އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)
(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ، 6ވަނަ، 7ވަނަ، އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބާބު
އާންމު މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ އިދާރާތަކާއި މަގާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމަށާއި، މި ބަޔާންކުރެވުނު އިދާރާތަކާއި ކައުންސިލްތަކާއި މަގާމުތަކުގެ ސިފަތަކާއި، އިހްތިސާސް ކަނޑައަޅައި މިކަމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރުމަށްޓަކައި ހަދާފައިވާ ގާނޫނެކެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުން
ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިގްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ސަގާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމްކުރުމެވެ.
ދެވަނަ ބާބު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
3 ވަނަ މާއްދާ - އިދާރީ ދާއިރާތައް އުފެއްދުން
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ށަރުތު ހަމަވާ އިދާރީ ދާއިރާ ފިޔަވައި އެހެން ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ކޮންމެ އިދާރީ ދާއިރާއަކަށް އަތޮޅު ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ. އަދި މިއިން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގުމަށްޓަކައި ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.
(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ށަރުތު ހަމަވާ ތަންތަނުގައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސިޓީ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.
(ނ) އެއްވެސް އިގްތިސާދީ ސިޔާސަތެއް ނުވަތަ އިޖްތިމާއީ ސިޔާސަތެއް ނުވަތަ އިދާރީ ހިންގުމުގެ ސިޔާސަތެއް ނުވަތަ އެނޫންވެސް ސިޔާސަތެއް ތަންފީޒުކުރުމުގެ ބޭނުމުގައި ނުވަތަ އެފަދަ ސިޔާސަތެއްގެ މަގްސަދަށްޓަކައި، ދިވެހިރާއްޖޭގެ އެއްވެސް އިދާރީ ދާއިރާއެއް އެހެން އިދާރީ ދާއިރާއަކާ ގުޅުވާލެވޭނީ، ނުވަތަ އެއްކުރެވޭނީ، ނުވަތަ އެއްވެސް އިދާރީ ދާއިރާއެއް އެހެން އިދާރީ ދާއިރާއަކާ އެކުގައި މަސައްކަތްކުރުމަށް ލާޒިމްކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ބަޔާންކުރާ ގޮތެއްގެމަތިންނެވެ.
(ރ) ރަށު ކައުންސިލަކުން ޖަވާބުދާރީވާ އަދި ރިޕޯޓުކުރާ ރަސްމީ ފަރާތަކީ، އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލެވެ. އަތޮޅު
ކައުންސިލްތަކުން ޖަވާބުދާރީ ވާންޖެހޭނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތްނަމަވެސް، އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ނުވަތަ ދާއިރާއެއްގެ ރައްޔިތުންނަށް އެ ކައުންސިލުން ޖަވާބުދާރީ ވާންޖެހޭނެއެވެ.
4 ވަނަ މާއްދާ - ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ބެހިފައިވާގޮތް
މި ގާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އިދާރީ ދާއިރާތައް ބެހިގެންވަނީ އަތޮޅު ދާއިރާތަކާއި މާލޭ ދާއިރާގެ މައްޗަށެވެ.
އަތޮޅު ދާއިރާތައް
(ހ)
- ތިލަދުންމަތީ އުތުރުބުރި (ހއ. އަތޮޅު)
- ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު)
- މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު)
- މިލަދުންމަޑުލު ދެކުނުބުރި (ނ. އަތޮޅު)
- މާޅޮސްމަޑުލު އުތުރުބުރި (ރ. އަތޮޅު)
- މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު)
- ފާދިއްޕޮޅު (ޅ. އަތޮޅު)
- މާލެއަތޮޅު (ކ. އަތޮޅު)
- އަރިއަތޮޅު އުތުރުބުރި (އއ. އަތޮޅު)
- އަރިއަތޮޅު ދެކުނުބުރި (އދ. އަތޮޅު)
- ފެލިދެއަތޮޅު (ވ. އަތޮޅު)
- މުލަކަތޮޅު (މ. އަތޮޅު)
- ނިލަންދެއަތޮޅު އުތުރުބުރި (ފ. އަތޮޅު)
- ނިލަންދެއަތޮޅު ދެކުނުބުރި (ދ. އަތޮޅު)
- ކޮޅުމަޑުލު (ތ. އަތޮޅު)
- ހައްދުންމަތި (ލ. އަތޮޅު)
- ހުވަދުއަތޮޅު އުތުރުބުރި (ގއ. އަތޮޅު)
- ހުވަދުއަތޮޅު ދެކުނުބުރި (ގދ. އަތޮޅު)
- ފުވައްމުލައް (ޏ. އަތޮޅު)
- އައްޑުއަތޮޅު (ސ. އަތޮޅު)
މާލެ ދާއިރާ
(ށ) އިދާރީ ދާއިރާއެއްގެ ގޮތުގައި ހިމަނާފައިވާ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ދާއިރާގައި ހިމެނެނީ މާލެ، ވިލިނގިލި އަދި ހުޅުމާލެއެވެ.
5 ވަނަ މާއްދާ - އަތޮޅުތަކުގެ އިދާރީ ދާއިރާތަކުގެ މަރުކަޒީ ރަށް ކަނޑައެޅުން
(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ އިދާރީ ދާއިރާއަކަށް މަރުކަޒީ ރަށެއް ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، އިދާރީ ދާއިރާގެ މަރުކަޒީ ރަށްކަމަށް ބަލާނީ 7 އޯގަސްޓް 2008 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުނުއިރު އެއަތޮޅުތަކުގައި އަތޮޅުވެރިކަންކުރަމުންއައި ރަށްތަކަށެވެ. ނުވަތަ ގާނޫނަކުން އެ އަތޮޅެއްގެ މަރުކަޒީ ރަށްކަމުގައި ކަނޑައަޅާ ރަށަކަށެވެ.
ތިންވަނަ ބާބު
އަތޮޅު ކައުންސިލް
6 ވަނަ މާއްދާ - އަތޮޅު ކައުންސިލް
(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ އިދާރީ ދާއިރާއެއް ހިންގަންވާނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާ ހިންގުމަށް އިންތިހާބުކުރާ އަތޮޅު ކައުންސިލުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލަކީ، އެ ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާ ހިންގުމުގެ އެންމެ އިސް ފަރާތެވެ.
7 ވަނަ މާއްދާ - ގާނޫނީ ށަހްސިއްޔަތު
މި ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށް ގާއިމްކުރެވޭ އަތޮޅު ކައުންސިލަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ށަހްސެކެވެ.
8 ވަނަ މާއްދާ - އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާއެއް ހިންގައި، އެ ދާއިރާ ތަރައްގީކުރުމަށް މަސައްކަތްކުރުން.
(ށ) ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ތަރައްގީގެ ޕްލޭންތަކަށާއި މުޅި އިދާރީ ދާއިރާގެ ތަރައްގީގެ މަށްރޫއުތައް ރޭވުމުގައި ރައްޔިތުންގެ ހިޔާލާއި މަށްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން.
(ނ) ރަށު ކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި އެ ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން.
(ރ) މި ގާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓު ތައްޔާރުކުރުމާއި، ތަރައްގީގެ މަށްރޫއުތައް ރަށު ކައުންސިލްތަކުން ތަންފީޒުކުރުމުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބަލައި، އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާގުޅޭ ގަވާއިދު ހެދުން.
(ބ) އިދާރީ ދާއިރާގައި ދިރިއުޅޭ ރައްޔިތުންގެ ނަމުގައި މި ގާނޫނުގެ ދަށުން ނިންމަންޖެހޭ ކަންކަން ނިންމުން.
(ޅ) އިދާރީ ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.
(ކ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ އަދި އެނޫންވެސް ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
(އ) އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެން ފަރާތްފަރާތައް ކުއްޔަށް ދިނުމާއި ދޫކުރުން.
(ވ) ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ހިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ހައްގުތަކާއި މަސްލަހަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
(މ) ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި، ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް
އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.
(ފ) އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުއާމަލާތުކުރުން.
(ދ) ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ އިދާރީ ދާއިރާއެއްގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ސިނާއަތުތައް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން.
(ތ) އަތޮޅު ކައުންސިލުން ދޭ ހިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ހިދުމަތްތަކަށް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީ ނެގުން.
(ލ) މި ގާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
(ގ) ކައުންސިލްގެ މެންބަރުން ބަދަލުވާ ހާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ހާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
(ޏ) ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
(ސ) ކައުންސިލްގެ އިދާރާ ހިންގުން.
(ޑ) ގާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.
(ޒ) ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުން.
9 ވަނަ މާއްދާ - އަތޮޅު ކައުންސިލުން ދޭ ހިދުމަތްތައް
މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންނަށް އަންނަނިވި ހިދުމަތްތައް އަތޮޅު ކައުންސިލުން ދޭންވާނެއެވެ. މިގޮތުން ކަނޑައަޅާ ހިދުމަތްތައް ދިނުމަށްޓަކައި ބޭނުންވާ ފައިސާއާއި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ސަރުކާރުން ފޯރުކޮށްދޭންވާނެއެވެ.
(ހ) އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއް ރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ހިދުމަތްތަކާއި އެކިއެކި ގާނޫނުތަކުގެ ދަށުން އަތޮޅު ކައުންސިލާ ހަވާލުކޮށްފައިވާ މަސައްކަތްތައްކުރުން.
(ށ) ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން، އެ މިނިސްޓްރީތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އެ އިދާރީ ދާއިރާއެއްގައި ދޭން ކަނޑައަޅާ ހިދުމަތްތައް ދިނުން.
(ނ) އިދާރީ ދާއިރާއެއްގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
(ރ) އިދާރީ ދާއިރާގެ އެންމެހައި ރަށްރަށާއި ބިންބިމުގެ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ގައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދިނުން.
(ބ) ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުން.
(ޅ) ރަށު ކައުންސިލްތަކަށް ބޭނުންވާ ލަފާ ދިނުން.
(ކ) އިދާރީ ދާއިރާގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކި ރަށު ކައުންސިލަކާ ހަވާލުނުކޮށް ހުންނަ މަށްރޫއުތައް ހިންގުން.
(އ) ކައުންސިލުން ދޭންޖެހޭނެ ކަމަށް ގާނޫނަކުން ކަނޑައަޅާ މިނޫންވެސް ހިދުމަތްތައް ދިނުން.
10 ވަނަ މާއްދާ - މުޅި އިދާރީ ދާއިރާގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން
މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް ކައުންސިލުން ބޭނުންކުރަންވާނީ، މުޅި އިދާރީ ދާއިރާގެ ލާބައާއި މަންފާއަށެވެ.
11 ވަނަ މާއްދާ - އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް
(ހ) އަތޮޅު ކައުންސިލް އެކުލެވިގެންވަނީ އެ ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަތޮޅު ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރާއިރު، 2 (ދޭއް) އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ، ކޮންމެ ކޮންމެ އިންތިހާބީ ދާއިރާއަކުން 1 (އެކެއް) މެންބަރެވެ. އަދި (2) އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން، އެ އިދާރި ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ، މުޅި އަތޮޅުން އިންތިހާބުކުރެވޭ 3 (ތިނެއް) މެންބަރުންނެވެ. (އިސްލާހު ކުރެވިފައި)
12 ވަނަ މާއްދާ - އަތޮޅު ކައުންސިލްގެ އުމުރު
(ހ) އަތޮޅު ކައުންސިލްގެ އުމުރަކީ ކައުންސިލް އިންތިހާބުވީ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހެވެ. ކައުންސިލްގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން އައު ކައުންސިލެއް އިންތިހާބުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ހިނގަމުންދާ ކައުންސިލްގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ކުރިން އިންތިހާބުކުރެވޭ އައު ކައުންސިލްގެ އުމުރު ގުނަން ފަށާނީ ހިނގަމުންދާ ކައުންސިލްގެ އުމުރު ހަމަވާ ތާރީހުން ފެށިގެންނެވެ. (އިތުރު ކުރެވިފައި)
13 ވަނަ މާއްދާ - މެންބަރުންގެ ހުވައި
ކައުންސިލަށް އިންތިހާބުކުރެވޭ މެންބަރުންނަށް އެމީހުންގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހުވައި ކުރުމަށްފަހުގައެވެ.
14 ވަނަ މާއްދާ - ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުރި މީހަކު އިދާރީ ދާއިރާއަށް ކުރިމަތިލުން
މި ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ މަގާމުތަކަށް ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުރި މީހަކަށް ކުރިމަތި ލެވިދާނެއެވެ. ނަމަވެސް އޭނާ އެކުރިމަތިލި މަގާމަށް އިންތިހާބުވެއްޖެނަމަ ސިވިލް ސަރވިސްގެ ވަޒީފާއިން އިސްތިއުފާ ދޭންވާނެއެވެ.
15 ވަނަ މާއްދާ - އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ށަރުތުތައް
(ހ) އަތޮޅު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހި ރައްޔިތަކަށްވުން؛
- ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން؛
- މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން؛
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން؛
- ބުއްދި ހަމަޔަށް ހުރި މީހަކު ކަމުގައިވުން؛
- ފުލްޓައިމް ދަރިވަރެއްކަމުގައި ނުވުން.
(ށ) ބޭރުގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް އަތޮޅު ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރި އަދި އެމީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާނަމައެވެ.
(ނ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް އަތޮޅު ކައުންސިލްތަކުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.
- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
- އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޒުކުރަމުންދާ މީހެއް ކަމުގައިވުން.
- މި މާއްދާގެ (4) އާއި (5) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވުން.
- ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިވުން.
- އެއްވެސް ސްކޫލެއް، މަދަރުސާއެއް ނުވަތަ ކިޔަވައިދޭ މަރުކަޒެއްގެ ފުލްޓައިމް ދަރިވަރަކު ކަމުގައިވުން.
16 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުކަމުގެ މަގާމު ހުސްވުން
(ހ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރަކު ވަކިވެއްޖެނަމަ، ލަސްވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބުކުރަންވާނެވެ. ބައި އިލެކްށަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ކައުންސިލްގެ ހިނގަމުންދާ ދައުރު ހަމަވަންދެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރަކު ވަކިވެއްޖެނަމަ، ލަސްވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބުކުރަންވާނެ ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ މެންބަރަކު ވަކިވިއިރު ކައުންސިލްގެ އުމުރުގެ ތިންބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާނަމަ، އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެއެވެ. (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާވަރަށް އެ ކައުންސިލްގައި މެންބަރުން ނެތްނަމަ އެ ހުސްވި ގޮނޑިއަކަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މެންބަރަކު އިންތިހާބުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
17 ވަނަ މާއްދާ - އަތޮޅު ކައުންސިލްގެ ރިޔާސަތު
އަތޮޅު ކައުންސިލްގެ ރައީސާއި ނައިބުރައީސް އިންތިހާބުކުރާނީ، ކައުންސިލްގެ މެންބަރުންގެ ތެރެއިން، އެކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
18 ވަނަ މާއްދާ - އަތޮޅު ކައުންސިލްގެ ރައީސްގެ ވާޖިބުތައް
އަތޮޅު ކައުންސިލްގެ ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) އަތޮޅު ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.
(ށ) ކައުންސިލްގެ މަގްސަދާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލް ހަރަކާތްތެރިކުރުވުން.
(ނ) އަތޮޅު ކައުންސިލްގެ ހަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަގްސަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން.
(ރ) އަތޮޅު ކައުންސިލްގެ މެންބަރުންގެ މެދުގައި އެކުވެރިކަމާއި މަސްލަހަތު ދެމެހެއްޓުން.
(ބ) ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކުރުން.
(ޅ) އަތޮޅު ކައުންސިލުން ނިންމާ ނިންމުންތައް ރަށު ކައުންސިލަށް އެންގުން.
(ކ) އަތޮޅު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
19 ވަނަ މާއްދާ - އަތޮޅު ކައުންސިލްގެ ނައިބުރައީސްގެ ވާޖިބުތައް
އަތޮޅު ކައުންސިލްގެ ނައިބުރައީސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ ރައީސަށް އެހީތެރިވެދިނުން.
(ށ) އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ އަތޮޅު ކައުންސިލްގެ ނައިބުރައީސެވެ. މީގެ އިތުރުން، އަތޮޅު ކައުންސިލްގެ ރައީސް ކައުންސިލްގެ ނައިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
20 ވަނަ މާއްދާ - އަތޮޅު ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު
އަތޮޅު ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކައުންސިލްގެ މެންބަރުން މަސައްކަތްކުރުމަކީ އެމީހުންގެ މަސްއޫލިއްޔަތެކެވެ. އަދި އަތޮޅު ކައުންސިލުން އެ މެންބަރަކާ ހަވާލުކުރާ ކޮންމެ ކަމެއް އަތޮޅު ކައުންސިލުން ކަނޑައަޅާ އުސޫލަކުން ކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ރަށު ކައުންސިލް
21 ވަނަ މާއްދާ - ރަށު ކައުންސިލް
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މި ގާނޫނުގެ ދަށުން ސިޓީ ކައުންސިލެއް ގާއިމްކުރެވިފައިނުވާ ކޮންމެ ރަށެއް ހިންގާނީ އެކަމަށްޓަކައި މި ގާނޫނުގެ ދަށުން އިންތިހާބުކުރާ ރަށު ކައުންސިލަކުންނެވެ.
23 ވަނަ މާއްދާ - ގާނޫނީ ށަހްސިއްޔަތު
މި ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށް ގާއިމްކުރެވޭ ރަށު ކައުންސިލަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ށަހްސެކެވެ.
23 ވަނަ މާއްދާ - ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ގާނޫނުއަސާސީއާއި ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްގީކޮށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ހިދުމަތްތައް ދިނުން.
(ށ) ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްގީގެ ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުން.
(ނ) ރަށު ކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްގީގެ ޕްލޭނަށް ރިއާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަށްރޫއުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ހަވާލުކުރާ ތަރައްގީގެ މަށްރޫއުތައް މި ގާނޫނުގައިވާ ގޮތުގެމަތިން ތަންފީޒުކުރުން.
(ރ) ތަރައްގީގެ އެކިއެކި މަށްރޫއުތައް ހިނގާނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްގީގެ މަށްރޫއުތައް ތަންފީޒުކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރީވެ، މިނިސްޓްރީތަކުންނާއި އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
(ބ) މި ގާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ގަވާއިދު ހަދައި ހިންގުން.
(ޅ) މި ގާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
(ކ) ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.
(އ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި އެހެނިހެން ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
(ވ) އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުށާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ގައުމީ އިދާރާއިން ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން.
(މ) އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ މިފަދަ ތަކެތި، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެންފަރާތް ފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
(ފ) ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ހިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ހައްގުތަކާއި މަސްލަހަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
(ދ) ކައުންސިލްގެ މެންބަރުން ބަދަލުވާ ހާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ހާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
(ތ) ކައުންސިލުން ދޭ ހިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ހިދުމަތްތަކަށް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
(ލ) މީހުންގެ އަމިއްލަ ބިންތަކާއި މުދާ އާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަން ނެގުން.
(ގ) ކައުންސިލްގެ ބެލުމުގެ ދަށުން ހިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި، ޕާކު ފަދަ އާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.
(ޏ) ރަށްރަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.
(ސ) ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
(ޑ) މި ގާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
(ޒ) ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
(ޓ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަރާއި، ފަޅުފަދަ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.
(ޔ) ރަށުގައި އަމާން އަދި ސުލްހަވެރި ވެއްޓެއް ގާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.
(ޕ) ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ނުވަތަ ކައުންސިލްގެ ދާއިރާގައި އެއްވެސް މީހަކު ގާނޫނާ ހިލާފު އަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަހްގީގުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
(ޖ) ރަށު ކައުންސިލްގެ އިދާރާ ހިންގުން.
(ޗ) ގާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.
24 ވަނަ މާއްދާ - ރަށު ކައުންސިލުން ދޭ ހިދުމަތްތައް
މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ބާރާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގެ ރައްޔިތުންނަށް ތިރީގައި ބަޔާންކޮށްފައިވާ ރަށްވެހިކަމުގެ ހިދުމަތްތައް ރަށު ކައުންސިލުން ދޭންވާނެއެވެ.
(ހ) ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.
(ށ) އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށު ފެންވަރުގައި ކުނި ނައްތާލުން.
(ނ) ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.
(ރ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.
(ބ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާ، ފެނާ، ފާހާނާއާއި ނަރުދަމާގެ ނިޒާމު ފަދަ އާންމު ހިދުމަތް ހިންގައި ބެލެހެއްޓުން.
(ޅ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތް ކެއަރއާއި ސިއްހީ ރައްކާތެރިކަމާގުޅޭ އަސާސީ ހިދުމަތްތައް ދިނުން.
(ކ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރީ ސްކޫލްގެ ހިދުމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތައުލީމީ އަދި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
(އ) ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުށީފުކުރުމާއި ރަށުގެ ތާރީހީ އަދި ގަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މައުލޫމާތު ލިބޭނޭ އިންތިޒާމު ގާއިމްކުރުން.
(ވ) އިޖްތިމާއީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި އާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ހިދުމަތްތައް ފޯރުކޮށްދިނުން.
(މ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތް ދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ އަމަލުތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުން.
(ފ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތައާރުޒުނުވާ ގޮތުގެމަތިން، ރަށުން ބިން ދޫކުރުމާއި ބިމާއި އިމާރާތް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުއާމަލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިނޫންވެސް ގާނޫނުތަކުގައިވާ ގޮތުގެމަތިން ބެލެހެއްޓުން.
(ދ) ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ގައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދިނުން.
(ތ) މިސްކިތްތައް ބެލެހެއްޓުން.
(ލ) ގަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ގާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.
(ގ) އާސާރީ ތަންތަން ބެލެހެއްޓުމާއި ސަގާފީ ކަންކަން ދިރުވައި ދެމެހެއްޓުން.
(ޏ) ދީނީ ގޮތުންނާއި ގައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ގައުމީ އިހްތިފާލުތައް ބޭއްވުން.
(ސ) މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
(ޑ) ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.
(ޒ) ޕެސްޓް ކޮންޓްރޯލްކުރުން.
(ޓ) ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުން.
(ޔ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި އާންމު މާރުކޭޓުތަކުގެ ކަންކަން، ހުރޭތޯ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން.
(ޕ) މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާއެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، އާންމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ހިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
(ޖ) ށަރުއީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމުގައި ށަރުއީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން.
(ޗ) ރަށު ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ގާނޫނުތަކުގެ ދަށުން ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާތިލުކުރުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި ބާތިލުކުރުން.
(ހހ) އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
(ހށ) ރަށު ކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ގާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ހިދުމަތްތައް ދިނުން.
25 ވަނަ މާއްދާ - ރަށު ކައުންސިލް އެކުލެވިގެންވާ ގޮތް
(ހ) ގާނޫނުއަސާސީގައިވާ އިދާރީ ދާއިރާތަކުގެ ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ އެ ރަށަކުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ. 3،000 (ތިންހާސް) މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 3 (ތިނެއް) މެންބަރުންނެވެ. 3،000 (ތިންހާސް) އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 5 (ފަހެއް) މެންބަރުންނެވެ. (އިސްލާހު ކުރެވިފައި)
(ށ) (އުނި ކުރެވިފައި)
26 ވަނަ މާއްދާ - ރަށު ކައުންސިލްގެ އިންތިހާބު
ރަށު ކައުންސިލްގެ މެންބަރުން އިންތިހާބުކުރުމާބެހޭ އެންމެހައި އިންތިޒާމްތައް މި ގާނޫނާއި އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެމަތިން ހަމަޖައްސާނީ އިލެކްށަންސް ކޮމިށަނުންނެވެ.
27 ވަނަ މާއްދާ - ރަށު ކައުންސިލްގެ ރިޔާސަތު
ރަށު ކައުންސިލްގެ ރައީސާއި ނައިބުރައީސް އިންތިހާބުކުރާނީ، ކައުންސިލްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
28 ވަނަ މާއްދާ - ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ށަރުތު
(ހ) ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ކޮންމެ މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހި ރައްޔިތަކަށްވުން؛
- ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން؛
- މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން؛
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން؛
- ބުއްދި ހަމަޔަށް ހުރި މީހަކު ކަމުގައިވުން؛
- ފުލްޓައިމް ދަރިވަރެއްކަމުގައި ނުވުން.
(ށ) ބޭރުގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރަށު ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރި އަދި އެމީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާނަމައެވެ.
(ނ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ރަށު ކައުންސިލްތަކުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.
- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
- އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޒުކުރަމުންދާ މީހެއްކަމުގައިވުން.
- މި މާއްދާގެ (4) އާއި (5) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވުން.
- ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން.
- އެއްވެސް ސްކޫލެއް، މަދަރުސާއެއް ނުވަތަ ކިޔަވައިދޭ މަރުކަޒެއްގެ ފުލްޓައިމް ދަރިވަރަކު ކަމުގައިވުން.
29 ވަނަ މާއްދާ - ރަށު ކައުންސިލްގެ އުމުރު
(ހ) ރަށު ކައުންސިލްގެ އުމުރަކީ 3 (ތިނެއް) އހަރު ދުވަހެވެ. ކައުންސިލްގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން އައު ކައުންސިލެއް އިންތިހާބު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ދައި ބަޔާންކުރާ ގޮތުގެ މަތިން ހިނގަމުންދާ ކައުންސިލްގެ އުމުރު ހަމަވާ ތަރީހުން ފެށިގެނެވެ. (އިތުރު ކުރެވިފައި)
30 ވަނަ މާއްދާ - މެންބަރުންގެ ހުވައި
ކައުންސިލަށް އިންތިހާބުކުރެވޭ މެންބަރުންނަށް އެމީހުންގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހުވައި ކުރުމަށްފަހުގައެވެ.
31 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުކަމުގެ މަގާމު ހުސްވުން
(ހ) ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރަކު ވަކިވެއްޖެނަމަ، ލަސްވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބުކުރަންވާނެވެ. ބައިއިލެކްށަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ކައުންސިލްގެ ހިނގަމުންދާ ދައުރު ހަމަވަންދެންނެވެ.
މި މާއްދާގެ (ހ) ގައި ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރަކު ވަކިވެއްޖެނަމަ، ލަސްވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބުކުރަންވާނެ ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ މެންބަރަކު ވަކިވިއިރު ކައުންސިލްގެ އުމުރުގެ ތިންބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާނަމަ، އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެއެވެ. (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާވަރަށް އެ ކައުންސިލްގައި މެންބަރުން ނެތްނަމަ އެ ހުސްވި ގޮނޑިއަކަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މެންބަރަކު އިންތިހާބުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
32 ވަނަ މާއްދާ - ރަށު ކައުންސިލްގެ ރައީސްގެ ވާޖިބުތައް
ރަށު ކައުންސިލްގެ ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކައުންސިލްގެ ޖަލްސާތައް ބޭއްވުމާއި އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.
(ށ) ކައުންސިލްގެ މަގްސަދާ އެއްގޮތަށް ކައުންސިލް ހަރަކާތްތެރި ކުރުވައި ހިންގުން.
(ނ) ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ށާއިއުކުރުމާއި ތަންފީޒުކުރުން.
(ރ) ކައުންސިލްގެ ރިޕޯޓުތައް ތައްޔާރުކުރުވުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވާތޯ ބެލުން.
(ބ) ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސަކަތްކުރުން.
(ޅ) ކައުންސިލުން ނިންމާ ނިންމުންތަކާ އެއްގޮތަށް ކައުންސިލަށް ލިބޭ ފައިސާގެ އެންމެހައި ކަންތައްތައް ކައުންސިލްގެ އިދާރާއިން ހިންގާތޯ ބެލުން.
(ކ) ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި ކައުންސިލްގެ ހަރަދުތަކުގެ ރެކޯޑްތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
(އ) އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
33 ވަނަ މާއްދާ - ރަށު ކައުންސިލްގެ ނައިބުރައީސްގެ ވާޖިބުތައް
ރަށު ކައުންސިލްގެ ނައިބުރައީސްގެ މަސްއޫލިއްޔަތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ ރައީސަށް އެހީތެރިވެދިނުން.
(ށ) ކައުންސިލްގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ނައިބުރައީސެވެ. މީގެ އިތުރުން، ކައުންސިލްގެ ރައީސް ކައުންސިލްގެ ނައިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
(ނ) ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
34 ވަނަ މާއްދާ - ރަށު ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު
ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކައުންސިލްގެ މެންބަރުން މަސައްކަތްކުރުމަކީ އެމީހުންގެ މަސްއޫލިއްޔަތެކެވެ. އަދި ރަށު ކައުންސިލުން އެ މެންބަރަކާ ހަވާލުކުރާ ކޮންމެ ކަމެއް ރަށު ކައުންސިލުން ކަނޑައަޅާ އުސޫލަކުން ކުރަންވާނެއެވެ.
35 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ
(ހ) ކޮންމެ ރަށު ކައުންސިލެއްގެ ބެލުމުގެ ދަށުގައި އެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އަންހެނުންގެ ކޮމިޓީއެއް އޮންނަންވާނެއެވެ. މިކޮމިޓީގައި ހިމެނޭ މެންބަރުންގެ އަދަދު ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނީ އެރަށުގެ އަންހެނުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ.
(ނ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި ނައިބުރައީސް އިންތިހާބުކުރާނީ އެކޮމިޓީގެ މެންބަރުންގެ ތެރެއިން އެކޮމިޓީގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
(ރ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު ހަދާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ.
36 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ރަށުގެ ތަރައްގީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ހިދުމަތްތަކާ ބެހޭގޮތުން ރަށު ކައުންސިލަށް ލަފާ ދިނުން.
(ށ) ކޮމިޓީގެ ނަމުގައި މުދާ މިލްކުކުރުމާއި ކޮމިޓީގެ ނަމުގައި އެކިއެކި ވިޔަފާރި މުއާމަލާތުކުރުން.
(ނ) ކޮމިޓީގެ ނަމުގައި ދައުވާކުރުމާއި ދައުވާލިބިގަތުން.
(ރ) އާމްދަނީ ހޯދުމަށާއި އަންހެނުންގެ ތަރައްގީއަށްޓަކައި އެކިއެކި ހަރަކާތްތައް ހިންގުން.
(ބ) އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
(ޅ) އަންހެނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
(ކ) ސިޔާސީ ކަންކަމުގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން.
(އ) މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.
(ވ) އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
(މ) އަންހެނުންނާބެހޭ މުހިންމު މައުލޫމާތު އެއްކުރުން.
(ފ) ކޮމިޓީގެ މާލިއްޔަތުގައިވާ މުދަލާއި ފައިސާ ބެލެހެއްޓުން.
37 ވަނަ މާއްދާ - ކޮމިޓީގެ މުއްދަތު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުއްދަތަކީ ކޮމިޓީ އިންތިހާބުކުރެވޭ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހެވެ.
38 ވަނަ މާއްދާ - މި ގާނޫނު ފާސްވުމުގެ ކުރިން ރަށްރަށުގައި ހިނގަމުންއައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް
މި ގާނޫނު ފާސްވުމުގެ ކުރިން ރަށްރަށުގައި ހިނގަމުންއައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހައްގުތަކާއި އިލްތިޒާމްތަކާއި މުދަލާއި ފައިސާ މި ގާނޫނުގެ ދަށުން އުފެދޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަދަލުވީއެވެ.
ފަސްވަނަ ބާބު
ސިޓީ ކައުންސިލް
39 ވަނަ މާއްދާ - ސިޓީ ކައުންސިލް
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މި ގާނޫނުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ރަށެއް ނުވަތަ ސަރަހައްދަކީ ސިޓީއެއްގެ ދަރަޖަލިބިގެންވާ ރަށެއްކަމަށް ނުވަތަ ސަރަހައްދެއްކަމަށް ކަނޑައަޅައި އެފަދަ ރަށެއް ނުވަތަ ސަރަހައްދެއް ހިންގުމަށް ސިޓީ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ. ސިޓީ ކައުންސިލްގެ މެންބަރުން އިންތިހާބުކުރުމާބެހޭ އެންމެހައި އިންތިޒާމުތައް މި ގާނޫނާއި އިންތިހާބުތަކާބެހޭ އާންމު ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެމަތިން ހަމަޖައްސާނީ އިލެކްށަންސް ކޮމިށަނުންނެވެ.
40 ވަނަ މާއްދާ - ގާނޫނީ ށަހްސިއްޔަތު
މި ގާނޫނުގެ ދަށުން އިންތިހާބުކޮށް ގާއިމްކުރެވޭ ސިޓީ ކައުންސިލަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ށަހްސެކެވެ.
41 ވަނަ މާއްދާ - ސިޓީ ކައުންސިލްގެ ބާރުތައް
ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި، ތަރައްގީކޮށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ހިދުމަތްތައް ދިނުން.
(ށ) ސިޓީގައި ނުވަތަ ސިޓީގައި ހިމެނޭ އަވަށް އަވަށުގެ އަވަށު ބޯޑުން، ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްގީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލްގެ މަށްވަރާގެ މަތިން އެކަށައަޅައި މުޅި ސިޓީގެ ތަރައްގީގެ ޕްލޭނަށް ރިއާޔަތްކޮށްގެން ތަރައްގީގެ މަށްރޫއުތައް ރޭވުމާއި ބަޖެޓު ތައްޔާރުކުރުމާއި ތަރައްގީގެ މަށްރޫއުތައް ތަންފީޒުކުރުން.
(ނ) ތަރައްގީގެ އެކިއެކި މަށްރޫއުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާއި މަށްވަރާ ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލްގައި ހިންގާ މަށްރޫއުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި އެހީތެރިވެދީ، އެމިނިސްޓްރީތަކަށް ޖަވާބުދާރީވެ، އެމިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
(ރ) އަވަށު އޮފީސްތަކުން ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި އެ އޮފީސްތައް ހިނގާނުހިނގާގޮތް ބެލުން.
(ބ) މި ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތު އެކަށައެޅުމާއި ސިޓީ ކައުންސިލްގެ ވާޖިބު އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ހިންގުން.
(ޅ) މި ގާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ދާއިރާގެ ރަށްވެހިންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
(ކ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
(އ) އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި، އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި އެހެން ފަރާތްތަކަށް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތަށް ކުއްޔަށް ދޫކުރުމާއި ދިނުން.
(ވ) ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ހިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ހައްގުތަކާއި މަސްލަހަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
(މ) ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.
(ފ) ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ އުސޫލުތަކާއި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ތަރައްގީގެ ހަރަކާތްތައް ހިންގުމަށާއި ދޭންޖެހޭ ކަރަންޓާއި ބޯފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކި ފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުއާމަލާތުކުރުން.
(ދ) ކައުންސިލްގެ މެންބަރުން ބަދަލުވާ ހާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ހާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
(ތ) ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކާއި އަވަށު އޮފީސްތައް މެދުވެރިވެގެން ދޭ ހިދުމަތްތަކަށް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
(ލ) މީހުންގެ އަމިއްލަ ބިންތަކާއި މުދާ އާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދުލުވެރި ބަދަލު ދިނުމަށްފަހު ނެގުން.
(ގ) ކައުންސިލްގެ ބެލުމުގެ ދަށުން ހިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި މަގުތަކާއި، ޕާކު ފަދަ އާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.
(ޏ) ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.
(ސ) މި ގާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
(ޑ) ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަހައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަށްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލުން.
(ޒ) ކައުންސިލްގެ ނަމުގައި ދައުވާކުރުމާއި ދައުވާލިބިގަތުން.
(ޓ) ސިޓީގައި އަމާން އަދި ސުލްހަވެރި ވެއްޓެއް ގާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.
(ޔ) ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން އެއްވެސް މީހަކު ގާނޫނާ ހިލާފު އަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަހްގީގުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
(ޕ) ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
(ޖ) ސިޓީ ކައުންސިލްގެ އިދާރާ ހިންގުން.
(ޗ) ގާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.
42 ވަނަ މާއްދާ - ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް
ސިޓީ ކައުންސިލުން ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގައި އަންނަނިވި ހިދުމަތްތައް ދޭންވާނެއެވެ.
(ހ) މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.
(ށ) އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުން.
(ނ) ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.
(ރ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.
(ބ) ދިވެހިރާއްޖޭގެ ގާނޫނާއެއްގޮތްވާ ގޮތުގެމަތިން، ކަރަންޓާއި، ފެނާއި، ފާހާނާއާއި، ނަރުދަމާގެ ނިޒާމުފަދަ އާންމު ހިދުމަތްތައް ފޯރުކޮށްދިނުން.
(ޅ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތު ކެއަރއާއި ސިއްހީ ރައްކާތެރިކަމާގުޅޭ އަސާސީ ހިދުމަތްތައް ދިނުން.
(ކ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރީ ސްކޫލްގެ ހިދުމަތްތައް ދިނުމާއި ބޮޑެތި މީހުންގެ ތައުލީމީ އަދި ފަންނީ ފެންވަރުމަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
(އ) އާންމު ލައިބްރަރީ ހިންގުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މައުލޫމާތު ލިބޭނެ އިންތިޒާމު ގާއިމްކުރުން.
(ވ) އިޖްތިމާއީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި އާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ހިދުމަތްތައް ފޯރުކޮށްދިނުން.
(މ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތްދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިންގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ އަމަލުތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުން.
(ފ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި ލޭންޑް ޔޫސް ޕްލޭނާއި ތައާރުޒުނުވާ ގޮތުގެމަތިން ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުއާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުން.
(ދ) ސިޓީގައި ހިމެނޭ ބިންބިމުގެ ދަފްތަރު އެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ގައުމީ ދަފްތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދިނުން.
(ތ) މިސްކިތްތައް ބެލެހެއްޓުން.
(ލ) ގަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.
(ގ) އާސާރީ ތަންތަން ބެލެހެއްޓުމާއި ސަގާފީ ކަންކަން ދިރުވައި ދެމެހެއްޓުން.
(ޏ) ދީނީގޮތުންނާއި ގައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް ދީނީ އަދި ގައުމީ އިހްތިފާލުތައް ބޭއްވުން.
(ސ) މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
(ޑ) މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
(ޒ) ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.
(ޓ) ޕެސްޓް ކޮންޓްރޯލްކުރުން.
(ޔ) އާންމު ފަރުދުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުން.
(ޕ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި އާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން.
(ޖ) މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާއެއްޗެތި ދުއްވުމުގެކަންކަން ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، އާންމުންގެއަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ހިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
(ޗ) ށަރުއީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމުގައި ށަރުއީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން.
(ހހ) ސިޓީ ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ގާނޫނުތަކުގެ ދަށުން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާތިލުކުރުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި ބާތިލުކުރުން.
(ހށ) އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
(ހނ) ސިޓީ ކައުންސިލުން ދޭންޖެހޭނެ ކަމަށް އެކިއެކި ގާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ހިދުމަތްތައް ދިނުން.
43 ވަނަ މާއްދާ - ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް
ސިޓީ ކައުންސިލް އެކުލެވިގެންވަނީ އެސިޓީ ކައުންސިލްގެ އިންތިހާބީ ދާއިރާތަކުގެ ތެރެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބުކުރާ މެންބަރެއް ހިމަނައިގެން އެކުލަވާލެވޭ މެންބަރުންގެ މައްޗަށެވެ.
44 ވަނަ މާއްދާ - ސިޓީ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ށަރުތުތައް
(ހ) ސިޓީ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ކޮންމެ މީހެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ދިވެހި ރައްޔިތަކަށްވުން؛
- ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން؛
- މުސްލިމަކު ކަމުގައި ވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން؛
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން؛
- ބުއްދި ހަމަޔަށް ހުރި މީހަކު ކަމުގައިވުން؛
- ފުލްޓައިމް ދަރިވަރެއްކަމުގައި ނުވުން.
(ށ) ބޭރުގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ސިޓީ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރި އަދި އެމީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާނަމައެވެ.
(ނ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ސިޓީ ކައުންސިލްތަކުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.
- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން.
- އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޒުކުރަމުންދާ މީހެއްކަމުގައިވުން.
- މި މާއްދާގެ (4) އާއި (5) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވުން.
- ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން.
- އެއްވެސް ސްކޫލެއް، މަދަރުސާއެއް ނުވަތަ ކިޔަވައިދޭ މަރުކަޒެއްގެ ފުލްޓައިމް ދަރިވަރަކު ކަމުގައިވުން.
45 ވަނަ މާއްދާ - ސިޓީ ކައުންސިލްގެ ރިޔާސަތު
ސިޓީ ކައުންސިލްގެ ރައީސާއި ނައިބުރައީސް އިންތިހާބުކުރާނީ، ކައުންސިލްގެ މެންބަރުންގެ ތެރެއިން، އެކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ބޭއްވޭ ސިއްރު ވޯޓަކުންނެވެ.
46 ވަނަ މާއްދާ - ސިޓީ ކައުންސިލްގެ އުމުރު
(ހ) ސިޓީ ކައުންސިލްގެ އުމުރަކީ 3 (ތިނެއް) އަހަރު ދުވަހެވެ. ކައުންސިލްގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ދިވަސް ކުރިން އައު ކައުންސިލެއް އިންތިހާބު ކުރަންވާނެއެވެ. (އިސްލާހު ކުރެވިފަިއި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ހިނގަމުންދާ ކައުންސިލްގެ އުމުރު ހަމަވާ ތާރީހުން ފެށިގެނެވެ. (އިތުރު ކުރެވިފަިއި)
47 ވަނަ މާއްދާ - މެންބަރުންގެ ހުވައި
ކައުންސިލަށް އިންތިހާބުކުރެވޭ މެންބަރުންނަށް އެމީސްމީހުންގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހުވައި ކުރުމަށްފަހުގައެވެ.
48 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުކަމުގެ މަގާމު ހުސްވުން
ކައުންސިލްގެ އުމުރުގެ ތެރޭގައި ކައުންސިލްގެ މެންބަރަކު ވަކިވެއްޖެނަމަ، ލަސްވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކައުންސިލަށް މެންބަރަކު އިންތިހާބުކުރަންވާނެވެ. ބައިއިލެކްށަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ކައުންސިލްގެ ހިނގަމުންދާ ދައުރު ހަމަވަންދެންނެވެ.
49 ވަނަ މާއްދާ - ސިޓީ ކައުންސިލްގެ ރައީސްގެ ވާޖިބުތައް
ސިޓީ ކައުންސިލްގެ ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ސިޓީ ކައުންސިލްގެ ޖަލްސާތައް ބޭއްވުމާއި އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.
(ށ) ސިޓީ ކައުންސިލްގެ މަގްސަދާ އެއްގޮތަށް ކައުންސިލް ހަރަކާތްތެރި ކުރުވައި ހިންގުން.
(ނ) ސިޓީ ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ށާއިއުކުރުމާއި ތަންފީޒުކުރުން.
(ރ) ސިޓީ ކައުންސިލްގެ ރިޕޯޓުތައް ތައްޔާރުކުރުވުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވާތޯ ބެލުން.
(ބ) ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކުރުން.
(ޅ) ސިޓީ ކައުންސިލުން ނިންމާ ނިންމުންތަކާ އެއްގޮތަށް ކައުންސިލަށް ލިބޭ ފައިސާގެ އެންމެހައި ކަންތައްތައް ކައުންސިލްގެ އިދާރާއިން ހިންގާތޯ ބެލުން.
(ކ) ސިޓީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި ކައުންސިލްގެ ހަރަދުތަކުގެ ރެކޯޑްތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
(އ) ސިޓީ ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
50 ވަނަ މާއްދާ - ސިޓީ ކައުންސިލްގެ ނައިބުރައީސްގެ ވާޖިބުތައް
ސިޓީ ކައުންސިލްގެ ނައިބުރައީސްގެ މަސްއޫލިއްޔަތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ސިޓީ ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ ރައީސަށް އެހީތެރިވެދިނުން.
(ށ) ކައުންސިލްގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ނައިބުރައީސެވެ. މީގެ އިތުރުން، ކައުންސިލްގެ ރައީސް ކައުންސިލްގެ ނައިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
(ނ) ސިޓީ ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
51 ވަނަ މާއްދާ - ސިޓީ ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު
ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކައުންސިލްގެ މެންބަރުން މަސައްކަތްކުރުމަކީ އެމީހުންގެ މަސްއޫލިއްޔަތެކެވެ. އަދި ސިޓީ ކައުންސިލްގެ ކޮންމެ މެންބަރަކުވެސް ސިޓީ ކައުންސިލުން އެ މެންބަރަކާ ހަވާލުކުރާ ކޮންމެ ކަމެއް ސިޓީ ކައުންސިލުން ކަނޑައަޅާ އުސޫލަކުން ކުރަންވާނެއެވެ.
52 ވަނަ މާއްދާ - ސިޓީ ކައުންސިލްގެ ރައީސަށް މުހާތަބުކުރާ ގޮތް
ސިޓީ ކައުންސިލްގެ ރައީސަށް މުހާތަބުކުރާނީ "މޭޔަރ" މިގޮތަށެވެ. އަދި ސިޓީ ކައުންސިލްގެ ނައިބުރައީސާ މުހާތަބުކުރާނީ "ޑެޕިއުޓީ މޭޔަރ" މިގޮތަށެވެ.
53 ވަނަ މާއްދާ - ސިޓީއެއްގެ ދަރަޖަ ހޯދުމަށް ރަށަކުން ހުށަހެޅުން
އިދާރީ ދާއިރާއެއްގައި ހިމެނޭ އަވަށަކީ ނުވަތަ ރަށަކީ ނުވަތަ އިދާރީ ދާއިރާއަކީ ނުވަތަ ރަށްތަކެއް ގުޅިގެން އުފައްދާ ސަރަހައްދަކީ މި ގާނޫނުގެ ޖަދުވަލު 2 ގައި ބުނެފައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ސިޓީއެއްގެ ދަރަޖަ ހައްގުވާ ފަރާތެއްކަމަށް އެ އަވަށެއްގެ ނުވަތަ ރަށެއްގެ ކައުންސިލަށް ނުވަތަ އެ ރަށްތަކުގެ ކައުންސިލްތަކަށް ފެނިއްޖެނަމަ އެ އަވަށަކީ ނުވަތަ އެރަށަކީ ނުވަތަ އެރަށްތައް ގުޅިގެން އުފައްދާ ސަރަހައްދަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، އެ އަވަށެއް ނުވަތަ އެރަށެއް ނުވަތަ އެ ރަށްތަކެއް ސިޓީ ކައުންސިލަކުން ހިންގުމަށް އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުގެ ހައްގު ކަމާބެހޭ ކައުންސިލަށް ނުވަތަ ކައުންސިލްތަކަށް ލިބިގެންވެއެވެ.
54 ވަނަ މާއްދާ - ސިޓީއެއްގެ ގޮތުގައި ކަނޑައެޅުން
މި ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއް ދިރާސާކުރުމަށްފަހު މި ގާނޫނުގެ ޖަދުވަލު 2 ގައި ބުނެފައިވާ ށަރުތުތައް ހަމަވާނަމަ އެ ހުށަހެޅުމެއް ގަބޫލުކޮށް އެރަށަކީ ނުވަތަ އެ އަވަށަކީ ނުވަތަ އެ ސަރަހައްދަކީ ސިޓީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެއެވެ.
55 ވަނަ މާއްދާ - އަވަށު އޮފީސް އުފެއްދުން
ސިޓީއެއްގެ ތެރޭގައި ހިމެނޭ އަވަށްތައް ވަކި އަވަށު އޮފީހެއް މެދުވެރިކޮށް ހިންގުމުގެ އިހްތިޔާރު ސިޓީ ކައުންސިލަށް ލިބިގެންވެއެވެ. އަވަށު އޮފީސްތައް އެކުލެވިގެންވާ ގޮތާއި އޮފީހުގެ މަސައްކަތްތައް ކަނޑައަޅާނީ ސިޓީ ކައުންސިލުންނެވެ.
56 ވަނަ މާއްދާ - މާލޭ ސިޓީ ކައުންސިލް
(ހ) ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ވަކި އިދާރީ ދާއިރާއެއްގެ ގޮތުގައި ހިމަނާފައިވާ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ ހިންގުމަށްޓަކައި މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޓީ ކައުންސިލެއް އިންތިހާބުކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރެއިންނާއި، މި ގާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލުން ދޭ ހިދުމަތްތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނެ ބާރުތަކާއި އެ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަށްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން އެ ސިޓީ ކައުންސިލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ހިދުމަތްތައް ފިޔަވައި އެ ސިޓީގެ ސަރަހައްދުގައި ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދޭނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. (އިތުރު ކުރެވިފައި)
(ނ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނެ ބާރުތަކާއި އެ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ހިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެއެވެ. އަދި މިގޮތުން އެ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ހިދުމަތްތައް ކަމުގައި ނުހިމެނޭ ހިދުމަތްތަކާ ގުޅުންހުރި އެންމެހައި ގާނޫނީ ހައްގުތަކާއި ޒިންމާތަކާއި އިލްތިޒާމްތައް އެކަމާ ހަވާލުވާ ވުޒާރާއަށް ނަގުލުވާނެއެވެ. (އިތުރު ކުރެވިފައި)
57 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ
(ހ) ކޮންމެ ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އެ ސިޓީއެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އަންހެނުންގެ ކޮމިޓީއެއް އޮންނަންވާނެއެވެ. މިކޮމިޓީގައި ހިމެނޭ މެންބަރުންގެ އަދަދު ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނީ އެސިޓީއެއްގެ އަންހެނުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ.
(ނ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި ނައިބުރައީސް އިންތިހާބުކުރާނީ އެ ކޮމިޓީއަށް ހޮވޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
(ރ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު ހަދާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ.
58 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
މި ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން އިންތިހާބުކުރެވޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ސިޓީގެ ތަރައްގީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ހިދުމަތްތަކާ ބެހޭގޮތުން ސިޓީ ކައުންސިލަށް ލަފާ ދިނުން.
(ށ) ކޮމިޓީގެ ނަމުގައި މުދާ މިލްކުކުރުމާއި ކޮމިޓީގެ ނަމުގައި އެކިއެކި ވިޔަފާރި މުއާމަލާތުކުރުން.
(ނ) ކޮމިޓީގެ ނަމުގައި ދައުވާކުރުމާއި ދައުވާލިބިގަތުން.
(ރ) އާމްދަނީ ހޯދުމަށާއި އަންހެނުންގެ ތަރައްގީއަށްޓަކައި އެކިއެކި ހަރަކާތްތައް ހިންގުން.
(ބ) އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
(ޅ) އަންހެނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
(ކ) ސިޔާސީ ކަންކަމުގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން.
(އ) މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.
(ވ) އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
(މ) އަންހެނުންނާބެހޭ މުހިންމު މައުލޫމާތު އެއްކުރުން.
(ފ) ކޮމިޓީގެ މާލިއްޔަތުގައިވާ މުދަލާއި ފައިސާ ބެލެހެއްޓުން.
59 ވަނަ މާއްދާ - ކޮމިޓީގެ މުއްދަތު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުއްދަތަކީ ކޮމިޓީ އިންތިހާބުކުރެވޭ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހެވެ.
ހަވަނަ ބާބު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ
60 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީ
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމުގައި ހަރަކާތްތެރިވާނެ ގައުމީ މުއައްސަސާއެއް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.
61 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރާއި މަސްއޫލިއްޔަތު
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދަނީ ގާނޫނުއަސާސީއާއި މި ގާނޫނާއި އެހެނިހެން ގާނޫނުތަކާއި އެއްގޮތަށްތޯ ބެލުން.
(ށ) ކައުންސިލްތަކުގެ މަސައްކަތްތައް ގައުމީ ފެންވަރުގައި ވިލަރެސްކުރުން.
(ނ) މި ގާނޫނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އެހެނިހެން ކަންކަންކުރުން.
(ރ) ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތަކާއި ކައުންސިލްތަކުން އެކަށައަޅާ ގަވާއިދުތައް ހުންނަނީ އެއް އުސޫލަކުންތޯ ބަލައި ހުރިހާ ކައުންސިލްތަކުން އެއް ހަމަތަކަކާ އެއް އުސޫލުތަކެއް ދެމެހެއްޓުމަށް މަސައްކަތްކުރުން.
(ބ) އޮތޯރިޓީގެ ހިންގާ ގަވާއިދު ހެދުން.
(ޅ) މި ގާނޫނުގެ ދަށުން އުފައްދާ ކޮންމެ އަތޮޅު ކައުންސިލަކާއި، ރަށު ކައުންސިލަކާއި، ސިޓީ ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދު ކަނޑައަޅައި، އެސަރަހައްދުގެ އިން ވަކިކުރުމުގެ ނިޒާމެއް މި ގާނޫނަށް އަމަލުކުރަން ފަށާ ފުރަތަމަ އަހަރުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅަންވާނެއެވެ. އަދި މިގޮތަށް ކަނޑައަޅާ ސަރަހައްދުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
(ކ) ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދި ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީންތައް ކަނޑައަޅައި، އެތަމްރީންތައް ދޭނެ އިންތިޒާމެއް ހަމަޖެއްސުން.
62 ވަނަ މާއްދާ - ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ބޯޑު (ސުރުހީ އާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގާނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލެވޭ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުންނެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ. އެއީ؛
(ހ) ލޯކަލް ގަވަރނަމަންޓް އޮތޯރިޓީ ހިންގާނީ މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާ 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުންނެވެ. (އިސްލާހު ކުރެވިފައި)
- ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރު؛ (އިތުރު ކުރެވިފައި)
- އަންނަނިވި ދާއިރާތަކުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުން؛ (އިތުރު ކުރެވިފައި)
(i) ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރެއް؛
(ii) މަދަނީ ޖަމްއިއްޔާއެއްގެ މެންބަރެއް؛
(iii) ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭށަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މެންބަރެއް. - ޗީފް އެގްޒެކެޓިވް އޮފިސަރު. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް އައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ބޯޑު އެކުލަވާލަން ބޭނުންވާ ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ ބޯޑު އެކުލަވާލަން ބޭނުންވާ ކޮންމެ ފަހަރަކު އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާންކުރުމުން އެކަމަށް އިޖާބަދޭ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ފަރާތްތައް ބޯޑުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބޯޑަށް އައްޔަންކުރެވޭ މެންބަރުންނަކީ، ބޯޑުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ތައުލީމާއި ގާބިލުކަންލިބިފައިވާ އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހުންކަމުގައި ވާންވާނެއެވެ. (އިސްލާހު ކުރެވިފައި)
- ދިވެހި ރައްޔިތަކަށްވުން؛
- އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން؛
- ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން؛
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޖިނާއީ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ ޓްރެފިކްކުރުމުގެ ނުވަތަ މަސްތުވާތަކެތީގެ ބޭނުންކުރުމުގެ ކުށެއް ކުރިކަން 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް، ނުވަތަ ޤާނޫނުއަސާސީގައި ބަޔާންކުރާ މުސްތަޤިއްލު މުއައްސަސާއެއްގެ ނުވަތަ ޤާނޫނަކުން އުފައްދާ މުސްތަޤިއްލު އެހެން މުއައްސަސާއެއްގެ މެންބަރެއް ކަމުގައި ނުވުން.
(ޅ) ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. (އިސްލާހު ކުރެވިފައި)
(ކ) އޮތޯރިޓީގެ ބޯޑުގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ. (އިތުރު ކުރެވިފައި)
(އ) ބޯޑުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންނަމަ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުނާފު ދެވިދާނެއެވެ. އިސްތިއުފާދިންކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު އެ މަގާމުން ވަކިވީއެވެ. (އިތުރު ކުރެވިފައި)
(ވ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ ބޯޑުގެ މެންބަރަކު މަގާމުން ވަކިވާނެއެވެ. (އިތުރު ކުރެވިފައި)
- ރައްޔިތުންގެ މަޖިލީހުން ބޯޑަށް ކަނޑައަޅާފައިވާ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ކަނޑައެޅުން؛
- މި ގާނޫނުގައި ބޯޑުގެ މެންބަރުންގެ ށަރުތުތައް ކަމުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.
63 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް އާއި ނައިބުރައީސް
(ހ) ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސަކީ، ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރނަމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެވެ. (އިތުރު ކުރެވިފައި)
(ށ) އޮތޯރިޓީގެ ބޯޑުގެ ނައިބު ރައީސަކީ، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފިޔަވައި ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުން އިންތިހާބުކުރާ ފަރާތެވެ. (އިތުރު ކުރެވިފައި)
64 ވަނަ މާއްދާ - ލޯކަލް ގަވަރނަމަންޓް އޮތޯރިޓީ ހިންގުމާއި ޗީފް އެގްޒެކެޓިވް އޮފިސަރ (ސުރުހީއާއި މުޅީ މާއްދާ އިސްލާހު ކުރެވިފައި)
(ހ) ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ދުވަހުން ދުވަހުގެ ކަންކަން ހިންގާނީ، ލޯކަލް ގަވަރނަމަންޓް އޮތޯރިޓީގެ ބޯޑުގެ ލަފައާއި އިރުށާދާ އެއްގޮތްވާ ގޮތުގެމަތިން، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ. (އިތުރު ކުރެވިފައި)
(ށ) ޗީފް އެގްޒެކެޓިވް އޮފިސަރ އައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. (އިތުރު ކުރެވިފައި)
(ނ) ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް އައްޔަންކުރެވޭ މީހެއްގެ ކިބައިގައި މި ގާނޫނުގެ 62 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު އަދި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ. (އިތުރު ކުރެވިފައި)
- އިތުރު އެހެން ވަޒީފާއެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން؛
- ލޯކަލް ގަވަރނަމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭށަންގެ ދާއިރާއިން ނުވަތަ އެނޫންވެސް ކަމާބެހޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
(ރ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. (އިތުރު ކުރެވިފައި)
(ބ) ޗީފް އެގްޒެކެޓިވް އޮފިސަރ ޖަވާބުދާރީވާނީ އޮތޯރިޓީގެ ބޯޑަށެވެ. (އިތުރު ކުރެވިފައި)
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗީފް އެގްޒެކެޓިވް އޮފިސަރުގެ އިތުރުން އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮތޯރިޓީގެ ބޯޑަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
65 ވަނަ މާއްދާ - ކައުންސިލްގެ ވާޖިބު އަދާކުރުމަށް ނުކުޅެދުން
އެއްވެސް ކައުންސިލެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާގޮތަށް އަދާނުކުރެވޭ ނަމަ އެ ކައުންސިލެއްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ހުރަސް އެޅޭ ސަބަބުތައް ދެނެގަތުމަށްޓަކައި ކަންއޮތްގޮތް ދިރާސާކޮށް ބެލުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.
66 ވަނަ މާއްދާ - ކައުންސިލް ރޫޅާލުން
(ހ) އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ ކައުންސިލް ރޫޅާލުމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ކައުންސިލްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ތަކުރާރުކޮށް ނުކުޅެދޭނަމަ.
- ކައުންސިލްގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާނަމަ.
- ކައުންސިލުން ކަންކަން ނިންމުމުގައި ކައުންސިލަށް ވަކިގޮތަކަށް އެއްބަސްވުމަށް ތަކުރާރުކޮށް ހުރަސްއެޅި ނުވަތަ ކައުންސިލްގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ކައުންސިލްގެ ޖަލްސާތައް ބޭއްވުމަށް ހުރަސްއެޅި ކައުންސިލްގެ ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލެއް އުވާލުމަށް ކޯޓުން ކަނޑައަޅަންވާނީ ކައުންސިލް އުވާލުން ނޫން އެހެން ގޮތެއް ނެތްކަމަށް ކޯޓަށް ގަބޫލުކުރެވޭނަމައެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކޯޓުން ކައުންސިލެއް އުވާލައިފިނަމަ، އެ ކައުންސިލެއް އުވާލާ ތާރީހުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އަލުން ކައުންސިލަށް މެންބަރުން އިންތިހާބުކޮށް ނިންމަންވާނެއެވެ. މިގޮތުން އަލުން އިންތިހާބެއް ބޭއްވި ކައުންސިލަށް މެންބަރުން އިންތިހާބުކުރެވެންދެން ކައުންސިލް ވަގުތީގޮތުން ހިންގާނެ ބަޔަކު އައްޔަންކުރާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ.
ހަތްވަނަ ބާބު
ގައުމީ އިދާރާތަކާ ކައުންސިލްތަކާދެމެދު އޮންނަ ގުޅުން
67 ވަނަ މާއްދާ - ސަރުކާރުގެ މިނިސްޓްރީތަކުން އިދާރީ ދާއިރާތަކުގައި ދޭ ހިދުމަތް
ސަރުކާރުގެ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުން ހިނގާ އިދާރާތަކުން އިދާރީ ދާއިރާތަކުގައި ދޭ ހިދުމަތްތަކާއި ސަރުކާރުގެ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުން ހިނގާ އިދާރާތަކުން އިދާރީ ދާއިރާތަކުގައި ހިންގާ ތަރައްގީގެ ހަރަކާތްތައް ރާވައި އެކަންކަން ވިލަރެސްކުރާނީ އަތޮޅު ކައުންސިލްތަކުގެ ބެލުމުގެ ދަށުންނެވެ.
68 ވަނަ މާއްދާ - މިނިސްޓްރީތަކުން އިދާރީ ދާއިރާތަކުގައި ހިންގާ ޕްރޮޖެކްޓްތައް
އަތޮޅު ކައުންސިލުން ނުވަތަ ސަރުކާރުގެ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުން ހިންގާ އިދާރާތަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ މަދަނީ ޖަމްއިއްޔާ ނުވަތަ ޖަމާއަތަކުން އިދާރީ ދާއިރާއެއްގައި އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން ކަމާބެހޭ ކައުންސިލްތަކާއެކު މަށްވަރާކުރަންޖެހޭނެއެވެ. މިގޮތުން ކުރެވޭ މަށްވަރާތަކުގައި ރަށާއި އިދާރީ ދާއިރާގައި ހުންނަ އެކަމާގުޅޭ އެންމެހައި މުއައްސަސާތައް ބައިވެރިވުމަށް ފުރުސަތު ދޭންވާނެއެވެ.
69 ވަނަ މާއްދާ - ސަރުކާރުގެ މިނިސްޓްރީތަކުން އިދާރީ ދާއިރާތަކުގައި ހިންގާ ޕްރޮޖެކްޓްތައް ހިންގުމުގެ ކުރިން ތިމާވެއްޓަށް ކުރާނޭ އަސަރު ބެލުން
ސަރުކާރުގެ މިނިސްޓްރީއަކުން ނުވަތަ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ކުންފުންޏަކުން ނުވަތަ މަދަނީ ޖަމްއިއްޔާ ނުވަތަ ޖަމާއަތަކުން އެއްވެސް އިދާރީ ދާއިރާއެއްގައި ހަރަކާތެއް ހިންގުމުގެ ކުރިން އެ ކަމުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދަންޖެހޭނަމަ އެ ރިޕޯޓު ހެދުމަށްފަހު އެޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދިނުމުގެ ކުރިން އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލަށް ހުށަހަޅަންޖެހޭނެއެވެ. އަދި އެ ރިޕޯޓުގައިވާ ކަންކަމަށް ބިނާކޮށް ތިމާވެއްޓަށް އަތުވެދާނެކަމަށް ބެލެވޭ ބަދަލުތަކުގެ މައުލޫމާތު އަތޮޅު ކައުންސިލާއެކު އެ އިދާރާއަކުން ހިއްސާކުރަންވާނެއެވެ. އަދި ތިމާވެށްޓަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅަން ގަސްތުކޮށްފައިވާ ފިޔަވަޅުތަކުގެ މައުލޫމާތުވެސް ކައުންސިލްތަކާއެކު ހިއްސާކުރަންވާނެއެވެ.
70 ވަނަ މާއްދާ - ކައުންސިލްތަކާއި ފުލުހުންގެ ގުޅުން
އިދާރީ ދާއިރާތަކާއި ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމުގެ ތެރޭގައި ކައުންސިލްތަކުގެ އެހީއަށް އެދިއްޖެނަމަ ކައުންސިލްތަކަށް ވެވުނު މިންވަރަކުން އެފަދަ ކަންކަމުގައި ފުލުހުންނަށް އެހީތެރިވެދޭންވާނެއެވެ. އަދި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ވާޖިބުތައް އަދާކުރުމުގައި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ، ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ދޭންވާނެއެވެ.
71 ވަނަ މާއްދާ - ގައުމީ އިދާރާތަކުން ހިދުމަތް ދިނުން
(ހ) ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް ކޮންމެ އިދާރީ ދާއިރާއަކުން ލިބޭނޭ އިންތިޒާމު ގައުމީ އިދާރާތަކުން ހަމަޖައްސަންވާނެއެވެ. ގައުމީ އިދާރާތަކުން، އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާ ކުރުމަށްޓަކައި ބޭނުންވާނޭ އެއްބާރުލުމާއި އެހީތެރިކަން އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން ދޭންވާނެއެވެ.
(ށ) ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ލިބޭނޭ އިންތިޒާމު ހަމަޖެއްސުމުގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރެވިދާނެއެވެ.
- ގައުމީ އިދާރާގެ އޮފީހެއް އިދާރީ ދާއިރާގައި ގާއިމްކުރުން.
- ގައުމީ އިދާރާއާއި އަތޮޅު ކައުންސިލާދެމެދު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން އަތޮޅު ކައުންސިލްގެ އިމާރާތެއްގައި ގައުމީ އިދާރާގެ މުވައްޒަފަކު ނުވަތަ މުވައްޒަފުން މަސައްކަތްކޮށް ހިދުމަތް ދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
- ގައުމީ އިދާރާއާއި އަތޮޅު ކައުންސިލާ ދެމެދު ނުވަތަ ގައުމީ އިދާރާއާއި ސީދާ ރަށު ކައުންސިލާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން އަތޮޅު ކައުންސިލް ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ގައުމީ އިދާރާގެ ހިދުމަތް އިދާރީ ދާއިރާއިން ނުވަތަ ސީދާ ރަށުން ލިބޭނޭގޮތް ހަމަޖެއްސުން.
- އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން އަތޮޅު ކައުންސިލްގެ އޮފީހުގައި ހިދުމަތް ދިނުން.
72 ވަނަ މާއްދާ - ކުއްލި ހާލަތުތަކުގައި ކައުންސިލްތަކަށް ސަރުކާރުން ދޭ އެހީ
މި ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭން ކަނޑައަޅައިފައިވާ އެހީގެ އިތުރުން ކާރިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ތަދުމަޑުކަމެއް ނުވަތަ ބަލިމަޑުކަމެއް މެދުވެރިވެއްޖެނަމަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން މާލީ، ފަންނީ ނުވަތަ އެހެނިހެން އެހީ ކައުންސިލްތަކަށް ފޯރުކޮށްދޭންވާނެއެވެ.
އަށްވަނަ ބާބު
ކައުންސިލްތަކުން ވިޔަފާރިކުރުން
73 ވަނަ މާއްދާ - ކައުންސިލްތަކުން ވިޔަފާރިކުރުން
ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. ނަމަވެސް އެއްވެސް ކައުންސިލަކުން ކުރާ އިންވެސްޓްމަންޓް އެކައުންސިލަކަށް އެ އަހަރަކު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ޖުމްލަ އާމްދަނީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑުވާނަމަ އެކައުންސިލަށް ނިސްބަތްވާ ރައްޔިތުންނަށް އެ އިންވެސްޓްމަންޓްއެއްގެ މައުލޫމާތު ދޭންވާނެއެވެ.
74 ވަނަ މާއްދާ - ތަރައްގީގެ ހަރަކާތްތަކުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރުން
ތަރައްގީގެ ހަރަކާތްތައް ރާވައި ހިންގުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ދައުރު ފުޅާކޮށް އެފަރާތްތަކުގެ ބައިވެރިވުން ހޯދަން ކައުންސިލްތަކުން މަސައްކަތް ކުރަންވާނެއެވެ.
75 ވަނަ މާއްދާ - ކައުންސިލްތަކުން އެހެނިހެން ފަރާތްތަކާ ބައިވެރިވުން
އަސާސީ ހިދުމަތް ދިނުމަށާއި، އާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަށާއި އިގްތިސާދީ އަދި އިޖްތިމާއީގޮތުން ކުރިއެރުން ހޯދުމުގެ ބޭނުމުގައި ކައުންސިލްތަކުން އަމިއްލަ ޖަމާއަތްތަކާއި ކުންފުނި ނުވަތަ ކޯޕަރޭޓިވްތަކާ ބައިވެރިވެގެން މަސައްކަތް ކުރެވިދާނެއެވެ.
76 ވަނަ މާއްދާ - ކައުންސިލްތަކުން އަމިއްލަ ފަރާތްތަކަށް އެހީތެރިވެދިނުން
އިދާރީ ދާއިރާގެ ނުވަތަ ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ މަށްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުން އަމިއްލަ ޖަމްއިއްޔާތަކަށާއި ޖަމާއަތްތަކަށް ފައިސާ އާއި ފަންނީ އަދި އެހެނިހެން އެހީ ދެވިދާނެއެވެ. މިގޮތުން އެހީ ދޭންވާނީ އަމިއްލަ ޖަމާއަތްތަކަށް އެހީދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާއި މިންގަނޑުތަކާ ތައާރުޒުނުވާގޮތަށް ކައުންސިލުން ފާސްކޮށް އާންމުކޮށްފައިވާ ގަވާއިދުގެ ދަށުންނެވެ.
77 ވަނަ މާއްދާ - ކައުންސިލްތަކުން ތަކެތި ގަތުމާއި ކޮންޓްރެކްޓްކުރުން
(ހ) ކައުންސިލްތަކަށް ބޭނުންވާ ތަކެތި ހޯދަމާއި ކައުންސިލްތަކުން ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި އަމިއްލަ ފަރާތްތައް މެދުވެރިކޮށް ތަކެތި ހޯދަންވާނީ އަދި ތަކެތި ގަންނަންވާނީ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ލިޔެ ބެލެހެއްޓުމަށްޓަކައި ހަދާފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިގޮތުން ކުރާ މުހިންމު މުއާމަލާތުތަކުގެ މައުލޫމާތު އާންމުންނަށް ފެންނަގޮތަށް ށާއިއުކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންވާނެއެވެ.
(ށ) ކައުންސިލްތަކުން އެއްވެސް ފަރާތަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތެއް ހަވާލުކުރަންވާނީ، އެކިއެކި ފަރާތްތަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ހަވާލުކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަދާފައިވާ ގަވާއިދުތަކާއި ގާނޫނުގައިވާ ގޮތުގެމަތިން ދެފުށްފެންނަ ހާމަކަންބޮޑު އުސޫލަކުންނެވެ.
ނުވަވަނަ ބާބު
ފީ ނުވަތަ ކުލި ނެގުމާއި، އާމްދަނީ ހޯދުމާއި ލޯނު ނެގުން
78 ވަނަ މާއްދާ – ކައުންސިލްތަކުން ފީއާއި ކުލި ނެގުން
ކައުންސިލްތަކުން ދޭ ހިދުމަތަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައަޅައި ފީނެގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. މިގޮތުން ނަގާ ފީ ކަނޑައަޅަންވާނީ އެތަނެއްގެ ރައްޔިތުންނާއި މަށްވަރާކުރުމަށްފަހު ދިވެހިރާއްޖޭގެ ގާނޫނާ ހިލާފުނުވާ ގޮތުގެމަތިންނެވެ. މިގޮތުން ނެގޭ ފީތަކަކީ:
(ހ) ކަރަންޓްގެ ހިދުމަތަށް ނަގަންޖެހޭ މަހު ފީ.
(ށ) ފެނާއި ނަރުދަމާގެ ހިދުމަތަށް ނަގަންޖެހޭ މަހު ފީ.
(ނ) ރަށުފެންވަރުގައި ދެވޭ މުވާސަލާތީ ހިދުމަތަށް ނެގޭ މަހު ފީ.
(ރ) ކުނި ޖަމާކޮށް ރައްކާތެރި ގޮތުގައި ނައްތާލުމަށް ނަގާ މަހު ފީ.
(ބ) ރަށުގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ އަހަރީ ފީ.
(ޅ) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ފީ.
(ކ) ކައުންސިލްގެ ސަރަހައްދުގައި އެއްޗެތި އުފައްދައި ވިއްކުމާއި ވިޔަފާރިއާއި ފިހާރައާއި މާރުކޭޓް ގޮޅީގެ އަހަރީ ފީ.
(އ) ޑައިވްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ޑައިވްކުރުމުގެ ފީ.
(ވ) ކުއްޔަށް ދޫކުރެވިފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލި. (ގައުމީ، އިޖްތިމާއީ ބޭނުންތަކަށް ސަރުކާރަށް ނަގާފައިވާ ބިންތަކުން ކައުންސިލަށް ކުއްޔެއް ނެގުމުގެ ބާރު ލިބިގެންނުވެއެވެ.)
(މ) ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށާއި ފިނޮޅާއި ހާހަލާއި ގިރީގެ ކުލި.
(ފ) ގޮއިފާލައްބަ އާއި ހިންނަ ފަދަ ތަންތަނުގެ ކުލި.
(ދ) ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުލި.
(ތ) ކަނޑަށް ޖައްސާ ބޯޓުފަހަރަށް ކަނޑައެޅިފައިވާ ޕްލެޓްފޯމަށާއި ސަރަހައްދަށް ނެގޭ ކުލި.
(ލ) ބަނދަރު ބޭނުންކުރުމަށް ނަގާ ކުލި. (ފައްތިއާ، މުދާ އަރުވައި ބޭލުން)
79 ވަނަ މާއްދާ - ރައްޔިތުންގެ މުދާ ވިއްކައިގެން ލިބޭ ފައިސާ
ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ރައްޔިތުންގެ މުދާ ވިއްކައިގެން ލިބޭ ފައިސާ ބެލެވޭނީ ކައުންސިލްގެ އާމްދަނީގެ ގޮތުގައެވެ.
80 ވަނަ މާއްދާ - އާމްދަނީ ހޯދުމަށް ވަސީލަތްތައް ގާއިމްކުރުން
ރާއްޖޭގެ ގާނޫނާއި ހިލާފުނުވާ ގޮތުގެމަތިން، އާމްދަނީ ހޯދުމުގެ ވަސީލަތްތައް ގާއިމްކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
81 ވަނަ މާއްދާ - ދައުލަތަށް އާމްދަނީ ލިބޭ ވަސީލަތްތަކުން ކައުންސިލްތަކަށް ދޭންވާ މިންވަރު
ކައުންސިލް ބައިވެރިނުވެ ގައުމީ އިދާރާއަކުން ނުވަތަ އެފަދަ އިދާރާއެއް މެދުވެރިކޮށް އިދާރީ ދާއިރާއެއްގައި ނުވަތަ ސިޓީގެ ސަރަހައްދުގައި ގާއިމްކުރާ ވަސީލަތްތަކުން ލިބޭ އާމްދަނީ ހުރިހާ ދާއިރާއަކަށްވެސް ހަމަހަމަ އުސޫލަކުން އެ އިދާރާއެއް ނިސްބަތްވާ އަތޮޅު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ދޭންޖެހޭނެއެވެ. މިގޮތުން ކުރިއަށް އޮންނަ އަހަރަށް ކައުންސިލަށް ދޭނޭ މިންވަރު ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީންނެވެ.
82 ވަނަ މާއްދާ - ކައުންސިލްތަކަށް ސަރުކާރުންދޭ އާންމު ހިލޭ އެހީގެ ފައިސާ
ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ އޮފީސްތައް ހިންގުމަށާއި، ކައުންސިލްތަކުން ދޭ ހިދުމަތްތައް ދިނުމަށާއި، ކައުންސިލްތަކުން ތަރައްގީއަށް ހިންގާ މަށްރޫއުތަކަށް ހަރަދުކުރުމަށް، ތިރީގައިވާ ކަންކަމަށް ބަލައިގެން، ސަރުކާރުން ކޮންމެ އަހަރަކުމެ ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، ބަޖެޓު ފާސްވުމުން ފާސްވި ބަޖެޓާއި އެއްގޮތަށް އެފައިސާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ކައުންސިލްތަކަށް ދޫކުރަންވާނެއެވެ.
(ހ) އާބާދީ.
(ށ) ރަށުގެ ބިމާއި ބަނދަރާއި ފަޅުން ބޭނުންހިފާ ސަރަހައްދު.
(ނ) އިދާރީ ދާއިރާގައި ހިމެނޭ މީހުން އުޅޭ ރަށްރަށުގެ އަދަދު.
(ރ) ކައުންސިލްތަކުން ހިންގާ ބަލަހައްޓާ ހިދުމަތްތައް ދިނުމަށާއި، ތަރައްގީގެ މަށްރޫއުތަކަށް ކުރަންޖެހޭ ހަރަދު.
(ބ) އިދާރީ ދާއިރާގެ މަރުކަޒީ ރަށްރަށާއި މުޅި ދާއިރާއަށް ނިސްބަތްވާގޮތަށް ހިދުމަތްތައް ގާއިމްކޮށްފައިވާ ރަށްރަށަށް، ދާއިރާގެ އެހެން ރަށްރަށުން ހުރި ދުރުމިން.
(ޅ) ކައުންސިލަށް ލިބޭ އާމްދަނީ.
(ކ) ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ހައްގުތަކެއްކަމަށް ގާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ދައުލަތުން މަސައްކަތްކުރުމުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުން ހަމަހަމަވާ ގޮތެއްގައި ރައްޔިތުންނާ ހަމައަށް ތަރައްގީ ގެނެސްދިނުމުގެ އުސޫލުން، އެރަށަކަށް، އެސިޓީއަކަށް، އަދި އެ އިދާރީ ދާއިރާއަކަށް ލިބިދޭންޖެހޭ ތަރައްގީގެ ފުރުސަތު ލިބިދިނުން.
83 ވަނަ މާއްދާ - ކައުންސިލްތަކުން ލޯނު ނެގުމުގެ އިހްތިޔާރު
ތަރައްގީގެ ޕްލޭންގައި ކަނޑައެޅިފައިވާ މަށްރޫއުތައް ތަންފީޒުކުރުމަށްޓަކައި ރާއްޖޭގައި ގާއިމްކޮށްފައިވާ ބޭންކުތަކުންނާއި އެހެނިހެން މާލީ އިދާރާތަކުން ލޯނު ނެގުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. ކައުންސިލުން ނަގާ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ކައުންސިލްގެ ބަޖެޓުގައި ހިމަނަންވާނެއެވެ.
84 ވަނަ މާއްދާ - ކައުންސިލްތަކަށް ބޭރުގެ މާލީ އިދާރާތަކުން ލޯނު ހޯދުން
ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ކަނޑައެޅިފައިވާ މަށްރޫއުތަކަށް ރާއްޖޭން ބޭރުގެ ބޭންކެއް ނުވަތަ މާލީ އިދާރާއަކުން ކައުންސިލަކަށް ލޯނު ފޯރުކޮށްދެވޭނީ ސަރުކާރު މެދުވެރިކޮށެވެ.
85 ވަނަ މާއްދާ - ކައުންސިލަކުން އެހެން ކައުންސިލަކަށް ލޯނު ދިނުން
ކައުންސިލަށް އެ އަހަރަކަށް ލިބޭ އާމްދަނީން ހަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ އެއްބަސްވާގޮތެއްގެ މަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެއެވެ. މިގޮތުން ކުރެވޭ މުއާމަލާތުގެ މައުލޫމާތު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ. އަދި އެއްބަސްވެފައިވާ ގޮތުގެމަތިން ކައުންސިލަކަށް ދޫކުރި ފައިސާ އަނބުރައި ނުދައްކާނަމަ އެ ފަރާތަކަށް ސަރުކާރުން ލިބޭ ފައިސާއިން އުނިކޮށް އަނެއް ކައުންސިލަށް އެ ފައިސާ ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ.
86 ވަނަ މާއްދާ - އަމިއްލަ ފަރާތްތަކުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި އުސޫލުން އަނބުރާ ދައްކާގޮތަށް ތަންތަން ހެދުން
އަމިއްލަ ފަރާތްތަކުން އެ ފަރާތްތަކުގެ ހަރަދުގައި ތަރައްގީގެ ވަސީލަތެއް ހަދައި، ކަނޑައެޅޭ މުއްދަތެއްގައި ވިޔަފާރި އުސޫލުން އެ ވަސީލަތެއް ހިންގުމަށްފަހު އަނބުރާ ކައުންސިލާ ހަވާލުކުރާގޮތަށް، ތަރައްގީގެ ޕްލޭންގައި ހިމެނިފައިވާ ހޮޓާ، ގެސްޓް ހައުސް، ފާލަން، މަގު ނުވަތަ ބަނދަރުފަދަ މަށްރޫއުތައް ހިންގުމަށް ބީލަމުގެ އުސޫލުން އަމިއްލަ ފަރާތްތަކާއި އެގްރީމެންޓްކޮށް ހަވާލުކުރެވިދާނެއެވެ. މިގޮތުގެމަތިން ހަދާ ތަންތަނަކީ ކައުންސިލްގެ ތަންތަނެވެ. މިގޮތުން ކައުންސިލްތަކާއި އަމިއްލަފަރާތްތަކާއެކު ކުރެވޭ މުއާމަލާތުގެ މައުލޫމާތު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ފޮނުވަންވާނެއެވެ.
ދިހަވަނަ ބާބު
ކައުންސިލްތަކުގެ ފައިސާގެ ކަންތައްތައް ހިންގައި ބެލެހެއްޓުން
87 ވަނަ މާއްދާ - ކައުންސިލުން ހަރަދުކުރުން
ކައުންސިލްގެ އެއްވެސް ފައިސާއެއް ހަރަދުކުރަންވާނީ ކައުންސިލުން ފާސްކޮށްގެންނެވެ.ލ
88 ވަނަ މާއްދާ - ކައުންސިލްގެ ފައިސާއާއި މުދަލަށް ރައްކާތެރިވުން
ކައުންސިލަށް ލިބޭ ފައިސާއާއި މުދާ ބަލަހައްޓަންވާނީ ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
89 ވަނަ މާއްދާ - ކައުންސިލަށް ލިބޭ އާމްދަނީގެ ރިކޯޑްތައް ބެލެހެއްޓުން
ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި ކައުންސިލުން ހަރަދުކުރާ ފައިސާގެ ރެކޯޑްތައް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަކީ ކައުންސިލްގެ ރައީސްގެ ޒިންމާއެކެވެ.
90 ވަނަ މާއްދާ - ކައުންސިލްގެ މުވައްޒަފުން ބަލައިގަންނަ ފައިސާ
ކައުންސިލްގެ މުވައްޒަފެއްގެ ހައިސިއްޔަތުން ކައުންސިލްގެ މުވައްޒަފަކު ބަލައިގަންނަ އެންމެހައި ފައިސާއަކީ ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ކައުންސިލްގެ ފައިސާއެވެ.
91 ވަނަ މާއްދާ - ކައުންސިލުން ހުޅުވާ ފަންޑުގެ ފައިސާ
ކައުންސިލުން ހުޅުވާ ފަންޑަކަށް ވަކިކަމަކަށް ށަރުތުކޮށް އެއްވެސް ފަރާތަކުން ދީފައިވާ އެހީ، އެނޫންކަމަކަށް ބޭނުންކުރަންވާނީ އެހީދިން ފަރާތެއްގެ ރުހުން ހޯދައިގެންނެވެ.
92 ވަނަ މާއްދާ - ރަށާއި އަތޮޅުގެ ފައިނޭންށަލް ޕްލޭން
ރަށުގެ ތަރައްގީގެ ޕްލޭނަށާއި އިދާރީ ދާއިރާގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް، މަދުވެގެން 5 (ފަހެއް) އަހަރުގެ، ރަށާއި އިދާރީ ދާއިރާގެ ފައިނޭންށަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށު ކައުންސިލާއި އަތޮޅު ކައުންސިލުން އެކުލަވާލައި އާންމުކުރަންވާނެއެވެ. ހަމަ މިގޮތަށް ސިޓީގައި ހިމެނޭ އަވަށްތަކުގެ ތަރައްގީގެ ޕްލޭނަށާއި ސިޓީގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް، މަދުވެގެން 5 (ފަހެއް) އަހަރުގެ، ސިޓީ ކައުންސިލްގެ ފައިނޭންށަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ސިޓީ ކައުންސިލުން އެކުލަވާލައި އާންމުކުރަންވާނެއެވެ.
93 ވަނަ މާއްދާ - ކައުންސިލްތަކުން ބަޖެޓު ތައްޔާރުކުރުން
ރަށާއި އިދާރީ ދާއިރާގެ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނަށް ބަލައިގެން ރަށު ކައުންސިލާއި އަތޮޅު ކައުންސިލުން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރަންވާނެއެވެ. ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތަކުގެ ތަރައްގީގެ ޕްލޭނާއި ފައިނޭންށަލް ޕްލޭނަށް ބަލައިގެން މި ގާނޫނުގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްތަކުން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރަންވާނެއެވެ.
94 ވަނަ މާއްދާ - ރިޒަރވްގެ ގޮތުގައި ފައިސާ ރައްކާކުރުން
ކައުންސިލްތަކަށް ހިނގާއަހަރު ލިބޭ، އާމްދަނީގެ 5 (ފަހެއް) އިންސައްތައަށްވުރެ މަދުނޫން އަދަދެއް ރިޒަރވްގެ ގޮތުގައި ރައްކާކުރަންވާނެއެވެ. މި ފައިސާ ބޭނުންކުރެވޭނީ ކުރިއަށްއޮތް އަހަރުތަކުގައި ހަރަދުކުރުމަށެވެ.
95 ވަނަ މާއްދާ - ކައުންސިލްގެ ބަޖެޓަށް ސަރުކާރުން ފައިސާ ހޯދުން
(ހ) އަތޮޅު ކައުންސިލަށް ލިބޭނެ އާމްދަނީއާއި ކުރާނެ ހަރަދަށް ބަލައި، ކުރިއަށްއޮތް އަހަރު ކައުންސިލްގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ އަދަދު ކަނޑައަޅައި އަތޮޅު ކައުންސިލުން ފާސްކޮށް، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެ ގަވާއިދުގައިވާ ތާރީހަށް ނުވަތަ އެތާރީހުގެ ކުރިން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުމުގެ ކޮޕީއެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.
(ށ) ސިޓީ ކައުންސިލަށް ލިބޭނެ އާމްދަނީއާއި ކުރާނެ ހަރަދަށް ބަލައި، ކުރިއަށްއޮތް އަހަރު ކައުންސިލްގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާގެ އަދަދު ކަނޑައަޅައި، ސިޓީ ކައުންސިލުން ފާސްކޮށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ، އަވަށު އޮފީސްތަކާއި، ސިޓީ ކައުންސިލްގެ ބަޖެޓަށް ސަރުކާރުން ބޭނުންވާ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން އެގަވާއިދުގައިވާ ތާރީހަށް ނުވަތަ އެތާރީހުގެ ކުރިން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ ހުށަހެޅުމުގެ ކޮޕީއެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.
96 ވަނަ މާއްދާ - ކައުންސިލްގެ ބަޖެޓު ފާސްކުރުން
ކައުންސިލަށް ލިބޭ އާމްދަނީއާއި އެކި ގޮތްގޮތުން ލިބޭ އެހީއާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލްގެ ބަޖެޓު އެ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރަންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ފާސްނުކުރެވިއްޖެނަމަ، ކައުންސިލުން ފާއިތުވި އަހަރަށް ފާސްކުރި ބަޖެޓުގެ ރިކަރެންޓް ހަރަދުތަކަށްވުރެ އިތުރުނުވާގޮތަށް ކުރިއަށްއޮތް އަހަރުގެ ރިކަރެންޓް ހަރަދުތައްކުރުމުގެ އިހްތިޔާރު ކައުންސިލްގެ ރައީސަށް ލިބިގެންވެއެވެ. އަދި ހިނގާ އަހަރުގެ ބަޖެޓު ފާސްކުރެވެންދެން ކައުންސިލްގައި އެނޫން މައްސަލައަކާބެހޭ ގޮތުން މަށްވަރާއެއް ނުކުރެވޭނެއެވެ.
97 ވަނަ މާއްދާ - ކައުންސިލްގެ އަހަރީ ބަޖެޓު ސްޓޭޓްމަންޓުގައި ހިމެނޭ ބައިތައް
ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓު، ކައުންސިލްގެ އޮފީހުން ތައްޔާރުކޮށް ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިގޮތުން ތައްޔާރުކުރާ ބަޖެޓު ސްޓޭޓްމަންޓްގައި ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.
(ހ) ކުރިއަށް އޮންނަ އަހަރު ކައުންސިލަށް ލިބޭނެކަމަށް ލަފާކުރާ ފައިސާއާއި އާމްދަނީ.
(ށ) ފާއިތުވި އަހަރު ލިބުނު އާމްދަނީއާއި އެހެނިހެން ފައިސާ.
(ނ) ހިނގާ އަހަރުގެ ޖޫން މަހުގެ ނިޔަލަން ލިބުނު އާމްދަނީއާއި އެހެނިހެން ފައިސާއާއި އަހަރުގެ ނިޔަލަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި އެހެނިހެން ފައިސާ.
(ރ) ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދާއި ތަރައްގީގެ މަށްރޫއުތަކަށް ހިނގި ހަރަދުގެ ތަފްސީލު ބަޔާންކޮށް ފާއިތުވި އަހަރު ހިނގި ހަރަދު.
(ބ) ކެޕިޓަލް ހަރަދާއި ރިކަރަންޓް ހަރަދާއި ތަރައްގީގެ މަށްރޫއުތަކަށް ހިނގި ހަރަދުގެ ތަފްސީލު ބަޔާންކޮށް ހިނގާ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހިނގި ހަރަދާއި އަހަރުގެ ނިޔަލަށް ހިނގާނެކަމަށް ލަފާކުރާ ހަރަދު.
(ޅ) ކުރިއަށްއޮތް އަހަރުގެ ކެޕިޓަލް ހަރަދުތަކާއި ރިކަރަންޓް ހަރަދުތަކާއި ކައުންސިލްގެ ދަރަނިތައް.
(ކ) ކައުންސިލުން ނަގާފައިވާ ލޯނުތަކާއި، ލޯނަށް ކުރިއަށްއޮތް އަހަރު ދައްކަން ހަމަޖެހިފައިވާ ފައިސާގެ މިންވަރާއި ލޯނު އަދާކޮށް ނިންމޭނެކަމަށް ލަފާކުރާ މުއްދަތު.
(އ) ކުރިއަށްއޮތް އަހަރު ނަގަން ހުށަހަޅާ ލޯނުގެ ތަފްސީލު.
(ވ) އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ހަރަދުގައި ހަދައި، ވިޔަފާރި އުސޫލުން ހިންގުމަށްފަހު، ކަނޑައެޅޭ މުއްދަތެއްގައި އަނބުރާ ކައުންސިލާ ހަވާލުކުރަން ދޫކޮށްފައިވާ ތަންތަނާބެހޭ ތަފްސީލު.
(މ) ގާނޫނީގޮތުން ކައުންސިލުން ކޮންމެހެން ކުރަންޖެހޭ ހަރަދުތަކާއި ކައުންސިލުން ކޮށްފައިވާ އެގްރީމަންޓުތަކުގެ ދަށުން ކައުންސިލުން ކުރިއަށްއޮތް އަހަރުތަކުގެ ތެރޭގައި ކުރަންޖެހޭ ހަރަދުތަކުގެ ތަފްސީލު.
(ފ) ގުދުރަތީ ބޮޑެތި ގެއްލުންތަކަށް ކަނޑައަޅާ ހަރަދުގެ މިންވަރު.
(ދ) ކައުންސިލަށް ލިބޭ އާމްދަނީގެ ތެރެއިން ރިޒަރވްގެގޮތުގައި ބަހައްޓަން ކަނޑައަޅާ މިންވަރު.
89 ވަނަ މާއްދާ - ތިލަފަތްހަމަ ނުވަތަ އަރަނި ބަޖެޓަކަށް އަމާޒުކުރުން
ކައުންސިލްގެ އަހަރީ ބަޖެޓު ތައްޔާރުކުރުމުގައި ކައުންސިލަށް ލިބޭ އާމްދަނީއަށް ބަލައިގެން ތިލަފަތް ހަމަވާގޮތަކަށް ހަރަދުތައް ހިފެހެއްޓުމަށް ނުވަތަ އަރަނި ބަޖެޓަކަށް އަމާޒުކުރުމަށް ކައުންސިލުން މަސައްކަތްކުރަންވާނެއެވެ.
99 ވަނަ މާއްދާ - ކައުންސިލްގެ ސަޕްލިމެންޓަރީ ބަޖެޓު
ހިނގާ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭކަމަކަށް ކުއްލިގޮތަކަށް ހަރަދުކުރަންޖެހޭނަމަ، އެފަދަ ހަރަދެއް ކުރަންޖެހޭ ސަބަބު ބަޔާންކޮށް ސަޕްލިމެންޓަރީ ބަޖެޓެއް ތައްޔާރުކޮށް ކައުންސިލުން ފާސްކުރަންވާނެއެވެ.
100 ވަނަ މާއްދާ - ބަޖެޓު ތަންފީޒުކުރުމުގެ އިސްވެރިޔާ
ކައުންސިލްގެ ބަޖެޓު ފާސްވުމަށްފަހު، ފާސްކުރި ބަޖެޓު ތަންފީޒުކުރުމުގެ އިސްވެރިޔަކީ ކައުންސިލްގެ ރައީސެވެ.
101 ވަނަ މާއްދާ - ރަށާއި ސިޓީއާއި އިދާރީ ދާއިރާގެ ތަރައްގީގެ ޕްލޭނަށް ސަރުކާރުން ރިއާޔަތްކުރުން
ގައުމީ ތަރައްގީގެ ޕްލޭނާއި ސަރުކާރުގެ ބަޖެޓު ތައްޔާރުކުރުމުގައި ރަށްރަށާއި ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ތަރައްގީގެ ޕްލޭންތަކަށް ރިއާޔަތްކުރަންވާނެއެވެ.
102 ވަނަ މާއްދާ - ކައުންސިލްގެ ފައިސާއަށް ޒިންމާވުން
ކައުންސިލްގެ ފައިސާއާއި ހިސާބުތަކާ ހަވާލުވެ ހުންނަ ކައުންސިލްގެ އިދާރާގެ މުވައްޒަފަކު އޭނާއާއި ހަވާލުވެފައިވާ ފައިސާއާއި ހިސާބުތަކަށް ޒިންމާވާންޖެހޭނެއެވެ. އަދި މިފަދަ މުވައްޒަފަކަށް ކައުންސިލްގެ ވަޒީފާއިން ވަކިވެވޭނީ އޭނާ ހަވާލުވެހުރި ފައިސާއާއި ހިސާބުތައް ކައުންސިލުން ކަނޑައަޅާ ފަރާތަކާ ހަވާލުކުރުމަށްފަހުގައެވެ.
103 ވަނަ މާއްދާ - ބޭންކް އެކައުންޓުގައި ފައިސާ ބެހެއްޓުން
ކައުންސިލްތަކަށް ލިބޭ ފައިސާ، ވީއެންމެ އަވަހަކަށް ކައުންސިލްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކުރަންވާނެއެވެ.
104 ވަނަ މާއްދާ - ހަރަދު ނުކުރެވޭ ފައިސާ އާމްދަނީގެ ގޮތުގައި ޖަމާކުރުން
ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ފައިސާއެއް އަހަރު ނިމޭއިރު ހަރަދު ނުކުރެވޭނަމަ، އެފައިސާ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ޖަމާކުރަންވާނެއެވެ. ނަމަވެސް ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ގަނެފައި ހުރި ތަކެއްޗާއި ހޯދާފައިވާ ހިދުމަތާއި ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި ހޯދަން އެއްބަސްވެފައިވާ ހިދުމަތްތަކުގެ އަގަށްވާ ފައިސާ ޖެހިގެން އަންނައަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދައްކައި ނިންމަންވާނެއެވެ.
105 ވަނަ މާއްދާ - ކައުންސިލްގެ ހަރަދުތަކާއި އާމްދަނީގެ ރިޕޯޓުތައް ހުށަހެޅުން
ރަށު ކައުންސިލްގެ ހަރަދުތަކާއި ލިބޭ އާމްދަނީގެ އަހަރީ ރިޕޯޓު އަތޮޅު ކައުންސިލަށް، ރަށު ކައުންސިލްގެ ރައީސް ފޮނުވަންވާނެއެވެ. އަދި ރަށާއި އަތޮޅު ކައުންސިލްގެ ހަރަދާއި އާމްދަނީގެ އަހަރީ ރިޕޯޓު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަތޮޅު ކައުންސިލްގެ ރައީސް ފޮނުވަންވާނެއެވެ. އަވަށު އޮފީސްތަކުގެ ހަރަދުތަކާއި ލިބޭ އާމްދަނީގެ އަހަރީ ރިޕޯޓު ސިޓީ ކައުންސިލަށް، ބޯޑުގެ ރައީސް ފޮނުވަންވާނެއެވެ. އަދި އަވަށާއި ސިޓީ ކައުންސިލްގެ ހަރަދާއި އާމްދަނީގެ އަހަރީ ރިޕޯޓު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ސިޓީ ކައުންސިލްގެ ރައީސް ފޮނުވަންވާނެއެވެ.
106 ވަނަ މާއްދާ - ކައުންސިލްގެ ފައިސާއާއި ހިސާބުތައް ބެލުމުގެ އިހްތިޔާރު
ކައުންސިލްތަކުގެ ފައިސާއާއި ހިސާބުތައް ބެލުމުގެ އިހްތިޔާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށާއި އޮޑިޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އަދި ހުށަހެޅިފައިވާ މައްސަލައަކާގުޅޭ ގޮތުން ބަލަންޖެހޭ ލިޔެކިޔުންތަކާއި ހިސާބުތައް ބެލުމުގެ އިހްތިޔާރު އެމައްސަލައެއް ބެލުމަށް ހަމަޖެހިފައިވާ ދައުލަތުގެ މުއައްސަސާތަކަށް ލިބިގެންވެއެވެ.
107 ވަނަ މާއްދާ - ކައުންސިލުން މުދާ ހޯދުމާއި ނައްތާލުމާއި ދިނުމާއި އަދި ވިއްކުން
ކައުންސިލުން ހޯދާ އުފުލޭ އަދި ނުއުފުލޭ މުދާ ހޯދައި ނައްތާލައި އަދި ވިއްކަންވާނީ ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ކައުންސިލްގެ މިފަދަ މުދަލެއް ނައްތާލައި ނުވަތަ އެފަދަ މުދަލެއް އެހެން ފަރާތްތަކަށް ދީ، ވިއްކޭނީ ކައުންސިލްގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން އެކަން ފާސްކޮށްގެންނެވެ.
އެގާރަވަނަ ބާބު
ޕްލޭނާއި ރިޕޯޓު ހުށަހެޅުމާއި މައުލޫމާތު ދިނުން
108 ވަނަ މާއްދާ - ކައުންސިލުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ލިޔުންތައް
ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ކަނޑައެޅިފައިވާ އުސޫލުން ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް، އަދި މާލޭ އަވަށު އޮފީސްތަކުން ސިޓީ ކައުންސިލަށް ފޮނުވަންވާނެއެވެ.
(ހ) ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓު.
(ށ) ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓު.
(ނ) ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރައްގީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު.
(ރ) ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން، ކައުންސިލްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓު.
(ބ) އަމަލުކުރަމުންދާ ތަރައްގީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން، ގައުމީ ތަރައްގީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްގީގެ ޕްލޭން.
109 ވަނަ މާއްދާ - ކައުންސިލްތަކުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ލިޔުންތައް
ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތައް، ކަނޑައެޅިފައިވާ އުސޫލުން ސިޓީ ކައުންސިލުންނާއި އަތޮޅު ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.
(ހ) ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓު.
(ށ) ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓު.
(ނ) ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ ނިޔަލަށް ތަރައްގީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު.
(ރ) ކޮންމެ އަހަރެއްގެ މާޗް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓު.
(ބ) އަމަލުކުރަމުންދާ ތަރައްގީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސް ދުވަސް ކުރިން، ގައުމީ ތަރައްގީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްގީގެ ޕްލޭން.
110 ވަނަ މާއްދާ - ރައްޔިތުންނަށް މައުލޫމާތު ދިނުން
ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެއެވެ. މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަންވާނެއެވެ. އަދި ޖުލައި މަހުގައި ބާއްވާ އާންމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަންވާނެއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކޮށް ހާމަކުރަންވާނެއެވެ.
ބާރަވަނަ ބާބު
ކައުންސިލްތަކުގެ އިދާރާތަކާއި، ކައުންސިލްތައް ހިންގުމާބެހޭ އާންމު އުސޫލުތައް
111 ވަނަ މާއްދާ - ކައުންސިލް ހިންގުމުގެ ގަވާއިދު
ގާނޫނުއަސާސީއާއި މި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން ކައުންސިލްތައް ހިންގައި، ކައުންސިލްގެ ޖަލްސާތައް ބޭއްވުމާބެހޭ އިޖުރާއީ ގަވާއިދުތައް ހެދުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.
112 ވަނަ މާއްދާ - ކައުންސިލްތައް ހިންގުން
ކައުންސިލްގެ މެންބަރުންނަކީ ކައުންސިލްގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ބައެކެވެ. ކައުންސިލްގެ މެންބަރުން ކައުންސިލް ހިންގުމުގައި އަދާކުރާނޭ މަސްއޫލިއްޔަތު ކަނޑައަޅާނީ ކައުންސިލުންނެވެ.
113 ވަނަ މާއްދާ - ކައުންސިލްގެ ރިޔާސަތު
އާންމު ގޮތެއްގައި ކައުންސިލްގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ނައިބުރައީސެވެ. ކައުންސިލްގެ ރައީސް ނުވަތަ ނައިބުރައީސް ނެތި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ އާންމު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ ވޯޓު ލިބިގެން ވަގުތީގޮތުން ރިޔާސަތު ބަލަހައްޓަން ހޮވޭ ކައުންސިލްގެ މެންބަރެކެވެ.
114 ވަނަ މާއްދާ - ކައުންސިލްގެ ގާނޫނީ އަދަދު
ކައުންސިލްގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ، އެކައުންސިލެއްގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެގެންނެވެ. އަދި ކައުންސިލުން އެއްވެސްކަމެއް ނިންމޭނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަށް ލިބިގެންނެވެ.
115 ވަނަ މާއްދާ - ކައުންސިލްގެ އާންމު ބައްދަލުވުންތައް
ތިރީގައިވާ ގޮތުގެމަތިން، ކޮންމެ ހަފްތާއަކު އެއް ފަހަރު ކައުންސިލްގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ހ) ކައުންސިލްގެ އާންމު ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަސް ކުރިން ބައްދަލުވުމުގެ އެޖެންޑާ ކައުންސިލްގެ ރައީސް މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.
(ށ) އާންމު ބައްދަލުވުންތަކުގައި މަށްވަރާކުރެވޭނީ ސަރުކާރުގެ އޮފީސްތަކުންނާއި ކައުންސިލްގެ މެންބަރުންނާއި ކައުންސިލްގެ އިދާރާއިން މަށްވަރާކުރުމަށް ހުށަހަޅާ ކަންތައްތަކެވެ. އަމިއްލަ ފަރާތްތަކުން ކައުންސިލަށް ފޮނުވާ ކަންތައްތައް ހުށަހަޅަންވާނީ ކައުންސިލްގެ އިދާރާ މެދުވެރިކޮށެވެ.
(ނ) ކައުންސިލަށް ހުށަހެޅޭ ހުރިހާ ކަންތައްތަކެއް ތަރުތީބުން ކައުންސިލްގެ ރައީސް އެޖެންޑާކުރަންވާނެއެވެ.
116 ވަނަ މާއްދާ - ކައުންސިލްގެ ކުއްލި ބައްދަލުވުން
ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވޭނީ ޖަލްސާ ބާއްވަން ބޭނުންވާ ސަބަބާއި ތާރީހު ލިޔުމުން ހުށަހެޅުމަށްފަހު ތިރީގައިވާ ގޮތުގެމަތިންނެވެ.
(ހ) ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވަން ކައުންސިލްގެ މެންބަރުންގެ ތެރެއިން މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުން އެދިއްޖެ ހިނދެއްގައި؛ ނުވަތަ
(ށ) ކައުންސިލްގެ ކުއްލި ޖަލްސާއެއް ބާއްވަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިއްޖެ ހިނދެއްގައި؛ ނުވަތަ
(ނ) އެކަށީގެންވާ ސަބަބަކާހުރެ ކައުންސިލްގެ ރައީސަށް މިފަދަ ޖަލްސާއެއް ބާއްވަން ފެނިއްޖެ ހިނދެއްގައި.
117 ވަނަ މާއްދާ - ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ދައުވަތު
ކައުންސިލްގެ ބައްދަލުވުންތަކުގައި، ކައުންސިލްގެ މެންބަރުންގެ އިތުރަށް ކައުންސިލްގައި އެޖެންޑާކުރެވިފައިވާ ކަމަކާގުޅިގެން އެފަރާތެއްގެ މައުލޫމާތު ނުވަތަ މަށްވަރާ ކައުންސިލަށް ދެވިދާނެ އެކިއެކި ފަރާތްތަކަށް، ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދައުވަތުދިނުމުގެ ބާރު ކައުންސިލްގެ ރައީސަށް ލިބިގެންވެއެވެ. ނަމަވެސް މިގޮތަށް މަށްވަރާއާއި މައުލޫމާތު ހޯދުމަށް ކައުންސިލްގެ ޖަލްސާގައި ބައިވެރިވުމަށް ދައުވަތުދެވޭ ފަރާތްތަކަށް ކައުންސިލްގެ ޖަލްސާގައި ވޯޓު ނުދެވޭނެއެވެ.
118 ވަނަ މާއްދާ - ކައުންސިލްގެ ނިންމުންތައް ހާމަ ކުރުން
ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް ހާމަނުކުރެވޭ އަމުރުތަކަކީ ސައްހަ އަމުރެއް ކަމުގައި ނުބެލެވޭނެއެވެ.
119 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުން
ކައުންސިލްގެ މެންބަރުން މަގާމުން ވަކިވާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.
(ހ) އެމީހަކު މެންބަރުކަމުން ވަކިވާން އެދި ކައުންސިލަށް އެޑްރެސްކޮށް ސިޓީ ފޮނުވުން.
(ށ) މަގްބޫލު އުޒުރެއްނެތި ވިދިވިދިގެން 7 (ހަތެއް) ޖަލްސާއަށް ހާޒިރުނުވުން. މަގްބޫލު އުޒުރެއްކަމަށް ބެލެވޭނީ ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ މިނޫންވެސް ކައުންސިލުން ގަބޫލުކުރާ ސަބަބެއް މެދުވެރިވުމުންނެވެ.
(ނ) މެންބަރެއްގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމުކުރާ ސިފައެއް އެ މެންބަރެއްގެ ކިބައިން އުނިވުން.
(ރ) މަރުވުން ނުވަތަ ކައުންސިލްގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން.
(ބ) ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކުރިމަތިލައިގެން އިންތިހާބުވާ ފަރާތްތައް، އިންތިހާބުވިއިރު، ނިސްބަތްވި ޕާޓީއިން ވަކިވުން ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކުރުން. (އިތުރު ކުރެވިފައ)
120 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުންގެ މުސާރަ
ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
121 ވަނަ މާއްދާ - ކައުންސިލްގެ ރައީސްއާއި ނައިބުރައީސް މަގާމުން ދުރުކުރުން
ކައުންސިލްގެ ރައީސް ނުވަތަ ނައިބުރައީސްގެ މައްޗަށް އިތުބާރުނެތްކަމަށް ކައުންސިލްގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފިނަމަ، އެމީހަކު މަގާމުން އިސްތިއުފާދޭންވާނެއެވެ. ކައުންސިލްގެ ރައީސް ނުވަތަ ނައިބުރައީސްކަމުގެ މަގާމުން ކައުންސިލްގެ މެންބަރަކު ވަކިކުރެވުނުނަމަވެސް އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ.
122 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުންގެ ޗުއްޓީ
ކައުންސިލްގެ ކޮންމެ މެންބަރަކަށްވެސް ކައުންސިލްގެ މަސައްކަތަށް ދަތިނުވާ ގޮތުގެމަތިން ސަރުކާރުގެ ބަންދުދުވަސްތައް ނުހިމެނޭގޮތަށް އަހަރަކު 30 (ތިރީސް) ދުވަހުގެ ޗުއްޓީ ހައްގުވެގެންވެއެވެ. މިގޮތުން ކައުންސިލްގެ މެންބަރުންނަށް ހައްގުވާ ޗުއްޓީ ދޭނީ ކައުންސިލްގެ މަސައްކަތަށް ދަތިނުވާ ގޮތުގެމަތިން ކައުންސިލްގެ ރައީސެވެ. ކައުންސިލްގެ ރައީސަށް ޗުއްޓީ ދޭނީ ކައުންސިލުންނެވެ.
123 ވަނަ މާއްދާ - ކައުންސިލްގެ މެންބަރަކު ރަށުން ބޭރަށް ދިއުން
ކައުންސިލްގެ މެންބަރަކު ރަށުން ބޭރަށް ދާންވާނީ އެކަން ކައުންސިލްގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުއެވެ. ކައުންސިލްގެ ރައީސް ރަށުން ބޭރަށް ދާނަމަ ދާންވާނީ އެކަން ކައުންސިލްގެ އިދާރާއަށް އެންގުމަށްފަހުގައެވެ.
124 ވަނަ މާއްދާ - މެންބަރުންގެ ވިޔަފާރިއާއި އާމްދަނީގެ މައުލޫމާތު
ކައުންސިލަށް ހޮވޭ ކޮންމެ މެންބަރަކު އިންތިހާބުވުމާއެކު އެ މެންބަރެއްގެ ފައިސާއާއި ވިޔަފާރީގެ މައުލޫމާތު އަދި އޭނާގެ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި ވިޔަފާރީގެ ގުޅުންތަކާބެހޭ މައުލޫމާތު ލިޔުމަކުން ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
125 ވަނަ މާއްދާ - ރަށުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރުން
ކައުންސިލްގެ މެންބަރަކަށް ހުރެ ކައުންސިލުން ނިންމާ ނިންމުންތަކުގައި ރަށުގެ ނުވަތަ އިދާރީ ދާއިރާގެ ނުވަތަ ސިޓީގެ މަސްލަހަތަށްވުރެ އެމީހެއްގެ އަމިއްލަ މަސްލަހަތު އިސްކޮށްގެންނުވާނެއެވެ.
126 ވަނަ މާއްދާ - މެންބަރުންގެ މަސްލަހަތު ފުށުއަރާ ހާލަތު
ކައުންސިލްގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެމެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއްއޮތް ކަމަކާމެދު ކައުންސިލްގައި މަށްވަރާކުރާނަމަ މިފަދަ މެންބަރަކު އެ ބައްދަލުވުމެއްގައި ބައިވެރިވެގެންނުވާނެއެވެ.
127 ވަނަ މާއްދާ - ކައުންސިލްތަކުގެ އިދާރާ ގާއިމްކުރުން
މި ގާނޫނުގެ ދަށުން އިންތިހާބުކޮށް އުފެއްދޭ ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލްގެ އިދާރީ ކަންކަން ކުރުމަށްޓަކައި ކޮންމެ ކައުންސިލެއްގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ގާއިމްކުރަންވާނެއެވެ.
128 ވަނަ މާއްދާ - ކައުންސިލްތަކުގެ އިދާރާ
މި ގާނޫނު ފާސްވުމުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގެ އަތޮޅު އޮފީހުގެ ނަމުގައި ހިންގަމުންއައި އޮފީސް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ހިނގަމުންދާނީ އަތޮޅު ކައުންސިލްގެ އިދާރާގެ ނަމުގައި، އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މި ގާނޫނު ފާސްވުމުގެ ކުރިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ރަށްރަށުގެ ރަށު އޮފީހުގެ ގޮތުގައި ހިނގަމުންއައި ރަށު އޮފީސްތައް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ހިނގަމުންދާނީ ރަށު ކައުންސިލްގެ އިދާރާގެ ގޮތުގައެވެ. އަދި މާލޭ މުނިސިޕަލްޓީ ހިނގަމުންދާނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ގޮތުގައި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
129 ވަނަ މާއްދާ - ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފު
ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލްގެ ޒިންމާދާރު ވެރިޔާ ސިވިލް ސަރވިސް ކޮމިށަނުން އައްޔަންކުރަންވާނެއެވެ. ކައުންސިލްގެ އެންމެހައި އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވާނީ އެމުވައްޒަފެކެވެ.
130 ވަނަ މާއްދާ - ކައުންސިލްގެ އިދާރީ މުވައްޒަފުން
(ހ) އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލާއި އަވަށު އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އުފައްދާ އިދާރާތަކުގެ މަގާމުތައް ކަނޑައަޅައި އެ މަގާމުތަކަށް މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ ކައުންސިލްތަކުގެ މަށްވަރާއާއެކު ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި މިފަދަ މުވައްޒަފުންގެ މައްޗަށް ހިނގާނީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި އެގާނޫނުގެ ދަށުން ސިވިލް ސަރވިސް ކޮމިށަނުން ހަދާ ގަވާއިދުތަކެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އަތޮޅު އޮފީސްތަކާއި، ރަށު އޮފީސްތަކާއި، އަވަށު އޮފީސްތަކާއި، މާލޭ މުނިސިޕަލްޓީގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުން، މި ގާނޫނުގެ ދަށުން އުފެދޭ ކައުންސިލްތައް އުފެދޭ ވަގުތުން ފެށިގެން އަންނަނިވި އިދާރާތަކުގެ މުވައްޒަފުންކަމުގައި ހަމަޖެހުނީއެވެ.
- މާލޭ މުނިސިޕަލްޓީއާއި މާލޭ އަވަށްތަކުގެ މުވައްޒަފުން މާލޭ ސިޓީ ކައުންސިލަށް.
- އަތޮޅު އޮފީސްތަކުގައި ތިބި މުވައްޒަފުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލަށް.
- ރަށު އޮފީސްތަކުގައި ތިބި މުވައްޒަފުން އެ ރަށެއްގެ ރަށު ކައުންސިލަށް.
131 ވަނަ މާއްދާ - ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް
ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލްގެ މުވައްޒަފުންނަށް މުސާރައާއި، އެލަވަންސާއި، ޕެންށަނާއި އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.
132 ވަނަ މާއްދާ - ކައުންސިލުން އިންވެސްޓްކުރުން
އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ކައުންސިލުން ބައިވެރިވެވޭނީ ކައުންސިލްގެ އަގުލަބިއްޔަތުން އެކަމެއް ފާސްކުރުމަށްފަހުގައެވެ.
133 ވަނަ މާއްދާ - ކައުންސިލްގެ ނަން އަދި އިދާރާގެ ނަން
(ހ) އަތޮޅު ކައުންސިލްގެ ނަން ބޭނުންކުރަންވާނީ "އަތޮޅު ކައުންސިލް" މި އިބާރާތުގެ ކުރިއަށް އިދާރީ ދާއިރާގެ ނަން އިތުރުކޮށްގެންނެވެ. މިސާލު: ތިލަދުންމަތީ އުތުރުބުރީ/ހއ. އަތޮޅު ކައުންސިލް
(ށ) ރަށު ކައުންސިލްގެ ނަން ބޭނުންކުރަންވާނީ "ކައުންސިލް" މި ލަފުޒުގެ ކުރިއަށް އަތޮޅާއި ރަށުގެ ނަން އިތުރުކޮށްގެންނެވެ. މިސާލު: ތިލަދުންމަތީ އުތުރުބުރީ/ހއ. އަތޮޅު ދިއްދޫ ކައުންސިލް
(ނ) ސިޓީ ކައުންސިލްގެ ނަން ބޭނުންކުރަންވާނީ "ސިޓީ ކައުންސިލް" މި އިބާރާތުގެ ކުރިއަށް ރަށުގެ ނުވަތަ ސަރަހައްދުގެ ނަން އިތުރުކޮށްގެންނެވެ. މިސާލު: މާލޭ ސިޓީ ކައުންސިލް
(ރ) ކައުންސިލްގެ އިދާރާގެ ނަން ކިޔަންވާނީ ކައުންސިލްގެ ނަމުގެ ފަހަތަށް "އިދާރާ" މިގޮތަށް އިތުރުކޮށްގެންނެވެ.
134 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުންނާ މުހާތަބުކުރާނޭގޮތް
މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާނަމަ ކައުންސިލްތަކުގެ މެންބަރުންނަށް މުހާތަބުކުރަންވާނީ "ކައުންސިލަރ" ނުވަތަ "ކައުންސިލަރުން" މިގޮތަށެވެ.
ތޭރަވަނަ ބާބު
އެހެނިހެން ކަންތައްތައް
135 ވަނަ މާއްދާ - ރަށްވެހީން އެހެން ރަށަކަށް ބަދަލުވުން
މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެއްގެ ނުވަތަ ރަށްތަކެއްގެ ރަށްވެހީން، ސަރުކާރުން ކަނޑައަޅާފައިވާ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، އެހެން ރަށަކަށް ބަދަލުކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށެއްގެ ރަށްވެހީން މިފަދަ ގޮތަކަށް އެހެން ރަށަކަށް ބަދަލުކުރެވޭނީ އެރަށެއްގެ ރައްޔިތުންގެ އަގުލަބިއްޔަތު އެގޮތަށް ބޭނުންވާނަމައެވެ.
136 ވަނަ މާއްދާ - ރަށްތަކެއް އިދާރީގޮތުން އެއްކޮށްލުން
(ހ) މި މާއްދާގެ (ށ) ގައި އިސްތިސްނާކުރެވިފައިވާ ހާލަތު ފިޔަވައި، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށްތަކެއްގެ ރަށްވެހީން، އެ ރަށްތަކަކީ އިދާރީގޮތުން އެއް ރަށެއް ކަމުގައި ކަނޑައަޅައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފިނަމަ އެ ރަށްތަކަކީ އިދާރީގޮތުން އެއްރަށެއްކަމަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މީހުން ދިރިއުޅޭ ރަށްތަކެއް މިފަދަ ގޮތަކަށް އިދާރީގޮތުން އެއް ރަށަކަށް ބަދަލުކުރެވޭނީ އެރަށްތަކުގެ ރައްޔިތުންގެ އަގުލަބިއްޔަތު އެގޮތަށް ބޭނުންވާނަމައެވެ.
(ށ) (އުނި ކުރެވިފައި)
137 ވަނަ މާއްދާ - މީހުން އުޅޭ ރަށެއްގެ ގޮތުގައި ކަނޑައެޅުން އަދި އުވާލުން
(ހ) އިދާރީ ދާއިރާއެއްގެ ފަޅުރަށަކީ ނުވަތަ އެހެންވެސް ރަށަކާ ގުޅިގެން ނުވަތަ ރަށަކާ ނުގުޅި ނަމަވެސް އަލަށް ހިއްކާ ބިމަކީ ނުވަތަ ސަރުކާރުން މީހުން އާބާދުކުރަން ކަނޑައަޅާ ވަކި ހާއްސަ ސަރަހައްދަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައި އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އިއުލާންކުރެވިފައިވާ އެއްވެސް ރަށެއްގައި ދިރިއުޅެމުންގެންދާ މީހުންގެ އަދަދު ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އަދަދަކަށްވުރެ މަދުވެއްޖެނަމަ އެރަށަކީ މީހުން ދިރިއުޅޭ ރަށެއްނޫންކަމަށް ކަނޑައަޅައި އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(ށ) މީހުން ދިރިއުޅެމުން އައި ރަށެއް ނުވަތަ ދިރިއުޅުނު ރަށެއް ފަޅުރަށެއް ކަމުގައި އިއުލާންކުރުމުގެ ކުރިން އެރަށުގެ ރަށްވެހިން އެހެން ރަށެއްގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިންމަންވާނެއެވެ.
138 ވަނަ މާއްދާ - އަލުން އެކުލަވާލެވޭ ރަށް އެއް ކައުންސިލަކުން ހިންގުން
މި ގާނޫނުގެ 136 ވަނަ މާއްދާގައިވާ ގޮތުގެމަތިން މީހުން ދިރިއުޅޭ ރަށްތަކެއް އިދާރީގޮތުން އެއް ރަށެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ އެގޮތުން އަލުން އެކުލަވާލެވޭ ރަށް ނުވަތަ ސަރަހައްދު ހިންގުމަށްޓަކައި އިންތިހާބުކުރާނީ އެއް ކައުންސިލެވެ.
139 ވަނަ މާއްދާ - މި ގާނޫނު ފާސްވުމުގެ ކުރިން ހުރި ރައްޔިތުންގެ ވިޔަފާރިއާއި މުދަލާއި ފައިސާ
މި ގާނޫނަށް އަމަލުކުރުމުގެ ކުރިން ހިނގަމުންއައި ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކާއި އަދި މިނޫނަސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުގައި، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހާ ހަމައަށް ހުރި ރައްޔިތުންގެ ތަންތަނާއި ތަކެއްޗާއި ރައްޔިތުންގެ އެކައުންޓުތަކުގައި ހުރި ފައިސާއާއި ފިހާރައާއި ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ ވިޔަފާރިއާއި ރައްޔިތުން ހިންގަމުން އައި މަދަރުސާތަކާއި މަކްތަބުތަކާއި ކްލާސްތަކާއި އިޖްތިމާއީ މަރުކަޒުތަކާއި އިންޖީނުގެތަކާއި އެހެނިހެން ވަސީލަތްތައް، މި ގާނޫނުގެ ދަށުން އުފައްދާ އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އުފެދުމާއެކު، ރަށު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވީއެވެ. މި ގޮތުން އަތޮޅު ރައްޔިތުންނަށް ނިސްބަތްވާ ތަކެތި ބަދަލުވާނީ އަތޮޅު ކައުންސިލްގެ ދަށަށެވެ. ރަށު ރައްޔިތުންގެ ނަމުގައި ހުރި ތަކެތި ބަދަލުވާނީ ރަށު ކައުންސިލްގެ ދަށަށެވެ.
140 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލީ މެންބަރުންގެ އަދަދު މަދުވުން
މި ގާނޫނުގެ ދަށުން އިންތިހާބުކުރަންޖެހޭ އެއްވެސް ކައުންސިލެއްގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ ކެންޑިޑޭޓުންކަމަށްވެފައި، އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިހާބުކުރަންޖެހޭ މެންބަރުންގެ އަދަދާއެއްވަރުނަމަ ނުވަތަ އެއަށްވުރެ މަދުނަމަ، އެ އިންތިހާބުގައި ވޯޓުލުމެއްނެތި އެ ކެންޑިޑޭޓުން އެ މަގާމުތަކަށް އިންތިހާބުވީކަމަށް ބެލެވޭނެއެވެ.
141 ވަނަ މާއްދާ – ތަފާތުނުކުރުން
ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ގާނޫނަށް އަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރަށްވެއްސަކު އެމީހަކު އުފަންވެފައިވާ ރަށަކަށް ނުވަތަ ރަށްވެހިވެފައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ މިނޫންވެސްކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެންނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓަރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރިނަމަ އިތުރު އެއްވެސް ށަރުތެއް ނެތި އެ ރަށެއްގެ ރަށްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން.
(ށ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް އިއުލާންކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއްނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން.
142 ވަނަ މާއްދާ - ކުއްލިނުރައްކަލުގެ ހާލަތު
އެއްވެސް އިދާރީ ދާއިރާއެއްގައި ނުވަތަ ރަށެއްގައި ކާރިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ތަދުމަޑުކަމެއް ނުވަތަ ބަލިމަޑުކަމެއް މެދުވެރިވެއްޖެނަމަ އެކަމާގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަމެއް ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ނުވަތަ ވަގުތީ ލުއި ހޯދައި ދިނުމުގެ މަސައްކަތް ރާވައި ހިންގުމަށް ނުވަތަ ކުރިން އޮތް ހާލަތަށް އެތަނެއް ރުޖޫއުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނެފަރާތެއް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
143 ވަނަ މާއްދާ - ކައުންސިލްގެ އަމުރާ ހިލާފުވުން
ކައުންސިލަށް ދެވިފައިވާ ބާރަކާގުޅިގެން، ކައުންސިލުންކުރާ އަމުރަކަށް ނުކިޔަމަންތެރިވާ ފަރާތަކަށް އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔާ އާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.
144 ވަނަ މާއްދާ - ކައުންސިލްގެ ވަސީލަތްތަކުގެ ތަފާސްހިސާބު ބެލެހެއްޓުން
ކައުންސިލްތަކުން އެކައުންސިލެއްގެ ސަރަހައްދުގައި ހުރި އިންސާނީ އަދި ގުދުރަތީ އަދި އުމްރާނީ، ވަސީލަތްތަކާއި އުޅަނދުފަހަރާއި އެކިއެކި ވިޔަފާރިތަކުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުން ކަނޑައަޅާ މިންގަނޑުތަކަކާއި އެއްގޮތަށް ހޯދައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުށާދާއި ދައްކާ ނަމޫނާތަކާއެއްގޮތަށް ބަލަހައްޓަންވާނެއެވެ. މިކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ކައުންސިލްތަކަށް ދޫކުރަންވާނެއެވެ.
145 ވަނަ މާއްދާ - އެގްރީމެންޓްތަކަށް ބަދަލުގެނައުން
7 އޯގަސްޓް 2008 ން ފެށިގެން މި ގާނޫނުގެ ދަށުން އުފައްދާ ކައުންސިލްތައް އުފެއްދުމާދެމެދު ހިނގާ މުއްދަތުގެ ތެރޭގައި މި ގާނޫނުގެ ދަށުން ވަކި ކައުންސިލެއްގެ އިހްތިސާސްގެ ތެރޭގައި ހިމަނާފައިވާ ދާއިރާއެއްގެ ތެރޭގައިވާ މުދަލެއް ނުވަތަ މާލިއްޔަތަކާގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ކުރެވިފައިވާނަމަ، އެ އެއްބަސްވުމެއް ދެމި އޮންނާނީ މި ގާނޫނުގެ ދަށުން އެމުދަލެއް ނުވަތަ މާލިއްޔަތެއް ނިސްބަތްވާ ކައުންސިލަކުން އެއީ ސައްހަ އެއްބަސްވުމެއްކަމަށް ގަބޫލުކުރާނަމައެވެ. އެފަދަ އެއްބަސްވުމެއް ބަލައިގަތުމަށް ކައުންސިލުން އެއްބަސްނުވާނަމަ އެ އެއްބަސްވުމެއް އެދުވަހަކުން ފެށިގެން ބާތިލުވާނެއެވެ.
146 ވަނަ މާއްދާ - އާންމު ތަންތަނަށް ދީފައިވާ ނަން ބަދަލުކުރުން
އާންމު ތަންތަނަށް ދީފައިވާ ނަމެއް ބަދަލުކުރެވޭނީ ކައުންސިލްގެ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ލިބިގެންނެވެ. އަދި ތާރީހީގޮތުން މުހިންމު ތަނަކަށް ނަންދިނުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މަށްވަރާ ހޯދަންވާނެއެވެ.
147 ވަނަ މާއްދާ - އާންމު ތަންތަން ދާއިމީކޮށް ބަންދުކުރުން
ރަށްރަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ދާއިމީ ގޮތުގައި ބަންދުކުރަންވާނީ އެކަށީގެންވާ ސަބަބަކާލައިގެން، ކައުންސިލްގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ލިބިގެންނެވެ.
148 ވަނަ މާއްދާ - ބިން ބޭނުންކުރާ ގޮތުގެ ޕްލޭން ތައްޔާރުކުރުން
ރަށު ކައުންސިލްގެ މަށްވަރާގެ މަތިން ކޮންމެ ރަށެއްގައި އެރަށެއްގެ ބިން ބޭނުންކުރުމާބެހޭގޮތުން ބިމާބެހޭ ވުޒާރާއިން ޕްލޭނެއް ތައްޔާރުކުރަންވާނެއެވެ. މި ޕްލޭންގައި ރަށުގައި މީހުން އުޅޭ ސަރަހައްދާއި، ސަރުކާރުގެ މަށްރޫއުތައް ހިންގުމަށް ބޭނުންވާ ބިންތަކާއި ރަށުގެ ރައްޔިތުންގެ ބޭނުމަށް ކަނޑައެޅޭ ބިންތައް ފާހަގަކުރެވިފައި ހުންނަންވާނެއެވެ.
149 ވަނަ މާއްދާ - މި ގާނޫނުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތް
މި ގާނޫނުގައި ނުހިމެނޭކަމަކާބެހޭ ގޮތުން ނުވަތަ ދެ ކައުންސިލެއްގެ ދެމެދުގައި ހިލާފެއް އުފެދިއްޖެނަމަ ގާނޫނުއަސާސީއާއި މި ގާނޫނާއި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާނޭ ގޮތުގެމަތިން އެކަމުގައި ގޮތެއް ނިންމުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ. މިފަދަ ކަންކަމުގައި ސުލްހަވެރިކަމާއެކު ހައްލެއް ހޯދުމަށް ވީހާއަވަހަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފިޔަވަޅު އަޅަންވާނެއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާގޮތާމެދު ހިތްހަމަނުޖެހޭ ފަރާތަކުން އެކަމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.
150 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފެށުން
(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި ގާނޫނުގެ ދަށުން އުފައްދަންޖެހޭ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 150 (ސަތޭކަ ފަންސާސް) ދުވަހުގެ ތެރޭގައި މި ގާނޫނުގައިވާ ގޮތުގެމަތިން އިންތިހާބުކޮށް ނިންމަންވާނެއެވެ.
ސާދަވަނަ ބާބު
ގަވާއިދު ހެދުން
151 ވަނަ މާއްދާ - ގަވާއިދު ހެދުން
ކައުންސިލްތަކުގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު ގަވާއިދު ހެދުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. މީގެއިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު އަންނަނިވި ގަވާއިދުތައް ހެދުމުގެ ބާރު ސިޓީ ކައުންސިލަށާއި އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ލިބިގެންވެއެވެ.
(ހ) ރަށުގައި ޖަނަވާރު އަދި ދޫނި ސޫފާ ސޫފި ގެންގުޅުމާބެހޭ ގަވާއިދު.
(ށ) ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު.
(ނ) ރަށުގެ އާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ބޭއްވުމާބެހޭ ގަވާއިދު.
(ރ) ލައުޑްސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދު.
(ބ) މަގުމަތީގައި އިއުލާނާއި އިށްތިހާރު ހަރުކުރުމާބެހޭ ގަވާއިދު.
(ޅ) ތިމާވެށި ހިމާޔަތްކުރުމާބެހޭ ގަވާއިދު.
(ކ) އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާބެހޭ ގަވާއިދާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާބެހޭ ގަވާއިދު.
(އ) ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު.
(ވ) މަގުމަތީގައި ގާޑިއާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާބެހޭ ގަވާއިދު.
(މ) ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ގަވާއިދު.
(ފ) ގޯތި ގެދޮރާއި ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު.
(ދ) އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު.
(ތ) ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު.
(ލ) މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު.
(ގ) ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު.
(ޏ) އޮޑި ހަރުގެއާ ބެހޭ ގަވާއިދު.
(ސ) ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާބެހޭ ގަވާއިދު.
(ޑ) މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު.
(ޒ) މަގު ފާރު އަދި އިންފާރު ތަޅާލުމާބެހޭ ގަވާއިދު.
(ޓ) ގޯތި ގެދޮރުގައި އިމާރާތްކުރަން ހުއްދަ ދިނުމާބެހޭ ގަވާއިދު.
(ޔ) ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ގަވާއިދު.
(ޕ) އާންމު އުނދަގުލާބެހޭ ގަވާއިދު.
(ޖ) ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ގަވާއިދު.
(ޗ) ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ އާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާބެހޭ ގަވާއިދު.
(ހހ) ރަށްރަށުގެ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު.
152 ވަނަ މާއްދާ - ކައުންސިލްތަކުން އިތުރު ގަވާއިދު ހެދުން
މި ގާނޫނުގެ 151 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގަވާއިދުތަކާއި މިނޫނަސް ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ދާއިރާގެ ތެރޭގައި ހަދަންޖެހޭ ގަވާއިދުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު ކައުންސިލްތަކުން ހަދައި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.
153 ވަނަ މާއްދާ - އިސްލާހު ގެންނަންޖެހޭ ގާނޫނު
ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން މި ގާނޫނާއި މި ގާނޫނުގެ މަގްސަދުތަކާއި ތައާރުޒުވާ ގާނޫނުތައް ފާހަގަކޮށް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެފަދަ ގާނޫނުތަކަށް އިސްލާހުގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
154 ވަނަ މާއްދާ – ޖަދުވަލު
މި ގާނޫނުގެ ޖަދުވަލު 1 އާއި ޖަދުވަލު 2 އަކީ މި ގާނޫނުގެ ބައެކެވެ.
155 ވަނަ މާއްދާ – މާނަ
މި ގާނޫނުގައި އެ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު:
(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލަށް ނިސްބަތްކޮށެވެ.
(ށ) "މީހުން ދިރިއުޅޭ ރަށް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިއުލާންކޮށް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ނުވަތަ އޭގެފަހުންވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ރަށްރަށާއި އިދާރީ ގޮތުން ހިންގުން ވަކިކުރެވިފައިވާ އަވަށްތަކަށާއި ސަރަހައްދުތަކަށެވެ.
(ނ) "ރައްޔިތުންގެ ބައިވެރިވުމާއެކު" ނުވަތަ "ރައްޔިތުންގެ މަށްވަރާއާއެކު" ކަމަށް ބުނެފައި އެވަނީ، އާންމުކޮށް ދައުވަތު ދިނުމުން އެރަށެއްގެ ރައްޔިތުންގެ ތެރެއިން ހާޒިރުވި ބައެއްގެ ހިޔާލާއި މަށްވަރާ ހޯދުމަށެވެ.
(ރ) "ރައްޔިތުންގެ މާލިއްޔަތު" ކަމަށް ބުނެފައި އެވަނީ، ރަށުގެ ނުވަތަ އަތޮޅުގެ ރައްޔިތުންގެ ނަމުގައި ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުންނާއި އެކިއެކި ޖަމާއަތްތަކުން ލިބޭ އެހީއާއި، ލޯނާއި، މި ނޫނަސް އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ރައްޔިތުންގެ ނަމުގައި ޖަމާކުރެވޭ ހުރިހާ ފައިސާއަކާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ބިންބިމާއި ތަކެއްޗަށެވެ.
(ބ) "ރަށުގެ މަގެއް" ކަމަށް ބުނެފައި އެވަނީ، ރަށެއްގައި ރަށު ކައުންސިލްގެ ސަރަހައްދުގައި ހިމެނޭ އެ ކައުންސިލަކާ ހަވާލުކުރެވިފައިވާ މަގުތަކަށެވެ.
(ޅ) "ރަށެއްގެ ރައްޔިތުން" ކަމަށް ބުނެފައި އެވަނީ، ކައުންސިލްގެ ސަރަހައްދުގައި ރަޖިސްޓަރީވެ އެރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ރަށްވެއްސަކަށް ވެފައިވާ މީހުންނަށެވެ.
(ކ) "ކައުންސިލްގެ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ކައުންސިލްގެ އޮޑިޓްކޮށް ސަރޓިފައިކޮށްފައިވާ އަހަރީ އާމްދަނީއަށެވެ.
(އ) "ރަށުގެ ބިމާއި ފަޅާއި ފަރުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން ރަށު ކައުންސިލަކާއި ހަވާލުކޮށްފައިވާ މީހުން އުޅޭ ރަށެއްގެ ބިމާއި ފަރާއި ފަޅުގެ ސަރަހައްދުތަކަށެވެ.
(ވ) "ގައުމީ އިދާރާ" ނުވަތަ "ގައުމީ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކާއި މިތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި ގާނޫނުއަސާސީގެ ދަށުން އުފައްދައި ހިންގަމުންދާ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތަކަށެވެ.
(މ) "އިދާރީ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށެވެ.
(ފ) "ސަރުކާރުގެ ނުވަތަ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ އުސޫލުތަކާއި ސިޔާސަތު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ބޭނުމަށްޓަކައި ދައުލަތް ހިންގުމުގެ ކަންކަމާގުޅޭ ގޮތުން ސަރުކާރުން އާންމުކޮށް އަންގައި، އިއުލާންކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ އުސޫލުތަކަށާއި ސިޔާސަތުތަކަށެވެ.
(ދ) "ރަށު ކައުންސިލްގެ އިދާރާ" ކަމުގައި ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ރަށު އޮފީސްކަމުގައި ބަލަމުން އަންނަ ތަންތަނަށާއި، އިދާރީ ހިންގުން ވަކިން ހުރި ސެކްށަންތަކަށެވެ.
(ތ) "އަތޮޅު ކައުންސިލްގެ އިދާރާ" ކަމުގައި ބުނެފައި އެވަނީ، 7 އޮގަސްޓް 2008 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުނުއިރު، އަތޮޅު އޮފީސްތައް ކަމުގައި ބަލަމުންއައި ތަންތަނަށެވެ.
--------------------
ޖަދުވަލު 1
ކައުންސިލްގެ މެންބަރުންގެ ހުވައި
"އަހުރެން........... (މީހާގެ ނަން) ............ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތަކަށް ރައްކައުތެރިވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން ..........(ކައުންސިލްގެ ނަން) ........ ގެ މެންބަރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."
--------------------
ޖަދުވަލު 2
ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑު ނުވަތަ ށަރުތު
މި ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑު ނުވަތަ ށަރުތުތައް ތިރީގައިއެވަނީއެވެ.
- ރަށުގެ ނުވަތަ އަވަށުގެ ނުވަތަ ސަރަހައްދުގެ އާބާދީ 10،000 (ދިހަހާސް) މީހުންނަށްވުރެ ދަށްނުވުން. (އިސްލާހު ކުރެވިފައި)
- ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ ހިދުމަތްތަކެއް އެރަށަކުން ނުވަތަ އެއަވަށަކުން ނުވަތަ އެސަރަހައްދަކުން ލިބެން ހުރުން.
- ރަށުގެ ނުވަތަ އަވަށުގެ ނުވަތަ ސަރަހައްދުގެ އުފެއްދުންތެރިކަމުގެ ޖުމްލަ ނިސްބަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅައި އާންމުކޮށް ށާއިއުކޮށްފައިވާ މިންވަރަށްވުރެ އިތުރުވުން.
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު