-

ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2025-28) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-78)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ސެޕްޓެމްބަރު 2026 ގައި)

 

ގަވާއިދު ނަންބަރު 2025-28 (ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު) އަށް  އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބަޔާންވެދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޭރު ފައިސާއިން މުއާމަލާތްކުރުން 2.

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއާމަލާތްތަކާއި އިލްތިޒާމްތަކުގެ އިތުރުން، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ އިލްތިޒާމުތަކާއި މުއާމަލާތްތައް، ތިރީގައި މިވަނީއެވެ.

  1. ޓޫރިޒަމް ދާއިރާގައި މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ނޫން ފަރާތްތަކަށް، އިންށުއަރެންސް ކުންފުނިތަކުން ވިއްކާ އިންށުއަރެންސް ޕޮލިސީއާ ގުޅިގެން އެ ކުންފުނިތަކާއި ކުންފުނިތަކުގެ ކަސްޓަމަރުންނާ ދެމެދު ބޭރު ރުފިޔާއިން އަދާކުރުމަށް އެއްބަސްވެގެން ކުރެވޭ މުއާމަލާތްތަކާއި، އެފަދަ ޕޮލިސީއާ ގުޅިގެން އިންށުއަރެންސް އިންޓަރމީޑިއަރީތަކާއި ކަސްޓަމަރުންނާ ދެމެދު ބޭރު ރުފިޔާއިން އަދާކުރުމަށް އެއްބަސްވެގެން ކުރެވޭ މުއާމަލާތްތައް.
  2. ބޭރު ރުފިޔާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބޭރު ރުފިޔާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންވާ ނަމަ، އެ ވިޔަފާރިއަކާއި، އެ ވިޔަފާރިއެއްގެ ހިއްސާދާރުންނާ ދެމެދު ކުރެވޭ އެހެން މުއާމަލާތްތަކުގެ ތެރޭގައި، ލޯނާއި، އެނޫންވެސް ޕޭމަންޓާގުޅޭ މުއާމަލާތްތަކާއި، ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރެވޭ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިމެނޭނެއެވެ.
  3. ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބޭރު ފައިސާއަކުން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންވާ ނަމަ، އެ ވިޔަފާރިއަކާއި އެ ވިޔަފާރިއަކާ ގުޅުންހުރި އެހެން ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ ތެރޭގައި ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރެވޭ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިމެނޭނެއެވެ.
  4. ދިވެހިރާއްޖޭގައި ގާއިމުވެ ހަރަކާތްތެރިވާ ޑިޕްލޮމެޓިކް މިށަންތަކުންނާއި، ދިވެހިރާއްޖޭގައި ހިންގާ މަލްޓިލެޓަރަލް އޯގަނައިޒޭށަންތަކުންނާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ބޭނުންވާ ނަމަ، އެ ފަރާތްތަކުން ގަންނަ މުދަލާއި ހޯދާ ހިދުމަތުގެ އަގު ހުށަހެޅުމާއި އަދާކުރުން؛
  5. ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ހިންގާ ސްކޮލަރށިޕް ސްކީމެއް ނުވަތަ ސްޓޫޑެންޓް ލޯން ސްކީމެއް ނުވަތަ ވެލްފެއަރ ސްކީމެއްގެ ދަށުން ދޭ އެހީ ބޭރު ފައިސާއިން ދިނުން؛
  6. މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ގަވަރުނަރު ހުއްދަދޭ އެނޫންވެސް އިލްތިޒާމްތަކާއި މުއާމަލާތްތައް.

(ށ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ 10 ވަނަ ނަންބަރުގައްޔާއި، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި، ބަޔާންކޮށްފައިވާ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކާ، ގުޅުންހުރި ފަރާތްތައް ކަމަށް ބަލާނީ، ތިރީގައި އަންނަނިވި ފަރާތްތަކެވެ:

  1. ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ރައުސްމާލުގައި ހިއްސާއެއް އޮންނަ ފަރާތެއް (އޯނަރުން)؛
  2. ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ %25 (ފަންސަވީސް އިންސައްތަ) އަށް ވުރެ ގިނަ ހިއްސާ އޮންނަ ޕާޓްނަރެއް ނިސްބަތްވާ ޕާޓްނަރށިޕް؛
  3. ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކީ ޕާޓްނަރށިޕެއް ނަމަ، އެ ޕާޓްނަރށިޕުގެ ޕާޓްނަރެއް ބައިވެރިވާ، އެ ފަރާތުގެ %25 (ފަންސަވީސް އިންސައްތަ) އަށް ވުރެ ގިނަ ހިއްސާ އޮންނަ ކުންފުނިތައް؛ އަދި
  4. ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކާ އެއް ކޯޕަރޭޓް ގްރޫޕެއްގައި ހިމެނޭ ފަރާތްތައް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ ފަހަތަށް 1-2 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ބައެއް އިލްތިޒާމުތަކާއި މުއާމަލާތްތައް ބޭރު ފައިސާއިން ހުށަހެޅުމަށް ނުވަތަ އަދާކުރުމަށް ހުއްދަ ހޯދުން 1-2.

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، އިލްތިޒާމުތަކާއި މުއާމަލާތްތައް ބޭރު ފައިސާއިން ހުށަހެޅުމަށް ނުވަތަ އަދާކުރުމަށް އޮތޯރިޓީގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ، ހަމައެކަނި އެ ގާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުންނެވެ. އަދި އެ ފަރާތްތަކުން އިލްތިޒާމުތަކާއި މުއާމަލާތްތައް ބޭރު ފައިސާއިން ހުށަހެޅުމަށް، ނުވަތަ އަދާކުރުމަށް، އޮތޯރިޓީގެ ހުއްދައަށް އެދި، ހުށަހެޅުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ:

  1. އެ ތަނެއްގެ އަހަރީ ބަޖެޓުގައި މުދަލާއި ހިދުމަތް ހޯދުމަށް ހަރަދުކުރާނެކަމަށް ބަޖެޓުކޮށްފައިވާ ހަރަދު ބޭރު ފައިސާއިން އަދާކުރުމަށް އެ އަހަރެއް ފެށުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރު ފައިސާއިން އެ އަހަރަކަށް މުދަލާއި ހިދުމަތުގެ އަގު އަދާކުރުމަށް، އޮތޯރިޓީގެ ހުއްދަދޭ އަދަދާއި، ކަންކަމުގެ އިތުރުން، ކޮންމެހެން އެ އަހަރެއްގެ ތެރޭގައި ހޯދަންޖެހޭ މުދަލަކަށް ނުވަތަ ހިދުމަތަކަށް ބޭރު ފައިސާއިން އަގު އަދާކުރުމަށް، އޮތޯރިޓީގެ ހުއްދައަކަށް އެދެވިދާނެއެވެ.

  3. މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން، މި ހިނގާ މީލާދީ އަހަރުގެ ބާކީ ނުނިމި އޮތް މުއްދަތުގައި ބޭރު ފައިސާއިން މުދަލާއި ހިދުމަތުގެ އަގު އަދާކުރާ ނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހަށް ފަހު 14 (ސާދަ) ދުވަހުގެ ތެރޭގައި އޮތޯރިޓީގެ ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.

  4. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގެ ދަށުން ހުއްދައަށް އެދި ހުށަހަޅާނީ، އޮތޯރިޓީން ކަނޑައަޅައި އަންގާ ގޮތެއްގެ މަތީން، އަންގާ އެންމެހައި މައުލޫމާތާއި، ލިޔެކިޔުންތަކާއެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން، އޮތޯރިޓީއަށް ލިބޭތާ މަސައްކަތު 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ހުށަހެޅި ހުށަހެޅުމާ ގުޅިގެން އޮތޯރިޓީން ނިންމި ގޮތެއް އެ ފަރާތަށް އަންގާނެއެވެ. މިގޮތުން އޮތޯރިޓީން ހުއްދަދޭން ނުފެންނަކަމަށް ނިންމާ ނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް. އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން ޖަވާބު ދޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީން ހުއްދަދޭ ފަރާތްތަކުން، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީމަހުން ފެށިގެން ޖޫންމަހާ ހަމަޔަށް ބޭރު ފައިސާއިން ހުށަހަޅައިފައިވާ އަދި އަދާކޮށްފައިވާ އިލްތިޒާމުތަކާއި މުއާމަލާތްތަކާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅައި އަންގާ މައުލޫމާތާއި ލިޔެކިޔުންތައް، އޮތޯރިޓީން ކަނޑައަޅައި އަންގާ ގޮތެއްގެ މަތީން، އެ އަހަރެއްގެ ޖުލައިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ. އަދި ޖުލައިމަހުން ފެށިގެން ޑިސެންބަރުމަހުގެ ނިޔަލަށް ބޭރު ފައިސާއިން ހުށަހަޅައިފައިވާ އަދި އަދާކޮށްފައިވާ އިލްތިޒާމުތަކާއި މުއާމަލާތްތަކާ ގުޅޭގޮތުން އޮތޯރިޓީން ކަނޑައަޅައި އަންގާ މައުލޫމާތާއި ލިޔެކިޔުންތައް، ފެށޭ އަހަރުގެ ޖަނަވަރީމަހުގެ 28 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ.

(ރ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، އެ މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކަށް މުދާ ވިއްކި ނުވަތަ ހިދުމަތް ފޯރުކޮށްދިން ފަރާތުން ބޭރު ފައިސާއިން އަގު ބަލައިގަތުމަށް ޓަކައި، މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވ.ެ އަދި އޮތޯރިޓީން މި ގަވާއިދުގައި އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް، އެ މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރުގެ ދަށުން މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ އިލްތިޒާމްތަކާއި މުއާމަލާތްތައް ބޭރު ފައިސާއިން ހުށަހެޅުމަށް ނުވަތަ އަދާކުރުމަށް މި މާއްދާގައިވާ ގޮތުގެ މަތީން އޮތޯރިޓީގެ ހުއްދަ، ކުރިން ހޯދާކަށް ނުޖެހޭނެއެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޭރު ފައިސާއިން އަދާކުރުމަށް ގަވަރުނަރު ހުއްދަދޭ އިލްތިޒާމުތަކާއި މުއާމަލާތްތައް 3.

ބޭރު ފައިސާއާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބޭރު ފައިސާއިން އަދާކުރެވިދާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ އިލްތިޒާމުތަކާއި މުއާމަލާތްތަކުގެ ތެރޭގައި ނުހިމެނ،ޭ އެހެންނަމަވެސް، އެ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް ބޭރު ފައިސާއިން ކުރުމުގެ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހެޅުމުން ނުވަތަ ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ތެރެއިން އޮތޯރިޓީގެ އަމިއްލަ އިސްނެގުމުގައި، އެ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް ބޭރު ފައިސާއިން ހުށަހަޅައި އަދާކުރުމަށް ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުއްދަ ދެވިދާނެއެވެ.

 

4 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ އަކުރުގެ ފަހަތަށް (ނ) އާއި (ރ) ގެ ގޮތުގައި އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން.

ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން 4.

(ށ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރަންޖެހޭ ފަރާތެއްކަމަށް ބަލާނީ، އެ ފަރާތެއްގެ ފާއިތުވި މީލާދީ އަހަރުގެ މާލީ ހިސާބުތަކުން ނުވަތަ މުދަލާއި ހިދުމަތުގެ ޓެކްސް ބަޔާންތަކުން، އެ އަހަރެއްގެ ތެރޭގައި އެ ފަރާތަކުން ބޭރު ފައިސާއިން މަދުވެގެން 25,000,000.00 (ފަންސަވީސް މިލިޔަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއްގެ މުދަލާއި ހިދުމަތް ވިއްކައިފައިވާކަން ނުވަތަ ފޯރުކޮށްދީފައިވާކަން (ސޭލްސް) އެނގެން އޮންނަ ނަމައެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފައިސާ ޖަމާކުރަންޖެހޭ ފަރާތްތަކުން އެ ފައިސާ ޖަމާކުރަންޖެހޭނީ އޮތޯރިޓީން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވައިފައިވާ ބޭރު ފައިސާގެ އެކައުންޓަކަށެވެ. މިގޮތުން ފައިސާ ޖަމާކުރުމަށް އެއް ބޭންކު އެކައުންޓަށްވުރެ ގިނަ ބޭންކު އެކައުންޓު ކަނޑައެޅިދާނެއެވެ. ނަމަވެސް، ފައިސާ ޖަމާކުރަންވާނީ ކޮންމެ ބޭންކެއްގައިވެސް ކަނޑައެޅޭ އެއް އެކައުންޓަށެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުޅުވައިފައިވާ ބޭންކު އެކައުންޓު އޮތް ބޭންކުގެ މައުލޫމާތާއި ބޭންކު އެކައުންޓުގެ ތަފުސީލުތައް ހިމެނޭ މައުލޫމާތު އޮތޯރިޓީން ކަނޑައަޅައި އަންގާ ގޮތެއްގެ މަތިން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި ގޮތުން މި މާއްދާގެ (ނ) ގެ ދަށުން ކަނޑައަޅާ ބޭންކު އެކައުންޓު ބަދަލުކުރާނަމަ، އެކައުންޓު ބަދަލުކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކައުންޓު އޮތް ބޭންކުގެ މައުލޫމާތާއި އެކައުންޓުގެ ތަފުސީލުތައް އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް 6.

(ނ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރަންޖެހޭ ފަރާތެއް ކަމުގައި ބަލާނީ، އެ ފަރާތެއްގެ ފާއިތުވި މީލާދީ އަހަރުގެ މާލީ ހިސާބުތަކުން ނުވަތަ މުދަލާއި ހިދުމަތުގެ ޓެކްސް ބަޔާންތަކުން، އެ އަހަރެއްގެ ތެރޭގައި އެ ފަރާތަކުން ބޭރު ފައިސާއިން މަދުވެގެން 25,000,000.00 (ފަންސަވީސް މިލިޔަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއްގެ މުދަލާއި ހިދުމަތް ވިއްކައިފައިވާކަން ނުވަތަ ފޯރުކޮށްދީފައިވާކަން (ސޭލްސް) އެނގެން އޮންނަ ނަމައެވެ.

 

6 ވަނަ މާއްދާ - ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު ކަނޑައަޅާނެ ގޮތް އިހުތިޔާރުކުރުން 8.

(ހ) ކެޓަގަރީބީ ޓޫރިޒަމް އެސްޓެބްލިށްމަންޓްތަކުން، ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން، މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު ހިސާބުކުރުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމަށް އެ ފަރާތަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުން، އެ ފަރާތެއް އިހުތިޔާރުކުރި ގޮތެއް، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު އެ ފަރާތުން ހުށަހަޅާ ފުރަތަމަ ސޭލްސް ރިޕޯޓުގައި ހިމަނަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން، އޮތޯރިޓީގައި ރަޖިސްޓަރީކުރާ ކެޓަގަރީބީ ޓޫރިޒަމް އެސްޓެބްލިށްމަންޓްތަކުން، ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމަށް އެ ފަރާތަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުން، އެ ފަރާތެއް އިހުތިޔާރުކުރި ގޮތެއް، ރަޖިސްޓަރީކުރުމަށްފަހު އެ ފަރާތުން ހުށަހަޅާ ފުރަތަމަ ސޭލްސް ރިޕޯޓުގައި ހިމަނަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު މުރާޖާކޮށްދިނުމާއި މުއްދަތު ލުއިކޮށްދިނުމަށް އެދި ހުށަހަޅާނެ ގޮތް 14.

(ހ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު މުރާޖާކޮށްދިނުމަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނީ، ލިޔުމުންނެވެ. އަދި މިގޮތުން ހުށަހަޅާ ހުށަހެޅުމަކާއެކު އަންނަނިވި މައުލޫމާތާއި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ފާއިތުވި 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މީރާއިން ދޫކޮށްފައިވާ ޓެކްސް ކްލިއަރަންސް ރިޕޯޓު؛
  2. އަދާކުރަންޖެހިފައިވާ ބޭރު ފައިސާގެ އިލްތިޒާމަކީ ސަރުކާރަށް ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމެއް ނަމަ، އެ އިލްތިޒާމު އޮތްކަން ހާމަކޮށްދޭ ލިޔެކިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
  3. އަދާކުރަންޖެހިފައިވާ ބޭރު ފައިސާގެ އިލްތިޒާމަކީ، ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ނުވަތަ މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި، ބަޔާންކޮށްފައިވާ ފަދަ ދަރަނީގެ އިލްތިޒާމެއް ނަމަ، އެ ދަރަނީގެ އިންސްޓްރުމަންޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
  4. ބޭރު ފައިސާއިން އަދާކުރަންޖެހޭ ދަރަންޏަކީ ލޯނެއް ކަމުގައި ވާ ނަމަ، މާލީ އިދާރާއަކުން ދޫކޮށްފައިވާ ލޯނާބެހޭ ލިޔެކިޔުމާއި، ކަރަންޓް ލޯނު ސްޓޭޓްމަންޓުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
  5. އަދާކުރަންޖެހިފައިވާ ބޭރު ފައިސާގެ އިލްތިޒާމަކީ ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އިލްތިޒާމެއް ނަމަ، އެ އިލްތިޒާމު އެ މައްޗަށް ބިނާވާ ނިންމުމެއްގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛
  6. އެ މީލާދީ އަހަރެއްގެ އެހާތަނަށް ނިސްބަތްވާ ކޮންމެ މަހެއްގެ ކޭށްފްލޯ ސްޓޭޓްމަންޓުގެ ވަރކިންގ ފައިލް، ނުވަތަ އެ އަހަރެއްގެ ސްޓޭޓްމަންޓް ނެތް ނަމަ، ފާއިތުވި 3 (ތިނެއް) މަސްދުވަހަށް ނިސްބަތްވާ ކޭށްފްލޯ ސްޓޭޓްމަންޓުގެ ވަރކިންގ ފައިލް. މިގޮތުން ކޭށްފްލޯ ސްޓޭޓްމަންޓް ހުށަހަޅަންވާނީ އޮތޯރިޓީން ކަނޑައަޅައި އަންގާ، ފޯމެޓަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
  7. ފާއިތުވި މީލާދީ އަހަރަށް ނިސްބަތްވާ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ނުވަތަ އެފަދަ އޮޑިޓް ރިޕޯޓެއް ނެތް ނަމަ، އޭގެ ކުރީ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ނުވަތަ ކޭށްފްލޯ ސްޓޭޓްމަންޓް؛

  8. އޮތޯރިޓީން ކަނޑައަޅާ އެނޫންވެސް މައުލޫމާތު.

(ށ) ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ބޭރު ފައިސާ މާރުކުރަންޖެހޭ މުއްދަތު ލުއިކޮށްދިނުމަށް އެދި ހުށަހަޅާނީ، އޮތޯރިޓީން އެކަމަށް އެކުލަވައިލާ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތީން، ކަނޑައަޅައި އަންގާ މައުލޫމާތާއި، ލިޔެކިއުންތަކާއެކުގައެވެ.

(ނ) ގާނޫނު ނަންބަރު 2026-13 (ގާނޫނު ނަންބަރު 2024-32 އިން ބޭރު ފައިސާއާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށި ތާރީހު (1 ސެޕްޓެންބަރު 2026) ގެ ފަހުން ބޭރު ފައިސާ މާރުކުރުމުގެ އިލްތިޒާމާ ގުޅޭގޮތުން މި މާއްދާގެ (ހ) ގެ ދަށުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރު މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު މުރާޖައާކޮށްދިނުމަށް އެދި، ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅައިފައިވާ މުއްދަތަށް ފަހު، އެންމެ ލަސްވެގެން 3 (ތިނެއް) މަސްދުވަސް ހަމަވުމުގެ ކުރިން ހުށަހަޅައިފައިވުން.
  2. މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު މުރާޖައާކޮށްދިނުމަށް އެދި ކުރިންހުށަހަޅައިފައިވާ ހުށަހެޅުމަކާ މެދު އޮތޯރިޓީން ވަކި ގޮތެއް ނިންމުމުގެ ކުރިން، އެފަދަ އިތުރު ހުށަހެޅުމެއް ހުށަހަޅައިފައި ނުވުން. 

(ރ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން، އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމެއްގައި އެ ފަރާތްތަކުން، މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު މުރާޖައާކޮށްދިނުމަށް ނުވަތަ މުއްދަތު ލުއިކޮށްދިނުމަށް އެދޭ ސަބަބާއި މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރު މުރާޖައާކޮށްދިނުމަށް، ނުވަތަ މުއްދަތު ލުއިކޮށްދިނުމަށް، އެދި ހުށަހަޅާ މުއްދަތު 6 (ހައެއް) މަސްދުވަހަށް ވުރެ ގިނަވެގެން ނުވާނެއެވެ.

(ޅ) ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތަކުން، ބޭރު ފައިސާއާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން މުރާޖައާކުރުމަށް ނުވަތަ މުއްދަތު ލުއިކޮށްދިނުމަށް އެދި އޮތޯރިޓީއަށް ހުށަހެޅުމެއް ހުށަހަޅައިފައި އޮތުމަކީ، އެ ހުށަހެޅުމަކާ މެދު އޮތޯރިޓީން ގޮތެއް ކަނޑައަޅަންދެން ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން އެ ފަރާތަކުން އަދާކުރަންޖެހޭ މާރުކުރުމުގެ އިލްތިޒާމު އަދާނުކޮށް ހުރުމަށް ހުއްދަކުރާ ސަބަބެއް ނޫނެވެ.

 

8 ވަނަ މާއްދާ - ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) ގެ (7) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(7) މުރާޖައާކުރުމަށް އެދި ހުށަހެޅުމެއް ހުށަހަޅައިފައިވަނީ ކެޓަގަރީ "ބީ" ޓޫރިޒަމް އެސްޓެބްލިށްމަންޓްތަކުން ނަމަ، ބޭރު ފައިސާއާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން މާރުކުރަންޖެހޭ ބޭރު ފައިސާގެ އަދަދު ކަނޑައެޅުމުގައި އެ ފަރާތަކުން އިހްތިޔާރުކޮށްފައިވާ ގޮތް ބަދަލުކޮށްފި ނަމަ (މިސާލަކަށް ޓޫރިސްޓް އެރައިވަލް ބޭސިސް އިން ގްރޮސް ނެޓް ސޭލްސް ބޭސިސްއަށް ބަދަލުކޮށްފި ނަމަ)، އަދި އެގޮތުން ކަނޑައެޅޭ އަދަދަށް ބޭރު ފައިސާ މާރުކޮށްފި ނަމަ، އެ ފަރާތުން އަދާކުރަންޖެހިފައިވާ ބޭރު ފައިސާގެ އިލްތިޒާމު ނުވަތަ އިލްތިޒާމުތައް އަދާކުރެވޭނެ ބޭރު ފައިސާ އެ ފަރާތުގެ އަތުގައި ހުންނާނެކަމަށް ނުވަތަ ނުހުންނާނެކަމަށް ލަފާކުރެވޭ މިންވަރު.

 

9 ވަނަ މާއްދާ - މި ގަވާއިދުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބޭރު ފައިސާއާބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތެއް، ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުމާއި، އެ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރުމާ ގުޅޭގޮތުން، އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަންޖެހޭނީ، އަބަދުވެސް ފާއިތުވި މީލާދީ އަހަރަށް ބަލައި އަހަރެއްގެ ތެރޭގައި އެ ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް ބޭރު ފައިސާއިން މަދުވެގެން 25,000,000.00 (ފަންސަވީސް މިލިޔަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާނަމައެވެ. މިގޮތުން، އެ ފަރާތަކުން މި ގަވާއިދަށް އަމަލުކުރަން ލާޒިމުވާ ހިސާބުން ފެށިގެން ފާއިތުވެދާ މީލާދީ އެއްވެސް އަހަރެއްގައި ބުނެވިދިޔަ އަދަދަށް ބޭރު ފައިސާއިން އާމްދަނީ ލިބިފައިނުވާ ނަމަ، ޖެހިގެން އަންނަ މީލާދީ އަހަރު އެ އިލްތިޒާމުތައް އަދާކުރާކަށް ނުޖެހޭނެއެވެ. އަދި މި އިލްތިޒާމުތައް އަނެއްކާ ވެސް އެ ފަރާތުގެ މައްޗަށް ހިނގަން ފަށާނީ، އެ ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، ބޭރު ފައިސާއިން މަދުވެގެން 25,000,000.00 (ފަންސަވީސް މިލިޔަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ މީލާދީ އަހަރާ ވިދިގެން އަންނަ މީލާދީ އަހަރުގައެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބޭރު ފައިސާއާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2025-28)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު