-

މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-155) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-222)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ޑިސެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2021-155 (މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު) އަށް 
2 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

މަސްލަހަތު ފުށުއެރުން 1-5

ތިމާ ނުވަތަ ތިމާގެ އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ނުވަތަ ތިމާގެ ދަރިއަކީ، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ކަމެއްގައި ސީދާގޮތުން ށާމިލުވާ ފަރާތެއް ކަމުގައި ވާނަމަ، ކައުންސިލުގެ ރަޖިސްޓްރަރގެ މަގާމަށް އެ ފަދަ ފަރާތެއް އައްޔަނެއް ނުކުރެވޭނެއެވެ.

(ހ) މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ އިހްތިސާސް ހިނގާ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާއަކަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތްކުރާ، މެޑިކަލް ހިދުމަތް ދޭ ތަނެއްގެ ނުވަތަ ޑެންޓަލް ހިދުމަތް ދޭ ތަނެއްގެ ހިއްސާ އޮތުން، ނުވަތަ މި ފަދަ ތަނެއްގެ ބޯޑު މެންބަރެއްކަމުގައި ވުން ނުވަތަ ކަންކަން ނިންމުމުގެ ބާރު ލިބޭފަދަ މަގާމެއްގައި ހުރި މީހެއް ކަމުގައި ވުން.

(ށ) މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ، މެޑިކަލް ނުވަތަ ޑެންޓަލް ހިދުމަތުގެ ފަންނުގެ ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތުގެ ފަންނީ ފަރާތްތައް ރެކްރޫޓުކުރާ މީހެއްކަމުގައި ވުން ނުވަތަ އެފަދަ ރެކްރޫޓިންގ އެޖެންސީއެއްގެ ހިއްސާ އޮތް މީހެއް ކަމުގައި ވުން ނުވަތަ އެފަދަ ތަނެއްގައި، ކަންކަން ނިންމުމުގެ ބާރު ލިބޭ ފަދަ މަގާމެއްގައި ހުރި މީހެއް ކަމުގައި ވުން.

(ނ) މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ، މެޑިކަލް ނުވަތަ ޑެންޓަލް ހިދުމަތުގެ ފަންނުގެ ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތުގެ ފަންނީ ތަމްރީނުދޭ މަރުކަޒެއްގެ ބޯޑު މެންބަރެއް ކަމުގައި ވުން ނުވަތަ ކަންކަން ނިންމުމުގެ ބާރު ލިބޭފަދަ މަގާމެއްގައި ހުރި މީހެއް ކަމުގައި ވުން، ނުވަތަ އެފަދަ ތަމްރީނުދޭ މަރުކަޒެއްގެ ހިއްސާ އޮތް މީހެއް ކަމުގައި ވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

15. (ނ) "ސިއްހީ ހިދުމަތުގެ ފަންނީ ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ، މެޑިކަލް އެންޑް ޑެންޓަލް ހިދުމަތުގެ ފަންނުގެ ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކަށެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-155)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ރަޖިސްޓްރަރގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-155)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު