އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2022-155)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 އޮކްޓޫބަރު 2022 ގައި)
ބާބު 1
އާންމު ބައި
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ދަށުން، ބާރު ލިބިގެން ހަދައިފައިވާ އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު" މިފަދައިންނެވެ.
(ނ) މި ގަވާއިދަށް އުނިއިތުރު ގެނައުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި އިންފޮމޭށަން ކޮމިށަނަރަށެވެ.
(ރ) މި ގަވާއިދަށާއި މި ގަވާއިދަށް ގެނެވޭ އިސްލާހުތަކަށް އަމަލު ކުރެވޭނީ، މި ގަވާއިދަށް އަމަލުކުރާ ތާރީހުކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ.
2 ވަނަ މާއްދާ - ރަސްމީ ދުވަސްތަކާއި ރަސްމީ ގަޑި
(ހ) އޮފީހުގެ ރަސްމީ، "މަސައްކަތު ދުވަސްތަކަކީ، ރަސްމީ ދުވަސްތަކާ ގުޅޭ ސަރުކާރުން ކަމުގައި ކަނޑައަޅައިފައިވާ ދުވަސްތަކެވެ. ނަމަވެސް އޮފީހުގެ މަސައްކަތު ގަޑި، ކޮމިށަނަރު ހަމަޖައްސާ ދުވަސްތަކެއްގައި، ކޮމިށަނަރު ހަމަޖައްސާ ދުވަސްތަކެއްގައި، މުހިންމު މަސައްކަތަކާ ގުޅިގެން، ކޮމިށަނަރު ހަމަޖައްސާ ދުވަސްތަކެއްގައި، މުވައްޒަފުން ނެރެވިދާނެއެވެ.
(ށ) އޮފީހުގެ ރަސްމީ ގަޑިއަކީ، އޮފީހުގެ ރަސްމީ ގަޑިކަމަށް ކޮމިށަނަރު ކަނޑައަޅައިފައިވާ ގަޑިއެވެ. މި ގަޑި، މުވައްޒަފުންނަށް، ދުރާލައި، ލިޔުމުން، އަންގައިފައި ހޮންނަންވާނެއެވެ.
(ނ) އޮފީސް ހުޅުވާ މުވައްޒަފަކު ހާޒިރު ނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ ގަޑިޖެހުނު އިރު އޮފީސް ނުހުޅުވިއްޖެ ނަމަ، އޮފީހުގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތު ހާޒިރުވެ ހުރި އިސް މުވައްޒަފަކު، ނުވަތަ އޭނާ ހަވާލުކުރާ މުވައްޒަފަކު، އެހެން މުވައްޒަފުން ހާޒިރުވި ގަޑި ބަލައި، އޮފީސް ހުޅުވުމުން ހާޒިރީ ރިކޯޑު ކުރާނީއެވެ.
(ރ) އާންމު އުސޫލެއްގެ ގޮތުން ރަސްމީ ދުވަސްދުވަހު، މުވައްޒަފުން ގަޑިޖެހޭނީ، އޮފީހަށް ހާޒިރުވާން ކަނޑައެޅިފައިވާ ގަޑިން 1 މިނިޓް އިތުރަށް ހިނގުމުންނެވެ. ރަމަޟާން މަސް ފިޔަވައި އެހެން މަސްމަހު، ރަސްމީ ދުވަސްދުވަހު ގަޑިޖެހޭނީ، ހެނދުނު 7:51 ހިނގުމަށްފަހު އޮފީހަށް ހާޒިރުވުމުންނެވެ. ރަމަޟާންމަހު ގަޑިޖެހޭނީ، 8:51 ހިނގުމަށްފަހު އޮފީހަށް ހާޒިރުވުމުންނެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޒީފާއަށް ހާޒިރު ނުވެއްޖެނަމަ، ހާޒިރުނުވާ ވަގުތަށް ގަޑީލާރި ކެނޑޭނެއެވެ. ގަޑީލާރި ކެނޑޭނީ، އެ ވަގުތަކަށް ޖެހޭ އުޖޫރައިގެ ނިސްބަތަކުން، އެ މުވައްޒަފެއްގެ އަސާސީ މުސާރައިންނެވެ.
(ބ) ރޭގަނޑު 12 ގެ ފަހުން އޮފީހުގެ މަސައްކަތެއްގައި، އުޅެންޖެހޭ މުވައްޒަފުން ގަޑިޖެހޭނީ، އެ މަސައްކަތެއް ނިމުނު ގަޑީގެ 7 ގަޑިއިރު ފަހުންނެވެ. (މިސާލަކަށް، މެންދަމުން އަލިވެ 1 ޖެހިއިރު ނިމުނުނަމަ، އެ މީހަކު ގަޑިޖެހޭނީ، 10 ގަޑިބައިއިރުއެވެ). މި ގޮތުން، އޮފީހުގެ މަސައްކަތަށް ނުކުމެ، ގަޑި ޖެހުމުގެ ކުރިން، އޮފީހަށް ހާޒިރުވިކަން، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ކަނޑައަޅައިފައިވާ، އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ހާޒިރުވި ގަޑި ރިކޯޑުކުރަންވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން، އޮފީހަށް ހާޒިރުވިޔަސް ހާޒިރުވި ގަޑި ގަވާއިދުން ރިކޯޑުކޮށްފައި ނުވާނަމަ، އެ މުވައްޒަފަކު ގަޑިޖެހޭނެއެވެ. ހާޒިރުވި ގަޑިކަމަށް ބަލާނީ، ހާޒިރުވި ގަޑި ރިކޯޑުކުރި ވަގުތެވެ.
3 ވަނަ މާއްދާ - ގުދުރަތީ ކާރިސާއެއްގެ ސަބަބުން ގަޑިއަށް ހާޒިރު ނުވެވުން
(ހ) ތިރީގައިވާ ފަދަ ސަބަބަކާ ހުރެ، މުވައްޒަފަކަށް ގަޑިއަށް ނުނިކުމެވޭ ގޮތް ވެއްޖެ ނަމަ، އެ މުވައްޒަފަކު އެ ދުވަހަކު ގަޑިންޖެހޭ ގޮތަށް ހަމަޖައްސައިދޭންވާނެއެވެ. މިނޫން ގޮތަށް ދިމާވެއްޖެ ނަމަ ގަޑިނުޖެހޭ ގޮތަށް ހަމަޖެއްސުމުގެ މައްސަލަ ނިންމާނީ، އޮފީސް ހިންގުމަށް އެ ވަގުތަކު ހުންނެވި އެންމެ އިސް ވެރިޔެކެވެ.
- އޮފީސް ހުޅުވުމަށް ޓަކައި އޮފީހަށް ހާޒިރުވާންޖެހޭ މުވައްޒަފަކަށް ގަޑިއަށް ހާޒިރު ނުވެވުނީ، އޮފީސް ހުޅުވަންޖެހޭ ގަޑީގެ 30 މިނިޓު ކުރީން ފެށިގެން، އޮފީސް ހުޅުވާ ގަޑި ޖެހެން 10 މިނިޓަށް ވަންދެން، މެދުނުކެނޑި، ވަރަށް ބޯކޮށް ވާރޭވެހިގެން، ނުވަތަ ދަތުރު ނުކުރެވޭ ވަރަށް ކަނޑުގަދަވުމުގެ ސަބަބުން ނުވަތަ ވައިގަދަވުމުގެ ސަބަބުން، ކަމަށް ވުން.
- އޮފީހަށް ހާޒިރު ނުވެވުނީ، ތިމާގެ ބާރު ނުފޯރާ ފަދަ ހާދިސާއެއް މެދުވެރިވެގެން ކަމުގައި ވުން.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ހާލަތެއް ނިމޭތާ ލަސްވެގެން 15 މިނިޓުގެ ތެރޭގައި އޮފީހަށް ހާޒިރުވާންވާނެއެވެ. މާލެ ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅޭ މުވައްޒަފުން، ލަސްވެގެން 30 މިނިޓުގެ ތެރޭގައި އޮފީހަށް ހާޒިރުވާންވާނެއެވެ.
4 ވަނަ މާއްދާ - ގަޑިލާރި ކެނޑުން
(ހ) މުވައްޒަފު ވަޒީފާ އަދާކުރަން ނުކުންނަން ހަމަޖެހިފައިވާ ގަޑިއަށް ވަޒީފާއަށް ހާޒިރުނުވާ ވަގުތަށް ގަޑިލާރި ކެނޑޭނެއެވެ. މި އުސޫލުން ގަޑިލާރި ކެނޑޭނީ، އެ ވަގުތަކަށް ޖެހޭ ފައިސާގެ ނިސްބަތަކުން އެ މުވައްޒަފެއްގެ އަސާސީ މުސާރައިންނެވެ.
(ށ) މުވައްޒަފަކު އާދަވެ ގަޑިޖެހޭ ނަމަ، ނުވަތަ އޮފީހަށް ނާންނަ ނަމަ، އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ. މި ގޮތަށް އިސްލާހީ ފިޔަވަޅު އަޅައިގެން ވެސް އެ މުވައްޒަފެއްގެ އުޅުމަށް ބަދަލެއް ނައި ނަމަ، ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފެއްގެ ވަޒީފާ ދަށްކުރުމާއި ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - އޮފީސް ހުޅުވުމާއި ލެއްޕުން
(ހ) ރަސްމީ ދުވަސްދުވަހު އޮފީސް ހުޅުވައި ލައްޕާނީ، އެ ކަމަށް ހުއްދަ ދީފައިވާ މުވައްޒަފުންގެ މެދުގައި ބަައިލައިފައިވާ ތަރުތީކަކުންނެވެ. މި ތަރުތީބު ކަނޑައަޅާނީ، އިދާރީ ސެްށަނުގެ އިސްވެރިޔާގެ ލަފާގެ މަތީން، އެ ކަމާ ހަވާލުވެ ހުންނަ މުވައްޒަފެކެވެ.
(ށ) ނުރަސްމީ ގަޑީގައި ނުވަތަ ބަންދު ދުވަސްދުވަހު އޮފީސް ހުޅުވާންވާނީ، ކޮމިށަނަރ ގެ ހުއްދަ ލިިބިގެންނެވެ. ނުވަތަ ކޮމިށަނަރަށް އެނގިގެން، ކަމާބެހޭ ވެރިއެއްގެ ހުއްދަ ލިިބިގެންނެވެ. ކޮމިށަނަރުގެ ހުއްދަ ހޯދުމަކާ ނުލައި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވައިގެން ނުވާނެއެވެ. މި ގޮތަށް ވެސް ނުރަސްމީ ގަޑީގައި އޮފީސް ހުޅުވަންވާނީ، ވަގުތުން ވަގުތަށް، ކޮންމެހެން ނިންމާންޖެހޭ، އަވަސް، މަސައްކަތެއް ނިންމުމަށް ޓަކައި، އެކަންޏެވެ. ނުވަތަ އެ، މަސައްކަތް ރަސްމީ ގަޑީގައި ނުކުރެވޭ ބާވަތުގެ މަސައްކަތެއް ކަމަށް ކޮމިށަނަރަށް ފެންނަ މަސައްކަތެއް ނިންމުމަށް ޓަކައެވެ.
ބާބު 3
މުވައްޒަފުންނާބެހޭ ބައި
6 ވަނަ މާއްދާ - މުވައްޒަފުން ހުރުމަތްތެރިކޮށް ހިތާންޖެހޭ އާންމު އުސޫލު
(ހ) ކޮންމެ މުވައްޒަފަކު ވެސް މި އޮފީހުގެ ވަޒީފާ އަދާކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާންވާނެއެވެ. އަދި މި އޮފީހުގެ އެންމެހައި މުވައްޒަފުން ވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ހުރުމަށްތެރިކޮށް ހިތާންވާނެއެވެ.
(ށ) އޮފީހުގެ މުވައްޒަފުންގެ މެދުގައްޔާއި އޮފީހަށް އެކިއެކި ބޭނުންތަކުގައި އަންނަ މީހުންނާ މުހާތަބުކުރަންވާނީ، އިހްތިރާމާއެކު ރިވެތި ބަހުންނެވެ.
(ނ) އެއްވެސް މުވައްޒަފަކު ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ މަންފާއާއި ލާބައަށްޓަކައި ނުވަތަ އެފަދަ ފަރާތެއްގެ މަސްލަހަތު ކުރީއެރުމަށްޓަކައި، އެ މުވައްޒަފެއްގެ މަގާމުގެ ބޭނުން ހިފައިގެން ނުވާނެއެވެ.
(ރ) އޮފީހުގެ ރަސްމީ ބޭނުންތަކަށް ފިޔަވައި އޮފީހުގެ އެއްވެސް އެއްޗެއް އޮފީހުން ބޭރަށް ގެންދަންވާނީ، އޮފީހުގެ ވެރިޔެއްގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. އެއްޗެއް އޮފީހުން ބޭރަށް ގެންދާން ވެރިޔަކު ހުއްދަ ދޭންވާނީ، ގެންދާ އެއްޗަކާއި، ގެންދާ ބޭނުމަކާއި މުއްދަތު ބަޔާންކުރާ ލިޔުމެއް ލިޔެ، އެ ލިޔުމުގައި އެ އެއްޗެއް ގެންދާ މީހާ ސޮއިުރުމުންނެވެ. ހާޒިރުވިޔަސް ހާޒިރުވި ގަޑި ގަވާއިދުން ރިކޯޑުކޮށްފައި ނުވާނަމަ، އެ މުވައްޒަފަކު ގަޑިޖެހޭނެއެވެ. ހާޒިރުވި ގަޑިކަމަށް ބަލާނީ، ހާޒިރުވި ގަޑި ރިކޯޑުކުރި ވަގުތެވެ. އަދި އޮފީހުގެ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ހަވާލުކުރާންވާނީ، އެ އެއްޗެއް ހަވާލުވިކަމުގެ ސޮއި ހޯދުމަށްފަހުގައެވެ. މި ގޮތަށް ހަވާލުކުރެވޭ ތަކެތި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަނބުރައި ގެނައިތޯ ބެލުމަކީ، އެ ތަކެތި ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފަކާއި އެ އެއްޗެއް ބޭރަށް ގެންދިޔަ މުވައްޒަފެއްގެ މަސްއޫލިއްޔަތެކެވެ. އިސްވެ ބަޔާންކޮށްފައިވާ ތަކެތި ގެންދާ މީހަކު އޭގެ ބޭނުންކުރުމަށްފަހު އެއަށް ގެއްލުމެއްނުދީ އަނބުރައި ގެންނަންވާނެއެވެ. އަދި އެ އެއްޗަކަށް އެ މުވައްޒަފަކު ޒިންމާވާން ޖެހޭނެއެވެ.
(ބ) އޮފީހުގެ އެއްވެސް މުވައްޒަފަކު ކުރަންޖެހޭ އަމިއްލަ ހަރަދެއް ސަލާމަތްކުރުމުގެ ގޮތުން، ނުވަތަ އޭނާގެ ހަރަދު ކުޑަކުރުމުގެ ގޮތުން ވިޔަސް، އޮފީހުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ނުވާނެއެވެ. އަދި މިފަދަ ކަމަކަށް އެއްވެސް މުވައްޒަފަކު އެހީތެރިވެދީގެން ވެސް ނުވާނެއެވެ.
(ޅ) މަސައްކަތުގެ ރަސްމީ ގަޑީގައި އޮފީހުގެ މުވައްޒަފަކު ބޭރަށްދާ ނަމަ ދާންވާނީ، އެ އިރެއްގައި ބޭރަށްދާއިރު ލިޔުމަށް ހަމަޖެހިފައިވާ އުސޫލަކުން ލިޔުމަށްފަހު، ވެރިޔެއްގެ ހުއްދަ ލިބިގެންނެވެ.
(ކ) ރަސްމީ ގަޑީގައި މުވައްޒަފުން ހެދުން އަޅާންވާނީ، އަންނަނިވި މިންގަނޑުތަކާ ހިލާފު ނުވާ ގޮތެއްގެ މަތީންނެވެ:
- ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ދިގު ފަޓުލޫނާއި އަތްދިގު ގަމީސް ނުވަތަ އަތްކުރު ގަމީހެވެ. ނުވަތަ ދިގު ފަޓުލޫނާއި އަތްދިގު ބުސް ގަމީހެވެ. މި ގޮތަށް ހެދުންއަޅާއިރު މުވައްޒަފުން ތިބެން ޖެހޭނީ، އޮފީސް ބޫޓަށް ނުވަތަ ރަސްމީ މާހައުލެއްގައި ބޭނުންކުރުން އެކަށީގެންވާ ބޫޓަކަށް އަރައިގެންނެވެ.
- އަންހެން މުވައްޒަފުންގެ ހެދުމަކީ، ޖަމާއަތުގެ އަދަބާ ހިލާފުނުވާ، ރަސްމީ މާހައުލުގައި ބޭނުންކުރުމަށް އެކަށީގެންވާ، ހެދުމަކާއި ބޫޓު ނުވަތަ ފައިވާނެވެ.
- ސަޕޯޓް ސްޓާފްގެ ބައިގައި ހިމެނޭ ފިރިހެން މުވައްޒަފުންގެ ހެދުމަކީ ފަޓުލޫނާއި ގަމީސް، ނުވަތަ ބުސް ގަމީހާއި އެކަށީގެންވާ ބޫޓެކެވެ. މި ގިންތީގެ އަންހެން މުވައްޒަފުންގެ ހެދުމަކީ، މަސައްކަތަށް ދަތިނުވާ، އަދި މުޖުތަމައުގެ އަދަބާ ހިލާފުނުވާ ހެދުމަކާއި އެކަށިގެންވާ ފައިވާން ނުވަތަ ބޫޓެކެވެ.
-
އޮފީހުގެ ރަސްމީ ޓީށާޓް ބެލެވޭނީ، އޮފީހުގެ ރަސްމީ ހެދުމެއްގެ ގޮތުގައެވެ.
(އ) ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ މުވައްޒަފަކު ވެސް ރަސްމީ ގަޑީގައި ރަސްމީ މަސައްކަތެއްގައި އޮފީހަށް ހާޒިރުވާނަމަ ހާޒިރުވާންވާނީ، އެކަށީގެންވާ ހެދުމެއްގައެވެ.
(ވ) ދެ ދުވަހަށްވުރެ ގިނަ ދުވަހުގެ ޗުއްޓީއެއް ނަގާނަމަ މަދުވެގެން 3 (ތިނެއް) ދުވަހުގެ ކުރީން ވެރިއެއްގެ ހުއްދަ ހޯދައި، މުވައްޒަފަކު ކުރުމަށް ކަނޑައެޅި، ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި، ކުރަމުންދާ މަސައްކަތްތައް އެހެން މުވައްޒަފަކާ ހަވާލުކުރަންވާނެއެވެ. އަދި އެ މުވައްޒަފަކު ޗުއްޓީގައި ހުންނަ މުއްދަތުގެ ތެރޭގައި ކޮންމެހެން ނިންމަންޖެހޭ ކަމެއް އޮތް ނަމަ، އެ ކަމެއްގެ މައުލޫމާތު ދޭންވާނެއެވެ.
(މ) ދެ ދުވަހަށްވުރެ ގިނަ ނޫން ޗުއްޓީއެއް ނަގާ ނަމަ، ސުޕަވައިޒަރުގެ ހުއްދައެކު ޗުއްޓީގައި ހުރެވިދާނެއެވެ. އަދި އެކަން، ހިއުމަން ރިސޯސް ޔުނިޓަށް އަންގަންވާނެއެވެ. ނަމަވެސް، ޗުއްޓީއަށްފަހު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު، ޗުއްޓީއަށް އެދޭ ފޯމު ފުރިހަމަކޮށްފައި ހުށަހަޅަންވާނެއެވެ.
(ފ) އޮފީހުގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ވެސް، މެންދުރު ކެއުމަށާއި ނަމާދުކުރުމަށް 1 (އެކެއް) ގަޑިއިރުގެ ވަގުތު، މެންދުރު 11:00 ން 13:00 އާ ދޭތެރޭގައި ދޭންވާނެއެވެ. މި ވަގުތު ހަމަޖައްސާނީ، އޮފީހުގައި އެއްވަގުތެއްގައި ތިބޭ މުވައްޒަފުން މަދުނުވާނޭހެން ބަހައިލައިގެންނެވެ. ނޫން ގަޑިއެއްގައި މުވައްޒަފަކު މުހިންމު ބޭނުމެއްގައި އޮފީހުން ބޭރަށް ދާން ޖެހިއްޖެ ނަމަ، އެ މުވައްޒަފެއްގެ ސުޕަވައިޒަރާ ވާހަކަދައްކައިގެން އެކަން ހަމަޖައްސާނީއެވެ.
7 ވަނަ މާއްދާ - މުވައްޒަފުންނަށް ގޯނާ ނުކުރުން
(ހ) އޮފީހުގެ އެއްވެސް މުވައްޒަފަކު، އަނެއް މުވައްޒަފަކާމެދު ގޯނާކުރުމުގެ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގައިގެން ނުވާނެއެވެ. މަސައްކަތުގެ މާހައުލުގައި، މުވައްޒަފުންނަށް ގޯނާކުރުމަކީ، ތަފާތު ގޮތްގޮތުން އެހެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކުރާ އަމަލެއްގެ ސަބަބުން މުވައްޒަފަށް ނޭދެވޭ އަސަރެއް ކުރިމަތިކުރުވުމެވެ.
(ށ) ތިރީގައި ބަޔާންކޮށްފައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއް، މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެހެން މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ކުރުމަކީ، ނުވަތަ އެފަދަ އެކިއެކި ކަންތައްތައް ތަކުރާރުކޮށް ކުރުމަކީ ގޯނާކަމަށް ބެލިދާނެއެވެ.
- މުވައްޒަފަކު، ރުޅިއެރުވުމުގެ ގޮތުން ނުވަތަ ދެރަކޮށްލުމުގެ ގޮތުން ނުވަތަ ނިކަމެތިކޮށްލުމުގެ ގޮތުން، މަލާމާތްކުރުން، ނުވަތަ ދިމާކުރުން، ނުވަތަ ޖެއްސުންކުރުން ނުވަތަ ފުރައްސާރަކުރުން މިގޮތަށް މުވައްޒަފަކު ކުރާ އަމަލެއްގެ ސަބަބުން މުވައްޒަފަކު، ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނުވަތަ އެ އަމަލެއް ހިންގި، މުވައްޒަފަކަށް، އެ އަމަލެއް ރައްދުވި މުވައްޒަފަކު، ދަންގަންވާނެއެވެ.
- ގާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަމަލެއް ހިންގުން؛
- މުވައްޒަފެއްގެ ނަފުސަށް ނުވަތަ ޖިސްމަށް ގެއްލުމެއް ދިނުން ނުވަތަ ދެވިދާނެ ކަމަށް ބުނުން، ނުވަތަ އިށާރާތުން ކަނޑައެޅިގެން ދެއްކުން؛
- މުވައްޒަފަކަށް ޖިންސީ ގޯނާކުރުން؛
- މުވައްޒަފެއްގެ އަގު ވައްޓައިލުމަށް މުވައްޒަފަކާ ދިމާއަށް އެހެން މީހުންގެ ތެރޭގައި ހިތްހަމަ ނުޖެހިގެން، ބާރަށް ހަޅޭއްލެވުން؛
- މުވައްޒަފަކާ ދިމާއަށް އަހްލާގީ ގޮތުން ބޭއަދަބީ ބަހުން މުހާތަބުކުރުމާއި، އެއްޗެހި ގޮވުން؛
- އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ނުވަތަ ހަރުކަށި އަދަބެއް ދެވިދާނެ ކަމަށް ބުނެ ބިރުދެއްކުން. އެއްވެސް ސަބަބަކާހުރެ މިގޮތަށް މުހާތަބުކޮށްފިނަމަ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަށް އެ ކަމެއް ލިޔުމުން ހުށަހަޅަންވާނެއެވެ.
- މުވައްޒަފެއްގެ މަސައްކަތަށް ޖެއްސުންކުރުމުގެ ގޮތުން ކަމެއް ކުރުން ނުވަތަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ކަމެއް ކުރުން. (މުވައްޒަފަކާ) ހަވާލުކޮށްފައިވާ މަސައްކަތެއް ކުރުމަށް ބޭނުންވާ މައުލޫމާތު ގަސްތުގައި ނުދިނުން ނުވަތަ ހިފެހެއްޓުން ނުވަތަ ސައްހަ ނޫން މައުލޫމާތު ދިނުން، ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފަކާ، އަނގަބަހުން، ނުވަތަ އިށާރާތަކުން، ޖިންސީ ކަމަކަށް އިށާރާތްކޮށް ބެލުމާއި، މުވައްޒަފެއްގެ ހަށިގަނޑުގައި ބީހުމާއި، ކޮށްޓުމާއި، ކިއުމާއި، އަތްލުމާއި، ފިރުމުން؛
- މަސައްކަތްކުރާ އޮފީހުގައި، ނުވަތަ އޮފީހުގެ ރަސްމީ ދަތުރެއްގައި، ނުވަތަ މަސައްކަތުގެ މާހައުލުގައި ޖިންސީ އެދުމެއް ހާސިލުކުރުމަށް ޓަކައި، އެހެން މުވައްޒަފަކު ލައްވައި އެއްވެސް އަމަލެއް ކުރުވުން، ނުވަތަ ކުރުވަން އުޅުން؛
- ހަޑިހުތުރު އިބާރާތުން ޖިންސީ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމާއި، މުވައްޒަފަކު ޖިންސީގޮތުން ށައުގުވެރިކުރުވުމަށް ޓަކައި ވާހަކަދެއްކުމާއި، މި ބޭނުމަށް ޓަކައި، އަނގަބަހުން، ނުވަތަ ލިޔުމުން، ހުށަހެޅުމާއި، މަސައްކަތުގެ ދާއިރާއިން ބޭރުގައި ބައްދަލުކުރުމަށް ހުށަހެޅުމާއި، ހަޑިހުތުރު ބަސް ބުނުމާއި، ހަޑިހުތުރު ޖޯކު ކިޔުމާއި، ހަޑިހުތުރު އަމަލު ހިންގުން؛
- އެހެން މުވައްޒަފަކަށް، އެއްވެސް ބާވަތެއްގެ ޒަރީއާއަކުން، އޮރިޔާން ދެއްކުމާއި، އޮރިޔާން ކާޑު ދެއްކުމާއި، ޖިންސީ ށައުގުވެރިކަން ދޭހަކޮށްދޭ އެއްވެސް ހަރަކާތެއް ހިންގުން؛
- މުވައްޒަފެއްގެ ޖިންސަށް ނިސްބަތްކޮށް، އެ މުވައްޒަފަކު ކުޑައިމީސްކުރުމާއި، މަލާމާތްކުރުމާއި، ބެހުމާއި، ފޮށުމާއި، ދިމާކުރުމާއި، ދެރަކުރުމާއި، ހަނގާކުރުމާއި، އެކަހެރިކުރުމާއި، އެކިއެކި ހަޑި ބަސް ބުނުން؛
- ޖިންސީ އެދުމެއް ހުށަހެޅުމަށް ޓަކައި، އިދާރީގޮތުން ކޮށްދޭން ނުޖެހޭ ކަމެއް ކޮށްދިނުން، ނުވަތަ ކޮށްދޭންޖެހޭ ކަމެއް ކޮށްނުދިނުން، ނުވަތަ ދޭންޖެހޭ ހައްގެއް ނުދީ ހިފެހެއްޓުން، ނުވަތަ ދޭންނުޖެހޭ ހައްގެއް ދިނުން، ނުވަތަ ބިރުދެއްކުން؛
(ނ) މަސައްކަތުގެ ދާއިރާގައި، އަންހެނުންނާއި ފިރިހެނުންނަށް، އަބުރުވެރިކަމާއި ނަފުސުގެ އިއްޒަތާއެކު، މަސައްކަތް ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ރ) އެއް މުވައްޒަފަކު، އަނެއް މުވައްޒަފަކާމެދު ގޯނާކުރުމުގެ އަމަލެއް ހިންގައިފި ނަމަ، އެ އަމަލެއް ހިންގި، އަދި އެ ކަމުގައި ބައިވެރިވި، މުވައްޒަފެއްގެ މައްޗަށް، ނުވަތަ މުވައްޒަފުންގެ މައްޗަށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އޮފީހުން ނިންމާ ނިންމުމާމެދު އެއްވެސް މުވައްޒަފަކު ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅުމުގެ ހައްގު، ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެން ވެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު މައްސަލައެއް ހުށަހަޅައިފި ނަމަ، އެ މައްސަލަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން ބަލައި، ގޮތެއް ނިންމާން ވާނެއެވެ.
8 ވަނަ މާއްދާ - ވައްޒަފެއްގެ ޒާތީ މައުލޫމާތު ހާމަނުކުރުން
ގާނޫނުތަކުގައިވާ ގޮތުގެ މަތީން ފިޔަވައި އޮފީހުގެ، އެއްވެސް އުވައިލުން މުވައްޒަފެއްގެ ޒާތީ މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.
9 މަގާމު އުފެއްދުންމާއި އުފައިލުން
(ހ) ކޮމިށަނަރުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް މީހުން ހޯދުން ޓަކައި އޮފީހަށް ބޭނުންވާ މަގާމުތައް
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކަނޑައަޅައިފައިވާ ބަޖެޓުން އެ މުވައްޒަފަކަށް މުސާރައާއި އިނާޔަތްތައް ދެވޭނެކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
10 ވަނަ މާއްދާ - ވަޒީފާތަކަށް މީހުން ހޯދުން
(ހ) އޮފީހަށް ބޭނުންވާ މަގާމުތަކަށް މީހުން ހޯދަންވާނީ، އާންމުކޮށް އިއުލާނު ކޮންގެންނެވެ.
(ށ) މަގާމުތަކަށް މީހުން ކުރިމަތިލުމަށް، އެންމެ މަދުވެގެން ވެސް، ރަސްމީ ބަންދު ނޫން 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
11 ވަނަ މާއްދާ - މީހުންނަށް ވަޒީފާ ދިނުމާއި ބަދަލުކުރުމާއި ވަކިކުރުން
(ހ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، އިތުރު މުވައްޒަފުން ހޯދުމާއި، ތަމްރީނު ދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މަގާމުން ވަކިކުރުމަކީ، އިންފޮމޭށަން ކޮމިށަރަކަށް ލިބިފައިވާ އިހްތިޔާރެކެވެ. މި އިހްތިޔާރު ބޭނުންކުރަންވާނީ، އޮފީސް ހިންގުމަށް ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ ހިލާފުނުވާ ގޮތުގެ މަތިން ޒިންމާދާރުކަމާއެކުގައެވެ.
(ށ) ވަގުތީގޮތުން، ވަޒީފާދ، މުވައްޒަފަކަށް ވަޒީފާއެއް ދޭންވާނީ، ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ. އަދި މި މުއްދަތުގައި މުވައްޒަފަކަށް ޚާއްޞަ ކުރެވިފައިވާ މަސައްކަތް ނުނިމޭ ނަމަ، ވަގުތީގޮތުން ގެންގުޅުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
(ނ) ވަޒީފާއަކަށް މީހަކު ހަމަޖެއްސުމަށްފަހު، އެ މީހަކު ލައްވާ މަސައްކަތްކުރުވާންވާނީ ވަޒީފާގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރުމަށްފަހުގައެވެ. ކޮންމެ މުވައްޒަފަކަށް ވެސް، އެ މުވައްޒަފަކު ކުރާ މަސައްކަތުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް ބަޔާންކޮށް، ވަޒީފާ ބަޔާނެއް ލިޔެފައި، އޮންނަންވާނެއެވެ.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފުނުވާ ގޮތެއްގެ މަތީން، ވަޒީފާގެ ބަޔާނަށް ގެންނަންޖެހޭ ބަދަލުތައް، ގެނެވިދާނެއެވެ.
- ވަޒީފާ ދޭ މުވައްޒަފަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ވަޒީފާގެ އެއްބަސްވުމުގައި 3 (ތިނެއް) މަސްދުވަހުގެ ޕްރޮބޭޝަން (ވަގުތީ މުއްދަތު) ކަނޑައަޅަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި މުވައްޒަފަކީ މަސައްކަތަށް ޤާބިލް މީހެއް ކަމުގައި ފެންނަ ނަމަ، އެ މީހަކީ ދާއިމީ މުވައްޒަފެއްކަމަށް ހަމަޖައްސައި، އެކަން ލިޔުމުން، އޭނާއަށް އަންގަންވާނެއެވެ.
- ޕްރޮބޭޝަނުގެ މުއްދަތު ތެރޭގައި އެ މަޤާމަށް އެ މީހަކު އެކަށީގެންނުވާ ކަމަށް ފެންނަ ނަމަ، މުވައްޒަފަކަށް އެކަން ލިޔުމުން، އަންގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެއެވެ.
- ޕްރޮބޭޝަނުގެ މުއްދަތު ތެރޭގައި، މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެ ނަމަ، އެ މުވައްޒަފަކު އެކަން ލިޔުމުން ހުށަހެޅުމުން، ވަޒީފާއިން ވަކިކުރަންވާނެއެވެ.
(ރ) މުވައްޒަފުން ކުރާ މަސައްކަތާއި، ވަޒީފާ ބަޔާން އެންމެ ލަސްވެގެން ވެސް، ކޮންމެ 6 (ހައެއް) މަސްދުވަހުން އެއްފަހަރު، މުރާޖާކޮށް، މަސައްކަތަށް ބަދަލެއް އައިސްފައިވާ ނަމަ، ނުވަތަ ބަދަލެއް ގެންނާންނާންޖެހޭ ކަމަށް، ފާހަގަކުރެވިއްޖެ ނަމަ، ވަޒީފާ ބަޔާން އަދާކޮށްފައި އެ މުވައްޒަފަކު ލައްވައި ސޮއިކުރުވާންވާނެއެވެ.
(ށ) ވަގުތީގޮތުން ވަޒީފާ ދެވޭ، މުއްދަތު ހަމަވާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ވަޒީފާ ދާއިމީކޮށް ނުދީފި ނަމަ ވަގުތީ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެ މުވައްޒަފަކު ވަޒީފާ ދާއިމީވާނެއެވެ.
12 ވަނަ މާއްދާ - ވަޒީފާއިން ވަކިވުން
(ހ) އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެ ނަމަ އެކަމަށް އެދެންވާނީ ސިޓީ އަކުންނެވެ. އެ ސިޓީގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވާ ސަބަބު ސާފުކޮށް ލިއެފައި އޮންނާންވާނެއެވެ.
(ށ) އޮފީހުގެ ޚަރަދުގައި ތަޢުލީމާއި ތަމްރީނު ހޯދައިފައިވާ މުވައްޒަފަކު ޚިދުމަތްކުރާންޖެހޭ މުއްދަތު ހަމަނުވަނީސް އޭނާ އެދިގެން ވަޒީފާއިން ވަކިވާ ނަމަ، އެ މުވައްޒަފެއްގެ ތަމްރީނަށް ކުރި ޚަރަދާއި، އެލަވަންސެއް ދީފައިވާ ނަމަ އެ އެލަވަންސް، ޚިދުމަތްކުރަންޖެހޭ މުއްދަތަށް ބަހައިލުމުން ބާކީވާ މުއްދަތުގެ ފައިސާ، ބޮންޑުގެ މުއްދަތުގައި ބާކީ އޮތް ދުވަސްތަކަށް ބަހައިލައިގެން ދެއްކިދާނެއެވެ. މިގޮތުން ފައިސާ ނުދައްކައިފިނަމަ، އެ މައްސަލަ ސަރިޔަތަށް ހުށަހަޅަންވާނެއެވެ.
(ނ) ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ފޮނުވާ ތާރީޚުން ފެށިގެން، އެންމެ މަދުވެގެން ވެސް، ރަސްމީ 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ. މި މުއްދަތުގެ ކުރިންވެސް ވަކިކޮށްދިނުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
(ރ) ވަޒީފާއިން ވަކިވުމަށް، އެދިގެން ސިޓީ ފޮނުވުމަށް ފަހުގައި ވެސް، ވަޒީފާއިން ވަކިކުރިކަން އެ މީހަކަށް ލިޔުމަކުން އަންގަންދެން، ގަވާއިދުން އޮފީހަށް ނުކުމެ، އެ މީހެއްގެ ވަޒީފާ އަދާކުރާންވާނެއެވެ.
13 ވަނަ މާޢްދާ - ވަގުތީގޮތުން މީހުން
(ހ) 12 (ބާރަ) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަގުތީގޮތުން ވަޒީފާގައި މީހުން ގެންގުޅެވިދާނެއެވެ. ވަގުތީގޮތުން ވަޒީފާދޭ މީހާއަށް ވެސް ވަޒީފާގެ ޒިންމާތައް ހަވާލުކުރާނީ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.
(ށ) މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި އެއްބަސްވުމެއްގެ އަސާސީ ހުރިހާ ސިފަތަކެއް އެކުލެވެންވާނެއެވެ. އޭގެ ތެރޭގައި، އެ މީހަކު ކުރަންޖެހޭ މަސައްކަތާއި، މުއްދަތާއި، ދުވާލަކު މަދުވެގެން ހޭދަކުރަންޖެހޭ ވަގުތާއި، ދެވޭ އުޖޫރައާއި، ޢިނާޔަތެއް ދޭނަމަ، އެ ޢިނާޔަތެއް، ލިޔެފައި، އޮންނަންވާނެއެވެ. އަދި، އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ކުރިޔަށްދާނޭ، މަރުޙަލާތައް ބަޔާންވެފައި އޮންނާންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ވެވޭ އެއްބަސްވުމުގެ ދަށުން މަސައްކަތްކުރާ މީހުންގެ ހާޒިރީ، އޮފީހުން ބަލަހައްޓާންވާނެއެވެ.
ބާބު 4
މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
14 ވަނަ މާއްދާ - މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތް
(ހ) ކޮންމެ މުވައްޒަފަކު ވެސް އެ މީހަކާ ހަވާލުކުރެވޭ އެންމެހައި މަސައްކަތެއް ކުރާންވާނީ، އެ މީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު އެ ކަމަކަށް ތަންދޭ އެންމެ ފުރިހަމަކޮށް، ކަމަށް ކަމަހިތައިގެން ފަރުވާތެރިކަމާ އެކުގައެވެ.
(ށ) އޮފީހުގެ މަސައްކަތް ކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުނުވާ ގޮތުގެ މަތީން ވެރިން އަންގާ އެންގުންތަކަށް ކޮންމެ މުވައްޒަފަކު ވެސް ޢަމަލުކުރަންވާނެއެވެ.
(ނ) އޮފީހުގެ އެއްވެސް މުވައްޒަފަކު އޮފީހުގެ އެއްވެސް ލިޔުމެއް ރިކޯޑިންގއެއް، އޮފީހުގެ ވެރިޔެއްގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކަށް ދިގެންނުވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، އޮފީހުން އާންމުކުރާން ކޮމިޝަނަރު ނިންމާ މަޢުލޫމާތާއި، އާންމުކޮށްފައިވާ މަޢުލޫމާތެއް ދިނުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ބ) އޮފީހުގެ އެއްވެސް އެއްޗެއް އޮފީހުން ބޭރަށް ގެންދާންވާނީ، އޮފީހުގެ ވެރިޔެއްގެ ހުއްދަ ލިބިގެން، އެ އެއްޗެއް ގެންދާ މީހަކު ޒިންމާވާ ގޮތަށް ލިޔެ ސޮއިކުރުމަށްފަހުގައެވެ. އަދި އެ މީހެއްގެ ހަވާލުގައި ގެންދާ އެއްޗެއްގެ ހުރިހާ ޒިންމާއެއް އެ އެއްޗެއް ގެންދިޔަ މީހަކު އުފުއްލާންވާނެއެވެ.
(ޅ) އޮފީހުގެ އެއްވެސް މުވައްޒަފަކު، އޮފީހުގެ ރަސްމީ ދުވަހެއްގައި ނުވަތަ ދުވަސްތަކެއްގައި، ނުވަތަ ހަފުތާ ބަންދު ދުވަހެއްގައި ވިޔަސް އޮފީހުގެ މަސައްކަތެއްގައި ނުވަތަ އޮފީހާ ގުޅުން ހުރި ކަމެއްގައި މާލެއިން ބޭރަށް ފޮނުވާ ނަމަ އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްޝަނެއްގެ ޔުނިޓެއްގެ ވެރިޔަކަށް، އެ މުވައްޒަފެއްގެ މަސައްކަތް އެހެން މުވައްޒަފަކާ، ހަވާލުކުރެވޭހައި ވަގުތު، އޮއްވައި، އެންގުމަކީ އެ މުވައްޒަފަކު، ފޮނުވާން ހަމަޖެއްސި ވެރިޔަކާއި އެ މުވައްޒަފެއްގެ ޒިންމާއެކެވެ.
(ކ) އޮފީހުގެ އެއްވެސް މުވައްޒަފަކު، ރަސްމީ ދުވަސްތައް ހިމެނޭ ގޮތަށް، އަމިއްލަ ބޭނުމެއްގައި، މާލެއިން ބޭރަށް ދާނަމަ، ނުވަތަ ކުއްލި ހާލަތެއްގައި މާލެއިން ބޭރަށް ފުރާންޖެހިއްޖެ ނަމަ، އެ މުވައްޒަފެއްގެ މަސައްކަތް އެހެން މުވައްޒަފަކާ ހަވާލުކުރެވޭހައި ވަގުތު އޮއްވައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގާންވާނެއެވެ.
15 ވަނަ މާޢްދާ - ހާޒިރީ ރެކޯޑް
(ހ) ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފަކު މަސައްކަތްކުރަންޖެހޭ ހުރިހާ ދުވަހަކު މަސައްކަތަށް ގަޑިއަށް ހާޒިރުވާންވާނެއެވެ. ރަސްމީ މަސައްކަތު ދުވަހެއްގައި އުޒުރެއް މެދުވެރިވެގެން، ސަލާމް ބުނުމަކާ ނުލައި، ނުވަތަ ޗުއްޓީ ނެގުމަކާ ނުލައި، އެއްވެސް މުވައްޒަފަކު އޮފީހަށް ހާޒިރު ނުވެ ހުރެއްޖެ ނަމަ ބަލާނީ، ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ. ސަލާމް ބުނަންވާނީ، އިދާރީގޮތުން އެކަމާ ހަވާލުވެ ހުރި މުވައްޒަފަކަށާއި އެ މުވައްޒަފުގެ ސުޕަވައިޒަރަށް ފޮނުވާ މެސެޖަކުންނެވެ. ސަލާމް ބުނުމަށް މެސެޖު ފޮނުވަންވާނީ، އޮފީހުގެ ރަސްމީ ގަޑި ފެށުމުގެ 2 (ދޭއް) ގަޑިއިރުގެ ކުރިން ފެށިގެން ރަސްމީ ގަޑީގެ 1 (އެއް) ގަޑިއިރުގެ ތެރޭގައެވެ. މަގުބޫލު އުޒުރެއް ނެތި، ކަނޑައެޅިފައިވާ ވަގުތަށް ވުރެ އަވަހަށް ނުވަތަ ލަހުން ފޮނުވާ މެސެޖު ބަލައެއް ނުގަނެވޭނެއެވެ.
(ށ) ސަލާމުގައި ހުރުމަށްފަހު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު ސަލާމުގެ ފޯމު ނުވަތަ މެޑިކަލް ސެޓިފިކެޓު ހުށަހަޅަންވާނެއެވެ.
(ނ) މުވައްޒަފަކު، އޮފީހަށް ނުކުތުމަށް ފަހު، އޮފީހުގައި 3 (ތިނެއް) ގަޑިއިރު ހޭދަނުކޮށް މުހިންމުކަމެއް ދިމާވެގެން ވެސް ދުވަހުގެ ބާކީ ބަޔަށް އޮފީހުން ދާން ޖެހިގެން ހިނގައްޖެ ނަމަ ބެލެވޭނީ، ސަލާމުގެ ދުވަހަކަށެވެ. މިފަދަ ހާލަތެއްގައި ވެސް ދާންވާނީ ސުޕަވައިޒަރަށް އެނގުމަށްފަހުގައެވެ.
(ރ) އެއްވެސް މުވައްޒަފަކު، ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރު ނުވާ ނަމަ، އެ މުވައްޒަފަކު ގަޑި ޖެހޭނެއެވެ.
16 ވަނަ މާއްދާ - މުވައްޒަފުންގެ ސުލޫކީ
(ހ) އޮފީހުގެ ތެރޭގައްޔާއި، އެ ވަގުތެއްގައި އޮފީހުން ހަމަޖައްސައިފައިވާ މަސައްކަތުގެ މިންގަނޑު މާޙައުލުގައި، އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް މުޚާތަބު ކުރަންވާނީ އަދަބާއި އިޙްތިރާމާއެކުގައެވެ.
(ށ) އޮފީހުގެ ތެރޭގައްޔާއި އެ އިރެއްގައި އޮފީހުން ހަމަޖައްސައިފައިވާ މަސައްކަތުގެ މާޙައުލުގައި، ހުންނަ ސައިކޮޓަރީގައި ގިނަ ވަގުތު ހޭދަކޮށް، ބާރަށް އަޑުގަދަކޮށް ހަދައިގެން ނުވާނެއެވެ.
(ނ) މަސައްކަތުގެ މައިދާނުގައި އެއްވެސް މުވައްޒަފަކަށް ޚާއްޞަކޮށްފައިވާ ގޮނޑީގައި ނުވަތަ މޭޒު ކައިރީގައި، އެ މުވައްޒަފެއްގެ ހުއްދައެއް ނެތި އެހެން މުވައްޒަފަކު އިށީނދެ ހަދައިގެން ނުވާނެއެވެ.
ބާބު 5
މުސާރައާއި ޢިނާޔަތްތައް
17 ވަނަ މާއްދާ - މުސާރައާއި އެހެނިހެން ޢިނާޔަތްތައް
(ހ) އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން މާލީ ޢިނާޔަތްތައް ކަނޑައަޅާނީ، ދައުލަތުގެ މާލީ ކަންކަމާބެހޭ ވުޒާރާގެ ވަޒީރުގެ ލަފަޔާއެކު ކޮމިޝަނަރެވެ. މުވައްޒަފުންނަށް ދޭ މުސާރައާއި މާލީ ޢިނާޔަތްތައް، އެ މުވައްޒަފަކަށް ވަޒީފާދޭ ޗިޓުގައި ލިޔެފައި އޮންނަންވާނެއެވެ.
(ށ) މުވައްޒަފުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅިގެން ދެވޭ އިތުރު ޢިނާޔަތްތަކާއި ރާއްޖޭގެ އެކިއެކި ރަށްރަށަށް ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅިގެން ދެވޭ ޚަރަދުތަކާއި ޢިނާޔަތްތައް ދޭނީ، ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) މުސާރަ ދޭނީ، ކޮންމެ މީލާދީ މަހެއްގެ އެންމެ ފަހު ދެ ދުވަހުގެ ތެރޭގައެވެ. މުސާރަ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާ ނަމަ، މުސާރަ ދޭނީ، އެ މަހެއްގެ ބަންދުނޫން އެންމެ ފަހު ދެ ދުވަހުން ކުރީ ދުވަހަކުއެވެ.
(ރ) މުސާރައާއި އެލަވަންސް ދޭނީ، ދިވެހިރާއްޖޭގައި ހުޅުވައިފައިވާ، އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްގެންނެވެ. އަދި އެ މުވައްޒަފަކު، އެ މުވައްޒަފެއްގެ ބޭންކް އެކައުންޓް ސްލިޕް ހުށަހަޅަންވާނެއެވެ. ބޭންކަށް ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރި ގޮތުގެ ހިސާބު، ފައިސާއާބެހޭ ސެކްޝަނުން، ކޮންމެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ.
(ބ) މުވައްޒަފުންނަށް މުސާރަދޭއިރު، އެ މުވައްޒަފެއްގެ ވަޒީފާގެ މުއްދަތު 1 (އެކެއް) މަސްދުވަހަށް ވުރެ ކުރު ނަމަ، އޭނާގެ މުސާރަ ދޭނީ، ވަޒީފާ ދިން ތާރީޚުން ފެށިގެން، މަހުގެ ނިޔަލަށް ހޭދަވި މުއްދަތަށެވެ. އެ މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް މުސާރަ ދޭނީ، އެ މަސް ފެށުނު ދުވަހުން ފެށިގެން ނުވަތަ އެ މަހުގައި ވަޒީފާ ދީފައިވާ ނަމަ، ވަޒީފާ ދިން ދުވަހުން ފެށިގެން ވަޒީފާއިން ވަކިވި ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށެވެ.
(ޅ) މުވައްޒަފަކު އެއްވެސް މައްސަލައެއްގައި ހައްޔަރުކޮށްފި ނަމަ، ހައްޔަރުކުރުމާއި ދޫކޮށްލުމާއި ވަޒީފާއިން ވަކިކުރުމާ ދެމެދުގައި ހިނގާ ދުވަސްތަކުގެ އުޖޫރަ ދިނުމުގައި، ޢަމަލުކުރާނީ ތިރީގައި މިވާ ގޮތަށެވެ.
- އެ މުވައްޒަފެއްގެ މައްޗަށް ޝަރިޔަތުން ކުށް ސާބިތުވެއްޖެނަމަ، ބަންދުގައި ހުރި ދުވަސްތަކުގައި އުޖޫރަ ނުދިނުން.
- އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް، ޝަރިޔަތުން ކަނޑައަޅައިފި ނަމަ، ބަންދުގައި ހުރި ދުވަސްތަކަށް އުޖޫރަ ދިނުން.
- މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުވެގެން، ޝަރިޔަތުން ހުކުން ކޮށްފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިފައި އެ ހުކުން ބާތިލުކޮށް، ކުށް ސާބިތުނުވާކަމަށް މައްސަލަ ނިންމައިފި ނަމަ، ބަންދުގައި ހުރި ދުވަސްތަކަށް އުޖޫރަ ދޭންވާނެއެވެ. އަދި މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުވެގެން ޝަރިޔަތުން ހުކުން ކޮށްފައިވާ މައްސަލައެއް، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ކުށް ސާބިތުނުވާކަމަށް މައްސަލަ ނިންމައި، އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި، އެ ކޯޓަށް ހުށަހަޅައިފައި ނުވާ ނަމަ، ވެސް، ބަންދުގައި ހުރި ދުވަސްތަކަށް އުޖޫރަ ދޭންވާނެއެވެ.
(ކ) މުވައްޒަފުން ލައްވައި ރަސްމީގަޑީގެ އިތުރުން، އިތުރު ގަޑީގައި މަސައްކަތް ކުރުވަންވާނީ، އެފަދަ މުވައްޒަފަކު ނުނެރެ ވާން ނެތް ހާލަތްތަކުގައެވެ. އަދި އެ މަސައްކަތަކީ އޮފީހުގެ ސުޕަވައިޒަރުގެ ހުއްދަ ލިބިގެން ކުރާ މަސައްކަތަކަށް ވާންވާނެއެވެ. މި ގޮތަށް އިތުރު ގަޑީގައި މުވައްޒަފަކު ކުރި މަސައްކަތުގެ ރިކޯޑު އެނގެން އޮންނަންވާނެއެވެ.
18 ވަނަ މާއްދާ - ދަތުރުތަކުގެ ޚަރަދު
(ހ) އޮފީހުގެ ރަސްމީ ދަތުރުތަކުގައި، ކޮންމެ މުވައްޒަފަކަށް ވެސް، ހުރުމާއި ކެއުމުގެ ކަންތައް ހަމަޖައްސައިދޭންވާނެއެވެ.
(ށ) އޮފީހުގެ ދަތުރުތަކުގައި ދާ މުވައްޒަފުންނަށް، ފުރުމުގެ ކުރިން ދަތުރު އެލަވަންސާއި، އެހެނިހެން ޚަރަދުތައް ދޭންވާނެއެވެ. މި ގޮތުން ދެވޭ އެލަވަންސް، ދަތުރަށް ފުރުމުގެ ކުރިން ނުދެވޭ ހާލަތެއް ދިމާވެއްޖެނަމަ، ދަތުރު ނިންމައިފައި އައުމުން، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ދޭންވާނެއެވެ.
19 ވަނަ މާއްދާ - އެހެނިހެން ޢިނާޔަތްތައް
(ހ) ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތީން ކޮންމެ މުވައްޒަފަކަށް ވެސް، ރަމަޟާން މަހުގެ ޢިނާޔަތް ދޭންވާނެއެވެ.
(ށ) އޮފީހުގެ މުވައްޒަފުންނަށް، ޤާނޫނު ނަންބަރު 8/2008 (ޕެންޝަނާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ޕެންޝަން ދޭންވާނެއެވެ.
(ނ) މާލެ، ވިލިނގިލި، އަވަށާއި، ހުޅުމާލޭގައި ދިރިއުޅޭ މުވައްޒަފުންނަށް ވަޒީފާ އަދާކުރަން ދިޔުމަށާއި އެނބުރި އައުމަށް، އެ އިރަކު ފެރީގެ ޚިދުމަތްދޭ ފެރީގެ ޚިދުމަތަކަށް ނުވަތަ ބަހުގެ ޚިދުމަތަކަށް ނަގާ މަހުފީ އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ރ) މުވައްޒަފަކު އޮފީހުގެ ވަޒީފާގެ މަސްއޫލިޔަތު އަދާކުރުމުގައި، މަސައްކަތުގައި އުޅެނިކޮށް ހަށިގަނޑަށް ލިބޭ ގެއްލުމަކަށް، ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމުން ޚަރަދު ހަމަޖައްސައި ނުދެވޭ ނަމަ، އެ ގެއްލުމަކަށް އޮފީހުގެ ޚަރަދުގައި ބޭސްފަރުވާ ކޮށްދޭންވާނެއެވެ.
(ބ) މުވައްޒަފަކު އޮފީހުގެ ވަޒީފާގެ މަސްއޫލިޔަތު އަދާކުރުމުގައި، މަސައްކަތު އުޅެނިކޮށް، އެކްސިޑެންޓެއްވެ، ވަޒީފާ އަދާނުކުރެވޭ ފަދަ ގޮތެއް ދިމާވެގެން، ވަޒީފާއިން ވަކިކުރަން ޖެހިއްޖެ ނަމަ، އެ މީހަކު ޚިދުމަތްކޮށްފައިވާ މުއްދަތުގެ ތިންބައިކުޅައެއްބަޔަށް ވާވަރުގެ އަސާސީ މުސާރައިގެ ފައިސާ އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ޅ) އޮފީހުގެ ރަސްމީ ގަޑީގައްޔާއި، ނުރަސްމީ ގަޑީގައި ވެސް، އޮފީހުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ފަރުޟު ފަސް ނަމާދު އަދާކުރުމަށް މަގު ފަހިކޮށްދޭންވާނެއެވެ. އަދި އެކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ހަމަ އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.
20 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުން
(ހ) އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވުމުން އޮފީހުގެ މުވައްޒަފުން ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ. އަދި، 55 (ފަންސާސްފަހެއް) އަހަރު ވުމުން، މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމަށް ހިތްވަރުދީ، ވަޒީފާއިން މުސްކުޅިކުރެވިދާނެއެވެ. މި ދެ ގޮތުންކުރެ ގޮތަކުން މުސްކުޅި ކުރެވިއްޖެ ނަމަ، މި ގަވާއިދުގެ އަންނަނިވި މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިކޮށް މުސްކުޅިކުރުމުގެ ޢިނާޔަތް ލިބިދެވޭނެއެވެ:
- 65 (ފަސްދޮޅަސްފަހެއް) އަހަރު ވުމުން ވަޒީފާއިން މުސްކުޅިކުރުން.
1.1 މުވައްޒަފެއްގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.
1.2 އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވުމުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅިކުރުމުގެ ޢިނާޔަތް، މި ގަވާއިދުގެ 1 ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ލިބިދެވޭނެއެވެ. - 55 (ފަންސާސްފަހެއް) އަހަރު ވުމުން އަމިއްލައަށް އެދިގެން މުސްކުޅިކޮށް ވަކިކުރުން
2.1 މުވައްޒަފެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމަށްފަހު، އަމިއްލައަށް ބޭނުންވެގެން ވަޒީފާއިން މުސްކުޅިވުމަށް އެދޭ ނަމަ، ސަބަބު ބަޔާންކޮށް ކަމާބެހޭ ލިޔުންތަކާއެކު އެ މުވައްޒަފަކު ހުށަހަޅަންވާނެއެވެ.
2.2 މުވައްޒަފެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވެގެން، ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭއިރު ދައުލަތަށް ޚިދުމަތް ކުރުމަށް ބޮންޑެއް އޮތް ނަމަ، އެކަމަށް ރިޢާޔަތް ކުރުމުގެ އިޚްތިޔާރު ކޮމިޝަނަރަށް ލިބިގެންވެއެވެ.
2.3 އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމުން، މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅިކުރުމުގެ ޢިނާޔަތް މި ގަވާއިދުގެ ޖަދުވަލު 2 ގައި ވާނެއެވެ.
2.4 އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު، މި މާއްދާގައިވާ ގޮތުގެ މަތީން މުސްކުޅިވާން އެދުންކަމުގައި ވިޔަސް، އެ މުވައްޒަފަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި އިދާރީ ތަޙުޤީޤަށް ރިޢާޔަތްކޮށްފައި ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފެއް ކަމުގައިވާ ނަމަ، ގަވާއިދުން އެ މައްސަލައެއް ބެލުމަށްފަހު ވަޒީފާއިން ވަކިކުރެވޭނެއެވެ. - 55 (ފަންސާސްފަހެއް) އަހަރު ވުމުން ކޮމިޝަނަރަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ވަޒީފާއިން މުސްކުޅިކޮށް ވަކި ކުރުން.
3.1 އަންނަނިވި ހާލަތްތަކުގައި އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު، ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމުގެ އިހްތިޔާރު، ކޮމިޝަނަރަށް ލިބިގެންވެއެވެ.
3.1.1 މުވައްޒަފުގެ މަސައްކަތުގެ ފެންވަރު، އެކަށީގެންވާ މިންވަރަށްވުރެ ދަށްވުން.
3.1.2 މުވައްޒަފުގެ ބަލިހާލަތު ހުރިގޮތުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުން. މި ހާލަތުގައި، ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރިކަމަށް، ސިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިއުމެއް އޮންނަންވާނެއެވެ.
3.1.3 ސަރުކާރުގެ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނުވަތަ އޮފީހުގެ ހިންގުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން، މަސައްކަތް އުނިވެ، މަސައްކަތް ކުރަން ތިބި މުވައްޒަފުން އިތުރުވެ، އިތުރުވާ މުވައްޒަފުންގެ ތެރޭގައި އުމުރުން 55 (ފަންސާސްފަހެއް) އަހަރުވެފައިވާ މުވައްޒަފަކު ހުރުން.
3.1.4 މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން ވަޒީފާ އަދާނުކުރެވޭ ނަމަ، އެ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށްފަހު މުވައްޒަފު އެ ފުރުޞަތުގެ ބޭނުން ނުހިފުން؛ ނުވަތަ ދެވުނު ފުރުޞަތާ ގުޅިގެން ބޭނުންވާ މަޢުލޫމާތު ނުވަތަ ހުނަރު މުވައްޒަފަށް ލިބިފައި ނުވުން.
3.1.5 އޮފީހުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ނުވަތަ އޮފީހުގެ ހިންގުމަށް އެދެވޭ ބަދަލެއް ގެންނަން ޖެހިގެން ނުވަތަ ތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، މުވައްޒަފު ވަޒީފާއިން މުސްކުޅިކުރަން ބޭނުންވުން.3.2 އުމުރުން 55 (ފަންސާސްފަހެއް) އަހަރު ފުރުމުން، ކޮމިޝަނަރަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ. މުވައްޒަފުންނަށް ދެވޭ މުސްކުޅި ކުރުމުގެ ޢިނާޔަތް މި ގަވާއިދުގެ ޖަދުވަލު 2 ގައި ވާނެއެވެ.
3.3 މި މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރަން ނިންމައިފައިވާކަން، ލިޔުމުން އެ މުވައްޒަފަށް އަންގަންވާނެއެވެ.
(ށ) އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މަޤާމުން މުސްކުޅިކުރަން ނިންމިކަން، އެ މުވައްޒަފަކު މުސްކުޅިކުރުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން އަންގަންވާނެއެވެ. އަދި އަމިއްލައަށް އެދިގެން، މަޤާމުން މުސްކުޅިކުރެވޭ މުވައްޒަފެއްނަމަ، 1 (އެކެއް) މަސްދުވަހުގެ ކުރިން އޮފީހަށް އެކަން އަންގަންވާނެއެވެ.
(ނ) ވަޒީފާއިން މުސްކުޅިކުރާއިރު ޚިދުމަތުގެ އަހަރެއްގެ ގޮތުގައި ބަލާނީ، އެ މީހަކު ދައުލަތުގެ ވަޒީފާ އަދާކުރި ޖުމުލަ މުއްދަތައެވެ. އެއީ އަހަރާއި މަހާއި ދުވަސް ޚިދުމަތުގެ ގޮތުގައި ގުނައިގެންނެވެ. ތިރީގައި މިވަނީ ވަޒީފާއިން މުސްކުޅި ކުރެވޭއިރު ޚިދުމަތުގެ މުއްދަތު ހިސާބުކުރާނެ ގޮތުގެ މިސާލެވެ.
• މިސާލު: ވަޒީފާއިން މުސްކުޅިކުރެވޭއިރު ޚިދުމަތުގައި ހޭދަކޮށްފައިވަނީ 29 އަހަރާއި 10 މަހާއި 10 ދުވަސް ކަމުގައިވާނަމަ، އަހަރު ހިސާބުކުރާނީ ތިރީގައި މިވާ ގޮތައެވެ.
29 އަހަރު +
10 މަސްދުވަސް = 12/10 = 0.83 + އަހަރު
10 ދުވަސް = 365/10 = 0.03 އަހަރު
ޖުމުލަ ޚިދުމަތުގެ އަހަރު = 29 + 0.83 + 0.03 = 29.86 އަހަރު.
ބާބު 6
ސަލާން ބުނުމާއި މުވައްޒަފުންނަށް ލިބޭ ޗުއްޓީ
21 ވަނަ މާއްދާ - ސަލާންބުނުން
(ހ) އެއްވެސް މުވައްޒަފަކު ސަލާން ބުނަންވާނީ ބަލިވެގެން އޮފީހަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމައެވެ.
(ށ) ސަލާން ބުނުމުގައި ޢަމަލު ކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް ނުކުތުމަށް އުޒުރުވެރިވެއްޖެ ނަމަ، އެ ދުވަހު އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށުމުގެ 2 (ދޭއް) ގަޑިއިރާއި ރަސްމީ މަސައްކަތު ގަޑި ފެށިގެން 1 (އެކެއް) ގަޑިއިރާ ދޭތެރޭގައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އެންގުމާއެކު، އޮފީހުގެ މުވައްޒަފުންނާ ބެހޭ ކަންތައްތައް ބަލަހައްޓާ ސެކްޝަނަށް އެންގުމުން، އެ ދުވަހުގެ ސަލާމުގެ ޗުއްޓީ ދޭންވާނެއެވެ. ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ސަލާމުގެ ޗުއްޓީ ހަމަޖައްސަން ނާންގައިފި ނަމަ، އެ ދުވަސް ބަލާނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.
- ސަލާމުގައި ހުންނަ ފުރަތަމަ 2 (ދޭއް) ދުވަހުންކުރެ ކޮންމެ ދުވަހަކު، ފޯނުން ގުޅައިގެން ނުވަތަ މެސެޖަކުން، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށާއި މުވައްޒަފުންނާ ބެހޭ ކަންތައްތައް ބަލަހައްޓާ ސެކްޝަނުގެ އެ ކަމާ ހަވާލުވެ ހުންނަ މުވައްޒަފަކަށް ވަކިވަކިން އަންގަންވާނެއެވެ. ނަމަވެސް ފުރަތަމަ ދުވަހު އެންގުމަށްފަހު ދެވަނަ ދުވަހު އޮފީހަށް ނާންގާ ނަމަ، ދެވަނަ ދުވަސް ބެލެވޭނީ އޮފީހަށް ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައެވެ. އެހެންކަމުން، އޭނާގެ ވަޒީފާގެ ޒިންމާއަށް އިހުމާލުވީ ކަމުގައި ބެލެވިދާނެއެވެ.
- މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ކުއްލި ހާލަތެއް މެދުވެރިވެގެން އޮފީހަށް ގުޅައިގެން ނުވަތަ މެސެޖަކުން ސަލާން ނުބުނެވޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ފަރާތުން އެ ކަމެއްގެ ވާހަކަ އެންގުމުން، އެ ކަން ހަމަޖައްސާނީ، އެ ވަގުތަކު އޮފީސް ހިންގަން ހުރި އެންމެ އިސްވެރިއެއްގެ މަޝްވަރާގެ މަތީންނެވެ.
-
ސަލާމުގައި ހުރި މުވައްޒަފަކު އެ ދުވަހު "ކޮންމެހެން ނިންމަންޖެހޭ މުހިންމު ކަމެއް ހަވާލުކުރެވިފައިވާ ނަމަ، އެ މަސައްކަތެއްގެ މަޢުލޫމާތު އޭނާގެ ސުޕަވައިޒަރަށް އަންގާންވާނެއެވެ. އެ ދުވަހަކު ނިންމަންޖެހޭ ޚާއްޞަ މަސައްކަތަކާ ހަވާލުވެފައިވާ މުވައްޒަފެއް ނަމަ، އެ މަސައްކަތް އެހެން މުވައްޒަފަކަށް ހަވާލުކުރެވޭނެހައި ވަގުތު އޮއްވައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގާންވާނެއެވެ. މި ގޮތަށް އަންގައި ހަވާލުކުރެވޭ މަސައްކަތް ހިންގުމަށް ބުރޫ ނާރައި އެ މަސައްކަތެއް ހިންގުމަށް އޮފީހުން އިންތިޒާމުކޮށްގެން ކުރުމަށް ބޭނުންވާ މަޢުލޫމާތުދީ، އެކަމުގައި ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.
-
ސަލާމުގެ ޗުއްޓީ، މެސެޖުކޮށްގެން ހަމަޖެއްސި ކަމުގައި ވިޔަސް، ސަލާމުގެ ޗުއްޓީ ނިންމުމަށް ފަހު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު، ރަސްމީ ގަޑި ނިމުމުގެ ކުރީން "ސަލާމުގެ ޗުއްޓީ ފޯމު" ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅާންވާނެއެވެ.
-
މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އޮފީހަށް އެންގުމަކާ ނުލައި އޮފީހަށް ހާޒިރު ނުވެ ހުރެފައި މެޑިކަލް ސެޓްފިކެޓު ގެނައި ނަމަވެސް، މި ދުވަސްތައް ސަލާމުގެ ދުވަސްތަކުގެ ގޮތުގައެއް ނުބެލެވޭނެއެވެ.
(ނ) މުވައްޒަފަކު ޚިދުމަތްކުރާ ކޮންމެ އަހަރަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ދެވޭނީ ގިނަވެގެން 30 (ތިރީސް) ދުވަހެވެ.
(ރ) މުވައްޒަފު މަސައްކަތްކުރާ ކޮންމެ އަހަރަކަށް، އަހަރު ދުވަހުގެ ތެރޭގައި ގިނަވެގެން 20 (ވިހި) ދުވަސް، މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި، ސަލާމުގެ ޗުއްޓީ ނެގިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މުވައްޒަފަކަށް މެޑިކަލް ސެޓުފިކެޓު ނެތި ސަލާމުގައި ގިނަވެގެން ހުރެވޭނީ ވިދިވިދިގެން 2 (ދޭއް) ދުވަހަށެވެ. ދޭއް ދުވަހަށް ވުރެ ގިނަ ދުވަހު ވިދިވިދިގެން ސަލާމުގައި ހުރެއްޖެ ނަމަ، އެ މުވައްޒަފަކު އޮފީހަށް ނުކުންނައިރު، އެ މުވައްޒަފު ސަލާމުގައި ހުރި ފުރަތަމަ ދެ ދުވަސް ފިޔަވައި އެހެން ދުވަސްތަކަށް، ސަލާމުގެ މުއްދަތު ބަޔާންކޮށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންވާނެއެވެ. ނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެން ވެސް މެޑިކަލް
ސެޓުފިކެޓު ހުށަހަޅާ ގޮތަށް ސަލާމް ބުނެފި ނަމަ، ސެޓުފިކެޓުގެ މުއްދަތަށް އިތުރަށް އަންގާކަށް ނުޖެހޭނެއެވެ.
(ء) މުވައްޒަފަކަށް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ވިދިވިދިގެން 2 (ދޭއް) ދުވަހެވެ. ސެޓުފިކެޓާ ނުލައި ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން ހުރެވޭނެ 2 (ދޭއް) ދުވަސް ކަމަށް ބަލާނީ، މެދަށް ބަންދު ދުވަހެއް ނުވަންނަ، ވިދިވިދިގެން އަންނަ މަސައްކަތު 2 (ދޭއް) ދުވަހެވެ. ސަލާމުގެ ޗުއްޓީގައި ހުރި ދުވަހުގެ ފަހު ދުވަހަކީ ބަންދު ދުވަހަކަށް ވެއްޖެ ނަމަ، ޖެހިގެން އަންނަ މަސައްކަތު ދުވަހަކީ ވިދިވިދިގެން އަންނަ 2 (ދޭއް) ދުވަސްކަމުގައި ނުބެލެވޭނެއެވެ. ބަންދު ދުވަހާއެކު، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ގިނަ ދުވަހު ސަލާމުގެ ޗުއްޓީގައި ހުރިކަމުގައި ވިޔަސް، މި 2 (ދޭއް) ދުވަހު ވެސް، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށާއި، މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ ސެކްޝަނުގެ އެ ކަމާ ހަވާލުވެ ހުންނަ މުވައްޒަފަކަށް އަންގަންވާނެއެވެ. އަދި މަސައްކަތަށް ނުކުންނަ ދުވަހު، ފަހު ދުވަހަށް ސަލާމުގެ ސެޓުފިކެޓު ވެސް ހުށަހަޅާން ވާނެއެވެ.
(ކ) ބަލިވެގެން، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް ވަޒީފާއަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް މެޑިކަލް ސެޓްފިކެޓެއް އޮފީހަށް ހުށަހަޅައިފިނަމަ ސަލާމުގެ ޗުއްޓީ ކުރިޔަށް ވެސް ނެގިދާނެއެވެ.
22 ވަނަ މާއްދާ - އަހަރީ ޗުއްޓީ
(ހ) އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ކޮންމެ މުވައްޒަފަކަށް ވެސް، ކޮންމެ އަހަރަކު، މުސާރަ ލިބޭ ގޮތަށް، 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނެއެވެ. ޗުއްޓީ ދޭ ދުވަސްތައް ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
(ށ) މުވައްޒަފަކަށް އަހަރީ ޗުއްޓީ ދޭންވާނީ، އޮފީހުގެ މަސައްކަތަށް ދަތިނުވާ ގޮތަށެވެ.
(ނ) މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް އެ މުވައްޒަފު އާދައިގެ ގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެ ދުވަހަކަށް ދުވަހެއް، އެ މުވައްޒަފުގެ އަހަރީ ޗުއްޓީއަށް އިތުރުކޮށް ދޭންވާނެއެވެ.
(ރ) ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން، ކޮންމެ މުވައްޒަފަކަށް ވެސް، ކޮންމެ މަހަކު ދެ ދުވަހާއި ބައިގެ ޗުއްޓީއެއް އޭނާގެ ޗުއްޓީއަށް ޖަމާވާނެއެވެ. ގޮތުން، ކޮންމެ މުވައްޒަފަކަށް ވެސް ލިބޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަހަރަކު 30 (ތިރީސް) ދުވަހެވެ. މުވައްޒަފު ވަޒީފާގައި ދާއިމީވުމަށްފަހު ޗުއްޓީގެ މި ދުވަސްތައް އެއްކޮށްގެން ވެސް އަދި ވަކިވަކިން ވެސް ނެގިދާނެއެވެ.
(ބ) މުވައްޒަފަކު އަހަރީ ޗުއްޓީ ފެށުމަށް ފަހު، ޗުއްޓީގެ މުއްދަތު ހަމަނުވަނީސް އާންމު އުސޫލެއްގެ ގޮތުން މަސައްކަތަށް ނުކުތުމަށް އަންގައިގެން ނުވާނެއެވެ. ނަމަވެސް އޮފީހުގެ މުހިންމު މަސައްކަތަކަށް އެ މުވައްޒަފަކު ކޮންމެހެން މުހިންމުވެއްޖެކަމަށް އޮފީހަށް ފެނިއްޖެ ނަމަ، އެ މުވައްޒަފުގެ ފުރިހަމަ އިހުތިޔާރާއެކު އޮފީހަށް ނުކުމެވިދާނެއެވެ. އެ ހާލަތުގައި އެ މުވައްޒަފުގެ ޗުއްޓީގެ ބާކީ އޮތް ދުވަސްތައް އެ މުވައްޒަފަށް ދޭންޖެހޭނެއެވެ. އެއްވެސް ހާލަތެއްގައި އެ ދުވަސްތައް ކެންސަލެއް ނުވާނެއެވެ.
(ޅ) ކޮންމެ މުވައްޒަފަކު ވެސް، އަހަރީ ޗުއްޓީ ޙައްޤުވާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، އޮފީހުން ކަނޑައަޅައިފައިވާ ގަވާއިދާ ތައާރުޒު ނުވާނޭހެން ޗުއްޓީ ނަގަންވާނެއެވެ. މި ގޮތަށް ޗުއްޓީ ނެގުމުގެ އެންމެ ފަހު ތާރީޚަކީ، ޗުއްޓީ ކެންސަލްވުމުގެ 1 (އެކެއް) ދުވަހުގެ ކުރިއެވެ.
(ކ) މުވައްޒަފަކަށް ޙައްޤުވާ އަހަރީ ޗުއްޓީ ނުނަގައި ދޫކޮށްލައިފި ނަމަ، އެ ޗުއްޓީ ކެންސަލްވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.
(އ) މުވައްޒަފަކު އަހަރީ ޗުއްޓީ ފެށުމަށްފަހު، ޗުއްޓީގެ މުއްދަތު ހަމަނުވަނީސް، އެ މުވައްޒަފަކު ބޭނުންވެއްޖެ ހިނދެއްގައި ޗުއްޓީ މެދުކަނޑައިލުމަށްފަހު، އޮފީހަށް ނުކުމެވިދާނެއެވެ. އަދި މި ގޮތަށް އޮފީހަށް ނުކުތުމަށްފަހު، ޗުއްޓީގެ ގޮތުގައި ހޭދަ ނުކުރުމަށް ނިންމައިފައި ދުވަސްތައް، ނުނަގައި ހުރި ޗުއްޓީގެ ގޮތުގައި ހަމަޖެހޭނެއެވެ. މި ޗުއްޓީތައް ކެންސަލް ނުވާހައި ހިނދަކު، ފަހުން ވެސް މި ދުވަސްތައް ޗުއްޓީގެ ގޮތުގައި ނެގިދާނެއެވެ.
(ވ) މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ނުވަތަ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ނަމަ، އެ މުވައްޒަފަކަށް ޙައްޤުވާ އަހަރީ ޗުއްޓީގެ ބޭނުންނުކޮށް އޮތް ދުވަސްތަކަށް، އެ ޗުއްޓީގެ ބަދަލުގައި، އޭނާއަށް ލިބެމުން އައި މުސާރައާއި އެނިހެން ޢިނާޔަތްތަކުން، ދުވަހަކަށް ޖެހޭ މިންވަރުން އެ ދުވަސްތަކަށް ފައިސާ ދޭންވާނެއެވެ.
(މ) މުވައްޒަފުންނަށް އަހަރީ ޗުއްޓީ ލިބޭނީ، އެ މުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތާ ބެހޭގޮތުން، އެ މުވައްޒަފު މަސައްކަތްކުރާ ސެކްޝަނެއްގެ އިސްވެރިޔަކާ މަޝްވަރާ ކުރުމަށްފަހު، ސެކްރެޓަރީ ޖެނެރަލް ހަމަޖައްސާ ގޮތެއްގެ މަތީންނެވެ. ވެރިންނަށް ޗުއްޓީ ދޭނީ، ސެކްރެޓަރީ ޖެނެރަލެވެ. އަދި ސެކްރެޓަރީ ޖެނެރަލް ނެތް ހާލަތެއްގައި، އިންފޮމޭޝަން ކޮމިޝަނަރެވެ. ސެކްރެޓަރީ ޖެނެރަލަށް ޗުއްޓީ ދޭނީ، އިންފޮމޭޝަން ކޮމިޝަނަރެވެ. އިންފޮމޭޝަން ކޮމިޝަނަރު ނެތް ހާލަތެއްގައި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.
23 ވަނަ މާއްދާ - މުސާރަ ނުލިބޭ ޗުއްޓީ
(ހ) އޮފީހުގެ މުވައްޒަފަކު މުސާރަ ނުލިބޭ ގޮތަށް ވީއްލޭނީ ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ކޮމިޝަނަރ އެ ގޮތަށް ނިންމައިފި ނަމައެވެ. މުސާރަ ނުލިބޭ ގޮތަށް ވީއްލަން ކޮމިޝަނަރ ނިންމި ނަމަވެސް، މި މުއްދަތު، 12 (ބާރަ) މަސްދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.
- އަމިއްލަ ގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭ ގޮތަށް ވީއްލުން.
1.1 އަމިއްލަ ގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭ ގޮތަށް މުވައްޒަފަކު ވީއްލަންވާނީ، އޮފީހުގައި ޓްރެއިނިންގ ދިނުމަށް ހަމަޖެހިފައިވާ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ މަސައްކަތާ ގުޅޭ ތަމްރީނެއް ފުރިހަމަ ކުރުމަށެވެ.
1.2 މުވައްޒަފަކު މުސާރަ ނުލިބޭ ގޮތަށް ވީއްލަންވާނީ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާޔާއެކު ކޮމިޝަނަރ ނިންމާ ގޮތެއްގެ މަތީންނެވެ. އަމިއްލަ ގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭ ގޮތަށް މުވައްޒަފަކު ވީއްލޭނީ، އުނގެނިދޭ ނުވަތަ ތަމްރީނުދޭ މަރުކަޒަކަށް އެ މުވައްޒަފު ގަބޫލުކޮށްފައިވާ ކަމުގެ ލިއުމެއް މި އޮފީހަށް ހުށަހެޅުމުންނެވެ.
1.3 އަދި ހަދާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށް ވާ ނަމައެވެ. އަމިއްލަ ގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭ ގޮތަށް މުވައްޒަފަކު ވީއްލަންވާނީ، ތަމްރީނު ދޭ ތަނަކަށް ގަބޫލުކޮށްފައިވާ ކަމުގެ ލިއުމާ ގުޅިގެން ހަދާ ކޯހަކީ ކޮލިފިކޭޝަން ލިބޭ ކޯހަކަށް ވާ ނަމައެވެ. ތަމްރީނު ލިބިދޭ ތަނެއްގެ ލިއުން ހުށަހަޅައި ހަދާ ކޯހަކީ ކޮލިފިކޭޝަން ލިބޭ ކޯހަކަށް ވާ ނަމައެވެ.
1.4 މުވައްޒަފަކު ހަމަ މުސާރަ ނުވަތަ ދެބައިކުޅަ ½ (އެއްބައި) މުސާރަ ލިބޭ ގޮތަށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގުނުވާ ގޮތަށް، ކުރު ކޯހާއި ޓްރެއިނިންގ ޕްރޮގްރާމާއި މަސައްކަތު ބައްދަލުވުން ފަދަ ކަންކަމަށް، ނުވަތަ އެހެން އިދާރާއެއްގެ މަސައްކަތަށް ވީއްލުމުގެ އިޚުތިޔާރު، ކޮމިޝަނަރަށް ލިބިގެންވެއެވެ. - ތިމާއަށް ޞިއްޙީ ފަރުވާއެއް ކުރުމަށް ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާއަށް ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށް ޓަކައި، މުސާރަ ނުލިބޭ ގޮތަށް ވީއްލުން
2.1 މުވައްޒަފަކު، ބަލިވެގެން މުސާރަ ނުލިބޭ ގޮތަށް ވީއްލޭނީ، ރަޖިސްޓަރީކޮށްފައިވާ ސިއްޙީ ފަރުވާދޭ ޑޮކްޓަރަކު، އެ ބައްޔެއްގެ ބާވަތާއި ބޭނުންވާ މުއްދަތު ބަޔާންކޮށް، ދީފައިވާ ސެޓްފިކެޓަކާއެކު މުސާރަ ނުލިބޭ ގޮތަށް ވީއްލާން އެދި ހުށަހެޅުމުންނެވެ.
2.2 ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ބަލިވެގެން މުސާރަ ނުލިބޭ ގޮތަށް ވީއްލޭނީ، ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ ފަރުވާދޭ ޑޮކްޓަރަކު، އެ ބައްޔެއްގެ ބާވަތާއި ވީއްލުމަށް ބޭނުންވާކަމާއި ބޭނުންވާ މުއްދަތު ބަޔާންކޮށްފައި ދޭ ސެޓްފިކެޓު ހުށަހެޅުމާއެކު އެ މީހެއްގެ ގާތުގައި ތިމާ ކޮންމެހެން ހުންނަންޖެހޭކަން، ބަޔާންކޮށް، ލިޔުމަކުން ހުށަހެޅުމުންނެވެ.
2.3 މުވައްޒަފަކަށް ދިމާވާ ޚާއްޞަ ހާލަތަކާ ގުޅިގެން އެ ހާލަތު ބަޔާންކޮށް ކޮމިޝަނަރަށް ހުށަހެޅުމުން، ކޮމިޝަނަރާއި، ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއާ މަޝްވަރަ ކުރުމަށްފަހު، އެ މުވައްޒަފު ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ކަންކަމުގެ އިންތިޒާމު ހަމަޖެއްސުމާއެކު 3 (ތިނެއް) މަސްދުވަހަށް މުސާރަ ނުލިބޭ ގޮތަށް ވީއްލިދާނެއެވެ.
2.4 ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް، ހަމައެކަނި ދަރިފުޅު ބެލުމަށް ޓަކައި، 1 (އެކެއް) އަހަރު ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭ ގޮތަށް ނެގިދާނެއެވެ. މި ޗުއްޓީ ބޭނުންވާ ނަމަ، އަންހެން މުވައްޒަފަކަށް، ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަމަވުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން، ޗުއްޓީ ނެގުމަށް އެދެންވާނެއެވެ.
2.5 މުވައްޒަފަކު ވިހެއުމަށްފަހު، ވިހޭ ދަރިފުޅު، ނުވަތަ ދަރިފުޅަކު ނިޔާވެ އެ މުވައްޒަފެއްގެ ޞިއްޙީ ހާލަތު ވަޒީފާއަށް ނުކުތުމަށް ތަން ނުދޭ ނަމަ، ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ ފަރުވާދޭ ޑޮކްޓަރަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ނުލިބޭ ގޮތަށް ދެވިދާނެއެވެ.
(ށ) މުސާރަ ނުލިބޭ ގޮތަށް ވީއްލައިފައި ހުންނަ މުއްދަތު ބޭނުންކުރަންވާނީ، މުސާރަ ނުލިބޭ ގޮތަށް ވީއްލި ބޭނުމަކަށް އެކަންޏެވެ. މި މުއްދަތުގެ ތެރޭގައި މުސާރަ ނުލިބޭ ގޮތަށް ވީއްލި ބޭނުން ފިޔަވައި އެހެން ގޮތަކަށް ޢަމަލުކުރާ ނަމަ، ވީއްލި ވީއްލުން ކެންސަލްކުރުމާއެކު ވަޒީފާއަށް ނުކުތުމަށް އަންގައި، ނުނިކުމެއްޖެ ނަމަ، މުސާރަ ނުލިބޭ ގޮތަށް ވީއްލި ދުވަހުން ފެށިގެން އޮފީހުގެ ވަޒީފާއިން އެ މުވައްޒަފަކު ވަކިކުރުމުގެ އިޚުތިޔާރު ކޮމިޝަނަރަށް ލިބިގެންވެއެވެ.
(ނ) އޮފީހަށް ޚިދުމަތްކުރުމުގައި ބޮންޑެއް އޮތް މުވައްޒަފަކު، މުސާރަ ނުލިބޭ ގޮތަށް ވީއްލި ބޭނުން ނުހިފައި، އެހެން ކަމެއް ކުރާ ނަމަ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހު އޮފީހުގެ ވަޒީފާއަށް ނުނިކުންނަ ނަމަ، ނުވަތަ ވީ ގޮތެއް ނާންގައި ރަސްމީ 5 (ފަހެއް) ދުވަސް ވެއްޖެ ނަމަ، އެ މުވައްޒަފަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަންވާނެއެވެ.
(ރ) މުސާރަ ނުލިބޭ ޗުއްޓީ ހަމަވުމަށްފަހު، ވީ ގޮތް ނާންގައި ރަސްމީ 5 (ފަހެއް) ދުވަސް ވެއްޖެ ނަމަ، އެ މުވައްޒަފެއްގެ މައްސަލައާ ދޭތެރޭ ވަކި ގޮތެއް ނިންމަންވާނެއެވެ.
24 ވަނަ މާއްދާ - އާއިލީ ކަންކަމުގެ ޗުއްޓީ
އަނބިމީހާ ވިހެއްމުން، ފިރިމީހާއަށް ދެވޭ ޗުއްޓީއާއި، އަރިހުން ހިދުމަތްކުރުމާއި، އަރިހަކު ނުވަތަ މައަކު ނުވަތަ ބަފަޔަކު ނުވަތަ އަނތްބަކު ނުވަތަ ފިރިއަކު ބަލިވުމާ ގުޅިގެން މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން މުވައްޒަފުންނަށް ޗުއްޓީ ނެގިދާނެއެވެ.
(ހ) އާއިލާގެ މުހިންމު ޒިންމާތަކާ ގުޅިގެން ކޮންމެ މުވައްޒަފަކަށް ވެސް މުސާރަ ލިބޭ ގޮތަށް، އަހަރުދުވަހުގެ ތެރޭގައި 10 (ދިހައެއް) ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޗުއްޓީއެއް ނެގިދާނެއެވެ. މި ޗުއްޓީ ދޭނީ، ބަންދު ދުވަސްތައް ނުހިމަނައެވެ.
(ށ) ދިހަ (10) ދުވަހުގެ. "އިތުރަށް "އާއިލީ ޒިންމާގެ ޗުއްޓީ ވީ ނަގަން ބޭނުން ނަމަ، ސަބަބު ބަޔާންކޮށް ހުށަހެޅުމުން، އިތުރު 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް ދެވިދާނެއެވެ. (މި ގޮތަށް އިތުރަށް ދެވޭ ޗުއްޓީގައި، ހުންނަ ކޮންމެ ދުވަހަކަށް، (އެ މީހެއްގެ) މުސާރައިން ދުވަހަކަށްޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި ކެނޑޭނެއެވެ.
25 ވަނަ މާއްދާ - ދަރިފުޅަކު ޚިތާނުކުރުމުން ދޭ ޗުއްޓީ
މުވައްޒަފެއްގެ ދަރިފުޅަކު ޚިތާނުކުރާ ދުވަހުން ފެށިގެން، މުސާރަ ލިބޭ ގޮތަށް، ބަންދު ދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް ޙައްޤުވާނެއެވެ.
26 ވަނަ މާއްދާ - އާއިލާ މެންބަރަކު ނިޔާވުމުން ދޭ ޗުއްޓީ
(ހ) މުވައްޒަފެއްގެ މައިންބަފައިން، އެއްބަނޑުއެއްބަފާ މީހުން، ދަރިން، ފިރިން، އަނބިން، ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާގެ މައިންބަފައިންގެ ތެރެއިން މީހަކު ނިޔާވެއްޖެ ނަމަ، އެއީ މާލޭގައި ނަމަ އެ މުވައްޒަފަކަށް 2 (ދޭއް) ދުވަހުގެ ޗުއްޓީ ލިބޭނެއެވެ. އަދި މާލެ ފިޔަވައި، އެހެން ރަށެއްގައި ނަމަ، އެ މުވައްޒަފަކު ޖަނާޒާގައި ބައިވެރިވާ ނަމަ 3 (ތިނެއް) ދުވަހުގެ ޗުއްޓީ، އަދި ރާއްޖެއިން ބޭރުގައި ނަމަ، އެ މުވައްޒަފަކު ޖަނާޒާގައި ބައިވެރިވާ ނަމަ 5 (ފަހެއް) ދުވަހުގެ ޗުއްޓީ ލިބޭނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އޮފީހަށް މިކަން އަންގަންވާނެއެވެ. ނަމަވެސް، އެ މުވައްޒަފަކު މާލެއިން ބޭރަށް ނުދާ ނަމަ ލިބޭނީ 2 (ދޭއް) ދުވަހުގެ ޗުއްޓީއެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް، އޮފީހަށް ނުކުންނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ޗުއްޓީއަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ.
27 ވަނަ މާއްދާ - ޙައްޖާއި ޢުމްރާގެ ޚާއްޞަ ޗުއްޓީ
(ހ) ޙައްޖަށް ނުވަތަ ޢުމްރާއަށް ދާން އެދޭ މުވައްޒަފުންނަށް، ޙައްޖު ޗުއްޓީ ނުވަތަ ޢުމްރާ ޗުއްޓީ ދޭންވާނެއެވެ. މި ގޮތުން ޗުއްޓީ ދެވޭނީ، އެ މީހަކު މާލެއިން ފުރާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ. މި ޗުއްޓީ ދެވޭނީ، އަލަށް ފަރުޟު ޙައްޖާއި ޢުމްރާވާ ފަރާތްތަކަށެވެ.
(ށ) ޙައްޖު ޗުއްޓީ ނަގާ މުވައްޒަފުން ޗުއްޓީގެ މުއްދަތަށް ވުރެ ދުވަސް އިތުރުކުރުމަށް އެދޭ ނަމަ، އަހަރީ ޗުއްޓީގެ ތެރެއިން ހަމަޖައްސައިދެވޭނެއެވެ.
28 ވަނަ މާއްދާ - ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ
(ހ) މުވައްޒަފަކު، ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ ފަރުވާދޭ ޑޮކްޓަރެއްގެ އެ ފަދަ ލިޔުމެއް ހުށަހެޅުމުން، އެ މުވައްޒަފަށް، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެން، ވިހެއުމާ ގުޅިގެން 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަޔާއެކު ދޭންވާނެއެވެ.
(ށ) މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ޙައްޤުތަކާއި، ޢިނާޔަތްތަކާއި، މަޤާމުގެ ކުރިއެރުން ލިބިދިނުން ފަދަ ޙައްޤުތައް ފުރިހަމަޔަށް ލިބެންވާނެއެވެ. ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ މިފަދަ އެއްވެސް ޙައްޤަކަށް އަދި ވަޒީފާގެ މުއްދަތު ގުނޭ ގުނުމަކަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެއެވެ.
(ނ) މުވައްޒަފު ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރިވާ ނަމަ ރަޖިސްޓަރީކޮށްފައިވާ ސިއްޙީ ފަރުވާދޭ ޑޮކްޓަރަކު، އެ ކަން ބަޔާންކޮށްފައި ދޫކުރާ އެ ފަދަ ލިޔުމެއް ހުށަހެޅުމުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ 6 (ހައެއް) މަސްދުވަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭގޮތަށް އެ މުވައްޒަފަށް ދޭންވާނެއެވެ.
(ރ) ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށްފައި، މުވައްޒަފަކު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 1 (އެކެއް) އަހަރުވަންދެން، ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި، މުސާރައިން ނުކެނޑޭ ގޮތަށް، ކޮންމެ ދުވަހަކު ވެސް، ދަރިފުޅު ގާތަށް ދިއުމަށް އިތުރު ހުސްވަގުތުކޮޅެއް މަސައްކަތުގެ ވަގުތުގެ ތެރެއިން 2 (ދޭއް) ފަހަރު ދޭންވާނެއެވެ. މ ގޮތަށް ކޮންމެ ފަހަރަކު ވެސް ދޭންވާނީ 30 (ތިރީސް) މިނިޓެވެ. 30 (ތިރީސް) މިނިޓުގެ މި ދެ ހުސްވަގުތުކޮޅު، މުވައްޒަފަކު ބޭނުން ނަމަ އެއްފަހަރާ ވެސް ނެގިދާނެއެވެ. ދަރިފުޅަށް 2 (ދޭއް) އަހަރު ވަންދެން، އެ މުވައްޒަފެއްގެ ހުސްވަގުތުގެ ބަދަލުގައި އޮފީހުގެ ރަސްމީ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން އޮފީހުން ދެވިދާނެއެވެ.
29 ވަނަ މާޢްދާ - އަނބިމީހާ ވިހެއުމުން ދޭ ޗުއްޓީ
(ހ) ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ހިމަނައިގެން މުސާރަ ލިބޭގޮތަށް 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.
(ށ) ފިރިހެން މުވައްޒަފަކަށް، ދަރިޔަކު ލިބޭ ދުވަހުން ފެށިގެން، މި މާއްދާގެ (ލ) ގައިވާ ޗުއްޓީ ހަމަވުމަށް ފަހު، ދަރިފުޅަށް 7 (ހަތެއް) މަސްދުވަސް ފުރުމާ ދެމެދު، 25 (ފަންސަވީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ދޭންވާނެއެވެ. މި ޗުއްޓީ ދޭންވާނީ، އެކީ އެއްފަހަރާއެވެ.
30 ވަނަ މާޢްދާ - އެއްދުވަހުގެ ހާއްސަ ޗުއްޓީ
(ހ) މި ޗުއްޓީގެ މަގުސަދަކީ، އޮފީހުގެ މުވައްޒަފުންގެ މަސައްކަތް ހަލުވިކޮށް، ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތް ނިންމުމަށް ބާރުއެޅުމާއެކު، މުވައްޒަފުން އޮފީހުގެ މަސައްކަތަށް ދޭ ސަމާލުކަމާއި ޝައުޤުވެރިކަން އިތުރުކުރުމާއި، ސަލާމާއި ޢާއިލީ ހިތްވަރު ޒިންމާގެ ޗުއްޓީ ޒިންމާދާރު ގޮތުގައި ބޭނުންކުރުމަށް ހިތްވަރުދިނުމެވެ.
(ށ) މި ޗުއްޓީ ލިބޭނީ، ތިރިވިއިގެން 30 (ތިރީސް) ދުވަހު، ހާޒިރުވާންޖެހޭ ހުރިހާ ދުވަހެއްގައި އޮފީހަށް ހާޒިރުވުމުންނެވެ.
(ނ) މި ޗުއްޓީއަށް ހުށަހެޅުމުން ޗުއްޓި ހަމަޖައްސައިދޭނީ، އޮފީހުގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް، މުވައްޒަފުގެ ސުޕަވައިޒަރުގެ މަޝްވަރާއާއެކު ސެކްރެޓަރީ ޖެނެރަލްއެވެ.
(ރ) މި ޗުއްޓީއަށް ޝަރުޠު ހަމަވާ ކޮންމެ މުވައްޒަފަކަށް، ޖެހިގެން އަންނަ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޗުއްޓީއަށް ހުށަހެޅޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޗުއްޓީގެ ބޭނުން ކުރަން ވާނެއެވެ. އެ މުއްދަތުގައި ޗުއްޓީގެ ބޭނުން ނުކޮށްފިނަމަ، އެ ޗުއްޓީ ބާޠިލުވާނެއެވެ.
(ވ) މި ޗުއްޓީ، ހަފުތާގެ ކޮންމެ ދުވަހަކު ވެސް ނެގިދާނެއެވެ. ނަމަވެސް، ޗުއްޓީ ބޭނުންވާ ދުވަސް ފެށުމުގެ މަސައްކަތު 2 (ދޭއް) ދުވަހުގެ ކުރިން، ޗުއްޓީ ފޯމު ހުށަހަޅައި، ޗުއްޓީ ހަމަޖައްސަން ވާނެއެވެ.
ބާބު 7
މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމާއި ތަމްރީނު ކުރުން
31 ވަނަ މާޢްދާ - މުވައްޒަފުންނަށް ތަމްރީނު ދިނުން
(ހ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ބޭނުންކޮށްގެން އޮފީހުގެ މަގުސަދުތައް ހާސިލުވާގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ކުރިޔަށް ދޭތޯ ބެލުމުގެ އިތުރުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބާރުއަޅައި، އެ މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އޮފީހުން ތަމްރީނު ދޭންވާނެއެވެ.
(ށ) އޮފީހުގެ މުވައްޒަފުންގެ މަސައްކަތާ ގުޅޭ ގޮތުން މުވައްޒަފުންނަށް ބޭނުންވާކަމަށް އޮފީހަށް ފެންނަ ތަމްރީނުތައް ދީގެންނާއި، އެހެނިހެން ގޮތްގޮތުން، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރަންވާނެއެވެ. ތަމްރީން ދިނުމުގެ ގޮތްތަކުގެ ތެރެއިން އެ ފަހަރަކު ބޭނުންކުރާނެ ގޮތެއް ކަނޑައަޅާނީ، ތަމްރީނު ދޭންޖެހިފައިވާ މުވައްޒަފުންނާއި، ބޭނުންވާ ތަމްރީނުގެ ބާވަތަށާއި، އެކަމަށް ކުރަންޖެހޭ ޚަރަދަށް ބަލައި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ލަފާގެ މަތީން، ކޮމިޝަނަރެވެ.
(ނ) ދުރާލައި ރާވައިގެން، މުވައްޒަފުންނަށް އަންގައިގެން، މުވައްޒަފުންނަށް، - ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވާންޖެހޭ ކޮންމެ މުވައްޒަފަކު، ވެސް، އެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެއެވެ. މަޤުބޫލު އުޒުރެއް ނެތި އެ ފަދަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރި ނުވެއްޖެ ނަމަ، އިދާރީ ފިޔަވަޅު އަޅައި، އެކަން ލިޔުމުން ރެކޯޑުކުރާންވާނެއެވެ.
(ރ) ދިގު މުއްދަތަށާއި ކުރު މުއްދަތުގެ ކޯސްތަކަށް ފޮނުވާނެ މުވައްޒަފުން ކަނޑައަޅަންވާނީ، އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ފެންނާނޭހެން އިޢުލާނުކޮށްގެންނެވެ. މިގޮތަށް އިޢުލާނުކޮށްގެން ކެންޑިޑޭޓުން ހޮވުމުގައި، ޝަރުތު ހަމަވާ އަދި އެކަމަށް އެންމެ އައުލާ މުވައްޒަފުންގެ ތެރެއިން އިސްކަންދޭންވާނީ، އޮފީހުގައި 1 (އެކެއް) އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކޮށްފައިވާ މުވައްޒަފުންނަށެވެ.
(ބ) ބޭނުންވާ ތަމްރީނަކީ ރާއްޖެއިން ދެވެންހުރި ދާއިރާއެއްގެ ތަމްރީނެއް ނަމަ، އެ ތަމްރީނުގައި ބައިވެރިކުރާނީ، ރާއްޖޭގައި ތަމްރީނުދޭ ކޯހުގައެވެ. ރާއްޖެއިން ބޭރަށް ތަމްރީން ދިނުމަށް ޓަކައި ފޮނުވަން ޖެހިއްޖެ ނަމަ، އެފަދަ ނިންމުމެއް ނިންމާނީ، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ލަފާގެ މަތީން، ކޮމިޝަނަރެވެ.
(ޅ) ކުރު މުއްދަތުގެ ކޯސްތަކާއި، ޓްރެއިނިންގއާއި، ސެމިނާރާއި، ވާރކްޝޮޕާއި، ސްޓަޑީ ޒިޔާރަތް ފަދަ ކަންކަމަށް މީހުން ފޮނުވާނީ، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ލަފާގެ މަތީން، ކޮމިޝަނަރެވެ. މިފަދަ ތަމްރީންތަކަށް މުވައްޒަފުން ފޮނުވުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އެކުލަވައިލައިފައި އޮންނަ މިންގަނޑުތަކަށް ބަލަންވާނެއެވެ.
- އޮފީހުގެ މަސައްކަތް ކުރިއަރުވައި ތަރައްޤީ ކުރުމަށް ޓަކައި އޮފީހަށް ބޭނުންވާ ތަމްރީނެއްކަމުގައި ވުން؛
- ތަމްރީނުކުރަން ފޮނުވާ މީހަކީ، އެ ތަމްރީނެއް ފުރިހަމަކުރުމަށް ބޭނުންވާ ފެންވަރުހުރި، އޭނާގެ މަސައްކަތު ދާއިރާއާ ގުޅޭ އަދި އެކަމަށް ޝައުޤުވެރިކަންހުރި މީހެއް ކަމުގައި ވުން؛
- އެ ތަމްރީނެއް އޮންނަ ދުވަސްވަރާ ފުށުއަރާ ގޮތަށް އެހެން ކަމެއްގެ ތަމްރީނަކަށް ފޮނުވަން ހަމަޖެހިފައިވާ މީހެއް ކަމުގައި ނުވުން؛
-
ވަޒީފާ އަދާކުރުމުގައި، ރަނގަޅު ރިކޯޑެއް އޮތުން؛
-
ކޯހަކީ ނުވަތަ ފުރިހަމަކުރާ ތަމްރީނަކީ އެ މުވައްޒަފަކު އޮފީހުގައި އަދާކުރާ ވަޒީފާއާ ގުޅޭ ކޯހަކަށް ނުވަތަ ތަމްރީނަކަށް ވުން.
(ކ) އޮފީހުން ޚަރަދެއް ކުރާ ގޮތަށް ނުވަތަ އޮފީހަށް ލިބޭ ފުރުޞަތެއްގައި މުވައްޒަފުން ތަމްރީނުކުރަން ފޮނުވަންވާނީ، ތަމްރީން ލިބިގެން އައުމަށްފަހު އޮފީހަށް ޚިދުމަތްކުރުމުގެ އިޤުރާރެއްގައި ސޮއިކުރުމުންނެވެ.
(އ) 3 (ތިނެއް) މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ކޯހަކަށް، މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވާ ނަމަ، އެ މީހަކު ފޮނުވާނީ، ވަޒީފާއިން ވަކިނުކޮށެވެ. އެ ދުވަސްތަކަށް، ގަވާއިދުން އުޖޫރަ ލިބޭނެއެވެ.
(ވ) 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އޮފީހުގެ ދާއިމީ މުވައްޒަފަކު ތަމްރީނަކަށް ފޮނުވާއިރު ނުވަތަ މުވައްޒަފަކު އަމިއްލަޔަށް ހޯދައިގެން ތަމްރީނެއް ހަދަމުންދާ އިރު، އަސާސީ މުސާރައާ އެއްވަރުގެ ފައިސާގެ އެހީއެއް ލިބޭ ގޮތަށް ހަމަޖައްސައިދިނުމަށް އެ މުވައްޒަފަކު އެދިއްޖެ ނަމަ، ކޮމިޝަނަރު ހަމަޖައްސާ ގޮތެއްގެ މަތީން އެ މުވައްޒަފަކަށް އެފަދަ ޢިނާޔަތެއް އޮފީހުން ދެވިދާނެއެވެ.
(މ) އޮފީހުގެ ފަރާތުން ނުވަތަ އޮފީހުގެ ފައިސާގެ އެހީ ލިބޭގޮތަށް ދިގު މުއްދަތުގެ ތަމްރީންތަކުގައި ބައިވެރިވާ މުވައްޒަފުން، އެ މުވައްޒަފު ބައިވެރިވި ތަމްރީން ފުރިހަމަކޮށް ނިންމަންވާނެއެވެ. އަދި ތަމްރީން ނިމުމުން، އެ ތަމްރީނަކީ ރާއްޖޭގައި ހުރެގެން ހަދައިފައިވާ ތަމްރީނެއް ނަމަ، ތަމްރީން ނިމޭތާ، ސަރުކާރު ބަންދު ދުވަސްތައް ނުލައި 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އަދި ތަމްރީނަކީ ރާއްޖެއިން ބޭރުން ހަދައިފައިވާ ތަމްރީނެއް ނަމަ، ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮފީހަށް އަންގަންވާނެއެވެ.
(ފ) ތަމްރީން ނިމިގެން އޮފީހަށް ނުކުންނައިރު، ތަމްރީނުގެ ސެޓްފިކެޓް އޮފީހަށް ހުށަހަޅަންވާނެއެވެ. ނަމަވެސް، ތަމްރީނުގެ ސެޓްފިކެޓު ލިބުން ލަސްވާ ނަމަ، ކިޔެވި މަރުކަޒުން ތަމްރީން ފުރިހަމަކޮށްފައިވާކަމުގެ ލިއުމެއް، ލަސްނުކޮށް އޮފީހަށް ހުށަހަޅަންވާނެއެވެ.
(ދ) އޮފީހުގެ ފަރާތުން ނުވަތަ އޮފީހުގެ ފައިސާގެ އެހީ (މުސާރަ ނުވަތަ އެލަވަންސް) ލިބިގެން ދިގު މުއްދަތުގެ ތަމްރީނުތަކުގައްޔާއި ކުރު މުއްދަތުގެ ތަމްރީނުތަކުގައި ބައިވެރިވެ، ތަމްރީނުވާ މުވައްޒަފަކު، މަޤުބޫލު އުޒުރެއް ނެތި ތަމްރީން ފުރިހަމަ ނުކޮށް އަތުވެއްޖެ ނަމަ، ނުވަތަ ތަމްރީނުން ފާސް ނުވެއްޖެ ނަމަ، އެ ތަމްރީނެއް ހެދުމަށް އެ މީހަކަށް އޮފީހުން ކުރި ޚަރަދު އަނބުރާ ދޭންވާނެއެވެ. އަދި މި ގޮތަށް މި ޚަރަދު، އޮފީހާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ނުދެއްކިއްޖެ ނަމަ ސަރިޔަތަށް މައްސަލަ ފޮނުވައިގެން މި ފައިސާ ހޯދުމަށް ދަޢުވާ ކުރުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވެއެވެ.
32 ވަނަ މާޢްދާ - ކޯސް ފުރިހަމަކުރުމާ ގުޅިގެން އޮފީހަށް ޚިދުމަތްކުރުން
(ހ) އޮފީހުގެ ޚަރަދުގައި، ތަމްރީންތައް ފުރިހަމަކުރުމަށް ފަހު އެ މުވައްޒަފަކަށް، ކިޔަވައިދެވުނު، ނުވަތަ ތަމްރީން ދެވުނު، މުއްދަތަކާ ގުޅޭ ގޮތުން އޮފީހަށް ޚިދުމަތްކުރުމަށް އިޤުރާރުވާންވާނެއެވެ.
(ށ) އޮފީހަށް ޚިދުމަތް ކުރަން ޖެހިފައިވާ މުއްދަތު ހަމަނުވެ އޮއްވައި، ކޯހެއްގައި ބައިވެރިވެގެން ނުވަތަ އެ ނޫން ވެސް ގޮތަކުން އޮފީހަށް ޚިދުމަތްކުރަންޖެހޭ މުއްދަތަށް ބަދަލެއް އަންނަ ގޮތް ދިމާވެއްޖެ ނަމަ، އެ މީހަކު ޚިދުމަތްކުރަންވާނީ، ކުރިން ޚިދުމަތްކުރަން ޖެހިފައިވާ މުއްދަތުން ބާކީ އޮތް ދުވަހަށް ބަލައި، މި ދެ ބައިގެ ތެރެއިން ބޮޑު ބަޔަކަށެވެ.
33 ވަނަ މާޢްދާ - ތަމްރީނުދޭ މީހުންގެ މަޢުލޫމާތު ބެލެހެއްޓުން
(ހ) އޮފީހުގެ ފަރާތުން، ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ކޮންމެ މުވައްޒަފެއްގެ މަޢުލޫމާތު، އޮފީހުގެ މަޢުލޫމާތު އިދާރާގެ އެ ކަމާ ބެހޭ ބައިން ބަލަހައްޓަންވާނެއެވެ.
(ށ) ކޮންމެ ސެމެސްޓާއެއް ނުވަތަ ޓާމެއް ނިމުމުން، އެ ސެމެސްޓާއެއް ނުވަތަ އެ ޓާމެއްގެ ނަތީޖާ އޮފީހަށް ފޮނުވަންވާނެއެވެ. ކޯހުގެ މުއްދަތަށް، ނުވަތަ ކިޔަވާ ނުވަތަ ތަމްރީން ހޯދާ ދާއިރާއަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ބަދަލެއް ގެންނަންވާނީ، އޮފީހަށް ލިޔުމަކުން ހުއްދަ ލިބިގެންނެވެ.
ބާބު 8
ރިކޯޑުތައް ބެލެހެއްޓުން
34 ވަނަ މާޢްދާ - ރަޖިސްޓަރީ ބެލެހެއްޓުން
(ހ) މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީގައި، ހިމަނައި ބަލަހައްޓާނީ، އޮފީހުގެ މަޤާމުތަކުގައި، އެ ވަގުތަކު ތިބި މުވައްޒަފުންނާއި، ކުރިން އުޅެފައިވާ މުވައްޒަފުންގެ މަޢުލޫމާތެވެ.
(ށ) ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީގައި އަންނަނިވި މަޢުލޫމާތު ހުންނަންވާނެއެވެ.
- ލަގަބު؛
46 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 1
އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރެވޭއިރު އިނާޔަތް ދެވޭނޭ ގޮތް
ޖަދުވާލަކު 2
އުމުރުން 55 އަހަރުވުމުން، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދެވޭނެ ގޮތް
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނު (ގާނޫނު ނަންބަރު 2014-01)
ކިޔުންތެރިންގެ ހިޔާލު