-

ނޫސް މަޖައްލާ ރަޖިސްޓަރިކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-27)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 އެޕްރީލް 2026 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު، އިސްލާމީ އަހުލާގީ މިންގަނޑުތަކާއި ގާނޫނީ އިމުގެ ތެރޭގައި ބޭނުންކުރުމަށް މަގުފަހިކުރުމަށާއި، ނޫސް މަޖައްލާ ރަޖިސްޓަރީކުރުމާއި ހިންގުމާއި ނޫސް މަޖައްލާގެ ހިދުމަތް ދިނުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް، ގާނޫނު ނަންބަރު 2025-16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ 7 ވަނަ ބާބަށް ރިއާޔަތްކޮށް އެ ގާނޫނުގެ 83 ވަނަ މާއްދާގެ (ރ) ގެ ދަށުން ބާރު ލިބިގެން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނޫސް މަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު 

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2025-16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ 7 ވަނަ ބާބަށް ރިއާޔަތްކޮށް އެ ގާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީކޮށް ށާއިއުކުރުމުގައި އަމަލުކުރަންވީ ހަމަތައް ދެފުށް ފެންނާނެ ގޮތަށް ބަޔާންކުރުމެވެ.

 

 

ދެވަނަ ބާބު

ނޫސް މަޖައްލާ ރަޖިސްޓަރީކުރުމާއި ށާއިއުކުރުން

 

3 ވަނަ މާއްދާ - މީޑިއާގެ ހިދުމަތުގެ ބާވަތްތައް

(ހ) ނޫސް މަޖައްލާގެ ހިދުމަތްތައް ބެހިގެންވަނީ އަންނަނިވި 4 (ހަތަރެއް) ބާވަތަށެވެ.

  1. ނޫސް؛
  2. މަޖައްލާ؛
  3. ނިއުސްލެޓަރ؛
  4. ޖާނަލް؛

(ށ) ނޫސް މަޖައްލާގެ ހިދުމަތް ދިނުމަށް ބޭނުންކުރެވޭ ވަސީލަތްތައް ބެހިގެންވަނީ އަންނަނިވި 5 (ފަހެއް) ބައިގެ މައްޗަށެވެ.

  1. ޕްރިންޓް؛
  2. ވެބްސައިޓް؛
  3. ސޯށަލް މީޑިއާ؛
  4. އެޕްލިކޭށަން؛
  5. އިލެކްޓްރޯނިކް މީޑިއާ؛

 

4 ވަނަ މާއްދާ - ނޫސް މަޖައްލާ ރަޖިސްޓަރީކޮށްގެން ށާއިއުކުރުން

ގާނޫނު ނަންބަރު 2025-16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނެތްހައި ހިނދަކު، އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެއްވެސް ވަސީލަތެއް މެދުވެރިކޮށް، ދިވެހިރާއްޖޭގައި، އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ށާއިއުކުރަންވާނީ ކޮމިށަނުގައި ރަޖިސްޓަރީކުރުމަށްފަހުގައެވެ. މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ނުކޮށް، ދިވެހިރާއްޖޭގައި ނޫސް މަޖައްލާ ހިންގުމަކީ ހުއްދަކަމެއް ނޫނެވެ.

 

5 ވަނަ މާއްދާ - ރަޖިސްޓަރީކުރުމުން އިސްތިސްނާވުން

ގާނޫނު ނަންބަރު 2025-16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) ގެ 45 ވަނަ މާއްދާގެ (ރ) ގެ ދަށުން ރަޖިސްޓަރީކޮށްގެން ށާއިއުކުރުމުން އިސްތިސްނާވާނީ، ކަމާބެހޭ ގާނޫނެއްގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން ނުވަތަ ކްލަބަކުން ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ ޔޫނިއަނަކުން ނުވަތަ ކުންފުންޏަކުން، ނުވަތަ ގާނޫނީ ށަހްސަކުން ނުވަތަ ސަރުކާރުގެ އިދާރާއަކުން، ހަމައެކަނި އެ ތަނެއްގެ މުވައްޒަފުންގެ މެދުގައި، ނުވަތަ މެންބަރުންގެ މެދުގައި ނުވަތަ އާންމުކޮށް ފެންނާނޭހެން، ހަމައެކަނި އެ ތަނަކާ ގުޅޭ މައުލޫމާތާއި ހަބަރާ ނުވަތަ އެ ތަނެއްގެ މަސައްކަތާ ގުޅޭގޮތުން އާންމުންނަށް އެނގެންޖެހޭ މައުލޫމާތާއި ހަބަރު ފެތުރުމަށްޓަކައި ށާއިއުކުރާ ލިއުންތަކެވެ.

 

6 ވަނަ މާއްދާ - ނޫސް މަޖައްލާ ރަޖިސްޓަރީކުރަން ހުށަހެޅުން

(ހ) ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކުރުމަށް އެދޭ ފަރާތަކުން ނޫސް ނުވަތަ މަޖައްލާ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ 1 ޖަދުވަލުގައިވާ ފޯމު ނުވަތަ ކޮމިށަނުން ކަނޑައަޅާ އޮންލައިން ނިޒާމެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކުރުމަށް، ހުށަހަޅާ ފޯމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކުރަން އެދޭ ފަރާތުގެ މައުލޫމާތު ހިމެނޭ ލިޔެކިޔުން:
    1.1 ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކުރަން އެދޭ، މަސްއޫލުވެރި ފަރާތަކީ ގާނޫނު ނަންބަރު 2014-09 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ގާނޫނީ ށަހްސެއްގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިއެއް ނަމަ، ނުވަތަ ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރށިޕެއް ނަމަ، ނުވަތަ ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، ނުވަތަ ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނަމަ، ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާއަކުން އެ ފަރާތަކަށް ދޫކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީ.
    1.2 އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރި މެދުވެރިކޮށް ނޫސް މަޖައްލާ ހިންގުމަށް ވިޔަފާރީގެ ވެރިފަރާތުން ނިންމައިފައިވާ ވިޔަފާރީގެ ސިއްކަ ޖެހި ލިޔުން.
    1.3 ނޫސް މަޖައްލާ ހިންގުމަށް އެދެނީ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަކުން ނަމަ، އެ ވިޔަފާރީގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
    1.4 ޕާޓްނަރށިޕެއް ނަމަ، ޕާޓްނަރށިޕްގެ ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ ފަދަ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް، އަދި ޕާޓްނަރށިޕްގެ ހިއްސާދާރުންގެ ތެރޭގައި އެހެން ކުންފުންޏެއް ހިމެނޭ ނަމަ، އެ ކުންފުނީގެ ހިއްސާދާރެއްކަން އަންގައިދޭ ފަދަ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހެޅުން.
    1.5 ޕާޓްނަރށިޕެއް ނަމަ، ޕާޓްނަރށިޕްގެ ބޯޑުން ނޫސް މަޖައްލާ ހިންގުމަށް ނިންމައިފައިވާ، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖެހި ރެޒޮލިއުށަނުގެ ކޮޕީ.
    1.6 ޕާޓްނަރށިޕެއް ނަމަ، އެ ޕާޓްނަރށިޕްގައި ހިމެނޭ ހުރިހާ ހިއްސާދާރުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
    1.7 ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، އެ ސޮސައިޓީގެ ހިންގާ ކޮމިޓީން ނޫސް މަޖައްލާ ހިންގުމަށް ނިންމައިފައިވާ، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖެހި ބޯޑު ރެޒޮލިއުށަނުގެ ކޮފީ.
    1.8 ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، އެ ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮފީ.
    1.9 ކުންފުންޏެއް ނަމަ ކުންފުނީގެ ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް. އަދި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި، އެހެން ކުންފުންޏެއް ހިމެނޭ ނަމަ، ހިއްސާދާރެއްގެ ގޮތުގައި ހިމެނޭ ކުންފުނީގެ ހިއްސާދާރުންގެ މައުލޫމާތު އަންގައިދޭ ފަދަ، ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް.
    1.10 ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކުރަން އެދޭ ފަރާތަކީ ކުންފުންޏެއް ނަމަ، ކުންފުނީގެ ބޯޑުން ނޫސް މަޖައްލާ ހިންގުމަށް ނިންމައިފައިވާ ބޯޑު ރެޒޮލިއުށަނުގެ އަސްލާ އެއްގޮތްކަން އަންގައިދޭ، ތައްގަނޑު ޖެހި ކޮފީ.

(ނ) ނޫސް ނުވަތަ މަޖައްލާއަށް ކިޔުމަށް ހުށަހަޅައިފައިވާ ނަމަކީ، ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ ނަމެއްކަން އަންގައިދޭ، އެ އިދާރާއިން ދޫކޮށްފައިވާ ލިޔުން.

(ރ) ނޫސް މަޖައްލާގެ އިދާރާގެ ގޮތުގައި ރަޖިސްޓަރީކުރަން އެދޭ ތަނަކީ، ރަޖިސްޓަރީކުރަން އެދޭ ފަރާތުގެ އަމިއްލަ މިލްކުގައިވާ ތަނެއްކަމުގައި ވާ ނަމަ، އެ ތަނެއްގެ ރަޖިސްޓަރީގެ ކޮފީ، އަދި، އެ ތަނަކީ ރަޖިސްޓަރީކުރަން އެދޭ ފަރާތް ނޫން އެހެން ފަރާތެއްގެ މިލްކުގައިވާ ތަނެއް ނަމަ، އެ ތަނުގައި ނޫސް މަޖައްލާގެ އިދާރާ ހިންގުމަށް އެ ތަނުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުން.

(ބ) މި ގަވާއިދުގެ 2 ވަނަ ޖަދުވަލުގައި ވާ ނޫސް މަޖައްލާގެ އެޑިޓަރުގެ މައުލޫމާތު ފޯމާއި އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް.

 

7 ވަނަ މާއްދާ - ހަށް ނުވަތަ މަޖައްލާއަށް ކިޔާ ނަން

(ހ) ނޫހަށް ނުވަތަ މަޖައްލާއަށް ކިޔަން ހުށަހަޅާ ނަމަކީ، އަންނަނިވި ބާވަތުގެ ނަމަކަށް ވެގެން ނުވާނެއެވެ.

  1. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ނަމެއް. 
  2. ރަޖިސްޓަރީކުރަން ކޮމިށަނަށް ހުށަހަޅައިފައިވާ ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ނަމެއް؛\
  3. ދިވެހިރާއްޖެއިން ބޭރުގައި ށާއިއުކުރާ މަށްހޫރު ނޫހަކަށް ނުވަތަ މަޖައްލާއަކަށް ކިޔާ ނަމެއް؛
  4. ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވާ ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ށާއިއުކުރާ މަށްހޫރު ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ނަމާ، އެއްގޮތް ނުވަތަ އެ ނަމެއް ބޭނުންކޮށްފި ނަމަ އެ ނޫހަކީ ނުވަތަ އެ މަޖައްލާއަކީ ބުނެވިދިޔަ ނޫހާ ނުވަތަ މަޖައްލާއާ ގުޅުންހުރި ނޫހެއްކަމަށް ނުވަތަ މަޖައްލާއެއްކަމަށް ދޭހަވާ ބާވަތުގެ ނަމެއް؛
  5. ދިވެހިރާއްޖޭގެ އެއްވެސް މީޑިއާއެއްގައި އެ މީޑިއާއަކުން އަމިއްލައަށް އުފައްދައިގެން ހިންގާ މަށްހޫރު ޕްރޮގުރާމެއްގެ ނުވަތަ ކޮލަމެއްގެ ނަމެއް

(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫހަކަށް ނުވަތަ މަޖައްލާއަކަށް ކިޔާ ނަމެއް، އެ ނަން ރަޖިސްޓަރީކޮށްދެވިފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް ރަޖިސްޓަރީކޮށްދެވޭނީ، އެ އެއްޗެއްގެ ރަޖިސްޓަރީ ހީ އުވައިލާތާ 3 (ތިނެއް) އަހަރުދުވަހުގެ ފަހުންނެވެ.

 

8 ވަނަ މާއްދާ - ނޫސް ނުވަތަ މަޖައްލާ ށާއިއުކުރަން ގަސްތުކުރާ ބަސް

ނޫސް ނުވަތަ މަޖައްލާ ރަޖިސްޓަރީކުރަން ހުށަހަޅާއިރު އެ ނޫސް ނުވަތަ މަޖައްލާ ށާއިއުކުރަން ގަސްތުކުރާ ބަސް ނުވަތަ ބަސްތައް ބަޔާންކުރަންވާނެއެވެ. އެ ނޫން ބަހަކުން އެ ނޫސް ނުވަތަ މަޖައްލާ ށާއިއުކުރާ ނަމަ ށާއިއުކުރަންވާނީ ކޮމިށަނުގެ ހުއްދަ ލިބިގެންނެވެ.

 

9 ވަނަ މާއްދާ - ރަޖިސްޓަރީ ދޫކުރުމާމެދު ގޮތެއް ނިންމުން

ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާ ހުށަހެޅުމާމެދު ކޮމިށަނުން ނިންމާ ގޮތެއް، އެ ހުށަހެޅުން ހުށަހަޅާ ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކޮށްނުދިނުމަށް ކޮމިށަނުން ނިންމައިފި ނަމަ، ކޮމިށަނުގެ ނިންމުން، ރަޖިސްޓަރީކުރަން ހުށަހެޅި ފަރާތަށް އަންގާ އެންގުމުގައި، ރަޖިސްޓަރީ ނުކުރުމަށް ކޮމިށަނުން ނިންމި ސަބަބު ބަޔާންކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ހިދުމަތް ފަށަންޖެހޭ ތާރީހަށް ނުފެށުން 

ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، ރަޖިސްޓަރީ ދޫކުރެވިފައިވާ ނޫސް މަޖައްލާއަކުން ހިދުމަތް ދޭން ފަށާފައިނުވާ ނަމަ، އެ ފަރާތެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ރަޖިސްޓަރީގެ މުއްދަތު

ނޫސް މަޖައްލާގެ ހިދުމަތް ދިނުމަށް ދޫކުރެވޭ ރަޖިސްޓަރީއެއްގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ.

 

12 ވަނަ މާއްދާ - ފީތައް

(ހ) ނޫސް މަޖައްލާގެ ހިދުމަތާ ގުޅިގެން ކޮމިށަނަށް ދައްކަންޖެހޭ ފީ ބެހިގެންވަނީ 2 (ދޭއް) ބަޔަކަށެވެ. އެ 2 ބައި ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ރަޖިސްޓަރީ ދޫކުރުމަށް، ކޮމިށަނަށް ދައްކަންޖެހޭ ރަޖިސްޓްރޭށަން ފީ؛
  2. ނޫސް މަޖައްލާގެ ރަޖިސްޓަރީގެ މުއްދަތަށް ނަގާ ފީ

(ށ) ނޫސް މަޖައްލާގެ ހިދުމަތް ދިނުމަށް ދޫކުރެވޭ ރަޖިސްޓްރޭށަން ފީއާއި ރަޖިސްޓަރީގެ މުއްދަތަށް ނަގާ ފީ، މި ގަވާއިދުގެ 3 ޖަދުވަލުގައި ހިމަނައިފައިވާނެއެވެ.

(ނ) ނޫސް މަޖައްލާގެ ރަޖިސްޓަރީ ދޫކުރުމަށް ނުވަތަ އައުކުރުމަށް ކޮމިށަނުން ނިންމިތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގެ (1) ވަނަ އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފީ ދައްކައި ހަލާސްކުރަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކުގެ އެޕްލިކޭށަން ބާތިލުވާނެއެވެ.

(ރ) މި ގަވާއިދުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޫސް މަޖައްލާތަކުގެ ރިކޯޑު އަދާހަމަކުރާ ފަރާތްތަކުން ވެސް، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ޕަބްލިކް ސަރވިސް މީޑިއާގެ ރަޖިސްޓަރީ ފީ

ގަވާއިދުގެ 12 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2015-09 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އިން ޕަބްލިކް ސަރވިސް މީޑިއާއިން ދިނުން ލާޒިމުކޮށްފައިވާ 4 (ހަތަރެއް) ހިދުމަތުގެ ތެރެއިން މި ގަވާއިދުގެ ދަށުން ހުއްދަ ދޫކުރަންޖެހޭ ހިދުމަތްތަކަށް ނަގާ ފީ އިސްތިސްނާވާނެއެވެ.

 

14 ވަނަ މާއްދާ - ރަޖިސްޓަރީ އައުކުރުން

(ހ) ނޫސް މަޖައްލާ ހިންގުމަށް ދޫކޮށްފައިވާ ރަޖިސްޓަރީގެ މުއްދަތު ހަމަވުމުގެ 90 (ނުވަތިހަ) ދުވަހުގެ ކުރިން ރަޖިސްޓަރީ އައުކުރުމަށް އެދި، މި ގަވާއިދުގެ 1 ޖަދުވަލުގައިވާ ފޯމު މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

(ށ) ނޫސް މަޖައްލާ ހިންގުމަށް ދޫކޮށްފައިވާ ރަޖިސްޓަރީގެ މުއްދަތު ހަމަވާއިރު، ރަޖިސްޓަރީ އައުކުރުމަށް ހުށަހަޅައިފައިނުވާ ނަމަ އެ ރަޖިސްޓަރީއެއް ބާތިލުވާނެއެވެ.

 

15 ވަނަ މާއްދާ - މަސްއޫލުވެރިކަން ބަދަލުވުމުން ރަޖިސްޓަރީ އައުކުރުން

(ހ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިކަން ބަދަލުކުރާ ތާރީހުން ފެށިގެން އެ ނޫހެއްގެ ނުވަތަ އެ މަޖައްލާއެއްގެ ރަޖިސްޓަރީ އައުކުރަންވާނެއެވެ. އަދި މިފަދައިން ރަޖިސްޓަރީ އައުކުރުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމު މެދުވެރިކޮށެވެ.

(ށ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިކަން ބަދަލުކުރުމަށްފަހު، އެކަން ކޮމިށަނަށް ނާންގައިފި ނަމަ ނުވަތަ ރަޖިސްޓަރީ އައުނުކޮށްފި ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ރަޖިސްޓަރީކޮށްފައިވާ ނޫހެއް ނުވަތަ މަޖައްލާއެއް ށާއިއުކުރުމަށް އެ ނޫހަކުން ނުވަތަ އެ މަޖައްލާއަކުން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ށާއިއުކުރުން ހުއްޓައިލައި، އެންމެ ފަހުން ށާއިއުކުރި އަދަދު ށާއިއުކުރިތާ 12 (ބާރަ) މަސްދުވަސް ފާއިތުވެ، މި މުއްދަތުގެ ތެރޭގައި އިތުރު އަދަދެއް އެ ނޫހަކުން ނުވަތަ މަޖައްލާއަކުން ށާއިއުކޮށްފައި ނުވާ ނަމަ، ބެލެވޭނީ، އެ ނޫހެއް ނުވަތަ އެ މަޖައްލާއެއް ށާއިއުކުރުން ހުއްޓާލީ ކަމުގައެވެ. މި ހާލަތުގައި، އެފަދަ ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހުތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ނޫހެއް ނުވަތަ މަޖައްލާއެއް ރަޖިސްޓަރީކުރުމުގެ މަރުހަލާގައި، ކޮމިށަނަށް ކަމެއް އޮޅުވައިލައިފައިވާކަން ރަޖިސްޓަރީކުރުމަށްފަހު، ސާބިތުވެއްޖެ ނަމަ، އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރާއި، އެ ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މަސްއޫލުވެރި ފަރާތުން ބޭނުންވެގެން ނޫސް މަޖައްލާއެއްގެ ރަޖިސްޓަރީ ބާތިލުކުރަން އެދެންވާނީ، މި ގަވާއިދުގެ ޖަދުވަލުގައިވާ ފޯމު މެދުވެރިކޮށެވެ.

(ރ) މަސްއޫލުވެރި ފަރާތުން އެދިގެން ރަޖިސްޓަރީ ބާތިލުކުރާ ނަމަ، އެ ރަޖިސްޓަރީ ބާތިލުކުރެވޭނީ، ކޮމިށަނަށް ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދައްކައި ހަލާސްކުރުމުންނެވެ.

 

 

ތިންވަނަ ބާބު

ނޫސް މަޖައްލާއާއި، އިލެކްޓްރޯނިކް މީޑިއާގެ ހިދުމަތް ދިނުން

 

17 ވަނަ މާއްދާ - ހިދުމަތް ފެށުން

(ހ) ނޫސްމަޖައްލާގެ ހިދުމަތް ދިނުމަށް، ރަޖިސްޓަރީ ދޫކުރާ ތާރީހުން ފެށިގެން، 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ނޫހަކުން ނުވަތަ މަޖައްލާއަކުން، ކޮންޓެންޓް ށާއިއުކުރަން ފަށަންވާނެއެވެ

(ށ) ނޫހެއް ނުވަތަ މަޖައްލާއެއް ށާއިއުކުރާ ވަސީލަތަކުން އަބަދުވެސް، އެ ފަރާތަކީ ކޮން ނަމެއްގައި ހިދުމަތްދޭ ފަރާތެއްކަން، އެނގެން އޮންނަންވާނެއެވެ. މިގޮތުން، ނޫހުގެ ނުވަތަ މަޖައްލާގެ ށާއިއުކުރުންތަކުގައި އަންނަނިވި ކަންކަން ފުރިހަމަ ވާންވާނެއެވެ.

  1. ޕްރިންޓުގެ ވަސީލަތް މެދުވެރިކޮށް ނެރޭ ނޫސް މަޖައްލާތަކުގެ ހުރިހާ ސަފްހާއެއްގައި ވެސް، އެ ނޫހަކީ ނުވަތަ މަޖައްލާއަކީ، ކޮން ނޫހެއްކަން ނުވަތަ މަޖައްލާއެއްކަން، އެނގެން އޮންނަންވާނެއެވެ؛
  2. އިންޓަނެޓުގެ ވަސީލަތްތައް މެދުވެރިކޮށް ށާއިއުކުރާ ނޫސް މަޖައްލާތަކުން، އެ ވަސީލަތެއްގެ ކޮންމެ ސަފްހާއެއްގައި ވެސް، ހިދުމަތް ފޯރުކޮށްދޭ ފަރާތަކީ ކޮބައިކަން، އެނގެން އޮންނަންވާނެއެވެ؛
  3. އިންޓަނެޓުގެ ވަސީލަތްތައް މެދުވެރިކޮށް ށާއިއުކުރާ ވީޑިއޯއާއި އޯޑިއޯ ފަދަ ކޮންޓެންޓް: ށާއިއުކުރާއިރު، އެ ކޮންޓެންޓުގައި އެ ކޮންޓެންޓް ށާއިއުކުރި ފަރާތަކީ ކޮބައިކަމާއި، ށާއިއުކުރި ދުވަހާއި ވަގުތު އެނގެން އޮންނަންވާނެއެވެ.
  4. ނޫސް މަޖައްލާތަކުން ށާއިއުކުރާ ކޮންޓެންޓަކީ އެ ފަރާތަށް ށާއިއުކުރުމުގެ ހުއްދަ އޮތް ކޮންޓެންޓަކަށް ވާންވާނެއެވެ. މީގެ ތެރޭގައި ހަބަރާއި މައުލޫމާތު، އާޓިކަލް ނުވަތަ އާޓިކަލެއްގެ ބައިތައް، ފޮޓޯ، ވީޑިއޯ ނުވަތަ ވީޑިއޯއެއްގެ ބައިތައް، އޯޑިއޯ ނުވަތަ އޯޑިއޯއެއްގެ ބައިތައް ހިމެނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްގެން އޮންލައިން ނޫސް މަޖައްލާގެ ހިދުމަތް ދޭންވާނީ އަންނަނިވި ގޮތްތަކުގެ މަތީންނެވެ.

  1. ށާއިއުކުރާ ކޮންޓެންޓް ވެބްސައިޓް ފިޔަވައި އެހެން އެއްވެސް ވަސީލަތެއް މެދުވެރިކޮށް ފޯރުކޮށްދޭންވާނީ ނޫސްމަޖައްލާގެ ރަޖިސްޓަރީގައި އެ ވަސީލަތެއް ހިމެނުމަށް ފަހުގައެވެ؛
  2. މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ކ)ގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން ސޯށަލް މީޑިއާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރާ ނަމަ، ސޯށަލް މީޑިއާގެ މަންސަތަކާއި އެ މަންސަތަކުގެ މައުލޫމާތު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތްތަކުން އަގުނެގުން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއަކުން ސަބްސްކްރިޕްށަނުގެ ގޮތުގައި ހިދުމަތް ލިބިގަންނަ ފަރާތަކުން އެއްވެސް އަގެއް ނަގާ ނަމަ އެ އަގެއް ނަގަންވާނީ ކޮމިށަނަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ. އަދި އަގު ފާސްކުރުމަށް ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމު މެދުވެރިކޮށެވެ.

 

19 ވަނަ މާއްދާ - ވަގުތީގޮތުން ހިދުމަތް މެދުކަނޑައިލުން

އެއްވެސް ހާލަތެއްގައި ނޫހެއް ނުވަތަ މަޖައްލާއެއް ހިންގުމަށް ދޫކޮށްފައިވާ ރަޖިސްޓަރީއެއްގެ ދަށުން ހިންގަމުންގެންދާ ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލަންވާނީ ކޮމިށަންގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ދެމުންގެންދާ ހިދުމަތެއް މެދުކަނޑައިލުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ދެމުންގެންދާ ހިދުމަތެއް ވަގުތީގޮތުން މެދުކަނޑައިލާ ނަމަ، އެ ހިދުމަތެއް މެދުކަނޑައިލުމުގެ ކުރިން ކޮމިށަނަށް އެކަން އަންގަންވާނެއެވެ.

(ށ) ވަގުތީގޮތުން ހިންގުން މެދުކަނޑައިލާ ނަމަ، ހިންގުން މެދުކަނޑައިލުމުގެ ކުރިން އެކަން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ނ) އަމިއްލަ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން ނޫސް މަޖައްލާ ހިންގުމަށް ބުރޫއަރައި ހިންގުން މެދުކެނޑިއްޖެ ނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި، ލިޔުމަކުން ކޮމިށަނަށް .އަންގަންވާނެއެވެ

 

20 ވަނަ މާއްދާ - ދިވެހި ސަރުކާރުގެ ގެޒެޓް ހިދުމަތް އަލުން ފެށުން

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން ވަގުތީގޮތުން މެދުކަނޑައިލެވިފައިވާ ކޮންމެ ނޫސް މަޖައްލާއެއް ވެސް، މެދުކަނޑައިލެވުނު ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އަލުން ހިދުމަތް ދޭން
.ފަށަންވާނެއެވެ

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް މެދުކަނޑައިލައިފައި ބޭއްވޭނީ މުއްދަތު އިތުރުކުރުމަށް ސަބަބު ބަޔާންކޮށް ކޮމިށަނަށް ލިޔުމަކުން ހުށަހަޅައި، ކޮމިށަނުން ހުއްދަ ލިބިގެންނެވެ.

 

21 ވަނަ މާއްދާ - ނޫސް މަޖައްލާގެ ހިންގުން ދާއިމީކޮށް ހުއްޓައިލުން

ރަޖިސްޓަރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއްގެ ހިންގުން ދާއިމީކޮށް ހުއްޓައިލަންވާނީ، މި ގަވާއިދުގެ 1 ވަނަ ޖަދުވަލުގައިވާ ފޯމު މެދުވެރިކޮށް ހިދުމަތް ހުއްޓައިލުމަށާއި ރަޖިސްޓަރީ ބާތިލުކުރުމަށް .އެދުމުން، ކޮމިށަނުން އެކަމަށް ހުއްދަދީ ރަޖިސްޓަރީ ބާތިލުކޮށްދިނުމުންނެވެ

 

22 ވަނަ މާއްދާ - ށާއިއުކުރާނެ މިންވަރާއި ކޮންޓެންޓް ފޯރުވައިދިނުން

(ހ) ނޫސް މަޖައްލާގެ ހިދުމަތް ފަށާއިރު، ހިދުމަތް ދިނުމުގައި ކޮންޓެންޓް ށާއިއުކުރާނެ މިންވަރަކީ ކޮބައިކަން އެ ނޫހަކުން، ނުވަތަ މަޖައްލާއަކުން، ކަނޑައަޅައި، ކޮމިށަނަށް އަންގަންވާނެއެވެ. އަދި އެ ށާއިއުކުރާ މިންވަރަށް ބަދަލުގެންނަން ބޭނުން ނަމަ އެކަން ކުރަންވާނީ، ކޮމިށަނުން އެކަމަށް އެދި ހުއްދަ .ހޯދައިގެންނެވެ

(ށ) ކޮމިށަނުން އެދިއްޖެ ނަމަ، ޕްރިންޓްކޮށްގެން ނެރޭ ނޫސް މަޖައްލާގެ ކޮންމެ އަދަދަކުން 1 (އެކެއް) ކޮޕީ، މޮނިޓަރކުރުމުގެ ބޭނުމަށް އަގަކާނުލައި ކޮމިށަނަށް .ފޯރުކޮށްދޭންވާނެއެވެ

(ސ) ފައިސާ ދައްކައިގެން ބެލޭ ގޮތަށް ށާއިއުކުރާ ކޮންޓެންޓް ހިމެނޭ ނޫސް މަޖައްލާތަކުން، އެ ފަރާތްތަކުގެ ކޮންޓެންޓް، މޮނިޓަރކުރުމުގެ ބޭނުމަށް، އަގަކާނުލައި، ކޮމިށަނަށް .ފޯރުކޮށްދޭންވާނެއެވެ

 

 

ހަތަރުވަނަ ބާބު

ނޫސް މަޖައްލާގެ މަސްއޫލުވެރިޔާއާއި، ޒިންމާ އުފުލާ ފަރާތާއި، އެޑިޓަރުން

 

23 ވަނަ މާއްދާ - މަސްއޫލުވެރިޔާ

(ހ) ދިވެހިރާއްޖޭގައި ނޫސް މަޖައްލާ ހިންގޭނީ މަސްއޫލުވެރިއެއްގެ ޒިންމާގެ ދަށުންނެވެ. އަދި ނޫހުގެ ނުވަތަ މަޖައްލާގެ މަސްއޫލުވެރިޔަކު ކަމުގައި މީހަކަށް ނުވަތަ ގާނޫނީ ށަހްސަކަށް ވެވިދާނެއެވެ

(ށ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިޔަކު ކަމުގައި ހުށަހަޅާ ފަރާތަކީ މީހެއް ނަމަ، އެ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ

  1. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  2. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  3. ހިޔާނާތުގެ ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  4. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ މައްސަލައެއްގައި ހުކުމް ކުރެވިފައިވާ މީހަކު ކަމުގައި ނުވުން؛
  5. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން

(ނ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިޔަކު ކަމުގައި ހުށަހަޅާ ފަރާތަކީ ގާނޫނީ ށަހްސެއް ކަމުގައި ވާ ނަމަ، އެ ތަނެއްގައި އަންނަނިވި ށަރުތު ފުރިހަމަވާންވާނެއެވެ؛

  1. ދިވެހިރާއްޖޭގެ ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ތަނަކަށް ވުން؛
  2. އެ ތަނެއްގެ މަގްސަދުތަކުގެ ތެރޭގައި ނޫސް ނުވަތަ މަޖައްލާ ހިންގުން ހިމެނިފައިވުން؛
  3. ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ށަރުއީ ހުކުމެއް އައިސްފައިވާ ފަރާތެއް ކަމުގައި ނުވުން

 

24 ވަނަ މާއްދާ - މަސްއޫލުވެރިޔާގެ މަގާމު ހުސްވުން

(ހ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިޔަކީ މީހަކު ކަމަށް ވެފައި އޭނާއަށް އަންނަނިވި ދެ ގޮތުންކުރެ ގޮތެއް ދިމާވެއްޖެ ނަމަ މަސްއޫލުވެރިޔާކަމުގެ މަގާމު ހުސްވީއެވެ. އެ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު ހަމަޖެއްސުމަކީ، އެ ވަގުތެއްގައި ހުރި އެންމެ އިސް އެޑިޓަރުގެ ޒިންމާއެކެވެ.

  1. މަސްއޫލުވެރިޔާ މަރުވުން؛
  2. މި ގަވާއިދުގެ 23 ވަނަ މާއްދާގައި މަސްއޫލުވެރިޔެއްގެ ކިބައިގައި ހުރުމަށް ލާޒިމުކުރާ ސިފަތަކުންކުރެ ސިފައެއް އުނިވުން؛

(ށ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިޔަކީ ގާނޫނީ ށަހްސަކަށް ވެފައި ކަމާ ގުޅޭ ގާނޫނެއްގެ ދަށުން އެ ގާނޫނީ ށަހްސު އުވައިލައިފި ނަމަ ނުވަތަ ގާނޫނު ނަންބަރު 2025-16 މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ނ) ގައި މަސްއޫލުވެރިޔެއްގެ ކިބައިގައި ހުރުމަށް ލާޒިމުކުރާ ސިފައެއް ނިވެއްޖެ ނަމަ، އެ ނޫހުގެ ނުވަތަ މަޖައްލާގެ މަސްއޫލުވެރިޔާކަމުގެ މަގާމު ހުސްވީއެވެ. އެ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަގާމަށް މަސްއޫލުވެރިޔަކު ހަމަޖެއްސުމަކީ އެވަގުތަކު ހުރި އެންމެ އިސް އެޑިޓަރުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގައިވާ މުއްދަތުގެ ތެރޭގައި މަސްއޫލުވެރިޔަކު ހަމަނުޖެއްސިއްޖެ ނަމަ، އެ ނޫހުގެ ނުވަތަ މަޖައްލާގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - އެޑިޓަރު

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ދޫކުރެވޭ ހުރިހާ ނޫސް، މަޖައްލާގެ ހިދުމަތެއްގައި އެޑިޓަރަކު ހުންނަންވާނެއެވެ.

 

26 ވަނަ މާއްދާ - އެޑިޓަރު އެޑިޓަރުގެ ށަރުތުތައް

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫސް، މަޖައްލާތަކުގެ އެޑިޓަރުންނަކީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ:

(ހ) ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ކަމާ ގުޅުންހުރި ދާއިރާއަކުން ބެޗަލަރސް ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ މަދުވެގެން ވެސް 5 (ފަހެއް) އަހަރުދުވަހު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވުން.

(ށ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ނ) ހިޔާނާތުގެ ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ މައްސަލައެއްގައި ހުކުމް ކުރެވިފައިވާ މީހަކު ކަމުގައި ނުވުން.

(ބ) ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ އެޑިޓަރުގެ މަގާމަށް އައްޔަނުކުރާ ފަރާތަކީ 4 (ހަތަރެއް) ނުވަތަ އެޔަށް ވުރެ ގިނަ ނޫސް، މަޖައްލާގެ އެޑިޓަރުގެ މަގާމުގައި ހުރި ފަރާތެއް ކަމުގައި ނުވުން.

 

27 ވަނަ މާއްދާ - އެޑިޓަރުގެ މަސްއޫލިއްޔަތާއި ޒިންމާތައް

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫސް، މަޖައްލާތަކުގެ އެޑިޓަރުންގެ އާންމު މަސްއޫލިއްޔަތުތަކާއި ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ށާއިއުކުރެވޭ ކޮންޓެންޓް ބެލެހެއްޓުމުގެ ތެރެއިން ނޫސްވެރިންނާއި އެކުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމާއި މަސައްކަތް ނިންމަންޖެހޭ ސުންގަޑިތައް ބެލެހެއްޓުން.

(ށ) ކޮންޓެންޓް ށާއިއުކުރުމުގެ ކުރިން ޗެކްކުރުމާއި ށާއިއުކުރާ ކޮންޓެންޓް ށާއިއުކުރުމަށް ހުއްދަ ދިނުން

(ނ) އެޑިޓޯރިއަލް ރިވިއުގެ ތެރެއިން ށާއިއުކުރެވޭ ކޮންޓެންޓުގެ ސައްހަކަން ޔަގީންކުރުމަށް މަސައްކަތް ކުރުމާއި، ށާއިއުކުރެވޭ ކޮންޓެންޓުގައި ބޭނުންކުރެވޭ ބަސްމަގު ބަލައި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމާއި، ގެންނަންޖެހޭ ބަދަލުތައް ގެނައުން.

(ރ) ފެކްޓް ޗެކްކުރުމާއި ށާއިއުކުރެވޭ ކޮންޓެންޓުގައި ހިމެނޭ އެއްޗެއްސަކީ ގާނޫނާއި ގަވާއިދާއި، ސުލޫކީ މިންގަނޑުތަކަށް ފެތޭ އެއްޗެއްކަން ޔަގީންކުރުމަށް ޓަކައި ބަލަންޖެހޭ ބެލުންތައް ބެލުން.

(ބ) ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ވަކި ފަރާތެއް ނޭނގޭ ގޮތަށް ށާއިއުކުރާ ހަބަރަކާ ނުވަތަ ލިޔުމަކާ ނުވަތަ ފޮޓޯއަކާ ނުވަތަ ކުރެހުމަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ، އެ ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ އެޑިޓަރެވެ.

(ޅ) ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ވަކި ފަރާތެއް އެނގޭ ގޮތަށް ށާއިއުކުރާ ހަބަރަކާ ނުވަތަ ލިޔުމަކާ ނުވަތަ ފޮޓޯއަކާ ނުވަތަ ކުރެހުމަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމުގެ މަސްއޫލިއްޔަތު އުފުލާނީ ލިޔުމެއް ލިޔުނު މީހާއާއި، ފޮޓޯއެއް ނެގި މީހާއާއި، އެ ކުރެހުމެއް ކުރެހި މީހާއާއި، އެ ނޫހެއްގެ ނުވަތަ އެ މަޖައްލާއެއްގެ އެޑިޓަރެވެ.

 

28 ވަނަ މާއްދާ - އެޑިޓަރުންގެ ސުލޫކީ މިންގަނޑު

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނޫސް މަޖައްލާތަކުގެ އެޑިޓަރުންނަކީ، ހުރިހާ ހާލަތެއްގައި ވެސް، އަންނަނިވި ހަމަތައް ހިފަހައްޓާ ބަޔަކަށް ވާންވާނެއެވެ.

(ހ) ސައްހަކަމާއި ތެދުވެރިކަން:

  1. ށާއިއުކުރެވޭ ހުރިހާ ކޮންޓެންޓަކީ އެ ކޮންޓެންޓެއްގެ ކަށަވަރުކުރެވިފައިވާ އެއްޗެއްކަން ޔަގީންކުރުން؛
  2. ކޮންޓެންޓުގެ ސައްހަކަން ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
  3. ހަގީގަތާ ހިލާފު އެއްވެސް ކޮންޓެންޓެއް ށާއިއުކުރުމުން އެޑިޓަރުން ދުރުހެލިވުން؛
  4. ހަގީގީ ކޮންޓެންޓާއި ހިޔާލީ ކޮންޓެންޓް ވަކިވާނޭހެން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ސާފުވާނެގޮތަށް ވަކިކޮށް، އެއީ ކޮންކަހަލަ ކޮންޓެންޓެއްކަން އެ ކޮންޓެންޓެއްގައި ބަޔާންކުރުން.

(ށ) އިންސާފުވެރިކަމާއި ހަމަހަމަކަން.

  1. ކޮންޓެންޓް ށާއިއުކުރުމުގައި، ކޮންމެ ކޮންޓެންޓެއްގައި ވެސް ހިމެނޭ އެންމެހައި ފަރާތްތަކަށް، އެ ފަރާތްތަކުގެ ބަސް ހިމެނުމުގެ ފުރުސަތު ދިނުމާއި، ށާއިއުކުރެވޭ ކޮންޓެންޓަކީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ށާއިއުކުރެވޭ ކޮންޓެންޓެއްކަން ކަށަވަރުކުރުން؛
  2. ހަބަރުތަކާއި ރިޕޯޓުތައް ހުށަހެޅުމުގައި ވަކި ފަރާތަކަށް ނުވަތަ ވަކި ހިޔާލަކަށް ބުރަވުމުން ދުރުހެލިވެ، ނުސީދާ ގޮތެއްގައި ވެސް ވަކި ފަރާތެއްގެ މަސްލަހަތު އިސްކުރުމުން އެއްކިބާވުން؛

(ނ) އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކަށް އިހްތިރާމުކުރުން.

  1. ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކަށާއި ޒާތީ މައުލޫމާތުތަކަށް އެޑިޓަރުން ފުރިހަމައަށް އިހްތިރާމުކުރުން؛
  2. ގާނޫނީ ހުއްދައެއް ނެތި ނުވަތަ ވަކި ފަރުދެއްގެ ހުއްދަ ނެތި، އެ ފަރުދެއްގެ ޒާތީ މައުލޫމާތު ނުވަތަ އަމިއްލަ ދިރިއުޅުމުގެ ކަންކަން ށާއިއުކުރުމުން އެއްކިބާވުން؛
  3. ކުޑަކުދިންނާއި އަންހެނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ޖިސްމާނީ ގޮތުން ނުވަތަ ނަފުސާނީ ގޮތުން ނާޒުކު ހާލަތެއްގައި ވާ ފަރާތްތަކާ ގުޅުންހުރި މައުލޫމާތު ށާއިއުކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަމާ ގުޅުންހުރި ގާނޫނުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން؛
  4. ހުއްދަ ނެތި ރިކޯޑުކޮށްފައިވާ މައުލޫމާތު ބޭނުން ނުކުރުމާއި، އެ ކަން ކުރުމަށް ބޭނުންކުރާ އާލާތްތަކުގެ ބޭނުން ނުހިފުން؛
  5. މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާނެ ފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެ ފަދަ ނުވަތަ ކޮންމެވެސް ސިފައެއްގައި ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި، މުޖުތަމައުގައި ބޭނުންކުރުމަށް އެކަށީގެންނުވާ ބަސްތަކާއި އިށާރާތާއި ހަރަކާތާއި، މި އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ށާއިއު ނުކުރުން؛
  6. އެކި ނަސްލުތަކުގެ މީހުންނާއި، ވަކި ޖިންސެއްގެ ބަޔަކަށް ނުވަތަ ވަކި އުމުރުފުރައެއްގެ ބަޔަކަށް، ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިހްތިރާމު ކުޑަވާ ފަދަ އެއްޗެއް ނުވަތަ އިންސާނީ ގަދަރަށް އުނިކަން އަންނަ ފަދަ އެއްވެސް އެއްޗެއް ށާއިއު ނުކުރުން؛

(ރ) އިސްލާމީ ށަރީއަތާއި ދިވެހި ސަގާފަތް

  1. އިސްލާމްދީން ފިޔަވައި އެހެން ދީނެއް ކުރިއެރުވުމަށް، ހިތްވަރުދޭ އެއްވެސް އެއްޗެއް ށާއިއުނުކުރުން؛
  2. ށާއިއުކުރާ ހުރިހާ މައުލޫމާތެއް، އިސްލާމީ ށަރީއަތުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަގާފަތާއި ދިވެހީންގެ ދީނީ އަދި އިޖުތިމާއީ ކަންކަމާ، އެއްގޮތްކަން ކަށަވަރުކުރުން؛
  3. ދީނީ ހަމަތަކާއި، އަހުލާގީ މިންގަނޑުތަކާ ހިލާފުވާ، ވާ ފަދަ ނުވަތަ ދިވެހި މުޖުތަމައުގައި ފިތުނަފަސާދަ އުފައްދާ ފަދަ އެއްވެސް މައުލޫމާތެއް، ށާއިއުނުކުރުމަށް ސަމާލުވުން؛
  4. ދިވެހިބަހާއި ސަގާފަތް ކުރިއެރުވުމަށް މަސައްކަތްކުރުން؛
  5. އޮރިޔާންކާޑުގެ މާނައިގައި ހިމެނޭ އެއްޗެއްސާއި، ޖިންސީ ގުޅުން ސިފަވާ މަންޒަރާއި އަޑު ހިމެނޭ އެއްވެސް އެއްޗެއް، ނުވަތަ ޖިންސީ ގުނަވަންތައް ސިފަވާ މަންޒަރާއި އަޑު އަދި ޖިންސީ ގުޅުން ހިންގުމަށް ޒަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދައިފައި ހުންނަ އެއްޗެހީގެ މަންޒަރާއި، އެފަދަ މަންޒަރު ސިފަވާ އަޑު ހިމެނޭ އެއްވެސް އެއްޗެއް، ނުދެއްކުމާއި، ށާއިއު ނުކުރުން؛

(ށ) އިސްލާހުކުރުން

  1. ށާއިއުކުރެވިފައިވާ މައުލޫމާތެއްގައި ރަނގަޅުނޫން ނުވަތަ ސައްހަނޫން ކަމެއް ހިމެނިފައިވާކަން އެނގިއްޖެ ނަމަ، އެޑިޓަރުން އެ މައުލޫމާތެއް ވީހާވެސް އަވަހަށް އިސްލާހުކޮށް މާފަށްއެދި އެކަން އާންމުކޮށް އެންގުމާއި، އިތުރަށް، ސާފުކޮށްދޭންޖެހޭ މައުލޫމާތެއް އޮތް ނަމަ އެ މައުލޫމާތެއް ސާފުކޮށްދިނުން؛
  2. ށާއިއުކުރެވޭ މައުލޫމާތަކާ ގުޅިގެން ނޫސް މަޖައްލާއަކަށް ށަކުވާއެއް ހުށަހެޅިއްޖެ ނަމަ އެ ށަކުވާ ބަލައިގަނެ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން؛

(ޅ) ޒިންމާދާރުކަމާއި އަހުލާގު

  1. މީޑިއާ ބޭނުންކޮށްގެން ފިތުނަވެރިކަން އުފެދޭ ފަދަ ބަސްތައް ބޭނުންކުރުމުން އެޑިޓަރުން ދުރުހެލިވުން؛
  2. ހަބަރުތަކާއި ރިޕޯޓުތައް ހުށަހެޅުމުގައި، އިޖުތިމާއީ މަސްލަހަތާއި ގައުމީ މަސްލަހަތު އިސްކުރުން؛
  3. މީޑިއާގެ ދައުރު އަދާކުރުމުގައި، މުޖުތަމައުގެ ހެޔޮ ބަދަލުތަކަށް މަގުފަހިކުރުމަށް މަސައްކަތްކުރުން

(ކ) ގާނޫނާއި ގަވާއިދުތަކަށް ތަބާވުން

(އ) މި ގަވާއިދުގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫންއަސާސީއާއި ގާނޫނު ނަންބަރު 2025-16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު) އާއި، މީޑިއާގެ ދާއިރާއާ ގުޅުންހުރި އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށް އެޑިޓަރުން ފުރިހަމައަށް ތަބާވުން

(ވ) މަސްލަހަތާއި އިށްތިހާރާއި ކޮޕީރައިޓް

  1. އިށްތިހާރާއި ސްޕޮންސަރކޮށްފައިވާ ކޮންޓެންޓަކީ އިށްތިހާރެއްކަން ނުވަތަ ސްޕޮންސަރކޮށްފައިވާ ކޮންޓެންޓެއްކަން ވަކިވާނެ ފަދައިން ށާއިއުކުރުން
  2. ށާއިއުކުރެވޭ ހުރިހާ ކޮންޓެންޓަކާއި، ކޮންޓެންޓުގައި ހިމެނޭ ލިޔެކިއުމާއި، އަޑާއި، މަންޒަރާއި ފޮޓޯ ހިމެނޭހެން، އެ ތަކެއްޗަކީ އަމިއްލަ އުފެއްދުންތަކަކަށް ވާކަން ޔަގީންކުރަންވާނެއެވެ. އަދި އަމިއްލަ ނޫން ކޮންޓެންޓެއް ނުވަތަ ކޮންޓެންޓުގައި ހިމެނޭ ލިއެކިޔުން ނުވަތަ އަޑު ނުވަތަ މަންޒަރު ނުވަތަ ފޮޓޯ ށާއިއުކުރާ ނަމަ، އެ ށާއިއުކުރެވޭ ކޮންޓެންޓާއި ކޮންޓެންޓުގައި ހިމެނޭ ތަކެއްޗަކީ އެ ނޫހަކަށް ނުވަތަ މަޖައްލާއަކަށް ށާއިއުކުރުމުގެ ހުއްދަ އެ އެއްޗެއްގެ ވެރިފަރާތުން ދީފައިވާ އެއްޗެއްކަން ޔަގީންކުރުން

 

29 ވަނަ މާއްދާ - އެޑިޓަރުގެ މަގާމު ހުސްވުން

(ހ) ނޫސް މަޖައްލާއެއްގެ އެޑިޓަރުގެ މަގާމު ފުރަމުންދާ ފަރާތެއް އެ މަގާމު ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އިސްތިއުފާ ދީފި ނަމަ، އެ މަގާމު ހުސްވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މަގާމަށް އެޑިޓަރެއް ހަމަޖައްސައި، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު މެދުވެރިކޮށް މައުލޫމާތު އަދާހަމަކުރަންވާނެއެވެ.

 

 

ފަސްވަނަ ބާބު

މަޖައްލާގެ އިދާރާ

 

30 ވަނަ މާއްދާ - ނޫސް މަޖައްލާގެ އިދާރާ

(ހ) ދިވެހިރާއްޖޭގައި ށާއިއުކުރާ ކޮންމެ ނޫހެއްގެ ވެސް އަދި މަޖައްލާއެއްގެ ވެސް ކޮމިށަންގައި ރަޖިސްޓަރީކޮށްފައިވާ އިދާރާއެއް ހުންނަންވާނެއެވެ.

(ށ) އެއްވެސް ހާލަތެއް މެދުވެރިވެގެން ނޫހުގެ ނުވަތަ މަޖައްލާގެ އިދާރާގެ އެޑްރެހަށް ބަދަލެއް އަތުވެއްޖެ ނަމަ، އެޑްރެސް ބަދަލުވާ ތާރީހުން ފެށިގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި މަސްއޫލުވެރިޔާ އެކަން ކޮމިށަނަށް އަންގައި، އެ އިދާރާ ކޮމިށަނުގައި ރަޖިސްޓަރީކުރުމުގެ ކަންތައް ހަމަޖައްސަންވާނެއެވެ.

(ނ) ނޫސް މަޖައްލާގެ އިދާރާގެ ގޮތުގައި ރަޖިސްޓަރީކުރާ ތަނަކީ ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތަނަކަށް ވާންވާނެއެވެ. މިގޮތުން، ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ތަނެއް، ދިވެހިރާއްޖޭގައި ހިންގާ ނޫސް މަޖައްލާގެ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީއެއް ނުކުރެވޭނެއެވެ.

 

 

ހަވަނަ ބާބު

އެހެނިހެން

 

31 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ފާއިތުވި އަހަރު ނޫސް މަޖައްލާ ހިންގައިފައިވާ ގޮތުގެ އަހަރީ ރިޕޯޓެއް، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ފޯމެޓާ އެއްގޮތަށް، ކޮންމެ އަހަރެއްގެ ޖޫންމަހުގެ 30 (ތިރީސް) ވަނަ ދުވަހުގެ ކުރިން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) އަހަރީ ރިޕޯޓު ތައްޔާރުކުރާނީ ޖަނަވަރީ 1 ން ފެށިގެން ޑިސެންބަރުގެ ނިޔަލަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، އަހަރީ ރިޕޯޓު ހުށަނާޅައިފި ނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.

 

32 ވަނަ މާއްދާ - ކޮމިށަނުން އެދޭ މައުލޫމާތު ދިނުން

ގަވާއިދުގައި ބަޔާންވެގެންވާ ކަމަކާ ބެހޭގޮތުން، އެއްވެސް މައުލޫމާތެއް ހޯދުމަށް ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ އިދާރާގައި ކޮމިށަނުން އެދިއްޖެ ނަމަ، ކޮމިށަނުން އެ ނޫންގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، އެކަމަށް އެދުނު ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ނޫހުގެ ނުވަތަ މަޖައްލާގެ މަސްއޫލުވެރިޔާ، ނުވަތަ އެ ޒިންމާ އުފުލުމަށް ކަނޑައަޅައިފައިވާ ފަރާތުން، އެ މައުލޫމާތު ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.

 

33 ވަނަ މާއްދާ - ސަޕްލިމެންޓަރީ އެޑިށަން

(ހ) ނޫހަކުން ނުވަތަ މަޖައްލާއަކުން، އެ ނޫހެއްގެ ނުވަތަ އެ މަޖައްލާއެއްގެ ސަޕްލިމެންޓެއް ނެރެވިދާނެއެވެ. ނަމަވެސް، އެ ސަޕްލިމެންޓް ނެރެންވާނީ، އެ ނޫހުގެ ނުވަތަ އެ މަޖައްލާގެ އެތެރޭގައި އޮންނަ، އެ ނޫހުގެ ނުވަތަ މަޖައްލާގެ ބައެއްގެ ގޮތުގައެވެ.

(ށ) ދުވަހު ނޫހަކަށް، އެ ނޫހުގެ އިތުރު އެޑިށަނެއް ނެރެވިދާނެއެވެ. އަދި ދުވަހު ނޫހަކަށް ސަރަހައްދީ އިތުރު އެޑިށަނެއް ވެސް ނެރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން، އިތުރު އެޑިށަނެއް ނޫހަކުން ނުވަތަ މަޖައްލާއަކުން ށާއިއުކުރާ ނަމަ، ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ހުރުމަށް މި ގަވާއިދު ލާޒިމުކުރާ މައުލޫމާތު، އެ އެޑިށަނެއްގައި ހުންނަންވާނެއެވެ.

 

34 ވަނަ މާއްދާ - މީޑިއާ ދަފުތަރުގައި ހިމެނޭ ނޫސް މަޖައްލާތަކުގެ ރިކޯޑު އަދާހަމަކުރުން

(ހ) މި ގަވާއިދުގެ ބޭނުމަށް ޓަކައި ކުރިން ރަޖިސްޓަރީކުރެވިގެން ހިންގަމުންދާ އެންމެހައި ނޫސް މަޖައްލާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) ރިކޯޑު އަދާހަމަކުރުން، މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީގެ ރިކޯޑު އަދާހަމަކުރަންވާނެއެވެ. މިގޮތުން ރިކޯޑު އަދާހަމަކުރުމަށް އެދި، ހުށަހަޅާނީ، ރަޖިސްޓަރީ އައުކުރުމަށް، އެދި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނޫސް މަޖައްލާގެ ހިދުމަތްތަކަށް އެދޭ ފޯމާއި އެ ފޯމާއެކު، ހުށަހަޅަންޖެހޭ ހުރިހާ ލިއެކިއުމެއް ހުށަހަޅައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުނުކުރާ ފަރާތްތަކުގެ ރަޖިސްޓަރީ ބާތިލުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަގުބޫލު އުޒުރެއް މެދުވެރިވެގެން، އަދާހަމަނުކުރެވޭ ފަރާތްތަކާ މެދު ގޮތެއް ނިންމުމުގެ އިހްތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

 

35 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމާއި، ފިޔަވަޅުއެޅުން

ށަކުވާ ހުށަހެޅުމާއި، ހުށަހެޅޭ ށަކުވާއާ ގުޅިގެން ތަހުގީގުތައް ކުރިޔަށް ގެންގޮސް ފިޔަވަޅު އެޅުމަށް ނިންމައިފި ނަމަ، ފިޔަވަޅުއަޅާނީ، ގަވާއިދު ނަންބަރު، 2026-26 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިށަނަށް ހުށަހެޅޭ ށަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ) ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

36 ވަނަ މާއްދާ - ޖަދުވަލުތައް 

މި ގަވާއިދުގެ ޖަދުވަލުތަކަކީ، މި ގަވާއިދުގެ ބައެކެވެ. މި ގަވާއިދު ފުރިހަމަވާނީ ބުނެވިދިޔަ ޖަދުވަލުތަކާ އެކުގައެވެ.

 

37 ވަނަ މާއްދާ - މާނަކުރުން

ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ.

(ހ) "ނޫސް" ކަމަށް ބުނެފައި އެވަނީ، ދުވަހު ނޫސްތަކަށާއި، ހަފުތާ ނޫސްތަކަށާއި ޓްރޭޑް ޕަބްލިކޭށަންތަކާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި، ރަޖިސްޓަރީކޮށްގެން މައުލޫމާތާއި ހަބަރާއި ހިޔާލާއި، އިށްތިހާރު އާންމުކޮށް ފެތުރުމަށް ޓަކައި، ގަންނަން ލިބޭގޮތަށް، ނުވަތަ އަގަކާ ނުލައި، ލިބޭގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ށާއިއުކުރެވޭ ށާއިއުކުރުންތަކަށެވެ.

(ށ) "އިލެކްޓްރޯނިކް މީޑިއާ" ކަމަށް ބުނެފައި އެވަނީ، އޯޑިއޯއާއި ވީޑިއޯއާއި ޓޭޕާއި، އިންޓަނެޓް ހިމެނޭގޮތުން، ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށްގެން ހަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށެވެ.

(ނ) "މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، އެޑިޓަރުންނާއި، އެޑިޓަރުންގެ ދައުރު އަދާކުރާ މީހުންނާއި، ރިޕޯޓަރުންނާއި، ޖާނަލިސްޓުންނާއި ޕްރެޒެންޓަރުންނާއި ޓެކްނީށަނުންނާއި ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންނެވެ.

(ރ) "މަޖައްލާ" ކަމަށް ބުނެފައި އެވަނީ، އިލްމީ ދާއިރާއިންނާއި ސައިންސްގެ ދާއިރާއިންނާއި އެނޫންވެސް އެކިއެކި ދާއިރާތަކުގެ މައްޗަށް ބިނާކޮށް، ހަބަރާއި މައުލޫމާތާއި، ހިޔާލު ށާއިއުކޮށްގެން ނެރެވޭ ލިއުންތަކާއި ޖާނަލްތައް ހިމެނޭގޮތުންނެވެ.

(ތ) "މީޑިއާ" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތާއި، ހިތްހަމަޖެހުމާއި، ހިޔާލާއި، އިށްތިހާރު އާންމުކޮށް ފެތުރުމަށް ޒަރިއްޔާކޮށް ހިންގާ ބްރޯޑްކާސްޓް ޓީވީއަށާއި، ރޭޑިއޯއަށާއި، ކޭބަލް ޓެލެވިޜަން ނެޓްވަރކްއަށާއި މިއިން ވަސީލަތަކުން ފަތުރާ ކޮންޓެންޓް، އިންޓަރނެޓް މެދުވެރިކޮށް ހިންގާ ސޮފްޓްވެއަރއެއް ނުވަތަ ވެބްސައިޓެއް ނުވަތަ އެޕްލިކޭށަނެއް މެދުވެރިކޮށް، ގެނެސްދިނުމަށާއި ޗާޕުކޮށްގެން ށާއިއުކުރާ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ސޮފްޓްވެއަރއެއްގައި ނުވަތަ ވެބްސައިޓެއްގައި ނުވަތަ އެޕްލިކޭށަނެއްގައި ށާއިއުކުރާ ދުވަހު ނޫސްތަކަށާއި ހަފުތާ ނޫސްތަކަށާއި މަޖައްލާތަކަށާއި މިފަދަ އެހެންވެސް ހަބަރާއި، މައުލޫމާތާއި ކަރަންޓް އެފެއާޒް ގެނެސްދޭ ށާއިއުކުރުންތަކަށެވެ.

(ލ) "ނިއުސް ލެޓަރ" ކަމަށް ބުނެފައި އެވަނީ، ޗާޕުކޮށްގެން ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ނެރޭ، އާންމު މަސްލަހަތު ހިމެނޭ ނުވަތަ ވަކި ދާއިރާއަކާ ގުޅޭ ހަބަރާއި މައުލޫމާތާއި ހިޔާލު ނުވަތަ ދިރާސާތައް ހިމެނޭ މަޖައްލާތަކަށެވެ.

(ކ) "ޖާނަލް" ކަމަށް ބުނެފައި އެވަނީ، ޗާޕުކޮށްގެން ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ނުވަތަ އެ ނޫންގޮތަކަށް ނެރޭ މަޖައްލާތަކަށެވެ. މީގައި ހިމެނެނީ، އާންމުންނަށް ނުވަތަ ވަކި ހާއްސަ ދާއިރާތަކަކަށް އަމާޒުކޮށްގެން، ތައްޔާރުކޮށްފައިވާ ހަބަރާއި، ރިޕޯޓާއި، ދިރާސާއާއި، ހިޔާލާއި، އިލްމީ މައުލޫމާތަށާއި ފަންނީ މައުލޫމާތަށެވެ.

(އ) "ޕްރިންޓް" ކަމަށް ބުނެފައި އެވަނީ ކަރުދާހުގައި ނުވަތަ މާއްދީ އެފަދަ އެހެން އެއްޗެއްގައި ޗާޕުކޮށްގެން ބޭނުންކުރުމަށެވެ.

(ވ) "ވެބްސައިޓް" ކަމަށް ބުނެފައި އެވަނީ، އިންޓަނެޓް މެދުވެރިކޮށް މައުލޫމާތު ފެތުރުމަށާއި، ހިދުމަތްތައް ދިނުމަށާއި، މުއާމަލާތު ކުރުމަށް ޓަކައި ބޭނުންކުރާ މަންސަތަކަށެވެ.

(މ) "ސޯށަލް މީޑިއާ" ކަމަށް ބުނެފައި އެވަނީ އިންޓަނެޓް މެދުވެރިކޮށް މައުލޫމާތާއި ހިޔާލާއި ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތި ވަގުތުން ވަގުތަށް ހިއްސާކުރުމަށް ބޭނުންކުރާ މަންސަތަކަށެވެ.

(ފ) "އެޕްލިކޭށަން" ކަމަށް ބުނެފައި އެވަނީ، ވަކި ހާއްސަ މަސައްކަތެއް ކުރުމަށް ޓަކައި ނުވަތަ ބޭނުމެއް ފުއްދުމަށް ޓަކައި ކޮމްޕިއުޓަރާއި، ސްމާޓްފޯނު ނުވަތަ ޓެބްލެޓް ފަދަ އިލެކްޓްރޯނިކް އާލާތްތައް މެދުވެރިކޮށް ބޭނުންކުރުމަށް ފަރުމާކޮށްފައިވާ، ސޮފްޓްވެއަރއަށެވެ.

 

ޖަދުވަލުތައް

(މި ގަވާއިދުގެ އަންނަނިވި ޖަދުލުވަތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

 

ޖަދުވަލު 1

ނޫސް މަޖައްލާގެ ހިދުމަތަށްތަކަށް އެދޭ ފޯމު

 

ޖަދުވަލު 2

ނޫސް މަޖައްލާގެ އެޑިޓަރުގެ މައުލޫމާތު

 

ޖަދުވަލު 3

ފީ ތާވަލު

 

ޖަދުވަލު 4

މަސްއޫލުވެރިޔާ ބަދަލުކުރުމަށް އެދޭ ފޯމު

 

ޖަދުވަލު 5

އަގު ފާސްކުރުމަށް ހުށަހަޅާ ފޯމު

 

ޖަދުވަލު 6

އަހަރީ ރިޕޯޓު

 

ޖަދުވަލު 7

ޖޫރިމަނާ ފީގެ ތާވަލު

 

 

މައި ގާނޫނު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2025-16)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު