-

ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަ ވާއިދު

(ގަވާއިދު ނަންބަރު 98/2021)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލެވިފައިވާ، ޗުއްޓީ ނެގުމާއި، ސަލާމް ބުނުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދެވޭނެ ޗުއްޓީގެ ބާވަތްތަކާއި، ޗުއްޓީގެ މުއްދަތާއި، ސަލާމް ބުނުމާއި، ސަލާމްބުނެވޭނެ ހާލަތްތަކާއި ގޮތްތައް އަދި ޗުއްޓީގައި ހުންނަ މުއްދަތުގައި މުސާރައާއި، އެލަވަންސްތަކާއި، އިނާޔަތްދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

 

4 ވަނަ މާއްދާ - ޗުއްޓީގެ ބާވަތްތައް

(ހ) ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް ދެވޭނެ ޗުއްޓީގެ ބާވަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. އަހަރީ ޗުއްޓީ؛
  2. އިމަރޖެންސީ ޗުއްޓީ؛
  3. ބޮޑެތި ކަންތަކާ ގުޅިގެން ދެވޭ ޗުއްޓީ.
  4. މުސާރައިގެ ½ (ދެބައިކުޅަ އެއްބައި) ލިބޭގޮތަށް ދެވޭ ޗުއްޓީ؛
  5. މުސާރަ ނުލިބޭ ޗުއްޓީ؛
  6. ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ؛
  7. ހައްޖު އަދި އުމްރާގެ ޗުއްޓީ؛
  8. ދިގުމުއްދަތެއްގައި ހިދުމަތް ކުރުމުން ދެވޭ ޗުއްޓީ؛
  9. ބަލިވެއިނުމާއި، ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ؛
  10. ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ؛
  11. އާއިލާގެ މީހަކު ނިޔާވުމާ ގުޅިގެން ދެވޭ ޗުއްޓީ؛ އަދި
  12. ހާއްސަ ޗުއްޓީ؛

 

5 ވަނަ މާއްދާ - އަހަރީ ޗުއްޓީ

(ހ) އަހަރީ ޗުއްޓީއަކީ ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފަކު، މެދުނުކެނޑި 1 (އެކެއް) އަހަރުދުވަހު ވަޒީފާ އަދާކުރުމުން، އެ މުވައްޒަފަކު ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކޮށްފައިވާ މުއްދަތަށް ބިނާކޮށް، ހަމަ މުސާރައާއެކު އެ މުއްވައްޒަފަކަށް ހައްގުވާ ޗުއްޓީއެކެވެ.

(ށ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ދާއިމީ އާންމު މުވައްޒަފުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި ދެވޭނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ފުލުހުންނާއި، ޕޮލިސް ރެކްރޫޓުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި ދެވޭނެ މުއްދަތުތައް ބަޔާންކޮށްފައި އެވަނީއެވެ.

  1. ހިދުމަތުގައި ހޭދަކޮށްފައިވާ މުއްދަތު 5 (ފަހެއް) އަހަރުދުވަސް ވުމާހަމައަށް، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަސް؛
  2. ހިދުމަތުގައި ހޭދަކޮށްފައިވާ މުއްދަތު 5 (ފަހެއް) އަހަރުދުވަހަށްވުރެ ގިނަދުވަސްވެފައިވާ ފަރާތްތަކަށް، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 38 (ތިރީސް އަށެއް) ދުވަސް؛

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ހައްގުވާނީ، އެ އަހަރުދުވަހުގެ ތެރޭގައި އެ މުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކުގެ އަދަދު، އެ މުވައްޒަފަށް ޗުއްޓީގެ ގޮތުގައި ލިބޭނެކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ މަދުވާނަމައެވެ.

(ބ) އަހަރީ ޗުއްޓީ ދިނުމުގައި، މުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަސްތައް، އަހަރީ ޗުއްޓީގެ މުއްދަތުން އުނިކުރަންވާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުވައްޒަފަށް ހައްގުވާ އަހަރީ ޗުއްޓީ، އެކީ އެއްފަހަރާ ނުވަތަ ވަކިވަކިން ބަހައިލައިގެންވެސް ނެގިދާނެއެވެ.

(ކ) އަހަރީ ޗުއްޓީ ހައްގުވާ މުވައްޒަފުންނަށް، އަހަރީ ޗުއްޓީ ދޭންވާނީ، މަސައްކަތަށް ދަތިނުވާނެގޮތުގެމަތިންނެވެ. މިގޮތުން، މުވައްޒަފުން މަސައްކަތްކުރާ އިދާރީ ބަހާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޗުއްޓީ ޕްލޭންކޮށް، އަހަރުދުވަހަށް ބަހައިލައިގެން މަސައްކަތަށް ދަތިނުވާފަދަ ގޮތަކަށް ޗުއްޓީ ނެގުމަށް މުވައްޒަފުންނަށް ހިތްވަރުދޭންވާނެއެވެ. އަދި ހާއްސަ ހާލަތެއް މެދުވެރިނުވާނަމަ، އެ އަހަރެއްގެ އަހަރީ ޗުއްޓީ އެ އަހަރެއްގެ ތެރޭގައި ނެގުމަށް މުވައްޒަފުންނަށް ބާރުއަޅަންވާނެއެވެ.

(އ) ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގެމަތިން އަހަރުގެ   ވަކި ދުވަސްވަރެއްގައި، ނުވަތަ ދިމާވާ ވަކި ހާލަތަކާ ގުޅިގެން ކަނޑައެޅޭ ވަކި މުއްދަތެއްވަންދެން މުވައްޒަފުންނަށް އަހަރީ ޗުއްޓީ ނުދީ، ޗުއްޓީ ހިފެއްޓުމަށް ކޮމިށަނަރ އޮފް ޕޮލިސް އަށް ނިންމިދާނެއެވެ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުވައްޒަފުންނަށް އަހަރީ ޗުއްޓީ ނުދިނުމަށް ނިންމާ ހާލަތްތަކުގައިވެސް، މުވައްޒަފަކަށް ދިމާވާ ކުއްލި ކަމަކާ ގުޅިގެން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމަރޖެންސީ ޗުއްޓީ ދޭންވާނެއެވެ. އަދި އެފަދަ ހާލަތެއްގައި އިމަރޖެންސީ ޗުއްޓީ ދިނުމުގައި މުވައްޒަފުގެ އަހަރީ ޗުއްޓީ ބާކީގައި ދުވަސްތައް ހުރިނަމަ، އިމަރޖެންސީ ޗުއްޓީގެ މުއްދަތު އުނިކުރަންވާނީ އަހަރީ ޗުއްޓީގެ ދުވަސްތަކުންނެވެ.

 

6 ވަނަ މާއްދާ - ޗުއްޓީ ބާކީއަށް ފައިސާ ދިނުން

(ހ) އަހަރީ ޗުއްޓީ ހައްގުވާ ދާއިމީ އާންމު މުވައްޒަފަކު، އަހަރީ ޗުއްޓީ ނުނަގައި ހުރެއްޖެނަމަ، އެ މުވައްޒަފެއްގެ އަހަރީ ޗުއްޓީގެ ދުވަސްތައް 3 (ތިނެއް) އަހަރުވަންދެން ޖަމާކުރެވޭނެއެވެ. މިގޮތުން، އެ މީހެއްގެ އަހަރީ ޗުއްޓީގައި ޖަމާކުރެވޭނީ ގިނަވެގެން 90 (ނުވަދިހަ) ދުވަހެވެ. އަދި އަހަރީ ޗުއްޓީގައި 90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުވާ ދުވަސްތައް އުނިކުރެވޭނެއެވެ. މިގޮތުން، އުނިކުރެވޭ ޗުއްޓީ ބާކީގެ ދުވަސްތަކަށް ފައިސާއެއް ނުލިބޭނެއެވެ.

(ށ) އާންމު މުވައްޒަފަކަށް ޗުއްޓީ ނުދީ ހިފަހައްޓައިފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ކަމުގައިވާނަމަ، އޭނާގެ ޗުއްޓީގެ ދުވަސްތައް އުނިވެގެން ނުދާނެއެވެ. އެފަދަ ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ  90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުވާ ދުވަސްތައް ވެސް، ޗުއްޓީގައި ޖަމާކުރެވޭނެއެވެ.

(ނ) އަހަރީ ޗުއްޓީ ހައްގުވާ ފުލުހުންނާއި ޕޮލިސް ރެކްރޫޓުން، އަހަރީ ޗުއްޓީ ނުނަގައި ހުރެއްޖެނަމަ، އެ މީހެއްގެ އަހަރީ ޗުއްޓީގެ ދުވަސްތައް ޖަމާކުރެވޭނީ ގިނަވެގެން، 3 (ތިނެއް) އަހަރުދުވަސް ވަންދެންނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް، އެ މީހެއްގެ އަސާސީ މުސާރައިން ދުވަހަކަށްޖެހޭ މިންވަރު ޗުއްޓީ ބާކީވާ ފައިސާގެ ގޮތުގައި އެ މީހަކަށް ދޭންވާނެއެވެ.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަހަރީ ޗުއްޓީ ހައްގުވާ، ފުލުހަކު ނުވަތަ ޕޮލިސް ރެކްރޫޓަކު ނުވަތަ ދާއިމީ އާންމު މުވައްޒަފަކު، ވަޒީފާއިން ވަކިކުރާއިރު އޭނާއަށް ހައްގުވާ އަހަރީ ޗުއްޓީއެއް ނުނަގައި އޮވެއްޖެނަމަ، އެ ޗުއްޓީގެ ބަދަލުގައި އެ މުވައްޒަފަކަށް އެ އިރަކު ލިބޭ އަސާސީ މުސާރައިގެ ނިސްބަތުން ދުވަހަކަށްޖެހޭ މިންވަރަށް، ފައިސާ ދޭންވާނެއެވެ.

 

7 ވަނަ މާއްދާ - އިމަރޖެންސީ ޗުއްޓީ

(ހ) އިމަރޖެންސީ ޗުއްޓީއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފު ނުވަތަ އޭނާގެ އާއިލާގެ މެންބަރަކަށް ދިމާވާ ބޮޑުކަމަކާ ގުޅިގެން، މުވައްޒަފު ކުއްލިއަކަށް ޗުއްޓީއަށް ދާންޖެހިގެން ހަމަމުސާރައާއެކު ދެވޭ ޗުއްޓީއެކެވެ.

(ށ) އިމަރޖެންސީ ޗުއްޓީގެ ގޮތުގައި ދެވޭނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 10 (ދިހައެއް) ދުވަހެވެ.

(ނ) މުވައްޒަފަކަށް އިމަރޖެންސީ ޗުއްޓީ ބޭނުންވި ސަބަބަކީ އެ މުވައްޒަފަކަށް ނުވަތަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުގެ އާއިލާގެ މެންބަރަކު ބަލިވުމާ ގުޅިގެން ކަމުގައިވާނަމަ، އެކަން އެނގޭނެ ޑޮކްޓަރެއްގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ރ) އިމަރޖެންސީ ޗުއްޓީ ދޭންވާނީ، މުވައްޒަފުގެ އަހަރީ ޗުއްޓީގެ ބާކީގައި ދުވަސް ނެތް ކަމުގައި ވާނަމަ، އަހަރަކު 1 (އެކެއް) ފަހަރު އެވެ. 

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ މުވައްޒަފަށް ދިނުމަށް މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާގެ ފަރާތުން ނިންމުމުގައި، ޗުއްޓީ ހޯދުމަށް އެދި ހުށަހަޅައިފައިވާ ސަބަބަކީ، މި ޗުއްޓީ ދެވިދާނެފަދަ މަގުބޫލު ސަބަބެއްކަން ވަޒަންކޮށް ބަލަންވާނެއެވެ.

(ޅ) އިމަރޖެންސީ ޗުއްޓީގެ ދުވަސްތައް، ޗުއްޓީ ބާކީގެ ގޮތުގައި ޖަމާއެއް ނުކުރެވޭނެއެވެ.

 

8 ވަނަ މާއްދާ - ބޮޑެތި ކަންތަކާ ގުޅިގެން ދެވޭ ޗުއްޓީ

(ހ) ބޮޑެތި ކަންތަކާ ގުޅިގެން ދެވޭ ޗުއްޓީއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފަކަށް ނުވަތަ އޭނާގެ އާއިލާގެ މެންބަރަކު ބޮޑު ބައްޔެއްވުމުގެ ސަބަބުން ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހިގެން، ނުވަތަ މުއްވައްޒަފު ފަރޓިލިޓީ ޓްރީޓްމަންޓް ނެގުމަށްޓަކައި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހަމަމުސާރައާއެކު ދެވޭ ޗުއްޓީއެކެވެ. 

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ މުވައްޒަފަކަށް ހަމަޖައްސައިދެނީ، މުވައްޒަފަކު އެ މީހެއްގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ލިބޭ އަނިޔާއަކަށް ބޭސްފަރުވާކުރުން ނޫން އެހެން ބޮޑުކަމަކާ ގުޅިގެން ކަމުގައިވާނަމަ،         އެ މުވައްޒަފަށް ޗުއްޓީ ހަމަޖައްސައިދޭންވާނީ، އެ މުއްވައްޒަފުގެ އަހަރީ ޗުއްޓީގައި އިތުރު ދުވަހެއް ނެތް ހާލަތްތަކުގައެވެ.

(ނ) ބޮޑެތި ކަންތަކާ ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި ދެވޭނެ ދުވަހުގެ އަދަދު ކަނޑައަޅަންވާނީ، މުވައްޒަފު ޗުއްޓީ ހޯދުމަށް އެދިފައިވާ ހާލަތަށް ރިއާޔަތްކުރުމަށްފަހުގައެވެ. މިގޮތުން ދެވޭ ޗުއްޓީގެ މުއްދަތު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 60 (ފަސްދޮޅަސް) ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޗުއްޓީ ދެނީ، ވާޖިބުގައި ލިބުނު އަނިޔާއަކަށް ބޭސްފަރުވާ ކުރުމަށްކަމުގައިވާނަމަ، ބޭސްފަރުވާކުރުމާ ގުޅޭގޮތުން ހުށަހަޅައިފައިވާ ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހު، 60 (ފަސްދޮޅަސް) ދުވަހަށްވުރެ އިތުރަށް ޗުއްޓީ ދިނުމަށް ކޮމިށަނަރ އޮފް ޕޮލިސް އަށް ނިންމިދާނެއެވެ.

(ބ) މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެވޭ ޗުއްޓީއަށް އެދި ހުށަހަޅާއިރު ބަލިހާލަތު އެނގޭނެ ލިޔުންތައް ނުވަތަ ފާރޓިލިޓީ ޓްރީޓްމަންޓް ބޭނުންވާކަން އެނގޭނެ ލިޔުންތައް ހުށަހަޅަންވާނެއެވެ. މުވައްޒަފު ހުށަހަޅައިފައިވާ ލިޔުންތަކަށާއި، ދިމާވެފައިވާ ހާލަތަށް ބަލައި، މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ ދިނުމަށް ނިންމާނީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެވޭ ޗުއްޓީ ހޯދުމަށް އެދި ހުށަހަޅަންވާނީ މުވައްޒަފުގެ އަހަރީ ޗުއްޓީ ހުސްވުމަށްފަހު އަދި އިމަރޖެންސީ ޗުއްޓީ ހުސްވުމުގެ 5 (ފަހެއް) ދުވަސް ކުރިންނެވެ. މި ޗުއްޓީއަށް އެދި ހުށަހަޅަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ އިދާރީ ބަހާއިން އާންމުކޮށްފައިވާ ފޯމެއް ނުވަތަ ޕޯޓަލް މެދުވެރިކޮށެވެ.

 

9 ވަނަ މާއްދާ - މުސާރައިގެ ½ ލިބޭ ގޮތަށް ދެވޭ ޗުއްޓީ

(ހ) މުސާރައިގެ ½ (ދެބައިކުޅަ އެއްބައި) ލިބޭ ގޮތަށް ދެވޭ ޗުއްޓީއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފަކަށް ނުވަތަ އޭނާގެ އާއިލާގެ މެންބަރަކަށް ދިމާވާ ބޮޑުކަމަކާ ގުޅިގެން، ނުވަތަ މުވައްޒަފު ތައުލީމު ހާސިލު ކުރުމަށް ކުރަންޖެހޭ ކަމަކާ ގުޅިގެން، ޗުއްޓީ ބޭނުންވާ ހާލަތުގައި، އެ މުއްވައްޒަފުގެ އަހަރީ ޗުއްޓީގައި އިތުރު ދުވަހެއް ނެތް ހާލަތްތަކުގައި މުސާރައިގެ ½ (ދެބައިކުޅަ އެއްބައި) ލިބޭ ގޮތަށް ދެވޭ ޗުއްޓީއެކެވެ. 

(ށ) ތައުލީމު ހާސިލުކުރުމަށް ކުރަންޖެހޭ ކަމެއް ކުރުމަށް ނޫން އެހެން ބޭނުމަކަށް   މި މާއްދާގައި ބަޔާންކުރާ، ޗުއްޓީގެ މުއްދަތުގެ ގޮތުގައި ދެވޭނީ، ސަރުކާރު ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ގިނަވެގެން 30 (ތިރީސް) ދުވަހެވެ.

(ނ) ތައުލީމު ހާސިލު ކުރުމަށް ކުރަންޖެހޭ ކަމަކާ ގުޅިގެން، މި މާއްދާގައި ބަޔާންކުރާ ޗުއްޓީ ދެވޭނީ، ސަރުކާރު ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ޗުއްޓީ މުވައްޒަފަކަށް ދިނުމުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޗުއްޓީ، ކުރިން އެ މުވައްޒަފަށް ދީފައިވާނަމަ، އެ ޗުއްޓީ ބޭނުންކޮށްފައިވާ ގޮތުގެމައްޗަށް ބަލައި ރިއާޔަތްކުރަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެވޭ ޗުއްޓީ ހޯދުމަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގައިވާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއަށް، އެ ބަހާއިން ކަނޑައަޅާ ފޯމެއް ނުވަތަ ޕޯޓަލް މެދުވެރިކޮށެވެ.

 

10 ވަނަ މާއްދާ - މުސާރަ ނުލިބޭ ޗުއްޓީ

(ހ) މުސާރަ ނުލިބޭ ޗުއްޓީއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފުންނަށް، އަންނަނިވި ހާލަތްތަކުގައި މުސާރަ ނުލިބޭގޮތަށް، ދެވޭ ޗުއްޓީއެކެވެ.

  1. އަމިއްލަގޮތުން ތައުލީމު ހާސިލުކުރުމަށްޓަކައި ދިގުމުއްދަތުގެ ޗުއްޓީއެއް ބޭނުންވުން؛
  2. މުވައްޒަފަށް ނުވަތަ އޭނާގެ އާއިލާގެ މެންބަރަކު ބޮޑު ބައްޔެއްވުމުގެ ސަބަބުން ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހިގެން ޗުއްޓީ ބޭނުންވުން؛
  3. ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދިގު މުއްދަތަކަށް ޗުއްޓީއެއް ބޭނުންވުން؛
  4. މުވައްޒަފަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން މުވައްޒަފަށް މި ގަވާއިދުގައި ބަޔާންކުރާ އިތުރު އެހެން އެއްވެސް ޗުއްޓީއެއް ލިބެންނެތް ހާލަތެއްގައި މުވައްޒަފު ކޮންމެހެންވެސް ޗުއްޓީއެއް ބޭނުންވުން؛

(ށ) މުސާރަ ނުލިބޭ ޗުއްޓީ ދޭންވާނީ، އަހަރީ ޗުއްޓީގެ ދުވަސްތަކަށް ޗުއްޓީ ދިނުމަށްފަހު، އިތުރަށް ޗުއްޓީއެއް ކޮންމެހެން ބޭނުންވެގެން ހުށަހެޅުމުންނެވެ.

(ނ) މުސާރަ ނުލިބޭގޮތަށް ދެވޭ ޗުއްޓީގައި ހުންނަ މުއްދަތު، މުވައްޒަފުގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި ނުގުނޭނެއެވެ. އަދި އެދުވަސްތައް ރިޓަޔަރމަންޓުގެ މުއްދަތު ބެލުމުގައިވެސް ނުގުނޭނެއެވެ.

(ރ) ވަކި މުއްދަތަކަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތްކުރަން ޖެހިފައިވާ ހިދުމަތުގެ ބޮންޑެއް އޮތް މީހަކަށް މި ޗުއްޓީ ދެވޭނީ، ހިދުމަތުގެ ބޮންޑުގެ މުއްދަތު ނިމުމަށްފަހުގައެވެ. ނުވަތަ ހިދުމަތުގެ ބޮންޑަށްވާ ފައިސާ ދައްކާ ހަލާސްކުރުމުންނެވެ.

(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި މުވައްޒަފަކަށް މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ، މުވައްޒަފު މެދުނުކެނޑި 5 (ފަހެއް) އަހަރުދުވަހު ދިވެހި ފުލުހުންގެ ހިދުމަތަށް ހިދުމަތްކޮށްފައިވާނަމައެވެ.

(ޅ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ، ތައުލީމު ދޭ ނުވަތަ ތަމްރީނު ދޭ ތަނަކުން ހިންގާ އެފަދަ ޕްރޮގްރާމެއްގައި މުވައްޒަފު ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާކަމުގެ، ލިޔުމާއެކު އެކޯހަކަށް ފަންޑުކުރާނެ ގޮތުގެ މައުލޫމާތަށް ރިއާޔަތްކުރުމަށްފަހުއެވެ.  

(ކ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ، ސިއްހީ ފަރުވާ ބޭނުންވާކަން އެނގޭނެ ރަސްމީ ލިޔުންތައް ހުށަހެޅުމުން އެ ލިޔުންތަކުގެ މައްޗަށް ބެލުމަށްފަހުގައެވެ.

(އ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެނޫން ހާލަތްތަކުގައި، މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ، ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ، މުވައްޒަފު އެ ޗުއްޓީ ބޭނުންވެގެން އެދި ހުށަހަޅައިފައިވާ ހުށަހެޅުމަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، އެ މުވައްޒަފު ދޫކުރުމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތަށް ދަތިނުވާނަމައެވެ.

(މ) މުސާރަ ނުލިބޭ ގޮތަށް ދެވޭ ޗުއްޓީ ނެގި ބޭނުން ފިޔަވައި އިތުރު އެހެން ބޭނުމަކަށް، ޗުއްޓީގެ ބޭނުންކޮށްފިނަމަ ޗުއްޓީ ކެންސަލްކޮށް، ވަޒީފާއަށް ނުކުތުމަށް އެންގުމުގެ އިހްތިޔާރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.

(ފ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެވޭ ޗުއްޓީއަށް އެދި ހުށަހަޅަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއަށް، އެ ބަހާއިން ކަނޑައަޅާ ފޯމެއް ނުވަތަ ޕޯޓަލް މެދުވެރިކޮށެވެ.

 

11 ވަނަ މާއްދާ - ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ

(ހ) ތައުލީމު ހާސިލުކުރުމަށް، މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފުންނަށް، ތައުލީމު ހާސިލުކުރުމަށް ދިގު މުއްދަތަކަށް ޗުއްޓީ ބޭނުންވުމާ ގުޅިގެން މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެވޭ ޗުއްޓީއެކެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ތައުލީމު ހާސިލުކުރުމަށް، މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ ހޯދުމަށް އެދި ހުށަހެޅޭނީ، ދިވެހި ފުލުހުންގެ ހިދުމަތަށް މެދުނުކެނޑި 5 (ފަހެއް) އަހަރުދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށެވެ.

(ނ) ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ ހޯދުމަށް އެދި ހުށަހަޅައިފައިވާނަމަ، އެ މުވައްޒަފަށް ތައުލީމު ހާސިލުކުރުމަށް ފުރުސަތު ލިބިފައިވާކަމާއި، ފަންޑިންގ ހަމަޖައްސާނެގޮތް އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީ ދޭ ކަމުގައިވާނަމަ، އެފަދަ ހާލަތެއްގައި ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީގެ މުއްދަތު ކަނޑައަޅަންވާނީ، ތައުލީމު ހާސިލުކުރުމާ ގުޅޭގޮތުން ހުށަހަޅާ ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީގައި ހުންނަ މުއްދަތުގައި މުވައްޒަފުގެ އަހަރީ ޗުއްޓީގެ ދުވަސްތައް ޖަމާއެއް ނުވާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެވޭ ޗުއްޓީއަށް އެދި ހުށަހަޅަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާއަށް، އެ ބަހާއިން ކަނޑައަޅާ ފޯމެއް ނުވަތަ ޕޯޓަލް މެދުވެރިކޮށެވެ.

 

12 ވަނަ މާއްދާ - ހައްޖު އަދި އުމްރާގެ ޗުއްޓީ

(ހ) ހައްޖު އަދި އުމްރާގެ ޗުއްޓީއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފުންނަށް ހައްޖު އަދި އުމްރާގެ އަޅުކަން އަދާކުރުމަށް މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހަމަމުސާރައާއެކު، ދެވޭ ޗުއްޓީއެކެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ ޗުއްޓީއަށް އެދި ހުށަހަޅަނީ، ހައްޖަށް ދިއުމަށް ކަމުގައިވެފައި، އަދި އެ ޗުއްޓީއަށް އެދި މުވައްޒަފު ހުށަހަޅަނީ ފުރަތަމަފަހަރު ހައްޖަށް ދާން ކަމުގައިވާނަމަ، އެ ހާލަތުގައި ޗުއްޓީގެ ގޮތުގައި ދެވޭނީ، ރަސްމީ ބަންދު ދުވަސްތައް ހިމެނޭގޮތަށް 35 (ތިރީސް ފަހެއް) ދުވަހެވެ.

(ނ) މި މާއްދާގައި ބަޔާންކުރާ ޗުއްޓީއަށް އެދި ހުށަހަޅަނީ، ހައްޖަށް ދިއުމަށް ކަމުގައިވެފައި، އަދި އެ ޗުއްޓީއަށް އެދި މުވައްޒަފު ހުށަހަޅަނީ ފުރަތަމަ ފަހަރު ހައްޖަށް ދާންކަމުގައި ނުވާނަމަ، ޗުއްޓީ ދެވޭނީ، އެ މުއްވަޒަފަށް ހައްޖަށް ދިއުމަށް އެންމެފަހުން ޗުއްޓީ ދެވުނުތާ 10 (ދިހައެއް) އަހަރުދުވަސް ވެފައިވާނަމައެވެ.  އަދި އެ ހާލަތުގައި ޗުއްޓީގެ ގޮތުގައި ދެވޭނީ، ރަސްމީ ބަންދު ދުވަސްތައް ހިމެނޭގޮތަށް 30 (ތިރީސް) ދުވަހެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ޗުއްޓީއަށް އެދި ހުށަހަޅަނީ، އުމްރާއަށް ދިއުމަށް ކަމުގައިވާނަމަ، ޗުއްޓީގެ ގޮތުގައި ދެވޭނީ، ކޮންމެ 5 (ފަހެއް) އަހަރުދުވަހަކުން  1 (އެކެއް) ފަހަރު، ރަސްމީ ބަންދު ދުވަސްތައް ހިމެނޭގޮތަށް ގިނަވެގެން 20 (ވިހި) ދުވަހެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ، މުވައްޒަފަކަށް، 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ދެވޭނީ، ކޮންމެވެސް އެއް އަޅުކަމެއް އަދާކުރުމަށެވެ.

 

13 ވަނަ މާއްދާ - ދިގުމުއްދަތެއްގައި ހިދުމަތް ކުރުމުން ދެވޭ ޗުއްޓީ

(ހ) ދިގުމުއްދަތެއްގައި ހިދުމަތް ކުރުމުން ދެވޭ ޗުއްޓީއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފުންނަށް، އެ މުވައްޒަފަކު ދިވެހި ފުލުހުންގެ ހިދުމަތަށް މެދުނުކެނޑި 10 (ދިހައެއް) އަހަރުދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަހު، ހިދުމަތް ކުރުމުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހަމަމުސާރައާއެކު ދެވޭ ޗުއްޓީއެކެވެ. 

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ، ޗުއްޓީގެ މުއްދަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. މެދުނުކެނޑި 10 (ދިހައެއް) އަހަރުދުވަހު ހިދުމަތް ކުރުމުން، ހަމަމުސާރައާއެކު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 7 (ހަތެއް) ދުވަހެވެ.
  2. މެދުނުކެނޑި 15 (ފަނަރަ) އަހަރުދުވަހު ހިދުމަތް ކުރުމުން، ހަމަމުސާރައާއެކު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 10 (ދިހައެއް) ދުވަހެވެ.
  3. މެދުނުކެނޑި 20 (ވިހި) އަހަރުދުވަހު ހިދުމަތް ކުރުމުން، ހަމަމުސާރައާއެކު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 15 (ފަނަރަ) ދުވަހެވެ.
  4. މެދުނުކެނޑި 25 (ފަންސަވީސް) އަހަރުދުވަހު ހިދުމަތް ކުރުމުން،   ހަމަ މުސާރައާއެކު ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 20 (ވިހި) ދުވަހެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީއަކީ އެއްފަހަރާ ދެވޭ ޗުއްޓީއެކެވެ. މި ޗުއްޓީގެ ދުވަސްތައް ވަކިވަކިންނެއް ނުނެގޭނެއެވެ.

(ރ) މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ ނުނަގައި އޮތްނަމަވެސް، އެ ޗުއްޓީގެ ބަދަލުގައި އެ މުވައްޒަފަކަށް އެއިރަކު ލިބޭ މުސާރައިގެ ނިސްބަތުން ދުވަހަކަށްޖެހޭ މިންވަރުން ފައިސާއެއް ނުލިބޭނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީ މުވައްޒަފަކަށް ހައްގުވާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ނަގަންވާނެއެވެ. އަދި 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ޗުއްޓީ ނުނަގައިފިނަމަ އެ ޗުއްޓީ ކެންސަލް ވާނެއެވެ.

 

14 ވަނަ މާއްދާ - ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ

(ހ) ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފަކު ނުވަތަ މުވައްޒަފެއްގެ އަނބިމީހާ ވިހެއުމާ ގުޅިގެން ނުވަތަ މުވައްޒަފު ބަލިވެއިނުމާ ގުޅިގެން، އެ މުވައްޒަފަށް މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެވޭ ޗުއްޓީއެކެވެ.

(ށ) މުވައްޒަފު، ވިހެއުމާ ގުޅިގެން މިމާއްދާގައި ބަޔާންކުރާ ޗުއްޓީގެ ގޮތުގައި ދެވޭނީ، ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހެވެ.

(ނ) މުވައްޒަފުގެ އަނބިމީހާ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި، ދެވޭނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެވޭ ޗުއްޓީގެ މުއްދަތެއްގެ ގޮތުގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތަށް ޗުއްޓީ ދީފައިވަނިކޮށް، ދަރިފުޅު ނިޔާވެއްޖެނަމަ، އަންނަނިވި އުސޫލު ހިނގާނެއެވެ.

  1. ދަރިފުޅު ނިޔާވާ ދުވަހުން ފެށިގެން ޗުއްޓީގެ މުއްދަތުގައި ބާކީ އޮތް މުއްދަތު 90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުވާނަމަ، އެ ހާލަތުގައި ޗުއްޓީގެ ބާކީ މުއްދަތުގެ ގޮތުގައި ލިބޭނީ 90 (ނުވަދިހަ) ދުވަހެވެ.
  2. ދަރިފުޅު ނިޔާވާ ދުވަހުން ފެށިގެން ޗުއްޓީގެ މުއްދަތުގައި ބާކީ އޮތް މުއްދަތު 90 (ނުވަދިހަ) ދުވަސް ހަމަނުވާނަމަ، އެ ހާލަތުގައި ޗުއްޓީގެ ބާކީ މުއްދަތުގެ ގޮތުގައި ލިބޭނީ ޗުއްޓީގެ ބާކީގައި އޮތްމިންވަރެވެ.

(ބ) މުވައްޒަފު، ބަލިވެއިނުމާ ގުޅިގެން ދިމާވާ ސިއްހީކަމެއްގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާނަމަ، ޗުއްޓީގެ ގޮތުގައި ދެވޭނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 30 (ތިރީސް) ދުވަހެވެ.  

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތަށް ދެވޭ ޗުއްޓީއަކީ މުވައްޒަފުގެ އަހަރީ ޗުއްޓީގެ އިތުރުން ދެވޭ ޗުއްޓީއެކެވެ. އަދި އެގޮތުގެމަތިން ޗުއްޓީއަށް އެދި ހުށަހަޅާއިރު، އެފަދަ ސިއްހީ ސަބަބެއް ބަޔާންކޮށް ޑޮކްޓަރަކު ދީފައިވާ ސެޓުފިކެޓެއް ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ކ) މުވައްޒަފަކު މާބަނޑު ދުވަސްވަރު، ވިހެއުމުގެ ކުރިން ދަރިފުޅު ބައިގެންދާ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ބަޔާންކޮށް، ޑޮކްޓަރެއްގެ ސެޓުފިކެޓެއް ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހެޅުމުން، އާންމު އުސޫލުން، ބަންދު ދުވަސްތައް ހިމަނައިގެން މަދުވެގެން 15 (ފަނަރަ) ދުވަހުގެ ޗުއްޓީއެއް އެ މުވައްޒަފަކަށް ދޭންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް ދިމާވެފައިވަނީ، އަންހެންމީހާގެ ބަނޑަށް 4 (ހަތަރެއް) މަހަށްވުރެ އިތުރު މުއްދަތެއް ވެފައިވަނިކޮށް ކަމުގައިވާނަމަ، އެ އަކުރުގައި ބަޔާންކޮށްފައިވާ ޗުއްޓީގެ މުއްދަތަކީ  ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހެވެ.

(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުވައްޒަފަށް ދެވޭ ޗުއްޓީ ހަމަވުމަށްފަހު، ދަރިފުޅުގެ އުމުރުން 2 (ދޭއް) އަހަރު ވުމުގެ ކުރިން، ވިހޭ ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް، 1 (އެކެއް) އަހަރުދުވަހަށްވުރެ   ދިގު ނުވާ ގޮތަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދެވިދާނެއެވެ.

(މ) ދަރިފުޅުގެ މަންމަ އަދި ބައްޕަ ވަޒީފާ އަދާކުރަނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ކަމުގައިވާނަމަ، މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ އެ ދެމީހުންނަށް ފެންނަ ގޮތަކަށް އެ ޗުއްޓީގެ މުއްދަތު ދެމީހުންގެ މައްޗަށް ބަހައިލައިގެން ނެގިދާނެއެވެ.

(ފ) މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކުރުމަށްފަހު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރުފުޅަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭގޮތަށް، ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 1 (އެކެއް) ގަޑިއިރުގެ ހުސްވަގުތުކޮޅެއް ޑިއުޓީގަޑީގެ ތެރޭގައި ދެފަހަރު ދޭން ވާނެއެވެ. މިގޮތުން ދަރިފުޅުގެ އުމުރުން 1 (އެކެއް) އަހަރުވަންދެން އެ ހުސްވަގުތުކޮޅު ދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ

(ހ) ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފެއްގެ ދަރިއަކު ހިތާނުކުރުމުން، ހިތާނުކުރި ދުވަހުން ފެށިގެން ހަމަމުސާރައާއެކު މުވައްޒަފަށް ދެވޭ ޗުއްޓީއެކެވެ.

(ށ) ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީގެ މުއްދަތަކީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 7 (ހަތެއް) ދުވަހެވެ.

 

16 ވަނަ މާއްދާ - އާއިލާ މެންބަރަކު ނިޔާވުމުން ދޭ ޗުއްޓީ

(ހ) އާއިލާ މެންބަރަކު ނިޔާވުމުން ދޭ ޗުއްޓީއަކީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފެއްގެ އާއިލާގެ މެންބަރަކު ނިޔާވުމާ ގުޅިގެން، ކުއްލިއަކަށް ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށްޓަކައި، ހަމަމުސާރައާއެކު ދެވޭ ޗުއްޓީއެކެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީގެ މުއްދަތު ކަނޑައަޅާނީ، އާއިލާގެ މެންބަރު ނިޔާވާ ދުވަހުން ފެށިގެން އަންނަނިވި އުސޫލުންނެވެ. 

  1. މުވައްޒަފުގެ އާއިލާގެ މެންބަރު ނިޔާވެފައިވަނީ، މުވައްޒަފު އެވަގުތު ހުރި ރަށް ނޫން އެހެން ރަށެއްގައިނަމަ، ޗުއްޓީގެ ގޮތުގައި ދެވޭނީ ގިނަވެގެން ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 7 (ހަތެއް) ދުވަހެވެ.
  2. މުވައްޒަފުގެ އާއިލާގެ މެންބަރު ނިޔާވެފައިވަނީ، މުވައްޒަފު އެވަގުތު ހުރި ރަށެއްގައި ނަމަ، ޗުއްޓީގެ ގޮތުގައި ދެވޭނީ ގިނަވެގެން ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 5 (ފަހެއް) ދުވަހެވެ.

(ނ) މުވައްޒަފުގެ އާއިލާގެ މެންބަރަކު ނިޔާވިއިރު މުވައްޒަފު ހުރީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެން ޗުއްޓީއެއްގައިނަމަ، އެ ހާލަތުގައި މި މާއްދާގައި ބަޔާންކޮށްފައިވާ ޗުއްޓީއެއް ނުލިބޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެންއޮތްނަމަވެސް، މުވައްޒަފު ހުރި ޗުއްޓީގެ ބާކީގައި އޮތް ދުވަހުގެ އަދަދު 5 (ފަހެއް) ދުވަހަށްވުރެ މަދުވާނަމަ، މި މާއްދާގައި ބަޔާންކުރާ ޗުއްޓީ ދެވިދާނެއެވެ.

(ބ) މި މާއްދާގެ ބޭނުމަށްޓަކައި "އާއިލާގެ މެންބަރު" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ މަންމަ، ބައްޕަ، ފިރިމީހާ، އަނބިން، ދަރިން، މާމަ، ކާފަ، އަނބިންގެ ނުވަތަ ފިރިމީހާގެ މައިންބަފައިން އަދި ށަރުއީގޮތުން ބަލަންޖެހޭ މީހުން ހިމެނޭގޮތުންނެވެ.

 

17 ވަނަ މާއްދާ - ހާއްސަ ޗުއްޓީ

(ހ) ހާއްސަ ޗުއްޓީއަކީ ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށް އެ ހާލަތު ދެމިއޮތުމުގެ ސަބަބުން، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކަށް މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި، ހަމަމުސާރައާއެކު ދެވޭ ހާއްސަ ޗުއްޓީއެކެވެ. 

(ށ) ހާއްސަ ޗުއްޓީގެ މުއްދަތު ކަނޑައަޅާނީ، އެ ވަގުތެއްގައި ދިވެހިސަރުކާރުން އެފަދަ ހާލަތަކާ ގުޅިގެން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

18 ވަނަ މާއްދާ - ވަޒީފާއަށް ސަލާމް ބުނުން

(ހ) މުވައްޒަފަކު ވަޒީފާއަށް ސަލާމް ބުނަންވާނީ، މުވައްޒަފު ބަލިވެގެން ނުވަތަ މުވައްޒަފެއްގެ އަނިބިން، ފިރިމީހާ، ދަރިން ނުވަތަ މައިންބަފައިންގެ ތެރެއިން މީހަކު ބަލިވެގެން އެ ތަނުގައި މުވައްޒަފު ނުހުރެ ނުވާފަދަ ހާލަތެއް މެދުވެރިވުމުން ކޮންމެހެން ވަޒީފާއަށް ސަލާމް ބުނަން ޖެހިއްޖެނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ސަލާމް ބުނަންޖެހޭ މުވައްޒަފުން، ވަޒީފާއަށް ހާޒިރުނުވެވޭ ފުރަތަމަ ދުވަހު، އެ މުވައްޒަފެއްގެ ޑިއުޓީ ގަޑި ޖެހުމުގެ 30 (ތިރީސް) މިނެޓު ކުރިން، ސަލާމުގައި ހުންނަން ޖެހިފައިވާ ސަބަބު، މުވައްޒަފުގެ އިމީޑިއެޓް ސުޕަވައިޒަރަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަލާމް ބުނުމުގައި އަމަލުކޮށްފައި ނުވާނަމަ، އެފަދަ މުވައްޒަފުންގެ ސަލާމް ގަބޫލުކުރެވޭނީ، މުވައްޒަފަށް ދިމާވެފައިވާ ހާލަތަށް ރިއާޔަތްކުރުމަށްފަހު ސަލާމް ބުނެފައިވަނީ މަގުބޫލު ސަބަބެއް އޮވެގެންކަމުގައި ގަބޫލުކުރެވޭ ހާލަތްތަކުގައި އެކަންޏެވެ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، މަގުބޫލު ސަބަބެއްކަމުގައި ބެލެވޭނީ، އެނދުމަތިކޮށްގެން މުވައްޒަފަށް ފަރުވާދޭންޖެހުން، ނުވަތަ މުވައްޒަފުގެ ބަލިހާލަތު ހުރިގޮތުން އެފަދަ ގޮތަކަށް އަންގާނެ ފުރުސަތު ނުލިބުން، ނުވަތަ ދިމާވި ހާލަތެއް ދިމާވެފައިވަނީ، ސަލާމް ބުނިކަން އަންގަންޖެހޭ ވަގުތު ފާއިތުވި ފަހުން ކަމުގައިވާނަމަ، ނުވަތަ މިނޫނަސް މިފަދަ ކަމެއް ދިމާވުމުގެ ސަބަބުން ސަލާމްބުނަން ބޭނުންވާކަން އަންގާނެ ފުރުސަތު ނުލިބޭ ހާލަތްތަކަށެވެ.

(ބ) މުވައްޒަފަކު ސަލާމުގައި ހުރުމަށްފަހު ވަޒީފާއަށް ނުކުންނަ ދުވަހު، އެ މުވައްޒަފަށް ޑޮކްޓަރަކު ދީފައިވާ ސަލާމުގެ ސެޓުފިކެޓެއް ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ނުވަތަ އެފަދަ ލިޔުމެއް ހުށަހަޅައިފައި ނުވާނަމަ، ސަލާމް ބުނިކަން އަންގާފައިވީނަމަވެސް، ސަލާމުގައި ހުރި ދުވަސްތައް ބެލެވޭނީ މުވައްޒަފު ވަޒީފާއަށް ސެޓުފިކެޓު ހާޒިރުނުވާ ދުވަސްތަކެއްކަމުގައެވެ.

(ކ) މުވައްޒަފުން ވަޒީފާއަށް ސަލާމް ބުނާއިރު، މި މާއްދާގެ (ބ) ގައި ސެޓުފިކެޓު ހުށަހަޅަން އޮތްނަމަވެސް، މުވައްޒަފަށް، އަހަރުދުވަހުގެ ތެރޭގައި މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި އަންނަނިވި މުއްދަތަށް، ވަޒީފާއަށް ސަލާމް ބުނެވިދާނެއެވެ.

  1. އަންހެން މުވައްޒަފުންނަށް، 12 (ބާރަ) ދުވަސް؛ އަދި
  2. ފިރިހެން މުވައްޒަފުންނަށް، 5 (ފަހެއް) ދުވަސް.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ދުވަސްތަކަށް، ވަކިވަކިން މެޑިކަލް ސެޓުފިކެޓު ހުށަހެޅުމަކާ ނުލައި ސަލާމް ބުނެވިދާނެއެވެ. ނަމަވެސް، ވިދިވިދިގެން ސަލާމުގައި ހުންނަ މުއްދަތު 1 (އެކެއް) ދުވަހަށްވުރެ އިތުރުވާނަމަ،  އެ ދުވަސްތަކުގެ ސަލާމުގެ ސެޓުފިކެޓު، މުވައްޒަފު އޮފީހަށް ނުކުންނަ ދުވަހު ހުށަހަޅަންވާނެއެވެ.

(ވ) މުވައްޒަފު ވަޒީފާއަށް ސަލާމް ބުނާ ދުވަހާ ޖެހިގެން އޮންނަ ދުވަހަކީ، އެ މީހަކު ވަޒީފާއަށް ހާޒިރުވާންނުޖެހޭ ދުވަހަކަށް ނުވަތަ ދުވަސްތަކަކަށްވެފައި، އެ ދުވަސް ނުވަތަ ދުވަސްތައް ނިމުމަށްފަހު ދެން ޖެހިގެން އަންނަ ދުވަހު މުއްވަޒަފު ވަޒީފާއަށް ނުކުންނަންޖެހޭ ހާލަތުގައި އެ ދުވަހު ވަޒީފާއަށް ސަލާމް ބުނާނަމަ،    އެ ދެމެދުގައި ފާއިތުވާ ދުވަސްތައް ބެލެވޭނީ ވަޒީފާއަށް ސަލާމްބުނާ ދުވަސްތަކެއް ކަމުގައެވެ. އަދި އެ ހާލަތުގައި ސަލާމް ބުނެފައިވާ، ހުރިހާ ދުވަސްތަކަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަލާމުގެ ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.

(މ) މުވައްޒަފަކަށް، އަހަރުދުވަހުގެ ތެރޭގައި، ވަޒީފާއަށް ސަލާމް ބުނެވޭނީ، ގިނަވެގެން 20 (ވިހި) ދުވަހުއެވެ. އެއަށްވުރެ އިތުރަށް ވަޒީފާއަށް ސަލާމް ބުނާ ދުވަސްތައް ބެލެވޭނީ، ވަޒީފާއަށް ހާޒިރުނުވާ ދުވަސްތަކެއް ކަމުގައެވެ. އަދި އެ ދުވަސްތަކަށް އެ މުވައްޒަފަކަށް މުސާރައެއް ނުލިބޭނެއެވެ. 

(ފ) ވަޒީފާގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން މުވައްޒަފު، ސަލާމް ބުނަން ޖެހިގެން ސަލާމްބުނާ ހާލަތުގައި މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.

(ދ) މުވައްޒަފަކު، ސަލާމުގައި ހުންނަ މުއްދަތު 1 (އެކެއް) ދުވަހަށްވުރެ އިތުރުވެފައި،  ސަލާމުގައި ހުއްޓާ މުވައްޒަފުންގެ ހާޒިރީ ރިޕޯޓު ފޮނުވަންޖެހޭ ދުވަސް އަތުވެއްޖެނަމަ، އެ ދުވަހާ ހަމައަށްވާ ސަލާމުގެ ސެޓުފިކެޓު ނުވަތަ ލިޔުން،    އެ މީހަކު މަސައްކަތްކުރާ ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ. އަދި އެގޮތުގެމަތިން ސަލާމުގެ ސެޓުފިކެޓު ނުވަތަ ލިޔުން ހުށަހަޅައިފައިނުވާނަމަ، ހާޒިރީ ރިޕޯޓު ފޮނުވަންވާނީ މުވައްޒަފު ހާޒިރުނުވާ ދުވަހެއްކަމުގައި ބަލައިގެންނެވެ.

 

19 ވަނަ މާއްދާ - ޗުއްޓީއަށް އެދުމާއި، ޗުއްޓީ ދިނުން

(ހ) ޗުއްޓީ ބޭނުންވާ ތާރީހަށްވުރެ، ރަސްމީ މަސައްކަތު 5 (ފަހެއް) ދުވަހުގެ ކުރިން އަހަރީ ޗުއްޓީއަށް އެދި ހުށަހަޅަންވާނެއެވެ.

(ށ) އަހަރީ ޗުއްޓީ ހޯދުމަށް އެދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހަޅާ މުވައްޒަފުގެ ޗުއްޓީގެ ބާކީގައި ޗުއްޓީއަށް އެދިފައިވާ މުއްދަތު ހަމަވާ ވަރަށް ދުވަސް ނެތްނަމަ، އެފަދަ ހުށަހެޅުމެއް ބަލައެއްނުގަނެވޭނެއެވެ.

(ނ) ދިމާވާ ވަކި ހާލަތަކާ ގުޅިގެން، އަހަރީ ޗުއްޓީއަށް އެދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅޭނެ ހާލަތެއް ދިމާވެއްޖެނަމަ، އަހަރީ ޗުއްޓީއަށް އެދި ހުށަހަޅަންވާނީ ސަބަބު ބަޔާންކޮށް، ލިޔުމުންނެވެ.

(ރ) ޗުއްޓީއަށް އެދި ހުށަހަޅައިފައިވާ މުވައްޒަފަކަށް ޗުއްޓީ ދެވެން ނެތްނަމަ، ޗުއްޓީ ދެވެން ނެތް ސަބަބު އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެއެވެ.

(ބ) މުވައްޒަފަކު ޗުއްޓީ ނުނަގާ ނުވަތަ ގަވާއިދުން ސަލާމް ނުބުނެ ވީގޮތެއް ނާންގައި އޮފީހަށް ހާޒިރު ނުވެ، ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 7 (ހަތެއް) ދުވަހު ހުރެއްޖެނަމަ، އެކަން އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރީ ބަހާއިން، ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށާއި މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ އިދާރީ ބަހާއަށް ލިޔުމުން އަންގަންވާނެއެވެ.

(ޅ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތައް ދިނުމާއި، ޗުއްޓީ ދިނުމާ ގުޅިގެން ކުރަންޖެހޭ އިދާރީ ކަންތައްތައް ބަލަހައްޓާނީ، އަންނަނިވި ގޮތުގެމަތިންނެވެ. އަދި އެފަދަ ޗުއްޓީތަކަށް އެދި ހުށަހަޅަންވާނީ، މި އަކުރުގައި ބަޔާންކޮށްފައިވާ އިދާރީ ބަހާއަކަށް، އެ އިދާރީ ބަހާއަކުން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

  1. އަހަރީ ޗުއްޓީ، ހައްޖު އަދި އުމްރާގެ ޗުއްޓީ، ބަލިވެއިނުމާ ވިހެއުމާ ގުޅިގެންދެވޭ ޗުއްޓީ، ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ އަދި އާއިލާގެ މީހަކު ނިޔާވުމާ ގުޅިގެންދެވޭ ޗުއްޓީ ދިނުމުގެ ކަންކަން، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރީ ބަހާ ނިސްބަތްވާ ރީޖަން ނުވަތަ ކޮމާންޑް ނުވަތަ ޑައިރެކްޓްރޭޓުގެ ފަރާތުން؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޗުއްޓީތައް ފިޔަވައި އެހެނިހެން ޗުއްޓީތައް މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރީ ބަހާގެ ފަރާތުން.

(ކ) މުސާރައިގެ ½ (ދެބައިކުޅަ އެއްބައި) ލިބޭ ގޮތަށް ދެވޭ ޗުއްޓީ ނުވަތަ މުސާރަ ނުލިބޭ ޗުއްޓީ ނުވަތަ ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ތިރީގައި ބަޔާންކޮށްފައިވާ ޗުއްޓީތައް އެ މުވައްޒަފަކަށް ނުލިބޭނެއެވެ.

  1. ހައްޖު އަދި އުމްރާގެ ޗުއްޓީ؛
  2. ބަލިވެއިނުމާއި، ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ؛
  3. ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ؛
  4. އާއިލާގެ މީހަކު ނިޔާވުމާ ގުޅިގެން ދެވޭ ޗުއްޓީ؛ އަދި
  5. ހާއްސަ ޗުއްޓީ.

(އ) މި މާއްދާގެ (ޅ) ގައި އެހެން އޮތްނަމަވެސް، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ޗުއްޓީ ނުދީ ހިފެހެއްޓުމަށް ނިންމައިފައިވާ ހާލަތެއްގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ ޗުއްޓީއެއް މުވައްޒަފުންނަށް ދިނުމާ ގުޅޭ އެންމެހައި ކަންކަން ނިންމަންވާނީ، މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރީ ބަހާއިން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

 

20 ވަނަ މާއްދާ - ޗުއްޓީ ދެވޭނެ އިންސައްތަ

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީއެއްގައި އެއްފަހަރާ ތިބެވޭނެ މުވައްޒަފުންގެ އިންސައްތަ ބެހިފައިވާގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. އަހަރީ ޗުއްޓީގައި ތިބެވޭނީ، މުވައްޒަފު މަސައްކަތްކުރާ އިދާރީ ބަހާގެ %10.5 (ދިހައެއް ޕޮއިންޓް ފަހެއް އިންސައްތަ) މުވައްޒަފުންނަށް ވުރެ އިތުރުނުވާ އަދަދަކަށެވެ.
  2. ބޮޑެތި ކަންތައްތަކާ ގުޅިގެން ދެވޭ ޗުއްޓީގައި ތިބެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) މުވައްޒަފުންނަށް ވުރެ އިތުރުނުވާ އަދަދަކަށެވެ.
  3. މުސާރައިގެ ½ ލިބޭ ގޮތަށް ދެވޭ ޗުއްޓީގައި ތިބެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ %0.3 (ސުމެއް ޕޮއިންޓް ތިނެއް އިންސައްތަ) މުވައްޒަފުންނަށް ވުރެ އިތުރުނުވާ އަދަދަކަށެވެ.
  4. މުސާރަ ނުލިބޭ ޗުއްޓީގައި ތިބެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ %2 (ދޭއް އިންސައްތަ) މުވައްޒަފުންނަށް ވުރެ އިތުރުނުވާ އަދަދަކަށެވެ.
  5. ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީގައި ތިބެވޭނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ %3 (ތިނެއް އިންސައްތަ) މުވައްޒަފުންނަށް ވުރެ އިތުރުނުވާ އަދަދަކަށެވެ.

(ށ) މި ގަވާއިދުގެ ދަށުން ތައުލީމު ހާސިލުކުރުމަށް މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓީއާއި، މުސާރަ ނުލިބޭ ޗުއްޓީ އަދި މުސާރައިގެ ½ (ދެބައިކުޅަ އެއްބައި) ލިބޭ ގޮތަށް ދެވޭ ޗުއްޓީގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދެވޭނެ އަދަދެއް މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރީބަހާއިން ކަނޑައަޅާ ގޮތެއްގެ މަތިން ކުރިޔަށް އިއުލާން ކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ޗުއްޓީ ދިން ކަމުގެ ލިޔުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޗުއްޓީ ދެވޭ ކޮންމެ މުވައްޒަފަކަށް ޗުއްޓީ ދިން ތާރީހާއި، ޗުއްޓީ ނިންމާފައި އޮފީހަށް ނުކުންނަންޖެހޭ ތާރީހު އެނގޭނެހެން އެ މުވައްޒަފަށް އަންގަންވާނެއެވެ. އަދި ޗުއްޓީ ހަމަޖެހިފައިވާކަމުގެ ލިޔުން މުވައްޒަފުގެ ރެކޯޑު ފައިލުގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަންގާ އެންގުން މުވައްޒަފަށް އަންގަންވާނީ، އެސް.އެމް.އެސް މެދުވެރިކޮށް ނުވަތަ މުވައްޒަފުގެ ޕޮލިސް މެއިލަށް ފޮނުވައިގެންނެވެ.

 

22 ވަނަ މާއްދާ - ޗުއްޓީގައި ވަނިކޮށް މަސައްކަތަށް ނެރުން

(ހ) ޗުއްޓީގައި މުވައްޒަފު ހުއްޓާ ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތަކަށް ކޮންމެހެން މުވައްޒަފު ނެރެން ބޭނުންވެއްޖެނަމަ، ޗުއްޓީގައި ހުރި މުވައްޒަފު އޮފީހަށް ނުކުތުމަށް އެންގިދާނެއެވެ. މިގޮތުން، މުވައްޒަފު އޮފީހުގެ މަސައްކަތަށް ނެރުމަށް ނިންމުމުގެ ބާރު ލިބިގެންވަނީ، ކޮމިށަނަރަ އޮފް ޕޮލިސްގެ ލަފާގެމަތިން މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ އިދާރީބަހާއަށެވެ. 

(ށ) މުވައްޒަފު މަސައްކަތަށް  ނުކުތުމަށް  އަންގާއިރު، އެ މުވައްޒަފު އެ ވަގުތަކު ހުރި ރަށެއްގައި ހުރި ދިވެހި ފުލުހުންގެ ހިދުމަތުގެ މަރުކަޒަކަށް ނުކުމެ މަސައްކަތް ކުރުމަށް ކަނޑައެޅިދާނެއެވެ. 

 

23 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައިވާ އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައިހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި، ލަފްޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ދާއިމީ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި، ޕޮލިސް ރެކްރޫޓުންނާއި، އާންމު މުވައްޒަފުންގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުގެ ދާއިމީ މަގާމަކަށް އައްޔަނުކޮށްފައިވާ އާންމު މުވައްޒަފުންގެ ތެރޭގައި ހިމެނޭ ޕްރަބޭށަންގެ މުއްދަތު ހަމަވެފައިވާ އާންމު މުވައްޒަފުން ހިމެނޭގޮތުންނެވެ.

(ށ) "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ސްޕެށަލް ކޮންސްޓަބަލުން ފިޔަވައި ފުލުހުންގެ ހިދުމަތުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ފުލުހުންނާއި، ދާއިމީ އާންމު މުވައްޒަފުންނާއި، ޕޮލިސް ރެކްރޫޓުން ހިމެނޭ ގޮތުންނެވެ.

(ނ) "އާއިލާގެ މެންބަރު" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ މަންމަ، ބައްޕަ، ފިރިމީހާ، އަނބިމީހާ، ނުވަތަ އަނބިން، ދަރިން އަދި ށަރުއީގޮތުން ބަލަން ޖެހިފައިވާ މީހުންނަށެވެ.

(ރ) "ވަޒީފާއަށް ހާޒިރުނުވާ ދުވަސް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފަކު އޭނާގެ ރަސްމީ ޑިއުޓީއަށް ނުވަތަ ރަސްމީ މަސައްކަތަށް، އޮފީހަށް ހާޒިރުވާންޖެހޭނެކަމަށް ކަނޑައަޅައިފައިވާ ދުވަސްތަކުގެ ތެރެއިން އޮފީހަށް ނުވަތަ ޑިއުޓީއަށް ނުކުމެ ވަޒީފާއަށް ހާޒިރުވިކަން ރެކޯޑުކޮށްފައިނުވާ ދުވަސްތަކާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ވަޒީފާއަށް ސަލާމް ބުނުމުން ސަލާމް ބަލައިނުގަތުމަށް ނިންމާފައިވާ ދުވަސްތަކެވެ. މީގެތެރޭގައި މުވައްޒަފު  މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަލާމް ބުނެފައިވާ ދުވަސްތަކާ  މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތަކުގެ ތެރެއިން ޗުއްޓީއެއްގައި ހުންނަ ދުވަސްތައް ނުހިމެނެއެވެ.

(ބ) "ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ކާރިސާގެ ހާލަތެއް އިއުލާނުކޮށް އެ ހާލަތު ދެމިއޮތުމުގެ ސަބަބުން،  އެ މުއްދަތުގެ ތެރޭގައި މުވައްޒަފަށް ދިމާވާ ވަކި ހާލަތަކާ ގުޅުވައިގެން ކާރިސާގެ ހާލަތުގައި އަމަލުކުރަން ރަސްމީ އިދާރާއަކުން އަންގާ އެންގުންތަކެއްގެ ސަބަބުން، އާންމު އުސޫލުން މުވައްޒަފަށް، ވަޒީފާއަށް ނިކުމެ މަސައްކަތް ކުރެވެން ނެތް މުވައްޒަފުންނަށެވެ.

 

24 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

  

މައި ގާނޫނު

ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 34/2020)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު