-

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-36) އަށް 2 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2026-15)

(މި އުސޫލަށް އަމަލުކުރަން ފެށީ 9 މޭ 2026 ގައި)

 

އުސޫލު ނަންބަރު 2025-36 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތައާރުފާއި ނަން 1.

(ހ) މިއީ، މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ދިވެހިރާއްޖޭގެ ހިޔާވަހިކަމާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި، 18 (އަށާރަ) އަހަރުން މަތީގެ ދިވެހި ރައްޔިތުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން، މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި ބޯހިޔާވަހިކަމުގެ ފުރިހަމަ ޕުރޮގުރާމުތަކެއް ގާއިމުކުރުމަށާއި، ށަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑުތަކާއި، އެޕްލިކޭށަން ހުށަހެޅުމުގެ އިޖުރާތުތަކާއި، އިވެލުއޭޓްކުރުމާއި، ބޯހިޔާވަހިކަން ލިބޭ ފަރާތްތައް ކަނޑައެޅުމާއި، މި ކަންކަމާ ގުޅުންހުރި އެހެނިހެން ކަންކަން ހިންގުމާ ގުޅޭ އުސޫލެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 1-15 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ 1-15.

(ށ) ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ފުލެޓަށް އެދި ހުށަހަޅާއިރު، މި އުސޫލުގެ 7 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ރ) އާއި، މި އުސޫލުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތައް އެ ފަރާތްތަކުގެ މައްޗަކަށް ނުހިނގާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 1-15 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ރ-1) އާއި (ރ-2) ގެ ގޮތުގައި އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން.

(ރ-1) 8 (އަށާރަ) އަހަރު ފުރިފައިނުވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ ފަރާތަކީ ފޯމު ފުރުމަށް ނުވަތަ ބޯހިޔާވަހިކަމެއްގެ ޒިންމާ އުފުލުމަށް އުނދަގޫ ފަރާތްތަކުގެ ބަދަލުގައި، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީގައި ރަޖިސްޓަރ ވެފައިވާ އެ ފަރާތުގެ ބެލެނިވެރި ފަރާތަކުން މި މާއްދާގެ ދަށުން އެޕްލިކޭށަން ހުށަހެޅިދާނެއެވެ.

(ރ-2) މި މާއްދާގެ (ރ-1) ގައިވާ ފަދައިނ،ް ބެލެނިވެރި ފަރާތަކުން ފޯމު ހުށަހަޅާ ކަމުގައި ވާ ނަމަ، އެޕްލިކޭށަނާއެކު ހުށަހަޅާ އިގުރާރުގައި ސޮއިކުރަންވާނީ ފޯމު ހުށަހަޅާ ބެލެނިވެރި ފަރާތުންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 1-15 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކޮށް،އެ މާއްދާގެ (ބ) ގެ ފަހަތަށްއަންނިވި ގޮތަށް (ބ-1) ގެ ގޮތުގައި އަކުރެއް އިތުރުކުރުން

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކެޓަގަރީ އަށް ށަރުތު ފުރިހަމަވާ ފަރާތްތަކަށް މި އުސޫލުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕޮއިންޓް ދީ އެސެސްކޮށް، 18 (އަށާރަ) އަހަރު ފުރިފައިނުވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެސެސްކުރުމުގައި މި އުސޫލުގެ 11 ވަނަ މާއްދާގައިވާ ފަދަ މުދަލުގެ މިލްކުވެރިކަމެއް އެ ފަރާތުގެ މައިންބަފައިންގެ ކިބައިގައި ހުރިކަން ބެލޭނެއެވެ. 

(ބ-1) މި މާއްދާގެ (ރ-1) ގައި ބަޔާންކޮށްފައިވާ ގޮތަށް، ނުކުޅެދުންތެރިކަން ހުރި ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އެޕްލިކޭށަން ހުށަހެޅި ނަމަވެސް، ށަރުތު ފުރިހަމަވޭތޯ ބެލުމުގައްޔާއި ޕޮއިންޓު ދިނުމުގައި ބަލާނީ ނުކުޅެދުންތެރިކަން ހުރި ފަރާތުގެ މައުލޫމާތާއި ލިޔެކިޔުމަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 1-15 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ޅ-1) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން

(ޅ-1) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް، 18 (އަށާރަ) އަހަރު ނުފުރޭ، ނުކުޅެދުންތެރިކަން ހުރި ފަރާތަކާއި، އެ ފަރާތުގެ މައިންބަފައިންގެ ތެރެއިން ފަރާތެއް ވެސް މި އުސޫލުގެ ދަށުން ވަކިން އެޕްލިކޭށަން ހުށަހަޅައި ށަރުތު ފުރިހަމަވާ ހާލަތުގައި ފުލެޓު ކަނޑައެޅޭނީ އެތަނުން ކޮންމެވެސް އެއް ފަރާތަކަށެވެ. 

 

6 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 19 ވަނަ މާއްދާގެ (ގ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

"ހާއްސަ އިސްކަންދޭ ކެޓަގަރީ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯހިޔާވަހިކަން ދޫކުރުމަށް ށަރުތު ހަމަވާ އެޕްލިކަންޓުންގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް ދެވޭނެ ފަރާތްތަކެއް ހިމެނޭގޮތަށް އެކުލަވައިލައިފައިވާ ކެޓަގަރީތަކަށެވެ. 

 

7 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނީ، މި އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-36)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު