gaanoon_logo
-

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-64)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 16 ޖޫން 2025 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، އިސްލާހީ ފިޔަވަޅުއެޅުމަށް ޓަކައި ދިގު މުއްދަތަކަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށް ޓަކައި "ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 82 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް ހިންގުމާއި ބެލެހެއްޓުމާ ގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 87 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 82 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

ގަވާއިދުގެ މައިގަނޑު މަގުސަދުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަޑްތަކާއި އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް ބަޔާންކުރުން.

(ށ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ކުދިން ބޭތިއްބުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމާއި ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުގައި ބައިތިއްބާ ކުދިން އެ މަރުކަޒުތަކަށް އަހުލުވެރިކުރުމަށް ޓަކައި ދޭންޖެހޭ މައުލޫމާތު ބަޔާންކުރުން.

(ނ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކަށް ގެންނަ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި އެ ކުދިންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތެއްގެ މަތިން އަމަލުކުރުމަށް ޓަކައި އެ ކުދިންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާއި އެ މަރުކަޒުތަކުގައި ހިންގަންޖެހޭ ފަރުވާގެ ޕްރޮގްރާމުތައް ބަޔާންކުރުން.

(ރ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގެ ޒިންމާތައް ބަޔާންކުރުމާއި އެފަދަ މަރުކަޒުތަކަށް ކުދިން ގެނެވޭ ދުވަހުން ފެށިގެން އެ މަރުކަޒުތަކުން އެ ކުދިން ދޫކުރުމާ ހަމަޔަށް މަރުކަޒުތަކުން ކުރަންޖެހޭ ކަންކަން ބަޔާންކުރުން.

(ބ) ކަރެކްށަނަލް މަރުކަޒުތަކުގެ ސަލާމަތާއި ރައްކައުތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ މިންގަނޑުތައް ބަޔާންކުރުން.

(ޅ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން ކުރުން މަނާ ކަންކަން ބަޔާންކުރުމާއި، ވަގުތީގޮތުން މަރުކަޒުތަކުން ކުދިން ދޫކުރެވިދާނެ ހާލަތްތަކާއި، އެފަދައިން ވަގުތީގޮތުން މަރުކަޒުތަކުން ކުދިން ދޫކުރުމާ ގުޅޭ އިޖުރާއަތު ބަޔާންކުރުން.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

 

ދެވަނަ ބާބު

ކަރެކްށަނަލް މަރުކަޒުތައް އުފެއްދުމާއި ހިންގުން

 

5 ވަނަ މާއްދާ - ކަރެކްށަނަލް މަރުކަޒުތައް ހިންގުމުގެ އުސޫލުތައް

މި ގަވާއިދުގެ ދަށުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން އުފައްދައި ހިންގާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް ހިންގަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

6 ވަނަ މާއްދާ - ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް ބެހިގެންވާ ބާވަތްތައް

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް ބެހިގެންވަނީ އަންނަނިވި ބާވަތްތަކުގެ މަރުކަޒުތަކަށެވެ.

  1. ޖުވެނައިލް ޑިޓެންށަން ސެންޓަރ
  2. ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީ

(ށ) ޖުވެނައިލް ޑިޓެންށަން ސެންޓަރަކީ، ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 82 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން އުފައްދާ މަރުކަޒުތަކެވެ.

(ނ) ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީއަކީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތައް ކުރާ، މުޖުތަމައާ އެކަހެރިކޮށްގެން ބަލަހައްޓަންޖެހޭ ކުދިން ބޭތިއްބުމަށް، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 82 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އުފައްދާ މަރުކަޒުތަކެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކަކީ ބޮޑެތިމީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދައިފައިވާ، ކުއްޖާގެ އުމުރާއި، ކޮށްފައިވާ ކުށާ އެކަށޭނެ ތަންތަން ކަމުގައި ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ މަރުކަޒެއްގައި ވެސް، އެ މަރުކަޒެއްގައި ތިބޭ ކުޑަކުދިންނަށް އެ ކުދިންގެ އުމުރާއި ޖިންސާއި އެކަށޭނަ، އަދި އިޖުތިމާއީގޮތުން ބިނާކުރަނިވި އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި، ދީނީގޮތުންނާއި އިޖުތިމާއީގޮތުންނާއި، ތައުލީމީގޮތުންނާއި، ނަފުސާނީގޮތުންނާއި، ސިއްހީގޮތުންނާއި ޖިސްމާނީގޮތުން ތަރުބިއްޔަތުކުރަނިވި އަޅައިލުމާއި، ރައްކައުތެރިކަމާއި އެހީތެރިކަން ފަދަ މުހިންމު ކަންކަން މަރުކަޒުގެ މާހައުލުގެ ތެރެއިން ފޯރުކޮށްދޭންވާނެއެވެ.

(ރ) ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަނޑައެޅޭ ހަމަހަމަ އުސޫލެއްގެ ދަށުން މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި، އެ ކުދިންނަށް ޒިޔާރަތްކުރުމުގެ ހައްގު އެ ކުދިންގެ ބެލެނިވެރިންނަށާއި އާއިލާއަށް ލިބިދެވޭނެ އިންތިޒާމު މަރުކަޒުތަކުން ހަމަޖައްސަންވާނެއެވެ.

 

7 ވަނަ މާއްދާ - ކަމާބެހޭ ފަރާތްތަކުގެ މަށްވަރާ ހޯދުން

(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ގާއިމުކުރާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް ހިންގުމާ ގުޅޭގޮތުން އެކުލަވައިލާ އިދާރީ އޮނިގަނޑާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް އެކުލަވައިލުމުގައި، ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކާއި ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ހިޔާލާއި މަށްވަރާ ހޯދަންވާނެއެވެ.

(ށ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ގާއިމުކުރާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް ހިންގުމަށް ތައްޔާރުކުރާ ފަރުވާގެ ޕްރޮގްރާމުތައް އެކުލަވައިލުމުގައި ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކާއި ކުޑަކުދިންގެ ރައްކައުތެރިކަމާ ގުޅޭގޮތުން މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ހިޔާލާއި މަށްވަރާ ހޯދަންވާނެއެވެ.

 

8 ވަނަ މާއްދާ - މަރުކަޒު އުފެއްދުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތައް އުފައްދައި، ހިންގަންވާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ވުޒާރާއިން ދޫކުރާ ހުއްދައެއް ލިބުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވުޒާރާއިން މަރުކަޒު ހިންގުމަށް ހުއްދަ ދޭންވާނީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލައިފައިވާ ކޮމިޓީން އިންސްޕެކްޓްކުރުމަށްފަހު އެ ކޮމިޓީން ދޭ ލަފަޔާއި އިރުށާދަށް ރިއާޔަތްކުރުމަށް ފަހުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވުޒާރާއިން މަރުކަޒު ހިންގުމަށް ހުއްދަ ދޭންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތައް އެ މަރުކަޒުގައި ފުރިހަމަވާނަމައެވެ.

 

9 ވަނަ މާއްދާ - މަރުކަޒުތައް ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުކަޒެއް ހިންގުމަށް ޓަކައި ހުއްދައަށް އެދި ހުށަހެޅުމާއި ހުއްދަ ދިނުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) މި ގަވާއިދުގެ ބަޔާންކޮށްފައިވާ މަރުކަޒެއް ހިންގުމުގެ ހުއްދައަށް އެދި ލިޔުމުން ވުޒާރާއަށް ހުށަހަޅާނީ، ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) މަރުކަޒު ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި މި ގަވާއިދުގައި ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ހުންނަންޖެހޭކަމަށް ބަޔާންކޮށްފައިވާ މިންގަނޑުތައް ފުރިހަމަވެފައި ހުންނަންވާނެއެވެ. މަރުކަޒު ހިންގުމަށް ވުޒާރާއިން ހުއްދަ ދޫކުރާނީ، އެ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމުގެ ގޮތުން، މަރުކަޒު ހިންގުމަށް ކަނޑައަޅާ ތަން ނުވަތަ އިމާރާތް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލާ ކޮމިޓީން އިންސްޕެކްޓް ކުރުމަށްފަހުގައެވެ.

 

10 ވަނަ މާއްދާ - ހުށަހަޅަންޖެހޭ ތަކެތި

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތައް އުފައްދައި، ހިންގުމުގެ ހުއްދައަށް އެދި ވުޒާރާއަށް ހުށަހަޅާއިރު، އެ ހުށަހެޅުމާއެކު އަންނަނިވި މައުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ގާއިމުކުރަން ބޭނުންވާ މަރުކަޒުގެ ބާވަތް
  2. މަރުކަޒު ގާއިމުކުރާނެ ތަނާއި ފްލޯ ޕްލޭން؛
  3. މަރުކަޒުން ފޯރުކޮށްދޭނެ ފަރުވާގެ ޕްރޮގްރާމުތައް؛
  4. މުވައްޒަފުންގެ ފަންނީ ދާއިރާތަކުގެ ލިސްޓާއި، މަރުކަޒުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ އޮނިގަނޑު ނުވަތަ އޯގަނައިޒޭށަނަލް ސްޓްރަކްޗަރ ނުވަތަ ހައިރާކީ؛
  5. މަރުކަޒު ހިންގުމަށް ބޭނުންވާ ބަޖެޓު ހޯދުމަށް ކަނޑައެޅިފައިވާ ގޮތާއި، މަރުކަޒު ހިންގުމަށް ފައިސާ ހަރަދުކުރުމަށް ނިންމައިފައިވާ ގޮތް؛
  6. މަރުކަޒުން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކަށް އަގު ނެގުމަށް ނިންމައިފައިވާ ގޮތް؛
  7. އެއް ވަގުތެއްގައި މަރުކަޒުގައި ބެހެއްޓޭނެ ކުދިންގެ އަދަދު؛
  8. މަރުކަޒުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަކީ ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކޮށްދެވޭނެ ފެންވަރުހުރި އަދި ކަމާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބައެއްކަން އެނގޭނެ ލިޔެކިޔުން؛
  9. މަރުކަޒުގައި މަސައްކަތްކުރާނެ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާ ހިމެނޭހެން މުވައްޒަފުންނާ ގުޅޭ މައުލޫމާތު؛
  10. މަރުކަޒުގެ ޑައިރެކްޓަރުގެ ގޮތުގައި އައްޔަނުކުރަން ގަސްތުކުރާ ފަރާތުގެ ވަނަވަރު؛
  11. މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ؛
  12. ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ އެހެނިހެން ކަންކަން.

(ށ) މި ގަވާއިދުގެ ދަށުން މަރުކަޒު ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، މި މާއްދާގައިވާ ލިޔެކިޔުންތައް ފުރިހަމަނޫން ނަމަ، އެ ކަމެއް ބަޔާންކޮށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލައިފައިވާ ކޮމިޓީން ފޮނުވާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ލިޔުންތައް ފުރިހަމަކޮށް، ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ލިޔުންތައް ހުށަނޭޅޭ ނަމަ، ވުޒާރާއަށް ލިޔުމުން އަންގަންވާނެއެވެ.

 

11 ވަނަ މާއްދާ - ހުއްދަ ދިނުމުގެ ކުރިން އިންސްޕެކްޓްކުރުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ހުއްދައަށް އެދި ވުޒާރާއަށް ހުށަހެޅުމުން، މަރުކަޒު ހިންގުމުގެ ހުއްދަ ދިނުމުގެ ކުރިން މަރުކަޒު ހިންގަން ގަސްތުކުރާ އިމާރާތް ނުވަތަ ތަން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލައިފައިވާ ކޮމިޓީން އިންސްޕެކްޓްކުރުމަށްފަހު، ތަފުސީލީ އިންސްޕެކްށަން ރިޕޯޓެއް ވުޒާރާއަށާއި ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކުރާ އިންސްޕެކްށަނުގައި، އަންނަނިވި ކަންކަން ބަލަންވާނެއެވެ.

  1. މި ގަވާއިދުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތައް ފުރިހަމަވެފައިވާކަން.
  2. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަރުކަޒުގައި ތިބޭ ކުދިންގެ ކަންކަން ބެލުމަށާއި، މަރުކަޒުން އެ ކުދިންނަށް ލިބެންޖެހޭ ހިދުމަތްތަކާއި، ފަރުވާގެ ޕްރޮގުރާމުތައް ހިންގުމަށް ބޭނުންވާ ފެންވަރުގެ އަދި އެ ކަންކަމަށް ބޭނުންވާ އަދަދަށް އޮފިސަރުންނާއި މުވައްޒަފުން މަރުކަޒުގައި ގާއިމުކުރެވިފައިވާކަން.
  3. ކުދިންނަށް ލިބެންޖެހޭ ހިދުމަތްތަކާއި، ފަރުވާގެ ޕްރޮގުރާމުތައް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް މަރުކަޒުގައި ގާއިމުކުރެވިފައިވާކަން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އިންސްޕެކްށަނަށްފަހު، އެކުލަވައިލާ އިންސްޕެކްށަން ރިޕޯޓުގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް އެ ތަނެއް ނުފެތޭ ނަމަ، އެ ކަމެއްގެ ތަފުސީލާއި، ރަނގަޅުކުރަންޖެހޭ ކަންކަން ހިމަނަންވާނެއެވެ.

(ރ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން މަރުކަޒު ހިންގުމަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަވެފައިވާ ނަމަ، ހުއްދައަށް އެދި ހުށަހަޅާތާ ގިނަވެގެން 40 (ސާޅީސް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންސްޕެކްށަން ފުރިހަމަކޮށް ނިންމަންވާނެއެވެ.

(ބ) އިންސްޕެކްށަން ނިމުމަށްފަހު، އިންސްޕެކްށަން ރިޕޯޓު ވަޒީރަށާއި ކޮމިށަނަރ އޮފް ޕްރިޒަންސްއަށް އިންސްޕެކްށަން ނިމޭތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދޭންވާނެއެވެ.

(ޅ) މަރުކަޒުގައި އެއްވެސް ކަމެއް ރަނގަޅުކުރަން ހުރި ނަމަ، އެ ކަމެއް ރަނގަޅުކުރުމަށް ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދީ، މި މާއްދާގެ (ހ) ގެ ދަށުން ދޭ އިންސްޕެކްށަން ރިޕޯޓުގައި އެކަން ބަޔާންކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އިންސްޕެކްށަން ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ރަނގަޅުކުރުމަށްފަހު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހުށަހެޅުމުން، އިންސްޕެކްޓްކުރުމަށް އެދި، ވުޒާރާއިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އެކުލަވައިލައިފައިވާ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - މަރުކަޒު ހިންގުމުގެ ހުއްދަ ދިނުން

(ހ) މި ގަވާއިދުގެ ދަށުން ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާ ނަމަ، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މަރުކަޒު ހިންގުމުގެ ހުއްދަ ލިޔުމުން ވަޒީރު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒު ހިންގުމުގެ ހުއްދަ ދިނުމުން، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މަރުކަޒުން ހިދުމަތްދޭން ފަށަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ދޫކުރެވޭ ހުއްދަ ދެމިއޮތްހައި ހިނދަކު މަރުކަޒުގައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.

 

13 ވަނަ މާއްދާ - މަރުކަޒުތަކުގެ ޒިންމާތައް

ކަރެކްށަނަލް މަރުކަޒުތަކުގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަރުކަޒުގައި ތިބޭ ކުދިންގެ ސަލާމަތާއި، ރައްކައުތެރިކަމާއި މަސްލަހަތު ދެމެހެއްޓުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

(ށ) ބަންދުކޮށްފައި ތިބޭ ކުޑަކުދިންގެ އާންމު ހާލަތު ބެލެހެއްޓުން.

(ނ) ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ އަމަލުތައް ބަލައި، މޮނިޓަރކުރުމާއި، ތަނުގެ އަމަންއަމާންކަން ދެމެހެއްޓުން.

(ރ) މި ގަވާއިދާއި، މަރުކަޒުގައި އަމަލުކުރުމަށް ހަދައިފައިވާ އުސޫލުތަކާ ހިލާފުވާ ކުދިންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ބ) މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކާއި، ތަކެއްޗާއި އިނާޔަތްތައް ފޯރުކޮށްދިނުން.

(ޅ) މަރުކަޒުތަކުގައި ތިބޭ ކުދިންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކޮށް ބެލެހެއްޓުން.

(ކ) މަރުކަޒުތަކުގައި ތިބޭ ކުދިން މުޖުތަމައަށް އަހުލުވެރިކޮށް އަލުން މުޖުތަމައަށް ގެނައުމަށް ޓަކައި ތަފާތު އެކި ޕްރޮގުރާމުތައް ރާވައި ހިންގުން.

(އ) މި އެކިއެކި ބޭނުންތަކަށް މި ތަންތަނަށް ގެންދަންޖެހޭ ކުދިން އެ ތަނަކަށް ގެންގޮސް ގެނައުމަށް ޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

(ވ) މަރުކަޒުތަކުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކާއި އިމާރާތްތައް މެއިންޓެއިންކޮށް ބެލެހެއްޓުން.

(މ) މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

 

14 ވަނަ މާއްދާ - ހާއްސަ ޔުނިޓެއް ގާއިމުކުރުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުޑަކުދިންނާ ގުޅޭ ކަންކަމާއި ޕްރޮބޭށަނުގައި ތިބޭ ނުވަތަ ޕެރޯލްގެ ދަށުން ދޫކުރެވޭ ކުޑަކުދިންގެ ކަންކަން ބަލައި މޮނިޓަރކުރުމުގެ މަސައްކަތް ކުރާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި އެކަމަށް ހާއްސަކުރާ ޔުނިޓަކުންނެވެ. މި ޔުނިޓްގައި މަސައްކަތްކުރާ އޮފިސަރުންނަކީ، ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ހާއްސަ ތައުލީމާއި ތަމްރީނު ލިބިފައިވާ އެކަމަށް ހާއްސަކުރާ ދެ ޖިންސުގެ އޮފިސަރުން ކަމުގައި ކޮމިށަނަރ އޮފް ޕްރިޒަންސް ކަށަވަރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔުނިޓުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންނަކީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ ދަށުން ވަޒީފާ ދީފައިވާ އޮފިސަރުންނާއި މުވައްޒަފުން ކަމުގައި ވާންވާނެއެވެ.

(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭނީ ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގާނޫނު އާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތަވާ، ގޮތުގެ "މަތީންނެވެ. 

 

 

ތިންވަނަ ބާބު

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ކުދިން ބޭތިއްބުމުގެ އުސޫލުތައް

 

15 ވަނަ މާއްދާ - ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކަށް ގެނައުން

(ހ) ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅާ މަޖިލީހުގައި ނެރޭ އަމުރަކީ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒެއްގައި ބަންދުކުރުން ކަމުގައި ވާ ނަމަ، އެ މަޖިލީސް ނިމުމުން އެ ކުއްޖަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރެއްގެ ބެލުމުގެ ދަށުން އެ ކުއްޖާ ބަންދުކުރުމަށް ކަނޑައަޅާ ކަރެކްށަނަލް މަރުކަޒަކަށް ގެންދަންވާނެއެވެ.

(ށ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒަކަށް ގެނެވޭ ކޮންމެ ކުއްޖަކާ އެ މަރުކަޒުން ހަވާލުވާނީ ކޯޓު އަމުރެއް ލިބުމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓު އަމުރުގެ އިތުރުން، އަންނަނިވި ލިޔެކިޔުންތައް ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒަކަށް ގެންނައިރު ހަމަކުރަންވާނެއެވެ.

  1. ކާކުކަން އަންގައިދޭ، ފޮޓޯ ޖެހި ރަސްމީ ލިޔުން؛
  2. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތައްޔާރުކޮށްފައިވާ ކުއްޖާގެ ހާލަތު ބަޔާންކޮށްދޭ ރިޕޯޓު.

(ރ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒަކަށް ގެނެވޭ ކޮންމެ ކުއްޖަކާ ގުޅޭގޮތުން ތިރީގައިވާ ކަންކަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ފުރިހަމަކުރަންވާނެއެވެ.

  1. ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކަށް ވެއްދުމާ ގުޅޭގޮތުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން؛
  2. މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެޑިކަލް އެސެސްމަންޓް ހެދުން.
  3. މި ގަވާއިދުގެ 79 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކަށް ވެއްދުން މަނާ ތަކެތި ނެގުން.
  4. މި ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކަށް ގެނެވޭ ކުދިންނާ ހަވާލުކުރަންޖެހޭ ތަކެތިކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތި ހަވާލުކުރުން.
  5. މަރުކަޒުތަކުގައި ބެހެއްޓުމުގެ ކުރިން ކުއްޖާއަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.
  6. ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކަށް ގެންނަ ކުދިން މަރުކަޒުތަކަށް ތައާރަފުކުރުން.

 

16 ވަނަ މާއްދާ - ކުއްޖާއަށް ދޭންޖެހޭ މައުލޫމާތު 

ކުއްޖާއާ މަރުކަޒުތަކުން ހަވާލުވާ ފަރާތުން އަންނަނިވި މައުލޫމާތު ކުއްޖާއަށް ލިޔުމުންނާއި އަނގަބަހުން ހިއްސާކުރަންވާނެއެވެ. އަދި އެ މައުލޫމާތުތައް ފޯރުކޮށްދޭއިރު، އެ ކުއްޖެއްގެ އުމުރާ އެކަށީގެންވާ ގޮތަށް އެ މައުލޫމާތު ފޯރުކޮށްދީ، ދިވެހިބަސް ނޭނގޭ ނުވަތަ އިވުމާއި ވާހަކަދެއްކުމުން މަހުރޫމުވެފައިވާ ކުދިން ތިބި ނަމަ، އެ ކުއްޖަކަށް ފަހުމްވާ ފަދަ ބަހަކުން ވާހަކަދައްކައި ތަރުޖަމާކޮށްދޭ ފަރާތެއްގެ އެހީގައި ވިޔަސް އެ މައުލޫމާތު ކުއްޖާއަށް ސާފުކޮށްދީ، އެ މައުލޫމާތު ކުއްޖާއަށް ފަހުމްވިކަން ކަށަވަރުކޮށް ލިޔެކިޔުމުން އެކަން ރިކޯޑު ކުރަންވާނެއެވެ.

(ހ) ކުއްޖާ ބެހެއްޓިފައި ހުންނާނީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން ކޮން މަރުކަޒެއްގައިކަން.

(ށ) މަރުކަޒުތަކުގައި އަމަލުކުރާ އެންމެހައި އުސޫލުތައް.

(ނ) ކުއްޖާއަށް ލިބިގެންވާ ހައްގުތަކާއި ކުއްޖާގެ ޒިންމާތައް.

(ރ) ކުއްޖާއަށް މަރުކަޒުގައި ލިބިދެވޭނެ އިނާޔަތްތައް.

(ބ) މަރުކަޒުތަކުގައި ހުންނަ މުއްދަތުގައި ކުއްޖާގެ ބެލެނިވެރީންނާއި އާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް.

(ޅ) މަރުކަޒުތަކުގައި ހުންނަ މުއްދަތުގައި ގާނޫނީ އެހީތެރިކަން ލިބޭނެ ގޮތް.

(ކ) މަރުކަޒުތަކުގެ މުވައްޒަފުންގެ ޒިންމާތައް

(އ) މަރުކަޒުތަކުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން ށަކުވާ ހުށަހަޅާނެ ގޮތާއި، ހުށަހެޅޭ ށަކުވާތަކާ ގުޅޭގޮތުން އަމަލުކުރެވޭނެ ގޮތްތައް.

(ވ) ޕެރޯލްގެ ދަށުން މުޖުތަމައަށް ނުކުތުމުގެ ފުރުސަތާއި، ކުއްޖާ ހުރި މަރުކަޒަށް ވުރެ ކުއްޖާއަށް މިނިވަންކަމާއެކު އުޅެވޭނެ އެހެން މަރުކަޒަކަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެ ގޮތާއި އެ ކަންކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާބެހޭ މައުލޫމާތު.

(މ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ އުމުރާއި ފެންވަރާ ގުޅޭގޮތުން ދެވޭ ތައުލީމާއި ތަމްރީނާއި ހުނަރުތަކުގެ މައުލޫމާތު.

(ފ) ކުއްޖާގެ ފަރުވާ ކުރިޔަށް ގެންދިއުމަށް ނިންމައިފައިވާ ގޮތުގެ ޕްލޭން.

(ދ) ކުއްޖާއަށް އެހީތެރިވެދޭނެ ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކުގެ މައުލޫމާތު.

 

17 ވަނަ މާއްދާ - އާއިލާއަށް އެންގުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒަށް ކުދިން ގެންނަތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ ކުއްޖަކު މަރުކަޒަށް ގެނެސްފައިވާކަމާއި ބަންދަށް ގެނައި ސަބަބު އެ ކުއްޖެއްގެ އާއިލާއަށް އެންގުމުގެ ގޮތުން 5 (ފަހެއް) މިނިޓުގެ ފޯނުކުރުމުގެ ފުރުސަތު ކުއްޖާއަށް ދޭންވާނެއެވެ. އަދި މި މައުލޫމާތު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގަންވާނެއެވެ

(ށ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އުޅޭ ކުދިންގެ ތެރޭގައި ބިދޭސީ ކުއްޖަކު ހުރި ނަމަ، އެ ކުއްޖަކު ނިސްބަތްވާ ގައުމުގެ އެންބަސީއަކާ ނުވަތަ ކޮންސިއުލޭޓަކާ މުއާމަލާތުކުރުމުގެ އިންތިޒާމުގެ އިތުރުން، އެ ކުއްޖަކު މަރުކަޒަށް ގެނެވިފައިވާކަމާއި ބަންދަށް ގެނައި ސަބަބު އެ ކުއްޖެއްގެ އާއިލާއަށް އެންގުމުގެ ފުރުސަތު މަރުކަޒުން ހަމަޖައްސައިދޭންވާނެއެވެ.

(ނ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އުޅޭ ބިދޭސީ ކުދިންގެ ތެރެއިން އެ ކުއްޖަކު ނިސްބަތްވާ ގައުމެއްގެ އެންބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ދިވެހިރާއްޖޭގައި ނެތް ހާލަތްތަކުގައި އަދި އެ ކުއްޖަކީ ރެފިއުޖީއެއް ނުވަތަ އެއްވެސް ދައުލަތަކަށް ނިސްބަތްނުވާ ކުއްޖެއް ނަމަ، އެ ކުއްޖެއްގެ މަސްލަހަތުގައި، މަސައްކަތްކުރާ ގައުމެއް ނުވަތަ ބައިނަލްއަގްވާމީ އިދާރާއަކާ މުއާމަލާތުކުރުމުގެ އިންތިޒާމު މަރުކަޒުން ހަމަޖައްސައިދޭންވާނެއެވެ.

 

18 ވަނަ މާއްދާ - ގިންތި ވަކިކުރުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒެއްގައި ބަންދުކުރުމަށް ކޯޓުން އަމުރުކުރުމުން، އެގޮތުގެ މަތިން 6 ގަޑިއިރުގެ ތެރޭގައި، އެ މަރުކަޒަކަށް ގެންދަންވާނެއެވެ.

(ށ) މަރުކަޒަށް ގެންދިއުމަށްފަހު، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒަކަށް ގެންދަންވާނެއެވެ.

(ނ) ކޮންމެ މަރުކަޒެއްގައި ވެސް، އަންހެންކުދިންނާއި ފިރިހެންކުދިން ވަކިން ބޭތިއްބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ރ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒަށް ގެންދެވޭ ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތާއި ކުށުގެ ކުޑަބޮޑުމިނާއި ކުއްޖާގެ އުމުރުފުރައާއި، ޖިންސާއި، ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމާއި، ވަށައިގެންވާ އެންމެހައި ހާލަތްތަކާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓްތަކަށް ރިއާޔަތްކޮށް ވަކިން ބޭތިއްބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

19 ވަނަ މާއްދާ - މެޑިކަލް އެސެސްމަންޓް ހެދުން

(ހ) ކުޑަކުއްޖަކު މަރުކަޒަކަށް ގެންދާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ މަރުކަޒަކުން ކަނޑައަޅާ އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ފަރާތެއް މެދުވެރިކޮށް ކުއްޖާގެ މެޑިކަލް އެސެސްމަންޓެއް ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ މެޑިކަލް އެސެސްމަންޓް ހަދަންވާނީ އަންނަނިވި ކަންކަން ކަނޑައެޅުމަށްޓަކައެވެ.

  1. ކުއްޖާއަކީ ކުށެއްގެ ށިކާރައަކަށް ވެފައިވާ ކުއްޖެއްތޯ ދެނެގަތުމާއި، ކުއްޖާއަށް ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ކޮށްފައިވާ ނަމަ، އަނިޔާގެ މިންވަރާއި އަނިޔާ ލިބިފައިވާ ގޮތް ދެނެގަތުމާއި، އަނިޔާއެއް ލިބިފައިވާ ނަމަ، މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރުން.
  2. އެ ކުއްޖެއްގެ ނަފްސާނީ ހާލަތު ވަޒަންކުރުން. މި ގޮތުން، އަމިއްލަ ނަފްސަށް ގެއްލުންދީފާނެކަމަށް އޮތް ފުރުސަތާއި، އަމިއްލައަށް މަރުވާން އުޅުމާއި މަސްތުގެ ހާލަތުގައި ހުރި ނަމަ، އޭގެ ސަބަބުން އެ ކުއްޖެއްގެ ހަށިގަނޑުން ނުވަތަ އަމަލުތަކުން ފާހަގަވާ ކަންކަން ދެނެގަތުން
  3. ކުއްޖާއަށް ބޭނުންވަނީ ކޮން ބާވަތެއްގެ ފަރުވާއެއްތޯ ދެނެގަތުން
  4. ގައިން ގަޔަށް އަރާ ބައްޔެއް އެ ކުއްޖެއްގެ ގައިގައި ހުރުމުގެ ސަބަބުން، އެހެން ކުދިންނާ ވަކިވާނެ ގޮތަށް އެ ކުއްޖާ އެކަހެރިކުރަން ޖެހޭތޯ ބެލުމާއި، އެކަހެރިކޮށް ފަރުވާދޭންޖެހޭ މުއްދަތު ދެނެގަތުން
  5. އެ ކުއްޖަކަށް ހެލިފެލިވެއުޅުމަށް ޖިސްމާނީގޮތުން ބޭނުންވާ މަސައްކަތާއި، ކަސްރަތާއި އެހެނިހެން ހަރަކާތްތައް ދެނެގަތުން

(ނ) ކުޑަކުއްޖަކު މަރުކަޒަކަށް ގެންދިއުމަށްފަހު ހަދާ މެޑިކަލް އެސެސްމެންޓުން، އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ނުވަތަ ޓޯޗަރގެ އަމަލެއް އެ ކުއްޖަކާމެދު ހިންގައިފައިވާކަން ފާހަގަކުރެވިއްޖެ ނަމަ، އެ ކަމެއްގެ ތަފުސީލު ލިޔެ ރިކޯޑުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަނިޔާއަކީ ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު) ގައި "ޓޯޗަރ" އެއްގެ ގޮތުގައި މާނަކުރެވޭ އަނިޔާއެއްކަމަށް ވާ ނަމަ، އެ ގާނޫނުން އެ ކުއްޖަކަށް ލިބިދޭ އެންމެހައި ހައްގުތަކެއް ފަހިކޮށްދިނުމާއެކު، އެ މައުލޫމާތެއް ކަމާ ގުޅުންހުރި އިދާރާތަކަށާއި ފަރާތްތަކަށް ލަސްނުކޮށް އަންގަންވާނެއެވެ. އަދި މީގެ އިތުރުން، އިތުރު އަނިޔާއެއް ނުލިބޭ ފަދަ ގޮތަކަށް އެ ކުއްޖެއްގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުއަޅަންވާނެއެވެ.

 

20 ވަނަ މާއްދާ - ހިމާޔަތް ދިނުން

(ހ) ކޮންމެ ކުއްޖަކު ވެސް ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކަށް ގެނައުމަށްފަހު ހުންނާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފުރިހަމަ ހިމާޔަތުގައެވެ. އަދި މަރުކަޒުތަކަށް ވެއްދުމަށްފަހު ވެސް ހާއްސަ ހިމާޔަތް ދޭންޖެހޭ ހާލަތްތަކުގައި އެ ކުއްޖަކަށް ހިމާޔަތް ދިނުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ށ) ކަރެކްށަނަލް މަރުކަޒުތަކަށް ގެނެވޭ ކުދިންނަށް، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ހާއްސަ ހިމާޔަތެއް ދޭންޖެހޭކަމަށް މަރުކަޒުގެ ޑައިރެކްޓަރަށް ނިންމިދާނެއެވެ.

  1. ކަރެކްށަނަލް މަރުކަޒުތަކުގައި ހުންނަ އެހެން ކުއްޖެއްގެ ފަރާތުން އެ ކުއްޖަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ގޯނާއެއް ކުރުން؛
  2. ކުއްޖާއަށް ކޮށްފައިވާ ހުކުމުގެ ބާވަތުން ނުވަތަ ކުރެވިފައިވާ ކުށުގެ ބާވަތުން މަރުކަޒުގައި ތިބޭ އެހެން ކުދިންގެ ފަރާތުން އެ ކުއްޖަކަށް ގެއްލުމެއް ދީފާނެކަމަށް ގަބޫލުކުރެވުން؛
  3. ކަރެކްށަނަލް މަރުކަޒުތަކުގައި ހުންނަ ކުއްޖެއްގެ އާއިލާއިން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެ ކުއްޖަކަށް ހާއްސަ ހިމާޔަތް ދިނުމަށް އެދުން؛
  4. މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ކަރެކްށަނަލް މަރުކަޒުގައި ހުރި ކުއްޖަކު ހާއްސަ ހިމާޔަތެއް ބޭނުންވާކަމަށް އަމިއްލައަށް އެދިއްޖެ ނަމަ، ނުވަތަ މަރުކަޒުގައި މަސައްކަތްކުރާ އެހެން ފަރާތަކުން އެކަން ފާހަގަކޮށްފި ނަމަ، އެ ކުއްޖަކަށް ހިމާޔަތް ދޭންޖެހޭ ފަދަ އެކަށީގެންވާ ސަބަބެއް ނުވަތަ ހާލަތެއް ކުރިމަތިވެފައިވާކަމަށް ޑައިރެކްޓަރަށް ގަބޫލުކުރެވުން.

 

 

ހަތަރުވަނަ ބާބު

މަރުކަޒު ހިންގުމުގެ އުސޫލުތައް

 

21 ވަނަ މާއްދާ - ވަގުތީގޮތުން މަރުކަޒުން ދޫކުރުން

(ހ) ކުޑަކުދިން ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން ވަގުތީގޮތުން މަރުކަޒުން ދޫކުރެވިދާނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. މަރުބަލީގައިވާ ނުވަތަ އާދަޔާ ހިލާފަށް ބަލި ނުވަތަ ނުރައްކާތެރި ސިއްހީ ހާލަތެއް ކުރިމަތިވެފައިވާ އާއިލީ މެންބަރަކަށް ޒިޔާރަތްކުރުމަށް؛
  2. އާއިލީ މެންބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް؛
  3. އިމްތިހާނެއްގައި ބައިވެރިވުމަށް؛
  4. ޑޮކްޓަރުގެ އިރުށާދާ އެއްގޮތަށް، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނެއްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދުމަށް
  5. ޖަލުގައި ހުންނަ މާބަނޑު ކުއްޖެއްގެ ބަނޑަށް 6 (ހައެއް) މަސް ފުރުން.
  6. ބަންދުކުރެވޭ ކުއްޖެއްގެ 1 (އެކެއް) އަހަރު ނުފުރޭ، ގާތުން ކިރުދޭ ކުއްޖެއް ހުރުން.
  7. ރާއްޖެއިން ލިބެންނެތް ސިއްހީ ފަރުވާއެއް ލިބިގަތުމަށް ރާއްޖެއިން ބޭރަށް ދިއުން.
  8. ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއް ކަމުގައި ކަނޑައަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  1. ކުއްޖާގެ އާއިލާ މެންބަރަކު ހޮސްޕިޓަލުގެ އިންޓެންސިވް ކޮރޯނަރީކެއަރ ޔުނިޓް (އައިސީސީޔޫ) ގައި ނުވަތަ ފުރާނައަށް ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެން އެނދުމަތިކޮށްފައިވުން.
  2. ކުއްޖާގެ އާއިލާ މެންބަރަކު ހޭނައްތައިގެން ކުރާ އޮޕަރޭށަނެއް ކުރަން ހަމަޖައްސައިފައިވުން.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުއްޖާ ވަގުތީގޮތުން ދޫކުރެވޭނީ ޕްރިޒަން އޮފިސަރަކާ އެކުގައި، އޭނާގެ ސީދާ ބެލެހެއްޓުމުގެ ދަށުގައި، ހުރިހާ ވަގުތަކު ވެސް ހުންނަ ގޮތަށެވެ. އަދި މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަގުތީގޮތުން ކުއްޖާ ދޫކުރެވޭނީ، ކުއްޖާގެ ބެލެނިވެރި ފަރާތުން ކުއްޖާ ހުރިހާ ވަގުތެއްގައި ބެލެހެއްޓުމަށް ށަރުތުކޮށް، އެކަމަށް ލިޔުމުން އެއްބަސްވުމުންނެވެ.

(ރ) ބެލެނިވެރި ފަރާތުގެ ބެލުމުގެ ދަށުން ވަގުތީގޮތުން ކުއްޖާ ދޫކުރުމުގެ ކުރިން ކުއްޖާގެ ބެލެނިވެރިޔާ ލައްވާ ކުއްޖާ ވަގުތީގޮތުން ދޫކުރުމުގެ އިގުރާރުގައި ސޮއިކުރުވަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ވަގުތީގޮތުން ކުއްޖަކު ދޫކުރާ ނަމަ، ދިވެހި ފުލުހުންގެ ހިދުމަތާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށާއި، ޖުވެނައިލް ކޯޓަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އަންގަންވާނެއެވެ.

 

22 ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރުމަށް އެދުން

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، އެހެން ހާލަތްތަކުގައި ކުއްޖާ ވަގުތީގޮތުން ދޫކުރުމަށް އެދޭނީ، އެ ކުއްޖާގެ އާއިލާގެ ފަރާތުން އެކަމަށް އެދި ކޮމިށަނަރއަށް ސިޓީއެއް ހުށަހަޅައިގެންނެވެ. އެ ސިޓީގައި ކުއްޖާ ގެންދަން ބޭނުންވާ ސަބަބު ބަޔާންކުރަންވާނެއެވެ. އެ ސިޓީއާއެކު، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

  1. އާއިލާގެ މެންބަރަކު ނިޔާވެގެން ނަމަ، އެ މީހެއްގެ މަރު ފޯމު.
  2. އާއިލާގެ މެންބަރަކު ބަލިވެގެން ނަމަ، އެކަން ސާބިތުކޮށްދެވޭވަރުގެ ޑޮކްޓަރުގެ ތައްގަނޑުޖެހި ރަސްމީ ލިޔުމެއް.
  3. ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ނަމަ، އެކަމާ ގުޅޭ އެންމެހައި ލިޔުންތައް.
  4. ފަރުޒު ހައްޖު އަދާކުރަން ނަމަ، އެކަމާ ގުޅޭ އެންމެހައި ލިޔުންތައް.
  5. ކުއްޖާގެ އާއިލާއާ ހަވާލުކުރަންޖެހޭ ހާލަތްތަކުގައި އެ ކުއްޖާއާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް.
  6. ކުއްޖާ އިމްތިހާނެއްގައި ބައިވެރިވާންޖެހޭ ނަމަ، ތައުލީމުދޭ މަރުކަޒަކުން ކުއްޖާ އެ އިމްތިހާނުގައި ބައިވެރިވާންޖެހޭކަމުގެ ލިޔުން.

(ށ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރާއި (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، ކުއްޖާ ވަގުތީގޮތުން ދޫކުރުމަށް އެދި ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ހުށަހަޅާނީ، ކުއްޖާ ހުރި މަރުކަޒުގެ ޑައިރެކްޓަރ އޮފް ޕްރިޒަންއެވެ.

 

23 ވަނަ މާއްދާ - 23 ވަގުތީގޮތުން ދޫކުރުމުގެ ހުއްދަ ދިނުން

(ހ) އެ ކުއްޖަކު ވަގުތީގޮތުން ދޫކުރުމުގެ ހުއްދަ ދޭނީ، ކޮމިށަނަރ އޮފް ޕްރިޒަންސްއެވެ. މި ހުއްދަ ދޭންވާނީ ލިޔުމަކުންނެވެ.

(ށ) ވަގުތީގޮތުން ކުއްޖަކު ދޫކުރުމަށް ދެވޭ ހުއްދައިގައި ތިރީގައިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ދޫކުރެވޭ ކުއްޖާގެ ފުރިހަމަ މައުލޫމާތު
  2. ދޫކުރެވޭ ސަބަބު
  3. ދޫކުރެވޭ މުއްދަތު
  4. ހުއްދަ ދިން ފަރާތުގެ ސޮޔާއި، ނަމާއި، މަގާމު

(ނ) ވަގުތީގޮތުން ކުއްޖަކު ދޫކުރެވޭނެ ގޮތާއި، ދޫކުރެވޭ ކުދިންނަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާއި ވަގުތީގޮތުން ދޫކުރި ކުރުން ބާތިލުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާ އުސޫލުތައް މަރުކަޒުގެ ސްޓޭންޑިންގ އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

24 ވަނަ މާއްދާ - ކަރެކްށަނަލް މަރުކަޒުން ދޫކޮށްލުން

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައިވާ ކޮންމެ ކުއްޖަކު ވެސް ދޫކޮށްލަންވާނީ ތިރީގައިވާ ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވުމުންނެވެ.

(ހ) ކުއްޖެއްގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކުރުމުން ނުވަތަ ތަންފީޒުކުރަމުންދާ ހުކުމް ތަންފީޒުކޮށް ނިމުމުން

(ށ) ގަވާއިދު ނަންބަރު 2023-92 (މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕެރޯލްގެ ދަށުން ދޫކޮށްލުން

(ނ) ގަވާއިދު ނަންބަރު 2023-92 (މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިންގެ ކަރެކްށަނަލް އެހެން މަރުކަޒަކަށް (ލޯންގް ޓަރމް ސެކިއުރިޓީ ފެސިލިޓީން ޖުވެނައިލް ޑިޓެންށަން ސެންޓަރަކަށް) ނުވަތަ 2023-79 (ގަވާއިދު ނަންބަރު ކުޑަކުދިންގެ ރެޒިޑެންށަލް މަުކަޒުތަކުގެ) ގަވާއިދު ގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ރެިެންށަލް މަރުކަޒަކަށް ބަދަލުކުރުން.

(ރ) ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ ދަށުން މައާފުލިބުމުން ނުވަތަ އަދަބު ލުއިކޮށްދިނުމުގެ ސަބަބުން، ތަންފީޒުކުރަމުންދާ ހުކުމް ނިމުން.

 

25 ވަނަ މާއްދާ - މަރުކަޒުން ދޫކޮށްލުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައިވާ ކޮންމެ ކުއްޖަކު ވެސް، ދޫކޮށްލުމުގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރަންވާނެއެވެ.

(ހ) އެ ކުއްޖަކު، މަރުކަޒުން ދޫކޮށްލުމަށް ޓަކައި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން.

(ށ) އެ ކުއްޖަކާ، މަރުކަޒުން ހަވާލުކޮށްފައިވާ ތަކެތި، ހޯދުން.

(ނ) އެ ކުއްޖެއްގެ އަތުން އަތުލައިފައިވާ ތަކެތި، އެ ކުއްޖަކާ ހަވާލުކުރުން.

(ރ) އެ ކުއްޖަކު، މަރުކަޒުގައި ހުރިއިރު ކޮށްފައިވާ ހަރަދުތަކަށް އުނިކުރަންޖެހޭ ފައިސާ ޕްރިޒަނަރ އެކައުންޓް މެނޭޖްމަންޓް ސިސްޓަމުން އުނިކުރުން.

 

 

ފަސްވަނަ ބާބު

މަރުކަޒުގައި ތިބޭ ކުދިންނަށް ލިބިގެންވާ ހައްގުތަކާއި އިނާޔަތްތައް

 

 

26 ވަނަ މާއްދާ - ލިބެންޖެހޭ އަސާސީ ހިދުމަތްތައް

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒަށް ގެންނަ ކޮންމެ ކުއްޖަކަށް ވެސް، އެ ކުއްޖަކު ކަރެކްށަނަލް މަރުކަޒަށް ގެންނަ ދުވަހުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތައް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފޯރުކޮށްދޭންވާނެއެވެ. މި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ބިދޭސީ ކުދިންގެ ތެރެއިން އިސްލާމްދީން ނޫން ދީނަކަށް ނިސްބަތްވާ ކުދިންނަށް އެ ކުދިންގެ ދީނާއި ސަގާފަތަށް އިހުތިރާމު ލިބިދެވޭކަން ކަށަވަރު ކުރަންވާނެއެވެ.

  1. ނަމާދުކޮށް ގުރްއާން ކިޔަވައި، ރޯދަހިފުމުގެ އިންތިޒާމު؛
  2. ކެއުމާއި ބުއިމުގެ އިންތިޒާމު؛
  3. ފެންވަރައި، ގައިން ތާހިރުވުމާއި، ފާހާނާކުރުމުގެ އިންތިޒާމާއި، ބޯކޮށުމުގެ އިންތިޒާމާއި، ނިޔަފަތިކެނޑުމުގެ އިންތިޒާމު؛
  4. ނިދުމާއި ނިދަން ބޭނުންވާނެ ތަކެތީގެ އިންތިޒާމު؛
  5. ކަސްރަތުކުރުމުގެ އިންތިޒާމު؛
  6. ކުޅިވަރުކުޅުމާއި މުނިފޫހިފިލުވޭނެ ވަސީލަތްތައް؛
  7. ބޭސްފަރުވާކުރުމުގެ އިންތިޒާމާއި، ކައުންސެލިންގ ދިނުމުގެ އިންތިޒާމު؛
  8. އަންނައުނު ދޮވުމާއި، އަންނައުނު ބަދަލުކުރުމުގެ އިންތިޒާމު؛
  9. އާއިލާއާއި، ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއާ މުއާމަލާތުކޮށް ބައްދަލުކުރުމުގެ އިންތިޒާމު؛
  10. ވަކީލު ބައްދަލުވުން؛
  11. އެކަހެރި ބައްދަލުވުން؛
  12. ސިޓީ ލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތާއި، ލައިބްރަރީ ބޭނުންކުރުމުގެ އިންތިޒާމު؛
  13. އުނގެނުމުގެ ހައްގު ކަށަވަރުކުރުމަށް ބޭނުންވާ ތައުލީމު އުނގެނުމުގެ އިންތިޒާމު؛
  14. ކުއްޖާ ހުންނަ ބެރެކްސް ނުވަތަ ކޮޓަރި ސާފުކުރުމަށް ބޭނުންވާ ސާމާނާއި އެ ތަންތަން ސާފުކުރުމުގެ އިންތިޒާމު؛
  15. އަންހެންކުދިން ހައިޒުގެ ދުވަސްތަކުގައި ބޭނުންވާ ސެނިޓަރީ ނެޕްކިން ލިބޭނެ އިންތިޒާމު؛
  16. ކުދިން ބައިތިއްބާ ތަންތަނުގައި ނިދުމަށް ކަނޑައަޅައިފައިވާ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި އެއްޗެއް ބަލައިގެން ކިޔަން އެނގޭވަރަށް އަލި ވަންނަ ގޮތަށް ހުންނަންވާނެއެވެ. އަދި ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް ވެންޓިލޭށަނުގެ ނިޒާމު ގާއިމުކޮށް ވައި ދައުރުވާ ގޮތަށް ހުންނަންވާނެއެވެ.
  17. މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީންނާއި ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތައް ފޯރުކޮށްދޭކަން ކަށަވަރު ކުރަންވާނެއެވެ.

(ށ) ކުދިން ކުރާ ކުށްތައް އިސްލާހުކުރުމަށް ޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން މި މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ އެއްވެސް ހިދުމަތެއް ހަނިކޮށްގެން ނުވަތަ ހިފަހައްޓައިގެން ނުވާނެއެވެ.

 

27 ވަނަ މާއްދާ - އަޅުކަންތައް އަދާކުރުމުގެ އިންތިޒާމު 

އަޅުކަންތައް މަރުކަޒުތަކުގައި ހުންނަ ކޮންމެ ކުއްޖަކަށް ވެސް، ނަމާދުކުރުމާއި، ގުރްއާން ކިޔެވުމާއި އަދާކުރުމުގެ ރޯދަހިފުމާއި ދީނީގޮތުން އަދާކުރަންޖެހޭ އެ ނޫންވެސް އެންމެހައި އަޅުކަމުގެ އިންތިޒާމު ކަންތައްތައް އަދާކުރުމުގެ ފުރުސަތުދީ، އެ ކަންކަން ކުރުމަށް މަގުފަހިކޮށްދޭންވާނެއެވެ.

 

28 ވަނަ މާއްދާ - ކެއިންބުއިމުގެ އިންތިޒާމު

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ތިރީގައި ބަޔާންކޮށްފައިވާ 4 (ހަތަރެއް) އިރުގެ ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

  1. ހެނދުނު ސައި
  2. މެންދުރު ކެއުން
  3. ހަވީރު ސައި
  4. ރޭގަނޑު ކެއުން

(ށ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުތަކުގައި ކެއިންބުއިން ފޯރުކޮށްދޭންވާނެއެވެ.

(ނ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އެ ކުދިން ބައިތިއްބައިފައިވާ ވިންގުން، ނުވަތަ ބެރެކްސުން ނުވަތަ ކޮޓަރިން ބޭނުންވެއްޖެ ކޮންމެ ވަގުތަކު ސާފު ބޯފެން ލިބެން ހުންނަންވާނެއެވެ. އަދި މިގޮތުން ފޯރުކޮށްދެވޭ ފެނަކީ، ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ފެންކަމުގައި ވާންވާނެއެވެ.

(ރ) ރަމަޒާންމަހުގައި ކުޑަކުދިންގެ މަރުކަޒުތަކުގައި ތިބޭ ބިދޭސީ ކުދިންގެ ތެރެއިން އިސްލާމްދީން ނޫން އެހެން ދީނަކަށް ނިސްބަތްވާ ކުދިން ތިބި ނަމަ، އެ ކުދިންނަށާއި، މަރުކަޒުގައި ތިބޭ އަންހެންކުދިންގެ ތެރެއިން ހައިޒުގެ ދުވަސްތަކުގައި ތިބޭ ކުދިންނަށާއި، ބަލިހާލަތުގެ ސަބަބުން ރޯދަ ދޫކޮށްލުމަށް ޑޮކްޓަރު ލަފާދީފައިވާ ކުދިންނަށް ކެއުމުގެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ.

(ބ) ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހުގައި ރޯދަހިފަން ބޭނުންވާ ކުދިންނަށް މަރުކަޒުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ރޯދަހިފުމާއި ރޯދަ ވީއްލުމަށް އެ ގަޑިތަކަށް ކާނާ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

(ޅ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ފޯރުކޮށްދޭ ކާބޯތަކެއްޗަކީ އޮއްޓަރުގެ ގޮތުންނާއި، ސިއްހީގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭ ތަކެތިކަމުގައި ވާންވާނެއެވެ.

(ކ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން ސިއްހީ މައްސަލައެއް ހުރެގެން ވަކި ބާވަތެއްގެ ކެއުމެއް ދޭންޖެހޭކަމަށް ޑޮކްޓަރަކު ލަފާދީފައިވާ ކުއްޖެއް ނަމަ ޑޮކްޓަރުގެ ނުވަތަ ޑައިޓީށަންގެ ލަފަޔާ އެއްގޮތަށް އެކަން ހަމަޖެއްސުމަށްފަހު އެކަމާ ގުޅޭ ލިޔުންތައް ފައިލުކުރަންވާނެއެވެ.

(އ) ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކާބޯތަކެތި ތައްޔާރުކުރެވޭ މިންގަނޑާއި، އެ ތަކެތީގެ އަދަދާއި، އެ ތަކެތީގެ ފެންވަރާއި، އެ ތަކެތި ފޯރުކޮށްދިނުމުގައި ސިއްހީގޮތުން ފާހަގަކުރެވޭ ކަންކަން ގަވާއިދުން ބަލައި ޗެކުކުރުމަށްފަހު، މި މައުލޫމާތު ލިޔުމުން ބަލަހައްޓަންވާނެއެވެ.

(ވ) ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާބެހޭ އާންމު ގަވާއިދާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގާނޫނާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުގައި ތިބޭ ކުދިންނަށް ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ތަނަކީ ސިއްހީގޮތުން ރައްކާތެރި ތަނެއްކަން ކަށަވަރުކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - ތާފުތާހިރުވުމުގެ އިންތިޒާމު

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ސާފުތާހިރުކޮށް ތިބެން ލާޒިމްކުރަންވާނެއެވެ. މި ގޮތުން ފުރިހަމަ ސިއްހަތެއްގައި ހުރުމަށާއި ސާފުތާހިރުވުމަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދޭންވާނެއެވެ.

(ށ) ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން، ސާފުތާހިރުވުމަށް ބޭނުންކުރާނެ އަސާސީ ތަކެއްޗާއި އުޅޭތަން ސާފުތާހިރުކުރުމަށް ބޭނުންވާނެ ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ކުއްޖާ ހުރި މަރުކަޒަކުން ފޯރުކޮށްދޭންވާނެއެވެ.

  1. ދަތް އުނގުޅާ ބުރުސް؛
  2. ދަތް އުނގުޅާ ބޭސް؛
  3. ސައިބޯނި؛
  4. ފާހާނާ ކުނޑި؛
  5. އަންހެން ކުދިންނަށް ބޭނުންވާ ރޭޒަރާއި ފިރިހެން ކުދިންނަށް ތުނބުޅި ބޭލުމަށް ބޭނުންކުރާނެ ރޭޒަރާއި ނިޔަފަތި ކެނޑުމަށް ބޭނުންވާ ދަތި؛
  6. ފާހާނާ ސާފުކުރުމަށް ބޭނުންވާނެ ސާމާނު؛
  7. ތުވާލި؛
  8. އަންހެންކުދިންނަށް ހައިޒްގެ ދުވަސްތަކުގައި ބޭނުންވާ ސެނިޓަރީ ނެޕްކިން.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތި، ކޮންމެ 6 (ހައެއް) މަހަކުން ބަދަލުކުރަމުން ގެންދަންވާނެއެވެ.

(ރ) ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ އަންނައުނާއި އެ ކުދިންގެ އެއްޗެހި ސާފުތާހިރުކަމާއެކު ތަރުތީބުކޮށް ގެންގުޅުމަށް ޓަކައި ކޮންމެ ކުއްޖަކަށް ހާއްސަ ލޮކަރެއްގެ އެކްސެސް ލިބޭގޮތަށް ހަމަޖައްސައިދޭންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން މަރުކަޒުން ފޯރުކޮށްދޭ އެއްޗެއްގެ ސަބަބުން ކުއްޖަކަށް ސިއްހީ މައްސަލައެއް ދިމާވާކަމަށް ޑޮކްޓަރަކު ނިންމައިފި ނަމަ، "ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އެ ކުއްޖަކަށް އެ އެއްޗެއް ފޯރުކޮށްދޭންވާނެއެވެ.

 

30 ވަނަ މާއްދާ - ނިދުމުގެ އިންތިޒާމު

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ހުންނަ ކޮންމެ ކުއްޖަކަށް ވެސް، ނިދުމުގެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފޯރުކޮށްދޭންވާނެއެވެ.

  1. ގޮދަޑި؛
  2. ބާލީސް؛
  3. ބެޑްށީޓް؛
  4. ބާލީހުއުރައާއި ރަޖާޖު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ފޯރުކޮށްދިނުމުގެ ކުރިން އެ ތަކެއްޗަކީ، ބޭނުންކުރުމަށް އެކަށީގެންވާ ސާފުތާހިރު ތަކެތިކަން ކަށަވަރު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ކޮންމެ 6 (ހައެއް) މަހަކުން ބަދަލުކުރަމުން ގެންދަންވާނެއެވެ.

(ރ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން ސިއްހީ ސަބަބަކަށް ޓަކައި ވަކި ހާއްސަ ތަންމައްޗެއް ބޭނުންކުރަންޖެހޭކަމަށް ޑޮކްޓަރަކު ލަފާދީފައިވާ ކުދިންނަށް އެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

31 ވަނަ މާއްދާ - ކަސްރަތުކުރުމުގެ އިންތިޒާމު

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް މޫސުން ތަންދޭ ނަމަ، މަދުވެގެން ދުވާލަކު 1 (އެކެއް) ގަޑިއިރަށް ކަސްރަތުކުރުމަށް، ސާފުވައާއި ގުދުރަތީ އަލި ލިބޭނެ މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

 

32 ވަނަ މާއްދާ - ކުޅިވަރުކުޅުމުގެ އިންތިޒާމު

(ހ) ކުދިންގެ އުމުރާ އެކަށީގެންވާ ކުޅިވަރާއި، މުނިފޫހިފިލުވުމާ ގުޅޭ އިންތިޒާމުތައް، ކޮންމެ މަރުކަޒެއްގައި ވެސް ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ށ) މަރުކަޒުގައި ތިބޭ ކުދިންގެ މެދުގައި، ގުޅުން ބަދަހިކުރުމުގެ ގޮތުން، ކުދިންގެ އުމުރާ ގުޅޭ މުނިފިލުވުމުގެ އެކިއެކި، މުބާރާތް ފަދަ ހަރަކާތްތައް މަރުކަޒުތަކުން އިންތިޒާމު ކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ތައުލީމު ހާސިލުކުރުމުގެ އިންތިޒާމު

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް، އެ ކުދިންގެ އުމުރާއި، ފެންވަރާއި، ބަދަލުވަމުންދާ ގާބިލިއްޔަތާ އެކަށީގެންވާ ތައުލީމާއި، ތަމްރީނާއި ހުނަރުތައް ފޯރުކޮށްދޭންވާނެއެވެ.

(ށ) ސާނަވީ ތައުލީމު އުނގެނޭ އުމުރުގެ ދަރިވަރުންނަށް، އެ ކުއްޖެއްގެ އުމުރާ ގުޅޭގޮތުން، ގައުމީ މަންހަޖުގައި ހިމެނޭ މާއްދާތައް ކިޔަވައިދިނުމުގެ އިންތިޒާމު މަރުކަޒުން ހަމަޖައްސައިދޭންވާނެއެވެ.

(ނ) ކުއްޖާގެ އުމުރުފުރައާ އަޅައިބަލާއިރު، ލިޔަންކިޔަން އެނގޭ މިންވަރު ދަށް ކުދިންނަށް ހާއްސަ ޕްރޮގުރާމުތައް ތައުލީމީ ކަންކަމާބެހޭ ވުޒާރާއާ ގުޅިގެން މަރުކަޒުތަކުގައި ހިންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ޓަކައި އެކުލަވައިލަންޖެހޭ އުސޫލު، ތައުލީމީ ކަންކަމާބެހޭ ވުޒާރާއާ ގުޅިގެން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެކުލަވައިލަންވާނެއެވެ.

(ބ) މަރުކަޒުގައި ތިބޭ ކުދިންގެ ތެރެއިން ސާނަވީ ތައުލީމު ނިމިފައިވާ ކުދިންނަށް އެ ކުދިންގެ އުމުރާ ގުޅޭ ތަމްރީނު ޕްރޮގުރާމުތައް ހިންގަންވާނެއެވެ.

(ޅ) މަރުކަޒުތަކުގައި ހިންގާ އެއްވެސް ޕްރޮގުރާމެއްގައި ބައިވެރިވުމަށްފަހު ދޭ އެއްވެސް ސެޓްފިކެޓެއްގައި ނުވަތަ ބައިވެރިވިކަމުގެ ލިޔުމެއްގައި އެ ކުއްޖަކު އެ ލިޔުން ހާސިލުކުރީ މަރުކަޒެއްގައި ހުރެގެންކަން ދޭހަވާ ފަދަ އިބާރާތެއް ބޭނުންކޮށްގެން ނުވާނެއެވެ.

(ކ) ކޮންމެ ކުއްޖަކަށް ވެސް އެކަށީގެންވާ މިންވަރަށް ސްޓޭށަނަރީއާއި އުނގެނުމަށް އެހީވެދޭ ތަކެތި ފޯރުކޮށްދޭންވާނެއެވެ.

(އ) އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގުރާމުތައް ހިންގަންވާނެއެވެ.

 

34 ވަނަ މާއްދާ - އަންނައުނު

(ހ) ކުއްޖާއަކީ ބަންދުކޮށްފައި ހުރި ކުއްޖެއްކަން ދޭހަވާ ޔުނިފޯމެއް ނުވަތަ ބަންދުކޮށްފައި ހުރި ކުއްޖެއްކަން ދައްކުވައިދޭ ފަދަ އެއްވެސް ބާވަތެއްގެ ލޭބަލެއް ނުވަތަ ކުރެހުމެއް ހުންނަ އަންނައުނު ކުދިންނަށް ދީގެން ނުވާނެއެވެ.

(ށ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން އަމިއްލަ އަންނައުނު ބޭނުންކުރުމާއި، ގެންގުޅޭ އަންނައުނުތައް ދޮވުމާއި، ސާފުކޮށް ބޭނުންކުރެވޭނެ އަދި އެކަށޭނަ ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމު މަރުކަޒުގެ ޑައިރެކްޓަރ ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުއްޖާގެ އަމިއްލަ އަންނައުނު މަރުކަޒަށް ގެނައުމުގެ އުސޫލުތަކާއި، ކުއްޖާ މަރުކަޒުގައި ހުންނަ މުއްދަތުގައި ކުއްޖާގެ އާއިލާއިން ކުއްޖާއަށް ފޯރުކޮށްދޭ އަންނައުނު މަރުކަޒަށް ގެނައުމުގެ އުސޫލުތައް، މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

35 ވަނަ މާއްދާ - އާއިލީ ގުޅުން ދެމެހެއްޓުން

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ އާއިލާތަކާ އޮންނަ ގުޅުން ދެމެހެއްޓުމަށް ޓަކައި އެ ކުދިންގެ އާއިލާއާ މުއާމަލާތުކޮށް ބައްދަލުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ތިރީގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭންވާނެއެވެ.

(ހ) އާއިލީ ބައްދަލުވުން

(ށ) އެކަހެރި ބައްދަލުވުން

(ނ) އާއިލާއަށް ފޯނުކުރުން

 

36 ވަނަ މާއްދާ - އާއިލީ ބައްދަލުވުން

(ހ) އާއިލާއާ ބައްދަލުވުމަށް ދެވޭ މި ފުރުސަތަކީ، މަރުކަޒުތަކުގައި ތިބޭ ކުދިންގެ އާއިލާގެ މެންބަރުންނަށް ދެވޭ ފުރުސަތެކެވެ. ކުއްޖާގެ އާއިލާއަށް މަރުކަޒަށް ހާޒިރުވެގެން ބައްދަލުވެވެން ނެތް ނަމަ، ވީޑިއޯ ނުވަތަ އޯޑިއޯ މެދުވެރިކޮށް ވެސް ކުދިންގެ އާއިލާގެ މެންބަރުންނަށް މި ފުރުސަތު ދެވިދާނެއެވެ.

(ށ) އާއިލީ ބައްދަލުވުމުގެ ފުރުސަތު ދެވޭނީ، ކުދިންގެ އާއިލާގެ މެންބަރުންގެ ގޮތުގައި މި ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

(ނ) އާއިލީ ބައްދަލުވުމުގެ ފުރުސަތު، ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ކުއްޖާ ބަންދުކުރާ ދުވަހުން ފެށިގެން، ކޮންމެ މަހަކު މަދުވެގެން 2 (ދޭއް) ފަހަރު ހަމަޖައްސައިދޭންވާނެއެވެ.

(ރ) އާއިލީ ބައްދަލުވުން ހަމަޖައްސައިދެވޭނީ ކޮންމެ ބައްދަލުވުމެއްގެ ދިގުމިން 2 (ދޭއް) ގަޑިއިރަށެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އާއިލީ ބައްދަލުވުން ހަމަޖައްސައިދެވެނީ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ނަމަ، އެފަދަ ބައްދަލުވުމެއް ހަމަޖައްސައިދެވޭނީ ގިނަވެގެން 15 (ފަނަރަ) މިނިޓަށެވެ.

(ޅ) ކުދިންގެ އާއިލީ ބައްދަލުވުމަށް އަންނަ ފަރާތުން މަރުކަޒަށް ޒިޔާރަތްކުރުމުގެ ދަތުރު ހަމަޖައްސަންވާނީ، މަރުކަޒަށް ޒިޔާރަތްކުރާ ފަރާތަކުންނެވެ.

 

37 ވަނަ މާއްދާ - އެކަހެރި ބައްދަލުވުން

(ހ) މި ފުރުސަތަކީ ކައިވެނިކޮށްގެން އުޅޭ ކުދިން އެ ކުއްޖެއްގެ އަނބިމީހާއާ ނުވަތަ ފިރިމީހާއާ އެކަހެރިކޮށް ބައްދަލުކުރުމަށް ދެވޭ ފުރުސަތެކެވެ.

(ށ) މި މާއްދާގެ ބޭނުމަށް، މަރުކަޒުގައި ތިބޭ ކުދިންގެ ތެރެއިން ކައިވެނިކޮށްގެން ތިބޭ ކުދިންނާއި، އެ ކުދިންގެ އަނބިމީހާގެ މައުލޫމާތު ނުވަތަ ފިރިމީހާގެ މައުލޫމާތު ހިމެނޭ ރިކޯޑު މަރުކަޒުން އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

(ނ) އެކަހެރި ބައްދަލުވުން ދެވޭނީ، މަހަކު 1 (އެކެއް) ފަހަރު، ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

(ރ) އެކަހެރި ބައްދަލުވުމަށް މަރުކަޒަށް އަންނަ ފަރާތުން، މަރުކަޒަށް ޒިޔާރަތްކުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ފަރާތެއް އަމިއްލައަށެވެ.

 

38 ވަނަ މާއްދާ - ވަކީލު ބައްދަލުވުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުގައިވާ ކޮންމެ ކުއްޖަކަށް ވެސް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކަށް ނުވަތަ ވަކީލުންތަކަކަށް މައްސަލައާމެދު ވަކި ގޮތެއް ނިމެންދެން މުއާސަލާތުކޮށް، ބައްދަލުކުރުމަށް އެކަށީގެންވާ ފުރުސަތާއި ވަގުތާއި އިންތިޒާމު، ފުރިހަމަ ސިއްރިޔާތު ހިފެހެއްޓޭ ގޮތަށް މަރުކަޒުން ހަމަޖައްސައިދޭންވާނެއެވެ. މި ގޮތަށް ބައްދަލުވުން ދެވޭ ފުރުސަތުގައި މަރުކަޒުގެ މުވައްޒަފުންނަށް ފެންނަ ގޮތަށް ބޭތިއްބިދާނެއެވެ. ނަމަވެސް، ދައްކާ ވާހަކަ އަޑުއިވޭހިސާބުގައި މުވައްޒަފުން ތިބެގެން ނުވާނެއެވެ.

(ށ) ވަކީލު ބައްދަލުވުމަށް މަރުކަޒަށް އަންނަ ފަރާތުން މަރުކަޒަށް ޒިޔާރަތްކުރުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ފަރާތެއް އަމިއްލައަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަރެކްށަނަލް މަރުކަޒުގައިވާ ކުދިންގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެ މަރުކަޒަކުން ކަނޑައަޅަންވާނެއެވެ.

 

39 ވަނަ މާއްދާ - ބައްދަލުވުމަށް އަންނަ ފަރާތްތައް ބަލައި ފާސްކުރުން

މި ގަވާއިދުގެ 36 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައްދަލުވުމަށް އަންނަ ފަރާތްތައް ބަލައި ފާސްކުރަންވާނީ އަންނަނިވި ގޮތްތަކުގެ މަތީންނެވެ.

(ހ) ބައްދަލުވުމަށް އަންނަ ފަރާތް ފުރަތަމަ ބަލައި ފާސްކުރާނީ ހަށިގަނޑާއި ތަކެތި ބަލައި ފާސްކުރުމަށް ޓަކައި މެޓަލް ޑިޓެކްޓަރ ނުވަތަ ވޯކްތުރޫ ގޭޓް ނުވަތަ އެކްސްރޭ މެށިން ފަދަ ޒަމާނީ އާލާތްތައް ބޭނުންކޮށްގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ބަލައި ފާސްކުރުމަށްފަހު، މަރުކަޒަށް ވެއްދުން މަނާ އެއްޗެއް އެ މީހެއްގެ އަތުގައި އޮތްކަމަށް ގަބޫލުކުރެވޭ ނަމަ، މަރުކަޒުތަކުގެ ސަރަހައްދަށް ވެއްދުމުގެ ކުރިން ޕެޓްޑައުން ސާރޗްކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ބަލައި ފާސްކުރުމަށްފަހު، މަރުކަޒަށް ވެއްދުން މަނާ އެއްޗެއް ބައްދަލުވުމަށް އަންނަ ފަރާތެއްގެ އަތުގައި އޮތްކަމަށް ގަބޫލުކުރެވޭ މިންވަރަށް މައުލޫމާތު ލިބިއްޖެ ނަމަ، ބައްދަލުވުމަށް އަންނަ ފަރާތުގެ ރުހުމުގައި އަދި އެ ފަރާތުގެ އިޒުނަޔާއެކު ސްޓްރިޕް ސާރޗް ކުރެވިދާނެއެވެ. ނަމަވެސް ބައްދަލުވުމަށް އަންނަ ފަރާތުން ސްޓްރިޕް ސާރޗް ކުރުމަށް އިއުތިރާޒު ކުރާ ނަމަ ބައްދަލުވުން ކެންސަލް ކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ބައްދަލުވުމަށް އަންނަ ފަރާތް ސްޓްރިޕް ސާރޗް ކުރަން ޖެހިއްޖެ ހާލަތެއްގައި ސްޓްރިޕް ސާރޗް ކުރަންވާނީ، މަރުކަޒުގެ ޑައިރެކްޓަރުގެ ހުއްދަ ލިޔުމުން ހޯދައި، ބައްދަލުވުމަށް އަންނަ ފަރާތުގެ ރުހުމުގައި، އަދި އެ ފަރާތުގެ އިޒުނަޔާއެކު އެކަން ކުރުމަށް ހާއްސަކޮށްފައިވާ ވަކި ތަނެއްގައި، އެ ކަމަށް ހާއްސަކޮށް ތަމްރީން ލިބިފައިވާ އޮފިސަރުންނެވެ.

(ބ) މި މާއްދާގައިވާ ގޮތުގެ މަތީން ބަލައި ފާސްކުރުމުގެ ތެރޭގައި މަރުކަޒަށް ވެއްދުން މަނާ އެއްޗެއް ފެނިއްޖެ ނަމަ، ނުވަތަ އެ ފަދަ އެއްޗެއް ސިއްރުން މަރުކަޒަށް ވެއްދުމަށް މަސައްކަތް ކޮށްފި ނަމަ، ބައްދަލުވުން ކެންސަލް ކުރެވޭނެއެވެ. އަދި އެ ފަރާތެއްގެ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅަންވާނެއެވެ

(ޅ) މި މާއްދާގައިވާ ގޮތުގެ މަތިން ބަލައި ފާސްކުރެވޭ ފަރާތަކީ އަންހެނަކު ނަމަ، އެ ފަރާތެއްގެ ހަށިގަނޑު ބަލައި ފާސްކުރާނީ އަންހެން އޮފިސަރެކެވެ. އަދި ބަލައި ފާސްކުރެވޭ ފަރާތަކީ ފިރިހެނަކު ނަމަ، އެ ފަރާތެއްގެ ހަށިގަނޑު ބަލައި ފާސްކުރާނީ ފިރިހެން އޮފިސަރެކެވެ.

(ކ) މި މާއްދާގައިވާ ގޮތުގެ މަތިން ބަލައި ފާސްކުރާނީ، ބަލައި ފާސްކުރާ މީހާގެ އިންސާނީ ކަރާމަތަށާއި އަބުރަށް ރައްކައުތެރިވެ ފުރިހަމަ އިހްތިރާމާ އެކުގައެވެ.

(އ) ބައްދަލުވުމަށް އަންނަ ފަރާތްތަކުގެ ތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި މީހުންނާއި ތަކެއްޗަށް އެއްވެސް ގެއްލުމެއް ދީގެން ނުވާނެއެވެ. ނަމަވެސް މި ތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި، މަރުކަޒަށް ވެއްދުން މަނާ އެއްޗެއް އޮތްކަމަށް ށައްކުވެގެން، އެ ތަކެތި ހަލާކުކޮށްގެން ނޫން ގޮތަކަށް އެކަން ބެލެން ނެތް ހާލަތުގައި ބަލައި ފާސްކުރުމުގެ ތެރޭގައި އެ ތަކެއްޗަށް ލިބޭ ގެއްލުމަކަށް ތަކެތި ބަލައި ފާސްކުރާ އޮފިސަރުން ޒިންމާވާކަށެއް ނުޖެހޭނެއެވެ. މި ހާލަތުގައި ބަލައި ފާސްކުރަންވާނީ 2 (ދޭއް) އޮފިސަރުންގެ ހާޒިރުގައެވެ.

(ވ) ބަލައި ފާސްކުރި ގޮތާއި، ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލެވޭ ތަކެތީގެ މައުލޫމާތު ލިޔެކިޔުމުން ބަލަހައްޓަންވާނެއެވެ. ސްޓްރިޕް ސާރޗް ކޮށްފި ނަމަ، އެކަން ކުރި ތާރީހާއި، ގަޑިއާއި އެކަން ކުރުމުގައި ބައިވެރިވި އޮފިސަރުންގެ ނަމާއި، ސަރވިސް ނަންބަރު ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.

 

40 ވަނަ މާއްދާ - އާއިލާއަށް ފޯނުކުރުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުގައިވާ ކޮންމެ ކުއްޖަކަށް ވެސް، މަދުވެގެން މަހަކު 20 (ވިހި) މިނިޓުގެ ފޯނުކޯލެއް ދޭންވާނެއެވެ.

(ށ) ފޯނުކޯލު ލިބޭނީ، ކުދިންގެ އާއިލާއަށް ގުޅުމަށް މަރުކަޒުގެ އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރުތަކަށް އެކަންޏެވެ. އަދި އާއިލާއާ ގުޅުމަށް ޓަކައި ރަޖިސްޓަރީކުރާ ނަންބަރުތަކަކީ އެ ކުދިންގެ އާއިލާގެ މެންބަރުންގެ ނަންބަރުކަން ޑައިރެކްޓަރ ނުވަތަ ޑައިރެކްޓަރ ކަނޑައަޅާ ފަރާތަކުން ޔަގީންކުރަންވާނެއެވެ. މިގޮތުން ކޮންމެ ކުއްޖަކަށް ވެސް ގިނަވެގެން 10 (ދިހައެއް) ނަންބަރު ރަޖިސްޓަރީ ކުރެވިދާނެއެވެ.

(ނ) ކުއްޖާގެ އާއިލާގެ ފަރާތެއް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ހާލަތުގައި ރާއްޖެއިން ބޭރު ނަންބަރަށް ގުޅުމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ. އަދި އެ ކުއްޖާ މަރުކަޒުގައި ހުންނަ މުއްދަތުގެ ތެރޭގައި އާއިލާއަށް ގުޅުމަށް މަރުކަޒުގެ އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރުތަކުން، ނަންބަރަކަށް ބަދަލެއް އަތުވެއްޖެ ނަމަ އެ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކޮށް ރަޖިސްޓަރީކޮށްފައިވާ ނަންބަރުތައް އަދާހަމަކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ 10 (ދިހައެއް) ނަންބަރުގެ ތެރެއިން، ނަންބަރެއް ނުވަތަ ނަންބަރުތަކެއް ސެކިއުރިޓީ ސަބަބުތަކަށް ޓަކައި އުނިކުރުމުގެ އިހްތިޔާރު ޑައިރެކްޓަރަށް ލިބިގެންވެއެވެ. މިގޮތުން އުނިކުރެވޭ ކޮންމެ ނަންބަރަކަށް ބަދަލުގައި އެހެން ނަންބަރެއް ރަޖިސްޓަރީކުރުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން އުނިކުރާ ނަމަ، އެ ކުއްޖާއަށާއި ބެލެނިވެރިޔާއަށް އެކަން އަންގައި، ލިޔުމަކުން ރިކޯޑު ކުރަންވާނެއެވެ. އަދި އެކަމާ ގުޅޭގޮތުން ށަކުވާކުރުމުގެ ހައްގު ކުދިންނަށް ލިބިދޭންވާނެއެވެ.

 

41 ވަނަ މާއްދާ - ފޮތް ކިޔުމާއި ސިޓީ ލިޔުމުގެ ފުރުސަތު

(ހ) ކަރެކްށަނަލް ކޮންމެ މަރުކަޒެއްގައި ހުރިހާ ކުދިން ބޭނުންކުރުމަށް އެ މަރުކަޒެއްގައި ތިބޭ ކުދިންގެ އުމުރުފުރާތަކާ ގުޅޭ ފޮތްތައް ހުންނަ ލައިބްރަރީއެއް ގާއިމުކުރަންވާނެއެވެ. އެގޮތުން، މުނިފޫހިފިލުވައިދޭ ފޮތްތަކާއި، މައުލޫމާތު ލިއްބައިދޭ ފޮތްތަކާއި، އިލްމީ ފޮތްތައް ލައިބްރަރީގައި ހުންނަންވާނެއެވެ. އަދި ލައިބްރަރީ ބޭނުންކުރުމަށް ހުރިހާ ކުދިންނަށް ބާރުއަޅަންވާނެއެވެ.

(ށ) މަރުކަޒުގައި ތިބޭ ކުދިންނަށް ދައުލަތުގެ އިދާރާތަކަށާއި، އެ ކުދިންގެ އާއިލާއަށް ނުވަތަ ބަލަދުވެރި ފަރާތަށާއި، ކުއްޖާގެ ވަކީލުންނަށް ސިޓީ ފޮނުވޭނެ އިންތިޒާމު މަރުކަޒުން ހަމަޖައްސައިދޭންވާނެއެވެ.

 

42 ވަނަ މާއްދާ - ކުއްޖާއާ ގުޅޭ ކަންކަމުގައި ބައިވެރިކުރުން

(ހ) މި ގަވާއިދުގެ ދަށުން، އެއްވެސް މަރުހަލާއެއްގައި، ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އުޅޭ ކުއްޖަކާ މެދު ގޮތެއް ނިންމާއިރު، އެ ނިންމުމުގައި ބައިވެރިވެ އެ ނިންމުމާމެދު ކުއްޖާ ދެކޭގޮތް ހާމަކުރުމުގެ ހައްގު ކޮންމެ ކުއްޖަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ބޭނުމަށް ޓަކައި، މި ގަވާއިދުގެ ދަށުން ކުއްޖަކާމެދު ގޮތެއް ނިންމާއިރު، ނުވަތަ އެޅޭ އިދާރީ ފިޔަވަޅަކާމެދު އެ ކުއްޖާގެ ފަރާތުން ބުނެފައިވާ އެއްޗަކަށް ބުރަދަން ދިނުމުގައި، ކުއްޖާގެ އުމުރާއި ކުއްޖާގެ ވިސްނުން ތަރައްގީވެފައިވާ މިންވަރަށް ރިއާޔަތްކުރަންވާނެއެވެ.

(ނ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރޭގައި ދިވެހިބަސް ނޭނގޭ ނުވަތަ އިވުމާއި ވާހަކަދެއްކުމުން މަހްރޫމްވެފައިވާ ކުއްޖަކު ހުރި ނަމަ، އެ ކުއްޖަކާ މުއާމަލާތުކުރަންވާނީ، އެ ކުއްޖަކަށް ފަހުމުވާ ފަދަ ބަހަކުން ވާހަކަދައްކައިގެންނެވެ. ނުވަތަ އެ ކުއްޖާއަށް ތަރުޖަމާކޮށްދޭނެ ފަރާތެއްގެ ހާޒިރުގައެވެ. މި ހިދުމަތް ކުއްޖާ ބޭނުންވެއްޖެ ކޮންމެ ގަޑިއަކު ފޯރުކޮށްދޭންވާނެއެވެ. އަދި މިކަމުގެ ރިކޯޑު ކުއްޖާގެ ޕާސަނަލް ރިކޯޑު ފައިލުގައި، ލިޔުމުން ބަލަހައްޓަންވާނެއެވެ.

 

43 ވަނަ މާއްދާ - އިނާޔަތްތައް

މި ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތަކުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުގައި ތިބޭ ކުދިންނަށް ފޯރުކޮށްދޭންވާނެއެވެ.

(ހ) ޓީވީ ޕްރޮގްރާމުތައް (ހަބަރާއި މައުލޫމާތާއި، މުނިފޫހިފިލުވާ) ބެލުމުގެ އިންތިޒާމު.

(ށ) ކެންޓީނު މެދުވެރިކޮށް ވިޔަފާރިކުރުމުގެ އިންތިޒާމު.

(ނ) މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައްދަލުވުމުގެ ފުރުސަތު އިތުރުކުރުން.

 

44 ވަނަ މާއްދާ - އިނާޔަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އިނާޔަތްތައް ދެވޭނެ ގޮތުގެ އުސޫލެއް، މަރުކަޒުތަކުން އެކުލަވައިލައި، މަރުކަޒުތަކުގައި އެ އުސޫލު އާންމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގައި މަރުކަޒުގައި އިނާޔަތް ދެވޭނެ ގޮތާއި، އިނާޔަތް މެދުކަނޑައިލެވޭނެ ހާލަތްތަކާއި އިނާޔަތް އަނބުރާ ދެވޭނެ މުއްދަތު ބަޔާންކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިނާޔަތް މެދުކަނޑައިލުމުގައި، އަސާސީ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ އެއްވެސް ހިދުމަތެއް އުނިކޮށްގެން ނުވާނެއެވެ.

 

 

ފަސްވަނަ ބާބު

ބޭސްފަރުވާ ކުރުން

 

45 ވަނަ މާއްދާ - ބޭސްފަރުވާ ކުރުމުގެ ޒިންމާ

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އުޅޭ ކުއްޖަކު ބަލިވެއްޖެ ނަމަ ނުވަތަ ސިއްހީ ފަރުވާއެއް ދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ފުރަތަމަ އެ ކުއްޖަކު ޑޮކްޓަރަށް ދައްކައި، ފަރުވާދޭނީ، އެ މަރުކަޒެއްގައި ގާއިމުކޮށްފައިވާ މަރުކަޒުގެ ހެލްތު ސެންޓަރުންނެވެ. އިތުރަށް ފަރުވާދިނުމަށް އެ ޑޮކްޓަރަށް ފެންނަ ނަމަ، ފަރުވާ ދިނުމަށް ހަމަޖައްސާނީ، ރާއްޖޭގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ މަރުކަޒަކުންނެވެ. އެފަދަ ތަނަކުން ދެވެން ނެތް ހިދުމަތެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސާ އުސޫލެއްގެ ދަށުން، ސިއްހަތާބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ ހިދުމަތްދޭ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން ނުވަތަ ސެންޓަރަކުން އެ ހިދުމަތެއް އެކަށީގެންވާ މުއްދަތުގެ ތެރޭގައި ހޯދައިދޭންވާނެއެވެ. އަދި އެފަދަ ހާލަތެއްގައި ކުއްޖާއަށް ދެވޭ ފަރުވާ ކުއްޖާގެ ބެލެނިވެރިޔާއާ ހިއްސާކުރަންވާނެއެވެ. އަދި އެފަދަ ފަރާތެއް ނެތް ކުއްޖަކު ނަމަ، އެ މައުލޫމާތު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގަންވާނެއެވެ.

(ށ) ރާއްޖެއިން ލިބެން ނެތް ސިއްހީ ފަރުވާ ހޯދުމަށް ޓަކައި، ރާއްޖެއިން ބޭރަށް ދާންޖެހޭކަމަށް ހާއްސަ ޑޮކްޓަރަކު ލަފާދޭ ހާލަތުގައި، ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް، މި ގަވާއިދުގެ 21 ވަނަ މާއްދާއާއި 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ކުއްޖަކު ވަގުތީގޮތުން މަރުކަޒުން ދޫކޮށްލަންވާނެއެވެ. އަދި މި ހާލަތުގައި، ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ފޮނުވުމަށާއި، ރާއްޖެއިން ބޭރުގައި އެ ކުއްޖަކަށް ބޭސްފަރުވާ ކުރުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެއްވެސް ހަރަދެއް ނުކުރާނެއެވެ. ރާއްޖެއިން ބޭރަށް ދިއުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުން ގާއިމުކޮށްފައިވާ ހެލްތު އިންށުއަރެންސް ސްކީމުގެ ދަށުން ނުވަތަ އެ ކުއްޖެއްގެ އާއިލާގެ ހަރަދުގައެވެ.

(ނ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އުޅޭ ކުއްޖަކު ކުއްލިއަކަށް ބަލިވެއްޖެ ނަމަ، ކުއްލިހާލަތުގައި ފަރުވާދެވޭނެ އިންތިޒާމު އެ މަރުކަޒަކުން ހަމަޖައްސަންވާނެއެވެ. އަދި އެ ބައްޔަކީ މަރުކަޒުން ފަރުވާނުދެވޭނެ ބައްޔެއް ނަމަ، އެކަށީގެންވާ އަވަސްމިނެއްގައި، ރާއްޖޭގައި ގާއިމުކުރެވިފައިވާ ސަރުކާރުގެ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. އަދި އެފަދަ ހާލަތެއްގައި، ކުއްޖާއަށް ދެވޭ ފަރުވާ ކުއްޖާގެ ބެލެނިވެރިޔާއާ ހިއްސާކުރަންވާނެއެވެ. އަދި އެފަދަ ފަރާތެއް ނެތް ކުއްޖަކު ނަމަ، އެ މައުލޫމާތު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގަންވާނެއެވެ.

(ރ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ސިއްހީ ފަރުވާގެ ހިދުމަތް ދެވޭނީ ސަރުކާރުގެ ހެލްތު އިންށުއަރަންސް ސްކީމުގެ ދަށުންނެވެ. ނުވަތަ އެ ކުއްޖެއްގެ އާއިލާގެ ހަރަދުގައެވެ.

(ބ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ސިއްހީ ފަރުވާ ދިނުމަށް ޓަކައި އެ މަރުކަޒެއްގެ އާބާދީގެ ނިސްބަތުން މެޑިކަލް އޮފިސަރުންނާއި ނަރުހުންނާއި، ސައިކޭޓްރިކް އޮފިސަރުންނާއި، ތެރަޕިސްޓުން ތިބެންވާނެއެވެ. މިގޮތުން ތިބޭ މެޑިކަލް އޮފިސަރުންނަކީ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، އެ ލައިސަންސުގެ ށަރުތުތަކާ އެއްގޮތަށް މަސައްކަތްކުރާ ފަރާތްތަކަކަށް ވާންވާނެއެވެ.

(ޅ) މަރުކަޒުން ދެވޭ ސިއްހީ ހިދުމަތްތައް ވާންވާނީ އާންމު މުޖުތަމައުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކާ ތަފާތުނުވާނޭ ހިދުމަތްތަކަށެވެ. ހިދުމަތްތައް ފޯރުކޮށްދިނުމުގައި، އެ ކުދިންނަށް ގަވާއިދުން މި ހިދުމަތްތައް ލިބޭކަން ކަށަވަރުކުރަންވާނެއެވެ. ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު މަރުކަޒުތަކުގައި ގާއިމުވެ ނުހުންނަ ހާލަތެއްގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު މަރުކަޒަށް ޒިޔާރަތްކޮށް ކުދިންގެ ސިއްހީ ކަންކަން ބެލޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ކ) ސިއްހީ ހިދުމަތްތައް އިންތިޒާމު ކުރެވިފައި ހުންނަންވާނީ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ރައްކާތެރިކޮށް ވަޒަންކޮށް، ކުރިއެރުވޭނެ ގޮތަކަށެވެ. އަދި ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 86 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަމާއި، ނަފްސާނީ އެހީތެރިކަމާއި، ކައުންސެލިންގގެ ހިދުމަތް ފޯރުކޮށްދޭންވާނެއެވެ.

(އ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ބަންދުގައި ތިބޭ ކުދިންގެ ތެރެއިން އެއްވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިންނަށް ހާއްސަ އެހީތެރިކަމާއި، ރައްކައުތެރިކަމާއި އެ ކުދިންނަށް ބޭނުންވާ ހާއްސަ ސިއްހީ ހިދުމަތްތަކާއި ފަރުވާއާއި ވަސީލަތްތައް ފޯރުކޮށްދޭންވާނެއެވެ.

(ވ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ބަންދުގައި ތިބޭ ކުދިންގެ ތެރެއިން އެއްވެސް ބާވަތެއްގެ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ކުދިންނާއި އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުރިކަމަށް ށައްކުކުރެވޭ ކުދިންނަށް ހާއްސަ އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެ ކުދިންގެ ހާލަތަށް ރިއާޔަތްކޮށް އެފަދަ ކޮންމެ ކުއްޖެއްގެ ސައިކޮލޮޖިކަލް އެސެސްމަންޓެއް ހަދަންވާނެއެވެ. މި ގޮތުން ހަދާ އެސެސްމަންޓް ހަދަންވާނީ ކުއްޖާގެ ނަފްސާނީ ހާލަތަށް ރިއާޔަތްކޮށެވެ.

(މ) ކޮންމެ ކުއްޖަކަށް މެޑިކަލް ރިކޯޑު ފައިލެއް އޮންނަންވާނެއެވެ. މި ގޮތުން، މަރުކަޒަށް ގެނެވޭ ވަގުތު އެ ކުއްޖެއްގެ ބަލި ހާލަތާ ގުޅޭގޮތުން ފުރައިފައިވާ މެޑިކަލް އެސެސްމަންޓުގެ ލިޔެކިޔުންތަކާއި، އެ ކުއްޖަކަށް ސިއްހީ ފަރުވާ ދިނުމުގެ ކަންތައް ކުރިޔަށްގެންދެވޭ ގޮތުގެ ތަފުސީލާއި، އެ ކުއްޖަކަށް ފޯރުކޮށްދިނުމަށް ޑޮކްޓަރު އިރުށާދު ދީފައިވާ އެންމެހައި ތަކެތި ހަވާލުކުރިކަމުގެ ލިއުމާއި، ބޭސްސިޓީތަކާއި ރިފަރަލްތަކާއި، ޓެސްޓް ރިޕޯޓުތަކާއި، އެ ކުއްޖެއްގެ ސިއްހީ ފަރުވާއާ ގުޅޭ މިނޫންވެސް އެންމެހައި ލިއެކިޔުންތައް އެންމެ މަދުވެގެން މި ފައިލުގައި ހިމަނަންވާނެއެވެ. އަދި މި ފައިލް ވާންވާނީ، އޭގައިވާ މައުލޫމާތުގެ ސިއްރު ހިފެހެއްޓޭ ގޮތަށް ބެލެހެއްޓެމުންދާ، އަދި ކޯޓު އަމުރަކުން ހުއްދަ ލިބިގެން ކުއްޖާގެ މައްސަލަ ބަލާ ފަރާތްތަކަށާއި އިންސްޕެކްޓްކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ފައިލަކަށެވެ. އަދި އެ ކުއްޖަކު ބަދަލުކުރާ މަރުކަޒަކަށް ނުވަތަ ސިއްހީ ފަރުވާ ހޯދުމަށް ޓަކައި އެ ތަނަކުން ބޭރަށްގެންދާ ތަނަކަށް އެ ފައިލު ގެންދަންވާނެއެވެ.

(ފ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އުޅޭ ކުދިންގެ ތެރެއިން ސިއްހީ މައްސަލައެއް ހުރުމުން ވަކި ބާވަތެއްގެ ފަރުވާއެއް ނުވަތަ ވަސީލަތެއް ދޭންޖެހޭކަމަށް ޑޮކްޓަރަކު ލަފާދީފައިވާ ކުއްޖަކު ނަމަ، ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އެކަން އެ ކުއްޖަކަށް ހަމަޖައްސައިދޭންވާނެއެވެ. އަދި ކުއްޖާގެ ބަލި ހާލަތު ރަނގަޅުވާ އަދި ގޯސްވާ މިންވަރަށް ބަލައިފައި އެ ހާލަތަށް ރިއާޔަތްކޮށް، އެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ. 

(ދ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އުޅޭ އަންހެންކުދިންގެ ތެރެއިން މާބަނޑު ކުދިންނަށް، ވިހެއުމުގެ ކުރިންނާއި ވިހެއުމަށްފަހު ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

146 ވަނަ މާއްދާ - މެޑިކަލް އޮފިސަރުގެ ޒިންމާ

(ހ) ތިރީގައި ބަޔާންކޮށްފައި މިވަނީ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގެ މެޑިކަލް އޮފިސަރުގެ ޒިންމާއެވެ.

  1. ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން ސިއްހީ ފަރުވާއަށް އެދޭ ކުދިންނަށް ފަރުވާކުރުމާއި، ވަކި ކުއްޖަކަށް މަރުކަޒުގައި ދެވެން ނެތް ފަރުވާއެއް ދޭންޖެހޭކަމަށް ފެނިއްޖެ ނަމަ، އެކަން ޑައިރެކްޓަރަށް ރިޕޯޓުކުރުން.
  2. އެލަރޖީއެއްގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ނުވަތަ ސިއްހީ އެހެން ސަބަބަކާހުރެ ވަކި ކަހަލަ ކެއުމެއް ކުއްޖާއަށް ނުކެވޭ ނަމަ، އެކަން ރިކޯޑުކޮށް، ކުދިންނަށް ދޭންޖެހޭ ކާނާ ކަނޑައަޅައި، ޑައިރެކްޓަރަށް ރިޕޯޓުކުރުން.
  3. ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުގައި ތިބޭ ކުދިންނަށް ސިއްހީ ފަރުވާއެއް ދޭންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވަގުތުން ދެވޭ ފަރުވާ އެ މަރުކަޒަކުން އެ ކުއްޖާގެ ބެލެނިވެރިޔާއާ ހިއްސާކުރުން. އެފަދަ ފަރާތެއް ނެތް ހާލަތުގައި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ވަގުތުން އެންގުން.

(ށ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުން މަރުކަޒުތަކުގައި އުޅޭ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ މުޖުތަމައުގެ އާންމު ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކީ ހަމަތަކާއި އުސޫލުތައް ހިފެހެއްޓުމާއެކު އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުން މަސްއޫލިއްޔަތު އަދާކުރަންވާނީ، ކުޑަކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި ޖިސްމާނީ އެހީތެރިކަން ކަށަވަރުކުރުމަށް ސިއްހީގޮތުން ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
  2. ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އުޅޭ ކުދިންނަށް ދެވޭ ސިއްހީ އެހީތެރިކަން ދިނުމުގައި އެ ކުއްޖަކަށް ދޭންޖެހޭ ފަރުވާގެ މައުލޫމާތު، ވީ އެންމެ އަވަހަކަށް އާއިލާއާ ހިއްސާކުރަންވާނެއެވެ. އަދި އާއިލާ ނެތް ހާލަތުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގަންވާނެއެވެ.
  3. ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އުޅޭ ކުދިންނަށް ފޯރުކޮށްދޭ ސިއްހީ ފަރުވާގެ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އުފެދިފައިވާ ކަމާބެހޭ ކޮމިށަންތަކަށާއި، ށަރުއީ ކޯޓުތަކަށް އެ މައުލޫމާތު ހިއްސާކުރެވިދާނެއެވެ.
  4. ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނާމެދު، ގާނޫނު ނަންބަރު 2015-13 (އެންޓި ޓޯޗަރ ގާނޫނު) ގައި ޓޯޗަރގެ އަމަލެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ އަމަލެއް އަދި އިންސާނީ ކަރާމާތަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ހިންގައިގެން ނުވާނެއެވެ. ކުއްޖަކަށް އެފަދަ ކަމެއް މަރުކަޒުގައި ދިމާވާކަމުގެ އަލާމާތެއް ފާހަގަކުރެވިއްޖެ ނަމަ، ވީހާވެސް އަވަހަކަށް ޑައިރެކްޓަރަށް އަންގަންވާނެއެވެ.

(ނ) ކަރެކްށަނަލް މަރުކަޒުތަކުގައި ކުޑަކުދިން ގެންގުޅުމުގައި އެ ކުއްޖަކަށް ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ގެއްލުންތަކެއް ކުރިމަތިވާ ނަމަ، އެކަން ޑައިރެކްޓަރުގެ ސަމާލުކަމަށް ގެނެސް، ޑައިރެކްޓަރުގެ ހުއްދަޔާއެކު، އެކަމަށް އެކަށިގެންވާ ފިޔަވަޅުތަކެއް މެޑިކަލް އޮފިސަރުން އަޅަންވާނެއެވެ.

(ރ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުން، ބަލިވެއުޅޭ ކުދިންގެ ހާލަތު، މަދުވެގެން ދުވާލަކު 1 (އެކެއް) ފަހަރު ބަލައި، އޮޅުންފިލުވުމާއެކު، ހާލަތު ރަނގަޅުވަމުންދާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމާއެކު އެކަން ރިކޯޑުކުރަންވާނެއެވެ. އަދި ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ނުވަތަ ހާއްސަ އެހީތެރިކަމެއް ކުއްޖަކަށް ފޯރުކޮށްދޭންޖެހޭކަމަށް ގަބޫލުކުރެވޭ ހާލަތުގައި އެ އެހީތެރިކަމެއް އެ ކުއްޖަކަށް ފޯރުކޮށްދޭންވާނެއެވެ. މި ގޮތުން ފޯރުކޮށްދޭ ސިއްހީ އެހީތެރިކަމުގެ ސިއްރު ހިފަހައްޓައި، ރިކޯޑު ބަލަހައްޓަންވާނެއެވެ.

(ބ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރުން މަރުކަޒުގައި ސިއްހީ ފަރުވާދިނުމުގައި ކޮންމެހެން ހުންނަންޖެހޭ އާލާތްތަކާއި ބޭސްތައް ބޭނުންކުރެވޭ ހާލަތެއްގައި ހުރިތޯ ބަލައި ކަށަވަރުކުރުމާއެކު، ކޮންމެހެން ބޭނުންވާ އިތުރު ތަކެތި ހުރި ނަމަ އެކަން ޑައިރެކްޓަރުގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

47 ވަނަ މާއްދާ - މަރުވުމުން ނުވަތަ އަނިޔާވުމުން އަމަލުކުރަންޖެހޭ ގޮތް

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުގައި ހުރި ކުއްޖަކު މަރުވެއްޖެ ނަމަ ނުވަތަ ބޮޑު އަނިޔާއެއް ލިބިއްޖެ ނަމަ، ކުއްޖާ ބަހައްޓައިފައި ހުރި މަރުކަޒުން އަމަލުކުރަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) ނުރައްކާތެރި އަނިޔާއެއް ވެއްޖެ ނަމަ، ވަގުތުން އެ ކުއްޖަކު މަރުކަޒުގެ ހެލްތު ސެންޓަރަށް ދައްކައިގެން ފަރުވާދިނުމާއި، މަރުކަޒުގެ ހެލްތު ސެންޓަރުން ދެވެން ނެތް އިތުރު ފަރުވާއެއް ދޭންޖެހޭ ނަމަ، އެކަށީގެންވާ އަވަސްމިނެއްގައި ރާއްޖޭގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށް އެ ކުއްޖާ ބަދަލުކޮށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. އެފަދަ ހާލަތެއްގައި ކުއްޖާއަށް ދެވޭ ފަރުވާ ކުއްޖާގެ ބެލެނިވެރިޔާއާ ހިއްސާކުރަންވާނެއެވެ. އެފަދަ ފަރާތެއް ނެތް ކުއްޖެއް ނަމަ، އެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގަންވާނެއެވެ.

(ށ) ކުއްޖަކު މަރުވެއްޖެ ނަމަ، ނުވަތަ މަރުވެއްޖެކަމަށް ބެލެވޭ ނަމަ، އެ މަރުކަޒެއްގެ މެޑިކަލް ސެންޓަރަށް ނުވަތަ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ވަގުތުން ގެންދަންވާނެއެވެ.

(ނ) ކުއްޖަކު މަރުކަޒުގައި މަރުވެއްޖެ ނަމަ މަރު ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް އެ މައުލޫމާތު ވަގުތުން ދޭންވާނެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ލަފަޔާއި އިރުށާދުގެ ދަށުން މެނުވީ މަރުވެފައިވާ މައްޔިތާގެ ހަށިގަނޑު ވަޅުލައިގެން ނުވާނެއެވެ.

(ރ) ކުއްޖަކު މަރުވެއްޖެކަމަށް ޑޮކްޓަރު ކަނޑައަޅައިފި ނަމަ، ނުވަތަ ނުރައްކާތެރި އަނިޔާއެއް ލިބިއްޖެ ނަމަ، އަންނަނިވި ފަރާތްތަކަށް، ވަގުތުން އަންގަންވާނެއެވެ:

  1. ކޮމިށަނަރ އޮފް ޕްރިޒަންސް؛
  2. ވަޒީރު؛
  3. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް؛
  4. އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް؛
  5. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް؛
  6. ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް؛
  7. ދިވެހި ފުލުހުންގެ ހިދުމަތް؛
  8. އަނިޔާ ލިބުނު ނުވަތަ މަރުވި ކުއްޖާގެ އާއިލާ ނުވަތަ ބެލެނިވެރިޔާ.

(ބ) ކުއްޖަކު މަރުވެއްޖެ ނަމަ، ނުވަތަ ނުރައްކާތެރި އަނިޔާއެއް ކުއްޖަކަށް ލިބިއްޖެ ނަމަ، އެކަން ހިނގިގޮތެއް ޑައިރެކްޓަރު ބެލުމަށްފަހު، ކޮމިށަނަރ އޮފް ޕްރިޒަންސްއަށާއި، ވަޒީރަށާއި، ޖުވެނައިލް ކޯޓަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މިވަގުތީ ރިޕޯޓެއް ހުށަހަޅައި، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ފުރިހަމަ ރިޕޯޓެއް ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ހުށަހަޅަންވާނެއެވެ.

  1. މަރުވި ދުވަހު ނުވަތަ އަނިޔާ ލިބުނު ދުވަހު ކަންހިނގައިދިޔަ ގޮތް؛
  2. ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަ، އެކަން ކުރި ދުވަހާއި ގަޑި؛
  3. ބަލީގެ ނިށާންތައް ނުވަތަ ލިބިފައިވާ އަނިޔާގެ ތަފުސީލު؛
  4. ކުއްޖާއަށް އަނިޔާވިކަމަށް ނުވަތަ މަރުވިކަމަށް މެޑިކަލް އޮފިސަރު ބަޔާންކޮށްފައިވާ ސަބަބު؛
  5. މަރުވި ދުވަހާއި، މަރުވި ވަގުތާއި ކުއްޖާ މަރުވުމަށްފަހު އޮތް ހާލަތާއި އެފަދަ ރިޕޯޓެއްގައި ހިމަނަން މެޑިކަލް އޮފިސަރަށް ފެންނަ އެނޫންވެސް ކަންތައްތައް.
  6. ކުއްޖާ މަރުވާން ނުވަތަ އަނިޔާވާން ދިމާވި ސަބަބުތައް ކަމަށް ޑައިރެކްޓަރަށް ފެންނަ ކަންތައްތައް.

(ޅ) ކުއްޖާ މަރުވީ ކަރެކްށަނަލް މަރުކަޒުގައި ހިނގި މާރާމާރީއެއްގެ ސަބަބުން ކަމުގައި ވާ ނަމަ އެކަން ހިނގި ވަގުތުގައި ދައުލަތުގެ މިނިވަން މުއައްސަސާއަކަށް އަންގަންވާނެއެވެ. އެކަން ހިނގި ވަގުތުގައި އެންގެން ނެތް ނަމަ ގިނަވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެ މައުލޫމާތު އަންގަންވާނެއެވެ.

(ކ) ކުއްޖަކަށް ނުރައްކާތެރި އަނިޔާއެއް ލިބުނީ ކަރެކްށަނަލް މަރުކަޒުގައި ހިނގި މާރާމާރީއެއްގެ ސަބަބުން ކަމުގައި ވާ ނަމަ، ކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

(އ) މާރާމާރީއެއްގެ ސަބަބުން ކުއްޖަކު މަރުވެއްޖެ ނަމަ ނުވަތަ ކުއްޖަކަށް ނުރައްކާތެރި އަނިޔާއެއް ވެއްޖެ ނަމަ، އެކަމާ ގުޅިގެން ކަރެކްށަނަލް މަރުކަޒުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ވ) މައްޔިތާގެ ހަށިގަނޑު ސްކްރީން ކުރުމަށްފަހު އިތުރަށް ތަހުގީގުކުރުމަށް ހަށިގަނޑު ބަލަންޖެހޭ ހާލަތުގައި ދިވެހި ފުލުހުންގެ ހިދުމަތާ ހަށިގަނޑު ހަވާލުކުރަންވާނެއެވެ. އިތުރަށް ތަހުގީގުކުރަން ނުޖެހޭ ނަމަ، ހަމަޖެހިފައިވާ އުސޫލުގެ ދަށުން މައްޔިތާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަންވާނެއެވެ. އަދި އާއިލާއިން މައްޔިތާގެ ހަށިގަނޑާ ހަވާލުވުމަށްފަހު، ކަށްކަމާކެމީގެ އެންމެހައި ކަންތައް ކުރިޔަށްގެންދިއުމަކީ އާއިލާގެ ޒިންމާއެއްކަން އާއިލާއަށް އަންގަންވާނެއެވެ. އާއިލާއިން މައްޔިތާގެ ހަށިގަނޑާ ހަވާލުނުވެއްޖެ ހިނދެއްގައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތާއި، ޗިލްޑްރެންސް އޮމްބަޑްސްޕަރސަންސް އޮފީހާއި، ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި، މައްޔިތާގެ ކަށުކަމާކެމީގެ ކަންތައް ކުރިޔަށް ގެންދަންވާނެއެވެ.

(މ) މަރުވި ކުއްޖާގެ އާއިލާއިން، ހާދިސާ ރިޕޯޓުގެ ކޮޕީއާއި، މަރު ފޯމުގެ ކޮޕީއާއި، މަރު ސާބިތުކުރި ޑޮކްޓަރުގެ މެޑިކަލް ލިޔުމުގެ ކޮޕީ ފަދަ ކުއްޖާއާ ގުޅޭ މައުލޫމާތު ހޯދަން ބޭނުންވާ ނަމަ، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ އިޖުރާއާތާ އެއްގޮތަށް، އެފަދަ މައުލޫމާތު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ދޫކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - ސިއްހީ ހާލަތަށް ރިއާޔަތްކޮށް އެޅިދާނެ ފިޔަވަޅުތައް

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ކަމެއް މެޑިކަލް އޮފިސަރަށް ފާހަގަކުރެވިއްޖެ ނަމަ އެ ކަމެއް، ލިޔުމުން، ޑައިރެކްޓަރަށް އަންގަންވާނެއެވެ.

  1. މަރުކަޒުގައި ހުކުމް ތަންފީޒުކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއް ހުރުން.
  2. ރަނގަޅުވާނެކަމަށް ލަފާނުކުރެވޭ ނަފުސާނީ ބައްޔެއް ހުރުން.
  3. ގައިންގަޔަށްއަރާ ބައްޔެއް ހުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް މެޑިކަލް އޮފިސަރު އަންގާ އެންގުންތަކަށް ބަލައި އެ އެންގި މައްސަލައެއް ހައްލުވަންދެން ކުއްޖާ ގޭބަންދަށް ބަދަލުކުރުމަށް ޑައިރެކްޓަރ އޮފް ޕްރިޒަންގެ ލަފާގެ މަތިން ކޮމިށަނަރަށް ލިޔުމަކުން ހުއްދަ ދެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން ކުއްޖަކު ގޭބަންދަށް ބަދަލުކުރުމަށް ނިންމާ ނިންމުން ނިންމާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ޖުވެނައިލް ކޯޓަށް އަންގަންވާނެއެވެ.

 

49 ވަނަ މާއްދާ - މެޑިކަލް ލިޔުންތަކުގެ ކޮޕީ ދޫކުރުން

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ ބޭސްފަރުވާކޮށްފައިވާ ގޮތުގެ ލިޔެކިޔުންތަކުގެ ކޮޕީ އެ ކުއްޖާ ނުވަތަ ބެލެނިވެރިޔާ ހޯދަން ބޭނުންވާ ނަމަ، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހެޅުމުން، އެ ކުއްޖެއްގެ މެޑިކަލް ލިޔުންތަކުގެ ކޮޕީ ހަވާލުކުރެވޭނެއެވެ.

 

50 ވަނަ މާއްދާ - ޑޮކްޓަރަށް ދެއްކުމާއި އެޕޮއިންޓްމަންޓް ހޯދުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހޯދާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކަމާ ގުޅޭ ސެކްށަނުންނެވެ.

(ށ) ހާއްސަ ޑޮކްޓަރަކަށް ދެއްކޭނީ، މަރުކަޒުގެ މެޑިކަލް އޮފިސަރުގެ ރިފަރަލްއަށް ބިނާކޮށެވެ. ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް ނުވަތަ ވަކިކަހަލަ ޓެސްޓެއް ހެދުމަށް ކަމަށް ވިޔަސް، މަރުކަޒުގައި ހުރި ކުއްޖާގެ އާއިލާ މެދުވެރިކޮށް، އެޕޮއިންޓްމަންޓެއް ނެހެއްދޭނެއެވެ. އަދި ޑޮކްޓަރަކަށް ވެސް ނުދެއްކޭނެއެވެ.

(ނ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން ގޭބަންދަށް ބަދަލުކޮށްފައިވާ ކުދިންނާއި އާއިލާގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޑޮކްޓަރަށް ދައްކައި، ފަރުވާދިނުމުގެ އިންތިޒާމުތަކާއި، އެންމެހައި ހަރަދުތައް ހަމަޖައްސާނީ އެ ކުއްޖެއްގެ އާއިލާއިންނެވެ.

 

51 ވަނަ މާއްދާ - އެޑްމިޓްކުރުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި ނަމަ، ކުއްޖެއްގެ އާއިލާއަށާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ވަގުތުން އަންގަންވާނެއެވެ.

(ށ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަ މުއްދަތުގެ ތެރޭގައި އެ ކުއްޖެއްގެ އެންމެހައި ކަންކަން ބަލަހައްޓާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

(ނ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަ މުއްދަތުގެ ތެރޭގައި އެ ކުއްޖެއްގެ އާއިލާގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ ކުއްޖެއްގެ ގާތުގައި ހުރުމުގެ ހުއްދަ، ކޮމިށަނަރ އޮފް ޕްރިޒަންސް ދޭންވާނެއެވެ. އެފަދަ ހާލަތުގައި އެ ކުއްޖެއްގެ ގާތުގައި ތިބޭ އާއިލާ މެންބަރުންގެ ފުރިހަމަ މައުލޫމާތު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިޔުމުން އަންގަންވާނެއެވެ.

(ރ) އެޑްމިޓްކޮށްފައިވާ ކުއްޖާގެ ގާތުގައި އާއިލާގެ މެންބަރުން ތިބޭ ތިބުމުގައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، އެޑްމިޓްކުރެވިފައިވާ ހޮސްޕިޓަލުގެ އެންމެހައި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަދައިފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.

(ބ) ކަރެކްށަނަލް މަރުކަޒުގައި ހުރި ކުއްޖަކު އެޑްމިޓްކޮށްފައިވާ ވަގުތުގައި ސެކިއުރިޓީ ބަލަހައްޓަން ތިބޭ އޮފިސަރުންގެ އެންގުންތަކަށް އެ ކުއްޖާއާއި އެ ކުއްޖާގެ އާއިލާގެ މެންބަރުން ކިޔަމަންވާންވާނެއެވެ. 

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައިވާ ކަންތައްތަކާ ހިލާފުވެއްޖެ ނަމަ ތިރީގައި، ބަޔާންކޮށްފައިވާ ގޮތުގެ މަީން ފިޔަވަޅު އެޅޭނެއެވެ. 

  1. އާއިލާގެ މެންބަރުންނަށް ނުތިބެވޭގޮތަށް ނިންމުން؛
  2. އެ ހޮސްޕިޓަލެއްގެ ސެކިއުރިޓީއަށް އެންގުން؛
  3. އެފަދަ ފަރާތްތައް ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރުން.

(ކ) ކަރެކްށަނަލް މަރުކަޒުގައި ބައިތިއްބައިފައި ތިބޭ ކުދިން ހޮސްޕިޓަލުގައި އެޑްމިޒްކޮށްފައި، އޮންނަ، މުއްދަތުގެ ތެރޭގައި އެ ތަނުގައި ހިނގާ ހުރިހާ ކަމެއް ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. 

 

 

ހަވަނަ ބާބު

މަރުކަޒުތަކުގެ ސުލޫކީ މިންގަނޑު

 

52 ވަނަ މާއްދާ - މުއާމަލާތުކުރުން

(ހ) މަރުކަޒުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންނާއި އެކިއެކި ހިދުމަތްތައް ދިނުމަށާއި ފަރުވާ ޕްރޮގުރާމުތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކާއި، އެހެނިހެން ފަރާތްތަކާ މަރުކަޒުތަކުގައި ތިބޭ ކުދިން މުހާތަބުކުރަންވާނީ މަޑުމައިތިރިކަމާއެކު ރިވެތި ބަހުންނެވެ.

(ށ) އެއްވެސް ކުއްޖަކު މަރުކަޒުގައި މަސައްކަތްކުރާ އޮފިސަރުންނާއި، މުވައްޒަފުންނާއި އެކިއެކި ހިދުމަތްތައް ދިނުމަށާއި ފަރުވާ ޕްރޮގުރާމުތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ގައިގައި އަތްލުމަކީ މަނާކަމެކެވެ.

(ނ) އެއްވެސް ކުއްޖަކު އެހެން ކުދިންނާ ވާހަކަދައްކާއިރު، ހަޑިހުތުރު ބަހުން ވާހަކަދައްކައިގެން ނުވާނެއެވެ.

(ރ) ކަރެކްށަން އޮފިސަރުންނާއި، މަރުކަޒުގައި މަސައްކަތްކުރާ އޮފިސަރުންނާއި، މުވައްޒަފުންނާއި އެކިއެކި ހިދުމަތްތައް ދިނުމަށާއި ފަރުވާ ޕްރޮގުރާމުތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ މުހާތަބުކުރަންވާނީ ރީތިބަހުންނެވެ.

 

53 ވަނަ މާއްދާ - ގަވާއިދުތަކަށް އަމަލުކުރުމާއި، އަމުރަށް، ކިޔަމަންވުން

(ހ) ގަވާއިދުތަކަށް އަމަލުކުރުމާއި، އަމުރަށް ކިޔަމަންވުން ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އަމަލުކުރުމަށް ހަދައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށް މަރުކަޒުގައި ތިބޭ ކުދިން އަމަލުކޮށް، މަރުކަޒުން އަންގާ އެންގުންތަކަށް ފުރިހަމަޔަށް ކިޔަމަންތެރިވާން ވާނެއެވެ.

(ށ) ކަރެކްށަން އޮފިސަރެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ދޭ އިރުށާދުތަކަށް މަރުކަޒުގައި ތިބޭ ކުދިން ތަބާވާން ވާނެއެވެ.

 

54 ވަނަ މާއްދާ - އެއްބާރުލުން ދިނުން

ކޮންމެ ކުއްޖަކުވެސް ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި ކަރެކްށަން އޮފިސަރުންނަށް އެއްބާރުލުން ދޭންޖެހޭނެއެވެ.

(ހ) މަރުކަޒުގެ މާސްޓަރ ނެގުން؛

(ށ) އެއްވެސް ކުއްޖެއްގެ ހަށިގަނޑާއި ތަކެއްޗާއި ބެރެކްސް ނުވަތަ ކޮޓަރި ބަލައި ފާސްކުރުން

(ނ) މަރުކަޒުގައިވާ ކުދިންނަށް ދޭ އެންމެހައި ހިދުމަތްތައް ދިނުން

(ރ) މަރުކަޒުގައިވާ ކުއްޖަކު ހާޒިރުކުރަންޖެހޭ ކޯޓުތަކާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކަށް ހާޒިރުވުން؛

(ބ) މަރުކަޒުގައިވާ ކުދިން މުޖުތަމައަށް އަހުލުވެރިކުރުވުމުގެ ގޮތުން ކަރެކްށަނަލް މަރުކަޒުގައި ހިންގާ ޕްރޮގުރާމުތަކުގައި ބައިވެރިވެ އެ ކަންކަން ކުރިޔަށް ގެންދިއުން؛

(ޅ) ކަރެކްށަން އޮފިސަރެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރުން؛

(ކ) މަރުކަޒުގައި ތިބޭ ކުދިން އަމަލުކުރަންޖެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް ތަންފީޒު ކުރުމުގައި ކުރަންޖެހޭ ކަންކަން ކުރުން.

 

55 ވަނަ މާއްދާ - ކުރުން މަނާ ކަންކަން

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަކީ މަނާކަމެކެވެ.

  1. ޑަބަލްގޭޓްތެރެއަށާއި ޔުނިޓް އޮފީހަށް ގަވާއިދާ ހިލާފަށް ވަނުން؛
  2. ސިއްހީ އެއްވެސް މައްސަލައެއް ނެތި އޮޅުވައިލައިގެން ޑޮކްޓަރަށް ދެއްކުން؛
  3. މަރުކަޒުގައި ހިފަހައްޓަންޖެހޭ، ހެދުންއެޅުމާއި ސާފުތާހިރުކަމާބެހޭ މިންގަނޑުތަކާ ހިލާފުވުން؛
  4. ކާތަކެތި އަޅައިފައި ދޭ ތަށްޓާއި ޖޯޑު ފަދަ ތަކެތި އެއްލައިލުން؛
  5. ދީފައިވާ އިނާޔަތްތަކުގެ ނާޖާއިޒް ފައިދާ ނެގުން؛
  6. ޑޮކްޓަރީ ފަރުވާ ދިނުމަށް ހުރަސްއެޅުން؛
  7. ދުންފަތުގެ އިސްތިއުމާލުކުރުން؛
  8. ކްލާސްތަކާއި، ރަސްމީ ބޭނުންތަކަށް ވިންގުން، ނުވަތަ ބެރެކްސްއިން ނުވަތަ ކޮޓަރިން ބޭރަށް ނެރުމުން އެ ނެރުނު ކަމެއްގައި ބައިވެރި ނުވުން؛
  9. ކުއްޖާއަށް/ކުދިންނަށް ދޭ ކާބޯތަކެތި ބަންޑުންޖެހުން/އުކައިލުން؛
  10. ލައިފްޖެކެޓް އެޅުމަށް އިންކާރުކުރުން؛
  11. މަރުކަޒުގެ އެއްވެސް ތަނެއްގައި އެއްވެސް އެއްޗަކުން ޖަހައި އަޑުގަދަކުރުން؛
  12. ގަވާއިދާ ހިލާފަށް ކުއްޖަކު ހުރި ތަނަކުން ނުކުތުން؛
  13. އެހެން ކުއްޖެއްގެ އެއްޗަކަށް ގެއްލުން ދިނުން؛
  14. ވައްކަން ކުރުން؛
  15. އޮފިސަރުންނާއި މުވައްޒަފުންގެ އަމުރަށް ނުކިޔަމަންތެރިވުން؛
  16. އެއްވެސް މީހަކާ ހަޑިހުތުރުބަހުން މުއާމަލާތުކުރުން ނުވަތަ އެއްވެސް ތަނެއްގައި އަޑުގަދަކޮށް ހަޅޭއްލެވުން؛
  17. އެއްވެސް ބޭނުމަކަށް ކުއްޖަކު ހުރި ތަނަކުން ނެރެންއުޅުމުން އެކަމަށް ހުރަސްއެޅުން؛
  18. ފުރާޅަށް ނުވަތަ ފާރުމައްޗަށް ނުވަތަ ފެންސަށް ނުވަތަ ގަސްގަހަށް ގަވާއިދާ ހިލާފަށް އެރުން.
  19. މަރުކަޒުގެ ވަނުމަށް މަނާކޮށްފައިވާ އެއްވެސް ސަރަހައްދަކަށް ގަވާއިދާ ހިލާފަށް ވަނުން.
  20. ވިންގު ނުވަތަ ބެރެކްސް ނުވަތަ ކޮޓަރިއަށް ކަރެކްށަނަލް މަރުކަޒުގެ އޮފީހުން ފޯރުކޮށްދޭ އެއްވެސް އެއްޗެއް ވެއްދުމަށް ހުރަސްއެޅުން.
  21. ކޯޓުތަކަށާއި ރަސްމީ އިދާރާތަކަށް ދިއުމަށް އިންކާރުކުރުން.
  22. އެއްވެސް ބޭނުމަކަށް ވިންގު ނުވަތަ ބެރެކްސުން ނެރުމަށްފަހު އަނބުރާ ވަނުމަށް ދެކޮޅުހެދުން.
  23. ކުއްޖެއްގެ ހަށިގަނޑު ނުވަތަ ތަކެތި ޗެކްކުރުމަށް ދެކޮޅުހެދުން.
  24. އަމިއްލަ ނަފްސަށް ގެއްލުން ދިނުން.
  25. އެއްވެސް މީހެއްގެ ގަޔަށް އަތްލުމަށް މަސައްކަތްކުރުމާއި، އެއްވެސް މީހެއްގެ އަތުން އެއްވެސް އެއްޗެއް މަދަކަމުން އަތުލުމަށް މަސައްކަތްކުރުމާއި، އެއްވެސް މީހަކަށް އަނިޔާވާ ފަދަ ކަމެއް ކުރުމަށް މަސައްކަތްކުރުމާއި، އެއްވެސް މީހެއްގެ ގަޔަށް އެއްޗެއް ޖެހުމަށް ނުވަތަ އެއްޗަކުން ޖެހުމަށް މަސައްކަތްކުރުމާއި، އެފަދަ ކަންކަން ކުރުމަށް ހިތްވަރުދިނުމާއި، އެފަދަ ކަމެއްގައި ބައިވެރިވުމާއި، އެފަދަ ކަމެއް ރޭވުން.
  26. ޑޮކްޓަރަށް ދައްކާއިރު ވަކިބޭހެއް ނުވަތަ ވަކިފަރުވާއެއް ހޯދުމަށް ޑިމާންޑްކޮށް ޑޮކްޓަރަށް މަޖުބޫރުކުރުން.
  27. މި ގަވާއިދުގެ 79 ވަނަ މާއްދާގައި މަރުކަޒަށް ވެއްދުން މަނާ އެއްޗެއްކަމަށް ބަޔާންކޮށްފައިވާ އެއްވެސް އެއްޗެއް މަރުކަޒަށް ވެއްދުމަށް މަސައްކަތްކުރުން ނުވަތަ މަރުކަޒުގައި ގެންގުޅުން އަދި މަރުކަޒަށް ވެއްދުން ހުއްދަ އެއްޗެއް މަރުކަޒުގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް މަރުކަޒަށް ވެއްދުމަށް މަސައްކަތްކުރުން ނުވަތަ މަރުކަޒުގައި ގެންގުޅުން.
  28. ހަތިޔާރުގެގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް އެއްޗެއް ހެދުމާއި، އެފަދަ އެއްޗެއް ހަދަން އުޅުމާއި، އެފަދަ އެއްޗެއް ހަދަން މަސައްކަތްކުރުން؛
  29. މަސްޓަރ ނެގުމަށް ހުރަސްއެޅުން؛
  30. އެއްވެސް މީހަކަށް ބިރުދައްކައި އިންޒާރުދިނުން؛
  31. މަރުކަޒު ބަލަހައްޓަން ތިބޭ ކަރެކްށަން އޮފިސަރުންނާއި މުވައްޒަފުންގެ މަސައްކަތަށާއި ވާޖިބަށް ހުރަސްއެޅުން؛
  32. ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރުން ނުވަތަ ރޭވުން ނުވަތަ އެކަމަށް ހިތްވަރުދިނުން؛
  33. ވިންގުން ނުވަތަ ބެރެކްސް ނުވަތަ ކޮޓަރިއަށް ވައްދާ ކާބޯތަކެތި ބަންޑުންޖެހުން/އުކައިލުން؛
  34. ދިވެހިރާއްޖޭގެ ގާނޫނުތައް ހުއްދަނުކުރާ އެއްވެސް އެއްޗެއް މަރުކަޒަށް ވެއްދުމަށް މަސައްކަތްކުރުން ނުވަތަ މަރުކަޒުގައި ގެންގުޅުން؛
  35. މަރުކަޒުގެ އަމަންއަމާންކަމާއި މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމަށް ރޭވުމާއި، އެފަދަ ކަންކަމުގައި ބައިވެރިވުމާއި އެފަދަ ކަންކަން ކުރުމަށް ހިތްވަރުދިނުން؛
  36. ތަހުލީލު ކުރުމަށް ޓަކައި ސާމްޕަލް ދިނުމަށް އިންކާރުކުރުން؛
  37. ބަދުއަހުލާގީ އަމަލު ހިންގުން؛
  38. ށަރުއީ އުޒުރަކާ ނުލައި ރަމަޒާންމަހު ރޯދަ ނުހިފުން ނުވަތަ ގަސްތުގައި ރޯދަ ދޫކޮށްލުން؛
  39. މަރުކަޒުގައި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުން؛
  40. ސަރުކާރުގެ އިމާރާތަކަށް ނުވަތަ މުދަލަށް ގެއްލުން ދިނުން؛
  41. އެއްވެސް މީހަކަށް ތޫނުއެއްޗަކުން ހަމަލާދިނުން ނުވަތަ ޒަހަމްވާ ފަދަ ކަމެއް ކުރުން؛
  42. މަރުކަޒުން ފިލުން ނުވަތަ ފިލުމަށް މަސައްކަތްކުރުމާއި، އެކަމަށް ހިތްވަރުދިނުމާއި މަގުފަހިކޮށްދިނުން.
  43. ރަހީނުކުރުމާއި ރަހީނުކުރުމަށް އެހީތެރިވެދީ އެކަމަށް ހިތްވަރުދިނުން.
  44. މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މަރުކަޒުގައި އެކުލަވައިލައިފައިވާ އުސޫލުތަކާއި، ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރެއްގައި ކުރުން މަނާކަމުގައި ބަޔާންކޮށްފައިވާ ކޮންމެ ކަމެއް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ކަންކަން ގިންތިކޮށް، މަރުކަޒުން އެކުލަވައިލާ އުސޫލުގައި ގިންތިތަކާއެކު އެ ކަންކަން ބަޔާންކުރަންވާނެއެވެ. ކުދިން އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އެޅުމުގައި އެ ކުއްޖާގެ އުމުރާއި، އެ ކުއްޖާގެ ނަފްސާނީ ހާލަތަށާއި ޖިސްމާނީ ހާލަތާއި، އެ ކަމެއްގެ ކުޑަބޮޑުމިނާއި، ގިންތިއަށް މަރުކަޒުން ރިއާޔަތްކުރަންވާނެއެވެ.

 

56 ވަނަ މާއްދާ - އިސްލާހުކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން މަރުކަޒުތަކުގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުވުމުން އެ ކުއްޖަކު އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅަންވާނީ، އެ ކުއްޖަކު ކުރި އަމަލަކާ އެކަށީގެންވާ ފިޔަވަޅެކެވެ. މިފަދައިން ފިޔަވަޅު އެޅުމުގައި، ކުއްޖާގެ ނަފްސާނީ ހާލަތު އެ ވަގުތު ހުރިގޮތަށާއި، ކުއްޖާ އެފަދަ އަމަލެއް ހިންގުމަށް މެދުވެރިވި ސަބަބުތަކަށާއި، ކުއްޖާގެ އުމުރަށް ރިއާޔަތްކުރަންވާނެއެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ ކުދިންނާމެދު އެޅިދާނެ ފިޔަވަޅުތަކާއި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތްތައް މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގައި ވެސް، މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާލާތެއް ބޭނުންކޮށްގެން ނުވާނެއެވެ.

 

57 ވަނަ މާއްދާ - އިސްލާހުކުރުމުގެ ގޮތުން ވެސް ކޮށްގެން ނުވާނެ ކަންކަން

(ހ) މަރުކަޒުތަކުގައި ތިބޭ ކުދިން އިސްލާހުކުރުމުގެ ގޮތުން ވެސް ޖިސްމާނީ އަނިޔާއެއް ނުވަތަ ނަފްސާނީ އަނިޔާއެއް ލިބޭ ފަދަ އެއްވެސް އަމަލެއް ނުވަތަ އިހުމާލުވާ ފަދަ އެއްވެސް އަމަލެއް، ނުވަތަ ކުއްޖާގެ ކަރާމާތަށް އުނިކަމެއް ލިބޭނެ ފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

(ށ) ކުއްޖަކާމެދު ރަހުމްކުޑަ ކަމެއް ނުވަތަ ލާއިންސާނީ ކަމެއް ނުވަތަ އިހާނެތި ކަމެއް އެއްވެސް ހާލަތެއްގައި ހިންގައިގެން ނުވާނެއެވެ. އަދި ކުއްޖާ ލަދުގަންނާނެ ފަދަ އަދަބެއް ނުވަތަ ފިޔަވަޅެއް ވެސް އަޅައިގެން ނުވާނެއެވެ.

 

58 ވަނަ މާއްދާއާލާތްތައް ބޭނުންކުރުމާއި ބާރުގެ ބޭނުންކުރުން

(ހ) މަރުކަޒުތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ އާލާތްތައް ބޭނުންކޮށްގެން ނުވާނެއެވެ.

  1. ވަޅިއާއި ބަޑި؛
  2. ބިޑި ނުވަތަ ދަގަނޑު ނުވަތަ ޗޭނު ނުވަތަ ހިލިހިލާ؛
  3. ޓޭޒަރ ނުވަތަ އެފަދަ އެއްޗެއް؛
  4. ޕެޕަރ ސްޕްރޭ ނުވަތަ އެފަދަ އެއްޗެއް؛
  5. ސްޓްރެއިޓް ޖެކެޓް؛
  6. ތަދު އިހުސާސްކޮށްދޭ އާލާތްތައް.

(ށ) ކުއްޖާގެ އަމިއްލަ ނަފްސަށް ނުވަތަ ކުއްޖާގެ ސަބަބުން އެހެން ފަރާތަކަށް ގެއްލުމެއް ލިބިދާނެ ހާލަތުގައި މެނުވީ، ކުއްޖާގެ ގައިގައި އަތްލައި ނުވަތަ ބާރުގެ ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ވެސް ކުޑަކުއްޖެއްގެ މައްޗަށް ބާރުގެ ބޭނުންކުރަންވާނީ، އެ ވަގުތެއްގެ ޑިއުޓީ އިންޗާޖުގެ ހުއްދަޔާއެކު، ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރަކަށް އަދި ކުޑަ ވަގުތަކަށެވެ. އަދި އެ ކަމަކީ ކުށް ކުރި ހާލަތާ އެކަށީގެންވާ ކަމެއް ކަމުގައި ވާ ނަމައެވެ.

(ރ) މި މާއްދާގެ ދަށުން ކުއްޖަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފި ނަމަ، އެކަމުގެ މައުލޫމާތު ލިޔުމުން ރިކޯޑުކުރުމާއެކު އެކަން ހިނގާތާ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ބާރުގެ ބޭނުންކުރި ގޮތުގެ ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.

(ބ) އެއްވެސް ކުއްޖަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފި ނަމަ، އެންމެ މަދުވެގެން ތިރީގައިވާ މައުލޫމާތު ހިމެނޭހެން، ރިޕޯޓެއްގެ ސިފައިގައި އިންސްޕެކްޓަރ ޑިޕާޓްމަންޓް އޮފް ކަރެކްށަނަލް އަދި ޖުވެނައިލް ޖަސްޓިސްއަށް ފޮނުވަންވާނެއެވެ.

  1. ބާރުގެ ބޭނުންކުރި އޮފިސަރުގެ ނަން؛
  2. ސަރވިސް ނަންބަރު؛
  3. ހުއްދަދިން އޮފިސަރުގެ ނަން؛
  4. ހުއްދަ ދިން އޮފިސަރުގެ ސަރވިސް ނަންބަރު؛
  5. އެ ކުއްޖަކާ މެދު ބާރުގެ ބޭނުންކުރެވުނު ކުއްޖާގެ މައުލޫމާތު؛
  6. ބާރުގެ ބޭނުންކުރި ސަބަބާއި، އެނޫން ގޮތަކަށް މައްސަލަ ހައްލުކުރަން މަސައްކަތްކޮށްފައިވާ ނަމަ، ކުރި މަސައްކަތްތަކުގެ މައުލޫމާތު؛
  7. ބާރުގެ ބޭނުންކުރި ތާރީހާއި ގަޑި.

 

 

ހަތްވަނަ ބާބު

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތައް

 

59 ވަނަ މާއްދާ - އިދާރީ އޮނިގަނޑު ކަނޑައެޅުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ބަލަހައްޓާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގެ އިދާރީ އޮނިގަނޑު ކަނޑައަޅާނީ، ވަޒީރުގެ ލަފަޔާއެކު، ކޮމިށަނަރ އޮފް ޕްރިޒަންސްއެވެ.

(ށ) ކަރެކްށަނަލް މަރުކަޒުތަކުގެ އިދާރީ އޮނިގަނޑު ކަނޑައަޅަންވާނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި މި ގަވާއިދާ އެއްގޮތަށް މަރުކަޒުގެ އިދާރީ އެންމެހައި ކަންތައްތައް އެއް އުސޫލަކުން ހިންގޭނެ ގޮތެއްގެ މައްޗަށެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އިދާރީ އޮނިގަނޑުގައި ކޮންމެ މަރުކަޒެއް ވެސް ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެވޭނެ މިންވަރަށް މަރުކަޒެއްގެ އޮނިގަނޑު އެކުލަވައިލައިފައި އޮންނަންވާނެއެވެ. އަދި އެ އޮނިގަނޑުގައި، މަރުކަޒެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތަފުސީލުކޮށް ލިޔެ ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

60 ވަނަ މާއްދާ - ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ

(ހ) މަރުކަޒު ހިންގަންވާނީ ކުޑަކުދިންގެ އަދުލުގެ ގާނޫނާއި މި ގަވާއިދާ އެއްގޮތަށް މަރުކަޒު ހިންގުމާ ގުޅޭގޮތުން އެކުލަވައިލާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރއާ އެއްގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި، މަރުކަޒު ހިންގުމަށް ކަނޑައެޅިފައިވާ މިންގަނޑާއި، މަރުކަޒުގެ އޮޕަރޭޓިންގ ޕްރޮސީޖަރގައި ހުންނަންވާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތަކާއި އެހެނިހެން ޕްލޭންތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ އޮޕަރޭޓިންގ ޕްރޮސީޖަރގައި، މަރުކަޒުގައި ތިބޭ ކުދިންގެ ޒާތީ މައުލޫމާތާއި، އެ ކުދިންނަށް ދެވޭ ފަރުވާއާ ގުޅޭ އެންމެހައި މައުލޫމާތު ސިއްރު މައުލޫމާތުގެ ގޮތުގައި ބެލެހެއްޓުމާ ގުޅޭ ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

61 ވަނަ މާއްދާ - މަރުކަޒުގެ މަސްއޫލުވެރިޔާ އައްޔަނުކުރުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް އިދާރީގޮތުން ހިންގުމުގެ އެންމެ އިސް ދައުރެއް އަދާކުރުމަށް ޓަކައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އިސް އޮފިސަރުންގެ ތެރެއިން ކޮމިށަނަރ އޮފް ޕްރިޒަންސް އައްޔަނުކުރާ ޑައިރެކްޓަރެއް ހުންނަންވާނެއެވެ. މިފަދަ މަރުކަޒުތައް ހިންގުމުގެ އެންމެހައި ޒިންމާތައް އުފުލާނީ ޑައިރެކްޓަރެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑައިރެކްޓަރ ނެތް ހާލަތެއްގައި އެ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ކޮންމެ މަރުކަޒެއްގައި ވެސް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އިސް އޮފިސަރުންގެ ތެރެއިން ޑެޕިއުޓީ ޑައިރެކްޓަރެއް ކޮމިށަނަރ އޮފް ޕްރިޒަންސް އައްޔަނުކުރަންވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޑައިރެކްޓަރާއި ޑެޕިއުޓީ ޑައިރެކްޓަރުގެ މަގާމަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އިސް އޮފިސަރުންގެ ތެރެއިން ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ފަރާތްތައް އައްޔަނުކޮށް މަސްއޫލިއްޔަތު ހަވާލުކުރަންވާނެއެވެ.

 

62 ވަނަ މާއްދާ - ޑައިރެކްޓަރުގެ ޒިންމާތައް

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގެ ޑައިރެކްޓަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަރުކަޒުގެ އިދާރީ ހިންގުން ބެލެހެއްޓުން.

(ށ) މަރުކަޒުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތައް މަސައްކަތްކުރަމުންދަނީ ކުޑަކުދިންގެ މަސްލަހަތަށް އިސްކަންދީގެން، ތަފާތުކުރުމެއް ނެތި ފަރުވާތެރިކަމާއެކުކަން ކަށަވަރުކުރުން.

(ނ) މަރުކަޒުގައި ތިބޭ ކުދިންނަށް ލިބެންޖެހޭ އެންމެހައި ހިދުމަތްތައް އެންމެ ފުރިހަމަކަމާއެކު ލިބެމުންދާކަމާއި، އެ ކުދިންގެ ހައްގުތައް ކަށަވަރުކުރެވޭކަން ޔަގީންކުރުން.

(ރ) މަރުކަޒުގައި ކަންކަން ހިނގަމުންދަނީ، މި ގަވާއިދާއި މަރުކަޒުގައި އަމަލުކުރުމަށް އެކުލަވައިލައިފައިވާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.

(ބ) މި ގަވާއިދުގެ ދަށުން މަރުކަޒުގައި ފުރިހަމަވާންޖެހޭ އެންމެހައި މިންގަނޑުތައް ފުރިހަމަތޯ ބެލުން.

(ޅ) މަރުކަޒުގައި ތިބޭ ކުދިން ހުށަހަޅާ ށަކުވާތައް ބަލައި އިސްލާހުކުރަންޖެހޭ ކަންތައްތައް އިސްލާހުކުރުން.

(ކ) މި ގަވާއިދުގައި ޑައިރެކްޓަރުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުން.

 

63 ވަނަ މާއްދާ - ހިދުމަތުގެ ވަގުތު

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ބަލަހައްޓާ ކޮންމެ ކަރެކްށަނަލް މަރުކަޒަކީ 24 (ސައުވީސް) ގަޑިއިރު ހިދުމަތްދޭ ތަނަކަށް ވާންވާނެއެވެ.

 

64 ތަނުގައި ހުންނަންޖެހޭ މިންގަނޑު

މަރުކަޒުތައް ހިންގާ އިމާރާތާއި މާހައުލުގައި އެންމެ މަދުވެގެން ވެސް، އަންނަނިވި މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.

(ހ) ކަރެކްށަނަލް މަރުކަޒުތަކަކީ، ބޮޑެތިމީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދައިފައިވާ ކުއްޖާގެ އުމުރާއި، ކޮށްފައިވާ ކުށާ އެކަށޭނަ ތަންތަން ކަމުގައި ވުން.

(ށ) ކަރެކްށަނަލް މަރުކަޒުތައް ހިންގާ އިމާރާތަކީ މީހުން ދިރިއުޅޭ އިމާރާތަކަށް ނުވުން

(ނ) ކަރެކްށަނަލް މަރުކަޒުތަކަކީ ފިރިހެންކުދިންނާއި އަންހެންކުދިން، ވަކިން ބޭތިއްބޭ ގޮތަށް އިމާރާތްކުރެވި، ދެ ޖިންސްގެ ކުދިންގެ ހާއްސަ ބޭނުންތަކަށް ނުވަތަ ވަކިވަކި ބޭނުންތަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެއްކަމުގައި ވުން.

(ރ) ކަރެކްށަނަލް މަރުކަޒުތަކަކީ ހުކުމް ތަންފީޒުކުރަމުންދާ ކުދިންނާއި ކުއްޖާ ކުރިކަމަށް ސާބިތުވާ ކުށުގެ ބާވަތާއި ކުށުގެ ކުޑަބޮޑުމިނާއި ހުކުމް ތަންފީޒުކުރަމުންދާ ކުދިންނާއި، ކުރާ ކުށެއްގެ ނުވަތަ އެ ކުއްޖާ ކުރިކަމަށް ތުހުމަތުކުރެވޭ އަމަލުގެ ބާވަތާއި ކުޑަބޮޑުމިނާއި، ސަލާމަތީ ގިންތިއަށް ނުވަތަ ކުއްޖާގެ އުމުރުފުރަޔާއި ޖިންސާއި، ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމާއި، ވަށައިގެންވާ އެންމެހައި ހާލަތްތަކާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓުތަކަށް ރިއާޔަތްކޮށް ވަކިން ބޭތިއްބޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަނެއް ކަމުގައި ވުން.

(ބ) ކަރެކްށަނަލް މަރުކަޒުތައް ހިންގާ އިމާރާތަކީ، އިމާރާތްކުރުމާ ގުޅޭގޮތުން ހަދައިފައިވާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އިމާރާތްކޮށްފައިވާ ތަނަކަށް ވުން. އެގޮތުން، މަރުކަޒު ހިންގާ އިމާރާތް ސާފުވަޔާއި ގުދުރަތީ އަލި ލިބޭ، އަދި މަރުކަޒު ހިންގާ އިމާރާތުން ބޭރަށް ސާފުވައި ލިބޭނެ ހުސް ޖާގައެއް އޮންނަގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމުގައި ވުން.

(ޅ) އަޅުކަންކުރުމަށް ހާއްސަކޮށްފައިވާ އެކަށީގެންވާ ޖާގައެއް އޮތުން.

(ކ) ދިމާވާ ކުއްލި ނުރައްކަލުގެ ހާދިސާއަކުން ރައްކައުތެރިވުމަށް ޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައިފައި ހުރުން.

(އ) ކުޅިވަރުކުޅުމަށާއި ކަސްރަތުކުރުމަށް ހާއްސަކޮށްފައިވާ ޖާގަ އޮތުން.

(ވ) ތައުލީމާއި ތަމްރީނު ދިނުމަށް ހިންގާ ކްލާސްތަކާއި ބައްދަލުވުންތައް ކުރިޔަށްގެންދިއުމަށް ހާއްސަކޮށްފައިވާ އެކަށީގެންވާ ޖާގަ އޮތުން.

(މ) ކަރެކްށަނަލް މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނަށް އެ ކުދިންގެ އުމުރާއި ޖިންސާއި، އިޖުތިމާއީގޮތުން ބިނާކުރަނިވި އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނިވި އިޖުތިމާއީ، ތައުލީމީ، ނަފްސާނީ، ސިއްހީ އަދި 

(ފ) ޖިސްމާނީގޮތުން މުހިންމު އަޅައިލުމާއި ރައްކައުތެރިކަމާއި އެހީތެރިކަން އެ މަރުކަޒުގެ މާހައުލުގެ ތެރޭގައި ފޯރުކޮށްދެވޭނެ މާހައުލެއް ބިނާވެފައި އޮތުން.

(ދ) ކަރެކްށަނަލް މަރުކަޒުތަކުގެ މާހައުލަކީ ހިދުމަތްދޭ މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ކުދިންނަށް ސަލާމަތާއި ރައްކައުތެރިކަމާއި ހިމާޔަތް ލިބިގެންވާ އިތުބާރުހިފޭ ފަދަ މާހައުލަކަށް ވުން.

(ތ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށާއި ކުށަށް އަރައިގަންނަ ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ރީހެބިލިޓޭޓިވް ފަރުވާ ދެވޭނެ، އަދި އެ ކުދިން ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ އައިސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތަށް އިމާރާތްކޮށްފައިވާ ތަނަކަށް ވުން.

(ލ) މަރުކަޒު ހިންގާ އިމާރާތަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަސޭހައިން ވަދެނުކުމެ ހެދޭނެ ފަދަ ގޮތަކަށް އިމާރާތްކޮށްފައިވާ އަދި އެފަދަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްފައިވާ ތަނެއްކަމުގައި ވުން.

 

65 ވަނަ މާއްދާ - އިމާރާތްތަކާއި ތަކެތި ބެލެހެއްޓުން

ކަރެކްށަނަލް މަރުކަޒުތަކުގައި ހުންނަ އެންމެހައި އިމާރާތްތަކާއި، އެއްގަމުގައި ދުއްވާ އުޅަނދުތަކާއި ކަނޑުގައި ދުއްވާ އުޅަނދުތަކާއި، އެނޫން ވެސް ތަކެތި ގަވާއިދުން މަރާމާތުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެންމެހައި އިމާރާތްތަކާއި، އެއްގަމުގައި ދުއްވާ އުޅަނދުތަކާއި ކަނޑުގައި ދުއްވާ އުޅަނދުތަކާއި، އެނޫންވެސް ތަކެތި ހުންނަންވާނީ ކުދިންގެ ކަރާމާތަށް އުނިކަން ނުލިބޭ ގޮތަށް ފަރުމާކޮށްފައެވެ.

 

66 ވަނަ މާއްދާ - ކުދިންގެ ރިކޯޑުތައް ބެލެހެއްޓުން

(ހ) ކުއްޖާގެ ރިކޯޑުތައް ބަހައްޓަންވާނީ ސިއްރުގެ ގޮތުގައި އަދި ތިންވަނަ ފަރާތަކަށް ނުލިބޭ ގޮތަށެވެ. އެފަދަ ރިކޯޑުތައް ވާންވާނީ، އޭގައިވާ މައުލޫމާތުގެ ސިއްރު ހިފެހެއްޓެމުންދާ އަދި ކޯޓު އަމުރަކުން ހުއްދަ ލިބިގެން، ކުއްޖާގެ މައްސަލަ ބަލާ ފަރާތަށާއި އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 101 ވަނަ މާއްދާއިން ބާރު ލިބިގެން މަރުކަޒު އިންސްޕެކްޓްކުރުމަށް ޒިޔާރަތްކުރާ މުސްތަގިއްލު ކޮމިށަންތަކާއި، އެ ގާނޫނުގެ 102 ވަނަ މާއްދާއިން ބާރު ލިބިގެން މަރުކަޒު އިންސްޕެކްޓްކުރުމަށް ޒިޔާރަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކަށް ބެލޭނެ ފައިލަކަށެވެ.

(ށ) ކުއްޖެއްގެ ޒާތީ މައުލޫމާތެއް ނުވަތަ ކުއްޖާއާ ގުޅުންހުރި މައްސަލައަކާ ގުޅޭ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން އެއްވެސް ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ ނުވަތަ އާންމުކޮށްގެން ނުވާނެއެވެ. އަދި ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެ ކުދިންގެ ތަސްވީރެއް، ޕްރިންޓް މީޑިއާގައި ނުވަތަ އިލެކްޓްރޯނިކް މީޑިއާގައި ނުވަތަ އިންޓަރނެޓް ހިމެނޭ ގޮތަށް އެއްވެސް މީޑިއާއެއްގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ށާއިއުކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކުއްޖާގެ މަސްލަހަތަށް ޓަކައި ހުއްދަކުރެވިގެންވާ ހާލަތްތަކެއްގައި އަދި ލިޔުމުން ރިކޯޑުކުރެވޭ ސަބަބުތަކަށް ޓަކައި، ށަރުއީ ކޯޓަކުން ނުވަތަ ޗިލްޑްރެންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރެއް އާންމުކުރެވިދާނެއެވެ.

 

67 ވަނަ މާއްދާ - މަރުކަޒުތަކުން ރިކޯޑު ކުރަންޖެހޭ މައުލޫމާތު

(ހ) ކޮންމެ ކަރެކްށަނަލް މަރުކަޒެއްގައި ވެސް އެ މަރުކަޒެއްގައި ބަންދުކޮށްފައި ތިބޭ ކުޑަކުދިންގެ ރަޖިސްޓަރީއެއް ނުވަތަ ކުދިންގެ ދަފުތަރެއް ދުވަހުން ދުވަހަށް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ. އެ ރަޖިސްޓަރީގައި، އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ކަރެކްށަނަލް މަރުކަޒުގައި ބަންދުކުރެވޭ ކުއްޖާގެ ކާކުކަން އަންގައިދޭ، ކުއްޖާގެ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ؛
  2. ކުއްޖާގެ ފޮޓޯ؛
  3. މަރުކަޒުގައި ކުއްޖާ ބަހައްޓައިފައި ހުރި ސަބަބާއި، ބަހައްޓަން އަމުރުކުރި ފަރާތާއި، ކުއްޖާއާ ހަވާލުވާ ފަރާތުގެ ތަފުސީލީ މައުލޫމާތު؛
  4. ބަންދުކުރި ތާރީހާއި ގަޑި؛
  5. ކުއްޖާ ބަހައްޓައިފައިވާ މަރުކަޒުގެ މައުލޫމާތު؛
  6. ކުއްޖާގެ ހުކުމާބެހޭ މައުލޫމާތު؛
  7. ކުއްޖެއްގެ އާއިލާގެ މެންބަރުންގެ ނުވަތަ ބެލެނިވެރި ފަރާތްތަކުގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރާއި އެމެޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ، ގުޅާނެ ފަރާތްތަކުގެ މައުލޫމާތު؛
  8. ކުއްޖެއްގެ އަތުން އަތުލި މަރުކަޒަށް ވެއްދުން މަނާ ތަކެތި؛
  9. ޕްރޯލްގެ ފުރުސަތު ލިބިދެވޭނެ ކުއްޖެއް ނަމަ، އެކަން އަދި ޕްރޯލަށް ހުށަހަޅަންޖެހޭ ތާރީހު؛
  10. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ތައްޔާރުކޮށްފައިވާ ކުއްޖާގެ ހާލަތު ބަޔާންކޮށްދޭ ރިޕޯޓު؛
  11. މަރުކަޒުން ކުއްޖާ ދޫކޮށްލެވޭނެ ތާރީހު؛
  12. ކުއްޖާގެ ކުރީގެ ކުށުގެ ރިކޯޑު؛
  13. މަރުކަޒުގައި ބެހެއްޓި މުއްދަތު ފެށުނީއްސުރެ ކުއްޖާގެ ސިއްހީ ހާލަތާއި ނަފްސާނީ ހާލަތާއި ޖިސްމާނީ ހާލަތުގެ ތަފުސީލީ ރިކޯޑު؛
  14. ކުއްޖާ މަރުކަޒުގައި ބަންދުކުރި އިރު ހަދައިފައިވާ މެޑިކަލް އެސެސްމަންޓުން ފާހަގަކުރެވުނު ކުއްޖާގެ ސިއްހީ ހާލަތު އަންގައިދޭ ލިޔުންތައް؛
  15. ކުއްޖާއަކީ އެހެން ގައުމަކަށް ނިސްބަތްވާ ކުއްޖެއް ނަމަ، ކުއްޖާ އެ މަރުކަޒެއްގައި ހުންނަ މުއްދަތުގައި އެ ކުއްޖާ ނިސްބަތްވާ ގައުމު ތަމްސީލުކުރާ އިދާރާއަކާއެކު ކުރެވޭ އެންމެހައި މުއާމަލާތެއްގެ ރިކޯޑު؛
  16. ކުއްޖާއާ ގުޅޭ އެހެނިހެން މުހިންމު މައުލޫމާތާއި ލިޔުންތައް؛
  17. ކުއްޖާގެ ސަލާމަތީ ގިންތީގެ ދަރަޖަ.

(ށ) މަރުކަޒުގައި ބަންދުކޮށްފައި ހުންނަ ކޮންމެ ކުއްޖަކަށް ވެސް ޕާސަނަލް ރިކޯޑު ފައިލަކާއި މެޑިކަލް ރިކޯޑު ފައިލެއް ތައްޔާރުކޮށް އެ ފައިލް ދުވަހުން ދުވަހަށް އަދާހަމަކޮށް ލިޔުމުން ބަލަހައްޓަންވާނެއެވެ.

(ނ) ޕާސަނަލް ރިކޯޑު ފައިލުގައި 54 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނައިފައި ހުންނަންވާނެއެވެ.

  1. މަރުކަޒުގައި ބަންދުކުރުމުގެ އަމުރު ނުވަތަ އެކަމަށް ހުއްދަ ދީފައިވާ ޗިޓް؛
  2. އެކި އެކި އެންގުންތަކާއި ގަވާއިދާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ ނަމަ، އަޅައިފައިވާ ފިޔަވަޅުތަކާ ގުޅޭ ލިޔުންތައް؛
  3. ކުއްޖާ ބެހެއްޓުނު އަދި ދޫކޮށްލި ދުވަހާއި، ވަގުތާއި ސަބަބު؛
  4. އެކިއެކި ބޭނުންތަކަށް ކުދިން ވަގުތީގޮތުން މަރުކަޒުން ނެރެ ވެއްދުމަށް ހުއްދަ ދީފައިވާ ޗިޓް؛
  5. ކުއްޖާ ކުރާ ކުށާބެހޭ މައުލޫމާތުގެ ކޮޕީ؛
  6. ކުއްޖާއާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަދާ އެސެސްމަންޓް؛
  7. ކުއްޖާ ހުށަހަޅާ ށަކުވާގެ ފޯމުތަކާއި ޖަވާބުތަކާއި، ކުއްޖާ ރަސްމީ އިދާރާތަކަށާއި ނުރަސްމީ ފަރާތްތަކަށް ފޮނުވާ ސިޓީތަކާއި އެ ކުއްޖާއަށް ދޭ ޖަވާބުތަކުގެ ކޮޕީތައް؛
  8. ކުއްޖާ ބެހެއްޓުމާބެހޭ މައުލޫމާތުތައް ކުއްޖާގެ ބެލެނިވެރިންނާ ހިއްސާކޮށްފައިވާ ގޮތުގެ ތަފުސީލު؛
  9. މަރުކަޒުގައި ބެހެއްޓި މުއްދަތު ފެށުނީއްސުރެ ކުއްޖާގެ ސިއްހީ ހާލަތާއި ނަފްސާނީ ހާލަތާއި ޖިސްމާނީ ހާލަތުގެ ތަފުސީލު ރިކޯޑު؛
  10. މަރުކަޒުގައި ބެހެއްޓި މުއްދަތު ފެށުނީއްސުރެ ކުއްޖާގެ އުޅުމަށް އައިސްފައިވާ ބަދަލު؛
  11. ކުއްޖާ ބައިވެރިވާ ޕްރޮގްރާމުތަކާއި ތައުލީމު ހާސިލުކުރަމުންދާ ގޮތުގެ މައުލޫމާތު؛
  12. ކުއްޖާގެ ޖިސްމާނީ ހާލަތާއި ނަފްސާނީ ހާލަތަށާއި އަހްލާގާއި އުޅުމަށް އަންނަމުންދާ ބަދަލުތަކާބެހޭ ޕްރޮގްރެސް ރިޕޯޓު.

(ކ) ޕާސަނަލް މައުލޫމާތުގެ ރިކޯޑު ފައިލާއި، މެޑިކަލް ރިކޯޑު ފައިލުގައި ހުރި މައުލޫމާތު، ވާންވާނީ، މި ގަވާއިދުގެ 66 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސިއްރުކުރެވި، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތަކަށް ބެލޭނެ ފައިލަކަށެވެ. އަދި އެ ކުއްޖަކު ބަދަލުކުރާ މަރުކަޒަކަށް ނުވަތަ ސިއްހީ ފަރުވާ ހޯދުމަށް ޓަކައި ތަނަކުން ބޭރަށް ގެންދާ ތަނަކަށް އެ ކުއްޖެއްގެ މެޑިކަލް ރިކޯޑު ފައިލް ގެންދަންވާނެއެވެ.

(އ) މަރުކަޒަށް ވަދެނުކުމެހަދާ އެންމެހައި ފަރާތްތަކުގެ މައުލޫމާތު ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި، މަރުކަޒުގެ މުވައްޒަފުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ނޫން އެހެން އެއްވެސް ފަރާތެއް މަރުކަޒަށް ވަދެ ނުކުމެވާ ނަމަ، އެންމެ މަދުވެގެން ވެސް އަންނަނިވި މައުލޫމާތު ރިކޯޑުކޮށްފައި ހުންނަންވާނެއެވެ.

  1. އެ މީހެއްގެ ފުރިހަމަ ނަން؛
  2. ކާކުކަން އެނގޭނެ މައުލޫމާތު؛
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރު ނުވަތަ މިނޫންވެސް އައިޑެންޓިފިކޭށަން ކާޑުގެ ނަންބަރު؛
  4. މަރުކަޒަށް އައި ބޭނުން؛
  5. ބައްދަލުކުރި ފަރާތްތައް؛
  6. މަރުކަޒަށް އައި ގަޑިއާއި ތާރީހު އަދި މަރުކަޒުން ދިޔަ ގަޑިއާއި ތާރީހު.

(ނ) މަރުކަޒުގައި ކުދިން ބައިތިއްބައިފައި ތިބޭ ކޮންމެ ވިންގެއްގައި ނުވަތަ ބެރެކްސްއެއްގައި ނުވަތަ ކޮޓަރިއެއްގައި ވެސް އެ ވިންގެއްގައި ނުވަތަ ބެރެކްސްއެއްގައި ނުވަތަ ކޮޓަރިއެއްގައި ހިނގާ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް އެ ތަނެއްގައި ލިޔެ ބަލަހައްޓަންވާނެއެވެ. މިގޮތުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް އެ ކަމެއް ހިނގާ ވަގުތެއްގައި ލިޔެ އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.

  1. ޑިއުޓީ އަދާކުރާ ގަޑިއާއި ތާރީހު؛
  2. ޑިއުޓީއާ ހަވާލުވި އޮފިސަރުންގެ ނަންތައް؛
  3. ޑިއުޓީއާ ހަވާލުވިއިރު ވިންގުގައި ނުވަތަ ބެރެކްސްގައި ނުވަތަ ކޮޓަރީގައި ކުދިން ތިބި އަދަދު
  4. ވިންގުން ނުވަތަ ބެރެކްސްއިން ނުވަތަ ކޮޓަރިން ނެރޭ ކުދިންނާ ގުޅޭ ތިރީގައިވާ މައުލޫމާތު:
    4.1 ވިންގުން ނުވަތަ ބެރެކްސްއިން ނުވަތަ ކޮޓަރިން ނެރޭ ކުއްޖާގެ ނަމާއި އެޑްރެސް؛
    4.2 ނެރުނު ބޭނުން؛
    4.3 ވިންގުގެ ނުވަތަ ބެރެކްސްގެ ނުވަތަ ކޮޓަރީގެ ނަންބަރާއި ނެރުނު ގަޑި؛
    4.4 ވިންގުން ނުވަތަ ބެރެކްސްއިން ނުވަތަ ކޮޓަރިން ނެރުމަށްފަހު، އެ ކުއްޖަކު ހަވާލުކުރެވުނު އޮފިށަރުގެ ނަން؛
    4.5 ވިންގުން ނުވަތަ ބެރެކްސްއިން ނުވަތަ ކޮޓަރިން ނެރެގެން ކުއްޖާ ގެންގޮސްފައި ހުރީ ނުވަތަ ބަހައްޓައިފައި ހުރީ ކޮންތާކުކަން؛
    4.6 އެ ކުއްޖަކު އަނބުރާ ވިންގަށް ނުވަތަ ބެރެކްސްއަށް ނުވަތަ ކޮޓަރިއަށް ވެއްދި ގަޑި
  5. ކުދިންނާއި ވިންގު ނުވަތަ ބެރެކްސް ނުވަތަ ކޮޓަރިއާއި ޔާރޑް ސާރޗް ކުރުމާބެހޭ އެންމެހައި މައުލޫމާތުތައް
  6. ވިންގުގައި ނުވަތަ ބެރެކްސްގައި ނުވަތަ ކޮޓަރީގައި ތިބޭ ކުދިން ހިންގާ ހަމަނުޖެހުންތަކާއި ކުރާ ގަވާއިދާ ހިލާފު ކަންތައްތަކާ ބެހޭ އެންމެހައި މައުލޫމާތުތައް
  7. ކުއްޖާއަށް ޓަކައި ކުރިޔަށްގެންދާ ހަރަކާތްތަކާބެހޭ މައުލޫމާތުތައް:
    7.1 ޔާޑަށް ނެރުން؛
    7.2 ފޯނުކޯލު ދިނުން
    7.3 ކުދިންނާ ބައްދަލުކުރުން
  8. ވިންގަށް ނުވަތަ ބެރެކްސްއަށް ނުވަތަ ކޮޓަރިއަށް ޒިޔާރަތްކުރާ ފަރާތްތަކާބެހޭ މައުލޫމާތުތައް ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(މ) މަރުކަޒުގެ ކޮންޓްރޯލް ރޫމުން މަރުކަޒުގައި ހިންގާ އެންމެހައި ހަރަކާތްތަކާއި ހިނގާ މުހިންމު ކަންތައްތައް ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.

(ފ) މަރުކަޒުގައި އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ ހާދިސާ ހިނގާތާ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކަމާ ގުޅޭ ހާދިސާ ރިޕޯޓު ތައްޔާރުކޮށް ރިކޯޑު ކުރަންވާނެއެވެ. އަދި ހާދިސާ ރިޕޯޓު އޮންނަންވާނީ ކަން ހިނގައިދިޔަގޮތް ތަފުސީލުކޮށް، އެ ހާދިސާއާ ގުޅުންހުރި ފަރާތްތަކުގެ ބަޔާންތަކާއެކު، ޑައިރެކްޓަރ ބަލައި ސޮއިކޮށްފައެވެ.

(ދ) ގަވާއިދު ނަންބަރު 2015-218 (މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އޮފިސަރުންގެ މައުލޫމާތުތައް ބަލަހައްޓަންވާނެއެވެ.

 

68 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ދިމާވާ ކަންކަމާ ގުޅޭގޮތުން ށަކުވާ ހުށަހެޅޭނެ، އަދި އެފަދައިން ހުށަހެޅޭ ށަކުވާ ބެލޭނެ ނިޒާމެއް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ މަރުކަޒެއްގެ ޑައިރެކްޓަރ ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުދިންގެ މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ށަކުވާ ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން އަންނަނިވި ގޮތުގެ މަތީން ށަކުވާ ހުށަހެޅޭނެ ނިޒާމުތައް މަރުކަޒުތަކުގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ.

  1. ށަކުވާ ހުށަހަޅާ ފޯމު؛
  2. ށަކުވާ ހުށަހަޅާނެ ވަކި ފަރާތެއް ކަނޑައެޅުން؛
  3. ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ށަކުވާ، އެފަދަ ކުދިންނަށް ށަކުވާ ހުށަހެޅޭނެ ފަރާތެއް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު؛

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ކޮންމެ ގޮތަކަށް ށަކުވާ ހުށަހެޅުނު ކަމުގައި ވިޔަސް އެ ށަކުވާއެއް އެ މަރުކަޒަކުން ބަލައިގަންނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ށަކުވާ ހުށަހެޅޭނެ ގޮތާއި، ށަކުވާއާމެދު އަމަލުކުރާނެ ގޮތް އާންމުކޮށް ފެންނާނޭހެން، ކަރެކްށަނަލް ކޮންމެ މަރުކަޒެއްގައި ބަހައްޓަންވާނެއެވެ.

 

69 ވަނަ މާއްދާ - ށަކުވާ ބަލާ ކޮމިޓީ

ކޮންމެ މަރުކަޒެއްގައި އެ މަރުކަޒެއްގައި ތިބޭ ކުދިންނަށާއި، އެ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ހުށަހެޅޭ ށަކުވާ ބެލުމަށް ޓަކައި އަންނަނިވި ފަދައިން ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ.

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީގައި، މަދުވެގެން 3 (ތިނެއް) މެންބަރުން ތިބެންވާނެއެވެ.

(ށ) ކޮމިޓީއަށް މެންބަރުން އައްޔަނުކޮށް ވަކިކުރާނީ، މަރުކަޒުގެ ޑައިރެކްޓަރެވެ.

(ނ) ކޮމިޓީ މެންބަރުންގެ ތެރޭގައި މަރުކަޒުގެ މެނެޖީރިއަލް ލެވެލްގެ ފަރާތަކާއި ޓެކްނިކަލް މުވައްޒަފުންނާއި އިދާރީ މުވައްޒަފުން ހިމެނެންވާނެއެވެ.

(ރ) ކޮމިޓީ މެންބަރަކު ވަކިވެއްޖެ ނަމަ އެ މަގާމަށް އެހެން ފަރާތެއް ވަގުތުން އައްޔަނުކުރުމަކީ މަރުކަޒުގެ ޑައިރެކްޓަރުގެ ޒިންމާއެކެވެ.

(ބ) ކޮމިޓީގައި ހިމެނޭ މެންބަރަކާމެދު ހުށަހެޅޭ ށަކުވާއެއް ބެލުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހުށަހަޅާ ށަކުވާއަކާ ގުޅޭގޮތުން، އެކަށީގެންވާ ފިޔަވަޅެއް މަރުކަޒުން އަޅައިފައި ނުވާ ނަމަ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށާއި، ކަމާބެހޭ އެހެން ފަރާތްތަކަށް، ކުއްޖާގެ ފަރާތުން އެކަން ހުށަހެޅޭނެ އިންތިޒާމު ވެސް ކޮންމެ މަރުކަޒެއްގައި ހަމަޖެހިފައި އޮންނަންވާނެއެވެ.

 

70 ވަނަ މާއްދާ - ކޮމިޓީގެ ނިންމުން

(ހ) މި ގަވާއިދުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް ށަކުވާއެއް ލިބޭ ތާރީހުން ފެށިގެން ގިނަވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއެއް ބަލައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ށަކުވާ ބަލައި ގޮތެއް ނުނިންމޭ ނަމަ، އެންމެ އަވަހަށް ނިންމޭނެ ދުވަހެއް ކަނޑައަޅައި، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބުދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ށަކުވާ ބަލައި ނިމެންދެން ހޭދަވާ މުއްދަތުގެ ތެރޭގައި ށަކުވާ ހުށަހެޅި ފަރާތަށް، ށަކުވާއާ ގުޅޭ އަދާހަމަކުރުމެއް ކޮމިޓީން ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަކުވާއާ ގުޅޭގޮތުން ނިންމާ ގޮތް ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ދޭންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅޭ ށަކުވާތަކާއި، ށަކުވާތަކާ ގުޅިގެން އެޅޭ ފިޔަވަޅުތައް ކޮންމެ 6 (ހައެއް) މަހަކުން ވުޒާރާއަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މަރުކަޒުތަކުން އަންގަމުން ގެންދަންވާނެއެވެ.

(ޅ) މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހުށަހެޅޭ ށަކުވާއެއްގައި ޖިނާއީ ކުށެއް ހިމެނޭ ނަމަ ނުވަތަ ކުއްޖަކާމެދު އިހުމާލުވުމުގެ ކުށެއް ހިމެނޭ ނަމަ، އެކަން ށަކުވާ ލިބޭ ހިސާބުން، ދިވެހި ފުލުހުންގެ ހިދުމަތަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށާއި، ވުޒާރާއަށް މަރުކަޒުތަކުން އަންގަންވާނެއެވެ.

(ކ) ކުއްޖަކު ކުރި ށަކުވާއަކީ އެ ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ނަފްސާނީ އަނިޔާއެއް ލިބިގެން ކުރި ށަކުވާއެއް ކަމަށް ވާ ނަމަ، އެ ކުއްޖަކަށް ޖިސްމާނީގޮތުން ނުވަތަ ނަފުސާނީގޮތުން އަނިޔާއެއް ކޮށްފައިވާ ގޮތް ނުވަތަ ލިބިފައިވާ ގޮތް ދެނެގަތުމާއި އަނިޔާއެއް ލިބިފައިވާ ނަމަ، މެޑިކޯ ލީގަލް ރިޕޯޓެއް ސިއްހީ ހިދުމަތްދޭ ފަރާތުން ތައްޔާރުކުރޭތޯ ކޮމިޓީން ކަށަވަރުކުރަންވާނެއެވެ. އަދި އެކަމާ ގުޅިގެން އެ ކުއްޖަކަށް ސިއްހީ ފަރުވާ ނުވަތަ ނަފްސާނީ އެހީތެރިކަން ދޭންޖެހޭ ނަމަ، އެ ކަން ކޮމިށަނަރ އޮފް ޕްރިޒަންސްއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް، މަރުކަޒުގެ ޑިރެކްޓަރ މެދުވެރިކޮށް ކޮމިޓީން ވަގުތުން ރިޕޯޓުކުރަންވާނެއެވެ.

(އ) ކުއްޖަކު ކުރި ށަކުވާއަކާ ގުޅިގެން ބެލިބެލުމުން އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ނުވަތަ ޓޯޗަރގެ އަމަލެއް އެ ކުއްޖަކާ މެދު ހިންގައިފައިވާކަން ފާހަގަކުރެވިއްޖެ ނަމަ، އެ ކަމެއްގެ ތަފުސީލު ލިޔެ ރިކޯޑު ކުރަންވާނެއެވެ. އަދި ކުއްޖާއަށް ލިބިފައިވާ އަނިޔާއަކީ، ކުއްޖާ ނުކިޔަމަންތެރިވެ، ކުއްޖާ އަމިއްލައަށް ދީފައިވާ އަނިޔާއެއް ކަމުގައި ވާ ނަމަ އެކަން ވެސް ރިކޯޑު ކުރަންވާނެއެވެ.

(ވ) އެ ކުއްޖަކަށް ލިބިފައިވާ އަނިޔާއަކީ، ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު) ގައި "ލާއިންސާނީ އަދި ދަރަޖައިގެ އަމަލެއް ނުވަތަ ޓޯޗަރގެ އަމަލެއް" ގެ ގޮތުގައި މާނަކުރެވޭ އަނިޔާއަކަށް ވާ ނަމަ، އެ ގާނޫނުން އެ ކުއްޖަކަށް ލިބިދޭ އެންމެހައި ހައްގުތަކެއް ފަހިކޮށްދިނުމާއެކު، އެ މައުލޫމާތެއް ގުޅުންހުރި ފަރާތްތަކަށާއި އިދާރާތަކަށް ލަސްނުކޮށް އަންގަންވާނެއެވެ. އަދި އިތުރު އަނިޔާއެއް ނުލިބޭނެ ފަދަ ގޮތަކަށް އެ ކުއްޖެއްގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު އަޅަންވާނެއެވެ.

(މ) ހުށަހަޅާ ށަކުވާއަކާ ގުޅިގެން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ އިހުމާލެއް ވާ ނަމަ، އެ ށަކުވާއެއް ތަހްގީގުކޮށް ނިމޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ މައްސަލައެއް ބެލުމަށް ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ށަކުވާ ބަލާ ކޮމިޓީން ފޮނުވަންވާނެއެވެ.

 

71 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މި ގަވާއިދުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާ އެންމެހައި ފަރާތްތަކުން، އެ ށަކުވާތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ.

(ށ) މަރުކަޒުގައި ކުދިން ކުރާ ށަކުވާތަކާއި އެ ށަކުވާތަކާ ގުޅޭގޮތުން އެޅުނު ފިޔަވަޅުތައް ރިކޯޑުކޮށް ވަކިން ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު ކުއްޖާގެ ޕަރސަނަލް ފައިލުގައި ރައްކައުކުރަންވާނެއެވެ.

 

72 ވަނަ މާއްދާ - މައްސަލަ ބެލުމުގެ އިޖުރާއަތު

ށަކުވާ ބަލާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި، ކޮމިޓީއަށް މައްސަލަ ހުށަހެޅޭނެ ގޮތާއި މައްސަލަ ބެލުމާއި މައްސަލަ ނިންމުމާ ގުޅޭ ތަފުސީލުތައް، މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ލިޔެފައި އޮންނަންވާނެއެވެ.

 

 

އަށްވަނަ ބާބު

ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގެ ސަލާމަތާއި ރައްކައުތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުން

 

73 ވަނަ މާއްދާ - މަރުކަޒުގެ ސަރަހައްދު މާނަކުރުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުކަމުގައި ބަލާނީ މަރުކަޒުގައި ކުދިން ބޭތިއްބުމަށް ޓަކައި ކަނޑައަޅައިފައިވާ ހިސާބާއި، މަރުކަޒުގެ އިދާރީ ހިންގުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްފައިވާ ސަރަހައްދާއި، މަރުކަޒު ވަކިކުރުމަށް ޓަކައި، ޖަހައިފައިވާ ފެންސްގެ އެތެރޭގައި ހިމެނޭ ސަރަހައްދާއި، މަރުކަޒުގެ ވަށައިގެން، މަރުކަޒުގެ ސަލާމަތަށް ޓަކައި އާންމުން ވަނުން މަނާކަމަށް ކަނޑައަޅައިފައިވާ ސަރަހައްދުގެ އިތުރުން މަރުކަޒުގެ ގޯތި ބޭރުގައި ހަދައިފައިވާ މަރުކަޒުގެ ޑިއުޓީ ޕޯސްޓެއް ހުރި ނަމަ އެ ސަރަހައްދަށެވެ.

(ށ) މަރުކަޒަށް ވަދެނުކުމެ ހެދުމާއި މަރުކަޒު ބަލައި ފާސްކުރުމަށާއި އެ ނޫން ބޭނުމަށް މަރުކަޒަށް ޒިޔާރަތްކުރަންވާނީ ޑައިރެކްޓަރުގެ ހުއްދަ ލިބިގެންނެވެ. މި ފަރާތްތަކުގެ މައުލޫމާތު ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލު ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 101 ވަނަ މާއްދާއިން ބާރު ލިބިގެން މަރުކަޒު އިންސްޕެކްޓްކުރުމަށް ޒިޔާރަތްކުރާ މުސްތަގިއްލު ކޮމިށަންތަކާއި، އެ ގާނޫނުގެ 102 ވަނަ މާއްދާއިން ބާރު ލިބިގެން މަރުކަޒު އިންސްޕެކްޓްކުރުމަށް ޒިޔާރަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަކަށް ނުހިނގާނެއެވެ.

(ރ) ތަފާތު ބޭނުންތަކަށް މަރުކަޒުގެ ސަރަހައްދަށް ވަދެނުކުމެހަދާ ފަރާތްތައް މަރުކަޒުގެ ސަރަހައްދަށް ވެއްދުމުގެ ކުރިން އެ މީހަކީ ކާކުކަން ކަށަވަރުކޮށް، އެ މީހެއްގެ ނަމާއި، އެޑްރެހާއި، މަރުކަޒަށް އައި ބޭނުމާއި، މަރުކަޒަށް އައި ގަޑިއާއި މަރުކަޒުން ދިޔަ ގަޑިއާއި ތާރީހް ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.

(ބ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންނަށާއި ކޮންޓްރެކްޓް އުސޫލުން މަރުކަޒުގައި އެކިއެކި މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ މުވައްޒަފުންނަށް މަރުކަޒުގެ ސަރަހައްދަށް ވަދެވޭނީ، އެ މީހަކަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ދޫކޮށްފައިވާ ފޮޓޯ ޖެހި އައިޑެންޓިޓީ ކާޑު ދެއްކުމުންނެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، އެ ނޫން ފަރާތްތައް މަރުކަޒުގެ ސަރަހައްދަށް ވައްދަންވާނީ، އެ މީހަކީ މަރުކަޒުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދެވިފައިވާ ފަރާތެއްކަން އަންގައިދޭ ވިޒިޓަރސް ކާޑާ އެކުގައެވެ.

(ކ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން މަރުކަޒުގެ ސަރަހައްދުގައި އުޅޭއިރު، އެ މީހަކަށް ދޫކޮށްފައިވާ އައިޑެންޓިޓީ ކާޑު ނުވަތަ ފާސް އެ މީހަކު ލައިގެން ހުރި ހެދުމުގައި ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓަންވާނެއެވެ.

(އ) މަރުކަޒު ތެރެއަށް ވަނުމުގެ ހުއްދަ ދީފައި ނުވާ މީހަކު ނުވަތަ މި ގަވާއިދާ ހިލާފަށް އެއްވެސް މީހަކު ކަރެކްށަނަލް މަރުކަޒުގެ ސަރަހައްދަށް ވަދެއްޖެ ނަމަ، މަރުކަޒުގެ އޮފިސަރުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މައްސަލަ ބެލުމަށް ޓަކައި އެ މީހަކު ފުލުހުންނާ ހަވާލުކުރަންވާނެއެވެ.

 

74 ވަނަ މާއްދާ - ބަލައި ފާސްކުރުން

މަރުކަޒަށް ވަދެނުކުމެވާ އެންމެހައި މީހުންނާއި ތަކެއްޗާއި އުޅަނދުފަހަރު، ބަލައި ފާސްކުރަންވާނެއެވެ.

 

75 ވަނަ މާއްދާ - ބަލައި ފާސްކުރުމާ ގުޅޭ ބާރުތައް

މަރުކަޒުތައް ބަލައި ފާސްކުރުމުގައި މަރުކަޒުގެ އޮފިސަރުންނަށް ލިބިގެންވާ ބާރުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން، ކުދިންގެ ހަށިގަނޑާއި، އެ ކުދިންގެ ތަކެތި ބަލައި ފާސްކުރާއިރު، އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް ބަލައި ފާސްކުރުން.

(ށ) ކަރެކްށަނަލް މަރުކަޒުތަކުގައި ކުޑަކުދިން ބައިތިއްބައިފައި ތިބޭ ވިންގްތަކާއި ބެރެކްސްތަކާއި ކޮޓަރިތައް ބަލައި ފާސްކުރުން.

(ނ) ބަލައި ފާސްކުރުމަށްފަހު، ފެންނަ ތަކެތީގެ ތެރެއިން މަރުކަޒަށް ވެއްދުން މަނާ ތަކެތި ނެގުން.

(ރ) މަރުކަޒަށް ވެއްދޭ ކޮންމެ މީހަކާއި، އެއްޗަކާއި އުޅަނދެއް ބަލައި ފާސްކުރުން.

 

76 ވަނަ މާއްދާ - ބަލައި ފާސްކުރުމަށް ބޭނުންކުރާ އާލަތްތައް

(ހ) ހަށިގަނޑާއި ތަކެއްޗާއި އުޅަނދުފަހަރު ބަލައި ފާސްކުރުމަށް ޓަކައި މެޓަލް ޑިޓެކްޓަރ، ވޯކްތުރޫ ގޭޓް، އެކްސްރޭ މެށިން ފަދަ ޒަމާނީ އާލާތްތައް ބޭނުންކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް އާލާތެއް ބޭނުންކުރުމުގެ ސަބަބުން ބަލައި ފާސްކުރެވޭ މީހާއަށް ނުވަތަ ކުއްޖާއަށް ސިއްހީގޮތުން އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ކަމާގުޅޭ ޑޮކްޓަރަކު ލަފާދީފައިވާކަމުގެ ލިޔުމެއް ހުށަހަޅައިފި ނަމަ އެ މީހަކު ނުވަތަ ކުއްޖަކު ބަލައި ފާސްކުރުމުގައި، އެފަދަ އާލާތެއް ބޭނުންކޮށްގެން ނުވާނެއެވެ.

 

77 ވަނަ މާއްދާ - ހަށިގަނޑު ބަލައި ފާސްކުރުން

(ހ) ހަށިގަނޑު ބަލައި ފާސްކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

  1. އަންހެނަކު ނަމަ ނުވަތަ އަންހެން ކުއްޖެއް ނަމަ ބަލައި ފާސްކުރާނީ އަންހެން އޮފިސަރެކެވެ. ފިރިހެނަކު ނަމަ ނުވަތަ ފިރިހެން ކުއްޖެއް ނަމަ ބަލައި ފާސްކުރާނީ ފިރިހެން އޮފިސަރެކެވެ.
  2. ހަށިގަނޑު ބަލައި ފާސްކުރަންވާނީ، ބަލައި ފާސްކުރާ މީހާގެ އިންސާނީ ކަރާމަތަށާއި އަބުރަށް ރައްކައުތެރިވެ، ފުރިހަމަ އިހްތިރާމާއެކު، އެކަމަށް ތަމްރީނު ދީފައިވާ އޮފިސަރުންނެވެ. ބަލައި ފާސްކޮށްފި ނަމަ، އެކަން ކުރުމުގައި ބައިވެރިވި އޮފިސަރުގެ ނަމާއި ސަރވިސް ނަންބަރު ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.
  3. ހަށިގަނޑު ބަލައި ފާސްކުރުމުގައި، އެއްވެސް ހާލެއްގައި، ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި އުޅޭ ކުދިންނާމެދު، ފުރައްސާރަކުރުމާއި، ބިރުގެންނެވުމާއި، ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު) ގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، "ލާއިންސާނީ ދަށު ދަރަޖައިގެ އަމަލެއް" ނުވަތަ "ޓޯޗަރގެ އަމަލެއް" ގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ އަމަލެއް، އަދި އިންސާނީ ކަރާމާތަށް ގެއްލުން ލިބޭ އެއްވެސް ކަމެއް ހިންގައިގެން ނުވާނެއެވެ.
  4. އެއްވެސް ގުނަވަނެއް ބަލައި ފާސްކުރަންވާނީ، އެ ކަމަކީ ކުއްޖާގެ ސިއްހަތަށް ގެއްލުންވާ ކަމެއްކަމުގައި ނުވާ ނަމަ އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާނެ އެ ކުއްޖާއާ އެއްޖިންސެއްގެ ފަރާތެއްގެ އެހީގައި އެ ކުއްޖާގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތީންނެވެ.

(ށ) ހަށިގަނޑު ބަލައި ފާސްކުރެވޭނެ ގޮތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ޕެޓްޑައުން ސަރޗް؛
  2. ސްޓްރިޕް ސަރޗް؛
  3. އިންޓަރނަލް ސަރޗް

 

78 ވަނަ މާއްދާ - ޕެޓްޑައުން ސާރޗްކުރުން

(ހ) ޕެޓްޑައުން ސަރޗަކީ ލައިގެންހުރި ހެދުން މަތީން އަތްކާތައިލައިގެން، މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމެވެ. މިގޮތުން، ޕެޓްޑައުން ސަރޗްކުރެވޭނެ ހާލަތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ:

  1. ކަރެކްށަނަލް މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތައް މަރުކަޒަށް ވަދެނުކުމެ ހަދާއިރު؛
  2. އެކިއެކި ބޭނުންތަކަށް ކުދިން ވިންގުން ނުވަތަ ބެރެކްސްއިން ނުވަތަ ކޮޓަރިން ނެރެ ވައްދާއިރު އެ ކުދިން ސަރޗްކުރުން؛
  3. ކުދިން ބައިތިއްބައިފައިވާ ބެރެކްސްތައް ނުވަތަ ކޮޓަރިތައް ބަލައި ފާސްކުރާއިރު، މަރުކަޒަށް ވެއްދުން މަނާއެއްޗެއް އޮތްކަމަށް ށައްކުވުން.

(ށ) މަރުކަޒުގައި ބައިތިއްބައިފައި ތިބޭ ކުދިން ފިޔަވައި އެ ނޫން ފަރާތްތައް ބަލައި ފާސްކުރުމުގެ ތެރޭގައި، ފެންނަ މަރުކަޒުގެ ތެރެއަށް ވެއްދުން މަނާ ތަކެތި އެ މީހެއްގެ އަތުން އަތުލުމަށްފަހު، އެ މީހަކު މަރުކަޒު ސަރަހައްދުން ނުކުންނައިރު، އެ ތަކެތި އެ މީހަކާ ހަވާލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މަރުކަޒަށް ވައްދައިފައިވަނީ ދިވެހިރާއްޖޭގެ ގާނޫނަކުން ގެންގުޅުން މަނާކޮށްފައިވާ އެއްޗެއް ނަމަ، އެ އެއްޗެއްގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތަށް އަންގައި، އެ އެއްޗެއް ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންވާނެއެވެ.

(ރ) މަރުކަޒަށް ޒިޔާރަތްކުރާ ފަރާތެއް ބަލައި ފާސްކުރުމަށް އެކޮޅުހަދައިފި ނަމަ، އެ ފަރާތަކަށް ބައްދަލުވުމަށް މަރުކަޒަށް ވަނުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ބ) މަރުކަޒުގެ ސަލާމަތީ ބޭނުންތަކަށް ޓަކައި ނުވަތަ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމުގައި، ކޮންމެ ވަގުތެއްގައި ވެސް، މަރުކަޒުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންނާއި މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުން ގެންގުޅޭ ތަކެތި ބަލައި ފާސްކުރުމުގެ ބާރު ޑައިރެކްޓަރަށް ލިބިގެންވެއެވެ.

 

79 ވަނަ މާއްދާ - ވަނަ މާއްދާ - މަރުކަޒަށް ވެއްދުން މަނާ ތަކެތި

ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒަށް ވެއްދުން މަނާ ތަކެއްޗެވެ.

(ހ) ދިވެހިރާއްޖޭގެ ގާނޫނު ހުއްދަނުކުރާ އެއްވެސް އެއްޗެއް.

(ށ) މަރުކަޒުގެ އޮފިސަރުންގެ ޒިންމާ އަދާކުރުމަށް ބޭނުންކުރާ ތަކެތި ފިޔަވައި މުއާސަލާތީ ވަސީލަތަކަށް ބޭނުންކުރާ ނުވަތަ ބޭނުންކުރެވިދާނެ ކޮންމެ އެއްޗެއް.

(ނ) މަރުކަޒުގެ އޮފިސަރުންގެ ޒިންމާ އަދާކުރުމަށް ބޭނުންކުރާ އާލާތްތައް ފިޔަވައި އިތުރު އެއްވެސް އެއްޗެއް.

(ރ) ގޮވާ އެއްޗެއް ނުވަތަ ގޮއްވައިލުމަށް ބޭނުންކުރެވިދާނެ އެއްވެސް އެއްޗެއް.

(ބ) ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް.

(ޅ) އެއްވެސް ބާވަތެއްގެ ފައިސާ.

(ކ) ފޮޓޯ ނެގިދާނެ އެއްޗެއް ނުވަތަ ވީޑިއޯ ނުވަތަ އަޑު ރިކޯޑުކުރުމަށް ބޭނުންކުރެވިދާނެ އެއްވެސް އެއްޗެއް.

(އ) މަރުކަޒުގައި އެ އިރަކު ދެމިއޮތް ހާލަތަށް ރިއާޔަތްކޮށް މި ގަވާއިދުގެ 80 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަރުކަޒަށް ވެއްދުން މަނާކަމަށް ޑައިރެކްޓަރު ކަނޑައަޅާ ކޮންމެ އެއްޗެއް.

(ވ) މަރުކަޒުގައި ތިބޭ ކުދިންނާ ބައްދަލުކުރުމަށް އަންނަ ފަރާތްތަކުން މަރުކަޒަށް ވެއްދުން މަނާކަމަށް މި ގަވާއިދުގެ 80 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޑައިރެކްޓަރު ކަނޑައަޅާ ކޮންމެ އެއްޗެއް.

 

80 ވަނަ މާއްދާ - ހާލަތަށް ރިއާޔަށްކޮށް މަރުކަޒަށް ވެއްދުން މަނާތަކެތި ކަނޑައެޅުން

ކަރެކްށަނަލް މަރުކަޒުގައި އެ އިރަކު ދެމިއޮތް ހާލަތަށް ރިއާޔަތްކޮށް މަރުކަޒަށް ވެއްދޭ އެއްޗަކުން މަރުކަޒުގެ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާނެކަމަށް ބެލެވޭ ކޮންމެ އެއްޗަކާއި އެ އެއްޗަކުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދެވިދާނެ އެއްޗެއްކަމަށް ބަލައި، އެ އެއްޗަކީ މަރުކަޒަށް ވެއްދުން މަނާ އެއްޗެއްކަމުގައި ޑައިރެކްޓަރު ކަނޑައަޅަންވާނެއެވެ.

 

81 ވަނަ މާއްދާ - މަރުކަޒުގެ މާސްޓަރ ނެގުން

މަރުކަޒުގައި ތިބެން ޖެހޭ ކުދިން ތިބިތޯ ބަލައި، ޔަގީންކުރުމުގެ ގޮތުން ކޮންމެ މަރުކަޒެއްގައި ވެސް މާސްޓަރ ނަގަންވާނެއެވެ. މާސްޓަރ ނެގުމުގައި ގެންގުޅެންޖެހޭ އެންމެހައި އުސޫލުތައް މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކުރަންވާނެއެވެ.

 

82 ވަނަ މާއްދާ - އިންސްޕެކްޓް ކުރުން

(ހ) މަރުކަޒުތަކުގައި ކުދިން ތިބޭ ބެރެކްސް ނުވަތަ ކޮޓަރި، މަދުވެގެން ދުވާލަކު 1 (އެކެއް) ފަހަރު އިންސްޕެކްޓް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބެރެކްސް ނުވަތަ ކޮޓަރި އިންސްޕެކްޓްކުރުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ބަލައި، ރިކޯޑުކުރަން ވާނެއެވެ.

  1. ކޮޓަރިތެރޭގެ ނުވަތަ ބެރެކްސްތެރޭގެ ސާފުތާހިރުކަމާއި ތަރުތީބުކަން؛
  2. ކޮޓަރިތެރޭގައި ނުވަތަ ބެރެކްސްތެރޭގައި ހުންނަންޖެހޭ ހުރިހާ އެއްޗެއް ހަމަޔަށް ހުރިކަން؛
  3. ކޮޓަރިތެރޭގައި ނުވަތަ ބެރެކްސްތެރޭގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާކަން؛
  4. މަރުކަޒަށް އެތެރެކުރުން ހުއްދަނޫން އެއްޗެއް ކޮޓަރިތެރޭގައި ނުވަތަ ބެރެކްސް ތެރޭގައި ހުރިކަން.

 

83 ވަނަ މާއްދާ - މުއާސަލާތީ ނިޒާމު ގާއިމުކުރުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ މަރުކަޒެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑިއުޓީގަޑީގައި މުއާސަލާތުކުރެވޭނެ އެކަށީގެންވާ ނިޒާމެއް ގާއިމުކޮށްފައި ހުންނަންވާނެއެވެ. މިގޮތުން މުއާސަލާތު ކުރުމަށް ޓަކައި ތިރީގައި ބަޔާންކޮށްފައިވާ އާލާތްތައް ހޯދައިދޭންވާނެއެވެ.

(ހ) ރޭޑިއޯ ސެޓް

(ށ) ޓެލެފޯނު

(ނ) މެގަފޯނު

(ރ) އެނައުންސްމަންޓް ސިސްޓަމް

 

84 ވަނަ މާއްދާ - ސަރވައިލަންސް ސިސްޓަމް ގާއިމުކުރުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ މަރުކަޒެއްގައި ވެސް، މަރުކަޒުގެ ތެރޭގައްޔާއި، ވިންގުތަކާއި، ކޮޓަރިތަކާއި ބެރެކްސްތަކުގެ އެތެރޭގައި ހިނގަމުންދާ ހަރަކާތްތައް ބަލައި މޮނިޓަރކުރުމަށް، ސަރވައިލަންސް ސިސްޓަމް ގާއިމުކޮށްފައި ހުންނަންވާނެއެވެ. މިގޮތުން މި ނިޒާމު ގާއިމުކުރެވޭއިރު ކަރެކްށަނަލް މަރުކަޒުތަކާއި، މަރުކަޒުތަކުގައި ގާއިމުކޮށްފައި ހުންނަ ވިންގުތަކާއި، ކޮޓަރިތަކާއި، ބެރެކްސްތަކާއި، ކަރެކްށަނަލް މަރުކަޒުތަކުގެ ވަށައިގެންވާ ސަރަހައްދު 24 (ސައުވީސް) ގަޑިއިރު މޮނިޓަރކޮށް ރިކޯޑުކުރަންވާނެއެވެ.

 

85 ވަނަ މާއްދާ - ޑިއުރެސް އެލަވަންސް ސިސްޓަމް ގާއިމުކުރުން

ޑިއުރެސް އެލާމް ސިސްޓަމަކީ، ކަރެކްށަނަލް މަރުކަޒުތަކަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ކަރެކްށަނަލް މަރުކަޒުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ޑިއުޓީގައި އުޅޭ ވަގުތުތަކުގައި އެއްވެސްކަހަލަ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ ކަރެކްށަނަލް މަރުކަޒުގެ ކޮންޓްރޯލް ރޫމަށް ނުވަތަ އެނޫން ފަރާތްތަކަށް ފަސޭހަކަމާއެކު އެކަން އެންގުމަށް ޓަކައި ގާއިމުކުރެވޭ ނިޒާމެކެވެ. މިގޮތުން ކަރެކްށަނަލް މަރުކަޒުތަކަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ކަރެކްށަނަލް މަރުކަޒުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކައުތެރިކަމަށް ޓަކައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ ކަރެކްށަނަލް މަރުކަޒެއްގައި ވެސް މި ސިސްޓަމް ގާއިމުކުރަން ވާނެއެވެ.

 

86 ވަނަ މާއްދާ - އަލިފާން ނިއްވާ ނިޒާމު ގާއިމުކުރުން

(ހ) ފަޔަރ އެލާރމް ސިސްޓަމަކީ ކަރެކްށަނަލް މަރުކަޒުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފާނެކަމަށް ބަލައި، އެފަދަ ހާދިސާއަކުން ކަރެކްށަނަލް މަރުކަޒުގައި ތިބޭ ކުދިންނާއި ކަރެކްށަނަލް މަރުކަޒުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންނާއި އިމާރާތާއި މުދާ ރައްކައުތެރިކުރުމުގެ ގޮތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ ކަރެކްށަނަލް މަރުކަޒެއްގައި ވެސް ގާއިމުކޮށްފައި ހުންނަންވާނެ ސިސްޓަމެކެވެ.

(ށ) ކަރެކްށަނަލް މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، އެ އަލިފާން ވީހައިވެސް އަވަހަކަށް ނިއްވައިލެވޭނެ ފަދަ ނިޒާމެއް ކަރެކްށަނަލް ކޮންމެ މަރުކަޒެއްގައި ވެސް ގާއިމުކުރަން ވާނެއެވެ.

(ނ) ގާއިމުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމުގެ ތެރޭގައި ހިމެނޭ އާލާތްތަކަކީ، މުއްދަތު ހަމަނުވާ ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތިކަން ޑައިރެކްޓަރ ކަށަވަރު ކުރަންވާނެއެވެ.

(ރ) މަރުކަޒުގައި ބެހެއްޓޭ މިފަދަ އާލާތްތައް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރާނެ ގޮތުގެ ތަމްރީނު، އެ އޮފިސަރުންނާއި މުވައްޒަފުންނަށް ދިނުމާއި، އެފަދަ ތަމްރީނުތަކުގެ ރިޕްރެށަރ ޕްރޮގުރާމުތައް ކަނޑައަޅާ ވަކި އުސޫލަކުން، ކުރިޔަށްގެންދަންވާނެއެވެ.

(ބ) މިފަދަ ހާލަތެއްގައި އަމަލުކުރާނެ އިވެކުއޭށަން ޕްލޭނެއް ތައްޔާރުކޮށް، ރައްކައްތެރި މާހައުލެއްގެ ގޮތުގައި ފާހަގަކުރެވޭ "އެސެމްބްލީ ޕޮއިންޓް" އެއް ކަނޑައަޅައި އިވެކުއޭށަނަށް ބޭނުންކުރާނެ މަގު، މަރުކަޒުގައި ތިބޭ އެންމެހައި މުވައްޒަފުންނާއި ކުދިންނަށް ފަހުމުވޭތޯ ކަށަވަރުކުރަންވާނެއެވެ. އަދި އިވެކުއޭށަނަށް ބޭނުންކުރާނެ މަގު ދައްކުވައިދޭ ޗާޓެއް ވެސް، ފަސޭހައިން ފެންނަ ތަނެއްގައި ހުންނަންވާނެއެވެ.

 

87 ވަނަ މާއްދާ - ސަލާމަތީ އާލާތްތައް ހޯދުން

ކަރެކްށަނަލް މަރުކަޒުގައި ތިބޭ ކުދިންނާއި، ކަރެކްށަނަލް މަރުކަޒުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންނާއި، ކަރެކްށަނަލް މަރުކަޒަށް ޒިޔާރަތްކުރާ އެނޫންވެސް ފަރާތްތަކާއި، އެ މީހުން ގެންގުޅޭ ތަކެއްޗާއި، ކަރެކްށަނަލް މަރުކަޒަށް ވަންނަ އުޅަނދުތަކާއި، ކަރެކްށަނަލް މަރުކަޒުގެ އެކި ތަންތަން ބަލައި ފާސްކުރުމަށް ޓަކައި ބޭނުންވާނެ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގާ ކޮންމެ ކަރެކްށަނަލް މަރުކަޒެއްގައި ހުންނަންވާނެއެވެ.

 

88 ވަނަ މާއްދާ - އެއްތަނުން އަނެއްތަނަށް ކުދިން ގެންދިއުމާއި ބަދަލުކުރުން

(ހ) މަރުކަޒުން ބޭރުގައި އެއްތަނުން އަނެއްތަނަށް ކުދިން ގެންދާއިރު ނުވަތަ ބަދަލުކުރާއިރު އެ ކުއްޖެއްގެ ސެކިއުރިޓީ ރޭޓިންގއަށް ބަލައި ކޮންމެ ކުއްޖަކަށް ވެސް މަދުވެގެން 2 (ދޭއް) އޮފިސަރުން ހުންނަންވާނެއެވެ. އަދި މިގޮތަށް ކުދިން ގެންދާއިރު ނުވަތަ ބަދަލުކުރާއިރު، ކުއްޖާއާއެކު ދާ އޮފިސަރުންނަކީ، އެ ކުއްޖަކާ އެއްޖިންސެއްގެ އޮފިސަރުންނަށް ވާންވާނެއެވެ.

(ށ) މަރުކަޒުން ބޭރުގައި އެއްތަނުން އަނެއްތަނަށް ގެންދާއިރު ދެ ޖިންސުގެ ކުދިން އެކުގައި މަހުނިކޮށްގެން ނުވާނެއެވެ.

(ނ) އެއްތަނުން އަނެއްތަނަށް ކުދިން ގެންދާއިރު ނުވަތަ ބަދަލުކުރާއިރު ކުދިންނަށާއި އޮފިސަރުންނަށް އެންމެ ރައްކައްތެރިގޮތެއްގައި އެއްތަނުން އަނެއްތަނަށް ކުދިން ގެންދިޔުމުގެ ނުވަތަ ބަދަލުކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

89 ވަނަ މާއްދާ - ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ކަމެއް ނުކުރުން

(ހ) މަރުކަޒުގައި މަސައްކަތްކުރާ އެއްވެސް އޮފިސަރަކު ނުވަތަ މުވައްޒަފަކު ނުވަތަ މަރުކަޒަށް ޒިޔާރަތްކުރާ އެއްވެސް ފަރާތަކުން، މަރުކަޒުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި އެފަދައިން އަމަލުކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ވެސް ދީގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ކޮށްފި ނަމަ، ނުވަތަ ކުރަން އުޅެފި ނަމަ، ތިރީގައިވާ ފަދައިން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

  1. މަރުކަޒުގެ ސަރަހައްދުން އެ ފަރާތެއް ފޮނުވައިލުން؛
  2. މަރުކަޒަށް ޒިޔާރަތްކުރި ބޭނުން ހުއްޓުވުން؛
  3. ވަކި މުއްދަތަކަށް މަރުކަޒަށް ޒިޔާރަތް ނުކުރެވޭނެ ކަމަށް އެންގުން؛
  4. ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ އަމަލުތައް ހިންގާ ފަރާތްތައް ކަމާބެހޭ އިދާރާއާ ހަވާލުކުރުން.

(ނ) މަރުކަޒުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ޓަކައި، ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް ހަމަޖައްސައިފައިވާ އެއްވެސް ކަމެއް، އެ ނޫން ގޮތަކަށް ކޮށްގެން ނުވާނެއެވެ. އަދި އެފަދައިން އަމަލުކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ވެސް ދީގެން ނުވާނެއެވެ.

 

90 ވަނަ މާއްދާ - ޑިއުޓީ ކުރުން

(ހ) ކޮންމެ މަރުކަޒެއްގައި ވެސް މަރުކަޒު ތެރޭގައިވާ ސަރަހައްދާއި މަރުކަޒު ވަށައިގެން ޑިއުޓީ ޕޮއިންޓްތައް ގާއިމުކޮށް، އެ ތަންތަނުގައި 24 (ސައުވީސް) ގަޑިއިރު ޑިއުޓީއަށް އޮފިސަރުން ބައިތިއްބަންވާނެއެވެ. އަދި ކުއްލި ހާލަތެއް ނުވަތަ ހާދިސާއެއް ދިމާވެއްޖެ ވަގުތެއްގައި އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު އެ ކަމެއް ހައްލުކުރެވޭނެ މިންވަރަށް އެކަށީގެންވާ އަދަދަށް އޮފިސަރުން ބައިތިއްބަންވާނެއެވެ.

(ށ) ކޮންމެ ޑިއުޓީއެއްގައި ވެސް މަރުކަޒުގައި ހިނގާ ކަންތައްތައް މޮނިޓަރކޮށް ސުޕަވައިޒް ކުރުމަށް ޓަކައި އޮފިސަރ އިންޗާޖެއް ހުންނަންވާނެއެވެ.

(ނ) ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް އޮޅުންފިލުވައިދީ، މަސައްކަތާ ގުޅޭގޮތުން އަންގަންޖެހޭ އެނޫންވެސް އެންގުންތައް އަންގަންވާނެއެވެ.

(ރ) މަރުކަޒުތަކުގައި ޑިއުޓީކުރާނޭ ގޮތާއި، ޑިއުޓީގައި އަމަލުކުރާނޭ ތަފުސީލީ މައުލޫމާތު މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކުރަންވާނެއެވެ.

 

91 ވަނަ މާއްދާ - އެމެޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތް

(ހ) މަރުކަޒުގައި އެމެޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތް، މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކުރަންވާނެއެވެ. އަދި އެ ހާލަތްތަކަށް މަރުކަޒުގައި އުޅޭ ކުދިންނާއި އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރިކުރުވަންވާނެއެވެ.

(ށ) ދިމާވެދާނެ ސިއްހީ ކުއްލި ހާލަތެއްގައި ފަރުވާ ދިނުމަށް އޮންކޯލުގައި އަބަދުވެސް މެޑިކަލް އޮފިސަރަކު ހުންނަންވާނެއެވެ. އަދި ސިއްހީ ފުރަތަމަ އެހީ ނުވަތަ "ފަސްޓް އެއިޑް" ދިނުމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތެއް އަބަދުވެސް މަރުކަޒުގައި ގާއިމުވެ ހުންނަންވާނެއެވެ. އަދި ފަސްޓް އެއިޑް ދެވޭނެ ވަސީލަތްތައް (ފަސްޓް އެއިޑް ކިޓާއި އެހެނިހެން ތަކެތި) މަރުކަޒުގައި ފަސޭހައިން ބޭނުންކުރެވޭނެ ފަދަ ގޮތަކަށް އަބަދުވެސް ހުންނަންވާނެއެވެ.

 

92 ވަނަ މާއްދާ - ސެކިއުރިޓީ ނިޒާމު ބެލެހެއްޓުން

(ހ) މަރުކަޒުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި، މުވައްޒަފުންނާއި، މަރުކަޒުތަކުގައި ބައިތިއްބާ ކުދިންނާއި، މަރުކަޒަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކާއި، ތަނުގެ މުދާ ހިމާޔަތްކޮށް މަރުކަޒުތަކުގެ ސަލާމަތާއި ރައްކައުތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ކަނޑައަޅައި އަމަލުކުރާނެ ގޮތްތައް މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކުރަންވާނެއެވެ.

(ށ) މަރުކަޒުގެ ސެކިއުރިޓީ ނިޒާމުގައި އެއްވެސް މައްސަލައެއް ހުރިތޯ ގަވާއިދުން ޑައިރެކްޓަރު ބަލަންވާނެއެވެ. އަދި އެފަދަ މައްސަލައެއް ހުރިކަމަށް ފާހަގަކުރެވިއްޖެ ނަމަ، އެ ކަމެއް ވަގުތުން ހައްލުކުރަންވާނެއެވެ.

 

 

ނުވަވަނަ ބާބު

މަރުކަޒުތަކުގައި ފަރުވާގެ ޕްރޮގްރާމުތައް ހިންގުމާ ގުޅޭ އުސޫލުތައް

 

93 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ މުވައްޒަފުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގައި ތިބޭ ކުދިންނަށް، ފަރުވާގެ ޕްރޮގްރާމް ހިންގުމަށް ޓަކައި ކަމާ ގުޅޭ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ އަންނަނިވި ދާއިމީ މުވައްޒަފުން ތިބެންވާނެއެވެ:

  1. ކައުންސެލަރު؛
  2. ސޯށަލް ވާރކަރ؛
  3. ރީހެބިލިޓޭށަން އޮފިސަރ؛
  4. ކަރެކްށަން އޮފިސަރުން؛
  5. ޕްރޯލް އޮފިސަރުން؛
  6. އިދާރީ މުވައްޒަފުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ތައުލީމާއި ތަޖުރިބާގެ ށަރުތުތައް ކަނޑައެޅުމުގައި، އެންމެ ދަށް މިންގަނޑުކަމަށް ބަލަންވާނީ، ދިވެހި ސިވިލް ސަރވިސްގެ މިފަދަ މަގާމުތަކުގެ ތައުލީމާއި ތަޖުރިބާގެ ށަރުތުތަކަށެވެ.

 

94 ވަނަ މާއްދާ - އިތުރު ފަރާތްތައް

މި ގަވާއިދުގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންނާއި އަންނަނިވި ފަރާތްތަކުގެ ހިދުމަތް ގަވާއިދުން ލިބޭނެ އިންތިޒާމު، ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ހަމަޖެހިފައި އޮންނަންވާނެއެވެ:

(ހ) މުދައްރިސުން؛

(ށ) ދީނީ އިލްމުވެރިން؛

(ނ) ވޮކޭށަނަލް ތަމްރީނުކޮށްދޭ ފަރާތްތައް؛

(ރ) ޑޮކްޓަރުން؛

(ބ) ސައިކޮލޮޖިސްޓުން.

(ޅ) ސައިކިއޭޓްރިސްޓުން

(ކ) ހެލްތު އެސިސްޓެންޓުން

(އ) ދަރުމަވެރިން

 

95 ވަނަ މާއްދާ - މުވައްޒަފުންގެ ގާބިލުކަން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި، އެކިއެކި ހައިސިއްޔަތުން ކުޑަކުދިންނާ މުއާމަލާތުކޮށް އެ ކުދިންގެ މައްޗަށް ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން އެ ކުދިންގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަކީ، ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ހާއްސަ ތައުލީމާއި، ތަމްރީނާއި އަމަލީ ތަޖުރިބާ ލިބިފައިވާ، ދެ ޖިންސުގެ އޮފިސަރުންނާއި މުވައްޒަފުންކަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަށަވަރު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމަށް ޓަކައި، މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އޮފިސަރުންނަށް ތަމްރީނު ދެވޭނެ އަދި އެފަދަ އޮފިސަރުންނާއި މުވައްޒަފުންގެ ގާބިލިއްޔަތު ގަވާއިދުން މުރާޖައާކޮށް ވަޒަންކުރެވޭނެ އިންތިޒާމު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސަންވާނެއެވެ.

(ނ) މަރުކަޒުތަކުގައި ތިބޭ ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ނުވަތަ އެ ކުދިން ބެލެހެއްޓުމަށް އައްޔަނުކުރާ ފަރާތަކީ، ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގެ ދަށުން އެއްވެސް ތުހުމަތެއް ކޮށްފައިވާ ނުވަތަ ދައުވާއެއް ކޮށްފައިވާ ނުވަތަ ހުކުމެއް ކޮށްފައިވާ ނުވަތަ ހުކުމެއް ތަންފީޒުކޮށްފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

 

96 ވަނަ މާއްދާ - މަރުކަޒުގެ މުވައްޒަފުންނަށް އެނގެންޖެހޭ ކަންކަން

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެންމެހައި ގަވާއިދުތައް، މަރުކަޒުގެ މުވައްޒަފުންނަށް އެނގެންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން ވެސް ކުޑަކުދިންނާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ކަންކަން، މަރުކަޒުތަކުގެ މުވައްޒަފުންނަށް އެނގެންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި، އެ ކަންކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް އަންނަ އިސްލާހުތަކާއި ބައިނަލްއަގުވާމީ މުހިންމު މުއާހަދާތަކުގެ ދަށުން އަޅާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަމާއި ކުޑަކުދިންގ 'ހައްގުތައް ހިމާޔަތްކުރުމާ ގުޅުންހުރި ފަންނީ މައުލޫމާތާއި، ތަމްރީނުގެ ޕްރޮގުރާމުތައް ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުން އިންތިޒާމުކޮށް، ހިންގައި، ކަމާގުޅޭ އެހެން ފަރާތްތަކުން ހިންގާ އެފަދަ ތަމްރީނު ޕްރޮގުރާމުތަކުގައި ބައިވެރިކުރަންވާނެއެވެ. 

 

97 ވަނަ މާއްދާ - ފަރުވާގެ ޕްރޮގްރާމްތައް

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ހޭދަކުރާ ދުވަސްތަކުގައި، އެ ކުދިން ކުށްކުރުމުން ދުރުހެލިކޮށް، އަނބުރާ މުޖުތަމައަށް ގެނައުމަށް ޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ފަރުވާގެ ޕްރޮގުރާމުތައް މަރުކަޒުތަކުގައި ހިންގަންވާނެއެވެ:

  1. އަހުލާގީ މައްސަލަތައް އިސްލާހުކުރުމަށް ހާއްސަކުރެވޭ ޕްރޮގުރާމުތައް؛
  2. ޑްރަގް ރީހެބިލިޓޭށަން ޕްރޮގުރާމުތައް ނުވަތަ ފަރުވާގެ ޕްރޮގުރާމުތައް؛
  3. އަނިޔާވެރި އަދި ބޮޑެތި ކުށްކަމުގައިނުވާ ކުށްކުށުގައި ށާމިލުވާ ކުދިންނަށް ހިންގޭ އިސްލާހީ ޕްރޮގުރާމުތައް؛
  4. ބަދުއަހްލާގީ އަދި ޖިންސީ އަމަލުތަކުގައި ށާމިލުވާ ކުދިންނަށް ހާއްސަކޮށްގެން ހިންގާ އިސްލާހީ ޕްރޮގުރާމުތައް؛
  5. މުޖުތަމައާ އެކަހެރިކޮށް ތިބުމަށްފަހު މުޖުތަމައަށް އަނބުރާ ގެނައުމަށް ތައްޔާރުކޮށްދޭނެ ރީއިންޓަގްރޭށަންއާއި އާފްޓަރ-ކެއަރގެ ޕްރޮގުރާމުތައް. މީގެ ތެރޭގައި މަސައްކަތާއި ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގުރާމުތައް ހިމަނަންވާނެއެވެ؛
  6. އިތުރު ކުށަކަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެކި ސަބަބުތަކަށް ޓަކައި ކުށްކުރުމުގައި ށާމިލުވާ ކުދިން އިސްލާހުކޮށް، ރީހެބިލިޓޭޓްކުރުމަށް ޓަކައި ހިންގާ ހާއްސަ ޕްރޮގުރާމުތައް.
  7. ރުޅި ކޮންޓްރޯލްކުރުމާއި ރަނގަޅު ނިންމުންތައް ނިންމުމަށް ބާރުއަޅާ ޕްރޮގްރާމްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި، ކައުންސެލިންގ ޕްރޮގްރާމްތަކާއި، ވޮކޭށަނަލް ޕްރޮގްރާމްތަކާއި، ލައިފް ސްކިލްސް ޕްރޮގްރާމްތަކާއި، ވަކި ކަމަކަށް ހާއްސަ އިންޓެންސިވް ޕްރޮގްރާމްތަކާއި، މުޖުތަމައަށް ހިދުމަތްކުރުމުގެ ޕްރޮގްރާމްތަކާއި، އެނޫންވެސް އާންމު ހާލަތަށާއި ކުއްޖާއާއި އާއިލާގެ ހާލަތަށް ހާއްސަކުރެވިގެން ހިންގޭ ރީހެބިލިޓޭށަންގެ ޕްރޮގްރާމްތައް ހިމަނަންވާނެއެވެ.

 

98 ވަނަ މާއްދާ - ޕްރޮގްރާމް އެކުލަވައިލުން

(ހ) މި ގަވާއިދުގެ 97 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތައް އެކުލަވައިލައި، އެ ޕްރޮގްރާމްތައް ހިންގާނީ، ފަރުވާގެ އަންނަނިވި ނިޒާމުތައް ހިމެނޭ ގޮތުންނެވެ.

  1. ކައުންސެލިންގ ޕްރޮގްރާމްތައް؛
  2. ގްރޫޕް ކައުންސެލިންގ ޕްރޮގްރާމްތައް؛
  3. ފެމިލީ ކޮންފަރެންސްތައް؛
  4. ކޮމިއުނިޓީ ކޮންފަރެންސްތައް؛
  5. ކޭސް ކޮންފަރެންސްތައް؛
  6. ތައުލީމީ ޕްރޮގްރާމްތައް؛
  7. ވޮކޭށަނަލް ޕްރޮގްރާމްތަކާއި، ލައިފް ސްކިލް ޕްރޮގްރާމްތައް؛
  8. ވަކި ކަމަކަށް ހާއްސަ އިންޓެންސިވް ޕްރޮގްރާމްތައް؛
  9. މުޖުތަމައަށް ހިދުމަތްކުރުމުގެ ޕްރޮގްރާމްތައް؛
  10. އާންމު ހާލަތަށާއި ކުއްޖާއާއި އާއިލާގެ ހާލަތަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތައް؛
  11. މުނިފޫހިފިލުވުމާއި، ކުޅިވަރާއި، ހަށިގަނޑުގެ ތަރުބިއްޔަތު އެކުލެވޭ ޕްރޮގްރާމްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގުރާމުތަކުގެ ތެރޭގައި، ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ޕްރޮގުރާމުތައް ވެސް ހިމަނަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ހިންގާ ޕްރޮގުރާމުތަކުގައި ބައިވެރިކުރާ ކުދިން އެ ޕްރޮގުރާމުގައި ބައިވެރިކޮށްފައިވާ މުއްދަތުގައި، މަރުކަޒުތަކުން އެ ކުއްޖާ ރަނގަޅަށް މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ. އެގޮތުން ކުދިން މޮނިޓަރކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް، މަރުކަޒުން އެކުލަވައިލާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ހިމަނަންވާނެއެވެ.

(ރ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ހިންގާ ފަރުވާގެ ޕްރޮގުރާމުތައް ހިންގަންވާނީ ގަވާއިދު ނަންބަރު 2021-117 (ކުޑަކުދިންގެ އަދުލުގެ އާންމު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

99 ވަނަ މާއްދާ - ކޮންމެ ކުއްޖަކާ ގުޅޭ ފަރުވާގެ ޕްލޭނެއް އެކުލަވައިލުން

މަރުކަޒަށް ގެންނަ ކޮންމެ ކުއްޖަކާ ގުޅޭގޮތުން، އެ މަރުކަޒެއްގައި ހިންގާ ފަރުވާގެ ޕްރޮގުރާމުތައް ހިމަނައި، އެ ކުއްޖަކަށް އެންމެ އެކަށޭނަ ފަރުވާގެ ޕްލޭނެއް މަރުކަޒުން އެކުލަވައިލަންވާނެއެވެ.

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޖާގެ ފަރުވާގެ ޕްލޭން އެކުލަވައިލާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށް ފަހުގައެވެ.

  1. ކުއްޖާގެ އުމުރު؛
  2. ކުއްޖާ ކޮށްފައިވާ ކުށް ނުވަތަ އަމަލާއި، އެ ކުށުގެ ނުވަތަ އަމަލުގެ ކުޑަބޮޑުމިން؛
  3. ކޯޓުގެ ހުކުމް؛
  4. ކުއްޖާގެ ސިއްހީ ހާލަތާއި ނަފްސާނީ ހާލަތާއި، ޖިސްމާނީ ހާލަތު؛
  5. ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު؛
  6. ކުއްޖާއާ ގުޅޭގޮތުން ހަދައިފައިވާ ރިސްކް އެސެސްމަންޓް ރިޕޯޓުތައް؛
  7. ކުއްޖާގެ މެޑިކަލް އެސެސްމަންޓް؛
  8. ކޮންމެ ފަރުވާގެ ޕްލޭނެއް އެކުލަވައިލުމުގައި، ވެސް ކުދިންގެ އުމުރާއި ޖިންސަށާއި ކުއްޖާ ތަރައްގީވެފައިވާ މިންވަރަށް ރިއާޔަތްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  9. ފަރުވާގެ ޕްލޭނުގައި ހިމެނޭ ޕްރޮގުރާމުތަކުގެ އަލީގައި، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ނަތީޖާ.

 

100 ވަނަ މާއްދާ - މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމާއި ޕެރޯލްގެ ދަށުން ދޫކުރުން

ގަވާއިދު ނަންބަރު 2023-92 (މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އަމަލުކުރަންވާނެއެވެ.

 

101 ވަނަ މާއްދާ - ޕެރޯލް އޮފިސަރުން އައްޔަންކުރުން

(ހ) ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކުރެވޭ ކުދިންނަށް ޕެރޯލްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް މަގުފަހިކޮށްދީ، އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ޓަކައި ކަނޑައަޅާ ޕެރޯލް އޮފިސަރުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕެރޯލް އޮފިސަރުންގެ ޒިންމާތަކާއި އަމަލުކުރާނޭ އުސޫލުތައް ހިމެނޭ ގޮތަށް އެކުލަވައިލާ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެކުލަވައިލަންވާނެއެވެ.

 

102 ވަނަ މާއްދާ - ޕެރޯލް އޮފިސަރުންގެ ޒިންމާތައް

(ހ) ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކުރެވޭ ކުދިންނަށް ޕެރޯލްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް މަގުފަހިކޮށްދީ، އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ޓަކައި ކަނޑައަޅައިފައިވާ ޕެރޯލް އޮފިސަރުންގެ ޒިންމާތައް، ތިރީގައި މި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ޕެރޯލްގެ ދަށުން ދޫކުރުމުގެ ކުރިން ޖުވެނައިލް ޕެރޯލް ކޮމިޓީން ކޮށްފައިވާ ށަރުތުތައް ކުއްޖާއަށް ބުނެދިނުމާއި، ސޮއިކުރަންޖެހޭ ލިޔެކިޔުންތަކުގައި ހިމެނޭ އެންމެހައި ކަންތައްތަކުގެ ތަފުސީލު، ޕެރޯލްގެ ފުރުސަތު ދޭ ކުއްޖާއަށާއި، ކުއްޖާއާ ހަވާލުވާ ބެލެނިވެރިޔާއަށް އޮޅުންފިލައި ސާފުވެފައިވާކަން ޔަގީންކުރުން.

(ށ) ޕެރޯލްގެ ދަށުން ދޫކޮށްލައިފައިވާ ކުދިން ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް މަގުފަހިކޮށްދީ، އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުން.

(ނ) ޕެރޯލްގެ ދަށުން ދޫކޮށްލައިފައިވާ ކުދިން ޕެރޯލްގެ އެއްވެސް ށަރުތަކާ ހިލާފުވެއްޖެ ނަމަ، ނުވަތަ އެއްވެސް ކުށެއް ކުރާކަމަށް ފާހަގަކުރެވޭ ނަމަ، މި ގަވާއިދުގެ 105 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޖުވެނައިލް ޕެރޯލް ކޮމިޓީއާ ހިއްސާކުރުން

(ރ) ކަނޑައަޅައިފައިވާ ގޮތުގެ މަތީން ޕެރޯލް އޮފިސަރަކަށް ރިޕޯޓުކުރޭތޯ ބެލުމާއި، ކުދިންގެ ހާޒިރީ ރިޕޯޓުހޯދައި، ރިކޯޑު ބެލެހެއްޓުން.

(ބ) ޕެރޯލްގެ ދަށުން ދޫކޮށްފައިވާ ކުއްޖަކު މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވޭތޯ ބެލުމަށް ސާމްޕަލް ނެގުމަށް، ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުން.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ޕެރޯލްއަށް ދޫކުރެވިފައިވާ ކުއްޖާއާ ގުޅޭގޮތުން، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

 

103 ވަނަ މާއްދާ - ޖުވެނައިލް ޕެރޯލް ކޮމިޓީގެ ނިންމުން ހިއްސާކުރުން

(ހ) ގަވާއިދު ނަންބަރު 2023-92 (މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އެއްމަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ޖުވެނައިލް ޕެރޯލް ކޮމިޓީން ހިއްސާކުރާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހުށަހެޅި މަރުކަޒަކަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ފޮނުވަންވާނެއެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުން ކަރެކްށަނަލް މަރުކަޒަށް ހިއްސާކުރާތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ކުއްޖާ ބެހެއްޓިފައިވާ މަރުކަޒަކުން ކުއްޖާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ހިއްސާކޮށް އެކަން ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.

(ނ) ޖުވެނައިލް ޕެރޯލް ކޮމިޓީން ނިންމާ ނިންމުންތައް ކުއްޖާގެ ޕަރސަނަލް ފައިލުގައި ރިކޯޑުކޮށް، ކުއްޖާ ބެހެއްޓިފައިވާ މަރުކަޒެއްގައި ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.

 

104 ވަނަ މާއްދާ - ޕެރޯލް ފުރިހަމަކުރުން

(ހ) ޕެރޯލްއަށް ދޫކުރެވިފައިވާ ކުއްޖަކު އޭނާ އަމަލުކުރަން ކަނޑައެޅިފައިވާ ށަރުތުތަކާ ހިލާފުނުވެ ޕެރޯލްގެ މުއްދަތު ފުރިހަމަކޮށްފި ނަމަ، ޕެރޯލް ނިމޭނެކަމަށް ބަޔާންކޮށްފައިވާ މުއްދަތު ހަމަވާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ޖުވެނައިލް ޕްރޯލް ކޮމިޓީއަށް ޕްރޯލް ފުރިހަމަކުރިކަން އެނގޭނެ ލިޔުންތަކާއެކު ޕްރޯލް އޮފިސަރ އަންގަންވާނެއެވެ.

(ށ) ޖުވެނައިލް ޕްރޯލް ކޮމިޓީން އެ ކުއްޖަކަށް ކަނޑައަޅައިފައިވާ ޕްރޯލްގެ ށަރުތުތަކާ ހިލާފުނުވެ ޕްރޯލްގެ މުއްދަތު ފުރިހަމަކޮށްފިކަމަށް ނިންމައިފި ނަމަ، އެ ނިންމުން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ޖުވެނައިލް ޕްރޯލް ކޮމިޓީން ހިއްސާކުރުމުން އެ ނިންމުން ކުއްޖާގެ ފައިލުގައި ރައްކާކުރަންވާނެއެވެ. އަދި އެ މައުލޫމާތު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި ރައްކާކުރަންވާނެއެވެ.

 

105 ވަނަ މާއްދާ - ޕްރޯލް ށަރުތަކާ ހިލާފުވުން

(ހ) ޕްރޯލްއަށް ދޫކޮށްފައިވާ ކުއްޖެއްގެ ޕްރޯލްގެ ށަރުތުތަކުގެ ތެރެއިން ށަރުތަކާ ހިލާފުވެއްޖެ ނަމަ، އެ މައްސަލައެއް، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، ޖުވެނައިލް ޕްރޯލް ކޮމިޓީއާ ލިޔުމުން ހިއްސާކުރަންވާނެއެވެ.

(ށ) ޖުވެނައިލް ޕްރޯލް ކޮމިޓީން އެ މައްސަލައެއް ބެލުމަށްފަހު، ޖުވެނައިލް ޕްރޯލް ކޮމިޓީން އެ ކުއްޖާއެއްގެ ޕްރޯލްގެ ށަރުތަކާ ހިލާފުވެފައިވާކަމަށް ކަނޑައަޅައިފި ނަމަ، އެ ކުއްޖަކު ކުރިން ހުރި މަރުކަޒަކަށް ވަގުތުން ރުޖޫއަކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މަރުކަޒަކަށް ރުޖޫއަކުރެވޭ ކުއްޖަކަށް އަލުން ޕްރޯލްގެ ފުރުސަތު ދިނުމަށް އެދި ކޯޓަށް ހުށަހަޅަންވާނީ މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ކުއްޖާ މޮނިޓަރ ކުރުމަށްފަހުގައެވެ.

 

106 ވަނަ މާއްދާ - އިންސްޕެކްޓްކުރުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހިންގާ ކަރެކްށަނަލް މަރުކަޒުތައް ބަލައި ފާސްކޮށް އެ ތަންތަނުގައި ކަންކަން ހިންގަނީ ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި، ރިޕޯޓުކުރުމަކީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތެކެވެ.

 

107 ވަނަ މާއްދާ - މުސްތަގިއްލު ކޮމިށަނަކުން އިންސްޕެކްޓްކުރުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހިންގާ މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބޭނެ ގޮތާއި އެ ކުދިންނާމެދު އަމަލުކުރެވޭ ގޮތާއި، އެ ކުދިންނަށް ދޭ ހިދުމަތްތައް އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށާއި، އެ ތަންތަނުގައި ދިމާވާ ހާދިސާތައް ތަހުގީގުކޮށް ބެލުމަށާއި އެނޫންވެސް އެކަމަށް ބޭނުންވެއްޖެ ހާލަތްތަކުގައި މަރުކަޒުތައް އިންސްޕެކްޓްކުރުމުގެ އިހްތިޔާރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އުފެދިފައިވާ ކަމާބެހޭ ކޮމިށަންތަކަށް ލިބިގެންވެއެވެ. އެފަދަ ކޮމިށަންތަކުން މަރުކަޒުތައް އިންސްޕެކްޓުކުރުމަށްފަހު، ކަމާ ގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓު، ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް އާންމުކުރުމުގެ އިހްތިޔާރު އެ ފަރާތްތަކަށް ލިބިގެންވެއެވެ.

 

108 ވަނަ މާއްދާ - ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން އިންސްޕެކްޓްކުރުން

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު ދިވެހިރާއްޖެއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުކަޒުތައް އިންސްޕެކްޓްކުރުމުގެ ހުއްދަ އެ ޖަމްއިއްޔާއަކަށް ނުވަތަ އެ މުއާހަދާއެއް ތަންފީޒުކުރާ ފަރާތަކަށް ލިބިގެންވެއެވެ.

 

109 ވަނަ މާއްދާ - އިންސްޕެކްޓްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

ގާނޫނީ ބާރު ލިބިގެން މަރުކަޒުތައް އިންސްޕެކްޓްކުރުމަށް މަރުކަޒުތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން، ތިރީގައިމިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) އިންސްޕެކްޓްކުރުމުގެ މަސައްކަތުގައި، މަރުކަޒުތަކަށް ޒިޔާރަތްކުރާއިރު، މަރުކަޒުތަކުގެ ގަވާއިދާއި އުސޫލުތަކާ ހިލާފު ކަމެއް ކުރުން.

(ށ) އިންސްޕެކްޓްކުރާ ފަރާތްތައް މަރުކަޒުތަކަށް ވެއްދުމަށް ހުއްދަކޮށްފައިވާ އެއްޗެއް ފިޔަވައި، އެހެން އެއްވެސް އެއްޗެއް މަރުކަޒަށް ވެއްދުން ނުވަތަ ވެއްދުމަށް މަސައްކަތްކުރުން.

(ނ) މަރުކަޒުގައި ހުރި ކުއްޖަކަށް އެއްވެސް އެއްޗެއް ދިނުމާއި، ކުއްޖެއްގެ ފަރާތުން އެއްޗެއް ލިބިގަތުން.

(ރ) މަރުކަޒުގައި އެ މީހެއްގެ ގާތްތިމާގެ ކުއްޖަކު ނުވަތަ އެ މީހެއްގެ މަސްލަހަތާ ގުޅިފައިވާ ކުއްޖަކު ހުރި ނަމަ، އޭނާ ފޮނުވާ ފަރާތަށާއި މަރުކަޒުގެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެކަން ނާންގައި ހުރުން.

 

110 ވަނަ މާއްދާ - އާއިލާއިން ފައިސާ ޖަމާކުރުން

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒަށް ގެނައުމަށްފަހު، މަރުކަޒުގައި ތިބޭ ކުދިންނަށް ފައިސާ ފޮނުވޭނީ ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފައިސާއާ ގުޅޭ ތަފުސީލު ބެލެހެއްޓުމަށް ކޮންމެ ކުއްޖެއްގެ ނަމުގައި، "ޕްރިޒަނަރ އެކައުންޓް މެނޭޖްމަންޓް ސިސްޓަމް" ގައި އެކައުންޓެއް ހުޅުވައި، އެންމެހައި މައުލޫމާތުތައް ރައްކައުތެރިކަމާއެކު ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ނ) މަރުކަޒުގައި ތިބޭ ކުދިންނަށް ފައިސާ ފޮނުވޭނެ އަދަދާއި، ވިޔަފާރިކުރެވޭނެ ގޮތްތަކާއި، ފައިސާއާ ގުޅޭ އެންމެހައި ތަފުސީލު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެކުލަވައިލާ އުސޫލެއްގައި ބަޔާންކުރަންވާނެއެވެ. އަދި މި އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.

 

111 ވަނަ މާއްދާ - ތަކެތި އަތުލުން

(ހ) މަރުކަޒުގައި ކުއްޖާ ބަންދުކުރެވޭ ހިނދު އެ ކުއްޖާގެ އަތުގައި ހުންނަ ގާނޫނާއި ގަވާއިދާ ހިލާފު ތަކެއްޗާއި، މަރުކަޒަށް ވެއްދުން މަނާ ތަކެތި އެ ކުއްޖެއްގެ އަތުން އަތުލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި މަރުކަޒަށް ވެއްދުން މަނާ ތަކެތި ކަމުގައި ބުނެފައި އެވަނީ މި ގަވާއިދުގެ 79 ވަނަ މާއްދާގައި މަރުކަޒަށް ވެއްދުން މަނާ އެއްޗެހި ކަމަށް ބަޔާންކޮށްފައިވާ ތަކެއްޗެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތަކެތި އަތުލުމަށްފަހު، އޭގެ ތެރެއިން ގާނޫނުތައް ހުއްދަކުރާ ނަމަވެސް، މަރުކަޒަށް ވެއްދުން މަނާ ތަކެތި އަތުލިކަމުގެ ސްލިޕް ހަދައި އެ ސްލިޕް އެ ކުއްޖަކަށް ވަގުތުން ހަވާލުކުރަންވާނެއެވެ. މި ސްލިޕް ހަދަންވާނީ އެ ކުއްޖެއްގެ ހާޒިރުގައެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސްލިޕްގައި، ތަކެއްޗާ ހަވާލުވި ޕްރިޒަން އޮފިސަރުގެ ނަމާއި، ސޮއި އޮންނަންވާނެއެވެ. އަދި ސްލިޕް ހަވާލުކުރާ ކުއްޖާގެ މައުލޫމާތާއި ތާރީހު އޮންނަންވާނެއެވެ. މި ލިޔުން، ކުއްޖާގެ ޕާސަނަލް ރިކޯޑު ފައިލުގައި ރައްކައުކުރަންވާނެއެވެ.

 

112 ވަނަ މާއްދާ - ތަކެތި އަތުލުމާ ގުޅޭ އުސޫލު

(ހ) ކުއްޖާގެ އަތުން އަތުލާ ކޮންމެ އައިޓަމެއްގެ ތަފުސީލު ވަކިވަކިން ލިޔެފައި އޮންނަންވާނެއެވެ.

(ށ) ކޮންމެ އެއްޗެއް ނޯޓުކުރާއިރު ވެސް އެ އެއްޗެއް ހުރި/އޮތް ހާލަތެއް ނޯޓު ކުރަންވާނެއެވެ. 

(ނ) އެއްޗެއް ނޯޓުކުރާއިރު، އެ އެއްޗެއް އުފައްދައިފައިވަނީ ކޯންޗަކުންތޯ ނުވަތަ ކޮންކަހަލަ އާދަނަކުންތޯ ބަޔާންކުރަންވާނެއެވެ. (މިސާލަކަށް: ލަކުޑި، ޕްލާސްޓިކް، ލޯ، ފޮތި)

(ރ) އެއްޗެއް ނޯޓުކުރާއިރު، އެ އެއްޗެއްގެ ބްރޭންޑާއި ކުލަ އެނގޭ ނަމަ، އެ ބްރޭންޑާއި ކުލަ ވެސް ނޯޓު ކުރަންވާނެއެވެ.

(ބ) އެއްވެސް ގަހަނާއެއް ނޯޓުކުރާއިރު އެ ގަހަނާއަކީ ސީދާ ރަން ނުވަތަ ރިހި އެއްޗެއްގެ ގޮތުގައި ނޯޓުކޮށްގެން ނުވާނެއެވެ. ނަމަވެސް، އެފަދަ އެއްޗެއް ނޯޓުކުރާނީ އެ ގަހަނާއެއްގެ ކުލައަށް ބަލައިފައެވެ. (މިސާލަކަށް: ރަންކުލައިގެ އަނގޮޓި، ރިހިކުލައިގެ ކެވެލިކޮޅު)

(ޅ) ކޭށްކާޑާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ކްރެޑިޓް ކާޑާއި، ޕާސްޕޯޓް ފަދަ ތަކެތި ނޯޓު ކުރާއިރު އެ ތަކެތީގައި ޖަހައިފައިވާ ނަންބަރު ވެސް ނޯޓުކުރަންވާނެއެވެ.

(ކ) އެއްވެސް ފައިސާއެއް ނޯޓުކުރާއިރު، އެއީ ކޮން ގައުމެއްގެ ފައިސާއެއްކަމާއި އަތުލި ފައިސާގެ އަދަދު، ހިސާބު އަދަދުންނާއި ތާނައިން ނުވަތަ އިނގިރޭސިބަހުން ލިޔަންވާނެއެވެ.

 

113 ވަނަ މާއްދާ - އަތުލެވޭ ތަކެތި ބެލެހެއްޓުން

(ހ) ކުއްޖާގެ އަތުން އަތުލެވޭ ހުރިހާ އެއްޗެއް ވެސް ރައްކައުތެރިކަމާއެކު ބެލެހެއްޓުމަކީ އެ މަރުކަޒަކުން އެ ތަކެއްޗާ ހަވާލުވާ މުވައްޒަފުގެ ޒިންމާއެކެވެ.

(ށ) ކުއްޖާގެ އަތުން އަތުލެވޭ ތަކެތި ވަގުތީގޮތުން މަރުކަޒުގައި ރައްކައުކޮށްފައިވާ ތަނަށް ވަދެވެންވާނީ ހަމައެކަނި އެ ތަނަށް ވަނުމުގެ ހުއްދަ ދީފައިވާ ނުވަތަ އެ މަސައްކަތާ ހަވާލުވެ ތިބި މަރުކަޒުގެ މުވައްޒަފުންނަށެވެ.

(ނ) ކުއްޖާގެ އަތުން އަތުލާ ތަކެތީގެ ތެރެއިން ގިނަދުވަހަށް ނުބެހެއްޓޭ ފަދަ ނުވަތަ އަމިއްލަ ޒާތުގައި ހަލާކުވެ ނެތިދާ ފަދަ ތަކެތި ނައްތައިލެވޭނެއެވެ.

 

114 ވަނަ މާއްދާ - ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި

ކުއްޖާ މަރުކަޒަށް ގެންނަ ހިނދު އެ ކުއްޖެއްގެ އަތުން އަތުލެވޭ އެއްޗަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްޗަކަށް ވާ ނަމަ، އެ އެއްޗެއް އަނބުރާ އެ ކުއްޖާއަށް ރައްދެއް ނުކުރެވޭނެއެވެ. ނުވަތަ އެ ކުއްޖާ ކަނޑައަޅާ ބަލަދުވެރިޔާއަށް އެ އެއްޗެއް ހަވާލެއް ނުކުރެވޭނެއެވެ. އަދި އެ މައްސަލަ އިތުރަށް ތަހްގީގުކުރަންޖެހޭ ނަމަ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފަރާތުން އެ މައްސަލަ ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެއެވެ.

 

115 ވަނަ މާއްދާ - އަތުލެވޭ ތަކެތި ހަވާލުކުރުން

(ހ) ކުއްޖާ މަރުކަޒަށް ގެނެވޭހިނދު، އޭނާގެ އަތުން އަތުލައިފައިވާ މަރުކަޒަށް ވެއްދުން މަނާ ތަކެތި ހުރި ނަމަ، ކުއްޖާ ކަނޑައަޅާ އޭނާގެ ޒިންމާދާރު ބަލަދުވެރިއަކާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ އެއްޗެއް ލިޔުމުން ހަވާލުކުރަންވާނެއެވެ. މިގޮތުން މީހަކު ކަނޑަނާޅައިފި ނަމަ، ނުވަތަ އޭނާ ކަނޑައަޅާ ޒިންމާދާރު ބަލަދުވެރިޔަކު އެ ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ، އެ ކުއްޖަކު މަރުކަޒުން ދޫކޮށްލާއިރު، ޑައިރެކްޓަރުގެ ބެލުމުގެ ދަށުން އެ ތަކެތި އެ ކުއްޖަކާ ލިޔުމުން ހަވާލުކުރަންވާނެއެވެ. އަދި އެ ތަކެތީގެ ތެރެއިން ގިނަދުވަހަށް ނުބެހެއްޓޭ ފަދަ ނުވަތަ އަމިއްލަ ޒާތުގައި ހަލާކުވެ ނެތިދާ ފަދަ ތަކެއްޗަށް ބަދަލެއް ނުދެވޭނެއެވެ.

(ށ) ކުއްޖާ މަރުކަޒަށް ގެނެވޭހިނދު، އޭނާގެ އަތުން އަތުލައިފައިވާ މަރުކަޒަށް ވެއްދުން މަނާނުކުރާ ތަކެތި، ކުއްޖާ ކަނޑައަޅާ ޒިންމާދާރު ބަލަދުވެރިޔަކާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ލިޔުމުން ހަވާލުކުރަންވާނެއެވެ. މިގޮތުން މީހަކު ކަނޑަނާޅައިފި ނަމަ ނުވަތަ އޭނާ ކަނޑައަޅާ ޒިންމާދާރު ބަލަދުވެރިޔަކު އެ ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ އެ ކުއްޖަކު މަރުކަޒުން ދޫކޮށްލާއިރު، އެ ތަކެތި އެ ކުއްޖަކާ ލިޔުމުން ހަވާލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ލިޔުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ. އަދި މި ލިޔުމުގެ ކޮޕީއެއް ފައިލުކޮށް ރައްކައުކުރަންވާނެއެވެ.

  1. ތަކެތީގެ ވެރިފަރާތުގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ބިދޭސީއެއް ނަމަ، ޕާސްޕޯޓު ނަންބަރާއި، ސޮއި؛
  2. ތަކެތި ހަވާލުކުރާ އޮފިސަރުގެ ނަމާއި މަގާމާއި ސަރވިސް ނަންބަރު؛
  3. ތަކެތި އަތުލި ތާރީހާއި، ތަނާއި، ވަގުތާއި ސްލިޕް ނަންބަރު؛
  4. ތަކެތި ހަވާލުކުރި ތާރީހާއި، ތަނާއި، ވަގުތު؛ 
  5. ތަކެތި ހަވާލުކުރެވޭ ފަރާތަކީ ވެރިފަރާތް ކަމުގައި ނުވާ ނަމަ، ތަކެތި ހަވާލުކުރެވޭ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ބިދޭސީއެއް ނަމަ ޕާސްޕޯޓު ނަންބަރާއި، ވެރިފަރާތާ ހުރި ގުޅުން
  6. ތަކެތި ހަވާލުކުރާ އޮފިސަރުގެ ސޮއި

(ރ) ކުއްޖެއްގެ އަތުން އަތުލައިފައިވާ އެއްވެސް އެއްޗެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިވާ ނަމަ ނުވަތަ ހަލާކުވެފައިވާ ނަމަ، ވީ އެންމެ އަވަހަކަށް، އެ މަސައްކަތާ ހަވާލުވެފައިވާ އޮފިސަރަކު ނުވަތަ މުވައްޒަފަކު އެ މައްސަލައާ ގުޅޭ ހާދިސާގެ ރިޕޯޓު ތައްޔާރުކޮށް ޑައިރެކްޓަރަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ޑައިރެކްޓަރަށް ހުށަހެޅުމުން އެ މައްސަލައެއް ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައާ ގުޅޭ އިދާރީ ތަހުގީގު ކުރުމަށް ޓަކައި އެ މައްސަލައެއް ކޮމިށަނަރ އޮފް ޕްރިޒަންސަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނަރ އޮފް ޕްރިޒަންސަށް އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން ރަސްމީ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ތަހުގީގުކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް، އެ ކުއްޖާއަށް ލިޔުމުން އަންގަންވާނެއެވެ.

 

116 ވަނަ މާއްދާ - އަތުލެވޭ ތަކެއްޗާ ހަވާލުނުވުން

ކުއްޖާ މަރުކަޒަށް ގެނެވޭއިރު، ކުއްޖާގެ އަތުން އަތުލާ ތަކެތީގެ ތެރޭގައި ހިމެނޭ، މަރުކަޒަށް ވެއްދުން މަނާކޮށްފައިވާ އެއްޗެއް ނުވަތަ މަރުކަޒަށް ވެއްދުން މަނާކޮށްފައިނުވާ އެއްޗެއް އަނބުރާ ލިބިގަތުމަށް އެ ކުއްޖާ އިއްތިރާޒުކުރާ ނަމަ، އެކަމާ ގުޅޭގޮތުން މަރުކަޒުން އަމަލުކުރަންވާނީ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

117 ވަނަ މާއްދާ - ނިޔާވެފައިވާ ކުދިންގެ ތަކެތި

(ހ) ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒެއްގައި ހުރި ކުއްޖަކު ނިޔާވެއްޖެ ނަމަ، އެ ކުއްޖެއްގެ އަތުން އަތުލައިފައިވާ ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކުއްޖާގެ ބެލެނިވެރިޔާއާ ނުވަތަ އެ ކުއްޖާގެ ބަލަދުވެރިޔާއާ ހަވާލުކޮށްފައިވާކަން މަރުކަޒުން ކަށަވަރުކުރަންވާނެއެވެ. އަދި އެ ކުއްޖާގެ އަތުން އަތުލައިފައިވާ އެއްޗެއް މަރުކަޒުގައި ހުރި ނަމަ، ކުއްޖާގެ ވާރިސުންނާ ލަސްނުކޮށް އެ ތަކެތި ހަވާލުކޮށް، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

(ހ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވާރިޘެއްގެ މައުލޫމާތެއް ނޭނގޭ ނަމަ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ ކުއްޖެއްގެ ވާރިސުން ހޯދުމަށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިއުލާނު ކުރުމަށްފަހު، އެ ކުއްޖެއްގެ ވާރިސުން ހޯދިއްޖެ ނަމަ، ށަރުއީ ކޯޓުން ސާބިތުކޮށްފައިވާ ލިޔުމެއް ހުށަހެޅުމުން، އެ ލިޔުމަކީ ސައްހަ ލިޔުމެއްކަން ކަށަވަރުކުރުމަށްފަހު، އެ ތަކެތި ހަވާލުކުރަންވާނެއެވެ. އަދި އެކަކަށް ވުރެ ގިނަ ވާރިސުން ތިބިކަމަށް ފާހަގަކުރެވިއްޖެ ނަމަ، ވާރިސުންގެ މެދުގައި އެއްބަސްވާ ގޮތެއްގެ މަތީން، އެ ތަކެތި ލިޔުމުން ހަވާލުކުރަންވާނެއެވެ. އަދި އެ ލިޔުންތައް ފައިލުކޮށް ރައްކައުކުރަންވާނެއެވެ.

 

118 ވަނަ މާއްދާ - މަރުކަޒަށް ބޭނުންވާ ތަކެތި ހޯދުން

(ހ) މަރުކަޒުގައި ކުޑަކުދިންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމަށާއި މަރުކަޒު ހިންގުމަށް ޓަކައި ބޭނުންވާ ވަސީލަތްތައް، ކޮންމެ މަރުކަޒެއްގައި ވެސް ގާއިމުކޮށްފައި ހުންނަންވާނެއެވެ.

(ށ) މަރުކަޒުގައި ތިބޭ ކުޑަކުދިންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމަށާއި މަރުކަޒު ހިންގާ ބެލެހެއްޓުމަށް ޓަކައި، ބޭނުންވާ އެންމެހައި ތަކެތީގެ ސްޓޮކެއް އެކަށީގެންވާ އަދަދަކަށް، ކޮންމެ މަރުކަޒެއްގައި ވެސް ހުންނަންވާނެއެވެ.

(ނ) މަރުކަޒަށް ބޭނުންވާ ތަކެތި ހޯދާނީ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީންނެވެ.

(ރ) މަރުކަޒުގައި ހުންނަ ސްޓޮކާއި ހަރުމުދާ، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން ބަލަހައްޓަންވާނެއެވެ.

 

119 ވަނަ މާއްދާ - މަރުކަޒު އެލާޓްކުރުން

(ހ) މަރުކަޒުގައި ބޮޑު އޮޕަރޭށަނެއް ހިންގުމަށް ނުވަތަ މަރުކަޒުގައި ދިމާވާ ކުއްލި ހާލަތަކާ ގުޅިގެން ނުވަތަ އެނޫންވެސް އެފަދަ ހާލަތެއް މެދުވެރިވެގެން، މަރުކަޒު އެލާޓްކުރުމުގެ އިހުތިޔާރު، ޑައިރެކްޓަރަށް ލިބިގެންވެއެވެ.

(ށ) މަރުކަޒު އެލާޓްކުރާ ނަމަ، އެކަމާ ގުޅޭ އެންގުމެއް ޑައިރެކްޓަރ ނެރެންވާނެއެވެ. އަދި މަރުކަޒު އެލާޓްކުރިކަން ކޮމިށަނަރ އޮފް ޕްރިޒަންސްއަށް އަންގަންވާނެއެވެ.

(ނ) މަރުކަޒު އެލާޓްކޮށްފި ނަމަ، އެވަގުތު މަރުކަޒުގައި މަސައްކަތްކުރަން ތިބި ހުރިހާ އޮފިސަރުންނާއި މުވައްޒަފުން ތިބެންވާނީ މަރުކަޒުގެ ސަރަހައްދު ތެރޭގައެވެ. އަދި އެއްވެސް އޮފިސަރަކަށް އަދި މުވައްޒަފަކަށް މަރުކަޒުގެ ސަރަހައްދުން ބޭރަށް ޒަރޫރީ ބޭނުމަކަށް ދެވޭނީ ޑައިރެކްޓަރ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން މަރުކަޒު އެލާޓްކުރުމާ ގުޅޭ އުސޫލުތައް، މަރުކަޒުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

120 ވަނަ މާއްދާ - އިދާރީ ކުށް

ގަވާއިދުގެ މަގުސަދަށް ޓަކައި، މަރުކަޒުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފި ނަމަ، އިދާރީ ކުށެއް ކުރުމުގެ ކުށުން އެ މީހަކު ކުށްވެރިވާނެއެވެ.

(ހ) ބަންދުގައި ތިބޭ ކުޑަކުދިން ކުށެއް ކުރާކަން އެނގިހުރެ، ޑައިރެކްޓަރަށް ނުވަތަ އަންގަންޖެހޭ ފަރާތަކަށް ނޭންގުން.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހިންގާ ކަރެކްށަނަލް މަރުކަޒުތަކުގައި ހުންނަ އެ ސަރވިސްގެ ތަކެތި ނުވަތަ ފައިސާ، އަމިއްލަ ކަންކަމަށް ބޭނުންކުރުން.

(ނ) އެ މީހެއްގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތީގެ ތެރެއިން އެ މީހަކު ޒިންމާވާންޖެހޭ އެއްޗެއް ބެލެހެއްޓުމުގައި ފަރުވާކުޑަކުރުން.

(ރ) އެ މީހަކު އަދާކުރާ ވަޒީފާއާ ފުށުއަރާ ކަމެއް ނުވަތަ މަސައްކަތެއް ކުރުން ނުވަތަ އެފަދަ ކަމެއް ކުރުމުގައި ބައިވެރިވުން ނުވަތަ އެ މީހަކު ވަޒީފާގައި ކުރާ މަސައްކަތް ކުރުމަށް ހުރަސްއެޅޭ ބާވަތުގެ ހަރަކާތެއްގައި ބައިވެރިވުން.

(ބ) ރިށްވަތު ހިފުން ނުވަތަ ރިށްވަތުކަމަށް ބެލެވިދާނެ ހާލަތެއްގައި، ވަޒީފާގެގޮތުން މުއާމަލާތުކުރަންޖެހޭ މީހެއްގެ އަތުން، ނުވަތަ މަރުކަޒުގައި ތިބޭ ކުދިންގެ އަތުން، ނުވަތަ މިފަދަ ކުދިންނާ ގުޅުންހުރި މީހެއްގެ އަތުން ހަދިޔާ ނުވަތަ އެފަދަ އެހެނިހެން ތަކެތި ބަލައިގަތުން.

(ޅ) މަރުކަޒަށް ވެއްދުން މަނާ ތަކެތި، ބަންދުގައި ތިބޭ ކުދިންނަށް ނުވަތަ ބަންދުގައި ތިބޭ ކުދިންގެ ފަރާތުން ބަންދުގައި ހުރި އެހެން ކުއްޖަކަށް ރައްދުކޮށްދީ، މަރުކަޒުގެ ތެރެއަށް ގެނެސް ނުވަތަ މަރުކަޒުން ބޭރަށް ނެރެ ނުވަތަ މަރުކަޒުގެ ތެރެއަށް ވައްދަން އުޅެ ނުވަތަ މަރުކަޒުން ބޭރަށް ނެރެން އުޅެ ނުވަތަ މަރުކަޒުގެ ތެރެއަށް ވެއްދުމަށް ނުވަތަ މަރުކަޒުން ބޭރަށް ނެރުމަށް ހުއްދަކޮށް ނުވަތަ އެފަދަ ކަމަކަށް މަގުފަހިކޮށްދިނުން.

(ކ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހިންގާ ކަރެކްށަނަލް މަރުކަޒުތަކުގެ ޑައިރެކްޓަރުންނަށް ނުވަތަ އެ މަރުކަޒުތަކުގައި މަސައްކަތްކުރާ އެހެނިހެން ކަރެކްށަނަލް އޮފިސަރުންނަށް ނުވަތަ މުވައްޒަފުންނަށް ދޮގު މައުލޫމާތު ދިނުން.

(އ) ބަންދުގައި ހުންނަ ކުއްޖަކު ފިލުމުގައި އެހީތެރިވުން ނުވަތަ ފިލުމަށް މަގުފަހިކޮށްދިނުން ނުވަތަ އެ މީހެއްގެ އިހުމާލުން ބަންދުގައި ހުރި ކުއްޖަކު ފިލުން.

(ވ) ބަންދުގައި ހުރި ކުއްޖަކާ މާރާމާރީ ހިންގުމާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނޫންގޮތަކަށް ބަންދުގައި ހުރި އެއްވެސް ކުއްޖެއްގެ ގަޔަށް އަތްލުން.

(މ) އެއްވެސް އޮފިސަރަކު ނުވަތަ މުވައްޒަފަކު، ބަންދުގައި ތިބޭ ކުދިންނާމެދު އިންސާނިއްޔަތާ ހިލާފު ނުވަތަ އަނިޔާވެރި އަމަލެއް ހިންގުން

(ފ) މަރުކަޒުގައި ހުރި ކުއްޖަކާ އަދި މަރުކަޒުގައި ހުރި ކުއްޖެއްގެ އަނބިމީހާއާ ނުވަތަ ފިރިމީހާއާ ލޯބީގެ ގުޅުން ހިންގުން.

(ދ) މަރުކަޒުގައި އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ ވާޖިބު އަދާކުރުމުގައި ލިބޭ މައުލޫމާތާއި، މަރުކަޒުގައި ބައިތިއްބައިފައި ތިބޭ ކުދިންނާއި، މަރުކަޒުން ދޫކޮށްފައިވާ ކުދިންގެ މައުލޫމާތު ހާމަކުރުމާއި، އެއްވެސް ޒަރީއާއަކުން ށާއިއުކުރުން.

(ތ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެންމެހައި ގަވާއިދުތަކާއި، މި ގަވާއިދާއި، މަރުކަޒުގައި އަމަލުކުރުމަށް އެކުލަވައިލައިފައިވާ އެންމެހައި އުސޫލުތަކާއި، މަރުކަޒުން އެކުލަވައިލައިފައިވާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކުރުމާއި، އެ މީހަކާ ހަވާލުކޮށްފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުން ނުވަތަ ފަރުވާ ކުޑަކުރުން.

(ލ) މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑަށް ވުރެ ދަށް ފަންތީގެ އަމަލުކުރުން ނުވަތަ ހުތުރުބަހުން މުއާމަލާތުކުރުން ނުވަތަ މުހާތަބުކުރުން.

(ގ) އަމިއްލަ ނަފްސުގެ ސާފުތާހިރުކަން ކުޑަވުމާއި މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގައި ސާފުތާހިރުކަން ކުޑަވުން.

(ޏ) އެ މީހަކަށް ނިސްބަތްނުވާ ޔުނިފޯމެއް ނުވަތަ އެފަދަ ޔުނިފޯމެއްގެ ބައެއް ބޭނުންކުރުން ނުވަތަ އެ މީހެއްގެ ޔުނިފޯމެއްގެ ބައެއް ނަހަމަގޮތުގައި ބޭނުންކުރުން.

(ސ) އެ މީހަކާ ހަވާލުކޮށްފައިވާ އެއްވެސް އާލާތަކަށް ނުވަތަ އުޅަނދަކަށް ނުވަތަ ޔުނިފޯމަކަށް ނުވަތަ ހަތިޔާރަކަށް ގެއްލުމެއް ލިބިއްޖެ ހިނދެއްގައި، އެކަން އަންގަންޖެހޭ ފަރާތަށް ނާންގައި އޮތުން.

(ޑ) އެހެން އޮފިސަރުންގެ ނުވަތަ މުވައްޒަފުންގެ މަސައްކަތަށް އަސަރުކޮށްފާނެ ފަދަ ނުވަތަ އޮފިސަރުން ނުވަތަ މުވައްޒަފުންގެ މެދުގައި މަސްލަހަތު ގެއްލޭ ފަދަ ހަގީގަތާހިލާފު ވާހަކަދެއްކުން.

(ޒ) އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމާއި ހަގީގަތް އޮޅޭގޮތަކަށް ސައްހަނޫން އެއްވެސް މައުލޫމާތެއް ހާމަކުރުމާއި ސަރުކާރުގެ ނުވަތަ އޮފީހުގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވައިލައި ބަދަލުކުރުން.

(ޓ) ސިއްހަތާބެހޭ ވުޒާރާއިން ކަނޑައަޅައިފައިވާ ގައިން ގަޔަށްއަރާ ޒާތުގެ ބައްޔެއް ހުރެ، އެކަން އަންގަންޖެހޭ ފަރާތަށް ނާންގައި ޑިއުޓީއަށް ނުކުތުން.

(ޔ) ހުއްދަ ނެތި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އުޅަނދެއް ބޭނުންކުރުން ނުވަތަ ދުއްވުން.

(ޕ) މަސައްކަތުގެ ދާއިރާގައި އެހެން އޮފިސަރުންނާ ނުވަތަ މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ނުކުރުން ނުވަތަ އެކަންކަމަށް އެއްބާރުލުން ނުދިނުން.

(ޖ) ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދިނުން.

(ޗ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ނުވަތަ މަރުކަޒުގެ އެއްވެސް މައުލޫމާތެއް ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ހާމަކުރުން ނުވަތަ ދޫކުރުން ނުވަތަ ބޭރުކުރުން. ނުވަތަ ކޮޕީހެދުން، ނުވަތަ ރިކޯޑުކުރުން ނުވަތަ އެ ނޫންގޮތަކުން ވެސް މިއިން ކަމަކަށް މަގުފަހިކުރުން ނުވަތަ އެހީތެރިވެދިނުން.

(ހހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ބަދުނާމުވާ ފަދަ ކަމެއް ކުރުން.

(ހށ) ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެންމެހައި ގަވާއިދުތަކާއި، މަރުކަޒުގައި އަމަލުކުރުމަށް އެކުލަވައިލައިފައިވާ އެންމެހައި އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރގައި މަނާކޮށްފައިވާ އަމަލަކަށް އަރައިގަތުން ނުވަތަ އެއިން ކަމަކަށް ހިތްވަރުދިނުން.

 

121 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި ގަވާއިދުގެ 120 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރީ ކުށެއް ކޮށްފި ނަމަ، އެ އޮފިސަރަކާމެދު ނުވަތަ މުވައްޒަފަކާމެދު، ގަވާއިދު ނަންބަރު 2015-218 (މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު) ގައި ކަނޑައަޅައިފައިވާ އުސޫލުން އެ މީހަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

 

ތިންވަނަ ބާބު

އެހެނިހެން ކަންކަން

 

122 ވަނަ މާއްދާ -އުސޫލުތައް ހެދުން 

މި ގަވާއިދުގެ ދަށުން ހަދަންޖެހޭކަމަށް ބަޔާންކޮށްފައިވާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުސޫލުތައް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މަރުކަޒުތަކުން ހަދައި މަރުކަޒުތަކުގައި ފެންނަން ހުންނާނެ ގޮތަކަށް ބަހައްޓަންވާނެއެވެ.

 

123 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ނުވަތަ "ކުޑަކުދިން" ނުވަތަ "ކުދިން" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރި އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނާއި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށަށް ގެނެސްފައި ވަނިކޮށް ކުޑަކުއްޖެއްގެ ހައިސިއްޔަތު ގެއްލިފައިވާ މީހުންނަށެވެ.

(ށ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ހަވާލުވެތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) "ޖިނާއީ ބޮޑު ކުށެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 22 ވަނަ މާއްދާގައިވާ ކުށްތަކަށެވެ.

(ރ) "ބަދަލުވަމުންދާ ގާބިލިއްޔަތު" ކަމަށް ބުނެފައި އެވަނީ، މަރުކަޒަށް ގެނައި އިރު ކުއްޖާ ހުރި ހާލަތުން ކުއްޖާގެ އުޅުމާއި އަހްލާގަށާއި ވިސްނުމަށް އަންނަ ބަދަލުތައް ދެނެގަތުމަށެވެ.

(ބ) "ޑައިރެކްޓަރ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ މަގްސަދުތައް ހާސިލުކުރުމަށް އެ މަރުކަޒެއްގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އައްޔަނުކުރާ މީހަކަށެވެ.

(ޅ) "ވަޒީރު" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވަޒީރަށެވެ.

(ކ) "ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(އ) "ކަރެކްށަނަލް މަރުކަޒު" ނުވަތަ "މަރުކަޒު" ނުވަތަ "މަރުކަޒުތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 82 ވަނަ މާއްދާއަށް ރިއާޔަތްކޮށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދަށުން ހިންގުމަށް ގާއިމުކޮށްފައިވާ މަރުކަޒުތަކަށެވެ. 

(ވ) "އިންސްޕެކްޓަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން އައްޔަނުކޮށްފައިވާ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށެވެ.

(މ) "މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒެއްގައި މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ މުވައްޒަފުންނަށެވެ.

(ފ) "އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތްކުރާ ހުވާކޮށްގެން ތިބި ޔުނީފޯމު އެޅި އޮފިސަރުންގެ ތެރެއިން ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ ދަށުން ކުޑަކުދިންގެ މަރުކަޒެއްގައި މަސައްކަތްކުރުމަށް އައްޔަނުކޮށްފައިވާ މުވައްޒަފުންނަށެވެ.

(ދ) "ޕެޓްޑައުން ސާރޗް" ކަމަށް ބުނެފައި އެވަނީ، ލައިގެންހުރި ހެދުމުގެ މަތީން އަތްކާތައިލައިގެން މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމަށެވެ.

(ތ) "ސްޓްރިޕް ސާރޗް" ކަމަށް ބުނެފައި އެވަނީ، ލައިގެންހުރި އަންނައުނުތައް ބާލައިގެން މީހެއްގެ ހަށިގަނޑު ބަލައި ފާސްކުރުމަށެވެ.

(ލ) "އެންޓި ޓޯޗަރ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު) އަށެވެ.

(ގ) "ކޮމިށަނަރ އޮފް ޕްރިޒަންސް" ނުވަތަ "ކޮމިށަނަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ފަރާތަށެވެ.

(ޏ) "ޕެރޯލް" ކަމަށް ބުނެފައި އެވަނީ، ހުކުމް ތަންފީޒުކުރަމުންދާ ކުދިންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ކުދިން މުޖުތަމައުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތީން މުޖުތަމައަށް އަލުން އަހުލުވެރިކުރުމަށް ޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ ދަށުން ދޫކުރާ ދޫކުރުމަށެވެ.

(ސ) "ނުރައްކާތެރި އަނިޔާއެއް" ކަމަށް ބުނެފައި އެވަނީ، ކުއްޖެއްގެ ހަށިގަނޑުގެ ގުނަވަނަކަށް ނުވަތަ އެއްވެސް ހިއްސަކަށް، ބޮޑު އަނިޔާއެއް ލިބުމެވެ.

(ޑ) މި ގަވާއިދުގެ މަގުސަދަށް ޓަކައި އާއިލާގެ ގޮތުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ހިމެނޭ ގޮތުންނެވެ.

  1. އަނބިމީހާއާއި ފިރިމީހާ؛
  2. މަންމަ، ބައްޕަ / މާމައާއި ކާފަ؛
  3. މަންމަގެ ފިރިމީހާ، ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛
  4. މައިދައިތައާއި ބަފައިބެ؛
  5. އެއްބަނޑުއެއްބަފާ މީހުން، އެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން؛
  6. ބޮޑުދައިތައިންނާއި ބޮޑުބޭބެއިން؛
  7. ބޮޑުދައިތައިންނާއި ބޮޑުބޭބެއިން ކިޔާ ކުދިން؛
  8. ޅިޔަނުން/ފަހަރިން؛
  9. ށަރުއީ ބަލަދުވެރިޔާއާއި ބެލެނިވެރިޔާ.

(ޒ) "ވަގުތީގޮތުން މަރުކަޒުން ދޫކުރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީގޮތުން ކުދިން މަރުކަޒުން ދޫކުރާ ދޫކުރުމަށެވެ.

(ޓ) "މަރުކަޒުގެ ހެލްތު ސެންޓަރ" ކަމަށް ބުނެވިފައި އެވަނީ، މަރުކަޒުތަކުގައި ކުދިންނަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ސެންޓަރަށެވެ.

(ޔ) "ބާރުގެ ބޭނުންކުރުން" ކަމަށް ބުނެވިފައި އެވަނީ، އެއްވެސް ހާލަތެއްގައި ކުއްޖާއަށް ޖިސްމާނީ އަނިޔާއެއް ނުވާގޮތަށް، ކުއްޖާ ކޮންޓްރޯލްކުރާ ކުރުމަށެވެ.

(ޕ) "ޕްރިޒަނަރ އެކައުންޓް މެނޭޖްމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ފައިސާގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ އެޕްލިކޭށަނަށެވެ.

(ޖ) "މަސްޓަރ ނެގުން" ކަމަށް ބުނެފައި އެވަނީ، މަރުކަޒުގައި ތިބި ކުދިންގެ އަދަދު ބަލައި ޗެކްކުރާ ޗެކްކުރުމަށެވެ.

 

124 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 2019-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު