-

މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-155)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 13/2015 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ 84 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ (ތ) އާއި، 98 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައި ފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު" މިހެންނެވެ. 

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ގާނޫނު ނަންބަރު 13/2015 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ 84 ވަނަ މާއްދާގެ (ހ) ގެ ދަށުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރ އައްޔަ ނުކުރުމާއި، ވަކިކުރުމާއި، ރަޖިސްޓްރަރގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭ ކަންކަން ބަޔާންކުރުމެވެ.  

 

3 ވަނަ މާއްދާ - ރަޖިސްޓްރަރ އައްޔަނު ކުރުން

(ހ) ކައުންސިލުގެ ރަޖިސްޓްރަރގެ މަގާމަށް މީހަކު އައްޔަ ނުކުރާނީ، އާންމު އިއުލާނެއްކޮށްގެން، އެ އިއުލާނާ ގުޅިގެން އެކަމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު، އިންޓަވިއު ކޮށްގެން މެރިޓު އުސޫލުން އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

(ށ) ކައުންސިލުގެ ރަޖިސްޓްރަރ އައްޔަނުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތަކެއް ކުރާނީ މިނިސްޓްރީންނެވެ.

 

4 ވަނަ މާއްދާ - އިންޓަވިއު ޕެނަލް އެކުލެވިގެންވާ ގޮތް

މި ގަވާއިދުގެ ދަށުން ރަޖިސްޓް ރަރ ހޮވުމަށް ބާއްވާ އިންޓަވިއު ޕެނަލް އެކުލެވިގެންވަނީއަންނަނިވި 3 (ތިނެއް) މެންބަރުންގެމައްޗަށެވެ.

(ހ) ކައުންސިލުން ކަނޑައަޅާ މެންބަރެއް.

(ށ) މިނިސްޓްރީން ކަނޑައަޅާ ފަންނީ އިސްފަރާތެއް.

(ނ) ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފަންނީ އިސްފަރާތެއް. 

 

5 ވަނަ މާއްދާ - ރަޖިސްޓްރަރގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް

ކައުންސިލުގެ ރަޖިސްޓްރަރގެ ކިބައިގައި އަންނަނިވި ސިފަތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ) ކައުންސިލުގެ ރަޖިސްޓްރަރގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ އިލްމީ ފެންވަރާއި، ލަޔާގަތާއި، މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައި ވުން.

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، އަދި ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5) ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައި ވުން.

(ބ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރިންއަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ޅ) ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީ ހަކު ކަމުގައި ނުވުން.

(ކ) ސިއްހީ ހިދުމަތްދޭ ތަނެއްގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.

(އ) ސިއްހީ ހިދުމަތްދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.

(ވ) ގާނޫނެއްގައި ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.

(މ) ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

 

6 ވަނަ މާއްދާ - މަގާމުގެ ށަރުތު

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

 

7 ވަނަ މާއްދާ - މަގާމުގެ މުއްދަތު

(ހ) ކައުންސިލުގެ ރަޖިސްޓްރަރގެ މަގާމަށް އައްޔަނުކުރެވޭ މީހަކު އެ މަގާމުގައިދެމިހުންނާނީ މަގާމަށް އައްޔަނުކު ރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ރަޖިސްޓްރަރގެ މަގާމަށް އައްޔަނުކުރާ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ގޮތަކަށްވިޔަސް 5 (ފަހެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރަށްވުރެ ގިނަ ދުވަހު ރަޖިސްޓްރަރގެ މަގާމުގައި ދެމިއެއް ނުހުރެވޭނެއެވެ. 

 

8 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

ރަޖިސްޓްރަރގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާގެ މަތީން މިނިސްޓްރީންނެވެ.

 

9 ވަނަ މާއްދާ - ހާޒިރީ އާއި، ސަލާމާއި، ޗުއްޓީ

(ހ) ސަރުކާރުގެ ރަސްމީ ކޮންމެ ދުވަހަކު ރަޖިސްޓްރަރ މަސައްކަތަށް ހާޒިރުވާންވާނެއެވެ. އުޒުރެއް މެދުވެރިވެގެން މަސައްކަތަށް ނުކުމެވޭގޮތް ނުވެއްޖެނަމަ، އެކަން ވީ އެންމެ އަވަހަކަށް ކައުންސިލުގެ ރައީސަށް ނުވަތަ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތަކަށް އަންގަންވާނެއެވެ.

(ށ) ރަޖިސްޓްރަރގެ ރަސްމީ މަސައްކަތު ގަޑިއަކީ، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއެވެ. މަސައްކަތަށް ހާޒިރުވުމާއި، ގަޑިޖެހުމާއި، އިތުރުގަޑީގައި މަސައްކަތްކުރުމާއި، ސަލާމްބުނުމާއި، ޗުއްޓީނެގުން ފަދަ ކަންކަމުގައި ރަޖިސްޓްރަރގެ މައްޗަށް ހިނގާނީ ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކުރާ އުސޫލެކެވެ.

 

10 ވަނަ މާއްދާ - ކައުންސިލް އިދާރީގޮތުން ހިންގުން

(ހ) ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލް އިދާރީގޮތުން ހިންގުމުގެ އިސް ޒިންމާ އަދާކުރާނީ ރަޖިސްޓްރަރއެވެ. އަދި ކައުންސިލް ހިންގުމުގައި ރަޖިސްޓްރަރ ޖަވާބުދާރީ ވާންވާނީ، ކައުންސިލަށާއި، ކައުންސިލުގެ ރައީސަށް ނުވަތަ 
އެ އިރަކު ކައުންސިލާ ހަވާލުވެހުރި ފަރާތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ އިދާރީ ހިންގުމުގެ ކަންކަމާ ގުޅޭގޮތުން މިނިސްޓަރަށް ނުވަތަ އެ ވަގުތަކު މިނިސްޓަރ އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށް ރަޖިސްޓްރަރ ރިޕޯޓު ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ޒިންމާއާއި މަސްއޫލިއްޔަތުތައް

ކައުންސިލުގެ ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ކައުންސިލުގެ ބައްދަލުވުންތައް ބާއްވައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

(ށ) ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި ރެކޯޑުތައް ބެލެހެއްޓުން.

(ނ) ކައުންސިލުގެ އިހްތިސާސް ހިނގާ ދާއިރާގެ މަސައްކަތްތެރިންގެ ރަޖިސްޓަރީ ލިޔެ ދަފުތަރުކޮށް ބެލެހެއްޓުން.

(ރ) ކައުންސިލުން ދޫކުރާ ލައިސަންސްތަކާއި، ހުއްދަތަކާއި، ސެޓުފިކެޓު ފަދަ ލިޔުންތައް ދޫކުރުން.

(ބ) ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީ ން ކައުންސިލުގެ ބޭންކް އެކައުންޓްތައް ހުޅުވައި، ބަންދުކޮށް، ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ކަންކަން ކުރުން.

(ޅ) ކައުންސިލުން ދޫކުރާ ލައިސަންސަކީ ސައްހަ ނޫން މައުލޫމާތެއް ހުށަހަޅައިގެން ހޯދައިފައިވާ ލައިސަންސެއްކަމަށް، ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ، އެ ލައިސަންސެއް ބާތިލުކުރުން.

(ކ) ކައުންސިލުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން ކުރުން.

(އ) ކައުންސިލުގެ ނިންމުންތަކުގައި ސޮއިކުރަންޖެހޭ ހާލަތުގައި ސޮއިކޮށް ނިންމުންތައް ތަންފީޒުކުރުން.

(ވ) ކައުންސިލުގެ ލިޔުންތަކުގައި ކައުންސިލުގެ ސިއްކަ ޖެހުމަށް ހުއްދަ ދިނުން.

(މ) ކައުންސިލަށް ލިބޭ އާމްދަނީއާއި ކުރާ ހަރަދުތައް ބެލެހެއްޓުން.

(ފ) ކައުންސިލުގެ މަށްވަރާގެ މަތީން ކައުންސިލުގެ ބަޖެޓް ތައްޔާރުކޮށް، މިނިސްޓްރީއަށްފޮނުވުން.

(ދ) ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކަށް ކައުންސިލުގެ މަސައްކަތްތަކުގެ ތެރެއިން ދޭންޖެހޭ އެހީތެރިކަން ލަސްކުރުމެއްނެތި ފޯރުކޮށްދިނުން.

(ތ) ކައުންސިލް އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް ކައުންސިލުގެ މަށްވަރާއާއެކު އެކުލަވައިލައި، އެ ސިޔާސަތުތައް ހިންގައި ބެލެހެއްޓުން.

(ލ) ކައުންސިލުގެ މަށްވަރާއާއެކު ކައުންސިލުގެ ކުރިއެރުމާއި، ތަރައްގީއަށް ދުރު ރާސްތާގެ މަށްރޫއުތައް އެކުލަވައިލުމާއި، މެދު ރާސްތާގެ މަށްރޫއުތައް އެކުލަވައިލުމާއި، ކުރު ރާސްތާގެ މަށްރޫއުތައް އެކުލަވައިލުމާއި، ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލުމާއި، އެކަންކަން ހިންގައި، މޮނިޓަރކޮށް ބެލެހެއްޓުން.

(ގ) މިނިސްޓްރީއަށާއި، ދައުލަތާއި މުއައްސަސާތަކަށް ކައުންސިލް ޖަވާބުދާރީވުމުގައި، އިދާރީގޮތުން އެކަމުގެ ފުރިހަމަ އެހީތެރިކަން ކައުންސިލަށް ފޯރުކޮށްދިނުން.

(ޏ) މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، ކައުންސިލުގެ އިދާރީ އޮނިގަނޑު އެކުލަވައިލައި، މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތް ހަވާލުކޮށް، ލިޔެކިޔުންތައް ބެލެހެއްޓުން.

(ސ) ކައުންސިލް ހިންގުމަށް ބޭނު ންވާ ތަކެއްޗާއި، ހިދުމަތްތައް ބަޖެޓުގެ ތެރެއިން ހޯދޭނެ އިންތިޒާމު ހަމަޖެއްސުން.

(ޑ) މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް، މަސައްކަތުގެ މާހައުލުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް މަސައްކަތްކުރުން.

(ޒ) އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާނގައި ކަންކުރާގޮތް ބަލައި، ކައުންސިލަށް އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، ކައުންސިލުގެ މަށްވަރާގެ މަތީން އެ ގޮތްތައް ތައާރުފުކުރުމާއި، މަސައްކަތަށް ފަސޭހަ، ހަރަދު ކުޑަ އަދި އަވަހަށް ކަންކަން ނިންމޭނެ ޓެކްނޮލޮޖީ ހޯދައި ތައާރުފުކުރުން.

(ޓ) ކައުންސިލުގެ ރައީސްގެ އިރުށާދުގެ ދަށުން ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކޮށް ހެދުމާއި، މަސައްކަތާ ގުޅުންހުރި ދިރާސާތައް ކައުންސިލާއި މުވައްޒަފުންނާ ހިއްސާކުރުން.

(ޔ) ގާނޫނު ނަންބަރު 13/2015 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ އިމުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ކަންކަމާއި، ކަނޑައަޅާ އެ ނޫން ޒިންމާތައް އަދާކުރުން.

 

12 ވަނަ މާއްދާ - މަގާމު ހުސްވުން

ކައުންސިލުގެ ރަޖިސްޓްރަރގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތްތަކުގައެވެ.

(ހ) ރަޖިސްޓްރަރގެ މަގާމުގެ ދައުރު ހަމަވުމުން.

(ށ) އިސްތިއުފާ ދިނުމުން.

(ނ) މަރުވުމުން.

(ރ) ރަޖިސްޓްރަރގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެފައިވާކަމަށް ކައުންސިލުން ނިންމުން.

(ބ) ރަޖިސްޓްރަރގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދޭކަމަށް ކައުންސިލުން ނިންމުން.

(ޅ) ރަޖިސްޓްރަރގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޟުވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް މެދުވެރިވެއްޖެކަމަށް ކައުންސިލުން ނިންމުން.

(ކ) ރަޖިސްޓްރަރގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެއްޖެކަމަށް ކައުންސިލުން ނިންމުން. 

 

13 ވަނަ މާއްދާ - ވަގުތީގޮތުން ރަޖިސްޓްރަރގެ މަގާމު އަދާކުރުން

ރަޖިސްޓްރަރގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، އެ މަގާމަށް މީހަކު އައްޔަނުކުރެވެންދެން ރަޖިސްޓްރަރގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކައުންސިލުގެ ރައީސް ކަނޑައަޅަންވާނެއެވެ. އަދި އެފަދައިން އައްޔަނުކުރެވޭ މެންބަރަކީ ސިއްހީ ހިދުމަތުގެ ފަންނުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެވާ މާނައެވެ.

(ހ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގައި ބުނެފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ. 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-155)

 

މައި ގާނޫނު

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 13/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު