ޕެންށަނާބެހޭ ގާނޫނު
(ކޮންސޮލިޑޭޓެޑް ނަންބަރު 2009-08)
(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ، 6ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ވަޒީފާއަދާކުރާ މީހުންނަށް، ޕެންށަން ލިބިދިނުމަށްޓަކައި، ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ނަގައިގެން އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއިން ހިންގޭ ރިޓަޔަރމަންޓް ޕެންށަން ސްކީމަކާއި، ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގޭ ޕެންށަން ސްކީމްތައް ގާއިމުކޮށް ހިންގުމާބެހޭ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު" އެވެ.
މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީސް
2 ވަނަ މާއްދާ - ޕެންށަން އޮފީސް
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، "މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީސް" ގެ ނަމުގައި، ވަކި އޮފީހެއް އުފެދުނީއެވެ. މި ޕެންށަން އޮފީހަކީ، މެދުކެނޑުމެއްނެތި ހިނގަމުންދާނޭ ގޮތެއްގައި އުފައްދާފައިވާ، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި، ލިބިގަތުމާއި އަމިއްލަ ނަމުގައި މުއާމަލާތު ކުރުމުގެ ހައްގު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.
3 ވަނަ މާއްދާ - ޕެންށަން އޮފީހުގެ މައިގަނޑު މަސައްކަތްތައް
ޕެންށަން އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ:-
(ހ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ޕެންށަން ސްކީމްތައް ބެލެހެއްޓުން.
(ށ) ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ފޯރުކޮށްދިނުން.
(ނ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްތައް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި، އެކަމާބެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުން.
(ރ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ފައިސާ ދޫކުރުން.
(ބ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ޕެންށަން ސްކީމްތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން.
(ޅ) ޕެންށަން އޮފީހުން ނުވަތަ އެސެޓް މެނޭޖަރުން މެދުވެރިކޮށް ޕެންށަން. 3 އެސެޓްސް އިންވެސްޓްކޮށް ބެލެހެއްޓުން؛ (އިތުރު ކުރެވިފައި)
(ޅ) މި ގާނޫނުގެ ދަށުން ޕެންށަން އޮފީހުން ހަވާލުވެފައިވާ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާކަމަށް ޕެންށަން އޮފީހަށް ފެންނަ ކަންތައްތައް ކުރުން.
4 ވަނަ މާއްދާ - ޕެންށަން އޮފީހުން ހުށަހަޅަންޖެހޭ މައުލޫމާތު
(ހ) ތިރީގައިވާ މައުލޫމާތު، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ޕެންށަން އޮފީހުން ހުށަހަޅަންވާނެއެވެ.
- އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ މުސްތަގިއްލު އެކައުންޓިންގ ފާރމަކުން އޮޑިޓްކޮށްފައިވާ، މުދަލާއި މާލީ ޒިންމާތަކާއި، އާމްދަނީއާއި ހަރަދުގެ އަހަރީ ހިސާބުތައް. މީގެތެރޭގައި އެކިބާވަތްތަކުގެ އެސެޓްތަކުގައި ޕެންށަން އެސެޓްސް އިންވެސްޓްކޮށްފައިވާ އަދަދާއި ނިސްބަތާއި، އެ އިންވެސްޓްމަންޓްތަކުގެ ގްރޮސް އަދި ނެޓް އިންވެސްޓްމަންޓުން ލިބޭ އެއްޗެއް އަދި މިކަމާގުޅޭ އެންމެހައި ފީތައް ހިމެނެއެވެ. މި ފީތަކުގެތެރޭގައި އެސެޓް މެނޭޖްމަންޓް ފީ އާއި ހިދުމަތްތަކަށް ނަގާ ފީ އަދި ފައިސާއާ ބެހޭ މުއާމަލާތްތަކަށް ނަގާ ފީވެސް ހިމެނެއެވެ. މިގޮތުން ހުށަހަޅާ ހިސާބުތަކާ ބެހޭގޮތުން ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ބޭނުންވެއްޖެނަމަ އިތުރު މައުލޫމާތު ދިނުމަށް ޕެންށަން އޮފީހުގެ އޮޑިޓަރަށް ނުވަތަ ޕެންށަން އޮފީހަށް ނުވަތަ ފަންނީ ހިދުމަތްދޭ އެހެންފަރާތެއްގައި އެދެވިދާނެއެވެ.
- ކޮންމެ ތިން މަހުން އެއްމަހު، ޕެންށަން އެސެޓްސް ވިއްކާފައިވާ އަދަދާއި ގަނެފައިވާ އަދަދުގެ ހިސާބުތަކުގެ ތަފްސީލު. މީގެތެރޭގައި އެސެޓްގެ ނަމާއި، މުއާމަލާތް ހިނގި ތާރީހާއި އަގާއި، އެއިންވެސްޓްމަންޓުން ލިބުނު އެއްޗެއް ހިމެނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން، ޕެންށަން އޮފީހުގެ ބޯޑުގެ އެއްވެސް ބައްދަލުވުމަކަށްފަހު "ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް" އަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެބަދަލު ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ބޭނުންވާ އެހެން މައުލޫމާތެއްވާނަމަ، އެމައުލޫމާތަކާއި، އެމައުލޫމާތު ހުށަހަޅަންވީގޮތް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް ކަނޑައެޅިދާނެއެވެ. އެކިއެކި ސަރވޭތައް ކުރުމަށާއި، އެކްޗުއޭރިއަލް އިވެލުއޭށަން ހެދުމަށާއި، ޕެންށަން އޮފީހުގެ ހިސާބުތަކާއި، ފޮތްތަކާއި، ލިޔުންތަކާއި އެހެންވެސް ރެކޯޑްތައް ބެލުމަށްޓަކައި، މުސްތަގިއްލު އޮޑިޓަރުންނާއި ފަންނީ ހިދުމަތްދޭ އެހެން ފަރާތްތައް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ބޭނުންވެއްޖެ ހާލަތެއްގައި އައްޔަންކުރެވިދާނެއެވެ.
(ރ) ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކުރަންވާނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. (އިސްލާހު ކުރެވިފައި)
5 ވަނަ މާއްދާ - ޕެންށަން ސުޕަރވިށަން ޑިޕާރޓްމަންޓް
ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ޕެންށަން ސުޕަރވިށަން ޑިޕާރޓްމަންޓެއް، ތިރީގައިވާ ކަންތައްތައް ކުރުމަށް ގާއިމްކުރަންވާނެއެވެ.
(ހ) ޕެންށަން އެސެޓްސް އިންވެސްޓްކުރެވޭ ގޮތާއި، އެ އިންވެސްޓްމަންޓްތަކުގެ ޕާރފޯމަންސް ބެލެހެއްޓުން.
(ށ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްއާ ގުޅޭ ގޮތުން ހަދަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، އާންމުކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުން.
(ނ) ޕެންށަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަންކުރުމުގެ ކަންތައް ހިނގާ ގޮތް ބަލައި، މި ގާނޫނުގެ ދަށުން ޕެންށަން އޮފީހުގެ ބޯޑުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ ކަންތައް ކުރިއަށްދާގޮތް ބެލުން.
(ރ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
6 ވަނަ މާއްދާ - ޕެންށަން އޮފީހުގެ ބޯޑުގެ އާންމު ބާރުތައް
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ޕެންށަން އޮފީހުން ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ހުރިހާ ބާރުތަކެއް ޕެންށަން އޮފީހުގެ ބޯޑަށް ލިބިގެންވެއެވެ. މި ބާރުތަކުގެ ތެރޭގައި، އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު ހިމެނެއެވެ.
(ހ) މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ފައިޑިއުށަރީން ކަމުގައި ހިމެނޭ އެކްސްޓާރނަލް އެސެޓް މެނޭޖަރުންނާއި ކަސްޓޯޑިއަނުންނާއި، އޯޕަން އެންޑަޑް ވެހިކަލް، ހޮވުމަށްޓަކައި ބީލަން ކުރުން.
(ށ) އެސެޓް މެނޭޖަރުންނާއި، ކަސްޓޯޑިއަނުންނާއި، އޯޕަން އެންޑަޑް ވެހިކަލް އާއި އެކައުންޓެންޓުންނާއި، އޮޑިޓަރުންނާއި އެހެންވެސް ހިދުމަތްދޭ ފަރާތްތަކާ އެކު އެގްރިމަންޓްކުރުމާއި އެގްރިމަންޓުގެދަށުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.
(ނ) ސްކީމާ ގުޅޭގޮތުން އެސެޓް މެނޭޖަރުންނާއި ކަސްޓޯޑިއަނުންނާއި އޯޕަން އެންޑަޑް ވެހިކަލް އާއި އެހެންވެސް ހިދުމަތްދޭ ފަރާތްތަކުން ހިންގާ ހުރިހައި މުއާމަލާތްތަކާބެހޭ މައުލޫމާތު ދިނުމަށް އެންގުމާއި މައުލޫމާތު ލިބިގަތުން.
(ރ) ރިޓަޔަރމަންޓް ޕެންށަން ސްކީމް ހިންގުމަށްޓަކައި، ހިނގާ ހަރަދު ހޯދުމުގެ ގޮތުން ރެގިއުލޭޓިވް އޮތޯރިޓީގެ މަށްވަރާގެމަތިން އެކަށީގެންވާ ފީއެއް ސްކީމްގެ ބައިވެރިންގެ އަތުން ނެގުން.
(ބ) ޕެންށަން އޮފީސް ހިންގުމަށް ބޭނުންވާ އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގަތުމާއި ވިއްކުމާއި ކުއްޔަށް ހިފުން.
(ޅ) ޕެންށަން އޮފީސް ހިންގުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުން. މީގެތެރެއިން ޗީފް އެގްޒެކެޓިވް އޮފިސަރެއް އައްޔަންކުރުން.
(ކ) ޕެންށަން އޮފީހުގެ ބަޖެޓް ތައްޔާރުކުރުން.
(އ) އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފަދަ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ މުއައްސަސާތަކާއެކު ކޮންޓްރެކްޓްކޮށް އެގްރިމެންޓް ކުރުން. މިފަދަ އެއްބަސްވުންތަކާ ގުޅިގެން ހިންގާ ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ އުސޫލު ކަނޑައެޅުން.
(ވ) ޕެންށަން އޮފީހުގެ ބޯޑުގެ ޖަލްސާތައް ބޭއްވުމާއި، އަދި ޕެންށަން އޮފީސް ހިންގުމުގެ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހެދުން. އަދި ޕެންށަން އޮފީހުގެ އެންމެހައި ކަންތައްތައް މި ގާނޫނާއި ގަވާއިދުގައި ހިމެނޭ ގޮތުގެމަތިން ހިންގުން.
(މ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ޕެންށަން ފަންޑުގައި ފައިސާ، ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްތަކަށް ކޮލެޓަރަލައިޒްކުރެވޭން ސްކީމެއް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމާއި،އެފަދަ ސްކީމެއް ހިންގުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވުންތައް އެގްރީމަންޓްކުރުން. އަދި މިފަދަ އެއްބަސްވުންތަކާ ގުޅޭގޮތުން ހިންގާ ސްކީމް ހިންގާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން. (އިތުރު ކުރެވިފައި)
(ފ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންގެ ތެރެއިން މި ގާނޫނުގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ، ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ދެއްކޭނެ އިންތިޒާމު، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަޖެއްސުމާއި އަދި ފަރުސް ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އެންމެހައި އުސޫލުތައް ކަނޑައެޅުން. (އިތުރު ކުރެވިފައި)
(ދ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންގެ ތެރެއިން ޕެންށަން އޮފީސް މެދުވެރިކޮށް ފަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ފައިސާ އެއްކުރުމަށް އެދޭ ފަރާތްތަކަށް އަމާޒުކޮށްގެން ސްކީމެއް ހިންގުމުގެ އިހްތިޔާރާއި، އަދި އެފަދަ ސްކީމެއް ހިންގުމަށް އެކުލަވާލަންޖެހޭ އުސޫލުތައް ކަނޑައެޅުން. (އިތުރު ކުރެވިފައި)
(ތ) ޕެންށަން އެސެޓްސް އިންވެސްޓްކުރުމާ ބެހޭގޮތުން އިންވެސްޓްމަންޓް ކޮމިޓީން އެކުލަވާލާ ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްއާއި އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތައް ފާސްކުރުން؛ (އިތުރު ކުރެވިފައި)
(ލ) ޕެެސެޓްސް އިންވެސްޓްކުރުމަށް ނިންމުމާއި، އިންވެސްޓްކުރާނެ ކަންކަން ކަނޑައެޅުމާއި، އެނޫންވެސް ޕެންށަން އެސެޓްސް އިންވެސްޓްކޮށް ބެލެހެއްޓުމާގުޅޭ ނިންމުންތައް ނިންމުން. (އިތުރު ކުރެވިފައި)
7 ވަނަ މާއްދާ - ޕެންށަން އޮފީސް މާލީގޮތުން ހިންގުމާއި އެއޮފީހުގެ ބަޖެޓް
(ހ) ޕެންށަން އޮފީސް ހިންގާނީ މި ގާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންގެ އަތުން ނަގާ އެކަށީގެންވާ ފީ އަކުންނާއި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ސްކީމް ހިންގުމަށާއި ޕެންށަންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ ބަޖެޓުން، ޕެންށަން އޮފީހުގެ އަހަރީ ބަޖެޓަށް ލިބޭ ފައިސާއިންނެވެ. މި ގާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން މޯޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމް ހިންގުމުގެ ހުރިހާ ހަރަދެއް ސްކީމްގެ ބައިވެރިންގެ އަތުން ނެގޭވަރަށް ޕެންށަން އެސެޓްސް އިތުރުވަންދެން މި ސްކީމް ހިންގުމުގެ ހަރަދު ސަރުކާރުގެ ބަޖެޓުން ސަބްސިޑައިޒް ކުރެވިދާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ޕެންށަން އޮފީހުގެ ބަޖެޓަށް ސަރުކާރުގެ ބަޖެޓުން ލިބޭ ފައިސާއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހުއްދަ ހޯދަންވާނެއެވެ.
(ނ) ޕެންށަން އޮފީހުން އެ އޮފީސް ހިންގާ ބަޖެޓާއި ޕެންށަން އެސެޓްސް އެކުނުވާގޮތަށް ވަކިން ހުރިހާ އިރެއްގައިވެސް ބަހައްޓަންވާނެއެވެ.
8 ވަނަ މާއްދާ - ޕެންށަން އޮފީހުގެ ބޯޑު
(ހ) ޕެންށަން އޮފީހުގެ ބޯޑު އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ. (އިސްލާހު ކުރެވިފައި)
- ބޯޑުގެ ޗެއަރމަން؛
- ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ، ސިވިލް ސަރވިސްގައި ހިމެނޭ، އިސް މުވައްޒަފެއް. (އިސްލާހު ކުރެވިފައި)
- ސޯށަލް ސެކިއުރިޓީއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ، ސިވިލް ސަރވިސްގައި ހިމެނޭ، އިސް މުވައްޒަފެއް؛ (އިސްލާހު ކުރެވިފައި)
- ވަޒީފާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ، ސިވިލް ސަރވިސްގައި ހިމެނޭ، އިސް މުވައްޒަފެއް؛ (އިސްލާހު ކުރެވިފައި)
- ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ 5 (ފަހެއް) މީހުން. (އިސްލާހު ކުރެވިފައި)
(ށ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޕެންށަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކުރާ ވުޒާރާތަކުން ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރާނެ މީހެއްގެ ނަން ކަނޑައަޅާނީ، އެ ވުޒާރާތަކުގެ ވަޒީރެވެ. (އިސްލާހު1، އިސްލާހު2 ކުރެވިފައި)
(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޗެއަރޕަރސަންގެ މަގާމަށާއި، އެ އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ މަގާމުތަކަށް އައްޔަންކުރާނެ މީހުން ކަނޑައަޅާނީ، އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާ ފުރުސަތުގައި ހުށަހަޅާ ނަންތަކުގެ ތެރެއިން، މި މާއްދާގެ (ވ) ގައި ބަޔާންކުރާ ނޮމިނޭށަން ކޮމިޓީންނެވެ. (އިސްލާހު ކުރެވިފައި)
(ބ) ބޯޑުގެ މެންބަރުންގެ ށަރުތުތައް (މުޅި ނަންބަރު އިސްލާހު ކުރެވިފައި)
ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރާ މެންބަރުން، މެންބަރުކަމަށް އައްޔަންކުރާއިރު އަދި މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު، ތިރީގައި ބަޔާންކުރާ އެންމެހައި ށަރުތުތައް އެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.
- ދިވެހިރައްޔިތަކު ކަމުގައިވުން؛
- އުމުރުން 35 (ތިރީސް ފަހެއް) އަހަރު ފުރިފައިވުން؛
- އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން؛
- އަންނަނިވި ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށް، އެއިން ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާއާއި ފަންނީ ގާބިލުކަން ލިބިފައިވުން؛
- ޕެންށަންގެ ދާއިރާ؛
- މާލީ ދާއިރާ؛
- އިންވެސްޓްމަންޓްގެ ދާއިރާ؛
- އޮޑިޓްގެ ދާއިރާ؛
- އިގްތިސާދީ ދާއިރާ؛
- ވިޔަފާރީގެ ދާއިރާ؛
- ގާނޫނީ ދާއިރާ؛
- އިންފޮމޭށަން ޓެކްނޮލޮޖީގެ ދާއިރާ؛
- ސޯށަލް ސެކިއުރިޓީގެ ދާއިރާ؛
- ޕަބްލިކް ޕޮލިސީގެ ދާއިރާ؛
- ހިއުމަން ރިސޯސަސްގެ ދާއިރާ،
- މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައިވުން؛
- ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް ހެދުން، ހިޔާނާތް، ރިށްވަތު، ނުވަތަ ކޮރަޕްށަންގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ ފަރާތަކާ ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުމެއް (އަނބިމީހާ/ފިރިމީހާ، މައިންބަފައިން، ދަރިއެއ،ް އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން، ނުވަތަ އެއްބަފާ މީހުން) އޮތް މީހަކު ކަމުގައި ނުވުން؛
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން. އަދި ސިޔާސީ ކަންކަމުގައި ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
- ޕެންށަން އޮފީހުގެ އެސެޓް މެނޭޖަރެއްގެ ނުވަތަ ކަސްޓޯޑިއަނެއްގެ ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތެއްގެ އޮފިށަލެއް ނުވަތަ މުވައްޒަފެއް ކަމުގައި ނުވުން. އަދި އެސެޓް މެނޭޖަރެއް ނުވަތަ ކަސްޓޯޑިއަނެއްގެ ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ ފަރާތެއްގެ %5 (ފަހެއް އިންސައްތަ) ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ހިއްސާއެއްގެ މިލްކުވެރި ފަރާތެއް ކަމުގައި ނުވުން؛
- ބޯޑުގައި ހިމެނޭ އެހެން މެންބަރަކާ އެއް ތަނެއްގައި ވަޒީފާ އަދާކުރާ މީހަކު ކަމުގައި ނުވުން. އަދި ބޯޑުގައި ހިމެނޭ އެހެން މެންބަރަކާ ހިއްސާވެގެން އެއްވެސް އަމިއްލަ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރާ މީހަކު ކަމުގައި ނުވުން؛
- މި ގާނޫނުގެ ދަށުން ޕެންށަން އޮފީހާ ހަވާލުކޮށްފައިވާ އެއްވެސް މަސައްކަތެއް ރެގިއުލޭޓްކުރުމުގެ ގާނޫނީ ޒިންމާ އޮތް އިދާރާއެއް ނުވަތަ މުއައްސަސާއެއްގެ އޮފިށަލެއް ނުވަތަ މުވައްޒަފަކު ކަމުގައި ނުވުން.
(ޅ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ތެރެއިން، މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ ފަރާތްތަކުގެ ކިބައިގައި، މި މާއްދާގެ (ބ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، އެފަރާތްތަކަކީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. (މުޅި (ޅ) އިސްލާހު ކުރެވިފައި)
- ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރަމުންދާ މީހަކު ކަމުގައިވުން؛
- ދައުލަތުގެ ނުވަތަ ސަރުކާރުގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާއެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން؛
- ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ގިނަ ހިއްސާ އޮތް ގާނޫނީ ށަހްސެއްގެ ނުވަތަ އެފަދަ ގާނޫނީ ށަހްސަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީއެއްގެ މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ކަމުގައި ނުވުން.
(ކ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ކުރިމަތިލާ ފަރާތަކީ، ޕަބްލިކް ސެކްޓަރގައި ނުވަތަ ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިވުމީ، މި ގާނޫނު ހުރަސްއަޅާ ކަމެއް ނޫނެވެ. (މުޅި މާއްދާ އިސްލާހު ކުރެވިފައި)
(އ) ޕެންށަން އޮފީހުގެ ބޯޑުގެ މަގާމުތަކަށް ކުރިމަތިލާފައިވާ އަދި ހުށަހަޅާފައިވާ ފަރާތްތަކަކީ، މި މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކުރާ ބޯޑު މެންބަރުންގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން، އެފަރާތްތަކުގެ ނަންތައް މި މާއްދާގެ (ވ) ގައި ބަޔާންކުރާ ނޮމިނޭށަން ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން އެކަން ބަލަންވާނެއެވެ. (މުޅި މާއްދާ އިސްލާހު ކުރެވިފައި)
ނޮމިނޭށަން ކޮމިޓީ (މުޅި ނަންބަރު އިތުރު ކުރެވިފައި)
(ވ) މި މާއްދާގެ (އ) ގެ ބޭނުމަށް، ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންވުމަށް ކުރިމަތިލާފައިވާ އަދި ހުށަހަޅާފައިވާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ށަރުތުތައް ފުރިހަމަވޭތޯ ބަލައި، އެފަރާތްތައް އިވެލުއޭޓްކޮށް، ބޯޑަށް އައްޔަންކުރަން ފެންނަ މީހުންނާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށްޓަކައި، ނޮމިނޭށަން ކޮމިޓީއެއ،ް ބޯޑަށް މެންބަރުން އައްޔަންކުރާ ކޮންމެ ފަހަރަކަށް، އެކުލަވާލަންވާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ނޮމިނޭށަން ކޮމިޓީ އެކުލަވާލަންވާނީ، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ އިސް މުވައްޒަފަކާއި، ޕެންށަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަން، އަދި މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކުރާ ކޮންމެ ވުޒާރާއަކުން ކަނޑައަޅ،ާ އެ ވުޒާރާތަކުގެ ސިވިލް ސަރވިސްގައި ހިމެނޭ، އިސް މުވައްޒަފެއްގެ މައްޗަށެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
(ފ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ނޮމިނޭށަން ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓައި، އެ ކޮމިޓީއަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދޭނީ، ޕެންށަން އޮފީހުންނެވެ. ނޮމިނޭށަން ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި، ކޮމިޓީން ނިންމުންތައް ނިންމުމުގެ އުސޫލުތައް ހިމެނޭގޮތުން، ކޮމިޓީ ހިންގުމުގެ އުސޫލު ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
(ދ) ނޭށަން ކޮމިޓީގެ މެންބަރުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް، ބޯޑުން ނިންމާ ގޮތެއްގެމަތިން، ސިޓިންގ އެލަވަންސެއް ދެވިދާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
މެންބަރުކަމުގެ ށަރުތުތައް ފުރިހަމަވޭތޯ ބަލައި، އިވެލުއޭޓްކުރުން
(ތ) މި މާއްދާގެ (ވ) ގެ ބޭނުމަށް، ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ އަދި ހުށަހަޅާފައިވާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ށަރުތުތައް ފުރިހަމަވޭތޯ ބަލައި، އެފަރާތްތައް އިވެލުއޭޓްކުރުމުގައި ނޮމިނޭށަން ކޮމިޓީން އަމަލުކުރާނެ ގޮތުގެ އުސޫލު ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ މަށްވަރާއާއެކު ޕެންށަން އޮފީހުން އެކުލަވާލަންވާނެއެވެ. އެގޮތުން އެކުލަވާލާ އުސޫލުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
- މަގާމުގެ ށަރުތުތައް އެފަރާތްތަކުގެ ކިބައިގައި ފުރިހަމަވޭތޯ ބެލުމުގައި، ކޮމިޓީން ރިއާޔަތްކުރާނެ ކަންކަމާއި، އެކަންކަން ވަޒަންކުރާނެ މިންގަނޑުތައް؛
- މަގާމުގެ ށަރުތުތައް އެފަރާތްތަކުގެ ކިބައިގައި ފުރިހަމަވާކަން، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ މެދުވެރިކޮށް ޔަގީންކުރުމުގައި އަމަލުކުރާނެ ގޮތް؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޗެއަރޕަރސަންގެ މަގާމަށާއި، އެ އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ މަގާމުތަކަށް މެންބަރުން ހޮވުމަށް އާންމުކޮށް އިއުލާނުކުރުމުގައާއި، އެ އިއުލާނާ ގުޅިގެން މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކޮށް، އިވެލުއޭޓްކުރުމުގައި އަމަލުކުރާނެ އުސޫލުތައް؛
- މި މާއްދާގެ (ބ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަފާތު އެކި ދާއިރާތައް ބޯޑުގައި ތަމްސީލުކުރުމަށްޓަކައި، އެ ދާއިރާތަކަށް އިސްކަންދެވޭނެ ގޮތް؛
- މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ، ޕްރައިވެޓް ސެކްޓަރގައި އެކަށީގެންވާ މުއްދަތެއް ވަންދެން މަސައްކަތްކޮށްފައިވާ އަދި ކުރަމުންދާ ފަރާތްތަކެއްކަން ކަނޑައެޅުމުގައި ބަލާނެ ކަންކަން؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޗެއަރޕަރސަންގެ މަގާމަށާއި، އެ އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް، ކޮންމެ މަގާމަކަށް މަދުވެގެން ރައީސުލްޖުމްހޫރިއްޔާއަށް ނަން ފޮނުވަންޖެހޭ ކެންޑިޑޭޓުންގެ އަދަދު.
(ލ) މި މާއްދާގެ (ތ) ގައި ބަޔާންކުރާ ގޮތުގެމަތިން، ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާފައިވާ އަދި ހުށަހަޅާފައިވާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ށަރުތުތައް ފުރިހަމަވޭތޯ ނޮމިނޭށަން ކޮމިޓީން ބަލައި، އެފަރާތްތައް އިވެލުއޭޓްކުރުމަށްފަހު، ބޯޑަށް އައް ޔަންކުރުމަށްޓަކައި ހުށަހަޅާ ނަންތައް އެ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
ބޯޑުގެ މެންބަރުންގެ އިނާޔަތް
(ގ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންނަށް ލިބިދެވޭނެ އިނާޔަތަކީ، ޕެންށަން އޮފީސް ފަދަ މާލީ އެހެނިހެން މުއައްސަސާތަކުގެ ނުވަތަ ޕެންށަން ފަންޑުތަކުގެ ބޯޑުގެ މެންބަރުންނަށް ނުވަތަ އެ ބޯޑުތަކަށް ފަންނީ ލަފާދޭ މާހިރުންނަށް ލިބިދެވޭ އިނާޔަތާ ގާތްގަނޑަކަށް އެއްވަރުގެ އަދަދަކަށް ވާންވާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
(ޏ) ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރެވޭ މެންބަރުން، އެ މެންބަރުންގެ އާމްދަނީއާއި މިލްކިއްޔާތުގައިވާ މުދަލުގެ މައުލޫމާތުގެ ސިއްރު ސްޓޭޓްމަންޓެއް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރަށް، ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރެވުމުން އަދި އެ މަގާމުގައި ދެމިތިބޭ މުއްދަތުގެ ތެރޭގައި އަހަރަކު އެއްފަހަރު ހުށަހަޅަންވާނެއެވެ. އެގޮތުން، އެ ސްޓޭޓްމަންޓްގައި ހިމަނަންޖެހޭ މައުލޫމާތު ހުންނަންވާ ގޮތް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅަންވާނެއެވެ. އަދި، އެފަދައިން ލިބޭ މައުލޫމާތު އާންމުކޮށްގެން ނުވާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
(ސ) ބޯޑުގެ ބައްދަލުވުންތައް
ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން، އަދި ބޯޑުން ކަނޑައަޅާ މުއްދަތުތަކެއްގައި، ޕެންށަން އޮފީހުގެ ބޯޑުގެ ބައްދަލުވުންތައް ބާއްވަންވާނެއެވެ. ޕެންށަން އޮފީހުގެ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ޗެއަރޕަރސަންއެވެ. ޗެއަރޕަރސަން ބައްދަލުވުމަކަށް ހާޒިރުނުވެއްޖެނަމަ ނުވަތަ ޗެއަރޕަރސަންގެ މަގާމު ހުސްވެފައިވާ މުއްދަތުގައި، ބޯޑުގެ ރިޔާސަތު ބަލަހައްޓައި ޗެއަރޕަރސަންގެ ދައުރު އަދާކުރާނީ، ބޯޑު މެންބަރުންގެ ތެރެއިން ހޮވާ އެކްޓިންގ ޗެއަރޕަރސަންއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
(ޑ) ގާނޫނީ އަދަދު
ޕެންށަން އޮފީހުގެ ބޯޑުގެ ގާނޫނީ އަދަދަކީ ބޯޑުގެ 5 (ފަހެއް) މެންބަރުންނެވެ. މި ގާނޫނުގެ ދަށުން ބޯޑުން އެއްވެސް ކަމެއް ނިންމަންވާނީ، ބޯޑުގެ ޖަލްސާއަށް ހާޒިރުވީ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ބޯޑުން ނިންމާ އެއްވެސް ކަމެއްގައި، ވޯޓު އެއްވަރުވެއްޖެނަމަ، ޗެއަރޕަރސަންއަށް ވޯޓު ދެވިދާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
9 ވަނަ މާއްދާ - އިންވެސްޓްމަންޓް ކޮމިޓީ
(ހ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އިންވެސްޓްމަންޓް ކޮމިޓީއެއް އޮންނަންވާނެއެވެ. މިކޮމިޓީގައި ހިމެނޭނީ ސަރުކާރުގެ ވަޒީފާ އަދާނުކުރާ، 2 (ދޭއް) މެންބަރުންނާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މެންބަރެވެ. މިކޮމިޓީގައި ހިމެނޭ ސަރުކާރުގެ ވަޒީފާ އަދާނުކުރާ 2 (ދޭއް) މެންބަރުން އައްޔަންކުރާނީ ޕެންށަން އޮފީހުގެ ބޯޑުންނެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި މި 2 (ދޭއް) މެންބަރުން ބަދަލުކުރެވިދާނެއެވެ.
(ށ) ޕެންށަން އެސެޓްސް އިންވެސްޓްކުރުމާބެހޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ހިމެނޭ ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް އެކުލަވާލާނީ އިންވެސްޓްމަންޓް ކޮމިޓީންނެވެ.
(ނ) އިންވެސްޓްމަންޓް ކޮމިޓީން ކަނޑައަޅާ ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގައި ހިމެނޭ ސިޔާސަތުތަކަށް އަމަލުކުރަން ފެށޭނީ، އެސިޔާސަތުތައް ޕެންށަން އޮފީހުގެ ބޯޑުން ފާސްކުރުމުންނެވެ. ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ޕެންށަން އޮފީހުގެ ބޯޑުން ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް ދިރާސާކޮށް ގަވާއިދުން އިސްލާހުކުރަންވާނެއެވެ.
(ރ) މި ގާނޫނުގައި ބުނެފައިވާ އިންވެސްޓްކުރުމާބެހޭ ސިޔާސަތު ކަނޑައެޅުމުގައި ކަމާބެހޭ ތަޖްރިބާކާރުންގެ އެހީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ހޯދިދާނެއެވެ.
(ބ) އިންވެސްޓްމަންޓް ކޮމިޓީގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ 2 (ދޭއް) މެންބަރުންނެވެ. އަދި އެ ކޮމިޓީން އެއްވެސް ކަމެއް ނިންމޭނީ، 2 )ދޭއް( މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. (އިތުރު ކުރެވިފައި)
(ޅ) ޕެންށަން އެސެޓްސް އިންވެސްޓްކުރުމާ ގުޅޭގޮތުން ޕެންށަން އޮފީހުން ތައްޔާރުކުރާ ރިޕޯޓުތައް ދިރާސާކޮށް، ޕެންށަން އެސެޓްސް އިންވެސްޓްކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ޕެންށަން އޮފީހުގެ ބޯޑަށް ލަފާދޭނީ އިންވެސްޓްމަންޓް ކޮމިޓީންނެވެ. (އިތުރު ކުރެވިފައި)
10 ވަނަ މާއްދާ - ޕެންށަން އޮފީހުގެ ބޯޑު މެންބަރުކަމުގެ ދައުރާއި ވަކިކުރުން
(ހ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުން އެމަގާމުގައި ދެމިތިބޭނެ މުއްދަތަކީ، އެމެންބަރަކު މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާގުޅިގެން ފުރަތަމަ ފަހަރަށް މި ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ 5 ގެދަށުން ޕެންށަން އޮފީހުގެ ބޯޑަށް އައްޔަންކުރެވޭ 4 (ހަތަރެއް) މެންބަރުންގެ ތެރެއިން 2 (ދޭއް) މެންބަރުން އެމަގާމުގައި ދެމިތިބޭނެ މުއްދަތަކީ 2 (ދޭއް) އަހަރުދުވަހެވެ.
(ށ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުން މަގާމުން ވަކިކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މިގޮތުން މެންބަރަކު މަގާމުން ވަކިކުރެވޭނީ އެމެންބަރުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެނަމަ ނުވަތަ މި ގާނޫނުގައި މެންބަރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ށަރުތެއް އުނިވެއްޖެނަމަ ނުވަތަ ކުށެއް ސާބިތުވެއްޖެނަމަ ނުވަތަ ފައިޑިއުށަރީގެ ވާޖިބާ ހިލާފުވެއްޖެނަމަ ނުވަތަ 2 (ދޭއް) މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖިސްމާނީ ނުވަތަ ނަފްސާނީގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ނުވަތަ މަގްބޫލު އުޒުރެއްނެތި ޕެންށަން އޮފީހުގެ ބޯޑުގެ 3 (ތިނެއް) ނުވަތަ އެއަށްވުރެ ގިނަ ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމައެވެ.
(ނ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރަކު، މެންބަރުކަމުން ވަކިވާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ޕެންށަން އޮފީހުގެ އެސެޓް މެނޭޖަރަށް ނުވަތަ ކަސްޓޯޑިއަނަށް އެއްވެސް ޕްރޮފެށަނަލް ހައިސިއްޔަތަކުން ހިދުމަތެއް ފޯރުކޮށް ދީގެންނުވާނެއެވެ. މި މާއްދާއާ ހިލާފުވުމަކީ ކުށެކެވެ.
(ރ) ޕެންށަން އޮފީހުގެ ބޯޑުގެ އެއްވެސް މެންބަރެއް، އެއްވެސް ހައިސިއްޔަތަކުން ޕެންށަން އޮފީހުގެ އެސެޓް މެނޭޖަރެއް ނުވަތަ ކަސްޓޯޑިއަނެއް ނުވަތަ އެއިން ފަރާތަކާގުޅިފައިވާ ފަރާތަކުން ނުވަތަ ޕެންށަން އޮފީހަށް އެއްވެސް ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކުން ހަދިޔާއެއްގެ ގޮތުގައި ނުވަތަ ލޯނެއްގެ ގޮތުގައި ނުވަތަ އިނާޔަތެއްގެ ގޮތުގައި ދޭ އެއްވެސް އެއްޗެއް ގަބޫލުކޮށްގެން ނުވާނެއެވެ. ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ އާއިލާ މެންބަރުން (އަނބިމީހާ/ފިރިމީހާ، މައިންބަފައިން، ދަރިން، އެއްބަނޑުއެއްބަފާ މީހުން، އެއްބަނޑު މީހުން ނުވަތަ އެއްބަފާ މީހުން) ވެސް މި ބައިގައި ށާމިލުވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ޒިންމާ އުފުލުމަށް އެމެންބަރުންގެ ގާބިލުކަން ހުރި މިންވަރާއި އެމެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރަމުންދާ ފެންވަރާއި އަދި މި ގާނޫނުގެ ދަށުން މެންބަރުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ށަރުތުތަކުން ށަރުތެއް އުނިވެއްޖެނަމަ ރާއްޖޭގެ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ރައީސުލްޖުމްހޫރިއްޔާއަށް އަންގަމުން ގެންދަންވާނެއެވެ.
10-1 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރު (އިތުރު ކުރެވިފައި)
(ހ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ޕެންށަން އޮފީހުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގެ އެންމެ އިސްވެރިޔަކީ، އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ށ) ޕެންށަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، ޕެންށަން އޮފީހުގެ ބޯޑުންނެވެ.
(ނ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަންކުރެވޭ މީހެއްގެ ކިބައިގައި، ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގައި ހުރުން ލާޒިމުކަމަށް މި ގާނޫނުގެ 8 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ރ) ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން ފިޔަވައި، ޕެންށަން އޮފީސް ތަމްސީލުކުރަންޖެހޭ ކަންކަމުގައި އެ އޮފީސް ތަމްސީލުކުރާނީ، އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ބ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސައްކަތާގުޅޭ ކަންކަމުގައި އޭނާ ޖަވާބުދާރީވާނީ، ޕެންށަން އޮފީހުގެ ބޯޑަށެވެ.
(ޅ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގެ ދައުރަކީ 5 (ފަހެއް) އަހަރުދުވަހެވެ. ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި މީހަކަށް އެންމެ ދިގު މުއްދަތަކަށް ހުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރަށެވެ.
10-2 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތައް (އިތުރު ކުރެވިފައި)
ޕެންށަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޕެންށަން އޮފީހުގެ ބޯޑުގެ ލަފާގެ މަތިން، ޕެންށަން އޮފީހުގެ އިދާރީ ހިންގުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން؛
(ށ) ޕެންށަން އޮފީހުގެ ބޯޑުން ކުރަންޖެހޭކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ކަންކަމުގައި އެ ބޯޑަށް ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން؛
(ނ) ޕެންށަން އޮފީހުގެ މަސައްކަތްތައް ހިނގަމުންދަނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛
(ރ) ޕެންށަން އޮފީހުގެ ބޯޑުގެ އާންމު ބާރުތައް ކަމުގައި މި ގާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން، ޗީފް އެގްޒެކެޓިވް އޮފިސަރ ކުރުމަށް ބޯޑުން ހަވާލުކުރާ ކަންކަން، ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން، ރާވައި ހިންގުން؛
(ބ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން، މި ގާނޫނާއި ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރުން؛
(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
10-3 ވަނަ މާއްދާ - ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރުމާއި އަމިއްލަ މަސްލަހަތަށް މަސައްކަތްނުކުރުން (އިތުރު ކުރެވިފައި)
ޗީފް އެގްޒެކެޓިވް އޮފިސަރ އޭނާގެ ވާޖިބުތައް އަދާކުރުމުގައި އެއްވެސް ފަރާތަކަށް ބުރަވެ ނުވަތަ އެއްވެސް ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންވެ ނުވަތަ އެއްވެސް ފަރާތަކުން ފޯރުވައިފާނެ ނުފޫޒަކަށް ލެނބިގެން ނުވާނެއެވެ. އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ނިންމާ ނިންމުމެއްގައި ނުވަތަ އޭނާއަށް ހުށަހެޅޭ އެއްވެސް ކަމެއްގައި ނުވަތަ އޭނާ ކަނޑައަޅާ އެއްވެސް ސިޔާސަތެއް ކަނޑައެޅުމުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް، އޭނާގެ އަމިއްލަ މަސްލަހަތެއް ކުރިއެރުވުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ.
10-4 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރ މަގާމުން ވަކިކުރުމާއި އިސްތިއުފާދިނުން (އިތުރު ކުރެވިފައި)
(ހ) ޗީފް އެގްޒެކެޓިވް އޮފިސަރ އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް ޕެންށަން އޮފީހުގެ ބޯޑަށް ލިޔުމަކުން ހުށަހަޅައި، އެ ލިޔުން އެ ބޯޑުގެ ޗެއަރޕަރސަންއަށް ލިބުމުން، އޭނާ އެ މަގާމުން ވަކިވީއެވެ.
(ށ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އޭނާ އުޒުރުވެރިވެއްޖެނަމަ ނުވަތަ އެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާ އިހުމާލުވެއްޖެނަމަ ނުވަތަ އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދޭފަދަ ދާއިމީ ހާލަތެއް އޭނާއަށް މެދުވެރިވެއްޖެނަމަ، ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުން އޭނާ ވަކިކުރުމުގެ އިހްތިޔާރު، ޕެންށަން އޮފީހުގެ ބޯޑަށް ލިބިގެންވެއެވެ.
10-5 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ހުސްވުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަންކޮށްފައިވާ މީހަކަށް އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މަގާމުން އޭނާ ވަކިވާނެއެވެ.
- މަގާމުގެ މުއްދަތު ހަމަވުން؛
- މަގާމުން އިސްތިއުފާދިނުން؛
- މި ގާނޫނުގައިވާ ގޮތުގެމަތިން އޭނާ އެ މަގާމުން ވަކިކުރުން؛
- މަރުވުން؛
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމަކަށް ކުރިމަތިލުން ނުވަތަ އެފަދަ މަގާމަކަށް އައްޔަންކުރުން؛
- ޗީފް އެގްޒެކެޓިވް އޮފިސަރުގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމުކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގައިވާ ގޮތުގެމަތިން އެ މަގާމަށް އަލުން މީހަކު އައްޔަންކުރަންވާނެއެވެ.
އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން
11 ވަނަ މާއްދާ - އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ގާއިމުކުރުން
(ހ) މި ގާނޫނުގެ ދަށުން ޕެންށަން ލިބޭ އުމުރު ހަމަވާ މީހުންނަށް، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕެންށަން އޮފީހުން ދޭންވާނެއެވެ. މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ލިބޭ ރިޓަޔަރމަންޓް ޕެންށަން ނުވަތަ ސަރުކާރު މުވައްޒަފުންގެ ޕެންށަން ނުވަތަ އެހެންވެސް ޕެންށަނެއްގެ ގޮތުގައި ލިބޭ އަދަދަށް ނިސްބަތްކޮށް އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ގޮތުގައި ލިބޭ އަދަދު ބަދަލުކުރެވޭނެއެވެ.
(ށ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ލިބޭ ޕެންށަނުގެ އަދަދަކީ، އަސާސީ ޕެންށަނުގެ ދެގުނައަށްވުރެ ކުޑަ އަދަދެއްނަމަ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ލިބިދެވޭނީ އެ ޕެންށަނުގެ ގޮތުގައި ލިބޭ އަދަދުގެ %50 (ފަންސާސް އިންސައްތަ) އަސާސީ ޕެންށަނުން ކެނޑުމަށްފަހު ބާކީވާ އަދަދެވެ. އެގޮތުން، އަސާސީ ޕެންށަން ހިސާބުކުރާނީ، ފަރުޒު ހައްޖުވުމަށް މި ގާނޫނުގެ ދަށުން ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން އުނިކުރާ އަދަދުވެސް ހިމަނައިގެންނެވެ. (އިސްލާހު ކުރެވިފައި)
(ނ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ލިބޭ ޕެންށަނުގެ އަދަދަކީ، އަސާސީ ޕެންށަނުގެ ދެގުނައަށްވުރެ ގިނަ އަދަދެއްނަމަ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނެއް ނުލިބޭނެއެވެ. އެހެންނަމަވެސް، ދައުލަތުގެ އެހެނިހެން ޕެންށަނުގެ ގޮތުގައި 5,000 (ފަސްހާސް) ރުފިޔާއަށްވުރެ މަދު އަދަދެއް ލިބޭނަމަ، ދައުލަތުގެ އެހެނިހެން ޕެންށަނާއި އަސާސީ ޕެންށަން ހިމެނޭ ގޮތަށް ލިބޭނީ، ޖުމްލަ 5,000 (ފަސްހާސް) ރުފިޔާ ހަމަވާ މިންވަރަށެވެ. (އިސްލާހު ކުރެވިފައި)
(1-ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޕެންށަން ލިބޭ އުމުރު (މުޅި ނަންބަރު އިތުރު ކުރެވިފައި)
ހަމަވެފައިވާ މީހަކަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ލިބޭ ޕެންށަން ފައިސާ ފިޔަވައި، ދައުލަތުގެ އެހެނިހެން ޕެންށަން ފައިސާއާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދަކީ އަސާސީ ޕެންށަނަށްވުރެ ބޮޑު އަދަދެއްނަމަ، އެމީހަކަށް މި މާއްދާގެ ދަށުން ލިބިދޭ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނެއް ނުލިބޭނެއެވެ.
(2-ނ) މި މާއްދާގެ (1-ނ) ގެ ބޭނުމަށް، ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހަކީ، މި މާއްދާގެ ދަށުން ލިބިދޭ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ލިބިދެވޭނެ މީހެއްތޯ ބެލުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް މާލިއްޔަތާބެހޭ ވުޒާރާގެ މަށްވަރާއާއެކު ޕެންށަން އޮފީހުގެ ބޯޑުން އެކުލަވާލަ އި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެގޮތުން، އެކުލަވާލާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ ފައިސާއަކީ، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ކަމުގައި ބަލާނެ ވަކިވަކި ކަންކަމާއި، އެފަދައިން ލިބޭ ފައިސާ ހިސާބުކުރުމުގެ އުސޫލުތައް؛
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ އާމްދަނީއާބެހޭ މައުލޫމާތު، އެމީހާގެ ފަރާތުން ޕެންށަން އޮފީހާ ހިއްސާކުރުމުގެ އުސޫލުތައް؛
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ އާމްދަނީއާބެހޭ މައުލޫމާތު ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން ޕެންށަން އޮފީހާ ހިއްސާކުރުމުގެ އުސޫލުތައް؛
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ އާމްދަނީއާބެހޭ މައުލޫމާތުގެ ސައްހަކަން ބަލައި ކަށަވަރުކުރުމާގުޅޭ އުސޫލުތައް؛
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ އާމްދަނީއާބެހޭ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމާގުޅޭ އުސޫލުތައް؛
- ޕެންށަން ލިބޭ އުމުރު ހަމަވެފައިވާ މީހާއަށް ލިބޭ އާމްދަނީއަށް ބަލައި، އެމީހަކަށް މި މާއްދާގެ ދަށުން ލިބިދޭ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ނުލިބޭނެ ކަމުގައި ޕެންށަން އޮފީހުން ކަނޑައަޅައިފިނަމަ، އެ ނިންމުން މުރާޖައާކުރުމަށްޓަކައި ށަކުވާ ހުށަހަޅައި، އެ ށަކުވާ ބަލައި ގޮތެއް ކަނޑައެޅުމާބެހޭ އުސޫލުތައް
(ރ) ދައުލަތުގެ ހަރަދުގައި ފުލްޓައިމްކޮށް ބަލަހައްޓަމުން ގެންދާ ފަރާތްތަކަށް އަދި ކުށެއް ސާބިތުވުމުގެ ސަބަބުން ޖަލުގައި ބަލަހައްޓަމުންގެންދާ ފަރާތްތަކަށް އަސާސީ ޕެންށަން ހައްގެއް ނުވާނެއެވެ.
(1-ރ) އަސާސީ ޕެންށަން ލިބެމުންދާ މީހަކ،ު ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމަކަށް އިންތިހާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އައްޔަންވެއްޖެނަމަ، އެމީހަކަށް އަސާސީ ޕެންށަން ހައްގެއް ނުވާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)
(ބ) އަސާސީ ޕެންށަން ލިބެންޖެހޭ އުމުރަކީ 65 އަހަރެވެ. ކޮންމެ މީހެއްގެ އުމުރުން 65 އަހަރު ހަމަވާ މަހުގެ އެއްވަނަ ދުވަހު އެމީހަކަށް ޕެންށަން ލިބޭ އުމުރު ހަމަވީކަމުގައި ބެލެވޭނެއެވެ.
(ޅ) އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ބަޖެޓް
ސޯށަލް ސެކިއުރީޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ މަށްވަރާއާއެކު ޕެންށަން އޮފީހުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމަށްޓަކައި ބަޖެޓެއް ތައްޔާރުކުރުމަށްފަހު، އެއަހަރެއްގެ ސަރުކާރުގެ ބަޖެޓުގައި ހިމެނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ. މި ބަޖެޓުގައި އަސާސީ ޕެންށަން ދިނުމަށް ބޭނުންވާ ހަރަދާއި މި ސްކީމް ހިންގުމަށް ބޭނުންވާ އިދާރީ ހަރަދު ހިމަނަންވާނެއެވެ. މިއީ ސަރުކާރަށް ލިބޭ އާމްދަނީއިން ހިންގުމަށް ހަމަޖެހިފައިވާ ހަރަދުތަކެކެވެ.
(ކ) އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނުގެ ގޮތުގައި މީހަކަށް މަހަކު ދޫކުރެވޭނީ 5,000 (ފަސްހާސް) ރުފިޔާއެވެ. ދިރިއުޅުމުގެ ހަރަދުތައް މައްޗަށްދާ މިންވަރަށް ބިނާކޮށް ސޯށަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއާއި މާލީ ކަންކަން ބަލަހައްޓާ މިނިސްޓްރީން ކޮންމެ މީލާދީ 3 (ތިނެއް) އަހަރުން 1 (އެކެއް) އަހަރު އަސާސީ ޕެންށަނުގެ އަދަދު މުރާޖައާކުރަންވާނެއެވެ. އެގޮތުން މުރާޖައާކުރާއިރު، ދިރިއުޅުމުގެ ހަރަދުތަކަށް ރިއާޔަތްކުރުމަށްފަހު، އަސާސީ ޕެންށަނުގެ އަދަދަށް ބަދަލުގެންނަންޖެހޭ ފަދަ ހާލަތެއް އޮތްކަމަށް ފެނިއްޖެނަމަ، އަސާސީ ޕެންށަނުގެ އަދަދު އިސްލާހުކުރަންވާނެއެވެ. އަސާސީ ޕެންށަނުގެ އަދަދު އިސްލާހުކުރުމަށްފަހު، އަސާސީ ޕެންށަން އަލަށް ހައްގުވާ ފަރާތްތަކަށާއި އަދި އަސާސީ ޕެންށަން ލިބެމުންދާ ފަރާތްތަކަށް އަސާސީ ޕެންށަން ދޭންވާނީ، އިސްލާހު ކުރެވުނު އަދަދާ އެއްގޮތްވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)
(އ) މި ގާނޫނުގެ ދަށުން ލިބޭ ޕެންށަނެއް ނުވަތަ އެހެންވެސް ގޮތަކުން ލިބޭ ޕެންށަނެއްގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން އެ ބަދަލުތަކާ އެއްގޮތްވާ
ގޮތުގެމަތިން އެމީހަކަށް ލިބެމުން އައި އަސާސީ ޕެންށަންގެ އަދަދަށް ބަދަލު ގެނައުމުގެ އިހްތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.
(ވ) އަސާސީ ޕެންށަން ލިބުމަށް ށަރުތު ހަމަވާ މީހުން މިޕެންށަން ލިބިގަތުމަށްޓަކައި އަމަލުކުރަންވީ ގޮތުގެ އުސޫލު، ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެއެވެ. އަސާސީ ޕެންށަން ލިބެންޖެހޭ މީހުން ފާހަގަކޮށް އެފަރާތްތަކަށް އެ ޕެންށަން ލިބިދިނުމުގެ އިންތިޒާމްތައް ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރެވޭތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.
(މ) އަސާސީ ޕެންށަން ދޭން ފަށާނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ސަބަބުން ޕެންށަން ހައްގުވާ ތާރީހުން ފެށިގެން ނުވަތަ އެތާރީހަށް ފަހު ޕެންށަން ލިބޭ އުމުރު ހަމަވާނަމަ، ޕެންށަން ލިބޭ އުމުރު ހަމަވާ ތާރީހާއި، މި ދެ ތާރީހުގެ ތެރެއިން ފަހުގެ ތާރީހަކުން ފެށިގެންނެވެ.
ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމް
12 ވަނަ މާއްދާ - ރިޓަޔަރމަންޓް ޕެންށަން ސްކީމް ގާއިމުކުރުން
(ހ) ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ނަގައިގެން އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާއިން ހިންގޭ ރިޓަޔަރމަންޓް ޕެންށަން ސްކީމެއް "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމް" ގެ ނަމުގައި މި ގާނޫނުގެ ދަށުން ގާއިމުކުރެވޭނެއެވެ.
(ށ) ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން، ޕެންށަން ލިބޭ އުމުރު ހަމަނުވާ ކޮންމެ މީހަކަށް، މި ގާނޫނުގައިވާ ގޮތުގެމަތިން ޕެންށަން ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކުރުވުމަކީ، ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމްކަމެކެވެ. އަދި މި ސްކީމުގައި ބައިވެރިވުމަކީ ވަޒީފާ އަދާކުރާ ފަރާތުގެ މައްޗަށް ލާޒިމްކަމެކެވެ. ވަޒީފާ އަދާކުރާ ފަރާތުން ޕެންށަން ކޮންޓްރިބިއުށަންގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑާނެގޮތް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) އާ ހިލާފުވުމަކީ ކުށެކެވެ.
(ރ) ޕެންށަން ސްކީމްގެ ކޮންމެ ބައިވެރިއެއްގެ ނަމުގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓެއް ހުޅުވަންވާނެއެވެ. ކޮންމެ މެންބަރެއް އަދި މެންބަރެއްގެ ފަރާތުން ޕެންށަން ސްކީމަށް ދައްކާ ފައިސާ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރަންވާނެއެވެ. އަދި އެފައިސާ އިންވެސްޓްކޮށްގެން ލިބޭ އެންމެހައި ފައިދާއާއި ގެއްލުން އެމީހެއްގެ އެކައުންޓަށް ނިސްބަތުން ބަހަންވާނެއެވެ. އަދި ސްކީމް ހިންގުމުގެ ހަރަދުތައްވެސް ނިސްބަތުން އެ އެކައުންޓުން ކެނޑިދާނެއެވެ. ހިންގުމުގެ ހަރަދު ކެނޑުމަށްފަހު އެކައުންޓުގެ ބާކީއަކީ އެ މެންބަރެއްގެ ގާނޫނީ މިލްކެކެވެ.
(ބ) ދައުލަތުގެ ވަޒީފާ އަދާކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކުރުމުގެ ކަންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ، ގިނަވެގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ހަމަޖައްސަންވާނެއެވެ.
(ޅ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލަސްވެގެން 12 (ބާރަ)މަސް ދުވަހުގެ ތެރޭގައި ދައުލަތް ފިޔަވައި އެހެން ފަރާތްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކުރުމަށްޓަކައި، ނަގާނެ މުއްދަތެއް ޕެންށަން އޮފީހުން ކަނޑައަޅަންވާނެއެވެ. އަދި ދައުލަތުގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާ އަދާކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެތެރޭގައި ބައިވެރިކޮށް ނިންމަންވާނެއެވެ.
(ކ) މި މާއްދާގެ (ބ) އަދި (ޅ) ގައި އެހެން އޮތްނަމަވެސް، ބިދޭސީ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރިކުރުން ލާޒިމުވެގެނެއްނުވެއެވެ. (އިތުރު ކުރެވި އިސްލާހު ކުރެވިފައި)
(އ) (އިތުރު ކުރެވި އުނި ކުރެވިފައި)
13 ވަނަ މާއްދާ - ސްކީމް ހިންގުމުގެ ފައިޑިއުށަރީ ޑިޔުޓީ
(ހ) ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ކުރުމުގެ މަސްއޫލިއްޔަތު އޮންނަ މީހުންނާއި ގާނޫނީ ށަހްސުތަކަކީ، ސްކީމްގެ ބައިވެރިންނާއި، ސްކީމްގެ ބެނިފިށަރީންގެ ކުރިމަތީގައި ފައިޑިއުށަރީން ކަމުގައިވާނެއެވެ.
- ސްކީމް ހިންގުމާބެހޭ އެއްވެސް ކަމެއްގައި، ނުވަތަ ޕެންށަން އެސެޓްސް މެނޭޖްކުރުމާއި ތަސައްވުރުކުރުމުގައި އެއްވެސް ކަމެއް ނިންމުމުގެ އިހްތިޔާރު ލިބިފައިވާ ފަރާތަކަށްވުން.
- އިންވެސްޓްކުރުމާބެހޭ ގޮތުން ބޯޑަށް އެއްވެސް ލަފައެއް ދިނުން ނުވަތަ އެފަދަ ލަފައެއް ނުދިން ކަމުގައިވިޔަސް، އެފަދަ ލަފައެއް ދިނުމުގެ މަސްއޫލިއްޔަތު އޮންނަ ފަރާތަކަށްވުން.
(ށ) ކޮންމެ ފައިޑިއުށަރީއަކުވެސް، އެމީހެއްގެ ވާޖިބު އަދާކުރަންވާނީ، މާލީ ކަންކަމުގައި އެކަށީގެންވާ މިންވަރަށް ހުނަރުވެރިކަމާއި ގާބިލުކަން ލިބިގެންވާ މީހެކޭ އެއްފަދައިންނެވެ. މިބުނެވުނު ފެންވަރާއި ހުނަރުވެރިކަމާއި ގާބިލުކަން ނެތްނަމަ، އެކަމުގެ މާހިރުންގެ ކިބައިން އެހިދުމަތް ހޯދަންވާނެއެވެ.
(ނ) ޕެންށަން އެސެޓްސް އިންވެސްޓް ކުރުމާބެހޭ އެއްވެސް ހުށަހެޅުމެއް، ސަރުކާރުން ނުވަތަ އެހެންވެސް ފަރާތަކުން ހުށަހަޅާނަމަ، ހުށަހަޅަންވާނީ ލިޔުމުންނެވެ. އަދި އެހުށަހެޅުމެއް އާންމުކޮށް ހާމަކުރަންވާނެއެވެ.
14 ވަނަ މާއްދާ - ސްކީމަށް ފައިސާ ދެއްކުން
(ހ) ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންށަނަށް ބަލާ މުސާރައިގެ (ޕެންށަނަބަލް ވޭޖްގެ) މަދުވެގެން %7 އެމުވައްޒަފަކު، އަދި ޕެންށަނަބަލް ވޭޖްގެ މަދުވެގެން %7 އެމުވައްޒަފަކަށް ވަޒީފާދީފައިވާ ފަރާތުން، ސްކީމަށް ދައްކަންވާނެއެވެ. މިގޮތުން ސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ވަޒީފާ އަދާކުރާ މުވައްޒަފުންނަށެވެ. 65 އަހަރުން މަތީގެ މީހުންގެ މައްޗަށް ސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައެއް ނުވެއެވެ. ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރެވޭތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ސްކީމަށް ފައިސާ ދެއްކުމުގެ އުސޫލުތައް ކަނޑައަޅައި އެކަމާބެހޭ ގަވާއިދުތައް ޕެންށަން އޮފީހުން ހަދަންވާނެއެވެ. މިގަވާއިދުތަކުގައި ޕެންށަން ސްކީމަށް ފައިސާދެއްކޭނެ އެންމެ މަތީ މިންވަރަކާއި ދަށް މިންވަރެއް ކަނޑައަޅަންވާނެއެވެ.
(ށ) ޕެންށަން އޮފީހުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ކޮންމެ މުވައްޒަފެއްގެ ފަރާތުންނާއި އެމުވައްޒަފަކަށް ވަޒީފާދީފައިވާ ފަރާތުން ދައްކާ ފައިސާގެ ރިޕޯޓްތައް ޕެންށަން އޮފީހަށް ގަވާއިދުން ހުށަހަޅަމުން ގެންދަންވާނެއެވެ. މިރިޕޯޓު ހުށަހެޅުމާބެހޭ ގަވާއިދު، ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ޕެންށަން އޮފީހުން ހަދަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ގަވާއިދުގައި، އަމިއްލަ ވަޒީފާގައި އުޅޭ (ސެލްފް-އެމްޕްލޯއިޑް) ސްކީމްގައި ބައިވެރިވާން ބޭނުންވާ މީހުން ސްކީމަށް ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ. އަދި އެ ގަވާއިދުގައި، އަމިއްލަ ވަޒީފާގައި އުޅޭ މީހުން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ނިސްބަތާއި، އެ ނިސްބަތް ކަނޑައެޅުމަށްޓަކައި ޕެންށަނަށް ބަލާ މުސާރަ ކަނޑައަޅާނެ ގޮތާބެހޭ ގަވާއިދުތައް ޕެންށަން އޮފީހުން ނެރެންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) ޕެންށަން އޮފީހާއި ސަރުކާރާއި އެއްބަސްވާ ގޮތެއްގެމަތިން، އަދި ޕެންށަން އޮފީހުން ނެރޭ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތެއްގެމަތިން އަމިއްލަ ވަޒީފާގައި އުޅޭ މީހުންނާއި މަސްވެރިން ސްކީމަށް ދައްކަންޖެހޭ ފައިސާ ކަމަށް ޕެންށަން އޮފީހުން ކަނޑައަޅާ އަދަދުގެ ތެރެއިން ބައެއް ސަބްސިޑައިޒް ކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.
(ބ) ވަޒީފާ ދޭ ފަރާތުން އެއްބަސްވާނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ވަޒީފާ އަދާކުރާ މީހާގެ އަތުން ސްކީމަށް ފައިސާ ނުނަގާގޮތަށް، ހަމައެކަނި ވަޒީފާދޭ ފަރާތުން މުވައްޒަފުގެ ޕެންށަނަށް ބަލާ މުސާރައިގެ %14 އަށް ވުރެ މަދުނޫން އަދަދަކަށް ސްކީމަށް ފައިސާ ދައްކާ ގޮތަށް ހަމަޖެއްސުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
(ޅ) ސްކީމްގެ ކޮންމެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓާއި ބެހޭ ސްޓޭޓްމަންޓް އެމީހުންނަށް، ގަވާއިދުން ކޮންމެ އަހަރަކު ޕެންށަން އޮފީހުން ދޭންވާނެއެވެ. މިސްޓޭޓްމަންޓްގައި، އެމީހަކާ ބެހޭ މައުލޫމާތާއި، އެމީހެއްގެ އެކައުންޓަށް ދައްކާފައިވާ ފައިސާއާއި، ފައިސާ ދައްކާފައިވާ ފަރާތާއި، އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ އިންވެސްޓްމަންޓް ޕަރފޯރމަންސް އާއި، ސްކީމްގެ ދަށުން އެމީހަކަށް ދޫކުރެވިފައިވާ ބެނިފިޓްސްގެ ތަފްސީލު ހުންނަންވާނެއެވެ.
15 ވަނަ މާއްދާ - ޕެންށަން ކޮންޓްރިބިއުށަން ޖަމާކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިން ސްކީމަށް ދައްކަންޖެހޭ ޕެންށަން ކޮންޓްރިބިއުށަން ޖަމާކުރުމަށްޓަކައި، ވަޒީފާދޭ ފަރާތުން ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) މުވައްޒަފަށް މުސާރަ ދިނުމުގައި، ޕެންށަން ކޮންޓްރިބިއުށަނުގެ ގޮތުގައި މުވައްޒަފުގެ ފަރާތުން ދައްކަންޖެހޭ ފައިސާ މުސާރައިން އުނިކުރުން؛ (އިތުރު ކުރެވިފައި)
(ށ) މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން މުވައްޒަފު ސްކީމަށް ދައްކަންޖެހޭ ފައިސާއާއި، ވަޒީފާދޭ ފަރާތުން ސްކީމަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު، ޕެންށަން އޮފީހުން ކަނޑައަޅާ އެކައުންޓަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރާ މުއްދަތުގެ ތެރޭގައި ވަޒީފާދޭ ފަރާތުން ޖަމާކުރުން. (އިތުރު ކުރެވިފައި)
16 ވަނަ މާއްދާ - ސްކީމްގެ ފައިސާ އިންވެސްޓްކުރުން
(ހ) ޕެންށަން އެސެޓްސް އިންވެސްޓްކުރަންވާނީ މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، އަދި ހަމައެކަނި ސްކީމްގެ ބައިވެރިންނަށާއި ބެނިފިށަރީންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނޭ ގޮތުގެމަތިންނެވެ. މިގޮތުން އިންވެސްޓްކުރުމުގައި ބަލަންޖެހޭނެ ކަންތައްތަކުގެ ތެރޭގައި، އަންނަނިވި ކަންތައް ހިމެނެއެވެ. (ފެށޭ އިބާރާތް އިސްލާހު ކުރެވިފައި)
- އެސެޓްސްގެ ރައްކާތެރިކަން.
- އިންވެސްޓްމެންޓްތަކުގެ ޑައިވަރސިޓީ.
- އެސެޓްސްގެ ރައްކާތެރިކަމަށް ބަލާއިރު އެންމެ ފައިދާބޮޑު އެސެޓެއްގައި އިންވެސްޓްކުރުން.
- އެކަށީގެންވާ މިންވަރަކަށް ލިކުއިޑިޓީ ދެމެހެއްޓުން.
(ށ) އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތައް ކަނޑައަޅާނީ، މުސްތަގިއްލު ފަންނީ ލަފަޔާއެކު އަދި ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ ގަވާއިދުތަކާ ހިލާފުނުވާނޭ ގޮތުގެމަތިން ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރުންގެ ތެރެއިން އެކުލަވާލެވޭ ޕެންށަން އިންވެސްޓްމަންޓް ކޮމިޓީއަކުންނެވެ. އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތަކުގައި އަންނަނިވި ކަންތައްތައް ބަޔާންކުރަންވާނެއެވެ.
- މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަކުރާނެގޮތް.
- ޕެންށަން އެސެޓްސް އިންވެސްޓްކުރެވިދާނެ އިންސްޓްރޫމެންޓްތައް.
- ޕެންށަން އެސެޓްސް އިންވެސްޓްކޮށްގެން ޕެންށަން އޮފީހުގެ ބޯޑުން ހާސިލުކުރަން ބޭނުންވާ ޕަރފޯރމަންސް ބެންޗްމާކްތައް.
- ޕެންށަން އެސެޓްސް އިންވެސްޓްކުރުމުގައި ހުރި މައިގަނޑު ރިސްކްތަކާއި އެ ރިސްކްތައް މެނޭޖްކުރާނެ ގޮތްތައް.
- އިންވެސްޓްކުރާނޭ ގޮތާއި ފައިދާ ހޯދާނެގޮތްތައް ކަނޑައެޅުމަށް ޒިންމާވާ ފަރާތްތައް.
- އިންވެސްޓްކުރުމާބެހޭ ކަންތައްތައް ކަނޑައެޅުމުގައި އަމަލުކުރާނޭ އުސޫލު.
- އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތައް މުރާޖައާކުރާނޭ ގޮތް.
(ނ) އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތައް އިންވެސްޓްމަންޓް ކޮމިޓީން ޕެންށަން އޮފީހުގެ ބޯޑުގެ އެއްބަސްވުމާއެކު ގަވާއިދުން މުރާޖައާކުރަންވާނެއެވެ.
(ރ) ޕެންށަން އެސެޓްސް ދިވެހިރާއްޖޭގައި އިންވެސްޓްކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ބާވަތުގެ އެސެޓްތަކުގައެވެ.
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ލައިސަންސް ދީފައިވާ ބޭންކްތަކުގެ ތެރެއިން ތަންފީޒީ ފިޔަވަޅެއް އަޅަމުންދާ އަދި އެފަރާތެއްގެ ލައިސަންސް ހިފެހެއްޓުމުގެ ބިރު ހީވެފައިވާ ބޭންކްތައް ނޫން ބޭންކްތަކުގެ އެކައުންޓުތަކާއި، ބޭންކްތަކުގައި ހުންނަ ޑިޕޮޒިޓްތައް ފަދަ މަނިޓަރީ ފަންޑުތައް.
- ދިވެހިސަރުކާރުގެ ކަމާބެހޭ ފަރާތަކުން، އެފަރާތުން ގެރެންޓީކުރާ މިންވަރަކަށް ދޫކުރާ ސެކިއުރިޓީސްތައް.
- ވިޔަފާރި ކުރާ ތަންތަނުން ދޫކުރާ ސެކިއުރިޓީސްތަކުގެ ތެރެއިން ރާއްޖޭގައި ހުންނަ ލައިސަންސް އޮތް ސްޓޮކް އެކްސްޗޭންޖެއްގައި ލިސްޓްކުރެވިފައިވާ ސެކިއުރިޓީސްތައް.
- ރާއްޖޭގައި ގަވާއިދުން ހުއްދަލިބިފައިވާ މިއުޗުއަލް ފަންޑާއި އިންވެސްޓްމަންޓް ފަންޑުތައް.
(ބ) ޕެންށަން އެސެޓްސް ރާއްޖެއިން ބޭރުގައި އިންވެސްޓްކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ބާވަތުގެ އެސެޓްތަކުގައެވެ.
- އެ އިންވެސްޓްކުރާ ގައުމެއްގައި ހުންނަ ބޭންކް ރެގިއުލޭޓްކުރާ އޮތޯރިޓީއަކުން ލައިސަންސް ދީފައިވާ ބޭންކްތަކުގެ ތެރެއިން ތަންފީޒީ ފިޔަވަޅެއް އަޅަމުންދާ އަދި އެފަރާތެއްގެ ލައިސަންސް ހިފެހެއްޓުމުގެ ބިރު ހީވެފައިވާ ބޭންކްތައް ނޫން ބޭންކްތަކުގެ ބޭންކް އެކައުންޓުތަކާއި، ބޭންކްތަކުގައި ހުންނަ ޑިޕޮޒިޓްތައް ފަދަ މަނިޓަރީ ފަންޑުތައް.
- އެ އިންވެސްޓްކުރާ ގައުމެއްގެ ކަމާބެހޭ ފަރާތަކުން، އެފަރާތުން ގެރެންޓީކުރާ މިންވަރަކަށް ދޫކުރާ ސެކިއުރިޓީސްތައް.
- އެ އިންވެސްޓްކުރާ ގައުމެއްގެ މައި ސަރުކާރުން ނުވަތަ ސަރަހައްދީ ސަރުކާރުން، އެފަރާތުން ގެރެންޓީކުރާ މިންވަރަކަށް ދޫކުރާ ސެކިއުރިޓީސްތައް.
- އެ ގައުމެއްގެ ސެކިއުރިޓީސް މާކެޓް ރެގިއުލޭޓްކުރާ ފަރާތެއްގައި ރަޖިސްޓަރީ ކުރެވިފައިވާ ސެކިއުރިޓީސްތަކުގެ ތެރެއިން، ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކުރެވިގެން، ކަމާބެހޭ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރެއްގެ ބެލުމުގެ ދަށުން ބެލެމުންދާ ސެކިއުރިޓީސްތައް.
- އެތަނެއްގެ ސަރުކާރުން ހުއްދަކޮށްފައިވާ އޯޕަން އެންޑަޑް ވެހިކަލްތައް.
(ޅ) ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ އެސެޓެއްގައި ޕެންށަން އެސެޓްސް އިންވެސްޓްކޮށްގެންނުވާނެއެވެ.
- ލިސްޓްކޮށްފައިނުވާ ނުވަތަ އާންމުކޮށް ނުވިއްކާ ސެކިއުރިޓީސް.
- އެހެން އެސެޓްތަކާ ގާނޫނީ ގޮތުން ވަކި ނުކުރެވޭނެ އެސެޓްތައް.
- ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅާ ވަކި ބާވަތްތަކެއްގެ ޑެރިވަޓިވް އިންސްޓްރޫމަންޓްތައް.
- ގަވާއިދުން އިންތިޒާމްކުރެވިގެން ހިނގާ ބާޒާރެއްގައި ލިސްޓްކޮށްފައިނުވާ ރިއަލް އެސްޓޭޓް އާއި އެހެންވެސް މުދަލުގެ ތެރެއިން ކަނޑައެޅިގެން ވަކި އަގެއް ހަމަނުޖެއްސޭނެ އެސެޓްތައް.
- ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅާ އެހެނިހެން ބާވަތުގެ އެސެޓްސް.
(ކ) މި ގާނޫނުގެ ދަށުން ޕެންށަން އެސެޓްސް އިންވެސްޓްކުރުމުގެ ކަންތައް ކުރާނީ ގާނޫނާއި، ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްއާ އެއްގޮތަށްތޯ ބަލާނީ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރެވެ. އަދި ޕެންށަން އެސެޓްސް އިންވެސްޓްކުރުމަށް އެކަށީގެންވާ ވަރަށް ފައިނޭންށަލް މާރކެޓް ތަރައްގީވެފައިވާ ގައުމުތައް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ފާހަގަކުރަންވާނެއެވެ.
(އ) ޕެންށަން އެސެޓްތައް އިންވެސްޓްކުރުމުގައި ތަފާތު އަދި ވަކި އިންވެސްޓްމަންޓްތަކުގައި އިންވެސްޓްކުރެވޭނެ އަދަދު ކަނޑައަޅައި އެކަންފާހަގަކޮށް ޕެންށަން އޮފީހުގެ ބޯޑުން މިކަމާބެހޭ ގަވާއިދުގައި ބަޔާންކުރަންޖެހޭނެއެވެ.
(ވ)
- ޕެންށަން އެސެޓްސް އިންވެސްޓްކުރުމުގައި، ފައިނޭންށަލް މާރކެޓްގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ނުވަތަ ބޭރުފައިސާގެ އަގުތަކަށް އަންނަ ބަދަލަކާ ގުޅިގެން، ނުވަތަ ޕެންށަސް އެސެޓްސް އިންވެސްޓްކޮށްފައިވާ ތަންތަނުގެ މެދުގައިވާ އިގްތިސާދީ ގުޅުންތަކަށް ނުވަތަ އެތަންތަން އިންތިޒާމް ކުރެވިފައިވާގޮތަށް އައި ބަދަލަކާ ގުޅިގެން، ނުވަތަ އެސެޓް މެނޭޖަރުގެ ބާރުން ބޭރުގައިވާ ކަންތައްތަކުގެ ސަބަބުން މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސްޓޭމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްއާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ އެހެން މާއްދާތަކާ ހިލާފުނުވާނޭ ގޮތުގެމަތިން، އިންވެސްޓްކުރެވިފައިވާ ޕެންށަން އެސެޓްތަކުގެ އިންވެސްޓްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނެއެވެ.
- މިގޮތުން ޕެންށަން އެސެޓްތަކުގެ އިންވެސްޓްމަންޓަށް ގެންނަންޖެހޭ ބަދަލުތައް، ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގައި ބަޔާންކޮށްފައިވާ ސިޔާސަތުތަކާ ހިލާފުވި ތާރީހާއި، ނުވަތަ އެސެޓްތައް އަގުކުރުމުގައި ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގައި ބަޔާންކޮށްފައިވާ ސިޔާސަތުތަކާ ހިލާފުވިކަން އެނގުނު ތާރީހާއި ދެތާރީހުންކުރެ ފަހުގެ ތާރީހަކުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، އަލުން މި ގާނޫނާއި ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސްގައި ބަޔާންކޮށްފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންވެސްޓްމަންޓްތައް ބަދަލުކުރަންވާނެއެވެ.
(މ) ޕެންށަން އެސެޓްސް އިންވެސްޓްކުރުމުގެ ބޭނުމަށް، ސްކީމްގެ ބައިވެރިން ޕެންށަން އުމުރު ހަމަވުމުގެ ކުރިން އަދި ފަހުން ބޭނުންކުރުމަށްޓަކައި، އެއިން ކޮންމެ މަރުހަލާއަކަށް ހާއްސަކޮށްގެން އިންވެސްޓްމަންޓް ފަންޑުތަކާއި ޕޯޓްފޯލިއޯތައް ޕެންށަން އޮފީހުން ގާއިމުކޮށް ބަލަހައްޓަންވާނެއެވެ. (އިތުރު ކުރެވިފައި)
(ފ) ސްކީމްގެ ބައިވެރިންނަށް ހަމަޖެހިފައިވާ އިންވެސްޓްމަންޓް ޕޯޓްފޯލިއޯ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ބަދަލުކުރުމަށް އެ ބައިވެރިންނަށް އެދެވިދާނެއެވެ. އެގޮތުން، ސްކީމްގެ ބައިވެރިޔަކު ޕޯޓްފޯލިއޯ ބަދަލުކުރުމަށް އެދި ހުށަހެޅުމުގައާއި، އެފަދަ ހުށަހެޅުންތަކާ ގުޅިގެން ޕޯޓްފޯލިއޯ ބަދަލުވާއިރު ކުރިން ހުރި ޕޯޓްފޯލިއޯއިން ލިބިފައިވާ ފައިދާއާމެދު އަމަލުކުރާނެ ގޮތާއި، ޕޯޓްފޯލިއޯ ބަދަލުކުރުމާބެހޭ އެނޫންވެސް އުސޫލުތަކާއި ހަމަތައ،ް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
17 ވަނަ މާއްދާ - އިންށުއަރ ކުރުން (އުނި ކުރެވިފައި)
17 ވަނަ މާއްދާ - އެސެޓް މެނޭޖަރުން
(ހ) ރާއްޖޭގައިވާ އެސެޓް މެނޭޖަރުންނަކީ، އެސެޓް މެނޭޖްކުރުމަށް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ލައިސަންސް ދޫކޮށްފައިވާ ގާނޫނީ ށަހްސުތަކަށް ވާންވާނެއެވެ. އެސެޓް މެނޭޖަރުންގެ ކިބައިގައި ތިރީގައިމިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- އެއްވެސް ކަމަކަށް އަމަލުނުކުރުމުގެ ސަބަބުން ތަންފީޒީ ފިޔަވަޅެއް އަޅާފައިނުވުން ނުވަތަ ލައިސަންސް ވަގުތީގޮތުން ހިފެހެއްޓިފައިނުވުން.
- ކަސްޓޯޑިއަނާއި ނުވަތަ ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރަކާ ގުޅިފައިވާ ފަރާތަކަށް ނުވުން؛ އަދި
- ކަސްޓޯޑިއަނަށް ނުވަތަ ގުޅިފައިވާ ފަރާތަކަށް ދަރަންޏަށް ފައިސާ ދޫކުރާ ނުވަތަ ނަގާ ފަރާތަކަށް ނުވުން.
(ށ) އެސެޓް މެނޭޖަރުން ހޮވާނީ، ވާދަވެރި ބީލަމަކުންނެވެ. ބީލަމުގެ ކަންތައް ހިނގާނޭ އުސޫލުތަކާއި ށަރުތުތަކާއި، އެސެޓް މެނޭޖަރަށްވުމަށް ކުރިމަތިލުމަށް ޕްރީ-ކޮލިފައިވުމަށް ބޭނުންވާ ކަންތައްތައް ޕެންށަން އޮފީހުގެ ބޯޑުން ފާސްކުރަންވާނެއެވެ.
(ނ) އެސެޓް މެނޭޖަރުން ޕެންށަން އެސެޓްތައް މެނޭޖްކުރަންވާނީ އެސެޓް މެނޭޖްކުރުމާބެހޭ ގޮތުން އެސެޓް މެނޭޖަރާއި ޕެންށަން އޮފީހާ ދެމެދު ކުރެވޭ އެގްރިމަންޓްގައިވާ ގޮތުގެމަތިންނެވެ.
(ރ) އެސެޓް މެނޭޖްމަންޓްގެ ކަންތައް ހިންގަންވާނީ ހަމައެކަނި، އެކަމަށް އައްޔަންކޮށްފައިވާ ކަސްޓޯޑިއަން މެދުވެރިކޮށްކަމަށް އެސެޓް މެނޭޖްމަންޓް އެގްރިމަންޓްގައި ބަޔާންކުރަންވާނެއެވެ. އެސެޓް މެނޭޖްމަންޓް އެގްރިމަންޓްގައި ހުންނަންޖެހޭ އެހެން ކަންތައްތައްވެސް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ.
(ބ) މި ގާނޫނުގެ ދަށުން މެނޭޖްކުރެވޭ ޕެންށަން އެސެޓްތަކަކީ އެސެޓް މެނޭޖަރުގެ އަމިއްލަ މިލްކެއް ނޫނެވެ. އަދި އެއީ އޭނާގެ މައްޗަށް ތަންފީޒުކުރެވޭ ކަމެއްގައި، އަދި އެސެޓް މެނޭޖަރު ބަނގުރޫޓުވުމުގެ ކަމެއްގައި އަސަރުކުރާނޭ އެއްޗެއްވެސް ނޫނެވެ.
(ޅ) ޕެންށަން އެސެޓްތައް، ނުވަތަ އޭގެތެރެއިން ބައެއް، އިންވެސްޓްކުރުމަށް އެންމެ އެކަށީގެންވަނީ އޯޕަން އެންޑަޑް ވެހިކަލްތަކުގައި ކަމަށް ޕެންށަން އޮފީހުގެ ބޯޑުން ނިންމިދާނެއެވެ. އެހެންކަމުގައިވަނީނަމަ، ވާދަވެރި ބީލަމަކުން އެކެއް ނުވަތަ އެއަށްވުރެ ގިނަ އޯޕަން އެންޑަޑް ވެހިކަލް ހޮވުމަށްފަހު، އެފަރާތުން ބޭނުންކުރާ އާންމު އެގްރިމަންޓްގައި ސޮއިކުރެވިދާނެއެވެ. ބީލަމުގެ ކަންތައް ހިނގާނޭ އުސޫލުތަކާއި ށަރުތުތަކާއި، ކުރިމަތިލުމަށާއި ޕްރީ-ކޮލިފައިވުމަށް ބޭނުންވާ ކަންތައްތައް މި ގާނޫނުގެ ދަށުން ޕެންށަން އޮފީހުގެ ބޯޑުން ފާސްކުރަންވާނެއެވެ.
(ކ) ޕެންށަން އެސެޓްސް އިންވެސްޓްކުރުމަށް ބޭނުންކުރާ އޯޕަން އެންޑަޑް ވެހިކަލްތައް ހުންނަންވާނީ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ލައިސަންސް ދީފައެވެ. އަދި އެއީ ރާއްޖެއިން ބޭރުގެ ފަރާތެއްނަމަ، އެގައުމެއްގެ ސެންޓްރަލް ބޭންކްއިން ނުވަތަ މާލީ އިދާރާތައް ބަލަހައްޓާ ފަރާތުން ހުއްދަ ދީފައި އޮންނަންވާނެއެވެ.
(އ) މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ކަންތައް އޯޕަން އެންޑަޑް ވެހިކަލްގައި ބަހައްޓާ ޕެންށަން އެސެޓްސް އާ ގުޅިގެން ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.
(ވ) މި ގާނޫނުގެ ދަށުން ޕެންށަން އެސެޓްސް އިންވެސްޓްކުރުމަށް ޕެންށަން އޮފީހުން ނުވަތަ އެސެޓް މެނޭޖަރ ކުރަންޖެހޭ ކަންތައް ކުރަނީ ގާނޫނާ އެއްގޮތަށްތޯ ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ބަލަންވާނެއެވެ. (އިސްލާހު ކުރެވިފައި)
18 ވަނަ މާއްދާ - ކަސްޓޯޑިއަން
(ހ) ޕެންށަން އޮފީހުން ނުވަތަ އެސެޓް މެނޭޖަރުން އިންވެސްޓްކުރާ ޕެންށަން އެސެޓްސް ބެލެހެއްޓުމަށްޓަކައި، ޕެންށަން އޮފީހުން ކަސްޓޯޑިއަނުން އައްޔަންކޮށް، ކަސްޓޯޑިއަނުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރާ އެގްރިމަންޓެއް އެފަރާތްތަކާއެކު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ކަސްޓޯޑިއަން އައްޔަންކުރާނީ، ވާދަވެރި ބީލަމަކުންނެވެ. ބީލަމުގެ ކަންތައް ހިންގާނޭ އުސޫލުތަކާއި ށަރުތުތަކާއި، އަދި ކަސްޓޯޑިއަން ކަމަށް ކުރިމަތިލުމަށް ޕްރީ-ކޮލިފައިވުމަށް ބޭނުންވާ ކަންތައްތައް މި ގާނޫނުގެ ދަށުން ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅައި ފާސްކުރަންވާނެއެވެ.
(ނ) ކަސްޓޯޑިއަންއަކަށް އެއްފަރާތަށްވުރެ ގިނަ ފަރާތުގެ އެސެޓްސް ބެލެހެއްޓުމާ ހަވާލުވެވިދާނެއެވެ. ނަމަވެސް، ޕެންށަން އޮފީހުގެ އެސެޓްސްއާއި، އޮޕަރޭށަންސްއާއި ރެކޯޑުތައް ހުންނަންވާނީ އެހެން ފަރާތްތަކުގެ އެސެޓްސްއާއި އަދި ކަސްޓޯޑިއަންގެ އަމިއްލަ އެސެޓްސްވެސް އެއްނުވާނޭ ގޮތުގެމަތިން ވަކިންނެވެ.
(ރ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ގާނޫނީ ށަހްސަކަށް ކަސްޓޯޑިއަނަކަށް ވެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.
- އެމަސައްކަތްކުރުމަށް ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ހުއްދަ ދީފައިވުމާއެކު، ތަންފީޒުކުރުމުގެ އެއްވެސް އަމުރެއް އެފަރާތުގެ މައްޗަށް ހިނގަމުން ނުދިޔުމާއި، ލައިސަންސް ހިފަހައްޓާފައި ނުވުން.
- ޕެންށަން އޮފީހުގެ އެސެޓް މެނޭޖަރަށް ނުވުން އަދި އެސެޓް މެނޭޖަރަކަށް ނުވަތަ ޕެންށަން އޮފީހުގެ ބޯޑުގެ މެންބަރަކާ ގުޅިފައިވާ އަދި ގުޅުންހުރި ފަރާތަކަށް ނުވުން.
- އެސެޓް މެނޭޖަރަށް ނުވަތަ އެފަރާތާ ގުޅިފައިވާ އަދި ގުޅުންހުރި ފަރާތަކަށް ދަރަންޏަށް ފައިސާ ދޫކުރާ ނުވަތަ އެފަރާތުން ދަރަންޏަށް ފައިސާ ނަގާ ފަރާތަކަށްނުވުން.
(ބ) ރާއްޖެއިން ބޭރުގެ ކަސްޓޯޑިއަނެއްނަމަ، އެފަރާތަކީ އެގައުމެއްގެ ބޭންކިންގ އާއި މާލީ ހިދުމަތްތަކާއި ނުވަތަ ސެކިއުރިޓީސް މާކެޓް ރެގިއުލޭޓްކުރާ ފަރާތުން ލައިސަންސް ލިބިފައިވާ، އަދި ތަންފީޒުކުރުމުގެ އެއްވެސް އަމުރެއް އެފަރާތުގެ މައްޗަށް ހިނގަމުން ނުދާ، އަދި ލައިސަންސް ހިފެހެއްޓިފައިނުވާ ފަރާތަކަށް ވުމާއެކު، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރ ކަނޑައަޅާ އެހެން ށަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.
(ޅ) ކަސްޓޯޑިއަންގެ މަސައްކަތުގެ ތެރޭގައި ތިރީގައި ބަޔާންކުރާ ކަންތައްތައް ހިމެނޭނެއެވެ.
- ޕެންށަން އެސެޓްސް ކަމުގައި ހިމެނޭ ޕޭޕަރ ސެކިއުރިޓީސް ބަލައިގަނެ، ބެހެއްޓުން.
- ޕެންށަން އެސެޓްސްކަމުގައި ހިމެނޭ ޕޭޕަރލެސް ސެކިއުރިޓީސްގެ ރެކޯޑް ބެހެއްޓުން.
- ޕެންށަން އެސެޓްސް ކަމުގައި ހިމެނޭ މަނިޓަރީ ފަންޑުތައް ޓްރާންސްފަރ ކުރުމާއި އިށޫ ކުރުމާބެހޭ ލިޔެކިޔުންތައް ލިބިގަނެ، ބެހެއްޓުން.
- ކަސްޓޯޑިއަންއާއި ހަވާލުކޮށްފައިވާ ޕެންށަން އެސެޓްސްގެ ރަޖިސްޓަރީގައި ހުންނަ ކޮރެސްޕޮންޑެންޓް އެކައުންޓުތަކުގައި، އެންޓްރީ ހެދުން.
- މި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންތައް ކުރުމަށްޓަކައި ޕެންށަން އޮފީހަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.
- ޕެންށަން އެސެޓްސް ލިބިގަތުމާއި ދޫކޮށްލުމާބެހޭގޮތުން ކުރާ އެގްރިމަންޓްތައް ހުންނަނީ މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޕެންށަން އޮފީހުން ކަނޑައަޅާ އިންވެސްޓްކުރުމުގެ އަސާސީ އުސޫލުތަކާ އެއްގޮތަށްތޯ ބެލުން.
- މި ގާނޫނާ ނުވަތަ އެހެންވެސް ގާނޫނަކާ ނުވަތަ ކަމާބެހޭ ގަވާއިދަކާ ނުވަތަ އިންވެސްޓްމަންޓް ޕްރިންސިޕަލްސްތަކާ ހިލާފުނުވާހާ ހިނދަކު، ޕެންށަން އޮފީހުން އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުން.
- ޕެންށަން އެސެޓްސް އިންވެސްޓްކުރެވެނީ، މި ގާނޫނާއި، އެހެންވެސް އެސެޓްސް އިންވެސްޓްކުރުމާ ގުޅޭ ގަވާއިދުތަކާއި، އިންވެސްޓްކުރުމުގެ އުސޫލުތަކާ ހިލާފުނުވާނޭ ގޮތުގެމަތިންކަން ޔަގީންކުރުމާއި، އެއިން ކަމަކާ ހިލާފުވެއްޖެނަމަ، އެކަންތައް އެންގުމަށް ކަސްޓޯޑިއަނާއެކު ކުރެވިފައިވާ އެގްރިމަންޓްގައިވާ ގޮތުގެމަތިން އެކަން ޕެންށަން އޮފީހަށް އެންގުން.
- ޕެންށަން އެސެޓްސް އިންވެސްޓްކުރުމާ ބެހޭގޮތުން ޕެންށަން އޮފީހުން ނުވަތަ އެސެޓް މެނޭޖަރުން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރޭތޯ ބެލުން. (އިސްލާހު ކުރެވިފައި)
- ކަސްޓަޑީ އެގްރިމަންޓާއި، އަދި ކަސްޓޯޑިއަން އަމަލުކުރަންޖެހޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަކުރުން.
(ކ) ޕެންށަން އޮފީހާއި ކަސްޓޯޑިއަންއާއި ދެމެދު ސޮއިކުރާ ކަސްޓަޑީ އެގްރިމަންޓްގައި، ތިރީގައިވާ ކަންތައްތައް ބަޔާންކުރަންވާނެއެވެ.
- ކަސްޓޯޑިއަންގެ މަސްއޫލިއްޔަތުތައް.
- ކަސްޓޯޑިއަންގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތް.
- ކަސްޓޯޑިއަންގެ އުޖޫރައާއި އަދި އެފަރާތަށް ދައްކަންޖެހޭ އެހެނިހެން ހަރަދުތަކާއި އަގުތައް ކަސްޓޯޑިއަންގެ ބެލުމުގެ ދަށުގައިވާ އެސެޓްސްގެ ނިސްބަތުން ކަނޑައަޅާނޭ ގޮތް.
- ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެހެނިހެން ކަންތައްތައް.
(އ) މި މާއްދާގެ ދަށުން ކަސްޓޯޑިއަންގެ ހަވާލުގައި ހުންނަ ޕެންށަން އެސެޓްތަކަކީ ކަސްޓޯޑިއަންގެ އަމިއްލަ މިލްކެއް ނޫނެވެ. އަދި އެއީ އޭނާގެ މައްޗަށް ތަންފީޒުކުރެވޭ ކަމެއްގައި، އަދި ކަސްޓޯޑިއަން ބަނގުރޫޓުވުމުގެ ކަމެއްގައި އަސަރުކުރާނޭ އެއްޗެއް ނޫނެވެ.
(ވ) އޯޕަން އެންޑަޑް ވެހިކަލްއެއް މެދުވެރިކޮށް އިންވެސްޓްކުރާ އެސެޓްތަކުގެ މައްޗަށް މި މާއްދާއެއް ނުހިނގާނެއެވެ.
19 ވަނަ މާއްދާ - ރިޓަޔަރމަންޓް ބެނިފިޓް
(ހ) މި ގާނޫނުގެ ދަށުން ޕެންށަން ލިބޭ އުމުރަކީ 65 އަހަރެވެ.
(ށ) ޕެންށަން ލިބޭ އުމުރު ހަމަވުމުން، ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ގާއިމުކުރެވޭ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ބާކީ ހުންނަ އަދަދަށް ބިނާކޮށް، މި ސްކީމްގެ ބައިވެރިންނަށާއި އެމީހުންގެ ވާރުތަވެރީންނަށް ހައްގުވާ އިނާޔަތްތަކުގެ ފައިސާ ފޯރުކޮށްދޭނެ ގޮތުގެ ގަވާއިދުތައް ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރެވޭތާ 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ޕެންށަން އޮފީހުން ނެރެންވާނެއެވެ.
(ނ) މިގޮތުން ތިރީގައިމިވާ އިނާޔަތްތަކުގެ ތެރެއިން އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ލިބިދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
- މި ސްކީމްގެ ބައިވެރިންނަށް މަރުވަންދެން ލިބިދެވޭ ލައިފްޓައިމް އެނުއިޓީ.
- މި ސްކީމްގެ ބައިވެރިއަކަށް ނުވަތަ އެބައިވެރިއަކު ކަނޑައަޅާފައިވާ ވާރިސަކަށް އުމުރަށް ލިބިދެވޭ ޖޮއިންޓް އެނުއިޓީ.
- މަދުވެގެން ކަނޑައެޅިފައިވާ ވަކި އަހަރުތަކެއް ހަމަވަންދެން ގެރެންޓީޑް އަދަދެއް ދިނުމަށް ހަމަޖެހިފައިވާ، އުމުރަށް ލިބިދެވޭ ގެރެންޓީޑް އެނުއިޓީ.
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ އިންށުއަރަންސް ރެގިއުލޭޓްކުރާ ފަރާތުން ހުއްދަދީފައިވާ އެހެނިހެން އެނުއިޓީސް. (އިސްލާހު ކުރެވިފައި)
- ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ޖުމްލަ ފައިސާގެ އަދަދު، އުމުރު ދުވަހަށް އަންދާޒާކުރެވޭ އަދަދަކަށް ބިނާކޮށް، ދިގު މުއްދަތަކަށް ބަހާލައިގެން މަހުން މަހަށް ލިބިދެވޭ ޕެންށަން. (އިސްލާހު ކުރެވިފައި)
(ރ) ޕެންށަން އޮފީހުން ސްކީމްގެ ބައިވެރިންނަށް އިންށުއަރާއެއްގެ ގޮތުން އެނުއިޓީއެއް ފޯރުކޮށްދެވިދާނެއެވެ. މިގޮތުން މި އެނުއިޓީ ފޯރުކޮށްދެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ދިވެހިރާއްޖޭގައި އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތުން މި ޕްރޮގްރާމާއި އަދި މި އެނުއިޓީ ހިސާބުކުރުމުގައި ބަލާފައިވާ ކަންތައްތަކަށް ހުއްދަ ދީގެންނެވެ. މި އެނުއިޓީއަށް ފައިސާދޫކުރާނީ، ކޮންޓްރެކްޓް އުސޫލުން އައްޔަންކުރެވޭ އިންށުއަރެންސް ކުންފުނިތައް މެދުވެރިކޮށްކަމަށް ވާނަމަ، އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ނުވަތަ ދިވެހިރާއްޖޭގައި އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތަށް އަންގަންވާނެއެވެ. މިހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާއި، އެފަރާތްތަކުން އަމަލުކުރަންވީ ގޮތާއި، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާ ހިދުމަތްދޭ ފަރާތްތަކަށް ޓްރާންސްފަރ ކުރެވޭނެގޮތާއި، އެފަރާތްތަކުން ފޯރުކޮށްދެވޭނެ ހިދުމަތްތަކުގެ ބާވަތްތަކާބެހޭގޮތުންނާއި، އެނޫންވެސް ކަމާބެހޭ ގަވާއިދުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ ދިވެހިރާއްޖޭގައި އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތުން ހަދަންވާނެއެވެ.
(ބ) ސްކީމްގައި ބައިވެރިވެފައިވާ ކޮންމެ މީހަކަށްވެސް، ޕެންށަން ލިބޭ އުމުރު ހަމަވާކަން، ލަސްވެގެން އުމުރު ހަމަވުމުގެ 6 (ހައެއް) މަސް ކުރިން ލިޔުމަކުން އަންގައި، ސްކީމްގެ ދަށުން ލިބިދެވޭ އިނާޔަތްތައް ލިބިގަތުމަށް އެދޭ ފޯމް އެފަރާތަށް ލިބޭނެގޮތް ޕެންށަން އޮފީހުން ހަމަޖައްސަންވާނެއެވެ.
(ޅ) ޕެންށަން އެކައުންޓުގެ ބާކީ، އެނުއިޓީ ދެވޭ ވަރަށްވުރެ ދަށްވުން ނުވަތަ ދިގުމުއްދަތެއްގައި ހަރަދުނުކުރެވޭނެފަދަ ހާލަތަކަށް އަންނާނީ ކޮން މިންވަރަކަށްވުރެ އެކައުންޓުގެ ބާކީ ދަށްވުމުންކަމުގައި ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ. އަދި މި އެކައުންޓުން ޕެންށަން ސްކީމްގެ ބައިވެރިންނަށް ފައިސާ ދޫކުރާނެ އުސޫލުތައްވެސް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ. މި މާއްދާގައި ބަޔާންކުރެވިފައިވާ އެކައުންޓުގައި ބާކީ ހުންނަންޖެހޭ މިންވަރަށް ބަދަލު ގެނައުމުގެ އިހްތިޔާރު ޕެންށަން އޮފީހުގެ ބޯޑަށް ލިބިގެންވެއެވެ.
(ކ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ އެއްވެސް ބައިވެރިޔަކު ޕެންށަން ލިބޭ އުމުރު ހަމަވުމުގެ ކުރިން ނުވަތަ މި ގާނޫނުގެ ދަށުން އިނާޔަތެއް ލިބުމުގެ ކުރިން މަރުވެއްޖެނަމަ، އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުންނަ ފައިސާ އެމީހެއްގެ ވާރިސަށް ނުވަތަ ވާރިސުންނަށް ވާރުތަ މުދާ ބެހުމާއިބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ހަވާލުކުރަންވާނެއެވެ. މިފައިސާ އެއްފަހަރާވެސް ދޫކުރެވިދާނެއެވެ. ވާރިސް ނުވަތަ ވާރިސުންނަކީ ވަޒީފާއަދާކުރާ މީހަކަށް ނުވަތަ ބަޔަކަށްވާނަމަ، އަދި އެމީހަކު ނުވަތަ އެމީހުން އެގޮތަށް އެދިއްޖެނަމަ އެމީހެއްގެ ނުވަތަ އެމީހުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިދާނެއެވެ.
(އ) ވާރުތަމުދާ ބެހުމަށް ކަމާބެހޭ ކޯޓުން ހަމަޖައްސާފައިވާ ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ދައުވާކުރުމުގެ ފުރުސަތު ލިބިފައިވާ މުއްދަތުގެތެރޭގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ލިބިގަތުމަށް ވާރިސުންނަށް ދައުވާ ކުރެވިދާނެއެވެ.
(ވ) ވާރިސަކަށް ލިބެންޖެހޭ ފައިސާއަކާއި ގުޅިގެން އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަން ހައްލުކުރުމަށް ހުށަހަޅަންވާނީ ކަމާބެހޭ ކޯޓަށެވެ. މިގޮތުން ކޯޓުން ނިންމާ ނިންމުންތަކަށް ޕެންށަން އޮފީހުން އަމަލުކުރަންވާނެއެވެ.
(މ) މިސްކީމްގެ ބައިވެރިންނާއި ވާރިސުންގެ ގޮތުގައި ކަނޑައަޅާފައިވާ މީހުންގެ ތެރެއިން އެމީހެއްގެ މާލީ ކަންތައްތައް ނުބެލެހެއްޓޭ މީހުންގެ ކަންތައް
ހިންގުމަށް ކޯޓުން އައްޔަންކުރާ މީހުންނަށް އެކަން ކުރުމަށް ޕެންށަން އޮފީހުން ފުރުސަތު ދޭންވާނެއެވެ.
(ފ) ޕެންށަން އޮފީހުން ސްކީމްގެ ބައިވެރިއަކަށް ނުވަތަ ވާރިސަކަށް އޮޅުމަކުން ދޫކުރެވޭ ފައިސާ އަނބުރާ ހޯދުމުގެ ހައްގު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.
(ދ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި، އެމީހެއްގެ އުމުރުން 55 އަހަރު ހަމަވާއިރު، ޖަމާވެފައިހުރި ފައިސާގެ ނިސްބަތުން، ޕެންށަން އޮފީހުން ޕެންށަން ދިނުމަށް ކަނޑައަޅާ ގަވާއިދާ އެއްގޮތަށް ބަހާލުމުން ކޮންމެ މަހަކަށް ލިބޭ ޕެންށަންގެ އަދަދު އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ގޮތުގައި ލިބޭ އަދަދުގެ ދެގުނައަށްވުރެ ބޮޑުވާނަމަ، ސްކީމްގެ ދަށުން ބެނިފިޓް ލިބުމަށް އެމީހަކަށް އެދެވިދާނެއެވެ. މިފަދަ ހާލަތްތަކުގައި މުވައްޒަފެއްގެ ފަރާތުންނާއި ވަޒީފާދޭ ފަރާތުން ދޭންޖެހޭ ކޮންޓްރިބިއުށަން ހުއްޓުމަކަށް އަންނަންޖެހޭނެއެވެ. މިގޮތުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ އަދަދަށް އަންނަ ބަދަލަކާ ގުޅިގެން، މި މާއްދާގެ ދަށުން ބެނިފިޓް ހޯދަމުންދާ ފަރާތްތަކަށް، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ހައްގުވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ކަންތައްތައް ކުރާނެ ގޮތުގެ ގަވާއިދު ޕެންށަން އޮފީހުން ކަނޑައަޅަންވާނެއެވެ.
(ތ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނުވަތަ އިންށުއަރެންސް ރެގިއުލޭޓްކުރާ ފަރާތުން ހުއްދަކޮށްފައިވާ ގޮތެއްގެމަތިން ވަޒީފާ އަދާކުރާ ފަރާތްތައް ޑިސްއެބިލިޓީ އިންށުއަރެންސްކުރުމުގެ ކަންތައް ޕެންށަން އޮފީހުން ހަމަޖެއްސިދާނެއެވެ. މިކަން ފައިނޭންސްކުރުމަށް ބޭނުންވާ ފައިސާދައްކާނީ ވަޒީފާދޭ ފަރާތުންނެވެ. އަދި މިފަދަ ހާލަތެއްގައި ޕެންށަން އޮފީހުން، ސޯށަލް ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ލަފަޔާއެކު، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި މަސްވެރިން ޑިސްއެބިލިޓީ އިންށުއަރެންސް ސްކީމުގައި ބައިވެރިކުރުވުމަށްޓަކައި ހަދަންޖެހޭ ހާއްސަ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލަންވާނެއެވެ. ޕެންށަން އޮފީހުން އިންށުއަރެންސް ހިދުމަތްދޭ އަމިއްލަ ފަރާތަކާ ކުރެވޭ އެއްބަސްވުމެއްގެ ތެރެއިން، މި ސްކީމްގެ ދަށުން ލިބިދޭންޖެހޭ ހައްގުތައް ފޯރުކޮށްދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ލ) މި ގާނޫނަށް ގެނެވޭ 2 ވަނަ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލަސްވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގާއިމުކޮށްދީފައިވާ އެ ސްކީމްގެ ބިދޭސީ ބައިވެރިންނަށް، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައިވާ ބާކީ އަދަދަށް ބިނާކޮށް، ފައިސާ ދީ ނިންމާނެ ގޮތުގެ ގަވާއިދު ޕެންށަން އޮފީހުން ކަނޑައަޅައި، އާންމުކުރަންވާނެއެވެ. (އިތުރު ކުރެވި / އިސްލާހ ކުރެވިފައި)
20 ވަނަ މާއްދާ - ސްކީމަށް ދައްކާ ފައިސާއިން ޓެކްސް ދެއްކުމުން އިސްތިސްނާވުން
އެއްވެސް ގާނޫނެއްގެ ދަށުން މުވައްޒަފަކު ނުވަތަ ވަޒީފާ ދޭ ފަރާތަކުން ޓެކްސް ދައްކަން ޖެހޭ އާމްދަނީގެ އަދަދު ކަނޑައެޅުމުގައި، ސްކީމަށް ދައްކާ ފައިސާގެ އަދަދު ނުހިމެނޭނެއެވެ.
21 ވަނަ މާއްދާ - އެއްވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުވުން
މުވައްޒަފެއްގެ ވަޒީފާ ނުވަތަ ވަޒީފާއަދާކުރާ ތަން ބަދަލުވިކަމުގައި ވިޔަސް، އޭނާގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބަދަލުނުވާނޭ ގޮތުގެމަތިން ޕެންށަން އޮފީހުން އެ އެކައުންޓު ދަމަހައްޓަންވާނެއެވެ.
22 ވަނަ މާއްދާ - ސްކީމަށް ފައިސާ ނުދެއްކުން
(ހ) މި ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ސްކީމަށް ދައްކަންޖެހޭ ފައިސާ ވަޒީފާދޭ ފަރާތުން ނުދައްކައިފިނަމަ، ނުދައްކާ އޮތް ފައިސާއާއި، ޕެންށަން އޮފީހުން ކަނޑައަޅާ ޖޫރިމަނާއެއް، ވަޒީފާދޭ ފަރާތުން ދައްކަންވާނެއެވެ. މިގޮތުން ޖޫރިމަނާގެ ގޮތުގައި ދައްކާ ފައިސާއަކީ، މުވައްޒަފުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާއެކެވެ. މިގޮތުން ޖޫރިމަނާ ކުރެވޭ އަދަދު ކަނޑައަޅަންވާނީ ދައްކަންޖެހޭ ފައިސާގެ އަދަދާއި އަދި ފައިސާ ނުދައްކައި ހިނގި މުއްދަތަށް ބެލުމަށްފަހުގައެވެ.
(ށ) މި ސްކީމް ގެ ދަށުން ދައްކަންޖެހޭ ފައިސާ ތަކުގެ ރިޕޯޓުތައް މި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޕެންށަން އޮފީހަށް ހުށަހެޅުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މިފަދައިން އަމަލު ނުކުރާނަމަ ޕެންށަން އޮފީހުން ކަނޑައަޅާގޮތެއްގެމަތިން ޕެންށަން އޮފީހުގެ އެކައުންޓަށް ޖަމާވާގޮތަށް ވަޒީފާދޭ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.
(ނ) ޕެންށަން އޮފީހުން ވަޒީފާއަދާ ކުރާ ފަރާތްތަކާއި ވަޒީފާ ދޭފަރާތްތަކުން ދައްކާފައިވާ އަދި ދައްކަންޖެހޭ ފައިސާ ތަކުގެ ރެކޯޑު ވަކިވަކިން ބަލަހައްޓަންވާނެއެވެ.
(ރ) ވަޒީފާއަދާކުރާ ފަރާތްތަކާ ބެހޭގޮތުން ވަޒީފާދޭ ފަރާތުން ބަލަހައްޓަންޖެހޭ މައުލޫމާތު ހިމެނޭ ރެކޯޑްތަކާއި ލިޔެކިޔުންތައް ބަލައި ފާސްކުރުމުގެ ހައްގު ޕެންށަން އޮފީހަށް ލިބިގެންވެއެވެ. އަދި އެ ރެކޯޑްތައް ބަލަހައްޓަންވާ ގޮތުގެ ގަވާއިދު ޕެންށަން އޮފީހުން ހަދަންވާނެއެވެ.
(ބ) ވަޒީފާދޭ ފަރާތްތަކުން ޕެންށަން އޮފީހަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކޯޓަށް އެމައްސަލަ ހުށަހަޅަންޖެހޭނީ ކިހާ މުއްދަތެއްގައި ކިހާ އަދަދެއްގެ ފައިސާ ނުދައްކައިގެންކަމާއި މިގޮތުން ފައިސާ ނުދައްކާ ހުރެވޭނެ އެންމެ ދިގު މުއްދަތާއި ފައިސާގެ އަދަދުގެ ލިމިޓް ޕެންށަން އޮފީހުން ކަނޑައަޅަންވާނެއެވެ. މިފަދަ މައްސަލަތައް ކޯޓަށް ހުށަހަޅަންޖެހޭ ހާލަތްތަކުގައި މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާއާއި އަދި ޕެންށަން އޮފީހުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމަށްޓަކައި ހިނގާ ގާނޫނީ ވަކީލެއްގެ ފީއާއި އެހެނިހެން ހަރަދުތައް ދައްކަންވާނީ ވަޒީފާދޭ ފަރާތުންނެވެ.
(ޅ) ވަޒީފާދޭ ފަރާތް އިފްލާސްވާ ހާލަތްތަކުގައިވެސް ވަޒީފާއަދާ ކުރާ ފަރާތްތަކަށް ހައްގުވާ އުޖޫރަ އަތުލުމަށް ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކެކޭ އެއްގޮތަށް މި ގާނޫނުގެ ދަށުން ޕެންށަން އޮފީހަށް ވަޒީފާއަދާކުރާ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކަންވާނެއެވެ.
23 ވަނަ މާއްދާ - ފައިޑިއުށަރީން ގަވާއިދާ ހިލާފުވުން
(ހ) ފައިޑިއުށަރީން، ގަވާއިދާ ހިލާފުވެއްޖެނަމަ އެކަމުގެ ޒިންމާ އެފަރާތުން އުފުލަންޖެހޭނެއެވެ. އަދި އެއަމަލު ހިންގި މީހާއާއި ފައިޑިއުށަރީއަކީ ގާނޫނީ ށަހްސެއްނަމަ، އެފަރާތް ވަކިވަކިން ނުވަތަ އެކުގައި އެކަމުގެ މަދަނީ ޒިންމާ އުފުލަންޖެހޭނެއެވެ. އަދި ގަވާއިދާ ހިލާފުވިކަމާ ގުޅޭގޮތުން ކުރި އަމަލަކީ ކަމުގެ ބާވަތުން މަދަނީ ނުވަތަ ޖިނާއީ ކުށެއްކަމުގައި މި ގާނޫނުގެ ދަށުން ކަމާބެހޭ ކޯޓަށް ކަނޑައެޅިދާނެއެވެ.
(ށ) އެއްވެސް ފައިޑިއުށަރީއަކަށް އެހެން ފައިޑިއުށަރީއަކު އެފަރާތުގެ ވާޖިބުއަދާކުރަންވީ ގޮތާ ހިލާފު އަމަލެއް ކުރިކަން އެނގޭކަމަށްވާނަމަ، ނުވަތަ އެނގެންޖެހޭނަމަ އެފައިޑިއުށަރީއަކު ކުރި އަމަލަށް ދެފަރާތުން ވެސް ޒިންމާވާން ޖެހޭނެއެވެ. ގާނޫނީ ށަހްސެއްކަމުގައިވާ ފައިޑިއުށަރީއެއްގައި ވަޒީފާއަދާކުރާ މީހަކު ކުރާ އަމަލަކަށް، ފައިޑިއުށަރީން ފުރިހަމައަށް ޒިންމާވާންޖެހޭނެއެވެ.
(ނ) އެއްވެސް ފައިޑިއުށަރީއަކު، އޭނާގެ އަމިއްލަ ބޭނުމަކަށް ނުވަތަ ފައިދާއަކަށް ނުވަތަ އޭނާއާ ގުޅިފައިވާ ފަރާތެއްގެ ފައިދާއަކަށް ޕެންށަން އެސެޓްސްގެ ބޭނުންކުރުމަކީ ފައިޑިއުށަރީގެ ވާޖިބާ ހިލާފުވީކަމުގައިވާނެއެވެ. ޕެންށަން އެސެޓްސްއާ ބެހޭ އެއްވެސް މުއާމަލާތެއް ފައިޑިއުށަރީއާ ގުޅިފައިވާ ފަރާތަކާއެކު ކުރުމަކީ ފައިޑިއުށަރީގެ ވާޖިބާ ހިލާފުވީކަމުގައިވެސް ވާނެއެވެ.
(ރ) ތިރީގައިވާ ކަންކަމަކީ ފައިޑިއުށަރީގެ ވާޖިބާ ހިލާފުވާނޭ ކަންކަމުގެ ތެރޭގައި ހިމެނޭކަންތައްތަކެވެ.
- މި ގާނޫނާ ހިލާފަށް ޕެންށަނާގުޅޭ އެއްވެސް އިންވެސްޓްމަންޓެއް ނުވަތަ ހަރަދެއް ކުރުން ނުވަތަ އިންވެސްޓްމަންޓެއް ނުވަތަ ހަރަދެއް ކުރުމަށް ހުއްދަ ދިނުން.
- ތަކެއްޗާއި ހިދުމަތް ހޯދުމަށް، މި ގާނޫނާ ހިލާފަށް އެއްވެސް އެގްރިމަންޓެއް ކުރުން.
- ސްކީމާ ގުޅޭ ގޮތުން ކޮށްފައިވާ ކޮންޓްރެކްޓެއްގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އަދާނުކުރުން.
(ބ) ފައިޑިއުށަރީއަކު ވާޖިބު އަދާނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގައި ފައިޑިއުށަރީއަކު ތިރީގައިމިވާ ގޮތަށް ފައިސާ ދެއްކުމަށް ކޯޓުން ނިންމަންވާނެއެވެ.
- ލިބުނު ގެއްލުމުގެ މައްޗަށް ބިނާކޮށް ލިބުނު ގެއްލުމުގެ ތިންގުނައަށްވުރެ ބޮޑުނޫން އަދަދަކަށް ފައިސާ ދެއްކުމަށް.
- ލިބުނު ގެއްލުން އަނބުރާ ހޯދުމަށް ހޭދަވާ ގާނޫނީ ވަކީލެއްގެ ފީއާއި އެހެނިހެން ހަރަދު.
(ޅ) ފައިޑިއުށަރީގެ ވާޖިބު އަދާނުކުރިކަން ސާބިތުވާ މީހަކު ނުވަތަ ގާނޫނީ ށަހްސަކުން، ސްކީމަށް އެއްވެސް ހިދުމަތެއް ދިނުން މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް މަނާކުރަންވާނެއެވެ.
(ކ) ޕެންށަން ސްކީމްގެ ބައިވެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، މިނޫންވެސް މި ސްކީމްގައި ހިއްސާވާ އެހެނިހެން ފަރާތްތަކުން ހުށަހަޅާ ށަކުވާތައް ބެލޭނެ ނިޒާމެއް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ. އަދި ޕެންށަން އޮފީހުގެ ބޯޑުން އެކުލަވާލާ ގަވާއިދުތަކުގައި މި ނިޒާމު ބަޔާންކުރެވިފައި އޮންނަންވާނެއެވެ.
24 ވަނަ މާއްދާ - ދައުލަތުގެ މުވައްޒަފުންގެ ޕެންށަން ޕްރޮގްރާމްގެ އިންތިގާލީ އިންތިޒާމްތައް
(ހ) ދައުލަތުގެ މުވައްޒަފުންނަށް ލިބިދޭންޖެހޭ އެންމެހައި އެކްރޫޑް ޕެންށަންގެ ހައްގުތައް ރައްކާތެރިކުރެވެންވާނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު އުމުރުން 63 އަހަރު ނުވަތަ އެއަށްވުރެ ދުވަސްވީ މީހުންނަށް މި ގާނޫނުގެ ކުރިން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ލިބިފައިވާ އެކްރޫޑް ޕެންށަން ހައްގުތައް މި ގާނޫނުން ރައްކާތެރިކުރަންވާނެއެވެ
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު އުމުރުން 65 އަހަރުނުވާ ދައުލަތުގެ މުވައްޒަފުންނަށް ލިބެންޖެހޭ އެކްރޫޑް ޕެންށަން ހައްގުތައް ސަރުކާރުގެ ރިކޮގްނިށަން ބޮންޑްސް ގެ ގޮތުގައި އެމީހުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވޭނެއެވެ. މިގޮތުން ޖަމާކުރެވޭ ރިކޮގްނިށަން ބޮންޑްސް ވާންޖެހޭނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެމީހަކަށް ލިބެންޖެހޭ އެކްރޫޑް ޕެންށަން ހައްގުތަކާ އެއްވަރުގެ ކެޕިޓަލް އެއްކަމުގައެވެ. އަދި ކެޕިޓަލްއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަމާބެހޭ ގަވާއިދުތަކުގެ ދަށުން ކަނޑައަޅާ އިންޓްރެސްޓް ރޭޓަކުން އިންޓަރެސްޓް ދެވޭނެއެވެ.
(ނ) ޕެންށަން އޮފީހުގެ ބޯޑު އައްޔަންކުރެވޭތާ 6 މަސްދުވަހުގެ ތެރޭގައި، މި ގާނޫނަށް އަމަލުކުރަންފަށާއިރު އުމުރުން 63 އަހަރު ނުވާ ދައުލަތުގެ މުވައްޒަފުންނަށް އެކްރޫޑް ޕެންށަންގެ ހައްގުތައް ދެނެގަންނާނެ އަދި ލިބިދެވޭނެ އިންތިޒާމުތައް ޕެންށަން އޮފީހުގެ ބޯޑުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަންވާނެއެވެ. މި އިންތިޒާމުތައް ކަނޑައެޅުމުގައި ތިރީގައިވާ ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.
- ޕެންށަން އުމުރު ހަމަވުމާ ހަމައަށް ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ މުއްދަތަށް ލިބެމުންދިޔަ ޕެންށަން، އެ އުމުރު ހަމަވަންދެން ލިބެންވާނެއެވެ.
- މި ގާނޫނުގެ ދަށުން ޕެންށަން އުމުރު ހަމަވުމުން ދައުލަތުގެ މުވައްޒަފުންނަށް، މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަސާސީ ޕެންށަން އަދި/ނުވަތަ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ލިބެންވާނެއެވެ.
- މި ގާނޫނުގެ ދަށުން ދޭން ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ކަނޑައެޅޭނީ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ޖުމްލަ ބާކީއަށެވެ. މީގެތެރޭގައި އެކްރޫޑް ރައިޓްސް ވަޒަންކުރުމަށް ޖަމާކުރެވިފައިވާ ރިކޮގްނިށަން ބޮންޑްސްވެސް ހިމެނެއެވެ.
- މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ މުވައްޒަފުންނަށް ލިބެންޖެހޭ އެކްރޫޑް ޕެންށަންގެ ހައްގުތައް މި ގާނޫނަށް އަމަލުކުރަން ފެށުމުން ސަރުކާރުގެ ރިކޮގްނިށަން ބޮންޑްސްގެ ގޮތުގައި އެމުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރަންވާނެއެވެ. އެކްރޫޑް ޕެންށަންގެ ހައްގުތައް ވަޒަންކުރުމުގެގޮތުން މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރެވޭ ރިކޮގްނިށަން ބޮންޑްސް ޖަމާކުރުމުން، އެ ރިކޮގްނިށަން ބޮންޑްސްތަކަކީ އެމެންބަރެއްގެ ގާނޫނީ މިލްކެކެވެ. އަދި އެ ބޮންޑްސް ބާތިލްކުރުމުގެ އެއްވެސް ހައްގެއް ސަރުކާރަށް ލިބިގެންނުވެއެވެ.
ޕެންށަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒްކުރުން (މުޅި ބާބު އިތުރު ކުރެވިފައި)
25 ވަނަ މާޢްދާ - ގެދޮރުގެ މަށްރުއޫތަކުގެ ޑައުންޕޭމަންޓް ކޮލެޓަރަލައިޒްކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ގެދޮރު ގަތުމަށްޓަކައި ނުވަތަ ގެދޮރު އިމާރާތްކުރުމަށްޓަކައި ނުވަތަ ގެދޮރު މަރާމާތުކުރުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓްގެ ފައިސ،ާ އެމީހެއްގެ ނަމުގައި ޕެންށަން ފަންޑުގައި ހުންނަ ފައިސާއިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައިވާ ގޮތުގެމަތިން ކޮލެޓަރަލައިޒްކުރެވިދާނެއެވެ. (އިތުރު ކުރެވި، އިސްލާހު ކުރެވިފައި)
(ށ) މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ކޮލެޓަރަލައިޒްކުރެވޭ ފައިސާއަކީ ލޯނު ނެގި ފަރާތުން، ލޯނު އަނބުރާ ނުދެއްކޭ ހާލަތުގައި، ކޮލެޓަރަލް ގަބޫލުކުރާ ނުވަތަ ލޯނުދޫކުރާ ފަރާތގެ މަންފާއަށް ބެހެއްޓޭ ފައިސާ ކަމުގެއި ބެލޭނެއެވެ.
(ނ) މ ގާނޫނުގެ ދަށުން ކޮލެޓަރަލައިޒްކުރެވޭ ފައިސާގެ ހިސާބުތައް ޕެންށަން އޮފީހުން ވަކިން ބަލަހައްޓަން ވާނެއެވެ.
26 ވަނަ މާޢްދާ - ކޮލެޓަރަލައިޒްކުރުމުގެ މައިގަނޑު ށަރުތުތަކާއި އުސޫލުތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕެންށަން ފަންޑުން ފައިސާ ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނީ ގެދޮރު ގަންނަނީ ނުވަތަ ގެދޮރު އިމާރާތްކުރަނީ ނުވަތަ ގެދޮރު މަރާމާތުކުރަނީ ހަމައެކަނި ބޭންކަކުން މެދުވެރިކޮށްނަމަ، އެފަދަ ބޭންކަކުން ދޫކުރާ ލޯނަކަށް، ނުވަތަ ގެދޮރުގެ ތަރައްގީއަށް ފައިނޭންސްކުރާ ކުންފުންޏަކުން ދޫކުރާ ލޯނަކަށް، ނުވަތަ އެނޫންވެސް އެފަދަ މާލީ މުއައްސަސާއަކުން ދޫކުރާ ލޯނަކަށެވެ. (އިތުރު ކުރެވި، އިސްލާހު ކުރެވިފައި)
(ށ) މި ގާނޫނުގެ ދަށުން ކޮލެޓަރަލައިޒްކުރެވޭ ފައިސާއަކީ، ހަމައެކަނި ލޯނުގެ ޑައިންޕޭމަންޓަށް ބޭނުންވާ ފައިސާކަމުގައިވާންވާނެއެވެ. ލޯނުގެ އިންޓަރެސްޓް ނުވަތަ އެނޫންވެސް ހަރަދަކަށް ވިޔަސް ޕެންށަން ފަންޑުން ފައިސާ ހަރަދެއް ނުކުރެވޭނެއެވެ.
27 ވަނަ މާޢްދާ - ކޮލެޓަރަލައިޒްކުރުމުގެ އުސޫލުތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ ދަށުން ޑައުންޕޭމަންޓް ކޮލެޓަރަލައިޒްކުރުމާބެހޭ އުސޫލުތައް ހިމެނޭ ގަވާއިދު ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރުން ފަށާ ތާރީހުން ފެށިގެން3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅައި، ށާއިރުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ގަވާއިދުގައި، ލޯނު ނަގާ ފަރާތުގެ ފައިސާ ދެއްކުމުގެ ގާބިލުކަން ހުރި މިންވަރު ބަލާނެ މިންގަނޑުތަކާއި، ފައިސާ ކޮލެޓަރަލައިޒްކޮށްފައިވާ ފަރާތެއް ރިޓަޔަރކުރުމާބެހޭ އުސޫލުތަކާއި، އަދިވެސް ކަމާބެހޭގޮތުން އަމަލުކުރެވޭ އެންމެހައި އުސޫލުތައް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ. (އިތުރު ކުރެވި، އިސްލާހު ކުރެވިފައި)
28 ވަނަ މާޢްދާ - ކޮލެޓަރަލްގެ އަދަދު ކަނޑައެޅިގެންވުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ ދަށުން ދެވޭ ކޮލެޓަރަލްގެ ޔަގީންކަމަކީ، ޑައުންޕޭމަންޓަށްވާ އަދަދަށް ކަނޑައެޅިގެންވާ އަދި އެ އަދަދަށްވުރެ އެއްވެސް ހާލެއްގައި އިތުރުނުވާ ކޮލެޓަރަލްއަކަށްވާންވާނެއެވެ. އަދި ކަމާބެހޭ ލިޔުންތަކުގައި މިކަން ކަށަވަރުކުރެވިފައިވާކަން ޕެންށަން އޮފީހުގެ ބޯޑުން ޔަގީންކުރަންވާނެއެވެ.
(ށ) ކޮލެޓަރަލްގެ އެއްބަސްވުމުގެ ދަށުން ކޮލެޓަރަލައިޒްކުރާ ހާލަތެއްގައި މެނުވީ، ޕެންށަން ފަންޑުން ކޮލެޓަރަލައިޒްކުރެވުނު ފައިސާ ހަރަދެއް ނުކުރެވޭނެއެވެ.
ޓަރމިނަލް އިލްނަސްގެ ހާލަތުގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ދޫކުރުން (ސުރުހީ އާއި މި ބައި އިތުރު ކުރެވިފައި)
28-1 ވަނަ މާއްދާ - ޓަރމިނަލް އިލްނަސްގެ ހާލަތެއްގައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ދޫކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ ހަރަދުކުރުމަށް ދޫކުރެވެނީ، މި ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަދި (ދ) ގެ ދަށުން ޕެންށަން ލިބޭ އުމުރު ހަމަވުމުން ކަމުގައިވީނަމަވެސް، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިޔަކ،ު ޓަރމިނަލް އިލްނަސްގެ ހާލަތެއްގައި، އޭނާގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ އެކައުންޓުގައި ޖަމާވެފައިހުރި ފައިސާ އެފަރާތަށް ދޫކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، "ޓަރމިނަލް އިލްނަސްގެ ހާލަތް" ކަމަށް ބުނެފައި އެވަނީ، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައިވިޔަސް، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް، އެފަދަ ބައްޔަކާބެހޭ ސްޕެށަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ސިއްހީ ހާލަތްތަކަށެވެ.
28-2 ވަނަ މާއްދާ - ޓަރމިނަލް އިލްނަސްގެ ހާލަތުގައި ފައިސާ ދޫކުރެވޭ މިންވަރު (މުޅި މާއްދާ އިތުރު ކުރެވިފައި)
މި ގާނޫނުގެ 1-28 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކަށް، އެފަދައިން ހުށަހަޅާ ފަރާތުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން އެފަރާތުން ކަނޑައަޅާ އަދަދެއްގެ ފައިސާ ނުވަތަ އެ އެކައުންޓުގައި ހުރި ފައިސާ އެކުގައި ދޫކުރެވިދާނެއެވެ. އަދި އެފަދައިން ފައިސާ ދޫކުރުމުގައި، އެފަރާތުން އެދިއްޖެނަމަ، އެކިފަހަރުމަތިން ނުވަތަ އެކީ އެއްފަހަރާ އެފަރާތަށް ފައިސާ ދޫކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
28-3 ވަނަ މާއްދާ - ޓަރމިނަލް އިލްނަސްގެ ހާލަތުގައި ފައިސާ ދޫކުރުމުގެ އުސޫލު (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 1-28 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފައިސާ ދޫކުރުމަށްފަހުގައި، ފައިސާ ދޫކުރެވުނު ފަރާތުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވާ ފައިސާއާ ގުޅޭގޮތުންނާއި، އެފަދަ ފަރާތެއް ރިޓަޔަރކުރާ އުމުރު ހަމަވުމުގެ ސަބަބުން އެފަރާތަށް ޕެންށަން ފައިސާ ދޫކުރުމުގައި، މި ގާނޫނުގައި ބަޔާންކުރާ އާންމު އުސޫލުތައް ހިނގާނެއެވެ.
(ށ) މި ގާނޫނުގެ 1-28 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޫކުރެވުނު ފައިސ،ާ މި ގާނޫނުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ލިބިދެވޭ އަސާސީ ޕެންށަން ހިސާބުކުރުމުގައި ނުހިމެނޭނެއެވެ.
(ނ) މި ގާނޫނުގެ 1-28 ވަނަ މާއްދާގެ ބޭނުމަށް، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިޔަކަށް، ޓަރމިނަލް އިލްނަސްގެ ހާލަތުގައި، އޭނާގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް މާލިއްޔަތާބެހޭ ވުޒާރާގެ މަށްވަރާއާއެކު ޕެންށަން އޮފީހުގެ ބޯޑުން އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެގޮތުން، އެކުލަވާލާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- މި ގާނޫނުގެ 28-1 ވަނަ މާއްދާގެ ދަށުން ހުށަހެޅުމެއް ހުށަހެޅުމުގައި ފުރިހަމަކުރަންޖެހޭ މައުލޫމާތާއި ލިޔެކިޔުން؛
- ޓަރމިނަލް އިލްނަސްގެ ހާލަތެއް ދިމާވެފައިވާ ކަމުގައި ބެލުމަށް ރިއާޔަތްކުރެވޭނެ ކަމާބެހޭ ފަންނީ ލިޔެކިޔުންތައް ހުންނަންޖެހޭނެ މިންގަނޑުތައް؛
- ޓަރމިނަލް އިލްނަސްގެ ހާލަތާ ގުޅޭގޮތުން ހުށަހަޅާ މައުލޫމާތުގެ
ސައްހަކަން ބަލައި ކަށަވަރުކުރުމާގުޅޭ އުސޫލުތައް؛ - ޓަރމިނަލް އިލްނަސްގެ ހާލަތު ދިމާވެފައިވާ ސްކީމްގެ ބައިވެރިޔާގެ ސިއްހީ ހާލަތާބެހޭ މައުލޫމާތު ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން ޕެންށަން އޮފީހާ ހިއްސާކުރުމުގެ އުސޫލުތައް؛
- ޓަރމިނަލް އިލްނަސްގެ ހާލަތު ދިމާވެފައިވާ ސްކީމްގެ ބައިވެރިޔާއާބެހޭ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމާގުޅޭ އުސޫލުތައް؛
- ޓަރމިނަލް އިލްނަސްގެ ހާލަތު ދިމާވެފައިވާ ސްކީމްގެ ބައިވެރިޔާއަށް ފައިސާ ދޫކުރެވޭނެ މުއްދަތުތަކާއި ފައިސާ ދޫކުރުމުގައި އަމަލުކުރެވޭނެ އިޖުރާއަތު؛
- ޓަރމިނަލް އިލްނަސްގެ ހާލަތު ދިމާވެފައިވާ ސްކީމްގެ ބައިވެރިޔާ ހުށަހަޅާ ހުށަހެޅުން ބަލައި ވަޒަންކުރުމަށްފަހު، އެމީހަކަށް މި ގާނޫނުގެ 1-28 ވަނަ މާއްދާގެ ދަށުން ފައިސާ ދޫކުރެވެން ނެތްކަމުގައި ޕެންށަން އޮފީހުން ކަނޑައަޅައިފިނަމަ، އެ ނިންމުން މުރާޖައާކުރުމަށްޓަކައި ށަކުވާ ހުށަހަޅައި، އެ ށަކުވާ ބަލައި ގޮތެއް ކަނޑައެޅުމާބެހޭ އުސޫލުތައް،
ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރުން (މުޅި ބާބު އިތުރު ކުރެވިފައި)
29 ވަނަ މާއްދާ - ހައްޖުވުމަށް ފައިސާ ދޫކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ ހަރަދުކުރުމަށް ދޫކުރެވެނީ، މި ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ޕެންށަން ލިބޭ އުމުރު ހަމަވުމުން ކަމުގައިވީނަމަވެސް، މި ގާނޫނުގެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިން ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވިދާނެއެވެ.
30 ވަނަ މާއްދާ - ހައްޖުވުމަށް ފައިސާ ދޫކުރުމުގެ ށަރުތުތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއަކަށް ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ނަމައެވެ.
(ހ) އެފަރާތަކީ، ފަރުޒު ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތަކަށްވުން؛
(ނ) އެފަރާތަކީ، ޕެންށަން ލިބޭ އުމުރު ހަމަވާއިރު، މަހަކު 25000 (ދެހާސް) ރުފިޔާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ދެވޭ މިންވަރުގެ ފައިސާ، ހައްޖުވުމަށް ފައިސާ ދޫކުރުމަށް އެދި ހުށަހަޅާއިރު ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާވެފައިހުރި ފަރާތަކަށްވުން.
31 ވަނަ މާއްދާ - ހައްޖުވުމަށް ފައިސާ ދޫކުރެވޭނެ މިންވަރު (މުޅި މާއްދާ އިތުރު ކުރެވި / އިސްލާހު ކުރެވިފައި)
ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ދޫކުރެވޭނީ، އެ އަހަރަކު ހައްޖަށް ދިޔުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ %80 (އަށްޑިހަ އިންސައްތަ) އެވެ.
32 ވަނަ މާއްދާ - ހައްޖުވުމަށް ފައިސާ ދޫކުރުމާބެހޭ އުސޫލުތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ ދަށުން ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނޭ ގަވާއިދު، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަހުން އެކުލަވާލާ ގަވާއިދުގައި، ކޮންމެ މީލާދީ އަހަރަކު ހައްޖުވުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭނެ ޖުމްލަ މީހުންގެ އަދަދާއި، ހައްޖުވުމުގެ ފައިސާ ދޫކުރެވޭނެ ގޮތާއި، އަދި އެނޫންވެސް ކަމާގުޅޭ އެންމެހައި ކަންކަމުގައި އަމަލުކުރާނެ އުސޫލުތައް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ.
32-1 ވަނަ މާއްދާ - ހައްޖުވުމަށް ޖާގަ ރިޒާވްކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުނީގެ ހަވާލުގައި ހައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ %20 (ވިހި އިންސައްތަ) ހައްޖަށް ދިޔުމަށް އެދޭ ފަރާތުން އެ ކުންފުންޏަށް ދައްކާފައިވާނަމަ، ހައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ ތެރެއިން ބާކީ %80 (އަށްޑިހަ އިންސައްތަ) ފައިސާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ހަމަޖައްސާ ގޮތުގެމަތިން، އެ ކުންފުނީގެ ފަރާތުން ހައްޖަށް މީހުން ގެންދިޔުމަށް ހަމަޖެހިފައިވާ ތަރުތީބުން އެފަރާތުގެ ޖާގަ ރިޒާވްކުރެވިދާނެ އެވެ.
(ށ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ފައިސާ ހަމަޖެއްސޭނީ، މި ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި، އެ މާއްދާގެ (ށ) ގައި ބަޔާންކުރާ ށަރުތު ފުރިހަމަވޭތޯ ބެލުމުގައި، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާވެފަ އިހުރި ފައިސާ ހިސާބުކުރަންވާނީ، މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ކޮލެޓަރަލައިޒް ކުރުން ފަދަ އެހެން ބޭނުމަކަށް ހިފެހެއްޓިފައިވާ ފައިސާ ނުހިމަނައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސަރުކާރުގެ ކުންފުންޏަށް ހައްޖުވާ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ފަރާތަކީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ބަޔާންކޮށް، އެކަން ޕެންށަން އޮފީހުން އެ ކުންފުންޏަށް އަންގައިފިނަމަ، އެ ކުންފުނީގެ ފަރާތުން ހައްޖަށް މީހުން ގެންދިޔުމަށް ހަމަޖެހިފައިވާ ތަރުތީބުން އެފަރާތުގެ ޖާގަ ރިޒާވްކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކޮށްފައިވާ ސްކީމްގެ ބައިވެރިޔެއްގެ ފައިސާ ސަރުކާރުގެ ފަރާތުން މީހުން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ކުންފުންޏަށް ދޫކުރުމުގެ މުއްދަތުތަކާއި އެ ފައިސާ ދޫކުރުމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ބ) ސްކީމްގެ ބައިވެރިޔެއްގެ ޕެންށަން އުމުރު ހަމަވާ ފަހުންވެސް، އެފަރާތުން ހުށަހަޅައިފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން ހައްޖަށް ދިޔުމަށްޓަކައި ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ. އަދި އެފަދަ ފަރާތަކަށް ޕެންށަން ދިނުމަށްޓަކައި ސްކީމުން ފައިސާ ދޫކުރެވޭނީ، މި މާއްދާގެ (ހ) ގެ ދަށުން އެގޮތުން ހިފެހެއްޓުނު ފައިސާ އުނިކުރުމަށްފަހުގައެވެ.
(ޅ) މި މާއްދާގެ ދަށުން ހައްޖަށް ދިޔުމުގެ ޖާގަ ރިޒާވްކުރުމަށްޓަކައި، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ހަމަޖެއްސުމާއި އެ ފައިސާ ދޫކުރުމާ ގުޅޭގޮތުން، މި މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ކުންފުންޏާއެކ،ު ޕެންށަން އޮފީހުން އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.
33 ވަނަ މާއްދާ - މާނަ
އެލަފްޒެއް ނުވަތަ އިބާރާތެއް ތިރީގައި މިވާ މާނަ ނޫން އެހެން މާނައެއްގައި ބޭނުންކޮށްފައި ވާކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ހާލަތުގައި އެލަފްޒުގެ ނުވަތަ އެއިބާރާތުގެ މާނަ މި ގާނޫނުގެ ބޭނުމަށްޓަކައި ތިރީގައި މިވަނީއެވެ.
"ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހިންގޭ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއަކަށް އަދި/ނުވަތަ ބައިވެރިއެއްގެ ފަރާތުން ދައްކާ ފައިސާއާއި، އެފައިސާ އިންވެސްޓްކުރުމުން އެއަށް ލިބޭ ފައިދާއާއި، ގެއްލުމާއި، ހުއްދަކުރެވޭ ހަރަދަށް ނިސްބަތްވާގޮތަށް ބަލަހައްޓަމުންދާ އެބައިވެރިއެއްގެ ވަކި އެކައުންޓަށެވެ.
"ޕެންށަން އެސެޓްސް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ފޯރުކޮށްދިނުމަށްޓަކައި، މި ގާނޫނުގެ ދަށުން ނަގާ ފައިސާއަށާއި، އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއަށެވެ.
"ސްކީމް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމަށެވެ.
"މުވައްޒަފު" ކަމަށް ބުނެފައިއެވަނީ، ވަޒީފާ އަދާކުރާ ފަރާތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ މީހުން ނުހިމެނޭގޮތަށް) އަދި ފުލުހުންނާއި ސިފައިން ހިމެނޭގޮތަށް، ވަޒީފާއާބެހޭ ގާނޫނުގައި މިލަފްޒަށް ދީފައިވާ މާނަ ދޭހަވާގޮތަށެވެ.
"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައިއެވަނީ، ވަޒީފާއާ ބެހޭ ގާނޫނުގައި އެލަފްޒަށް ދީފައިވާ މާނަ ދޭހަވާ ގޮތަށެވެ.
"ޕެންށަނަށް ބަލާ މުސާރަ" ކަމަށް ބުނެފައިއެވަނީ، ޕެންށަން އޮފީހުގެ ބޯޑުން ހަދާ ގަވާއިދުތަކުގައި ޕެންށަނަށް ބަލާ މުސާރަކަމުގައި ކަނޑައަޅާ މުސާރަތަކާ އިނާޔަތްތަކަށެވެ.
"ކަސްޓޯޑިއަން" ކަމަށް ބުނެފައިއެވަނީ، ޕެންށަން އެސެޓް ބަލަހައްޓާ ނުވަތަ އެފަރާތުގައި ޕެންށަން އެސެޓް ޖަމާކޮށް ބެލެހެއްޓުމުގެ ހިދުމަތް އެކަމަށްޓަކައި ޕެންށަން އޮފީހާއެކު ކުރެވޭ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދޭ ލައިސަންސް ދޫކޮށްފައިވާ ބޭންކް ފަދަ ފަރާތެކެވެ. ކަސްޓޯޑިއަނަކީ މި ގާނޫނުގެ ދަށުން ފައިޑިއުށަރީއެކެވެ.
"ޕެންށަން އޮފީސް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށެވެ.
"ބޯޑު" ކަމަށް ބުނެފައިއެވަނީ، ޕެންށަން އޮފީހުގެ ބޯޑަށެވެ.
"ގުޅިފައިވާ ފަރާތް" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ނުވަތަ ގާނޫނީ ށަހްސެއްގެ ފަރާތުން ކަންކަން ނިންމުމުގެ ބާރު ލިބިފައިވާކަމަށް ބެލެވޭ މީހުންނާއި ގާނޫނީ ށަހްސާއި، މީހަކު ނުވަތަ ގާނޫނީ ށަހްސަކު ކުރާ ކަމެއްގައި އެއްވެސް މަސްލަހަތެއް ސީދާ ނުވަތަ ނުސީދާ ގޮތުން ހިމެނޭ ފަރާތްތަކަށެވެ. އަދި ދިވެހިރާއްޖޭގެ ސެކިއުރިޓީސްއާބެހޭ ގާނޫނުގައި މިލަފްޒަށް ދީފައިވާ މާނަ ދޭހަވާގޮތަށެވެ.
"އެނުއިޓީ" ކަމަށް ބުނެފައިއެވަނީ، ސްކީމްގައި ބައިވެރިވާ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެނިފިށަރީންނަށް އުމުރު ދުވަހަށް، މަހަކު ވަކި އަދަދެއްގެ ފައިސާ ލިބޭނެ ގޮތަށް، އިންށުއަރެންސް ކުންފުންޏަކުން ގަންނަ އިންށުއަރެންސް ޕޮލިސީއަށް ނުވަތަ މިނޫންވެސް ގޮތަކަށް، ސްކީމްގައި ބައިވެރިވާ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެނިފިށަރީންނަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ މަހަކު ދެވޭ ވަކި އަދަދެއްގެ ފައިސާއަށެވެ. (އިސްލާހު ކުރެވިފައި)
"އެސެޓް މެނޭޖަރު" ކަމަށް ބުނެފައިއެވަނީ، ޕެންށަން އެސެޓްސް އިންވެސްޓްކޮށް، މެނޭޖްކުރާ، ނުވަތަ ޕެންށަން އެސެޓްސް އިންވެސްޓްކުރުމާބެހޭގޮތުން، ޕެންށަން އޮފީހާއެކު ކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ލަފާދޭ ގާނޫނީ މުއައްސަސާއަކަށެވެ. އެސެޓް މެނޭޖަރުން، މި ގާނޫނުގައި ބުނެފައިވާ ފައިޑިއުށަރީންގެ ތެރޭގައި ހިމެނޭނެއެވެ.
"ބެނިފިށަރީ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ސްކީމްގައި ބައިވެރިވެފައިވާ މީހަކަށް ލިބިފައިވާ ހައްގުގެ ދަށުން ސްކީމްގެ ފައިސާ ލިބުން ހައްގުވާ އަދި ވާރުތަ މުދަލާއި ބެހޭ ގާނޫނުގެ ދަށުން އެފަރާތެއްގެ ވާރުތަވެރިންނަށެވެ.
"ފައިޑިއުށަރީ" ކަމަށް ބުނެފައިއެވަނީ، ޕެންށަން އާއި ޕެންށަން އެސެޓްސްއާ ބެހޭ ކަންތައް ހިންގުމުގެ ނުވަތަ މުއާމަލާތް ކުރުމުގެ ބާރު، ނުވަތަ އިހްތިޔާރު، މި ގާނޫނުގައިވާ ފަދައިން އެފަރާތާ ހަވާލުކުރުމުގެ ސަބަބުން، ނުވަތަ އެފަރާތުން އެކަން ކުރުމަށް ހަވާލުވުމުގެ ސަބަބުން، ލިބިފައިވާ ފަރާތަށެވެ.
"އޯޕަން އެންޑަޑް ވެހިކަލް" ކަމަށް ބުނެފައިއެވަނީ، އިންވެސްޓްމަންޓް ކުންފުނީގެ ގޮތުގައި ހިންގާ، އަދި އެކުންފުނީގެ ހިއްސާ ގަންނަ ފަރާތަށް، އެފަރާތަކުން ހިއްސާ ގަންނަ ނިސްބަތުން، ހިއްސާދާރަކަށް ވެވޭގޮތަށް، ވަކި މިންވަރެއްނެތި ހިއްސާ ދޫކުރުމުގެ ހުއްދަ ލިބިފައިވާ ކުންފުނި ތަކަށެވެ. މީގެ ތެރޭގައި މިއުޗުއަލް ފަންޑްސްއާއި، އިންވެސްޓްމަންޓް ފަންޑްސްއާއި، ޔުނިޓް ޓްރަސްޓްއާއި، އިންށުއަރެންސް ޕޮލިސީތަކާއި، ގިނަ ފަރާތްތަކެއް ބައިވެރިވާ ގޮތަށް އިންވެސްޓްކުރުމުގެ ވިޔަފާރި ހިންގާ އެނޫން އެހެންވެސް ވަސީލަތްތައް ހިމެނެއެވެ.
"ސްކީމްގެ ބައިވެރިން" ކަމަށް ބުނެފައިއެވަނީ، އެމީހެއްގެ ފަރާތުން އެމީހަކަށް ވަޒީފާދޭ ފަރާތުންނާއި ސްކީމްގައި ބައިވެރިވާ ފަރާތުން ސްކީމަށް ފައިސާ ދައްކާ މީހުންނަށެވެ.
"އަމިއްލަ ވަޒީފާގައި އުޅުން" ކަމަށް ބުނެފައިއެވަނީ، ވަޒީފާއާއި ބެހޭ ގާނޫނުގައިވާ ފަދައިން އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނޭހެން އަދި ވަޒީފާދޭ ފަރާތެއްގެ ބާރު ނުފޯރާނޭހެން ނުވަތަ ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުން ކުރާކަމަކަށް ނުވާނޭ ގޮތަށް، މުދާ ވިއްކައިގެން ނުވަތަ ހިދުމަތެއް ދީގެން ނުވަތަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދުމަށެވެ.
"މަސްވެރިން" ކަމަށް ބުނެފައިއެވަނީ، އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނޭހެން އަދި އެމީހެއް ދިރިއުޅުމަށް އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަން ކުރާ މީހުންނަށެވެ.
"ޑެރިވެޓިވް އިންސްޓްރޫމަންޓް" ކަމަށް ބުނެފައިއެވަނީ، އެއްޗެއްގެ އަގު، އެހެން ސެކިއުރިޓީއެއްގެ މައްޗަށް ބިނާވެފައިވާ މާލީ ސެކިއުރިޓީސް އަށެވެ.
"އެކްރޫޑް ޕެންށަން ހައްގު" ކަމަށް ބުނެފައިއެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ޕެންށަން ނުވަތަ ރިޓަޔަރމަންޓް ބެނިފިޓެއް ދިނުމަށް ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ލިބެންޖެހޭ އިނާޔަތަކަށް އޮތް ހައްގަށެވެ.
"ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާއަށެވެ.
"ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ދިރިއުޅޭ ޕެންށަން އުމުރުގެ އެންމެހައި ދިވެހި ރައްޔިތުންނަށް އުމުރަށް ލިބިދޭންޖެހޭ ޕެންށަނެވެ.
"ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން" (އުނި ކުރެވިފައި)
"ޕެންށަން އުމުރު" ކަމަށް ބުނެފައިއެވަނީ، 65 އަހަރަށެވެ.
"ދައުލަތުގެ މުވައްޒަފުން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ބަޖެޓުން މުސާރަދޭ ކޮންމެ މުވައްޒަފަކަށެވެ.
"ރިކޮގްނިށަން ބޮންޑްސް" ކަމަށް ބުނެފައިއެވަނީ، ސަރުކާރުގެ މުވައްޒަފުންގެ އެކްރޫޑް ޕެންށަން ހައްގުތައް ވަޒަންކުރުމުގެގޮތުން ސަރުކާރުން ދޫކުރާ ބޮންޑްތަކަށެވެ.
"ޑިސްއެބިލިޓީ އިންށުއަރެންސް" ކަމަށް ބުނެފައިއެވަނީ، ހާއްސަ އެހީއެއް ބޭނުންވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މުވައްޒަފަށް ލިބެންޖެހޭ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވޭ އިންށުއަރެންސް އަށެވެ.
"މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން" ކަމަށް ބުނެފައި އެވަނީ އެނުއިޓީގެ ގޮތުގައި ނުވަތަ އެހެންގޮތަކުންވެސް މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ލިބިދެވޭ ޕެންށަނަށެވެ.
"''ކޮލެޓަރަލައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ގެދޮރު ގަތުމަށް ނުވަތަ ގެދޮރު އިމާރާތްކުރުމަށް ނުވަތަ ގެދޮރު މަރާމާތުކުރުމަށް ލޯނެއް ނަގާއިރު، އެ ލޯނު ނުދެއްކިއްޖެ ހާލަތެއްގައި ލޯނު ދޫކުރި ފަރާތުގެ ހައްގު ހޯދުމަށް އަނބުރާ ނެގޭނެ ގޮތަށް ޕެންށަން ފަންޑުގައި ލޯނު ނެގި ފަރާތުގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ބެހެއްޓިފައިވާ ފައިސާއަށެވެ. (އިތުރު ކުރެވި، އިސްލާހު ކުރެވިފައި)
”ދައުލަތުގެ އެހެނިހެން ޕެންށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުން ނުވަތަ އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުވަތަ އުސޫލެއްގެ ދަށުން، ހިދުމަތުގެ މުއްދަތަށް ބިނާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ވަޒީފާއިން ވަކިވުމުގެ ސަބަބުން ނުވަތަ ވަކިކުރުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ދެވޭ އެންމެހައި ޕެންށަން އަދި އިނާޔަތަށެވެ. (އިތުރު، އިސްލާހު ކުރެވިފައި)
34 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހް
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކުރެވޭ ތާރީހުން ފެށިގެންނެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހް
މައި ގާނޫނު
ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު/އެހެނިހެން
- އިންވެސްޓްމަންޓް ރެގިއުލޭށަން އެންޑް ޑިއުޑިލިޖެންސް ސްކްރީނިންގ ރެގިއުލޭށަން (ގަވާއިދު ނަންބަރު 2023-166)
- Statement of Investment Principles - Maldives Retirement Pension Scheme (އެހެނިހެން ނަންބަރު 2023-00)
- ގަވަނެންސް ކޯޑު އޮފް ދަ ޕެންށަން އޮފީސް (ގަވާއިދު ނަންބަރު 2023-140)
- ޕެންށަނަށް ބަލާ މުސާރަ ކަނޑައެޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-27)
- ފަރުޒު ހައްޖުވުމަށް މޯލްޑިވްސް ރިޓަރޔަމަންޓް ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1032)
- ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-25)
- އިންށޯރެންސް ކުންފުނިތަކުން އެނުއިޓީ ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-40)
- އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-22)
- ރިޓަޔަރމަންޓް ޕެންށަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2014-21)
- ދިވެހިރާއްޖޭގެ ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-20)
- ގެދޮރު ގަތުމަށްޓަކައި ޕެންށަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-50)
- ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-35)
- ކަސްޓޯޑިއަލް ހިދްމަތްދޭ މުއްސަސާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-36)
ކިޔުންތެރިންގެ ހިޔާލު