-

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-36) އަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2026-06)

(މި އުސޫލަށް އަމަލުކުރަން ފެށީ 11 މާރިޗު 2026 ގައި)

 

އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 15 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 15-1 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ 1-15.

މި އުސޫލުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅުމުގެ ށަރުތު ފުރިހަމަވުމުގައްޔާއި، އެ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއިއެ ފަރާތްތަކަށް ފުލެޓު ދޫކުރުމުގައި އަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން މި އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާ އިރު އެ ފަރާތުގެ ކިބައިގައި މި އުސޫލުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކުގެ އިތުރުން، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ވުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުގެ އިތުރުން، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
    1. ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން، ފަރުވާ ހޯދުމަށް ޓަކައި އާންމުގޮތެއްގައި ގްރޭޓަރ މާލެ ސަރަހައްދަށް އަންނަންޖެހުމާއެކު، ގްރޭޓަރ މާލެ ސަރަހައްދުން، އެންމެ މަދުވެގެން ވެސް، ވޭތުވެދިޔަ 1 (އެކެއް) އަހަރު، ފަރުވާ ހޯދައިފައިވާ ފަރާތަކަށް ވުން؛
      ނުވަތަ
    2. މި އުސޫލަށް އަމަލުކުރަން ފެށިއިރު ނުކުޅެދުންތެރިކަމަށް ފަރުވާ ހޯދުމަށް ޓަކައި ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތަކަށް ވުމާއެކު، ގްރޭޓަރ މާލެ ސަރަހައްދުން، އެންމެ މަދުވެގެން ވެސް، ވޭތުވެދިޔަ 1 (އެކެއް) އަހަރު، ފަރުވާ ހޯދައިފައިވާ ފަރާތަކަށް ވުން؛
      ނުވަތަ
    3. ގްރޭޓަރ މާލެ ސަރަހައްދުގައި މެދުނުކެނޑި 5 (ފަހެއް) އަހަރު ދިރިއުޅެމުން އަންނަ ފަރާތަކަށް ވުން. (ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައި، މި އުސޫލުގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ މީހަކު މާލޭގައި ދިރިއުޅެމުން ނުދިޔުމަކީ މެދުކެނޑުމެއް ކަމުގައެއް ނުބެލެވޭނެއެވެ.)

(ށ) ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ފުލެޓަށް އެދި ހުށަހަޅާއިރު، މި އުސޫލުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތައް އެ ފަރާތްތަކުގެ މައްޗަކަށް ނުހިނގާނެއެވެ.

(ނ) މި މާއްދާގެ ދަށުން އެޕްލިކޭށަން ހުށަހަޅާ ފަރާތްތަކުން، ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަން ހުރި ފަރާތެއްކަން ސާބިތުކޮށްދިނުމަށް އަންނަނިވި ލިޔުންތަކުގެ ތެރެއިން ލިޔުމެއް؛
    1. ނޭށަނަލް ޑިސްއެބިލިޓީ ރަޖިސްޓަރީގައި ހިމަނައިފައިވާކަމުގެ ލިޔުން؛ ނުވަތަ 
    2. ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަން ހުރި ފަރާތެއްކަން ސާބިތުކޮށްދިނުމަށް، ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ލައިސަންސް ލިބިފައިވާ ޕްރެކްޓިށަނަރަކު ދޫކޮށްފައިވާ ލިޔުން.
  2. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ 2.1 ގައިވާ ފަދައިން ގްރޭޓަރ މާލެ ސަރަހައްދުން ފަރުވާ ހޯދަމުންދާ ފަރާތެއް ނަމަ، އަންނަނިވި ލިޔެކިޔުންތައް ހުށަހެޅުން؛
    1. ނުކުޅެދުންތެރިކަމަށް ފަރުވާ ހޯދަންޖެހޭކަމާއި، އެ ފަރުވާ އާންމުކޮށް ހޯދަންޖެހޭ މުއްދަތުތައް ބަޔާންކޮށްފައިވާ، ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ލައިސަންސް ލިބިފައިވާ ޕްރެކްޓިށަނަރަކު ދޫކޮށްފައިވާ ލިޔުން؛ އަދި
    2. މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ 2.1 ގައި ބަޔާންކޮށްފައިވާ ލިޔުމުގައި ބަޔާން ކޮށްފައިވާ ފަރުވާ، ގްރޭޓަރ މާލެ ސަރަހައްދުން ހޯދަމުންދާކަމާއި، ފަރުވާ ހޯދައިފައިވާ މުއްދަތު ސާބިތުކޮށްދިނުމަށް، ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔެކިޔުން؛ އަދި
      2.3 ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތްކަން ސާބިތުކޮށްދިނުމަށް، ސިއްހީ ހިދުމަތްދޭ ސަރުކާރުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ލިޔެކިޔުން.
  3. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ 2.2 ގައިވާ ފަދައިން ފަރުވާ ހޯދުމަށް ޓަކައި ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެމުންއަންނަ ފަރާތެއް ނަމަ، އަންނަނިވި ލިޔެކިޔުންތައް ހުށަހެޅުން؛
    1. ނުކުޅެދުންތެރިކަމަށް ފަރުވާ ހޯދަންޖެހޭކަމާއި، އެ ފަރުވާ އާންމުކޮށް ހޯދަންޖެހޭ މުއްދަތުތައް ބަޔާންކޮށްފައިވާ، ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ލައިސަންސް ލިބިފައިވާ ޕްރެކްޓިށަނަރަކު ދޫކޮށްފައިވާ ލިޔުން؛ އަދި 
    2. މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ 3.1 ގައި ބަޔާންކޮށްފައިވާ ލިޔުމުގައި ބަޔާން ކޮށްފައިވާ ފަރުވާ، ގްރޭޓަރ މާލެ ސަރަހައްދުން ހޯދަމުންދާކަމާއި، ފަރުވާ ހޯދައިފައިވާ މުއްދަތު ސާބިތުކޮށްދިނުމަށް، ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔެކިޔުން؛ އަދި
    3. ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަކަން ސާބިތުކޮށްދިނުމަށް، މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ލިޔުމެއް.
  4.  މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ 2.3 ގައިވާ ފަދައިން ގްރޭޓަރ މާލެ ސަރަހައްދުގައި މެދުނުކެނޑި 5 (ފަހެއް) އަހަރު ދިރިއުޅެފައިވާ ފަރާތެއް ނަމަ، ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅުނު މުއްދަތު ސާބިތުކުރުމަށް ޓަކައި އަންނަނިވި ލިޔެކިޔުން؛
    1. ޕެންށަން ސްކީމަށް ހިއްސާކުރ،ާ ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން. (މި ލިޔުމުގައި، ވަޒީފާ އަދާކުރަން ފެށި ތާރީހާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހައިފައި އޮތުން)؛ ނުވަތަ
    2. ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ތަސްދީގުކުރުމުގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއް ކަމުގައި ވާ ނަމަ، ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން (މި ލިޔުމުގައި، ވަޒީފާ އަދާކުރަން ފެށި ތާރީހުގައި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހައިފައި އޮތުން)؛ ނުވަތަ
    3. ގްރޭޓަރ މާލެ ސަރަހައްދު ގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، ގްރޭޓަރ މާލެ ސަރަހައްދުގައި އެ މީހަކު ދިރިއުޅެފައިވާ ގޭގެ ވެރިފަރާތުން ދީފައިވާ، މި އުސޫލުގެ ޖަދުވަލު 4 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް، ނޮޓަރައިޒްކޮށްފައިވާ އެފިޑެވިޓް؛ ނުވަތަ 
    4. ގްރޭޓަރ މާލެ ސަރަހައްދުގައިވާ ސްކޫލަކުން ނުވަތަ ތައުލީމީ މަރުކަޒަކުން ތައުލީމު ހާސިލުކޮށްފައިވާކަން އެނގޭނެ ލިޔުން؛ ނުވަތަ
    5. ދައުލަތުގެ އިދާރާއަކުން އެ އިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މައުލޫމާތުން، ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް؛ ނުވަތަ
    6. އާއިލާއާއެކު ދިރިއުޅެފައިވާ ނަމަ، އާއިލާގެ މެން ބަރުން ނުވަތަ އަނބިމީހާ/ފިރިމީހާ ގްރޭޓަރ މާލެ ސަރަހައްދުގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ލިޔުން؛ ނުވަތަ
    7. އާއިލާއާއެކު ދިރިއުޅެފައިވާ ނަމަ، އާއިލާގެ މެން ބަރުން ނުވަތަ އަނބިމީހާ/ފިރިމީހާ ގްރޭޓަރ މާލެ ސަރަހައްދުގައިވާ ސްކޫލަކުން ނުވަތަ ތައުލީމީ މަރުކަޒަކުން ތައުލީމު ހާސިލުކޮށްފައިވާކަން އެނގޭނެ ލިޔުން؛ ނުވަތަ
    8. އެއްވެސް ސަބަބަކާހުރެ ގްރޭޓަރ މާލެ ސަރަހައްދު ނޫން ސަރަހައްދެއްގައި ގޯއްޗަށް އެދޭ ފަރާތުން ދިރިއުޅެފައިވާ ނަމަ، މި އުސޫލުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުވާކަމުގެ ލިޔުން.
  5.  އެޕްލިކަންޓުގެ ނުވަތަ އެޕްލިކަންޓުގެ ބެލުމުގެ ދަށުގައިވާ އެއްވެސް ފަރާތެއްގެ ސިއްހީ ހާލަތެއް ހުންނަކަން ބަޔާންކޮށްފި ނަމަ، އެކަން ސާބިތުކޮށްދިނުމަށް ކަމާ ގުޅޭ ލައިސަންސް ލިބިފައިވާ އިދާރާއަކުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ލައިސަންސް ލިބިފައިވާ ޕްރެކްޓިށަނަރަކު ދޫކޮށްފައިވާ ލިޔުން؛
  6. ގާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖަކު ހުރި ނަމަ، ގާނޫނީގޮތުން ބެލެނިވެރިކަން ހަވާލުވެފައިވާކަން އެނގޭ، ކަމާގުޅޭ އިދާރާއިން ދޫކޮށްފައިވާ ލިޔުން؛
  7. ކައިވެނިކޮށްގެން އުޅޭ ނަމަ، ކައިވެނީގެ ސެޓުފިކެޓު؛
  8. ވަޒީފާ އަދާކުރާ ފަރާތެއް ނަމަ، ވަޒީފާ އަދާކުރާކަން ސާބިތުކޮށްދިނުމަށް، ވަޒީފާ ދިން ފަރާތުގެ ލިޔުމެއް؛
  9. މި އުސޫލުގައިވާ ގޮތުގެ މަތީން އެޕްލިކޭށަން ހުށަހަޅާ ފަރާތުގެ ހައްގުތަކާ ގުޅޭގޮތުން، މި އުސޫލުގެ ޖަދުވަލު 3 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް، އެޕްލިކޭށަން ހުށަހަޅާ ފަރާތުން ސޮއިކޮށް އިނގިލީގެ ނިށާން ޖަހައިފައި ހުށަހަޅާ އިގުރާރު.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން ވެސް މިނިސްޓްރީން ހުށަހަޅަން އަންގާ މައުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކެޓަގަރީއަށް ށަރުތު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓު ދޭނީ، މި އުސޫލުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ޅ) މި މާއްދާގައިވާ ގޮތުގެ މަތީން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހައުސިންގ ޔުނިޓްތައް ކަނޑައަޅާނީ، އެ ފަރާތްތަކުގެ މެދުގައި، މި އުސޫލުގެ ޖަދުވަލު 5 ގައިވާ ގޮތުގެ މަތީން ޕޮއިންޓު ދިނުމަށްފަހުގައެވެ.

 

4 ވަނަ މާއްދާ - މި އުސޫލުގެ ޖަދުވަލު 4 ގެ ފަހަތަށް ޖަދުވަލު 5 އިތުރުކުރުން.

 

5 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، މި އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-36)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު