-

 ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-03)

 

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

 


1 ވަނަ މާއްދާ - ތަޢާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓް ކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމަށް މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ލައިސަންސް ދިނުމާއި، އެ ލައިސަންސް ބާތިލު ކުރުމުގެ އުސޫލުތައް ކަނޑައަޅައި، އެ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ އޮޑިޓް ލައިސަންސް ނެތި ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ގާނޫނީ އޮޑިޓްކުރުމުގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

 

2 ވަނަ މާއްދާ – މަގުސަދު

(ހ) ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ލައިސަންސް ދޫކުރުމާއި ބާތިލު ކުރުމުގެ މަސައްކަތް އެއް މިންގަނޑެއްގައި ހިފެހެއްޓުމާއި، އޮޑިޓް މަސައްކަތުގެ ފަންނު ތަރައްގީ ކުރުވުމަށް މަގުފަހިކުރުން.

(ށ) ގާނޫނީ އޮޑިޓްކުރުމުގެ ލައިސަންސް ދޫކުރުމާއި ބާތިލު ކުރުމުގައި، ކަނޑައަޅާ ވަކި އުސޫލަކުން ޢަމަލުކުރުމާއި، އޮޑިޓިންގ ދާއިރާ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއެރުވުމަށް މަގުފަހިކުރުން.

(ނ) ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ ހިދުމަތް ދިނުމުގައި ދިވެހިންނަށް ފަހި އަދި ފައިހަމަކުރެވޭނެ މަގު ތަނަވަސްކުރުމުގެ މާހައުލެއް ގާއިމުކުރުން.

(ރ) ގާނޫނީ އޮޑިޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުމާއި، މި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުގެ އަހްލާގާއި މަސައްކަތުގެ ފެންވަރު ހިފެހެއްޓުން.

(ބ) ދިވެހިރާއްޖޭގައި ކުރާ ގާނޫނީ އޮޑިޓުތަކުގެ ފެންވަރާމެދު، ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، ކަމާބެހޭ މުއައްސަސާތަކާއި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދައިދިނުން.

(ޅ) ދިވެހިރާއްޖޭގައި ކުރާ ގާނޫނީ އޮޑިޓުތަކުގެ ހިދުމަތަކީ ގާނޫނާއި ގަވާއިދުގެ ތެރޭގައި ބެލެހެއްޓިގެން ދެވޭ ހިދުމަތަކަށް ހެދުން.

 

 

ދެވަނަ ބާބު

ގާނޫނީ އޮޑިޓް ކުރުމަށް އެދޭ ފަރާތްތަކުގެ ށަރުތުތައް


3 ވަނަ މާއްދާ - އޮޑިޓް ލައިސަންސަށް އެދޭ ފަރުދުންގެ ކިބައިގައި ހުރުން ލާޒިމުވާ ށަރުތުތައް

ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ ލައިސަންސަށް އެދޭ ކޮންމެ ފަރުދެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ހުންނަންވާނެއެވެ.

(ހ) އިންސްޓިޓިއުޓުގެ މެންބަރެއް ކަމުގައި ވުން.

(ށ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ނ) މަދުވެގެން 7 (ހަތެއް) އަހަރުގެ އެކައުންޓިންގ ދާއިރާގެ ތަޖުރިބާ ލިބިފައިވުން. އަދި މީގެ ތެރެއިން މަދުވެގެން 2 (ދޭއް) އަހަރުގެ ތަޖުރިބާއަކީ، އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމެޓީން ގަބޫލުކުރާ ފެންވަރުގެ އޮޑިޓް ފާމެއްގައި ނުވަތަ މުއައްސަސާއެއްގައި މަސައްކަތްކޮށް، ISA ނުވަތަ ISA އަސާސެއް ކަމަށް ބަލައިގެން ކުރާ އޮޑިޓުގެ އެކަށީގެންވާ ތަޖުރިބާ ކަމުގައި ވުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އޮޑިޓް ކުރުމުގެ 2 (ދޭއް) އަހަރުގެ ތަޖުރިބާގެ ތެރެއިން މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާއަކީ ސުޕަވައިޒަރީ ލެވެލުގައި މަސައްކަތްކޮށްގެން، ދިވެހިރާއްޖޭގައި ހޯދައިފައިވާ ތަޖުރިބާއަކަށް ވުން.

(ބ) އިންސްޓިޓިއުޓުން ކަނޑައަޅާ ޕަބްލިކް ޕްރެކްޓިސް ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކޮށްފައި ވުން.

(ޅ) އިންސްޓިޓިއުޓުން ކަނޑައަޅާ ނުވަތަ އިންސްޓިޓިއުޓުން ގަބޫލުކުރާ ޕްރޮފެށަނަލް އެކައުންޓެންސީ ކޮލިފިކޭށަނެއްގެ އެޑްވާންސްޑް އޮޑިޓް އެންޑް އެށޫރެންސް ނުވަތަ އެ ފެންވަރުގެ އެހެން އޮޑިޓް އެންޑް އެށޫރެންސް އިމްތިހާނަކުން ފާސްވެފައިވުން.

(ކ) ލައިސަންސަށް އެދޭ ފަރާތުން ހިދުމަތްދޭން ގަސްތުކުރަނީ ފާމެއްގެ ގޮތުގައި ނޫންނަމަ، އެ ފަރާތުގެ އޮޑިޓް ޕްރޮސެސްގެ ހުލާސާއަކާއި، އެ ފަރާތުން ISQC1 ނުވަތަ  IFAC އިން ކަނޑައަޅާ ރިވައިސްޑް ކޮލިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށް އޮޑިޓްތަކާއި އޮޑިޓިންގ ހިދުމަތުގެ ކޮލިޓީ ހިފެހެއްޓުމަށް ރާވައިފައިވާ ގޮތުގެ ޕްލޭން ހުށަހެޅުން. އަދި އެ ޕްލޭނަކީ ISQC1 ނުވަތަ IFAC އިން ނެރޭ ރިވައިސްޑް ކޮލިޓީ ސްޓޭންޑަޑްތަކުގެ ހަމަތަކަށް ފެތޭ ޕްލޭނެއް ކަމުގައި އެޑްމިށަން އެންޑް ލައިސަންސިންގ ކޮމިޓީން ކަނޑައެޅުން.

(އ) ލައިސަންސަށް އެދޭ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓެއްގެ ހުކުމަކުން ނުވަތަ އެހެން ގައުމެއްގެ ކޯޓު ހުކުމަކުން އިފްލާސްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

(ވ) އޮޑިޓް ލައިސަންސަށް އެދޭ ފަރާތަކީ ދިވެހިރާއްޖޭގެ ކޯޓަކުން ނުވަތަ އެހެން ގައުމެއްގެ ކޯޓަކުން އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވާނަމަ، އެ ހުކުމް ތަންފީޒު ކުރިތާ މަދުވެގެން 2 (ދޭއް) އަހަރު ވެފައިވުން.

(މ) ޕްރޮފެށަނަލް އެކައުންޓެންސީ ބޮޑީއަކުން އެ މީހަކާމެދު ސުލޫކީ ފިޔަވަޅެއް އަޅައިފައިވާނަމަ، އެ ފިޔަވަޅެއް އެޅިފަހުން މަދުވެގެން 2 (ދޭއް) އަހަރުދުވަސް ވެފައިވާ ފަރާތެއް ކަމުގައި ވުން.

(ފ) ގަވާއިދު ނަންބަރު 2020-23 (ދިވެހިރާއްޖޭގެ ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތައް، މި މާއްދާގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތުތަކުން އިސްތިސްނާ ކުރެވޭނެއެވެ.

(ދ) ގަވާއިދު ނަންބަރު 2020-23 (ދިވެހިރާއްޖޭގެ ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ 5 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވާ ފަރާތްތަކަށް،  އެ ށަރުތުތައް ފުރިހަމަކުރުމަށް 31 ޑިސެންބަރު 2022 އަށް މުހުލަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގައި، އެ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަ ނުވެއްޖެނަމަ، އެ ފަރާތެއްގެ ލައިސަންސް ބާތިލު ކުރެވޭނެއެވެ.

 

4 ވަނަ މާއްދާ - އެހެން ގައުމެއްގެ ރައްޔިތަކަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ގަވާއިދު ނަންބަރު 2020-23 (ދިވެހިރާއްޖޭގެ ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު) ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ދިވެހި ރައްޔިތެއް ފިޔަވައި އެހެން ގައުމެއްގެ ރައްޔިތަކު، މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅައިފިނަމަ، އެ ފަރާތަކަށް އޮޑިޓް ލައިސަންސް ދޫކުރެވެނީ 31 ޑިސެންބަރު 2023 ގެ ނިޔަލަށް އެ ލައިސަންސްގެ މުއްދަތު ހަމަވާގޮތަށެވެ. ލައިސަންސް ދޫކޮށްފައިވާ އެހެން ގައުމެއްގެ ރައްޔިތަކު ނިޔާވެއްޖެނަމަ، ނުވަތަ އެ އޮޑިޓް ފާމަކުން ވަކިވެއްޖެނަމަ، އެ ފާމަކުން ކަނޑައަޅާ އެހެން ގައުމެއްގެ ޕާޓްނަރަކަށް އެ ފާމުގެ އޮޑިޓުގެ ހިދުމަތްތައް ދެމިއޮތުމަށްޓަކައި  31 ޑިސެންބަރު 2023 ގެ ނިޔަލަށް އޮޑިޓް ލައިސަންސް ދޫކުރެވިދާނެއެވެ.

 

5 ވަނަ މާއްދާ - އޮޑިޓް ލައިސަންސަށް އެދޭ ފާމުގައި ހުރުން ލާޒިމުވާ ށަރުތުތައް

ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ ލައިސަންސަށް އެދޭ ކޮންމެ ފާމެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ) އޮޑިޓް ލައިސަންސަށް އެދޭ ފާމަކީ ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފާމެއް ކަމުގައި ވުން.

(ށ) ފާމުގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާޓްނަރަކީ މި ގަވާއިދުގެ ދަށުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ޕާޓްނަރެއް ކަމުގައި ވުން.

(ނ) އޮޑިޓް ލައިސަންސަށް އެދޭ ފާމަކީ އޮޑިޓްކުރުން، ނުވަތަ އެށޫރެންސާއި އެކައުންޓެންސީގެ ހިދުމަތްދިނުން، ނުވަތަ ފައިނޭންށަލް ނުވަތަ ޓެކްސް ކޮންސަލްޓެންސީގެ ހިދުމަތް ދިނުން ފިޔަވައި އެހެން ވިޔަފާރިތަކުގެ ހިދުމަތްދޭ ފަރާތެއް ކަމުގައި ނުވުން.

(ރ) މަސައްކަތްކުރާނެ އޮފީހަކާއި ވަސީލަތްތައް ގާއިމުކޮށްފައިވާ ފާމެއްކަމުގައި ވުން.

(ބ) އޮޑިޓް ފާމުގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާޓްނަރަކީ މި ގަވާއިދުގެ ދަށުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ދިވެހި ރައްޔިތަކު ކަމުގައި ވުން.

(ޅ) މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ގަވާއިދު ނަންބަރު 2020-23 (ދިވެހިރާއްޖޭގެ ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު (ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފާމުތަކުގެ ތެރެއިން، މި މާއްދާގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވާ ފާމުތަކުން، 31 މާރިޗު 2022 ގެ ނިޔަލަށް، އެ ށަރުތު ފުރިހަމަ ކުރަންވާނެއެވެ.

(ކ) އޮޑިޓް ފާމުގެ މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ތެރެއިން މަދުވެގެން %50 (ފަންސާސް އިންސައްތަ) އަކީ ދިވެހި ރައްޔިތުން ކަމުގައި ވުން.

(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގަވާއިދު ނަންބަރު 2020-23 (ދިވެހިރާއްޖޭގެ ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު (ގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފާމުތަކުގެ ތެރެއިން، އެ ށަރުތު ފުރިހަމަ ނުވާ އޮޑިޓް ފާމުތައް، 31 މާރިޗު 2022 ގެ ނިޔަލަށް، އެ ށަރުތު ފުރިހަމަ ކުރަންވާނެއެވެ.

(ވ) ލައިސަންސަށް އެދޭ ފާމުގެ އޮޑިޓް ޕްރޮސެސްގެ ހުލާސާއަކާއި، އެ ފަރާތުން ISQC1 ނުވަތަ IFAC އިން ކަނޑައަޅާ ރިވައިސްޑް ކޮލިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށް އޮޑިޓްތަކާއި އޮޑިޓިންގ ހިދުމަތުގެ ކޮލިޓީ ހިފެހެއްޓުމަށް ރާވައިފައިވާ ގޮތުގެ ޕްލޭން ހުށަހެޅުން. އަދި އެ ޕްލޭނަކީ ISQC1 ނުވަތަ IFAC އިން ނެރޭ ރިވައިސްޑް ކޮލިޓީ ސްޓޭންޑަޑްތަކުގެ ހަމަތަކަށް ފެތޭ ޕްލޭނެއް ކަމުގައި އެޑްމިށަން އެންޑް ލައިސަންސިންގ ކޮމިޓީން ކަނޑައެޅުން.

 

ތިންވަނަ ބާބު

އޮޑިޓް ލައިސަންސް ދޫކުރުމާއި ބާތިލު ކުރުން

 


6 ވަނަ މާއްދާ - އަމިއްލަ ފަރުދުން އޮޑިޓް ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި މަޢުލޫމާތު

ލައިސަންސަށް އެދޭ ފަރާތުން އޮޑިޓް ލައިސަންސް ހޯދުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު، އަންނަނިވި ލިޔެކިއުންތަކާއި މަޢުލޫމާތު އިންސްޓިޓިއުޓުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

(ހ) އޮޑިޓް ލައިސަންސަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ.

(ށ) ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކު ނަމަ، ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ވާރކް ޕާރމިޓުގެ ކޮޕީ.

(ނ) އޮޑިޓް ލައިސަންސަށް އެދޭ ފަރާތުގެ ވަނަވަރު.

(ރ) އިންސްޓިޓިއުޓުން ކަނޑައަޅާ ދަރަންޏާއި ކުށުގެ ރެކޯޑު ސާފުކުރި ފޯމު.

(ބ) އޮޑިޓު ކުރުމުގެ ޢަމަލީ ތަޖުރިބާ ފުރިހަމަވާކަން އަންގައިދޭ ލިޔުމެއް.

(ޅ) އެ ފަރާތަކީ ފަރުދީގޮތުން އޮޑިޓްކުރާ ފަރާތެއްނަމަ، އޮޑިޓް ޕްރޮސެސްގެ ހުލާސާއަކާއި، ISQC1 ނުވަތަ IFAC އިން ކަނޑައަޅާ ރިވައިސްޑް ކޮލިޓީ ސްޓޭންޑަޑްތަކުގެ ހަމަތަކަށް ފެތޭ ކޮލިޓީ މެނޭޖްކުރާނެ ގޮތުގެ ޕްލޭން.

 

7 ވަނަ މާއްދާ - ފާމުތަކުން އޮޑިޓް ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި މަޢުލޫމާތު

އޮޑިޓް ލައިސަންސަށް އެދޭ ފާމުން އެޕްލިކޭށަން ފޯމު ފުރިހަމަ ކުރުމަށްފަހު، އެ ފޯމާއެކު، އަންނަނިވި ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

(ހ) ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ދޫކޮށްފައިވާ ރަޖިސްޓްރޭށަން ސެޓުފިކެޓުގެ ކޮޕީ.

(ށ) ޕާޓްނަރށިޕް އެގްރީމެންޓުގެ ކޮޕީ.

(ނ) އޮޑިޓް ފާމުގެ އޮޑިޓް ޕްރޮސެސްގެ ހުލާސާއަކާއި،ISQC1 ނުވަތަ IFAC އިން ކަނޑައަޅާ ރިވައިސްޑް ކޮލިޓީ ސްޓޭންޑަޑްތަކުގެ ހަމަތަކަށް ފެތޭ ކޮލިޓީ މެނޭޖްކުރާނެ ގޮތުގެ ޕްލޭން.

(ރ) ފާމުގެ އިދާރީ އޮނިގަނޑު.

 

8 ވަނަ މާއްދާ - އެޕްލިކޭށަން ފީ

މި ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެޕްލިކޭށަން ފޯމު ހުށަހަޅާއިރު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ، އެޕްލިކޭށަން ފީ ދައްކަންވާނެއެވެ.

 

9 ވަނަ މާއްދާ - އެޕްލިކޭށަން މުރާޖަޢާ ކުރުމާއި ފާސްކުރުން

(ހ) އޮޑިޓް ލައިސަންސްގެ އެޕްލިކޭށަންތައް މުރާޖާޢާކޮށްފައި، އޮޑިޓް ލައިސަންސް ދޫކުރުމާމެދު ގޮތެއް ނިންމާނީ، އެޑްމިށަން އެންޑް ލައިސަންސިންގ ކޮމެޓީންނެވެ.

(ށ) އެޑްމިށަން އެންޑް ލައިސަންސިންގ ކޮމެޓީއަށް އެޕްލިކޭށަން ފޯމު ލިބުމުން، ފޯމު ހުށަހަޅައިފައިވާ ފަރާތަކީ، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއްތޯ ބަލަންވާނެއެވެ.

(ނ) ކޮމެޓީން ބަލާ ބެލުމުގައި އެޕްލިކޭށަން ހުށަހަޅައިފައިވާ ފަރާތަކީ ށަރުތު ފުރިހަމަވާ ފަރާތެއް ކަމުގައި ވާ ނަމަ، އެ ފަރާތަށް އޮޑިޓް ލައިސަންސް ދޫކުރަންވާނެއެވެ.

(ރ) އޮޑިޓް ލައިސަންސަށް އެދި ހުށަހަޅާ އެޕްލިކޭށަނަކާމެދު ނިންމި ގޮތެއް، ލަސްވެގެން، ސަރުކާރު ބަންދުނޫން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި، އެޕްލިކޭށަން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ބ) ހުށަހަޅާ އެޕްލިކޭށަނަކާ ވިދިގެން އޮޑިޓް ލައިސަންސް ދޫނުކުރަން ކޮމިޓީން ނިންމައިފިނަމަ، އެ ގޮތަށް ނިންމި ސަބަބު، އެ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ - އޮޑިޓް ލައިސަންސް ފީ

ލައިސަންސް ފީ ދައްކަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އަދި ޖެހިގެން އަންނަ އަހަރުގެ ޖުލައި މަހުގެ 31 ގެ ކުރިން އެ ފީ ދައްކަން ވާނެއެވެ.

 

11 ވަނަ މާއްދާ - އޮޑިޓް ލައިސަންސް ބާތިލުވުމާއި، ބާތިލު ކުރުން

އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އޮޑިޓް ލައިސަންސް ބާތިލު ކުރެވޭނެއެވެ.

(ހ) އޮޑިޓް ލައިސަންސް ބާތިލުކުރުމަށް އެދި ހުށަހެޅުން.

(ށ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރުދަކު ނިޔާވުން.

(ނ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފާމް އުވައިލުން.

(ރ) ލައިސަންސް ދޫކޮށްފައިވާ ފާމުގެ ލައިސަންސްޑް ޕާޓްނަރަކު، ޕާޓްނަރށިޕުން ވަކިވުމުގެ ސަބަބުން ނުވަތަ ނިޔާވުމުގެ ސަބަބުން ފާމެއްގައި ތިބެންޖެހޭނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލައިސަންސްޑް ޕާޓްނަރުންގެ އަދަދު ހަމަނުވުން. ނަމަވެސް، މި ހާލަތުގައި، ލައިސަންސްޑް ޕާޓްނަރެއް ހޯދުމަށްޓަކައި، ނިޔާވި ނުވަތަ ވަކިވި ލައިސަންސްޑް ޕާޓްނަރު ނިޔާވި ނުވަތަ ވަކިވި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ބ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރުދަކީ ބުއްދި ހަމަޔަށް ހުރި ފަރާތެއް ނޫންކަމަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުމުން ސާބިތުކޮށްދިނުން.

(ޅ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަކީ ބުއްދި ހަމަޔަށް ހުރި ފަރާތެއް ނޫންކަމަށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ނިންމުމުގެ ސަބަބުން،  މި ގަވާއިދުގައި ފާމެއްގައި ތިބެންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލައިސަންސްޑް ޕާޓްނަރުންގެ އަދަދު ހަމަނުވުން. ނަމަވެސް، މި ހާލަތުގައި، ވަކިވި ޕާޓްނަރުގެ ބަދަލުގައި ލައިސަންސްޑް ޕާޓްނަރެއް ހޯދުމަށް، އެ ޕާޓްނަރު ވަކިވި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ކ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރެއްގެ ނުވަތަ ފާމެއްގައި ހުންނަންވާނެކަމަށް  މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތެއް އުނިވުން.

(އ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތަކާ ހިލާފު ވުމުގެ ސަބަބުން ސުލޫކީ ކޮމެޓީން ލައިސަންސް ބާތިލު ކުރަން ނިންމުން.

(ވ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން، ޕްރޮފެށަނަލް ވާޖިބު އަދާކުރުމުގައި ފަރުވާކުޑަވެގެން ކޯޓަކުން ހުކުމެއް އިއްވުން.

(މ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތެއް ށަރުޢީ ހުކުމަކުން އިފްލާސްކުރުން.

(ފ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ޖިނާއީ ކުށެއް ކޮށްފިކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ނުވަތަ އެހެން ގައުމެއްގެ ކޯޓަކުން ހުކުމް އިއްވުން.

(ދ) ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފާމަކުން މަކަރާއި ހީލަތް ހެދުމުގެ ޢަމަލެއްގައި ބައިވެރިވިކަމުގެ ށަކުވާ، ނުވަތަ މަނީ ލޯންޑަރިންގެ ޢަމަލެއް ނުވަތަ އެފަދަ އެހެން ޢަމަލެއްގައި ބައިވެރިވިކަމުގެ ށަކުވާ، އިންސްޓިޓިއުޓަށް ހުށަހެޅުމުން، ސުލޫކީ ކޮމިޓީން ބެލުމަށްފަހު އޮޑިޓް ލައިސަންސް ބާތިލުކުރުމަށް ނިންމުން.

(ތ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކާ ދެކޮޅަށް ނުވަތަ އޮޑިޓް ފާމަކާ ދެކޮޅަށް، ޕްރޮފެށަނަލް އެކައުންޓެންސީ ބޮޑީއަކުން ސުލޫކީ ފިޔަވަޅެއް އެޅުން.

 

 

ހަތަރުވަނަ ބާބު

ސުލޫކީ މިންގަނޑު

 


12 ވަނަ މާއްދާ - ލައިސަންސްޑް އޮޑިޓަރުންގެ ސުލޫކީ މިންގަނޑު

އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރުންނާއި އޮޑިޓް ފާމުތަކުން، މި މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވެ ޢަމަލުކުރަންވާނެއެވެ.

(ހ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، އިންސްޓިޓިއުޓުގެ ކޯޑް އޮފް ކޮންޑަކްޓަށް ފުރިހަމައަށް ޢަމަލު ކުރަން ވާނެއެވެ.

(ށ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، މި ގަވާއިދަށް ފުރިހަމައަށް ޢަމަލު ކުރަން ވާނެއެވެ.

(ނ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ފުރިހަމަޔަށް ޢަމަލު ކުރަން ވާނެއެވެ.

(ރ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓް ފާމެއްގެ ޕާޓްނަރެއްގެ ނުވަތަ ޕާޓްނަރުންގެ އަމިއްލަ މަސްލަހަތެއް އޮތް ވިޔަފާރިއެއްގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެއެވެ.

(ބ) އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާ ފުށުއަރާ އެއްވެސް ހިދުމަތެއް، އޮޑިޓް ކްލަޔަންޓަކަށް ދީގެން ނުވާނެއެވެ.

(ޅ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި މީހަކަށް ބިރުދައްކައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން، މަސައްކަތް ހޯދައިގެން ނުވާނެއެވެ.

(ކ) ލައިސަންސްޑް އޮޑިޓަރުންނަށް އެ މީހުންގެ މަސައްކަތުގެ ތެރޭގައި ލިބޭ މަޢުލޫމާތަކީ ސިއްރު މަޢުލޫމާތެކެވެ. އޮޑިޓް މަސައްކަތް ހަވާލުކުރި ފަރާތަށް ނުވަތަ ގާނޫނީގޮތުން އެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތަކަށް މެނުވީ މިފަދަ މަޢުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.

(އ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، ފައިނޭންށަލް ސްޓޭޓްމެންޓެއް ނުވަތަ ފައިނޭންށަލް ރިޕޯޓަކަށް ރައުޔެއް ދޭންވާނީ، އެ ފައިނޭންށަލް ސްޓޭޓްމެންޓެއް ނުވަތަ ފައިނޭންށަލް ރިޕޯޓެއް، އެހެން ޕާޓުނަރަކު ނުވަތަ މުވައްޒަފަކު ބަލައި ޗެކްކުރުމަށް ފަހުގައެވެ.

(ވ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު މާލީ ބަޔާނަކަށް ރަޢުޔު ދޭއިރު، ހަގީގަތް ހާމަކުރުމުގެ ގޮތުން އޭނާއަށް އެނގިފައި ހުރި މުހިންމު މަޢުލޫމާތެއް ނުވަތަ އޮޑިޓްކުރެވޭ ފަރާތުން ދީފައިވާ ދޮގު ބަޔާނެއް ނުވަތަ ށަރަހައެއް ވާނަމަ އޭނާއަށް އެނގިފައިވާ މިންވަރަކަށް ސާފުކޮށް ހާމަކުރަންވާނެއެވެ.

(މ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން އޭނާގެ ޕްރޮފެށަނަލް ވާޖިބު އަދާކުރަންވާނީ ފަރުވާތެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ. އަދި އިންސްޓިޓިއުޓުގެ ކޯޑް އޮފް ކޮންޑަކްޓުގެ ސެކްށަން 360 ގައިވާ "ރެސްޕޮންޑިންގ  ޓު ނޮން-ކޮމްޕްލަޔަންސް ވިތު ލޯސް އެންޑް ރެގިއުލޭށަންސް" ގައި ބުނާ ފަދައިން، އޮޑިޓުކުރުމުގެ ތެރޭގައި، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ނުވަތަ ށައްކުކުރެވޭ ކަންތައްތައް، ކަމާބެހޭ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ގެންނަންވާނެއެވެ. މިފަދަ ކަންކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގައި، ތިރީގައިވާ ދާއިރާތަކުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ރިޢާޔަތް ކުރެވިދާނެއެވެ.

 1. ކަރަޕްށަނުން، ނުވަތަ ރިޑްވަތުން، ނުވަތަ މަކަރާއި ހީލަތުން ޒާތީ މަންފާއެއް ނުވަތަ މާލީ މަންފާއެއް ހޯދުން؛
 2.  މަނީ ލޯންޑްރިންގއަށް، ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމާއި، ކުށް ކޮށްގެން ހޯދާ ފައިސާއާއި މުދާ؛
 3. ސެކިއުރިޓީޒް މާކެޓްތަކާއި ވިޔަފާރި؛
 4. ބޭންކިންގ ހިދުމަތްތަކާއި އެހެނިހެން މާލީ އުފެއްދުންތަކާއި ހިދުމަތްތައް؛
 5. މަޢުލޫމާތު ރައްކައުތެރިކުރުން؛
 6. ޓެކުހާއި ޕެންށަނާ ގުޅޭ މާލީ ޒިންމާތަކާއި ޕޭމަންޓުތައް؛
 7. ތިމާވެށި ހިމާޔަތްކުރުން؛
 8. އާންމު ސިއްހަތާއި ރައްކައުތެރިކަން.

(ފ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަށް ލިބޭ އުޖޫރައަކީ އޭނާ އޮޑިޓްކުރި ތަނަކަށް ލިބޭ އާމްދަނީގެ ނުވަތަ ފައިދާގެ ނުވަތަ މަންފާގެ ވަކި އިންސައްތައެއްގެ މައްޗަށް ބިނާކުރެވިގެން ކަނޑައެޅޭ އަގަކަށް ވެގެން ނުވާނެއެވެ. އަދި ފަހުން ލިބިދާނެ މާލީ ފައިދާއެއްގެ މައްޗަށް ބިނާކުރެވިގެން ކަނޑައެޅޭ އަގަކަށް ވެސް ވެގެން ނުވާނެއެވެ.

(ދ) ގާނޫނީ ވާޖިބެއް އަދާކުރުމުގެ ގޮތުން އޮޑިޓަރަކު އެއްވެސް އޮފީހަކަށް ނުވަތަ އިދާރާއަކަށް ނޯޓިހެއް، ނުވަތަ ށަރަހައެއް، ނުވަތަ ބަޔާނެއް ދިނުމުގައި، އޭނާއަށް އެނގިހުރެ ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން ވިޔަސް ހަގީގަތާ ހިލާފު މަޢުލޫމާތެއް ދީގެން ނުވާނެއެވެ.

(ތ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު އެގްޒެކެޓިވް މަގާމެއްގައި ވަޒީފާ އަދާކުރި މުއައްސަސާއެއްގެ ވަޒީފާއިން ވަކިވިތާ މަދުވެގެން 3 (ތިނެއް) އަހަރުދުވަސް ނުވަނީސް އެ ތަނުގެ ހިސާބުތައް އޮޑިޓްކޮށްގެން ނުވާނެއެވެ.

(ލ) ލައިސަންސް ދޫކޮށްފައިވާ ފާމަކާއެކު ނުވަތަ ފަރުދަކާއެކު މަސައްކަތްކުރާ ޕާޓްނަރަކު ނުވަތަ ފަންނީ މުވައްޒަފަކު، އެ ފަރާތެއްގެ އޮޑިޓް ކުލައެންޓެއްގެ ވަޒީފާއަށް ދާންވާނީ އެންމެ އަވަސްވެގެން އެ ކުލައެންޓުގެ އެކްސްޓަރނަލް އޮޑިޓް ކުރިތާ 2 (ދޭއް) އަހަރުދުވަސް ފަހުންނެވެ.

(ގ) އޮޑިޓަރެއްގެ ގޮތުގައި އޭނާ ޢައްޔަނު ކޮށްފައިވަނީ އެ ކަމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީންކުރުމުގެ ކުރިން
އެ މަސައްކަތާ ހަވާލުވެގެން ނުވާނެއެވެ.

(ޏ) އޮޑިޓް މަސައްކަތަކާ ބެހޭގޮތުން އޮޑިޓަރެއްގެ ރައުޔު ދޭންވާނީ، އޭނާ ރައުޔުދޭ ކަމަކާ ގުޅޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބި ހުރެގެންނެވެ.

 

 

ފަސްވަނަ ބާބު

މައްސަލަ ބެލުން

 


13 ވަނަ މާއްދާ - އޮޑިޓަރުންނާ ދެކޮޅަށް ހުށަހެޅޭ ށަކުވާ

(ހ) މި ގަވާއިދުގައި ނުވަތަ ކަމާ ގުޅޭ އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންވެގެންވާ ކަމަކާ، އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ހިލާފުވެގެން، ސުލޫކީ ކޮމެޓީއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން، އެ ކޮމެޓީން އެޑްމިށަން އެންޑް ލައިސަންސިންގ ކޮމެޓީގެ ލަފާއަކަށް އެދިއްޖެނަމަ، އެ މައްސަލައަކާ ގުޅޭގޮތުން ކޮމެޓީއަށް ފެންނަ ގޮތެއް ސުލޫކީ ކޮމެޓީއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ސުލޫކީ ކޮމެޓީން އެހީތެރިކަމަށް އެދިގެން، މައްސަލަ ބަލާއިރު، އެ މައްސަލައަކާ ގުޅިގެން، އެޑްމިށަންސް އެންޑް ލައިސަންސިންގ ކޮމެޓީއަށް އަޅަން ފެންނަ ފިޔަވަޅެއް އެޅުމަށް ލަފާދޭއިރު، މި ގަވާއިދުގެ ޖަދުވަލު (1) "ފިޔަވަޅު އެޅުން" އަށް ރިޢާޔަތް ކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

އޮޑިޓަރުންގެ ކަންތައް ބެލެހެއްޓުމާއި ހިދުމަތުގެ ފެންވަރު ދެމެހެއްޓުން

 


14 ވަނަ މާއްދާ - އޮޑިޓަރުންގެ މަސައްކަތް މުރާޖަޢާކުރުން

(ހ) އެޑްމިށަން އެންޑް ލައިސަންސިންގ ކޮމެޓީން އަންނަނިވި ކަންކަން ޔަގީންކުރުމަށްޓަކައި، އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ މަސައްކަތް ގަވާއިދުން މުރާޖަޢާ ކުރަމުން ގެންދަންވާނެއެވެ.

 1.  މި ގަވާއިދުގެ ދަށުން ލާޒިމްކުރާ މަސްއޫލިއްޔަތުތައް އަދާކުރަމުންދާކަން؛
 2. އިންޓަރނޭށަނަލް ސްޓޭންޑަޑްސް އޮން އޮޑިޓިންގ(ISAs) އާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރަމުންދާކަން؛
 3. މަސައްކަތުގެ އަހުލާގާއި އިރުށާދުތަކަށާއި، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުން އޮޑިޓަރުންނަށް ކުރުން ލާޒިމްކުރާ ކަންތައްތަކަށް ޢަމަލުކުރަމުންދާކަން.
 4. އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ށަރުތުތައް ހިފަހައްޓަމުންދާކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން މުރާޖަޢާ ކުރުމަށްފަހު، ފާހަގަކުރެވުނު ކަންކަމާ ބެހޭގޮތުން ރިޕޯޓެއް އެކުލަވައިލަންވާނެއެވެ. އަދި އެ މުރާޖަޢާ ކުރުމުގައި، ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް ސުލޫކީ ކޮމެޓީއަށް ހުށަހަޅަން ވާނެއެވެ.

 

15 ވަނަ މާއްދާ - މަޢުލޫމާތު ހުށަހެޅުން

(ހ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، މި ގަވާއިދުގެ 14 ވަނަ މާއްދާގެ  (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށްޓަކައި، އެޑްމިށަން އެންޑް ލައިސަންސިންގ ކޮމެޓީން ބޭނުންވާ މަޢުލޫމާތު ލަސްކުރުމެއްނެތި އަދި ވަންހަނާކުރުމެއްނެތި ފޯރުކޮށްދޭންވާނެއެވެ.

(ށ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، މާލީ އަހަރު ނިމުމާއެކު، ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، އެޑްމިށަން އެންޑް ލައިސަންސިންގ ކޮމެޓީން ކަނޑައަޅާ މަޢުލޫމާތު ހިމެނޭ ފޯމެޓަކާ އެއްގޮތަށް ކޮމްޕްލަޔަންސް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - ކޮލެޓީ ރިވިއު ކުރުމުގެ ފީ

މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތް މުރާޖަޢާ ކުރުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ "ފާމު ލެވަލް އަދި އެސައިންމަންޓް ލެވެލް ކޮލެޓީ ރިވިއު ފީ" ދެއްކުމަށް އިންސްޓިޓިއުޓުން އެންގުމުން، ލަސްވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ފީތައް ދައްކަންވާނެއެވެ.

  

 

ހަތްވަނަ ބާބު

އާންމު މާއްދާތައް

 


17 ވަނަ މާއްދާ - އޮޑިޓް ލައިސަންސްގެ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ އޮޑިޓް ލައިސަންސްގެ މުއްދަތު ދެމިއޮންނާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާނަމަ، ލައިސަންސް ދޫކުރާ ދުވަހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) އޮޑިޓް ލައިސަންސްގެ މުއްދަތު ހަމަވުމުގެ 45 (ސާޅީސް ފަހެއް) ދުވަހުގެ ކުރިން، އޮޑިޓް ލައިސަންސް އައުކުރުމަށްޓަކައި، މި ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަހަޅަންވާނެއެވެ. އަދި ލައިސަންސް އައުކުރަން އެދި މި މުއްދަތު ތެރޭގައި ހުށަނާޅައިފިނަމަ، ދެން ލައިސަންސަށް އެދި ހުށަހަޅަންޖެހޭނީ އައު އެޕްލިކޭށަނެއްގެ ގޮތުގައެވެ.

 

18 ވަނަ މާއްދާ - އޮޑިޓަރުންނާއި އޮޑިޓް ފާމުތައް ދަފުތަރުގައި ށާއިޢުކުރުން

އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ނަމާއި އެޑްރެސް ހިމެނޭ ގޮތަށް އޮޑިޓަރުންނާއި، އޮޑިޓް ފާމުތަކުގެ ދަފުތަރު އިންސްޓިޓިއުޓުން ށާއިޢު ކުރަންވާނެއެވެ. އަދި އޮޑިޓަރުންގެ ދަފުތަރަށް އަންނަ ބަދަލުތައް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ. މި ދަފުތަރުގައި، އޮޑިޓް ލައިސަންސް ދޫކުރެވޭ ފަރާތްތަކާއި، އޮޑިޓް ލައިސަންސް ބާތިލުކުރާ ފަރާތްތަކުގެ މަޢުލޫމާތާއި، ބާތިލުކުރި ތާރީހުތައް ލިޔެ ބަލަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ - ހިދުމަތް ދިނުން

(ހ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން "ލައިސަންސްޑް އޮޑިޓަރ" މި ނަން ބޭނުންކުރަންވާނެއެވެ. އަދި އޭގެ ފަހަތަށް އެ ފަރާތުގެ ލައިސަންސް ނަންބަރު ބޭނުންކުރަން ވާނެއެވެ. މިސާލު: ފަރުދެއްގެ ލައިސަންސް ނަންބަރަކީ 2 ނަމަ ލިޔާނީ އަންނަނިވި ގޮތަށެވެ. އެއީ “Licensed Auditor 0002” އެވެ.

(ށ) އޮޑިޓް ރިޕޯޓުތަކުގައި ސޮއިކުރަންވާނީ، ލައިސަންސް ދޫކޮށްފައިވާ ފަރުދެކެވެ. އަދި މިގޮތަށް ސޮއިކުރާއިރު، ލައިސަންސްޑް އޮޑިޓަރުގެ ނަމާއި، ލައިސަންސް ނަންބަރު އެނގެން އޮންނަންވާނެއެވެ.

(ނ) އޮޑިޓް ކުރުމުގެ ހިދުމަތް ދޭންވާނީ، އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް (IFAC) ގެ އިންޓަރނޭށަނަލް އޮޑިޓިންގ އެންޑް އެށޫރެންސް ސްޓޭންޑަޑްސް ބޯޑު (IAASB) އިން ނެރެ ށާއިޢުކުރާ އިންޓަރނޭށަނަލް ސްޓޭންޑަޑްސް އޮން އޮޑިޓިންގ (ISAs) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ރ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، އެކްސްޓަރނަލް އޮޑިޓް ފިޔަވައި، އެހެނިހެން އެށޫރެންސާއި އެކަމާ ގުޅޭ ހިދުމަތްތައް ދިނުމުގައި، އިންޓަރނޭށަނަލް އޮޑިޓިންގ އެންޑް އެށޫރެންސް ސްޓޭންޑަޑްސް ބޯޑު (IAASB) އިން ނެރެ ށާއިޢު ކޮށްފައިވާ، ތިރީގައިވާ ސްޑޭންޑަޑްތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

 1. އިންޓަރނޭށަނަލް ސްޓޭންޑަޑްސް އޮން އެށޫރެންސް އެންގޭޖެމަންޓްސް (ISAE)
 2. އިންޓަރނޭށަނަލް ސްޓޭންޑަޑްސް އޮން ރިވިއު އެންގޭޖެމަންޓްސް (ISRE)
 3. އިންޓަރނޭށަނަލް ސްޓޭންޑަޑްސް އޮން ރިލޭޓެޑް ސަރވިސަސް (ISRS)
 4. އިންޓަރނޭށަނަލް ސްޓޭންޑަޑް އޮން ކޮލެޓީ ކޮންޓްރޯލް (ISQC1)

(ބ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގެ މަތިން، ކޮލިޓީ ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ގާއިމްކުރެވި، މެތަޑޮލޮޖީ އަދާހަމަކޮށް، އޮޑިޓް މެނުއަލުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ޅ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، ކުރާ އޮޑިޓްތަކާބެހޭ މަޢުލޫމާތުގެ ރެކޯޑު ބަލަހައްޓަމުން ގެންދަންވާނެއެވެ. އަދި މިފަދަ މަޢުލޫމާތު، މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.

(ކ) އޮޑިޓް ފާމެއްގެ ޕާޓްނަރށިޕް އެކުލެވިގެންވާ ގޮތަށް ނުވަތަ ޕާޓްނަރުންނަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި،  އެ އައި ބަދަލެއްގެ މަޢުލޫމާތު ލިޔުމަކުން އިންސްޓިޓިއުޓަށް އަންގަންވާނެއެވެ.

(އ) އިންސްޓިޓިއުޓުން ނެރޭ ގައިޑްލައިންތަކުގައިވާ ގޮތުގެ މަތިން އޮޑިޓް މެނުއަލާއި އޮޑިޓް ވޯކިންގ ޕޭޕާރސް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި މިފަދަ ގައިޑްލައިންތަކަށް ޢަމަލުކުރުމުގައި، އޮޑިޓް ފާމުގައި އެކަށީގެންވާ އޮޑިޓް މެތޮޑޮލޮޖީއާއި ސިސްޓަމްތައް ގާއިމްކުރެވިފައިވާނަމަ، އިސްތިސްނާއެއް ދިނުމުގެ އިހްތިޔާރު އެޑްމިށަން އެންޑް ލައިސަންސިންގ ކޮމިޓީއަށް ލިބިގެންވެއެވެ.

(ވ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރުދަކު ނުވަތަ ފާމަކުން، އެ ފަރާތުގައި އެ ކަމުގެ ގާބިލުކަމާއި އެ ހިދުމަތެއް ދިނުމުގެ ވަސީލަތް ނެތް ހިދުމަތެއް ދީގެން ނުވާނެއެވެ.

(މ) ފާމެއްގޮތުގައި ހިދުމަތްދޭ ފަރާތަކުން، ފަރުދެއްގެ ގޮތުގައި ހިދުމަތް ދީގެން ނުވާނެއެވެ.

 

20 ވަނަ މާއްދާ - ޕްރޮފެށަނަލް އިންޑެމްނިޓީ އިންށޫރެންސް

އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ދިން ނުވަތަ ދޭ ހިދުމަތެއް ފުރިހަމަ ނުވުމުން، ނުވަތަ ހިދުމަތެއް އެކަށީގެންވާ ފެންވަރެއްގައި ނުދެވުމުގެ ސަބަބުން އުފުލަންޖެހޭ މަދަނީ މާލީ ޒިންމާއެއް އަދާކުރެވޭނެ މިންވަރަށް، އިންށޫރެންސް ކުންފުންޏެއްގައި އިންށުއަރ ކުރަންވާނެއެވެ. އަދި އޮޑިޓް ލައިސަންސް ދޫކުރާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިންށޫރެންސް ސެޓުފިކެޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިގޮތަށް އިންށުއަރ ކުރުމުގެ ކުރިން އޮޑިޓުގެ ހިދުމަތާއި އެށޫރެންސްގެ ހިދުމަތް ދީގެން ނުވާނެއެވެ.

 

21 ވަނަ މާއްދާ - ޢިލްމާއި ހުނަރު ތަރައްގީކުރުން

(ހ) އިންސްޓިޓިއުޓުގެ މެންބަރެއްގެގޮތުގައި ދެމިހުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ސްޓްރަކްޗަރޑް ލަރނިންގެ 20 (ވިހި) ގަޑިއިރުގެ ތެރެއިން މަދުވެގެން 10 (ދިހައެއް) ގަޑިއިރު ހޭދަކުރަންވާނީ، ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްސް ނުވަތަ އޮޑިޓް އެންޑް އެށޫރޭންސް ނުވަތަ ކޯޕަރޭޓް ގަވަރނަންސް ނުވަތަ ގާނޫނާއި ގަވާއިދު ނުވަތަ ސުލޫކާއި ޕްރޮފެށަނަލިޒަމް ނުވަތަ ޓެކްސް ނިޒާމުގެ ދާއިރާއިން ޢިލްމާއި ހުނަރު ތަރައްގީކުރުމުގައެވެ.

(ށ) މެންޑޭޓަރީ CPD ގެ ގޮތުގައި، ލައިސަންސްޑް އޮޑިޓަރުން ފުރިހަމަކުރަންޖެހޭ ވަކި ތަމްރީނު ޕްރޮގުރާމުތަކެއް އިންސްޓިޓިއުޓަށް ކަނޑައެޅިދާނެއެވެ.  

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ CPD ފުރިހަމަ ނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެޑްމިށަން އެންޑް ލައިސަންސިންގ ކޮމެޓީއަށް އެކަން އެންގުމުން، އެ ހާލަތަކީ ކޮމެޓީއަށް ގަބޫލުކުރެވޭ ހާލަތެއްނަމަ، އެ ފަރާތަށް އިސްތިސްނާއެއް ދެވިދާނެއެވެ.

 

22 ވަނަ މާއްދާ - ފީ ދެއްކުމަށް ލުއިދިނުން

މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފީތައް ދެއްކުން ފަސްކުރުމާއި، މާފުކުރުމާއި، މިނޫންވެސް ލުއިތައް އިންސްޓިޓިއުޓުގެ ކައުންސިލުން ދެވިދާނެއެވެ.

 

 

އަށްވަނަ ބާބު

އެހެނިހެން ކަންކަން

 


23 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓް ކުރުމާއި އެށޫރެންސްގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތައް

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ދައުލަތުގެ މުއައްސަސާތަކުން ދޫކޮށްފައިވާ ގާނޫނީ އޮޑިޓު ކުރުމާއި، އެށޫރެންސްގެ ހިދުމަތް ދިނުމުގެ ހުއްދަތައް، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ  (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ގާނޫނު ތަސްދީގު ކުރި ތާރީހު ( 8 ސެޕްޓެންބަރު 2020) އިން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް (7 މާރިޗު 2021 ގެ ނިޔަލަށް) ދެމިއޮންނާނެއެވެ. އަދި އެ ފަރާތްތަކުން، ލައިސަންސަށް އެދި 1 ފެބުރުވަރީ 2021 ގެ ކުރިން ހުށަހަޅަންވާނެއެވެ.  

 

24 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، 8 މާރިޗު 2021 އިން ފެށިގެންނެވެ. ނަމަވެސް، ލައިސަންސް ދޫކުރުމަށް ޓަކައި، އެޕްލިކޭށަން ފޯމު 15 ޖަނަވަރީ 2021 އިން ފެށިގެން އިންސްޓިޓިއުޓުން ބަލައިގަންނާނެއެވެ.

(ށ) މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2020-23 (ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު) މި ނަމުގައި، 18 މާރިޗު 2020 ގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ށާއިޢުކޮށް ނެރެފައިވާ ގަވާއިދު އުވުނީއެވެ.

 

25 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބުނެފައި ނުވާހައި ހިނދަކު:

(ހ) "އޮޑިޓް ފާމް" ނުވަތަ "ފާމް" ކަމުގައި ބުނެފައި އެވަނީ، އޮޑިޓުގެ ހިދުމަތާއި އެށޫރެންސްގެ ހިދުމަތް ދިނުމަށް، ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕް ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިދުމަތް ދޭ ފަރާތްތަކަށެވެ.

(ށ) "ލައިސަންސްޑް އޮޑިޓަރު" ކަމުގައި ބުނެފައި އެވަނީ، އޮޑިޓުގެ ހިދުމަތް ދިނުމަށް އިންސްޓިޓިއުޓުން ލައިސަންސް ދޫކޮށްފައިވާ، އަމިއްލަ ފަރުދުންނަށެވެ.

(ނ) "އިންސްޓިޓިއުޓް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށެވެ.

(ރ) "ގާނޫނީ އޮޑިޓް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު އަސާސީންނާއި ގާނޫނުން ބާރު ލިބިގެން އޮޑިޓަރ ޖެނެރަލް ކުރާ އޮޑިޓް ފިޔަވައި، ގާނޫނަކުން ނުވަތަ ގާނޫނީ ބާރުލިބިގެން ހަދާ ގަވާއިދަކުން ލާޒިމުކޮށްގެން، ISA އާ އެއްގޮތަށް ކުރާ އޮޑިޓަށެވެ.

(ބ) "ވަޒަންވެރިވުން" ވަޒަންވެރިވެފައިވާ މީހެއްކަމަށް ބެލެވޭނީ، 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި 183 (އެއްސަތޭކަ އައްޑިހަ ތިނެއް) ނުވަތަ އެއަށްވުރެ ގިނަދުވަސް އޭނާ ދިވެހިރާއްޖޭގައި ހޭދަކޮށްފައިވާ ނަމައެވެ.

(ޅ) "ސުލޫކީ ފިޔަވަޅު" ކަމުގައި ބުނެފައި އެވަނީ، ކަމާބެހޭ މުއައްސަސާއަކުން ނުވަތަ ކޮމެޓީއަކުން އަދަބެއް ދިނުމުގެ ގޮތުން އަޅާ ފިޔަވަޅަށެވެ.

(ކ) "އޮޑިޓް ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-13 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތް ކުރުމުގެ ހުއްދައަށެވެ.

(އ) "ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަމާބެހޭ ވުޒާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ޑޮކްޓަރުންނަށެވެ.

(ވ) "މާލީ އަހަރު" ކަމުގައި ބުނެފައި އެވަނީ، 1 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށެވެ.

(މ) "ފަންނީ މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، އެ ފާމެއްގައި އޮޑިޓް ކުރުމުގެ މަސައްކަތް ކުރާ މުވައްޒަފުންނަށާއި، އެޑްވައިޒަރީގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

(ފ) "އެކްސްޓަރނަލް އޮޑިޓް" ކަމުގައި ބުނެފައި އެވަނީ، ISA އާ އެއްގޮތަށް ކުރެވޭ  މާލީ ބަޔާންތަކުގެ އޮޑިޓަށެވެ.

(ދ) "އެކައުންޓިން ދާއިރާ" ކަމަށް ބުނެފައި އެވަނީ، ހިސާބު ބެލެހެއްޓުމާއި، މާލީ ބަޔާން ތައްޔާރުކުރުމާއި، އެކްސްޓަރނަލް އޮޑިޓާއި، އިންޓަރނަލް އޮޑިޓާއި، ޓެކްސް އޮޑިޓާއި، އަދި މިނޫންވެސް އެކައުންޓިންގ ދާއިރާގެ މަސައްކަތްތަކަށެވެ.

 

(މި ގަވާއިދުގެ ޖަދުވަލު 1 އަދި 2 އެޓޭޗްުކުރެވިފައިވާ ކޮޕީގައި)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-03)

 

މައި ގާނޫނު

ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު (ގާނޫނު ނަންބަރު 2020-13)

 

އުވުނު ގަވާއިދު

ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-23)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު