-

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2022-125)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 އޮގަސްޓު 2022 ގައި)

(މި ގަވާއިދުގެ 11ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2021-114 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާއިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަށްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތައިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެޓޫރިޒަމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރަށް ރިއާޔަތްކޮށް،އެ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ 9 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެންއެކުލަވައިލެވިފައިވާ ގަވާއިދެކެވެ.

ނަން

(ށ) މި ގަވާއިދަށް ކިޔާނީ، "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަ ޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެ ފަދަ މަށްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަށްރޫއުތައް ކަނޑައެޅުން

(ހ) ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ކަނޑައެޅޭ މަށްރޫއުތަކުގެ ތެރެއިން، އެ މަށްރޫއެއް ހިންގުމުގެ މުގާބިލުގައި ނުވަތަ އެ މަށްރޫއަކަށް ހަރަދުކުރުމުގެ މުގާބިލުގައި ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނެ، މުހިންމު މަށްރޫއުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާގޮތަށް ކަނޑައަޅާ މަށްރޫއުތަކާ ގުޅޭ އަންނަނިވި ކަންކަން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

  1. ހިންގުމަށް ބޭނުންވާ މަށްރޫއުގެ ތައާރުފު 
  2. މަށްރޫއު ހިންގުމަށް ގަސްތުކުރެވޭ އަތޮޅާއި ރަށް ނުވަތަ ސަރަހައްދު
  3. މަށްރޫއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރު

(ނ) މި މާއްދާގެ (ހ) ގައިވާ މަށްރޫއުތަކުގެ ލިސްޓަށް އުނި އިތުރު ގެނެސް، މި މާއްދާގެ (ހ) ގައި ބުނާ ގަރާރު އިސްލާހުކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - މަށްރޫއުތައް ހިންގާނެ ފަރާތްތަކާއި މަށްރޫއުތަކަށް ހަރަދުކުރާނެ ފަރާތްތައް ކަނޑައެޅުން

އެ މަށްރޫއެއް ހިންގުމުގެ މުގާބިލުގައި ނުވަތަ މަށްރޫއެއް ހިންގުމަށް ހަރަދުކުރުމުގެ މުގާބިލުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމަށް ކަނޑައެޅޭ މަށްރޫއުތައް ހިންގާނެ ފަރާތްތައް ނުވަތަ އެ ފަދަ މަށްރޫއުތަކަށް ހަރަދުކުރާނެ ފަރާތްތައް ކަނޑައަޅަންވާނީ މި މާއްދާއާ އެއްގޮތަށެވެ.

(ހ) މަށްރޫއު ހިންގުމަށް ވަކި ފަރާތަކާ ހަވާލުކުރަންވާނީ ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތު ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) ހަމައެކަނި މަށްރޫއަށް ހަރަދުކުރަން ހުށަހަޅާ ހާލަތުގައި އެ ހުށަހެޅުން އެ މަށްރޫއާ ގުޅުންހުރި ސަރުކާރުގެ ވުޒާރާއިން އަންނަނިވި އިޖުރާއަތްތަކާ އެއްގޮތަށް ހުށަހަޅާ ފަރާތުން މަށްރޫއަށް ހަރަދުކުރުމަށް ހަވާލުކުރުމަށް ނިންމިދާނެއެވެ.

  1. ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަމަށް ބަލަންވާނެއެވެ.
  2. މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް، ކްރޮސް ސަބްސިޑީގެ ދަށުން ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ އެކުއިޒިށަން ކޮސްޓް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅޭ އެންމެ ކުޑަ އެކުއިޒިށަން ފީއަށް ވުރެ ކުޑަ ނުވާ ގޮތަށް، އެ ތަން ކުއްޔަށް ހިފުމަށް ހުށަހަޅާ ފަރާތާ މަށްވަރާކޮށްގެން ކަނޑައަޅަންވާނެއެވެ.
  3. މަށްރޫއަށް ހަރަދުކުރުމަށް ހުށަހަޅާ ފަރާތަކާ އެ މަށްރޫއަށް ހަރަދުކުރުމަށް ހަވާލުކުރަންވާނީ، ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކަމަށް ހުއްދަ ދެއްވުމުންނެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް މަށްރޫއެއް ފުރިހަމަ ކުރަން ބޭނުންވާ ޖުމްލަ ފައިސާ ހަރަދުކުރުމަށް ހުށަހަޅައިފައި ނުވިނަމަވެސް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މަށްރޫއަށް ހަރަދުކުރުމަށް ކަނޑައެޅޭ އެންމެ ކުޑަ މިންވަރަށް ވުރެ މަދު ނޫން އަދަދަކަށް ފައިސާ ހަރަދުކުރުމަށް އެއްބަސްވާނަމަ، މަށްރޫއަށް ހަރަދުކުރުމަށް އެ ފަރާތަކާ ހަވާލުކުރެވިދާނެއެވެ.

 

5 ވަނަ މާއްދާ - މަށްރޫއެއްގެ މުގާބިލުގައި ކުއްޔަށް ދޫކުރާ ތަންތަން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައެޅުން

(ހ) މަށްރޫއެއްގެ މުގާބިލުގައި ނުވަތަ މަށްރޫއަށް ކުރާ ހަރަދުގެ މުގާބިލުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ހިފުމަށް ހުށަހަޅައި، ސަރުކާރުން އެ ހުށަހެޅުން ގަބޫލުކުރުމުން، އެ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅައި އެކަން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަށްރޫއު ހިންގާ ފަރާތުންނުވަތަ މަށްރޫއަށް ހަރަދުކުރާ ފަރާތުން ތަނެއް ހުށަހެޅުމުން، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު އެ ފަރާތަށް ކުއްޔަށް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

6 ވަނަ މާއްދާ - ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުން

(ހ) ކްރޮސް ސަބްސިޑީގެ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން އެ ނިންމެވުމާ އެއްގޮތަށް އެ ތަނެއްކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތާ އެކީ އެ ތަނެއް ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމެއްގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ސޮއިކުރަންވާނެއެވެ.

(ށ) މަށްރޫއެއް ހިންގުމުގެ މުގާބިލުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. އެ ތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭނީ މަށްރޫއުގެ ތެރެއިން ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅައިފައިވާ މަސައްކަތް ނިމުމުން ނުވަތަ މަށްރޫއުގެ ތެރެއިން، ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅަ އިފައިވާ މަސައްކަތް އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ، ދައުލަތާ ހަވާލުކުރުމުން ކަމުގައި އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.
  2. މަށްރޫއު ހަވާލުކުރުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް އެ މަށްރޫއު ކުރިއަށް ނުގެންދިއުމާ ގުޅިގެން މަށްރޫއު ހިންގުމަށް ހަވާލުކުރުމުގައި ހެދިފައިވާ އެއްބަސްވުން ބާތިލު ކުރާ ހާލަތުގައި، ކްރޮސް ސަބްސިޑީގެ ގޮތުގައި ކުއްޔަށް ދެވޭ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ކުލީގެ އެއްބަސްވުން ބާތިލުކުރެވޭނެ ކަމުގައާއި، އެ ފަދައިން ބާތިލުކުރެވޭ އެއްބަސްވުމަކާ ގުޅިގެން އަމަލުކުރާނީ، ގާނޫނު ނަންބަރު 1999-02  (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަން އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.

(ނ) މަށްރޫއަކަށް ހަރަދުކުރުމުގެ މުގާބިލުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. މަށްރޫއަށް ހަރަދުކުރަން ހުށަހަޅައިފައިވާ ޖުމްލަ ފައިސާ، ސަރުކާރަށްދައްކަން 60) ފަސްދޮޅަސް) ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފަން ހުށަހަޅައިފައިވާ ފަރާތަށް ދޭންވާނެއެވެ.
  2. މަށްރޫއަށް ކުރަން ކަނޑައަޅާ ހަރަދަށްވާ ޖުމްލަ ފައިސާ ދެއްކުމަށް މި އަކުރުގެ (1 (ވަނަ ނަންބަރުގެ ދަށުން ދެވޭ މުއްދަތު ހަމަވުމުގެ ކުރިން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިންއެފަދަ އިތުރު މުއްދަތެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިނަމަ، އެންމެ ފުރަތަމަ ފައިސާ ދެއްކުމަށް ދިން މުއްދަތު ހިމެނޭގޮތަށް ޖުމްލަ 180 (ސަތޭކަ އަށްޑިހަ) ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ފައިސާ ދެއްކުމަށް ދެވިދާނެއެވެ.
  3. ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަންވާނީ، އެ މަށްރޫއަކަށް އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން އެ މަށްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ޖުމްލަ ފައިސާ، މި އަކުރުގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ދެވޭ މުއްދަތުގައި ދައުލަތަށް ދައްކައި ހަލާސްކުރުމުންނެވެ.

(ރ) ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން އަޅައި ކަނޑައިދެވޭ އެކުއިޒިށަން ކޮސްޓާއި ބިމު ކުލީގެ މިންވަރު ނުވަތަ އެ މިންވަރު ހިސާބުކުރެވޭނެ އުސޫލު ބަޔާންކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - އިންވެސްޓްމަންޓު ގެ ބަދަލުގައި އެކުއިޒިށަން ކޮސްޓާއި ކުލި އަޅައި ކަނޑައިދިނުން

(ހ) މި ގަވާއިދުގެ ދަށުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށްޓަކައި ރަށްރަށާއި، ބިންބިމާއި، ފަޅުފަޅުގެ އެކުއިޒިށަން ކޮސްޓުގެ އެން މެ ކުޑަ މިންވަރު ކަނޑައަޅާނެ ގޮތުގެ މިންގަނޑެއް ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލައި،ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާގެ ރުހުން ހޯދަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް،މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައެޅޭ މިންވަރަށްވުރެކުޑަނޫން އެކުއިޒިށަން ކޮސްޓެއް ކަނޑައަޅަންވާނެއެވެ.

(ނ) ކުއްޔަށް ދޫކުރާ ރަށަށް ނުވަތަ ބިމަށް ނުވަތަ ފަޅަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކަނޑައެޅޭ އެކުއިޒިށަން ކޮސްޓާއި، އެ ތަނެއް ކުއްޔަށް ދޫކުރުމުން، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން އެ ތަނަކަށް ދައްކަންޖެހޭ ބިމު ކުލި، އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތުން މަށްރޫއަށް ހަރަދު ކޮށްފައިވާ ފައިސާއާ އަޅައިކަނޑައި ދެވިދާނެއެވެ.

 

8 ވަނަ މާއްދާ - މަށްރޫއުތަކަށް ހަރަދުކުރުމަށް ލިބޭ ފައިސާއާމެދު އަމަލުކުރާނެ ގޮތް

(ހ) މަށްރޫއެއް ހިންގުމަށް ދޭ ފައިސާއާމެދު އަމަލުކުރަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) އެ މަށްރޫއެއްގެ ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާ މަށްރޫއުތަކަށް ހަރަދުކުރަން އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާ ފަރާތުން ސަރުކާރަށް ދައްކާ ފައިސާ ޖަމާކުރަންވާނީ އެކަމަށް 
ހާއްސަ ކުރެވޭ ޓްރަސްޓް އެކައުންޓަކަށެވެ.

(ނ) ވަކި މަށްރޫއަކަށް ހަރަދުކުރުމަށް ލިބޭ ފައިސާ ހަރަދުކުރަންވާނީ ހަމައެކަނި އެ މަށްރޫއުގެ މަގުސަދުތަކުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބުނެފައިވީނަމަވެސް، ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން ހިންގުމަށް ކަނޑައަޅާ މަށްރޫއެއް ނިމޭއިރު އެ މަށްރޫއަކަށް ހަރަދު ކުރުމަށް ލިބިފައިވާ ފައިސާއިން ބައެއް ބާކީ ވެފައިވާނަމަ އެ ފައިސާ، އެ މަށްރޫއެއް ހިންގުމުގެ ނުވަތަ ހިންގަން ހަރަދުކުރުމުގެ މުގާބިލުގައި ކްރޮސް ސަބްސިޑީގެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ކަނޑައަޅައިފައިވާ އެހެން މަށްރޫއަކަށް ހަރަދުކުރެވިދާނެއެވެ.

 

9 ވަނަ މާއްދާ - ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް ދައުލަތުން އެއްބަސްވެފައިވާ އެއްބަސްވުންތައް

(ހ) ގާނޫނު ނަންބަރު 2020-35 ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގައި ނިމިފައިވާ ޕްރޮޖެކްޓެއްގެ މުގާބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާނަމަ، މި މާއްދާގައިވާ ގޮތަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދެވިދާނެއެވެ.

(ށ) ގާނޫނު ނަންބަރު 2020-35 (ގާނޫނު ނަންބަރު 1999-02  (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގައި ނިމިފައިވާ ޕްރޮޖެކްޓެއްގެ މުގާބިލުގައި ރަށެއް ދޫކުރުމުގެ ކުރިން އެ ޕްރޮޖެކްޓަކާ ގުޅޭ އަންނަނިވި މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ.

  1. މަށްރޫއުގެ ތައާރުފު 
  2. މަށްރޫއު ހިންގައިފައިވާ އަތޮޅާއި ރަށް
  3. މަށްރޫއު ހިންގި ފަރާތުން ކޮށްފައިވާ ހަރަދު 
  4. މަށްރޫއު ހިންގި ފަރާތް
  5. މަށްރޫއު ހިންގުމަށް އެ ފަރާތާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން އެކުލަވައިލެވުނު ތާރީހު
  6. މަށްރޫއު ނިމުނު ތާރީހު 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މަށްރޫއާ ގުޅޭ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، މި ގަވާއިދުގެ 5 ވަނަ މާއްދާއާ އެއްގޮތަށް އެ މަށްރޫއެއްގެ މުގާބިލުގައި ދޫކުރާނެ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކަނޑައަޅަންވާނެއެވެ.

(ރ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާއާ އެއްގޮތަށް ކުއްޔަށް ދޫކުރާ ރަށަކާއި ނުވަތަ ފަޅަކާއި ނުވަތަ ބިމަކާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ބިމު ކުލި އަދި އެކުއިޒިށަން ކޮސްޓް، އެ މަށްރޫއެއް ހިންގުމުގެ މުގާބިލުގައި މަށްރޫއަށް ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން ހަރަދު ކޮށްފައިވާ ފައިސާއާ އަޅައި ކަނޑައިދޭންވާނީ، އެ މަށްރޫއަކާ ގުޅިގެން އެންމެ ފުރަތަމަ ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ،ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވައިފައިވާ ވުޒާރާއަށެވެ.

(ށ) "ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލާ ކަނޑައަޅައިފައިވާ އަދަދަކަށް، އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާކަމަށްޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.

(ނ) "ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ވަޒީރުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ގޮތެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކޮމިޓީތަކަށެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅައިފައިވާ ހުށަހެޅުންތައް

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން 2021-114 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް، އަލުން ހުށަހެޅުމަކާ ނުލައި، މި ގަވާއިދުގެ ދަށުން ގަބޫލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2021-114 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) އުވުނީއެވެ. 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-125)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

އުވުނު ގަވާއިދު

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-114)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު