-

ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2023-78)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 26 ފެބުރުއަރީ 2023 ގައި)

 

ފުރަތަމަ ބާބު

ތައާރުފާއި މަގުސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-18 (ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު) ގެ 4 ވަނަ ބާބާއި 5 ވަނަ ބާބަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 76 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން، ދިވެހިރާއްޖޭގައި ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ހުއްދަ ދޫކުރުމާބެހޭ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމަށް ޓަކައި އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރުން.

(ށ) ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ބޭނުންކުރުމާއި ލައިސަންސާއި ހުއްދަތައް ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ، އޮތޯރިޓީންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިނގާނެ ދާއިރާ

(ހ) މި ގަވާއިދުގެ އިހްތިސާސްގެ ތެރޭގައި ހިމެނެނީ އަންނަނިވި ކަންކަމެވެ.

  1. މީހުން ދިރިއުޅޭ ރަށްރަށުގައި ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ގާއިމްކުރާ ނިޒާމުތައް؛
  2. ސިނާއީ ނުވަތަ ވިޔަފާރި ބޭނުމަށް، ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ގާއިމްކުރާ ނިޒާމުތައް؛
  3. ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތް ދިނުމުގެ މަސައްކަތް؛
  4. އާންމު ބޭނުންތަކުގެ ހިދުމަތް ނުލިބޭ ނުވަތަ މިފަދަ ހިދުމަތަކަށް ބަރޯސާ 

ނުވެވޭފަދަ ހާއްސަ ހާލަތްތަކުގެ ބޭނުމަށް ހަކަތަ އުފައްދައި ބޭނުންކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ގަވާއިދާއި، މި ގަވާއިދުގެ ދަށުން އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްއޮތޯރިޓީން ލައިސަންސް ނުވަތަ ހުއްދަ ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މި ގަވާއިދުގެ އިހްތިސާ ސްގެ ތެރޭގައި ހިމެނޭ ކަމަކަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ނުވަތަ ހުއްދަ ނުހޯދާ، އެއިން އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

 

5 ވަނަ މާއްދާ - ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ގާއިމުކުރުން

(ހ) އަމިއްލަ ބޭނުމަށާއި ވިޔަފާރީގެ ބޭނުމަށް ހަކަތަ އުފައްދައި، ޓްރާންސްމިޓްކޮށް،ޑިސްޓްރިބިއުޓްކޮށް، ފޯރުކޮށްދިނުމާއި، ޕެޓްރޯލިއަމްގެ ބާވާތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި ސާފުކުރުމާއި ގުދަންކުރުމާއި ސަޕުލައި ކުރުމާއި ވިއްކުމަށް ބޭނުންކުރާ އެންމެހައި ފެސިލިޓީތައް ގާއިމުކުރުމުގެ ކުރިން އެ ތަންތަނާއި ތަކެތި ފަރުމާކޮށް އެ ފެސިލިޓީގެ ޑިޒައިން އޮތޯރިޓީން ފާސްކުރަންވާނެއެވެ.

(ށ) އަމިއްލަ ބޭނުމަށާއި ވިޔަފާރީގެ ބޭނުމަށް ހަކަތަ އުފައްދައި ޓްރާންސްމިޓްކޮށްޑިސްޓްރިބިއުޓްކޮށް ފޯރުކޮށްދިނުމާއި، ޕެޓްރޯލިއަމްގެ ބާވާތްތައް ދިވެހިރާއްޖެ އެތެރެކުރުމާއި، ދިވެހިރާއްޖޭގައި ސާފުކުރުމާއި ގުދަންކުރުމާއި ސަޕްލައި ކުރުމާއި ވިއްކުމަށް ބޭނުންކުރާ އެންމެހައި ފެސިލިޓީތައް ގާއިމުކުރަންވާނީ، މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ފާސްކޮށްދީފައިވާ ފަރުމާތަކާ އެއްގޮތަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ފާސްކޮށްފައިވާ ފަރުމާއަކަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި، އެ ބަދަލެއް ގެނައުމުގެ ކުރިން އޮތޯރިޓީން ފާސްކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ހިނގަމުންދާ ފެސިލިޓީތައް ރަޖިސްޓަރީކުރުމާއި ލައިސަންސް ނެގުން

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބޭނުންކުރަމުންދާ ހަކަތައިގެ ފެސިލިޓީތަކާއި އުޅަނދުފަހަރު، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އޮތޯރިޓީގައި ރަޖިސްޓަރީކޮށް ލައިސަންސް ނަގަންވާނެއެވެ.

 

7 ވަނަ މާއްދާ - ފެސިލިޓީތައް ރަޖިސްޓަރީ ކުރުން

މި ގަވާއިދުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ހަކަތައިގެ ހުރިހާ ހިދުމަތާ ގުޅޭ އެންމެހައި ފެސިލިޓީތައް، އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ރަޖިސްޓަރީކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ހިދުމަތަށް ލައިސަންސް ނުވަތަ ވަގުތީ ހުއްދަ ދިނުން

(ހ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ފޯރުކޮށްދެވޭނީ، އޮތޯރިޓީން 
ދޫކުރާ ލައިސަންސެއް ނުވަތަ ވަގުތީ ހުއްދައެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ ލައިސަންސް ނުވަތަ ވަގުތީ ހުއްދަ ދޫކުރެވޭނީ،އަންނަނިވި ކެޓަގަރީތަކަށެވެ.

  1. މީހުން ދިރިއުޅޭ ރަށްރަށުގައި އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ދިނުމަށް ދެވޭ ލައިސަންސް ނުވަތަ ވަގުތީ ހުއްދަ؛
  2. ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ހަކަތައިގެ ހިދުމަތް ދިނުމަށް ދެވޭ ލައިސަންސް ނުވަތަ ވަގުތީ ހުއްދަ؛
  3. ހާއްސަ ހިދުމަތްތަކަށް ދެވޭ ލައިސަންސް ނުވަތަ ވަގުތީ ލައިސަންސަކީ،ހަކަތައިގެ ދާއިރާގެ ހިދުމަތުގެ ތެރެއިން ބައެއް ވަކިވަކި ހިދުމަތް ދިނުމާއި، މި މާއްދާގެ (ށ) ގައިވާ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ވިޔަފާރި އުސޫލުން ހަކަތައިގެ ހިދުމަތުގެ ބައެއް ފޯރުކޮށްދިނުމެވެ.
    3.1 މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް، ވިޔަފާރި އުސޫލުން ހަކަތަ އުފައްދާ ފޯރުކޮށްދިނުމަށް ދޭ ލައިސަންސް ނުވަތަ ވަގުތީ ހުއްދަ.
    32 ތަފާތު އެކި ރަށްރަށް ހިމެނޭގޮތަށް އެއް ވިޔުގައަކުން ގުޅުވައިލައިގެން ހަކަތައިގެ ހިދުމަތް ދިނުމަށް ދެވޭ ލައިސަންސް ނުވަތަ ވަގުތީ ހުއްދަ.
  4. ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ހުރިތޯ ބެލުމަށް ދިރާސާކުރުމާއި، ސާވޭކުރުމާއި، ޕެޓްރޯލިއަމް ނެގުމާއި، ސާފުކުރުމާއި، އިމްޕޯޓްކުރުމާއި، އެކްސްޕޯޓް ކުރުމާއި، ރީ-އެކްސްޕޯޓް ކުރުމާއި، ވިޔަފާރީގެ ބޭނުންތަކަށް ރައްކައުކުރުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމުގެ ހިދުމަތް ދިނުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ހަކަތައިގެ ހިދުމަތްދޭ ފެސިލިޓީ ގާއިމްކޮށް ހިންގުމަށް ދިނުމަށް ހާއްސަ ހުއްދައެއް އޮތޯރިޓީއަށް ދޫކުރެވިދާނެއެވެ.

  1. ފޯރުކޮށްދެމުން ގެންދިޔަ ހިދުމަތް، ކާރިސާއެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން މެދުކެނޑުން ނުވަތަ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތް ނުވުން؛
  2. ކުއްލި ނުރައްކަލުގެ ހާލަތުގައި ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމަށް؛
  3. ދިވެހިރާއްޖޭގެ ނޭށަނަލް ސެކިއުރިޓީއަށް ހުރަސް އެޅުން؛
  4. މަތީގައިވާ ނަންބަރުތަކުގައި ނުހިމެނު ނަމަވެސް، އެކަށީގެންވާ ސަބަބަކާ ގުޅިގެން ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަށު ފެންވަރުގައި ހޯލްސޭލްކޮށް ނުވަތަ ރީޓެއިލްކޮށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެދުމެއް ވިއްކާ ފަރާތްތަކަށް ލައިސަންސް ދޫކުރާނީ، ގާނޫނު ނަންބަރު 2021-18 (ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުންނެވެ.

 

9 ވަނަ މާއްދާ - ހަކަތައިގެ ފެސިލިޓީތައް ބިނާކޮށް ބޭނުންކުރުން

(ހ) ހަކަތައިގެ ހިދުމަތް ނުލިބޭ ނުވަތަ މިފަދަ ހިދުމަތަކަށް ބަރޯސާ ނުވެވޭފަދަ ހާއްސަ ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ފެސިލިޓީއެއް ނުވަތަ އެއިން ބައެއް ބޭނުންކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ފެސިލިޓީއެއް ބޭނުންކުރެވޭނީ އޮތޯރިޓީން ކަނޑައަޅާ އުސޫލުގެ ދަށުން، ފެސިލިޓީ ރަޖިސްޓަރީކޮށް އޮޕަރޭޓްކުރުމުގެ ހުއްދަ ނަގައިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބޭނުންކުރެވޭނެ ފެސިލިޓީތައް ތިރީގައި މިވަނީއެވެ.

  1. ހަކަތައިގެ ހިދުމަތް ނުލިބޭ ނުވަތަ މިފަދަ ހިދުމަތަކަށް ބަރޯސާ ނުވެވޭފަދަ ހާއްސަ ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބެކަޕް ނުވަތަ ވަގުތީ ނުވަތަ ސްޓޭންޑްބައި ޑީސަލް ޖަނަރޭޓަރު ބަހައްޓައިގެން ބޭނުންކުރުން.
  2. ޕެޓްރޯލިއަމް އުފުލާ އުޅަނދުފަހަރާއި، ރައްކައުކުރާ ފެސިލިޓީތަކާއި، ވިއްކައި ޑިސްޓްރިބިއުޓްކުރާ ފެސިލިޓީތައް ބޭނުންކުރުން.

 

10 ވަނަ މާއްދާ - އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ދިނުމަށް ޓަކައި ލައިސަންސް ދޫކުރެވޭ ފަރާތްތައް

(ހ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ދިނުމަށް ޓަކައި ލައިސަންސް ދޫކުރެވޭ ފަރާތަކީ، މުދާ މިލްކުކުރުމާއި ދަރަންޏަށް ޒިންމާވުމުގެ ގާނޫނީ ބާރު ލިބިފައިވާ، ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް، ނުވަތަ ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުންރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރާތެއްގެ ނުވަތަ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް، ނުވަތަ ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ދިނުމަށް އެއްވެސް ފަރާތަކަށް ލައިސަންސް ދޫކުރެވޭނީ، ސަރުކާރުގެ ކަމާބެހޭ ވުޒާރާއަކުން ކަނޑައަޅައިފައިވާ އުސޫލުން ރަޖިސްޓަރީކޮށް، ވިޔަފާރީގެ މަގުސަދުތަކުގެ ތެރޭގައި ހަކަތައިގެ ހިދުމަތް ދިނުން ހިމެނިފައިވާ ފަރާތްތަކަށެވެ.

(ނ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދޭ ފަރާތަކީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތެއް ނަމަ، އެ ފަރާތަކީ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ދޭވޭ ފަދަ މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ލިބިފައިވާ ފަރާތެއްކަންސާބިތުކޮށްދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަން ސާބިތުކޮށްދިނުމުގެ އިތުރުން، ހު ށަހަޅާ މަށްރޫއަކީ ފަންނީގޮތުންނާއި މާލީގޮތުން ފީޒި ބަލް މަށްރޫއެއްތޯ ސާބިތުކޮށްދޭންވާނެއެވެ.

(ބ) ލައިސަންސަށް އެދޭ ފަރާތަކީ ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލު ފަރާތެއްކަން ދެނެގަތުމަށް، މަށްރޫއު ހިންގުމުގެ އެއްބަސްވުން އެކުލަވައިލުމާއި ލައިސަންސަށް އެދުމުގެ ކުރިން، މަށްރޫއަށް އިންވެސްޓުކުރާ ފަރާތުން އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ މަތީން މަށްރޫއުގެ މަސައްކަތް ސްކްރީންކޮށް، އޮތޯރިޓީއަށް ހުށަހަޅައި އެ މަށްރޫއަކާމެދު އޮތޯރިޓީން އިއުތިރާޒެއް ނެތްކަން ކަށަވަރުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ލައިސަންސްގެ އަސާސީ ށަރުތުތައް

ލައިސަންސްގެ އަސާސީ ށަރުތުތައް ތިރީގައި ބަޔާންވެގެން މިވަނީއެވެ. މި ށަރުތުތަކުގެ އިތުރުން، ހިދުމަތުގެ ބާވަތަށް ބިނާކޮށް އޮތޯރިޓީން އިތުރު ށަރުތުތައް ކަނޑައަޅައި، ލައިސަންސްގެ ށަރުތުތަކުގައި ހިމެނުން މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކަށް އެ ފަރާތުން ފޯރުކޮށްދޭ ހަކަތައިގެ ހިދުމަތެއް ފޯރުކޮށްދެވޭނީ، އެ ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ހަކަތަ އުފައްދައި، އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ހަކަތައިގެ ހިދުމަތް ދެވޭނީ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދައިގެ އިމުގެ ތެރެއިންނެވެ. އަދި އެ ހިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަދީފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ދީގެން ނުވާނެއެވެ.

(ނ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސެއްގެ ދަށުން ހަކަތައިގެ ހިދުމަތް ދެވޭނީ، ލައިސަންސްގެ ދަށުން ހިދުމަތްދިނުމަށް ހުއްދަދެވޭ ރަށަށް ނުވަތަ ސަރަހައްދަށް ނުވަތަ ފަރާތަށް އެކަންޏެވެ.

(ރ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސެއްގެ ދަށުން ދޭ އެންމެހައި ހިދުމަތްތަކާއި، އެ ހިދުމަތްތައް ދޭން ބޭނުންކުރާ ފެސިލިޓީތަކުގައި ހިމެނޭ ހިދުމަތް ދިނުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗަރއާއި އާލާތްތައް، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް އަބަދުވެސް ފެތެންޖެހޭނެއެވެ.

 

12 ވަނަ މާއްދާ - އިދާރީ ފީ

މި ގަވާއިދުގެ ދަށުން ދޫކުރާ ރަޖިސްޓަރީތަކާއި، ލައިސަންސްތަކާއި ހުއްދަތަކަށް، މި ގަވާއިދުގެ ޖަދުވަލު 2 އާއި ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފީ ދައްކަންވާނެއެވެ.

 

ދެވަނަ ބާބު

ލައިސަން ސަށް ނު ވަތަ ހުއްދައަށް އެދި ހުށަހެޅުމާއި، ހުށަހެޅުންތައް ބަލައި ފާސްކުރުން

 

13 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ގޮތް

މި ގަވާއިދުގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅަންޖެހޭނީ، އޮތޯރިޓީގެ [email protected] ނުވަތަ އެޕްލިކޭށަން ހުށަހެޅުމަށް އޮތޯރިޓީން ތައްޔާރުކުރާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.

 

14 ވަނަ މާއްދާ - އިތުރު މައުލޫމާތު ސާފުކުރުން

(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ހުށަ ހަޅައިފައިވާ އެޕްލިކޭށަނަކާ ގުޅިގެން އިތުރު މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ބޭނުންވެގެން ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އޮތޯރިޓީން އަންގައިފިނަމަ، އެ މައުލޫމާތެއް ނުވަތަ ލިޔުމެއް އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ކަނޑައެޅުމުގައި، ހޯދަން ބޭނުންވާ މައުލޫމާތު ނުވަތަ ލިޔުމުގެ ބާވަތަށް ރިއާޔަތްކޮށް، އެކަށީގެންވާ މުއްދަތެއް، ލައިސަންސަށް އެދޭ ފަރާތަށް، އޮތޯރިޓީން ދޭންވާނެއެވެ.

 

15 ވަނަ މާއްދާ - އެޕްލިކޭށަން ފާސްކުރުމުގައި ބަލާނެ ކަންތައްތައް 

ލައިސަންސަކަށް ނުވަތަ ހުއްދައަކަށް އެދި ހުށަހެޅިފައިވާ އެޕްލިކޭށަނެއް ބަލައި ހުއްދަ ދޭން ނިންމުމުގައި، އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

(ހ) ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތް ދިނުމުގެ ގާބިލުކަން (މާލީ، ފަންނީ، އިންސާނީ ވަސީލަތް).

(ށ) އެ ތަނެއްގެ އިހްތިސާސް ލިބިފައިވާ ފަރާތާއި ހިދުމަތް ފޯރުކޮށްދޭ ފަރާތާއެކު، ހިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުން.

(ނ) ނިޒާމާ ގުޅޭ އޭޒް-ބިލްޓް ކުރެހުންތައް.

(ރ) އޮޕަރޭށަން އެންޑް މެއިންޓަނެންސް ރިފަރެންސް މެނުއަލް.

(ބ) ހެލްތް އެންޑް ސޭފްޓީ މެނުއަލް.

(ޅ) ގަވާއިދު ނަންބަރު 2012-27 (ތިމާވެށް ޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 2012) ގެ ދަށުން ދޫކޮށްފައިވާ ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުން.

(ކ) ކުންފުންޏެއް ނަމަ، ބޯޑު ރިޒޮލިއުށަނާއި، ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ ހިންގާ ކޮމެޓީގެ ނިންމުމާއި، ކައުންސިލެއް ނަމަ ކައުންސިލުން ފާސްކޮށްފައިވާ ގަރާރު.

(އ) އިންސާނީ ވަސީލަތްތައް މެނޭޖްކުރާނެގޮތާއި، ހިދުމަތާއި އިދާރީ ހަރަދާއި އެ ފައިސާ ހޯދުމަށް ރާވައިފައިވާ ގޮތް؛ (މީގައި ޓެރިފެއް އެކުލެވޭނަމަ، އެ ޓެރިފް ނެގުމަށް ހުށަހަޅާގޮތުގެ ތަފުސީލު ހިމަނަންވާނެއެވެ.)

(ވ) ހިދުމަތް ދިނުމަށް ބޭނުންވާނެ ހުރިހާ ހުއްދައެއް ނަގައިފައިވުމާއި ހުއްދައިގެ ކޮޕީތައް.

(މ) ހިދުމަތް ތަރައްގީކުރުމަށް ކުރިޔަށްއޮތް 5 (ފަހެއް) އަހަރަށް އެކުލަވައިލެވޭ ޕްލޭން.

(ފ) ހިދުމަތް ދިނުމުގެ މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ޔަގީންކުރުމަށް އޮތޯރިޓީއަށް ފެންނަ އެހެނިހެން ކަންކަން.

 

16 ވަނަ މާއްދާ - ލައިސަންސް ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރުމަށް ނުވަތަ ލައިސަންސް ދޫނުކުރުމަށް އޮތޯރިޓީން ކަނޑައަޅައި، އޮތޯރިޓީގެ ނިންމުން، ލައިސަންސަށް ހުށަހެޅިފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ލައިސަންސް ދޫނުކުރުމަށް އޮތޯރިޓީން ނިންމައިފިނަމަ، އެ ނިންމުން ނިންމި ސަބަބު، ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ނ) ހުށަހަޅަފައިވާ އެޕްލިކޭށަނުގެ މައުލޫމާތު ލިޔުމުން ފުރިހަމަ ނުވާނަމަ، ފޯމު ލިބޭ ތާ،ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެޕްލިކޭށަން ހުށަހެޅި ފަރާތަށް އޮތޯރިޓީން އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - ލައިސަންސް ސެޓުފިކެޓު

(ހ) މި ގަވާއިދުގެ ދަށުން އޮތޯރިޓީން ދޫކުރާ ކޮންމެ ލައިސަންސް ސެޓުފިކެޓެއްގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހުރިހާ މައުލޫމާތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، އެ ފަރާތަކަށްލިބިފައިވާ ލައިސަންސް ސެޓުފިކެޓު، އެ ލައިސަންސެއްގެ ދަށުން ހުއްދަކުރެވޭ ހިދުމަތް ދިނުމުގެ މަސައްކަތްތައް ހިންގާ މައި މަރުކަޒުތަކުގައި އާންމުކޮށް ފެންނަގޮތަށް ބަހައްޓަންވާނެއެވެ.

 

18 ވަނަ މާއްދާ - ހިދުމަތް ދޭ ފަރާތް ރަޖިސްޓަރީކުރުން

(ހ) ހަކަތައިގެ ހިދުމަތެއް ދޭ ފަރާތުގެ ގޮތުގައި ހިދުމަތްދޭ ފަރާތެއް ސަރުކާރުގެ ކަމާބެހޭ ފަރާތުގައި ރަޖިސްޓަރީ ކުރެވިފައިވާ ކަމަށް ބެލެވޭނީ، އެ ފަރާތަކަށް މި ގަވާއިދުގެ ދަށުން އޮތޯރިޓީން ލައިސަންސް ދޫކުރުމުންނެވެ. މި ގޮތުން ލައިސަންސް ސެޓުފިކެޓުގައި ބަޔާންކޮށްފައިވާ ހިދުމަތެއް ދިނުމަށް އެ ފަރާތެއް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައި އޮންނާނީ ލައިސަންސް ސެޓުފިކެޓުގެ މުއްދަތަށެވެ.

(ށ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗަރއާއި، އާލާތްތައް ފަދަ ވަސީލަތްތައް ރަޖިސްޓަރީ ކުރުމާ ގުޅޭ އުސޫލު،މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އޮތޯރިޓީން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ލައިސަން ސާއި ހުއްދައިގެ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސާއި ހުއްދައިގެ މުއްދަތަކީ އޮތޯރިޓީން އެ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކުރާ ތާރީހުން ފެށިގެން ހިދުމަތުގެ ބާވަތާއި ހާލަތަ ށް ބަލައި، މީލާދީ 5 (ފަހެއް) އަހަރާއި 30 (ތިރީސް) އަހަރާ ދެމެދުގެ މުއްދަތަކަށެވެ.

(ށ) ލައިސަންސަށް އެދޭ މުއްދަތު 5 (ފަހެއް) އަހަރަށްވުރެ ކުރުވާނަމަ، ނުވަތަ ލައިސަންސެއް ލިބެންދެން ހިދުމަތް ފެށުމަށް މު ހިންމު ވެއްޖެކަމަށް އޮތޯރިޓީއަށް ފެންނަ ހާލަތެއްގައި، ލައިސަންސްގެ ބަދަލުގައި ދޫކުރެވޭނީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތުގެ ވަގުތީ ހުއްދައެކެވެ.

(ނ) ލައިސަންސާއި ހުއްދައިގެ ކެޓަގަރީގެ މުއްދަތުތަކާއި ފީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައި ވާނެއެވެ.

 

ތިން ވަނަ ބާބު

ލައިސަންސް ސަސްޕެންޑު ކުރުން ނުވަތަ ބާތިލު ކުރުން

 

20 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައަޅައިފައިވާ އެއްވެސް ކަމެއް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ނުވަތަ އެ ގޮތާ ހިލާފު ގޮތަކަށް ކޮށްފިނަމަ، އެ ކަމެއް އެ ގޮތަށް ކުރި ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނޑައެޅުމުގެ އި ހްތިޔާރު ، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ އިތުރުން، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްފިނަމަ، އެ ކަމެއް އެ ގޮތަށް ކުރި ފަރާތަކުން މި ގަވާއި ދާ ހިލާފުވެއްޖެ ކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު ، އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ކުރެވޭ ކަމެއް، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް ނެތި ކުރުން؛
  2. މި ގަވާއިދުގެ ދަށުން ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިފައިވާ ފަރާތެއް، އެ ފަރާތަށް ލިބިފައިވާ ލައިސަންސް ނުވަތަ ހުއްދައިގެ ށަރުތަކާ ނުވަތަ ށަރުތުތަކަކާ ހިލާފުވުން؛
  3. މި ގަވާއިދުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތެއް، ހިދުމަތްދޭ ފަރާތްތައް އަމަލުކުރުމަށް ލާޒިމުކުރާ އެއްވެސްކަމަކާ ހިލާފުވުން؛
  4. މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ދޭންޖެހޭ މައުލޫމާތު ނުދިނުން؛
  5. މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ދޮގު މައުލޫމާތު ނުވަތަ ސައްހަނޫން މައުލޫމާތު ދިނުން؛ 
  6. މި ގަވާއިދު ތަންފީޒު ކުރުމަށް ޓަކައި ކުރަންޖެހޭ އޮޑިޓެއް ނުވަތަ އިންސްޕެކްށަނެއް ކުރެވޭނެ ގޮތް، ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތުން ހަމަޖައްސައި ނުދިނުން، ނުވަތަ އެކަންކަމަށް އެއްބާރުލުން ނުދިނުން،ނުވަތަ އެހީތެރިނުވުން.

 

21 ވަނަ މާއްދާ - ލައިސަންސް ނުވަތަ ހުއްދަ ސަސްޕެންޑް ކުރުން ނުވަތަ ބާތިލު ކުރުވޭނެ ހާލަތްތައް

(ހ) އަންނަނިވި ހާލަތްތަކުގައި ލައިސަންސް ނުވަތަ ހުއްދަ ސަސްޕެންޑް ކުރުމުގެ ނުވަތަ ބާތިލުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

  1. ލައިސަންސް ނުވަތަ ހުއްދަ ދޫކޮށްފައިވާ ފަރާތުން، އޮތޯރިޓީން ކަނޑައަޅައިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރަމުން ނުދާކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހާލަތެއްގައި، އެކަން އިސްލާހުކުރުމަށް އެ ފަރާތަށް އޮތޯރިޓީން ލިޔުމުން 3 (ތިނެއް) ފަހަރުމަތިން އަންގައި، 3 (ތިނެއް) ވަނަ ފަހަރު އެންގުމުން ވެސް އެ އެންގުންތަކަށް އެ ފަރާތުން އިޖާބަ ނުދިނުން؛
  2. ލައިސަންސް ނުވަތަ ހުއްދައިގެ މުއްދަތު ހަމަވި ތާރީހަށް ނުވަތަ އިތުރުކޮށްދިން މުއްދަތު ހަމަވިއިރުވެސް ލައިސަންސް ދިން ކަމެއް ފެށިފައި ނުވުން؛
  3. ލައިސަންސް ނުވަތަ ހުއްދަ ދޫކޮށްފައިވާ ފަރާތުން އުފުލަންޖެހޭކަމަށް،ލައިސަންސް ނުވަތަ ހުއްދަ ށަރުތުކުރާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުލުމަށް، ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވުނު ފަރާތުން ނުކުޅެދުން ނުވަތަ އެ ފަރާތް ބަނގުރޫޓުވުން؛
    (4) ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހޮޅިލައިނެއް އެޅުމަށް ނުވަތަ މިއިން ބާވަތެއްގެ ތަކެތި ގިނަ އަދަދަކަށް ގުދަންކޮށް ރައްކައުކުރުމަށް ނުވަތަ ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް ވިއްކާ ތަނެއް ހެދުމަށް ދީފައިވާ ހުއްދައިގެ ދަށުން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މަސައްކަތް ފަށައިފައިނުވުން.

(ށ) ލައިސަންސް ނުވަތަ ހުއްދަ ދޫކޮށްފައިވާ ފަރާތުގެ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުމަށް ނުވަތަ ސަސްޕެންޑް ކުރުމަށް އޮތޯރިޓީއަށް ފެންނަ ސަބަބާއެކު 15 (ފަނަރަ) ދުވަހަށް ވުރެ ކުރުނޫން ނޯޓިހެއް، ލައިސަންސް ނުވަތަ ހުއްދަ ދޫކޮށްފައިވާ ފަރާތަށް އޮތޯރިޓީން ދޭންވާނެއެވެ. އަދި ދޫކޮ ށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލު ނުކުރެވޭނެ ނުވަތަ ސަސްޕެންޑް ނުކުރެވޭނެ ކަމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތަށް ފެންނަނަމަ، ލައިސަންސް ބާތިލު ނުކުރެވޭނެ ނުވަތަ ސަސްޕެންޑް ނުކުރެވޭނެ ސަބަބު ބަޔާންކޮށް،ނޯޓިހުގެ މުއްދަތުގައި ލިޔުމަކުން އެ ފަރާތުން އޮތޯރިޓީއަށް ހުށަހަޅަން ވާނެއެވެ.

(ނ) އޮތޯރިޓީގެ ފަރާތުން ލައިސަންސެއް އެއްކޮށް ނުވަތަ އޭގެ ވަކިބައެއް ސަސްޕެންޑް ކޮށްފިނަމަ ނުވަތަ ބާތިލު ކޮށްފިނަމަ، 3 (ތިނެއް) ދުވަހުގެ ތެރޭގައި އާންމުކޮށް އެންގުމަށް ޓަކައި އޮތޯރިޓީން އެކަން އިއުލާނު ކުރަންވާނެއެވެ.

(ރ) ލައިސަންސެއް ބާތިލުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވާ ހިނދު، ހިދުމަތް މެދުނުކެނޑި ދެމެހެއްޓުމަށް ޓަކައި، އިތުރު ށަރުތުތަކެއް ލައިސަންސްގައި ހިމަނައި ލައިސަންސް ބާތިލުނުކޮށް ބޭއްވުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - އަމިއްލަ އިހްތިޔާރުގައި ހިދުމަތް ހުއްޓައިލަން ބޭނުންވުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަނުވަނީސް ލައިސަންސްގެ ދަށުން ދެމުންގެންދިޔަ ހިދުމަތް އަމިއްލަ އިހްތިޔާރުގައި ހުއްޓައިލުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، ހިދުމަތް ހުއްޓައިލުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން، ސަބަބު ބަޔާންކޮށް އެކަން ލިޔުމުންއޮތޯރިޓީއަށް އަންގަންވާނެއެވެ. އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ވެސް ލިޔުމުން އެކަން އެ މުއްދަތުގައި އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި މިހެން އޮތްކަމުގައި ވިޔަސް ހިދުމަތް ހުއްޓައި ލަންވާނީ، އެ ތަނެއްގެ  ހާލަތާއި ވަގުތަށް ބަލައި، ހިދުމަތް ލިބިގަންނަ ފަރާތަށް ގެއްލުން ނުވާނޭ ގޮތަށް، އޮތޯރިޓީގެ ލަފަޔާއި އިރުށާދުގެ މަތީންނެވެ.

 

23 ވަނަ މާއްދާ - އިހްތިޔާރުން ބޭރު ހާލަތެއް ދިމާވުން

(ހ) ކަނޑައަޅައިފައިވާ ގޮތުގެ މަތީން ލައިސަންސްގެ ދަށުން އާންމު ހިދުމަތެއް ފޯރުކޮށްދެމުން ދަނިކޮށް، ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އިހްތިޔާރުން ބޭރުން ދިމާވާ ކަމެއްގެ ސަބަބުން، އެ ފަރާތުން ދެމުންގެންދާ ހިދުމަތް ކުރިޔަށް ނުގެންދެވޭ ހާލަ ތެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރުމަށް ހަމަޖައްސައިދެވެން އޮތް އެންމެ ލުއިގޮތަކަށް، އެކަން ހަމަޖައްސައިދިނުމުގެ އިހް ތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި، ލުއިގޮތަކަށް އެކަން ހަމަޖައްސައިދިނުން ކަމަށް ބުނެފައި އެވަނީ، ވަކި މުއްދަތަކަށް ކުރަންޖެހޭ ކަންކަން އެ މުއްދަތަށް ނުކުރެވުނު ނަމަވެސް ފިޔަވަޅު ނޭޅުމާއި، އެ ކަންކަން ކުރުމަށް ދެވުނު މުއްދަތު އިތުރުކޮށްދިނުމަށެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި އެ ހިދުމަތް އަނބުރާ ކުރީގެ ހާލަތަށް ރުޖޫއަކުރުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. އަދި މިކަމަށް ބާރުއެޅުމުގެ ގޮތުން، ހިދުމަތުގެ ބާވަތާއި، ވަގުތާއި ތަނާއި ހާލަތަ ށް ބަލައި، އޮތޯރިޓީއަށް އެކި ފިޔަވަޅުތައް އެޅިދާނެއެވެ.

 

24 ވަނަ މާއްދާ - ޒިންމާ އުފުލުން

ލައިސަންސްގެ ދަށުން ދެމުންގެންދާ ހިދުމަތެއް ވަގުތީގޮތުން މެދުކަނޑައިލުމުގެ ސަބަބުން، ނުވަތަ ހީނުކުރާ ފަދަ ހާލަތެއް ދިމާވުމުގެ ސަބަބުން، ނުވަތަ ވަގުތީގޮތުން ހިދުމަތް ހުއްޓުވުމުގެ ސަބަބުން، ނުވަތަ ލައިސަންސް ބާތިލުކުރުމުގެ ސަބަބުން، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ނުވަތަ ކުރިމަތިވާ އުނދަގުލުގެ ޒިންމާ އުފުލާނީ، ލައިސަންސް ދޫކުރެވޭ ފަރާތެވެ. އަދި ލައިސަންސް ދޫކުރެވޭ ފަރާތުން އެހެން ފަރާތަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އުފުލަންޖެހޭ ޒިންމާ ވެސް އުފުލާނީ، ލައިސަންސް ދޫކުރެވޭ ފަރާތުންނެވެ.

 

25 ވަނަ މާއްދާ - އޮތޯރިޓީގެ ނިންމުން ލައިސަންސް ލިބިފައިވާ ފަރާތަށް ގަބޫލުނުކުރެވޭނަމަ އަމަލުކުރެވިދާނެ ގޮތް

މި ގަވާއިދުގެ ދަށުން އޮތޯރިޓީން ލައިސަންސް ދޭ ގޮތާމެދު، ނުވަތަ ލައިސަންސް ނުދިނުމަށް އޮތޯރިޓީން ނިންމާ ނިންމުމަކާމެދު، ނުވަތަ ދީފައިވާ ލައިސަންސް ސަސްޕެންޑްކުރުމަށް ނުވަތަ ބާތިލުކުރުމަށް ނިންމާ ނިންމުމަކާމެދު، ނުވަތަ މި ގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅަކާމެދު، ނުވަތަ ކުރާ ޖޫރިމަނާއަކާ މެދު ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ހިތްހަމަނުޖެހޭ ނަމަ، ސަބަބު ބަޔާންކޮށް، އެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އެޕީލް ކުރެވިދާނެއެވެ.

(ހ) މި މާއްދާގެ (ހ) ގެ ދަށުން އެޕީލްކޮށްފައިވާ ނިންމުމެއް ހުށަހެޅޭތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމައި، ބޯޑުން ނިންމި ނިންމުން،ލައިސަންސް ދޫކުރެވިފައިވާ ފަރާތަށް ލިޔުމަކުން އޮތޯރިޓީން އަންގަންވާނެއެވެ.

(ށ) މައްސަލަ ބޯޑަށް އެޕީލްކުރުމުން ބޯޑުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، ކަމާބެހޭ ކޯޓަށް އެ މައްސަލައެއް ހުށަހެޅުމުގެ އިހްތިޔާރު، މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

 

ހަތަރު ވަނަ ބާބު

ލައިސަންސާއި ހުއްދަ ދޫކުރެވޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުން

 

26 ވަނަ މާއްދާ - ތަންފީޒީ އޮފިސަރުން އައްޔަނުކުރުން

(ހ) މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ހިނގާ ކަންކަން ހިނގަނީ މި ގަވާއިދާ އެއްގޮތަށްކަން ޔަގީން ކުރުމަށް ޓަކައި އަދި އެ ކަންކަން ހިނގާ ގޮތް މޮނިޓަރ ކުރުމަށް ޓަކައި ރެގިއުލޭޓަރީ ތަންފީޒީ އޮފިސަރުންގެ ގޮތުގައި، އޮތޯރީޓީގެ މުވައްޒަފެއް، ނުވަތަ އޮތޯރިޓީން ތަމްސީލުކޮށްދޭނެ އެހެން ފަރާތެއް، ތަންފީޒީ އޮފިސަރެއްގެ ގޮތުގައި އައްޔަނު ކުރެވިދާނެއެވެ.

(ށ) ތަންފީޒީ އޮފިސަރެއްގެ ބާރާއި، އަދާކުރަންޖެހޭ ވާޖިބާއި މަސްއޫލިއްޔަތުގެ ދާއިރާ ވަކި ކަމަކަށް ނުވަތަ ވަކި ކަންތައްތަކަކަށް އަދި އެ ކަންކަން އަދާކުރަން ޖެހެނީ ވަކި މުއްދަތަކަށް ކަމުގައި ހަމަޖެއްސުމުގެ އިހްތިޔާރު ، އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) ގަވާއިދުގެ ދަށުން އައްޔަނުކޮށްފައިވާ ތަންފީޒީ އޮފިސަރެއްގެ ކިބައިން އޭނާގެ ހައިސިއްޔަތު އޮޅުންފިލުވުމަށް ސުވާލު ކުރެވިއްޖެނަމަ، އޭނާއަކީ އޮތޯރިޓީން ކަނޑައަޅައިފައިވާ އެންފޯސްމަންޓް އޮފިސަރެއްކަން އަންގައިދޭ ހެކި ދައްކަންޖެހޭނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ތަންފީޒީ އޮފިސަރުން އޮތޯރިޓީން ދޫކޮށްފައިވާ ނުވަތަ އޮތޯރިޓީން ކަނޑައަޅައިފައިވާ އެންފޯސްމަންޓް އޮފިސަރެއްކަން އަންގައިދޭ ކޮންމެ ލިއުމަކީ މި ގަވާއިދުގެ ދަށުން އޭނާ އަދާކުރަންޖެހޭ ކޮންމެ މަސްއޫލިއްޔަތަކާއި ވާޖިބެއް އަދާކުރުމުގެ ބާރާއި އިހްތިޔާރު އެނާއަށް ލިބިގެންވާކަން ސާބިތުކޮށްދިނުމަށް ފުދޭނެ ހެއްކެކެވެ.

 

27 ވަނަ މާއްދާ - ތަންފީޒީ އޮފިސަރުންނަށް ލިބިގެންވާ ބާރުތައް

(ހ) މި ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ގޮތުން، އަންނަނިވި ހާލަތްތަކުގައި، މި ގަވާއިދުގެ ދާއިރާއަށް ފެތޭ ކަންކަން ހިންގާ ކަމަށް ބެލެވޭ ތަންތަނަށް ވަނުމާއި، އުޅަނދުފަހަރަށް އެރުމާއި، އެ ތަންތަނުގައިވާ ލޮގުފޮތްތަކު ންނާއި ލިޔެކިޔުންތަކުންނާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިން މައުލޫމާތު ސާފުކުރުމާއި، އެ ލިޔެކިއުންތަކުގެ ކޮޕީ ނެގުން ފަދަ ކަންކަން ކުރުމުގެ އިހްތިޔާރާއި ބާރު ތަންފީޒީ އޮފިސަރުންނަށް ލިބިގެންވެއެވެ.

  1. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަމުގެ ހެކި އެ ތަނަކުން ފެނިދާނެކަމަށް ގަބޫލުކުރެވުން؛
  2. އެ ތަނެއްގައި ހިނގާ ކަންކަން ހިނގަނީ މި ގަވާއިދާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، އެ ތަނަކަށް ވަންނަންޖެހުން ނުވަތަ ވަނުމަށް ބޭނުންވުން.

(ށ) މި ގަވާއިދުގެ ދާއިރާގައި ހިމެނޭ ކަމަކާ ނުވަތަ ހަރަކާތަކާ ގުޅުންހުރި ފަރާތްތަކަށް ނުވަތަ ގުޅުންހުރި ކަމަށް ބެލެވޭ ފަރާތްތަކަށް، މި ގަވާއިދު ހިންގުމަށް ޓަކައި ބޭނުންވާ މައުލޫމާތު ދިނުމަށް އެންގުން.

(ނ) މި ގަވާއިދުގެ އިތުރުން، ގާނޫނަކުން ނުވަތަ ގަވާއިދަކުން ތަންފީޒީ އޮފިސަރަށް އިތުރު އިހުތިޔާރެއް ނުވަތަ ބާރެއް ލިބިދޭނަމަ، އެ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ލިބޭ އިހުތިޔާރެއް ނުވަތަ ބާރެއްގެ ބޭނުންކުރުން.

(ރ) މި ގަވާއިދުގެ ދަށުން ތަންފީޒީ އޮފިސަރުން ހޯދާ އެއްވެސް މައުލޫމާތެއް އޮތޯރިޓީގެ ހާއްސަ ބޭނުންތަކަށް ފިޔަވައި އިތުރު އެއްވެސް ކަމަކަށް ބޭނުންކުރުމަކީ މަނާ ކަމެކެވެ.

 

ފަސްވަނަ ބާބު

ލައިސަންސް ނުވަތަ ހުއްދައިގެ އާންމު ށަރުތުތައް

 

28 ވަނަ މާއްދާ - ހިދުމަތަށް އަގު ނެގުން

(ހ) ލައިސަންސް ދޫކޮށްފައިވާ ފަރާތުން ނުވަތަ ލައިސަންސަށް އެދޭ ފަރާތުން، ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތަކަށް، ހިދުމަތް ލިބިގަންނަ ފަރާތެއްގެ އަތުން ނަގަންވާނީ،އޮތޯރިޓީން އެ ހިދުމަތަކަށް ނެގުމަށް ފާސްކޮށް، އާންމުކޮށް އިއުލާނުކޮށްފައިވާ އަގަށްވުރެ ބޮޑުނޫން އަގެކެވެ. މި އަގުގެ ތެރޭގައި ޓެރިފާއި ވަކި ހިދުމަތްތަކަކަށް ނަގާ އަގު ހިމެނޭނެއެވެ.

(ށ) ހިދުމަތަށް ނެގޭ އަގު ނުވަތަ ޓެރިފް އޮތޯރިޓީން ފާސްކުރަންވާނީ، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނެ ގޮތަށް ބަލައިގެން، ހިދުމަތް ލިބޭނެ ފަރާތަށް ވީހާވެސް ކުޑަ އަގެއްގައި ދެވޭނޭގޮތަށް، އޮތޯރިޓީން ކަނޑައަޅާ އުސޫލުގެ މަތީންނެވެ. މިގޮތުން ހިދުމަތް ދޭ ފަރާތުން ހުށަހަޅާ ޓެރިފް ފާސްކުރުމަށް ޓަކައި ހިދުމަތަށް ހިނގާނޭ ހަރަދާއި، ކަމާ ގުޅޭ އެހެނިހެން މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

(ނ) ޓެރިފް ފާސްކުރުމަށް ޓަކައި މާލީ ކަންކަމުގެ އިތުރުން، ހިދުމަތުގެ ފެންވަރާއި އަގު ރަނގަޅުކުރުމަށް ޓަކައި، އެފިށަންސީއާއި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ށަރުތު ކުރެވިދާނެއެވެ.

(ރ) ލައިސަންސް ދޫކުރެވިފައިވާ ފަރާތުން ދޭ ހިދުމަތްތަކަށް ނަގާ އަގުތައް، ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ މަސައްކަތްތައް ހިންގާ މައި މަރުކަޒުތަކުގައްޔާއި، އެ ފަރާތުގެ ވެބްސައިޓުގައި، އާންމުކޮށް ފެންނަ ގޮތަށް ބަހައްޓަންވާނެއެވެ.

 

29 ވަނަ މާއްދާ - އަމަލުކުރަންޖެހޭ ގަވާއިދުތަކާއި މިންގަނޑުތައް

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވޭ ފަރާތުން، އަންނަނިވި ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.

(ހ) ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަ ލުކުރުމަށް އޮތޯރިޓީން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އާންމު އުސޫލުތައް.

(ށ) ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން މުއައްސަސާއަކުން، ހިދުމަތްދޭ ފަރާތްތަކާއި ހިދުމަތްލިބިގަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި ހަދައި ހިންގާ ގަވާއިދުތަކާއި މިންގަނޑުތައް.

 

30 ވަނަ މާއްދާ - ހިދުމަތް ދެމެހެއްޓުން

ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، އެ ފަރާތްތަކުގެ ޑިމާންޑާ އެއްވަރަށް، ލައިސަންސް ދޫކުރެވުނު ފަރާތުން ހިދުމަތް ފޯރުކޮށްދޭންވާނެއެވެ. އަދި ހިދުމަތް މެދުކެނޑިފައި އޮތުމަށް އޮތޯރިޓީން ހުއްދަކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ހިދުމަތް މެދުކެނޑުނަ ނުދީ، ލައިސަންސް ދޫކުރެވުނު ފަރާތުން ހިދުމަތް ފޯރުކޮށްދެމުން ގެންދަންވާނެއެވެ.

 

31 ވަނަ މާއްދާ - ޖަވާބުދާރީވާނެ ފަރާތެއް ކަނޑައެޅުން

ލައިސަންސް ދޫކުރެވޭ ފަރާތުން އޮތޯރިޓީއަށް ޖަވާ ބުދާރީވާނެ ނުވަތަ އޮތޯރިޓީގެ އެންގުންތައް ބަލައިގަންނާނެ، ޒިންމާދާރު އިސް މުވައްޒަފަކު ހަމަޖައްސައި، އެ މުވައްޒަފަކާބެހޭ މައުލޫމާތު ،ލައިސަންސް ދޫކުރާތާ، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ.

 

32 ވަނަ މާއްދާ - ށަކުވާ ބަލަ އިގަތުމާއި ޖަވާބުދާރީވުން

(ހ) ލައިސަންސްގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކާ މެދު އެ ހިދުމަތްތައް ލިބިގަންނަ ފަރާތްތަކުން ލައިސަންސް ދޫކުރެވިފައިވާ ފަރާތަށް ހުށަހަޅަން ބޭނުންވާ ށަކުވާތަކާއި މައްސަލަތައް ބަލައިގަތުމަށާއި އެ މަސައްލަތައް ހައްލުކުރުމަށް ޓަކައި، ލައިސަންސް ދޫކުރެވޭ ފަރާތުން ހިދުމަތްދޭ މަރުކަޒުގައި ނިޒާމެއް ގާއިމުކޮށް، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ނިޒާމާބެހޭ މައުލޫމާތު ފަސޭހައިން އެނގޭނެ އިންތިޒާމު، ލައިސަންސް ދޫކުރެވޭ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި އެ ނިޒާމުގެތަފުސީލު އޮތޯރިޓީއާ ހިއްސާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ އިންތިޒާމުގެ ތެރެއިން، މައްސަލައެއް އެކަށޭނެ މުއްދަތެއްގައި ހައްލު ނުކުރެވިއްޖެނަމަ، އެ މައްސަލައެއް އޮތޯރިޓީއަށް ލިޔުމުން ހުށަހެޅިދާނެއެވެ. އަދި ށަކުވާ ހުށަހެޅޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ށަކުވާއަކާ ގުޅިގެން އޮތޯރިޓީން ގޮތެއް ނިންމައިފައި، ށަކުވާ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި މިހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަތައް، އެކަމުގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ވެސް އޮތޯރިޓީއަށް ހުށަހަޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ ށަކުވާތަކާ ގުޅިގެން ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 41 ވަނަ މާއް ދާގައި ބާޔާންކޮށްފައިވާ އުސޫލުން އޮތޯރިޓީން އަމަލުކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުން 

(ހ) އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި، އޮތޯރިޓީން ކަނޑައަޅާ ފޯމެޓަކަށް، އަދި އޮތޯރިޓީން ބޭނުންވާނެ ފެންވަރާއި މިންވަރަށް ތައްޔާރުކޮށް، އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ ދަށުން، ލައިސަންސް ލިބިފައިވާ ފަރާތުން، ނުވަތަ ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން މައުލޫމާތު ފޯރުކޮށްދޭންޖެހޭނެއެވެ. މީގެ ތެރޭގައި ބޭނުންވެއްޖެ ހިންދެއްގައި ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި، ދޫކުރެވޭ ހުއްދަ ނުވަތަ ލައިސަންސްގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތު ހިމެނެއެވެ.

  1. ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް ލައިސަންސް ދޫކުރެވުނު ފަރާތުން އަމަލުކުރަމުންދޭތޯ ބެލުމަށް ބޭނުންވާ މައުލޫމާތު؛
  2. ލައިސަންސްގެ ދެވިފައިވާ ފަރާތުގެ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަން ވަޒަންކުރުމަށް ބޭނުންވާނެ މައުލޫމާތު؛
  3. ލައިސަންސް ދޫކުރެވުނު ފަރާތާއި މެދު އެއްވެސް ފަރާތެއް ހުށަހަޅައިފައިވާ މައްސަލައެއް ބެލުމަށް ހޯދޭ މައުލޫމާތު؛
  4. ޖިނާއީ މައްސަލަތަކާ ގުޅިގެން ހިންގޭ ތަހުގީގުތަކަށް ބޭނުންވާނެ މައުލޫމާތު؛
  5. ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ތަރައްގީއަށާއި ކުރިމަގު ރޭވުމަށް ބޭނުންވާ މައުލޫމާތު؛
  6. ޓެރިފް ފާސްކުރުމާއި، ޓެރިފާ ގުޅޭ ދިރާސާތަކާއި މެތަޑޮލަޖީތައް ތަރައްގީކުރުމަށް ބޭނުންވާނެ މައުލޫމާތު؛
  7. ޔުޓިލިޓީތަކާއި އިންވެސްޓްމަންޓްތައް ސްކްރީންކޮށް ފާސްކުރުމަށް ބޭނުންވާ މައުލޫމާތު؛
  8. ސަރުކާރުގެ ސިޔާސަތު އެކުލަވައިލައި ތަންފީޒުކުރުމަށާއި، ހަކަތައިގެ ހިދުމަތްތަކުގެ ދާއިރާ ތަރައްގީކޮށް ރެގިއުލޭޓް ކުރުމަށް ކުރެވޭ ކަންކަމަށް ބޭނުންވާ މައުލޫމާތު؛ 
  9. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރުގައި ހިމެނޭ މައުލޫމާތުގެ އިތުރުން ވެސް އޮތޯރިޓީން އަންގާ އެހެނިހެން މައުލޫމާތު.

)ށ) މި މާއްދާގެ )ހ) ގެ ދަށުން ހުށަހަޅަން އަންގާ މައުލޫމާތު، އޮތޯރިޓީން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ނ) އެއްވެސް ސަބަބަކާ ހުރެ މައުލޫމާތު ފޯރުކޮށްނުދެވޭނަމަ، ނޫނީ ފޯރުކޮށްދިނުން ލަސްވާނަމަ، މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ ނުވަތަ އަންގައިފައިވާ ސުންގަޑީގެ ކުރިން، ސަބަބު ބަޔާންކޮށް ލައިސަންސް ލިބިފައިވާ ފަރާތުން އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން، ހުށަހެޅުމަށް އޮތޯރިޓީން އަންގާ މައުލޫމާތު ލައިސަންސް ދޫކޮށްފައިވާ ފަރާތުން ފޯރުކޮށް ނުދިނުމަކީ ނުވަތަ ފޯރުކޮށްދިނުން ލަސްވުމަކީ ކުށެކެވެ.

(ބ) މިއިން އެއްވެސް މައުލޫމާތެއް އޮތޯރިޓީގެ މުވައްޒަފެއްގެ އަމިއްލަ ބޭނުމަކަށް ނުވަތަ އަމިއްލަ ފަރާތެއްގެ އަމިއްލަ ކަމަކަށް ނުވަތަ މަންފާއަށް ބޭނުންކުރުމަކީ މަނާކަމެކެވެ.

 

ހަވަނަ ބާބު

ލައިސަންސާއި ހުއްދައަށް ބަދަލުގެނައުން، ނުވަތަ މުއްދަތު އިތުރުކުރުން ނުވަތަ އައުކުރުން

 

34 ވަނަ މާއްދާ - ލައިސަންސާއި ހުއްދައިގެ މުއްދަތު އިތުރުކުރުން

(ހ) މި ގަވާއިދުގެ ދަށުން ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތް ދިނުމުގެ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ލައިސަންސެއް ނުވަތަ ހުއްދައެއްގެ މުއްދަތު އިތުރުކުރަން ބޭނުންނަމަ، އެ ލައިސަންސެއް ނުވަތަ ހުއްދައެއްގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، އެ އޮތޯރިޓީން ކަނޑައަޅައިފައިވާ ފޯމު މެދުވެރިކޮށްލައިސަންސް ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމުގެ ހިދުމަތަށް އެދި، އެ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކުރެވުނު ފަރާތުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ލައިސަންސެއް ނުވަތަ ހުއްދައެއްގެ މުއްދަތު ހަމަވުމުގެ 6 (ހައެއް) މަސްދުވަހުގެ ކުރިން، އެ އޮތޯރިޓީން ކަނޑައަޅައިފައިވާ ފޯމު މެދުވެރިކޮށް ލައިސަންސް ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމުގެ ހިދުމަތަށް އެދި، އެ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކުރެވުނު ފަރާތުން، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ނ) ލައިސަންސް ނުވަތަ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި އޮތޯރިޓީއަށް ހުށަހަޅާ އެޕްލިކޭށަނަށް ރިއާޔަތްކޮށް، ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވުނު ފަރާތުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ދިއުމާއި، ލައިސަންސުން ހިނގައިފައިވާ މުއްދަތުގައި މި ގަވާއިދާ ހިލާފުވެފައި ނުވާނަމަ، އަދި މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ދަމަހައްޓައިފައިވާނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދައިގެ މުއްދަތު އޮތޯރިޓީން އިތުރުކޮށްދޭންވާނެއެވެ.

(ރ) ލައިސަންސްގެ މުއްދަތު ހަމަވެގެން އައުކުރުމަށް ހުށަހެޅުމުން އައުކޮށް ނުދިނުމަށް އޮތޯރިޓީން ނިންމައިފިނަމަ، އެކަމުގެ ސަބަބު، ލައިސަންސަށް އެދޭ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

35 ވަނަ މާއްދާ - ލައިސަންސަށް ބަދަލުގެނައުން ނުވަތަ އައުކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސަކަށް އެއްވެސް ބަދަލެއް ގެންނަން ނުވަތަ ލައިސަންސެއް ގެއްލިގެން ނުވަތަ ހަލާކުވެގެން ލައިސަންސްގެ އައު ކޮޕީއެއް ހޯދުމަށް އެކަމަށް ކަނޑައަޅައިފައިވާ ފޯމެއް މެދުވެރިކޮށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި މި ފޯމު ބަލައިގަނެވެނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ފީ، އޮތޯރިޓީއަށް ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސަށް ގެންނަން ހުށަހަޅައިފައިވާ ބަދަލަކާ ގުޅިގެން އޮތޯރިޓީން ނިންމާ ގޮތެއް، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި ހުށަހަޅައިފައިވާ ބަދަލެއް ގެނެސް 30 (ތިރީސް) ދުވަހުގެ ތެރޭގައި، ލައިސަންސް ހުށަހެޅި ފަރާތަށް ލައިސަންސް ހަވާލުކުރަންވާނެއެވެ.

 

36 ވަނަ މާއްދާ - ލައިސަންސްގެ ހައްގު ނުވަތަ މިލްކުވެރިކަން ބަދަލުކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ރަޖިސްޓްރޭށަނުގައި ނުވަތަ ލައިސަންސްގައި ނުވަތަ ހުއްދައިގައި ހިމެނޭ ހައްގުތައް ނުވަތަ މިލްކުރެވިކަމަކީ އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ނުވަތަ އެހެން ފަރާތަކާ ހަވާލުކުރެވޭނެ ނުވަތަ ވިއްކޭނެ ނުވަތަ މުދަލުގެ ގޮތުގައި ވާރުތަކުރެވޭނެ އެއްޗެއް ނޫނެވެ.

(ށ) މި ގަވާއިދުގެ ދަށުން ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ނުވަތަ ހުއްދައިގެ ދަށުން ލިބިފައިވާ ހައްގެއް، ލައިސަންސް ދޫކުރި ފަރާތުގެ ހުއްދަ ނެތި އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގަ އި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެ ލައިސަންސެއް އެހެން ފަރާތަކަށް އޮތޯރިޓީގެ ހުއްދަޔާއެކު ބަދަލުކޮށްދެވިދާނެއެވެ.

  1. ލައިސަންސް ލިބިފައިވާ ފަރާތް މަރުވެއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ވާރިސުން، އެ ލައިސަންސް އެ ފަރާތުގެ ނަމުގެ މައްޗަށް ބަދަލުކުރަން އެދުން؛
  2. ލައިސަންސް ލިބިފައިވާ ފަރާތް ބަނގުރޫޓުވެގެން އެ ފަރާތުގެ ހައްގު ތައް އެހެން 
    ފަރާތަކަށް ބަދަލުކުރާ ހާލަތުގައި، ބަދަލުކުރެވުނު ފަރާތުން އެކަމަށް އެދުން؛ ނުވަތަ 
  3. ލައިސަންސް ލިބިފައިވާ ފަރާތުގެ ހައްގުތައް އެހެން ފަރާތަކަށް ވިއްކައިލައިފިނަމަނުވަތަ ދީފިނަމަ، އެ ހައްގުތައް ލިބުނު ފަރާތުން އެކަމަށް އެދުން.

 

ހަތްވަނަ ބާބު

އެހެނިހެން

 

37 ވަނަ މާއްދާ - އިސްލާހުކުރުމަށް އެންގުން

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސެއްގެ ށަރުތަކާ ނުވަތަ ގަވާއިދުގެ ދަށުން އަންގާ އެންގުންތަކާ ނުވަތަ މި ގާނޫނުގައިވާ އެއްވެސް މާއްދައަކާ ހިލާފުވެއްޖެނަމަ، އަދި އެކަން ކުރިފަރާތަށް އެކަން އިސްލާހުކުރުމަށް އޮތޯރިޓީއަށް އެންގުމުގެ އިހްތިޔާރު ލިބިދެއެވެ. އަދި އިސްލާހުކުރުމަށް ދީފައިވާ މުއްދަތުގައި އިސްލާހުނުކޮށްފިނަމަ، މި ގަވާއިދުގެ ދަށުން ޖުރިމަނާ ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

38 ވަނަ މާއްދާ - ކުށާއި އަދަބު

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް އާންމުކޮށް ފެންނަން ހުންނަން ޖެހޭނެއެވެ. 
މިގޮތަށް ފެންނަން ނެތްނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރެވިދާނެއެވެ.

  1. ފުރަތަމަ ފަހަރު 5،000 (ފަސްހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު 10،000 (ދިހަހާސް) ރުފިޔާ؛
  3. ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 10،000 (ދިހަހާސް) ރުފިޔާ އިތުރުވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ފެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއްގެ ހިދުމަތް ދިނުމުގެ މަސައްކަތްތަކަށް ލައިސަންސް ނުނަގާ ހިދުމަތް ފޯރުކޮށްދީފިނަމަ ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.

  1. ފުރަތަމަ ފަހަރު 10،000 (ދިހަހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު 20،000 (ވިހިހާސް) ރުފިޔާ؛
  3. ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 50،000 (ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫ ން އަދަދަކުން ޖުރިމަނާކުރުން.

(ނ) މި ގަވާއިދުގެ ދަށުން ކަރަންޓް އުފައްދައި ހިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ނުނަގާ ހިދުމަތް ފޯރުކޮށްދީފިނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ.

  1. ފުރަތަމަ ފަހަރު 100،000 (އެއްލައްކަ) ރުފިޔާ؛
  2. ދެވަނަ ފަހަރު 200،000 (ދެލައްކަ) ރުފިޔާ؛
  3. ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 1،000،000 (އެއް މިލިޔަން) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާކުރުން.

(ނ) މި ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމަށް ޓަކައި، އޮތޯރިޓީން ލައިސަންސް ލިބިގެން ހަކަތައިގެ ހިދުމަތެއް ފޯރުކޮށްދޭ ތަންތަން އޮތޯރިޓީން ބަލައި ފާސްކުރެވިދާނެއެވެ. މިފަދަ ތަންތަން ބަލައި ފާސްކުރުމަށް އޮތޯރިޓީގެ ފަރާތުން ޗެކްކުރުމަށް އަންނަ ފަރާތެއްގެ މަސައްކަތަށް ހުރަސްއަޅައިފިނަމަ، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރެވިދާނެއެވެ.

  1. ފުރަތަމަ ފަހަރު 5،000 (ފަސްހާސް)  ރުފިޔާ؛
  2. ދެވަނަ ފަހަރު 7،000 (ހަތްހާސް) ރުފިޔާ؛
  3. ތިންވަނަ ފަހަރު 10،000 (ދިހަހާސް) ރުފިޔާ؛
  4. ތިންވަނަ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 30،000 (ތިރީސްހާސް) ރުފިޔާ އިތުރުވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ހަކަތައިގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ފަރާތުން ނުވަތަ 
އެ ފަރާތުގެ މުވައްޒަފަކު، ކަރަންޓާ ގުޅޭ މަސައްކަތެއް ކުރުމަށް އެ ތަނަކަށް ވަނުމާއި، ކުރަންޖެހޭ މަސައްކަތެއް ކުރުމާއި، އެ ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ އެއްޗެއް ގެނައުމާއި، ގެންދިއުންފަދަ ކަމެއް ކުރުމަށް އެކަށީގެންވާ ސަބަބެއް ނެތި އެއްވެސް ފަރާތަކުން ހުރަސްއެޅުމަކީ މަނާ ކަމެކެވެ. މިފަދަ އަމަލެއް ކުރާ ފަރާތެއް، އަންނަނިވި ގޮތުގެ މަތީން ޖޫރިމަނާ ކުރެވިދާނެއެވެ.

  1. ފުރަތަމަ ފަހަރު 10،000 (ދިހަހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު 20،000 (ވިހިހާސް) ރުފިޔާ؛
  3. ތިންވަނަ ފަހަރު 50،000 (ފަންސާސްހާސް) ރުފިޔާ؛
  4. ތިންފަހަރަށް ވުރެ އިތުރުވާނަމަ 50،000 (ފަންސާސްހާސް) ރުފިޔާއިން ޖުރިމަނާކުރުން ނުވަތަ 500،000 (ފަސްލައްކަ) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާކުރުން.

(ބ) މި ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން އޮތޯރިޓީން ހުށަހެޅުމަށް އަންގައިފައިވާ މައުލޫމާތެއް ހުށަނާޅައިފިނަމަ، އަންނަނިވި ގޮތުގެ މަތީ ން ޖޫރިމަނާ ކުރެވިދާނެއެވެ.

  1. ފުރަތަމަ ފަހަރު 10،000 (ދިހަހާސް) ރުފިޔާ؛
  2. ދެވަނަ ފަހަރު 15،000 (ފަނަރަހާސް) ރުފިޔާ؛
  3. ދެ ފަހަރަށްވުރެ ގިނައިން އެ އަމަލެއް ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 
    30،000 (ތިރީސްހާސް) ރުފިޔާ އިތުރުވާނެއެވެ.

 

39 ވަނަ މާއްދާ - އޮތޯރިޓީ ތަމްސީލުކުރާ ފަރާތްތަކުގެ އިމްތިޔާޒު

އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޮތޯރިޓީ ތަމްސީލުކުރާ ފަރާތަކުން ރަނގަޅު ނިޔަތުގައި މި ގަވާއިދު ހިންގުމުގެގޮތުން ކުރާ ކަމަކުން ނުވަތަ ކުރި ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު ނުވަތަ އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރި ނުވަތަ ނުކޮށް ދޫކޮށްލަން ޖެހުނު ކަމަކާ މެދު އަމިއްލަ ހައިސިއްޔަތުން އޭނާ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ.

 

40 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

40 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ހުއްދަ ދޫކުރެވޭ ފަރާތް" ނުވަތަ "ހުއްދަ ދޫކުރެވުނު ފަރާތް" ކަމަށް ބުނެފައި އެވަނީ،މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަތައް ދޫކުރެވޭ ނުވަތަ ދޫކުރެވުނު ފަރާތްތަކަށެވެ.

(ށ) "ހަކަތައިގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ބާވަތަކުން ހަކަތަ އުފައްދައި، ޓްރާންސްމިޓްކޮށް، ޑިސްޓްރިބިއުޓްކޮށް ފޯރުކޮށްދިނުމާއި، ޕެޓްރޯލިއަމްގެ ބާވާތްތައް ދިވެހިރާއްޖެ އެތެރެކުރުމާއި ދިވެހިރާއްޖޭގައި ސާފުކުރުމާއި ގުދަންކުރުމާއި ސަޕްލައި ކުރުމާއި ވިއްކުމާއި މިކަންކަމާ ގުޅޭ އެންމެހައި އިންފްރާސްޓްރަކްޗަރއަށެވެ.

(ނ) "އެޕްލިކޭށަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ލައިސަންސަކަށް ނުވަތަ ހުއްދައަކަށް އެދި ނުވަތަ ލައިސަންސެއް ނުވަތަ ހުއްދައެއް ޓްރާންސްފަރ ކުރުމަށް ނުވަތަ އައުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމަށެވެ.

(ރ) "ލައިސަންސް ދޫކުރެވޭ ފަރާތް" ނުވަތަ "ލައިސަންސް ދޫކުރެވުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ވަކި ހިދުމަތެއް ނުވަތަ ހިދުމަތުގެ ބައެއް ފޯރުކޮށްދިނުމުގެ ލައިސަންސަށް އެދުމުން، އެ ހިދުމަތެއް ފޯރުކޮށްދިނުމަށް އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ފަރާތަށެވެ.

(ބ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ އޮތޯރިޓީއަށެވެ.

(ޅ) "ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ އެންމެހައި ތަންތަނަށެވެ.

(ކ) "އުޅަނދުފަހަރު" ކަމަށް ބުނެފައި އެވަނީ، އެއްތަނުން އަނެއްތަނަށް ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އުފުލުމުގެ ހިދުމަތް ދިނުމަށް ގެންގުޅޭ، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރަށެވެ. 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މި ގަވާއިދުގެ ދަށުން ހެދިފައިވާ އުސޫލު

އަމިއްލަ ޖެނެރޭޓަރު ބަހައްޓައިގެން ކަރަންޓު އުފައްދައި ބޭނުންކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2024-07)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2023-78)

 

މައި ގާނޫނު

ހަކަތައިގެ ގާނޫނު (ގާނޫނު ނަންބަރު 2021-18)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު