ތިޔަހޯއްދަވާ މައުލޫމާތެއް ނުފެނުނު
gaanoon_logo
-

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 114/2021) 

1 ވަނަ މާއްދާ - ތައާރުފު 

(ހ) މި ގަވާއިދަކީ، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (9) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. 

(ށ) ނަން

މި ގަވާއިދަށް ކިޔާނީ، "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ  ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ -  އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން މުހިންމު މަށްރޫއުތައް ކަނޑައެޅުން 

(ހ)   ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ ތެރޭގައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް، އެ މަށްރޫއެއްގެ މުގާބިލުގައި ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނެ މުހިންމު މަށްރޫއުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ކޮންމެ އަހަރަކު ށާއިއު ކުރަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ކަނޑައަޅާ މަށްރޫއުތަކާ ގުޅޭ އަންނަނިވި ކަންކަން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. 

  1. ހިންގުމަށް ބޭނުންވާ މަށްރޫއުގެ ތައާރުފު؛ 
  2. މަށްރޫއު ހިންގުމަށް ގަސްތުކުރާ އަތޮޅާއި ރަށް ނުވަތަ ސަރަހައްދު؛ 
  3. މަށްރޫއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރު؛ 

(ށ)  މި މާއްދާގެ (ހ) ގައިވާ މަށްރޫއުތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. 

 

4 ވަނަ މާއްދާ - އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގޭ މަށްރޫއެއްގެ މުގާބިލުގައި  ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކަނޑައެޅުން 

(ހ) މަށްރޫއެއްގެ މުގާބިލުގައި ކުއްޔަށް ދޫކުރަންވާނީ، ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓޫރިޒަމާބެހޭ މިނިސްޓްރީން ށާއިއުކުރާ ލިސްޓެއްގައި ހިމެނޭ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެކެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިސްޓުގައި ހިމެނޭ ތަންތަނުގެ ތެރެއިން މަށްރޫއު ހިންގާ ފަރާތުން ތަނެއް ހިޔާރުކުރުމުން، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ. 

(ނ) މި މާއްދާގެ (ހ) ގައިވާ ލިސްޓުގައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭ ތަނެއް ކްރޮސް ސަބްސިޑީގެ ގޮތުގައި ހޯދުމަށް މަށްރޫއު ހިންގާ ފަރާތުން ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައިގަނެ ، ލިސްޓަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

5 ވަނަ މާއްދާ - ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުން 

(ހ) ކްރޮސް ސަބްސިޑީގެ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމުމުން، އެ ނިންމުމާ އެއްގޮތަށް އެ ތަނެއް ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތާއެކު އެ ތަނެއް ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމެއްގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ސޮއިކުރަންވާނެއެވެ.

(ށ)  ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭނީ މަށްރޫއު ނިމުމުން ނުވަތަ މަށްރޫއު އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ ދައުލަތާ ހަވާލުކުރުމުން ކަމުގައި ބަޔާންކުރަންވާނެއެވެ. 

(ނ) ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން އަޅައިކަނޑައިދެވޭ އެކުއިޒިށަން ކޮސްޓާއި ބިމު ކުލީގެ މިންވަރު ނުވަތަ އެ މިންވަރު ހިސާބުކުރެވޭނެ އުސޫލު ބަޔާންކުރަންވާނެއެވެ. 

 

6 ވަނަ މާއްދާ - ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭއިރު އިންވެސްޓްމަންޓުގެ ބަދަލުގައި އެކުއިޒިށަން ކޮސްޓާއި ކުލި އަޅައިކަނޑައިދިނުން 

(ހ) ) މި ގަވާއިދުގެ ދަށުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށް ޓަކައި ރަށްރަށާއި، ބިންބިމާއި، ފަޅުފަޅުގެ އެކުއިޒިށަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބޭނެ މިންވަރު ކަނޑައެޅުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލާ އުސޫލެއް، މި ގަވާއިދުގެ 3 ވަނަ މާއްދާގެ 

(ހ) ގައިވާ ގޮތަށް، ކޮންމެ އަހަރަކު މަށްރޫއުތައް ށާއިއުކުރާއިރު ހިމަނަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ އުސޫލުން ކުއްޔަށް ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިށަން ކޮސްޓުގެ ގޮތުގައި ކަނޑައެޅޭ މިންވަރާއި، އެ ތަނެއް ކުއްޔަށް ދޫކުރުމުން ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން އެ ތަނަކަށް ދައްކަންޖެހޭ ބިމު ކުލި، އެ މަށްރޫއެއް ހިންގުމުގެ މުގާބިލުގައި ކުއްޔަށް ދޫކުރާ މަށްރޫއަށް ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން ހަރަދު ކޮށްފައިވާ ފައިސާއާ އަޅައިކަނޑައިދޭންވާނެއެވެ. 

 

7 ވަނަ މާއްދާ - ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް  ދިނުމަށް ދައުލަތުން އެއްބަސްވެފައިވާ އެއްބަސްވުންތައް 

(ހ)  ގާނޫނު ނަންބަރު 35/2020 (ގާނޫނު ނަންބަރު 2/1999 ،ދިވެހިރާއްޖޭގެ  ޓޫރިޒަމާބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގައި ނިމިފައިވާ ޕްރޮޖެކްޓެއްގެ މުގާބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާނަމަ، މި މާއްދާގައިވާ ގޮތަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދެވިދާނެއެވެ. 

(ށ) ގާނޫނު ނަންބަރު 35/2020 (ގާނޫނު ނަންބަރު 2/1999 ،ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގައި ނިމިފައިވާ ޕްރޮޖެކްޓެއްގެ މުގާބިލުގައި ރަށެއް ދޫކުރުމުގެ ކުރިން އެ ޕްރޮޖެކްޓަކާ ގުޅޭ އަންނަނިވި މައުލޫމާތު، ދިވެހި ސަރުކާރުގެ ގެޒެޓުގައި 
ށާއިއު ކުރަންވާނެއެވެ. 

  1. މަށްރޫއުގެ ތައާރުފު؛ 
  2. މަށްރޫއު ހިންގައިފައިވާ އަތޮޅާއި ރަށް؛ 
  3. މަށްރޫއު ހިންގި ފަރާތުން ކޮށްފައިވާ ހަރަދު؛ 
  4. މަށްރޫއު ހިންގި ފަރާތް؛ 
  5. މަށްރޫއު ހިންގުމަށް އެ ފަރާތާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން އެކުލަވައިލި ތާރީހު؛ 
  6. މަށްރޫއު ނިމުނު ތާރީހު. 

(ނ)  މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މަށްރޫއާ ގުޅޭ މައުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، މި ގަވާއިދުގެ 4 ވަނަ މާއްދާއާ އެއްގޮތަށް އެ މަށްރޫއެއްގެ މުގާބިލުގައި ދޫކުރާނެ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކަނޑައަޅަންވާނެއެވެ. 

(ރ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާއާ އެއްގޮތަށް ކުއްޔަށް ދޫކުރާ ރަށަކާ ނުވަތަ ފަޅަކާ ނުވަތަ ބިމަކާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ބިމު ކުއްޔާއި އެކުއިޒިށަން ކޮސްޓް، އެ މަށްރޫއެއް ހިންގުމުގެ މުގާބިލުގައި މަށްރޫއަށް ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން ހަރަދުކޮށްފައިވާ ފައިސާއާ އަޅައިކަނޑައިދޭންވާނީ އެ މަށްރޫއަކާ ގުޅިގެން އެންމެ ފުރަތަމަ ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. 

 

8 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ. 

(ހ) "ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކޮށްފައިވާ ވުޒާރާއަށެވެ. 

(ށ) "ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލައި ކަނޑައަޅައިފައިވާ އަދަދަކަށް އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާ ކަމަށް ޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ. 

 

9 ވަނަ މާއްދާ - 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

ރިފަރެންސް

ކިޔުންތެރިންގެ ޚިޔާލު