-

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) އަށް 13 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2024-17)

(މި ގާނޫނަށް އަމަލުކުރަން ފެށީ 8 ސެޕްޓެމްބަރު 2024 ގައި)

 

ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.


1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލައި، ރަށުގެ ތަރައްގީގެ ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވުމާއި އަތޮޅު ކައުންސިލާ ހިއްސާކުރުން، އަދި ކަމާބެހޭ ގާނޫނުގެ ދަށުން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފާސްކުރުމަށް ފޮނުވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(އ) ކަމާބެހޭ ގާނޫނުގެ ދަށުން ފާސްކޮށްފައިވާ ރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާއި ރަށުގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއިފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށްކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ވ) ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކައުންސިލާ ހަވާލުކުރާ އެނޫންވެސް ބިން، ކަމާބެހޭ ގާނޫނުގެ ދަށުން ފާސްކުރާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާއި އެ ރަށެއްގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބޭނުންކުރުމާއި ކުއްޔަށް ދޫކުރުމާއި ދިނުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(11) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި ރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ތައާރުޒުނުވާ ގޮތުގެމަތިން، ރަށުން ބިން ދޫކުރުމާއި ބިމާއި އިމާރާތް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުއާމަލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިނޫންވެސް ގާނޫނުތަކުގައިވާ ގޮތުގެމަތިން ބެލެހެއްޓުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) ކަމާބެހޭ ގާނޫނުގެ ދަށުން ފާސްކޮށްފައިވާ ސިޓީގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާއި ސިޓީގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ (ހށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހށ) ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ބައިވެރިވުމާއެކު ސިޓީގެ ތަރައްގީގެ ޕްލޭން އެކުލަވާލައި، ސިޓީގެ ތަރައްގީގެ ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވުން، އަދި ކަމާބެހޭ ގާނޫނުގެ ދަށުން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފާސްކުރުމަށް ފޮނުވުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގެ (11) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(11) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ތައާރުޒުނުވާ ގޮތުގެމަތިން ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި ބިމާއި އިމާރާތްތައް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުއާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސ،ް ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކާއި، ބިނާތަކާއި ނުއުފުލޭ ހަރުމުދާ، ކައުންސިލްތަކުން ބޭނުންކުރަންވާނީ ސަރުކާރުން އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ރަށެއް ނުވަތަ ސިޓީއެއްގެ ބިން ބޭނުންކުރަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން އެކުލަވާލާ ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ޕްލޭނާއި، އެ ކައުންސިލުން ހަދާ، ކަމާބެހޭ ގާނޫނުގެ ދަށުން ފާސްކުރާ އެ ރަށެއް ނުވަތަސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ޅ) އުނި ކުރުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ލ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ލ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލަށް މިލްކުވެގެންވާ ބިންތަކުގެ ތެރެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، ހުސްކޮށްހުރި ބިންތައް އަދި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން އެކި ކަންކަމަށް ބޭނުންކުރެވޭނެ ބިމުގެ ދަފްތަރެއް އެ ކައުންސިލަކުން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 69-3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އެއްވެސް ރަށެއްގައި ނުވަތަ ސިޓީއެއްގައި އާންމު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ހަދަންޖެހޭ އިންޖީނުގެއާއި ފެން ޕްލާންޓާއި ސުވަރޭޖް ޕްލާންޓާއި އެނޫންވެސް އެފަދަ ތަންތަން ހަދަންވާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ ތަނެއްގައެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-107 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ ދަށުން ރަށާއި ސިޓީ ކައުންސިލުން އެކުލަވާލަންޖެހޭ ތަރައްގީގެ ޕްލޭނާއި، ކަމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަށްވަރާކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-107 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަށްތަކާއި ސިޓީތަކުގެ ތަރައްގީގެ ޕްލޭނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުން 

(ހ) މި ގާނޫނުގެ ދަށުން އަލަށް އެކުލަވާލެވޭ ކައުންސިލްތަކުގެ އިންތިހާބަށްފަހު، އިންތިހާބުކުރެވޭ މެންބަރުން މަގާމާ ހަވާލުވުމަށްފަހު ކަމާބެހޭ ގާނޫނުގެ ދަށުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން އެ ސިޓީއެއް ނުވަތަ ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ކަމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ކަމާބެހޭ ގާނޫނުގެ ދަށުން ފާސްކުރުމަށްފަހު، އެ ސިޓީއެއް ނުވަތަ ރަށެއްގެ ތަރައްގީގެ ޕްލޭނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނަށް އަމަލުކުރަން ފަށަންވާނީ، މި ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިންރައްޔިތުންނާއެކުބޭއްވޭ ބައްދަލުވުމުގައި ތަރައްގީގެ ޕްލޭނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނަށް އަމަލުކުރުމަށް ފާސްވުމުންނެވެ. އަދި ތަރައްގީގެ ޕްލޭނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ ކޮންމެފަހަރަކު މި މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

(ނ) ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ޕްލޭން ފާސްކުރާނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.

(ރ) ރަށުގެ ނުވަތަ ސިޓީގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ތަންފީޒުކުރާނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 152 ވަނަ މާއްދާގެ (ތ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ލ) "ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކަށް، އެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލާ "އައިލެންޑް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އަށް އަދި/ނުވަތަ ދިވެހިރާއްޖޭގައި ސިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކަށް ނުވަތަ ސަރަހައްދަކަށް، އެ ރަށެއް ނުވަތަ ސަރަހައްދެއް ނިސްބަތްވާ ސިޓީ ކައުންސިލުން އެކުލަވާލާ "ސިޓީ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން" އަށެވެ.

 

15 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު