އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 6 ވަނަ އިސްލާހު ކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2015-40)
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަތޮޅު ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރާއިރު، 2 (ދޭއް) އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ، ކޮންމެ ކޮންމެ އިންތިހާބީ ދާއިރާއަކުން 1 (އެކެއް) މެންބަރެވެ. އަދި (2) އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން، އެ އިދާރި ދާއިރާއެއްގެ އަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ، މުޅި އަތޮޅުން އިންތިހާބުކުރެވޭ 3 (ތިނެއް) މެންބަރުންނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާއަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ހިނގަމުންދާ ކައުންސިލްގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ކުރިން އިންތިހާބުކުރެވޭ އައު ކައުންސިލްގެ އުމުރު ގުނަން ފަށާނީ ހިނގަމުންދާ ކައުންސިލްގެ އުމުރު ހަމަވާ ތާރީހުން ފެށިގެންނެވެ.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އަކީ 25 ވަނަ މާއްދާ ކަމަށް ހަމަޖައްސައި، އަންނަނިވި ގޮތަށް އިސްލާހުކުރުން.
ރަށު ކައުންސިލް އެކުލެވިގެންވާ ގޮތް 25.
ގާނޫނުއަސާސީގައިވާ އިދާރީ ދާއިރާތަކުގެ ރަށްރަށުގެ ރަށު ކައުންސިލް އެކުލެވިގެންވާނީ އެ ރަށަކުން އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ. 3،000 (ތިންހާސް) މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 3 (ތިނެއް) މެންބަރުންނެވެ. 3،000 (ތިންހާސް) އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 5 (ފަހެއް) މެންބަރުންނެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) އުނިކުރުން.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން ޏ.ފުވައްމުލަކަކީ އެއްފަސް އޮތް 8 އަވަށެއްގެ މައްޗަށް އެކުލެވޭ އިދާރީ ދާއިރާއަކަށްވެފައި، ކޮންމެ އަވަށަކީ އިދާރީ ގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވޭ ރަށްތަކަކަށްވުމާއެކު، ރައްޔިތުން މަޖިލީހުގެ އިންތިހާބީ ދާއުރާތައް ފުވައްމުލަކުގައި ކަނޑައެޅުމުގައިވެސް، ކޮންމެ އަވަށަކީ ވަކި ރަށެއްގެ ގޮތުގައި ބަލާއިފާވުމާއެކު، މި މާއްދާގެ ބޭނުމައްޓަކައި މިއިން ކޮންމެ އަވަށެއްގައި 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލަވާލެވޭ ރަށު ކައުންސިލެއް އޮންނަންވާނެއެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާ އިސްލާހުކޮށް، އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާއަށް އަކުރެއް އިތުކުރުން.
ރަށު ކައުންސިލްގެ އުމުރު 29.
(ހ) ރަށު ކައުންސިލްގެ އުމުރަކީ 3 (ތިނެއް) އހަރު ދުވަހެވެ. ކައުންސިލްގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން އައު ކައުންސިލެއް އިންތިހާބު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ދައި ބަޔާންކުރާ ގޮތުގެ މަތިން ހިނގަމުންދާ ކައުންސިލްގެ އުމުރު ހަމަވާ ތަރީހުން ފެށިގެނެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގގެ 46 ވަނަ މާއްދާ އިސްލާހުކޮށް، އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ، މާއްދާއަށް އަކުރެއް އިތުރުކުރުން.
ސިޓީ ކައުންސިލްގެ އުމުރު 46.
(ހ) ސިޓީ ކައުންސިލްގެ އުމުރަކީ 3 (ތިނެއް) އަހަރު ދުވަހެވެ. ކައުންސިލްގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ދިވަސް ކުރިން އައު ކައުންސިލެއް އިންތިހާބު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ހިނގަމުންދާ ކައުންސިލްގެ އުމުރު ހަމަވާ ތާރީހުން ފެށިގެނެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޖަދުވަލު 2 ގެ 1 ނަންބަރު އަންނަނިވި ގޮތަށް އިސްލީހުކުރުން.
- ރަށުގެ ނުވަތަ އަވަށުގެ ނުވަތަ ސަރަހައްދުގެ އާބާދީ 10،000 (ދިހަހާސް) މީހުންނަށްވުރެ ދަށްނުވުން.
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.
9 ވަނަ މާއްދާ - ހިނަގަމުންދާ ކައުންސިލްތަކުގެ އުމުރު ހަމަވުމަށްފަހު އެކުލަވާލާ އައު ކައުންސިލްތައް އެކުލަވާލާނީ މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިންނެވެ.
10 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު