-

ގާނޫނީ އޮޑިޓްކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-23)

މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2021-03 24 ވަނަ މާއްދާގެ (ށ) އިން އުވާލެވިފައި

(މި ގަވާއިދުގެ ގެ 40 ވަނަ މާއްދާގެ (ށ) އިން ވަނީ ގަވާއިދު ނަންބަރު 2012-24 އުވާލެވިފައި)

 

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރަފާއި ނަން 

(ހ) މިއީ ގާނޫނު ނަންބަރު 2007-04 (އޮޑިޓް ގާނޫނު) ގެ 7 ވަނަ މާއްދާގެ (ރ) އާއި 9 ވަނަ މާއްދާގެ (މ) ގެ ދަށުން ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ ހުއްދަ ނުވަތަ ލައިސަންސް ދޫކުރުމާއި ބާތިލްކުރެވޭނޭ އުސޫލުތައް ކަނޑައެޅުމާއި، އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކި ފަރާތްތަކަށް އެ ހުއްދަ ދޫކުރުމާއި ބާތިލްކުރުމާއި، ގާނޫނީ އޮޑިޓް ކުރާ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި އޮޑިޓަރ ޖެނެރަލަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓް ކުރުމުގެ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކުރާ އޮޑިޓް ލައިސަންސް ނެތި ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ގާނޫނީ އޮޑިޓްކުރުމަކީ މަނާކަމެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

(ހ) ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމަށް ބޭނުންވާ ހުއްދަ ދޫކުރުމާއި ބާތިލްކުރުމުގެ މަސައްކަތް އެއް މިންގަނޑެއްގައި ހިފެހެއްޓުމާއި، އޮޑިޓް މަސައްކަތުގެ ފަންނު ތަރައްގީވުމަށް މަގުފަހިކުރުން؛

(ށ) ގާނޫނީ އޮޑިޓްކުރުމުގެ ހުއްދަ ދޫކުރުމާއި ބާތިލްކުރުމުގައި ކަނޑައަޅާ ވަކި އުސޫލަކުން އަމަލުކުރުމާއި، އޮޑިޓިންގ ދާއިރާ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއެރުވުމަށް މަގުފަހިކުރުން؛

(ނ) ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ މަސައްކަތުގައި ދިވެހިންނަށް ފަހި އަދި ފައިހަމަކުރެވޭނެ މަގު ތަނަވަސްކުރުމުގެ މާހައުލެއް ގާއިމުކުރުން؛

(ރ) ގާނޫނީ އޮޑިޓްކުރުމުގެ ހިދުމަތް އާންމުންނަށް ދޭ ރާއްޖޭގެ ފަރާތްތަކާ ގުޅިގެން ބޭރުގެ ފަރާތްތަކަށްވެސް ކަނޑައެޅޭ ގިންތިތަކުން ފުރުސަތު ދިނުން؛

(ބ) ގާނޫނީ އޮޑިޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުމާއި ،މި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުގެ އަހްލާގާއި މަސައްކަތުގެ ފެންވަރު ހިފެހެއްޓުން؛

(ޅ) ދިވެހިރާއްޖޭގައި ކުރާ ގާނޫނީ އޮޑިޓްތަކުގެ ފެންވަރާ މެދު، އޮޑިޓުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، ކަމާބެހޭ މުއައްސަސާތަކާއި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދައިދިނުން؛

(ކ) ދިވެހިރާއްޖޭގައި ކުރާ ގާނޫނީ އޮޑިޓްތަކަކީ ގާނޫނާއި ގަވާއިދުގެ ތެރޭގައި ބެލެހެއްޓިގެން ކުރެވޭ އޮޑިޓްތަކަކަށް ހެދުން.

 

ދެވަނަ ބާބު

ގާނޫނީ އޮޑިޓް ކުރުމަށް އެދޭ ފަރާތްތަކުގެ ގިންތިތަކާއި ށަރުތުތައް

 

3 ވަނަ މާއްދާ - ލައިސަންސްތަކުގެ ގިންތި ކަނޑައެޅުން

މި ގަވާއިދުގެ ދަށުން ގާނޫނީ އޮޑިޓްކުރުމަށްޓަކައި އޮޑިޓް ފާމްތަކަށާއި، ފަރުދީގޮތުން ގާނޫނީ އޮޑިޓްކުރާ ފަރާތްތަކަށް ތިން ގިންތިއެއްގެ ލައިސަންސް ދޫކުރެވޭނެއެވެ. އޮޑިޓް ކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސްގެ ގިންތިތަކަކީ:

  1. ކެޓަގަރީ "އޭ"
  2. ކެޓަގަރީ "ބީ" 
  3. ކެޓަގަރީ "ސީ"

 

4 ވަނަ މާއްދާ - އޮޑިޓް ލައިސަންސަށް އެދޭ ފަރުދުންގައި ހުރުން ލާޒިމުވާ އާންމު ށަރުތުތައް

ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ ލައިސަންސަށް އެދޭ ކޮންމެ ފަރުދެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. އުމުރުން 18( އަށާރަ( އަހަރު ފުރިފައިވުން؛
  2. ދިވެހިރާއްޖޭގެ ކޯޓަކުން، ނުވަތަ އެހެން ގައުމެއްގެ ކޯޓަކުން އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން؛
  3. ހުއްދައަށް އެދޭ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ކޯޓު ހުކުމަކުން އިފްލާސްކޮށްފައިވާ މީހަކުކަމުގައި ނުވުން؛
  4. މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި، ދިވެހިރާއްޖޭގެ ކޯޓަކުން، ނުވަތަ އެހެން ގައުމެއްގެ ކޯޓަކުން ނަމަވެސް އެ މީހެއްގެ މައްޗަށް ހުކުމް ކޮށްފައިވާ މީހަކު ކަމުގައި ނުވުން؛
  5. ޕްރޮފެށަނަލް އެކައުންޓެންސީ ބޮޑީއަކުން އެ މީހަކާ މެދު ސުލޫކީ ފިޔަވަޅު އަޅައިފައިވާ ފަރާތެއް ކަމުގައި ނުވުން؛
  6. އޮޑިޓް ދާއިރާއާ ގުޅުންހުރި ގާނޫނުތަކާ ގަވާއިދުތަކަށް އަހުލުވެރި ފަރާތެއްތޯ ބެލުމަށްޓަކައި ލައިސެންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީން ކަނޑައަޅައި ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެޕްރޫވްކޮށްފައިވާ ޓެސްޓަކުން ނުވަތަ އިންޓަވިއުއަކުން ފާސްވެފައިވާ ފަރާތެއް ކަމުގައި ވުން؛
  7. މި ގަވާއިދުގައި ކަނޑައަޅައިފައިވާ "ބީ" ކެޓެގަރީއާއި "ސީ" ކެޓަގަރީގެ ހުއްދައަށް އެދޭ ފަރާތަކީ ދިވެހި ރައްޔިތެއް ކަމުގައި ވުން؛
  8. ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައި ވާނަމަ، ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ ފަރާތެއް ކަމުގައި ވުން.

 

5 ވަނަ މާއްދާ - ކެޓަގަރީ "އޭ" ގެ ލައިސަންސަށް އެދޭ އަމިއްލަ ފަރުދުން ކިބައިގައި ހުރުން ލާޒިމުވާ ށަރުތު

(ހ) ކެޓަގަރީ "އޭ" ލައިސަންސަށް އެދޭ ފަރާތަކީ އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް )އައިފެކް( ގެ މެންބަރުކަން އޮންނަ ފަރާތަކުން ދޫކޮށްފައިވާ ޕްރޮފެށަނަލް އެކައުންޓެންސީގެ ސަނަދެއް ހާސިލުކޮށްފައިވާ، އެ ތަނުގެ ފުރިހަމަ މެންބަރެއް ކަމުގައި ވުން؛

(ށ) ކެޓަގަރީ "އޭ" ގެ ލައިސަންސް ލިބޭ އާންމު ފަރުދަކު އޮޑިޓް މަސައްކަތް ކުރަންވާނީ ،މި ގަވާއިދުގެ ދަށުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފާމެއްގެ ނަމުގައެވެ.

(ނ) ކެޓަގަރީ "އޭ" ލައިސަންސަށް އެދޭ ފަރާތަކީ މަދުވެގެން 7( ހަތެއް( އަހަރުދުވަހު ގެ މުއްދަތަށް އެކެސްޓަރނަލް އޮޑިޓްކުރުމުގެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައި ވުން؛

(ރ) ކެޓެގަރީ "އޭ" އަށް އެދޭ ފަރާތަކީ ރާއްޖެއިން ބޭރުގެ ފަރާތެއް ކަމުގައި ވާނަމަ، ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓް ކުރުމުގެ ހިދުމަތްދޭ، ނުވަތަ ހިދުމަތް ދޭން ބޭނުންވާ ފެންވަރު ރަނގަޅު ބައިނަލްއަގްވާމީ ނެޓްވާރކް އޮޑިޓް ފާމެއްގެ ޕާޓްނަރަކަށް ވުން؛

 

6 ވަނަ މާއްދާ - ކެޓަގަރީ "ބީ" ގެ ލައިސަންސަށް އެދޭ އަމިއްލަ ފަރުދުންގެ ކިބައިގައި ހުރުން ލާޒިމުވާ ށަރުތުތައް

(ހ) ކެޓަގަރީ "ބީ" ލައިސަންސަށް އެދޭ ފަރާތަކީ އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް )އައިފެކް( ގެ މެންބަރުކަން އޮންނަ ފަރާތަކުން ދޫކޮށްފައިވާ ސަނަދެއް ހާސިލުކޮށްފައިވާ، އެ ތަނުގެ ފުރިހަމަ މެންބަރެއް ކަމުގައި ވުން؛

(ށ) ކެޓަގަރީ "ބީ" ގެ ލައިސަންސް ލިބޭ އާންމު ފަރުދަކު އޮޑިޓް މަސައްކަތް ކުރަންވާނީ ،މި ގަވާއިދުގެ ދަށުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފާމެއްގެ ނަމުގައެވެ.

(ނ) ކެޓަގަރީ "ބީ" ލައިސަންސަށް އެދޭ ފަރާތަކީ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެމުއްދަތަށް އެކްސްޓަރނަލް އޮޑިޓްކުރުމުގެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައި ވުން.

 

7 ވަނަ މާއްދާ - ކެޓަގަރީ "ސީ" ގެ ލައިސަންސަށް އެދޭ އަމިއްލަ ފަރުދުންގެ ކިބައިގައި ހުރުން ލާޒިމުވާ ށަރުތުތައް

(ހ) ކެޓަގަރީ "ސީ" ގެ ލައިސަންސަށް އެދޭ ފަރާތަކީ އިންޓަނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް (އައިފެކް) ގެ މެންބަރުކަން އޮންނަ ފަރާތަކުން ސަނަދެއް ހާސިލުކޮށްފައިވާ، އެ ތަނުގެ ފުރިހަމަ މެންބަރެއް ކަމުގައި ވުން؛

(ށ) ކެޓަގަރީ "ސީ" ގެ އޮޑިޓް ލައިސަންސަށް އެދޭ ފަރާތަކީ މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް އެކްސްޓާރނަލް އޮޑިޓްކުރުމުގެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައި ވުން، ނުވަތަ އިންޓަރނަލް އޮޑިޓް ނުވަތަ އެކައުންޓަންސީ ދާއިރާގެ މަދުވެގެން 7( ހަތެއް( އަހަރުދުވަހުގެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައި ވުން.

 

8 ވަނަ މާއްދާ - އޮޑިޓް ލައިސަންސަށް އެދޭ ފާމްގައި ހުރުން ލާޒިމުވާ އާންމު ށަރުތުތައް

ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ ލައިސަންސަށް އެދޭ ކޮންމެ ފާމެއްގައި އަންނަނިވި ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. އޮޑިޓް ލައިސަންސަށް އެދޭ ފާމުގެ އެއްވެސް ޕާރޓްނަރަކީ ދިވެހިރާއްޖޭގެ ނުވަތައެހެން ގައުމެއްގެ ކޯޓަކުން ޖިނާއީ ކުށެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  2. އޮޑިޓް ލައިސަންސަށް އެދޭ ފާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޕާޓްނަށިޕެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފާމެއް ކަމުގައި ވުން.
  3. އޮޑިޓް ލައިސަންސަށް އެދޭ ފާމަކީ އޮޑިޓްކުރުން، ނުވަތަ އެށޫރެންސާއި އެކައުންޓެންސީގެ ހިދުމަތްދިނުން ނުވަތަ ފައިނޭންށަލް ނުވަތަ ޓެކްސް ކޮންސަލްޓެންސީގެ ހިދުމަތް ދިނުން ފިޔަވައި އެހެން ވިޔަފާރިތަކުގެ ހިދުމަތްދޭ ފަރާތެއް ކަމުގައި ނުވުން.
  4. ހުއްދަދެވޭ އޮޑިޓް ފާމުގައި މަސައްކަތްކުރާނެ އެކަށީގެންވާ ވަސީލަތްތައް ގާއިމުކޮށްފައިވާ ފާމެއްކަމުގައި ވުން.

 

9 ވަނަ މާއްދާ - ކެޓަގަރީ "އޭ"ގެ އޮޑިޓް ލައިސަންސަށްއެދޭ ފާމުތަކުގައި ހުރުން ލާޒިމުވާ ށަރުތުތައް

(ހ) ފާމުގެ ޕާރޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާރޓްނަރަކީ ކެޓަގަރީ "އޭ " އޮޑިޓް ލައިސަންސް އޮންނަ މީހެއް ކަމުގައި ވުން އަދި އެ ފަރާތަކީ ފުލްޓައިމްކޮށް އެ ފާމުގައި މަސައްކަތް ކުރާ މީހެއް ކަމުގައި ވުމާއި، އެ ނޫން ތަނެއްގައި ދާއިމީ އެއްވެސް ވަޒީފާއެއް އަދާކުރާ ފަރާތެއް ކަމުގައި ނުވުން.

(ށ) އެ ފާމުގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާޓްނަރަކީ މި ގަވާއިދުގެ ދަށުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ދިވެހި ރައްޔިތަކު ކަމުގައި ވުމާއި، އެ ފަރާތަކީ ފުލްޓައިމްކޮށް އެ ފާމުގައި މަސައްކަތްކުރާފަރާތެއް ކަމުގައި ވުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަ ނުވާ، މިހާރު އޮޑިޓް ލައިސަންސް އޮތް އޮޑިޓް ފާމުތަކުން އެ މިންގަނޑަށް ވާސިލު ވުމަށްޓަކައި މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

(ރ) އެ ފާމުގެ މަސައްކަތްކުރާ ދާއިމީ މުވައްޒަފުންގެ ތެރެއިން މަދުވެގެން %50 (ފަންސާސް އިންސައްތަ) އަކީ ދިވެހި ރައްޔިތުން ކަމުގައި ވުން.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަ ނުވާ އޮޑިޓް ފާމުތަކުން އެ މިންގަނޑަށް ވާސިލު ވުމަށްޓަކައި އަންނަނިވި ގޮތުގެ މަތިން، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

  1. 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި %30 (ތިރީސް އިންސައްތަ)
  2. 2 (ދޭއް( އަހަރުދުވަހުގެ ތެރޭގައި %50 (ފަންސާސް އިންސައްތަ)

(ޅ) މި މާއްދާގެ (ރ) ގައި އެވާ ދާއިމީކޮށް މަސައްކަތް ކުރުމޭ ބުނެފައި އެވަނީ، މަދުވެގެން ހަފުތާއަކު 40 (ސާޅީސް) ގަޑިއިރު އެ ފާމުގައި ވަޒީފާ އަދާކުރުމެވެ.

(ކ) ކެޓަގަރީ "އޭ" ފާމެއްގެ ހިއްސާގެ ތެރެއިން މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ހިއްސާ، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ، އެ ފާމުގެ ދިވެހި ޕާޓްނަރަށް ލިބޭގޮތަށް 2025 ވަނަ އަހަރުގެ ނިޔަލަށް ފާމުގެ ހިއްސާތައް ބަދަލުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ކެޓަގަރީ "އޭ" ގެ ލައިސަންސް އޮންނަފަރާތްތަކުން ހިދުމަތް ދިނުން

ކެޓަގަރީ "އޭ" ގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަންނަނިވި ގިންތިތަކުގެ ވިޔަފާރިތަ އްއޮޑިޓްކުރެވިދާނެއެވެ. މި ގިންތިތައް ކަނޑައަޅައިފައިވާ ގޮތް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ބޮޑެތި ވިޔަފާރިތައް؛
  2. މެދުފަންތީގެ ވިޔަފާރިތައް؛
  3. ކުދި ވިޔަފާރިތައް؛ އަދި
  4. އެންމެ ކުދި ވިޔަފާރިތައް.

11 ވަނަ މާއްދާ - ކެޓަގަރީ "ބީ"ގެ އޮޑިޓް ލައިސަންސަށް އެދޭ ފާމުތަކުގައި ހުރުން ލާޒިމުވާ ށަރުތުތައް

(ހ) ފާމުގެ ޕާރޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާޓްނަރަކީ ދަށްވެގެން ކެޓަގަރީ "ބީ" އޮޑިޓް ލައިސަންސް އޮންނަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) ފާމުގައި ހިމެނޭ ހުރިހާ ޕާޓްނަރުންނަކީ ދިވެހި ރައްޔިތުން ކަމުގައި ވުން.

(ނ) އެ ފާމުގެ މަސައްކަތްކުރާ ދާއިމީ މުވައްޒަފުންގެ ތެރެއިން މަދުވެގެން %80 (އައްޑިހަ އިންސައްތަ) އަކީ ދިވެހި ރައްޔިތުން ކަމުގައި ވުން.

 

12 ވަނަ މާއްދާ - ކެޓަގަރީ "ބީ" ގެ ލައިސަންސް އޮންނަފަރާތްތަކުން ހިދުމަތް ދިނުން

ކެޓަގަރީ "ބީ" ގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އަންނަނިވި ގިންތިތަކުގެ ވިޔަފާރިތައް އޮޑިޓްކުރުވިދާނެއެވެ. މި ގިންތިތައް ކަނޑައަޅައިފައިވާ ގޮތް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. މެދުފަންތީގެ ވިޔަފާރިތައް؛
  2. ކުދި ވިޔަފާރިތައް؛ އަދި
  3. އެންމެ ކުދި ވިޔަފާރިތައް.

 

13 ވަނަ މާއްދާ - ކެޓަގަރީ "ސީ"ގެ އޮޑިޓް ލައިސަންސަށް އެދޭ ފާމުތަކުގައި ހުރުން ލާޒިމުވާ ށަރުތުތައް

(ހ) ފާމުގެ ޕާރޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާރޓްނަރަކީ މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ އޮޑިޓް ލައިސަންސް އޮންނަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) ފާމުގައި ހިމެނޭ ހުރިހާ ޕާޓްނަރުންނަކީ ދިވެހި ރައްޔިތުން ކަމުގައި ވުން.

(ނ) އެ ފާމުގެ މަސައްކަތްކުރާ ދާއިމީ މުވައްޒަފުންގެ ތެރެއިން މަދުވެގެން 80% (އައްޑިހަ އިންސައްތަ) އަކީ ދިވެހި ރައްޔިތުން ކަމުގައި ވުން.

 

14 ވަނަ މާއްދާ - ކެޓަގަރީ "ސީ" ގެ ލައިސަންސް އޮންނަ ފަރާތްތަކުން ހިދުމަތް ދިނުން

ކެޓަގަރީ "ސީ" ގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަންނަނިވި ގިންތީގެ ވިޔަފާރިތަކަށް އޮޑިޓްކުރެވިދާނެއެވެ. މި ގިންތި ކަނޑައަޅައިފައިވާ ގޮތް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ކުދި ވިޔަފާރިތައް؛ އަދި
  2. އެންމެ ކުދިވިޔަފާރިތައް 

 

ތިންވަނަ ބާބު 

އޮޑިޓް ލައިސަންސް ދޫކުރުމާއި ބާތިލު ކުރުން

 

15 ވަނަ މާއްދާ - އަމިއްލަ ފަރުދުން އޮޑިޓް ލައިސަންސަށް އެދި ހުށަހެޅުން

ލައިސަންސަށް އެދޭ ފަރާތުން އޮޑިޓް ލައިސަންސް ހޯދުމަށް އެދޭ ފޯމު ފުރުމަށްފަހު، ފޯމާއެކު، އަންނަނިވި ތަކެތި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ ލިޔެކިޔުންތަކުގެ އަސްލުތައް، އެ ލިޔުންތަކުގެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށްފަހު ވަގުތުން ހަވާލުކުރެވޭނެއެވެ.

  1. އޮޑިޓް ލައިސަންސަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލާއި ކޮޕީ.
  2. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކު ނަމަ، ކަމާބެހޭ ވުޒާރާއަކުން ދޫކޮށްފައިވާ ވާރކް ޕާރމިޓުގެ އަސްލާއި އެ ޓެސްޓްކޮށްފައިވާ ކޮޕީ.
  3. މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތު ފުރިހަމަވާކަން އަންގައިދޭ ތައުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ނުވަތަ ސަނަދުތަކުގެ އަސްލާއި އެޓެސްޓްކޮށްފައިވާ ކޮޕީ.
  4. އޮޑިޓް ލައިސަންސަށް އެދޭ ފަރާތުގެ ވަނަވަރު.
  5. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް ނެތް މީހެއްކަން ދޭހަކޮށްދިނުމުގެ ގޮތުން އެ މީހަކު ނިސްބަތްވާ ގައުމުންނާއި އެ މީހަކު ދިރިއުޅޭ ގައުމުން ހޯދައިފައިވާ ޕޮލިސް ކްލިއަރެންސް.
  6. ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޖިނާއީ މައްސަލައެއްގައި ށަރުއީ ކޯޓަކުން އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމެއް ކޮށްފައި ނެތްމީހެއްކަން ދޭހަކޮށްދިނުމުގެ ގޮތުން އެ މީހަކު ނިސްބަތްވާ ގައުމުންނާއި އެ މީހަކު ދިރިއުޅޭ ގައުމުން ހޯދައިފައިވާ ކޯޓު ކްލިއަރެންސް.
  7. ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހު އެކްސްޓަރނަލް އޮޑިޓް ކޮށްފައިވާ ތަންތަނުގެ ލިސްޓެއް. މި ގޮތުން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި އޮޑިޓް ކޮށްފައިވާ ތަންތަނުގެ ލިސްޓު ހުށަހަޅާއިރު، ހުށަހަޅާ ލިސްޓު ވާންވާނީ އެންމެ ފަހު 3 (ތިނެއް) އަހަރުދުވަހު ކޮށްފައިވާ އޮޑިޓްތަކުގެ ލިސްޓަށެވެ.

 

16 ވަނަ މާއްދާ - ފާމުތަކުން އޮޑިޓް ލައިސަންސަށް އެދި ހުށަހެޅުން

އޮޑިޓް ލައިސަންސަށް އެދޭ ފާމުން ލައިސަންސް ހޯދުމަށް އެދޭ ފޯމު ފުރުމަށްފަހު، ފޯމާއެކު ،އަންނަނިވި ތަކެތި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

  1. އޮޑިޓް ލައިސަންސަށް އެދޭ ފާމުގެ ނަމުގައި ގާނޫނީ އޮޑިޓްކުރުމަށް އެދޭ ޕާޓްނަރުންގެއޮޑިޓް ލައިސަންސްތައް.
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޕާރޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ދޫކޮށްފައިވާ ރަޖިސްޓްރޭށަން ސެޓުފިކެޓު.
  3. ފާމް ހިންގާ އޮފީހުގެ ތަފުސީލީ މައުލޫމާތު.
  4. ފާމުގެ އިންފްރާސްޓްރަކްޗަރާއި އިންސާނީ ވަސީލަތްތަކުގެ މައުލޫމާތު.
  5. އޮޑިޓް ޕްރޮސެސްގެ ހުލާސާއަކާއި، ފާމުގެ ކޮލިޓީ ކޮންޓްރޯލް މެކޭނިޒަމާބެހޭ މައުލޫމާތު.
  6. ފާމުގެ އިދާރީ އޮނިގަނޑު.
  7. ފާމުގެ އިދާރީ ހިންގުމާ ގުޅޭ އިޖުރާއަތުތައް.
  8. ޕާރޓްނަރށިޕް އެގްރީމެންޓް.

 

17 ވަނަ މާއްދާ - އެޕްލިކޭށަން މުރާޖައާ ކުރުމާއި ފާސްކުރުން

(ހ) އޮޑިޓް ލައިސަންސް ހޯދުމަށް އެދޭ ފަރާތުގެ އެޕްލިކޭށަން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ލިބުމުން، އެ އެޕްލިކޭށަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވައިލައިފައިވާ، މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވަންވާނެއެވެ.

(ށ) ލައިސަންސިން އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް އެޕްލިކޭށަން ފޯމު ލިބުމުން، ފޯމު ހުށަހަޅައިފައިވާ ފަރާތަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ، ށަރުތުތައް ފުރިހަމަވާ ފަރާތެއްތޯ ބަލަންވާނެއެވެ.

(ނ) ކޮމެޓީން ބަލާ ބެލުމުގައި އެޕްލިކޭށަން ހުށަހަޅައިފައިވާ ފަރާތަކީ ށަރުތު ފުރިހަމަވާ ފަރާތެއް ކަމުގައި ވާނަމަ، އެ ފަރާތަށް އޮޑިޓް ލައިސަންސް ދޫކުރުމަށް އޮޑިޓަރ ޖެނެރަލަށް ލަފާދޭންވާނެއެވެ.

(ރ) އޮޑިޓް ލައިސަންސަށް އެދި ހުށަހަޅާ އެޕްލިކޭށަނަކާމެދު ނިންމި ގޮތެއް، ލަސްވެގެން 5 (ފަހެއް) ވަނަ ހަފުތާގެ ތެރޭގައި އެޕްލިކޭށަން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ބ) އެޕްލިކޭށަން ހުށަހެޅި ފަރާތަށް އޮޑިޓް ލައިސަންސް ދޫކުރުމަށް އޮޑިޓަރ ޖެނެރަލް ނިންމުމުން، އެ ފަރާތަށް އޮޑިޓް ލައިސަންސް ދޫކުރެވޭނެއެވެ.

 

18 ވަނަ މާއްދާ - އޮޑިޓް ލައިސަންސް ބާތިލުވުމާއި،ބާތިލު ކުރުން

އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އޮޑިޓް ލައިސަންސް ބާތިލު ކުރެވޭނެއެވެ.

(ހ) އޮޑިޓް ލައިސަންސް ބާތިލްކުރުމަށް އެދި އޮޑިޓަރަކު ނުވަތަ އޮޑިޓް ފާމަކުންހުށަހެޅުން.

(ށ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ނިޔާވުން ނުވަތަ އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފާމް އުވައިލުން.

(ނ) ލައިސަންސް ދޫކޮށްފައިވާ ފާމުގެ އެންގޭންޖްމަންޓު ޕާޓްނަރު ނުވަތަ ލައިސަންސް ދޫކޮށްފައިވާ އެހެން ޕާޓްނަރަކު ނިޔާވުމުގެ ސަބަބުން މި ގަވާއިދުގައި ފާމެއްގައި ތިބެންޖެހޭނެކަމަށް ބަޔާންކުރާ ޕާޓްނަރުންގެ އަދަދު ހަމަނުވުން.

(ރ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަކީ ބުއްދި ހަމައަށް ހުރި ފަރާތެއް ނޫންކަމަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުމުން ސާބިތު ކޮށްދިނުން.

(ބ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތަކީ ބުއްދި ހަމައަށް ހުރި ފަރާތެއް ނޫންކަމަށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ނިންމުމުގެ ސަބަބުން މި ގަވާއިދުގައި ފާމެއްގައި ތިބެންޖެހޭނެކަމަށް ބަޔާންކުރާ ޕާޓްނަރުންގެ އަދަދު ހަމަނުވުން.

(ޅ) އޮޑިޓް ލައިސްންސް ދޫކޮށްފައިވާ އޮޑިޓަރެއްގެ ނުވަތަ ފާމެއްގެ ހުންނަންވާނެކަމަށް މި ގަވާއިދުގައި ބަޔާންކުރާ ށަރުތެއް އުނިވުން.

(ކ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތަކާ އޮޑިޓަރު ނުވަތަ އޮޑިޓް ފާމަކުން ހިލާފުވެއްޖެކަމަށް، މި ގަވާއިދުގެ ދަށުން އެކުލަވައިލައިފައިވާ ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީން، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކުލަވައިލައިފައިވާ މިފަދަ އެހެން ރެގިއުލޭޓަރީ ބޮޑީއަކުން ނުވަތަ އެހެން ޕްރޮފެށަނަލް އެކައުންޓެންސީ ބޮޑީއަކުން ނިންމުން.

(އ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ނުވަތަ ފާމަކުން ޕްރޮފެށަނަލް ވާޖިބު އަދާކުރުމުގައި ފަރުވާކުޑަވެގެން ކޯޓަކުން ހުކުމެއް އިއްވުން. މީގެ ތެރޭގައި އިންޓަރނޭށަނަލް ކޯޓުތައް ވެސް ހިމެނެއެވެ.

(ވ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފާމެއް ށަރުއީ ހުކުމަކުން އިފްލާސްކުރުން.

(މ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފާމަކުން ޖިނާއީ ކުށެއްކޮށްފިކަމަށް ދިވެހިރާއްޖޭގެ ކޯޓަކުން ނުވަތަ އެހެން ގައުމެއްގެ ކޯޓަކުން ހުކުމް އިއްވުން. މީގެ ތެރޭގައި އިންޓަރނޭށަނަލް ކޯޓުތައް ވެސް ހިމެނެއެވެ.

(ފ) މަކަރާއި ހީލަތް ހެދުން ނުވަތަ މަނީ ލޯންޑަރިންގގެ މައްސަލައެއްގައި ނުވަތަ އެފަދަ އެހެން މައްސަލައެއްގައި ބައިވެރިވުމުގެ ސަބަބުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފާމަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް އެޅުން.

(ދ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފާމަކާ ދެކޮޅަށް، ޕްރޮފެށަނަލް އެކައުންޓެންސީ ބޮޑީއަކުން ސުލޫކީ ފިޔަވަޅެއް އެޅުން.

 

ހަތަރުވަނަ ބާބު

ސުލޫކީ މިންގަނޑު

 

19 ވަނަ މާއްދާ - ލައިސަންސް އޮޑިޓަރުންގެ ސުލޫކީމިންގަނޑު

އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރުންނާއި އޮޑިޓް ފާމުތަކުން މި މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކަށް ތަބާވެ އަމަލުކުރަންވާނެއެވެ.

(ހ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރުންނާއި އޮޑިޓް ފާމުތަކުން މި ގަވާއިދަށާއި މި ގަވާއިދަށް ގެނެވޭ އިސްލާހުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

(ށ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރުންނާއި އޮޑިޓް ފާމުތަކުން ދިވެހިރާއްޖޭގެގާނޫނުތަކަށާއި ގަވާއިދުތަކަށް ފުރިހަމަޔަށް އަމަލުކުރަންވާނެއެވެ.

(ނ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރުންނާއި އޮޑިޓް ފާމްތަކުން، "އިންޓަރނޭށަނަލް އެތިކްސް ސްޓެންޑަރޑްސް ބޯޑު ފޮރ އެކައުންޓެންސް" (IESBA) ގެ "އިންޓަރނޭށަނަލް ކޯޑް އޮފް އެތިކްސް ފޮރ ޕްރޮފެށަނަލް އެކައުންޓެންސް" އަށް ފުރިހަމަޔަށް އަމަލުކުރަންވާނެއެވެ.

(ރ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓް ފާމެއްގެ ޕާޓްނަރެއްގެ ނުވަތަ ޕާޓްނަރުންގެ އަމިއްލަ މަސްލަހަތެއް އޮތް ވިޔަފާރިއެއްގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެއެވެ.

(ބ) ކްލަޔަންޓުގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާ ފުށުއަރާ އެއްވެސް ހިދުމަތެއް، އެ ކްލަޔަންޓަށް ދީގެން ނުވާނެއެވެ.

(ޅ) އޮޑިޓަރަކު ނުވަތަ އޮޑިޓް ފާމަކުން ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި މީހަކަށް ބިރުދައްކައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން، މަސައްކަތް ހޯދައިގެންނުވާނެއެވެ.

(ކ) އޮޑިޓަރުން އެ މީހުންގެ ޕްރޮފެށަނަލް މަސައްކަތުގެ ތެރޭގައި ލިބޭ މައުލޫމާތަކީ ސިއްރު މައުލޫމާތެކެވެ. އޮޑިޓް މަސައްކަތް ހަވާލުކުރި ފަރާތަށް ނުވަތަ ގާނޫނީގޮތުން އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތަކަށް މެނުވީ މިފަދަ މައުލޫމާތު ހާމަކޮށްގެން ނުވާނެއެވެ.

(އ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރުން، ފައިނޭންށަލް ސްޓޭޓްމެންޓެއް ނުވަތަ އެއްވެސް ރިޕޯޓެއް އެއީ ރަނގަޅު އެއްޗެއްކަމަށް ނިންމައި ސޮއިކުރަންވާނީ، އެހެން ޕާޓުނަރަކު ލައްވައި، ނުވަތަ މުވައްޒަފަކު ލައްވައި ބަލައި ޗެކްކުރުމަށް ފަހުގައެވެ.

(ވ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު މާލީ ބަޔާނަކަށް ރައުޔު ދޭއިރު، ހަގީގަތް ހާމަކުރުމުގެ ގޮތުން އޭނާއަށް އެނގިފައި ހުރި މުހިންމު މައުލޫމާތެއް ނުވަތަ އޮޑިޓްކުރެވޭ ފަރާތުން ދީފައިވާ ދޮގު ބަޔާނެއް ނުވަތަ ށަރަހައެއް ވާނަމަ އޭނާއަށް އެނގިފައިވާ މިންވަރަކަށް ސާފުކޮށް ހާމަކުރަންވާނެއެވެ.

(މ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު އޭނާގެ ޕްރޮފެށަނަލް ވާޖިބު އަދާކުރަންވާނީ ފަރުވާތެރިކަމާއި އަމާނާތްތެރިކަމާ އެކުގައެވެ. އަދި އިންޓަރނޭށަނަލް އެތިކްސް ސްޓޭންޑަސް ބޯޑުން ނެރެފައިވާ ކޯޑް އޮފް އެތިކްސް ފޮރ ފްރޮފެށަނަލް އެކައުންޓެންޓްސްގެ 360 ވަނަ މާއްދާކަމުގައިވާ "ރެސްޕޮންޑިންގ ޓު ނޮން- ކޮމްޕްލަޔަންސް ވިތު ލޯސް އެންޑް ރެގިއުލޭށަންސް" ގައި ބުނާ ފަދައިން،އޮޑިޓުކުރުމުގެ ތެރޭގައި، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކޮށްފައިވާ ކަމަށް ފާހަގަކުރެވޭ ނުވަތަ ށައްކުކުރެވޭ ކަންތައްތައް، ކަމާބެހޭ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ގެންނަންވާނެއެވެ. މިގޮތުން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގައި، ތިރީގައިވާ ދާއިރާތަކުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ރިއާޔަތް ކުރެވިދާނެއެވެ.

  1. ކަރަޕްށަނުން، ނުވަތަ ރިށްވަތުން، ނުވަތަ މަކަރާއި ހީލަތުން ޒާތީ މަންފާއެއް ނުވަތަ މާލީ މަންފާއެއް ހޯދުން.
  2. މަނީ ލޯންޑްރިންގއަށް، ނުވަތަ ޓެރެރިޒަމަށް ފައިނޭންސްކުރުމާއި، ކުށް ކޮށްގެން ހޯދާ ފައިސާއާއި މުދާ.
  3. ސެކިއުރިޓީޒް މާކެޓްތަކާއި ވިޔަފާރި.
  4. ބޭންކިންގ ހިދުމަތްތަކާއި އެހެނިހެން މާލީ އުފެއްދުންތަކާއި ހިދުމަތްތައް.
  5. މައުލޫމާތު ރައްކައުތެރިކުރުން.
  6. ޓެކުހާއި ޕެންށަނާ ގުޅޭ މާލީ ޒިންމާތަކާއި ޕޭމެންޓުތައް.
  7. ތިމާވެށި ހިމާޔަތްކުރުން.
  8. އާންމު ސިއްހަތާއި ރައްކައުތެރިކަން.

(ފ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަށް ލިބޭ އުޖޫރައަކީ އޭނާ އޮޑިޓްކުރި ތަނަކަށް ލިބޭ އާމްދަނީގެ، ނުވަތަ ފައިދާގެ ނުވަތަ މަންފާގެ ވަކި އިންސައްތައެއްގެ މައްޗަށް ބިނާކުރެވިގެން ކަނޑައެޅޭ އަގަކަށް ވެގެން ނުވާނެއެވެ. އަދި ފަހުން ލިބިދާނެ މާލީ ފައިދާއެއްގެ މައްޗަށް ބިނާކުރެވިގެން ކަނޑައެޅޭ އަގަކަށްވެސް ވެގެން ނުވާނެއެވެ.

(ދ) ގާނޫނީ ވާޖިބެއް އަދާކުރުމުގެ ގޮތުން އޮޑިޓަރަކު އެއްވެސް އޮފީހަކަށް ނުވަތަ އިދާރާއަކަށް ނޯޓިހެއް، ނުވަތަ ށަރަހައެއް، ނުވަތަ ބަޔާނެއް ދިނުމުގައި، އޭނާއަށް އެނގިހުރެ ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން ވިޔަސް ހަގީގަތާ ހިލާފު މައުލޫމާތެއް ދީގެން ނުވާނެއެވެ.

(ތ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު އެގްޒެކެޓިވް މަގާމެއްގައި ވަޒީފާ އަދާކުރި މުއައްސަސާއެއްގެ ވަޒީފާއިން ވަކިވިތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަސްނުވަނީސް އެ ތަނުގެ ހިސާބުތައް އޮޑިޓްކޮށްގެން ނުވާނެއެވެ.

(ލ) އޮޑިޓަރެއްގެ ގޮތުގައި އޭނާ އައްޔަނު ކޮށްފައިވަނީ އެ ކަމަށް ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަން ޔަގީންކުރުމުގެކުރިން އެ މަސައްކަތާ ހަވާލުވެގެން ނުވާނެއެވެ.

(ގ) އޮޑިޓް މަސައްކަތަކާ ބެހޭގޮތުން އޮޑިޓަރެއްގެ ރައުޔު ދޭންވާނީ އޭނާ ރައުޔުދޭ ކަމަކާ ގުޅޭގޮތުން ފުރިހަމަ މައުލޫމާތު ލިބި ހުރެގެންނެވެ.

 

ފަސްވަނަ ބާބު

މައްސަލަ ބެލުމާއި އިސްލާހީ ފިޔަވަޅު އެޅުން

 

20 ވަނަ މާއްދާ - އޮޑިޓަރުންނާ ދެކޮޅަށް ހުށަހެޅޭ ށަކުވާ

މި ގަވާއިދުގައި ނުވަތަ ކަމާ ގުޅޭ އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންވެގެންވާ ކަމަކާ އޮޑިޓަރަކު ނުވަތަ އޮޑިޓް ފާމަކުން ހިލާފުވެގެން، ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހެޅޭ ކަންކަން ނުވަތަ ކޮމިޓީއަށް ފެންނަ ކަންކަން ކޮމެޓީގެ ފަރާތުން ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މައްސަލައެއް ހުށަހަޅާ ނަމަ، މައްސަލަ ރައްދުވާ އޮޑިޓަރު ނުވަތަ އޮޑިޓް ފާމަކުން އެ ފަރާތަކުން އަމަލުކުރަންޖެހޭ ޕްރޮފެށަނަލް ސްޓޭންޑަޑްސްއާއި، ނުވަތަ ކޯޑް އޮފް އެތިކްސްއާއި، ނުވަތަ މަސައްކަތްކުރުމުގައި އަމަލުކުރަންޖެހޭ ގާނޫނާ ނުވަތަ ގަވާއިދާ ހިލާފުވެއްޖެކަމަށް ބުނާ މައްސަލައިގެ ބާވަތާއި އެކަމަށް ވާގިދޭ ލިޔުންތައް ށަކުވާ ހުށަހަޅާ ފަރާތުން ހުށަހަޅަންވާނެއެވެ. ށަކުވާ ހުށަހަޅާނީ އޮޑިޓަރ ޖެނެރަލަށް އެޑްރެސްކޮށް ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީ އަށެވެ.

21 ވަނަ މާއްދާ - މައްސަލަ ބެލުން 

(ހ) ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހެޅޭ މައްސަލައެއް އާންމުގޮތެއްގައި، އެ މައްސަލަ ހުށަހެޅޭ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެއެވެ.

(ށ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރާ ނުވަތަ އޮޑިޓް ފާމާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީއަށް ފެނުނު ގޮތް އޮޑިޓަރ ޖެނަރަލަށް އަންގަންވާނެއެވެ. އަދި އޮޑިޓަރ ޖެނަރަލް ނިންމިގޮތް އެ މީހަކަށް ނުވަތަ އެ ފަރާތަކަށް އަންގަންވާނެއެވެ.

 

22 ވަނަ މާއްދާ - މައްސަލަ ރައްދުވާ ފަރާތުގެ ހައްގުތައް

އޮޑިޓް ލައިސަންސް ދީފައިވާ އޮޑިޓަރަކާ ނުވަތަ ފާމަކާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައެއް ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީން ބަލައިބެލުމުގައި އެ މީހަކު ނުވަތަ އެ ފަރާތަކުން އަމިއްލައަށް ނުވަތަ އޭނާ ނުވަތަ އެ ފަރާތަކުން އައްޔަނުކުރާ މީހަކު ކޮމެޓީއަށް ހާޒިރުވުމަށް ފުރުސަތު ދިނުމާއެކު އަންނަނިވި ހައްގުތައް ކަށަވަރު ކޮށްދޭންވާނެއެވެ.

  1. މައްސަލަ ރައްދުވާ ފަރާތުން ބޭނުންވާ ހެއްކާއި ގަރީނާ ހުށަހެޅުން.
  2. މައްސަލަ ރައްދުވާ ފަރާތުން ބޭނުންވާ މީހުން ހެކިންގެ ގޮތުގައި ހުށަހެޅުން.
  3. އެ މީހެއްގެ ނުވަތަ އެ ފަރާތެއްގެ މައްސަލަ ބަލަންޖެހުނު ސަބަބު ބުނެ ދިނުން.

 

23 ވަނަ މާއްދާ - އޮޑިޓަރުންނާމެދު އެޅޭނެ ފިޔަވަޅު

ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހަޅާ ށަކުވާއަކާ ގުޅިގެން މައްސަލައެއް ބެލުމަށްފަހު، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމަށް އޮޑިޓަރ ޖެނެރަލަށް ލަފާ ދެވިދާނެއެވެ.

(ހ) އޮޑިޓް ލައިސަންސް ދީފައިވާ އޮޑިޓަރެއްގެ ނުވަތަ އޮޑިޓް ފާމެއްގެ އޮޑިޓްކުރުމުގެހުއްދަ އަތުލުން ނުވަތަ ބާތިލުކުރުމާއެކު އޮޑިޓަރުންގެ ދަފުތަރުން އެ ފަރާތެއްގެ ނަންއުނިކުރުން.

(ށ) އޮޑިޓް ލައިސަންސް ދީފައިވާ އޮޑިޓަރުގެ އޮޑިޓުކުރުމުގެ ހިދުމަތްދިނުން 2 (ދޭއް) އަހަރުދުވަހަށް ވުރެ ދިގުނޫން މުއްދަތަށް ސަސްޕެންޑްކުރުން.

(ނ) އެ ފަރާތަކާ ބެހޭގޮތުން ށަކުވާ ހުށަހެޅިފައިވާ އޮޑިޓަރަށް، ނުވަތަ ފާމަށް ނަސޭހަތްތެރިވުން.

(ރ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަށް ލިޔުމުން އަންގާ އިސްލާހު ނުކޮށްފިނަމަ ފިޔަވަޅު އަޅައި އިންޒާރު ދިނުން، ނުވަތަ ލައިސެންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް ފެންނަ އެކަށީގެންވާ އެހެން އަމުރެއް ނެރުން.

(ބ) -/2000( ދެ ހާސް( ރުފިޔާއަށް ވުރެ މަތިނޫން އަދަދަކުން ޖޫރިމަނާ ކުރުން.

(ޅ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ކެޓެގަރީ ދަށްކުރުން.

 

24 ވަނަ މާއްދާ - ފިޔަވަޅު އެޅޭނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބާޔާންކުރާ ފިޔަވަޅެއް އޮޑިޓަރަށް ނުވަތަ ފާމަކަށް އެޅޭނެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ މައުލޫމާތު ހުށަނޭޅުން ނުވަތަ ގަސްތުގައި އޮޅުވައިލުމުގެ ނިޔަތުގައި ނުވަތަ ފަރުވާ ކުޑަކުރުމުގެ ނަތިޖާއެއްގެ ގޮތުން ނަމަވެސް، ސައްހަނޫން މައުލޫމާތު ހުށަހެޅުން.

(ށ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ނުވަތަ ފާމަކުން މަކަރާއި ހީލަތް ހެދުން ނުވަތަ މަނީ ލޯންޑަރިންގގެ މައްސަލައެއްގައި ނުވަތަ އެފަދަ އެހެން މައްސަލައެއްގައި ބައިވެރިވިކަމަށް ލައިސަންސްގ އެންޑް ޑިސިޕްލިނަރީ ކޮމިޓީއަށް މައުލޫމާތު ލިބުން ނުވަތަ ކަމާބެހޭ ފަރާތަކުން އެކަން އެންގުން.

(ނ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ (7) ވަނަ ނަންބަރުން ފެށިގެން )12 )ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައި ހުރި ކަމެއް މެދުވެރިވެރިވުން.

 

25 ވަނަ މާއްދާ - އޮޑިޓް ލައިސަންސް އައުކޮށް ނުދިނުން

ތީރީގައިވާ ހާލަތްތަކުން ކުރެ ހާލަތެއް އޮޑިޓަރަކަށް މެދުވެރިވެއްޖެކަމަށް ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީން ނިންމައިފިނަމަ، އޭނާގެ އޮޑިޓް ލައިސަންސް އައުކޮށް ނުދިނުމަށް، އޮޑިޓަރ ޖެނެރަލަށް ލަފާ އެރުވިދާނެއެވެ.

(ހ) ފަރުދަކު ނުވަތަ ފާމަކުން މި ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭ ހުރިހާ ކަމަކަށް އަމަލުކޮށްފައި ނުވުން.

(ށ) އޮޑިޓް ލައިސަންސް އައުކޮށްދިނުމަށް އެދުނު ފަރާތަކީ ނަޒާހަތްތެރިކަމާއެކުއޮޑިޓަރެއްގެ ގޮތުން އޭނާގެ ވާޖިބުތައް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން.

(ނ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ނުވަތަ ސުވާލު އުފައްދާ ފަދަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކުރުން.

(ރ) ދިވެހިރާއްޖެ ނުވަތަ ރާއްޖެއިން ބޭރުގައި އިފްލާސްކުރެވިފައި ނުވަތަ ރިސީވަރށިޕް ނުވަތަ "އިންވޮލަންޓްރީ ލިކުއިޑޭށަން" ގައިވާ ކުންފުންޏެއްގެ ވެރިފަރާތް ކަމުގައިވުން ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ގޮތުގައި ނުވަތަ އެގްޒެކެޓިވްއެއްގެ ގޮތުގައި ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި އުޅެފައިވުން.

(ބ) ވައްކަން، ނުވަތަ ޓެކުން، ނުވަތަ ފޭރުން، ނުވަތަ ހިޔާނާތް، ނުވަތަ އިހްތިލާސް، ނުވަތަ ކޮރަޕްށަން ފަދަ ކުށެއް ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކޯޓަކުން ނުވަތަ ބޭރުގެ ކޯޓަކުން ހުކުމް ކޮށްފައިވުން ނުވަތަ ސާބިތު ދަރަންޏެއް އޮވެފައި ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން.

(ޅ) ޕްރޮފެށަނަލް އެކައުންޓެންސީ ބޮޑީއެއްގެ މެންބަރުކަމުން ވަކިވެފައި ވުން ނުވަތަ އޮޑިޓް ކުރުމުގެ ހުއްދަ ނުވަތަ ލައިސަންސް ނުވަތަ ރަޖިސްޓްރޭށަން ބާތިލްވުން ނުވަތަ ހިފެހެއްޓިފައި ވުން.

(ކ) މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް ޕްރޮގްރާމެއްގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރި ރިވިއުއަކުން ފާސްނުވުން ނުވަތަ ވަކިކަމެއް އިސްލާހު ކުރުމަށް ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމިޓީން އެންގި އެންގުމަކާ ހިލާފުވުން.

(އ) މި ގަވާއިދުގެ ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާއި، މަސައްކަތާއި ހިދުމަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ އުސޫލުތަކާ ހިލާފުވުން.

(ވ) އިލްމާއި ހުނަރު ތަރައްގީކުރުމަށްޓަކައި މެދުނުކެނޑި ކުރަންޖެހޭނެކަމަށް ،މި ގަވާއިދުގައި ބަޔާންކުރާ ކަންކަން، ބަޔާންކޮށްފައިވާ މިންވަރަށް ކުރެވިފައި ނެތުން.

(މ) ފަރުދަކު ނުވަތަ ފާމަކުން އެއަށް އަމަލުކުރަންވާނެކަމަށް މި ގަވާއިދުގައި ބަޔާންކުރާ އެއްވެސް މާއްދާއަކާ ހިލާފުވުން، ނުވަތަ އޮޑިޓަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގައިއަމަލުކުރަންޖެހޭ އެއްވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފުވުން.

(ފ) ފަރުދަކު ނުވަތަ ފާމަކުން ހުށަހަޅަންޖެހޭ މާލީ ބަޔާންތަކާއި އެހެނިހެން ބަޔާންތައް ހުށަހަޅައިފައި ނުވުން.

(ދ) އެހެން އެއްވެސް ސަބަބަކާހުރެ ލައިންސަންސްޑް އޮޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރަން އެކަށީގެންނުވާ ފަރާތެއްކަމުގައި ނުވުން.

 

26 ވަނަ މާއްދާ - އޮޑިޓް ލައިސަންސް އައުކޮށް ނުދެވޭނެކަން އެންގުން

އޮޑިޓް ލައިސަންސް އައުނުކުރުމަށް ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމިޓީން ނިންމައި އެގޮތަށް އަމަލުކުރުމަށް އޮޑިޓަރ ޖެނެލަރަށް ލަފާދިނުމުން، އެކަން އެގޮތަށް ނިންމުމަށްއޮޑިޓަރ ޖެނެރަލް އަންގައިފިނަމަ، އޮޑިޓް ލައިސަންސް އައުނުކުރުމަށް ނިންމިކަމާއި، އެކަން އެގޮތަށް ނިންމި ސަބަބު، އޮޑިޓް ލައިސަންސް އައުކުރުމަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

ހަވަނަ ބާބު

އޮޑިޓަރުންގެ ކަންތައް ބެލެހެއްޓުމާއި ހިދުމަތުގެ ފެންވަރު ދެމެހެއްޓުން

 

27 ވަނަ މާއްދާ - އޮޑިޓަރުންގެ މަސައްކަތް މުރާޖައާކުރުން 

(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނުވަތަ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އެހެން ފަރާތަކުން އަންނަނިވި ކަންކަން ޔަގީންކުރުމަށްޓަކައި އޮޑިޓަރުންނާއި އޮޑިޓް ފާމުތަކުގެ މަސައްކަތް ގަވާއިދުން މުރާޖައާކުރަމުން ގެންދަންވާނެއެވެ.

  1. މި ގަވާއިދުގެ ދަށުން ލާޒިމްކުރާ މަސްއޫލިއްޔަތުތައް އަދާކުރަމުންދާކަން،
  2. އިންޓަރނޭށަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ (ISAs (ނުވަތައެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭށަން ފޮރ އިސްލާމިކް ފައިނޭންށަލް އިންސްޓިޓިއުށަންސްގެ އެކައުންޓިންގ އެންޑް އޮޑިޓިންގ ސްޓޭންޑަރޑްސް ބޯޑުން ނެރެ ށާއިއުކުރާ އޮޑިޓިންގ ސްޓޭންޑަރޑް(AAOIFI )އާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރަމުންދާކަން،
  3. މަސައްކަތުގެ އަހުލާގާއި އިރުށާދުތަކަށާއި، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުން އޮޑިޓަރުންނަށް ކުރުން ލާޒިމްކުރާ ކަންތައްތަކަށް އަމަލުކުރަމުންދާކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވުނު ކަންކަން މުރާޖައާކުރާ ފަރާތުން އެ ފަރާތަށް ފާހަގަކުރެވުނު ކަންކަމާ ބެހޭގޮތުން ރިޕޯޓެއް އެކުލަވައިލައި، ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީއަށް މި ރިޕޯޓު ހުށަހަޅަންވާނެއެވެ. އަދި އޮޑިޓަރު ނުވަތަ ފާމަކުން މަތީގައި ބަޔާންކުރި ސްޓޭންޑަޑްތަކަށް ނުވަތަ ގަވާއިދަށް ނުވަތަ ގާނޫނަށް އަމަލުކޮށްފައި ނުވާކަމަށް ކޮމެޓީއަށް ފެނިއްޖެނަމަ، އެ ފަރާތަކާމެދު ނުވަތަ އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކޮމެޓީގެ ފަރާތުން އޮޑިޓަރ ޖެނެރަލަށް ލަފާދެވިދާނެއެވެ.

 

28 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުން 

(ހ) އޮޑިޓް ލައިސަންސް ދީފައިވާ އޮޑިޓަރުން ނުވަތަ ފާމުގެ ފަރާތުން، 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ބެލުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނުވަތަ އޮޑިޓަރ ޖެނެރަލް ކަނޑައަޅާ އެހެން ފަރާތަކުން ބޭނުންވާ މައުލޫމާތު ލަސްކުރުމެއްނެތި ނުވަތަ ވަންހަނާ ކުރުމެއްނެތި ފޯރުކޮށްދޭންވާނެއެވެ.

(ށ) އޮޑިޓް ލައިސަންސް ދީފައިވާ އޮޑިޓަރުންނާއި އޮޑިޓް ފާމުން، މާލީއަހަރު ނިމުމާއެކު ،ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، އެ އޮޑިޓަރަކު ނުވަތަ އެ ފާމަކުން އަންނަނިވި ކަންކަމަށް އަމަލުކޮށްފައިވާ މިންވަރު ބަޔާންކޮށް، އޮޑިޓަރ ޖެނެރަލްއޮފީހުން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ކޮމްޕްލަޔަންސް ރިޕޯޓެއް، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

  1. މި ގަވާއިދުގެ ދަށުން ލާޒިމްކުރާ މަސްއޫލިއްޔަތުތައް.
  2. އިންޓަރނޭށަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ (ISAs (ނުވަތައެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭށަން ފޮރ އިސްލާމިކް ފައިނޭންށަލް އިންސްޓިޓިއުށަންސްގެ އެކައުންޓިންގ އެންޑް އޮޑިޓިންގ ސްޓޭންޑަރޑްސް ބޯޑުން ނެރެ ށާއިއުކުރާ އޮޑިޓިންގ ސްޓޭންޑަރޑް(AAOIFI )އާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރަމުންދާކަމަށް.
  3. މަސައްކަތުގެ އަހުލާގާއި އިރުށާދުތަކަށާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުން އޮޑިޓަރުންނަށް ކުރުން ލާޒިމްކުރާ ކަންތައްތަކަށް އަމަލުކުރަމުންދާކަން.
  4. އަހަރުތެރޭގައި ކުރެވުނު އޮޑިޓް މަސައްކަތުގެ އަދަދު 10 (ދިހައެއް)  އަށްވުރެ މަދު ނަމަ، އެ އޮޑިޓްތަކުގެ އަދަދާއި އެ އޮޑިޓްތަކުން ލިބުނު އާމްދަނީ.
  5. އަހަރުތެރޭގައި ކުރެވުނު އޮޑިޓް މަސައްކަތުގެ އަދަދު 10 (ދިހައެއް)  އަށްވުރެ ގިނަ ނަމަ، އެންމެ މަތީ އާމްދަނީއެއް ލިބުނު 10 (ދިހައެއް)  އޮޑިޓާއި އެ އޮޑިޓްތަކުން ލިބުނު އާމްދަނީ.
  6. އޮޑިޓްގެ ހިދުމަތް ނޫން އެހެން ހިދުމަތްތަކަށް ލިބުނު އަހަރީ އާމްދަނީ.
  7. އޮޑިޓް ހިދުމަތަށް ލިބުނު އަހަރީ ޖުމުލަ އާމްދަނީ.

 

ހަތްވަނަ ބާބު

ސުލޫކީ އިޖްރާއާތު

 

29 ވަނަ މާއްދާ - ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީ

(ހ) މި ގަވާއިދުގެ ދަށުން އޮޑިޓް ލައިސަންސް ދޫކުރުމުގެ އެންމެހައި ކަންކަން ރާވައިހިންގުމަށް އޮޑިޓަރ ޖެނެރަލަށް އެހީތެރިވެދިނުމުގެ ގޮތުން 9( ނުވައެއް( މެންބަރުންގެ މައްޗަށް އެކުލެވޭ "ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީ" އެއް، އޮޑިޓަރ ޖެނެރަލް އެކުލަވައިލަންވާނެއެވެ. މި ކޮމެޓީ އެކުލެވިގެންވާ ގޮތް ތިރީގައި މިވަނީއެވެ.

  1. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ތެރެއިން، އޮޑިޓަރ ޖެނެރަލްއައްޔަނުކުރާ 6( ހައެއް( މުވައްޒަފުން.
  2. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އައްޔަނުކުރާ މުވައްޒަފެއް.
  3. ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ މުވައްޒަފުންގެ ތެރެއިން ރެޖިސްޓްރާރ ކަނޑައަޅާ ފަރާތެއް.
  4. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ )ސީ.އެމް.ޑީ.އޭ( އިން އައްޔަނުކުރާ މުވައްޒަފެއް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީގެ މެންބަރަކީ، ގާނޫނީ ރޮނގުން ނުވަތަ އެކައުންޓެންސީ، ނުވަތަ އޮޑިޓިންގގެ ދާއިރާއިން، ނުވަތަ ފައިނޭންށަލް މެނޭޖްމަންޓުގެ ދާއިރާއިން، ނުވަތަ ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން، ނުވަތަ އިކޮނޮމިކްސް ފަދަ ދާއިރާއަކުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން އެކްރެޑިޓްކުރާ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7( ހަތެއް( ގެ ސަނަދެއް އޮތް މީހަކު ކަމުގައި ވާންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކުރާ ކޮމެޓީގެ ރިޔާސަތު ބަލަހައްޓާނީ އޮޑިޓަރ ޖެނެރަލް އައްޔަނުކުރާ ފަރާތެކެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ކޮމެޓީގެ ދައުރަކީ މީލާދީ 2 (ދޭއް) އަހަރެވެ.

(ބ) މި ކޮމެޓީގެ ގާނޫނީ އަދަދަކީ 5 (ފަހެއް) އެވެ.

 

30 ވަނަ މާއްދާ - ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީގެ މަސްއޫލިއްޔަތްތަކާއި ބާރުތައް

(ހ) ކޮމެޓީގައި ބަހުސްކުރަމުން ނުވަތަ ބަލަމުންދާ ކަމަކީ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ކޮމެޓީގެ މެންބަރެއްގެ ނުވަތަ އޭނާއާ އާއިލީ ގުޅުން އޮންނަ ފަރާތެއްގެ ނުވަތަ އޭނާއާ ވިޔަފާރީގެ ގުޅުމެއް އޮންނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމެއް ނަމަ، އެފަދަ މަސްލަހަތެއް އޮތްކަމާއި، އެ މަސްލަހަތުގެ ބާވަތް ބަޔާންކޮށްދިނުމަށް ފަހު އެ މައްސަލައަކާ ގުޅޭގޮތުން ކުރާ ބަހުސްގައްޔާއި ވޯޓުދިނުމުގައި އެ މެންބަރަކު ބައިވެރިވުމުން އެއްކިބާވާންވާނެއެވެ.

(ށ) ކޮމެޓީގެ ނިންމުންތަކަކީ، އެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމަށް އޮޑިޓަރ ޖެނެރަލަށް ދޭ ލަފައެކެވެ. އެ ނިންމުމަކާމެދު އަމަލުކުރުމާ މެދު ގޮތެއް ނިންމާނީ އޮޑިޓަރ ޖެނެރަލެވެ. ކޮމެޓީގެ ނިންމުމަކަށް އަމަލު ނުކުރުމަށް ނުވަތަ ކޮމެޓީގެ ނިންމުމަކާ ހިލާފަށް އަމަލުކުރުމަށް އޮޑިޓަރ ޖެނެރަލް ނިންމައިފިނަމަ، އެގޮތަށް ނިންމި ސަބަބު ބަޔާންކޮށް ކޮމެޓީގައި ލިޔުމުން ރެކޯޑުކޮށްފައި ބޭއްވުމަށްޓަކައި ،އެކަން ލިޔުމަކުން އޮޑިޓަރ ޖެނެރަލް ކޮމެޓީއަށް ފޮނުވަންވާނެއެވެ.

(ނ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކަށް ނުވަތަ ފާމަކަށް އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮމެޓީގެ ފަރާތުން އެކަން ބަލަންވާނެއެވެ.

  1. އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކާ ނުވަތަ ފާމަކާ ގުޅޭގޮތުންށަކުވާއެއް ހުށަހެޅުން؛
  2. މި ގަވާއިދުގެ 18 ވަނަ މާއްދާގެ (7) ވަނަ ނަންބަރުން ފެށިގެން (12) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާން ކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވުން.

(ރ) ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީން ބަލާ ބެލުމުގައި އޮޑިޓަރަކު ނުވަތަ އޮޑިޓް ފާމަކުން ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ ޕްރޮފެށަނަލް ސްޓޭންޑަޑަ ކާ ނުވަތަ ސޫލޫކީ މިންގަނޑަކާ ހިލާފުވެއްޖެކަމަށް ފާހަގަކުރެވިއްޖެނަމަ، ކަމާބެހޭ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.

(ބ) ލައިސަންސިންގ އެންޑް ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުންތަކާއި ކޮމެޓީގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަންވާނެއެވެ.

 

31 ވަނަ މާއްދާ - ކޮމެޓީގެ މެންބަރުކަމުން ވަކިކުރުމާއި ވަކިވުން

(ހ) ކޮމެޓީގެ މެންބަރުންގެ ތެރެއިން އޮޑިޓަރ ޖެނެރަލް އޮފީހުގެ މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް އޮޑިޓަރ ޖެނެރަލަށް ހުށަހަޅައި، އެ ސިޓީ އޮޑިޓަރ ޖެނެރަލަށް ލިބުމުން ކޮމެޓީގެ މެންބަރުކަމުން އޭނާ ވަކިވީއެވެ.

(ށ) ކޮމެޓީގެ މެންބަރުންގެ ތެރެއިން އެހެން މުއައްސަސާއެއްގެ މެންބަރަކު އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް އޮޑިޓަރ ޖެނެރަލަށް އެ މުއައްސަސާއަކުން ހުށަހަޅައި، ސިޓީއަކުން އޮޑިޓަރ ޖެނެރަލަށް އެންގުމުން ވަކިވީއެވެ.

(ނ) ކޮމެޓީގެ މެންބަރަކު އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަމުން ނުދާކަމުގައި އޮޑިޓަރ ޖެނެރަލަށް ފާހަގަވެއްޖެނަމަ، އެ މީހަކު ކޮމެޓީގެ މެންބަރުކަމުން އޮޑިޓަރ ޖެނެރަލަށް ވަކިކުރެވިދާނެއެވެ. 

 

އަށްވަނަ ބާބު

އާންމު މާއްދާތައް

 

32 ވަނަ މާއްދާ - އޮޑިޓް ލައިސަންސްގެ މުއްދަތު

މި ގަވާއިދުގެ ދަށުން ދޫކުރެވޭ އޮޑިޓް ލައިސަންސްގެ މުއްދަތު ދެމިއޮންނާނީ ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީމަހުގެ 1 (އެކެއް) ވަނަ ދުވަހުން ފެށިގެން ޑިސެންބަރުމަހުގެ 31 (އެއްތިރީސް) ވަނަ ދުވަހުގެ ނިޔަލަށެވެ. މިގޮތުން މީލާދީ އަހަރެއްގެ ޖަނަވަރީމަހުގެ 1 (އެކެއް) ވަނަ ދުވަހުގެ ފަހުން އޮޑިޓް ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ގޮތް މެދުވެރިވެއްޖެނަމަ، އެ މީލާދީ އަހަރުގެ ފެބުރުވަރީމަހުގެ 28( އަށާވީސް( ވަނަ ދުވަހުގެ ކުރިން އޮޑިޓް ލައިސަންސަށް އެދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އެ ތާރީހުގެ ފަހުން އޮޑިޓް ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކަށް އޮޑިޓް ލައިސަންސް ދޫކުރެވޭނީ ޖެހިގެން އަންނަ މީލާދީ އަހަރުގެ ޖަނަވަރީމަހުގެ 1 (އެކެއް) ވަނަ ދުވަހުން ފެށިގެން ޑިސެންބަރުމަހުގެ 31 (އެއްތިރީސް) ވަނަ ދުވަހުގެ ނިޔަލަށެވެ. އޮޑިޓް ލައިސަންސްގެ މުއްދަތު ހަމަވުމުގެ 45 (ސާޅީސް ފަހެއް) ދުވަހުގެ ކުރިން، އޮޑިޓް ލައިސަންސް އައުކުރުމުށްޓަކައި، މި ގަވާއިދުގައިވާ ގޮތުގެ މަތިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ލައިސްންސް އައުކުރަން އެދި މި މުއްދަތު ތެރޭގައި ހުށަނާޅައިފިނަމަ، ދެން ލައިސަންސަށް އެދި ހުށަހަޅަންޖެހޭނީ އައު އެޕްލިކޭށަނެއްގެ ގޮތުގައެވެ.

 

33 ވަނަ މާއްދާ - އޮޑިޓަރުންނާއި އޮޑިޓް ފާމުތައްދަފުތަރުގައި ށާއިއުކުރުން

އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރުންނާއި އޮޑިޓް ފާމުތަކުގެ ނަމާއި އެޑްރެސް ހިމެނޭ ގޮތަށް އޮޑިޓަރުންނާއި، އޮޑިޓް ފާމުތަކުގެ ދަފުތަރު ށާއިއު ކުރަންވާނެއެވެ. އަދި އޮޑިޓަރުންގެދަފުތަރަށް އަންނަ ބަދަލުތައް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ. މި ދަފުތަރުގައި އޮޑިޓްލައިސަންސް ދޫކުރެވޭ ފަރާތްތަކާއި އޮޑިޓް ލައިސަންސް ބާތިލުކުރެވޭ ފަރާތްތަކުގެ މައުލޫމާތާއިބާތިލުކުރި ތާރީހުތައް ލިޔެ ބަލަހައްޓަންވާނެއެވެ.

 

34 ވަނަ މާއްދާ - އޮޑިޓަރުންނާއި އޮޑިޓް ފާމުތައްދަފުތަރުން އުނިކުރުން

އަންނިވި ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އޮޑިޓަރުންގެ ދަފުތަރުން އެ ފަރާތުގެނަމާއި އެހެނިހެން މައުލޫމާތު އުނިކުރެވޭނެއެވެ.

  1. އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އެއްވެސް ފަރުދަކު ނުވަތަ ފާމަކުން އޮޑިޓްލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން މަގްބޫލް އުޒުރަކާ ނުލައި އޮޑިޓްލައިސަންސް އައުނުކުރުން.
  2. މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތަކުން ކުރެ ހާލަތެއް މެދުވެރިވެގެން އޮޑިޓް ލައިސަންސް ބާތިލުވުން.

 

35 ވަނަ މާއްދާ - އޮޑިޓަރުންނާއި އޮޑިޓް ފާމުތައް ދަފުތަރުގައި އަލުން ހިމެނުން.

(ހ) އޮޑިޓަރުންގެ ދަފުތަރުން އުނިކޮށްފައިވާ އޮޑިޓަރަކު ނުވަތަ ފާމަކުން ދަފުތަރުގައި އަލުން ހިމެނެން ބޭނުންނަމަ، އެ އޮޑިޓަރު ނުވަތަ ފާމް ދަފުތަރުން އުނިކުރެވުނުތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެކަމަށް އެދި ހުށަހަޅަންވާނެއެވެ. އޮޑިޓަރު ނުވަތަ ފާމުން އޮޑިޓަރުންގެ ދަފުތަރުގައި އެ ފަރާތްހިމެނުމަށް އެދި ހުށަހެޅުމުން، މި ގަވާއިދުގައި އޮޑިޓް ލައިސަންސް ދޫކުރެވޭ އޮޑިޓަރުން ނުވަތަ ފާމުގައި ހުން ނަން ޖެހޭނެ ކަމަށް ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އެ އޮޑިޓަރެއް ނުވަތަ އެ ފާމެއް، އޮޑިޓަރުންގެ ދަފުތަރުގައި ހިމަނަންވާނެއެވެ.

(ށ) އޮޑިޓަރު ނުވަތަ ފާމް ދަފުތަރުން އުނިކުރެވުނުތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެއްވެސް ސަބަބަކާހުރެ އެކަމަށް އެދި ހުށަނާޅައިފިނަމަ، ދެން އޮޑިޓް ލައިސަންސްދޫކުރެވޭނީ އޮޑިޓް ލައިސަންސް ދޫކުރުމަށް އެދި އަލުން ހުށަހެޅުމުންނެވެ. އަދި މިގޮތުން އޮޑިޓް ލައިސަންސް ދޫކުރެވޭނީ އޮޑިޓް ލައިސަންސް ދެވޭ ފަރާތުގައި ހުންނަންޖެހޭ ހުރިހާ ށަރުތެއް ފުރިހަމަވާނަމައެވެ.

 

36 ވަނަ މާއްދާ - ހިދުމަތް ދިނުން 

(ހ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ދޫކޮށްފައިވާ އޮޑިޓް ލައިސަންސްގެ ގިންތިއަށް ބިނާކޮށް "ލައިސަންސްޑް އޮޑިޓަރ "އޭ" ނުވަތަ "ބީ" ނުވަތަ "ސީ" މިގޮތަށް ބޭނުންކުރެވިދާނެއެވެ. މިގޮތަށް ގިންތި ހިމަނައިގެން ލިޔާނީ " ލައިސަންސްޑްއޮޑިޓަރ" ލިޔެފައި އޭގެ ފަހަތަށް ގިންތި ނިސްބަތްވާ އަކުރު، ދެން އެ ފަރާތެއްގެ ދަފުތަރު ނަންބަރެވެ. މިސާލު: ގިންތި "އޭ" އަށް ނިސްބަތްވާ ފަރުދެއްގެ ދަފުތަރު ނަންބަރަކީ 2 ނަމަ ލިޔާނީ އަންނަނިވި ގޮތަށެވެ. އެއީ Auditor Licensed““A0002 އެވެ.

(ށ) އޮޑިޓް ރިޕޯޓުތަކުގައި ސޮއިކުރަންވާނީ، ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރެކެވެ. އަދި މިގޮތަށް ސޮއިކުރާއިރު، ލައިސަންސްޑް އޮޑިޓަރުގެ ނަމާއި، ދަފުތަރު ނަންބަރާއި ،ގިންތި އެނގެން އޮންނަންވާނެއެވެ.

(ނ) އޮޑިޓް ކުރުމުގެ ހިދުމަތް ދޭންވާނީ، އިންޓަރނޭށަނަލް ފެޑެރޭށަން އޮފް އެކައުންޓެންޓްސް (IFAC) ގެ އިންޓަރނޭށަނަލް އޮޑިޓިންގ އެންޑް އެށޫރެންސް ސްޓޭންޑަރޑްސް ބޯޑު (IAASB) އިން ނެރެ ށާއިއުކުރާ އިންޓަރނޭށަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ (ISAs (ނުވަތަ އެކައުންޓިންގ އެންޑް އޮޑިޓިންގ އޮގަނައިޒޭށަން ފޮރ އިސްލާމިކް ފައިނޭންށަލް އިންސްޓިޓިއުށަންސްގެ އެކައުންޓިންގ އެންޑް އޮޑިޓިންގ ސްޓޭންޑަރޑްސް ބޯޑުން ނެރެ ށާއިއުކުރާ އޮޑިޓިންގ ސްޓޭންޑަރޑް ނުވަތަ އެކައުންޓިންގ އެންޑް އޮޑިޓިންގ ފޮރ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުށަންގެ (AAOIFI) ސްޓޭންޑަރޑްސް ބޯޑުން ނެރެ ށާއިއުކުރާ އޮޑިޓިންގ ސްޓޭންޑަރޑްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ރ) އޮޑިޓް ލައިސަންސް ދީފައިވާ އަމިއްލަ ފަރުދެއް ނުވަތަ ފާމެއް އެކަށީގެންވާ ގޮތެއްގެމަތިން، ކޮލިޓީ ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ގާއިމްކުރެވި، މެތަޑޮލޮޖީ އަދާހަމަކޮށް ،އޮޑިޓް މެނުއަލުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ބ) އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އަމިއްލަ ފަރުދަކު ނުވަތަ އޮޑިޓް ފާމަކުން ، އެ ފަރުދަކު، ނުވަތަ އެ ފާމުން ކުރާ އޮޑިޓްތަކާބެހޭ މައުލޫމާތުގެ ރެކޯޑު ބަލަހައްޓަމުން ގެންދަންވާނެއެވެ.އަދި މިފަދަ މައުލޫމާތު، މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކައުކޮށް ބަލަހައްޓަންވާނެއެވެ.

(ޅ) އޮޑިޓް ފާމެއްގެ ޕާޓްނަރށިޕް އެކުލެވިގެންވާ ގޮތަށް ނުވަތަ ޕާޓްނަރުންނަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ ލަސްވެގެން 14( ސާދަ( ދުވަހުގެ ތެރޭގައި ،އެ އައި ބަދަލެއްގެ މައުލޫމާތު ލިޔުމަކުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަންގަންވާނެއެވެ.

(ކ) އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރޭ ގައިޑްލައިންތަކުގައިވާ ގޮތުގެ މަތިން އޮޑިޓް މެނުއަލްއާއި އޮޑިޓް ވޯކިންގ ޕޭޕާރސް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ. އަދި މިފަދަ ގައިޑްލައިންތަކަށް އަމަލުކުރުމުގައި އިންޓަރނޭށަނަލް ނެޓްވޯކް ފާމްތަކަށް އިސްތިސްނާއެއް ދިނުމުގެ އިހްތިޔާރު، އޮޑިޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

37 ވަނަ މާއްދާ - ޕްރޮފެށަނަލް އިންޑެމްނިޓީ އިންށޫރެންސް

އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރު ނުވަތަ ފާމުން އެ މީހަކު ނުވަތަ އެ ބަޔަކު ދިން ނުވަތަ ދޭ ހިދުމަތެއް ފުރިހަމަ ނުވުމުން، ނުވަތަ ހިދުމަތެއް އެކަށީގެންވާ ފެންވަރެއްގައި ނުދެވުމުގެ ސަބަބުން އުފުލަންޖެހޭ މަދަނީ މާލީ ޒިންމާއެއް އަދާކުރެވޭނެ މިންވަރަށް ،އިންށޫރެންސް ކުންފުންޏެއްގައި އިންށުއަރ ކުރަންވާނެއެވެ. އަދި އޮޑިޓް ލައިސަންސް ދޫކުރާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިންށޫރެންސް ސެޓުފިކެޓުގެ ކޮޕީ، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. މިގޮތަށް އިންށުއަރ ކުރުމުގެ ކުރިން މި ގަވާއިދު ލާޒިމުކުރާ ހުދޫދުގެ ތެރޭގައި އޮޑިޓްކުރުމުގެ ހިދުމަތް ދީގެންނުވާނެއެވެ.

 

39 ވަނަ މާއްދާ - މެދުނުކެނޑި އިލްމާއި ހުނަރު ތަރައްގީކުރުން

އޮޑިޓް ލައިސަންސް އައުކުރުމަށް ހުށަހަޅާއިރު، މެދުނުކެނޑި އިލްމާއި ހުނަރު ތަރައްގީކުރުމަށް ،ތިރީގައި މިވާ ގޮތަށް ބަހައިލައިގެން އަހަރަކު މަދުވެގެން )40 ސާޅީސް( ގަޑިއިރު ހަމަކުރަންވާނެއެވެ.

(ހ) ކަނޑައެޅިފައިވާ ވަކި އޮނިގަނޑެއްގެ ތެރެއިން 20 (ވިހި) ގަޑިއިރު ފުރިހަމަކުރުން ؛އަދި

(ށ) މި 20 (ވިހި) ގަޑިއިރުގެ ތެރެއިން މަދުވެގެން 10 (ދިހައެއް) ގަޑިއިރު ހޭދަކުރަންވާނީ ފައިނޭންށަލް ސްޓޭޓްމަންޓް އޮޑިޓް، ކޯޕަރޭޓް ގަވަރނަންސް، ގާނޫނާއި ގަވާއިދު، ސުލޫކާއި ޕްރޮފެށަނަލިޒަމް، އަދި ޓެކްސް ނިޒާމުގެ ދާއިރާއިން އިލްމާއި ހުނަރު ތަރައްގީކުރުމުގައެވެ. މިދެންނެވި 10 (ދިހައެއް) ގަޑިއިރުގެ ތެރެއިން މަދުވެގެން 5 (ފަހެއް) ގަޑިއިރު ވާންވާނީ ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްސް ނުވަތަ ގާނޫނަކުން ލާޒިމުކުރާ ރިޕޯޓިންގ ސްޓޭންޑަޑްސް، އަދި އޮޑިޓިންގ ސްޓޭންޑަޑްސްއާއި ޕްރޮނައުންސްމެންޓްއާ ބެހޭ ދާއިރާއިން އިލްމާއި ހުނަރު ތަރައްގީކުރުމަށް ހޭދަކުރާ ވަގުތަށެވެ.

(ނ) މޭންޑެޓަރީ މެދުނުކެނޑި އިލްމާއި ހުނަރު ތަރައްގީކުރުން ނުވަތަ ކޮންޓިނިއުންގ ޕްރޮފެށަނަލް ޑިވެލޮޕްމަންޓް (CPD) ތެރޭގައި އޮޑިޓަރ ޖެނެރަލް ނިންމާދާއިރާތަކެއް ނުވަތަ ވަކި ޕްރޮގުރާމްތަކެއް ކަނޑައެޅިދާނެއެވެ. މި ޕްރޮގްރާމްތައް، މި މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ ވަގުތުތަކުގައި ހިމެނިދާނެއެވެ. އަދި މި ގަވާއިދުގެ ދަށުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، އެ ޕްރޮގްރާމްތައްފުރިހަމަ ކުރަންވާނެވެ.

 

ނުވަވަނަ ބާބު

އެހެނިހެން ކަންކަން

 

39 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާއިރު އޮޑިޓް ޕްރެކްޓިސިންގ ސެޓްފިކެޓް ދޫކޮށްފައިވާ ފަރާތްތައް

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، 15 އެޕްރީލް 2012 ގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ށާއިއުކޮށް ނެރެ އަމަލުކުރަން ފަށައިފައިވާ "ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމާއި އެށޫރެންސްގެ ހިދުމަތްދިނުމުގެ ގަވާއިދު" ގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޮޑިޓް ފާމުތަކަށާއި ފަރުދުންނަށް ދޫކޮށްފައިވާ 'އޮޑިޓް ޕްރެކްޓިސިންގ ސެޓްފިކެޓް" ގެ ދަށުން އޮޑިޓް ކުރުމުގެ ހުއްދަ ދެމިއޮންނާނީ 45 (ސާޅީސް ފަހެއް) ދުވަހުގެ ނިޔަލަށެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ ފަރާތްތަކުން، މި ގަވާއިދު ގެ ދަށުން ދޫކުރާ އޮޑިޓް ލައިސަންސަށް އެދި ހުށަހަޅަންވާނެއެވެ.

 

40 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2012-24 "ދިވެހިރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމާއި އެށޫރެންސް ހިދުމަތް ދިނުމުގެ ގަވާއިދު" މި ނަމުގައި، 15 އެޕްރީލް 2012 ގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ށާއިއުކޮށް ނެރެފައިވާ ގަވާއިދާއި، އެ ގަވާއިދުގެ އިސްލާހުތައް އުވުނީއެވެ.

 

41 ވަނަ މާއްދާ - މާނަކުރުން

"އޮޑިޓް ފާމް" ނުވަތަ "ފާމް" ކަމުގައި ބުނެފައި އެވަނީ، އޮޑިޓްކުރުމުގެ ހިދުމަތް ދިނުމަށް ޕްރޮފެށަނަލް އެކައުންޓެންޓުންގެ މައްޗަށް އެކުލެވޭ ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްގެން އޮޑިޓުގެ ހިދުމަތް ދޭ ފަރާތްތަކަށެވެ.

"އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރ" ނުވަތަ "އޮޑިޓަރ" ކަމުގައި ބުނެފައި އެވަނީ، އޮޑިޓްކުރުމުގެ ހިދުމަތް ދިނުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ، އަމިއްލަ ނަމުގައި އޮޑިޓް ކުރުމުގެ ހިދުމަތް ދޭ ފަރުދުންނަށެވެ.

"އޮޑިޓަރ ޖެނެރަލް" ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 209 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އޮޑިޓަރ ޖެނެރަލަށެވެ.

"އޮޑިޓަރ ޖެނެރަލްގެ އޮފީސް" ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 209 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އޮޑިޓަރ ޖެނެރަލްގެ ބާރުތަކާއި މަގްސަދުތައް ހާސިލުކުރު މަށް ގާއިމްކޮށްފައިވާ އޮޑިޓަރ ޖެނެރަލްގެ އޮފީހަށެވެ.

"ގާނޫނީ އޮޑިޓް" ނުވަތަ "އޮޑިޓް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު އަސާސީންނާއި ގާނޫނުން ބާރު ލިބިގެން އޮޑިޓަރ ޖެނެރަލް ކުރާ އޮޑިޓް ފިޔަވައި، ގާނޫނަކުން ނުވަތަ ގާނޫނީ ބާރުލިބިގެން ހަދާ ގަވާއިދަކުން ލާޒިމުކޮށްގެން ކުރާ އޮޑިޓަށެވެ.

"ވަޒަންވެރިވުން" ވަޒަންވެރިވެފައިވާ މީހެއްކަމަށް ބެލެވޭނީ، 12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގައި 183 (އެއްސަތޭކަ އައްޑިހަ ތިނެއް) ނުވަތަ އެއަށްވުރެ ގިނަދުވަސް އޭނާ ދިވެހިރާއްޖޭގައި ހޭދަކޮށްފައިވާ ނަމައެވެ.

"ސުލޫކީ ފިޔަވަޅު" ކަމުގައި ބުނެފައި އެވަނީ، ކަމާބެހޭ މުއައްސަސާއަކުން ނުވަތަ ކޮމެޓީއަކުން އަދަބެއް ދިނުމުގެ ގޮތުން އަޅާ ފިޔަވަޅަށެވެ.

"އޮޑިޓް ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އޮޑިޓް ގާނޫނުގެ 9 ވަނަ މާއްދާގެ (މ) ގައި ބަޔާންކުރާ ދިވެހިރާއްޖޭގައި އޮޑިޓްކުރުމުގެ ހުއްދައަށެވެ."ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއް" ކަމުގައި ބުނެފައި އެވަނީ ،ދިވެހިރާއްޖޭގެ ކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޑޮކްޓަރުންނަށެވެ.

 

 ޖަދުވަލު 1: ވިޔަފާރި ގި ންތިތައް ކަނޑައަޅައިފައިވާ ގޮތް

މި ގަވާއިދުގެ ބޭނުމަށް، ވިޔަފާރިތައް ގިންތިކޮށްފައި ވާނީ، އަންނަނިވި ގޮތުގެ މަތިން، އެންމެ ކުދި، ކުދި، މެދު ފަންތި، ބޮޑެތި 
ވިޔަފާރިތަކަށެވެ.

 

1. އެންމެ ކުދި ފަންތީގެ ވިޔަފާރި

އެންމެ ކުދި ފަންތީގެ ވިޔަފާރި ކަމަށް ބުނެފައި އެވަނީ، އެ ވިޔަފާރިއަކަށް އަހަރެއްގެ ތެރޭގައި 10 (ދިހައެއް)  މިލިޔަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިއަކަށެވެ.

 

2. ކުދި ފަންތީގެ ވިޔަފާރި

ކުދި ފަންތީގެ ވިޔަފާރި ކަމަށް ބުނެފައި އެވަނީ، އެ ވިޔަފާރިއަކަށް އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 60 (ފަސްދޮޅޮސް) މިލިޔަން ރުފިޔާއަށްވުރެ ދަށް، އަދި 10 (ދިހައެއް) މިލިޔަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު ކޮންމެ ވިޔަފާރިއަކަށެވެ.

 

3. މެދު ފަންތީގެ ވިޔަފާރި

މެދު ފަންތީގެ ވިޔަފާރި ކަމަށް ބުނެފައި އެވަނީ، އެ ވިޔަފާރިއެއްގެ އަހަރީ އާމްދަނީ 100 (ސަތޭކަ) މިލިޔަން ރުފިޔާއަށްވުރެ ދަށް، އަދި 60 (ފަސްދޮޅޮސް) މިލިޔަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ކޮންމެ ވިޔަފާރިއަކަށެވެ.

 

4. ބޮޑެތި ވިޔަފާރި

(ހ) ބޮޑެތި ވިޔަފާރި ކަމަށް ބުނެފައި އެވަނީ، އެ ވިޔަފާރިއެއްގެ އަހަރީ އާމްދަނީ 100 (ސަތޭކަ) މިލިޔަން ރުފިޔާ ނުވަތަ  އެއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިކަށެވެ. އަދި

(ށ) ވިޔަފާރި ބޭންކުތަކާއި، މާލީ އިދާރާތަކާއި، ޕަބްލިކް ކުންފުނިތަކާއި، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކަށެވެ.

 

މައި ގާނޫނު

އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު 2007-04)

 

އުވި ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޫރޭންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-03) 

 

އުވުނު ގަވާއިދު

ގާނޫނީ އޮޑިޓްކުރުމާއި އެށޯރެންސްގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު