-

ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު

(ގަވާއިދު ނަންބަރު 2025-28)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ފެބުރުއަރީ 2025 ގައި)

 

ފުރަތަމަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ބޭރު ފައިސާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތަކުގެ އިތުރުން އިތުރު މުއާމަލާތްތައް ކަނޑައެޅުމާއި، ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުމާގުޅޭ ގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް އަމަލުކުރަންވީ ގޮތުގެ އިޖުރާއަތު ކަނޑައަޅެޅުމާއި، ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބެލުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބެލުމުގައި އަމަލުކުރާނެ އުސޫލުތަކާއި، މި ކަންކަމާގުޅޭ އެހެންވެސް އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރުމުގެ ގަވާއިދެވެ. 

(ށ) މި ގަވާއިދު އެކުލަިވައިފައިވަނީ، ބޭރު ފައިސާއާބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު" އެވެ. 

 

 

ދެވަނަ ބާބު

ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް

 

2 ވަނަ މާއްދާ - ބޭރު ފައިސާއިން މުއާމަލާތްކުރުން

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއާމަލާތްތަކާއި އިލްތިޒާމްތަކުގެ އިތުރުން، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ގ) ގެ ދަށުން، އަންނަނިވި މުއާމަލާތްތަކާއި އިލްތިޒާމްތައް ބޭރު ފައިސާއިން ހުށަހަޅާއި އަދި އަދާކުރެވިދާނެއެވެ. 

  1. ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ނޫން ފަރާތްތަކަށް، އިންށުއަރެންސް ކުންފުނިތަކުން ވިއްކާ އިންށުއަރެންސް ޕޮލިސީއާ ގުޅިގެން އެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ކަސްޓަމަރުންނާ ދެމެދު ބޭރު ފައިސާއިން އަދާކުރުމަށް އެއްބަސްވެގެން ކުރެވޭ މުއާމަލާތްތަކާއި، އެފަދަ ޕޮލިސީއާ ގުޅިގެން އިންށުއަރެންސް އިންޓަރމީޑިއަރީތަކާއި ކަސްޓަމަރުންނާ ދެމެދު ބޭރު ފައިސާއިން އަދާކުރުމަށް އެއްބަސްވެގެން ކުރެވޭ މުއާމަލާތްތައް. 
  2.  ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންވާ ނަމަ، އެ ވިޔަފާރިއަކާއި އެ ވިޔަފާރިއެއްގެ ހިއްސާދާރުންާ ދެމެދު ކުރެވޭ އެހެން މުއާމަލާތްތަކުގެ ތެރޭގައި، ލޯނާއި، އެނޫންވެސް ޕޭމަންޓާގުޅޭ މުއާމަލާތްތަކާއި، ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ބޭރު ފައިސާ ގަނވިއްކުމުގެ މުއާމަލާތްތައް ހިމެނޭނެއެވެ. 
  3.  ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ، ބޭރު ފައިސާއަކުން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުން ނަމަ، އެ ވިޔަފާރިއަކާއި އެވިޔަފާރިއަކާ ގުޅުންހުރި އެހެން ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ ތެރޭގައި ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރެވޭ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިމެނޭނެއެވެ. 
  4. ދިވެހިރާއްޖޭގައި ހިންގާ ޑިޕްލޮމެޓިކް މިށަންތަކުންނާއި، ދިވެހިރާއްޖޭގައި ގާއިމުވެ، ހަރަކާތްތެރިވާ އެކި މަލްޓިލެޓަރަލް އޯގަނައިޒޭށަންތަކުންނާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތަކުން ބޭނުންވާ ނަމަ، އެފަރާތްތަކުން ގަންނަ މުދަލާއި ހޯދާ ހިދުމަތުގެ އަގު ހުށަހެޅުމާއި އަދާކުރުން. 
  5. މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ގަވަރުނަރު ހުއްދަ ދޭ އެނޫންވެސް އިލްތިޒާމްތަކާއި މުއާމަލާތްތައް.

(ށ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (މ) އަދި މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކާ ގުޅުންހުރި ފަރާތްއް ކަމަށް ބަލާނީ އަންނަނިވި ފަރާތްތަކެވެ. 

  1.  ބޭރު ފައިސާއާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ރައުސުމާލުގައި ހިއްސާއެއް އޮންނަ ފަރާތެއް (އޯނަރުން)؛
  2. ބޭރު ފައިސާއާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ %25 (ފަންސަވީސް އިންސައްތަ) އަށް ވުރެ ގިނަ ހިއްސާ އޮންނަ ޕާޓްނަރެއް ނިސްބަތްވާ ޕާޓްނަރށިޕް؛
  3. ބޭރު ފައިސާއާއިން އާމްދަނީ ލިބޭ ވިޔަފާރިއަކީ ޕާޓްނަރށިޕެއް ނަމަ، އެ ޕާޓްނަރށިޕުގެ ޕާޓްނަރެއް ބައިވެރިވާ، އެފަރާތުގެ %25 (ފަންސަވީސް އިންސައްތަ) އަށް ވުރ ގިނަ ހިއްސާ އޮންނަ ކުންފުނިތައް؛ އަދި
  4. ބޭރު ފައިސާއާއިން އާމްދަނީ ލިބޭ ވިޔަފާރިއަކާ އެއް ކޯޕަރޭޓް ގްރޫޕެއްގައި ހިމެނޭ ފަރާތްތައް. 

 

3 ވަނަ މާއްދާ - ބޭރު ފައިސާއިން އަދާކުރުމަށް ގަވަރުނަރު ހުއްދަ ދޭ އިލްތިޒާމުތަކާއި މުއާމަލާތައް

ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާ އާއި މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބޭރު ފައިސާއިން އަދާކުރެވިދާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ އިލްތިޒާމުތަކާއި މުއާމަލާތްތަކުގެ ތެރޭގައި ނުހިމެނޭ، އެހެންނަމަވެސް، އެ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް ބޭރު ފައިސާއިން ކުރުމުގެ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހެޅުމުން، ނުވަތަ ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ތެރެއިން އޮތޯރިޓީގެ އަމިއްލަ އިސްނެގުމުގައި، އެ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް ބޭރު ފައިސާއިން ހުށަހަޅައި އަދާކުރުމަށް ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުއްދަ ދެވިދާނެއެވެ. 

 

 

ތިންވަނަ ބާބު

ބޭރު ފައިސާއިން ލިބޭ އާމްދަނީ ޖަމާކުރުން

 

4 ވަނަ މާއްދާ - ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަކަށް ޖަމާކުރުން

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މީލާދީ މަހެއްގެ ތެރޭގައި ލިބިފައިވާ "ބޭރު ފައިސާގެ ރިއަލައިޒްޑް ސޭލްސް ޕްރޮސީޑިސް' ކަމަށް ބަލާނީ، ވިއްކާފައިވާ މުދަލާއި ފޯރުކޮށްދީފައިވާ ހިދުމަތަށް (ކޮންމެ އިރެއްގެ ސޭލްސްއަކާ ގުޅިގެންކަމުގައިވީ ނަމަވެސް) މަހެއްގެ ތެރޭގައި ލިބިފަިއވާ ބޭރު ފައިސާއަށެވެ. 

(ށ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ (1) ގެ (2) ވަނ ަނަންބަރުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކް އެކައުންޓަކަށް ޖަމާކުރަންޖެހޭ ފަރާތެއް ކަމަށް ބަލާނީ، އެ ފަރާތެއްގެ ފާއިރުވި މީލާދީ އަހަރުގެ މާލީ ހިސާބުތަކުން ނުވަތަ މުދަލާއި ހިދުމަތުގެ ޓެކްސް ބަޔާންތަކުން، އެ އަހަރެއްގެ ތެރޭގައި އެފަރާތަކުން ބޭރު ފައިސާއިން މަދުވެގެން 15،000،000.00 (ފަނަރަ މިލިޔަން) އެމެރިކާ ޑޮލަށް ނިސްބަތްވާ އަދަދެއްގެ މުދަލާއި ހިދުމަތް ވިއްކާފައިވާކަން ނުވަތަ ފޯރުކޮށްދީފައިވާކަން (ސޭލްސް) އެނގެން އޮންނަ ނަމައެވެ. 

 

5 ވަނަ މާއްދާ - ޖަމާކުރާ ބޭރު ފައިސާއާބެހޭ މައުމޫލާތު ހިއްސާކުރުން

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން މީލާދީ މަހެއްގެ ތެރޭގައި ބޭންކް އެކައުންޓަކަށް ޖަމާކުރާ ބޭރު ފައިސާއާބެހޭ މައުލޫމާތު، އެ މަހެއް ނިމޭތާ 10 (ދިހައެއް) މަސައްކަތު ދުވަހުގެ ތެރޭގައި، އޮތޯރިޓީގެ "ފޮރިން އެކްސްޗޭންޖް ޕޯޓަލް" މެދުވެރިކޮށް ބޭރު ފައިސާ ޖަމާކުރަންޖެހޭ ފަރާތްތަކުން ހުށަހަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅާނީ އޮތޯރިޓީގެ "ޑިޕޮސިޓް ޑިކްލެރޭށަން ފޯމު" މެދުވެރިކޮށެވެ. 

 

 

ހަތަރުވަނަ ބާބު

ބޭރު ފައިސާއިން ލިބޭ އާމްދަނީ ބައެއް ރުފިޔާއަށް މާރުކުރުން

 

6 ވަނަ މާއްދާ - ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިށްމަންޓް" ގައި ހިމަނާފައިވާ އެނޫންވެސް އެފަދަ ތަންތަނުގެ ތެރޭގައި ޔޮޓް މެރީނާއެއްގައި ޓޫރިސްޓުން ބޭތިއްބުމަށް ހިންގާ ތަންތަން ހިމެނޭނެއެވެ. 

(ށ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ކެޓެގަރީބީ ޓޫރިޒަމް އެސްޓެބްލިށްމަންޓް" ގައި ހިމެނޭ ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރޭގައި ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތައް ހިމެނޭނެއެވެ. 

(ނ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރަންޖެހޭ ފަރާތެއް ކަމުގައި ބަލާނީ، އެ ފަރާތެއް ފާއިތުވި މީލާދީ އަހަރުގެ މާލީ ހިސާބުތަކުން ނުވަތަ މުދަލާއި ހިދުމަތުގެ ޓެކްސް ބަޔާންތަކުން، އެ އަހަރެއްގެ ތެރޭގައި އެފަރާތަކުން ބޭރު ފައިސާއިން މަދުވެގެން 15،000،000.00 (ފަނަރަ މިލިއަން) އެމެރިކާ ޑޮަލަރަށް ނިސްބަތްވާ އަދަދެއްގެ މުދަލާއި ހިދުމަތް ވިއްކާފައިވާކަން ނުވަތަ ފޯރުކޮށްދީފައިވާކަން (ސޭލްސް) އެނގެން އޮންނަ ނަމައެވެ. 

 

7 ވަނަ މާއްދާ - ގްރޯސް ސޭލްސް ހިސާބުކުރުމުގައި އުނިކުރެވޭނެ އިލްތިޒާމްތައް

ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީލާދީ މަހެއްގެ "ބޭރު ފައިސާގެ ގްރޮސް ސޭލްސް" ހިސާބުކުރުމުގައި، އެ މަހެއްގެ ބޭރު ފައިސާގެ ޖުމުލަ ސޭލްސްއިން އެ މަހަކަށް ނިސްބަތްވާ އެފަރާޓުގެ އަންނަނިވި ބޭރު ފައިސާގެ އިލްތިޒާމުތައް އުނިކުރެވިދާނެއެވެ.

(ހ) ޓީ.ޖީ.އެސް.ޓީ؛

(ށ) ގްރީން ޓެކްސް؛ އަދި 

(ނ) ސަރވިސްޗާޖު.

 

8 ވަނަ މާއްދާ - މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު ކަނޑައަޅާނެ ގޮތް އިހްތިޔާރުކުރުން

(ހ) ބޭރު ފައިސާ މާރުކުރަންޖެހޭ ކޮންމެ ފަރާތަކުންވެސް، ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު ހިސާބުކުރުމުގައި އަމަލުރާނެ ގޮތް ކަނޑައެޅުމަށް އެ ފަރާތަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން، އެ ފަރާތެއް އިހްތިޔާރުކުރި ގޮތެއ، މި ގަވާއިދަށް އަމަލުކުރަން ފަށާ ފަހުން އެ ފަރާތުން ހުށަހަޅާ ފުރަތަމަ ސޭލްސް ރިޕޯޓުގައ ިހިމަނަންވާނެއެވެ. 

 (ށ) މި ގަވާޢިދަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން، އޮތޯރިޓީގައި ރަޖިސްޓަރީކުރާ ބޭރު ފައިސާ މާރުކުރަންޖެހޭ ކޮންމެ ފަރާތަކުންވެސް، ބޭރު ފައިސާއާބެހޭ ގާނޫނުގެގެ 10 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު ކަނޑައެޅުމުގައި އަމަލުުރާނެ ގޮތް ކަނޑައެޅުމަށް އެފަރާތަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން، އެ ފަރާތެއް އިހްތިޔާރުކުރި ގޮތެއް، ރަޖިސްޓަރީ ކުރުމަށްފަހު އެ ފަރާތުން ހުށަހަޅާ ފުރަތަމަ ސޭލްސް ރިޕޯޓުގައި ހިމަނަންވާނެއެވެ. 

(ނ) ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން، މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އޮތޯރިޓީއަށް އަންގައިފައިވާ، އެފަރާތުން އިހްތިޔާުރުކުރި ގޮތް، ކޮންމެ އަހަރެއްގައި ވެސް އެ އަހަރުގެ ޖަނަވަރީ މަހަށް ނިސްބަތްވާ ސޭލްސް ރިޕޯޓު ހުށަހަޅާއިރު ބަދަލުކުރެވިދާނެއެވެ. މިފަދައިން ބަދަލުކުރި ނަމަވެސް، ފާއިތުވި އަހަރަށް ނިސްބަތްކޮށް އެފަރާތަކުން އެ އަހަރެއްގެ ތެރޭގައި އަދާކުރަންޖެހޭ މާރުކުރުމުގެ އިލްތިޒާމުގެ މައްޗަށް ހިނގާނީ، އޭގެ ކުރިން އިހްތިޔާރުކޮށް، އަދި އޮތޯރިޓީއަށް އަންގައިފައިވާ ގޮތަށެވެ. 

 

9 ވަނަ މާއްދާ - މާރުކުރަންޖެހޭ އަދަދަށްވުރެ އިތުރަށް މާރުކުރުން

ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މީލާދީ މަހަކަށް ނިސްބަތްކޮށް މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދަށްވުރެ އިތުރަށް މާރުކުރަންޖެހޭ މުއްދަތުގެ ތެރޭގައި މާރުކޮށްފައިވާ ނަމަ، ވިދިގެން އަންނަ މަހުގެ (ނުވަތަ މަސްދުވަސްތަކުގެ) ސޭލްސް ރިޕޯޓަށް ބަލައި، އެ މަހަކަށް (ނުވަތަ މަސްދުވަސްތަކަށް) ނިސްބަތްކޮށް އެފަރާތަކުން މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދުން އިތުރަށް ދައްކައިފައިވާ އަދަދު އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން އެފަރާތަކަށް އެޖަސްޓްކޮށްދެވޭނެއެވެ. 

 

10 ވަނަ މާޢްދާ - ބޭރު ފައިސާ މާރުކުރާއިރު ބޭންކަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު

ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން ބޭރު ފައިސާ ބޭންކަކަށް މާރުކުރާއިރު އަންނަނިވި މައުލޫމާތު ބޭންކަށް ފޯރުކޮށްދޭންވާނެއެވެ. 

(ހ) އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ އެސްޓަބްލިށްމަންޓް ނުވަތަ ވިޔަފާރި ތަނަށް ނިސްބަތްވާ ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރު (ޓިން)؛

(ށ) ވިޔަފާރި ރަޖިސްޓަރޭށަން ނަންބަރު؛

(ނ) އެސްޓަބްލިށްމަންޓް ނުވަތަ ވިޔަފާރި ތަނުގެ ނަން؛

(ރ) މާރުކުރާ ބޭރު ފައިސާ ނިސްބަތްވާ މީލާދީ މަސް؛ އަދި

އޮތޯރިޓީން ނުވަތަ އޮތޯރިޓީގެ އިރުށާދުގެ ދަށުން ބޭންކުން އަންގާ އެނޫންވެސް މައުލޫމާތު.

 

11 ވަނަ މާއްދާ - މާރުކުރާ ބޭރު ފައިސާއާބެހޭ މައުލޫމާތު ހުށަހެޅުން

(ހ) ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން، މީލާދީ މަހެއްގެ ތެރޭގައި ބޭންކަކަށް މާރުކުރާ ބޭރު ފައިސާއާބެހޭ މައުލޫމާތު، އެ މަހެއް ނިމޭތާ 10 (ދިހައެއް) މަސައްކަތުދުވަހުގެ ތެރޭގައި، އޮތޯރިޓީގެ "ފޮރިން އެކްސްޗޭންޖް ފޯޓަލް" މެދުވެރިކޮށް އެފަރާތަކުން ހުށަހަޅަންވާނެއެވެ. 

(ށ) މި މާއްދާޣެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅާނީ އޮތޯރިޓީގެ "ކޮންވަރށަން ޑިކްލެރޭށަން ފޯމު' މެދުވެރިކޮށެވެ. 

 

12 ވަނަ މާއްދާ - ބޭންކަށް މާރުކުރާ ފައިސާ ބޭނުންކުރާ ގޮތުގެ މައުލޫމާތު ހުށަހެޅުން

ބޭރު ފައިސާއާބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ބޭންކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާ ވިއްކުމަށްފަހު، ބާކީ ހުންނަ ބޭރު ފައިސާ އެ ބޭންކަކުން ބޭނުންކުރަމުންދާ ގޮތުގެ ތަފުސީލު އޮތޯރިޓީން އަންގާ ގޮތެއްގެ މަތީން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. 

 

 

ފަސްވަނަ ބާބު

މާރުކުރުަންޖެހޭ ބޭރު ފައިސާގެ އަދަދު މުރާޖައާކުރުމާބެހޭ އުސޫލު

 

13 ވަނަ މާއްދާ - މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު މުރާޖައާކުރުން

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން، އޮރޯރިޓީން ހުއްދަކުރާ ބޭރު ފައިސާގެ އިލްތިޒާމްތައް ތިރީގައި އެވަނީއެވެ. 

  1. ދިވެހިރާއްޖޭގައި ހިންގާ މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަދާކުރަންޖެހިފައިވާ ދަރަނި؛ އަދި
  2. އޮތޯރިޓީއަށް ހުށަހެޅޭ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، އޮތޯރިޓީން ހުއްދަދޭ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމުތައް. 

(ށ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ "ބޭރު ފައިސާއިން ސަރުކާރަށް ދައްކަންޖެހިފައިވާ އިލްތިޒާމު" ގެ ތެރޭގައި ހިމެނެނީ، ގާނޫނަކުން ނުވަތަ ގަވާއިދަަކުން ސަރުކާރަށް ދައްކަންޖެހިފައިވާ ބޭރު ފައިސާގެ އިލްތިޒާމުތަކެވެ. 

(ނ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ "ދަރަނި" ގެ ތެރޭގައި ހިމެނެނީ، ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތެއްގެ ސީދާ ބޭނުމަށް ނަގައިފައިވާ، 1 (އެކެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސްކުރަންޖެހޭ ޓަރމް ލޯނު ފަދަ ދިގު މުއްދަތުގެ ދަރަންޏެވެ. 

 

14 ވަނަ މާއްދާ - މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާނެ ގޮތް

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު މުރާޖައާކޮށްދިނުމަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނީ ލިޔުމުންނެވެ. އަދި މިގޮތުން ހުށަހަޅާ ހުށަހެޅުމާއެކު އަންނަނިވި މައުލޫމާތާއި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ފާއިތުވި 1 (އެކެއް) މަސްދުވަސް ތެރޭގައި މީރާއިން ދޫކޮށްފައިވާ ޓެކްސް ކްލިއަރަންސް ރިޕޯޓު؛
  2. އަދާކުރަންޖެހިފައިވާ ބޭރު ފައިސާގެ އިލްތިޒާމަކީ ސަރުކާރަށް ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމެއް ނަމަ، އެ އިލްތިޒާމު އޮތްކަން ހާމަކޮށްދޭ ލިޔެކިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
  3. އަދާކުރަންޖެހިފައިވާ ބޭރު ފައިސާގެ އިލްތިޒާމަކީ، ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ނުވަތަ މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ދަރަނީގެ އިލްތިޒާމެއް ނަމަ، އެ ދަރަނީގެ އިންޓްރުމަންޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
  4. ބޭރު ފައިސާއިން އަދާކުރަންޖެހޭ ދަރަންޏަކީ ލޯނެއް ކަމުގައިވާ ނަމަ، މާލީ އިދާރާއަކުން ދޫކޮށްފައިވާ ލޯނާބެހޭ ލިޔެކިޔުމާއި، ކަރަންޓް ލޯނު ސްޓޭޓްމަންޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
  5. އަދާކުރަންޖެހިފައިވާ ބޭރު ފައިސާގެ އިލްތިޒާމަކީ ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ އިލްތިޒާމެއް ނަމަ، އެ އިލްތިޒާމު އެ މައްޗަށް ބިނާވާ ނިންމުމެއްގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
  6. އެ މީލާދީ އަހަރެއްގެ އެހާތަނަށް ނިސްބަތްވާ ކޮންމެ މަހެއްގެ ކޭށްފްލޯ ސްޓޭޓްމަންޓުގެ ވަރކިންގ ފައިލް ނުވަތަ އެ އަހަރެއްގެ ސްޓޭޓްމަންޓް ނެތް ނަމަ، ފާއިތުވި 3 (ތިނެއް) މަސްދުވަހަށް ނިސްބަތްވާ ކޭށްފްލޯރ ސްޓޭޓްމަންޓްގެ ވަރކިންގ ފައިލް؛
  7. ފާއިތުވި މީލާދީ އަހަރަށް ނިސްބަތްވާ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ނުވަތަ އެފަދަ އޮޑިޓް ރިޕޯޓެއް ނެތް ނަމަ، އޭގެ ކުރީ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް؛ އަދި
  8. އޮތޯރިޓީން ކަނޑައަޅާ އެނޫންވެސް މައުލޫމާތު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމެއްގައި، އެފަރާތަކުން މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރަށްވުރެ އޮތޯރިޓީން ކަނޑައަޅާ މަދު މިންވަރެއް މާރުކުރުމުގެ ހުއްދަ ބޭނުންވާ ސަބަބާއި މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. 

(ނ) ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތަކުން، ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާޢްދާގެ (ހ) ގެ ދަށުން މުރާޖައާކުރުމަށް އެދި އޮތޯރިޓީއަށް ހުށަހެޅުމެއް ހުށަހަޅައިފައި އޮތުމަކީ، އެ ހުށަހެޅުމަކާމެދު އޮތޯރިޓީން ގޮތެއް ކަނޑައަޅަންދެން، ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން އެ ފަރާތަކުން އަދާކުރަންޖެހޭ މާރުކުރުމުގެ އިލްތިޒާމު އަދާނުކޮށް ހުރުމަށް ހުއްދަކުރާ ސަބަބެއް ނޫނެވެ. 

 

15 ވަނަ މާޢްދާ - ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުން

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މުރާޖައާކުރުމަށް އެދި ހުށަހަޅާ ފުރިހަމަ ހުށަހެޅުމެއް އޮތޯރިޓީއަށް ލިބޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެ ހުށަހެޅުމެއް ދިރާސާކޮށް ވަޒަންކުރުމަށްފަހު، އެ ހުށަހެޅުމަކާމެދު މި މާއްދާގެ (ރ) ނުވަތަ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަކުން ކުރެ ގޮތަކަށް ނިންމައި، އެފަރާތަކަށް އަންގަންވާނެއެވެ. 

(ށ) މުރާޖައާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ދިރާސާކޮށް ވަޒަންކުރާނީ ކޮމިޓީންނެވެ. އަދި އެ ހުށަހެޅުމަކާގުޅޭ ގޮތުން ގޮތެއް ނިންމާނީ، އެ ކޮމިޓީގެ ލަފަޔާއެކު، ގަވަރުނަރެވެ. 

(ނ) މި މާއްދާގެ ދަށުން މުރާޖައާކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ދިރާސާކޮށް ވަޒަންކުރާއިރު، އަންނަނިވި ކަންކަމަށް އޮތޯރިޓީން ރިއާޔަތްކުރާނެއެވެ.

  1. ގަވާޢިދު ނަންބަރު 2025-02 (ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވޭތޯ؛
  2. މި ގަވާއިދާއި ބޭރު ފައިސާއާބެހޭ ގާނޫނުެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ، އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ރިޕޯޓުތަކާއި މައުލޫމާތު ހުށަހަޅައިފައިވާ މިންވަރު؛
  3. ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުމުގެ ކަންކަމާއި ބޭރު ފައިސާ މާރުކުރުމުގެ ކަންކަމަށް އަމަލުކޮށްފައިވާ މިންވަރު؛
  4. މި ގަވާއިދުގެ ދަށުން އެފަރާތުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާކޮށްފައިނުވާތީ، އަޅައިފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކާ ގުޅިގެން އޮތޯރިޓީން އަންގައިފައިވާ އެންގުންތަކާ އެއްގޮތަށް އަމަލުކޮށްފައިވާ މިންވަރު؛
  5. ގާނޫނާއި ގަަވާއިދުގެ ދަށުން އެފަރާތަކުން ދައްކަންޖެހޭ ޓެކުހާއި ސަރުކާރަށް ދައްކަންޖެހިފައިވާ އިލްތިޒާމްތައް އެފަރާތަކުން އެހާތަނަށް އަދާކޮށްފައިވާ މިންވަރު؛
  6. މީލާދީމަހަކަށް އެފަރާތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީގެ ނިސްބަތަށް ބަލައި މުޅި އަހަރަށް ފޯކާސްޓްކުރާ ކޭށްފްލޯގެ އެނަލިސިސްއަކުން އެފަރާތުން އަދާކުރަންޖެހިފައިވާ ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަދި މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭރު ފައިސާގެ އިލްތިޒާމު ނުވަތަ އިލްތިޒާމުތައް އަދާކުރެވިދާނެކަމަށް އަންދާޒާކުރެވޭ މިންވަރު؛ އަދި 
  7. މުރާޖައާކުރުމަށް އެދި ހުށަހެޅުމެއް ހުށަހަޅައިފައިވަނީ ޓޫރިޒަމް އެސްޓެބްލިށްމަންޓަކުން ނަމަ، ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު ކަނޑައެޅުމުގައި އެފަރާތަކުން އިހްތިޔާރުކޮށްފައިވާ ގޮތް ބަދަލުކޮށްފި ނަމަ (މިސާލަކަށް، ޓޫރިސްޓް އެރައިވަލް ބޭސިސް އިން ގްރޮސް ސޭލްސް ބޭސިސްއަށް ބަދަލުކޮށްފި ނަމަ)، އަދި އެގޮތުން ކަނޑައެޅޭ އަދަދަށް ބޭރު ފައިސާ މާރުކޮށްފި ނަމަ، އެ ފަރާތުން އަދާކުރަންޖެހިފައިވާ ބޭރު ފައިސާގެ އިލްތިޒާމު ނުވަތަ އިލްތިޒާމުތައް އަދާކުރެވޭނެ ބޭރު ފައިސާ އެފަރާތުގެ އަތުގައި ހުންނާނެކަމަށް ނުވަތަ ނުހުންނާނެކަމަށް ލަފާކުރެވޭ މިންވަރު.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުމެއް ވަޒަންކުރުމަށް ފަހު، މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު މުރާޖައާކޮށްދޭން ނިންމައިފި ނަމަ، އެ ފަރާތަކުން މާރުކުރަންޖެހޭ މަދު މިންވަރަކާއި، އެ މިންވަރަށް މާރުކުރެވޭނެ މުއްދަތު އެ ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ. 

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ނިންމުމުގައި، ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތަކަށް ލުއި ދީފައިވަާ މުއްދަތުގައި އޮތޯރިޓީއާއެކު ހިއްސާކުރަންޖެހޭ އިތުރު މައުލޫމާތު އެ ފަރާތަކަށް އަންގާނެއެވެ. 

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހެޅުމެއް ވަޒަންކުރުމަށްފަހު، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތުން މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު މުރާޖައާކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ފެނިއްޖެ ނަމަ، އެކަން އެފަރާތަކަށް ލިޔުމުން އަންގާނެއެވެ. 

(ކ) މުރަޖައާކުރުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއްގައި މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ލިޔުންތައް ފުރިހަމަނުވާ ނަމަ، އެ މައުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅުމަށް، ނުވަތަ މުރާޖައާކުރުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއް ވަޒަންކުރުމަށްޓަކައި އޮތޯރިޓީން ބޭނުންވެގެން އަންގާ އެހެނިހެން މައުލޫމާތާއި ލިޔުންތައް ހުށަހެޅުމަށް، އޮތޯރިޓީން އެ ފަރާތަށް އަންގާ މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތު ހުށަހަޅައިފައި ނުވާނަމަ، މުރާޖައާކުރުމަށް އެދި ހުށަހޅަފައިވާ ހުށަހެޅުން ބާތިލުކުރެވިދާނެއެވެ. މިގޮތުން ބާތިލުކޮށްފި ނަމަ، އެކަން އެ ފަރާތަކަށް ލިޔުމުން އަންގާނެއެވެ. 

(އ) މި މާއްދާގެ (ހ) ގައި ބަޔާން ބަޔާންކޮށްފައިވާ ހުށަހެޅުން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންމެހައި މައުލޫމާތާއި ލިޔުންތަކާއި، އަދި މުރާޖައާކުރުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއް ވަޒަންކުރުމަށްޓަކައި އޮތޯރިޓީން ބޭނުންވެގެން އަންގާ އެހެނިހެން މައުލޫމާތާއި ލިޔުންތައް ހުށަހަޅައިފައިވާ ނަމައެވެ. 

 

 

ހަވަނަ ބާބު

ރިޕޯޓުކުރުމާއި މައުލޫމާތު ބެލެހެއްޓުން

 

16 ވަނަ މާއްދާ - ސޭލްސް ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުން

ބޭރު ފައިސާއާބެހޭ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން އޮތޯރިޓީގައި ރަޖިސްޓަރީކުރާ ފަރާތްތަކުން، މީލާދީ މަހެއްގެ މައްޗަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ މައުލޫމާތު ހިމެނޭ ސޭލްސް ރިޕޯޓު ޖެހިގެން އަންނަ މީލާދީ މަހުގެ 28 (އަށާވީސް) ވަނަ ދުވަހުގެ ކުރިން އޮތޯރިޓީގެ "ފޮރިން އެކްސްޗޭންޖެ ފޯޓަލް" މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. 

 

17 ވަނަ މާއްދާ - ވަގުތީ ގޮތުން މިޔަފާރިކުރުން ހުއްޓާލާ ނަމަ އޮތޯރިޓީއަށް އެންގުން

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން އޮތޯރިޓީގައި ރަޖިސްޓަރީކުރާ ފަރާތްތަކުން، އެފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި ނަމަ، އަދި މިފަދައިން ވަގުތީ ގޮތުން ވިޔަފާރިކުރުން ހުއްޓާލުމަށްޓަކައި ކަމާބެހޭ އިދާރާއަކުން ވަކި ހުއްދައެއް ނަގަންޖެހޭ ނަމަ، އެ ހުއްދައަކާއެކު، އެފަރާތަކުން ވަގުތީ ގޮތުން ވިޔަފާރިކުރުން ހުއްޓާލަން ނިންމާފައިވާ ތާރީހުގެ 10 (ދިހައެއް) މަސައްކަތުގެ ދުވަހުގެ ކުރިން އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް އަންގާ އެންގުމެއްގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ވަގުތީގޮތުން ވިޔަފާރި ނިންމާލަން ހުށަހަޅާފައިވާ ތާރީހް؛
  2. ވަގުތީގޮތުން ވިޔަފާރި ހުއްޓާލާ ސަބަބު؛ އަދި
  3. ވިޔަފާރިކުރަން އަނެއްކާވެސް ފަށާނެ ކަމަށް ލަފާކުރެވޭ ތާރީހް.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ ގޮތުން ވިޔަފާރިކުރުން ހުއްޓަލާ ފަރާތަކުން، އެފަރާތަކުން ކޮންމެ މީލާދީ މަހެއްގައި ވެސް ހުށަހަޅަންޖެހޭ ސޭލްސް ރިޕޯޓައި، މި ގަވާއިދުގެ ދަށުން އެފަރާތެއްގެ މައްޗަށް ލާޒިމްކުރާ އެނޫންވެސް އިލްތިޒާމުތައް ފުރިހަމަކުރުމާގުޅޭ ގޮތުން އަމަލުކުރާނީ އޮތޯރިޓީން އަންގާ ގޮތެއްގެ މަތީންނެވެ. 

 

18 ވަނަ މާއްދާ - މައުލޫމާތާއި ރިކޯޑު ބެލެހެއްޓުން

ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރަންޖެހޭ ފަރާތްތަކާއި ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތައް، ބޭރު ފައިސާ މާރުކުރުމާއި ޖަމާކުރުމާގުޅޭ ގޮތުން އެފަރާތްތަކުން އަދާކުރާ އިލްތިޒާމުތަކާގުޅޭ ރިކޯޓުދަތަކާއި ލިޔެކިޔުުން، އެ މުއާމަލާތެއް ނިސްބަތްވާ މީލާދީ މަހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ. 

 

 

ހަތްވަނަ ބާބު

ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބެލުމާއި ފިޔަވަޅު އެޅުން

 

19 ވަނަ މާޢްދާ - ގާނޫނާއި ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

ބޭރު ފައިސާއާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެ ނަމަ، ނުވަތަ އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވެއްޖެ ނަމަ، އެފަރާތަކާމެދު އޮތޯރިޓީން އެންމެ ފުރަތަމަ ފިޔަވަޅު އަޅާނީ އަންނަނިވި ގޮތުގެ މަތީންނެވެ. 

  1. ވަކިކަމެއް ކުރުމަށް ކަނޑައަޅައިފައިވާ ގޮތަށާއި، އެ ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތުގައި އެކަމެއް ކޮށްފައި ނުވާ ނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކަމެއް ފުރިހަމަކުރުމަށް އަންގައި ނޯޓިހެއް ("ފުތަމަ ނޯޓިސް") ފޮނުވުން. 
  2. ފުތަމަ ނޯޓިހުގައި ބަޔާންކޮށްފައިވާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ނޯޓިހުގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ކަންކަން ފުރިހަމަކޮށްފައިނުވާ ނަމަ، 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަމެއް ކުރުމަށާއި، މި މުއްދަތުގެ ތެރޭގައި އެކަމެއް ފުރިހަމަކޮށްފައިނުވާ ނަމަ، އެފަރާތަކާމެދު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އަޅާނެކަން އަންގައި ނޯޓީހެއް ("ފައިނަލް ނޯޓިސް") ފޮނުވުން. 

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އޮތީރިޓީން ދޭ ފައިނަލް ނޯޓިހާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެފަރާތަކާމެދު އެޅިދާނެއެވެ.

  1. ފައިނަލް ނޯޓިހާ އެއްގޮތަށް ފުރިހަމަކޮށްފައި ނުވަނީ ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަށް ޖަމާކުރުމުގެ އިލްތިޒާމެއް ނަމަ، އެ މީލާދީ މަހަކަށް ޖަމާކުރަންޖެހޭ ބޭރު ފައިސާގެ %0.25 (ސުމެއް ޕޮއިންޓް ދޭއް ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުން. 
  2. ފައިނަލް ނޯޓިހާ އެއްގޮތަށް ފުރިހަމަކޮށްފައި ނުވަނީ ބޭރު ފައިސާގެ އާމްދަނީން ބައެއް ރުފިޔާއަށް މާރުކުރުމުގެ އިލްތިޒާމެއް ނަމަ، އެ މީލާދީ މަހަކަށް މާރުކުރަންޖެހޭ ބޭރު ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުން. 
  3. ފައިނަލް ނޯޓިހާ އެއްގޮތަށް ފުރިހަމަކޮށްފައި ނުވަނީ މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިލްތިޒާމުތައް ފިޔަވައި އެނޫން އިލްތިޒާމެއް ނަމަ، އެފަރާތެއް ވި ހިލާފުވުމެއްގެ ކުޑަބޮޑު މިނަށް ބަލައި، އެފަރާތެއް 10،000 (ދިހަހާސް) ރުފިޔާ އާއި 1،000،0000 (އެއް މިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. 

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޖޫރިމަނާކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ފަރާތަކުން އަދާކުރަންޖެހޭ ޖަމާކުރުމުގެ އިލްތިޒާމު ފުރިހަމަކޮށްފައިނުވާ ނަމަ، އެ އިލްތިޒާމު ފުރިހަމަކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް، އެ މަހަކަށް ޖަމާކުރަންޖެހޭ ބޭރު ފައިސާގެ %0.25 (ސުމެއް ޕޮއިންޓް ދޭއް ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާ އަދަަދަކުން އެފަރާތެއް ޖޫރިމަނާކުރެވިދާނެއެވެ. 

(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޖޫރިމަނާކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ފަރާތަކުން އަދާކުރަންޖެހޭ މާރުކުރުމުގެ އިލްތިޒާމު ފުރިހަމަކޮށްފައިނުވާ ނަމަ، އެ އިލްތިޒާމު ފުރިހަމަކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް، އެ މަހަކަށް މާރުކުރަންޖެހޭ ބޭރު ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާ އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވިދާނެއެވެ. 

(ބ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ޖޫރިމަނާކޮށްފައި ވަނީ، އޮތޯރިޓީގައި ރަޖިސްޓަރީކުރުމަށް އޮންނަ އިލްތިޒާމާ ހިލާފުވާތީ ކަމަށްވާ ނަމަ، އަދި އެ ނަންބަރުގެ ދަށުން ޖޫރިމަނާކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ފަރާތުން އޮތޯރިޓީގައި ރަޖިސްޓަރީވެފައިނުވާ ނަމަ، އޮތޯރިޓީގެ އަމިއްލަ އިސްނެގުމުގައި އެ ފަރާތެއް އޮތޯރިޓީގައި ރަޖިސްޓަރީކޮށް، އެ ފަރާތަކަށް އެކަން އަންގާނެއެވެ. އަދި ބޭރު ފައިސާއާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް އެ ފަރާތަކުން އަމަލުކުރަމުންނުދާ ނަަމަ، އެ ފަރާތަކާމެދު މި ބާބުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ. 

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އޮތޯރިޓީން އެއްވެސް ފަރާތެއް ރަޖިސްޓަރީ ކުރިކަމުގައިވީ ނަމަވެސް، މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ އެ ފަރާތުން އޮތޯރިޓީއަށް ދައްކަންވާނެއެވެ. 

(ކ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ޖޫރިމަނާކުރުމުގައި، ބޭރު ފައިސާއިން ޖޫރިމަނާކުރެވިދާނެއެވެ. 

 

20 ވަނަ މާއްދާ - ހިސާބުތަކާއި މައުލޫމާތު އޮޅުވާލާފައިވާ ކަމަށް ބެލެވޭ މައްސަލަތައް ބެލުން

(ހ) ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރަންޖެހޭ ފަރާތްތަކާއި ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން އޮތޯރިޓީއަށް ހުށަހަޅާ ސޭލްސް ރިޕޯޓާއި ޑެކްލަރޭށަންތަކުގައި ހިސާބުތަކާއި މައުލޫމާތު އޮޅުވާލާފައިވާކަމަށް އޮތޯރިޓީއަށް ބެލެވިގެން އެ މައްސަލައެއް ބެލުމަށްޓަކައި، އޮތޯރިޓީން ކަނޑައަޅައި މުއްދަތަކަށް ނިސްބަތްވާ ހިސާބުތަކާއި ލިޔެކިޔުންތައް، އޮތޯރިޓީން އަންގާ މުއްދަތެއްގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތުން، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ބެލުމުގައި، މައްސަލަ ރައްދުވާ ފަރާތުން އެ މުއްދަތުގައި ބޭންކް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކާގުޅޭ މައުލޫމާތާއި، މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކާއި، އެނޫންވެސް އިދާރާތަކަށް އެ މުއްދަތުގައި ރިޕޯޓުކޮށްފައިވާ ހިސާބުތަކާއި މައުލޫމާތު އެ އިދާރާތަކުން ފޯރުކޮށްދިނުމަށް އެދި އޮތޯރިޓީން އަންގައިފި ނަމަ، އޮތޯރިޓީން އަންގާ މުއްދަތުގެ ތެރޭގައި އެ ހިސާބުތަކާއި މައުލޫމާތު އެ އިދާރާތަކުން އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން އޮތޯރިޓީއަށް ލިބޭ މައުލޫމަތަށް ރިއާޔަތްކުރާއިރު، އޮތޯރިޓީއަށް ހުށަހަޅައިފައިވާ ހިސާބުތަކާއި މައުލޫމާޓު އޮޅުވާލާފައިވާކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ނަމަ، އޮތޯރިޓީން ކަނޑއަޅާ މުއްދަތެއްގެ ތެރޭގައި އެކަން އިސްލާހުކުރުމަށް އެ ފަރާތަކަށް އަންގާނެއެވެ. މިގޮތުން އެންގުމެއް އަންގާއިރު، މައުލޫމާތު އިސްލާހުކުރުމުން އެ މުއްދަތަކަށް ނިސްބަތްކޮށް ބޭރު ފައިސާއާބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ބޭންކު އެކައުންޓަކަށް ޖަމާކުރަންޖެހޭ އަދަދަށް ބޭރު ފައިސާ ޖަމާކުރުމަށާއި، އެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ބޭންކަކަށް މާރުކުރަންޖެހޭ އަދަދަށް ބޭރު ފައިސާ މާރުކުރުމަށް އަންގާނެއެވެ. 

(ރ) މި މާޢްދާގެ (ހ) އަދި (ނ) ގެ ދަށުން އޮތޯރިޓީން އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު، މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅިދާނެއެވެ. 

 

21 ވަނަ މާއްދާ - ޖޫރިމަނާ ނުދައްކާ ފަރާޓްތަކާމެދު ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ޖޫރިމަނާކުރުމުން ކަނޑައަޅައި، ޖޫރިމަނާ ދެއްކުމަށް އަންގަިއފަައިވާ ފަރާތަކުން، އެ ޖޫރިމަނާ ދެއްކުމަށް އޮތޯރިޓީން އެންގި ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ ޖޫރިމަނާ ދައްކަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ޖޫރިމަނާ ދެއްކުމުގައި ލުޔެއް ބޭނުންވާ ފަރާތަކުން އެކަން ބަޔާންކޮށް އޮތޯރިޓީއަށް ލިޔުމުން ހުށަހެޅިދާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އިންސްޓޯލްމަންޓް އުސޫލުން ދެއްކުން ހިމެނޭ ގޮތުން އޮތޯރިޓީން ދޭ ލުއި ގޮތާ އެއްގޮތަށް، އެ ފަރާތުން ޖޫރިމަނާ ދައްކަންވާނެއެވެ. 

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ދައްކާފައިނުވާ ނަމަ، އަދި އެ މުއްދަތުގެ ތެރޭގައި މި މާއްދާގެ (ށ) ގެ ދަށުން ލުޔެއް ހޯދުމަށް އޮތީރިޓީއަށް ހުށަހަޅާފައިނުވާ ނަމަ، އެ ފަރާތުން ދައްކަންޖެހިފައިވާ ޖޫރިމަނާ ދެއްކުމަށް އެންމެ ފަހުގެ ނޯޓިހެއްގެ ގޮތުގައި 15 (ފަނަރަ) ދުވަހުގެ ނޯޓިހެއް ދެވޭނެއެވެ. މިގޮތުން ދެވޭ މުއްދަތުގެ ތެރޭގައި އެ ފަރާތުން ޖޫރިމަނާ ދައްކާފައިނުވާ ނަމަ، އެ ފަރާތަކަށް ދައުލަތުގެ އިދާރާތަކުން ދޫކޮށްފައިވާ ވިޔަފާރީގެ ހުއްދަ ހިފެހެއްޓުމަށް، ބޭރު ފައިސާއާބެހޭ ގާނޫނުގެ 16 ވަނަ މާޢްދާގެ ދަށުން ކަމާބެހޭ އިދާރާއަށް އޮތޯރިޓީން އެންގިދާނެއެވެ. 

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކާފައިނުވާ ނަމަ، އަދި އެ މުއްދަތުގެ ތެރޭގައި މި މާއްދާގެ (ށ) ގެ ދަށުން ލުޔެއް ހޯދުމަށް އޮތޯރިޓީއަށް ހުށަހަޅާފައިނުވާ ނަމަ، ނުވަތަ މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީން ދީފައިވާ ލުއި ގޮތާ އެއްގޮތަށް އެ ފަރާތުން ދައްކަންޖެހިފައިވާ ޖޫރިމަނާ ފައިސާ ދައްކާފައިނުވާ ނަމަ، އެ ފައިސާ ހޯދުމަށް ށަރީއަތަށް ހުށަހެޅިދާނެއެވެ. 

(ޅ) މި މާއްދާގެ (ނ) އާއި (ޅ) ގެ ދަށުން އޮތޯރިޓީން ދީފައިވާ ލުއި ގޮތާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ، އެ ފަރާތެއްގެ ވިޔަފާރި ހުއްދަ ހިފެއްޓުމަށް ކަމާބެހޭ އިދާރާއަށް އޮތޯރިޓީން އެންގިދާނެއެވެ.

 

22 ވަނަ މާއްދާ - އިންސްޓޯލްމަންޓް އުސޫލުން ޖޫރިމަނާ ދެއްކުން

މި ގަވާއިދުގެ 21 ވަނަ މާޢްދާގެ ދަށުން ޖޫރިމަނާ ދެއްކުމުގައި އިންސްޓޯލްމަންޓް ޕްލޭނަކަށް އަމަލުކުރުމާ ގުޅޭ އުސޫލު އޮތޯރިޓީން އާންމުކުރަންވާނެއެވެ. 

 

 

އަށްވަނަ ބާބު

އެހެނިހެން

 

23 ވަނަ މާއްދާ - ރަޖިސްޓްރޭށަން ބާތިލުކުރަން ހުށަހެޅުން

ބޭރު ފައިސާއާބެހޭ ގާނޫނުގެ 18 ވަނަ މާޢްދާގެ ދަށުން އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން، އެފަރާތަކުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އަދި މި ގަވާއިދު އެ މއްޗަށް ހިނގާ، ޓެކްސް ނެގުމުގެ ހަރަކާތެއްގެ ރަޖިސްޓަރީ ބާތިލުކޮށްފި ނަމަ، އެކަން އަންގައިދޭ ލިޔެކިޔުމާއެކު މި އޮތޯރިޓީއަށް ހުށަހެޅުމުން، މި އޮތޯރިޓީގައި ބަލަހައްޓަމުންގެންދާ ރަޖިސްޓަރީން އެފަރާތެއްގެ ނަން އުނިކޮށްދެވޭނެއެވެ. 

 

24 ވަނަ މާޢްދާ - ޖަމާކުރުމާއި މާރުކުރުމާގުޅޭ އިލްތިޒާމުތައް އަދާކުރަންނުޖެހުން

ބޭރު ފައިސާއާބެހޭ ގާނޫނުގެ 7 ވަނަ މާޢްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތެއް، ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުމާއި، އެ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރުމާގުޅޭ ގޮތުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަންޖެހޭނީ އަބަދުވެސް ފާއިތުވި މީލާދީ އަހަރަށް ބަލައި، އެ އަހަރެއްގެ ތެރޭގައި އެ ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، ބޭރު ފައިސާއިން މަދުވެގެން 15،000،000 (ފަނަރަ މިލިއަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާނަމައެވެ. މިގޮތުން، އެފަރާތަކުން މި ގަވާއިދަށް އަމަލުކުރަން ލާޒިމުވާ ހިސާބުން ފެށިގެން، ފާއިތުވެދާ އެއްވެސް މީލާދީ އަހަރެއްގައި ބުނެވިދިޔަ އަދަދަށް ބޭރު ފައިސާއިން އާމްދަނީ ލިބިފައިނުވާ ނަމަ، ޖެހިގެން އަންނަ މީލާދީ އަހަރު އެ އިލްތިޒާމުތައް އަދާކުރާކަށް ނުޖެހޭނެއެވެ. އަދި މި އިލްތިޒާމުތައް އަނެއްކާ ވެސް އެފަރާތުގެ މައްޗަށް ހިނގަން ފަށާނީ، އެ ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، ބޭރު ފައިސާއިން މަދުވެގެން 15،000،000 (ފަނަރަ މިލިއަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ މީލާދީ އަހަރާ ވިދިގެން އަންނަ މީލާދީ އަހަރުގައެވެ. 

 

25 ވަނަ މާއްދާ - މި ގަވާޢިދުން އިސްތިސްނާވާ ފަރާތްތައް

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ބޭރުގެ ޓޫރިސްޓު އުޅަނދުފަހަރެއް ކަމުގައި ކަނޑައަޅާ ޓޫރިސްޓު އުޅަނދުފަހަރުތައް މި ގަވާއިދުން އިސްތިސްނާވާނެއެވެ. 

 

26 ވަނަ މާއްދާ - މާނަކުރުރން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. 

(ހ) "ބޭންކް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން، އެ ގާނޫނުގައި ބަޔާންކުރާ ބޭންކިންގ ވިޔަފާރިކުރުމަށް ނުވަތަ ބޭންކިންގ ހިދުމަތެއް ދިނުމަށް ނުވަތަ ބޭންކިނގ ހަރަކާތެއް ހިންގުމަށް، ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކަށެވެ. 

(ށ) "ބޭރު ފައިސާ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖެ ނޫން އެހެން ކޮންމެ ގައުމެއްގެ ފައިސާއަށެވެ. 

(ނ) "ބޭރު ފައިސާއާބެހޭ ގާނޫނު"  ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-32 (ބޭރު ފައިސާއާބެހޭ ގާނޫނު) އަށެވެ. 

(ރ) "ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއް" ކަމުގައި ބުނެފައި އެވަނީ، އެ ވިޔަފާރިއަކަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިއަކަށެވެ. މިގޮތުން، އާމްދަނީގެ ވަކި މިންވަރެއް ބޭރު ފައިސާއިން ލިބުން ލާޒިމެއް ނޫނެވެ. އާމްދަނީގެ ގޮތުގައި އެއްވެސް މިންވަރެއް ބޭރު ފައިސާއިން ލިބުނު ކަމުގައިވީ ނަމަވެސް، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއް ކަމަށް ބެލެވޭނެއެވެ. 

(ބ) "ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތައް" ކަމުގައި ބުނެފައި އެވަނީ، ބޭރު ފައިސާއާބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކެޓެގަރީ-އޭ އެސްޓެބްލިށްމަންޓްތައް ހިންގާ ފަރާތްތަކާއި، އެ މާއްދާގެ (ށ) ގައި ބަޔާންކުރާ ކެޓެގަރީ-ބީ އެސްޓެބްލިށްމަންޓްތައް ހިންގާ ފަރާތްތަކާއި، އެ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަރާތްތަކަށެވެ. މީގެ ތެރޭގައި މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ތަފުސީލުކޮށްފައިވާ، ކެޓެގަރީ-އޭ އެސްޓެބްލިށްމަންޓާއި ކެޓެގަރީ-ބީ އެސްޓެބްލިށްމަންޓްތަކުގެ ތެރޭގައި ހިމެނޭ ތަންތަން ހިންގާ ފަރާތްތައް ހިމެނޭނެއެވެ. 

(ޅ) "ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރަންޖެހޭ ފަރާތްތައް" ނުވަތަ "ޖަމާކުރަންޖެހޭ ފަރާތްތައް" ކަމުގައި ބުނެފައި އެވަނީ، ބޭރު ފައިސާއާބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އަދި އެ އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކަށެވެ. 

(ކ) "ކޮމިޓީ" ކަމުގައި ބުނެފައި އެވަނީ، ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިދީފައިވާ އިހްތިޔާރު ބޭނުންކުރުމާގުޅޭ ގޮތުން އަދި ގާނޫނުގައި ކަނޑައެޅިފައިވާ ކަންކަން ތަންފީޒުކޮށް ހިންގުމާގުޅޭ ގޮތުން ގަވަރުނަރަށް ލަފާ ދިނުމަށްޓަކައި، ގަވަަރުނަރު އައްޔަންކުރާ އޮތޯރިޓީގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ކަމާގުޅޭ ކޮމިޓީއަށެވެ. 

(އ) "ކޯޕަރޭޓް ގްރޫޕް" ކަމުގައި ބުނެފައި އެވަނީ، ތިރީގައިވާ ފަރާތްތަކަށެވެ.

  1. އެ ކުންފުނިން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސަބްސިޑިއަރީ ކުންފުނިތައް)؛
  2. އެ ކުންފުނީގެ %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ފަރާތެއް (އޯނަރުން)؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުން%25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތައް)؛ އަދި
  4. މި އަކުރުގެ (3) ވަނަ ނަބަރުގައި ބަޔާންކޮށްފައިވާ ކުންފުނިތަކުން %25 (ފަންސަވީސް އިންސައްތަ) ނުވަތަ އެއަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތައް).

(ވ) "އެޓެސްޓްކޮށްފައިވާ ކޮޕީއެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމަށާއި، އެ ލިޔުމެއްގެ އަސްލު ތައްޔާރުކޮށްފައިވަނީ ބޭރު ގައުމެއްގެ އިދާރާއަކުން ނަމަ، އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމަށެވެ. 

(މ) "އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ. 

(ފ) "މާލީ އިދާރާ" ކަމުގައި ބުނެފައި އެވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ދޫކުރާ ލައިސަަންސް ލިބިފައިވާ ފަރާތަކަށެވެ. 

(ދ) "މީރާ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ. 

(ތ) "ދިވެހިރާއްޖެގެ ޓޫރިޒަމާބެހޭ ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ. 

(ލ) "ފަރާތެއް" ކަމުގައި ބުނެފައި އެވަނީ، ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭގޮތަށެވެ. 

(ގ) "ގްރީން ޓެކްސް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) އާއި (ވ) އާއި (މ) ގެ ދަށުން ނެގޭ ޓެކުހަށެވެ. 

(ޏ) "ސަރވިސްޗާޖު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 97 ވަނަ މާއްދާގައި ބަޔާންކުރާ، ދެވޭ ހިދުމަަކަށް ނަގާ އަގުގެ އިތުރަށް ސަރވިސްޗާޖުގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ނަގާ ނަމަ، އެގޮތަށް ނަގާ ފައިސާއަށެވެ. 

(ސ) "ޓީ.ޖީ.އެސް..ޓީ" ކަމަުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނެގޭ ޖީ.އެސް.ޓީ.އަށެވެ. 

(ޑ) "ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތް" ކަމަުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ގޮތުގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތްތަކަށެވެ. 

(ޒ) "ޓޫރިސްޓުން" ކަމަުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭއަށް އަންނަ، ޓޫރިސްޓް ވިސާ އޮތް، ބިދޭސީންނަށެވެ. 

 

27 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ބޭރު ފައިސާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2024-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު