-

ޕެންށަނާބެހޭ (ގާނޫނު ނަންބަރު 2009-08) ގާނޫނު އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2019-01)

 

ގާނޫނު ނަންބަރު  2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

6. (ފ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންގެ ތެރެއިން މި ގާނޫނުގައި ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ، ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ދެއްކޭނެ އިންތިޒާމު، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަޖެއްސުމާއި އަދި ފަރުސް ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އެންމެހައި އުސޫލުތައް ކަނޑައެޅުން.

(ދ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިންގެ ތެރެއިން ޕެންށަން އޮފީސް މެދުވެރިކޮށް ފަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ފައިސާ އެއްކުރުމަށް އެދޭ ފަރާތްތަކަށް އަމާޒުކޮށްގެން ސްކީމެއް ހިންގުމުގެ އިހްތިޔާރާއި، އަދި އެފަދަ ސްކީމެއް ހިންގުމަށް އެކުލަވާލަންޖެހޭ އުސޫލުތައް ކަނޑައެޅުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. (ށ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ލިބޭ ޕެންށަނުގެ އަދަދަކީ، އަސާސީ ޕެންށަނުގެ ދެގުނައަށްވުރެ ކުޑަ އަދަދެއްނަމަ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ލިބިދެވޭނީ އެ ޕެންށަނުގެ ގޮތުގައި ލިބޭ އަދަދުގެ %50 (ފަންސާސް އިންސައްތަ) އަސާސީ ޕެންށަނުން ކެނޑުމަށްފަހު ބާކީވާ އަދަދެވެ. އެގޮތުން، އަސާސީ ޕެންށަން ހިސާބުކުރާނީ، ފަރުޒު ހައްޖުވުމަށް މި ގާނޫނުގެ ދަށުން ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން އުނިކުރާ އަދަދުވެސް ހިމަނައިގެންނެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. (ނ) މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ލިބޭ ޕެންށަނުގެ އަދަދަކީ، އަސާސީ ޕެންށަނުގެ ދެގުނައަށްވުރެ ގިނަ އަދަދެއްނަމަ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނެއް ނުލިބޭނެއެވެ. އެހެންނަމަވެސް، ދައުލަތުގެ އެހެނިހެން ޕެންށަނުގެ ގޮތުގައި 5,000 (ފަސްހާސް) ރުފިޔާއަށްވުރެ މަދު އަދަދެއް ލިބޭނަމަ، ދައުލަތުގެ އެހެނިހެން ޕެންށަނާއި އަސާސީ ޕެންށަން ހިމެނޭ ގޮތަށް ލިބޭނީ، ޖުމްލަ 5,000 (ފަސްހާސް) ރުފިޔާ ހަމަވާ މިންވަރަށެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. (ކ) އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަނުގެ ގޮތުގައި މީހަކަށް މަހަކު ދޫކުރެވޭނީ 5,000 (ފަސްހާސް) ރުފިޔާއެވެ. ދިރިއުޅުމުގެ ހަރަދުތައް މައްޗަށްދާ މިންވަރަށް ބިނާކޮށް ސޯށަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީއާއި މާލީ ކަންކަން ބަލަހައްޓާ މިނިސްޓްރީން ކޮންމެ މީލާދީ 3 (ތިނެއް) އަހަރުން 1 (އެކެއް) އަހަރު އަސާސީ ޕެންށަނުގެ އަދަދު މުރާޖައާކުރަންވާނެއެވެ. އެގޮތުން މުރާޖައާކުރާއިރު، ދިރިއުޅުމުގެ ހަރަދުތަކަށް ރިއާޔަތްކުރުމަށްފަހު، އަސާސީ ޕެންށަނުގެ އަދަދަށް ބަދަލުގެންނަންޖެހޭ ފަދަ ހާލަތެއް އޮތްކަމަށް ފެނިއްޖެނަމަ، އަސާސީ ޕެންށަނުގެ އަދަދު އިސްލާހުކުރަންވާނެއެވެ. އަސާސީ ޕެންށަނުގެ އަދަދު އިސްލާހުކުރުމަށްފަހު، އަސާސީ ޕެންށަން އަލަށް ހައްގުވާ ފަރާތްތަކަށާއި އަދި އަސާސީ ޕެންށަން ލިބެމުންދާ ފަރާތްތަކަށް އަސާސީ ޕެންށަން ދޭންވާނީ، އިސްލާހު ކުރެވުނު އަދަދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ސުރުހީ އަދި މާއްދާތައް އިތުރުކުރުން.

ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރުން 

29. ހައްޖުވުމަށް ފައިސާ ދޫކުރުން

ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ ހަރަދުކުރުމަށް ދޫކުރެވެނީ، މި ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ޕެންށަން ލިބޭ އުމުރު ހަމަވުމުން ކަމުގައިވީނަމަވެސް، މި ގާނޫނުގެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިން ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވިދާނެއެވެ.

 

30. ހައްޖުވުމަށް ފައިސާ ދޫކުރުމުގެ ށަރުތުތައް

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ބައިވެރިއަކަށް ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ނަމައެވެ.

(ހ) އެފަރާތަކީ، ފަރުޒު ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތަކަށްވުން؛

(ނ) އެފަރާތަކީ، ޕެންށަން ލިބޭ އުމުރު ހަމަވާއިރު، މަހަކު 25000 (ދެހާސް) ރުފިޔާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމުން ދެވޭ މިންވަރުގެ ފައިސާ، ހައްޖުވުމަށް ފައިސާ ދޫކުރުމަށް އެދި ހުށަހަޅާއިރު ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާވެފައިހުރި ފަރާތަކަށްވުން.

 

31. ހައްޖުވުމަށް ފައިސާ ދޫކުރެވޭނެ މިންވަރު

ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ދޫކުރެވޭނީ، އެ އަހަރަކު ހައްޖަށް ދިޔުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ %50 (ފަންސާސް އިންސައްތަ) އެވެ.

 

32. ހައްޖުވުމަށް ފައިސާ ދޫކުރުމާބެހޭ އުސޫލުތައް

(ހ) މި ގާނޫނުގެ ދަށުން ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނޭ ގަވާއިދު، ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަހުން އެކުލަވާލާ ގަވާއިދުގައި، ކޮންމެ މީލާދީ އަހަރަކު ހައްޖުވުމަށް ރިޓަޔަރމަންޓް ސޭވިންގސް.

އެކައުންޓުން ފައިސާ ދޫކުރެވޭނެ ޖުމްލަ މީހުންގެ އަދަދާއި، ހައްޖުވުމުގެ ފައިސާ ދޫކުރެވޭނެ ގޮތާއި، އަދި އެނޫންވެސް ކަމާގުޅޭ އެންމެހައި ކަންކަމުގައި އަމަލުކުރާނެ އުސޫލުތައް ޕެންށަން އޮފީހުގެ ބޯޑުން ކަނޑައަޅަންވާނެއެވެ.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގައި ހިމެނޭ ކޮލެޓަރަލައިޒްކުރުން" މި އިބާރާތުގެ މާނަކުރުމުގެ ފަހަތަށް އަންނަނިވި އިބާރާތުގެ މާނަކުރުން އިތުރުކުރުން.

"ދައުލަތުގެ އެހެނިހެން ޕެންށަން" ކަމަށް ބުނެފައި އެވަނީ، އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ހިދުމަތުގެ މުއްދަތަށް ބިނާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ރިޓަޔަރކުރުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން ދެވޭ އެންމެހައި ޕެންށަނަށެވެ.

 

7 ވަނަ މާއްދާ – މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރުތައް ތަރުތީބުކުރުން.

 

8 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު