-

އަމިއްލަ ޖެނެރޭޓަރު ބަހައްޓައިގެން ކަރަންޓު އުފައްދައި ބޭނުންކުރުމުގެ އުސޫލު

(އުސޫލު ނަންބަރު 2024-07)

(މި އުސޫލަށް އަމަލުކުރަން ފެށީ 11 ފެބުރުއަރީ 2024 ގައި)


1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގަވާއިދު ނަންބަރު 2023-78 (ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) ގެ 4 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ C1 ކެޓެގަރީގެ ދަށުން، އާންމު ބޭނުންތަކުގެ ހިދުމަތް ނުލިބޭ ނުވަތަ މިފަދަ ހިދުމަތަކަށް ބަރޯސާ ނުވެވޭފަދަ ހާއްސަ ހާލަތްތަކުގެ ބޭނުމަށް ހަކަތަ އުފައްދައި ބޭނުންކުރުމުގެ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "އަމިއްލަ ޖެނެރޭޓަރު ބަހައްޓައިގެން ކަރަންޓު އުފައްދައި ބޭނުންކުރުމުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

އަމިއްލަ ޖެނެރޭޓަރު ބަހައްޓައިގެން ކަރަންޓު އުފައްދާ ބޭނުންކުރުމާ ގުޅިގެން ކަރަންޓު އުފައްދާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި، ތިމާވެށްޓަށް ކުރާ އަސަރުތަކާއި، އެފަދަ ކަރަންޓު އުފައްދާ ތަންތަނުގެ ރައްކައުތެރިކަން ކަށަވަރުކުރުމެވެ.

 

3 ވަނަ މާއްދާ - އަމިއްލައަށް ކަރަންޓު އުފައްދަން ބޭނުންކުރާ ޖެނަރޭޓަރު ބެހިފައިވާ ގިންތިތައް

އަމިއްލަ ބޭނުމަށް ކަރަންޓު އުފެދުން ބެހިގެންވަނީ 3 (ތިނެއް) ގިންތިއަކަށެވެ.

(ހ) ސްޓޭންޑްބައި ޖެނެރޭޓަރ – މިފަދަ ޖެނެރޭޓަރަކީ، ޑީސަލް ނުވަތަ އިއާދަނުކުރެވޭ އެފަދަ އެނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން، ޔުޓިލިޓީ ކަރަންޓު ކެނޑޭވަގުތު، ކޮންމެހެން ކަރަންޓު ލިބެންޖެހޭ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ޓަކައި، ޔުޓިލިޓީ ކަރަންޓު ކެނޑޭހިނދު، އޮޓަމެޓިކުކޮށް ޖެނެރޭޓަރު ސްޓާޓްވެގެން ކަރަންޓު އުފައްދަން ފަށާގޮތަށް ގުޅައިފައި ހުންނަ ޖެނެރޭޓަރުތަކެވެ.

(ށ) ބެކަޕް ޖެނެރޭޓަރ – މިފަދަ ޖެނެރޭޓަރަކީ، ޑީސަލް ނުވަތަ އިއާދަނުކުރެވޭ އެފަދަ އެނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން، ޔުޓިލިޓީ ކަރަންޓު ކެނޑުމުން، މުޅި ފެސިލިޓީއަށް ބޭނުންވާވަރަށް ކަރަންޓު އުފެއްދޭނެވަރަށް، ގުޅައިފައި ހުންނަ ޖެނެރޭޓަރުތަކެވެ.

(ނ) ވަގުތީ ޖެނެރޭޓަރ – މިފަދަ ޖެނެރޭޓަރަކީ، ޑީސަލް ނުވަތަ އިއާދަނުކުރެވޭ އެފަދަ އެނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން، ވަގުތީގޮތުން ބަހައްޓައިގެން ބޭނުންކުރާ ޖެނެރޭޓަރުތަކެވެ.

 

4 ވަނަ މާއްދާ - ޕާމިޓް ދިނުމަށް ހަމަޖެހިފައިވާ ތަންތަނުގެ ކެޓަގަރީ

ރާއްޖޭގައި 5kW (ފަހެއް ކިލޯވޮޓު) އިން ފެށިގެން މަތީ ކެޕޭސިޓީގެ ޑީސަލް ޖެނެރޭޓަރުންއަމިއްލައަށް ކަރަންޓު އުފައްދައިގެން ބޭނުންކުރާނަމަ މި އުސޫލުގެ ދަށުން، އޮޕަރޭޓިންގ ޕާމިޓެއް ނަގަންޖެހޭނެއެވެ. މިގޮތުން، ދިނުމަށް ހަމަޖެހިފައިވާ ތަންތަނުގެ ކެޓަގަރީތައް ތިރީގައި މިވަނީއެވެ. 
 (ހ) ކްރިޓިކަލް އިމާރާތްތައް؛

  1. ދިފާއީބާރުތަކާއި އެކަމާބެހޭ ތަންތަން.
  2. ގައުމީ ސަލާމަތާބެހޭ ތަންތަން. 
  3. ޑޭޓާ ސެންޓަރުތައް.
  4. ދާހިލީކަންކަމާ ގުޅޭ މުހިންމު މުއައްސަސާތައް. 
  5. ސިއްހީ ހިދުމަތް ދޭ މަރުކަޒުތައް. މި ތަންތަނަކީ ކަމާބެހޭ އިދާރާގައިރަޖިސްޓަރީކޮށްފައިވާ ތަންތަނަށް ވާންޖެހޭނެއެވެ. 
  6. ބޭސް ރައްކައުކުރާ ތަންތަން.
  7. ފިނި ގުދަން / ފިނި ސްޓޯރޭޖުތައް.
  8. ފަޔަރ ސްޓޭށަންތައް.

(ށ) ސިނާއީ އަދި ވިޔަފާރީގެ ބޭނުމަށް ގާއިމުކުރާ ތަންތަން؛

(ނ) އިމާރާތްތަކަށް ނުވަތަ އިމާރާތްތަކުން ބަޔަކަށް ބޭނުންވާ ކަރަންޓު؛

  1. ބޫސްޓަރ ޕަމްޕު. 
  2. އެމަރޖަންސީ ލައިޓިންގ އަދި އާންމު ސަރަހައްދުތައް.
  3. އެމަރޖަންސީ ޕަވަރ އައުޓްލެޓްސް.
  4. ލިފްޓު / އެސްކަލޭޓަރު.

(ރ) ކަރަންޓުގެ އާންމު ހިދުމަތް ނޫން، އާންމު އެހެނިހެން ހިދުމަތް ދޭ ތަންތަން ؛

(ބ) އިމާރާތްކުރުމަށް ބޭނުންވާ ވަގުތީ ޖެނެރޭޓަރުތައް؛ 

(ޅ) އެއްތަނުން އަނެއްތަނަށް އުފުލައި ގެންދެވޭ (މޮބައިލް) ޖެނެރޭޓަރުތައް؛

(ކ) ވަގުތީ ފެސިލިޓީތަކާއި މޮބައިލް ފެސިލިޓީތައް؛

(އ) ޔުޓިލިޓީގެ ކެޕޭސިޓީ ނުދެވިގެން ބަހައްޓައިގެން ހިންގާ ޖެނެރޭޓަރުތައް.

 

5 ވަނަ މާއްދާ - ޕާމިޓް ހޯދުމަށް ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) މި އުސޫލަށް ފެތޭ ހުރިހާ ޖެނެރޭތަރުތަކެއް ބޭނުންކުރަންވާނީ، މި އޮތޯރިޓީން އެކަމަށް ދޫކުރާ "ޕާމިޓް" ނެގުމަށް ފަހުގައެވެ.

(ށ) މި އުސޫލަށް ފެތޭ ހުރިހާ ޖެނެރޭޓަރުތަކެއް ވެސް ތިރީގައިވާ 2 (ދޭއް) ހާލަތަށް 
ރިޔާއާތްކޮށް، ރަޖިސްޓަރީ ކުރަންވާނެއެވެ.

  1. ޖެނެރޭޓަރު މިހާރު ވެސް ބަހައްޓައިފައި ހުރި ތަންތަނ:ް މިފަދަ ތަންތަނުގައި ހުރި ޖެނެރޭޓަރުތަށް ގަވާއިދު ނަންބަރު 2023-78 (ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) ގެ ދަށުން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރުން. 
  2. ޖެނެރޭޓަރު ބެހެއްޓުމަށް ޑިޒައިންކޮށްފައިވާ ތަންތަނ:ް ޖެނެރޭޓަރާއި އެކަމަށް ބޭނުންވާ ތަކެތި ގަތުމުގެ ކުރިން ޑިޒައިން އެޕްރޫވްކުރުމާއި، އިންސްޓޯލްކޮށް ހިންގަން ފެށުމުގެ ކުރިން މި އޮތޯރިޓީގައި ރަޖިސްޓަރީ ކުރުން.

(ނ) މި މާއްދާގެ (2) ވަނަ ނަންބަރުގައިވާ ހާލަތުގައި ރަޖިސްޓަރީ ނުކޮށް، ޖެނެރޭޓަރު އިންސްޓޯލްކުރުމުގެ އެއްވެސް މަސައްކަތެއް ނިމޭފަހުން ރަޖިސްޓަރީ ކުރަން އެދިއްޖެނަމަ،އެ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހްތިޔާރ،ު މި އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ހުއްދަ ދިނުމުގައި އަމަލުކުރާ ގޮތް

އެޕްލިކޭށަން ހުށަހަޅާ ފަރާތުން، މި އޮތޯރިޓީގެ ވެބްސައިޓުގައިވާ އަމިއްލަ ކަރަންޓު އުފައްދައި ބޭނުންކުރުމަށް އެދޭ ފޯމު  (ENE07) ފުރިހަމަކޮށް، އަދި މި އުސޫލުގެ ޖަދުވަލު 1 ގައިވާ މިންގަނޑުތަކަށް ފެތޭގޮތަށް، މި އޮތޯރިޓީއަށް ހުށަހެޅުމާއި ހުށަހަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

(ހ) ހުއްދައަށް އެދެންވާނީ، އެކަމަށް ބޭނުންވާ ކުރެހުންތައް ނިންމުމަށްފަހު (ޑިޒައިން ފޭސް) ގައެވެ.

(ށ) ޖެނެރޭޓަރު ގުޅަނީ ޕަވަރ ޑިސްޓްރިބިއުށަން ޕެނަލަކަށް ކަމުގައިވާނަމަ، ކުރިން ހުއްދަ ދީފައިވާ ޕެނަލުގެ ޑިޒައިން ކުރެހުން ހުށަހަޅަންވާނެއެވެ. މުޅިން އައު ޕެނަލެއް ނުވަތަ ފާސްކޮށްފައި ނުވާ ޕެނަލެއްނަމަ، އެ ޕެނަލުގެ ޑިޒައިން ކުރެހުމާއި ލޯޑް ކަލްކިއުލޭށަން ފާސްކުރުމަށް ވަކިން ހުށަހަޅަންވާނެއެވެ.

(ނ) ހުއްދައަށް އެދޭ ހުށަހެޅުން ފުރިހަމަވިކަމުގައި ބަލާނީ، ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި އެހެނިހެން ހުރިހާކަމެއް ފުރިހަމަ ކޮށްފައިވާނަމައެވެ.

(ރ) ހުއްދައަށް ހުށަހެޅުމުން، އޮތޯރިޓީން ކުރަންޖެހޭ ދިރާސާތަކާއި ޖެނެރޭޓަރަށް ހުއްދަ ދިނުމަށް، މި އުސޫލުގެ ޖަދުވަލު 1 ގައިވާ ކަންކަމަށް ބަލާނެއެވެ.

(ބ) ހުށަހަޅައިފައިވާ މައުލޫމާތު ފުރިހަމަނޫންކަމުގައި ނުވަތަ ޑިޒައިނުގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެނަމަ، ހުއްދައަށް އެދުނު ފަރާތަށް، އޮތޯރިޓީގެ ސަރވިސް ޗާޓަރއާ އެއްގޮތަށް ހުށަހަޅަންވާނެއެވެ. އަދި ފާހަގަކުރެވިފައިވާ މައްސަލަތައް ރަނގަޅުކުރުމަށްފަހ،ު އަލުން ހުއްދައަށް ހުށަހެޅުމަށް އަންގަންވާނެއެވެ.

(ޅ) ހުއްދައަށް އެދިފައިވަނީ ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ކަމުގައި ވާނަމަ، ހުއްދައަށް އެދި ހުށަހެޅި ފަރާތަށް، ޑިޒައިން އެޕްރޫވަލްއެއް އޮތޯރިޓީން ދޫކުރާނެއެވެ. މި އެޕްރޫވަލްގައި، ޖެނެރޭޓަރު ހިންގޭނެ ހާލަތްތައް ފަދަ މައުލޫމާތު އޮތޯރިޓީން ބޭނުންވެއްޖެ ހިނދެއްގައި ބަޔާންކުރަންވާނެއެވެ. އަދި މި އެޕްރޫވަލްއަކީ ޖެނެރޭޓަރު ހިންގުމަށް ދޭ ހުއްދައެ އް ނޫނެވެ.

(ކ) ޖެނެރޭޓަރު ބަހައްޓައި ކޮމިށަންކުރުމާއެކު، އޮތޯރިޓީގެ ފަރާތުން އެ ޖެނެރޭޓަރު އިންސްޕެކްޓްކޮށް ނިމުމުން، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް އެ ޖެނެރޭޓަރު ހިންގުމަށް އޮޕަރޭޓިންގ ޕާމިޓެއް ދޫކުރަންވާނެއެވެ.

(އ) ޖެނެރޭޓަރު ބަހައްޓައި ކޮމިށަންކުރުމަށްފަހު ޖެނެރޭޓަރުގެ ޑިޒައިނަށް އެއްވެސް ބަދަލެއް ގެންނަކަމުގައިވާނަމަ، އެކަން ކުރުމުގެ ކުރިން، އަލުން ގެންނަ ބަދަލާއެކު ޑިޒައިން އެޕްރޫވް ކުރުމަށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ވ) ޖެނެރޭޓަރަށް ދީފައިވާ އޮޕަރޭޓިންގ ޕާމިޓުގެ މުއްދަތު އައުކުރަން އެދޭނަމަ، އެ މުއްދަތު ހަމަވުމުގެ ސަރުކާރު ބަންދުނޫން 30 (ތިރީސް) ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ. އަދި އެއްވެސް ބަދަލެއް ނާންނަކަމުގައިވާނަމަ، އިތުރު ޑޮކިއުމަންޓެއް ހުށަހަޅަން ނުޖެހުނުކަމުގައި ވިޔަސް، މިކަން އެޕްލިކޭށަނުގައި ފާހަގަކުރަންވާނެއެވެ.

(މ) ޖެނެރޭޓަރު ހުންނަ ތަނުގައި ޕާމިޓް ހަރުކުރުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ޖެނެރޭޓަރު ބަހައްޓައިފައިވާ ތަނުގައި ހަދައިފައި ހުރި އޮފީހުގައި ނުވަތަ އެހެނިހެން އިދާރީ ތަނެއްގައި ފަސޭހައިން ފެންނަން ހުންނަންވާނެއެވެ.

(ފ) ސައްހަ އޮޕަރޭޓިންގ ޕާމިޓެއް ހޯދައި އެ ޕާމިޓް ބެލެހެއްޓުމާއި، ފަސޭހައިން އެ އޮޕަރޭޓިންގ ޕާމިޓް ފެންނަގޮތަށް ބެހެއްޓުމަކީ، ޕާމިޓް ދޫކޮށްފައިވާ ފަރާތުގެ ޒިންމާއެކެވެ.

 

7 ވަނަ މާއްދާ - ޖެނެރޭޓަރު ހިންގޭނެ ހާލަތްތައް

ލިބިފައިވާ ޕާމިޓުގެ ބާވަތުގެގޮތުން، ޖެނެރޭޓަރު ހިންގޭނެ ހާލަތްތަކާއި، އެކި ކެޓަރީގެ ޖެނެރޭޓަރުތައް ބަހައްޓައިފައި ހުންނަ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ތާވަލެއް، މި އުސޫލުގެ ޖަދުވަލު 4 ގައި ހިމަނައިފައިވާނެއެވެ.

 

8 ވަނަ މާއްދާ - ޖެނެރޭޓަރުގެ ކެޓަގަރީތަކާއި އިލެކްޓްރިކަލް ކަނެކްށަން ހުންނަންވާނެ ގޮތްތައް

(ހ) ޖެނެރޭޓަރުގެ ކެޓަގަރީތަކާއި އިލެކްޓްރިކަލް ކަނެކްށަން ހުންނަންވާނެ ގޮތްތައް، މި އުސޫލުގެ ޖަދުވަލު 5 ގައި ހިމަނައިފައިވާނެއެވެ.

(ށ) އިލެކްޓްރިކަލް ކަނެކްށަން ޓައިޕްތަކުގެ ކުރެހުންތައް، މި އުސޫލުގެ ޖަދުވަލު 3 ގައި ހިމަނައިފައިވާނެއެވެ.

(ނ) ކަނޑައެޅިގެން ވަކި މިންގަނޑަކަށް އަމަލުކުރަން އަންގައިފައި ނުވާހައި ހިނދަކު، މި އުސޫލުގެ ޖަދުވަލު 3 ގައިވާ ކުރެހުންތަކުގައިވާ އާލާތްތަކަކީ މިސާލެއްގެގޮތުގައި ބޭނުންކޮށްފައިވާ އާލާތްތަކެކެވެ. އަދި މި އާލާތްތަކުގެ ބަދަލުގައި އިތުރު ތަކެއްޗާއި މި ތަކެތި ފަދަ އެހެން އާލާތްތައް ވެސް ބޭނުންކުރެވިދާނެއެވެ.

 

9 ވަނަ މާއްދާ - އުސޫލަށް އަމަލުކުރޭތޯ ބެލުން

(ހ) މި އޮތޯރިޓީއަކީ މިފަދަ އުސޫލުތަކުގެ ދަށުން ދޫކުރާ ހުއްދަތަކަށް އަމަލުކުރާގޮތް ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތަކަށް ވީހިނދު، މި އުސޫލުގެ ދަށުން ދޫކުރާ ހުއްދައިގެ ދަށުން، ޑިޒައިންތަކާއި ޖެނެރޭޓަރުތައް ބެހެއްޓޭ ތަންތަން ބަލައި، ނަގަންޖެހޭ މައުލޫމާތުތައް ނެގުމާއި، ހުއްދަ ދީފައިވާ ގޮތަށް އަމަލުކުރަމުންދާކަން ނުވަތަ ނޫންކަން، މި އޮތޯރިޓީން މޮނިޓަރ ކުރަމުންދާނެއެވެ.

(ށ) މި އުސޫލުގެ ދަށުން ކަނޑައަޅައިފައިވާ ކެޓަގަރީތަކަށް ފެތ،ޭ ހުއްދަދީފައިވާ ތަންތަނާއި ހުއްދަދީފައިނުވާ ތަންތަން ބެލުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - އުސޫލާ ހިލާފު ކަންތައް

ތިރީގައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ދީފައިވާ ހުއްދައާ ހިލާފުވީކަމަށް ބެލެވޭނެއެވެ.

(ހ) ޕާމިޓް ނުލައި ނުވަތަ ޕާމިޓް މުއްދަތު ހަމަވެފައިވަނިކޮށް ޖެނެރޭޓަރު ހިންގުން.

(ށ) ހުއްދައިގެ ބޭރުން ޖެނެރޭޓަރު ބޭނުންކުރުން.

(ނ) އެޕްލިކޭށަނަށް އެދުމުގައްޔާއި، ޖެނެރޭޓަރު އޮޕަރޭޓުކުރުމުގައި ފަރުވާކުޑަކުރުން.

(ރ) ޖެނެރޭޓަރު އިންސްޕެކްޓްކުރުމުގެ ތެރޭގައި ހުއްދަދީފައިވާ ޑިޒައިނާ ތަފާތުވުން.

(ބ) ބަދަލު ގެނައުމުގެ ކުރިން އޮތޯރިޓީއަށް ނޭންގުމާއި އޮތޯރިޓީއަށް ނާންގާ ބަދަލުގެނެސްގެން ބޭނުންކުރަން ފެށުން.

(ޅ) އެދެވޭވަރުގެ މުހުލަތެއްގެ ތެރޭގައި އޮތޯރިޓީން ބޭނުންވެގެން އަންގާ މައުލޫމާތު ހުށަނޭޅުން.

(ކ) އެއްވެސް ގާނޫނަކާ، ނުވަތަ ގަވާއިދަކާ ނުވަތަ އުސޫލަކާ ހިލާފުވުން.

 

11 ވަނަ މާއްދާ - ހުއްދަ ނޫން ކަންތައް 

(ހ) މި އޮތޯރިޓީގެ ހުއްދައަކާ ނުލައި ނުވަތަ ގަވާއިދުތަކާއި ސްޓެންޑަރޑްތަކަށް ނުފެތޭ ގޮތަށް ޖެނެރޭޓަރު ބަހައްޓައިގެން ނުވާނެއެވެ.

(ށ) މި އުސޫލުގެ ދަށުން ދޫކުރާ ހުއްދަތަކުގައިވާ ށަރުތުތަކާއި ބޭނުންތަކަށް މެނުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި، ގަވާއިދު ނަންބަރު 2023-78 (ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) ގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ A1 ކެޓެގަރީގެ ލައިސަންސުގެ ދަށުން ހިދުމަތް ލިބޭ ސަރަހައްދުތަކުގައި، އަމިއްލަ ކަރަންޓު އުފައްދައި ބޭނުމެއް ނުކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - އުސޫލު ތަންފީޒުކުރާ ފަރާތްތައް

މި އުސޫލު ތަންފީޒުކުރާނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ނުވަތަ މި އުސޫލު ނުވަތަ އުސޫލުގެ ބައެއް ތަންފީޒުކުރުމަށް އޮތޯރިޓީން ކަނޑައަޅާ ފަރާތަކުންނެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި މިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ''ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ'' އަށެވެ.

(ށ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-18 (ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނު) ގެ ދަށުން ހަކަތައިގެ ހިދުމަތް ދިނުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް / ހުއްދައަށާއި ވަގުތީ ލައިސަންސް / ހުއްދައަށެވެ.

(ނ) "ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ އެންމެހައި ތަންތަނަށެވެ.

(ރ) "ޖެނެރޭޓަރު" ކަމަށް ބުނެފައި އެވަނީ، ކަރަންޓު އުފައްދާ ހުރިހާ އެއްޗަކަށެވެ.

(ބ) "ޕާމިޓް" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2023-78 (ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު) ގެ ދަށުން އަމިއްލަ ބޭނުމަށް ކަރަންޓު އުފެދުމަށް ދޫކުރާ ހުއްދައަށެވެ.

 

14 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

 

(މި އުސޫލުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

މައި ގަވާއިދު

ހަކަތައިގެ ހިދުމަތް ދޭ ފެސިލިޓީތައް ރަޖިސްޓަރީ ކުރުމާއި އެ ފެސިލިޓީތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-78)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު