މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު
(އުސޫލު ނަންބަރު 2025-36)
(މި އުސޫލަށް އަމަލުކުރަން ފެށީ 29 ޑިސެމްބަރު 2025 ގައި)
(މި އުސޫލުގެ 20ވަނަ މާއްދާގެ (ށ) އިން ވަނީ އުސޫލު ނަންބަރު 2025-30 އުވާލެވިފައި)
ފުރަތަމަ ބާބު
ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ދިވެހިރާއްޖޭގެ ހިޔާވަހިކަމާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި، 18 (އަށާރަ) އަހަރުން މަތީގެ ދިވެހި ރައްޔިތުން ގެ ތެރެއިން، މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި ފުރިހަމަ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކެއް ގާއިމުކުރުމަށާއި، ށަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑުތަކާއި، އެޕްލިކޭށަން ހުށަހެޅުމުގެ އިޖުރާތުތަކާއި، އިވެލުއޭޓްކުރުމާއި، ބޯހިޔާވަހިކަން ލިބޭ ފަރާތްތައް ކަނޑައެޅުމާއި، މި ކަންކަމާ ގުޅުންހުރި އެހެނިހެން ކަންކަން ހިންގުމާ ގުޅޭ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ، "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކުގެ ތެރެއިން ށަރުތު ހަމަވާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފުރިހަމަ އޮނިގަނޑެއް ގާއިމުކުރުން.
(ށ) ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ބޯހިޔާވަހިކަން އެންމެ ހައްގުވާ ފަރާތްތަކަށް ދޫކުރެވޭކަން ޔަގީންކުރުން.
(ނ) ލުއިފަސޭހަ އުސޫލެއްގެ ތެރެއިން ގެދޮރު މިލްކުކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުން.
(ރ) އާމްދަނީގެ އެކި ފަންތިތަކުގައި ތިބި ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ބޭނުންތަކަށް ބަލައި، އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން.
(ބ) އެޕްލިކޭށަން ހުށަހެޅުމާއި، އިވެލުއޭޓްކުރުމުގެ އުސޫލުތައް ބަޔާންކުރުން.
ދެވަނަ ބާބު
ބޯހިޔާވަހިކަމުގެ ޕުރޮގުރާމު ތައް
3 ވަނަ މާއްދާ - ބޯހިޔާވަހިކަން ދޫކުރާ ސަރަހައްދު
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަން ދޫކުރެވޭނީ، ގްރޭޓަރ މާލޭ ސަރަހައްދުންނެވެ.
4 ވަނަ މާއްދާ - ބޯހިޔާވަހިކަމުގެ މޮޑެލްތައް
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކުގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ ފަދައިން ށަރުތު ހަމަވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ތިރީގައި ބަޔާންކޮށްފައިވާ މޮޑެލްތަކުގެ ތެރެއިން އެއް މޮޑެލްއަކަށެވެ.
(ހ) އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލް.
(ށ) ރެންޓް-ޓު-އޯން މޮޑެލް.
5 ވަނަ މާއްދާ - އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލް
އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލްއަކީ، ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ބޯހިޔާވަހިކަން ގަނެވޭ ހައުސިންގ މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން.
(ހ) ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ ބެންކުން ނުވަތަ ފައިނޭންސިންގ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއަކަށް ށަރުތު ހަމަވާ ފަރާތަކަށް ވާންޖެހޭނެއެވެ.
(ށ) ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ ފަރާތަކީ ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން އެދޭ ނުވަތަ ގެދޮރު މިލްކުކުރުމަށް އެދޭ ފަރާތަކަށް ވާންޖެހޭނެއެވެ.
6 ވަނަ މާއްދާ - ރެންޓް-ޓު-އޯން މޮޑެލް
ރެންޓް-ޓު-އޯން މޮޑެލްއަކީ މި އުސޫލުގެ ދަށުން ޔުނިޓު ހަވާލުކުރެވޭ ފަރާތުން މަހުން މަހަށް ފައިސާ ދައްކަންޖެހޭ އަދި ޔުނިޓުގެ ޖުމުލަ އަގު ކުލީގެ ގޮތުގައި ދައްކާ ނިމުމުން ބޯހިޔާވަހިކަން ލިބުނު ފަރާތަށް ޔުނިޓު މިލްކުކުރެވޭ މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން.
(ހ) ބޯހިޔާވަހިކަން ލިބުނު ފަރާތުން މަހުން މަހަށް ދައްކާނީ ޔުނިޓުގެ ކުލީގެ ފައިސާއެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަން ދޫކުރާ ފަރާތާއި ބޯހިޔާވަހިކަން ލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާ މެނޭޖްމަންޓް ފީއާއި އެހެނިހެން ފީތަކާއި ޗާޖުތަކެއް ނުހިމެނެއެވެ.
(ށ) ބޯހިޔާވަހިކަން ލިބުނު ފަރާތަށް ޔުނިޓުގެ މިލްކުވެރިކަން ބަދަލުކޮށްދޭނީ، އެއްބަސްވުމުގެ ދަށުން ދައްކާ އެންމެ ފަހު ކުލި ދައްކައި، ހައުސިންގ ޔުނިޓުގެ ފުރިހަމަ އަގު އަދާކޮށް ހަލާސްކުރުމުންނެވެ.
(ނ) މި މޮޑެލްއަށް ށަރުތު ހަމަވާނީ، އެޕްލިކަންޓުގެ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ ގޮތުގައި 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އާމްދަނީ ދަށްވުމާއެކު، މި އުސޫލުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ށަރުތު ހަމަވާ ފަރާތްތަކަށެވެ.
(ރ) މި މޮޑެލްގެ ދަށުން ބޯހިޔާވަހިކަމަށް ށަރުތު ހަމަވާ ފަރާތްތަކަށް، މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލްއަށް ކުރިމަތިލުމަށް ށަރުތު ހަމަވާ ނަމަ، އެ މޮޑެލްގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.
ތިންވަނަ ބާބު
ށަރުތު ހަމަވުމުގެ މިންގަނޑުތައް
7 ވަނަ މާއްދާ -ބޯހިޔާވަހިކަމުގެ އަސާސީ ށަރުތުތައް
މި އުސޫލުގެ ދަށުން ދޫކުރާ ބޯހިޔާވަހިކަމަށް އެދޭ އެޕްލިކަންޓުގެ ކިބައިގައި، ތިރީގައިވާ
އަސާސީ ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.
(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
(ނ) މާލޭގެ ރަށްވެއްސަކަށްވެފައިވާތ،ާ މަދުވެގެން 1 (އެކެއް) އަހަރުދުވަސް ވެފައިވުން. މި އަކުރުގެ ބޭނުމަށް 1 (އެކެއް) އަހަރުދުވަސްވެފައިވާކަން ބަލާނީ، 14 ޖަނަވަރީ 2026 ގެ ނިޔަލަށް އެޕްލިކޭށަން ހުށަހަޅާ ފަރާތުން މާލޭގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މުއްދަތ،ު 1 (އެކެއް) އަހަރުވެފައިވާ ނަމައެވެ.
(ރ) މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 (ފަނަރަ) އަހަރު ވެފައިވުން. މި އަކުރުގެ ބޭނުމަށް 15 (ފަނަރަ) އަހަރު ދުވަސްވެފައިވާކަން ބަލާނީ، 14 ޖަނަވަރީ 2026 ގެ ނިޔަލަށް އެޕްލިކޭށަން ހުށަހަޅާ ފަރާތުން މެދުނުކެނޑި މާލޭގައި ދިރިއުޅެފައިވާ ނަމައެވެ.
8 ވަނަ މާއްދާ - މާލޭގެ ރަށްވެހިން
މާލޭގެ ރަށްވެހިން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ.
(ހ) އުފަންވީއިރުން ފެށިގެން މާލޭ ގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް.
(ށ) މާލޭގެ ރަށްވެހިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް.
(ނ) ފަހުން މާލޭގެ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް.
9 ވަނަ މާއްދާ - މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން
(ހ) މާލޭގައި ދިރިއުޅޭ އެހެން ފަރާތްތައް ކަމުގައި ބަލާނީ، މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ނުވެ، މާލޭގައި މެދުނުކެނޑި 15 (ފަނަރަ) އަހަރު ދިރިއުޅޭ ފަރާތްތަކަށެވެ.
(ށ) މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މެދުކެނޑުމެއް އައިނަމަވެސް، މާލޭގައި ދިރިއުޅުނު ޖުމުލަ މުއްދަތު 15 (ފަނަރަ) އަހަރުވެފައިވާ ނަމަ، މި މާއްދާގެ ބޭނުމަށް މާލޭގައި މެދުނުކެނޑި 15 (ފަނަރަ) އަހަރު ދިރިއުޅުނުކަމުގައި ބެލޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ މީހަކު މާލޭގައި ދިރިއުޅެމުން ނުދިޔުމަކީ މެދުކެނޑުމެއް ކަމުގައެއް ނުބެލެވޭނެއެވެ.
- ވަޒީފާދޭ ފަރާތުގެ ނިންމުމަކުން ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަންޖެހުން؛
- ތައުލީމު ހާސިލުކުރުމަށް ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެފަދަ އެހެން ޒަރޫރީ ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަންޖެހުން؛
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އާއިލާ، މާލޭގައި ނުވަތަ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން؛
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ ދަރިން، މާލޭގައި ނުވަތަ މާލޭގެ ސަރަހައްދުގައި ކިޔެވުން ކުރިޔަށް ގެންދިއުން؛
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާ، މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ގެންދިއުން.
10 ވަނަ މާއްދާ - އާމްދަނީގެ މިންގަނޑުތައް
(ހ) މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ އެޕްލިކަންޓުންގެ މަހުން މަހަށް ލިބޭ އާމްދަނީ ހުންނަންވާނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ މިންގަނޑުގައެވެ. އެޕްލިކަންޓުގެ އާމްދަނީ ކަށަވަރުކުރުމުގެ ގޮތުން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ވަޒީފާ އަދާކުރަމުންދާ ނަމަ، ވަޒީފާގެ ތަފުސީލާއި މުސާރައާއި އިނާޔަތްތަކުގެ ޖުމުލަ އަދަދު؛
- އަމިއްލަ ވިޔަފާރިން ލިބޭ އާމްދަނީ؛
- ހުށަހަޅާ ފަރާތްތަކާއި، އެޕްލިކޭށަނުގައި ހިމެނޭ އެހެނިހެން ފަރާތްތަކުގެ ވިޔަފާރި މަސްލަހަތުތަކުގެ ތަފުސީލު؛
- ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ބެންކު އެކަންޓުތަކުގެ ސްޓޭޓްމަންޓު؛
- އާމްދަނީ ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީން ހުށަހަޅަން އެދޭ މިނޫންވެސް ލިޔެކިޔުންތައް.
(ށ) މި އުސޫލުގެ ދަށުން އެޕްލިކަންޓަކީ އެ މީހަކަށް ލިބެމުންދާ އާމްދަނީއަށް ނުވަތަ އާއިލާގެ ތަނަވަސްކަމަށް ނުވަތަ ވިޔަފާރީގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް، ރިއަލް އެސްޓޭޓުގެ އާންމު ރޭޓުން ބޯހިޔާވަހިކަން ގަނެވޭ ފަރާތަކަށް ވެގެން ނުވާނެއެވެ.
11 ވަނަ މާއްދާ - މުދަލުގެ މިލްކުވެރިކަމުގެ މިންގަނޑުތައް
(ހ) އެޕްލިކަންޓަކީ މުދަލުގެ ގޮތުން ތިރީގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.
- ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި، އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭބައި 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑުނުވުން؛
- އެޕްލިކަންޓަކީ އެއްމެދު އިމާރާތަކުން ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން، ނުވަތަ އެފަދަ ތަނެއް މިލްކުކުރުމާ ގުޅޭ އެއްބަސްވުމެއް ވެފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އެފަދަ ތަނެއް ގަންނަން އެއްބަސްވެ އެއްވެސް މިންވަރަކަށް ފައިސާ ދައްކައިފައިވާ/ ދައްކަމުން އަންނަ ފަރާތެއް ކަމުގައި ނުވުން؛
- އެޕްލިކަންޓަކީ މީގެ ކުރިން ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ކޯޕަރޭޓިވް ސޮސައިޓީއަކުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ޕުރޮގުރާމެއްގެ
ދަށުން ނުވަތަ މޮޑެލްއެއްގެ ދަށުން ހައުސިންގ ޔުނިޓެއް ނުވަތަ ބިމެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން؛ - އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދުން 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން، ނުވަތަ އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާގެ ނަމުގައި ގްރޭޓަރ މާލެ ސަރަހައްދުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން ލިބޭ ބައި، 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑުނުވުން؛
- އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާއަށް، ގްރޭޓަރ މާލެ ސަރަހައްދުން ސަރުކާރުގެ ބޯހިޔާވަހިކަމެއް ލިބިފައި ނުވުން ނުވަތަ ގްރޭޓަރ މާލެ ސަރަހައްދުގެ އެއްމެދު އިމާރާތަކުން ހައުސިންގ ޔުނިޓެއް ލިބިފައި ނުވުން، ނުވަތަ އެފަދަ ތަނެއް މިލްކުކުރުމާ ގުޅޭ އެއްބަސްވުމެއްވެފައި ނުވުން، ނުވަތަ އެފަދަ ތަނެއް ގަންނަން އެއްބަސްވެ، އެ އެއްބަސްވުމުގެ ދަށުން އެއްވެސް މިންވަރަކަށް ފައިސާ ދައްކައިފައިނުވުން؛
- މި އުސޫލަށް އަމަލުކުރަން ފެށިފަހުން އެ މީހެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ހައުސިންގ ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެހެން ފަރާތަކަށް ވިއްކައި ނުވަތަ އެހެން ފަރާތަކަށް ހިބައިންދީ ނުވަތަ އެހެން ފަރާތަކަށް ދޫކޮށްފައި ނުވުން؛
- ރަސްމީކޮށް ބަދަލުކޮށްފައި ނުވިޔަސް، ތަރިކައިގެ އުސޫލުން ނުވަތަ ވަސިއްޔަތުން ނުވަތަ ހިބައަކުން ނުވަތަ އެނޫންވެސް ގޮތަކަށް އެއްވެސް ބާވަތެއްގެ ބިމެއްގެ ނުވަތަ ފްލެޓެއްގެ ނުވަތަ ރޯހައުސްއެއްގެ މިލްކުވެރިކަމުގެ ހައްގެއް އެޕްލިކަންޓަށް ނެތުން ނުވަތަ އެފަދައިން ލިބެން އޮންނަ މިލްކުވެރިކަމުގެ ހައްގު ދޫކޮށްލުމަށް އެއްބަސްވެފައި ނެތުން؛
- މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕުރޮގުރާމެއްގެ ދަށުން 1 (އެކެއް) ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެޕްލިކަންޓުގެ 18 (އަށާރަ) އަހަރުން ދަށުގެ ދަރިއެއް ނުވަތަ ދަރިން ތިބި ނަމަ، އެ ތަނެއް، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވުން؛
- މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕުރޮގުރާމެއްގެ ދަށުން 2 (ދޭއް) ކޮޓަރީގެ ހައުސިންގ ޔުނިޓެއް ލިބި، އެޕްލިކަންޓުގެ 18 (އަށާރަ) އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެ ތަނެއް، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް މުދަލެއްގެ މިލްކުވެރިކަމެއް ނެތްކަން ބަޔާންކޮށް އެޕްލިކަންޓް އިގުރާރު ކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
އެޕްލިކޭށަން ޕްރޮސެސް
12 ވަނަ މާއްދާ - އެޕްލިކޭށަން ހުށަހެޅުން
(ހ) މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާނީ މިނިސްޓްރީން ކަނޑައަޅާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް އެދި އެޕްލައިކުރުމަށް ހުޅުވައިލަން އިއުލާނުކުރުމުންނެވެ.
(ށ) އެޕްލިކޭށަން ހުށަހަޅަންވާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން ށާއިއުކުރާ އިއުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައެވެ.
(ނ) ރަސްމީ އޮންލައިން ޕޯޓަލް ފިޔަވައި އެހެން އެއްވެސް ގޮތަކުން ހުށަހަޅާ އެޕްލިކޭށަނެއް ބަލައެއް ނުގަނެވޭނެއެވެ.
(ރ) ފްލެޓަށް އެދި ކޮންމެ ފަރާތަކުން ހުށަހަޅަންވާނީ ވަކި އެޕްލިކޭށަނެކެވެ.
(ބ) ކައިވެނިކޮށްގެން އުޅޭ ފަރާތެއް ނަމަ، އެޕްލިކޭށަން ހުށަހަޅަންވާނީ، ފިރިމީހާއާއި އަނބިމީހާއާއެކު ޖޮއިންޓް އެޕްލިކޭށަނެކެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައިވެނިކޮށްގެން އުޅޭ އެއްފަރާތުން މި އުސޫލުގެ 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި، 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވިނަމަވެސް، މި މާއްދާގެ ބޭނުމަށް ދެމަފިރިން ހުށަހަޅާ ޖޮއިންޓް އެޕްލިކޭށަން ހުށަހެޅޭނެއެވެ.
(ކ) މި އުސޫލުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ މުދަލުގެ މިލްކުވެރިކަމާ ގުޅޭ ށަރުތު އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާ ފުރިހަމަނުވާ ނަމަ، އެޕްލިކަންޓުގެ ނަމުގައި ވަކި އެޕްލިކޭށަނެއް ހުށަހެޅޭނެއެވެ.
(އ) ދެ އަނބިން ނުވަތަ އެއަށް ވުރެ ގިނަ އަނތް ބަށް މީހުންނާ އިނދެގެން އުޅޭ ނަމަ، ފިރިމީހާ ހުށަހަޅަންޖެހޭނީ އޭނާ އިހުތިޔާރުކުރާ 1 (އެކެއް) އަނތްބަކާއެކު ޖޮއިންޓް އެޕްލިކޭށަނެކެވެ. އަދި ބާކީތިބި އަނބިންނަށް، މި އުސޫލުގައި ބަޔާންކޮށްފައިވާ އެހެނިހެން ށަރުތު ފުރިހަމަވާ ނަމަ، ވަކިވަކި އެޕްލިކޭށަން ހުށަހެޅިދާނެއެވެ.
(ވ) ކައިވެނިކޮށްގެން ނޫޅޭ ފަރާތެއް ނަމަ، ތިމާގެ ބެލުމުގެ ދަށުގައިވާ އެންމެހައި ފަރާތްތަކުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ. އަދި ބެލުމުގެ ދަށުގައިވާ ފަރާތެއް ކަމުގައި އެޕްލިކޭށަނުގައި ހިމަނައިފައިވާ ފަރާތަކަށް ވަކި އެޕްލިކޭށަނެއް ހުށަނޭޅޭނެއެވެ.
(މ) އެޕްލިކޭށަން ހުށަހަޅާއިރު، ބޯހިޔާވަހިކަމަށް އެޕްލިކަންޓް އެދޭ މޮޑެލް ކަށަވަރު ކުރަންވާނެއެވެ.
(ފ) އެޕްލިކޭށަނާއެކު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، އޮންލައިން ޕޯޓަލުގައި އިތުރު ލިޔުމެއް ހުށަހެޅުމަށް ބަޔާންކޮށްފައިވާ ނަމަ، އެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- އެޕްލިކަންޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
- އެޕްލިކަންޓުގެ ބެލުމުގެ ދަށުގައިވާ އެންމެހައި ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
- ކައިވެނިކޮށްގެން އުޅޭ ނަމަ، ކައިވެނީގެ ސެޓުފިކެޓު؛
- ކައިވެނިކޮށްގެން އުޅޭ ނަމަ، އަނބިމީހާގެ ނުވަތަ ފިރިމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
- މާލޭގެ ރަށްވެއްސެއް ނަމަ، މާލޭގައި ރަޖިސްޓަރީވެފައިވާ ތާރީހު އެނގޭ ގޮތަށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން؛
- މާލޭގައި ދިރިއުޅެމުންދާ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ؛
- ޕެންށަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތްތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން. (މި ލިޔުމުގައި، ވަޒީފާ އަދާކުރަން ފެށި ތާރީހާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި، ސޮޔާއި، ސިއްކަ ޖަހައިފައި އޮތުން) ނުވަތަ؛
- މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، މާލޭގައި އެ މީހަކު ދިރިއުޅެފައިވާ ގޭގެ ވެރިފަރާތުން ދީފައިވާ، މި އުސޫލުގެ ޖަދުވަލު 3 ގައި ދީފައިވާ ނަމޫނާއާ އެއްގޮތަށް، ނޮޓަރައިޒްކޮށް ހުށަހަޅާ އެފިޑެވިޓް، ނުވަތަ؛
- މާލޭގައިވާ ނުވަތަ ގްރޭޓަރ މާލެ ސަރަހައްދުގައިވާ ސްކޫލަކުން ނުވަތަ ތައުލީމީ މަރުކަޒަކުން ތައުލީމު ހާސިލުކޮށްފައިވާކަން އެނގޭނެ ލިޔުން؛
- ދައުލަތުގެ އިދާރާއަކުން އެ އިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މައުލޫމާތުން، މާލޭގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް؛
- އެއްވެސް ސަބަބަކާހުރެ މާލެ ނޫން ސަރަހައްދެއްގައި ގޯއްޗަށް އެދޭ ފަރާތުން ދިރިއުޅެފައިވާ ނަމަ، މި އުސޫލުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުވާކަމުގެ ލިޔުން.
- ވަޒީފާ އަދާކުރާ ނަމަ، ވަޒީފާ އަދާކުރާ ތަނާއި މުސާރަ އެނގޭ ގޮތަށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ރަސްމީ ލިޔުން؛
- ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ މުސާރައިގެ ޕޭ ސްލިޕް؛
- ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ހުރިހާ ބެންކު އެކައުންޓެއްގެ ސްޓޭޓްމަންޓު؛
- ޓެކްސް ދައްކާ ފަރާތެއް ނަމަ، ޓެކްސް ރިޓަރންތަކުގެ ތަފުސީލު؛
- ސަރުކާރުން އެއްވެސް މާލީ އެހީއެއް ލިބޭ ނަމަ، އޭގެ ތަފުސީލު؛
- އެޕްލިކަންޓުގެ ވިޔަފާރީގެ މަސްލަ ހަތުތަކުގެ ތަފުސީލު؛
- އަމިއްލަ ނަމުގައި ހިންގާ ވިޔަފާރީގެ ތަފުސީލު؛
- އެޕްލިކަންޓުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބިމާއި އިމާރާ ތްތަކާއި ފްލެޓާއި ނޫފުލޭ އެހެން މުދަލުގެ ރަޖިސްޓަރީ؛
- މި އުސޫލުގައިވާ ގޮތުގެ މަތީން މުދަލާއި އާމްދަނީގެ ތެދުކަން ބަޔާންކޮށް، މި އުސޫލުގެ ޖަދުވަލު 3 ގައި ދީފައިވާ ނަމޫނާއާ އެއްގޮތަށް، ހުށަހަޅާ އިގުރާރު؛
- އެއްވެސް ބާވަތެއް މުއާމަލާތެއްގެ ދަށުން އުފަންވެފައިވާ މިލްކުވެރިކަމުގެ ހައްގުތަކުގެ ތަފުސީލު؛
- މީގެ އިތުރުން ވެސް އެކި މަރުހަލާތަކުގައި މިނިސްޓްރީން ހުށަހަޅަން އަންގާ އެކިއެކި މައުލޫމާތާއި ލިޔެކިޔުންތައް.
(ދ) އެޕްލިކޭށަން ހުށަހަޅާއިރު 2 (ދޭއް) ކޮޓަރީގެ ފްލެޓާއި 3 (ތިނެއް) ކޮޓަރީގެ ފްލެޓުގެ ތެރެއިން ބޭނުންވަނީ ކޮން ބާވަތެއްގެ ފްލެޓެއްތޯ ބަޔާންކުރުމުގެ ފުރުސަތު އެޕްލިކަންޓަށް ލިބޭނެއެވެ. ނަމަވެސް އެޕްލިކަންޓަށް ލިބޭނީ ކޮން ބާވަތެއްގެ ފްލެޓެއްކަން ނިންމާނީ އިވެލުއޭށަން މަރުހަލާ ނިންމުމަށްފަހު މިނިސްޓްރީންނެވެ.
13 ވަނަ މާއްދާ - ސައްހަނޫން މައުލޫމާތާއި ލިޔުން ހުށަހެޅުން
އެޕްލިކަންޓަކު ހުށަހަޅާ އެޕްލިކޭށަނާއެކު ސައްހަނޫން މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަހަޅައިފައިވާ ނަމަ، އިތުރު ފުރުސަތު ދިނުމަކާ ނުލައި އެޕްލިކޭށަން ބާތިލުކުރެވޭނެއެވެ. އަދި މި އުސޫލުގައި ބަޔާންކޮށްފައިވާ އެއްވެސް މަރުހަލާއެއް ފުރިހަމަވުމަށްފަހު ވެސް، އެޕްލިކަންޓަކު ހުށަހަޅައިފައިވާ ލިޔުމެއް ނުވަތަ މައުލޫމާތެއް ސައްހަނޫންކަމަށް ސާބިތުވެއްޖެ ނަމަ، އެ އެޕްލިކޭށަނެއް ބާތިލުކޮށް، ފުރިހަމަކޮށްފައިވާ މަރުހަލާތައް ވެސް ބާތިލުވާނެއެވެ.
14 ވަނަ މާއްދާ - އެޕްލިކޭށަން އެސެސްމަންޓް
(ހ) އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ކޮންމެ އެޕްލިކޭށަން ފޯމެއް ރަޖިސްޓަރީކޮށް، ވަކި ރެފަރެންސް ނަންބަރެއް އެ އެޕްލިކޭށަނަށް ލިބޭނެއެވެ.
(ށ) އެޕްލިކޭށަނާއެކު ހުށަހަޅައިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ބެލުމަށްފަހު، ކްރޮސް ވެރިފިކޭށަން ހަދައި، ށަރުތު ފުރިހަމަވާ އެޕްލިކޭށަނެއް ކަމަށް މިނިސްޓްރީން ކަނޑައަޅައި އެކަން ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގަންވާނެއެވެ.
(ނ) އެޕްލިކޭށަން އެސަސްމަންޓު ނިންމައި، މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެޕްލިކަންޓަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އިސްކަންދޭ ކެޓަގަރީއަކީ ކޮބައިތޯ ބަލައި، އެ ކެޓަގަރީއަކުން ބޯހިޔާވަހިކަން ލިބޭކަން ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގަންވާނެއެވެ.
(ރ) މި އުސޫލުގެ ދަށުން ދޫކުރެވޭ ފުލެޓު، ފުލެޓަށް އެދި ހުށަހަޅާ ފަރާތާ ހަވާލުކުރެވޭނީ، ފުލެޓު ހަވާލުކުރެވޭ ތާރީހާ ހަމަޔަށް މި އުސޫލުގައި ބަޔާންކުރާ އެންމެހައި ށަރުތުތައް ފުލެޓު ހަވާލުކުރެވޭ ފަރާތުގެ ކިބައިގައި ފުރިހަމަ ވާނަމައެވެ.
15 ވަނަ މާއްދާ - ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދެވޭ ކެޓަގަރީތައް
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅައިފައިވާ ށަރުތު ފުރިހަމަވާ އެޕްލިކަންޓުންގެ ތެރެއިން ތިރީގައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް ދެވޭނެއެވެ.
(ހ) 18 (އަށާރަ) އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން.
(ށ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް.
(ނ) އަލަތު ކައިވެނިކުރާ ފަރާތްތައް/ ޒުވާން އާއިލާތައް.
(ރ) މާލޭގައި އާއިލާ ބިނާކޮށްފައިވާ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް.
(ބ) މާލޭގައި އާއިލާ ބިނާކޮށްފައިވާ، ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން.
(ޅ) މާލޭގައި އާއިލާ ބިނާކޮށްފައިވާ، ށަރުއީ ދާއިރާގެ މުވައްޒަފުން.
(ކ) މާލޭގައި އާއިލާ ބިނާކޮށްފައިވާ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް.
(އ) މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް.
(ވ) ވެށިފަހިމާލެއާއި ހިޔާ މަށްރޫއުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް.
(މ) ދިރިއުޅޭނެ ބޯހިޔާވަހިކަމެއްނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ، ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް.
(ފ) މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނުކުރާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން.
16 ވަނަ މާއްދާ - ހައުސިންގ ޔުނިޓު ކަނޑައެޅުން
(ހ) މި އުސޫލުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހާއްސަ އިސްކަންދޭ ކެޓަގަރީއަށް ކަނޑައަޅައިފައިވާ ހައުސިންގ ޔުނިޓްތައް ފިޔަވައި އެހެން ޔުނިޓްތައް ކަނޑައަޅާނީ، ށަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި މި އުސޫލުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ޕޮއިންޓް ދީގެންނެވެ.
(ށ) މި އުސޫލުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިސްކަންދޭ ކެޓަގަރީއަށް ކަނޑައަޅައިފައިވާ ހައުސިންގ ޔުނިޓްތައް ކަނޑައަޅާނީ، ހާއްސަ އިސްކަންދޭ އެ ކެޓަގަރީއަކަށް ށަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި މި އުސޫލުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ޕޮއިންޓް ދީގެންނެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕޮއިންޓް ދިނުމަށްފަހު، ށަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދާއި، ހައުސިންގ ޔުނިޓްތަކުގެ އަދަދަށް ރިއާޔަތްކޮށް، ޔުނިޓް އެލޮކޭށަން ހެދުމާ ގުޅޭ ހާއްސަ އުސޫލެއް މިނިސްޓްރީއަށް ކަނޑައެޅިދާނެއެވެ.
17 ވަނަ މާއްދާ - ވަކި މޮޑެލްއެއްގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމުން
މި އުސޫލުގެ ދަށުން އެޕްލިކަންޓް ވަކި މޮޑެލްއަކަށް އެޕްލިކޭށަން ހުށަހަޅައިފައި އޮތް ނަމަވެސް، އެ އެޕްލިކަންޓަށް ލިބޭ އާމްދަނީއާއި، އެންޑ-ްޔޫސަރ ފައިނޭންސިންގއަށް ހުރި ފުރުސަތުތަކަށް ރިއާޔަތްކޮށް، އެ ފަރާތަށް ވަކި މޮޑެލްއަކުން ހައުސިންގ ޔުނިޓް އެލޮކޭޓްކުރުމަށް މިނިސްޓްރީއަށް ނިންމިދާނެއެވެ.
18 ވަނަ މާއްދާ - ހާއްސަ ހައުސިންގ ޕުރޮގުރާމުތައް
މި އުސޫލުގައި ވަކިގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަށްރޫއެއް ނުވަތަ ހިންގަމުންދާ މަށްރޫއެއްގެ ބައެއް، ވަކި ހާއްސަ ހާލަތަކަށް ނިސްބަތްވާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ށަރުތުތަކާއެކު ހިންގުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.
19 ވަނަ މާއްދާ - މާނަކުރުން
މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "އެޕްލިކަންޓް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅައިފައިވާ ފަރާތަށެވެ.
(ށ) "އެޕްލިކޭށަން އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓެއްގެ ށަރުތު ހަމަވާކަން ކަނޑައެޅުމަށާއި، އިސްކަންދޭ ތަރުތީބު ކަނޑައެޅުމަށް މިނިސްޓްރީން ކުރިޔަށްގެންދާ އިވެލުއޭށަން ޕްރޮސެސްއަށެވެ.
(ނ) "ބޯހިޔާވަހިކަން ލިބުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތަށެވެ.
(ރ) "ކްރޮސ-ްވެރިފިކޭށަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ އެހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކުރުމާއި، އިލެކްޓްރޯނިކް ވެރިފިކޭށަން ނިޒާމުތައް މެދުވެރިކޮށްގެންނާއި، އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށްގެން އެޕްލިކަންޓުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތަށެވެ.
(ބ) "ބެލުމުގެ ދަށުގައި ތިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓުގެ މައްޗަށް މާލީގޮތުން ބަރޯސާވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ފަރާތްތަކަށެވެ.
- 18 (އަށާރަ) އަހަރުން ދަށުގެ ދަރިން؛
- ކައިވެނިކޮށްގެން ނޫޅޭ 18 (އަށާރަ) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ ދަރިން؛
- ގާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިން؛
- ނުކުޅެދުންތެރިކަން ހުންނަ ދަރިއެއް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ އެއްބަނޑުއެއްބަފާ މީހުން ނުވަތަ އެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން؛
- މައިންބަފައިން.
(ޅ) "ޖުމުލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓެކްސް އުނިކުރުމުގެ ކުރިން އެޕްލިކަންޓުގެ ޖުމުލަ އާމްދަނީއަށެވެ. މީގެ ތެރޭގައި ހިމެނެނީ:
- މުސާރައާއި އުޖޫރަ؛
- ވިޔަފާރިން ލިބޭ އާމްދަނީ؛
- ކުލިން ލިބޭ އާމްދަނީ؛
- އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ؛
- ސަރުކާރުން ލިބޭ އެހީއާއި އެލަވަންސްތައް؛
- އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނ.ީ
(ކ) "ބޯހިޔާވަހިކަން" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ ދަށުން ސަރުކާރުން ހިންގާ ހައުސިންގ މޮޑެލްތައް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ ކޮންމެ ބާވަތެއްގެ ބޯހިޔާވަހިކަމަށެވެ.
(އ) "މާލޭ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށެވެ.
(ވ) "މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މާލޭގައި އާންމުކޮށް ދިރިއުޅުނު ނަމަވެސް މާލޭގައި ރަޖިސްޓަރީވެފައި ނެތް ކޮންމެ މީހަކަށެވެ.
(މ) "މާލޭ ރަށްވެހިންގެ ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، މާލޭގެ ވަކި ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ނުހިމެނޭ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ދަފުތަރަށެވެ.
(ފ) "ރެންޓް-ޓު-އޯން މޮޑެލް" ކަމަށް ބުނެފައި އެވަނީ، ބޯހިޔާވަހިކަން ލިބުނު ފަރާތުން މަހުން މަހަށް ކުލީގެ ގޮތުގައި ފައިސާ ދައްކަމުންގޮސް، ހައުސިންގ ޔުނިޓް މިލްކުކުރުމަށް އެ ފައިސާ ބޭނުންކުރެވ،ޭ އަދި ކުލީގެ މުއްދަތު ހަމަވުމުން މިލްކުވެރިކަން އެ ފަރާތަށް ބަދަލުވާ ބޯހިޔާވަހިކަމުގެ މޮޑެލްތަކަށެވެ.
(ދ) "އެފޯޑަބަލް ހޯމް އޯނަރށިޕް މޮޑެލް" ކަމަށް ބުނެފައި އެވަނީ، މާރކެޓުގެ އަގަށް ވުރެ ކުޑަ އަގެއްގައި ހައުސިންގ ޔުނިޓު ވިއްކުމާއެކު، ހައުސިންގ ޔުނިޓަށް ފައިސާ ދެއްކުމަށް މާލީ އިދާރާއަކުން ދޫކުރާ ހައުސިންގ ފައިނޭންސް ފެސިލިޓީއެއް މެދުވެރިކޮށް ޔުނިޓުގެ އަގު އަދާކޮށް، މިލްކުކުރެވޭ މޮޑެލްތަކަށެވެ.
(ތ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޒިންމާ އެ އިރަކު އަދާކުރަމުންދާ ސަރުކާރުގެ ވުޒާރާއަށެވެ.
(ލ) "އޮންލައިން ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ބޯހިޔާވަހިކަމުގެ އެޕްލިކޭށަންތައް ހުށަހެޅުމަށާއި، މެނޭޖްކުރުމަށާއި، މުއާމަލާތު ކުރުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ ރަސްމީ ޑިޖިޓަލް ޕްލެޓްފޯމަށެވެ.
(ގ) "ހާއްސަ އިސްކަންދޭ ކެޓަގަރީ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯހިޔާވަހިކަން ދޫކުރުމަށް ށަރުތު ހަމަވާ އެޕްލިކަންޓުންގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް ދެވޭނެ ފަރާތްތަކަށެވެ.
(ޏ) "މުދަލުގެ މިލްކުވެރިކަން ކަށަވަރުކުރުން" ކަމަށް ބުނެފައި އެވަނީ، ރަސްމީ ރިކޯޑުތަކާއި އިގުރާރުތައް މެދުވެރިކޮށް އެޕްލިކަންޓުގެ މިހާރާއި ކުރީގެ މުދަލުގެ މިލްކުވެރިކަން ކަށަވަރުކުރުމަށެވެ.
(ސ) "ގޯތި" ކަމަށް ބުނެފައި އެވަނީ، ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި ހިމެނޭގޮތަށް ގަނެވިއްކުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ތަރިކައިން ނުވަތަ އެފަދަ އެނޫންވެސް މުއާމަލާތަކުން ދިރިއުޅުމަށް ލިބިފައިވާ ގޯއްޗާއި އެފަދަ ގޯއްޗެއްގެ ބައެއް ވެސް ހިމެނޭގޮތަށެވެ.
(ޑ) "ގޯތީގެ ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައިވާ ގޮތުގެ މަތީން ދިރިއުޅުމަށް ދޫކުރާ ބިމުގެ ރަޖިސްޓަރީއަށެވެ.
(ޒ) "ގެދޮރު" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމުގެ ބޭނުމަށް ގޯއްޗެއްގައި ނުވަތަ އެއްމެދު އިމާރާތެއްގައި އިމާރާތްކޮށްފައިވާ ވަކި ހައުސިންގ ޔުނިޓްތަކަށާއި އެޕާޓްމެންޓްތަކަށެވެ.
(ޓ) "އަލަތު ކައިވެނި ކުރާ ފަރާތްތައް/ ޒުވާން އާއިލާތައް" ގެ މާނައަކީ ށަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އަލަށް ކައިވެނިކޮށްފައިވާ، އުމުރުން 35 (ތިރީސް ފަހެއް) އަހަރު ނުފުރޭ ފަރާތްތަކަށެވެ.
(ޔ) "ގްރޭޓަރ މާލެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މާލެއާއި ހުޅުމާލެއާއި ވިލިނގިއްޔާއި ތިލަފުށްޓާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިމެނޭ ސަރަހައްދަށެވެ.
(ޕ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމިހާއާއި އެޕްލިކަންޓުގެ ދަރިންނާއި މައިންބަފައިންނަށެވެ.
(ޖ) "ސަރުކާރުގެ ބޯހިޔާވަހިކަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ކޯޕަރޭޓިވް ސޮސައިޓީއަކުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ ޕުރޮގުރާމެއްގެ ދަށުން ނުވަތަ މޮޑެލްއެއްގެ ދަށުން ލިބިފައިވާ ހައުސިންގ ޔުނިޓަކަށް ނުވަތަ ބިމަކަށެވެ.
20 ވަނަ މާއްދާ - އަމަލުކުރަން ފެށުން
(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 16 ނޮވެންބަރު 2025 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ ނަންބަރު 2025-30 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލު) އުވުނީއެވެ.
ޖަދުވަލު 1
އާމްދަނީ ގެ މިންގަނޑުތަކާއި އާމްދަނީ ހިސާބުކުރުމުގެ ތަފުސީލު
ޖަދުވަލު 2
ޕޮއިންޓް ދިނުމުގެ މިންގަނޑު
ޖަދުވަލު 3
ނަމޫނާ އިގުރާރު
އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފުލެޓު ދޫކުރުމުގެ އުސޫލު) ގެ ދަށުން ފުލެ ޓަށް އެދި ހުށަހަޅާ ފަރާތުގެ އިގުރާރު
ޖަދުވަލު 4
އެފިޑެވިޓް
އުވުނު އުސޫލު
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-30)
ކިޔުންތެރިންގެ ހިޔާލު