-

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-125) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-71)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 20 އޮގަސްޓް 2024 ގައި)

 

ގަވާއިދު ނަންބަރު 2022-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަށްރޫއުތަކަށް ހަރަދުކުރުމަށް ލިބޭ ފައިސާ ބަލައިގަތުމާއި ހަރަދުކުރުން 8.

(ހ) އެ މަށްރޫއެއްގެ ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވޭ މަށްރޫއުތަކަށް ހަރަދުކުރަން އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާ ފަރާތުން ސަރުކާރަށް ދައްކާ ފައިސާ ޖަމާކުރަންވާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައްކާ ފައިސާ އެ މަށްރޫއަކަށް ހަރަދުކުރާނީ، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" އިސްލާހުކުރުން.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ޖަދުވަލު 1

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯޒަލް

ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، މި ގަވާއިދުގެ ދަށުން، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭ ޕްރޮޕޯޒަލްތައް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

 

2 ވަނަ މާއްދާ - ޕްރޮޕޯޒަލުގެ ބާވަތްތައް

މި އުސޫލުގެ ދަށުން ސަރުކާރަށް ހުށަހެޅޭނީ ތިރީގައި ބަޔާންކޮށްފައިވާ ފަދަ ޕްރޮޕޯޒަލްތަކެވެ.

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ މަށްރޫއެއް ހިންގުމަށް ހަރަދުކުރުމަށް އެދި ހުށަހެޅޭ ޕްރޮޕޯޒަލް.

 

3 ވަނަ މާއްދާ - ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް

މި އުސޫލުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅަންވާނީ ތިރީގައިވާ ބައިތައް ހިމެނޭ ގޮތަށެވެ.

(ހ) އެޕްލިކޭށަން ފޯމު.

(ށ)

  1. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާރޓްނަރށިޕެއް ނަމަ، ރަޖިސްޓަރީކޮށްފައިވާކަމުގެ ސެޓުފިކެޓުގެ ކޮޕީއާއި، އަސާސީ ގަވާއިދުގެ ކޮޕީއާއި، ހިންގާ ގަވާއިދުގެ ކޮޕީ ނުވަތަ އެނޫންވެސް ގާނޫނީ އެފަދަލިޔެކިޔުންތަކުގެ ކޮޕީ؛
  2. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ދިވެހި އަމިއްލަ ފަރުދެއް ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛ 
  3. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ބިދޭސީއެއް ނަމަ، އެ ފަރާތުގެ ޕާސްޕޯޓުގެ ނޯޓަރައިޒްކޮށްފައިވާ ކޮޕީ.

(ނ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔެކިޔުން.

(ރ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅާ ފަރާތެއް ނަމަ، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ ކޮޕީ. (މި އަކުރު މިހެން އޮތްކަމުގައި ވިޔަސް، ހުށަހެޅިފައިވާ ޕްރޮޕޯޒަލުގައި ހިމެނޭ ކަންކަމުގެ ކުޑަބޮޑުމިނަށް ބަލައި، 3 (ތިނެއް) އަހަރަށްވުރެ ދިގު މުއްދަތުގެ އޮޑިޓުކޮށްފައިވާ މާލީބަޔާން ހުށަހެޅުމަށް ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް އިވެލުއޭށަން ކޮމިޓީން އެންގިދާނެއެވެ.)

(ބ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލަކީ މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލެއް ނަމަ، އެ މަށްރޫއުގެ ދާއިރާގައި ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފަންނީ ގާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔެކިޔުން.

 

4 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅުން

(ހ) ޕްރޮޕޯޒަލް ހުށަހަޅާނީ، މިނިސްޓްރީގެ އަންނަނިވި އެޑްރެހަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް

5 ވަނަ ފަންގިފިލާ، ވެލާނާގެ، އަމީރު އަހްމަދު މަގެ، މާލެ، ދިވެހިރާއްޖެ.

ފޯނު: 2200 302 +960

އީމެއިލް: [email protected]

(ށ) ޕްރޮޕޯޒަލް ތައްޔާރުކުރުމުގައި އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ނަމަ، އެ ކަމެއް ސާފުކުރުމަށް ޓަކައި މަތީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް ފޮނުވައިގެން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ކަމެއް ސާފުކުރުމަށް ހުށަހެޅިދާނެއެވެ.

(ނ) ޕްރޮޕޯޒަލެއް ހުށަހެޅުމަށްފަހު، ޕްރޮޕޯޒަލާއި އެ ޕްރޮޕޯޒަލަކާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބޭނެއެވެ. އެހެންނަމަވެސް، ޕްރޮޕޯޒަލުގައި ހިމެނިފައިވާ އެންމެހައި މައުލޫމާތުތަކުގެ ފިކުރީ މިލްކުވެރިކަމުގެ ހަމައެކަނި ހައްގުވެރި ފަރާތަކީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތެވެ.

(ރ) ޕްރޮޕޯޒަލް ހުށަހެޅުމުގައި ހިނގާ ހުރިހާ ހަރަދަކަށް ޒިންމާވާނީ، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުންނެވެ.

(ބ) މިނިސްޓްރީއަށް ޕްރޮޕޯޒަލެއް ލިބުމުން، އެ ޕްރޮޕޯޒަލް ލިބުނުކަމުގެ ރަސީދެއް، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް ދޭންވާނެއެވެ،

 

5 ވަނަ މާއްދާ - އެސެސްމަންޓާއި ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުން

މި ގަވާއިދުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތައް އެސެސްކޮށް ޕްރޮޕޯޒަލާމެދު ގޮތެއް ނިންމާނީ ތިރީގައިވާ މަރުހަލާތަކަށް ބަހައިލައިގެންނެވެ.

(ހ) ފުރަތަމަ މަރުހަލާ:

  1. ޕްރޮޕޯޒަލް ހުށަހެޅުމުގައި ކަނޑައަޅައިފައިވާ އަސާސީ މިންގަނޑުތަކަށް ޕްރޮޕޯޒަލް ފެތޭތޯ އިވެލުއޭށަން ކޮމިޓީން ބެލުން؛
  2. ޕްރޮޕޯޒަލާ ގުޅޭ ޑީޓެއިލްޑް އެސެސްމަންޓެއް އިވެލުއޭށަން ކޮމިޓީން ހެދުން.

(ށ) ދެވަނަ މަރުހަލާ:

  1. ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުމަށް ޓަކައި ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުން؛
  2. މަށްރޫއުގެ ނުވަތަ ފައިސާ ދައްކާނެ ގޮތުގެ ޓަރމްސް ނެގޯށިއޭޓްކޮށް ފައިނަލައިޒްކުރުން.

(ނ) ތިންވަނަ މަރުހަލާ:

  1. ފޮރިން އިންވެސްޓްމަންޓް އަދި/ނުވަތަ ވިޔަފާރި ރަޖިސްޓަރީކުރުން؛
  2. އެއްބަސްވުމުގައި ސޮއިކުރުން.

 

ފުރަތަމަ މަރުހަލާ

 

6 ވަނަ މާއްދާ - އިނީށަލް އެސެސްމަންޓް

(ހ) ޕްރޮޕޯޒަލް ހުށަހެޅުމުން ހެދޭ އިނީށަލް އެސެސްމަންޓުގައި، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް ހިމަނައިފައިވޭތޯ، އިވެލުއޭށަން ކޮމިޓީން ކަށަވަރުކުރަންވާނެއެވެ.

(ށ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލެއްގައި ހިމަނަންޖެހޭކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ ބައިތައް ޕްރޮޕޯޒަލުގައި ފުރިހަމައަށް ހިމަނައިފައި ނުވާކަމަށް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހަދާ އިނީށަލް އެސެސްމަންޓުން އިވެލުއޭށަން ކޮމިޓީއަށް ފެންނަ ހާލަތުގައި، އެ ޕްރޮޕޯޒަލް ފުރިހަމަކުރުމަށް ނުވަތަ އެ ޕްރޮޕޯޒަލް ބާތިލުކުރުމަށް އިވެލުއޭށަން ކޮމިޓީއަށް ނިންމިދާނެއެވެ. އަދި މި މަރު ހަލާގައި ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތުން ސައްހަ ނޫން ލިޔުމެއް ނުވަތަ މައުލޫމާތެއް ހުށަހަޅައިފައިވާނަމަ، އިވެލުއޭށަން ކޮމިޓީން އެޕްލީކޭށަން ބާތިލުކުރަން ވާނެއެވެ. މިގޮތުގެ މަތީން ނިންމާ ނިންމުން، އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށް، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ޑީޓެއިލްޑް އެސެސްމަންޓް

(ހ) މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނީށަލް އެސެސްމަންޓް ހެދުމަށްފަހު ބަލައިގަތުމަށް ނިންމާ ޕްރޮޕޯޒަލްތަކުގެ ޑީޓެއިލްޑް އެސެސްމަންޓެއް، ތިރީގައިވާ ކަންކަން ހިމެނޭގޮތަށް، އިވެލުއޭށަން ކޮމިޓީން ތައްޔާރުކުރަންވާނެއެވެ.

  1. ހުށަހަޅައިފައިވާ ޕްރޮޕޯޒަލަކީ ވަކި މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅައިފައިވާ ޕްރޮޕޯޒަލެއް ނަމަ، ތިރީގައިވާ ކަންކަން ހިމެނޭގޮތަށް، އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަންހުރި މިންވަރު؛ 
    1.1 ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން ހުށަހަޅައިފައިވާ މަށްރޫއާއި އެފަދަ އެހެނިހެން މަށްރޫއުތައް ހިންގުމުގައި މަސައްކަތްކޮށްފައިވާ މިންވަރާއި، އެކަމުގެ ތަޖުރިބާ. 
    1.2 ހުށަހަޅައިފައިވާ މަށްރޫއު ހިންގުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރު.
    1.3 މަށްރޫއަށް ފަންޑުކުރުމަށް ރާވައިފައިވާ ގޮތް.
    1.4 އިތުރު އެއްވެސް ކޮމާށަލް ޓަރމްއެއް ހުށަހެޅިފައިވާ ނަމަ، އެފަދަ ޓަރމްތައް ސަރުކާރަށް ގަބޫލުކުރެވޭ މިންވަރު.
  2. ހުށަހަޅައިފައިވާ ޕްރޮޕޯޒަލަކީ ވަކި މަށްރޫއެއް ހިންގުމަށް ހަރަދުކުރުމަށް އެދި ހުށަހަޅައިފައިވާ ޕްރޮޕޯޒަލެއް ނަމަ، ތިރީގައިވާ ކަންކަން ހިމެނޭގޮތަށް، އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަންހުރި މިންވަރު؛
    2.1 ހުށަހަޅައިފައިވާ މަށްރޫއުގެ އެންމެ މަދު މިންވަރަށް ހަރަދުކުރުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރު.
    2.2 އިތުރު އެއްވެސް ކޮމާށަލް ޓަރމްއެއް ހުށަހެޅިފައިވާ ނަމަ، އެފަދަ ޓަރމްތައް ސަރުކާރަށް ގަބޫލުކުރެވޭ މިންވަރު.
  3. ހުށަހަޅައިފައިވާ ޕްރޮޕޯޒަލުގައި، ކްރޮސް ސަބްސިޑީގެ ދަށުން ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ ލީސް އެކުއިޒިށަން ކޮސްޓުގެ ގޮތުގައި ދައްކަންޖެހޭ އަދަދާއި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން ހަރަދުކުރުމަށް ހުށަހަޅައިފައިވާ އަދަދު.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ޑީޓެއިލްޑް އެސެސްމަންޓް ތައްޔާރުކުރުމުގައި ކަމާ ގުޅޭ ފަންނީ އެހީ ހޯދަން ޖެހިއްޖެ ނަމަ، ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދިދާނެއެވެ.

(ނ) ޕްރޮޕޯޒަލުގެ އިނީށަލް އެސެސްމަންޓާއި، ޑީޓެއިލްޑް އެސެސްމަންޓަށްފަހު އިވެލުއޭށަން ކޮމިޓީއަށް އަންނަނިވި ގޮތަށް ނިންމިދާނެއެވެ.

  1. ހުށަހަޅައިފައިވާ ގޮތަށް ކުރިޔަށްގެންދަން ނިންމުމަށް؛
  2. ސީދާ މަށްވަރާއަކަށް ދިއުމަށް ނިންމުމަށް؛
  3. ކުރިޔަށް ގެންދިޔުމަށް ނުފެންނަކަމަށް ނިންމުމަށް.

(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އިވެލުއޭށަން ކޮމިޓީން ނިންމައިފި ނަމަ، އެގޮތަށް ނިންމި ސަބަބު ބަޔާންކޮށް، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނުފެންނަކަމަށް އިވެލުއޭށަން ކޮމިޓީން ނިންމައިފި ނަމަ، އެގޮތަށް ނިންމި ސަބަބު ބަޔާންކޮށް، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ދެވަނަ މަރުހަލާ ޕްރޮޕޯޒަލާ ގުޅޭ މަށްވަރާތައް ކުރިޔަށް ގެންދިޔުމާއި، ކޮމާށަލް ޓަރމްސް ފައިނަލައިޒްކުރުން

(ހ) ޕްރޮޕޯޒަލުގައި ހިމެނިފައިވާ ކަންކަމާ ގުޅޭގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު، މި އުސޫލުގެ 7 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސީދާ މަށްވަރާއަށް ދިޔުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފި ނަމަ، އެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު މިނިސްޓްރީން ސީދާ މަށްވަރާއަށް ގޮސް މަށްރޫއުގެ ޓަރމްސްތައް ފައިނަލައިޒް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު ސީދާ މަށްވަރާއަށް ދިޔުމަށް ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމާ ހާލަތުގައި، މަށްރޫއުގެ ޓަރމްސްތަކާމެދު ސީދާ މަށްވަރާއަށް ދިޔުމުގެ ކުރިން އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު ފަހުމުނާމާ (މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ) އެއްގައި ސޮއިކުރުމަށް ދެފަރާތުން އެއްބަސްވެވޭ ނަމަ، އެފަދަ ފަހުމުނާމާއެއްގައި ސޮއިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު ސީދާ މަށްވަރާތައް ކުރުމުގައި ކަމާ ގުޅޭ އެންމެހައި ވުޒާރާތައް ބައިވެރިކުރަންވާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ކުރެވޭ ސީދާ މަށްވަރާތައް ނިމިގެންދާ ގޮތަށް ރިއާޔަތްކޮށް، ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ މައިގަނޑު ޓަރމްސްތަކާމެދު ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ހުއްދަ ހޯދުމަށް، އިވެލުވޭށަން ކޮމިޓީގެ ލަފާގެ މަތީން، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް، މިނިސްޓްރީން ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ތިންވަނަ މަރުހަލާ ފޮރިން އިންވެސްޓްމަންޓް އަދި/ނުވަތަ ވިޔަފާރި ރަޖިސްޓަރީކުރުން

މި ގަވާއިދުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތަކީ، ދިވެހިރާއްޖޭގައި މަށްރޫއެއް ހިންގުމަށް ޓަކައި ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއް ރަޖިސްޓަރީކުރަންޖެހޭ ފަރާތެއް ކަމުގައި ވާ ނަމަ، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކަންކަމުގެ ގާނޫނީ އިޖުރާތު ފުރިހަމަކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - އެއްބަސްވުމުގައި ސޮއިކުރުން

(ހ) މި މަރުހަލާގައި، ސަރުކާރާއި ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ.

(ށ) އެއްބަސްވުމުގައި ސޮއިކުރާއިރު، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީން ދީފައިވާ ހުއްދައަށް އެއްވެސް އުނިއިތުރެއް ގެނެސްގެން ނުވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ، އެ މަށްރޫއެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ.

(ރ) މި ގަވާއިދުގެ ދަށުން މަށްރޫއެއް ހިންގުމަށް ހަރަދުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ މިނިސްޓްރީންނެވެ.

(ބ) މި ގަވާއިދުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތަކާ ގުޅިގެން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ މިނިސްޓްރީންނެވެ.

 

އިވެލުއޭށަން ކޮމިޓީ

 

11 ވަނަ މާއްދާ - އިވެލުއޭށަން ކޮމިޓީ

މި އުސޫލުގެ ދަށުން ހުށަހަޅާ ޕްރޮޕޯޒަލްތައް ވަޒަންކުރާނީ، މިނިސްޓްރީން އެކުލަވައިލާ ކޮމިޓީންނެވެ.

 

12 ވަނަ މާއްދާ - ކޮމިޓީ އައްޔަނުކުރުން.

އިވެލުއޭށަން ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ ޓޫރިޒަމާބެހޭ ވަޒީރެވެ.

 

13 ވަނަ މާއްދާ - ކޮމިޓީގައި ހިމެނޭ ފަރާތްތައް

އިވެލުއޭށަން ކޮމިޓީގައި ހިމެނޭނީ ތިރީގައިވާ ފަރާތްތަކެވެ.

(ހ) މިނިސްޓްރީގެ ފަރާތުން އައްޔަނުކުރާ 3 (ތިނެއް) މެންބަރުން.

(ށ) ޕްރޮޕޯޒަލް ހިމެނޭ ދާއިރާއާ ގުޅުންހުރި މިނިސްޓްރީން އައްޔަނުކުރާ 2 (ދޭއް) މެންބަރުން.

 

14 ވަނަ މާއްދާ - ޒިންމާތަކާއި މަސްއޫލިއްޔަތުތައް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާ

މި ގަވާއިދުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯޒަލް ތައްޔާރުކޮށްފައި ހުށަހެޅުން.

(ށ) ޕްރޮޕޯޒަލް އެސެސްކުރުމުގައި އިތުރު މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައުލޫމާތު ހުށަހެޅުން.

(ނ) ޕްރޮޕޯޒަލާއެކު ހުށަހަޅާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުން.

 

15 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

(ހ) ހުށަހެޅޭ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައްޔާއި، އެ ޕްރޮޕޯޒަލްތައް އެނަލައިޒް ކުރުމުގައްޔާއި، މި ކަންކަން ވިލަރެސްކުރުމުގައި އެންމެ އިސް ދައުރު އަދާކުރުން.

(ށ) ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ފުރިހަމަތޯ ބެލުން.

(ނ) ޕްރޮޕޯޒަލް އެސެސްކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެހެނިހެން ވުޒާރާތަކާއި އިދާރާތައް ބައިވެރިކުރުމުގެ ކަންކަން ހަމަޖެއްސުން.

(ރ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ކިބައިން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދުން.

(ބ) ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް އެ ޕްރޮޕޯޒަލުގެ ކޮމްޕްލައެންސް ނުވަތަ ނޮން-ކޮމްޕްލައެންސް އެންގުން.

(ޅ) މި އުސޫލުގައި ކަނޑައަޅައިފައިވާ އެސެސްމަންޓް ކްރައިޓީރިއާގެ ދަށުން ޕްރޮޕޯޒަލް އެސެސްކުރުން.

 

16 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ދައުރު 

(ހ) ފުރަތަމަ މަރުހަލާ ކަޑައްތުކޮށްފައިވާ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުން.

(ށ) މަށްރޫއުގެ މައިގަނޑު ޓަރމްސްއަށް ހުއްދަދިނުން.

(ނ) ކުރިން އެއްބަސްވެފައިވާ ޓަރމްސްއަށް ނުވަތަ މަށްރޫއާބެހޭ މުހިންމު އެއްވެސް ކަމަކަށް ބަދަލެއް އަތުވެއްޖެ ހާލަތެއްގައި، އެ ބަދަލަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުމާމެދު ގޮތެއް ނިންމުން.

 

17 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

(ހ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތަކުގެ ތެރެއިން އެއްބަސްވުމަކާ ހަމަޔަށް ގެންދެވޭ ޕްރޮޕޯޒަލްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށާއިއުކުރެވޭ މައުލޫމާތުގެ ތެރޭގައި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ މައުލޫމާތާއި، ހުށަހަޅައިފައިވާ ޕްރޮޕޯޒަލުގެ ސްކޯޕް ހިމަނަންވާނެއެވެ.

(ނ) ވިޔަފާރީގެގޮތުން ހައްސާސް މައުލޫމާތުތައް ރައްކައުތެރިކުރެވޭނެކަން ކަށަވަރުކުރުމަށް ޓަކައި އެއްވެސް މައުލޫމާތެއް ހާމަކުރަންވާނީ، މިނިސްޓްރީން އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު މަށްވަރާކުރުމަށްފަހުގައެވެ.

 

18 ވަނަ މާއްދާ - އާންމު މާއްދާ

(ހ) ޕްރޮޕޯޒަލް އެސެސްކުރުމުގެ އެންމެހައި މަރުހަލާތަކުގައްޔާއި އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިޔަށްގެންދަންވާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި އުސޫލުގައި ބަޔާންކޮށްފައިނުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަމާމެދު ގޮތެއް ނިންމާނީ، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީންނެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

"އިވެލުއޭށަން ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ މިނިސްޓްރީން އައްޔަނުކުރާ 3 (ތިނެއް) މެންބަރުންނާއި ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއުގެ ދާއިރާއާ ގުޅޭ ވުޒާރާ އައްޔަނުކުރާ 2 (ދޭއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއަށެވެ.

 

މައި ގަވާއިދު

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-125)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-125)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު