އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2022-155)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
ބާބު 1
އާންމު ބައި
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ދަށުން، ބާރު ލިބިގެން ހަދައިފައިވާ އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު" މިފަދައިންނެވެ.
(ނ) މި ގަވާއިދަށް އުނިއިތުރު ގެނައުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި އިންފޮމޭށަން ކޮމިށަނަރަށެވެ.
(ރ) މި ގަވާއިދަށާއި މި ގަވާއިދަށް ގެނެވޭ އިސްލާހުތަކަށް އަމަލު ކުރެވޭނީ، މި ގަވާއިދަށް އަމަލުކުރާ ތާރީހުކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެންނެވެ.
2 ވަނަ މާއްދާ - ރަސްމީ ދުވަސްތަކާއި ރަސްމީ ގަޑި
(ހ) އޮފީހުގެ ރަސްމީ، "މަސައްކަތު ދުވަސްތަކަކީ، ރަސްމީ ދުވަސްތަކާ ގުޅޭ ސަރުކާރުން ކަމުގައި ކަނޑައަޅައިފައިވާ ދުވަސްތަކެވެ. ނަމަވެސް އޮފީހުގެ މަސައްކަތު ގަޑި، ކޮމިށަނަރު ހަމަޖައްސާ ދުވަސްތަކެއްގައި، ކޮމިށަނަރު ހަމަޖައްސާ ދުވަސްތަކެއްގައި، މުހިންމު މަސައްކަތަކާ ގުޅިގެން، ކޮމިށަނަރު ހަމަޖައްސާ ދުވަސްތަކެއްގައި، މުވައްޒަފުން ނެރެވިދާނެއެވެ.
(ށ) އޮފީހުގެ ރަސްމީ ގަޑިއަކީ، އޮފީހުގެ ރަސްމީ ގަޑިކަމަށް ކޮމިށަނަރު ކަނޑައަޅައިފައިވާ ގަޑިއެވެ. މި ގަޑި، މުވައްޒަފުންނަށް، ދުރާލައި، ލިޔުމުން، އަންގައިފައި ހޮންނަންވާނެއެވެ.
(ނ) އޮފީސް ހުޅުވާ މުވައްޒަފަކު ހާޒިރު ނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ ގަޑިޖެހުނު އިރު އޮފީސް ނުހުޅުވިއްޖެ ނަމަ، އޮފީހުގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތު ހާޒިރުވެ ހުރި އިސް މުވައްޒަފަކު، ނުވަތަ އޭނާ ހަވާލުކުރާ މުވައްޒަފަކު، އެހެން މުވައްޒަފުން ހާޒިރުވި ގަޑި ބަލައި، އޮފީސް ހުޅުވުމުން ހާޒިރީ ރިކޯޑު ކުރާނީއެވެ.
(ރ) އާންމު އުސޫލެއްގެ ގޮތުން ރަސްމީ ދުވަސްދުވަހު، މުވައްޒަފުން ގަޑިޖެހޭނީ، އޮފީހަށް ހާޒިރުވާން ކަނޑައެޅިފައިވާ ގަޑިން 1 މިނިޓް އިތުރަށް ހިނގުމުންނެވެ. ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު، ރަސްމީ ދުވަސްދުވަހު ގަޑިޖެހޭނީ، ހެނދުނު 7:51 ހިނގުމަށްފަހު އޮފީހަށް ހާޒިރުވުމުންނެވެ. ރަމަޒާންމަހު ގަޑިޖެހޭނީ، 8:51 ހިނގުމަށްފަހު އޮފީހަށް ހާޒިރުވުމުންނެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޒީފާއަށް ހާޒިރު ނުވެއްޖެނަމަ، ހާޒިރުނުވާ ވަގުތަށް ގަޑީލާރި ކެނޑޭނެއެވެ. ގަޑީލާރި ކެނޑޭނީ، އެ ވަގުތަކަށް ޖެހޭ އުޖޫރައިގެ ނިސްބަތަކުން، އެ މުވައްޒަފެއްގެ އަސާސީ މުސާރައިންނެވެ.
(ބ) ރޭގަނޑު 12 ގެ ފަހުން އޮފީހުގެ މަސައްކަތެއްގައި، އުޅެންޖެހޭ މުވައްޒަފުން ގަޑިޖެހޭނީ، އެ މަސައްކަތެއް ނިމުނު ގަޑީގެ 7 ގަޑިއިރު ފަހުންނެވެ. (މިސާލަކަށް، މެންދަމުން އަލިވެ 1 ޖެހިއިރު ނިމުނުނަމަ، އެ މީހަކު ގަޑިޖެހޭނީ، 10 ގަޑިބައިއިރުއެވެ). މި ގޮތުން، އޮފީހުގެ މަސައްކަތަށް ނުކުމެ، ގަޑި ޖެހުމުގެ ކުރިން، އޮފީހަށް ހާޒިރުވިކަން، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ކަނޑައަޅައިފައިވާ، އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، ހާޒިރުވި ގަޑި ރިކޯޑުކުރަންވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން، އޮފީހަށް ހާޒިރުވިޔަސް ހާޒިރުވި ގަޑި ގަވާއިދުން ރިކޯޑުކޮށްފައި ނުވާނަމަ، އެ މުވައްޒަފަކު ގަޑިޖެހޭނެއެވެ. ހާޒިރުވި ގަޑިކަމަށް ބަލާނީ، ހާޒިރުވި ގަޑި ރިކޯޑުކުރި ވަގުތެވެ.
2.1 ވަނަ މާއްދާ - އޮފީސް ހިންގުން (މުޅި މާއްދާ އިތުރު ކުރެވިފައި)
އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އެންމެ އިސް ވެރިއެއްގެ ގޮތުން އޮފީސް ހިންގާނ،ީ އިންފޮމޭށަން ކޮމިށަނަރެވެ.
2.2 ވަނަ މާއްދާ - ސެކްރެޓަރީ ޖެނެރަލް (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީސް އިދާރީގޮތުން ހިންގުމަށް ޓަކައި އޮފީހުގައި ސެކްރެޓަރީ ޖެނެރަލަކު ހުންނަންވާނެއެވެ.
(ށ) ސެކްރެޓަރީ ޖެނެރަލަކީ އިންފޮމޭށަން ކޮމިށަނަރުގެ އިރުށާދާ އެއްގޮތްވާ ގޮތުގެ މަތީން، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އެންމެހައި ކަންކަން ރާވައި ހިންގައި ބަލަހައްޓާ، ކޮމިށަނަރުގެ ދަށުން ހުންނަ އެންމެ އިސް ފަރާތެވެ.
(ނ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، އެ މަގާމުގެ ވަޒީފާގެ ބަޔާނުގައި ބަޔާންކުރަންވާނެއެވެ.
(ރ) ސެކްރެޓަރީ ޖެނެރަލްގެ މަގާ މަށް މީހަކު އައްޔަނުކުރާނީ އާންމުކޮށް އިއުލާނުކޮށްގެން، މަގާމުގެ ށަރުތުތައް ފުރިހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއުކޮށް އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
(ބ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރަކ،ީ 5 (ފަހެއް) އަހަރުދުވަހެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކޮށްފައިވާ ފަރާތަކަށް އަލުން އެ މަގާމަށް ކުރިމަތިލުމަކަށް ހުރަހެއް ނެތެވެ.
(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށް ވެސް 2 (ދޭއް) ދައުރަށް ވުރެ ގިނަދުވަހު ސެކްރެޓަރީ ޖެނެރަލްގެ މަގާމެއް ނުފުރޭނެއެވެ.
(އ) ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ޖަވާބުދާރީވާނީ ކޮމިށަނަރަށެވެ.
2-3 ވަނަ މާޢްދާ - ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ވަގުތީގޮތުން ހަވާލުކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
އެއްވެސް ސަބަބަކާހުރެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްކޮށް އޮންނަ މުއްދަތުގައި ނުވަތަ ސެކްރެޓަރީ ޖެނެރަލް ޗުއްޓީގައި ހުންނަ މުއްދަތުގައި، އެ މުއްދަތަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުމަށް އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އެހެން މުވައްޒަފަކާ ހަވާލުކުރުމުގެ އިހުތިޔާރު، ކޮމިށަނަރަށް ލިބިގެންވެއެވެ.
3 ވަނަ މާއްދާ - ގުދުރަތީ ކާރިސާއެއްގެ ސަބަބުން ގަޑިއަށް ހާޒިރު ނުވެވުން
(ހ) ތިރީގައިވާ ފަދަ ސަބަބަކާ ހުރެ، މުވައްޒަފަކަށް ގަޑިއަށް ނުނިކުމެވޭ ގޮތް ވެއްޖެ ނަމަ، އެ މުވައްޒަފަކު އެ ދުވަހަކު ގަޑިންޖެހޭ ގޮތަށް ހަމަޖައްސައިދޭންވާނެއެވެ. މިނޫން ގޮތަށް ދިމާވެއްޖެ ނަމަ ގަޑިނުޖެހޭ ގޮތަށް ހަމަޖެއްސުމުގެ މައްސަލަ ނިންމާނީ، އޮފީސް ހިންގުމަށް އެ ވަގުތަކު ހުންނެވި އެންމެ އިސް ވެރިޔެކެވެ.
- އޮފީސް ހުޅުވުމަށް ޓަކައި އޮފީހަށް ހާޒިރުވާންޖެހޭ މުވައްޒަފަކަށް ގަޑިއަށް ހާޒިރު ނުވެވުނީ، އޮފީސް ހުޅުވަންޖެހޭ ގަޑީގެ 30 މިނިޓު ކުރީން ފެށިގެން، އޮފީސް ހުޅުވާ ގަޑި ޖެހެން 10 މިނިޓަށް ވަންދެން، މެދުނުކެނޑި، ވަރަށް ބޯކޮށް ވާރޭވެހިގެން، ނުވަތަ ދަތުރު ނުކުރެވޭ ވަރަށް ކަނޑުގަދަވުމުގެ ސަބަބުން ނުވަތަ ވައިގަދަވުމުގެ ސަބަބުން، ކަމަށް ވުން.
- އޮފީހަށް ހާޒިރު ނުވެވުނީ، ތިމާގެ ބާރު ނުފޯރާ ފަދަ ހާދިސާއެއް މެދުވެރިވެގެން ކަމުގައި ވުން.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ހާލަތެއް ނިމޭތާ ލަސްވެގެން 15 މިނިޓުގެ ތެރޭގައި އޮފީހަށް ހާޒިރުވާންވާނެއެވެ. މާލެ ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅޭ މުވައްޒަފުން، ލަސްވެގެން 30 މިނިޓުގެ ތެރޭގައި އޮފީހަށް ހާޒިރުވާންވާނެއެވެ.
4 ވަނަ މާއްދާ - ގަޑިލާރި ކެނޑުން
(ހ) މުވައްޒަފު ވަޒީފާ އަދާކުރަން ނުކުންނަން ހަމަޖެހިފައިވާ ގަޑިއަށް ވަޒީފާއަށް ހާޒިރުނުވާ ވަގުތަށް ގަޑިލާރި ކެނޑޭނެއެވެ. މި އުސޫލުން ގަޑިލާރި ކެނޑޭނީ، އެ ވަގުތަކަށް ޖެހޭ ފައިސާގެ ނިސްބަތަކުން އެ މުވައްޒަފެއްގެ އަސާސީ މުސާރައިންނެވެ.
(ށ) މުވައްޒަފަކު އާދަވެ ގަޑިޖެހޭ ނަމަ، ނުވަތަ އޮފީހަށް ނާންނަ ނަމަ، އެ މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ. މި ގޮތަށް އިސްލާހީ ފިޔަވަޅު އަޅައިގެން ވެސް އެ މުވައްޒަފެއްގެ އުޅުމަށް ބަދަލެއް ނައި ނަމަ، ގަވާއިދުގައިވާ ގޮތުގެ މަތީން އެ މުވައްޒަފެއްގެ ވަޒީފާ ދަށްކުރުމާއި ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
5 ވަނަ މާއްދާ - އޮފީސް ހުޅުވުމާއި ލެއްޕުން
(ހ) ރަސްމީ ދުވަސްދުވަހު އޮފީސް ހުޅުވައި ލައްޕާނީ، އެ ކަމަށް ހުއްދަ ދީފައިވާ މުވައްޒަފުންގެ މެދުގައި ބަައިލައިފައިވާ ތަރުތީކަކުންނެވެ. މި ތަރުތީބު ކަނޑައަޅާނީ، އިދާރީ ސެްށަނުގެ އިސްވެރިޔާގެ ލަފާގެ މަތީން، އެ ކަމާ ހަވާލުވެ ހުންނަ މުވައްޒަފެކެވެ.
(ށ) ނުރަސްމީ ގަޑީގައި ނުވަތަ ބަންދު ދުވަސްދުވަހު އޮފީސް ހުޅުވާންވާނީ، ކޮމިށަނަރ ގެ ހުއްދަ ލިިބިގެންނެވެ. ނުވަތަ ކޮމިށަނަރަށް އެނގިގެން، ކަމާބެހޭ ވެރިއެއްގެ ހުއްދަ ލިިބިގެންނެވެ. ކޮމިށަނަރުގެ ހުއްދަ ހޯދުމަކާ ނުލައި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވައިގެން ނުވާނެއެވެ. މި ގޮތަށް ވެސް ނުރަސްމީ ގަޑީގައި އޮފީސް ހުޅުވަންވާނީ، ވަގުތުން ވަގުތަށް، ކޮންމެހެން ނިންމާންޖެހޭ، އަވަސް، މަސައްކަތެއް ނިންމުމަށް ޓަކައި، އެކަންޏެވެ. ނުވަތަ އެ، މަސައްކަތް ރަސްމީ ގަޑީގައި ނުކުރެވޭ ބާވަތުގެ މަސައްކަތެއް ކަމަށް ކޮމިށަނަރަށް ފެންނަ މަސައްކަތެއް ނިންމުމަށް ޓަކައެވެ.
ބާބު 3
މުވައްޒަފުންނާބެހޭ ބައި
6 ވަނަ މާއްދާ - މުވައްޒަފުން ހުރުމަތްތެރިކޮށް ހިތާންޖެހޭ އާންމު އުސޫލު
(ހ) ކޮންމެ މުވައްޒަފަކު ވެސް މި އޮފީހުގެ ވަޒީފާ އަދާކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާންވާނެއެވެ. އަދި މި އޮފީހުގެ އެންމެހައި މުވައްޒަފުން ވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ހުރުމަށްތެރިކޮށް ހިތާންވާނެއެވެ.
(ށ) އޮފީހުގެ މުވައްޒަފުންގެ މެދުގައްޔާއި އޮފީހަށް އެކިއެކި ބޭނުންތަކުގައި އަންނަ މީހުންނާ މުހާތަބުކުރަންވާނީ، އިހްތިރާމާއެކު ރިވެތި ބަހުންނެވެ.
(ނ) އެއްވެސް މުވައްޒަފަކު ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަތެއްގެ މަންފާއާއި ލާބައަށްޓަކައި ނުވަތަ އެފަދަ ފަރާތެއްގެ މަސްލަހަތު ކުރީއެރުމަށްޓަކައި، އެ މުވައްޒަފެއްގެ މަގާމުގެ ބޭނުން ހިފައިގެން ނުވާނެއެވެ.
(ރ) އޮފީހުގެ ރަސްމީ ބޭނުންތަކަށް ފިޔަވައި އޮފީހުގެ އެއްވެސް އެއްޗެއް އޮފީހުން ބޭރަށް ގެންދަންވާނީ، އޮފީހުގެ ވެރިޔެއްގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. އެއްޗެއް އޮފީހުން ބޭރަށް ގެންދާން ވެރިޔަކު ހުއްދަ ދޭންވާނީ، ގެންދާ އެއްޗަކާއި، ގެންދާ ބޭނުމަކާއި މުއްދަތު ބަޔާންކުރާ ލިޔުމެއް ލިޔެ، އެ ލިޔުމުގައި އެ އެއްޗެއް ގެންދާ މީހާ ސޮއިުރުމުންނެވެ. ހާޒިރުވިޔަސް ހާޒިރުވި ގަޑި ގަވާއިދުން ރިކޯޑުކޮށްފައި ނުވާނަމަ، އެ މުވައްޒަފަކު ގަޑިޖެހޭނެއެވެ. ހާޒިރުވި ގަޑިކަމަށް ބަލާނީ، ހާޒިރުވި ގަޑި ރިކޯޑުކުރި ވަގުތެވެ. އަދި އޮފީހުގެ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ހަވާލުކުރާންވާނީ، އެ އެއްޗެއް ހަވާލުވިކަމުގެ ސޮއި ހޯދުމަށްފަހުގައެވެ. މި ގޮތަށް ހަވާލުކުރެވޭ ތަކެތި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަނބުރައި ގެނައިތޯ ބެލުމަކީ، އެ ތަކެތި ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފަކާއި އެ އެއްޗެއް ބޭރަށް ގެންދިޔަ މުވައްޒަފެއްގެ މަސްއޫލިއްޔަތެކެވެ. އިސްވެ ބަޔާންކޮށްފައިވާ ތަކެތި ގެންދާ މީހަކު އޭގެ ބޭނުންކުރުމަށްފަހު އެއަށް ގެއްލުމެއްނުދީ އަނބުރައި ގެންނަންވާނެއެވެ. އަދި އެ އެއްޗަކަށް އެ މުވައްޒަފަކު ޒިންމާވާން ޖެހޭނެއެވެ.
(ބ) އޮފީހުގެ އެއްވެސް މުވައްޒަފަކު ކުރަންޖެހޭ އަމިއްލަ ހަރަދެއް ސަލާމަތްކުރުމުގެ ގޮތުން، ނުވަތަ އޭނާގެ ހަރަދު ކުޑަކުރުމުގެ ގޮތުން ވިޔަސް، އޮފީހުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ނުވާނެއެވެ. އަދި މިފަދަ ކަމަކަށް އެއްވެސް މުވައްޒަފަކު އެހީތެރިވެދީގެން ވެސް ނުވާނެއެވެ.
(ޅ) މަސައްކަތުގެ ރަސްމީ ގަޑީގައި އޮފީހުގެ މުވައްޒަފަކު ބޭރަށްދާ ނަމަ ދާންވާނީ، އެ އިރެއްގައި ބޭރަށްދާއިރު ލިޔުމަށް ހަމަޖެހިފައިވާ އުސޫލަކުން ލިޔުމަށްފަހު، ވެރިޔެއްގެ ހުއްދަ ލިބިގެންނެވެ.
(ކ) ރަސްމީ ގަޑީގައި މުވައްޒަފުން ހެދުން އަޅާންވާނީ، އަންނަނިވި މިންގަނޑުތަކާ ހިލާފު ނުވާ ގޮތެއްގެ މަތީންނެވެ:
- ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ދިގު ފަޓުލޫނާއި އަތްދިގު ގަމީސް ނުވަތަ އަތްކުރު ގަމީހެވެ. ނުވަތަ ދިގު ފަޓުލޫނާއި އަތްދިގު ބުސް ގަމީހެވެ. މި ގޮތަށް ހެދުންއަޅާއިރު މުވައްޒަފުން ތިބެން ޖެހޭނީ، އޮފީސް ބޫޓަށް ނުވަތަ ރަސްމީ މާހައުލެއްގައި ބޭނުންކުރުން އެކަށީގެންވާ ބޫޓަކަށް އަރައިގެންނެވެ.
- އަންހެން މުވައްޒަފުންގެ ހެދުމަކީ، ޖަމާއަތުގެ އަދަބާ ހިލާފުނުވާ، ރަސްމީ މާހައުލުގައި ބޭނުންކުރުމަށް އެކަށީގެންވާ، ހެދުމަކާއި ބޫޓު ނުވަތަ ފައިވާނެވެ.
- ސަޕޯޓް ސްޓާފްގެ ބައިގައި ހިމެނޭ ފިރިހެން މުވައްޒަފުންގެ ހެދުމަކީ ފަޓުލޫނާއި ގަމީސް، ނުވަތަ ބުސް ގަމީހާއި އެކަށީގެންވާ ބޫޓެކެވެ. މި ގިންތީގެ އަންހެން މުވައްޒަފުންގެ ހެދުމަކީ، މަސައްކަތަށް ދަތިނުވާ، އަދި މުޖުތަމައުގެ އަދަބާ ހިލާފުނުވާ ހެދުމަކާއި އެކަށިގެންވާ ފައިވާން ނުވަތަ ބޫޓެކެވެ.
-
އޮފީހުގެ ރަސްމީ ޓީށާޓް ބެލެވޭނީ، އޮފީހުގެ ރަސްމީ ހެދުމެއްގެ ގޮތުގައެވެ.
(އ) ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ މުވައްޒަފަކު ވެސް ރަސްމީ ގަޑީގައި ރަސްމީ މަސައްކަތެއްގައި އޮފީހަށް ހާޒިރުވާނަމަ ހާޒިރުވާންވާނީ، އެކަށީގެންވާ ހެދުމެއްގައެވެ.
(ވ) ދެ ދުވަހަށްވުރެ ގިނަ ދުވަހުގެ ޗުއްޓީއެއް ނަގާނަމަ މަދުވެގެން 3 (ތިނެއް) ދުވަހުގެ ކުރީން ވެރިއެއްގެ ހުއްދަ ހޯދައި، މުވައްޒަފަކު ކުރުމަށް ކަނޑައެޅި، ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި، ކުރަމުންދާ މަސައްކަތްތައް އެހެން މުވައްޒަފަކާ ހަވާލުކުރަންވާނެއެވެ. އަދި އެ މުވައްޒަފަކު ޗުއްޓީގައި ހުންނަ މުއްދަތުގެ ތެރޭގައި ކޮންމެހެން ނިންމަންޖެހޭ ކަމެއް އޮތް ނަމަ، އެ ކަމެއްގެ މައުލޫމާތު ދޭންވާނެއެވެ.
(މ) ދެ ދުވަހަށްވުރެ ގިނަ ނޫން ޗުއްޓީއެއް ނަގާ ނަމަ، ސުޕަވައިޒަރުގެ ހުއްދައެކު ޗުއްޓީގައި ހުރެވިދާނެއެވެ. އަދި އެކަން، ހިއުމަން ރިސޯސް ޔުނިޓަށް އަންގަންވާނެއެވެ. ނަމަވެސް، ޗުއްޓީއަށްފަހު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު، ޗުއްޓީއަށް އެދޭ ފޯމު ފުރިހަމަކޮށްފައި ހުށަހަޅަންވާނެއެވެ.
(ފ) އޮފީހުގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ވެސް، މެންދުރު ކެއުމަށާއި ނަމާދުކުރުމަށް 1 (އެކެއް) ގަޑިއިރުގެ ވަގުތު، މެންދުރު 11:00 ން 13:00 އާ ދޭތެރޭގައި ދޭންވާނެއެވެ. މި ވަގުތު ހަމަޖައްސާނީ، އޮފީހުގައި އެއްވަގުތެއްގައި ތިބޭ މުވައްޒަފުން މަދުނުވާނޭހެން ބަހައިލައިގެންނެވެ. ނޫން ގަޑިއެއްގައި މުވައްޒަފަކު މުހިންމު ބޭނުމެއްގައި އޮފީހުން ބޭރަށް ދާން ޖެހިއްޖެ ނަމަ، އެ މުވައްޒަފެއްގެ ސުޕަވައިޒަރާ ވާހަކަދައްކައިގެން އެކަން ހަމަޖައްސާނީއެވެ.
7 ވަނަ މާއްދާ - މުވައްޒަފުންނަށް ގޯނާ ނުކުރުން
(ހ) އޮފީހުގެ އެއްވެސް މުވައްޒަފަކު، އަނެއް މުވައްޒަފަކާމެދު ގޯނާކުރުމުގެ އެއްވެސް ބާވަތެއްގެ އަމަލެއް ހިންގައިގެން ނުވާނެއެވެ. މަސައްކަތުގެ މާހައުލުގައި، މުވައްޒަފުންނަށް ގޯނާކުރުމަކީ، ތަފާތު ގޮތްގޮތުން އެހެން މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކުރާ އަމަލެއްގެ ސަބަބުން މުވައްޒަފަށް ނޭދެވޭ އަސަރެއް ކުރިމަތިކުރުވުމެވެ.
(ށ) ތިރީގައި ބަޔާންކޮށްފައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއް، މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެހެން މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ކުރުމަކީ، ނުވަތަ އެފަދަ އެކިއެކި ކަންތައްތައް ތަކުރާރުކޮށް ކުރުމަކީ ގޯނާކަމަށް ބެލިދާނެއެވެ.
- މުވައްޒަފަކު، ރުޅިއެރުވުމުގެ ގޮތުން ނުވަތަ ދެރަކޮށްލުމުގެ ގޮތުން ނުވަތަ ނިކަމެތިކޮށްލުމުގެ ގޮތުން، މަލާމާތްކުރުން، ނުވަތަ ދިމާކުރުން، ނުވަތަ ޖެއްސުންކުރުން ނުވަތަ ފުރައްސާރަކުރުން މިގޮތަށް މުވައްޒަފަކު ކުރާ އަމަލެއްގެ ސަބަބުން މުވައްޒަފަކު، ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ، އެ ކަމެއް ނުވަތަ އެ އަމަލެއް ހިންގި، މުވައްޒަފަކަށް، އެ އަމަލެއް ރައްދުވި މުވައްޒަފަކު، ދަންގަންވާނެއެވެ.
- ގާނޫނު ނަންބަރު 2014-16 (ޖިންސީ ފުރައްސާރަކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަމަލެއް ހިންގުން؛
- މުވައްޒަފެއްގެ ނަފުސަށް ނުވަތަ ޖިސްމަށް ގެއްލުމެއް ދިނުން ނުވަތަ ދެވިދާނެ ކަމަށް ބުނުން، ނުވަތަ އިށާރާތުން ކަނޑައެޅިގެން ދެއްކުން؛
- މުވައްޒަފަކަށް ޖިންސީ ގޯނާކުރުން؛
- މުވައްޒަފެއްގެ އަގު ވައްޓައިލުމަށް މުވައްޒަފަކާ ދިމާއަށް އެހެން މީހުންގެ ތެރޭގައި ހިތްހަމަ ނުޖެހިގެން، ބާރަށް ހަޅޭއްލެވުން؛
- މުވައްޒަފަކާ ދިމާއަށް އަހްލާގީ ގޮތުން ބޭއަދަބީ ބަހުން މުހާތަބުކުރުމާއި، އެއްޗެހި ގޮވުން؛
- އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ނުވަތަ ހަރުކަށި އަދަބެއް ދެވިދާނެ ކަމަށް ބުނެ ބިރުދެއްކުން. އެއްވެސް ސަބަބަކާހުރެ މިގޮތަށް މުހާތަބުކޮށްފިނަމަ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއަށް އެ ކަމެއް ލިޔުމުން ހުށަހަޅަންވާނެއެވެ.
- މުވައްޒަފެއްގެ މަސައްކަތަށް ޖެއްސުންކުރުމުގެ ގޮތުން ކަމެއް ކުރުން ނުވަތަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ކަމެއް ކުރުން. (މުވައްޒަފަކާ) ހަވާލުކޮށްފައިވާ މަސައްކަތެއް ކުރުމަށް ބޭނުންވާ މައުލޫމާތު ގަސްތުގައި ނުދިނުން ނުވަތަ ހިފެހެއްޓުން ނުވަތަ ސައްހަ ނޫން މައުލޫމާތު ދިނުން، ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފަކާ، އަނގަބަހުން، ނުވަތަ އިށާރާތަކުން، ޖިންސީ ކަމަކަށް އިށާރާތްކޮށް ބެލުމާއި، މުވައްޒަފެއްގެ ހަށިގަނޑުގައި ބީހުމާއި، ކޮށްޓުމާއި، ކިއުމާއި، އަތްލުމާއި، ފިރުމުން؛
- މަސައްކަތްކުރާ އޮފީހުގައި، ނުވަތަ އޮފީހުގެ ރަސްމީ ދަތުރެއްގައި، ނުވަތަ މަސައްކަތުގެ މާހައުލުގައި ޖިންސީ އެދުމެއް ހާސިލުކުރުމަށް ޓަކައި، އެހެން މުވައްޒަފަކު ލައްވައި އެއްވެސް އަމަލެއް ކުރުވުން، ނުވަތަ ކުރުވަން އުޅުން؛
- ހަޑިހުތުރު އިބާރާތުން ޖިންސީ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމާއި، މުވައްޒަފަކު ޖިންސީގޮތުން ށައުގުވެރިކުރުވުމަށް ޓަކައި ވާހަކަދެއްކުމާއި، މި ބޭނުމަށް ޓަކައި، އަނގަބަހުން، ނުވަތަ ލިޔުމުން، ހުށަހެޅުމާއި، މަސައްކަތުގެ ދާއިރާއިން ބޭރުގައި ބައްދަލުކުރުމަށް ހުށަހެޅުމާއި، ހަޑިހުތުރު ބަސް ބުނުމާއި، ހަޑިހުތުރު ޖޯކު ކިޔުމާއި، ހަޑިހުތުރު އަމަލު ހިންގުން؛
- އެހެން މުވައްޒަފަކަށް، އެއްވެސް ބާވަތެއްގެ ޒަރީއާއަކުން، އޮރިޔާން ދެއްކުމާއި، އޮރިޔާން ކާޑު ދެއްކުމާއި، ޖިންސީ ށައުގުވެރިކަން ދޭހަކޮށްދޭ އެއްވެސް ހަރަކާތެއް ހިންގުން؛
- މުވައްޒަފެއްގެ ޖިންސަށް ނިސްބަތްކޮށް، އެ މުވައްޒަފަކު ކުޑައިމީސްކުރުމާއި، މަލާމާތްކުރުމާއި، ބެހުމާއި، ފޮށުމާއި، ދިމާކުރުމާއި، ދެރަކުރުމާއި، ހަނގާކުރުމާއި، އެކަހެރިކުރުމާއި، އެކިއެކި ހަޑި ބަސް ބުނުން؛
- ޖިންސީ އެދުމެއް ހުށަހެޅުމަށް ޓަކައި، އިދާރީގޮތުން ކޮށްދޭން ނުޖެހޭ ކަމެއް ކޮށްދިނުން، ނުވަތަ ކޮށްދޭންޖެހޭ ކަމެއް ކޮށްނުދިނުން، ނުވަތަ ދޭންޖެހޭ ހައްގެއް ނުދީ ހިފެހެއްޓުން، ނުވަތަ ދޭންނުޖެހޭ ހައްގެއް ދިނުން، ނުވަތަ ބިރުދެއްކުން؛
(ނ) މަސައްކަތުގެ ދާއިރާގައި، އަންހެނުންނާއި ފިރިހެނުންނަށް، އަބުރުވެރިކަމާއި ނަފުސުގެ އިއްޒަތާއެކު، މަސައްކަތް ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ރ) އެއް މުވައްޒަފަކު، އަނެއް މުވައްޒަފަކާމެދު ގޯނާކުރުމުގެ އަމަލެއް ހިންގައިފި ނަމަ، އެ އަމަލެއް ހިންގި، އަދި އެ ކަމުގައި ބައިވެރިވި، މުވައްޒަފެއްގެ މައްޗަށް، ނުވަތަ މުވައްޒަފުންގެ މައްޗަށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އޮފީހުން ނިންމާ ނިންމުމާމެދު އެއްވެސް މުވައްޒަފަކު ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހެޅުމުގެ ހައްގު، ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެން ވެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން މުވައްޒަފަކު މައްސަލައެއް ހުށަހަޅައިފި ނަމަ، އެ މައްސަލަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީން ބަލައި، ގޮތެއް ނިންމާން ވާނެއެވެ.
8 ވަނަ މާއްދާ - ވައްޒަފެއްގެ ޒާތީ މައުލޫމާތު ހާމަނުކުރުން
ގާނޫނުތަކުގައިވާ ގޮތުގެ މަތީން ފިޔަވައި އޮފީހުގެ، އެއްވެސް އުވައިލުން މުވައްޒަފެއްގެ ޒާތީ މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.
9 މަގާމު އުފެއްދުންމާއި އުފައިލުން
(ހ) ކޮމިށަނަރުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް މީހުން ހޯދުން ޓަކައި އޮފީހަށް ބޭނުންވާ މަގާމުތައް
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ކަނޑައަޅައިފައިވާ ބަޖެޓުން އެ މުވައްޒަފަކަށް މުސާރައާއި އިނާޔަތްތައް ދެވޭނެކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
10 ވަނަ މާއްދާ - ވަޒީފާތަކަށް މީހުން ހޯދުން
(ހ) އޮފީހަށް ބޭނުންވާ މަގާމުތަކަށް މީހުން ހޯދަންވާނީ، އާންމުކޮށް އިއުލާނު ކޮންގެންނެވެ.
(ށ) މަގާމުތަކަށް މީހުން ކުރިމަތިލުމަށް، އެންމެ މަދުވެގެން ވެސް، ރަސްމީ ބަންދު ނޫން 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
11 ވަނަ މާއްދާ - މީހުންނަށް ވަޒީފާ ދިނުމާއި ބަދަލުކުރުމާއި ވަކިކުރުން
(ހ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، އިތުރު މުވައްޒަފުން ހޯދުމާއި، ތަމްރީނު ދިނުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މަގާމުން ވަކިކުރުމަކީ، އިންފޮމޭށަން ކޮމިށަރަކަށް ލިބިފައިވާ އިހްތިޔާރެކެވެ. މި އިހްތިޔާރު ބޭނުންކުރަންވާނީ، އޮފީސް ހިންގުމަށް ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ ހިލާފުނުވާ ގޮތުގެ މަތިން ޒިންމާދާރުކަމާއެކުގައެވެ.
(ށ) ވަގުތީގޮތުން، ވަޒީފާދ، މުވައްޒަފަކަށް ވަޒީފާއެއް ދޭންވާނީ، ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ. އަދި މި މުއްދަތުގައި މުވައްޒަފަކަށް ހާއްސަ ކުރެވިފައިވާ މަސައްކަތް ނުނިމޭ ނަމަ، ވަގުތީގޮތުން ގެންގުޅުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
(ނ) ވަޒީފާއަކަށް މީހަކު ހަމަޖެއްސުމަށްފަހު، އެ މީހަކު ލައްވާ މަސައްކަތްކުރުވާންވާނީ ވަޒީފާގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރުމަށްފަހުގައެވެ. ކޮންމެ މުވައްޒަފަކަށް ވެސް، އެ މުވައްޒަފަކު ކުރާ މަސައްކަތުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް ބަޔާންކޮށް، ވަޒީފާ ބަޔާނެއް ލިޔެފައި، އޮންނަންވާނެއެވެ.
- ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ ހިލާފުނުވާ ގޮތެއްގެ މަތީން، ވަޒީފާގެ ބަޔާނަށް ގެންނަންޖެހޭ ބަދަލުތައް، ގެނެވިދާނެއެވެ.
- ވަޒީފާ ދޭ މުވައްޒަފަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ވަޒީފާގެ އެއްބަސްވުމުގައި 3 (ތިނެއް) މަސްދުވަހުގެ ޕްރޮބޭށަން (ވަގުތީ މުއްދަތު) ކަނޑައަޅަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި މުވައްޒަފަކީ މަސައްކަތަށް ގާބިލް މީހެއް ކަމުގައި ފެންނަ ނަމަ، އެ މީހަކީ ދާއިމީ މުވައްޒަފެއްކަމަށް ހަމަޖައްސައި، އެކަން ލިޔުމުން، އޭނާއަށް އަންގަންވާނެއެވެ.
- ޕްރޮބޭށަނުގެ މުއްދަތު ތެރޭގައި އެ މަގާމަށް އެ މީހަކު އެކަށީގެންނުވާ ކަމަށް ފެންނަ ނަމަ، މުވައްޒަފަކަށް އެކަން ލިޔުމުން، އަންގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެއެވެ.
- ޕްރޮބޭށަނުގެ މުއްދަތު ތެރޭގައި، މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެ ނަމަ، އެ މުވައްޒަފަކު އެކަން ލިޔުމުން ހުށަހެޅުމުން، ވަޒީފާއިން ވަކިކުރަންވާނެއެވެ.
(ރ) މުވައްޒަފުން ކުރާ މަސައްކަތާއި، ވަޒީފާ ބަޔާން އެންމެ ލަސްވެގެން ވެސް، ކޮންމެ 6 (ހައެއް) މަސްދުވަހުން އެއްފަހަރު، މުރާޖާކޮށް، މަސައްކަތަށް ބަދަލެއް އައިސްފައިވާ ނަމަ، ނުވަތަ ބަދަލެއް ގެންނާންނާންޖެހޭ ކަމަށް، ފާހަގަކުރެވިއްޖެ ނަމަ، ވަޒީފާ ބަޔާން އަދާކޮށްފައި އެ މުވައްޒަފަކު ލައްވައި ސޮއިކުރުވާންވާނެއެވެ.
(ށ) ވަގުތީގޮތުން ވަޒީފާ ދެވޭ، މުއްދަތު ހަމަވާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ވަޒީފާ ދާއިމީކޮށް ނުދީފި ނަމަ ވަގުތީ މުއްދަތު ހަމަވާ ތާރީހުން ފެށިގެން އެ މުވައްޒަފަކު ވަޒީފާ ދާއިމީވާނެއެވެ.
12 ވަނަ މާއްދާ - ވަޒީފާއިން ވަކިވުން
(ހ) އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެ ނަމަ އެކަމަށް އެދެންވާނީ ސިޓީ އަކުންނެވެ. އެ ސިޓީގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވާ ސަބަބު ސާފުކޮށް ލިއެފައި އޮންނާންވާނެއެވެ.
(ށ) އޮފީހުގެ ހަރަދުގައި ތައުލީމާއި ތަމްރީނު ހޯދައިފައިވާ މުވައްޒަފަކު ހިދުމަތްކުރާންޖެހޭ މުއްދަތު ހަމަނުވަނީސް އޭނާ އެދިގެން ވަޒީފާއިން ވަކިވާ ނަމަ، އެ މުވައްޒަފެއްގެ ތަމްރީނަށް ކުރި ހަރަދާއި، އެލަވަންސެއް ދީފައިވާ ނަމަ އެ އެލަވަންސް، ހިދުމަތްކުރަންޖެހޭ މުއްދަތަށް ބަހައިލުމުން ބާކީވާ މުއްދަތުގެ ފައިސާ، ބޮންޑުގެ މުއްދަތުގައި ބާކީ އޮތް ދުވަސްތަކަށް ބަހައިލައިގެން ދެއްކިދާނެއެވެ. މިގޮތުން ފައިސާ ނުދައްކައިފިނަމަ، އެ މައްސަލަ ސަރިޔަތަށް ހުށަހަޅަންވާނެއެވެ.
(ނ) ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ފޮނުވާ ތާރީހުން ފެށިގެން، އެންމެ މަދުވެގެން ވެސް، ރަސްމީ 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ. މި މުއްދަތުގެ ކުރިންވެސް ވަކިކޮށްދިނުމުގެ އިހްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
(ރ) ވަޒީފާއިން ވަކިވުމަށް، އެދިގެން ސިޓީ ފޮނުވުމަށް ފަހުގައި ވެސް، ވަޒީފާއިން ވަކިކުރިކަން އެ މީހަކަށް ލިޔުމަކުން އަންގަންދެން، ގަވާއިދުން އޮފީހަށް ނުކުމެ، އެ މީހެއްގެ ވަޒީފާ އަދާކުރާންވާނެއެވެ.
13 ވަނަ މާއްދާ - ވަގުތީގޮތުން މީހުން
(ހ) 12 (ބާރަ) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަގުތީގޮތުން ވަޒީފާގައި މީހުން ގެންގުޅެވިދާނެއެވެ. ވަގުތީގޮތުން ވަޒީފާދޭ މީހާއަށް ވެސް ވަޒީފާގެ ޒިންމާތައް ހަވާލުކުރާނީ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.
(ށ) މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި އެއްބަސްވުމެއްގެ އަސާސީ ހުރިހާ ސިފަތަކެއް އެކުލެވެންވާނެއެވެ. އޭގެ ތެރޭގައި، އެ މީހަކު ކުރަންޖެހޭ މަސައްކަތާއި، މުއްދަތާއި، ދުވާލަކު މަދުވެގެން ހޭދަކުރަންޖެހޭ ވަގުތާއި، ދެވޭ އުޖޫރައާއި، އިނާޔަތެއް ދޭނަމަ، އެ އިނާޔަތެއް، ލިޔެފައި، އޮންނަންވާނެއެވެ. އަދި، އެއްބަސްވުމާ ހިލާފުވެއްޖެނަމަ ކުރިޔަށްދާނޭ، މަރުހަލާތައް ބަޔާންވެފައި އޮންނާންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ވެވޭ އެއްބަސްވުމުގެ ދަށުން މަސައްކަތްކުރާ މީހުންގެ ހާޒިރީ، އޮފީހުން ބަލަހައްޓާންވާނެއެވެ.
ބާބު 4
މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
14 ވަނަ މާއްދާ - މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތް
(ހ) ކޮންމެ މުވައްޒަފަކު ވެސް އެ މީހަކާ ހަވާލުކުރެވޭ އެންމެހައި މަސައްކަތެއް ކުރާންވާނީ، އެ މީހެއްގެ ލަޔާގަތާއި ގާބިލިއްޔަތު އެ ކަމަކަށް ތަންދޭ އެންމެ ފުރިހަމަކޮށް، ކަމަށް ކަމަހިތައިގެން ފަރުވާތެރިކަމާ އެކުގައެވެ.
(ށ) އޮފީހުގެ މަސައްކަތް ކުރުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތުގެ މަތީން ވެރިން އަންގާ އެންގުންތަކަށް ކޮންމެ މުވައްޒަފަކު ވެސް އަމަލުކުރަންވާނެއެވެ.
(ނ) އޮފީހުގެ އެއްވެސް މުވައްޒަފަކު އޮފީހުގެ އެއްވެސް ލިޔުމެއް ރިކޯޑިންގއެއް، އޮފީހުގެ ވެރިޔެއްގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކަށް ދިގެންނުވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، އޮފީހުން އާންމުކުރާން ކޮމިށަނަރު ނިންމާ މައުލޫމާތާއި، އާންމުކޮށްފައިވާ މައުލޫމާތެއް ދިނުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ބ) އޮފީހުގެ އެއްވެސް އެއްޗެއް އޮފީހުން ބޭރަށް ގެންދާންވާނީ، އޮފީހުގެ ވެރިޔެއްގެ ހުއްދަ ލިބިގެން، އެ އެއްޗެއް ގެންދާ މީހަކު ޒިންމާވާ ގޮތަށް ލިޔެ ސޮއިކުރުމަށްފަހުގައެވެ. އަދި އެ މީހެއްގެ ހަވާލުގައި ގެންދާ އެއްޗެއްގެ ހުރިހާ ޒިންމާއެއް އެ އެއްޗެއް ގެންދިޔަ މީހަކު އުފުއްލާންވާނެއެވެ.
(ޅ) އޮފީހުގެ އެއްވެސް މުވައްޒަފަކު، އޮފީހުގެ ރަސްމީ ދުވަހެއްގައި ނުވަތަ ދުވަސްތަކެއްގައި، ނުވަތަ ހަފުތާ ބަންދު ދުވަހެއްގައި ވިޔަސް އޮފީހުގެ މަސައްކަތެއްގައި ނުވަތަ އޮފީހާ ގުޅުން ހުރި ކަމެއްގައި މާލެއިން ބޭރަށް ފޮނުވާ ނަމަ އެ މުވައްޒަފަކު މަސައްކަތްކުރާ ސެކްށަނެއްގެ ޔުނިޓެއްގެ ވެރިޔަކަށް، އެ މުވައްޒަފެއްގެ މަސައްކަތް އެހެން މުވައްޒަފަކާ، ހަވާލުކުރެވޭހައި ވަގުތު، އޮއްވައި، އެންގުމަކީ އެ މުވައްޒަފަކު، ފޮނުވާން ހަމަޖެއްސި ވެރިޔަކާއި އެ މުވައްޒަފެއްގެ ޒިންމާއެކެވެ.
(ކ) އޮފީހުގެ އެއްވެސް މުވައްޒަފަކު، ރަސްމީ ދުވަސްތައް ހިމެނޭ ގޮތަށް، އަމިއްލަ ބޭނުމެއްގައި، މާލެއިން ބޭރަށް ދާނަމަ، ނުވަތަ ކުއްލި ހާލަތެއްގައި މާލެއިން ބޭރަށް ފުރާންޖެހިއްޖެ ނަމަ، އެ މުވައްޒަފެއްގެ މަސައްކަތް އެހެން މުވައްޒަފަކާ ހަވާލުކުރެވޭހައި ވަގުތު އޮއްވައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގާންވާނެއެވެ.
15 ވަނަ މާއްދާ - ހާޒިރީ ރެކޯޑް
(ހ) ކޮންމެ މުވައްޒަފަކު ވެސް، އެ މުވައްޒަފަކު މަސައްކަތްކުރަންޖެހޭ ހުރިހާ ދުވަހަކު މަސައްކަތަށް ގަޑިއަށް ހާޒިރުވާންވާނެއެވެ. ރަސްމީ މަސައްކަތު ދުވަހެއްގައި އުޒުރެއް މެދުވެރިވެގެން، ސަލާމް ބުނުމަކާ ނުލައި، ނުވަތަ ޗުއްޓީ ނެގުމަކާ ނުލައި، އެއްވެސް މުވައްޒަފަކު އޮފީހަށް ހާޒިރު ނުވެ ހުރެއްޖެ ނަމަ ބަލާނީ، ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ. ސަލާމް ބުނަންވާނީ، އިދާރީގޮތުން އެކަމާ ހަވާލުވެ ހުރި މުވައްޒަފަކަށާއި އެ މުވައްޒަފުގެ ސުޕަވައިޒަރަށް ފޮނުވާ މެސެޖަކުންނެވެ. ސަލާމް ބުނުމަށް މެސެޖު ފޮނުވަންވާނީ، އޮފީހުގެ ރަސްމީ ގަޑި ފެށުމުގެ 2 (ދޭއް) ގަޑިއިރުގެ ކުރިން ފެށިގެން ރަސްމީ ގަޑީގެ 1 (އެއް) ގަޑިއިރުގެ ތެރޭގައެވެ. މަގުބޫލު އުޒުރެއް ނެތި، ކަނޑައެޅިފައިވާ ވަގުތަށް ވުރެ އަވަހަށް ނުވަތަ ލަހުން ފޮނުވާ މެސެޖު ބަލައެއް ނުގަނެވޭނެއެވެ.
(ށ) ސަލާމުގައި ހުރުމަށްފަހު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު ސަލާމުގެ ފޯމު ނުވަތަ މެޑިކަލް ސެޓިފިކެޓު ހުށަހަޅަންވާނެއެވެ.
(ނ) މުވައްޒަފަކު، އޮފީހަށް ނުކުތުމަށް ފަހު، އޮފީހުގައި 3 (ތިނެއް) ގަޑިއިރު ހޭދަނުކޮށް މުހިންމުކަމެއް ދިމާވެގެން ވެސް ދުވަހުގެ ބާކީ ބަޔަށް އޮފީހުން ދާން ޖެހިގެން ހިނގައްޖެ ނަމަ ބެލެވޭނީ، ސަލާމުގެ ދުވަހަކަށެވެ. މިފަދަ ހާލަތެއްގައި ވެސް ދާންވާނީ ސުޕަވައިޒަރަށް އެނގުމަށްފަހުގައެވެ.
(ރ) އެއްވެސް މުވައްޒަފަކު، ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރު ނުވާ ނަމަ، އެ މުވައްޒަފަކު ގަޑި ޖެހޭނެއެވެ.
16 ވަނަ މާއްދާ - މުވައްޒަފުންގެ ސުލޫކީ
(ހ) އޮފީހުގެ ތެރޭގައްޔާއި، އެ ވަގުތެއްގައި އޮފީހުން ހަމަޖައްސައިފައިވާ މަސައްކަތުގެ މިންގަނޑު މާހައުލުގައި، އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް މުހާތަބު ކުރަންވާނީ އަދަބާއި އިހްތިރާމާއެކުގައެވެ.
(ށ) އޮފީހުގެ ތެރޭގައްޔާއި އެ އިރެއްގައި އޮފީހުން ހަމަޖައްސައިފައިވާ މަސައްކަތުގެ މާހައުލުގައި، ހުންނަ ސައިކޮޓަރީގައި ގިނަ ވަގުތު ހޭދަކޮށް، ބާރަށް އަޑުގަދަކޮށް ހަދައިގެން ނުވާނެއެވެ.
(ނ) މަސައްކަތުގެ މައިދާނުގައި އެއްވެސް މުވައްޒަފަކަށް ހާއްސަކޮށްފައިވާ ގޮނޑީގައި ނުވަތަ މޭޒު ކައިރީގައި، އެ މުވައްޒަފެއްގެ ހުއްދައެއް ނެތި އެހެން މުވައްޒަފަކު އިށީނދެ ހަދައިގެން ނުވާނެއެވެ.
ބާބު 5
މުސާރައާއި އިނާޔަތްތައް
17 ވަނަ މާއްދާ - މުސާރައާއި އެހެނިހެން އިނާޔަތްތައް
(ހ) އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ، ދައުލަތުގެ މާލީ ކަންކަމާބެހޭ ވުޒާރާގެ ވަޒީރުގެ ލަފަޔާއެކު ކޮމިށަނަރެވެ. މުވައްޒަފުންނަށް ދޭ މުސާރައާއި މާލީ އިނާޔަތްތައް، އެ މުވައްޒަފަކަށް ވަޒީފާދޭ ޗިޓުގައި ލިޔެފައި އޮންނަންވާނެއެވެ.
(ށ) މުވައްޒަފުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅިގެން ދެވޭ އިތުރު އިނާޔަތްތަކާއި ރާއްޖޭގެ އެކިއެކި ރަށްރަށަށް ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅިގެން ދެވޭ ހަރަދުތަކާއި އިނާޔަތްތައް ދޭނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) މުސާރަ ދޭނީ، ކޮންމެ މީލާދީ މަހެއްގެ އެންމެ ފަހު ދެ ދުވަހުގެ ތެރޭގައެވެ. މުސާރަ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާ ނަމަ، މުސާރަ ދޭނީ، އެ މަހެއްގެ ބަންދުނޫން އެންމެ ފަހު ދެ ދުވަހުން ކުރީ ދުވަހަކުއެވެ.
(ރ) މުސާރައާއި އެލަވަންސް ދޭނީ، ދިވެހިރާއްޖޭގައި ހުޅުވައިފައިވާ، އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްގެންނެވެ. އަދި އެ މުވައްޒަފަކު، އެ މުވައްޒަފެއްގެ ބޭންކް އެކައުންޓް ސްލިޕް ހުށަހަޅަންވާނެއެވެ. ބޭންކަށް ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރި ގޮތުގެ ހިސާބު، ފައިސާއާބެހޭ ސެކްށަނުން، ކޮންމެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ.
(ބ) މުވައްޒަފުންނަށް މުސާރަދޭއިރު، އެ މުވައްޒަފެއްގެ ވަޒީފާގެ މުއްދަތު 1 (އެކެއް) މަސްދުވަހަށް ވުރެ ކުރު ނަމަ، އޭނާގެ މުސާރަ ދޭނީ، ވަޒީފާ ދިން ތާރީހުން ފެށިގެން، މަހުގެ ނިޔަލަށް ހޭދަވި މުއްދަތަށެވެ. އެ މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް މުސާރަ ދޭނީ، އެ މަސް ފެށުނު ދުވަހުން ފެށިގެން ނުވަތަ އެ މަހުގައި ވަޒީފާ ދީފައިވާ ނަމަ، ވަޒީފާ ދިން ދުވަހުން ފެށިގެން ވަޒީފާއިން ވަކިވި ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށެވެ.
(ޅ) މުވައްޒަފަކު އެއްވެސް މައްސަލައެއްގައި ހައްޔަރުކޮށްފި ނަމަ، ހައްޔަރުކުރުމާއި ދޫކޮށްލުމާއި ވަޒީފާއިން ވަކިކުރުމާ ދެމެދުގައި ހިނގާ ދުވަސްތަކުގެ އުޖޫރަ ދިނުމުގައި، އަމަލުކުރާނީ ތިރީގައި މިވާ ގޮތަށެވެ.
- އެ މުވައްޒަފެއްގެ މައްޗަށް ށަރިޔަތުން ކުށް ސާބިތުވެއްޖެނަމަ، ބަންދުގައި ހުރި ދުވަސްތަކުގައި އުޖޫރަ ނުދިނުން.
- އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް، ށަރިޔަތުން ކަނޑައަޅައިފި ނަމަ، ބަންދުގައި ހުރި ދުވަސްތަކަށް އުޖޫރަ ދިނުން.
- މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުވެގެން، ށަރިޔަތުން ހުކުން ކޮށްފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިފައި އެ ހުކުން ބާތިލުކޮށް، ކުށް ސާބިތުނުވާކަމަށް މައްސަލަ ނިންމައިފި ނަމަ، ބަންދުގައި ހުރި ދުވަސްތަކަށް އުޖޫރަ ދޭންވާނެއެވެ. އަދި މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުވެގެން ށަރިޔަތުން ހުކުން ކޮށްފައިވާ މައްސަލައެއް، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ކުށް ސާބިތުނުވާކަމަށް މައްސަލަ ނިންމައި، އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި، އެ ކޯޓަށް ހުށަހަޅައިފައި ނުވާ ނަމަ، ވެސް، ބަންދުގައި ހުރި ދުވަސްތަކަށް އުޖޫރަ ދޭންވާނެއެވެ.
(ކ) މުވައްޒަފުން ލައްވައި ރަސްމީގަޑީގެ އިތުރުން، އިތުރު ގަޑީގައި މަސައްކަތް ކުރުވަންވާނީ، އެފަދަ މުވައްޒަފަކު ނުނެރެ ވާން ނެތް ހާލަތްތަކުގައެވެ. އަދި އެ މަސައްކަތަކީ އޮފީހުގެ ސުޕަވައިޒަރުގެ ހުއްދަ ލިބިގެން ކުރާ މަސައްކަތަކަށް ވާންވާނެއެވެ. މި ގޮތަށް އިތުރު ގަޑީގައި މުވައްޒަފަކު ކުރި މަސައްކަތުގެ ރިކޯޑު އެނގެން އޮންނަންވާނެއެވެ.
18 ވަނަ މާއްދާ - ދަތުރުތަކުގެ ހަރަދު
(ހ) އޮފީހުގެ ރަސްމީ ދަތުރުތަކުގައި، ކޮންމެ މުވައްޒަފަކަށް ވެސް، ހުރުމާއި ކެއުމުގެ ކަންތައް ހަމަޖައްސައިދޭންވާނެއެވެ.
(ށ) އޮފީހުގެ ދަތުރުތަކުގައި ދާ މުވައްޒަފުންނަށް، ފުރުމުގެ ކުރިން ދަތުރު އެލަވަންސާއި، އެހެނިހެން ހަރަދުތައް ދޭންވާނެއެވެ. މި ގޮތުން ދެވޭ އެލަވަންސް، ދަތުރަށް ފުރުމުގެ ކުރިން ނުދެވޭ ހާލަތެއް ދިމާވެއްޖެނަމަ، ދަތުރު ނިންމައިފައި އައުމުން، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ދޭންވާނެއެވެ.
19 ވަނަ މާއްދާ - އެހެނިހެން އިނާޔަތްތައް
(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތީން ކޮންމެ މުވައްޒަފަކަށް ވެސް، ރަމަޒާން މަހުގެ އިނާޔަތް ދޭންވާނެއެވެ.
(ށ) އޮފީހުގެ މުވައްޒަފުންނަށް، ގާނޫނު ނަންބަރު 2008-02 (ޕެންށަނާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ޕެންށަން ދޭންވާނެއެވެ.
(ނ) މާލެ، ވިލިނގިލި، އަވަށާއި، ހުޅުމާލޭގައި ދިރިއުޅޭ މުވައްޒަފުންނަށް ވަޒީފާ އަދާކުރަން ދިޔުމަށާއި އެނބުރި އައުމަށް، އެ އިރަކު ފެރީގެ ހިދުމަތްދޭ ފެރީގެ ހިދުމަތަކަށް ނުވަތަ ބަހުގެ ހިދުމަތަކަށް ނަގާ މަހުފީ އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ރ) މުވައްޒަފަކު އޮފީހުގެ ވަޒީފާގެ މަސްއޫލިޔަތު އަދާކުރުމުގައި، މަސައްކަތުގައި އުޅެނިކޮށް ހަށިގަނޑަށް ލިބޭ ގެއްލުމަކަށް، ދައުލަތުގެ ހެލްތު އިންށުއަރެންސް ސްކީމުން ހަރަދު ހަމަޖައްސައި ނުދެވޭ ނަމަ، އެ ގެއްލުމަކަށް އޮފީހުގެ ހަރަދުގައި ބޭސްފަރުވާ ކޮށްދޭންވާނެއެވެ.
(ބ) މުވައްޒަފަކު އޮފީހުގެ ވަޒީފާގެ މަސްއޫލިޔަތު އަދާކުރުމުގައި، މަސައްކަތު އުޅެނިކޮށް، އެކްސިޑެންޓެއްވެ، ވަޒީފާ އަދާނުކުރެވޭ ފަދަ ގޮތެއް ދިމާވެގެން، ވަޒީފާއިން ވަކިކުރަން ޖެހިއްޖެ ނަމަ، އެ މީހަކު ހިދުމަތްކޮށްފައިވާ މުއްދަތުގެ ތިންބައިކުޅައެއްބަޔަށް ވާވަރުގެ އަސާސީ މުސާރައިގެ ފައިސާ އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ޅ) އޮފީހުގެ ރަސްމީ ގަޑީގައްޔާއި، ނުރަސްމީ ގަޑީގައި ވެސް، އޮފީހުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ފަރުޒު ފަސް ނަމާދު އަދާކުރުމަށް މަގު ފަހިކޮށްދޭންވާނެއެވެ. އަދި އެކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ހަމަ އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.
20 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުން
(ހ) އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވުމުން އޮފީހުގެ މުވައްޒަފުން ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ. އަދި، 55 (ފަންސާސްފަހެއް) އަހަރު ވުމުން، މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމަށް ހިތްވަރުދީ، ވަޒީފާއިން މުސްކުޅިކުރެވިދާނެއެވެ. މި ދެ ގޮތުންކުރެ ގޮތަކުން މުސްކުޅި ކުރެވިއްޖެ ނަމަ، މި ގަވާއިދުގެ އަންނަނިވި މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިކޮށް މުސްކުޅިކުރުމުގެ އިނާޔަތް ލިބިދެވޭނެއެވެ:
- 65 (ފަސްދޮޅަސްފަހެއް) އަހަރު ވުމުން ވަޒީފާއިން މުސްކުޅިކުރުން.
1.1 މުވައްޒަފެއްގެ އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.
1.2 އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރު ވުމުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅިކުރުމުގެ އިނާޔަތް، މި ގަވާއިދުގެ 1 ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ލިބިދެވޭނެއެވެ. - 55 (ފަންސާސްފަހެއް) އަހަރު ވުމުން އަމިއްލައަށް އެދިގެން މުސްކުޅިކޮށް ވަކިކުރުން
2.1 މުވައްޒަފެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމަށްފަހު، އަމިއްލައަށް ބޭނުންވެގެން ވަޒީފާއިން މުސްކުޅިވުމަށް އެދޭ ނަމަ، ސަބަބު ބަޔާންކޮށް ކަމާބެހޭ ލިޔުންތަކާއެކު އެ މުވައްޒަފަކު ހުށަހަޅަންވާނެއެވެ.
2.2 މުވައްޒަފެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވެގެން، ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭއިރު ދައުލަތަށް ހިދުމަތް ކުރުމަށް ބޮންޑެއް އޮތް ނަމަ، އެކަމަށް ރިއާޔަތް ކުރުމުގެ އިހްތިޔާރު ކޮމިށަނަރަށް ލިބިގެންވެއެވެ.
2.3 އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވުމުން، މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅިކުރުމުގެ އިނާޔަތް މި ގަވާއިދުގެ ޖަދުވަލު 2 ގައި ވާނެއެވެ.
2.4 އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު، މި މާއްދާގައިވާ ގޮތުގެ މަތީން މުސްކުޅިވާން އެދުންކަމުގައި ވިޔަސް، އެ މުވައްޒަފަކީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި އިދާރީ ތަހުގީގަށް ރިއާޔަތްކޮށްފައި ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފެއް ކަމުގައިވާ ނަމަ، ގަވާއިދުން އެ މައްސަލައެއް ބެލުމަށްފަހު ވަޒީފާއިން ވަކިކުރެވޭނެއެވެ. - 55 (ފަންސާސްފަހެއް) އަހަރު ވުމުން ކޮމިށަނަރަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ވަޒީފާއިން މުސްކުޅިކޮށް ވަކި ކުރުން.
3.1 އަންނަނިވި ހާލަތްތަކުގައި އުމުރުން 55 (ފަންސާސްފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު، ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމުގެ އިހްތިޔާރު، ކޮމިށަނަރަށް ލިބިގެންވެއެވެ.
3.1.1 މުވައްޒަފުގެ މަސައްކަތުގެ ފެންވަރު، އެކަށީގެންވާ މިންވަރަށްވުރެ ދަށްވުން.
3.1.2 މުވައްޒަފުގެ ބަލިހާލަތު ހުރިގޮތުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުން. މި ހާލަތުގައި، ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރިކަމަށް، ސިއްހީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިއުމެއް އޮންނަންވާނެއެވެ.
3.1.3 ސަރުކާރުގެ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނުވަތަ އޮފީހުގެ ހިންގުމަށް ގެނެވޭ ބަދަލެއްގެ ސަބަބުން، މަސައްކަތް އުނިވެ، މަސައްކަތް ކުރަން ތިބި މުވައްޒަފުން އިތުރުވެ، އިތުރުވާ މުވައްޒަފުންގެ ތެރޭގައި އުމުރުން 55 (ފަންސާސްފަހެއް) އަހަރުވެފައިވާ މުވައްޒަފަކު ހުރުން.
3.1.4 މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން ވަޒީފާ އަދާނުކުރެވޭ ނަމަ، އެ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށްފަހު މުވައްޒަފު އެ ފުރުސަތުގެ ބޭނުން ނުހިފުން؛ ނުވަތަ ދެވުނު ފުރުސަތާ ގުޅިގެން ބޭނުންވާ މައުލޫމާތު ނުވަތަ ހުނަރު މުވައްޒަފަށް ލިބިފައި ނުވުން.
3.1.5 އޮފީހުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ނުވަތަ އޮފީހުގެ ހިންގުމަށް އެދެވޭ ބަދަލެއް ގެންނަން ޖެހިގެން ނުވަތަ ތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، މުވައްޒަފު ވަޒީފާއިން މުސްކުޅިކުރަން ބޭނުންވުން.3.2 އުމުރުން 55 (ފަންސާސްފަހެއް) އަހަރު ފުރުމުން، ކޮމިށަނަރަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ. މުވައްޒަފުންނަށް ދެވޭ މުސްކުޅި ކުރުމުގެ އިނާޔަތް މި ގަވާއިދުގެ ޖަދުވަލު 2 ގައި ވާނެއެވެ.
3.3 މި މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރަން ނިންމައިފައިވާކަން، ލިޔުމުން އެ މުވައްޒަފަށް އަންގަންވާނެއެވެ.
(ށ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މަގާމުން މުސްކުޅިކުރަން ނިންމިކަން، އެ މުވައްޒަފަކު މުސްކުޅިކުރުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން އަންގަންވާނެއެވެ. އަދި އަމިއްލައަށް އެދިގެން، މަގާމުން މުސްކުޅިކުރެވޭ މުވައްޒަފެއްނަމަ، 1 (އެކެއް) މަސްދުވަހުގެ ކުރިން އޮފީހަށް އެކަން އަންގަންވާނެއެވެ.
(ނ) ވަޒީފާއިން މުސްކުޅިކުރާއިރު ހިދުމަތުގެ އަހަރެއްގެ ގޮތުގައި ބަލާނީ، އެ މީހަކު ދައުލަތުގެ ވަޒީފާ އަދާކުރި ޖުމުލަ މުއްދަތައެވެ. އެއީ އަހަރާއި މަހާއި ދުވަސް ހިދުމަތުގެ ގޮތުގައި ގުނައިގެންނެވެ. ތިރީގައި މިވަނީ ވަޒީފާއިން މުސްކުޅި ކުރެވޭއިރު ހިދުމަތުގެ މުއްދަތު ހިސާބުކުރާނެ ގޮތުގެ މިސާލެވެ.
• މިސާލު: ވަޒީފާއިން މުސްކުޅިކުރެވޭއިރު ހިދުމަތުގައި ހޭދަކޮށްފައިވަނީ 29 އަހަރާއި 10 މަހާއި 10 ދުވަސް ކަމުގައިވާނަމަ، އަހަރު ހިސާބުކުރާނީ ތިރީގައި މިވާ ގޮތައެވެ.
29 އަހަރު +
10 މަސްދުވަސް = 12/10 = 0.83 + އަހަރު
10 ދުވަސް = 365/10 = 0.03 އަހަރު
ޖުމުލަ ހިދުމަތުގެ އަހަރު = 29 + 0.83 + 0.03 = 29.86 އަހަރު.
ބާބު 6
ސަލާން ބުނުމާއި މުވައްޒަފުންނަށް ލިބޭ ޗުއްޓީ
21 ވަނަ މާއްދާ - ސަލާންބުނުން
(ހ) އެއްވެސް މުވައްޒަފަކު ސަލާން ބުނަންވާނީ ބަލިވެގެން އޮފީހަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމައެވެ.
(ށ) ސަލާން ބުނުމުގައި އަމަލު ކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް ނުކުތުމަށް އުޒުރުވެރިވެއްޖެ ނަމަ، އެ ދުވަހު އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށުމުގެ 2 (ދޭއް) ގަޑިއިރާއި ރަސްމީ މަސައްކަތު ގަޑި ފެށިގެން 1 (އެކެއް) ގަޑިއިރާ ދޭތެރޭގައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އެންގުމާއެކު، އޮފީހުގެ މުވައްޒަފުންނާ ބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް އެންގުމުން، އެ ދުވަހުގެ ސަލާމުގެ ޗުއްޓީ ދޭންވާނެއެވެ. ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ސަލާމުގެ ޗުއްޓީ ހަމަޖައްސަން ނާންގައިފި ނަމަ، އެ ދުވަސް ބަލާނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.
- ސަލާމުގައި ހުންނަ ފުރަތަމަ 2 (ދޭއް) ދުވަހުންކުރެ ކޮންމެ ދުވަހަކު، ފޯނުން ގުޅައިގެން ނުވަތަ މެސެޖަކުން، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށާއި މުވައްޒަފުންނާ ބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނުގެ އެ ކަމާ ހަވާލުވެ ހުންނަ މުވައްޒަފަކަށް ވަކިވަކިން އަންގަންވާނެއެވެ. ނަމަވެސް ފުރަތަމަ ދުވަހު އެންގުމަށްފަހު ދެވަނަ ދުވަހު އޮފީހަށް ނާންގާ ނަމަ، ދެވަނަ ދުވަސް ބެލެވޭނީ އޮފީހަށް ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައެވެ. އެހެންކަމުން، އޭނާގެ ވަޒީފާގެ ޒިންމާއަށް އިހުމާލުވީ ކަމުގައި ބެލެވިދާނެއެވެ.
- މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ކުއްލި ހާލަތެއް މެދުވެރިވެގެން އޮފީހަށް ގުޅައިގެން ނުވަތަ މެސެޖަކުން ސަލާން ނުބުނެވޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ފަރާތުން އެ ކަމެއްގެ ވާހަކަ އެންގުމުން، އެ ކަން ހަމަޖައްސާނީ، އެ ވަގުތަކު އޮފީސް ހިންގަން ހުރި އެންމެ އިސްވެރިއެއްގެ މަށްވަރާގެ މަތީންނެވެ.
-
ސަލާމުގައި ހުރި މުވައްޒަފަކު އެ ދުވަހު "ކޮންމެހެން ނިންމަންޖެހޭ މުހިންމު ކަމެއް ހަވާލުކުރެވިފައިވާ ނަމަ، އެ މަސައްކަތެއްގެ މައުލޫމާތު އޭނާގެ ސުޕަވައިޒަރަށް އަންގާންވާނެއެވެ. އެ ދުވަހަކު ނިންމަންޖެހޭ ހާއްސަ މަސައްކަތަކާ ހަވާލުވެފައިވާ މުވައްޒަފެއް ނަމަ، އެ މަސައްކަތް އެހެން މުވައްޒަފަކަށް ހަވާލުކުރެވޭނެހައި ވަގުތު އޮއްވައި، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގާންވާނެއެވެ. މި ގޮތަށް އަންގައި ހަވާލުކުރެވޭ މަސައްކަތް ހިންގުމަށް ބުރޫ ނާރައި އެ މަސައްކަތެއް ހިންގުމަށް އޮފީހުން އިންތިޒާމުކޮށްގެން ކުރުމަށް ބޭނުންވާ މައުލޫމާތުދީ، އެކަމުގައި ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.
-
ސަލާމުގެ ޗުއްޓީ، މެސެޖުކޮށްގެން ހަމަޖެއްސި ކަމުގައި ވިޔަސް، ސަލާމުގެ ޗުއްޓީ ނިންމުމަށް ފަހު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު، ރަސްމީ ގަޑި ނިމުމުގެ ކުރީން "ސަލާމުގެ ޗުއްޓީ ފޯމު" ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅާންވާނެއެވެ.
-
މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އޮފީހަށް އެންގުމަކާ ނުލައި އޮފީހަށް ހާޒިރު ނުވެ ހުރެފައި މެޑިކަލް ސެޓްފިކެޓު ގެނައި ނަމަވެސް، މި ދުވަސްތައް ސަލާމުގެ ދުވަސްތަކުގެ ގޮތުގައެއް ނުބެލެވޭނެއެވެ.
(ނ) މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ދެވޭނީ ގިނަވެގެން 30 (ތިރީސް) ދުވަހެވެ.
(ރ) މުވައްޒަފު މަސައްކަތްކުރާ ކޮންމެ އަހަރަކަށް، އަހަރު ދުވަހުގެ ތެރޭގައި ގިނަވެގެން 20 (ވިހި) ދުވަސް، މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި، ސަލާމުގެ ޗުއްޓީ ނެގިދާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މުވައްޒަފަކަށް މެޑިކަލް ސެޓުފިކެޓު ނެތި ސަލާމުގައި ގިނަވެގެން ހުރެވޭނީ ވިދިވިދިގެން 2 (ދޭއް) ދުވަހަށެވެ. ދޭއް ދުވަހަށް ވުރެ ގިނަ ދުވަހު ވިދިވިދިގެން ސަލާމުގައި ހުރެއްޖެ ނަމަ، އެ މުވައްޒަފަކު އޮފީހަށް ނުކުންނައިރު، އެ މުވައްޒަފު ސަލާމުގައި ހުރި ފުރަތަމަ ދެ ދުވަސް ފިޔަވައި އެހެން ދުވަސްތަކަށް، ސަލާމުގެ މުއްދަތު ބަޔާންކޮށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންވާނެއެވެ. ނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެން ވެސް މެޑިކަލް
ސެޓުފިކެޓު ހުށަހަޅާ ގޮތަށް ސަލާމް ބުނެފި ނަމަ، ސެޓުފިކެޓުގެ މުއްދަތަށް އިތުރަށް އަންގާކަށް ނުޖެހޭނެއެވެ.
(ء) މުވައްޒަފަކަށް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ވިދިވިދިގެން 2 (ދޭއް) ދުވަހެވެ. ސެޓުފިކެޓާ ނުލައި ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން ހުރެވޭނެ 2 (ދޭއް) ދުވަސް ކަމަށް ބަލާނީ، މެދަށް ބަންދު ދުވަހެއް ނުވަންނަ، ވިދިވިދިގެން އަންނަ މަސައްކަތު 2 (ދޭއް) ދުވަހެވެ. ސަލާމުގެ ޗުއްޓީގައި ހުރި ދުވަހުގެ ފަހު ދުވަހަކީ ބަންދު ދުވަހަކަށް ވެއްޖެ ނަމަ، ޖެހިގެން އަންނަ މަސައްކަތު ދުވަހަކީ ވިދިވިދިގެން އަންނަ 2 (ދޭއް) ދުވަސްކަމުގައި ނުބެލެވޭނެއެވެ. ބަންދު ދުވަހާއެކު، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ގިނަ ދުވަހު ސަލާމުގެ ޗުއްޓީގައި ހުރިކަމުގައި ވިޔަސް، މި 2 (ދޭއް) ދުވަހު ވެސް، އެ މުވައްޒަފެއްގެ ސުޕަވައިޒަރަށާއި، މުވައްޒަފުންނާބެހޭ ކަންތައްތައް ބަލަހައްޓާ ސެކްށަނުގެ އެ ކަމާ ހަވާލުވެ ހުންނަ މުވައްޒަފަކަށް އަންގަންވާނެއެވެ. އަދި މަސައްކަތަށް ނުކުންނަ ދުވަހު، ފަހު ދުވަހަށް ސަލާމުގެ ސެޓުފިކެޓު ވެސް ހުށަހަޅާން ވާނެއެވެ.
(ކ) ބަލިވެގެން، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް ވަޒީފާއަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް މެޑިކަލް ސެޓްފިކެޓެއް އޮފީހަށް ހުށަހަޅައިފިނަމަ ސަލާމުގެ ޗުއްޓީ ކުރިޔަށް ވެސް ނެގިދާނެއެވެ.
22 ވަނަ މާއްދާ - އަހަރީ ޗުއްޓީ
(ހ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ކޮންމެ މުވައްޒަފަކަށް ވެސް، ކޮންމެ އަހަރަކު، މުސާރަ ލިބޭ ގޮތަށް، 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭނެއެވެ. ޗުއްޓީ ދޭ ދުވަސްތައް ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
(ށ) މުވައްޒަފަކަށް އަހަރީ ޗުއްޓީ ދޭންވާނީ، އޮފީހުގެ މަސައްކަތަށް ދަތިނުވާ ގޮތަށެވެ.
(ނ) މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް އެ މުވައްޒަފު އާދައިގެ ގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެ ދުވަހަކަށް ދުވަހެއް، އެ މުވައްޒަފުގެ އަހަރީ ޗުއްޓީއަށް އިތުރުކޮށް ދޭންވާނެއެވެ.
(ރ) ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން، ކޮންމެ މުވައްޒަފަކަށް ވެސް، ކޮންމެ މަހަކު ދެ ދުވަހާއި ބައިގެ ޗުއްޓީއެއް އޭނާގެ ޗުއްޓީއަށް ޖަމާވާނެއެވެ. ގޮތުން، ކޮންމެ މުވައްޒަފަކަށް ވެސް ލިބޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަހަރަކު 30 (ތިރީސް) ދުވަހެވެ. މުވައްޒަފު ވަޒީފާގައި ދާއިމީވުމަށްފަހު ޗުއްޓީގެ މި ދުވަސްތައް އެއްކޮށްގެން ވެސް އަދި ވަކިވަކިން ވެސް ނެގިދާނެއެވެ.
(ބ) މުވައްޒަފަކު އަހަރީ ޗުއްޓީ ފެށުމަށް ފަހު، ޗުއްޓީގެ މުއްދަތު ހަމަނުވަނީސް އާންމު އުސޫލެއްގެ ގޮތުން މަސައްކަތަށް ނުކުތުމަށް އަންގައިގެން ނުވާނެއެވެ. ނަމަވެސް އޮފީހުގެ މުހިންމު މަސައްކަތަކަށް އެ މުވައްޒަފަކު ކޮންމެހެން މުހިންމުވެއްޖެކަމަށް އޮފީހަށް ފެނިއްޖެ ނަމަ، އެ މުވައްޒަފުގެ ފުރިހަމަ އިހުތިޔާރާއެކު އޮފީހަށް ނުކުމެވިދާނެއެވެ. އެ ހާލަތުގައި އެ މުވައްޒަފުގެ ޗުއްޓީގެ ބާކީ އޮތް ދުވަސްތައް އެ މުވައްޒަފަށް ދޭންޖެހޭނެއެވެ. އެއްވެސް ހާލަތެއްގައި އެ ދުވަސްތައް ކެންސަލެއް ނުވާނެއެވެ.
(ޅ) ކޮންމެ މުވައްޒަފަކު ވެސް، އަހަރީ ޗުއްޓީ ހައްގުވާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، އޮފީހުން ކަނޑައަޅައިފައިވާ ގަވާއިދާ ތައާރުޒު ނުވާނޭހެން ޗުއްޓީ ނަގަންވާނެއެވެ. މި ގޮތަށް ޗުއްޓީ ނެގުމުގެ އެންމެ ފަހު ތާރީހަކީ، ޗުއްޓީ ކެންސަލްވުމުގެ 1 (އެކެއް) ދުވަހުގެ ކުރިއެވެ.
(ކ) މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީ ނުނަގައި ދޫކޮށްލައިފި ނަމަ، އެ ޗުއްޓީ ކެންސަލްވާނެއެވެ. އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.
(އ) މުވައްޒަފަކު އަހަރީ ޗުއްޓީ ފެށުމަށްފަހު، ޗުއްޓީގެ މުއްދަތު ހަމަނުވަނީސް، އެ މުވައްޒަފަކު ބޭނުންވެއްޖެ ހިނދެއްގައި ޗުއްޓީ މެދުކަނޑައިލުމަށްފަހު، އޮފީހަށް ނުކުމެވިދާނެއެވެ. އަދި މި ގޮތަށް އޮފީހަށް ނުކުތުމަށްފަހު، ޗުއްޓީގެ ގޮތުގައި ހޭދަ ނުކުރުމަށް ނިންމައިފައި ދުވަސްތައް، ނުނަގައި ހުރި ޗުއްޓީގެ ގޮތުގައި ހަމަޖެހޭނެއެވެ. މި ޗުއްޓީތައް ކެންސަލް ނުވާހައި ހިނދަކު، ފަހުން ވެސް މި ދުވަސްތައް ޗުއްޓީގެ ގޮތުގައި ނެގިދާނެއެވެ.
(ވ) މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ނުވަތަ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ނަމަ، އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީގެ ބޭނުންނުކޮށް އޮތް ދުވަސްތަކަށް، އެ ޗުއްޓީގެ ބަދަލުގައި، އޭނާއަށް ލިބެމުން އައި މުސާރައާއި އެނިހެން އިނާޔަތްތަކުން، ދުވަހަކަށް ޖެހޭ މިންވަރުން އެ ދުވަސްތަކަށް ފައިސާ ދޭންވާނެއެވެ.
(މ) މުވައްޒަފުންނަށް އަހަރީ ޗުއްޓީ ލިބޭނީ، އެ މުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތާ ބެހޭގޮތުން، އެ މުވައްޒަފު މަސައްކަތްކުރާ ސެކްށަނެއްގެ އިސްވެރިޔަކާ މަށްވަރާ ކުރުމަށްފަހު، ސެކްރެޓަރީ ޖެނެރަލް ހަމަޖައްސާ ގޮތެއްގެ މަތީންނެވެ. ވެރިންނަށް ޗުއްޓީ ދޭނީ، ސެކްރެޓަރީ ޖެނެރަލެވެ. އަދި ސެކްރެޓަރީ ޖެނެރަލް ނެތް ހާލަތެއްގައި، އިންފޮމޭށަން ކޮމިށަނަރެވެ. ސެކްރެޓަރީ ޖެނެރަލަށް ޗުއްޓީ ދޭނީ، އިންފޮމޭށަން ކޮމިށަނަރެވެ. އިންފޮމޭށަން ކޮމިށަނަރު ނެތް ހާލަތެއްގައި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނެވެ.
23 ވަނަ މާއްދާ - މުސާރަ ނުލިބޭ ޗުއްޓީ
(ހ) އޮފީހުގެ މުވައްޒަފަކު މުސާރަ ނުލިބޭ ގޮތަށް ވީއްލޭނީ ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ކޮމިށަނަރ އެ ގޮތަށް ނިންމައިފި ނަމައެވެ. މުސާރަ ނުލިބޭ ގޮތަށް ވީއްލަން ކޮމިށަނަރ ނިންމި ނަމަވެސް، މި މުއްދަތު، 12 (ބާރަ) މަސްދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.
- އަމިއްލަ ގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭ ގޮތަށް ވީއްލުން.
1.1 އަމިއްލަ ގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭ ގޮތަށް މުވައްޒަފަކު ވީއްލަންވާނީ، އޮފީހުގައި ޓްރެއިނިންގ ދިނުމަށް ހަމަޖެހިފައިވާ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ މަސައްކަތާ ގުޅޭ ތަމްރީނެއް ފުރިހަމަ ކުރުމަށެވެ.
1.2 މުވައްޒަފަކު މުސާރަ ނުލިބޭ ގޮތަށް ވީއްލަންވާނީ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ މަށްވަރާޔާއެކު ކޮމިށަނަރ ނިންމާ ގޮތެއްގެ މަތީންނެވެ. އަމިއްލަ ގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭ ގޮތަށް މުވައްޒަފަކު ވީއްލޭނީ، އުނގެނިދޭ ނުވަތަ ތަމްރީނުދޭ މަރުކަޒަކަށް އެ މުވައްޒަފު ގަބޫލުކޮށްފައިވާ ކަމުގެ ލިއުމެއް މި އޮފީހަށް ހުށަހެޅުމުންނެވެ.
1.3 އަދި ހަދާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށް ވާ ނަމައެވެ. އަމިއްލަ ގޮތުން ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭ ގޮތަށް މުވައްޒަފަކު ވީއްލަންވާނީ، ތަމްރީނު ދޭ ތަނަކަށް ގަބޫލުކޮށްފައިވާ ކަމުގެ ލިއުމާ ގުޅިގެން ހަދާ ކޯހަކީ ކޮލިފިކޭށަން ލިބޭ ކޯހަކަށް ވާ ނަމައެވެ. ތަމްރީނު ލިބިދޭ ތަނެއްގެ ލިއުން ހުށަހަޅައި ހަދާ ކޯހަކީ ކޮލިފިކޭށަން ލިބޭ ކޯހަކަށް ވާ ނަމައެވެ.
1.4 މުވައްޒަފަކު ހަމަ މުސާރަ ނުވަތަ ދެބައިކުޅަ ½ (އެއްބައި) މުސާރަ ލިބޭ ގޮތަށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގުނުވާ ގޮތަށް، ކުރު ކޯހާއި ޓްރެއިނިންގ ޕްރޮގްރާމާއި މަސައްކަތު ބައްދަލުވުން ފަދަ ކަންކަމަށް، ނުވަތަ އެހެން އިދާރާއެއްގެ މަސައްކަތަށް ވީއްލުމުގެ އިހުތިޔާރު، ކޮމިށަނަރަށް ލިބިގެންވެއެވެ. - ތިމާއަށް ސިއްހީ ފަރުވާއެއް ކުރުމަށް ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާއަށް ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށް ޓަކައި، މުސާރަ ނުލިބޭ ގޮތަށް ވީއްލުން
2.1 މުވައްޒަފަކު، ބަލިވެގެން މުސާރަ ނުލިބޭ ގޮތަށް ވީއްލޭނީ، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރަކު، އެ ބައްޔެއްގެ ބާވަތާއި ބޭނުންވާ މުއްދަތު ބަޔާންކޮށް، ދީފައިވާ ސެޓްފިކެޓަކާއެކު މުސާރަ ނުލިބޭ ގޮތަށް ވީއްލާން އެދި ހުށަހެޅުމުންނެވެ.
2.2 ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ބަލިވެގެން މުސާރަ ނުލިބޭ ގޮތަށް ވީއްލޭނީ، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރަކު، އެ ބައްޔެއްގެ ބާވަތާއި ވީއްލުމަށް ބޭނުންވާކަމާއި ބޭނުންވާ މުއްދަތު ބަޔާންކޮށްފައި ދޭ ސެޓްފިކެޓު ހުށަހެޅުމާއެކު އެ މީހެއްގެ ގާތުގައި ތިމާ ކޮންމެހެން ހުންނަންޖެހޭކަން، ބަޔާންކޮށް، ލިޔުމަކުން ހުށަހެޅުމުންނެވެ.
2.3 މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން އެ ހާލަތު ބަޔާންކޮށް ކޮމިށަނަރަށް ހުށަހެޅުމުން، ކޮމިށަނަރާއި، ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީއާ މަށްވަރަ ކުރުމަށްފަހު، އެ މުވައްޒަފު ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ކަންކަމުގެ އިންތިޒާމު ހަމަޖެއްސުމާއެކު 3 (ތިނެއް) މަސްދުވަހަށް މުސާރަ ނުލިބޭ ގޮތަށް ވީއްލިދާނެއެވެ.
2.4 ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް، ހަމައެކަނި ދަރިފުޅު ބެލުމަށް ޓަކައި، 1 (އެކެއް) އަހަރު ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭ ގޮތަށް ނެގިދާނެއެވެ. މި ޗުއްޓީ ބޭނުންވާ ނަމަ، އަންހެން މުވައްޒަފަކަށް، ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަމަވުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން، ޗުއްޓީ ނެގުމަށް އެދެންވާނެއެވެ.
2.5 މުވައްޒަފަކު ވިހެއުމަށްފަހު، ވިހޭ ދަރިފުޅު، ނުވަތަ ދަރިފުޅަކު ނިޔާވެ އެ މުވައްޒަފެއްގެ ސިއްހީ ހާލަތު ވަޒީފާއަށް ނުކުތުމަށް ތަން ނުދޭ ނަމަ، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ނުލިބޭ ގޮތަށް ދެވިދާނެއެވެ.
(ށ) މުސާރަ ނުލިބޭ ގޮތަށް ވީއްލައިފައި ހުންނަ މުއްދަތު ބޭނުންކުރަންވާނީ، މުސާރަ ނުލިބޭ ގޮތަށް ވީއްލި ބޭނުމަކަށް އެކަންޏެވެ. މި މުއްދަތުގެ ތެރޭގައި މުސާރަ ނުލިބޭ ގޮތަށް ވީއްލި ބޭނުން ފިޔަވައި އެހެން ގޮތަކަށް އަމަލުކުރާ ނަމަ، ވީއްލި ވީއްލުން ކެންސަލްކުރުމާއެކު ވަޒީފާއަށް ނުކުތުމަށް އަންގައި، ނުނިކުމެއްޖެ ނަމަ، މުސާރަ ނުލިބޭ ގޮތަށް ވީއްލި ދުވަހުން ފެށިގެން އޮފީހުގެ ވަޒީފާއިން އެ މުވައްޒަފަކު ވަކިކުރުމުގެ އިހުތިޔާރު ކޮމިށަނަރަށް ލިބިގެންވެއެވެ.
(ނ) އޮފީހަށް ހިދުމަތްކުރުމުގައި ބޮންޑެއް އޮތް މުވައްޒަފަކު، މުސާރަ ނުލިބޭ ގޮތަށް ވީއްލި ބޭނުން ނުހިފައި، އެހެން ކަމެއް ކުރާ ނަމަ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހު އޮފީހުގެ ވަޒީފާއަށް ނުނިކުންނަ ނަމަ، ނުވަތަ ވީ ގޮތެއް ނާންގައި ރަސްމީ 5 (ފަހެއް) ދުވަސް ވެއްޖެ ނަމަ، އެ މުވައްޒަފަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަންވާނެއެވެ.
(ރ) މުސާރަ ނުލިބޭ ޗުއްޓީ ހަމަވުމަށްފަހު، ވީ ގޮތް ނާންގައި ރަސްމީ 5 (ފަހެއް) ދުވަސް ވެއްޖެ ނަމަ، އެ މުވައްޒަފެއްގެ މައްސަލައާ ދޭތެރޭ ވަކި ގޮތެއް ނިންމަންވާނެއެވެ.
24 ވަނަ މާއްދާ - އާއިލީ ކަންކަމުގެ ޗުއްޓީ
އަނބިމީހާ ވިހެއްމުން، ފިރިމީހާއަށް ދެވޭ ޗުއްޓީއާއި، އަރިހުން ހިދުމަތްކުރުމާއި، އަރިހަކު ނުވަތަ މައަކު ނުވަތަ ބަފަޔަކު ނުވަތަ އަނތްބަކު ނުވަތަ ފިރިއަކު ބަލިވުމާ ގުޅިގެން މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން މުވައްޒަފުންނަށް ޗުއްޓީ ނެގިދާނެއެވެ.
(ހ) އާއިލާގެ މުހިންމު ޒިންމާތަކާ ގުޅިގެން ކޮންމެ މުވައްޒަފަކަށް ވެސް މުސާރަ ލިބޭ ގޮތަށް، އަހަރުދުވަހުގެ ތެރޭގައި 10 (ދިހައެއް) ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޗުއްޓީއެއް ނެގިދާނެއެވެ. މި ޗުއްޓީ ދޭނީ، ބަންދު ދުވަސްތައް ނުހިމަނައެވެ.
(ށ) ދިހަ (10) ދުވަހުގެ. "އިތުރަށް "އާއިލީ ޒިންމާގެ ޗުއްޓީ ވީ ނަގަން ބޭނުން ނަމަ، ސަބަބު ބަޔާންކޮށް ހުށަހެޅުމުން، އިތުރު 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް ދެވިދާނެއެވެ. (މި ގޮތަށް އިތުރަށް ދެވޭ ޗުއްޓީގައި، ހުންނަ ކޮންމެ ދުވަހަކަށް، (އެ މީހެއްގެ) މުސާރައިން ދުވަހަކަށްޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި ކެނޑޭނެއެވެ.
25 ވަނަ މާއްދާ - ދަރިފުޅަކު ހިތާނުކުރުމުން ދޭ ޗުއްޓީ
މުވައްޒަފެއްގެ ދަރިފުޅަކު ހިތާނުކުރާ ދުވަހުން ފެށިގެން، މުސާރަ ލިބޭ ގޮތަށް، ބަންދު ދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް ހައްގުވާނެއެވެ.
26 ވަނަ މާއްދާ - އާއިލާ މެންބަރަކު ނިޔާވުމުން ދޭ ޗުއްޓީ
(ހ) މުވައްޒަފެއްގެ މައިންބަފައިން، އެއްބަނޑުއެއްބަފާ މީހުން، ދަރިން، ފިރިން، އަނބިން، ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާގެ މައިންބަފައިންގެ ތެރެއިން މީހަކު ނިޔާވެއްޖެ ނަމަ، އެއީ މާލޭގައި ނަމަ އެ މުވައްޒަފަކަށް 2 (ދޭއް) ދުވަހުގެ ޗުއްޓީ ލިބޭނެއެވެ. އަދި މާލެ ފިޔަވައި، އެހެން ރަށެއްގައި ނަމަ، އެ މުވައްޒަފަކު ޖަނާޒާގައި ބައިވެރިވާ ނަމަ 3 (ތިނެއް) ދުވަހުގެ ޗުއްޓީ، އަދި ރާއްޖެއިން ބޭރުގައި ނަމަ، އެ މުވައްޒަފަކު ޖަނާޒާގައި ބައިވެރިވާ ނަމަ 5 (ފަހެއް) ދުވަހުގެ ޗުއްޓީ ލިބޭނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އޮފީހަށް މިކަން އަންގަންވާނެއެވެ. ނަމަވެސް، އެ މުވައްޒަފަކު މާލެއިން ބޭރަށް ނުދާ ނަމަ ލިބޭނީ 2 (ދޭއް) ދުވަހުގެ ޗުއްޓީއެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް، އޮފީހަށް ނުކުންނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ޗުއްޓީއަށް އެދޭ ފޯމް ހުށަހަޅަންވާނެއެވެ.
27 ވަނަ މާއްދާ - ހައްޖާއި އުމްރާގެ ހާއްސަ ޗުއްޓީ
(ހ) ހައްޖަށް ނުވަތަ އުމްރާއަށް ދާން އެދޭ މުވައްޒަފުންނަށް، ހައްޖު ޗުއްޓީ ނުވަތަ އުމްރާ ޗުއްޓީ ދޭންވާނެއެވެ. މި ގޮތުން ޗުއްޓީ ދެވޭނީ، އެ މީހަކު މާލެއިން ފުރާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ. މި ޗުއްޓީ ދެވޭނީ، އަލަށް ފަރުޒު ހައްޖާއި އުމްރާވާ ފަރާތްތަކަށެވެ.
(ށ) ހައްޖު ޗުއްޓީ ނަގާ މުވައްޒަފުން ޗުއްޓީގެ މުއްދަތަށް ވުރެ ދުވަސް އިތުރުކުރުމަށް އެދޭ ނަމަ، އަހަރީ ޗުއްޓީގެ ތެރެއިން ހަމަޖައްސައިދެވޭނެއެވެ.
28 ވަނަ މާއްދާ - ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ
(ހ) މުވައްޒަފަކު، ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރެއްގެ އެ ފަދަ ލިޔުމެއް ހުށަހެޅުމުން، އެ މުވައްޒަފަށް، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެން، ވިހެއުމާ ގުޅިގެން 6 (ހައެއް) މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަޔާއެކު ދޭންވާނެއެވެ.
(ށ) މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި، އިނާޔަތްތަކާއި، މަގާމުގެ ކުރިއެރުން ލިބިދިނުން ފަދަ ހައްގުތައް ފުރިހަމަޔަށް ލިބެންވާނެއެވެ. ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ މިފަދަ އެއްވެސް ހައްގަކަށް އަދި ވަޒީފާގެ މުއްދަތު ގުނޭ ގުނުމަކަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެއެވެ.
(ނ) މުވައްޒަފު ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރިވާ ނަމަ ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރަކު، އެ ކަން ބަޔާންކޮށްފައި ދޫކުރާ އެ ފަދަ ލިޔުމެއް ހުށަހެޅުމުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ 6 (ހައެއް) މަސްދުވަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭގޮތަށް އެ މުވައްޒަފަށް ދޭންވާނެއެވެ.
(ރ) ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށްފައި، މުވައްޒަފަކު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 1 (އެކެއް) އަހަރުވަންދެން، ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި، މުސާރައިން ނުކެނޑޭ ގޮތަށް، ކޮންމެ ދުވަހަކު ވެސް، ދަރިފުޅު ގާތަށް ދިއުމަށް އިތުރު ހުސްވަގުތުކޮޅެއް މަސައްކަތުގެ ވަގުތުގެ ތެރެއިން 2 (ދޭއް) ފަހަރު ދޭންވާނެއެވެ. މ ގޮތަށް ކޮންމެ ފަހަރަކު ވެސް ދޭންވާނީ 30 (ތިރީސް) މިނިޓެވެ. 30 (ތިރީސް) މިނިޓުގެ މި ދެ ހުސްވަގުތުކޮޅު، މުވައްޒަފަކު ބޭނުން ނަމަ އެއްފަހަރާ ވެސް ނެގިދާނެއެވެ. ދަރިފުޅަށް 2 (ދޭއް) އަހަރު ވަންދެން، އެ މުވައްޒަފެއްގެ ހުސްވަގުތުގެ ބަދަލުގައި އޮފީހުގެ ރަސްމީ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން އޮފީހުން ދެވިދާނެއެވެ.
29 ވަނަ މާއްދާ - އަނބިމީހާ ވިހެއުމުން ދޭ ޗުއްޓީ
(ހ) ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ހިމަނައިގެން މުސާރަ ލިބޭގޮތަށް 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.
(ށ) ފިރިހެން މުވައްޒަފަކަށް، ދަރިޔަކު ލިބޭ ދުވަހުން ފެށިގެން، މި މާއްދާގެ (ލ) ގައިވާ ޗުއްޓީ ހަމަވުމަށް ފަހު، ދަރިފުޅަށް 7 (ހަތެއް) މަސްދުވަސް ފުރުމާ ދެމެދު، 25 (ފަންސަވީސް) ދުވަހުގެ ޗުއްޓީއެއް، މުސާރަ ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ދޭންވާނެއެވެ. މި ޗުއްޓީ ދޭންވާނީ، އެކީ އެއްފަހަރާއެވެ.
30 ވަނަ މާއްދާ - އެއްދުވަހުގެ ހާއްސަ ޗުއްޓީ
(ހ) މި ޗުއްޓީގެ މަގުސަދަކީ، އޮފީހުގެ މުވައްޒަފުންގެ މަސައްކަތް ހަލުވިކޮށް، ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތް ނިންމުމަށް ބާރުއެޅުމާއެކު، މުވައްޒަފުން އޮފީހުގެ މަސައްކަތަށް ދޭ ސަމާލުކަމާއި ށައުގުވެރިކަން އިތުރުކުރުމާއި، ސަލާމާއި އާއިލީ ހިތްވަރު ޒިންމާގެ ޗުއްޓީ ޒިންމާދާރު ގޮތުގައި ބޭނުންކުރުމަށް ހިތްވަރުދިނުމެވެ.
(ށ) މި ޗުއްޓީ ލިބޭނީ، ތިރިވިއިގެން 30 (ތިރީސް) ދުވަހު، ހާޒިރުވާންޖެހޭ ހުރިހާ ދުވަހެއްގައި އޮފީހަށް ހާޒިރުވުމުންނެވެ.
(ނ) މި ޗުއްޓީއަށް ހުށަހެޅުމުން ޗުއްޓި ހަމަޖައްސައިދޭނީ، އޮފީހުގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް، މުވައްޒަފުގެ ސުޕަވައިޒަރުގެ މަށްވަރާއާއެކު ސެކްރެޓަރީ ޖެނެރަލްއެވެ.
(ރ) މި ޗުއްޓީއަށް ށަރުތު ހަމަވާ ކޮންމެ މުވައްޒަފަކަށް، ޖެހިގެން އަންނަ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޗުއްޓީއަށް ހުށަހެޅޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޗުއްޓީގެ ބޭނުން ކުރަން ވާނެއެވެ. އެ މުއްދަތުގައި ޗުއްޓީގެ ބޭނުން ނުކޮށްފިނަމަ، އެ ޗުއްޓީ ބާތިލުވާނެއެވެ.
(ވ) މި ޗުއްޓީ، ހަފުތާގެ ކޮންމެ ދުވަހަކު ވެސް ނެގިދާނެއެވެ. ނަމަވެސް، ޗުއްޓީ ބޭނުންވާ ދުވަސް ފެށުމުގެ މަސައްކަތު 2 (ދޭއް) ދުވަހުގެ ކުރިން، ޗުއްޓީ ފޯމު ހުށަހަޅައި، ޗުއްޓީ ހަމަޖައްސަން ވާނެއެވެ.
ބާބު 7
މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމާއި ތަމްރީނު ކުރުން
31 ވަނަ މާއްދާ - މުވައްޒަފުންނަށް ތަމްރީނު ދިނުން
(ހ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ބޭނުންކޮށްގެން އޮފީހުގެ މަގުސަދުތައް ހާސިލުވާގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ކުރިޔަށް ދޭތޯ ބެލުމުގެ އިތުރުން، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބާރުއަޅައި، އެ މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އޮފީހުން ތަމްރީނު ދޭންވާނެއެވެ.
(ށ) އޮފީހުގެ މުވައްޒަފުންގެ މަސައްކަތާ ގުޅޭ ގޮތުން މުވައްޒަފުންނަށް ބޭނުންވާކަމަށް އޮފީހަށް ފެންނަ ތަމްރީނުތައް ދީގެންނާއި، އެހެނިހެން ގޮތްގޮތުން، މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރަންވާނެއެވެ. ތަމްރީން ދިނުމުގެ ގޮތްތަކުގެ ތެރެއިން އެ ފަހަރަކު ބޭނުންކުރާނެ ގޮތެއް ކަނޑައަޅާނީ، ތަމްރީނު ދޭންޖެހިފައިވާ މުވައްޒަފުންނާއި، ބޭނުންވާ ތަމްރީނުގެ ބާވަތަށާއި، އެކަމަށް ކުރަންޖެހޭ ހަރަދަށް ބަލައި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ލަފާގެ މަތީން، ކޮމިށަނަރެވެ.
(ނ) ދުރާލައި ރާވައިގެން، މުވައްޒަފުންނަށް އަންގައިގެން، މުވައްޒަފުންނަށް، - ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވާންޖެހޭ ކޮންމެ މުވައްޒަފަކު، ވެސް، އެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެއެވެ. މަގުބޫލު އުޒުރެއް ނެތި އެ ފަދަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރި ނުވެއްޖެ ނަމަ، އިދާރީ ފިޔަވަޅު އަޅައި، އެކަން ލިޔުމުން ރެކޯޑުކުރާންވާނެއެވެ.
(ރ) ދިގު މުއްދަތަށާއި ކުރު މުއްދަތުގެ ކޯސްތަކަށް ފޮނުވާނެ މުވައްޒަފުން ކަނޑައަޅަންވާނީ، އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ފެންނާނޭހެން އިއުލާނުކޮށްގެންނެވެ. މިގޮތަށް އިއުލާނުކޮށްގެން ކެންޑިޑޭޓުން ހޮވުމުގައި، ށަރުތު ހަމަވާ އަދި އެކަމަށް އެންމެ އައުލާ މުވައްޒަފުންގެ ތެރެއިން އިސްކަންދޭންވާނީ، އޮފީހުގައި 1 (އެކެއް) އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކޮށްފައިވާ މުވައްޒަފުންނަށެވެ.
(ބ) ބޭނުންވާ ތަމްރީނަކީ ރާއްޖެއިން ދެވެންހުރި ދާއިރާއެއްގެ ތަމްރީނެއް ނަމަ، އެ ތަމްރީނުގައި ބައިވެރިކުރާނީ، ރާއްޖޭގައި ތަމްރީނުދޭ ކޯހުގައެވެ. ރާއްޖެއިން ބޭރަށް ތަމްރީން ދިނުމަށް ޓަކައި ފޮނުވަން ޖެހިއްޖެ ނަމަ، އެފަދަ ނިންމުމެއް ނިންމާނީ، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ލަފާގެ މަތީން، ކޮމިށަނަރެވެ.
(ޅ) ކުރު މުއްދަތުގެ ކޯސްތަކާއި، ޓްރެއިނިންގއާއި، ސެމިނާރާއި، ވާރކްށޮޕާއި، ސްޓަޑީ ޒިޔާރަތް ފަދަ ކަންކަމަށް މީހުން ފޮނުވާނީ، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީގެ ލަފާގެ މަތީން، ކޮމިށަނަރެވެ. މިފަދަ ތަމްރީންތަކަށް މުވައްޒަފުން ފޮނުވުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އެކުލަވައިލައިފައި އޮންނަ މިންގަނޑުތަކަށް ބަލަންވާނެއެވެ.
- އޮފީހުގެ މަސައްކަތް ކުރިއަރުވައި ތަރައްގީ ކުރުމަށް ޓަކައި އޮފީހަށް ބޭނުންވާ ތަމްރީނެއްކަމުގައި ވުން؛
- ތަމްރީނުކުރަން ފޮނުވާ މީހަކީ، އެ ތަމްރީނެއް ފުރިހަމަކުރުމަށް ބޭނުންވާ ފެންވަރުހުރި، އޭނާގެ މަސައްކަތު ދާއިރާއާ ގުޅޭ އަދި އެކަމަށް ށައުގުވެރިކަންހުރި މީހެއް ކަމުގައި ވުން؛
- އެ ތަމްރީނެއް އޮންނަ ދުވަސްވަރާ ފުށުއަރާ ގޮތަށް އެހެން ކަމެއްގެ ތަމްރީނަކަށް ފޮނުވަން ހަމަޖެހިފައިވާ މީހެއް ކަމުގައި ނުވުން؛
-
ވަޒީފާ އަދާކުރުމުގައި، ރަނގަޅު ރިކޯޑެއް އޮތުން؛
-
ކޯހަކީ ނުވަތަ ފުރިހަމަކުރާ ތަމްރީނަކީ އެ މުވައްޒަފަކު އޮފީހުގައި އަދާކުރާ ވަޒީފާއާ ގުޅޭ ކޯހަކަށް ނުވަތަ ތަމްރީނަކަށް ވުން.
(ކ) އޮފީހުން ހަރަދެއް ކުރާ ގޮތަށް ނުވަތަ އޮފީހަށް ލިބޭ ފުރުސަތެއްގައި މުވައްޒަފުން ތަމްރީނުކުރަން ފޮނުވަންވާނީ، ތަމްރީން ލިބިގެން އައުމަށްފަހު އޮފީހަށް ހިދުމަތްކުރުމުގެ އިގުރާރެއްގައި ސޮއިކުރުމުންނެވެ.
(އ) 3 (ތިނެއް) މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ކޯހަކަށް، މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވާ ނަމަ، އެ މީހަކު ފޮނުވާނީ، ވަޒީފާއިން ވަކިނުކޮށެވެ. އެ ދުވަސްތަކަށް، ގަވާއިދުން އުޖޫރަ ލިބޭނެއެވެ.
(ވ) 3 (ތިނެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އޮފީހުގެ ދާއިމީ މުވައްޒަފަކު ތަމްރީނަކަށް ފޮނުވާއިރު ނުވަތަ މުވައްޒަފަކު އަމިއްލަޔަށް ހޯދައިގެން ތަމްރީނެއް ހަދަމުންދާ އިރު، އަސާސީ މުސާރައާ އެއްވަރުގެ ފައިސާގެ އެހީއެއް ލިބޭ ގޮތަށް ހަމަޖައްސައިދިނުމަށް އެ މުވައްޒަފަކު އެދިއްޖެ ނަމަ، ކޮމިށަނަރު ހަމަޖައްސާ ގޮތެއްގެ މަތީން އެ މުވައްޒަފަކަށް އެފަދަ އިނާޔަތެއް އޮފީހުން ދެވިދާނެއެވެ.
(މ) އޮފީހުގެ ފަރާތުން ނުވަތަ އޮފީހުގެ ފައިސާގެ އެހީ ލިބޭގޮތަށް ދިގު މުއްދަތުގެ ތަމްރީންތަކުގައި ބައިވެރިވާ މުވައްޒަފުން، އެ މުވައްޒަފު ބައިވެރިވި ތަމްރީން ފުރިހަމަކޮށް ނިންމަންވާނެއެވެ. އަދި ތަމްރީން ނިމުމުން، އެ ތަމްރީނަކީ ރާއްޖޭގައި ހުރެގެން ހަދައިފައިވާ ތަމްރީނެއް ނަމަ، ތަމްރީން ނިމޭތާ، ސަރުކާރު ބަންދު ދުވަސްތައް ނުލައި 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އަދި ތަމްރީނަކީ ރާއްޖެއިން ބޭރުން ހަދައިފައިވާ ތަމްރީނެއް ނަމަ، ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޮފީހަށް އަންގަންވާނެއެވެ.
(ފ) ތަމްރީން ނިމިގެން އޮފީހަށް ނުކުންނައިރު، ތަމްރީނުގެ ސެޓްފިކެޓް އޮފީހަށް ހުށަހަޅަންވާނެއެވެ. ނަމަވެސް، ތަމްރީނުގެ ސެޓްފިކެޓު ލިބުން ލަސްވާ ނަމަ، ކިޔެވި މަރުކަޒުން ތަމްރީން ފުރިހަމަކޮށްފައިވާކަމުގެ ލިއުމެއް، ލަސްނުކޮށް އޮފީހަށް ހުށަހަޅަންވާނެއެވެ.
(ދ) އޮފީހުގެ ފަރާތުން ނުވަތަ އޮފީހުގެ ފައިސާގެ އެހީ (މުސާރަ ނުވަތަ އެލަވަންސް) ލިބިގެން ދިގު މުއްދަތުގެ ތަމްރީނުތަކުގައްޔާއި ކުރު މުއްދަތުގެ ތަމްރީނުތަކުގައި ބައިވެރިވެ، ތަމްރީނުވާ މުވައްޒަފަކު، މަގުބޫލު އުޒުރެއް ނެތި ތަމްރީން ފުރިހަމަ ނުކޮށް އަތުވެއްޖެ ނަމަ، ނުވަތަ ތަމްރީނުން ފާސް ނުވެއްޖެ ނަމަ، އެ ތަމްރީނެއް ހެދުމަށް އެ މީހަކަށް އޮފީހުން ކުރި ހަރަދު އަނބުރާ ދޭންވާނެއެވެ. އަދި މި ގޮތަށް މި ހަރަދު، އޮފީހާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ނުދެއްކިއްޖެ ނަމަ ސަރިޔަތަށް މައްސަލަ ފޮނުވައިގެން މި ފައިސާ ހޯދުމަށް ދައުވާ ކުރުމުގެ ބާރު އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
32 ވަނަ މާއްދާ - ކޯސް ފުރިހަމަކުރުމާ ގުޅިގެން އޮފީހަށް ހިދުމަތްކުރުން
(ހ) އޮފީހުގެ ހަރަދުގައި، ތަމްރީންތައް ފުރިހަމަކުރުމަށް ފަހު އެ މުވައްޒަފަކަށް، ކިޔަވައިދެވުނު، ނުވަތަ ތަމްރީން ދެވުނު، މުއްދަތަކާ ގުޅޭ ގޮތުން އޮފީހަށް ހިދުމަތްކުރުމަށް އިގުރާރުވާންވާނެއެވެ.
(ށ) އޮފީހަށް ހިދުމަތް ކުރަން ޖެހިފައިވާ މުއްދަތު ހަމަނުވެ އޮއްވައި، ކޯހެއްގައި ބައިވެރިވެގެން ނުވަތަ އެ ނޫން ވެސް ގޮތަކުން އޮފީހަށް ހިދުމަތްކުރަންޖެހޭ މުއްދަތަށް ބަދަލެއް އަންނަ ގޮތް ދިމާވެއްޖެ ނަމަ، އެ މީހަކު ހިދުމަތްކުރަންވާނީ، ކުރިން ހިދުމަތްކުރަން ޖެހިފައިވާ މުއްދަތުން ބާކީ އޮތް ދުވަހަށް ބަލައި، މި ދެ ބައިގެ ތެރެއިން ބޮޑު ބަޔަކަށެވެ.
33 ވަނަ މާއްދާ - ތަމްރީނުދޭ މީހުންގެ މައުލޫމާތު ބެލެހެއްޓުން
(ހ) އޮފީހުގެ ފަރާތުން، ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ކޮންމެ މުވައްޒަފެއްގެ މައުލޫމާތު، އޮފީހުގެ މައުލޫމާތު އިދާރާގެ އެ ކަމާ ބެހޭ ބައިން ބަލަހައްޓަންވާނެއެވެ.
(ށ) ކޮންމެ ސެމެސްޓާއެއް ނުވަތަ ޓާމެއް ނިމުމުން، އެ ސެމެސްޓާއެއް ނުވަތަ އެ ޓާމެއްގެ ނަތީޖާ އޮފީހަށް ފޮނުވަންވާނެއެވެ. ކޯހުގެ މުއްދަތަށް، ނުވަތަ ކިޔަވާ ނުވަތަ ތަމްރީން ހޯދާ ދާއިރާއަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ބަދަލެއް ގެންނަންވާނީ، އޮފީހަށް ލިޔުމަކުން ހުއްދަ ލިބިގެންނެވެ.
ބާބު 8
ރިކޯޑުތައް ބެލެހެއްޓުން
34 ވަނަ މާއްދާ - ރަޖިސްޓަރީ ބެލެހެއްޓުން
(ހ) މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީގައި، ހިމަނައި ބަލަހައްޓާނީ، އޮފީހުގެ މަގާމުތަކުގައި، އެ ވަގުތަކު ތިބި މުވައްޒަފުންނާއި، ކުރިން އުޅެފައިވާ މުވައްޒަފުންގެ މައުލޫމާތެވެ.
(ށ) ދާއިމީ މުވައްޒަފުންގެ ރަޖިސްޓަރީގައި އަންނަނިވި މައުލޫމާތު ހުންނަންވާނެއެވެ.
- ލަގަބު؛
- މަގާމުގެ ނަން؛
- މުވައްޒަފުގެ ނަމާއި ދާއިމީ، އެޑްރެސް (ވަގުތީ) އެޑްރެހެއްގައި، އުޅޭ ނަމަ އެ އެ އެޑްރެސްއެކު)
- މުވައްޒަފުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
- މުވައްޒަފުންގެ ހިދުމަތުގެ ރިކޯޑު ކާޑު ނަންބަރ؛
- މަގާމު ހަމަޖެހިފައިވާ ސެކްށަން؛
- މަގާމުގެ މުސާރަ؛
- މަގާމުގެ ކްލެސިފިކޭށަން؛
- މަގާމުގެ ދަރަޖަ؛
- ހިދުމަތުގެ ގިންތި؛
- މުސާރައިގެ އިތުރު އިނާޔަތްތައް؛
- ހިދުމަތްކުރާން ފެށި ތާރީހު؛
- މުވައްޒަފަށް ވަޒީފާ ދިން ނުވަތަ ވަޒީފާ ބަދަލުކުރި ނުވަތަ ވަޒީފާއިން ވަކިކުރި ތާރީހާއި ޗިޓު ނަންބަރ.
(ނ) އޮފީހުގެ މުވައްޒަފަކު ވަކިވުމުން ނުވަތަ ވަކިކުރުމުން، ނުވަތަ ބަދަލުވުމުން، ވަކިވި، ނުވަތަ ވަކިކުރި، ނުވަތަ ބަދަލުވި ސަބަބު، ތާރީހާއެކު ރަޖިސްޓަރީން އެނގެން އޮންނަންވާނެއެވެ.
35 ވަނަ މާއްދާ - ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ
(ހ) އޮފީހުގައި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއެއް އޮންނަންވާނެއެވެ.
(ށ) ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީގައި، އަންނަނިވި މައުލޫމާތުތައް ހުންނަންވާނެއެވެ.
- ނަމާއި އެޑްރެސް؛
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
- އުފަން ތާރީހު؛
- މަގާމު އޮތް ސެކްށަން؛
- މަގާމުގެ ނަން؛
- މަގާމުގެ ނަންބަރު؛
- މަގާމުގެ ދަރަޖަ؛
- މަގާމުގެ ގިންތި؛
- މަގާމުގެ މުސާރަ؛
- މަގާމަށް ކަނޑައެޅިފައިވާ އެހެން އިނާޔަތްތައް؛
- ގެންގުޅެން ފެށި ތާރީހު؛
- ދޫކޮށްލި ތާރީހު؛
- ދޫކޮށްލި ސަބަބު.
36 ވަނަ މާއްދާ - މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން
(ހ) އޮފީހުގެ ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންކުރެ ކޮންމެ މުވައްޒަފަކަށް، ތިރީގައިވާ ގޮތުގެ މަތިން މައުލޫމާތު ފައިލެއް ތައްޔާރުކޮށް ބަލަހައްޓަމުން ގެންދަން ވާނެއެވެ.
- ވަޒީފާ ލިބިގެން މުވައްޒަފު އޮފީހަށް ނުކުތުމާއެކު، އޮފީހުން އެ މުވައްޒަފުގެ މައުލޫމާތު ފައިލު ހަދައި، އެ ފައިލަށް ނަންބަރެއް ދޭންވާނެއެވެ.
- މުވައްޒަފުގެ ފައިލަށް ނަންބަރު ދޭނީ، އެ މުވައްޒަފަކަށް ދީފައި އޮންނަ ހިދުމަތުގެ ރިކޯޑު ކާޑު ނަންބަރެވެ. އަދި ފައިލު ހެދުމަށްފަހު، އެ މުވައްޒަފަކާ ބެހޭ ގޮތުން ލިޔާ ލިޔުންތަކުގައި މި ނަންބަރު ޖަހަމުން ގެންދަންވާނެއެވެ.
- ވަގުތީ ގޮތުން ނުވަތަ ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުންގެ ވެސް، އެ މީހެއްގެ މައުލޫމާތުގެ ފައިލު ހަދައި، ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ށ) މުވައްޒަފުންގެ މައުލޫމާތު ފައިލުގައި، އެންމެ މަދުވެގެން ވެސް، ތިރީގައިވާ ލިޔުންތައް ހުންނަންވާނެއެވެ.
- ވަޒީފާއަށް އެދި ފުރި ފޯމު ނުވަތަ ފޮނުވި ސިޓީ؛
- ފޯމާ ނުވަތަ ސިޓީއާ ހުށަހަޅައިފައިވާ ލިޔެކިޔުންތައް ލިސްޓު؛
- ލިބިފައިވާ ފަތްތަކާއި، ސަނަދުތަކާއި ލިޔުންތަކުގެ އަސްލާ އެއްގޮތްކަން ބަޔާންކޮށްފައިވާ ހެކިބަސްދިން ކޮޕީ؛
- ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދީފައިވާ ލިޔުން ނުވަތަ ލިޔުންތައް ހިމެނޭ ނަމަ، ލިޔެކިޔެ ލިޔުންތަކުގެ ކޮޕީ، ނުވަތަ، ލިޔެ ލިޔުންތަކުގެ ކޮޕީ؛
- ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރިކޯޑު ބަލާ ފޯމު؛
- ވަޒީފާ ދިން ޗިޓ ނުވަތަ ކޮޕީ؛
- ވަޒީފާ ގެ އެއްބަސްވުން ހުށަހެޅިފައިވާ ނަމަ، އެ އެއްބަސްވުމެއްގެ އަސްލު؛
- ވަޒީފާ ދިނުމުން، ބަދަލުކުރުމުން، ވަކިކުރުމުން، އެކަނ މުވައްޒަފަށް އެންގި ލިޔުމުގެ ކޮޕީ؛
- ވަޒީފާ ބަޔާނުގެ ކޮޕީ؛
- މުވައްޒަފާ ގުޅޭ ގޮތުން ބަދަލުކުރެވޭ ލިޔުންތަކުގެ ކޮޕީ؛
- ސަލާމް ސިޓީއާއި، ޗުއްޓީއަށް އެދި ފޮނުވާ ސިޓީއާއި، ޑޮކްޓަރު ސެޓުފިކެޓު؛
- ޗުއްޓީދޭ ލިޔުން ނުވަތަ ލިޔުމުގެ ކޮޕީ؛
- ވަޒީފާގައި ގެންގުޅެން ފެށުމަށް ފަހު ތަމްރީނު ކޯހެއް ފުރިހަމަކޮށްފައިވާ ނަމަ، ފުރިހަމަކުރި ކޯހާބެހޭ މައުލޫމާތާއި ލިބިފައިވާ ސެޓުފިކެޓުތަކުގެ ކޮޕީތައް؛
- އިސްލާހީ ފިޔަވަޅުގެ ރިކޯޓު؛
- ވަޒީފާ ލިބުމަށްފަހު ގާނޫނީގޮތުން، ބަންދެއްވެ، ށަރިޔަތުން އަދަބެއް ލިބިފައިވާ ނަމަ، އެކަމުގެ ރިކޯޑު؛
- އެހެން އޮފީހަކުން ހިންގާ ކަމެއްގައި ނުވަތަ ގައުމީ ފެންވަރުގައި ހިންގާ ކަމެއްގައި ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި ހިންގާ ކަމެއްގައި، އޮފީސް ތަމްސީލު ކުރުމަށް ފޮނުވިފައިވާ ނަމަ، އެކަމުގެ، މައުލޫމާތު؛
- ވަގުތީގޮތުން ހާއްސަ އެކިއެކި، މަސައްކަތް ހަވާލުކޮށްފައިވާ ނަމަ، އެކަމުގެ މައުލޫމާތު؛
- ވަޒީފާ ބަދަލުކުރި ޗިޓު ނުވަތަ އޭގެ ކޮޕީ؛
- މަސައްކަތުގެ ފެންވަރު ބެލި ފޯމު؛
- މުސާރައިގެ ކުރިއެރުން ހަމަޖެއްސި ޗިޓު ނުވަތަ އޭގެ ކޮޕީ؛
- ވަޒީފާއިން ވަކިކުރި ޗިޓު ނުވަތަ އޭގެ ކޮޕީ؛
- ވަޒީފާ އަދާކުރިގޮތުގެ ލިޔުމުގެ ކޮޕީ؛
- އެއްވެސް އެންގުމެއް އެންގިފައިވާ ނަމަ، އެ އެންގުމެއްގެ އަސްލު ނުވަތަ ކޮޕީ؛
- އެއްވެސް ބަޔާނެއް ނެގިފައިވާ ނަމަ، އެ ބަޔާނެއް ނުވަތަ އޭގެ ކޮޕީ؛
(ނ) އޮފީސް މެދުވެރިވެގެން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ކޮންމެ މީހަކާ ބެހޭގޮތުން، ތިރީގައިވާ މައުލޫމާތު، އެ މީހެއްގެ ފައިލުގައި ފައިލު ކުރަމުން ގެންދަންވާނެއެވެ.
- ހިދުމަތް ކުރަން ޖެހޭ މުއްދަތުގެ ރިކޯޑު؛
- އޮފީސް މެދުވެރިވެގެން ސްކޮލަރށިޕަށް ދިއުމަށް އެދޭ މީހުން ފުރާ އެޕްލިކޭށަން ފޯމު؛
- ކޯސް ލިބިފައިވާ މުވައްޒަފާ އޮފީހާ ދެމެދު ވެވޭ އެއްބަސްވުން؛
- ސެޓްފިކެޓް ފުރިހަމަކުރުމުން ލިބޭ ބޭ ސެޓުފިކެޓުގެ ކޮޕީ
- ކޯހުން ހާއްސަ ވަނައެއް ހޯދުމާ ގުޅިގެން ލިޔުމެއް ލިބިފައިވާނަމަ، އެ ލިޔުމުގެ ކޮޕީ
(ރ) ވަޒީފާ ލިބޭ މީހުންގެ މައުލޫމާތު ފައިލުތަކުގައި، އެ މުވައްޒަފަކާ ބެހޭގޮތުން ފައިލުކުރަންޖެހޭ ހުރިހާ ލިޔުންތަކެއް ހަމަޔަށް ފައިލު ކުރަމުން ގެންދަންވާނެއެވެ. މި ގޮތުން ފައިލުކުރާ ލިޔުންތަކުގައި، އެ ލިޔުންތަކުގެ ތާރީހު ތަރުތީބުން ނަންބަރު ޖަހަންވާނެއެވެ.
(ބ) މުވައްޒަފުންގެ މައުލޫމާތު ފައިލުތައް އިދާރީ ޔުނިޓާ ހަވާލުކޮށް، ރައްކައްތެރިގޮތެއްގައި ބަލަހައްޓަންވާނެއެވެ.
(ޅ) އޮފީހުގެ މުވައްޒަފުންގެ މައުލޫމާތު ފައިލުގައިވާ ލިޔުންތަކަކީ ސިއްރު ލިޔުންތަކެކެވެ. މަސައްކަތާ ގުޅޭ ގޮތުން ކޮންމެހެން ބަލަންޖެހޭ މުވައްޒަފަކު ފިޔަވައި އެހެން މުވައްޒަފުން އެ ފައިލުގައިވާ ލިޔުންތައް ބަލައިހަދައިގެން ނުވާނެއެވެ.
(ކ) މުވައްޒަފަކު އެ މުވައްޒަފެއްގެ ޕާސަނަލް ފައިލުގައިވާ އެއްވެސް ލިޔުމެއް ބަލަން ބޭނުންވެއްޖެ ނަމަ، ޕާސަނަލް ފައިލު ބަލަހައްޓާ މުވައްޒަފުގެ ބެލުމުގެ ދަށުން، އެ ފައިލުގައިވާ ލިޔެކިޔުންތައް ބެލުމުގެ ފުރުސަތު ދޭންވާނެއެވެ.
37 ވަނަ މާއްދާ - މުވައްޒަފުންގެ މައުލޫމާތުތަކަށް ބަދަލުގެނައުން
(ހ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން، އެ މުވައްޒަފަކު، އެ ބަދަލެއް ގެންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު އޮފީހަށް ހުށަހަޅަންވާނެއެވެ.
(ށ) މުވައްޒަފެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތު ބަދަލުވުމަށްފަހު ހުށަހެޅުމުން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ މުވައްޒަފެއްގެ ވަޒީފާއާބެހޭ ހުރިހާ ލިޔެކިޔުންތައް އިސްލާހު ކުރަންވާނެއެވެ.
(ނ) މުވައްޒަފު ދިރިއުޅޭ އެޑްރެހަށް، އަދި އިމަޖެންސީ ހާލަތުގައި ގުޅާނެ ފަރާތުގެ މައުލޫމާތު ބަދަލުވެއްޖެ ނަމަ، ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އޮފީހަށް އެކަން އަންގަންވާނެއެވެ.
ބާބު 9
ފައިސާއާއި މުދަލާބެހޭ ބައި
38 ވަނަ މާއްދާ - ހަރަދުކުރުމާއި މާލި
(ހ) ދައުލަތުގެ ބަޖެޓުން އޮފީހަށް ލިބޭ ފައިސާއާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި އޭގެ ހިސާބުތައް ހިސާބުތައް، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ގާނޫނު) އާއި އެ ގާނޫނުގެ ބެލެހެއްޓުން ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަހައްޓަންވާނެއެވެ.
(ށ) އޮފީހުގެ ފައިސާއާއި ތަކެތި، ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފުން، އެ ތަކެތި ބަލަހައްޓަންވާނީ، ރައްކައްތެރިކަމާއި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، މި މާއްދާގެ (ހ) ގައި ހަވާލާދީފައިވާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ (ނ) ދައުލަތުގެ ބަޖެޓުން އެ އަހަރަކު އޮފީހަށް ދޫކުރާ ފައިސާ ހަރަދު ކުރަންވާނީ އޮފީހުގެ ބަޖެޓުގައި ހިމަނައިފައިވާ ކަންކަމަށް، ކޮމިށަނަރު ކަނޑައަޅާ ސިއާސަތުތަކާއި ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ރ) ހިނގަމުންދާ އަހަރުގެ ބަޖެޓުގައި ހިމަނައިފައިނުވާ ކަމަކަށް ނުވަތަ ފަހުން ތައާރަފު ކުރެވޭ ކަމަކަށް ހަރަދުކުރަން ޖެހިއްޖެ ނަމަ އެ ކަމަށް ގޮތެއް ކަނޑައަޅާނީ، ދައުލަތުގެ މާލީކަންކަމާބެހޭ ވުޒާރާއާ މަށްވަރާ ކުރުމަށް ފަހު ކޮމިށަނަރެވެ.
(ބ) އޮފީހަށް ހޯދޭ ތަކެތީގެ އިންވެންޓްރީ ނަގައި ސްޓޮކް ބަލަހައްޓަންވާނެއެވެ. އިންވެންޓްރީގައި ހިމެނިފައިވާ އޮފީހުގެ މުދަލުގެ ގޮތުގައި ހިމެނޭ އެއްޗެއް އިންވެންޓްރީން އުނިކުރަންވާނީ، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ) މާލިއްޔަތު ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ) މާލިއްޔަތު ގަވާއިދު) ގައިވާ ގޮތުގެ މަތިންނެވެ.
(ޅ) ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއް ނިންމާނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ) މާލިއްޔަތު ގާނޫނު) އާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ) މާލިއްޔަތު ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތިން، އިންފޮމޭށަން ކޮމިށަނަރެވެ.
39 ވަނަ މާއްދާ - ބަޖެޓު އެކުލަވައިލުން
(ހ) ބަޖެޓު އެކުލަވައިފައި ތައްޔާރު. ކުރަންވާނީ، ހާސިލު ކުރަންޖެހޭ ލަނޑުދަނޑިތަކަށް، އަމާޒުކޮށް، ހިންގަން ކަނޑައަޅައިފައިވާ ކަންތައްތަކަށް ބިނާކޮށެވެ.
(ށ) ކޮންމެ އަހަރަކު ވެސް އޮފީހަށް ދައުލަތުން ދޫކުރާ ބަޖެޓު ހަރަދުކުރާނެ ގޮތުގެ ޕްލޭނެއް، ބަޖެޓު ސެކްށަނުން އެކުލަވައިލާންވާނެއެވެ.
ބާބު 10
އިސްލާހީ ފިޔަވަޅު އެޅުމާއި، ކުށުގެ ދަރަޖަ
40 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އެޅުން
(ހ) ތިރީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ އެނޫން ވެސް އެފަދަ ކަމެއް މުވައްޒަފެއްގެ ފުށުން ފެނިއްޖެ ނަމަ، އެ މުވައްޒަފަކު އިސްލާހު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅަންވާނެއެވެ.
- މަސައްކަތަށް ފަރުވާ ކުޑަކުރުން؛
- ހާޒިރީއަށް ފަރުވާ ކުޑަކުރުން؛
- ވަޒީފާގެ ގާބިލުކަން ނެތުން؛
- ވަޒީފާ އަދާކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތަކާ ހިލާފުވުމާއެކު މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އުސޫލުތަކަށް ހުރުމަތްތެރިކޮށް ނުހިތުން؛
- މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާ ފަދަ އަމަލެއް ކުރުން؛
- އޮފީހުގެ ނިންމުންތަކަށް އިހްތިރާމް ނުކުރުން؛
- އޮފީހުގެ ގަވާއިދަށް އަމަލު ނުކުރުމާއި އެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުން؛
- އިސްލާހީ ފިޔަވަޅު އެޅުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ މި ނޫން ވެސް ކަމެއް ކުރުން
(ށ) ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކު ކުރާ ކަމަކާ ގުޅިގެން އެ މުވައްޒަފަކު އިސްލާހުކުރުމަށް ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ، އިސްލާހީ ފިޔަވަޅު އަޅާނީ، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، ތިރީގައިވާ ގޮތުގެ މަތީންނެވެ.
- އަނގަބަހުން ނަސޭހަތް ދިނުން: އަނގަބަހުން ނަސޭހަތް ދިނުމަކީ، އިސްލާހީ ފިޔަވަޅު އެޅުމަށް ކަނޑައަޅައިފައިވާ މުވައްޒަފަކު، މުވައްޒަފެއްގެ އިސްލާހީ ފިޔަވަޅާ ބެހޭގޮތުން، އެ މުވައްޒަފަކާ ވާހަކަދައްކައި، އެފަދައިން އަމަލުތައް ނުބެހެއްޓުމަށް ނަސޭހަތްތެރިވެ، އެކަން އެ މުވައްޒަފަކަށް އެންގުމެވެ. މުވައްޒަފުންނަށް އަނގަބަހުން ދެވޭ ނަސޭހަތް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަންވާނެއެވެ. އިސްލާހުވުމަށް އަނގަބަހުން ނަސޭހަތްތެރިވެވޭނީ، ގިނަވެގެން 2 (ދޭއް) ފަހަރުއެވެ. ދެވަނަ ފަހަރަށްފަހު ދެން ނަސޭހަތް ދޭންވާނީ ލިޔުމުންނެވެ.
- ލިޔުމުން ނަސޭހަތް ދިނުން: ލިޔުމުން ނަސޭހަތް ދިނުމަކީ، އިސްލާހީ ފިޔަވަޅު އެޅުމަށް ކަނޑައަޅައިފައިވާ މުވައްޒަފަކު، މުވައްޒަފެއްގެ އިސްލާހީ ފިޔަވަޅާ ބެހޭގޮތުން، މުވައްޒަފަކަށް ރަސްމީކޮށް ލިޔުމުން އެކަން އަންގައި، އެފަދައިން އަމަލުތައް ނުބެހެއްޓުމަށް ލިޔުމުން ނަސޭހަތްތެރިވުމެވެ. މުވައްޒަފުންނަށް ލިޔުމުން ދެވޭ ނަސޭހަތް ރައްކައުތެރިކަމާއެކު ފައިލުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަންވާނެއެވެ. މުވައްޒަފަކަށް ލިޔުމުން ނަސޭހަތްތެރިވެވޭނީ، ގިނަވެގެން 2 (ދޭއް) ފަހަރުއެވެ. މިގޮތަށް ދޭ ނަސޭހަތެއް ދޭ ތާރީހުން ފެށިގެން 2 އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް އޭނާ ނުކުރާކަމުގައިވާ ނަމަ، 2 (ދޭއް) ފަހަރު އަލުން ނަސޭހަތް ދެވިދާނެއެވެ. މިސާލަކަށް، 2013 މޭ 15 ގައި ދީފައިވާ ނަސޭހަތަށް ރިއާޔަތްކޮށް އެއަށްވުރެ މަތީ ފިޔަވަޅެއް އަޅާނީ، އެ ފިޔަވަޅު އެޅިތާ 2 (ދޭއް) އަހަރު ފުރިހަމަ ނުވާ ކަމުގައިވާ ނަމައެވެ. ލިޔުމުން 2 (ދޭއް) ފަހަރު ނަސޭހަތް ދިނުމަށްފަހު އިސްލާހު ނުވި ނަމަ، އެފަދަ މުވައްޒަފަކަށް ދެން ދޭންވާނީ ލިޔުމުން ދޭ އިންޒާރެވެ. ލިޔުމުން ނަސޭހަތް ދެވިފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފެއްގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 2 (ދޭއް) އަހަރު ދުވަސް ވުމަށްފަހުގައެވެ.
- ލިޔުމުން އިންޒާރު ދިނުން: ލިޔުމުން އިންޒާރުދިނުމަކީ އިސްލާހީ ފިޔަވަޅު އެޅުމަށް، ކަނޑައަޅައިފައިވާ މުވައްޒަފަކު، ނަސޭހަތްތެރިވުމުން ވެސް އިސްލާހު ނުވި ނަމަ، ނުވަތަ އޭނާ ކުރި ކުށަކީ ކުށުގެ ދަރަޖަ 2 ގައި ނުވަތަ 3 ގައި ހިމެނޭ ކުށެއް ނަމަ، އެކަން ތަކުރާރު ނުކުރުމަށާއި، ތަކުރާރުކޮށްފި ނަމަ އަޅާނެ ފިޔަވަޅު ބަޔާންކޮށް ލިޔުމެއް ދިނުމެވެ. މި ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތް ބަދަލުކުރެވިދާނެކަން، ނުވަތަ ވަޒީފާގެ ގިންތި ދަށްކުރެވިދާނެކަން ނުވަތަ ވަޒީފާއިން ވަކިކުރެވިދާނެކަން ބަޔާންކުރެވިދާނެއެވެ. މުވައްޒަފުންނަށް ލިޔުމުން ދޭ އިންޒާރު ރައްކާތެރިކަމާއެކު ފައިލުކޮށް ބަލަހައްޓަން ވާނެއެވެ. އަދި އެ މައުލޫމާތު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. ލިޔުމުން އިންޒާރު ދެވޭނީ، 1 (އެކެއް) ފަހަރުއެވެ. މިގޮތަށް ދޭ އިންޒާރު ދޭ ތާރީހުން ފެށިގެން 3 އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކުރާކަމުގައިވާ ނަމަ، އެ އިންޒާރަށް އަމަލު ނުކުރާ ގޮތަށް ހަމަޖެއްސިދާނެއެވެ. ލިޔުމުން އިންޒާރު ދީފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފެއްގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 3 (ތިން) އަހަރުދުވަސް ވުމަށް ފަހުގައެވެ.
- ހަވާލުކޮށްފައިވާ މަސައްކަތް ބަދަލުކުރުން: ހަވާލުކޮށްފައިވާ މަސައްކަތް ބަދަލުކުރުމަކީ، މުވައްޒަފަކު ކުރި ކުށަކާ ގުޅިގެން، އެ މުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތުގެ ވާޖިބާއި މަސްއޫލިއްޔަތުގެ ތެރެއިން އެ ވަގުތަކަށް އެކަށީގެންވާ ކަންތައްތަކުން ވަގުތީ ގޮތުން ނުވަތަ ދާއިމީކޮށް ދުރުކޮށް، މުވައްޒަފުގެ މަސައްކަތާ ގުޅޭ ގޮތުން، އޮފީހުގެ މަސައްކަތުގެ ތެރެއިން، އެ ވަގުތަ އެކަށީގެންވާ އެހެން ކަންތައްތަކެއް ހަވާލުކުރުމެވެ. ދާއިމީކޮށް މަސައްކަތް ބަދަލުކުރެވޭނީ، ދާއިމީ ގޮތެއްގައި ހަވާލުކުރާނެ ޒިންމާތަކެއް އޮވެގެން ނުވަތަ އެހެން މުވައްޒަފެއްގެ މަސައްކަތެއް ކުރުމަށް ބަދަލުކުރުމުގެ ފުރުސަތު އޮވެގެންނެވެ. ދާއިމީ ގޮތެއްގައި، މަސައްކަތް ބަދަލުކުރެވެން ނެތް ނަމަ މަގާމު ދަށްކުރާނީއެވެ. ވަގުތީ ގޮތުން މުވައްޒަފުގެ މަސައްކަތް ބަދަލުކުރާ ނަމަ، އެ ފިޔަވަޅު އެޅުނު މުއްދަތު ހަމަވުމުން، ނުވަތަ އެ މުވައްޒަފުގެ އަމަލުތައް އިސްލާހުވުމުން، މުވައްޒަފު ކުރިން އަދާކުރަމުންދިޔަ މަސައްކަތާއި، މަސްއޫލިއްޔަތުތައް، ގިނަވެގެން 3 (ތިން) ދުވަހުގެ ތެރޭގައި ހަވާލުކުރަންވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅު، އަޅައިފައިވާ، މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ
މުސާރައިގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފެއްގެ އަމަލުތައް، އިސްލާހުވެ، ކުށެއް ނުކުރާތާ 3 (ތިނެއް) އަހަރުދުވަސް ވުމަށް ފަހުގައެވެ.
-
ވަޒީފާގެ މަގާމު ދަށްކުރުން: މިއީ ކުށުގެ ދަރަޖަ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން، އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ހުރި ފަންތީގެ މަގާމަށްވުރެ ދަށްފަންތީގެ މަގާމަކަށް ބަދަލުކުރުމަށް އަޅާ ފިޔަވަޅެކެވެ. މި ފިޔަވަޅު އޮފީހުގެ މުވައްޒަފަކާމެދު އަޅާނީ، އެ ފިޔަވަޅު އެޅުމަށް ކޮމިށަނަރަށް ނިންމައިގެންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅު އަޅައިފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފެއްގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 4 (ހަތަރެއް) އަހަރުދުވަސް ވުމަށް ފަހުގައެވެ. އަދި މަގާމުގެ ކުރިއެރުން ދެވޭނީ، އެ މުވައްޒަފު ދަށްކުރި މަގާމުން ފެށިގެން، މި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. މި ފިޔަވަޅު އެޅުމަށްފަހު އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގައި، އެ ލިޔުން އެ މުވައްޒަފުގެ ޕާރސަނަލް ފައިލުގައި ދާއިމީ ރިކޯޑެއްގެ ގޮތުގައި ފައިލުކޮށް ބަލަހައްޓަންވާނެއެވެ. މި ފިޔަވަޅު އެޅުމަށްފަހު ވެސް މުވައްޒަފު އިސްލާހުވެފައި ނުވާނަމަ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ.
-
ވަޒީފާއިން ވަކިކުރުން: މިއީ ކުށުގެ ދަރަޖަ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން، އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ކަމަކަށް ނުވާ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމެވެ. މި ފިޔަވަޅު އޮފީހުގެ މުވައްޒަފަކާމެދު އަޅާނީ، އެ ފިޔަވަޅު އެޅުމަށް ކޮމިށަނަރ ނިންމައިގެންނެވެ. މި ފިޔަވަޅު އެޅުމަށްފަހު، އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގައި، އެ ލިޔުން، އެ މުވައްޒަފުގެ ޕާރސަނަލް ފައިލުގައި ދާއިމީ ރިކޯޑެއްގެ ގޮތުގައި ފައިލުކޮށް ބަލަހައްޓަންވާނެއެވެ.
(ނ) މުވައްޒަފެއްގެ ފަރާތުން ފަރުވާކުޑަކުރުން ފަދަ ކަމެއް ފެނިގެން، ނަސޭހަތްދީ އިސްލާހީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ، އެ އިސްލާހީ ފިޔަވަޅު އަޅާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަން މެދުވެރިކޮށެވެ. މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅެއް އަޅަންޖެހިއްޖެ ހިނދެއްގައި ބޭނުންވާ މައުލޫމާތު، ސުޕަވައިޒަރު ނުވަތަ ސެކްށަނުގެ ވެރިޔާ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަންވާނެއެވެ. މުވައްޒަފަކާމެދު ފިޔަވަޅު އެޅިއްޖެ ނަމަ، އެ ފިޔަވަޅެއްގެ މައުލޫމާތު، މުވައްޒަފުގެ ޕާރސަނަލް ފައިލުގައި ބަހައްޓަން ވާނެއެވެ.
(ރ) ދައުލަތުގެ ފައިސާއަށާއި، ތަކެއްޗަށް، ހިޔާނާތްތެރިވުމާއި، ރިށްވަތު ހިފުމުގެ މައްސަލައެއް މުވައްޒަފެއްގެ ފަރާތުން ފެނިއްޖެ ނަމަ، އެކަން، ކަމާބެހޭ ފަރާތަށް ހުށަހަޅަންވާނެއެވެ.
(ބ) ށަރުއީ ކޯޓަކުން މުވައްޒަފެއްގެ މައްޗަށް ކުށެއް ސާބިތުވެގެން، ހުކުމެއް ކަނޑައަޅައިފި ނަމަ، ނުވަތަ ހިޔާނާތެއް ވެފައިވާކަމުގެ ހެކި ތަހުގީގުން ލިބިއްޖެ ނަމަ، ނުވަތަ ވަޒީފާގައި އިތުރަށް ބެހެއްޓުމުން އޮފީހަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނިއްޖެ ނަމަ، މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމަކާ ނުލައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ. މިގޮތަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީން އެކަން ފާސްކޮށްގެންނެވެ.
(ޅ) ސެކްށަނެއް ނުވަތަ ޔުނިޓެއް ހިންގުމާ ހަވާލުވެ ހުރި ވެރިއެއްގެ ފަރާތުން އެ މީހެއްގެ މަސައްކަތަށް ފަރުވާކުޑަކުރުން ފަދަ ކަމެއް ފެނިގެން، ނަސޭހަތް ދޭން ޖެހިއްޖެ ނަމަ، ނަސޭހަތްދޭނީ، ސެކްރެޓަރީ ޖެނެރަލެވެ.
(ކ) ސެކްރެޓަރީ ޖެނެރަލަށް އޭނާގެ މަސްއޫލިއްޔަތު ގިނަ ދުވަހު ރަނގަޅަށް އަދާކުރުމާ ގުޅޭގޮތުން އަންގަންޖެހޭ އެންގުމެއް އަންގާނީ، ނުވަތަ ދޭންޖެހޭ އިންޒާރެއް ދޭނީ، ކޮމިށަނަރެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރަން ޖެހޭކަމަށް ފެނިއްޖެ ނަމަ، އެކަމާމެދު ގޮތެއް ކަނޑައަޅާނީ ވެސް ކޮމިށަނަރެވެ.
(އ) މުވައްޒަފުންނަށް ދޭ އިންޒާރުގެ ލިޔުމުގައި އެ މުވައްޒަފަކު ސޮއި ނުކުރި ނަމަ، އިންޒާރު ދެވުނުކަން، ދެ މީހުންގެ ހާޒިރުގައި، އެ މުވައްޒަފަށް އަންގަންވާނެއެވެ. މި ގޮތަށް އަމަލުކުރާއިރު، އިންޒާރު ދިންކަމަށް އެ ދެ މީހުން ހެކިވެ، އެ ލިޔުމުގައި ސޮއިކުރަން ވާނެއެވެ.
(ވ) މުވައްޒަފަކު އިސްލާހު ކުރުމަށް، މި ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅައިގެން، އިސްލާހު ނުވެއްޖެ ނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް، ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ. ވަޒީފާއިން ވަކިކުރުމަށް ކޮމިށަނަރަށް ހުށަހަޅާއިރު، އެ މުވައްޒަފަކާމެދު، އަޅައިފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތަފުސީލު ހުށަހަޅަންވާނެއެވެ. މި ކަންކަން ކުރުމަކީ، ސެކްރެޓަރީ ޖެނެރަލްގެ ޒިންމާއެކެވެ.
(މ) މުވައްޒަފަކަށް އިދާރީ ކަންކަމުގައި ނުވަތަ އޭނާ ކުރަންޖެހޭ މަސައްކަތުގައި ފަރުވާ ކުޑަވެގެން، އިންޒާރު ދީފައިވަނީ ނުހައްގުން ކަމުގައި އޭނާ ދެކޭނަމަ، އެކަމުގެ ށަކުވާ ކޮމިށަނަރަށް އުފުލުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. ހަމަ ކުރިއަށް ދާ ތަނުގައި ނަސޭހަތްދީގެންނާއި، ކަމަކަށް އެކަށީގެންވާ އެ ނޫން ފިޔަވަޅު އަޅައިގެން ވެސް، މުވައްޒަފުންނަށް އިސްލާހުވުމަށް ފުރުސަތު ދޭންވާނެ.
41 ވަނަ މާއްދާ - ވަޒީފާގެ ކުށުގެ ދަރަޖަ 1
(ހ) ހަވާލުކޮށްފައިވާ މަސައްކަތަށް ފަރުވާކުޑަކުރުމާއި، ވަޒީފާގެ ޒިންމާ ނޫފުލުމާއި، ހަވާލުކުރެވޭ މަސައްކަތްތައް އެ މަސައްކަތް ނިންމަންޖެހޭ އަވަސްމިނުގައި، ޒިންމާދާރުކަމާއެކު ނުކުރެވުން،
(ށ) ކަނޑައެޅިފައިވާ ގަޑިއަށް އޮފީހަށް ނުވަތަ ރަސްމީ މަސައްކަތަށް މުވައްޒަފު ހާޒިރުނުވުމުގެ ސަބަބުން އޮފީހުގެ މަސައްކަތަށް ބުރޫއެރުން ނުވަތަ އެހެން މުވައްޒަފުންގެ މަސައްކަތުގެ މާހައުލާއި މަސައްކަތުގެ އަހުލާގަށް ނޭދެވޭ އަސަރުކުރުން،
(ނ) މަސައްކަތު ދާއިރާގައި މުވައްޒަފު ދޭންޖެހޭ އެއްބާރުލުން ނުދިނުމާއި އަމުރުތަކަށާއި އެންގުންތަކަށް ކިޔަމަންތެރިނުވުން،
(ރ) ކަނޑައަޅައިފައިވާ މަސައްކަތްގަޑީގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނުން ބޭރުގައި، ހުއްދަނެތި އުޅުމާއި، ކަނޑައަޅައިފައިވާ މަސައްކަތު ގަޑީގައި އަމިއްލަ މަސައްކަތް ކުރުމާއި، އަމިއްލަ ކަންކަމުގައި ވަގުތު ހޭދަކުރުމާއި، ވަގުތު ބޭކާރުކުރުން،
(ބ) ބަލިނުވެ ސަލާމުގެ ޗުއްޓީ ނެގުމާއި، ބަލިވެގެން ވެސް އޮފީހަށް ނާންގައި ސަލާމުގެ ޗުއްޓީގައި ހުރުމާއި، އެކިއެކި ޗުއްޓީ ނެގުމުގައި މަކަރުހެދުމާއި، އޮޅުވައިލުމާއި، ޗުއްޓީގެ ފުރުސަތު ނުވަތަ އިނާޔަތް ނަހަމަގޮތުގައި ބޭނުން ކުރުން، ނުވަތަ އެއިން ކަމެއް ކުރަން އުޅުން،
(ޅ) މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑަށްވުރެ ދަށްފަންތީގެ އަމަލުކުރުމާއި ވާހަކަދެއްކުމުގައްޔާއި މުހާތަބުކުރުމުގައި ހަޑިހުތުރު ބަހުރުވަ ބޭނުންކުރުން،
(ކ) ވަޒީފާ އަދާކުރުމުގައި އިހުމާލުވުން ނުވަތަ ފަރުވާކުޑަވުން،
(އ) ގޯނާކުރުން ގޯނާކުރުމާބެހޭ މާއްދާގައިވާ ގޮތުގެ މަތީން ކުރި ކުށުގެ ބޮޑުމިނަށް ބަލައި ދަރަޖަ (1 އަށް ފެތޭ ނަމަ).
(ވ) މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން. މި ކުށްތަކަކީ، އިސްލާހުވުމަށް ފުރުސަތުދިނުމުން ވެސް، އެ ކުށްތައް ތަކުރާރުވާ ނަމަ، ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭ ކުށްކުށެވެ.
42 ވަނަ މާއްދާ - ވަޒީފާގެ ކުށުގެ ދަރަޖަ 2
(ހ) އޮފީހުގެ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، އެންގުންތަކާއި އުސޫލުތަކާއި ސިޔާސަތުތަކާ ގަސްތުގައި ހިލާފުވުން، ނުވަތަ އެއިން ކަމަކަށް އިހުމާލުވުން، ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން އެއިން ގަވާއިދަކާ ހިލާފުވުން.
(ށ) ގާނޫނާއި ގަވާއިދާ އެއްގޮތަށް މުވައްޒަފުގެ އިސްކޮށް ހުންނަ ވެރިޔަކު ދޭ އިރުށާދަކާ އެއްގޮތްވާ ގޮތުގެ މަތީން ގަސްތުގައި މަސައްކަތް ނުކުރުން، ނުވަތަ ކުރުމުގައި އިހުމާލުވުން.
(ނ) ކަނޑައަޅައިފައިވާ މަސައްކަތު ގަޑި ނިމުމުގެ ކުރީން މަސައްކަތްކުރާ ތަނުން، ހުއްދަނެތި ދިއުން.
(ރ) އެއްބަސްވެފައިވާ ގޮތުގެ މަތީން، މަސައްކަތު ގަޑީގެ އިތުރުން، އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެންގުމުން އެކަމަށް އިންކާރުކުރުން.
(ބ) މި ގަވާއިދުގައިވާ ގޮތުގެ މަތީން އެންގުމަކާ ނުލައި ވަޒީފާއަށް ހާޒިރުނުވެ ހުރުން، ނުވަތަ އަންގަންޖެހޭ ފަރާތަކަށް އެންގުމަކާ ނުލައި ވަޒީފާއަށް ހާޒިރުނުވެ ހުރުން.
(ޅ) މަސައްކަތުގެ ދާއިރާގައި، އެހެން މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ނުކުރުން.
(ކ) ސަރުކާރުގެ މުދަލާއި، ފައިސާއާއި އޮފީހުގެ އެންމެހައި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން.
(އ) ގޯނާކުރުން ގޯނާކުރުމާބެހޭ މާއްދާގައިވާ ގޮތުގެ މަތީން ކުރި ކުށުގެ ބޮޑުމިނަށް ބަލައި (ދަރަޖަ 2 އަށް ފެތޭ ނަމަ)
(ވ) ހަށިގަނޑަށް ގެއްލުން ނުލިބޭ ފަދަ މަސައްކަތެއް ކުރި ކަމުގައިވީ ނަމަވެސް، އެ މަސައްކަތެއްގައި ގެންގުޅެންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމުގައި އިހުމާލުވުން
(މ) މަސައްކަތު ގަޑީގައި ނިދުން
(ފ) އެނގިހުރެ، ގަސްތުގައި މަސައްކަތުގެ ދާއިރާގައި، މުވައްޒަފު ހާމަކުރަންޖެހޭ، އެއްވެސް މައުލޫމާތެއް ހާމަނުކުރުން
(ދ) މާރާމާރީ ހިންގުން، ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ވެދާ ފަދަ އަމަލެއް ކުރުން
(ތ) ކުށުގެ ދަރަޖަ 1 ދަރަޖަ ގައިވާ ކުށްތައް އިސްލާހުނުވެ، ތަކުރާރުވުން
43 ވަނަ މާއްދާ - ވަޒީފާގެ ކުށުގެ ދަރަޖަ 3
މި ކުށްތަކަކީ، އެންމެ ފުރަތަމަ ފަހަރުން ވެސް ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ކުށްތަކެކެވ.
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން އެއްވެސް ސަބަބެއް ނާންގައި 7 (ހަތެއް) ދުވަހަށް ވުރެ ދިގު މުއްދަތަކަށް އޮފީހަށް ނުވަތަ އޮފީހުގެ މަސައްކަތަށް ނުނިކުމެ ހުރުން، ނުވަތަ ޗުއްޓީ ހަމަކޮށްފައި އޮފީހަށް ނުނިކުންނަންޖެހޭ ތާރީހު 7 (ހަތެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުނިކުމެ ހުރުން
(ށ) ސަރުކާރުގެ ލިޔެކިއުމެއް، ނުވަތަ އޮފީހުގެ ލިޔެކިއުމެއްގެ އަސްލު އޮޅުވައިލައި، އެ ލިޔުން ބަދަލުކުރުން. މީގެ ތެރޭގައި، އެ މީހަކު މަސައްކަތުގައި ގެންގުޅެންޖެހޭ ލިޔުމާއި، އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ލިޔުމާއި، ހާޒިރީ ރިޕޯޓާއި، ވައުޗަރާއި، ޗުއްޓީގެ ރިކޯޑުތަކާއި، އިތުރުގަޑީގެ ހާޒިރީ ފަދަ އޮފީހުގެ ލިޔެކިއުންތައް ހިމެނެއެވެ.
(ނ) ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ހާމަކުރުން، ދޫކުރުން، ބޭރުކުރުން، ކޮޕީހެދުން، ރިކޯޑުކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހިކުރުން، ނުވަތަ އެހީތެރިވެދިނުމާއި މިއިން ކަމެއް ކުރުމުގައި ބައިވެރިވުން
(ރ) ސަރުކާރުގެ މުދަލާއި، ފައިސާއާއި އޮފީހުގެ އެންމެހައި ވަސީލަތްތައް ބޭނުންކުރުމުގައި އިހުމާލުވުން ނުވަތަ ނަހަމަގޮތުގައި އެއިން އެއްޗެއް ބޭނުންކުރުން ނުވަތަ އެއިން އެއްޗެއް އަމިއްލަ ކަމަކަށް ބޭނުންކުރުން ނުވަތަ އެއިން އެއްޗަކަށް ގެއްލުމެއް ދިނުން، ނުވަތަ އެއިން އެއްޗަކަށް ގެއްލުންވެދާނެ ފަދަ ގޮތަކަށް އަމަލުކުރުން.
(ބ) ރިށްވަތު ހިފުން، ނުވަތަ އެނޫން ވެސް އެފަދަ ހަދިޔާއެއް ލިބިގަތުން، ނުވަތަ އެއްޗެއް ނުވަތަ އަގުނެގޭ ހިދުމަތެއް، އަގު އަދާނުކޮށް ލިބިގަތުން.
(ޅ) އެ މީހަކަށް ލިބިފައިވާ މަގާމުގެ ިހްތިޔާރު، ގަސްތުގައި ނާޖާއިޒުގޮތެއްގައި ތިމާގެ ނުވަތަ ހައްގުނޫން ފަރާތެއްގެ ފައިދާއަށް ނުވަތަ މަސްލަހަތަށް ބޭނުންކުރުން ނުވަތަ ބޭނުންކުރަން އުޅުން.
(ކ) ދައުލަތާއި ސަރުކާރާއި އޮފީސް ބަދުނާމުވާ ފަދަ ކަމެއް ކުރުން. ނަމަވެސް ކަމަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ވަޒީފާ އަދާކުރުމަށްޓަކައި ކުރި ކަމަކުން ނުކުތް ނަތީޖާއަކަށް ވެގެން ނުވާނެއެވެ.
(އ) މުވައްޒަފުގެ ވަޒީފާގެ ކޮލިފިކޭށަނާ ގުޅޭގޮތުން ނުވަތަ ވަޒީފާގެ ވާޖިބު އަދާނުކުރެވޭ ގޮތަކަށް ށަރުއީ ކޯޓަކުން މުވައްޒަފުގެ މައްޗަށް ހުކުމެއް ކަނޑައެޅުން.
(ވ) ވަޒީފާ ހޯދުމަށްޓަކައި ދޮގު މައުލޫމާތު ހުށަހަޅައިފައިވާކަމަށް ސާބިތުވުން.
(މ) ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ހަރުދަނާ ގަރީނާއެއްކަމުގައި ބަލާ ގަރީނާއެއް ލިބިފައިވާ، މަސްތުވާތަކެތި ބޭނުންކުރިކަމަށް ނުވަތަ ގެންގުޅުނުކަމަށް، ގާނޫނީގޮތުން އެފަދަ މައްސަލަ ބެލުން ހަވާލުވެފައިވާ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ އޮތޯރިޓީއަކަށް ސާބިތުވުން.
(ފ) ގޯނާކުރުން (ގޯނާކުރުމާ) ބެހޭ މާއްދާގައިވާ ގޮތުގެ މަތީން ކުރި ކުށުގެ ބޮޑުމިނަށް ބަލައި ދަރަޖަ 3 އަށް ފެތޭ (ނަމަ)
(ދ) މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ވެދާ ފަދަ އަމަލެއް ތަކުރާރުކުރުން.
(ތ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ނުވަތަ ވައްކަން، ޓެކުން، ހިޔާނާތް، މަކަރާއި ހީލަތްހެދުން ފަދަ ބޮޑުކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން.
(ލ) ހަށިގަނޑަށް ބޮޑެތި ގެއްލުން ލިބިދާނެ ފަދަ ނުރައްކާތެރި މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމުގައި ފަރުވާކުޑަކުރުން، ނުވަތަ އިހުމާލުވުން.
(ގ) ގާނޫނާއި ގަވާއިދާ ހިލާފަށް މައުލޫމާތު ހާމަކުރުމާއި މައުލޫމާތު ލިބިގަތުން.
(ޏ) ކުށުގެ ދަރަޖަ 2 ގައިވާ ކުށެއް އިސްލާހުނުވެ ތަކުރާރުވުން.
ބާބު 11
އެހެނިހެން ކަންކަން
44 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ހިނގައިފި ނަމަ ކަންކުރާނޭ ގޮތް
އެއްވެސް މައްސަލައަކާ ގުޅިގެން، މި ގަވާއިދުގައި ހިމަނައިފައި ނުވާ ކަމެއް ހިނގައިފި ހާލަތެއްގައި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީން، އިންފޮމޭށަން ކޮމިށަނަރުގެ ސަމާލުކަމަށް އެ މައްސަލައެއް ގެނެސް، ކޮމިށަނަރުގެ ލަފާގެ މަތީން އެ މައްސަލައެއް ނިންމާނީއެވެ.
44-1 ވަނަ މާއްދާ - އިންތިގާލީ އުސޫލު (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ގަވާއިދު ނަންބަރު 2022-155 (އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި ފަރާތެއް އެ މަގާމުގައި ހުންނަތާ 5 (ފަހެއް) އަހަރުދުވަސް ވެފައިވާ ނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުގައި އެ ފަރާތެއް ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިވާނެއެވެ. އަދި މިފަދައިން ވަކިވާނެކަމުގެ ނޯޓިސް، ލިޔުމުން އެ ފަރާތަކަށް ދޭންވާނެއެވެ.
(ށ) ގަވާއިދު ނަންބަރު 2022-155 (އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި ފަރާތެއް އެ މަގާމުގައި ހުންނަތާ 5 (ފަހެއް) އަހަރުދުވަސް ހަމަވެފައި ނުވާ ނަމަ، އެ ފަރާތެއް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުވެފައިވާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަސް ހަމަވަންދެން އެ މަގާމުގައި ދެމިހުންނާނެއެވެ. އަދި 5 (ފަހެއް) އަހަރުދުވަސް ހަމަވުމުން، އެ ފަރާތެއް ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިވާނެއެވެ.
(ނ) ގަވާއިދު ނަންބަރު 2022-155 (އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގެ ކުރިން ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތެއް އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގައި ހަމަކޮށްފައިވާ ފަރާތެއް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލުން ހޮވިއްޖެ ނަމަ، އެ ފަރާތަކަށް 1 (އެކެއް) ދައުރަށް ވުރެ ގިނަ ދައުރެއް ނުފުރޭނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި ފަރާތެއް އެ މަގާމުން ވަކިވުމުން، ސެކްރެޓަރީ ޖެނެރަލަކު އައްޔަނުކުރަންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ. (މުޅި މާއްދާ އިތުރު ކުރެވިފައި)
45 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާ ހިނދަކު ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ އަކުރުތަކުގައި ދީފައިވާ މާނައެވެ.
(ހ) "އޮފީސް" ކަމަށް ބުނެފައި އެވަނީ އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށެވެ.
(ށ) "މުވައްޒަފ" ނުވަތަ "މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން ކޮމިށަނަރ ފިޔަވައި އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގައި މަސައްކަތްކުރުމަށް ޓަކައި ވަޒީފާ ދީފައިވާ ހުރިހާ މުވައްޒަފުންނަށެވެ.
(ނ) "ކޮމިށަނަރ" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން ކޮމިށަނަރަށެވެ.
(ރ) "ސުޕަވައިޒަރ" ކަމަށް ބުނެފައި އެ ވަނީ، އެ މުވައްޒަފެއްގެ މަސައްކަތް ބަލައި އިރުށާދު ދޭން އޭނާގެ މައްޗަށް ހުންނަ މުވައްޒަފަށެވެ ނުވަތަ އެ މުވައްޒަފަކު ރިޕޯޓުކުރާންޖެހޭ ވެރިޔަކަށެވެ.
(ބ) މި ގަވާއިދުގައި ހިމެނިފައިވާ ލަފުޒެއް ނުވަތަ ޖުމުލައެއް މާނަކުރުމުގައި، ހިޔާލު ތަފާތުވެއްޖެ ނަމަ، އެ ކަމުގައި ގޮތެއް ކަނޑައަޅާނީ، އޮފީހުގެ ލީގަލް ޔުނިޓުގެ މަށްވަރާގެ މަތީން، ކޮމިށަނަރެވެ.
46 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖަދުވަލު 1
އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރެވޭއިރު އިނާޔަތް ދެވޭނޭ ގޮތް
ގަވާއިދު ނަންބަރު 2022-155 (އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު) ގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އުމުރުން 65 (ފަސްދޮޅަސްފަހެއް) އަހަރުވުމުން، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ވަޒީފާއިން، މުސްކުޅިކުރެވޭއިރު، މުސްކުޅިކުރުމުގެ އިނާޔަތުގެ ގޮތުގައި، ކޮންމެ މުވައްޒަފަކަށް ވެސް ތިރީގައި މިވާ ދެ ގޮތުން ކުރެ، އެ ފަރާތަކުން ބޭނުންވާ ގޮތެއްގެ މަތީން އިނާޔަތް ދެވޭނެއެވެ.
- ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނުއިރު ލިބޭ މުސާރައާ އެއްވަރުގެ އެލަވަންސް 2 (ދޭއް) އަހަރުދުވަސް ވަންދެން ލިބުން
މި ފައިސާ ލިބޭއިރު ޕެންށަނަރެއް ނަމަ، ޕެންށަނުގެ ފައިސާ ލިބޭނެއެވެ؛ އަދި 2 (ދޭއް) އަހަރުދުވަސް ވުމުން، އޭގެ ފަހުން ލިބޭނީ، ނަންބަރު (2) ގައިވާ ކޮމިށަނުން ހަމަޖައްސާ އިނާޔަތެވެ ނުވަތަ ގާނޫނެއްގައި ކަނޑައަޅައިފައިވާނަމަ އެ އިނާޔަތެކެވެ. - ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް އޮފީހުން ހަމަޖައްސާ އިނާޔަތް ލިބުން
• މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް (މި އިނާޔަތް ލިބޭއިރު ޕެންށަނަރެއް ނަމަ، ޕެންށަނުގެ ފައިސާ ދޫކޮށްލާގޮތަށް) ނުވަތަ ޕެންށަނުގެ ފައިސާ ލިބޭގޮތަށް، އިނާޔަތް ހަމަޖައްސައިދެވޭނެއެވެ.
• ވަޒީފާއިން މުސްކުޅިކުރެވޭ ދުވަހު ދެވޭ އިނާޔަތް
މަހުން މަހަށް ލިބޭ އިނާޔަތް ހިސާބު ކުރެވޭ ގޮތް:
- މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، ވަޒީފާއިން މުސްކުޅިކުރެވޭއިރު، މުވައްޒަފަށް ލިބެމުންދާ މުސާރަޔަށާއި ސަރުކާރުގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް، އެ މީހަކަށް 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭއިރު ލިބެމުން އައި މުސާރައަށްވުރެ ބޮޑުނަމަ، އެ މީހަކަށް މަހުން މަހަށް މުޅިއުރުމަށް ދެވޭ އިނާޔަތުގެ މިންވަރަކީ، އެ މުސާރައިގެ އަދަދެވެ، ނުވަތަ ހިސާބުކުރުމުން ޖެހޭވަރު. 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ކުޑަނަމަ، އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ، 500 (ފަސްސަތޭކަ) ރުފިޔާއެވެ.
- މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުންނަމަ، ހިސާބުކުރާނީ، (އެންމެ ފަހު ޕެންށަން ދެވުނު ތާރީހުން ފެށިގެން) މުވައްޒަފަށް 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު، އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭ އިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، ލިބެމުން އައި ޕެންށަނާ ނުވަތަ ޕެންށަނެއް ނެތްނަމަ، ހަމައެކަނި ލިބޭ އަދަދު، ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.
- މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުން ނޫން ނަމަ، ނުވަތަ އެ ހިސާބަށް މުވައްޒަފަށް ޕެންށަން ލިބިފައި ނުވާނަމަ، ހިސާބުކުރާނީ، މުވައްޒަފަށް 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު، އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭ އިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.
އެއްފަހަރާ ދެވޭ އިނާޔަތް:
- 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭ މުވައްޒަފު، ސަރުކާރުގައި ހިދުމަތް ކޮށްފައިވަނީ 30 (ތިރީސް) އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ސަރުކާރަށް ހިދުމަތްކުރި ކޮންމެ އަހަރަކަށް، 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭ އިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/3 (ތިންބައިކުޅަ އެއްބައި) އެއްފަހަރާ ލިބިދެވޭނެއެވެ.
- 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭ މުވައްޒަފު، ސަރުކާރުގައި ހިދުމަތް ކޮށްފައިވަނީ 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ސަރުކާރަށް ހިދުމަތްކުރި ކޮންމެ އަހަރަކަށް 65 (ފަސްދޮޅަސްފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭ އިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) އެއްފަހަރާ ލިބިދެވޭނެއެވެ.
މި ބަޔާންވެދިޔަ ގޮތަށް، މުސްކުޅިކުރުމުގެ އިނާޔަތް ދެމުން ގެންދާނީ، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގައި ވަޒީފާ އަދާކުރާ މުވައްޒަފުން މުސްކުޅި ކުރުމާ ބެހޭ ކަންތައްތައް ކަނޑައަޅާ ގާނޫނެއްގައި ނުވަތަ އެހެން ގަވާއިދެއް އެކަށައަޅައި، އެ ގާނޫނަކަށް ނުވަތަ ގަވާއިދަކަށް އަމަލުކުރަން ފެށުމާ ހަމަޔަށެވެ.
ޖަދުވާލަކު 2
އުމުރުން 55 އަހަރުވުމުން، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދެވޭނެ ގޮތް
ގަވާއިދު ނަންބަރު 2022-155 (އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު) ގެ 20 ވަނަ މާއްދާގެ ދަށުން، އުމުރުން 55 (ފަންސާސްފަހެއް) އަހަރުވެގެން ވަޒީފާއިން މުސްކުޅިވުމުގެ ހައްގު، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދޭތީ، އެފަދައިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން މުސްކުޅިކުރެވޭ ފަރާތްތަކަށް އިނާޔަތް ހަމަޖެއްސުމުގައި، އެ ފަރާތްތައް 2 (ދޭއް) ބަޔަކަށް ބަހައިލެވެއެވެ. އެއީ:
- އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން އަމިއްލައަށް އެދިގެން މުސްކުޅިކުރެވޭ މުވައްޒަފުން.
- އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން އަމިއްލައަށް އެދިގެން ނޫންގޮތަކަށް މުސްކުޅިކުރެވޭ މުވައްޒަފުން.
- އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން މުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިކުރުމުގެ އިނާޔަތް:
އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން އަމިއްލައަށް އެދިގެން އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ މަހުން މަހަށް ދެވޭ އިނާޔަތެވެ. އެ އިނާޔަތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް:
(ހ) މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ކަނޑައެޅުމުގައި ބަލާނީ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފަށް ލިބެމުން އައި މުސާރައާއި ސަރުކާރުގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް އެ މީހަކު މުސްކުޅިކުރެވޭއިރު ލިބެމުން އައި މުސާރައަށްވުރެ ބޮޑުނަމަ، މީހަކަށް މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތުގެ މިންވަރަކީ، އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބުކުރުމުން، ޖެހޭވަރު 5000 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ކުޑަނަމަ އެ މީހަކަށް މަހުން މަަށް ދެވޭ، އިނާޔަތުގެ އަދަދަކީ، 500 (ފަސްސަތޭކަ) ރުފިޔާއެވެ.
(ށ) މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުންނަމަ ހިސާބުކުރާނީ، އެންމެ ފަހު ޕެންށަން ދެވުނު ތާރީހުން ފެށިގެން މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް "ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި،، މުސްކުޅިކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާިސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، ލިބެމުން އައި ފެންށަނާ ނުވަތަ ޕެންށަންތަކާ އެއްކުރުމުން ޖެހޭ ޖުމުލަ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކ ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.
(ނ) މަހުނ މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުން ނޫން ނަމަ، ނުވަތަ އެ ހިސާބަށް މުވައްޒަފަށް ޕެންށަން ލިބިފައި ނުވާނަމަ ހިސާބުކުރާނީ، މުވައްޒަފު މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާ، މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 ސާިސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.
2. އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން މުވައްޒަފު މަސައްކަތްކުރާ އޮފީހުން އެދިގެން ނުވަތަ އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާ ބެހޭ ގަވާއިދުން ލިބޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރުން
2.1 އެއްފަހަރާ ދެވޭ އިނާޔަތް:
(ހ) 55 (ފަންސާސްފަހެއް) އަހަރުވުމުން، އިންފޮމޭށަން ކޮމިށަނަރަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގައި، ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށް ވާނަމަ، މުސްކުޅި ކުރެވޭއިރު ލިބެމުން އައި މުސާރައިގެ 1/3 (ތިންބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު އެ މީހަކު ދައުލަތަށް ހިދުމަތްކުރި، ޖުމު އަހަރުގެ އަދަދާއި ރިޓަޔަރ ކުރެވޭއިރު އެ މީހެއްގެ އުމުރާ ގުނަ ކުރުމަށްފަހު، އެ އަދަދުގެ 165 (ފަސްދޮޅަސް ފަހެއް ބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު އެއްފަހަރާ ލިިބިދެވޭނެއެވެ.
(ށ) 55 (ފަންސާސްފަހެއް) އަހަރުވުމުން، އިންފޮޭށަން ކޮމިށަނަރަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފު ސަރުކާރުގައި ހިދުމަތްކޮށްފައިވަނީ 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށް ވާނަމަ މުސްކުޅިކުރެވޭއިރު ލިބެމުންއައި މުސާރައިގެ 1/2 ދެބައިކުޅަ) (އެއްބައި (އަށް ޖެހޭ އަދަދު، އެ މީހަކު، ދައުލަތަށް ހިދުމަތްކުރި ޖުމުލަ އަހަރުގެ އަދަދާއި، ރިޓަޔަރ ކުރެވޭއިރު އެ މީހެއްގެ މުސާރަ ގުނަކުރުމަށްފަހު އެ އަދަދު (ފަސްދޮޅަސް ފަހެއް ބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު، އެއްފަހަރާ ލިބިދެވޭނެއެވެ.
2.2 މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް
(ހ) މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، ވަޒީފާއިން މުސްކުޅިކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރަޔަށާއި، ސަރުކާރުގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް، އެ މީހަކު މުސްކުޅިކުރެވޭއިރު ލިބެމުން އައި މުސާރައަށްވުރެ ބޮޑުނަމަ، އެ މީހަކަށް މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތުގެ މިންވަރަކީ، އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބުކުރުމުން ޖެހޭވަރު 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ކުޑަނަމަ، އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ، 500 (ފަސްސަތޭކަ) ރުފިޔާއެވެ.
(ށ) މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުންނަމަ، ހިސާބުކުރާނީ، އެންމެ ފަހު ޕެންށަން ދެވުނު ތާރީހުން ފެށިގެން މުސްކުޅިކުރެވޭ ތާރީހަށް ހަމަޔަށް ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު، މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި މުސްކުޅިކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، ލިބެމުން އައި ޕެންށަނާ ނުވަތަ ޕެންށަންތަކާ އެއްކުރުމުން ޖެހޭ ޖުމުލަ އަދަދު، އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.
(ނ) މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުން ނޫންނަމަ، ނުވަތަ އެ ހިސާބަށް މުވައްޒަފަށް ޕެންށަން ލިބިފައި ނުވާނަމަ، ހިސާބުކުރާނީ، މުވައްޒަފު މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ސަރުކާރުގެ ވަޒީފާ އަދާކުރި އަހަރުގެ އަދަދު، އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، މުސްކުޅިކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.
މި ބަޔާންކުރި ގޮތަށް މުސްކުޅިކުރުމުގެ އިނާޔަތް ދެމުން ގެންދާނީ، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގައި ވަޒީފާ އަދާކުރާ މުވައްޒަފުން މުސްކުޅިކުރުމާ ބެހޭ ކަންތައްތައް ކަނޑައަޅާ ގާނޫނެއް ނުވަތަ އެހެން ގަވާއިދެއް އެކަށައެޅެންދެނެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގަވާއިދު
އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ މުވައްޒަފުންނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-155)
މައި ގާނޫނު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނު (ގާނޫނު ނަންބަރު 2014-01)
ކިޔުންތެރިންގެ ހިޔާލު