-

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2024-04)

(މި ގާނޫނަށް އަމަލުކުރަން ފެށީ 26 މާރިޗު 2024 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 51 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ކ) އަންނަނިވިގޮތަށް އިސްލާހުކުރުން.

(ށ) މި ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ސިޓީ އެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށަކުން ނުވަތަ ރަށްތަކުން، އެ ރަށެއް ނުވަތަ އެ ރަށްތައް ތަމްސީލުކުރާ ކައުންސިލް ގެ ދައުރު ހަމަވުމަށް 1 (އެކެއް) އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ، އެ ކައުންސިލެއްގެ ދައުރު ހަމަވުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން މި ގާނޫނުގައި ބަޔާންކުރާ އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށް ނިންމަންވާނެއެވެ. އަދި، އެ ރަށަކަށް ނުވަތަ ރަށްތަކަކަށް ސިޓީ އެއްގެ ދަރަޖަ ލިބިގެންދާނީ އެ ސަރަހައްދު ސިޓީ އަކަށް ބަދަލުވީކަމަށް ކަނޑައެޅުމަށްފަހު، އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިހާބަށް ފަހުގައެވެ.

(ނ) މި ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ސިޓީ އެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށަކުން ނުވަތަ ރަށްތަކުން، އެ ރަށެއް ނުވަތަ އެ ރަށްތައް ތަމްސީލުކުރާ ކައުންސިލް ގެ ދައުރު ހަމަވުމަށް 1 (އެކެއް) އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ، މި މާއްދާގައިވާ ގޮތުގެމަތިން އެ ރަށަކީ  ސިޓީ އެއް ކަމުގައި ކަނޑައަޅައި، އެ ރަށް ސިޓީ އަކަށް ބަދަލުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި ރަށެއް ސިޓީ އަކަށް ބަދަލުވެއްޖެނަމަ، އެ ރަށް ސިޓީ އަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިހާބުކޮށްފައި އޮތް ރަށު ކައުންސިލް އެ ރަށުގެ ސިޓީ  ކައުންސިލަށް ބަދަލުވާނެއެވެ. އަދި އެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އެ ސިޓީ ގެ މޭޔަރަށާއި ޑެޕިއުޓ މޭޔަރަށާއި، ރަށު ކައުންސިލް ގެ މެންބަރުން ސިޓީ ކައުންސިލްގެ މެންބަރުންނަށް ބަދަލުވާނެއެވެ. މިގޮތަށް ބަދަލުވާ ސިޓީ ކައުންސިލް ދެމިއޮންނާނީ އެގޮތުން ބަދަލުވި ރަށު ކައުންސިލް ގެ ދައުރު ހަމަވަންދެނެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރާ ހާލަތުގައި، ސިޓީ އަކަށް ބަދަލުވެފައިވާ ރަށެއް، އެ ރަށް ސިޓީ އަކަށް ބަދަލުވުމާއެކު، ސިޓީ  ކައުންސިލަކަށް މި ގާނޫނުގެ ދަށުން ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް، އެ ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ބަދަލުވުމާއެކު ސިޓީ ކައުންސިލަކަށް ދޭންޖެހޭ ބަޖެޓާއި، ސިޓީ ކައުންސިލް ގެ މޭޔަރަށާއި މެންބަރުންނަށް ލިބިދޭންޖެހޭ މާލީ އިނާޔަތްތައް ލިބިދޭންވާނެއެވެ. އަދި ސިޓީ އަކުން ލިބިދޭންޖެހޭ ކަމަށް މި ގާނޫނުގައި ބަޔާންކުރާ އެންމެހައި ހިދުމަތްތައް އެ ސިޓީ އަކުން ފޯރުކޮށްދޭންވާނެއެވެ.

(ކ) ސިޓީ އެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީއެވެ. އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއ،ި ދެމުން ގެންދިޔަ ހިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުންނެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީ ގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު