-

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 14 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-01)

(މި ގާނޫނަށް އަމަލުކުރަން ފެށީ 10 ފެބުރުއަރީ 2025 ގައި)

 

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.


1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކައުންސިލްތަކުން ގައުމީ އިދާރާތަކާ ހަވާލުކުރަންޖެހޭ ތަންތަނާއި މުދާ ހަވާލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތަކާއި، އެފަދައިން ހަވާލުކުރެވޭ ތަންތަނުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް އެކަށީގެންވާ ބަދަލު ނަގައިދިނުމުގައި އަމަލުކުރާނެ އުސޫލެއް. މި ގާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެ އުސޫލު އެކުލަވާލަންވާނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާގެ ލަފާގެމަތިންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6-56 ވަނަ މާއްދާގެ (ކ) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6-56 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(މ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެމަތިން ނޭށަނަލް ޕޭ ކޮމިށަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެއެވެ. އަދި މި މާއްދާގެ (ފ) ގައިވާ ގޮތުގެމަތިން ކޮންމެ އަހަރަކު، ރަމަޒާން މަހުގެ އިނާޔަތް ދޭންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6-56 ވަނަ މާއްދާގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ފ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޒާން މަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް، ރަމަޒާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޒާން މަސް ފެށުމުގެ ކުރިން 3,000 (ތިންހާސް) ރުފިޔާ ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7-56 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް 7-56.

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ކަންކަމުގައާއި، ކައުންސިލުން ފޯރުކޮށްދޭ ރަށްވެހިކަމުގެ ހިދުމަތްތައް ތަރައްގީކޮށް ހަރުދަނާކުރުމާ ބެހޭގޮތުން ކައުންސިލަށް ލަފާދިނުން؛
  2. ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން؛
  3. ފަންނުތަކުގައާއި ހިންގުމުގެ ދާއިރާގައާއި ވިޔަފާރީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކުގެ ލަފާ ކައުންސިލަށް ދިނުމާއި، ކަމާގުޅޭގޮތުން ރަށުގައި ނުވަތަ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން؛
  4. ދީނީ އަދި އިޖްތިމާއީ ކަންކަމުގައި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ދެނެގަނ،ެ އެ އެހީތެރިކަން ހަރުދަނާ ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކުގެ ލަފާ ކައުންސިލަށް ދިނުން؛
  5. ގެވެށި އަނިޔާއާއި މަސައްކަތުގެ މާހައުލުގައި ފުރައްސާރައިގެ އަމަލުތައް ހިނގުން ހުއްޓުވުމަށްޓަކައި، ރަށުގައި ނުވަތަ ސިޓީގައި ގާއިމުކުރެވޭނެ ނުވަތަ ހަރުދަނާކުރެވޭނެ ވަސީލަތްތަކާއި އިންތިޒާމުތަކާ ގުޅޭގޮތުން ކައުންސިލަށް ލަފާދިނުން؛
  6. ބަލިތަކުންނާއި ސިއްހަތަށް ލިބޭ ގެއްލުންތަކުން ދުރުވުމަށާއި ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތާއި ފަރުވާއާގުޅޭ ކަންކަން ހިމެނޭގޮތުން، އަންހެނުންނާއި ކުޑަކުދިންގެ ސިއްހަތާގުޅޭ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ދެނެގަނެ އެކަމުގެ ލަފާ ކައުންސިލަށް ދިނުން؛
  7. އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ރަށް ނުވަތަ ސިޓީގެ ފެންވަރުގައި އެނޫންވެސް ޕްރޮގްރާމްތައް ހިންގުމާއި ހޭލުންތެރިކަން އިތުރުކުރުމާއި، ކަމާގުޅޭގޮތުން ކައުންސިލަށް ލަފާދިނުން. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ރަށް ނުވަތަ ސިޓީގެ ރަށްވެހިންނާއި އެތަނުގައި ދިރިއުޅޭ ފަރާތްތަކާއި އެނޫންވެސް ކަމާގުޅޭ ފަރާތްތަކާ މަށްވަރާކުރުމާއި، ބައްދަލުވުންތައް ބޭއްވުމާއި، މައުލޫމާތު ހޯދުމާއި، ރައްޔިތުން ކަންކަމުގައި ދެކޭގޮތުގެ ސަރވޭތައް ކުރުމާއި، ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކަށް ފައިސާ ހޯދުމުގެ ހަރަކާތްތައް ހިންގުމުގެ ބާރ،ު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބިގެންވެއެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކުގެ ދާއިރާގެ ތެރޭގައި، މަދަނީ ޖަމްއިއްޔާތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ބަދަހިކުރުމާއި، އެފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގުމުގެ ބާރ،ު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބިގެންވެއެވެ. 

(ރ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ކަމުގައި މި މާއްދާއާއި މި ގާނޫނުގެ އެހެން މާއްދާތަކުގައި ކަނޑައަޅާފައިވާ ަންކަން ކުރުމަށްޓަކައި މި މާއްދާއިން ކޮމިޓީއަށް ލިބިދޭ ބާރުތައް ބޭނުންކުރަންވާނީ، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8-56 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ހިންގުން  8-56.

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮންމެ ކޮމިޓީއެއްގައިވެސް ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ގަވާއިދުން ކުރަންޖެހޭ ކަންކަން އިންތިޒާމު ކުރުމަށާއި، ކޮމިޓީގެ މަސައްކަތްތައް ހަރުދަނާގޮތެއްގައި ހިންގުމަށްޓަކައި، ހިންގާ ގަވާއިދެއް އޮންނަންވާނެއެވެ. އަދި ކޮމިޓީގެ އެންމެހައި މަސައްކަތްތަކާއި ކޮމިޓީން ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގަންވާނީ، ކޮމިޓީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދު ހަދާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ކޮމިޓީންނެވެ.

(ނ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިންގާ ގަވާއިދުގައި، މަދުވެގެން އަންނަނިވި ކަންކަން ނުވަތަ އެކަންކަމާބެހޭ އުސޫލުތައް ކަނޑައަޅަންވާނެއެވެ.

  1. ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި، ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާގުޅޭ އުސޫލު؛
  2. ކޮމިޓީގެ ބައްދަލުވުންތަކުގައި ވޯޓުދޭނެ ގޮތާއި، އެ ބައްދަލުވުންތަކުގައި ކަންކަން ނިންމާނެ ގޮތް؛
  3. ކޮމިޓީގެ މަސައްކަތެއްގައި ނުވަތަ ނިންމަންޖެހޭ ނިންމުމެއްގައި ނުވަތަ އެނޫންވެސް ކަމެއްގައި ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް މެދުވެރިވެއްޖެނަމަ އެކަމުން ތަނާޒުލުވުމުގައި އަމަލުކުރާނެ ގޮތް؛
  4. ކޮމިޓީން ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް ؛
  5. ކޮމިޓީން ކައުންސިލަށް ލަފާދޭންޖެހޭ ކަންކަމުގައާއި، މި ގާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތް؛
  6. ފައިސާއާއި މުދަލާގުޅޭ ކަންކަން ބެލެހެއްޓުމުގައި އަމަލުކުރާނެ އުސޫލ.ު

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8-56 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ތިން މާއްދާ އިތުރުކުރުން.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވަސީލަތްތަކާއި އެހީ ފޯރުކޮށްދިނުމާއި އެއްބާރުލުން ދިނުން 9-56.

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި، ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމުތައް. ކައުންސިލުން ހަމަޖައްސައިދޭންވާނެއެވެ. އަދި މި ގާނޫނުގެ 7-56 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ ލަފާ ކައުންސިލަށް ދޭންޖެހޭނެ ކަމަށް ބަޔާންކުރާ ކަންކަމުގައި، އެ ކޮމިޓީގެ ލަފާ ކައުންސިލުން ހޯދަންވާނެއެވެ. އަދި އެކަންކަމުގައި ކޮމިޓީގެ ލަފާ ހޯދުމަށްޓަކައި އަދި ކޮމިޓީގެ މަސައްކަތުގައި ކޮމިޓީއަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށްޓަކައި ކައުންސިލާއި ކޮމިޓީއާ ދެމެދު ގަވާއިދުން ބައްދަލުވުންތައް ބާއްވައި، އިންތިޒާމުތައް ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން 
%5 (ފަހެއް އިންސައްތަ) ހާއްސަކުރެވޭނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށެވެ. 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހިލޭ އެހީގެ ފައިސާގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދޭންޖެހޭ ފައިސާ، މި ގާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ކޮމިޓީއަށް ދޫކުރަންވާނެއެވެ. އެ ފައިސާ ދޫކުރުމުގެ ކަންކަން ހަމަޖައްސަންވާނީ، އަންނަނިވި އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

  1. ކޮމިޓީން އެ އަހަރުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ދެ ކުއަރޓަރގައި ކުރުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާނެ ފައިސާ، ކައުންސިލަށް އެ ފައިސާ ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރުން؛
  2. ދެން ހުރި ފައިސާ، ދެން ހުރި ކުއަރޓަރތަކުގެ ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް، މި ގާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓްއޮތޯރިޓީން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރުން.

(ރ) މި މާއްދާގައި ބަޔާންކުރާ ހިލޭ އެހީގެ ފައިސާ، މި މާއްދާގެ (ނ) ގައިވާގޮތުގެމަތިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ހަވާލުކުރުމަކީ، ކޮންމެ ރަށު އަދި ސިޓީ ކައުންސިލަކަށް ލާޒިމު ކަމެކެވެ. އަދި ކައުންސިލްތަކުން އެ ފައިސާ ހަވާލުކުރަމުންދާ ގޮތް، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ގަވާއިދުން ބަލައި، އެކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ދޫކުރާ ހިލޭ އެހީގެ ފައިސާ އެ ކޮމިޓީން ބޭނުންކުރަންވާނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުމަށެވެ. އަދި ކޮންމެ އަހަރަކު، އެ ފައިސާ ހަރަދުކުރެވުނު ކަންކަމާއި، ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓެއް. މި ގާނޫނުގެ ދަށުން މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ގަވާއިދުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހިލޭ އެހީގެ ފައިސާ ބޭނުންކުރެވޭނެ ކަންކަމާއި، ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތާއި، މިނިސްޓްރީއަށް ރިޕޯޓު ހުށަހެޅުމުގައި އަމަލުކުރަންވީ ގޮތާއި ކަމާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ .

(ކ) ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮމިޓީގެ މެންބަރުންނަށް އެކަށީގެންވާ ތަމްރީނުގެ ފުރުސަތުތައް. ކައުންސިލްތަކުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަމަޖައްސައިދޭންވާނެއެވެ. 

 

ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމާއި ހަރަކާތްތައް ހިންގުން 10-56.

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، އެ ކޮމިޓީން ކޮންމެ އަހަރަކުމެ ހާސިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް އެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި، ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންގައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ. އަދި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ހިންގާނެ ޕްރޮގްރާމްތަކުގެ މައުލޫމާތ،ު ކައުންސިލަށް ފޯރުކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮންމެ އަހަރަކު ކަނޑައަޅާ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމްތަކާއި، ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުކުރެވުނު މިންވަރު އަންގައިދޭ ރިޕޯޓެއް. މަދުވެގެން އަހަރަކު އެއްފަހަރު ކޮމިޓީން އެކުލަވާލައި، ކައުންސިލަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމާއެކު ރައްޔިތުންނަށް ފެންނާނެހެން އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ރިޕޯޓު އެކުލަވާލައި ހުށަހަޅަންވީ ގޮތުގެ އުސޫލުތައް. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.

(ރ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މަސައްކަތްކުރަންވާނީ ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، ރަށުގައި ނުވަތަ ސިޓީގައި ދިރިއުޅޭ ފަރާތްތަކާއި ރަށުގެ ނުވަތަ ސިޓީގެ ރަށްވެހިންގެ ލާބައާއި މަންފާއަށެވެ. އަދި ކޮމިޓީން ހިންގާ އެއްވެސް ހަރަކާތަކީ، ވިޔަފާރިއެއް ކަމުގައި ވެގެންނުވާނެއެވެ. ނުވަތަ ވިޔަފާރި ފައިދާ ހޯދުމަށް ހިންގާ ހަރަކާތެއް ކަމުގައި ވެގެންނުވާނެއެވެ.

(ބ) އެއްވެސް ކޮމިޓީއަކުން ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ޕާޓީތަކަކަށް ތާއީދުކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ހިންގައިގެންނުވާނެއެވެ. އަދި ކޮމިޓީގެ އެއްވެސް ފައިސާއެއް ނުވަތަ ވަސީލަތެއް އެއިން ކަމަކަށް ބޭނުންކޮށްގެންނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި، ކޮމިޓީގެ މަސައްކަތުގެ ބޭރުން ކޮމިޓީއެއްގެ ވަކިވަކި މެންބަރުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ، މި ގާނޫނު ހުރަސްއަޅާ ކަމެއް ނޫނެވެ.

 

ފައިސާއާއި މާލީ ކަންކަން 11-56.

(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮންމެ ކޮމިޓީއަކުންވެސް ފައިސާއާއި މުދާ ހޯދައި ލިބިގަންނަންވާނީ، އަދި އެއްވެސް ހަރަދެއް ކުރަންވާނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ކޮމިޓީއަށް ލިބޭ ފައިސާއާއި، ކޮމިޓީން ހަރަދުކުރާ ފައިސާގެ ތަފްސީލާއި، މުދަލާއި، ދަރަންޏާއި، އެހެނިހެން މާލީ ޒިންމާތަކާބެހޭ ތަފްސީލު ސާފުކޮށް އެނގޭނެހެން، އެ ކޮމިޓީއެއްގެ ހިސާބުތައް. ކަމާބެހޭ ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތަކަށް ބަލަހައްޓަންވާނެއެވެ.

(ށ) އެއްވެސް ކޮމިޓީއެއްގެ ހަރަކާތްތައް ނުވަތަ ހަރަކާތެއް ހިންގުމަށްޓަކައި ފައިސާގެ އެހީ ހޯދައިފިނަމަ، އެ އެހީއެއް ހޯދީ ކޮން ފަރާތަކުންތޯއާއި އެ އެހީއެއްގެ އަދަދާއި، އެ އެހީއެއްގެ ދަށުން ކުރި ކަންކަމުގެ ތަފްސީލު، މި ގާނޫނުގެ 10-50 މާއްދާގެ (ށ) ގައި ބަޔާންކުރާ ރިޕޯޓުގައި ހިމަނަންވާނެއެވެ. އަދި އެހީގެ ގޮތުގައި ހޯދި ފައިސާއަކީ، އެހީގެ ގޮތުގައި މި ގާނޫނުގެ ދަށުން މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއި ން ކަނޑައަޅާ ފައިސާގެ އަދަދަކަށްވުރެ އިތުރު އަދަދެއްނަމަ، އެ އެހީއެއް ހޯދީ ކޮން ފަރާތަކުންތޯއާއި އެ އެހީއެއްގެ އަދަދާއި، އެ އެހީއެއްގެ ދަށުން ކުރަން ގަސްދުކުރާ ކަންކަން އެނގޭ ގޮތަށް، އެ ހަރަކާތެއް ހިންގަން ފެށުމުގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މައުލޫމާތަށްޓަކައި އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 148 ވަނަ މާއްދާގެ ފެށޭ އިބާރާތް އެއީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި،

އެ މާއްދާގެ (ހ) އިން ފެށިގެން (ހހ) ގެ ނިޔަލަށް ހުރި އަކުރުތައް އެއީ އެ މާއްދާގެ (ހ) ގެ (1) އިން ފެށިގެން (25) ވަނަ ނަންބަރު ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ށ) މި މާއްދާގެ ދަށުން ކައުންސިލްތަކުން ހަދާ ގަވާއިދުތައް ވާންވާނީ، ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލެވ،ޭ އަދި އެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންފީޒުކުރެވޭ ގަވާއިދުތަކެއް ކަމުގައެވެ. 

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި، "މިނިސްޓްރީ އޮފް ފިނޭންސް" ނުވަތަ "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ" މިފަދައިން ހުރި ތަންތަން، "މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާ" މިފަދައިން ބަދަލުކުރުން.

 

10 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް. މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު