-

ގެދޮރު ގަތުމަށްޓަކައި ޕެންށަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 50/2016)

 

 

ފުރަތަމަ ބާބު

ތައާރުފު

1 ވަނަ މާއްދާ – ނަން އަދި ތައާރުފު

(ހ) މިއީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމް (މީގެ ފަހުން އެމްއާރުޕީއެސް ކަމުގައި ބުނެފައިވާ) ގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ މެންބަރުންނަށް، އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓް (މީގެ ފަހުން އާރްއެސްއޭ ކަމުގައި ބުނެފައިވާ) ގައި ހުރި ފައިސާ، ގެދޮރު ގަތުމުގެ މުއާމަލާތާ ގުޅިގެން، ކޮލެޓަރަލައިޒް ކޮށްދިނުމާބެހޭ އުސޫލުތައް ކަނޑައެޅުމަށާއި، އެކަމާގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި އެކުލަވައިލެވިފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލެވިފައިވަނީ، އިމާރާތްކޮށް ނިންމައި، އަދި އާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށް މަގުފަހިކުރުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓުގެ ފައިސާ، އެ މީހެއްގެ ނަމުގައި އެ މީހެއްގެ އާރުއެސްއޭގައި ހުރި ފައިސާއިން، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާއި، އަދި މި ގަވާއިދުގައި ވާގޮތުގެ މަތީން ކޮލެޓަރަލައިޒް ކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައެވެ.

(ނ) މި ގަވާއިދުގެ ނަމަކީ " ގެދޮރު ގަތުމަށްޓަކައި ޕެންށަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމާބެހޭ ގަވާއިދު އެވެ.

 

2 ވަނަ މާއްދާ – ގަވާއިދު ހެދުމުގެ ބާރު

މި ގަވާއިދަކީ ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު)ގެ 6 ވަނަ މާއްދާގެ (މ) އާއި 27 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައި ނެރެފައިވާ ގަވާއިދެކެވެ.

 

3 ވަނަ މާއްދާ - އިހުތިސާސް

މި ގަވާއިދު ހިނގާނީ އެމްއާރުޕީއެސްގެ އެންމެހައި މެންބަރުންގެ މައްޗަށާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ޕެންށަން އޮފީހާއެކު ސަރވިސް ލެވެލް އެގްރީމެންޓް ކުރެވޭ ފަރާތްތަކުގެ މައްޗަށެވެ.

 

ދެވަނަ ބާބު

ކޮލެޓަރަލައިޒް ކުރުމަށް ށަތުރު ހަމަވާ މެންބަރުން

 

4 ވަނަ މާއްދާ – ކޮލެޓަރައިޒް ކުރުމަށް ށަތުރު ހަމަވާ މެންބަރުން

ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން އެމްއާރުޕީއެސްގެ މެންބަރުންގެ ތެރެއިން ދިރިއުޅުމަށްޓަކައި ގެދޮރު ގަތުމަށް ބޭނުންވާ މެންބަރަކު، އެކަމަށް ށަރުތު ހަމަވާ މެންބަރެއް ކަމުގައި ބެލެވޭނީ އަންނަނިވި ށަތުރުތައް އެމެންބަރެއްގެ ކިބައިގައި ފުރިހަމަވާނަމައެވެ.

(ހ) އެމްއާރުޕީއެސްގެ މެންބަރެއްކަމުގައިވުމާއި، ޕެންށަން އޮފީހުން ކަނޑައަޚާ އުސޫލެއްގެ ދަށުން އެ މެންބަރެއްގެ އާރުއެސްއޭގައި ފައިސާހުރި ފަރާތެއް ކަމުގައިވުން.

(ށ) އެމްއާރުޕީއެސް އިން، ރިޓަޔަރމަންޓް ބެނެފިޓް ލިބެމުންދާ ފަރާތެއްކަމުގައި ނުވުން.

(ނ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ލައިސަންސް ދީފައިވާ ގެދޮރުގެ ތަރައްގީއަށް ފައިނޭންސްކުރާ މުއައްސަސާއަކުން، ލޯނު ހަމަޖެހިފައިވާ ފަރާތެއް ކަމުގައި އެފަދަ މުއައްސަސާއަކުން ޕެންށަން އޮފީހަށް އަންގާފައިވާ ފަރާތެއް ކަމުގައިވުން.

(ރ) ގެދޮރު ގަތުމަށްޓަކައި ނަގާ ލޯނުގެ ޑައުންޕޭމަންޓްގެ ގޮތުގައި، އާރުއެސްއޭގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމުގެ އިއުތިރާޒެއް ނެތް ކަމަށް އިގުރާރުވާ މެންބަރަކު ކަމުގައިވުން.

(ބ) ދިވެހިރައްޔިތެއްކަމުގައިވުމާއެކު އުމުރުން މީލާދީ ގޮތުން 60 އަހަރުވެފައިވާ މެންބަރަކު ކަމުގައި ނުވުން.

(ޅ) އުމުރުން 65 އަހަރުވުމުގެ ކުރިން ލޯނު ދައްކައި ހަލާސް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

 

5 ވަނަ މާއްދާ – ކޮލެޓަރަލައިޒް ކުރުމަށް ހުއްދަ ކުރެވޭ ލޯނު

(ހ) މި ސްކީމްގެ ދަށުން ހުއްދަ ކުރެވޭ ލޯނަކީ، މިސްކީމް ހިންގުމަށްޓަކައި ޕެންށަން އޮފީހާއެކު އެއްބަސްވުން ހަދައި، ޑައުންޕޭމަންޓުގެ ގޮތުގައި ކޮލެޓަރަލައިޒް ކުރެވޭ ފައިސާ ގަބޫލުކުރަން އެއްބަސްވާ މުއައްސަސާއަކުން ކޮލެޓަރަލައިޒް ކުރުމަށް ށަރުތު ހަމަވާ މުއާމަލާތަކަށް ދޫކުރާ ލޯނަކަށް ވާން ވާނެއެވެ.

 

ތިންވަނަ ބާބު

ކޮލެޓަރަލައިޒް ކުރުމަށް ށަތުރު ހަމަވާ މުއާމަލާތް

 

6 ވަނަ މާއްދާ – ށަރުތު ހަމަވާ މުއާމަލާތް

ގެދޮރު ގަތުމަށްޓަކައި ޕެންށަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒްކުރުމަށް ށަރުތު ހަމަވާ މުއާމަލާތެއް ކަމުގައި ބެލެވޭނީ އެ މުއާމަލާތުގައި އަންނަނިވި ށަރުތުތައް ފުރިހަމަވެފައިވާނަމައެވެ.

(ހ) ގަންނަން ބޭނުންވާ ގެދޮރަކީ، އިމާރާތްކޮށް ނިންމައި މި ސްކީމްގެ ދަށުން ލޯނު ހަމަޖެހިގެން ގެދޮރު ގަނެފައިވާ މެންބަރާ ހަވާލުކުރެވޭ ގެދޮރަކަށް ވުމާއި، އާންމުކޮށް ހުޅުވާލެވިފައިވާ ބާޒާރެއްގައި ވިއްކާ ގެދޮރަކަށްވުން.

(ށ) ގަންނަން ބޭނުންވާ ގެދޮރަކީ އާންމު ދިރިއުޅުމުގެ ބޭނުމަށް ގަންނަ ގެދޮރަކަށްވުން.

 

ހަތަރުވަނަ ބާބު

ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނެ މިންވަރު

 

7 ވަނަ މާއްދާ – ކޮލެޓަރަލްގެ ގޮތުގައި ފައިސާ ބެހެއްޓޭނެ މިންވަރު

(ހ) އެމްއާރުޕީއެސްގެ މެންބަރުންގެ ތެރެއިން އާންމު ދިރިއުޅުމަށްޓަކައި ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް އެ މެންބަރެއްގެ އާރުއެސްއޭގައި ހުރި ފައިސާއިން ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓޭނީ މި ގަވާއިދުގެ ޖަދުވަލުގައިވާ މިންވަރަށެވެ.

(ށ) މި ގަވާއިދުގެ ބޭނުމަށް ގެދޮރު ގަތުމަށްޓަކައި ނަގާ ލޯނުގެ ޑައުންޕޭމަންޓަށް ދައްކަން ޖެހޭ އަދަދު، މި ގަވާއިދުގެ ޖަދުވަލުގައިވާ ގޮތުގެ މަތީން ހިސާބުކުރެވޭ އަދަދަށްވުރެ މަދު ނަމަ، ކޮލެޓަރަލައިޒް ކުރެވޭނީ ޑައުންޕޭމަންޓަށް ދައްކަންޖެހޭ މިންވަރެވެ.

(ނ) މި ސްކީމްގެ ދަށުން އާރުއެސްއޭގައި ހުންނަ ފައިސާއިން ކޮލެޓަރަލައިޒް ކުރެވޭނީ، ގެދޮރުގެ ތަރައްގީއަށް ފައިނޭންސްކުރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ދީފައިވާ މާލީ މުއައްސަސާތަކުގެ ތެރެއިން ޕެންށަން އޮފީހާއެކު ސަރވިސް ލެވެލް އެގްރިމެންޓް ކުރެވިފައިވާ މުއައްސަސާތަކަށެވެ.

 

ފަސްވަނަ ބާބު

އިދާރީ އިންތިޒާމްތައް

8 ވަނަ މާއްދާ – އިދާރީ އިންތިޒާމުތައް

އެމްއާރުޕީއެސްގެ މެންބަރުންގެ ތެރެއިން އާންމު ދިރިއުޅުމަށްޓަކައި ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް އެ މެންބަރެއްގެ އާރުއެސްއޭގައި ހުރި ފައިސާއިން ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިދާރީ އިންތިޒާމުތައް ތިރީގައި މިވަނީއެވެ.

(ހ) މިގަވާއިދުގެ ދަށުން ހުއްދަ ކުރެވިފައިވާ ގެދޮރު ގަތުމަށް އެދޭ ފަރާތްތަކުން އެކަމަށް ބޭނުންވާ ލޯނު ނެގުމަށްޓަކައި ލޯނުދޫކުރާ މުއައްސަސާތަކުން ދޫކުރާ ލޯނު އެޕްލިކޭށަން ފޯމު ފުރިހަމަކޮށް އެ މުއައްސަސާއަކަށް ހުށަހަޅަންވާނެއެވެ.

(ށ) ކޮލެޓަރަލްގެ ގޮތުގައި ފައިސާ ބަހައްޓައިގެން ލޯނު ނެގުމަށް ބޭނުންވާ މެންބަރަކު އެދިއްޖެ ހާލަތެއްގައި ލޯނު ނެގުމަށްޓަކައި ކޮލެޓަރަލްގެ ގޮތުގައި ހަމަޖެހިފައިވާ ފައިސާގެ އަދަދު ޕެންށަން އޮފީހުން އެ މެންބަރަކަށް ލިޔުމުން ފޯރުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތެއްގެ މަތީން އަމަލުކޮށް ލޯނު ހަމަޖެހިފައިވާ މެންބަރުން ކޮލެޓަރަލައިޒްކުރާ ފައިސާގެ އަދަދު، ޕެންށަން އޮފީހުން ލޯނުދޫކުރާ ފަރާތަށް ދޫކުރެވޭނެއެވެ. އަދި ޕެންށަން އޮފީހާއި ލޯނު ދޫކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތިން، ކޮލެޓަރަލައިޒްކުރި ފައިސާގެ އެންމެހައި ކަންތައްތައް ޕެންށަން އޮފީހުން ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ލޯނު ހަމަޖެހިފައިވާ މެންބަރު ނަގާފައިވާ ލޯނުގެ ކޮލެޓަރަލްގެ ގޮތުގައި ބެހެއްޓިފައިވާ ފައިސާއާއި، މި ފައިސާއަށް ލިބެމުންދާ ފައިދާގެ ތަފުސީލު މެންބަރުގެ އާރުއެސްއޭ އިން ފެންނަން ހުންނާނެ އިންތިޒާމު ޕެންށަން އޮފީހުން ހަމަޖައްސަން ވާނެއެވެ.

 

ހަވަނަ ބާބު

ކޮލެޓަރަލައިޒް ކުރެވިފައިވާ ފައިސާއާމެދު އަމަލުކުރެވޭނެ އުސޫލު

 

9 ވަނަ މާއްދާ – ކޮލެޓްރަލް ކުރެވިފައިވާ ފައިސާއާމެދު އަމަލުކުރެވޭނެ އުސޫލު

މި ގަވާއިދުގެ ދަށުން ކޮލެޓަރަލައިޒު ކުރެވޭ ފައިސާއާމެދު އަމަލުކުރެވޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) މި ގަވާއިދުގެ ދަށުން އާރުއެސްއޭގައި ހުރި ފައިސާއިން ކޮލެޓަރަލައިޒްކޮށްފިނަމަ، އާރުއެސްއޭގައި ހުރި ފައިސާއިން ކޮލެޓަރަލައިޒްކުރި މިންވަރުގެ ހިސާބުތައް ޕެންށަން އޮފީހުން ވަކިން ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ށ) ގެދޮރު ގަތުމަށްޓަކައި ނަގާފައިވާ ލޯނު އަދާނުކޮށްގެން ގެދޮރު ވިއްކާލެވޭ ހާލަތުގައި އަމަލުކުރާނެ ގޮތް ތިރީގައި މިވަނީއެވެ.

  1. މި ސްކީމް މެދުވެރިވެގެން ހަމަޖެހިފައިވާ ލޯނެއް ޑީފޯލްޓްވާ ހާލަތުގައި، ނެގިފައިވާ ލޯނު އަދަދު އަނބުރާ ހޯދުމަށްޓަކައި ފުރަތަމަ ވިއްކާލެވޭނީ ލޯނުގެ ސެކިއުރިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ގެދޮރެކެވެ.
  2. ލޯނު އަދާނުކޮށްގެން ލޯނުގެ ސެކިއުރިޓީގެ ގޮތުގައި ހަމަޖައްސާފައިވާ ގެދޮރު ވިއްކާލައިގެންވެސް ލޯނުގެ އަދަދަށް ފައިސާ ހަމަނުވާނަމަ، އެ ފައިސާ ހަމަކުރުމަށްޓަކައި މަދުވާ މިންވަރު ކޮލެޓަރަލައިޒް ކުރެވިފައިވާ ފައިސާއިން ލޯނު ދޫކުރި ފަރާތަކަށް ދޫކުރެވޭނެއެވެ. މިގޮތުން ހިސާބުކުރެވޭ އަދަދަކީ، ކޮލެޓަރަލައިޒް ކުރެވިފައިވާ ފައިސާގެ ޖުމުލަ އަދަދު ނަމަ، ލޯނު ދޫކުރި ފަރާތަށް ދޫކުރެވޭނެ އެންމެ މަތީ މިންވަރަކީ، ކޮލެޓަރަލް ކުރެވިފައިވާ ޖުމުލަ އަދަދެވެ.
  3. މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ)ގެ 1 ވަނަ ނަންބަރުގައިވާ ހާލަތު މެދުވެރިވެގެން ކޮލެޓަރަލައިޒް ކުރެވިފައިވާ ފައިސާގެ ތެރެއިން، ލޯނު ދޫކުރި ފަރާތަށް ދޭންޖެހޭ މިންވަރަށް ދިނުމަށްފަހު ބާކީ ފައިސާއެއް ހުރެއްޖެނަމަ، އެ ފައިސާ އެ މެންބަރެއްގެ އާރުއެސްއޭ އަށް ޖަމާކުރެވޭނެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ގެދޮރު ގަތުމަށްޓަކައި ނަގާފައިވާ ލޯނަކަށް އާރުއެސްއޭގައި ހުރި ފައިސާއިން ކޮލެޓަރަލައިޒް ކޮށްފައިވާ އެމްއާރުޕީއެސްގެ މެންބަރަކު، އެ ލޯނު ދައްކައި ހަލާސްވުމުގެ ކުރީން، ރިޓަޔަރކުރިނަމަވެސް، އެ މެންބަރަކު ނަގާފައިވާ ލޯނު ދައްކައި ހަލާސްވަންދެން، ކޮލަޓަލައިޒް ކޮށްފައިވާ ފައިސާ، ރިޓަޔަރމަންޓް ބެނެފިޓްގެ ގޮތުން ނުވަތަ އެ ނޫންވެސް ގޮތަކުން އެ މެންބަރަކަށް ދުލެއް ނުކުރެވޭނެއެވެ.

 

ހަތްވަނަ ބާބު

އެހެނިހެން

10 ވަނަ މާއްދާ – އެހެނިހެން

(ހ) މި ގަވާއިދުގެ ބޭނުމަށް ގެދޮރު ގަތުމަށްޓަކައި ދެ މެންބަރަކު ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެގެން ނަގާ ލޯނުތަކުގައި އެ ދެމެންބަރުން ނުވަތަ އެ މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓުގައި ހުރި ފައިސާ އެއްކޮށްގެން ކޮލެޓަރަލައިޒް ކުރެވިދާނެއެވެ. މި ހާލަތުގައި މި މެންބަރުންކުރެ ކޮންމެ މެންބަރަކީވެސް ލޯނު ދޫކުރާ ފަރާތުން ކޯއެޕްލިކަންޓުގެ ށަރުތު ހަމަވާ ފަރާތެއްގެ ގޮތުގައި ގަބޫލުކޮށްފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މި މެންބަރުންނަކީ ކޯއެޕްލިކެންޓުގެ ށަރުތު ހަމަވާ ފަރާތެއްކަން ކަށަވަރުކޮށް އެ މެންބަރަކަށް ލޯނު ދޫކުރި މުއައްސަސާއަކުން ޕެންށަން އޮފީހަށް އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ

މި ގަވާއިދުގެ ދަށުން ގެދޮރު ގަތުމަށްޓަކައި އެ މެންބަރެއްގެ އާރުއެސްއޭގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރެވޭނީ އެންމެ ފަހަރަކުއެވެ.

 

12 ވަނަ މާއްދާ

ދިރިއުޅުމުގެ ބޭނުމަށް ގެދޮރު ގަތުމަށްޓަކައި ޕެންށަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒްކުރަން އެދޭ މެންބަރަކީ މާލީ ގޮތުން އެކަމަށް އެކަށޭނަ މެންބަރެއްކަމުގައި ބެލެވޭނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަދީފައިވާ ގެދޮރުގެ ތަރައްގީއަށް ފައިނޭންސްކުރާ މާލީ މުއައްސަސާތަކުގެ ތެރެއިން މި ސްކީމް ހިންގުމަށްޓަކައި ޕެންށަން އޮފީހާއެކު އެއްބަސްވުން ހަދާފައިވާ މާލީ މުއައްސަސާއަކުން، އެ މެންބަރަކީ ގެދޮރުގަތުމަށްޓަކައި ލޯނު ދޫކުރުމަށް ށަތުރު ހަމަވާ މެންބަރެއްކަމުގައި ގަބޫލުކުރާނަމައެވެ.

 

13 ވަނަ މާއްދާ

މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު މި ގަވާއިދުގައިވާ ބަސްތަކާއި ލަފުޒުތައް ބޭނުންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި އެ ބަސްތަކާއި ލަފުޒުތަކަށް ދީފައިވާ މާނައިގައެވެ.

 

14 ވަނަ މާއްދާ – އަމަލުކުރާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

15 ވަނަ މާއްދާ – ގަވާއިދަށް އިސްލާހު ގެނައުން

މި ގަވާއިދަށް އިސްލާހު ގެނައުމުގެ ބާރު ލިބިގެންވަނީ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށެވެ.

 

16 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ބަސްތައް މާނަކުރާނީ މި މާއްދާގައި އެ ބަސްތަކުގެ މާނަކަމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "އާރުއެސްއޭ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ހިންގޭ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ސްކީމުގެ ބައިވެރިއަކަށް އަދި / ނުވަތަ ބައިވެރިއެއްގެ ފަރާތުން ދައްކާ ފައިސާއާއި، އެ ފައިސާ އިންވެސްޓުކުރުމުން އެއަށް ލިބޭ ފައިދާއާއި، ގެއްލުމާއި ހުއްދަކުރެވޭ ހަރަދަށް ނިސްބަތްވާ ގޮތަށް ބަލަހައްޓަމުން ގެންދާ އެ ބައިވެރިއެއްގެ ވަކި އެކައުންޓަށެވެ.

(ށ) "އެމްއާރުޕީއެސް" މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްކަމަށް ބުނެފައި އެވަނީ، އެނުއިޓީގެ ގޮތުގައި ނުވަތަ އެނޫން ގޮތަކުންވެސް ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ލިބިދެވޭ ޕެންށަން ސްކީމަށެވެ.

(ނ) "ރިޓަޔަރމަންޓް ބެނެފިޓު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތީން ވަޒީފާއިން ރިޓަޔަރކުރުމުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ލިބިދޭ ޕެންށަނަށެވެ.

(ރ) "ގެދޮރު" ކަމުގައި ބުނެފައި އެވަނީ، އިމާރާތްކޮށް ނިންމުމަށްފަހު، އާންމުކޮށް ހުޅުވާލައިގެން ވިއްކާ ރޯހައުސްއާއި، ފުލެޓާއި ހައުސިންގ ޔުނިޓް ފަދަ ތަންތަނަށެވެ.

(ބ) "ހުޅުވާލެވިފައިވާ ބާޒާރު" ކަމުގައި ބުނެފައި އެވަނީ، އާންމުކޮށް އިއުލާނު ކުރެވިގެން ހާމަކަން ބޮޑުގޮތެއްގައި ގެދޮރު ވިއްކާފަރާތް އެނގި އަދި ގަންނަން ށަރުތު ހަމަވާ ފަރާތްތަކުން ގެދޮރު ގަތުމުގެ ކަންކަން ހަމަޖެއްސުމަށް ރޭވިފައިވާ އިންތިޒާމުތަކަށެވެ. މީގެ ތެރޭގައި ސަރުކާރުން ގެދޮރުވެރިކުރުމަށް ހިންގޭ ސްކީމުތަކާއި އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން ގެދޮރުގަނެ ވިއްކުމުގެ އުސޫލުން ހިންގޭ ޕްރޮގުރާމުތައް ހިމެނޭނެއެވެ.

(ޅ) "ޕެންށަން އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ "މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީސް" އަށެވެ.

 

---------------

 

ޖަދުވަލު

ކޮލެޓަރަލައިޒްގެ ގޮތުގައި ފައިސާ ބެހެއްޓޭނެ މިންވަރު

 

 

 

އުމުރުފުރާ

އާރުއެސްއޭގައި ހުރި ފައިސާ ކޮލެޓްރަލައިޒް ކުރެވޭނެ އިންސައްތަ

16 ވަނަ އަހަރުން ފެށިގެން 35 ވަނަ އަހަރުގެ ނިޔަލަށް

100%

36 ވަނަ އަހަރުން ފެށިގެން 49 ވަނަ އަހަރުގެ ނިޔަލަށް

80%

50 ވަނަ އަހަރުން ފެށިގެން 60 ވަނަ އަހަރުގެ ނިޔަލަށް

50%

 

 

މައި ގާނޫނު

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 8/2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު