީ، އެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

2 ވަނަ މާއްދާ - އިއުލާނުގައި ހިމަނަންވާނެ ބައިތައް

(ހ) ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެކުއަކަލްޗަރގެ ބޭނުމަށް ކުއްޔަށް ދިނުމަށް އާންމުކޮށް ކުރާ އިއުލާނުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކުއްޔަށް ދޫކުރެވޭނެ ފަޅުރަށް ނުވަތަ ރަށަކާ ގުޅިފައިނުވާ ފަޅު އަދި އެ ތަންތަނުގައި ކުރެވޭނެ އެކުއަކަލްޗަރގެ މަސައްކަތްތައް؛
  2. ކުއްޔަށް ދޫކުރެވޭނެ މުއްދަތު؛
  3. މިނިސްޓްރީއަށް މުހިންމުކަމަށް ފެންނަ އެހެނިހެން މައުލޫމާތ.ު

(ށ) ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ބިޑުގައި ހިމަނަންޖެހޭ ތަފުސީލުު ހިމެނޭ މައުލޫމާތު ކަރުދާހެއް މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. މިގޮތުގެ މަތީން އެކުލަވައިލާ މައުލޫމާތު ކަރުދާހުގައި، ހުށަހަޅާ ބިޑުގައި ކޮންމެހެން ހިމަނަންވާނެ ބައިތަކާއި، ހުށަހަޅާ ބިޑު ވަޒަންކުރާނެ މިންގަނޑުތައް ބަޔާންކުރަންވާނެއެވެ.

(ނ) މިނިސްޓްރީން ކަނޑައަޅާ އަގެއްގައި މައުލޫމާތު ކަރުދާސް ވިއްކުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. ބިޑު ހުށަހެޅޭނީ، މިނިސްޓްރީން މައުލޫމާތު ކަރުދާސް ދޫކުރާ ފަރާތްތަކަށެވެ.

 

3 ވަނަ މާއްދާ - ބިޑުގައި ނުވަތަ ޕްރޮޕޯޒަލުގައި ހިމަނަންވާނެ ބައިތައް

(ހ) އެކުއަކަލްޗަރކުރުމުގެ މަށްރޫއެއް ހިންގުމަށް ސަރަހައްދެއް ކުއްޔަށް ހިފުމަށް އެދި މި ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ބިޑު ނުވަތަ ޕްރޮޕޯޒަލް ހުށަހަޅަންވާނީ، މަދުވެގެން އަންނަނިވި މައުލޫމާތު ހިމެނޭގޮތުންނެވެ. 

  1. ހުށަހަޅާ ފަރާތުގެ އާންމު މައުލޫމާތު އަދި ގާނޫނީ ށަހްސަކުން ހުށަހަޅާ ނަމަ، ޕްރޮޕޯޒަލުގައި ނުވަތަ ބިޑުގައި ސޮއިކޮށްފައިވާ ފަރާތަކަށް އެކަމުގެ ބާރު ލިބިދީ ފައިވާކަން އަންގައިދޭ ބޯޑުގެ ނުވަތަ ހިންގާ ކޮމިޓީގެ ނިންމުން؛
  2. ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދުގައި ކުރުމަށް ހުށަހަޅާ ކަންކަން ނުވަތަ މަސައްކަތްތަކުގެ ތަފުސީލުު؛
  3. ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދުގެ އަކަފޫޓަކަށް ހުށަހަޅާ ކުލި؛
  4. އިންވެސްޓްމަންޓް ޕްލޭނާއި އިންވެސްޓްމަންޓް ށެޑިއުލް؛
  5. މަސައްކަތްތަކުގެ ވާރކް ޕްލޭން؛
  6. ހުށަހަޅާ މަސައްކަތްތަކުގެ ޕްރޮޑަކްށަން ޕްލޭން؛
  7. މަށްރޫއު ކުރިޔަށް ގެންދިއުމުގައި ގެންގުޅޭނެ އިސް މެނޭޖްމަންޓް ޓީމުގައި ހިމެނޭ މަގާމުތަކާއި އެ މަގާމުތަކުގެ ޒިންމާތަކަކީ ކޮބައިކަން އެނގޭނެ ހިއުމަން ރިސޯސް ޕްލޭން؛
  8. ކުއްޔަށް ހިފުމަށް ހުށަހަޅާ ސަރަހައްދުގައި ކުރުމަށް ހުށަހަޅާ ކަންކަމުގެ ނުވަތަ މަސައްކަތްތަކުގެ ކުޑަބޮޑުމިނާއި، އެކަންކަމަށް ދާނެ ހަރަދާއި، ލިބޭނެ އާމްދަނީ އާއި، ފައިދާ ހިމެނޭ ފައިނޭންށިއަލް ފީޒިބިލިޓީ އާއި އެކަމުގެ ޓެކްނިކަލް ފީޒިބިލިޓީ އާއި މާކެޓް ފީޒިބިލިޓީ ރިޕޯޓު؛
  9. މަސައްކަތް ކުރުމަށް ހުށަހަޅާ ސަރަހައްދު ބޭނުންކުރާނެ ގޮތް؛
  10. ކުއްޔަށް ހިފުމަށް ހުށަހަޅާ ސަރަހައްދުގައި ކުރުމަށް ހުށަހަޅާ މަސައްކަތްތަކާ ގުޅިގެން ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ދަށުން ވަކި ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ހުށަހަޅާ ފައިސާގެ މިންވަރު؛
  11. މިނިސްޓްރީން ގާއިމުކޮށްފައިވާ ފަންޑަށް ފައިސާ ދޭ ނަމަ، އެ ފައިސާގެ މިންވަރު.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބީލަން ކަރުދާހުގައި ނުވަތަ މިނިސްޓްރީން ކުރާ އިއުލާނުގައި އިތުރު ކަންކަން ހިމެނުމަށް ށަރުތުކޮށްފައިވާ ނަމަ، ބިޑު ނުވަތަ ޕްރޮޕޯޒަލް ހުށަހަޅަންވާނީ އެ ކަންކަން ފުރިހަމަވާ ގޮތެއްގެ މަތީންނެވެ.

 

4 ވަނަ މާއްދާ - ބިޑު ނުވަތަ ޕްރޮޕޯޒަލް އިވެލުއޭޓްކުރާ ކޮމިޓީ

(ހ) ބިޑު ނުވަތަ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާ ކޮމިޓީއަށް މެންބަރުން އައްޔަނުކޮށް ވަކިކުރާނީ މިނިސްޓަރެވެ.

(ށ) ބިޑު ނުވަތަ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާ ކޮމިޓީއަށް މެންބަރުން އައްޔަނުކުރުމުގައި އަންނަނިވި ދާއިރާތައް ހިމަނަންވާނެއެވެ.

  1. ފިށަރީޒްގެ ދާއިރާ؛
  2. އެކުއަކަލްޗަރގެ ދާއިރާ؛
  3. ފައިނޭންސްގެ ދާއިރާ.

(ނ) ބިޑު ނުވަތަ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާނެގޮތުގެ އުސޫލު އެ ކޮމިޓީން އެކުލަވައިލަންވާނެއެވެ.

 

5 ވަނަ މާއްދާ - ޕްރޮޕޯޒަލް އިވެލުއޭޓްކުރުމާއި އެވޯޑުކުރުން

(ހ) މި ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުރާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާ ބިޑުތައް އިވެލުއޭޓު ކޮށް، މަށްރޫއު ހިންގުމަށް އެންމެ ގާބިލު ފަރާތް ކަނޑައަޅާނީ، ބީލަން ކަރުދާހާ އެއްގޮތްވާ ގޮތުގެ މަތީން، އިވެލުއޭށަނުން ފާސްވާ އަދި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

(ށ) މި ގަވާއިދުގެ 2-10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ޕްރޮޕޯޒަލްތައް ވަޒަންކޮށް، މަށްރޫއު ހިންގުމަށް ގާބިލު ފަރާތެއްކަމަށް ކަނޑައަޅާނީ، މި ޖަދުވަލުގެ ށެޑިއުލް 1 ގައި ހިމެނޭ ތާވަލަށް ބިނާކޮށް، އެންމެ މަދުވެގެން 70 (ހަތްދިހަ) ޕޮއިންޓް ލިބޭ ފަރާތެކެވެ.

(ނ) ޕްރޮޕޯޒަލް އިވެލުއޭޓުކުރުމުގައި ބިޑު ނުވަތަ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތާ ގުޅުންހުރި ފަރާތެއް ހިމަނައިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ގުޅުންހުރި ފަރާތް" ކަމުގައި ބަޔާންކޮށްފައި އެވަނީ:

  1. އެ ފަރާތެއްގެ އަނބިމީހާާ ނުވަތަ ފިރިމީހާާ ނުވަތަ މާމަ ނުވަތަ ކާފަ ނުވަތަ މަންމަ، ނުވަތަ ބައްޕަ ނުވަތަ ދަރިއެއް ނުވަތަ އެއްބަނޑުއެއްބަފާ މީހެއް ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހެއް؛
  2. އެ ފަރާތާއެކު ޕާޓްނަރށިޕެއްގައި ހިމެނޭ ފަރާތެއް؛
  3. އެ ފަރާތަކީ، އެ ކުންފުނީގެ އެއްވެސް ހިއްސާއެއް ނުވަތަ ޒިންމާއެއްގައި އެއްވެސް މަސްލަހަތެއް ލިބިފައިވާ މީހެއް ނަމަ، އެ ހިއްސާތަކާ މަސްއޫލިއްޔަތުގައި މަސްލަހަތެއް ހިމެނިފައިވާ އެހެން އެއްވެސް ފަރާތެއް.

 

6 ވަނަ މާއްދާ - ކުއްޔަށް ހިފުމުގެ އެއްބަސްވުން

މި ގަވާއިދުގެ ދަށުން އެކުއަކަލްޗަރ ކުރުމުގެ މަސައްކަތަށް ސަރަހައްދެއް ކުއްޔަށް ދޫކުރަންވާނީ، ކުއްޔަށް ހިފާ ފަރާތާއި މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ. މި އެއްބަސްވުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ކުއްޔަށްދޭ މުއްދަތު؛

(ށ) ކުލީގެ އަދަދާއި ކުލި ދައްކާނެ ގޮތް؛

(ނ) ކުއްޔަށް ދޫކުރާ ސަރަހައްދުގައި ހިންގާނެ މަސައްކަތާއި، އެ މަސައްކަތް ހިންގާނެ ގޮތް؛

(ރ) ކުއްޔަށް ހިފާ ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އަމަލުކުރާނެ ގޮތް؛

(ބ) އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތަކާއި، ބާތިލުކުރެވޭނެ ގޮތް؛

(ޅ) ކުލި ނުދައްކައިގެން ނޯޓިސް ދިނުމާއި އެއްބަސްވުން ބާތިލުކުރުމުގައި އަމަލުކުރެވޭނެ އިޖުރާއަތު؛

(ކ) ކުއްޔާއި ޖޫރިމަނާ ފައިސާ ހޯދުމަށް ޓަކައި ކަމާބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ފިޔަވަޅުތައް އެޅޭނެކަމާއި ށަރުއ ކޯޓަށް ދިޔުމުގެ އިހުތިޔާރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަން؛

(އ) އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ނުވަތަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، ކުއްޔަށް ދީފައިވާ ސަރަހައްދުގައި ހުންނަ އިމާރާތްތަކާއި ޕްލެޓްފޯމުތަކާއި ތަކެއްޗާމެދު އަމަލުކުރެވޭނެ ގޮތް؛

(ވ) ގެއްލުމުގެ ބަދަލު ދިނުމުގައި އަމަލުކުރާނެގޮތް؛

(މ) މިނިސްޓްރީން ކަނޑައަޅާ މުހިންމު އެހެނިހެން ކަންކަން.

 

7 ވަނަ މާއްދާ - އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެގެން ކުއްޔަށް ހިފުން

(ހ) އެއްފަރާތަކަށް ވުރެ ގިނަ ފަރާތުން ބައިވެރިވެގެން އެކުއަކަލްޗަރކުރުމުގެ ބޭނުމަށް ސަރަހައްދެއް ކުއްޔަށް ހިފުމަށް ހުށަހެޅުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ކުއްޔަށް ހިފަން ހުށަހަޅަނީ، ބައިވެރިން އެއް ށަހްސެއްގެ ގޮތުގައިކަން ނުވަތަ ބައިވެރިން ވަކިވަކި ށަހްސުންގެ ގޮތުގައިކަން؛
  2. ކުއްޔަށް ހިފަން ހުށަހަޅަނީ ވަކިވަކި ށަހްސުންގެ ގޮތުގައި ނަމަ، ކުއްޔަށް ހިފާ ސަރަހައްދު ބައިކުރަން ހުށަހަޅާ ގޮތާއި، އެ ބައިތަކުގައި ކުރުމަށް ހުށަހަޅާ މަސައްކަތް؛
  3. ކުއްޔަށްހިފަން ހުށަހަޅަނީ ވަކިވަކި ށަހްސުންގެ ގޮތުގައި ނަމަ، އެ ސަރަހައްދުގައި ކޮމަން ފެސިލިޓީ ގާއިމުކުރުމަށް ހުށަހަޅާ ނަމަ، އެ ފެސިލިޓީތައް ގާއިމުކޮށް ބޭނުންކުރުމާ ގުޅޭގޮތުން، ކުއްޔަށް ހިފަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ތަންފީޒީުކުރެވޭ ފަދަ އެއްބަސްވުމެއް ހަދައިފައިވުން؛
  4. ކުއްޔަށްހިފަން ހުށަހަޅަނީ ވަކިވަކި ށަހްސުންގެ ގޮތުގައި ނަމަ، ކުއްޔަށް ހިފާ ފަރާތްތަކުގެ ޒިންމާތައް ވަކިވަކީން އެނގެން އޮތުން؛
  5. ކުއްޔަށް ހިފަން ހުށަހަޅަނީ އެންމެހައި ބައިވެރިން އެއީ އެއް ށަހްސެއްގެ ގޮތުގައި ނަމަ، ކުއްޔަށް ހިފަން ހުށަހަޅާ ސަރަހައްދާ ގުޅިގެން މިނިސްޓްރީއާ މުއާމަލާތު ކުރާނެ ފަރާތް ކަނޑައެޅުން.

 

8 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ތަނުގެ މުއްދަތު އިތުރުކުރުން

(ހ) ކުއްޔަށްހިފާ ފަރާތުން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅައިފި ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ހާލަތުގައި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ޕްލޭނާ އެއްގޮތަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި އިންވެސްޓް ކޮށްފައިވުން؛ އަދި މިގޮތުން އިންވެސްޓްމަންޓް ޕްލޭނުގައި ކަނޑައަޅައިފައިވާ މަސައްކަތުގެ މަދުވެގެން %75 (ހަތްދިހަ ފަހެއް އިންސައްތަ) މަސައްކަތް ފުރިހަމަ ކޮށްފައިވުން؛ ނުވަތަ، ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިންވެސްޓްމަންޓް ޕްލޭން ފުރިހަމަކުރުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން އައު ޕްލޭނަކާ އެއްގޮތަށް އިތުރު އިންވެސްޓްމަންޓް ކުރަމުންދާ ނަމަ، އެ އިންވެސްޓްމަންޓް ޕްލޭނެއްގެ ދަށުން ކުރަންޖެހޭ އިންވެސްޓްމަންޓުގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) ފުރިހަމަކޮށްފައިވުން؛
  2. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނޭ ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރަމުންދާ ފަރާތަކަށް ވުން؛
  3. ވޯކް ޕްލޭން ތަންފީޒީުކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ކުރާ މަސައްކަތާ ބެހޭގޮތުން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ރިޕޯޓުތައް އެކަށީގެންވާ ގޮތަކަށް ހުށަހަޅަމުން އައިސްފައިވާ ފަރާތަކަށްވުން؛ ނުވަތަ، ވޯކް ޕްލޭނާ އެއްގޮތަށް ރަށުގައި މަސައްކަތް ކުރަމުން ގޮސްފައިވޭތޯ ބެލުމަށް، މިނިވަން ސެޓިފައިޑް އޮޑިޓް ފާރމެއް މެދުވެރިކޮށް ހަދާ ރިޕޯޓަކުން ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ކޮށްފައިވާކަން ސާބިތުވުން؛
  4. ކުއްޔަށް ދިނުމުގެ އެއްބަސްވުމާ އެއްގޮތަށް ތަނުގެ ކުއްޔާއި ދައްކަންޖެހޭ އެހެނިހެން ފައިސާ ދައްކަމުން އަންނަ ފަރާތަކަށްވުން؛
  5. ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ކުއްޔަށްހިފާ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓާ ގުޅިގެން ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދާ ގުޅުންހުރި އެއްވެސް ތަހުގީގެއް ނުވަތަ ށަރީއަތެއް ހިނގަމުން ނުދާ ފަރާތެއް ކަމުގައިވުން؛
  6. ކުއްޔަށް ހިފަން އެދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްއޮތް ނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކާއެކު އެ ފައިސާ ދައްކާނެ ގޮތާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ވެފައިވާ ނަމަ ނުވަތަ އިތުރު ގޮތެއް ދައުލަތުން ހަމަޖައްސައިފައިވާ ނަމަ، އެ އެއްބަސްވުމާ އެއްގޮތަށް ނުވަތަ ހަމަޖައްސައިފައިވާ އިންތިޒާމަކާ އެއްގޮތަށް، އެ ފައިސާ ގަވާއިދުން ދައްކާ ފަރާތެއް ކަމުގައި ވުން؛
  7. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އެދޭ ފަރާތަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ ފަރާތަކަށްވުން.

(ށ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅޭނީ، އެއްބަސްވުމުގެ ދެބައިކުޅައެއްބައި މުއްދަތު ހިނގައިދިއުމަށް ފަހުގައެވެ.

 

9 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ

(ހ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފަރާތުން، އިތުރުކުރުމަށް ހުށަހަޅާ ކޮންމެ އަހަރަކަށް، އެ ތަނަށް ދައްކަމުންދާ އަހަރީ ކުލީގެ ހަތަރު ބައިކުޅައެއްބައި ނުވަތަ %25 (ފަންސަވީސް އިންސައްތަ) އަށް ޖެހޭ ފައިސާގެ މިންވަރު، މުއްދަތު އިތުރުކުރުމުގެ ފީ އެއްގެ ގޮތުގައި ދައުލަތަށް ދައްކަންވާނެއެވެ. މިގޮތުން، ދައްކާ ފައިސާއަކ ކުލީގެ ތެރޭގައި ނުހިމެނޭ އަދި އަނބުރާ ރައްދުކުރެވޭނެ ފައިސާއެއް ނޫނެވެ.

(ށ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ މުއްދަތު އިތުރުކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ، މޯލްޑިވްސް އިންލެންޑް އޮތޯރިޓީއަށް ދައްކައި ހަލާސްކުރުމުންނެވެ.

 

10 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދު އިންށުއަރކުރުން

(ހ) އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން އެއްބަސްވުމުގެ މުއްދަތަށް، މިނިސްޓްރީން ގަބޫލުކުރާ އިންށުއަރެންސް ހިދުމަތްދޭ ތަނެއްގައި، ކުއްޔަށް ހިފާ ފަރާތުގެ އަމިއްލަ ހަރަދުގައި، ކުއްޔަށް ދޫކުރާ ސަރަހައްދާއި އެ ތަނުގައި ކުރާ އިންވެސްޓްމަންޓް އަނބުރާ އޭގެ އެންމެ ފުރިހަމަ އަގަށް ރުޖޫއަކުރެވޭ މިންވަރަށް، ކުއްޔަށްދޫކުރާ ސަރަހައްދާއި އިންވެސްޓްމަންޓް އިންށުއަރކުރަން ވާނެއެވެ.

(ށ) ކުއްޔަށްހިފާ ފަރާތުން ނަގާ އިންށުއަރެންސް ޕޮލިސީ އާއި ޕްރީމިއަމް ދައްކަމުންދާކަން ހެކިކޮށްދޭ ލިޔެކިޔުންތައް، މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި، ކުއްޔަށްހިފާ ފަރާތުން މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - އިންވެސްޓްމަންޓް އެހެން ފަރާތަކަށް ވިއްކައިލުން

ކުއްޔަށް ދޫކުރާ ސަރަހައްދުގައި ކުއްޔަށް ހިފާ ފަރާތުން، ކޮށްފައިވާ އިންވެސްޓްމަންޓް، މިނިސްޓްރީގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު އެހެން ފަރާތަކަށް ވިއްކައިލެވިދާނެއެވެ. އިންވެސްޓްމަންޓް ވިއްކޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) އިންވެސްޓްމަންޓް ގަންނަފަރާތަކީ މި ގަވާއިދުގެ 3-10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.

(ށ) ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނޭ އިންވެސްޓްމަންޓް ޕްލޭނާ އެއްގޮތަށް ކުއްޔަށް ދޫކުރާ ސަރަހައްދުގައި ކުރަންޖެހޭ އިންވެސްޓްމަން ޓުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ) އިންވެސްޓުކޮށް، ވޯކް ޕްލޭން އެ މިންވަރަށް ފުރިހަމަކޮށްފައިވުން (މިކަން ސާބިތުކުރުމަށް، މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް، ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ހަރަދާއި ވޯކް ޕްލޭން ތަންފީޒީުކޮށްފައިވާ މިންވަރު އެނގޭ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.)

(ނ) އިންވެސްޓްމަންޓް ވިއްކައިލާ ފަރާތާއި އިންވެސްޓްމަންޓް ގަންނަ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކާއެކު އެ ފައިސާ ދައްކާނެ ގޮތާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ވެފައިވާ ނަމަ ނުވަތަ އިތުރު ގޮތެއް ދައުލަތުން ހަމަޖައްސައިފައިވާ ނަމަ، އެ އެއްބަސްވުމާ އެއްގޮތަށް ނުވަތަ ހަމަޖައްސައިފައިވާ އިންތިޒާމަކާ އެއްގޮތަށް، އެ ފައިސާ ގަވާއިދުން ދައްކާ ފަރާތެއް ކަމުގައި ވުން.

(ރ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލުމުގެ ފީއެއްގެ ގޮތުގައި ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ 5 (ފަހެއް) އަހަރުދުވަހުގެ ކުއްޔާ އެއްވަރު އަދަދެއްގެ ފައިސ،ާ ކުއްޔަށްހިފާ ފަރާތުން ދައުލަތަށް ދެއްކުން.

(ބ) ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގައި ކޮށްފައިވާ އިންވެސްޓްމަންޓް، މި ގަވާއިދުގެ ދަށުން ރަހުނުކޮށްފައިވާ ނަމަ، ރަހުނުކޮށްފައިވާ ބެންކުން އިންވެސްޓްމަންޓް ވިއްކައިލުމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުން ހުށަހަޅައިފައިވުން.

 

12 ވަނަ މާއްދާ - މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުން

(ހ) ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިދީ ފައިވާ އެއްވެސް ހައްގަކަށް، އަދި އަދާކުރަންޖެހޭ އެއްވެސް އިލްތިޒާމަކަށް އުނިކަމެއް ނާންނާނޭ ގޮތެއްގެ މަތީން، މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން، ކުއްޔަށް ހިފައިފައިވާ ފަރާތުން، ކުއްޔަށް ހިފައިފައިވާ ސަރަހައްދު އެހެން ފަރާތަކަށް ހިންގުމަށް ހަވާލުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އެއްބަސްވުން ތަންފީޒީުކުރުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރި ނަމަވެސް، މިނިސްޓްރީން ކުއްޔަށް ހިފައިފައިވާ ފަރާތާ ދެމެދު ކުރަންޖެހޭ މުއާމަލާތްތައް ކުރާނީ ސީދާ ކުއްޔަށް ހިފައިފައިވާ ފަރާތާއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން، ކުއްޔަށް ހިފައިފައިވާ ސަރަހައްދު އެހެން ފަރާތަކަށް ހިންގުމަށް ހަވާލުކުރުމުގެ ކުރިން، މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

 

13 ވަނަ މާއްދާ - ރަހުނުކުރުން

(ހ) ކުއްޔަށް ހިފައިފައިވާ ސަރަހައްދުގެ މައްޗަށް ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ލީޒް ހޯލްޑް ރައިޓްސް، މިނިސްޓްރީގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު، މިނިސްޓްރީން ކަނޑައަޅާ ށަރުތުތަކެއްގެ ދަށުން ރަހުނުގެ ގޮތުގައި ބެހެއްޓިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރަހުނުގެ ގޮތުގައި ބެހެއްޓޭނީ، އަންނަނިވި ށަރުތުތަކުގެ މަތީންނެވެ.

  1. ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން، 12 (ބާރަ) މަސްދުވަހުގެ ކުރިން، އެ ލޯނެއް ނުވަތަ ދަރަންޏެއް އަދާކުރުމަށް ލޯނު އެއްބަސްވުމުގައި ކަނޑައަޅައި ފައިވުމާއި، އެ ދަރަނިން ރަހުނު ސާފުވާނެކަމުގެ ޔަގީންކަންދިނުން؛
  2. ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، ކުއްޔަށް ދޫކުރެވުނު ތަނުގެ މައްޗަށް ރަހުނު ދެމިނޯންނާނެކަމަށް އެއްބަސްވުން ނުވަތަ އެ ރަހުނު ޑިސްޗާޖްކުރުމަށް އެއްބަސްވުން. އަދި އެ ރަހުނާ ގުޅިފައިވާ ދަރަންޏަކާ ގުޅިގެން ކުއްޔަށް ދޭ ފަރާތަށް ލިބިދާނެ ގެއްލުމެއްގެ ޒިންމާ ކުއްޔަށް ކުއްޔަށްހިފާ ފަރާތުން ނަގާނެކަމަށް އެއްބަސްވުން؛
  3. މި ގަވާއިދުގެ ދަށުން ނުވަތަ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ލިބިދޭ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިދާނެ ކަމެއް ނުކުރުމަށާއި، އެފަދަ ކަމަކަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ނުކުރުން؛
  4. ކުއްޔަށް ހިފައިފައިވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތް ނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއާއެކު އެ ފައިސާ ދައްކާނެ ގޮތާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ވެފައިވާ ނަމަ ނުވަތަ އިތުރުގޮތެއް ދައުލަތުން ހަމަޖައްސައިފައިވާ ނަމަ، އެ އެއްބަސްވުމާ އެއްގޮތަށް ނުވަތަ ހަމަޖައްސައިފައިވާ އިންތިޒާމަކާ އެއްގޮތަށް، އެ ފައިސާ ގަވާއިދުން ދައްކާ ފަރާތެއް ކަމުގައި ވުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޔަށް ހިފާ ފަރާތުން ރަހުނުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު، އެ ހުށަހެޅުމާއެކު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. ރަހުނުކުރުމުގެ އެއްބަސްވުމުގެ ފައިނަލް ދެލިކޮޕީ؛
  2. ލޯނު އެއްބަސްވުމުގެ ފައިނަލް ދެލިކޮޕީ؛
  3. ކުރިން ރަހުނުކޮށްފައިވާ ސަރަހައްދެއް ނަމަ، ރަހުނުކުރަނ ކުރިން ރަހުނުކޮށްފައިވާ ބެންކު ނުވަތަ މާލީ އިދާރާ ފިޔަވައި އެހެން ބެ ންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ކަމަށް ވާ ނަމަ، ރަހުނުކުރި ބެންކު ނުވަތަ މާލީ އިދާރާއިން، އިތުރު ރަހުނެއް ކުރުމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަހުނުކުރުމަށް ހުށަހެޅުމުން، މިނިސްޓްރީއަށް ރަހުނުކުރުމަށް ހުއްދަދޭން ފެންނަ ނަމަ، މިނިސްޓްރީގެ ފަރާތުން މާލީ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، ކުއްޔަށް ހިފާ ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި ކުއްޔަށް ހިފާ ފަރާތުން ރަހުނުކުރުމުގެ މަސައްކަތް ފުރިހަމަކުރުމަށްފަހު، ރަހުނުކުރުމުގެ އެއްބަސްވުން މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު

(ހ) ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ނުވަތަ ދިވެހިރާއްޖޭގެ ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފަށް ކުރާ މަސައްކަތެއްގެ ސަބަބުން ކުއްޔަށް ހިފައިފައިވާ ތަނަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ، އެ ލިބުނު ގެއްލުމުގެ ބަދަލު، ކުއްޔަށް ހިފައިފައިވާ ފަރާތުން ދޭންވާނެއެވެ.

(ށ) ކުއްޔަށް ދޫކުރާ ސަރަހައްދުގައި ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް ނުވަތަ ގާނޫނާ ހިލާފަށް ކުރާ ކަމެއްގެ ސަބަބުން ކުުއްޔަށް ހިފައިފައިވާ ތަނުގެ އެއްބަސްވުން މިނިސްޓްރީން ބާތިލުކޮށްފި ނަމަ، ތަނުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ބަދަލު ދޭކަށެއް ނުޖެހޭނެއެވެ.

(ނ) ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލުކޮށްފި ނަމަ، ކުއްޔަށް ހިފައިފައިވާ ފަރާތުން، ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، އެ ތަނުގައި ބަހައްޓައިފައިވާ އެ ފަރާތުގެ އުފުލޭ މުދާ ގެންދިޔުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުން ބާތިލުކޮށްފި ނަމަ، ކުއްޔަށް ދޫކޮށްފައިވާ ތަނުގައި ހުރި ކުއްޔަށް ހިފައިފައިވާ ފަރާތުގެ އުފުލޭ މުދާ، ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ގެންދަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ދޫކޮށްލާ ތަކެތި ބެލެވޭނީ، އެއީ ދައުލަތުގެ މުދާ ކަމުގައެވެ. އަދި މިފަދަ ނުއުފުލޭ މުދަލުގެ ބަދަލު ކުއްޔަށް ހިފާ ފަރާތަކަށް ނުލިބޭނެއެވެ.

 

ށެޑިއުލް 1 

# ތަފުސީލު އެެންމެ މަތިން ދެވޭ ޕޮއިންޓް
1. އިންވެސްޓްމަންޓް ޕްލޭން 20
2.  ޕްރޮޑަކްށަން ޕްލޭން 15
3.  ފަންނީ ގާބިލުކަން 15
4.  މާލީ ގާބިލުކަން 25
5. ހިއުމަން ރިސޯސް ޕްލޭން 10
6. ސީއެސްއާރު ހުށަހެޅުން 15

 

9 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-94)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު