-

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު

(ގާނޫނު ނަންބަރު 2015-13)

 

ފުރަތަމަ ބާބު

ފެށުން 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރާ ފަރާތްތައް އެ ފަންނުގައި މަސައްކަތްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ފަރާތްތަކާގުޅޭ ކަންކަން ބަލައި ތަންފީޒުކުރާނެ ކައުންސިލްތައް އުފައްދައި، އެ ކައުންސިލްތަކުގެ މަސައްކަތުގެ ދާއިރާއާއި ތަންފީޒީ ބާރުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާގުޅޭ އެންމެހައި އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނުގެ މަގްސަދުތައް

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ސިއްހީ ހިދުމަތުގެ ވަކިވަކި ފަންނުތަކުގައި މަސައްކަތްކުރާ ފަރާތްތަކާގުޅޭ ކަންކަން ތަންޒީމުކުރާނެ ކައުންސިލްތައް އުފައްދައި، އެ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން؛

(ށ) ސިއްހީ ހިދުމަތުގެ ވަކިވަކި ފަންނުގައި މަސައްކަތްކުރެވޭނެ ށަރުތުތައް ކަނޑައެޅުން؛

(ނ) ސިއްހީ ހިދުމަތުގެ ފަންނުގެ މަސައްކަތްތެރިން އެމީހުންގެ މަސައްކަތުގެ މާހައުލުގައި ތަބާވާންޖެހޭ މައިގަނޑު އުސޫލުތައް ކަނޑައެޅުން؛

(ރ) ސިއްހީ ހިދުމަތުގެ ފަންނުގެ މަސައްކަތްތެރިންނާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާތައް، ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި ބަލައި ފިޔަވަޅު އެޅޭނެ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ – ރަދީފު

(ހ) މި ގާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމުތައް، މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ.

(ށ) މި ގާނޫނުގައި ހިމެނިގެންވާ މައިގަނޑު ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ، މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު

4 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް

މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގައި އެކުލެވިގެންވާ އަސްލުތައް އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

5 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ފަންނު

"ސިއްހީ ހިދުމަތުގެ ފަންނު" ކަމަށް ބުނެފައި އެވަނީ، ތައުލީމު އަދި/ނުވަތަ ތަޖުރިބާގެ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ށަރުތުހަމަވާ، އަދި އެ ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށް ނިސްބަތްކޮށެވެ.

 

6 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން

"ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން" ކަމަށް ބުނެފައި އެވަނީ، ތައުލީމު އަދި/ނުވަތަ ތަޖުރިބާގެ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ށަރުތުހަމަވާ، އަދި އެ ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުންނާއި، ޑެންޓަލް ޕްރެކްޓިށަނަރުންނާއި، ނަރުހުންނާއި، މިޑްވައިފުންނާއި، އެލައިޑް ހެލްތް ޕްރޮފެށަނަލުންނަށެވެ.

 

7 ވަނަ މާއްދާ - މެޑިކަލް ޕްރެކްޓިށަނަރުން

"މެޑިކަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ޑޮކްޓަރީ ބޭހުގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި މެޑިކަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.

 

8 ވަނަ މާއްދާ - ޑެންޓަލް ޕްރެކްޓިށަނަރުން

"ޑެންޓަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، ޑެންޓިސްޓްރީގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ޑެންޓަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.

 

9 ވަނަ މާއްދާ - ނަރުހުން

"ނަރުހުން"  ކަމަށް ބުނެފައި އެވަނީ، ނަރުސްކަމުގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ނަރުހުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.

 

10 ވަނަ މާއްދާ – މިޑްވައިފުން

"މިޑްވައިފުން" ކަމަށް ބުނެފައި އެވަނީ، މިޑްވައިފަރީގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ، މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި މިޑްވައިފުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.

 

11 ވަނަ މާއްދާ - މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

"މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށެވެ.

 

12 ވަނަ މާއްދާ - މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް

"މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށެވެ.

 

13 ވަނަ މާއްދާ - މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް

"މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށެވެ.

 

14 ވަނަ މާއްދާ - އެލައިޑް ހެލްތް ޕްރޮފެށަނަލުން

"އެލައިޑް ހެލްތް ޕްރޮފެށަނަލުން" ކަމަށް ބުނެފައި އެވަނީ، މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިށަނަރުންނާއި ނަރުހުންނާއި މިޑްވައިފުން ފިޔަވައި ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރާ، މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕްރޮފެށަނަލުންނަށެވެ.

 

15 ވަނަ މާއްދާ - ބިހޭވިއަރަލް ސައިންސްގެ ޕްރޮފެށަނަލުން

"ބިހޭވިއަރަލް ސައިންސްގެ ޕްރޮފެށަނަލުން" ކަމަށް ބުނެފައި އެވަނީ، އިންސާނުން އުޅޭގޮތް ދިރާސާކުރުމުގެ ފަންނު ނުވަތަ ބިހޭވިއަރަލް ސައިންސްގެ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ނަފްސާނީ އިލްމުގެ ޕްރޮފެށަނަލުންނާއި، ތެރަޕިސްޓުންނާއި، ކައުންސެލަރުން ހިމެނެއެވެ.

 

16 ވަނަ މާއްދާ - ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓުން

"ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓުން" ކަމަށް ބުނެފައި އެވަނީ، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އާންމު ދިރިއުޅުމުގައި އެފަދަ ނުކުޅެދުންތެރިކަން ނެތްމީހުން އުޅޭފަދައިން އުޅެން ދަތިވެފައިވާ މީހުންނަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށެވެ.

 

17 ވަނަ މާއްދާ - ކޮމިއުނިޓީ ހެލްތް ޕްރޮފެށަނަލުން

"ކޮމިއުނިޓީ ހެލްތް ޕްރޮފެށަނަލުން" ކަމަށް ބުނެފައި އެވަނީ، މުޖްތަމައުގެ ފެންވަރުގައި ސިއްހީ ފަރުވާދިނުމުގައާއި އާންމު ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ ހެލްތް އޮފިސަރުންނާއި، ފެމިލީ ހެލްތް އޮފިސަރުން ހިމެނެއެވެ.

 

18 ވަނަ މާއްދާ - ކްލިނިކަލް އެންޑް ހެލްތް ޓެކްނޮލޮޖީގެ ޕްރޮފެށަނަލުން

"ކްލިނިކަލް އެންޑް ހެލްތް ޓެކްނޮލޮޖީގެ ޕްރޮފެށަނަލުން" ކަމަށް ބުނެފައި އެވަނީ، ކެމިސްޓްރީ، ހެމަޓޮލޮޖީ، އިމިއުނޮލޮޖީ، ހިސްޓޮލޮޖީ އަދި މައިކްރޯބަޔޮލޮޖީގެ ރޮނގުގައި ބްލަޑް ބޭންކް ކުރުމުގައި މަސައްކަތްކުރާ ޕްރޮފެށަނަލުން ހިމެނޭގޮތުން ކްލިނިކަލް ލެބޯރަޓަރީގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށެވެ.

 

19 ވަނަ މާއްދާ - މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެށަނަލުން

"މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެށަނަލުން" ކަމަށް ބުނެފައި އެވަނީ، މެޑިކަލް ލެބޯރަޓަރީގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށެވެ.

 

20 ވަނަ މާއްދާ - ފާމަސީ ޕްރޮފެށަނަލުން

"ފާމަސީ ޕްރޮފެށަނަލުން" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަންތަނުގައާއި ބޭސްފިހާރަތަކުގައި ބޭސް ތައްޔާރުކުރުމާއި، ދޫކުރުމާއި، ބޭހާބެހޭ މައުލޫމާތު ދިނުމުގައި މަސައްކަތްކުރާ ފާމަސީގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ ފާމަސިސްޓުންނާއި، އެފަދަ ތަންތަނުގައި މަސައްކަތްކުރާ ފާމަސީގެ ރޮނގުން ތައުލީމު އަދި/ނުވަތަ ތަޖުރިބާ ލިބިފައިވާ އެނޫންވެސް ޕްރޮފެށަނަލުން ހިމެނޭގޮތުންނެވެ.

 

21 ވަނަ މާއްދާ - ޑަޔަޓީށަނުން އަދި ނިއުޓްރިށަނިސްޓުން

"ޑަޔަޓީށަނުން އަދި ނިއުޓްރިށަނިސްޓުން" ކަމަށް ބުނެފައި އެވަނީ، ދުޅަހެޔޮ ސިއްހަތަށް ބޭނުންވާ ކާބޯތަކެއްޗާ ގުޅޭގޮތުން ލަފާދިނުމުގައާއި ޕްރޮގްރާމްތައް ރާވައި ހިންގުމުގައި މަސައްކަތްކުރާ ޕްރޮފެށަނަލުންނަށެވެ.

 

ތިންވަނަ ބާބު

ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރުން

22 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ފަންނުގެ މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތްކުރުން

ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރާ މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިށަނަރުންނާއި، ނަރުހުން އަދި މިޑްވައިފުންނާއި، އެލައިޑް ހެލްތް ޕްރޮފެށަނަލުން މަސައްކަތްކުރަންވާނީ މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

23 ވަނަ މާއްދާ - މެޑިކަލް ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި މަސައްކަތްކުރުން

ދިވެހިރާއްޖޭގައި މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީކޮށް، އެ ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، އެ ލައިސަންސްގައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

24 ވަނަ މާއްދާ - ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުން

ދިވެހިރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓަރީކޮށް، އެ ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، އެ ލައިސަންސްގައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

25 ވަނަ މާއްދާ - އެލައިޑް ހެލްތް ޕްރޮފެށަނަލުންގެ ގޮތުގައި މަސައްކަތްކުރުން

ދިވެހިރާއްޖޭގައި އެލައިޑް ހެލްތް ޕްރޮފެށަނަލެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓަރީކޮށް، އެ ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، އެ ލައިސަންސްގައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

26 ވަނަ މާއްދާ - ވަކި ފަންނެއްގެ ނަން ބޭނުންކުރުން

ސިއްހީ ހިދުމަތުގެ ވަކި ފަންނެއްގައި މަސައްކަތްކުރާ މީހަކަށް އެ ފަންނުގެ ނަމެއް ބޭނުންކުރެވޭނީ އެމީހަކު ނިސްބަތްވާ ފަންނުގެ ދާއިރާއާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން އުފައްދާ ކައުންސިލުން ކަނޑައަޅާ ށަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވާނަމައެވެ.

 

ހަތަރުވަނަ ބާބު

މަސައްކަތުގެ މާހައުލުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތައް 

27 ވަނަ މާއްދާ - ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރަންވީ އާންމު އުސޫލު

ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތުގެ މާހައުލުގައާއި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ އާންމު އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ހ) ހިދުމަތް ފޯރުކޮށްދިނުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ފަރުވާތެރިކަމާއެކު އެ ހިދުމަތެއް ފޯރުކޮށްދިނުމަށް؛

(ށ) ހިދުމަތް ފޯރުކޮށްދިނުމުގައި ގަސްދުގައި ނުވަތަ އެނގިހުރެ، ހިދުމަތް ލިބިގަންނަ ފަރާތަކަށް ގެއްލުމެއް ލިބިދާނެފަދަ އަމަލެއް ނުކުރުމަށް ނުވަތަ އެފަދަ އަމަލެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުނުވުމަށް؛

(ނ) ހިދުމަތް ދިނުމުގައި ހިދުމަތް ލިބިގަންނަ ފަރާތުގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުނުކުރުމަށް؛

(ރ) ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި، ހިދުމަތް ލިބިގަންނަ ފަރާތްތަކާ ގުޅޭގޮތުން ލިބޭ މައުލޫމާތު، ސިއްރުގެ ގޮތުގައި ހިފެހެއްޓުމަށް؛

(ބ) ދީނީ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، ޘަގާފީ ގޮތުންނާއި އަދި އާދަކާދައިގެ ގޮތުން ހިދުމަތް ލިބިގަންނަ ފަރާތާގުޅޭ ކަންކަމަށް އިހްތިރާމުކުރުމާއި، އެކަންކަމާ އެކަށޭނަ އަދި ތައާރުޒުނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް؛

(ޅ) މަސައްކަތާ ގުޅޭގޮތުން ކަންކަން ނިންމަންޖެހޭ ހާލަތުގައި ސިއްހީ ހިދުމަތުގެ ފަންނަށް ކުރިއެރުމާއި އިތުބާރު ލިބޭނެ ގޮތެއްގެމަތިން އަމަލުކުރުމަށް؛

(ކ) ހިދުމަތް ލިބިގަންނަ ފަރާތަށް ފޯރުކޮށްދޭ އެހީތެރިކަމާއި ހިދުމަތްތަކަކީ އެފަރާތެއްގެ ބޭނުންތަކަށް އަމާޒުކުރެވިގެން ފޯރުކޮށްދެވޭ އެހީތެރިކަމާއި ހިދުމަތްތަކެއް ކަމުގައި ހެދުމަށް؛

(އ) ހިދުމަތް ފޯރުކޮށްދޭ މާހައުލަކީ ހިދުމަތް ލިބިގަންނަ ފަރާތަށް އެކަށޭނަ ރައްކާތެރި މާހައުލެއް ކަމުގައި ހަދައި އެފަދަ މާހައުލެއް ދެމެހެއްޓުމަށް މަސައްކަތްކުރުމަށް؛

(ވ) މަސައްކަތުގެ އަހްލާގާއި ސުލޫކު ހިފަހައްޓައި، ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ރައްކާތެރިވާނެ ގޮތެއްގެމަތިން އަމަލުތައް ބެހެއްޓުމަށް؛

(މ) ހިތްހަމަޖެހޭ ދުޅަހެޔޮ ދިރިއުޅުމަކަށް ވާސިލުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިދުމަތް ލިބިގަންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ސިއްހީ މައުލޫމާތުދީ ހޭލުންތެރިކުރުވުމަށް؛

(ފ) ސިއްހީ ހިދުމަތުގެ ފަންނުގައި ހިދުމަތް ދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމަށް؛

(ދ) ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ ނުވަތަ އެނޫންވެސް ރައްޔިތުންނާގުޅޭ ގަވާއިދުތަކާއި އުސޫލުތަކާ ގުޅޭގޮތުންނާއި ސިއްހީ ހިދުމަތުގެ ފަންނުގައި ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތު، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް އަންގަމުން ދިޔުމަށް.

 

28 ވަނަ މާއްދާ - ވަކިވަކި ފަންނުގެ އުސޫލުތައް

މި ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު އުސޫލުތަކުގެ އިތުރުން، މި ގާނޫނުގެ ދަށުން އުފައްދާ ކޮންމެ ކައުންސިލަކުން، އެ ކައުންސިލެއްގެ ދާއިރާގައި މަސައްކަތްކުރާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައާއި މަސައްކަތުގެ މާހައުލުގައި ބަހައްޓަންޖެހޭ ސުލޫކާ ގުޅޭގޮތުން އަމަލުކުރަންޖެހޭ، އެ ފަންނަކަށް ހާއްސަ އުސޫލުތައް، މި ގާނޫނުގެ ދަށުން އެ ކައުންސިލަކުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ފަސްވަނަ ބާބު

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

29 ވަނަ މާއްދާ - މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް)  ދުވަހުގެ ތެރޭގައި މި ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން "މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ބޭނުންކުރަމުން ގެންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން އެ ކައުންސިލަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ކައުންސިލުން އުފުލަންޖެހޭ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ކައުންސިލަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އުފެދުމާއެކު، އެ ކައުންސިލަށް ބަދަލުވީއެވެ.

(ނ) މި މާއްދާގެ (ހ)  ގެ ދަށުން އުފައްދާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އުފެދި، އެ ކައުންސިލުން މި ގާނޫނުގެ 98 ވަނަ މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި އަމަލުކުރަން ފަށަންދެން ކައުންސިލްގެ އެންމެހައި ކަންކަން ހިންގާނީ އެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ. އެހެންނަމަވެސް، އެފަދައިން ކައުންސިލުން ކަނޑައަޅާ އުސޫލުތައް ވާންވާނީ، އާންމުކޮށް ށާއިއުކުރެވިފައިވާ އުސޫލުތަކެއް ކަމުގައެވެ.

 

30 ވަނަ މާއްދާ - މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އެކުލެވިގެންވާ ގޮތް

(ހ) މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކުން އައްޔަންކުރާ 9 (ނުވައެއް)  މެންބަރުންގެ މައްޗަށެވެ.

  1. ދިވެހިރާއްޖޭގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުންގެ ތެރެއިން، އައްޔަންކުރާ 3 (ތިނެއް)  މެޑިކަލް ޕްރެކްޓިށަނަރުން؛
  2. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޑެންޓަލް ޕްރެކްޓިށަނަރުންގެ ތެރެއިން، އައްޔަންކުރާ ޑެންޓަލް ޕްރެކްޓިށަނަރެއް؛
  3. މިނިސްޓަރު އައްޔަންކުރާ ފަރާތެއް؛
  4. މެޑިކަލް ޕްރެކްޓިށަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއް ކަމުގައިނުވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް؛
  5. ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 (ފަހެއް)  އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މެޑިކަލް ނުވަތަ ޑެންޓަލްގެ ރޮނގުން ތަމްރީނު ލިބިފައިވާ މީހެއް؛
  6. ގާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް)  އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ގާނޫނީ ވަކީލެއް؛
  7. ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެންބަރެއް.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި:

  1. "ދިވެހިރާއްޖޭގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މެޑިކަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ މެޑިކަލް ޕްރެކްޓިށަނަރުން ހިމެނޭ ގޮތުންނެވެ.
  2. "ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޑެންޓަލް ޕްރެކްޓިށަނަރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޑެންޓަލް ޕްރެކްޓިށަނަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ ޑެންޓަލް ޕްރެކްޓިށަނަރުން ހިމެނޭ ގޮތުންނެވެ.

 

31 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތު

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުގެ ދަށުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް އައްޔަންކުރާ 3 (ތިނެއް)  މެންބަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް)  މެންބަރު ވާންވާނީ، ސްޕެށަލިސްޓަކަށެވެ. އަދި މަދުވެގެން 1 (އެކެއް)  މެންބަރު ވާންވާނީ، 1 (އެކެއް)  އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ މީހަކު ކަމުގައެވެ.

(ށ) މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)  ގެ (3)  ވަނަ ނަންބަރުގެ ދަށުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް މިނިސްޓަރު އައްޔަންކުރާ މެންބަރު ވާންވާނީ، މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި މަސައްކަތްކުރާ ނުވަތަ ކޮށްފައިވާ، ސިއްހީ ހިދުމަތުގެ ފަންނުގައި ފާހަގަކޮށްލެވޭ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައެވެ.

(ނ) މި މާއްދާގެ (ހ)  އާއި (ށ)  ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް އައްޔަންކުރެވޭ ކޮންމެ މެންބަރެއްގެ ކިބައިގައި، މި ގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ސިފަތައް ފުރިހަމަވާންވާނެއެވެ.

 

32 ވަނަ މާއްދާ - މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް މެންބަރުން އައްޔަންކުރުން

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރު އަދި (2)  ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުން އައްޔަންކުރުމާބެހޭ އެންމެހައި އިދާރީ ކަންކަން ކުރާނީ މިނިސްޓްރީންނެވެ. އަދި އެ ނަންބަރުތަކުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް އައްޔަންކުރާނީ، މިނިސްޓްރީން އާންމުކޮށް އިއުލާންކުރުމުން، އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން، އެންމެ ގިނަ އަދަދެއްގެ މާކްސް ލިބޭ ބައެކެވެ.

(ށ) މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)  ގެ (4)  ވަނަ ނަންބަރުން ފެށިގެން (7)  ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައިވާ ދާއިރާތަކަށް މެންބަރުން ހޮވާނީ، މިނިސްޓްރީން އާންމުކޮށް އިއުލާންކުރުމުން އެ ދާއިރާތަކުން ކުރިމަތިލާ މީހުންގެ ތެރެއިން، މި މާއްދާގެ (ނ)  ގައި ބަޔާންކޮށްފައިވާ ސިލެކްށަން ކޮމިޓީންނެވެ.

(ނ) މި މާއްދާގެ (ށ)  ގެ ދަށުން މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި އަންނަނިވި މެންބަރުންގެ މައްޗަށް އެކުލެވޭ ސިލެކްށަން ކޮމިޓީއެއް މިނިސްޓްރީން އެކުލަވާލަންވާނެއެވެ.

  1. މިނިސްޓްރީން ކަނޑައަޅާ 1 (އެކެއް)  މެންބަރު؛
  2. ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ 1 (އެކެއް)  މެންބަރު؛
  3. މަދަނީ ޖަމްއިޔާއެއްގެ 1 (އެކެއް)  މެންބަރު.

(ރ) މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)  ގެ (4)  ވަނަ ނަންބަރުން ފެށިގެން (7)  ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައިވާ މަގާމުތަކަށް ކުރިމަތިލާ މީހުން، އެ މަގާމުތަކަށް މި މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހޮވުމުގައި ސިލެކްށަން ކޮމިޓީން މާކްސްދޭނެ އުސޫލު ދުރާލާ އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެމަތިން ކައުންސިލަށް މެންބަރުން ހޮވުމުން ނުވަތަ އައްޔަންކުރުމުން، ކައުންސިލް އެކުލަވާލާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެފަދައިން މެންބަރުން އައްޔަންކުރުމުގެ ނުވަތަ ހޮވުމުގެ މަސައްކަތް، މި ގާނޫނުގެ 29 ވަނަ މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ފުރިހަމަކޮށް ނިންމަންވާނެއެވެ.

 

33 ވަނަ މާއްދާ - މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ ށަރުތުތައް ކަނޑައެޅުން؛

(ށ) މެޑިކަލް ޕްރެކްޓިށަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތައުލީމީ ފާސް ގަބޫލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛

(ނ) މެޑިކަލް ޕްރެކްޓިށަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށްޓަކައި ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގެ ތައުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން؛

(ރ) ދިވެހިރާއްޖޭގައި ހިންގާ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގެ ތައުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާއި، އެ ތަންތަނުގައި ތަމްރީނުދިނުމުގެ މަސައްކަތްކުރާ ފަންނުވެރިންގެ ށަރުތުތައް ކަނޑައެޅުމާއި، އެ ތަންތަނުން ހިންގާ ކޯސްތައް އެކްރެޑިޓްކުރުން؛

(ބ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިށަނަރުން ރަޖިސްޓަރީ ކުރުމާއި، އެމީހުންގެ ރަޖިސްޓަރީ ބާތިލުކުރުން؛

(ޅ)  މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިށަނަރުންނަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކޮށްދިނުމާއި، ބާތިލުކުރުން؛

(ކ) މެޑިކަލް ޕްރެކްޓިށަނަރުންނާއި ޑެންޓަލް ޕްރެކްޓިށަނަރުން އެމީހުންގެ މަސައްކަތްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން؛

(އ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިށަނަރުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެމީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އެކަންކަން ތަންފީޒުކުރުމާއި، ގަވާއިދުން އެމީހުންގެ މަސައްކަތުގެ ފެންވަރު ބަލަމުންދިޔުން؛

(ވ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިށަނަރުން އެމީހުންގެ ވަޒީފާ އަދާކުރާ ކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކުރާ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(މ) ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިމްތިހާންތަކަށާއި، އެނޫންވެސް ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ނަގާނެ ފީ ކަނޑައެޅުން؛

(ފ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ތައާރުޒުނުވާނެ ގޮތެއްގެމަތިން، ކޮމިޓީތަކާއި ބޯޑުތައް އުފެއްދުން؛

(ދ) މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިށަނަރުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އައު އުސޫލުތައް ތައާރުފުކުރުމާއި، އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށްޓަކައި އުސޫލުތައް ތައާރުފުކުރުމާއި، މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިށަނަރުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ އުސޫލުތަކަކީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއްކަން ކަށަވަރުކުރުން؛

(ތ) މި ގާނޫނުގެ ދަށުން ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛

(ލ) މި ގާނޫނުން ނުވަތަ އެހެންވެސް ގާނޫނަކުން ކައުންސިލުން ކުރުމަށް ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

34 ވަނަ މާއްދާ - މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން

(ހ) މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން، އެ ކައުންސިލްގެ މެންބަރުންގެ ތެރެއިން ކައުންސިލްގެ ރައީސްކަމަށް އަދި ނައިބު ރައީސްކަމަށް މީހަކު އިންތިހާބުކުރަންވާނެއެވެ.

(ށ) މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވާންވާނީ މެޑިކަލް ޕްރެކްޓިށަނަރުންގެ ތެރެއިން ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރުންގެ ތެރެއިން ކައުންސިލަށް އައްޔަންކުރާ މެންބަރަކަށެވެ.

(ނ) މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެވޭ މީހަކީ، މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން އުފެދޭ، ސިއްހީ ހިދުމަތުގެ ފަންނުގެ އެހެން ކައުންސިލެއް ނުވަތަ ބޯޑެއްގެ މެންބަރެއް ނުވަތަ އިސް މުވައްޒަފެއް ކަމުގައި ވެގެންނުވާނެއެވެ.

 

ހަވަނަ ބާބު

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް 

35 ވަނަ މާއްދާ - މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް)  ދުވަހުގެ ތެރޭގައި މި ގާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެމަތިން "މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި މޯލްޑިވްސް ނަރސިންގ ކައުންސިލްގައި ބޭނުންކުރަމުން ގެންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން އެ ކައުންސިލަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ކައުންސިލުން އުފުލަންޖެހޭ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ކައުންސިލަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އުފެދުމާއެކު، އެ ކައުންސިލަށް ބަދަލުވީއެވެ.

(ނ) މި މާއްދާގެ (ހ)  ގެ ދަށުން އުފައްދާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އުފެދި، އެ ކައުންސިލުން މި ގާނޫނުގެ 98 ވަނަ މާއްދާގެ (ހ)  ގެ (2)  ވަނަ ނަންބަރުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި އަމަލުކުރަން ފަށަންދެން ކައުންސިލްގެ އެންމެހައި ކަންކަން ހިންގާނީ އެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ. އެހެންނަމަވެސް، އެފަދައިން ކައުންސިލުން ކަނޑައަޅާ އުސޫލުތައް ވާންވާނީ، އާންމުކޮށް ށާއިއުކުރެވިފައިވާ އުސޫލުތަކެއް ކަމުގައެވެ.

 

36 ވަނަ މާއްދާ - މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އެކުލެވިގެންވާ ގޮތް

(ހ) މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކުން އައްޔަންކުރާ 9 (ނުވައެއް)  މެންބަރުންގެ މައްޗަށެވެ.

  1. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ރަޖިސްޓަރޑް ނަރުހުންގެ ތެރެއިން، އައްޔަންކުރާ 3 (ތިނެއް)  ނަރުހުން؛
  2. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ރަޖިސްޓަރޑް މިޑްވައިފުންގެ ތެރެއިން، އައްޔަންކުރާ މިޑްވައިފެއް؛
  3. މިނިސްޓަރު އައްޔަންކުރާ ފަރާތެއް؛
  4. ނަރުހެއް ނުވަތަ މިޑްވައިފެއް ކަމުގައިނުވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް؛
  5. ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކުގެ ތެރެއިން ނަރުހުންނާއި މިޑްވައިފުން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 (ފަހެއް)  އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަރުހެއް ނުވަތަ މިޑްވައިފެއް؛
  6. ގާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް)  އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ގާނޫނީ ވަކީލެއް؛
  7. ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެންބަރެއް.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި:

  1. "ދިވެހިރާއްޖޭގައި މަސައްކަތްކުރާ ރަޖިސްޓަރޑް ނަރުހުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ރަޖިސްޓަރޑް ނަރުހުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ނަރުހުންނާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ ރަޖިސްޓަރޑް ނަރުހުން ހިމެނޭ ގޮތުންނެވެ.
  2. "ދިވެހިރާއްޖޭގައި މަސައްކަތްކުރާ މިޑްވައިފުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރޑް ނަރސް މިޑްވައިފުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނާއި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަލަށް ރަޖިސްޓަރީވާ ރަޖިސްޓަރޑް ނަރސް މިޑްވައިފުންނާއި މިޑްވައިފުން ހިމެނޭ ގޮތުންނެވެ.

 

37 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތު

(ހ) މި ގާނޫނުގެ 36 ވަނަ މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުގެ ދަށުން ނަރސިންގ އަދި މިޑްވައިފަރީ ކައުންސިލަށް އައްޔަންކުރާ 3 (ތިނެއް)  މެންބަރުންގެ ތެރެއިން 1 (އެކެއް)  މެންބަރު ވާންވާނީ، މަދުވެގެން 1 (އެކެއް)  އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ އަތޮޅު ތެރޭގައި ލިބިފައިވާ މީހަކު ކަމުގައެވެ.

(ށ) މި ގާނޫނުގެ 36 ވަނަ މާއްދާގެ (ހ)  ގެ (3)  ވަނަ ނަންބަރުގެ ދަށުން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް މިނިސްޓަރު އައްޔަންކުރާ މެންބަރު ވާންވާނީ، ރަޖިސްޓަރޑް ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި 5 (ފަހެއް)  އަހަރުދުވަހު މަސައްކަތްކޮށްފައިވާ، ފާހަގަކޮށްލެވޭ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައެވެ.

(ނ) މި މާއްދާގެ (ހ)  އާއި (ށ)  ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް އައްޔަންކުރެވޭ ކޮންމެ މެންބަރެއްގެ ކިބައިގައި، މި ގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ސިފަތައް ފުރިހަމަވާންވާނެއެވެ.

 

38 ވަނަ މާއްދާ - މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް މެންބަރުން ހޮވުން

(ހ) މި ގާނޫނުގެ 36 ވަނަ މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރު އަދި (2)  ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުން އައްޔަންކުރުމާބެހޭ އެންމެހައި އިދާރީ ކަންކަން ކުރާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ 36 ވަނަ މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރު އަދި (2)  ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް އައްޔަންކުރާނީ، މިނިސްޓްރީން އާންމުކޮށް އިއުލާންކުރުމުން، އެކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން، އެންމެ ގިނަ އަދަދެއްގެ މާކްސް ލިބޭ މީހުންނެވެ.

(ނ) މި ގާނޫނުގެ 36 ވަނަ މާއްދާގެ (ހ)  ގެ (4)  ވަނަ ނަންބަރުން ފެށިގެން (7)  ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައިވާ ދާއިރާތަކަށް މެންބަރުން ހޮވާނީ، މިނިސްޓްރީން އާންމުކޮށް އިއުލާންކުރުމުން، އެ ދާއިރާތަކުން ކުރިމަތިލާ މީހުންގެ ތެރެއިން، މި މާއްދާގެ (ރ)  ގައި ބަޔާންކޮށްފައިވާ ސިލެކްށަން ކޮމިޓީންނެވެ.

(ރ) މި މާއްދާގެ (ނ)  ގެ ދަށުން މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި އަންނަނިވި މެންބަރުންގެ މައްޗަށް އެކުލެވޭ ސިލެކްށަން ކޮމިޓީއެއް މިނިސްޓްރީން އެކުލަވާލަންވާނެއެވެ.

  1. މިނިސްޓްރީން ކަނޑައަޅާ 1 (އެކެއް)  މެންބަރު؛
  2. ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ 1 (އެކެއް)  މެންބަރު؛
  3. މަދަނީ ޖަމްއިއްޔާއެއްގެ 1 (އެކެއް)  މެންބަރު.

(ބ) މި ގާނޫނުގެ 36 ވަނަ މާއްދާގެ (4)  ވަނަ ނަންބަރުން ފެށިގެން (7)  ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައިވާ މަގާމުތަކަށް ކުރިމަތިލާ މީހުން އެ މަގާމުތަކަށް މި މާއްދާގެ (ނ)  ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހޮވުމުގައި ސިލެކްށަން ކޮމިޓީން މާކްސްދޭނެ އުސޫލު ދުރާލާ އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ޅ) މި މާއްދާގައިވާ ގޮތުގެމަތިން ކައުންސިލަށް ކަނޑައެޅޭ މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެފަދައިން މެންބަރުން ހޮވުމުގެ މަސައްކަތް، މި ގާނޫނުގެ 35 ވަނަ މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ފުރިހަމަކޮށް ނިންމަންވާނެއެވެ.

 

39 ވަނަ މާއްދާ - މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ ށަރުތުތައް ކަނޑައެޅުން؛

(ށ) ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތައުލީމީ ފާސް ގަބޫލުކުރާނެ މިންގަނޑުތައް ކަނޑައެޅުން؛

(ނ) ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށްޓަކައި ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން؛

(ރ) ދިވެހިރާއްޖޭގައި ހިންގާ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގެ ތައުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާއި، އެ ތަންތަނުގައި ތަމްރީނުދިނުމުގެ މަސައްކަތްކުރާ ފަންނުވެރިންގެ ށަރުތުތައް ކަނޑައެޅުމާއި، އެ ތަންތަނުން ހިންގާ ކޯސްތައް އެކްރެޑިޓްކުރުން؛

(ބ) ނަރުހުންނާއި މިޑްވައިފުން ރަޖިސްޓަރީ ކުރުމާއި އެމީހުންގެ ރަޖިސްޓަރީ ބާތިލުކުރުން؛

(ޅ) ނަރުހުންނާއި މިޑްވައިފުންނަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކޮށްދިނުމާއި، ބާތިލުކުރުން؛

(ކ)  ނަރުހުންނާއި މިޑްވައިފުން އެމީހުންގެ މަސައްކަތްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން؛

(އ)  ނަރުހުންނާއި މިޑްވައިފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެމީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އެކަންކަން ތަންފީޒުކުރުމާއި، ގަވާއިދުން އެމީހުންގެ މަސައްކަތުގެ ފެންވަރު ބަލަމުންދިޔުން؛

(ވ) ނަރުހުންނާއި މިޑްވައިފުން އެމީހުންގެ ވަޒީފާ އަދާކުރާ ކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކުރާ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(މ) ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިމްތިހާންތަކަށާއި، އެނޫންވެސް ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ނަގާނެ ފީ ކަނޑައެޅުން؛

(ފ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މި ގާނޫނާ ތައާރުޒުނުވާނެ ގޮތެއްގެމަތިން ކޮމިޓީތަކާއި ބޯޑުތައް އުފެއްދުން؛

(ދ) ނަރުހުންނާއި މިޑްވައިފުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އައު އުސޫލުތައް ތައާރުފުކުރުމާއި، އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށްޓަކައި އުސޫލުތައް ތައާރުފުކުރުމާއި، ނަރުހުންނާއި މިޑްވައިފުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ އުސޫލުތަކަކީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއްކަން ކަށަވަރުކުރުން؛

(ތ) މި ގާނޫނުގެ ދަށުން ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛

(ލ) މި ގާނޫނުން ނުވަތަ އެހެންވެސް ގާނޫނަކުން ކައުންސިލާ ހަވާލުކުރާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

 

40 ވަނަ މާއްދާ - މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން

(ހ) މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން، އެ ކައުންސިލްގެ މެންބަރުންގެ ތެރެއިން ކައުންސިލްގެ ރައީސްކަމަށް އަދި ނައިބު ރައީސްކަމަށް މީހަކު އިންތިހާބުކުރަންވާނެއެވެ.

(ށ) މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވާންވާނީ ނަރުހުންގެ ތެރެއިން ނުވަތަ މިޑްވައިފުންގެ ތެރެއިން ކައުންސިލަށް އައްޔަންކުރާ މެންބަރަކަށެވެ.

(ނ) މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެވޭ މީހަކީ މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން އުފެދޭ، ސިއްހީ ހިދުމަތުގެ ފަންނުގެ އެހެން ކައުންސިލެއް ނުވަތަ ބޯޑެއްގެ މެންބަރެއް ނުވަތަ އިސް މުވައްޒަފެއް ކަމުގައި ވެގެންނުވާނެއެވެ.

 

ހަތްވަނަ ބާބު

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް

41 ވަނަ މާއްދާ - މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް)  ދުވަހުގެ ތެރޭގައި މި ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން "މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކައުންސިލެއް އެކުލަވާލަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި މޯލްޑިވްސް ބޯޑް އޮފް ހެލްތް ސައިންސަސްގައި ބޭނުންކުރަމުން ގެންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި، ދައުލަތުގެ ބަޖެޓުން އެ ބޯޑަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ބޯޑުން އުފުލަންޖެހޭ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ބޯޑަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އުފެދުމާއެކު، އެ ކައުންސިލަށް ބަދަލުވީއެވެ.

(ނ) މި މާއްދާގެ (ހ)  ގެ ދަށުން އުފައްދާ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އުފެދި، އެ ކައުންސިލުން މި ގާނޫނުގެ 98 ވަނަ މާއްދާގެ (ހ)  ގެ (3)  ވަނަ ނަންބަރުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި އަމަލުކުރަން ފަށަންދެން އެ ކައުންސިލްގެ އެންމެހައި ކަންކަން ހިންގާނީ އެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ. އެހެންނަމަވެސް، އެފަދައިން ކައުންސިލުން ކަނޑައަޅާ އުސޫލުތައް ވާންވާނީ، އާންމުކޮށް ށާއިއުކުރެވިފައިވާ އުސޫލުތަކެއް ކަމުގައެވެ.

 

42 ވަނަ މާއްދާ - މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އެކުލެވިގެންވާ ގޮތް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އެކުލެވިގެންވަނީ ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތަކުން އައްޔަންކުރާ 11 (އެގާރަ)  މެންބަރުންގެ މައްޗަށެވެ.

(ހ) ދިވެހިރާއްޖޭގައި އެލައިޑް ހެލްތް ޕްރޮފެށަނަލުންގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން، އައްޔަންކުރާ 6 (ހައެއް)  މީހުން؛

(ށ) މިނިސްޓަރު އައްޔަންކުރާ ފަރާތެއް؛

(ނ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކުގެ ތެރެއިން އެލައިޑް ހެލްތް ޕްރޮފެށަނަލުން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 (ފަހެއް)  އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް؛

(ރ) ގާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް)  އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ގާނޫނީ ވަކީލެއް؛

(ބ) އެލައިޑް ހެލްތް ޕްރޮފެށަނަލެއް ކަމުގައިނުވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް؛

(ޅ) ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެންބަރެއް.

 

43 ވަނަ މާއްދާ - މެންބަރުކަމުގެ ށަރުތު

(ހ) މި ގާނޫނުގެ 42 ވަނަ މާއްދާގެ (ށ)  ގެ ދަށުން ކައުންސިލަށް މިނިސްޓަރު އައްޔަންކުރާ މެންބަރު ވާންވާނީ، އެލައިޑް ހެލްތް ޕްރޮފެށަނަލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ކޮށްފައިވާ، ފާހަގަކޮށްލެވޭ ތަޖުރިބާ ލިބިފައިވާ، ސިޔާސީ މަގާމެއްގައި ނެތް މީހެއް ކަމުގައެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުގެ އިތުރުން، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށް އައްޔަންކުރެވޭ ކޮންމެ މެންބަރެއްގެ ކިބައިގައި، މި ގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު ސިފަތައް ފުރިހަމަވާންވާނެއެވެ.

 

44 ވަނަ މާއްދާ - މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށް މެންބަރުން ހޮވުން

(ހ) މި ގާނޫނުގެ 42 ވަނަ މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ 6 (ހައެއް)  މެންބަރުން އައްޔަންކުރުމާބެހޭ އެންމެހައި އިދާރީ ކަންކަން ކުރާނީ މިނިސްޓްރީންނެވެ.

(ށ) މި މާއްދާގެ (ހ)  ގެ ބޭނުމަށްޓަކައި މި ގާނޫނުގެ 42 ވަނަ މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ 6 (ހައެއް)  މެންބަރުންގެ ތެރޭގައި ހިމެނޭނީ މި ގާނޫނުގެ 45 ވަނަ މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ގިންތިތަކެއްގެ ބައެއްކަން މިނިސްޓްރީން ދުރާލާ އާންމުކުރަންވާނެއެވެ. މިނިސްޓްރީން އެފަދައިން ކަނޑައެޅުމުގައި މި ގާނޫނުގެ 45 ވަނަ މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ތަފާތު ގިންތިތަކުގެ މެންބަރުން ވީހާވެސް ފުޅާ ދާއިރާއެއްގައި ކައުންސިލްގައި ތަމްސީލުވާނެ ގޮތެއްގެމަތިން ގިންތި ކަނޑައެޅުމަށް މިނިސްޓްރީން އިސްކަންދޭންވާނެއެވެ.

(ނ) މި ގާނޫނުގެ 42 ވަނަ މާއްދާގެ (ނ)  އިން ފެށިގެން (ޅ)  ގެ ނިޔަލަށް ހުރި މާއްދާތަކުގައިވާ ދާއިރާތަކަށް މެންބަރުން ހޮވާނީ، މިނިސްޓްރީން އާންމުކޮށް އިއުލާންކުރުމުން، އެ ދާއިރާތަކުން ކުރިމަތިލާ މީހުންގެ ތެރެއިން، މި މާއްދާގެ (ރ)  ގައި ބަޔާންކޮށްފައިވާ ސިލެކްށަން ކޮމިޓީންނެވެ.

(ރ) މި މާއްދާގެ (ނ)  ގެ ދަށުން މަގާމުތަކަށް މެންބަރުން ހޮވުމަށްޓަކައި އަންނަނިވި މެންބަރުންގެ މައްޗަށް އެކުލެވޭ ސިލެކްށަން ކޮމިޓީއެއް މިނިސްޓަރު އެކުލަވާލަންވާނެއެވެ.

  1. މިނިސްޓްރީން ކަނޑައަޅާ 1 (އެކެއް)  މެންބަރު؛
  2. ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ 1 (އެކެއް)  މެންބަރު؛
  3. މަދަނީ ޖަމްއިއްޔާއެއްގެ 1 (އެކެއް)  މެންބަރު.

(ބ) މި ގާނޫނުގެ 42 ވަނަ މާއްދާގެ (ނ)  އިން ފެށިގެން (ޅ)  ގެ ނިޔަލަށް ހުރި ނަންބަރުތަކުގައިވާ މަގާމުތަކަށް ކުރިމަތިލާ މީހުން އެ މަގާމުތަކަށް މި މާއްދާގެ (ނ)  ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހޮވުމުގައި ސިލެކްށަން ކޮމިޓީން މާކްސްދޭނެ އުސޫލު ދުރާލާ އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(ޅ) މި މާއްދާގައިވާ ގޮތުގެމަތިން ކައުންސިލަށް ކަނޑައެޅޭ މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

45 ވަނަ މާއްދާ - އެލައިޑް ހެލްތް ޕްރޮފެށަނަލުން

(ހ) ދިވެހިރާއްޖޭގައި އެލައިޑް ހެލްތް ޕްރޮފެށަނަލެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓަރީކޮށް، އެ ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުން، އެ ލައިސަންސްގައިވާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި ބާބުގެ ބޭނުމަށްޓަކައި އެލައިޑް ހެލްތް ޕްރޮފެށަނަލުންގެ ތެރޭގައި ހިމެނޭނީ އަންނަނިވި ގިންތީގެ ޕްރޮފެށަނަލުންނެވެ.

  1. ބިހޭވިއަރަލް ސައިންސްގެ ޕްރޮފެށަނަލުން؛
  2. ކްލިނިކަލް އަދި ފިޒިކަލް ތެރަޕިސްޓުން؛
  3. ކޮމިއުނިޓީ ހެލްތް ޕްރޮފެށަނަލުން؛
  4. ކްލިނިކަލް އެންޑް ހެލްތް ޓެކްނޮލޮޖީގެ ޕްރޮފެށަނަލުން؛
  5. މެޑިކަލް ލެބޯރަޓަރީގެ ޕްރޮފެށަނަލުން؛
  6. ޓްރެޑިށަނަލް، އޯލްޓަނޭޓިވް، އަދި ކޮމްޕްލިމެންޓަރީ މެޑިސިންގެ ޕްރޮފެށަނަލުން؛
  7. ފާމަސީ ޕްރޮފެށަނަލުން؛
  8. ޑަޔަޓީށަނުން އަދި ނިއުޓްރިށަނިސްޓުން؛
  9. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެލައިޑް ހެލްތް ޕްރޮފެށަނަލުންގެ ގޮތުގައި ކަނޑައަޅާ އިތުރު ފަރާތްތައް.

 

46 ވަނަ މާއްދާ - މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އެލައިޑް ހެލްތް ޕްރޮފެށަނަލެއްގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ ށަރުތުތައް ކަނޑައެޅުން؛

(ށ) އެލައިޑް ހެލްތް ޕްރޮފެށަނަލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތައުލީމީ ފާސް ގަބޫލުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛

(ނ) އެލައިޑް ހެލްތް ޕްރޮފެށަނަލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށްޓަކައި ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގެ ތައުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން؛

(ރ) ދިވެހިރާއްޖޭގައި ހިންގާ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގެ ތައުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާއި، އެ ތަންތަނުގައި ތަމްރީނުދިނުމުގެ މަސައްކަތްކުރާ ފަންނުވެރިންގެ ށަރުތުތައް ކަނޑައެޅުމާއި، އެ ތަންތަނުން ހިންގާ ކޯސްތައް އެކްރެޑިޓްކުރުން؛

(ބ) އެލައިޑް ހެލްތް ޕްރޮފެށަނަލުން ރަޖިސްޓަރީ ކުރުމާއި، އެމީހުންގެ ރަޖިސްޓަރީ ބާތިލުކުރުން؛

(ޅ) އެލައިޑް ހެލްތް ޕްރޮފެށަނަލުންނަށް ލައިސަންސް ދޫކުރުމާއި، ލައިސަންސް އައުކޮށްދިނުމާއި، ބާތިލުކުރުން؛

(ކ)  އެލައިޑް ހެލްތް ޕްރޮފެށަނަލުން އެމީހުންގެ މަސައްކަތްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުން؛

(އ)  އެލައިޑް ހެލްތް ޕްރޮފެށަނަލުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެމީހުންގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، އެކަންކަން ތަންފީޒުކުރުމާއި، ގަވާއިދުން އެމީހުންގެ މަސައްކަތުގެ ފެންވަރު ބަލަމުންދިޔުން؛

(ވ) އެލައިޑް ހެލްތް ޕްރޮފެށަނަލުން އެމީހުންގެ ވަޒީފާ އަދާކުރާ ކުރުމުގައި، ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކުރާ ކަންކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(މ) ރަޖިސްޓަރީ ކުރުމާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިމްތިހާންތަކަށާއި، އެނޫންވެސް ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ނަގާނެ ފީ ކަނޑައެޅުން؛

(ފ) ކައުންސިލްގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ތައާރުޒުނުވާނެ ގޮތެއްގެމަތިން، ކޮމިޓީތަކާއި ބޯޑުތައް އުފެއްދުން؛

(ދ) އެލައިޑް ހެލްތް ޕްރޮފެށަނަލުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އައު އުސޫލުތައް ތައާރުފުކުރުމާއި، އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށްޓަކައި އުސޫލުތައް ތައާރުފުކުރުމާއި، އެލައިޑް ހެލްތް ޕްރޮފެށަނަލުންނާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ އުސޫލުތަކަކީ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތް އުސޫލުތަކެއްކަން ކަށަވަރުކުރުން؛

(ތ) މި ގާނޫނުގެ ދަށުން ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން؛

(ލ) މި ގާނޫނުން ނުވަތަ އެހެންވެސް ގާނޫނަކުން ކައުންސިލާ ހަވާލުކުރާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

 

47 ވަނަ މާއްދާ - މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން

(ހ) މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން، އެ ކައުންސިލްގެ މެންބަރުންގެ ތެރެއިން ކައުންސިލްގެ ރައީސްކަމަށް އަދި ނައިބު ރައީސްކަމަށް މީހަކު އިންތިހާބުކުރަންވާނެއެވެ.

(ށ) މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ވާންވާނީ އެލައިޑް ހެލްތް ޕްރޮފެށަނަލުންގެ ތެރެއިން ކައުންސިލަށް އައްޔަންކުރާ މީހަކަށެވެ.

(ނ) މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމަށް އައްޔަންކުރެވޭ މީހަކީ، މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން އުފެދޭ، ސިއްހީ ހިދުމަތުގެ ފަންނުގެ އެހެން ކައުންސިލެއް ނުވަތަ ބޯޑެއްގެ މެންބަރެއް ނުވަތަ އިސް މުވައްޒަފެއް ކަމުގައި ވެގެންނުވާނެއެވެ.

 

48 ވަނަ މާއްދާ - ކޮމްޕްލިމެންޓަރީ ބޭހާގުޅޭ ކަންކަން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ބެލެހެއްޓުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ކޮމްޕްލިމެންޓަރީ ބޭހާގުޅޭ ކަންކަން ބަލަހައްޓާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުންނެވެ.

(ށ) މި މާއްދާގެ (ހ)  ގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، މި ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެމަތިން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އުފެދޭތާ 180 (ސަތޭކައަށްޑިހަ)  ދުވަހުގެ ތެރޭގައި "މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓަރީ މެޑިސިން" ގެ ނަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ކައުންސިލުން ބޯޑެއް އުފައްދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ)  އާއި (ށ)  އެހެން އޮތްނަމަވެސް، މި ގާނޫނުގެ މި މާއްދާއަށް އަމަލުކުރެވޭނީ ކޮމްޕްލިމެންޓަރީ ބޭހުގެ ދާއިރާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށް، އެ ގާނޫނަކަށް އަމަލުކުރަން ފެށުމާ ހަމައަށެވެ. އެފަދަ ގާނޫނެއް ވުޖޫދަށް އައުމާއެކު، އެ ދާއިރާގެ ކަންކަން ހިންގާނީ އެ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

އަށްވަނަ ބާބު

ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދޫކުރުން

49 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުން

(ހ) ސިއްހީ ހިދުމަތުގެ ފަންނީ ކޮންމެ މަސައްކަތްތެރިއެއްވެސް، އެ މަސައްކަތްތެރިއަކު ނިސްބަތްވާ ކައުންސިލްގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން މި މާއްދާގެ (ހ)  ގެ ދަށުން ރަޖިސްޓަރީވުމަށްޓަކައި ހުށަހަޅާނީ، އެ މަސައްކަތްތެރިއަކު ނިސްބަތްވާ ކައުންސިލެއްގެ ރަޖިސްޓްރާރަށެވެ. އަދި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާއިރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތާއި ލިޔެކިޔުން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ނ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ)  ގެ ދަށުން ކައުންސިލެއްގައި ރަޖިސްޓަރީ ކުރުމަށް އެދި ރަޖިސްޓްރާރަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާ ގުޅޭގޮތުން ރަޖިސްޓްރާރ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ހުށަހެޅުމެއްގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ،

އެފަރާތެއް ރަޖިސްޓަރީކޮށްދީ، އެފަރާތެއް ރަޖިސްޓަރީ ކުރިކަމުގެ ސެޓްފިކެޓެއް، އެފަރާތަކަށް ދޫކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކައުންސިލްތަކުގައި ރަޖިސްޓަރީކޮށްދޭ ފަރާތްތަކުގެ މައުލޫމާތު، މި ގާނޫނުގެ ދަށުން އެ ކައުންސިލަކުން ބަލަހައްޓާ ރަޖިސްޓަރީގައި ރަޖިސްޓްރާރ ދަފްތަރުކުރަންވާނެއެވެ.

(ބ) ކައުންސިލެއްގައި ރަޖިސްޓަރީ ކުރުމަށް އެދި އެއްވެސް ފަރާތަކުން މި މާއްދާގެ (ހ)  ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި، މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތު ފުރިހަމަނުވާނަމަ، އެ މައުލޫމާތެއް ފުރިހަމަކުރުމަށް އެންގުމުގެ ނުވަތަ އެ ހުށަހެޅުމެއް ބާތިލުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

(ޅ) ކޮންމެ ކައުންސިލަކުންވެސް އެ ކައުންސިލެއްގެ ދާއިރާގައި ހިމެނޭ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ރަޖިސްޓަރީ ކުރުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުންއެ ކައުންސިލަކުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ކ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، މި މާއްދާގެ ދަށުން ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް، އެ މަސައްކަތްތެރިއަކު ނިސްބަތްވާ ދާއިރާއެއްގެ ކައުންސިލްގައި ރަޖިސްޓަރީވުމަކުން، އެ ފަންނުގައި މަސައްކަތްކުރުމުގެ ހުއްދަ އެމީހަކަށް ލިބުނީ ކަމުގައެއް ނުބެލެވޭނެއެވެ. ރަޖިސްޓަރީ ކުރިނަމަވެސް، އެމީހަކަށް އެމީހަކު ނިސްވަތްވާ ފަންނެއްގައި މަސައްކަތްކުރެވޭނީ، އެކަމަށްޓަކައި ކައުންސިލުން ދޫކުރާ ލައިސަންސް ހޯދުމަށްފަހުގައެވެ.

 

50 ވަނަ މާއްދާ - ރަޖިސްޓަރީ ބެލެހެއްޓުން

(ހ) ސިއްހީ ހިދުމަތުގެ ކޮންމެ ފަންނެއްގައި މަސައްކަތްކުރާ ފަރާތްތަކާގުޅޭ މައުލޫމާތު، އެ ފަންނެއް ނިސްބަތްވާ ކައުންސިލަކުން ދަފްތަރުކޮށް ލިޔެ ބަލަހައްޓަންވާނެއެވެ. އެގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮންމެ ކައުންސިލަކުންވެސް އެ ކައުންސިލަކާގުޅޭ ރަޖިސްޓަރީއެއް އެކުލަވާލައި ބަލަހައްޓަމުން ގެންދަންވާނެއެވެ.

  1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ފަރާތުން މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިށަނަރުންގެ ރަޖިސްޓަރީއެއް ބެލެހެއްޓުން؛
  2. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ފަރާތުން ނަރުހުންނާއި މިޑްވައިފުންގެ ރަޖިސްޓަރީއެއް ބެލެހެއްޓުން؛
  3. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ ފަރާތުން އެލައިޑް ހެލްތް ޕްރޮފެށަނަލުންގެ ރަޖިސްޓަރީއެއް ބެލެހެއްޓުން.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ދަފްތަރު ލިޔެ ބަލަހައްޓާނީ ކޮންމެ ކައުންސިލެއްގެވެސް ރަޖިސްޓްރާރެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި ހިމަނަންޖެހޭ މައުލޫމާތު، މި ގާނޫނުގެ ދަށުން ކައުންސިލްތަކުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި އެ ދަފްތަރުގައިވާ މައުލޫމާތަކީ އާންމުކޮށް ފެންނަން ހުންނާނެ މައުލޫމާތު ކަމުގައި ވާންވާނެއެވެ.

(ރ) ވަކިވަކި ކައުންސިލްތަކުގެ ދާއިރާގެ ސްޕެށަލިޓީތައް އަދި/ނުވަތަ ސަބް ސްޕެށަލިޓީތަކާ ގުޅޭގޮތުން ވަކި ރަޖިސްޓަރީއެއް ބެލެހެއްޓުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

51 ވަނަ މާއްދާ - ލައިސަންސް ހޯދުން

(ހ) ސިއްހީ ހިދުމަތުގެ ކޮންމެ ފަންނެއްގައި މަސައްކަތްކުރާ ފަރާތަކުންވެސް، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ކުރިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މަސައްކަތްތެރިއަކު ނިސްބަތްވާ ކައުންސިލަކުން ލައިސަންސް ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ލައިސަންސް ހޯދުމަށްޓަކައި ހުށަހަޅާނީ، އެ މަސައްކަތްތެރިއަކު ނިސްބަތްވާ ކައުންސިލެއްގެ ރަޖިސްޓްރާރަށެވެ. އަދި ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތާއި ލިޔެކިޔުން ރަޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ނ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ)  ގެ ދަށުން ލައިސަންސް ހޯދުމަށް އެދި އެފަރާތެއް ނިސްބަތްވާ ކައުންސިލެއްގެ ރަޖިސްޓްރާރަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާ ގުޅޭގޮތުން ރަޖިސްޓްރާރ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ހުށަހެޅުމެއްގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އެފަރާތަކަށް ލައިސަންސް ދޫކުރަންވާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވޭނެ މުއްދަތު، ކޮންމެ ކައުންސިލަކުންވެސް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާނެ ގޮތުގެ މައުލޫމާތާއި، ހުށަހަޅަންޖެހޭ މައުލޫމާތުގެ ތަފްސީލާއި، އެފަދަ ހުށަހެޅުން ހުށަހަޅާނެ ފޯމުގެ ނަމޫނާއެއް، މި ގާނޫނުގެ ދަށުން ކައުންސިލްތަކުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - ލައިސަންސް ދޫކުރުމުގެ ކުރިން ދެވޭ އިމްތިހާން

މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ދޫކުރާ ލައިސަންސް ދޫކުރުމުގެ ށަރުތެއްގެ ގޮތުގައި އެ ކައުންސިލެއް ނިސްބަތްވާ ފަންނުގެ މަސައްކަތްތެރިންނަށް ވަކި އިމްތިހާނުތަކެއް ދިނުމަށް ކައުންސިލްތަކަށް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، އެއްވެސް ކައުންސިލަކުން އެފަދަ އިމްތިހާނެއް ދޭންވާނީ، އެފަދަ އިމްތިހާނަކާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން އެ ކައުންސިލަކުން ހަދާ ގަވާއިދުގައި ކަނޑައެޅުމަށްފަހު، އެ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

53 ވަނަ މާއްދާ - ލައިސަންސް އައުކުރުން

(ހ) މި ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ލައިސަންސެއްގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް)  ދުވަސް ކުރިން އެ ލައިސަންސެއް އައުކުރުމަށް އެދި ކަމާގުޅޭ ކައުންސިލަކަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ)  ގެ ދަށުން ލައިސަންސް އައުކުރުމަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާ ގުޅޭގޮތުން ރަޖިސްޓްރާރ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ހުށަހެޅުމެއްގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އެފަރާތެއްގެ ލައިސަންސް އައުކޮށްދޭންވާނެއެވެ.

(ނ) ލައިސަންސް އައުކުރުމަށް އެދި މި މާއްދާގެ ދަށުން ހުށަހަޅާ ފަރާތެއްގެ ހުށަހެޅުމާ ގުޅޭގޮތުން މި މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާނަމަ، އަދި އެފަރާތަކުން ލައިސަންސް އައުކުރުމަށް ހުށަހަޅާފައިވަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ކަމަށްވާނަމަ، އެފަރާތަކަށް އޭރު ދޫކޮށްފައިއޮތް ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން، އެފަރާތެއްގެ ލައިސަންސް ރަޖިސްޓްރާރ އައުކޮށްދޭންވާނެއެވެ.

(ރ) ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާނެ ގޮތުގެ މައުލޫމާތާއި، ހުށަހަޅަންޖެހޭ މައުލޫމާތުގެ ތަފްސީލާއި، އެފަދަ ހުށަހެޅުން ހުށަހަޅާނެ ފޯމުގެ ނަމޫނާއެއް، މި ގާނޫނުގެ ދަށުން ކައުންސިލްތަކުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

54 ވަނަ މާއްދާ - ލައިސަންސް ފީ

މި ގާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލްތަކުން ދޫކުރާ ލައިސަންސްތައް ދޫކުރުމަށާއި އައުކޮށްދިނުމަށް، އެ ކައުންސިލްތަކުން ހަދާ ގަވާއިދެއްގެ ދަށުން ކަނޑައެޅޭ ވަކި ފީއެއް ނެގިދާނެއެވެ. އެފަދައިން ފީއެއް ނަގާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލުން ނަގާނެ ފީގެ ތާވަލެއް ހިމަނަންވާނެއެވެ.

 

55 ވަނަ މާއްދާ - ލައިސަންސް ދޫނުކުރެވޭނެ ހާލަތްތައް

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި އެއްވެސް ކައުންސިލަކުން އެއްވެސް ފަރާތަކަށް ލައިސަންސް ދޫކޮށްގެން ނުވާނެއެވެ. އަދި ދޫކޮށްފައިވާ ލައިސަންސެއް އައުކޮށްދީގެންވެސް ނުވާނެއެވެ.

  1. ކައުންސިލުން ކަނޑައަޅާފައިވާ ށަރުތެއް މީހެއްގެ ކިބައިގައި ފުރިހަމަނުވުން؛
  2. ރަޖިސްޓަރީ ކުރުމުގައި ނުވަތަ ލައިސަންސް ހޯދުމުގައި ސައްހަނޫން މައުލޫމާތެއް ހުށަހެޅިކަން ކައުންސިލަށް ފާހަގަވުން؛
  3. ކައުންސިލުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ލައިސަންސަށް އެދި ހުށަހެޅުމާއި ލައިސަންސް އައުކުރަން ހުށަހެޅުން؛
  4. ލައިސަންސަށް އެދި ހުށަހަޅާ ފަރާތް ނުވަތަ ލައިސަންސް އައުކުރުމަށް އެދި ހުށަހަޅާ ފަރާތް މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވުން.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން ލައިސަންސް ދޫނުކުރެވޭނެ ހާލަތްތަކާއި، އައުކޮށްނުދެވޭނެ ހާލަތްތައް މި ގާނޫނުގެ ދަށުން ކައުންސިލްތަކުން ހަދާ ގަވާއިދުގައި ކަނޑައެޅުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

56 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުން

(ހ) ކައުންސިލުން ދޫކުރާ ލައިސަންސަކީ ސައްހަނޫން މައުލޫމާތެއް ހުށަހަޅައިގެން ހޯދާފައިވާ ލައިސަންސެއްކަމަށް ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ އެ ލައިސަންސެއް އެ ކައުންސިލެއްގެ ރަޖިސްޓްރާރ ބާތިލުކުރަންވާނެއެވެ.

(ށ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްގެ ކިބައިގައި އެ ދާއިރާއަކާ ގުޅުންހުރި ކައުންސިލަކުން ކަނޑައަޅާފައިވާ މަސައްކަތްކުރުމުގެ ހުނަރާއި ގާބިލުކަން ނެތްކަމަށް ކައުންސިލަކުން ކަނޑައަޅައިފި ކަމުގައިވާނަމަ، އެފަރާތެއްގެ ލައިސަންސް ވަކި މުއްދަތަކަށް ހިފެހެއްޓުމާއި ބާތިލުކުރުމުގެ އިހްތިޔާރު އެ ކައުންސިލަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ)  އާއި (ށ)  ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން ވަކި މުއްދަތަކަށް ލައިސަންސް ހިފެހެއްޓޭނެ ހާލަތްތަކާއި ލައިސަންސް ބާތިލުކުރެވޭނެ ހާލަތްތައް މި ގާނޫނުގެ ދަށުން ކައުންސިލްތަކުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

57 ވަނަ މާއްދާ - ފީ ނެގުން

ކައުންސިލްތަކުން ކުރާ އަންނަނިވި މަސައްކަތްތަކަށް އެ ކައުންސިލްތަކަށް ވަކި ފީއެއް ނެގިދާނެއެވެ. އެފަދައިން ފީއެއް ނަގާނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލުން ނަގާނެ ފީގެ ތާވަލެއް ހިމަނަންވާނެއެވެ.

(ހ) ކައުންސިލްގައި ރަޖިސްޓަރީކޮށްދިނުމަށް؛

(ށ) ލައިސަންސް ދޫކުރުމާއި ލައިސަންސް އައުކޮށްދިނުމަށް؛

(ނ) ލައިސަންސް ދޫކުރުމުގެ ކުރިން ހަދަންޖެހޭ އިމްތިހާނަށް؛

(ރ) އެނޫންވެސް ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކަށް.

 

58 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމާއި ލައިސަންސް ހޯދުމާގުޅޭ އިންތިގާލީ އުސޫލު

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް)  މަސްދުވަހުގެ ތެރޭގައި، ސިއްހީ ހިދުމަތުގެ ކޮންމެ ފަންނީ މަސައްކަތްތެރިއަކުވެސް އެ މަސައްކަތްތެރިއަކު ނިސްބަތްވާ ދާއިރާއެއްގެ ކައުންސިލްގައި ރަޖިސްޓަރީވެ ލައިސަންސް ހޯދަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމާބެހޭ ކައުންސިލްތަކުގައި ރަޖިސްޓަރީވެފައިވާ އަދި/ނުވަތަ އެ ކައުންސިލްތަކުން ލައިސަންސް ހޯދާފައިވާ ފަރާތްތައްވެސް، މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެފަރާތެއް ނިސްބަތްވާ ކައުންސިލްގައި މި ގާނޫނުގެ ދަށުން ރަޖިސްޓަރީވުމަށްޓަކައި، އަދި މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސް ހޯދުމަށްޓަކައި ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ)  ގެ ދަށުން ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ކައުންސިލްތަކުގައި ރަޖިސްޓަރީވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ އިންތިޒާމު ކައުންސިލްތަކުން ހަމަޖައްސަންވާނެއެވެ.

(ރ) މި މާއްދާގެ (ހ)  ގެ ދަށުން ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ތެރެއިން މި ގާނޫނުގެ ދަށުން ށަރުތު ހަމަވާ ފަރާތްތަކަށް ދޫކުރަންޖެހޭ ލައިސަންސް، ލައިސަންސަށް އެދި ހުށަހަޅާތާ ގިނަވެގެން 1 (އެކެއް)  މަސްދުވަހުގެ ތެރޭގައި އެ ކައުންސިލަކުން ދޫކޮށް ނިންމަންވާނެއެވެ.

 

ނުވަވަނަ ބާބު

ކައުންސިލްތަކާގުޅޭ އާންމު މާއްދާތައް

އެއްވަނަ ބައި: ކައުންސިލްގެ ބައްދަލުވުންތަކާއި ކައުންސިލްތަކުން މައްސަލަ ބެލުން

59 ވަނަ މާއްދާ - ކައުންސިލްގެ ބައްދަލުވުންތައް

(ހ) ކައުންސިލްގެ ބައްދަލުވުމެއް ބޭއްވޭނީ، ކައުންސިލްގެ ދެބައިކުޅަ އެއްބައި މެންބަރުން ހާޒިރުވުމުންނެވެ.

(ށ) ކައުންސިލްގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ރައީސެވެ. ކައުންސިލްގެ ރައީސަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ނައިބު ރައީސެވެ. ނައިބު ރައީސަށްވެސް ހާޒިރުވެވެން ނެތްނަމަ، ހާޒިރުވި މެންބަރުންގެ ތެރެއިން އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަން އިންތިހާބުކުރާ މެންބަރެކެވެ.

(ނ) މަދުވެގެން މަހަކު 1 (އެކެއް)  ފަހަރު ކައުންސިލްގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ރ) ކައުންސިލްގެ ދެބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާނަމަ އެކަން ސަބަބު ބަޔާންކޮށް ކައުންސިލްގެ ރައީސަށް ހުށަހެޅިދާނެއެވެ. އަދި ކައުންސިލްގެ ރައީސަށް އެ ނޯޓިސް ލިބޭތާ 5 (ފަހެއް)  ދުވަހުގެ ތެރޭގައި އެ ނޯޓިހުގައި ހުށަހަޅާފައިވާ ގޮތުގެމަތިން ކައުންސިލްގެ ބައްދަލުވުމެއް ކައުންސިލްގެ ރައީސް ބާއްވަންވާނެއެވެ.

(ބ) ކައުންސިލުން އަވަސް ގޮތަކަށް މައްސަލައެއް ނިންމައިދިނުމަށް އެދި ކައުންސިލްގެ ރައީސަށް ލިޔުމަކުން ހުށަހެޅުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އެގޮތުން ރަޖިސްޓްރާރ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެ ހުށަހެޅުން ކައުންސިލްގެ ރައީސަށް ލިބޭތާ 5 (ފަހެއް)  ދުވަހުގެ ތެރޭގައި ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި، ރަޖިސްޓްރާރ ހުށަހަޅާފައިވާ މައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ.

(ޅ) ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ، ކައުންސިލްގެ ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ.

 

60 ވަނަ މާއްދާ - ކައުންސިލްގެ ނިންމުންތައް

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، ކައުންސިލުން ކަމެއް ނިންމީ ކަމަށް ބެލޭނީ، ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަގްލަބިއްޔަތުން އެކަމެއް ފާސްވުމުންނެވެ.

(ށ) ކައުންސިލުން ނިންމާ ނިންމުމެއްގައި، ކައުންސިލްގެ ރައީސް ނުވަތަ ރަޖިސްޓްރާރ ސޮއިކޮށްފައި އޮންނަންވާނެއެވެ. ކައުންސިލްގެ ރައީސް ނުވަތަ ރަޖިސްޓްރާރ ލިޔުމުން ދީފައިވާ ހުއްދައެއް ނެތި، ކައުންސިލްގެ އެއްވެސް ލިޔުމެއްގައި ކައުންސިލްގެ ސިއްކަ ޖަހައިގެންނުވާނެއެވެ.

 

61 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ކޮންމެ މީހަކަށްވެސް، މި ގާނޫނުގެ ދަށުން އުފައްދާ ކައުންސިލަކަށް، އެ ކައުންސިލްގެ މަސައްކަތުގެ ދާއިރާއާގުޅޭ ކަމެއްގައި ނުވަތަ އެ ކައުންސިލްގެ އިހްތިސާސް ހިނގާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއަކާ ގުޅޭގޮތުން ށަކުވާ ހުށަހެޅިދާނެއެވެ.

(ށ) މެޑިކަލް ޕްރެކްޓިށަނަރުންނާއި، ޑެންޓަލް ޕްރެކްޓިށަނަރުންނާއި، ނަރުހުންނާއި، މިޑްވައިފުންނާއި އެލައިޑް ހެލްތް ޕްރޮފެށަނަލުން އެމީހުންގެ މަސައްކަތްކުރުމުގައި ދިމާވާ އެކިއެކި ކަންކަމާ ގުޅިގެން، މިނިވަންކަމާއެކު އެމީހުންގެ ށަކުވާތައް ހުށަހެޅޭނެ ނިޒާމެއް އެމީހުން ނިސްބަތްވާ ކައުންސިލްތަކުން އެކުލަވާލަންވާނެއެވެ. އަދި އެމީހުންގެ ށަކުވާތައް އަޑުއަހައި، ބަލައިގަނެ، އެ ށަކުވާތަކާމެދު އަމަލުކުރާނެ އުސޫލުތައްވެސް ކައުންސިލްތަކުން އެކުލަވާލަންވާނެއެވެ.

 

62 ވަނަ މާއްދާ - ކައުންސިލްތަކުން މައްސަލަ ބެލުމުގައި އަމަލުކުރާނެ ގޮތް

(ހ) ކޮންމެ ކައުންސިލަކަށްވެސް އެ ކައުންސިލަށް ހުށަހެޅޭ ށަކުވާތައް ބަލައި، ކަމާގުޅޭގޮތުން ތަހްގީގު ހިންގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކާ ސުވާލުކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވެއެވެ.

(ށ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއަކާ ގުޅޭގޮތުން އެ މަސައްކަތްތެރިއަކު ނިސްބަތްވާ ކައުންސިލަށް ވަކި ފަރާތަކުން މައްސަލައެއް ހުށަހަޅާފައިނުވި ކަމުގައިވިޔަސް، ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްގެ ސުލޫކާ ބެހޭގޮތުން ސުވާލު އުފެދޭފަދަ ސަބަބުތަކެއް ހުރިކަމަށް ކަމާގުޅޭ ކައުންސިލަކަށް އެކަށީގެންވާ ސަބަބުތަކާއެކު ގަބޫލުކުރެވޭނަމަ، އެފަރާތެއްގެ މައްސަލަ ތަހްގީގުކުރުމުގެ އިހްތިޔާރު  އެ ކައުންސިލަކަށް ލިބިގެންވެއެވެ.

 

63 ވަނަ މާއްދާ - ކައުންސިލްތަކަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކައުންސިލެއްގެ ދާއިރާގައި ހިމެނޭ ފަންނީ މަސައްކަތްތެރިއަކާ ގުޅޭގޮތުން އެ ކައުންސިލަކަށް މައްސަލައެއް ހުށަހެޅޭނީ، އެކަމެއް ހިނގި ތާރީހުން ފެށިގެން މީލާދީ ގޮތުން 12 (ބާރަ)  މަސްދުވަސް ފާއިތުވެފައި ނުވާނަމައެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތްނަމަވެސް، ކައުންސިލަކަށް ހުށަހެޅޭ މައްސަލައަކީ، އެ މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލާއިރު ކޮންމެހެން ބަލަންޖެހޭ މައްސަލައެއްކަމަށް އެ ކައުންސިލެއްގެ ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްވެއްޖެނަމަ، އެ މައްސަލައެއް އެ ކައުންސިލަކުން ބެލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

64 ވަނަ މާއްދާ - ކައުންސިލްތަކަށް ހުށަހެޅޭ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް

ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ބަލާނީ މުޅި ކައުންސިލުން ނުވަތަ އެ މައްސަލައެއް ބެލުމަށްޓަކައި ކައުންސިލުން އެކުލަވާލާ ތަހްގީގު ކޮމިޓީއަކުންނެވެ. ކައުންސިލްތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރަންވާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ކައުންސިލަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައެއް ބަލާނީ މުޅި ކައުންސިލުންތޯ ނުވަތަ މި ގާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލުން އެކުލަވާލާ ތަހްގީގު ކޮމިޓީއަކުންތޯ ކަނޑައެޅުން؛

(ށ) އެ މައްސަލައެއް ބަލާނީ ތަހްގީގު ކޮމިޓީއަކުން ކަމުގައިވާނަމަ، ކޮމިޓީއާ މައްސަލަ ހަވާލުކުރުމަށްފަހު ކޮމިޓީން މައްސަލަ ބަލައި ނިމުމުން، ކޮމިޓީއަށް ފާހަގަކުރެވުނު ނުކުތާތަކާއި މައްސަލައިގައި އަމަލުކުރަން ފެންނަ ގޮތަކާއެކު، ކައުންސިލަށް ހުށަހެޅުން؛

(ނ) ކޮމިޓީއަށް ފާހަގަކުރެވުނު ނުކުތާތަކުގެ އަލީގައި މައްސަލައާ ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުން؛

(ރ) އެ މައްސަލައެއް ބަލަނީ މުޅި ކައުންސިލުން ކަމުގައިވާނަމަ، ކައުންސިލުން އެ މައްސަލަ ބަލައި، ކައުންސިލަށް ފެންނަ ގޮތެއް ނިންމުން؛

(ބ) މައްސަލައެއް ބަލައި ނިމުމުން، ކޮމިޓީއަށް އަދި/ނުވަތަ ކައުންސިލަށް ފާހަގަކުރެވުނު ނުކުތާތަކާއި ކައުންސިލްގެ ނިންމުން ހިމެނޭ ގޮތުން، އެ މައްސަލައިގެ ރިޕޯޓެއް އެކުލަވާލުން.

 

65 ވަނަ މާއްދާ - ތަހްގީގު ކޮމިޓީ އެކުލަވާލުން

(ހ) ކައުންސިލްތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ ކައުންސިލަކަށްވެސް ތަހްގީގު ކޮމިޓީ އެކުލަވާލެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ތަހްގީގު ކޮމިޓީ، ދާއިމީ ކޮމިޓީއެއްގެ ގޮތުގައި އެކުލަވާލުމަށް ނުވަތަ ވަގުތީ ކޮމިޓީތަކެއްގެ ގޮތުގައި އެކުލަވާލުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ނ) ކައުންސިލްގެ މެންބަރުން ފިޔަވައި އިތުރު މީހުން ތަހްގީގު ކޮމިޓީއަށް އައްޔަންކުރުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.

 

66 ވަނަ މާއްދާ - އެކްސްޕަރޓުންގެ ޕެނަލް އެކުލަވާލުން

(ހ) ކައުންސިލްތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ވަކި ބާވަތެއްގެ މައްސަލަތަކެއް ބެލުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކޮންމެ ކައުންސިލަކަށްވެސް އެކްސްޕަރޓުންގެ ޕެނަލް އެކުލަވާލެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ހަވާލާދޭފަދަ އެކްސްޕަރޓުންގެ ޕެނަލްތައް އެކުލަވާލާނެ ގޮތާއި، އެފަދަ ޕެނަލްތަކަށް މައްސަލަ ހުށަހަޅާނެ ގޮތާއި، އެފަދަ ޕެނަލްތަކުން މައްސަލަ ބަލާނެ ގޮތާއި އެނޫންވެސް ކަމާގުޅޭ ތަފްސީލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

67 ވަނަ މާއްދާ - މައްސަލަ ބެލުމުގައި ލިބިދޭ ބާރުތައް

(ހ) ކައުންސިލްތަކުން ނުވަތަ އެ ކައުންސިލެއްގެ ތަހްގީގު ކޮމިޓީއަކުން މައްސަލަ ބެލުމުގައި އަންނަނިވި ކަންކަން ކުރުމުގެ ބާރު އެ ކައުންސިލަކަށް ނުވަތަ ތަހްގީގު ކޮމިޓީއަކަށް ލިބިގެންވެއެވެ.

  1. މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި މައްސަލަ ރައްދުވާ ފަރާތް ނުވަތަ ފަރާތްތައް ހާޒިރުކުރުމާއި، ބަޔާންނެގުން؛
  2. މައްސަލައާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ހާޒިރުކުރުމާއި، އެފަރާތްތަކުގެ ބަޔާން ނެގުން؛
  3. މައްސަލައާ ގުޅުންހުރިކަމަށް ކައުންސިލަށް ފެންނަ ލިޔެކިޔުންތައް ބެލުމާއި ހޯދުން؛
  4. ވަކިކަމަކާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެކަމަށް ފެންނަ ފަރާތްތަކުން، އެ މައުލޫމާތެއް ލިޔުމަކުން ދިނުމަށް އެންގުން؛
  5. މައްސަލައިގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު، މައްސަލަ ބަލައި ނިމެންދެން ވަގުތީގޮތުން އެމީހެއްގެ ލައިސަންސް ހިފެހެއްޓުން؛ މައްސަލަ ބަލަނީ ތަހްގީގު ކޮމިޓީއަކުންނަމަ، މައްސަލަ ނިމެންދެން ވަގުތީގޮތުން އެމީހެއްގެ ލައިސަންސް ހިފެހެއްޓުމަށް ކައުންސިލަށް ހުށަހެޅުން؛
  6. މަތީގައިވާ ކަންކަމުގެ އިތުރުން، ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކައުންސިލަށް ލިބިދޭ ކަމަށް މި ގާނޫގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކޮންމެ ބާރެއްގެ ބޭނުން ހިފުން.

(ށ) އެއްވެސް މައްސަލައަކާ ގުޅިގެން ނުވަތަ މައްސަލައެއް ތަހްގީގުކުރުމުގެ ތެރޭގައި ކައުންސިލަކަށް ނުވަތަ އެ ކައުންސިލެއްގެ ތަހްގީގު ކޮމިޓީއަށް އެނގޭ ނުވަތަ ލިބޭ މައުލޫމާތަކީ އާންމު މަސްލަހަތު ގެއްލިދާނެފަދަ މައުލޫމާތެއްކަމަށް ކައުންސިލަށް ފެނިއްޖެ ހިނދެއްގައި، އެފަދަ މައުލޫމާތެއް އާންމުކޮށް ށާއިއުކުރުން މަނާކުރުމުގެ އިހްތިޔާރު އެ ކައުންސިލަކަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، ކައުންސިލުން ނުވަތަ ކައުންސިލްގެ ތަހްގީގު ކޮމިޓީއަކުން މައްސަލަ ބެލުމުގައި މި މާއްދާގެ (ހ)  ގެ ދަށުން ލިބިދޭ ބާރުތައް، އެކްސްޕަރޓުންގެ ޕެނަލްތަކަށްވެސް އެ ޕެނަލްތަކުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ލިބިގެންވެއެވެ.

 

68 ވަނަ މާއްދާ - މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިދިނުން

ކައުންސިލަކުން ނުވަތަ ތަހްގީގު ކޮމިޓީއަކުން ތަހްގީގުކުރާ މައްސަލައެއް ނިންމަންވާނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަށް އޭނާގެ ދިފާއުގައި ވާހަކަދައްކައި، އެކަމުގައި އޭނާ އަމަލުކުރި ގޮތްކަމަށް އޭނާ ބުނާ ގޮތެއް ބަޔާންކޮށްދިނުމުގެ ފުރުސަތު އޭނާއަށް ދިނުމަށްފަހުގައެވެ.

 

69 ވަނަ މާއްދާ - މައްސަލަ ބެލުމުގައި އަމަލުކުރާނެ އާންމު އުސޫލު

ކައުންސިލަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައިވެސް ކައުންސިލުން ނުވަތަ ތަހްގީގު ކޮމިޓީން ކުރަންވާނީ، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ތަހްގީގެކެވެ. އެގޮތުން، މައްސަލައަކާ ގުޅޭގޮތުންވެސް އަންނަނިވި މައިގަނޑު ކަންކަން ފުރިހަމަވޭތޯ ތަހްގީގު ކޮމިޓީން އަދި ކައުންސިލުން ބަލަންވާނެއެވެ.

(ހ) ހުށަހެޅިފައިވާ މައްސަލައިގެ ފުރިހަމަ މައުލޫމާތު މައްސަލަ ނިސްބަތްވާ ފަރާތަށް ލިބިދިނުމާއި، މައްސަލައާ ގުޅޭގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު އެފަރާތަށް ލިބިދިނުން؛

(ށ) މައްސަލައާގުޅޭ އެންމެހައި މައުލޫމާތަކާއި ލިޔެކިޔުން ހޯދުން؛

(ނ) މައްސަލަ ނިސްބަތްވާ ފަރާތް މަސައްކަތްކުރާ ތަނުން ސާފުކުރަންޖެހޭ މައުލޫމާތު ސާފުކުރުން؛

(ރ) ސަރުކާރުގެ ނުވަތަ ދައުލަތުގެ އިދާރާއަކުން ހޯދަންޖެހޭ މައުލޫމާތެއްވާނަމަ އެ މައުލޫމާތެއް ހޯދުން.

 

70 ވަނަ މާއްދާ - ތަހްގީގު ކޮމިޓީން ބަލާ މައްސަލަތަކާމެދު ގޮތެއް ނިންމުން

(ހ) ތަހްގީގު ކޮމިޓީން މައްސަލަ ބަލައި ނިމުމަށްފަހު، ކައުންސިލަށް ހުށަހެޅުމުން، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކައުންސިލަށް އަމަލުކުރެވިދާނެއެވެ.

  1. ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ކޮމިޓީއަށް ފެންނަގޮތް ކަމަށް ބަޔާންކޮށްފައިވާ ގޮތަށް ތާއީދުކޮށް، މައްސަލަ ނިންމުން؛ ނުވަތަ
  2. ކޮމިޓީއަށް ފެންނަގޮތް ކަމަށް ބަޔާންކޮށްފައިވާ ގޮތް، މައްސަލައިގައި ފާހަގަކުރެވޭ ކަންކަމަށް ރިއާޔަތްކުރާއިރު ކައުންސިލަށް ގަބޫލުނުކުރެވޭނަމަ، އެ މައްސަލައިގައި އަމަލުކުރުމަށް ކައުންސިލަށް ފެންނަ ވަކި ގޮތެއް ކަނޑައެޅުން؛ ނުވަތަ
  3. ކޮމިޓީގެ ނިންމުމަށް ވާސިލުވުމުގައި ކޮމިޓީން ފުރިހަމަކުރަންޖެހޭ އިޖުރާއާތެއް ފުރިހަމަކޮށްފައިނުވާތީ، އަލުން މައްސަލަ ބެލުމަށް އެ ކޮމިޓީއަށް ފޮނުވުން؛ ނުވަތަ
  4. ކޮމިޓީގެ ނިންމުމަށް ވާސިލުވުމުގައި ކޮމިޓީން ފުރިހަމަކުރަންޖެހޭ އިޖުރާއާތެއް ފުރިހަމަކޮށްފައިނުވާތީ، އަލުން މައްސަލަ ބެލުމަށްޓަކައި އަލުން ކޮމިޓީއެއް އެކުލަވާލުން.

(ށ) މި މާއްދާގެ (ހ)  ގެ (4)  ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލުން އަމަލުކުރަންވާނީ، އެފަދައިން އަމަލުކުރުމަށް ކައުންސިލްގެ ތިންބައިކުޅަ ދެބައި މެންބަރުންނަށް ފެނިއްޖެނަމައެވެ.

 

71 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ ރިޕޯޓު އެކުލަވާލުން

(ހ) މައްސަލައެއް ތަހްގީގުކޮށް ނިމުމުން، އެއީ މުޅި ކައުންސިލުން ބެލި މައްސަލައެއް ކަމުގައި ވީނަމަވެސް، ނުވަތަ ތަހްގީގު ކޮމިޓީއަކުން ބެލި މައްސަލައެއް ކަމުގައި ވީނަމަވެސް، ކައުންސިލުން ނިންމި ނިންމުމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި ތިރީގައި ބަޔާންކޮށްފައިވާ ބައިތައް ފުރިހަމަވާންވާނެއެވެ.

  1. ހުށަހެޅުނު މައްސަލައަކީ ކޮބައިކަން؛
  2. މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަޔާން؛
  3. ކައުންސިލުން ރިއާޔަތްކުރި ހެކި؛
  4. މައްސަލައިގައި ކަންހިނގައިދިޔަ ގޮތް ކަމަށް ކައުންސިލަށް ފެނުނު ގޮތް؛
  5. ކައުންސިލަށް ފާހަގަކުރެވުނު އިތުރު ނުކުތާތައް؛
  6. ކައުންސިލްގެ ނިންމުން.

(ނ) ކައުންސިލުން ބަލާ މައްސަލަތައް ނިމުމަށްފަހު، ތަހްގީގު މަރުހަލާގެ ރެކޯޑުތަކާއި ބަޔާންތަކާއެކު، ކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ރައްކާކޮށް، އެ ކައުންސިލެއްގެ ރަޖިސްޓްރާރ ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ރިޕޯޓުގެ ކޮޕީއެއް، މައްސަލަ ހުށަހެޅި ފަރާތަށާއި، މައްސަލަ ރައްދުވާ ފަރާތަށް ދޭންވާނެއެވެ.

 

72 ވަނަ މާއްދާ - މައްސަލަ ބެލުމުގެ އިޖުރާއާތު ގަވާއިދުގައި ކަނޑައެޅުން

ކައުންސިލްތަކުން މައްސަލަ ބެލުމުގައި އަމަލުކުރާނެ ތަފްސީލު އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލްތަކުން ކަނޑައަޅަންވާނެއެވެ.

 

73 ވަނަ މާއްދާ - ކައުންސިލްގެ ނިންމުން އިސްތިއުނާފުކުރުން

މި ގާނޫނުގެ ދަށުން ކައުންސިލަކަށް ހުށަހެޅޭ މައްސަލައެއް އެ ކައުންސިލަކުން ބެލުމަށްފަހު
އެ މައްސަލައިގައި ހިމެނޭ ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ނުވަތަ ފިޔަވަޅު ނޭޅުމަށް ކައުންސިލުން ނިންމާ ނިންމުމަކާ ގުޅިގެން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަތުވެއްޖެކަމަށް ފެނިއްޖެނަމަ، ނުވަތަ ކައުންސިލުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިއްޖެނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް)  ދުވަހުގެ ތެރޭގައި އެ މައްސަލަ ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ.

 

ދެވަނަ ބައި: އާންމު ކަންކަން

74 ވަނަ މާއްދާ - މެންބަރުކަމުގެ ސިފަތައް

(ހ) މި ގާނޫނުގެ ދަށުން އުފައްދާ ކޮންމެ ކައުންސިލެއްގެ މެންބަރުންގެ ކިބައިގައިވެސް ތިރީގައި ބަޔާންކޮށްފައިވާ އާންމު ސިފަތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހިރައްޔިތެއް ކަމުގައިވުން؛
  2. ކައުންސިލްގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހްލާގުހުރި މީހަކު ކަމުގައިވުން؛
  3. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  4. ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
  5. ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް)  އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައިވުން؛
  6. ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛
  7. ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން؛
  8. ސިއްހީ ހިދުމަތްދޭ ތަނެއްގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛
  9. ސިއްހީ ހިދުމަތްދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން؛
  10. ގާނޫނެއްގައި ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން؛
  11. ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައިނުވުން.

(ށ) މި ގާނޫނުގެ ދަށުން އުފައްދާ ކޮންމެ ކައުންސިލެއްގައިވެސް މަދުވެގެން 1 (އެކެއް)  އަންހެން މެންބަރާއި، 1 (އެކެއް)  ފިރިހެން މެންބަރު ހިމެނެންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން އުފައްދާ އެއްވެސް ކައުންސިލެއްގައި، އެ ކައުންސިލްގެ އިސް މުވައްޒަފެއްގެ ގޮތުގައި އެ މެންބަރެއްގެ އާއިލާގެ މީހަކު ހިމެނިގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ނ)  ގެ ބޭނުމަށްޓަކައި އާއިލާގެ މީހެއް ކަމުގައި ބެލެވޭނީ، އަނބިމީހާ، ފިރިމީހާ، މަންމަ، ބައްޕަ، ދަރިއަކު، އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށެވެ.

 

75 ވަނަ މާއްދާ - ކައުންސިލްތަކުގެ ރައީސުންގެ މަސްއޫލިއްޔަތުތައް

މި ގާނޫނުގެ ދަށުން އުފައްދާ ކޮންމެ ކައުންސިލެއްގެވެސް ރައީސަކީ، ކައުންސިލްގެ އެންމެހައި ކަންކަން ބަލަހައްޓައި ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ކައުންސިލްގެ މަސްއޫލިއްޔަތުތައް ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން މެދުވެރިކޮށް ކުރުވުން؛

(ށ) ކައުންސިލްގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛

(ނ) ކައުންސިލްގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

 

76 ވަނަ މާއްދާ - ކައުންސިލްތަކުގެ ނައިބު ރައީސުންގެ މަސްއޫލިއްޔަތުތައް

ކައުންސިލްގެ ރައީސްގެ މަގާމު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހިނދެއްގައި ނުވަތަ އުޒުރުވެރިވެއްޖެ ހިނދެއްގައި، ނުވަތަ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެއްޖެ ހިނދެއްގައި އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ނައިބު ރައީސެވެ. މީގެ އިތުރުން، ކައުންސިލްގެ ރައީސް ކައުންސިލްގެ ނައިބު ރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.

 

77 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތުތައް

(ހ) މި ގާނޫނުގެ ދަށުން އުފައްދާ ކައުންސިލްތަކުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން؛
  2. ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛
  3. ކައުންސިލުން ބަލާ ށަކުވާތަކާ ގުޅިގެން ޒިޔާރަތްކުރަންޖެހޭ ތަންތަނަށް ޒިޔާރަތްކުރުމާއި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމާއި، ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން؛
  4. މުޖްތަމައުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަހްލާގީ އަދި ސުލޫކީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން؛
  5. މީގެ އިތުރުންވެސް މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެންވެސް ގާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން.

(ށ) ކައުންސިލްގެ ކޮންމެ މެންބަރަކުވެސް އެ މެންބަރަކު ނިސްބަތްވާ ކައުންސިލަށް ހިދުމަތްކުރަންވާނީ އެމީހެއްގެ ފަންނީ އިލްމާއި ތަޖުރިބާގެ އަލީގައި، މިނިވަންކަމާއި، އަދުލުވެރިކަމާއި އިންސާފުވެރިކަމާއި މުހްތަރިފްކަމާ އެކުގައެވެ. އަދި އޭނާއާ ހަވާލުކުރެވޭ ކަންކަން ކުރަންވާނީ، އެއްވެސް މީހެއް ނުވަތަ އިދާރާއެއްގެ ބާރަކަށް ނުވަތަ ނުފޫޒަކަށް ލެނބުމެއް ނެތި، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއްއޮތް މައްސަލައެއް ކައުންސިލުން ބަލާހިނދު، އެ މައްސަލަ ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެންނުވާނެއެވެ. އަދި ކައުންސިލުން ބަލާ މައްސަލައަކީ އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއްއޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭ ހިނދު، އެ މައްސަލައަކީ އޭނާއާ ގުޅުމެއްއޮތް މައްސަލައެއްކަން ކައުންސިލްގެ ރައީސަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު އެއްކިބާވާންވާނެއެވެ.

(ރ) މި މާއްދާގެ (ނ)  ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވީ ކައުންސިލްގެ ރައީސަށް ކަމުގައިވާނަމަ، ކައުންސިލްގެ ނައިބު ރައީސަށް އެކަން އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އޭނާ އެއްކިބާވާންވާނެއެވެ.

 

78 ވަނަ މާއްދާ - މެންބަރުން މަގާމާ ހަވާލުވުން

އެއްވެސް ކައުންސިލެއްގެ މެންބަރަކަށް އެ މެންބަރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފެށޭނީ، ކައުންސިލްގެ މެންބަރެއްގެ ގޮތުން އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިވަންކަމާއި، އަދުލުވެރިކަމާއި، އަމާނާތްތެރިކަމާއި، އިންސާފުވެރިކަމާއެކު، އެއްވެސް ނުފޫޒަކަށް ލެނބުމެއް ނެތި އިހްލާސްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް އިގްރާރުވުމަށްފަހުގައެވެ.

 

79 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު

(ހ) ކައުންސިލްތަކަށް އައްޔަންކުރެވޭ މެންބަރުން، އެ މަގާމުތަކުގައި ދެމިތިބޭނީ އެމީހުން މަގާމަށް އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް)  އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލަށް މެންބަރުން އައްޔަންކުރެވޭ މުއްދަތު ހަމަވުމުން، އިތުރު 5 (ފަހެއް)  އަހަރުގެ 1 (އެކެއް)  ދައުރަށް އެ މެންބަރުން ކައުންސިލަށް އައްޔަންކުރެވިދާނެއެވެ.

(ނ) ކައުންސިލަށް އައްޔަންކުރެވޭ ކޮންމެ މެންބަރަކުވެސް، މިނިވަންކަމާއެކު ވަކި ފަރާތަކަށް ލެނބުމެއް ނެތި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އާންމުންގެ ވިންދާ އެއްގޮތަށް، މެންބަރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ދެމި ތިބެންވާނެއެވެ. އަދި މި ގާނޫނުގެ މަގްސަދުތައް ކުރިއެރުވުމަށް ހުރިހާ ވަގުތެއްގައިވެސް މަސައްކަތްކުރަންވާނެއެވެ.

 

80 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ) މި ގާނޫނުގެ ދަށުން އުފައްދާ ކައުންސިލެއްގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެކަމަށް ބެލޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.

  1. މެންބަރުކަމުގެ ދައުރު ހަމަވުމުން؛
  2. އިސްތިއުފާދިނުމުން؛
  3. މި ގާނޫނުގެ 82 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މެންބަރަކު ވަކިކުރުމުން؛
  4. މަރުވުމުން؛
  5. ކައުންސިލްގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން.

(ށ) އިސްތިއުފާދީގެން މެނުވީ، ކައުންސިލްގެ ރައީސްގެ މަގާމާއި، ނައިބު ރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ ކައުންސިލްގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވުމުންނެވެ.

 

81 ވަނަ މާއްދާ - ހުސްވާ މަގާމަށް މެންބަރުން އައްޔަންކުރުން

(ހ) ކައުންސިލްގެ މެންބަރުކަމުގެ މަގާމެއް ހުސްކޮށް ނޯންނާނެ ގޮތެއްގެމަތިން، ކައުންސިލްގެ މެންބަރުންގެ މެންބަރުކަމުގެ ދައުރު ހަމަވުމުގެ ކުރިން، ކައުންސިލަށް އައު މެންބަރުން އައްޔަންކޮށް ނިންމަންވާނެއެވެ.

(ށ) މި ގާނޫނުގެ 80 ވަނަ މާއްދާގެ (ހ)  ގެ (2)  ވަނަ ނަންބަރުން ފެށިގެން (5)  ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ކައުންސިލްގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ ގިނަވެގެން 60 (ފަސްދޮޅަސް)  ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ. ކައުންސިލެއްގެ ރައީސްކަމުގެ މަގާމު ނުވަތަ ނައިބު ރައީސްކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް)  ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އަލުން އިންތިހާބުކުރަންވާނެއެވެ.

(ނ) ކައުންސިލެއްގެ މެންބަރުކަމުގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމަށް މެންބަރަކު ހަމަޖައްސާނީ އެ މަގާމަކަށް އެ މެންބަރަކު ހޮވުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

82 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކައުންސިލްގެ މެންބަރަކަށް އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު މަގާމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އެގޮތުން މަގާމުން ވަކިކުރާއިރު މަގާމުން ވަކިކުރާ ސަބަބު ބަޔާންކުރަންވާނެއެވެ.

(ހ) ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން؛

(ށ) ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޒުވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއްއޮތް ހާލަތެއް މެދުވެރިވުން؛

(ނ) ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުން.

 

83 ވަނަ މާއްދާ – އިސްތިއުފާދިނުން

(ހ) ކައުންސިލެއްގެ ރައީސް ނުވަތަ ނައިބު ރައީސް އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ކައުންސިލަށް ފޮނުވާ ލިޔުމަކުން އިސްތިއުފާދެވިދާނެއެވެ. އަދި ކައުންސިލްގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާދެވިދާނެއެވެ.

(ށ) ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް މި މާއްދާގެ (ހ)  ގެ ދަށުން އެ މަގާމުން އިސްތިއުފާދިން ކަމުގައިވިޔަސް ކައުންސިލްގެ މެންބަރުކަމުން އޭނާ އިސްތިއުފާދިނީ ކަމުގައެއް ނުބެލެވޭނެއެވެ.

 

84 ވަނަ މާއްދާ - ކައުންސިލްތަކުގެ ރަޖިސްޓްރާރުން

(ހ) ކައުންސިލްތަކުން ދޫކުރަންޖެހޭ ލައިސަންސްތަކާއި، ހުއްދަތަކާއި ސެޓްފިކެޓްފަދަ ލިޔުންތައް ދޫކުރުމާއި، ކައުންސިލުން ބަލަހައްޓަންޖެހޭ ރަޖިސްޓަރީއާއި ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމާއި، ކައުންސިލްގެ އެންމެހައި ނިންމުންތައް ތަންފީޒުކުރުމާއި، ކައުންސިލުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައް ކުރުމާއި، ކައުންސިލްގެ އިދާރީ އެންމެހައި ކަންކަން ކުރުމަށްޓަކައި ކޮންމެ ކައުންސިލެއްގައިވެސް ރަޖިސްޓްރާރެއް ހުންނަންވާނެއެވެ.

(ށ) ކޮންމެ ކައުންސިލެއްގެވެސް އިދާރީ ހިންގުމުގެ އެންމެ އިސްވެރިއަކީ އެ ކައުންސިލެއްގެ ރަޖިސްޓްރާރެވެ.

(ނ) ކޮންމެ ކައުންސިލެއްގެވެސް ރަޖިސްޓްރާރުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ކައުންސިލަކުންނެވެ.

(ރ) ކައުންސިލެއްގެ ރަޖިސްޓްރާރ ކަމުގެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި، މި ގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާންވާނެއެވެ.

(ބ) ރަޖިސްޓްރާރުގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، އެ މަގާމަށް މީހަކު އައްޔަންކުރެވެންދެން، ރަޖިސްޓްރާރުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު ކައުންސިލްގެ ރައީސް ކަނޑައަޅަންވާނެއެވެ. އަދި އެފަދައިން އައްޔަންކުރެވޭ މެންބަރަކީ ސިއްހީ ހިދުމަތުގެ ފަންނުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

(ޅ) ކައުންސިލްގެ ރަޖިސްޓްރާރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ކައުންސިލްގެ ބައްދަލުވުންތައް ބާއްވައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
  2. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ލިޔެކިޔުންތަކާއި ރެކޯޑުތައް ބެލެހެއްޓުން؛
  3. ކައުންސިލްގެ އިހްތިސާސް ހިނގާ ދާއިރާގެ މަސައްކަތްތެރިންގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން؛
  4. ކައުންސިލުން ދޫކުރާ ލައިސަންސްތަކާއި، ހުއްދަތަކާއި ސެޓްފިކެޓްފަދަ ލިޔުންތައް ދޫކުރުން؛
  5. ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްގެ ބޭންކް އެކައުންޓްތައް ހުޅުވައި، ބަންދުކޮށް، ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ކަންކަން ކުރުން؛
  6. މި ގާނޫނުގެ ދަށުން ކައުންސިލްތަކުން ހަދާ ގަވާއިދުގައި ރަޖިސްޓްރާރުގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާ އިތުރު ކަންކަން ކުރުން.

 

85 ވަނަ މާއްދާ - އުޖޫރައާއި މާލީ އިނާޔަތްތައް

(ހ) ކައުންސިލްތަކުގެ މެންބަރުންނަށް އުޖޫރައިގެ ގޮތުގައި ލިބޭނީ ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅޭ އެލަވަންސެކެވެ. އެ އެލަވަންސް ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއެވެ.

(ށ) ކައުންސިލްތަކުގެ ރަޖިސްޓްރާރުންގެ އުޖޫރަ ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާގެމަތިން މިނިސްޓްރީ އޮފް ހެލްތުންނެވެ.

(ނ) ކައުންސިލްތަކުގެ ކޮމިޓީތަކާއި ޕެނަލްތަކުގައި ހިމެނޭ ކައުންސިލްގެ މެންބަރުން ކަމުގައި ނުހިމެނޭ މެންބަރުންނަށް އުޖޫރަ ދިނުމުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލްތަކުން ކަނޑައަޅަންވާނެއެވެ.

 

86 ވަނަ މާއްދާ - ކައުންސިލްތައް ހިންގާ އިދާރީ މުވައްޒަފުން

(ހ) ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ގޮތުގައި ތިބޭނީ ސިވިލް ސަރވިސްގެ މުވައްޒަފުންނެވެ. އަދި އެ މުވައްޒަފުންގެ މައްޗަށް ހިނގާނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކެވެ.

(ށ) ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި އިދާރީ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ އިދާރީ އޮނިގަނޑެއް، ކޮންމެ ކައުންސިލަކުންވެސް އެކުލަވާލައި، އެ ކައުންސިލްގެ މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރަންވާނެއެވެ. އަދި އެ އޮނިގަނޑުގައި ކައުންސިލްގެ މުވައްޒަފުންގެ މަގާމުތަކުގެ ށަރުތުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ އަދަދު ކަނޑައަޅާފައި އޮންނަންވާނެއެވެ.

 

87 ވަނަ މާއްދާ - ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުންނަށް

ލިބިދޭ ހިމާޔަތްކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ކައުންސިލަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގައި ގާނޫނާ ހިލާފުނުވާ ގޮތުގެމަތިން ކައުންސިލްގެ މެންބަރަކު ނުވަތަ ރަޖިސްޓްރާރ ނުވަތަ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު ދައުވާއެއް ނުއުފުލޭނެއެވެ.

 

88 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

މަގާމުގެ ހައިސިއްޔަތުން ކައުންސިލްގެ މެންބަރުންނަށާއި ރަޖިސްޓްރާރަށާއި މުވައްޒަފުންނަށް ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

 

89 ވަނަ މާއްދާ - މާލީ ކަންކަން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްގޮތަށް ކައުންސިލްތަކަށް ފައިސާ ހޯދިދާނެއެވެ.

  1. މި ގާނޫނުގެ ދަށުން ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީ؛
  2. ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކައުންސިލަށް ދޫކުރާ ފައިސާ؛
  3. ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ދޭ ހިލޭ އެހީ؛
  4. ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފުނުވާ ގޮތަށް އެހެނިހެން ގޮތްގޮތުން ހޯދާ ފައިސާ.

(ށ) ކައުންސިލަށް ލިބޭ އާމްދަނީއާއި އެކި ގޮތްގޮތުން ލިބޭ އެހީ ބަލައިގެން، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި، ހިނގަމުންދާ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކައުންސިލްގެ ބަޖެޓް ކައުންސިލުން ފާސްކުރަންވާނެއެވެ.

(ނ) ކައުންސިލްގެ ބަޖެޓަށް ދައުލަތުގެ މާލިއްޔާއިން ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް މިނިސްޓްރީގެ ބަޖެޓުގައި ހިމަނައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން ކައުންސިލަށް ދޫކުރަންވާނެއެވެ. އެގޮތުން، ކައުންސިލްގެ ބަޖެޓުގައި ހިމެނުމަށް ދައުލަތުގެ މާލިއްޔާއިން ބޭނުންވާ ފައިސާގެ އަދަދު ކައުންސިލުން ފާސްކޮށް، ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

90 ވަނަ މާއްދާ - އޮޑިޓްކުރުމާއި އަހަރީ ރިޕޯޓު ހުށަހެޅުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ ހިސާބުތައް އޮޑިޓަރ ޖެނެރަލް  އޮޑިޓްކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން އުފައްދާ ކޮންމެ ކައުންސިލަކުންވެސް އެ ކައުންސިލެއްގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިނިސްޓަރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގައިދިޔަ އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކައުންސިލުން ކުރި މައިގަނޑު މަސައްކަތްތައް؛
  2. ކައުންސިލްގެ ރަޖިސްޓަރީއަށް އައި އުނިއިތުރު؛
  3. ކައުންސިލުން ދޫކޮށްފައިވާ އަދި/ނުވަތަ އައުކޮށްދީފައިވާ އަދި/ނުވަތަ ވަގުތީގޮތުން ހިފަހައްޓާފައިވާ އަދި/ނުވަތަ ބާތިލުކޮށްފައިވާ ލައިސަންސްތައް؛
  4. ކައުންސިލަށް ހުށަހެޅުނު މައްސަލަތަކުގެ މައުލޫމާތު؛
  5. ކައުންސިލުން ނިންމި މައްސަލަތަކާއި، އެ މައްސަލަތައް ނިންމިގޮތުގެ މައުލޫމާތު؛
  6. ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިހުރި މައްސަލަތަކުގެ މައުލޫމާތު؛
  7. ކައުންސިލްގެ މެންބަރުކަމަށް ނުވަތަ އޮނިގަނޑަށް އައިސްފައިވާ ބަދަލު.

(ރ) މި މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި މިނިސްޓަރަށް ފޮނުވާތާ 45 (ސާޅީސްފަހެއް)  ދުވަހުގެ ތެރޭގައި، ކައުންސިލުން އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

ދިހަވަނަ ބާބު

ކުށާއި އަދަބު

91 ވަނަ މާއްދާ - ރަޖިސްޓަރީނުކޮށް މަސައްކަތްކުރުން

(ހ) މެޑިކަލް ޕްރެކްޓިށަނަރަކު ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރަކު ނުވަތަ ނަރުހަކު ނުވަތަ މިޑްވައިފަކު ނުވަތަ އެލައިޑް ހެލްތް ޕްރޮފެށަނަލަކު، އެފަރާތެއް ނިސްބަތްވާ ކައުންސިލެއްގައި ރަޖިސްޓަރީނުކޮށް މަސައްކަތްކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 50,000 (ފަންސާސްހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

92 ވަނަ މާއްދާ - ލައިސަންސް ނެތި މަސައްކަތްކުރުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދޫކުރާ ލައިސަންސެއް ނެތި މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ނުވަތަ އެލައިޑް ހެލްތް ޕްރޮފެށަނަލެއްގެ ގޮތުގައި އެއްވެސް ފަރާތަކުން މަސައްކަތްކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 50,000 (ފަންސާސްހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

93 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު އައުނުކޮށް މަސައްކަތްކުރުން

(ހ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއަކަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވެފައިވަނިކޮށް، އެ ލައިސަންސް އައުނުކޮށް މަސައްކަތްކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 50,000 (ފަންސާސްހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

94 ވަނަ މާއްދާ - ސައްހަނޫން މައުލޫމާތު ހުށަހެޅުން

(ހ) މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ނުވަތަ އެލައިޑް ހެލްތް ޕްރޮފެށަނަލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ލައިސަންސް ހޯދުމަށްޓަކައި ނުވަތަ އެ ފަންނެއް ނިސްބަތްވާ ކައުންސިލެއްގައި ރަޖިސްޓަރީ ކުރުމަށްޓަކައި ސައްހަނޫން މައުލޫމާތު ހުށަހެޅުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 75,000 (ހަތްދިހަފަސްހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 1 (އެކެއް)  އަހަރުދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

 

95 ވަނަ މާއްދާ - ލިޔެކިޔުން ބަދަލުކުރުން

(ހ) މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި ނުވަތަ ނަރުހެއްގެ ގޮތުގައި ނުވަތަ މިޑްވައިފެއްގެ ގޮތުގައި ނުވަތަ އެލައިޑް ހެލްތް ޕްރޮފެށަނަލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ލައިސަންސް ހޯދުމަށްޓަކައި ނުވަތަ އެ ފަންނެއް ނިސްބަތްވާ ކައުންސިލެއްގައި ރަޖިސްޓަރީ ކުރުމަށްޓަކައި ލިޔެކިޔުމަށް އުނިއިތުރު ގެނައުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 75,000 (ހަތްދިހަފަސްހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 1 (އެކެއް)  އަހަރުދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

 

96 ވަނަ މާއްދާ - ސިއްހީ ހިދުމަތުގެ ފަންނެއްގެ މަސައްކަތްތެރިއެއްކަން ދެއްކުން

(ހ) މެޑިކަލް ޕްރެކްޓިށަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިށަނަރެއް ނުވަތަ ނަރުހެއް ނުވަތަ މިޑްވައިފެއް ނުވަތަ އެލައިޑް ހެލްތް ޕްރޮފެށަނަލެއްކަމަށް ދެއްކުމަށްޓަކައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ލައިސަންސް ހޯދާފައިވާ ފަރާތެއް ފިޔަވައި އެއްވެސް ފަރާތަކުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.

  1. އޭނާއަށް ނިސްބަތްވާ ގޮތަށް ސިއްހީ ހިދުމަތުގެ ވަކި ފަންނެއްގެ ނަން ބޭނުންކުރުން؛
  2. ސިއްހީ ހިދުމަތުގެ ވަކި ފަންނެއްގައި ރަޖިސްޓަރީވުމުގެ ހައްގު ލިބިދޭ ތައުލީމީ ފާހެއް ނެތި، އެފަދަ ފާހެއް އެމީހަކަށް ލިބިފައިވާކަން ދެއްކުން؛

3އޭނާއަކީ ސިއްހީ ހިދުމަތުގެ ވަކި ފަންނަކަށް ނިސްބަތްވާ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަސައްކަތްތެރިއެއްކަން ދެއްކުމުގެ ގޮތުން އިށްތިހާރުކުރުން.

(ށ) މި މާއްދާގެ (ހ)  ގެ (3)  ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ބުނާ ބަސްތަކަކުން ނުވަތަ ށާއިއުކުރާ ލިޔުމަކުން ނުވަތަ ދައްކާ މަންޒަރުތަކަކުން ނުވަތަ އިއްވާ އަޑުތަކަކުން، އެކަމެއް އިށްތިހާރުކުރުމަށެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 100,000 (އެއްލައްކަ)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 1 (އެކެއް)  އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ 100,000 (އެއްލައްކަ)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު 1 (އެކެއް)  އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

 

އެގާރަވަނަ ބާބު

އެހެނިހެން

97 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާ ތާރީހު

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް)  މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

98 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. މެޑިކަލް އެންޑް ޑެންޓަލް ޕްރެކްޓިށަނަރުންނާގުޅޭ ކަންކަމުގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން؛
  2. ނަރުހުންނާއި މިޑްވައިފުންނާގުޅޭ ކަންކަމުގައި މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން؛
  3. އެލައިޑް ހެލްތް ޕްރޮފެށަނަލުންނާގުޅޭ ކަންކަމުގައި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން؛
  4. ވަކި ކައުންސިލަކަށް ނިސްބަތްނުވާ ކަމަކާ ގުޅޭގޮތުންނަމަ މިނިސްޓްރީން.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް)  މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) ކައުންސިލްތަކުން ގަވާއިދު ހަދަންޖެހޭކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާތަކާ ގުޅޭގޮތުން ގަވާއިދު ހެދުމުގައި، އެ ކައުންސިލަކުން ހަދާ އެއް ގަވާއިދުގައި ހުރިހާ ބައިތަކެއް ހިމެނޭ ގޮތަށް އެއް ގަވާއިދު އެކުލަވާލުމަކަށް، ނުވަތަ އެކި ކަންކަމާ ގުޅޭގޮތުން ވަކިވަކި ގަވާއިދު ހެދުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

99 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ވަކި ކައުންސިލަކަށް ނިސްބަތްކޮށް ކަމުގައި ނުވާނަމަ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ނުވަތަ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް ހިމެނޭގޮތުން، ޖުމްލަކޮށް އެ ކައުންސިލްތަކަށް ނިސްބަތްކޮށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2022-185)
  2. ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ރަޖިސްޓްރާރގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-31)
  3. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލު ގެ ރަޖިސްޓްރަރގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-168)
  4. މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު (ގަވާއިދު ނަންބަރު 2121-155)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު