-

ޖިނާއީ އިޖްރާއަތުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-12)

 

އެއްވަނަ ބައި

އިބްތިދާއީ މާއްދާތައް

 

އެއްވަނަ ބާބު

ތައާރުފާއި މަގްސަދު
 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ޖިނާއީ ކުށްކުށް ތަހްގީގުކުރުމާއި، ޖިނާއީ ކުށްކުށުގެ ދައުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ށަރީއަތް ހިންގުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ޖިނާއީ އިޖުރާއަތުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ތަހްގީގުތައް ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމާއި، އެފަދަ ތަހްގީގުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން؛

(ށ) ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން؛

(ނ) ޖިނާއީ މައްސަލަތަކުގެ ށަރީއަތްތައް ވީހާވެސް އިންސާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅުން..

 

3 ވަނަ މާއްދާގާނޫނު އެމައްޗަށް އެކުލެވިގެންވާ ބައިތައް

މި ގާނޫނު އެކުލެވިގެންވަނީ، އަންނަނިވި ބައިތަކުގެ މައްޗަށެވެ.

(ހ) އިބަތިދާއީ ބައި: ފެށުމުގެ މާއްދާތަކާއި، ގާނޫނުގެ މަގްސަދުތަކާއި، ގާނޫނުގައި އެކުލެވޭ މަފްހޫމްތަކުގެ ރަދީފު؛

(ށ) ތަހްގީގް މަރުހަލާ: ޖިނާއީ ކުށްތަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި ހައްޔަރުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޖިނާއީ ކުށްކުށް ތަހްގީގުކުރުމާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުތަކާއި، އެފަދަ ކުށްކުށް އެ އިދާރާތަކުން އަމަލުކުރަންޖެހޭ އެނޫންވެސް އުސޫލުތައް؛

(ނ) ދައުވާކުރުމުގެ މަރުހަލާ: ދައުވާކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ދައުވާ ނުކޮށް ދޫކޮށްލެވޭނެ ހާލަތްތަކާއި، އުފުލިފައިވާ ދައުވާއެއް އަނބުރާ ގެންދެވޭނެ ހާލަތްތަކާއި، އެކަންކަން ކުރުމުގައި އަމަލުކުރަންވީ އުސޫލުތައް؛

(ރ) ށަރީއަތުގެ ކުރީގެ މަރުހަލާ: ށަރީއަތުގެ އިބްތިދާއީ އަޑުއެހުމާގުޅޭ އުސޫލުތަކާއި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމާބެހޭ އުސޫލުތައް؛ 

(ބ) ށަރީއަތުގެ މަރުހަލާ: ށަރީއަތަށް ހުށަހެޅޭ މައްސަލަތައް ހިންގުމުގެ އުސޫލުތަކާއި، ހެކި ހުށަހެޅުމާއި ހެކީން ހާޒިރުކުރުމާގުޅޭ އިޖުރާއަތުތަކާއި، ހުކުމްކުރުމާއި އަދަބު ކަނޑައެޅުމާގުޅޭ އުސޫލުތައް؛

(ޅ) ށަރީއަތުގެ ފަހުގެ މަރުހަލާ: ޒުކުމް ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފްކުރުމާގުޅޭ އުސޫލުތައް؛

(ކ) އާންމު ބައި؛ އާންމު ޖިނާއީ އިޖުރާއަތުތަކާއި، ގާނޫނަށް އަމަލުކުރަން ފެށުމާގުޅޭ އުސޫލުތަކާއި، ގާނޫނުގައި އެކުލެވޭ ލަފްޒުތަކާއި އިބާރާތްތަކުގެ މާނަކުރުން.

 

4 ވަނަ މާއްދާ – ޖިނާއީ ކުށުގެ ދައުވާ އުފުލުން

ޖިނާއީ ކޮންމެ މައްސަލައެއްވެސް ށަރީއަތަށް ހުށަހަޅާންވާނީ ދައުލަތުން ކުރާ ދައުވާއެއްގެ ގޮތުގައެވެ. ޖިނާއީ މައްސަލަތަކުގައި ދައުލަތުގެ ނަމުގައި ދައުވާކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

 

5 ވަނަ މާއްދާ – ޖިނާއީ ކުށް ތަހްގީގުކުރުން

(ހ) ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދައުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަހްގީގުކުރެވިފައި އޮންނަންވާނެއެވެ.

(ށ) ޖިނާއީ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު ލިބިގެންވަނީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށެވެ.

 

6 ވަނަ މާއްދާ – ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓުތައް

(ހ) ޖިނާއީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ އަންނަނިވި ކޯޓުތަކަށެވެ.

  1. އަންނަނިވ ސުޕީރިއަރ ކޯތުތައް؛
    (i) ކްރިމިނަލް ކޯޓު؛
    (ii) ޖުވެނައިލް ކޯޓު؛
    (iii) ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ގާނޫނަކުން ދީ، ސުޕީރިއަރ ކޯޓުގެ ދަރަޖައިގައި އުފައްދާފައިވާ ހާއްސަ ކޯޓުތައް.
  2. މެޖިސްޓްރޭޓް ކޯޓުތައް
  3. ފުރަތަމަ މަރުހަލާގައި ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ގާނޫނަކުން ދީފައިވާ އެނޫންވެސް ކޯޓުތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓުތަކަށް ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ނުވަތަ އެހެން ގާނޫނެއްގައި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިހްތިސާސްގެ ދާއިރާގެ ތެރޭގައެވެ. އަދި އެއިން އެއްވެސް ކޯޓަކަށް ލިބިދީފައިވާ އިހްތިސާސްގެ ދާއިރާ ގާނޫނަކުން ހަނިކޮށްފައިވާނަމަ، އެ ކޯޓަކަށް އެ އިހްތިސާސް ލިބިގެންވާނީ، އެ ގާނޫނަކުން އެ އިހްތިސާސް ހަނިކޮށްފައިވާ މިންވަރަކަށް ކަމުގައި މި ގާނޫނުގެ ބޭނުމަށްޓަކައި ބެލޭނެއެވެ.

(ނ) މެޖިސްޓްރޭޓް ކޯޓަކުން ބެލުމުގެ އިހްތިސާސް ލިބިގެންނުވާ މައްސަލަތަކުގެ ދައުވާ ހުށަހަޅާނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށެވެ.

(ރ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޖިނާއީ ކުށުގެ އަމަލު ހިނގި ރަށެއްގައިވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި، ނުވަތަ ދައުވާ ލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި، އެ ކުށުގެ ދައުވާ އުފުލުމުގެ ހައްގު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ބ) ޖިނާއީ މައްސަލަތައް އިސްތިއުނާފު މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ، ހައި ކޯޓަށާއި ސުޕްރީމް ކޯޓަށެވެ.

 

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު

7 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް

މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

8 ވަނަ މާއްދާ - ހުކުމްކުރުން

"ހުކުމްކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ޖިނާއީ ދައުވާއެއްގެ ށަރީއަތް ހިންގުމަށްފަހު، އެ ދައުވާގައި ބަޔާންކުރާ ކުށް، ދައުވާ ލިބޭ މީހާގެ މައްޗަށް ސާބިތުވާކަމަށް ނުވަތަ ސާބިތުނުވާކަމަށް ކަނޑައަޅައި، މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ކުރާ ހުކުމަށެވެ.

 

9 ވަނަ މާއްދާ - ކުށުގެ ތުހުމަތުގައިވާ މީހާ

"ކުށުގެ ތުހުމަތުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިގެން އެ މީހަކާ ދެކޮޅަށް މި ގާނޫނުގެ ދަށުން ތަހްގީގު ހިންގެމުންދާ ނުވަތަ ހިންގާފައިވާ، އެހެންނަމަވެސް އެ ކުށުގެ ދައުވާ އުފުލިފައިނުވާ ނުވަތަ ދައުވާ އުފުލިފައިވީނަމަވެސް، ކުށް ސާބިތުވެފައިނުވާ މީހާއަށެވެ.

 

10 ވަނަ މާއްދާ - ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓް

"ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ދައުވާއެއް ލިބިގެންވާ ކޯޓު ބެލުމުގެ އިހްތިސާސް ލިބިގެންވާ ކަމަށް މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކޮންމެ ކޯޓަކަށެވެ.

 

11 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން

"އިބްތިދާއީ އަޑުއެހުން" ކަމަށް ބުނެފައި އެވަނީ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދައުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދައުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބަލައި، މައްސަލައިގެ ކުރިއަށްހުރި އަޑުއެހުންތައް ރާވައި ތާވަލުކުރުމަށްޓަކައި، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ބާއްވާ އިބްތިދާއީ އަޑުއެހުމަށެވެ.

 

12 ވަނަ މާއްދާ - އަވަސްނިޔާއިން މައްސަލަ ބެލުން

"އަވަސްނިޔާއިން މައްސަލަ ބެލުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ ބެލުން އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވާ ހާލަތުގައި، އޭނާގެ މައްޗަށް ހުކުމްކުރުމަށްޓަކައި މި ގާނޫނުގެ 162 ވަނަ މާއްދާގެ ދަށުން ށަރީއަތް ހިންގުމަށެވެ.

 

13 ވަނަ މާއްދާ - އިސްތިއުނާފުކުރުން

"އިސްތިއުނާފުކުރުން" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ޖިނާއީ ދައުވާއެއްގެ ށަރީއަތް ހިންގުމަށްފަހު، އެ ދައުވާގައި ބަޔާންކުރާ ކުށް، ދައުވާ ލިބޭ މީހާގެ މައްޗަށް ސާބިތުވާކަމަށް ނުވަތަ ސާބިތުނުވާކަމަށް ކަނޑައަޅައި، ކުރާ ހުކުމް، މައްސަލައިގައި ހިމެނޭ ފަރާތަކުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށެވެ. ނުވަތަ ދަށު ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމުން ހައިކޯޓުން އެ މައްސަލަ ބަލައި ކަނޑައަޅާ ހުކުމް، އެއިން ފަރާތަކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށެވެ.

 

14 ވަނަ މާއްދާ - މައްސަލަ ބާތިލުކުރުން

"މައްސަލަ ބާތިލުކުރުން" ކަމަށް ބުނެފައި އެވަނީ، ދައުވާ ލިބޭ މީހާގެ މައްޗަށް ކުރެވިފައިވާ ދައުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދައުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، އެ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް ނެތްކަމަށް ފެންނަ ހާލަތުގައި އެ ދައުވާ ކުރިއަށްގެންދެވެން ނެތް ކަމަށް ކަނޑައަޅައި މައްސަލަ ބާތިލުކުރާ ކުރުމަށެވެ.

 

15 ވަނަ މާއްދާ - ދައުލަތް

"ދައުލަތް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލާ ހާލަތުގައި އެ ދައުވާއާ ގުޅޭގޮތުންނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ. އެނޫން ހާލަތެއްގައި، ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ނުވަތަ ފަރާތަކަށެވެ.

 

16 ވަނަ މާއްދާ - ދައުވާކުރުން

"ދައުވާކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު އެ ކުށް ކުރިކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާ ޖިނާއީ ދައުވާއަށެވެ.

 

17 ވަނަ މާއްދާ - ދައުވާ ލިބޭ މީހާ

"ދައުވާ ލިބޭ މީހާ" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ޖިނާއީ ކުށެއްގެ ދައުވާ އެ މީހަކާމެދު އުފުލިފައިވާ ކޮންމެ މީހަކަށެވެ.

 

18 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރާ އިދާރާ

"ގާނޫނު ތަންފީޒުކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، ފުލުހުން ނުވަތަ ޖިނާއީ ކުށްކުށް އިދާރާ ތަހްގީގުކުރުމުގެ ބާރު، ގާނޫނުއަސާސީންނާއި ގާނޫނުން ލިބިދީފައިވާ ކޮންމެ ފަރާތަކަށެވެ.

 

19 ވަނަ މާއްދާ - ށަރީއަތުގެ މަޖިލިސް

"ށަރީއަތުގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމަކަށެވެ. އޭގެ ތެރޭގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް، ބޭއްވޭ އަޑުއެހުމާއި، އިބްތިދާއީ އަޑުއެހުމާއި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތަކާއި، މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ހިމެނެއެވެ.

 

20 ވަނަ މާއްދާ – ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން

"ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ދައުވާއަށް އިންކާރުކުރާ ހާލަތުގައި، އެ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްނަމަ، މައްސަލައިގެ ށަރީއަތް ހިންގުމަށް ފަނޑިޔާރު ނިންމައި، ށަރީއަތުގައި މައުޒޫއީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާއެއް، ނުވަތަ އިއުތިރާޒެއް، ނުވަތަ އެނޫންވެސް ހުށަހެޅުމެއް ށަރީއަތުގެ ކުރިން ހުށަހެޅުމަށްޓަކައި މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ދެވޭ ފުރުސަތުގައި ހުށަހެޅޭ ހުށަހެޅުންތަކަށެވެ.

 

21 ވަނަ މާއްދާ - ށަރީއަތް ހިންގުން

"ށަރީއަތް ހިންގުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ދައުވާއަށް އިންކާރުކުރާ ހާލަތުގައި، އެ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްނަމަ، މައްސަލައިގެ ށަރީއަތް ހިންގުމަށް ފަނޑިޔާރު ނިންމައި، ހިންގާ ށަރީއަތަށެވެ.

 

22 ވަނަ މާއްދާ - ޖިނާއީ ބޮޑެތި ކުށް

"ޖިނާއީ ބޮޑު ކުށެއް" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ.

(ހ) މީހުން މެރުމުގެ ކުށް؛

(ށ) އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛

(ނ) ޓެރަރިޒަމްގެ ކުށް؛

(ރ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛

(ބ) މީހުން ޓްރެފިކްކުރުމުގެ ކުށް؛

(ޅ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛

(ކ) ވައްކަން، ޓެކުން، ހިޔާނަތްތެރިވުމާއި، މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް؛

(އ) ކޮރަޕްށަންގެ ކުށް؛

(ވ) ގޭންގު ކުށް؛

(މ) މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން؛

(ފ) ދައުލަތުގެ އިސްތިގުލާލާއި މިނިވަންކަމަށް ގެއްލުންވާ އަމަލު ހިންގުން.

 

ދެވަނަ ބައި

ތަހްގީގު މަރުހަލާ

 

ތިންވަނަ ބާބު

މައްސަލަ ހުށަހެޅުން

23 ވަނަ މާއްދާ - މައްސަލަ ހުށަހަޅަންޖެހޭ އިދާރާ

(ހ) މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ އިދާރާ މައުލޫމާތު ލިބޭ ކޮންމެ ފަރާތަކަށްވެސް، އެ ކުށާގުޅޭ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް އެ މައްސަލަ ހުށަހެޅިދާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ތަހްގީގުކުރާ އިދާރާއަކަށް މައްސަލަ ހުށަހެޅުމުން، އެ އިދާރާއިން އެ މައްސަލަ ބަލައިނުގެންފިނަމަ ނުވަތަ މައްސަލައިގެ ތަހްގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައިނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ގަބޫލުކުރެވޭނަމަ، އެކަމުގެ ށަކުވާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެފަދަ ށަކުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިއްޖެނަމަ ނުވަތަ އެނޫންވެސް ގޮތަކުން މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާ ކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިއްޖެނަމަ، އެކަން ތަހްގީގުކުރުމަށް ތަހްގީގުކުރާ އިދާރާއަށް އަމުރު ކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށްލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން ހުށަނޭޅިނަމަވެސް، ޖިނާއީ ކުށެއް ކޮށްފިކަން ނުވަތަ ކުރާކަން ނުވަތަ ކުރަންއުޅޭކަމަށް އެފަދަ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ތުހުމަތުކުރެވުމުން ނުވަތަ އެނގުމުން، އެ އިދާރާގެ އިސްނެގުމުގެ މަތިން، އެ މައްސަލައެއް ބެލުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

24 ވަނަ މާއްދާ - މައްސަލަ ހުށަހަޅަންވާ ގޮތް

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަހްގީގުކުރާ އިދާރާއަކަށް މައްސަލަ ހުށަހަޅާއިރު، އެ މައްސަލައެއް ހުށަހަޅާ ފަރާތަށް އެނގުނު މިންވަރަކުން، އަންނަނިވި މައުލޫމާތު އެ އިދާރާއަކަށް ދޭންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ މައުލޫމާތު؛
  3. ކުށެއް ކުރިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރާ ސަބަބުތައް؛
  4.  ކުށް ކުރި ކަމަށް ނުވަތަ ކުރަން އުޅޭކަމަށް ބެލެވޭ ތާރީހް؛
  5. މައްސަލަ ހިނގި ނުވަތަ ހިނގާ ތަން ނުވަތަ ހިނގާނެ ކަމަށް ބެލެވޭ ތަން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަން ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު ތަހްގީގުކުރާ އިދާރާއަށް ދޭ ފަރާތަކީ ކޮން ފަރާތެއްކަން އޭނާ ހާމަކުރަން ބޭނުންނުވާނަމަ، އެ މައުލޫމާތު ދިނުން ލާޒިމެއް ނޫނެވެ. އަދި އެ ފަރާތެއްގެ މައުލޫމާތު ތަހްގީގުކުރާ އިދާރާއަށް ދިންނަމަވެސް، އެ މައުލޫމާތު ސިއްރުކުރަން އޭނާ އެދެފިނަމަ އެ އިދާރާއިން އެކަން ސިއްރުކުރަންވާނެއެވެ. 

(ނ) ޖިނާއީ މައްސަލަތައް ތަހްގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އެ ފަރާތަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދަންވާނެއެވެ.

 

25 ވަނަ މާއްދާމައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރުން

މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަހްގީގުކުރާ އިދާރާއަކަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައާ ގުޅޭގޮތުން މައްސަލަ ހުށަހަޅާ ފަރާތުން ދޭ މައުލޫމާތު ރެކޯޑުކުރުމަށްފަހު، އެ މައްސަލަ އެތަނުގައި ރަޖިސްޓަރީކުރިކަމުގެ ލިޔުމެއް މައްސަލަ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

26 ވަނަ މާއްދާމައްސަލަ ނިމުނުގޮތް އެނގުން

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަހްގީގުކުރާ އިދާރާއަކަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓަރީކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ މައްސަލައާމެދު އަމަލުކުރެވިދާނެއެވެ.

  1. ކުށް ކުރި ކަމަށް ބުނާ މީހާ އެކަން ކުރި ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި ކަމަށްވާނަމަ، އެ މައްސަލަ ތަހްގީގުކުރުން؛ ނުވަތަ
  2. ކުށެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހާ އެކަން ކުރި ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ހުރި ކަމަށްވާނަމަ، އެ މައްސަލަ ތަހްގީގުކުރުން؛ ނުވަތަ
  3. ކުށް ކުރި ކަމަށް ބުނާ މީހާ އެކަން ކުރި ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބު ނެތްނަމަ، އިތުރަށް އެ މައްސަލައިގެ ތަހްގީގު ކުރިއަށް ނުގެންދިއުން؛ ނުވަތަ
  4. ކުށެއް ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހާ އެކަން ކުރާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބު ނެތްނަމަ، އިތުރަށް އެ މައްސަލައިގެ ތަހްގީގު ކުރިއަށް ނުގެންދިއުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މައްސަލައަކާމެދު ގޮތެއް ނިންމުމަށްފަހު، އެ މައްސަލައެއް ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ތަންތަނާއި މުދާ ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުން

27 ވަނަ މާއްދާ - ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެ ބާރު

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެ ފާސްކުރުމުގެ ބާރު އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތަންތަނާއި މުދާ ބަލައި ފާސްކުރުމުގެއިހްތިޔާރު ލިބިގެންވަނީ، ގާނޫނަކުން ކަނޑައެޅިގެން އެ ބާރު ލިބިދޭ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށެވެ.

 

28 ވަނަ މާއްދާ -އާންމު ތަންތަނަށް ވަނުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމުގެ ބާރު، ލިބިގެންވަނީ ފުލުހުންނަށެވެ.

 

29 ވަނަ މާއްދާ - އަމިއްލަ ތަންތަނަށް ވަނުން

(ހ) އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އަމިއްލަ ތަނަކަށް ވަންނަންޖެހިއްޖެނަމަ، މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ހާލަތްތަކުގައި ފިޔަވައި، އެތަނަކަށް، އެތަނެއްގެ ވެރިފަރާތުގެ ރުހުމަކާ ނުލައި ވަދެވޭނީ، ކޯޓު އަމުރަކާ އެކުގައެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ކަންކަން ކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އަމިއްލަ ތަނަކަށް ވަނުމާއި އެކަންކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގެ، ނުވަތަ ތިބުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

  1. ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ލިބިދޭ ހާލަތުގައި ހުރި މީހަކު ހައްޔަރުކުރުމަށް؛
  2. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވާ މީހަކު ހައްޔަރުކުރުމަށް؛
  3. ކުށެއް ކުރިކަމަށް ބެލެވޭ މީހަކު ހައްޔަރުކުރުމަށްޓަކައި އޭނާ ފަހާ ދަނިކޮށް އޭނާ އަމިއްލަ ތަނަކަށް ވަދެއްޖެ ހާލަތެއްގައި، އޭނާ ހޯދުމަށް އެތަނަކަށް ވަނުމަށް.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މީހަކު ހައްޔަރުކުރުމަށްޓަކައި އަމިއްލަ ތަނަކަށް ވަދެވޭނީ ހަމައެކަނި ފުލުހުންނަށެވެ.

(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި އަމިއްލަ ތަނަކަށް ފުލުހުންނަށް ވަދެވޭނީ، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ހާލަތުގައި ހުރި މީހަކު އެތަނެއްގައި ވާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ފުލުހުންނަށް ގަބޫލުކުރެވުމާއެކު، އެ ހެކީގެ މައްޗަށް ބިނާކޮށް ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދަ ލިބިގެންނެވެ.

(ބ) މި މާއްދާގެ (ށ)، (ނ) އަދި (ރ) އެހެން އޮތްނަމަވެސް، މީހެއްގެ ފުރާނައަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބިދާނެ ގެއްލުމަކުން އެ މީހަކު ނުވަތަ އެ މުދަލެއް ސަލާމަތްކުރުމަށްޓަކައި އަމިއްލަ ތަނަކަށް ވަނުމަށް އެއްވެސް ފަރާތަކަށް ލިބިދޭ ހައްގަކަށް، ނުވަތަ ގާނޫނީގޮތުން ހަވާލުކުރުމުގެ ބާރު ލިބިގެންވާ ލިޔުމެއް ނުވަތަ އަމުރެއް ހަވާލުކުރުމަށް ނުވަތަ ރައްދުކުރުމަށް އަމިއްލަ ތަނަކަށް ވަނުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ލިބިދޭ ބާރަކަށް އެއްވެސް ހަނިކަމެއް ނާންނާނެއެވެ.

(ޅ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަނުމަށް މި މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، އެތަނަކަށް އެ އިދާރާއެއްގެ އޮފިސަރަކު ވަނީ ކޮން މަގްސަދެއްގައި ކަމާމެދު އެތަނުގެ ވެރިފަރާތުން ސުވާލުކޮށްފިނަމަ، އޭނާ އެތަނަށް ވަނީ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއްގައިކަން ސާފުކޮށްދޭންވާނެއެވެ.

(ކ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަނުމުން އުފެދޭ މައްސަލައެއްގައި، އެތަނަށް ވަތް ވަނުން ބިނާކުރި އެކަށީގެންވާ ސަބަބަކީ ކޮބައިކަން ސާބިތުކޮށްދިނުމަކީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ ޒިންމާއެކެވެ.

(އ) ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަނަކަށް ވަތްނަމަވެސް، އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

30 ވަނަ މާއްދާއާންމު ތަންތަން ބަލައި ފާސްކުރުން

(ހ) ކޯޓު އަމުރަކާ ނުލައި، މި މާއްދާގައިވާ ގޮތުގެމަތިން އާންމު ތަންތަން ބަލައި ފާސްކުރުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) އިން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރުވެސް، އެ އިދާރާތަކަށް ލިބިގެންވެއެވެ.

  1. އެތަނެއް ބަލައި ފާސްކުރުމަށްޓަކައި، އެތަނުގައި ތިބެންޖެހޭނެކަމަށް އެ އިދާރާއަކުން ކަނޑައަޅާ ވަގުތެއް ވަންދެން އެތަނެއްގައި ތިބުން؛
  2. ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް ފެނޭތޯ އެތަނެއް ހޯދުން؛
  3. ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް ފެނިއްޖެނަމަ، އެ އެއްޗެއް އެ އިދާރާއެއްގެ ބެލުމުގެ ދަށަށް ގެންދިއުން؛
  4. އާންމު ތަނެއްގައި ހުރި މީހެއް ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެ ވަގުތަކު އެ އުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެއްޖެ ހިނދެއްގައި، ނުވަތަ ކޯޓު އަމުރަކުން ހުއްދަ ލިބިގެން، އެ މީހާ އަތުގައި ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ގަބޫލުކުރެވޭ އެއްޗެއް އޮތްކަމުގައި އެ އިދާރާއަށް ގަބޫލުކުރެވޭނަމަ، އެ މީހެއްގެ އަތުން އެ އެއްޗެއް އެ އިދާރާއެއްގެ އޮފިސަރުން އަތުލައި، އެ އިދާރާއެއްގެ ބެލުމުގެ ދަށަށް އެ އެއްޗެއް ގެންދިއުން؛
  5. އެތަނާއި އެތަނުގައިވާ އެއްޗެހީގެ ފޮޓޯ އަދި ވީޑިއޯ ނެގުން؛
  6. އެތަނެއްގައި ހުރި އިމާރާތެއް ބަލައި ފާސްކުރުން؛
  7. އެތަނެއް ކޮނެގެން ބެލުން؛
  8. އެތަނެއްގައި ބަންދުކޮށްފައި ހުރި އެއްޗެއް ހުރިނަމަ، އެ އެއްޗެއް ހުޅުވައިގެން ބެލުން؛
  9. އެތަނެއްގައި ތަޅުލާފައިހުރި އެއްޗެއް ހުރިނަމަ، އެ ތަޅު ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން އެ އެއްޗެއް ބެލުން.

(ނ) މި މާއްދާގ(ށ) ގެ (4)ވަނަ ނަންބަރުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރު ބޭނުންކުރުމުގައި މީހަކު ބަލައި ފާސްކުރަންޖެހިއްޖެނަމަ، އެކަން ކުރެވޭނީ، މި ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އާންމު ތަނެއް ބަލައި ފާސްކުރުމުގައި އެތަނެއްގައި ހުރި އިމާރާތެއް ބަލައި ފާސްކުރުމުގެ ބާރު މި މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދެނީ، އެ އިމާރާތަކީ އަމިއްލަ ތަނެއްގެ މާނައިގައި ހިމެނޭ އިމާރާތެއް ކަމުގައިނުވާ ހާލަތުގައި އެކަންޏެވެ. އަމިއްލަ ތަނެއްގެ މާނައިގެ ތެރޭގައި ހިމެނޭ އިމާރާތެއް ބަލައި ފާސްކުރެވޭނީ، މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

31 ވަނަ މާއްދާއަމިއްލަ ތަންތަން ބަލައި ފާސްކުރުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކުށަކާގުޅޭ ހެކި އަމިއްލަ ތަނެއްގައި ހުރިކަމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ބެލެވޭނަމަ، އަދި އެއީ އެ ކުށް ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ށަރީއަތަށް ހުށަހެޅުމަށް ބޭނުންތެރިވެދާނެ އެއްޗެއް ކަމަށްވާނަމަ، އެ އެއްޗެއް ހޯދުމަށް އެތަނަކަށް، އެތަނުގެ ވެރިފަރާތުގެ ނުވަތަ އެތަނެއްގައި ދިރިއުޅޭ ފަރާތެއް ނުވަތަ އެވަގުތަކު އެތަނަކާ ހަވާލުވެގެން ހުރި ފަރާތުގެ ރުހުމާ ނުލައި ގާނޫނު ތަންފީޒުކުރާ އިދާރާއަށް ވަދެވޭނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ށ) އަމިއްލަ ތަންތަން ބަލައި ފާސްކުރުމުގެ އަމުރަކަށް އެދި ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓަށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ބަލައި ފާސްކުރުމަށް ވަންނަން ބޭނުންވާ ތަނުގެ މައުލޫމާތު؛
  2. ބަލައި ފާސްކުރުމަށް ވަންނަން ބޭނުންވާ ތަނުގެ ވެރިފަރާތާބެހޭ މައުލޫމާތު؛
  3. ހޯދަން ބޭނުންވާ މުދަލުގެ ވެރިފަރާތް އެނގޭނަމަ، އެ ފަރާތުގެ މައުލޫމާތު؛
  4. ބަލައި ފާސްކުރުމަށް އެތަނަކަށް ވަންނަން ބޭނުންވާ ސަބަބު؛
  5. އެތަން ބަލައި ފާސްކުރަން ބޭނުންވަނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
  6. ހޯދަން ބޭނުންވާ މީހަކު ނުވަތަ އެއްޗެއް އެތަނުގައި ވާކަމަށް ލިބިފައިވާ ހެކި؛
  7. އެ އަމުރުގެ ދަށުން އެއް ފަހަރަށްވުރެ ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަންނަން އެދޭނަމަ، އެކަން؛
  8. އެތަނަށް ވަންނަން ބޭނުންވާ ވަގުތު؛
  9. ހޯދަން ބޭނުންވާ އެއްޗެހީގެ ތަފްސީލު؛
  10. އަމުރަށް އެދޭ އިދާރާގެ ވެރިއެއްގެ ނަމާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު؛
  11. އަމުރަށް އެދޭ އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރު ނުވަތަ ކާކުކަން އަންގައިދޭ ކާޑު ނަންބަރާއި، އޭނާގެ މަގާމާއި ސޮއި؛
  12. ކޯޓުން އިތުރު މައުލޫމާތެއް ހުށަހެޅުމަށް އެދިއްޖެނަމަ، އެ މައުލޫމާތު.

 

32 ވަނަ މާއްދާ – ބަލައި ފާސްކުރުމުގެ ކޯޓު އަމުރު

(ހ) އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަމުރު ނެރެވޭ ބޭނުން؛
  2. އަމުރުގެ ދަށުން ބަލައި ފާސްކުރެވޭ ތަން، ނުވަތަ ތަންތަން؛
  3. އަމުރުގެ ދަށުން ބަލައި ފާސްކުރެވޭ ތަނަށް ވަދެވޭނީ އެހެން ތަނަކަށް ވަދެގެން ނުވަތަ އެހެން ތަނެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެބޭނުމަށްޓަކައި އެތަނަކަށް ވަދެވޭނެކަން؛
  4. ބަލައި ފާސްކުރެވޭ ތަނުގެ ވެރިފަރާތުގެ ނަން؛
  5. އެތަނުން ހޯދަން ބޭނުންވާ މުދަލުގެ ވެރިފަރާތް އެނގޭނަމަ، އެ ފަރާތް؛
  6. އެތަން ބަލައި ފާސްކުރަން ބޭނުންވަނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
  7. ހޯދަން ބޭނުންވާ އެއްޗެހީގެ ތަފްސީލު؛
  8. އެ އަމުރުން ބާރުދޭ ކަންކަން ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށ ްބާރުގެ ބޭނުންކުރެވިދާނެކަން؛
  9.  އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި އެއްފަހަރަށްވުރެ ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަދެވޭނަމަ، އެކަން؛
  10. އަމުރު ދެމިއޮންނާނެ މުއްދަތު؛
  11. އެ އަމުރުން ވަނުމަށް ހުއްދަ ދޭ ތަނަކަށް ދުވާލުގެ ނުވަތަ ރޭގަނޑުގެ ކޮންމެ ވަގުތެއްގައިވެސް ވަނުމަށް ހުއްދަދޭނަމަ އެކަން، ނުވަތަ އެފަދަ ތަނަކަށް ވަދެވޭނީ ދުވާލުގެ ނުވަތަ ރޭގަނޑުގެ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ކަމަށްވާނަމަ އެކަން.
  12. ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ތައްގަނޑު.

(ށ) އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނީ، އަންނަނިވ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްކަން ކަށަވަރުކުރުމަށްފަހުގައެވެ.

  1. ވަންނަން ބޭނުންވާ ތަނުގައި މީހަކު ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކުރަންއުޅޭކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ ނުވަތަ
  2. އެތަނަކަށް ވަންނަން ބޭނުންވަނީ ކުށަކާ ގުޅިގެން ހޯދަން ބޭނުންވާ ހެއްކެއް ހޯދުމަށް ކަމުގައިވާނަމަ، އެ އެއްޗެއް އެތަނުގައި ވާކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި

(3) އެތަނަކަށް ވަދެގެން މެނުވީ ހާސިލުކުރަން ބޭނުންވާ ކަންތައް ފުރިހަމަ ނުކުރެވޭނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން.

(ނ) ބަލައި ފާސްކުރުމުގެ މަގްސަދު ގެއްލިދާނެކަމަށް ބެލެވޭ ހާލަތެއްގައި މެނުވީ، އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް އެތަންތަނަށް ވަނުމުގެ ހުއްދަ ފަނޑިޔާރު ދޭންވާނީ ދުވާލުގެ ވަގުތުގައެވެ. ރޭގަނޑުގެ ވަގުތުގައި އެތަނަށް ވަނުމުގެ ހުއްދަ ދޭންވާނީ، އެ އަމުރުގެ ދަށުން ކުރަންއެދޭ ކަންކަމަށް ބަލާއިރު، ރޭގަނޑުގެ ވަގުތުގައި އެތަނެއް ބަލައި ފާސްކުރުމުގެ މަގްސަދެއް އޮތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމައެވެ.

(ރ) ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގައި ބަޔާންކުރާ ތަން ނުވަތަ ތަންތަން ބަލައި ފާސްކޮށް ނިމެންދެން ނުވަތަ އެ އަމުރުގެ މުއްދަތު ހަމަވަންދެން ނުވަތަ އެ އަމުރު ބާތިލުކުރަންދެނެވެ.

(ބ) މި މާއްދާގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ހޯދުމެއްގައި، އެ އަމުރުގައި ބަޔާންކުރާ އެއްޗެއް ނޫން އެހެން އެއްޗެއް ފެނިއްޖެނަމަ، އަދި އެ އެއްޗަކީ، އެހެން ޖިނާއީ ކުށަކާގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަށް ބެލެވޭނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތާލުމުގެ ފުރުސަތު އޮތްކަމަށް އެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، އެ އަމުރުން ދޭ ކަމުގައި ބެލޭނެއެވެ.

(ޅ) މި މާއްދާގެ ދަށުން ބަލައި ފާސްކުރުމުގެ އަމުރެއް ނެރޭއިރު، ބަލައި ފާސްކުރަންޖެހޭ ތަނާއި ފާސްކުރަންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް، އެކަންކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ފަނޑިޔާރު ދޭންވާނެއެވެ.

 

33 ވަނަ މާއްދާ – ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކުރުން

(ހ) ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަދެވޭ ތަނެއް، އެ އަމުރުގައި ކަނޑައަޅާފައިވާ މުއްދަތުގައި ބަލައި ފާސްކޮށް ނިންމަންވާނެއެވެ.

(ށ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ބާރު، އެ އަމުރަށް އެދޭ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ހުއްދަކުރެވިފައިވާ ކޮންމެ އޮފިސަރަކަށްމެ ލިބިގެންވެއެވެ. އަދި އެ އަމުރުގެ ދަށުން ކުރުމަށް ބާރުދޭ ކަންކަން ކުރުމުގެ ބާރު، އެ އޮފިސަރުންނަށާއި، އެ އޮފިސަރުންނާއެކު އެ އަމުރު ތަންފީޒުކުރުމަށް ދާ އެ އިދާރާގެ ހުއްދަކޮށްފައިވާ އެހެން އޮފިސަރުންނަށްވެސް ލިބިގެންވެއެވެ.

(ނ) ބަލައި ފާސްކުރުމުގެ އަމުރެއްގައި ހުއްދަ ދީފައިވަނީ ހަމައެކަނި ތަނެއްގެ ވަކި ބައެއް ނުވަތަ ސަރަހައްދެއް ބަލައި ފާސްކުރުމަށް ކަމުގައިވާނަމަ، އެ ބައެއް ނުވަތަ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނެއް ބަލައި ފާސްކޮށްގެން ނުވާނެއެވެ.

(ރ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން، އެތަނުގައި ތިބި ބަޔަކަށް އެތަނަށް ވަންނަކަން އަންގަންވާނެއެވެ.

(ބ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމަށްޓަކައި އެ އަމުރުގައި ބަޔާންކުރާ ތަނަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަކު ދާއިރު، އެތަނެއްގެ ވެރިފަރާތް އެތަނުގައި ހުރިނަމަ، އެތަން ބަލައި ފާސްކުރަންވާނީ، އެ ފަރާތުގެ ހާޒިރުގައެވެ. އެތަނުގެ ވެރިފަރާތް އެ ތާނގައި ހާޒިރުވެ ނެތް ހާލަތެއްގައި އެތަން ބަލައި ފާސްކުރަންވާނީ، އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ. އަދި ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

  1. އެ އޮފިސަރުގެ ތައާރުފެއް އެ ފަރާތަށް ދިނުމަށްފަހު އޭނާއަކީ ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް އޭނާއަށް ދެއްކުން؛ އަދި
  2. ކޯޓު އަމުރުގެ ކޮޕީއެއް އޭނާއަށް ދިނުން.

(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ބަލައި ފާސްކުރަންޖެހޭ ތަނުގައި އެތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެތަނުގައި ނެތްނަމަ، އެތަނެއް ބަލައި ފާސްކޮށްގެންނުވާނެއެވެ.

(ކ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރާ އޮފިސަރު، އެ ބަލައި ފާސްކުރުމާގުޅޭ މައުލޫމާތު ލިޔުމުން ރެކޯޑުކުރަންވާނެއެވެ. އެގޮތުން ރެކޯޑުކުރުމުގައި، ބަލައި ފާސްކުރާ ތަނުގައި ހާޒިރުވެ ތިބި މީހުންނާއި، އެތަނަށް ވަތް ވަގުތާއި، އަމުރު ތަންފީޒުކުރި އޮފިސަރުންނާއި، ބަލައި ފާސްކުރެވޭ ތަނުން ނެގޭ ކޮންމެ އެއްޗެއްގެ ތަފްސީލު، އެ އެއްޗެއް ނެގުނު ތަން އެނގޭނެ ގޮތަށް ބަޔާންކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ މައުލޫމާތު ވަގުތުން ވަގުތަށް ލިޔުމުން ރެކޯޑުކުރުމަކީ އަމަލީގޮތުން ދަތިކަމަކަށްވާނަމަ، ބަލައި ފާސްކޮށް ނިމުމަށްފަހު ވީއެންމެ އަވަހަކަށް އެ ބަލައި ފާސްކުރުމާގުޅޭ މައުލޫމާތު އެ އޮފިސަރު ލިޔުމުން ރެކޯޑުކުރަންވާނެއެވެ. ބަލައި ފާސްކުރުމަކާގުޅޭ މައުލޫމާތު ރެކޯޑުކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

34 ވަނަ މާއްދާ – ބަލައި ފާސްކުރުމާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ އިތުރު ބާރު

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، އަންނަނިވި ބާރުތައް، އެ އަމުރު ތަންފީޒުކުރާ އޮފިސަރުންނަށް ލިބިގެންވެއެވެ.

  1. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ތަނަށް ވަދެ، އެތަން ބަލައި ފާސްކުރުމަށް އެކަށީގެންވާ ވަގުތު އެތަނުގައި ތިބުން؛
  2. އެތަނަށް ވަނުމަށްޓަކައި އެހެން ތަނަކަށް ވަންނަންޖެހޭ ކަމަށްވާނަމަ، ނުވަތަ އެތަނަށް ވަދެވޭނީ އެހެން ތަނެއް މެދުވެރިކޮށް ކަމަށްވާނަމަ، އެތަނަށްވެސް ވަނުން؛
  3. ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް އެތަނުގައި ހުރިކަމަށްވާނަމަ، އެ އެއްޗެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައުން؛
  4. އެތަނާއި އެތަނުގައި ހުރި ކަމާބެހޭ އެއްޗެހީގެ ފޮޓޯ އަދި ވީޑިއޯ ނެގުން؛
  5. އެތަނެއްގައި އެވަގުތު ހުރި މީހަކު ބަލައި ފާސްކުރަންޖެހޭ ކަމަށްވާނަމަ، އެކަމެއް ކުރުން؛
  6. ތަޅުލާފައި ހުރި ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން އެދޮރެއް ހުޅުވުން؛
  7. ބަންދުކޮށްފައިވާ ކުޑަދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ނުވަތަ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ކުޑަދޮރެއް ހުޅުވުން؛
  8. ތަޅުންގަނޑުން ބައެއް، ނުވަތަ ފާރުން ބައެއް، ނުވަތަ ފަންގިފިލާއިން ބައެއް ހަލާކުކޮށްލައިގެން ނުވަތަ ތަނެއް ކޮނެގެން ބަލަންޖެހޭ އެއްޗެއް ނުވަތަ ތަނެއް ބެލުން؛
  9. ބަންދުކޮށްފައި ހުރި ފޮށްޓެއް ނުވަތަ އެނޫންވެސް އެއްޗެއް ހުޅުވައިގެން ނުވަތަ ހަލާކުކޮށްލައިގެން ބަލަންޖެހޭ އެއްޗެއް ބެލުން؛
  10. އެތަނެއްގައި އޮތް އުޅަނދެއް ބަލައި ފާސްކުރަންޖެހޭ ކަމަށްވާނަމަ، އެކަމެއް ކުރުން.

(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުން ކުރަންވާނީ، އެއިން ކަމެއް، ބާރުގެ ބޭނުން ނުކޮށް ކުރެވެން ނެތް ހާލަތުގައ އެކަންޏެވެ.

(ނ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، އުޅަނދެއް ބަލައި ފާސްކުރެވޭނީ، މި ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

35 ވަނަ މާއްދާއުޅަނދުފަހަރު ބަލައި ފާސްކުރުން

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އިހްތިޔާރު ލިބިގެންވަނީ، ގާނޫނަކުން ކަނޑައެޅިގެން އެ ބާރު ލިބިދޭ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށެވެ.

(ނ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މެނުވީ، ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް އުޅަނދެއް ބަލައި ފާސްކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

(ރ) ކޯޓު އަމުރަކާ ނުލައި، އުޅަނދެއް ބަލައި ފާސްކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ގަބޫލުކުރެވޭ ހާލަތުގައެވެ.

  1. ގާނޫނަކުން ގެންގުޅުން މަނާކުރާ ތޫނު އެއްޗެއް ނުވަތަ ގޮވާ އެއްޗެއް އެ އުޅަނދެއްގައި އޮތުން؛
  2. އެ އުޅަނދެއްގައި މަސްތުވާއެއްޗެއް ހުރުން؛
  3. އެ އުޅަނދެއްގައި ވަގަށް ނަގާފައިވާ މުދާ ހުރުން؛
  4. އެ އުޅަނދެއްގައި ކުށްކޮށްގެން ހޯދާފައިވާ މުދާ ހުރުން؛
  5. ކުށެއް ކުރުމުގައި ބޭނުންކޮށްފައިވާ އެއްޗެއް އެ އުޅަނދެއްގައި އޮތްކަމަށް ބެލެވުން؛
  6. ކުށެއް ކުރުމަށްޓަކައި ބޭނުންކުރި އެއްޗަކަށް އެ އުޅަނދުވުން؛
  7. އެ އުޅަނދުގައި ކުށެއްގެ އަމަލު ހިންގަމުންދާކަމަށް، ނުވަތަ ކުށުގެ އަމަލެއް އެއުޅެނީ ހިނގަންކަން، ނުވަތަ ކުށުގެ އަމަލެއް ދާދި ދެންމެ ހިނގައިފިކަމަށް، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް، ގަބޫލުކުރެވުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަމަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، ކޯޓު އަމުރަކާ ނުލައި އެ އުޅަނދެއް ބަލައި ފާސްކުރުމުގެ ބާރު، އެ އޮފިސަރަށް ލިބިގެންވެއެވެ.

(ޅ) ކޯޓު އަމުރަކާ ނުލައި އުޅަނދެއް ބަލައި ފާސްކުރުމަށް މި މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، އެ އުޅަނދެއް ބަލައި ފާސްކުރެވެނީ ކޮން މަގްސަދެއްގައި ކަމާމެދު އެ އުޅަނދުގެ ވެރިފަރާތުން ސުވާލުކޮށްފިނަމަ، އެ އުޅަނދު ބަލައި ފާސްކުރެވެނީ، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއްގައިކަން އުޅަނދުގެ ވެރިފަރާތަށް ސާފުކޮށްދޭންވާނެއެވެ.

(ކ) މި މާއްދާގެ (ރ) ގެ ދަށުން ލިބިދޭ ބާރުގެ ތެރޭގައި، ދުއްވާފައިދާ އުޅަނދެއް ހުއްޓުވައި، އެ އުޅަނދު ބަލައި ފާސްކުރުމުގެ ބާރާއި، ޕާކްކޮށްފައިވާ ނުވަތަ ބަނދަރުކޮށްފައިވާ އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ.

(އ) ގާނޫނު ތަންފީޒުކުރާ އިދާރާއަކީ ފުލުހުން ކަމުގައިވާ ހާލަތުގައި، މި މާއްދާގެ (ރ) ގައި ބަޔާންކުރާ އުޅަނދެއްގައިވާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންވެއެވެ.

(ވ) އުޅަނދެއް އޮތް ތަނެއްގައި ބާއްވައިގެން އެ އުޅަނދެއް ބަލައި ފާސްކުރުމަކީ ކުރެވޭނެ ކަމެއްކަމުގައި ނުވާނަމަ، އެ އުޅަނދެއް ބަލައި ފާސްކުރުމަށްޓަކައި އެކަންކުރެވޭނެ އެހެން ތަނަކަށް، ފުލުހުންގެ ބެލުމުގެ ދަށުން އެ އުޅަނދެއް ގެންދިޔުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(މ) އުޅަނދެއް ބަލައި ފާސްކުރުމުގައި، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ އެއްޗެއް އެ އުޅަނދުގައިވާނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފުންނަށް ލިބިގެންވެއެވެ.

(ފ) މި މާއްދާގެ (މ) ގައި އެހެން އޮތްނަމަވެސް، އުޅަނދެއްގައިވާ އެއްޗެއް ހިފެހެއްޓުމުގައި އަމަލުކުރާނީ، މި ގާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ދ) ކޯޓު އަމުރެއްގެ ދަށުން އުޅަނދެއް ބަލައި ފާސްކުރުމުގައި، ވަކި ހާއްސަ ކަންތައްތަކެއް ކުރުމުގެ ބާރު އެ އަމުރުގައި ބަޔާންކޮށްފައިނުވާ ހާލަތުގައި، މި މާއްދާގެ (ކ)، (އ)، (ވ)، އަދި (މ) އިން ބާރު ލިބިދޭ ކަންކަން ކުރުމުގެ ބާރު، އެ އަމުރުގެ ދަށުން އުޅަނދެއް ބަލައި ފާސްކުރާ ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ތ) މި މާއްދާގެ (ދ) ގައި އެހެން އޮތްނަމަވެސް، އުޅަނދެއް ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުން ތަންފީޒުކުރަންވާނީ، އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަމުގައި މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

36 ވަނަ މާއްދާ - މުދާ ހިފެހެއްޓުން

(ހ) ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް އެ އަމުރުން ހިފެހެއްޓުމަށް ހުއްދަކުރާ އެއްޗެއްގެ، ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ އެއްޗެއްގެ ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ނުވަތަ އެ އެއްޗަކުން ސާމްޕަލް ނެގުމުގެ ނުވަތަ އެ އެއްޗަކުން ބައެއް ނުވަތަ އެ އެއްޗެއް އެކުގައި ހިފެހެއްޓުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ށ) ހެކީގެ ގޮތުގައި ބޭނުންކުރުމަށް ބަލައި ފާސްކުރެވޭ ތަނަކުން ހޯދަން ބޭނުންވާ އެއްޗަކީ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކާކޮށްފައިވާ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތު ބެލޭނެ އަދި ކިޔަން އެނގޭނެ ގޮތަކަށް، އަދި އެތަނުން ގެންދެވޭނެ ގޮތަކަށް ހުށަހެޅުމަށް އެންގުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތްނަމަވެސް، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުގައިވާ ތަކެތި ހިފެހެއްޓުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އޮފިސަރުންނަށް ލިބިގެނެއް ނުވެއެވެ.

(ރ) ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޒުކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓަރީއެއް، ކޯޓު އަމުރު ތަންފީޒުކުރާ އޮފިސަރު އެކުލަވާލަންވާނެއެވެ. އެކަން ކުރަންވާނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ އެހެން އޮފިސަރަކާއި، މުދަލުގެ ވެރިފަރާތުގެ ނުވަތަ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ހިފެހެއްޓޭ މުދަލުގެ އިންވެންޓަރީގެ ކޮޕީއެއް، މުދަލުގެ ވެރިފަރާތަށް، ނުވަތަ އޭނާ ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު ދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހިފަހައްޓާ އެއްޗެއްސަކީ، އަންނަނިވި ކަންކަމަށް ބޭނުންކުރެވިދާނެ އެއްޗެއްސެވެ. އަދި އެ އެއްޗެއްސަކީ އެކަންކަން ނިމެންދެން ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެ އެއްޗެއްސެވެ.

  1. ޖިނާއީ ކުށެއްގެ ތަހްގީގެއްގައި އެ އެއްޗެހި ބޭނުންކުރުމަށް؛
  2. ޖިނާއީ ކުށެއްގެ ށަރީއަތުގައި ހެއްކެއްގެ ގޮތުގައި އެ އެއްޗެހި ބޭނުންކުރުމަށް؛
  3. އެ އެއްޗަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްޗެއް ކަމުގައި ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެ އެއްޗެއްގެ ހަގީގީ ވެރިފަރާތް ހޯދުމަށް.

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްނަމަވެސް، ހިފެހެއްޓޭ އެއްޗެއް ހިފެހެއްޓި ބޭނުން ނިމުމަކަށް އައުމާއެކު، އެ އެއްޗަކީ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައިނުވާނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާއިން އެ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތާ އަނބުރާ ހަވާލުކުރަންވާނެއެވެ. އަދި ހިފެހެއްޓޭ އެއްޗަކީ، ހަމައެކަނި އެ އެއްޗެއްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް އޮތުމުން ފުދޭނެ އެއްޗެއް ކަމަށްވާނަމަ، އެކަން ކުރުމަށްފަހު، އެ އެއްޗެއް، އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ. ނުވަތަ އެ އެއްޗަކީ، މައުލޫމާތު ރައްކާކުރެވޭ އެއްޗެއް ކަމުގައިވެފައި، ތަހްގީގަށް ބޭނުންވަނީ އެ އެއްޗެއްގައިވާ މައުލޫމާތު އެކަނި ކަމުގައިވާނަމަ، އަދި އެ މައުލޫމާތަކީ ނަކަލުކުރެވިދާނ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތަކަށް ވާސިލުވެ، އެ މައުލޫމާތު ނަކަލުކުރުމަށްފަހު، އެ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތާ ހަވާލުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން ހިފެހެއްޓޭ އެއްޗެއް އެ އެއްޗެއްގެ ވެރިފަރާތަށް އަނބުރާ ރައްދުކުރުމުގައި އަމަލުކުރާނެގޮތް މި ގާނޫނުގެ ދަށުން ހަދާގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ވ) މި މާއްދާގެ (ކ) އެހެން އޮތުމަކުން، މި މާއްދާގެ ދަށުން ހިފެހެއްޓިފައިވާ އެއްޗެއް، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް އަމުރުކުރުމަށް ކަމާބެހޭ ކޯޓަކަށް ލިބިދޭ އެއްވެސް ބާރަކަށް އުނިކަމެއް ނާންނާނެއެވެ.

(މ) މި މާއްދާގެ ދަށުން ހިފަހައްޓާ އެއްޗެހި، އެ އެއްޗެހީގެ ވެރިފަރާތާ އަނބުރާ ހަވާލުކުރެވެންދެން ނުވަތަ ގާނޫނުގައި ބަޔާންކުރާ އެނޫންވެސް ގޮތަކަށް އެ އެއްޗެއްސާމެދު އަމަލުކުރެވެންދެން ހުންނާނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ އެންމެ އިސް ފަރާތުން ކަނޑައަޅާ ތަނެއްގައެވެ.

(ފ) މި މާއްދާގެ ދަށުން އެއްވެސް އެއްޗެއް ހިފެހެއްޓިއްޖެނަމަ، އެ އެއްޗެއް ރައްކާތެރިކަންމަތީ ބެލެހެއްޓުމަކީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ އެންމެ އިސް ފަރާތުގެ ޒިންމާއެކެވެ.

(ދ) މި މާއްދާގެ ދަށުން ހިފެހެއްޓޭ އެއްޗެހި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޕްރޮސިކިއުޓަރ ޖެނެރަލް ބަޔާންކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - މުދާ ހޯދުމަށް ކޯޓުގައި އެދުން

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން މި ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ހިފެހެއްޓި މުދަލެއް ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ނުވަތަ އެ މުދަލުން ބަރީއަވުމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެ އެ މުދާ ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ހައްގު، އެ މުދަލެއްގެ ވެރިފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ )(ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު، އެ މުދަލެއް ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އަދި އެ މުދަލަކީ ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅުން މަނާ އެއްޗެއް ކަމުގައިނުވާނަމަ، އެ މުދަލެއް އެ މުދަލުގެ ވެރިފަރާތާ އަނބުރާ ހަވާލުކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު، އެ މުދަލެއް ހިފަހައްޓާފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، މި ގާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ކަންކަމުގައި ބޭނުންކުރުމަށްޓަކައި އެ މުދާ، އެ އިދާރާގެ ބެލުމުގެ ދަށުގައި ބެހެއްޓިދާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައަކީ، އެ މުދަލުން ބަރީއަވުމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެ ހުށަހެޅޭ މައްސަލައެއް ކަމުގައިވެފައި، މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމަށް ރިއާޔަތްކުރާއިރު އެންމެ އިންސާފުވެރި ގޮތަކީ އެ މުދާ އެ މުދަލުގެ ވެރިފަރާތާ ހަވާލުކުރުން ކަމަށް ކޯޓަށް ފެނިއްޖެނަމަ، ކޯޓުން ކަނޑައަޅާ ށަރުތުތަކަކާއެކު އެ މުދަލެއް، އެ މުދަލުގެ ވެރިފަރާތާ އަނބުރާ ހަވާލުކުރުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތްނަމަވެސް، ހިފެހެއްޓިފައިވާ މުދަލެއް، އެ މުދަލުގެ ވެރިފަރާތުގެ ބެލުމުގެ ދަށަށް ދޫކޮށްފިނަމަ، އެ މުދާ ހިފަހައްޓަން ބޭނުންވި ތަހްގީގަށް އޭގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ފަނޑިޔާރަށް ބެލެވޭނަމަ، އެ މުދަލެއް އެ މުދަލުގެ ވެރިފަރާތާ ހަވާލުކުރުމަށް އަމުރުކޮށްގެންނުވާނެއެވެ.

 

 

 

ފަސްވަނަ ބާބު

މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި ހައްޔަރުކުރުން

38 ވަނަ މާއްދާމީހުން ހުއްޓުވުމާއި ބަލައި ފާސްކުރުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، އެއްވެސް މީހަކު ހުއްޓުވައި، އެ މީހެއްގެ ގަޔަށް އަތްލައި، އެ މީހަކު ބަލައި ފާސްކޮށްގެންނުވާނެއެވެ.

(ށ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ޖިނާއީ ކުށްކުށާ ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށެވެ.

(ނ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެހެން ކޮންމެ ހާލަތެއްގައި، މީހެއްގެ ނުރުހުމުގައި، އެ މީހަކު ހުއްޓުވައި ބަލައި ފާސްކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ރ) ކޯޓު އަމުރަކާ ނުލައި މީހަކު ހުއްޓުވައި ބަލައި ފާސްކުރެވޭނީ، ކުށުގެ ވެށިން ފެންނަ ނުވަތަ ކުށެއް ކުރުމަށްފަހު ކުށުގެ ވެށި ދޫކޮށްދިޔަތާ ގިނައިރުތަކެއް ނުވަނީސް ފުލުހުންނާ ދިމާވާ މީހުންގެ ތެރެއިން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އަންނަނިވި ކަންކަމަށް ށައްކުކުރުމުގެ ހައިސިއްޔަތު އުފެދޭ ހާލަތެއްގައި އެކަންޏެވެ.

  1. އަނިޔާވެރި އަމަލެއް ހިންގުމަށް ގެންގުޅޭ އެއްޗެއްކަމަށް ބެލެވޭ ވަޅިއެއް ނުވަތަ ހަންޖަރެއް ނުވަތަ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ކަމުގައި ބެލެވިދާނެ އެނޫންވެސް އެއްޗެއް އޭނާގެ އަތުގައި އޮތްކަމަށް ބެލެވުން؛
  2. އޭނާގެ އަތުގައި މަސްތުވާއެއްޗެއް ނުވަތަ ބަނގުރާ ހުރިކަމަށް ބެލެވުން؛
  3. އޭނާގެ އަތުގައި ވަގަށް ނަގާފައިވާ އެއްޗެއް ނުވަތަ މިލްކުވެރިކަން ސާބިތުކޮށްނުދެވޭ އެއްޗެއް ހުރިކަމަށް ބެލެވުން؛
  4. އޭނާގެ އަތުގައި ކުށްކޮށްގެން ހޯދާފައިވާ އެއްޗެއް ހުރިކަމަށް ބެލެވުން؛
  5. ޖިނާއީ ބޮޑު ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އޭނާގެ އަތުގައި ހުރިކަމަށް ބެލެވުން.

(ބ) މި މާއްދާގެ (ރ) ގައި އެހެން އޮތްނަމަވެސް، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ މީހަކު، މި ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަލައި ފާސްކުރުމަށް ފުލުހުންނަށް ލިބިދޭ އެއްވެސް ބާރެއް މި މާއްދާއިން ހަންޏެއް ނުކުރެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންވެގެންވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މީހަކު، ކޯޓު އަމުރަކާ ނުލައި ހުއްޓުވައި، އެ މީހަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

  1. އެ މީހަކީ ކާކުކަން ބުނެދިނުމަށް އެދުން؛
  2. އެ މީހަކު ހައްޔަރުކުރުމަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެދަށަށް ގެނައުން؛
  3. އެ މީހެއްގެ ޖިންސީ ގުނަވަނެއް ފިޔަވައި، އެހެން ތަންތަން، ލައިގެންހުރި ހެދުން މަތިން އަތްލައިގެން ނުވަތަ ޑިޓެކްޓަރެއް ޖައްސައިގެން ބަލައި ފާސްކުރުން؛
  4. އެ މީހެއްގެ އަތުގައި އޮތް އެއްޗެއް ނުވަތަ އެ މީހަކު ހިފައިގެން ހުރި އެއްޗެއް ބަލައި ފާސްކުރުން؛
  5. އެ މީހަކު ލައިގެންހުރި ހެދުމެއްގެ ޖީބު ނުވަތަ އެއްޗެއް ރައްކާކުރެވޭގޮތަށް އެ ހެދުމެއްގައިވާ އެހެން ތަންތަން ބަލައި ފާސްކުރުން؛
  6. މޫނު ނިވާކޮށްގެން ހުރިނަމަ، މޫނު ހާމަކުރުން؛
  7. ކުށެއް ކުރިކަމުގެ ތުހުމަތުގައި ހެއްކެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް އޭނާގެ އަތުގައި އޮތްނަމަ، އެ އެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުން؛
  8. އެހެން މީހަކަށް ގެއްލުމެއް ދެވިދާނެ އެއްޗެއް އޭނާގެ އަތުގައި އޮތްނަމަ، އެވަގުތަކަށް، ވަގުތީގޮތުން، އެ އެއްޗެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުން.

(ކ) މި މާއްދާގެ (ރ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުން މީހެއްގެ ހަށިގަނޑު ފުލުހުން ބަލައި ފާސްކުރުމުގައި، ބަލައި ފާސްކުރެވޭ މީހާގެ ގައިގައި އަތްލަންވާނީ، އަދި އޭނާ ބަލައި ފާސްކުރެވޭއިރު އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

(އ) މި މާއްދާގެ (ޅ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ހުރި މީހަކީ، މޫނުބުރުގާ އަޅައިގެންހުރި އަންހެނެއް ކަމުގައިވާނަމަ، އޭނާގެ މޫނު ހާމަކުރަން އަންގަންވާނީ، އަދި ހާމަކުރާއިރު ހާޒިރުވެ ހުންނަންވާނީ، އޭނާއާ އެއް ޖިންސެއްގެ އޮފިސަރެކެވެ.

(ވ) މި މާއްދާގެ (ކ) ނުވަތަ (އ) ގައިވާ ގޮތުގެމަތިން އަމަލުކުރުމުގައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި، އެ މީހަކު މެދުވެރިކޮށް ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރެވިދާނެއެވެ. އެ ހާލަތުގައި މީހަކު ބަލައި ފާސްކުރެވޭއިރުވެސް އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

(މ) ކޯޓު އަމުރެއްގެ ދަށުން މީހަކު ބަލައި ފާސްކުރުމުގައި، އެ އަމުރުގައި ވަކި ހާއްސަ ކަންތައްތަކެއް ކުރުމުގެ ބާރު ދީފައިނުވާނަމަ، މި މާއްދާގެ (ބ)، (ޅ)، (ކ)، (އ) އަދި (ވ) ގެ ދަށުން ކުރުމަށް ފުލުހުންނަށް ބާރުލިބިދޭ ކަންކަން ކުރުމުގެ ބާރު، އެ އަމުރުގެ ދަށުން މީހަކު ބަލައި ފާސްކުރާ ފުލުހުންނަށް ލިބިގެންވެއެވެ.

 

39 ވަނަ މާއްދާ – ނަމާއި އުމުރު ބުނުމަށް އެންގޭނެ ހާލަތްތައް

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ މީހެއްގެ ނަމާއި އުމުރާއި އެޑްރެސް ބަޔާންކޮށްދިނުމަށާއި، އެކަމުގެ ހެކި ދެއްކުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

  1. ކުށެއް ކުރަމުންދަނިކޮށް ފެންނަ މީހާ؛
  2. ކުށެއް ކޮށްފައިވާ ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ މީހާ؛
  3. ކޯޓު އަމުރެއް ތަންފީޒުކުރުމަށްޓަކައި އެ އަމުރު ރައްދުވާ މީހާ؛
  4. ފުލުހުން ހިންގަމުންގެންދާ ތަހްގީގެއްގައި އެހީތެރިވެވިދާނެ ފަރާތެއް ކަމަށް ފުލުހުންނަށް ފެންނަ މީހާ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރެއްގެ ބޭނުން ހިފުމުގައި، މީހެއްގެ ނަމާއި އުމުރާއި އެޑްރެސް ބަޔާންކޮށްދިނުމަށް އެންގެނީ ކޮން މަގްސަދެއްގައި ކަމާމެދު އެ މީހާ ސުވާލުކޮށްފިނަމަ، އެކަން ކުރަން އަންގަނީ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއްގައިކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ.

(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، މި މާއްދާގެ (ހ) ގައިވާ ހާލަތްތަކުގައާއި، މި ގާނޫނުގެ 38 ވަނަ މާއްދާއާއި، 40 ވަނަ މާއްދާގައިވާ ހާލަތްތަކުގައި މެނުވީ، މީހެއްގެ ނަމާއި އުމުރާއި އެޑްރެސް ބަޔާންކޮށްދިނުމަށާއި، އެކަމުގެ ހެކި ދެއްކުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެނެއްނުވެއެވެ.

 

40 ވަނަ މާއްދާ – ހައްޔަރުކުރުން

(ހ) އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ޖިނާއީ ކުށަކާ ގުޅިގެން މީހުން ހައްޔަރުކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށެވެ.

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ފުލުހުންނަށް މީހަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން، އެ އަމުރުގައިވާ ގޮތުގެމަތިންނެވެ.

(ނ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަމަށް ފުލުހުންނަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ކަމަށްވާނަމަ، ކޯޓު އަމުރަކާ ނުލައި އެ ހާލަތުގައިވާ މީހާ ހައްޔަރުކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

  1.  މީހަކު ކުށެއް ކޮށްފިކަމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި؛
  2. މީހަކު ކުރަމުންދާ ކުށެއް ހުއްޓުވުމަށްޓަކައި، ނުވަތަ އެވަގުތު އެ ކުށުގެ އަމަލު ތަކުރާރުކުރިޔަ ނުދިނުމަށްޓަކައި، ނުވަތަ ހިންގަމުންދިޔަ އަމަލުން އެހެން ކުށެއް ކުރިޔަނުދިނުމަށްޓަކައި؛
  3. މީހަކު އެވަގުތު އެއުޅެނީ ކުށެއް ކުރަން ކަމަށް ބުއްދިއަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކި ލިބިފައިވާ ހާލަތުގައި، އެ ކުށް ކުރިޔަނުދިނުމަށްޓަކައި؛
  4.  މީހާގެ ނަމާއި އުމުރު ބަޔާންކޮށްދިނުމަށް މި ގާނޫނުގެ 38 ވަނަ މާއްދާގެ (ޅ) ގެ (1)ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ފުލުހަކު ކުރި އަމުރަށް އިންކާރުކުރުމުން، އެ މައުލޫމާތު ދެނެގަތުމަށްޓަކައި؛
  5. ކޯޓަށް ހާޒިރުވުމުގެ އަމުރެއް ނިސްބަތްވާ މީހަކު އެ އަމުރަށް ތަބާނުވުމުން، އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ކޯޓުން ކުރާ އަމުރެއް ތަންފީޒުކުރުމަށްޓަކައި؛
  6. ޖިނާއީ ބޮޑު ކުށެއްގެ ހެކި ފޮރުވުމަށް ނުވަތަ ނައްތާލުމަށ މަސައްކަތްކޮށްފާނެކަމަށްޓަކައި؛
  7. ގާނޫނީގޮތުން ބަންދުގައި ބެހެއްޓޭނެ ހާލަތެއްގައި ބަންދުގައި ހުރި މީހަކު ފިލައިގެން ދިޔަނުދިނުމަށްޓަކައި؛
  8. ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމަށް ގާނޫނުން ކަނޑައެޅިގެން ފުލުހުންނަށް ބާރު ލިބިދޭ ހާލަތުގައި.

(ރ) މި މާއްދާގެ ދަށުން މީހަކު ހައްޔަރުކުރަންވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު، ޔުނީފޯމް އެޅި ފުލުހެކެވެ.

(ބ) ފުލުހުންގެ މައި މަރުކަޒު ނުވަތަ ސަރަހައްދީ މަރުކަޒެއް ގާއިމުކުރެވިފައިވާ ރަށެއް ފިޔަވައި އެހެން ރަށެއްގައި ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ އޮފިސަރަކު ނެތްނަމަ، މީހަކު ހައްޔަރުކުރުމަށްޓަކައި މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހުއްދަ ހޯދާނީ، ފުލުހުންގެ މައި މަރުކަޒަށް ނުވަތަ އެންމެ ކައިރީގައިވާ ސަރަހައްދީ މަރުކަޒަކަށް ގުޅައި، އެތަނުގައި ހުރި ސަބް އިންސްޕެކްޓަރ ރޭންކުންފެށިގެން މަތީ އޮފިސަރެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން އަމަލުކުރާ ކޮންމެ ފަހަރަކު، ހުއްދަދޭ ފުލުހުންގެ އޮފިސަރުގެ ނަމާއި ސޮޔާއި، ހުއްދަ ދިން ތާރީހާއި ވަގުތު އެނގޭނެ ފަދައިން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ހައްޔަރުކުރެވޭ ފަރާތްތަކުގެ ހައްޔަރާމެދު ގޮތެއް ކަނޑައެޅުމަށް، މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާކަށް ނުޖެހޭނެއެވެ.

(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށް ހައްޔަރުކުރެވޭ ފަރާތެއް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ބެހެއްޓޭނީ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ މުއްދަތަކަށެވެ.

 

41 ވަނަ މާއްދާ - ހައްޔަރުކުރުމުގެ އަމުރު

(ހ) މީހަކު ހައްޔަރުކުރުމަށްޓަކައި ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު ފުލުހުން އަންނަނިވި މައުލޫމާތު ކޯޓަށް ހުށަހަޅަންވާނެއެވެ.

  1. ކޯޓު އަމުރަށް އެދެނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
  2. ހައްޔަރުކުރަން ބޭނުންވާ މީހާގެ ނަމާއި އެޑްރެސް؛
  3. އޭނާ އެ ކުށް ކުރިކަމަށް ލިބިފައިވާ ހެކި؛ އަދި
  4. މައްސަލައާގުޅޭ އިތުރު ތަފްސީލު.

(ށ) މީހަކު ހައްޔަރުކުރުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަމުރު ނެރެވޭ ބޭނުން؛
  2. އަމުރުގެ ދަށުން ހައްޔަރުކުރަން ބޭނުންވާ މީހާގެ ނަމާއި އެޑްރެސް؛
  3. އޭނާ ހައްޔަރުކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށެއްގެ ތުހުމަތުގައިކަން؛
  4. އެ އަމުރުން ބާރުދޭ ކަންކަން ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ބާރުގެ ބޭނުންކުރުމަށް ހުއްދަކުރާކަން؛
  5. އަމުރު ދެމިއޮންނާނެ މުއްދަތު؛
  6. ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު.

(ނ) ހައްޔަރުކުރުމުގެ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގައި ބަޔާންކުރާ މީހާ ހައްޔަރުކުރެވެންދެން ނުވަތަ އެ އަމުރު ކޯޓުން ބާތިލުކުރަންދެނެވެ.

(ރ) ހައްޔަރުކުރުމުގެ އަމުރެއް ތަންފީޒުކުރާ ފުލުހަކު، އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

  1. ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ތައާރުފެއް ދިނުމަށްފަހު އޭނާއަކީ ފުލުހުންގެ އޮފިސަރެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް އޭނާއަށް ދެއްކުން؛ އަދި
  2. ކޯޓު އަމުރުގެ ކޮޕީއެއް ހައްޔަރުކުރެވޭ މީހާއަށް ދިނުން.

 

42 ވަނަ މާއްދާ – ހައްޔަރުކުރާއިރު އަމަލުކުރަންވީ ގޮތް

ފުލުހުން، ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކުރާ ހާލަތުގައި އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

(ހ) ހައްޔަރުކުރެވޭ މީހާއަށް ދޭންޖެހޭ ގާނޫނީ އިންޒާރު ދިނުން؛

(ށ) ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުނުހަދާ ކަމަށްވާނަމަ، ބާރުގެ ބޭނުންނުކުރުން؛

(ނ) ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުނުހަދާނަމަ، އޭނާ ގައިގައި ބިޑިނޭޅުވުން؛

(ރ) ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުހަދާނަމަ، އޭނާ ހިފެހެއްޓުމަށްޓަކައި ބޭނުންވާ މިންވަރަށް ބާރުގެ ބޭނުންކުރުމާއި، ބިޑިއެޅުވުން.

 

43 ވަނަ މާއްދާ – ހައްޔަރުކޮށްފައވާ ކަމުގެ މައުލޫމާތު ދިނުން

(ހ) ފުލުހުން، ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކޮށްފި ކަމުގައިވާނަމަ، އޭނާ ހައްޔަރުކުރާކަމާއި، އޭނާ ހައްޔަރުކުރެވޭ ސަބަބު ވަގުތުން އަނގަބަހުން އަންގަންވާނެއެވެ. 

(ށ) މީހަކު ހައްޔަރުކުރެވޭ ހިނދު، އެ މީހަކު ހައްޔަރުކުރެވޭކަން ފާޅުގައި، އަމަލުން ދޭހަވި ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުން އަމަލުކުރަންވާނެއެވެ.

(ނ) ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އަދި ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި، ހައްޔަރުކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމާއި، އޭނާ ހައްޔަރުކުރި ސަބަބާއި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މައުލޫމާތު އޭނާއަށް ލިޔުމުން ދޭންވާނެއެވެ.

(ރ) ހައްޔަރުކޮށްފައިވާ މީހަކު ހައްޔަރުން ދޫކޮށްލުމުގެ ކުރީގައި، އޭނާ ހައްޔަރުކުރި ފުލުހުންގެ އޮފިސަރުގެ ނަމާއި ރޭންކާއި އޭނާ ހައްޔަރުކޮށްފައި ބަހައްޓާފައިހުރި ތަނަކާ ހަވާލުވެހުރި އެންމެ އިސް މީހެއްގެ ނަން، އޭނާއަށް ލިޔުމުން ދޭންވާނެއެވެ.

(ބ) ހައްޔަރުކުރެވުނީ ކުޑަކުއްޖެއްނަމަ، އޭނާ ހައްޔަރުކޮށްފައިވާކަން އޭނާގެ ބެލެނިވެރިއަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތަކަށް ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި އަންގަންވާނެއެވެ.

 

44 ވަނަ މާއްދާ - ގާނޫނީ އިންޒާރުދިނުން

(ހ) ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިކަން އޭނާއަށް އަންގާހިނދު، އޭނާއަށް ދޭންޖެހޭ ގާނޫނީ އިންޒާރު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ގާނޫނީ އިންޒާރުގައި ހިމެނިގެންވަނީ އަންނަނިވި ކަންކަން އޭނާއަށް އެންގުމެވެ.

  1. އޭނާ ހައްޔަރުކުރެވޭ ކަމާއި، ހައްޔަރުކުރެވެނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛ އަދި
  2. އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން؛ އަދި
  3. ސުވާލަށް ޖަވާބު ނުދިނުމަކީ އޭނާއަށް ލިބިގެންވާ ހައްގެއްކަން، އެހެންނަމަވެސް ސުވާލަށް ޖަވާބުދިނުން އެދެވިގެންވާކަން؛ އަދި
  4. ސުވާލަށް ދޭ ޖަވާބަކީ އޭނާއާ ދެކޮޅަށް ކޯޓެއްގައި ބޭނުންކުރެވިދާނެ އެއްޗެއްކަން؛ އަދި
  5. އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން؛ އަދި
  6. އޭނާއަކީ ގާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައިވާނަމަ، އަދި އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން.

(ނ) މި މާއްދާގެ ދަށުން އަންގާ ގާނޫނީ އިންޒާރެއްގެ ގާނޫނީ ހައްސިއްޔަތު ފުރިހަމަވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން އެފަދަ އެންގުމެއްގައި ހިމެނިގެންވާނަމައެވެ. 

 

45 ވަނަ މާއްދާ – ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުތައް

(ހ) ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރަކާ ނުލައި ނަމަވެސް، މީހަކު ހައްޔަރުކޮށްފި ކަމުގައިވާނަމަ، ލަސްނުކޮށް، އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދަންވާނެއެވެ.

(ށ) ހައްޔަރުކުރެވޭ މީހާ ފުލުހުންގެ މަރުކަޒަށް ގެނައުމާއެކު، އެ މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރު އޭނާގެ މައުލޫމާތު ރެކޯޑުކުރުމަށްފަހު، އޭނާގެ ހައްޔަރާމެދު ގޮތެއް ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ފުލުހުންގެ މަރުކަޒަށް ގެނެވޭ މީހާ އިތުރަށް ހައްޔަރުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމުގައި އެ މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރަށް ފެނިއްޖެނަމަ، ވަގުތުން އޭނާ ހައްޔަރުން ދޫކޮށްލަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ފުލުހުންގެ މަރުކަޒަށް ގެނެވޭ މީހަކީ، އޭނާ ހައްޔަރުކުރަންޖެހޭ ކުށާ ގުޅޭގޮތުން އިތުރަށް ސުވާލުކުރަންޖެހޭ މީހެއް ކަމަށް އެ މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރަށް ފެނިއްޖެނަމަ، މި ގާނޫނުގެ 52 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭނާ ބަންދުކުރެވިދާނެއެވެ. 

(ބ) ފުލުހުންގެ މަރުކަޒުތަކުގައި އެ ވަގުތު ހުރި އިސް އޮފިސަރަކީ، ފުލުހުންގެ ސަރޖަންޓް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ މީހެއް ކަމުގައިވާންވާނެއެވެ.

 

46 ވަނަ މާއްދާ - ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރުން

(ހ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެކުރިން، މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގާނޫނީ އިންޒާރުގައި ހިމެނިގެންވާ ބައިތައް އޭނާއަށް ރަނގަޅަށް ފަހުމްވެއްޖެކަން ކަށަވަރުކުރަންވާނެއެވެ. އަދި ފަހުމްނުވާނަމަ، އޭނާއަށް އެކަންކަން ފަހުމްވާނެ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.

(ށ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ ރަހްމަތްތެރިއަކަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް ފޯނުކުރުމުގެ ފުރުސަތުދޭންވާނެއެވެ. އަދި އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) ފުލުހުންގެ ހައްޔަރުގައި ހުރި މީހާ ބޭނުންކަމުގައިވާނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު، އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، ފުލުހުން އޭނާއަށް އެ ފުރުސަތުދޭންވާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައި، އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށް ފަހުމްވެއްޖެކަން ކަށަވަރުކުރުމަށްފަހުގައިވެސް ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފި މީހަކާ ފުލުހުންނަށް ސުވާލުކުރެވިދާނެއެވެ.

(ބ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މި މާއްދާގެ (ނ) ގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖައްސަން ދޭ ފުރުސަތުގައި، 12 (ބާރަ) ގަޑިއިރު ފާއިތުވާއިރުވެސް އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދެވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތްނަމަވެސް، ހައްޔަރުގައި ހުރި މީހާއަށް ގާނޫނީ ވަކީލަކު ހަމަޖައްސަން ދެވޭ ފުރުސަތުގައި، އޭނާ ގާނޫނީ ވަކީލަކު އައްޔަންކުރުމަށްފަހުގައިވެސް އޭނާގެ ވަކީލު ހާޒިރުނުވެއްޖެނަމަ، އަދި ވަކީލު ހާޒިރުވެފައިނުވަނީ، ހައްޔަރުކުރެވިފައިވާ ފަރާތަށް އެންގުމަކާ ނުލައި ކަމުގައިވާނަމަ، އެހެން ގާނޫނީ ވަކީލަކު އައްޔަންކުރުމަށް، 6 (ހައެއް) ގަޑިއިރުގެ އިތުރު ފުރުސަތެއް، އޭނާއަށް ދޭންވާނެއެވެ. އަދި އެ 6 (ހައެއް)ގަޑިއިރު ފާއިތުވާއިރުވެސް، އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުވެފައިނުވާނަމަ، ފުލުހުންނަށް އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދެވިދާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ހާލަތުގައި ކުށުގެ ތުހުމަތުގައިވާ މީހާގެ ގާނޫނީ ވަކީލުގެ ޣައިރު ހާޒިރުގައި އޭނާއާ ސުވާލުކުރުމައިގެން ކުރިއަށްދިޔަ ނަމަވެސް، އޭގެ ފަހުން އޭނާގެ ވަކީލު ހާޒިރުވެއްޖެނަމަ، ވަކީލު ހާޒިރުވާ ހިސާބުން ފެށިގެން އޭނާއާ ސުވާލުކުރަންވާނީ ވަކީލުގެ ހާޒިރުގައެވެ.

(އ) މި މައްދާގެ (ރ) ގައި ބަޔާންކުރާ ހާލަތުގައި ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކުރަމުންދަނިކޮށް، އޭނާ ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފިނަމަ، އޭނާއާ ސުވާލުކުރުން ވަގުތުން ހުއްޓާލަންވާނެއެވެ. އަދި ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު، މި މާއްދާގެ (ނ)، (ބ) އަދި (ޅ) ގައިވާ ގޮތުގެމަތިން އޭނާއަށް ދޭންވާނެއެވެ.

(ވ) ފުލުހުން ސުވާލުކުރާ މީހާ އާންމުކޮށް ވާހަކަދައްކާ އުޅޭ ބަހުން ނުވަތަ އޭނާއަށް އެނގޭ އެނޫންވެސް ބަހަކުން ފުލުހުންނަށް އޭނާއާ ސުވާލުކުރަން ނޭނގޭނަމަ، ފުލުހުން ކުރާ ސުވާލުތައް އޭނާއަށް ތަރުޖަމާކޮށްދެވޭނެ މީހަކު ހޯދައި، އެ ތަރުޖަމާނުގެ ހިދުމަތް ފުލުހުން ބޭނުންކުރަންވާނެއެވެ. އަދި، އޭނާ ވާހަކަދައްކަނީ އިށާރާތުން ކަމުގައިވާނަމަ، އެކަން އޭނާއަށް ކޮށްދިނުން އެކަށީގެންވާ މީހަކު އޭނާއާ އެއް ހާޒިރުގައި ބަހައްޓައި، އެފަދަ މީހެއްގެ ބޭނުން ފުލުހުން ހިފަންވާނެއެވެ.

(މ) ކުށުގެ ތުހުމަތުގައިވަނީ ކުޑަކުއްޖެއް ކަމުގައިވާނަމަ، އެ ކުއްޖަކާ ސުވާލުކުރަންވާނީ، އެ ކުއްޖެއްގެ ބެލެނިވެރިއެއް، ނުވަތަ ބެލެނިވެރިއަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި، އެ ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެއެހެން ފަރާތެއްގެ ހާޒިރުގައެވެ.

(ފ) ކުށުގެ ތުހުމަތުގައިވާ މީހަކާ ފުލުހުން ސުވާލުކުރަން ފެށުމުގެ ކުރިން ދޭ ގާނޫނީ އިންޒާރާއި އެއަށް އޭނާ ދޭ ޖަވާބާއި، ފުލުހުން ކުރާ ސުވާލާއި، އެ ސުވާލުތަކަށް އޭނާ ދޭ ޖަވާބަކީ، އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑުކުރެވެންވާނެ ސުވާލާއި ޖަވާބެވެ. އަދި އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑު ނުކުރެވޭގޮތަށް މީހަކާ ސުވާލުކޮށްގެން ނުވާނެއެވެ.

(ދ) ތަހްގީގުގައި އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑުކުރެވޭ އެއްޗެއްސަކީ އެ މީހަކު ތަހްގީގުގައި އެގޮތަށް ދައްކާފައިވާ ވާހަކަ ކަމަށް ސާބިތުކޮށްދިނުމަށްޓަކައި ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅޭނެ އަދި ކޯޓުން ބަލައިގަންނާނެ ހެއްކެވެ.

 

47 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޖިނާއީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަނގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފުމަށް ކޮންމެ ވަގުތެއްގައިވެސް އިހްތިޔާރުކުރެވިދާނެއެވެ. އަދި އެ ހައްގުގެ ބޭނުންހިފާނަމަ، އެ ހައްގު އޭނާ އިހްތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އެކަން، ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

(ށ) ކުށުގެ ތުހުމަތުކުރެވޭ މީހާ ހަނުހުރުމުގެ ހައްގު އިހްތިޔާރުކޮށްފިކަމަށް މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބުނެފި ހިނދެއްގައި، އޭނާއާމެދު ކުރެވިފައިވާ ތުހުމަތާގުޅޭގޮތުން އޭނާއާ ދެން އިތުރަށް އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. އަދި، އޭނާ އެ ހައްގު އިހްތިޔާރުކުރީ، ސުވާލުކުރެވެމުން ދަނިކޮށް ކަމުގައިވާނަމަ، އޭނާއާ ސުވާލުކުރަމުން ދިޔަދިއުން އެހިނދުން ފެށިގެން ހުއްޓާލަންވާނެއެވެ.

(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ހަނުހުރުމުގެ ހައްގު ކުށުގެ ތުހުމަތުގައިވާ މީހަކަށް ލިބިދެނީ، ގާނޫނުގެ ކުރިމަތީގައި އޭނާ ޖަވާބުދާރީވާންޖެހޭ މީހަކަށް އޭނާ ދޭ ޖަވާބަކުން، އޭނާގެ މައްޗަށް ކުށެއް ސާބިތުކުރުމަށް ހެކި ހުށަހެޅިދާނެ ހާލަތެއްގައި ނުވަތަ އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ދޭންޖެހޭ ހާލަތުގައި، އެ ނިސްބަތަށް އެކަންޏެވެ. އެނޫން ހާލަތްތަކުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ.

(ރ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ށަރީއަތަށް ހުށަހަޅާފާނެ މައުލޫމާތަކީ، ކުށުގެ ތުހުމަތުގައިވާ މީހާއާ ދެކޮޅަށް ކުށެއް ސާބިތުކުރުމަށް ބޭނުންކުރެވިދާނެ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތެއް އެ އިދާރާއަށް ނުދީ، އެ ހާލަތުގައި، ހަނުހުރުމުގެ ހައްގު، އޭނާއަށް ލިބިދެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެންއޮތްނަމަވެސް، އޭނާގެ ފަރާތުން ދެވޭ މައުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ކަމުގައިނުވާނަމަ، އެ މައުލޫމާތެއް ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާމަކުރަންވާނެއެވެ. އެ ހާލަތުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ.

 

48 ވަނަ މާއްދާ – އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު

(ހ) ކުށެއްގެ ތުހުމަތުގައިވާ ކޮންމެ މީހަކަށްމެ، އެ މީހެއްގެ އަމިއްލަ ނަފްސާ ދެކޮޅަށްބަޔާނެއް ނުދިނުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މާއްދީ ހެއްކެއްގެ ގޮތުގައި ށަރީއަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައިވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭ ހާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެކެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދިނުމަށް އޭނާ އިންކާރުކޮށްފިނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓު އަމުރެއްގެ ދަށުން އެ އެއްޗެހި ހޯދައި، އޭނާއާ ދެކޮޅަށް ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ކޯޓު އަމުރު ތަންފީޒުކުރުމަށް އެއްބާރުލުން ނުދޭ ހާލަތްތަކުގައި، އެ އަމުރު ތަންފީޒުކުރުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ހާލަތުގައި، އެ އަކުރުގައި ބަޔާންވެގެންވާ ސާމްޕަލެއް ދިނުމަށް މި ގާނޫނުގައި ބަޔާންވެގެންވާ ހާލަތްތަކުގައި އަދި މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން މެނުވީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ލާޒިމުކުރުވުމަކީ އޭނާގެ ބަޔާން މަޖުބޫރުން ހޯދުންކަމުގައި ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށްޓަކައި ބެލޭނެއެވެ. އަދި އެފަދައިން ހޯދާ ބަޔާން، ށަރީއަތުގެ މަޖިލީހުގައި ހެއްކެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. އަދި، އެފަދަ ބަޔާނެއް ށަރީއަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތެއްވެސް ނޯންނާނެއެވެ.

 

49 ވަނަ މާއްދާ – ހަނުހުރުމާއި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ދިނުން ކަމުގައިނުވާ ކަންކަން

(ހ) ޖިނާއީ ކުށެއްގެ ތުހުމަތުގައި ހިންގާ ތަހްގީގެއްގައި ނުވަތަ ޖިނާއީ ކުށެއްގެ ށަރީއަތުގައި، ވަކި ސުވާލެއްގެ ޖަވާބުދިނުމަކީ އޭގެ ސަބަބުން ޖިނާއީ ދައުވާއެއް އުފުލުމަށް ނުވަތަ ޖިނާއީ ކުށެއް ސާބިތުކުރުމަށް މަގުފަހިކުރާ ކަމަކަށް ނުވާ ހާލަތުގައި، އެހެންނަމަވެސް އެ ސުވާލުގެ ޖަވާބުދިނުމަކީ، އޭނާ ލަދުގަންނަންޖެހިދާނެ، ނުވަތަ އޭނާއަށް ދިރިއުޅުމުގައި ދަތިތަކެއް ކުރިމަތިވެދާނެ، ނުވަތަ އޭނާއާމެދު މީހުން ދެކޭގޮތަށް ބަދަލެއް އަތުވެދާނެ ކަމެއްކަމުގައިވީނަމަވެސް، އެ ސުވާލުގެ ޖަވާބުދިނުން އޭނާގެ މައްޗަށް ލާޒިމުވެގެންވެއެވެ. އަދި، އެ ސުވާލަށް ޖަވާބުނުދިނުން އެއީ، ހަނުހުރުމުގެ ހައްގުގެ ތެރޭގައި ހިމެނިގެންވާ ކަމެއް ނޫނެވެ.

(ށ) މީހަކު ކުރިކަމަށް ކުރިން ސާބިތުވެފައިވާ ކުށެއްގެ މައުލޫމާތު ހޯދުމަށް އޭނާއާ ސުވާލުކުރެވޭހިނދު، އެ ސުވާލުގެ ޖަވާބުދިނުމުގައި ހަނުހުރުމުގެ ހައްގުގެ ބޭނުމެއް ނުކުރެވޭނެއެވެ. އެއީ، އެ ކުށް އޭނާގެ މައްޗަށް ސާބިތުވެ ނިމިފައިވާކަމަށްޓަކައި، އެ ކުށަށް ދެވަނަ ފަހަރަށް އަދަބެއް ދިނުން ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން މަނާކުރާތީއެވެ.

(ނ) މި ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތް ފިޔަވައި އެނޫން ހާލަތެއްގައި ކުށުގެ ތުހުމަތުގައިވާ މީހާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ދޭންޖެހުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

(ރ) ހަނުހުރުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި، ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ތެރޭގައި، މި ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ ދާއިރާއިން ބޭރުގައި، ވަކި އެއްޗެއް އޮތްތަނެއް ނުވަތަ ވަކި ތަނެއް ހުޅުވޭނެގޮތް ނުވަތަ ތަޅުދަނޑިއެއް ނުވަތަ ޕާސްވާރޑެއް ނުވަތަ ތަޅެއް ހުޅުވޭނެ ނަންބަރުތަކެއް ނުވަތަ ވަކި އެކައުންޓެއް އެއީ ކޮން އެކައުންޓެއްކަން ބުނެދޭން ޖެހުމެއް ނުހިމެނެއެވެ.

(ބ) ވަކި އެއްޗެއް އެއީ ކާކުގެ އެއްޗެއްކަން ދެނެގަތުމުގެ ބޭނުމުގައި އެކަނި، އަދި ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް ނުވާގޮތުން، މީހެއްގެ އިނގިލީގެ ނިށާނެއް ނުވަތަ އަޑުގެ ރެކޯޑިންގއެއް ނުވަތަ އިސްތަށީގެ ނުވަތަ ޑީ.އެން.އޭ ސާމްޕަލެއް ނުވަތަ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ ސޮއި ސާމްޕަލެއް ނުވަތަ ފޮޓޯއެއް ނުވަތަ އެކްސްރޭއެއް ނުވަތަ މިނެއް ދިނުމަށް އެންގުމުން އެކަން ކުރަން ޖެހުމަކީ، ހަނުހުރުމުގެ ހައްގުގެ ދާއިރާގެ ތެރޭގައި، ނުވަތަ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާންނުދިނުމުގެ ހައްގުގެ ތެރޭގައި، ހިމެނޭ ކަމެއް ނޫނެވެ.

 

50 ވަނަ މާއްދާ – ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން

(ހ) ހައްޔަރުކުރުމަށް ނުވާގޮތުން، ކުށެއްގެ ތުހުމަތުގައި މީހަކާ ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންދެވިދާނެއެވެ. އަދި އެފަދައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުންނަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގާނޫނީ އިންޒާރު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ގާނޫނީ އިންޒާރުގައި ހިމެނިގެންވަނީ އަންނަނިވި ކަންކަން އޭނާއަށް އެންގުމެވެ.

  1. އޭނާ ހައްޔަރުކުރުމަށް ނުވާގޮތުން، ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެކަން؛ އަދި
  2. އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުކަން؛ އަދި
  3. އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން؛ އަދި
  4. އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން.

(ނ) މި މާއްދާގެ ދަށުން އަންގާ ގާނޫނީ އިންޒާރެއްގެ ގާނޫނީ ހައްސިއްޔަތު ފުރިހަމަވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން އެފަދަ އެންގުމެއްގައި ހިމެނިގެންވާނަމައެވެ.

(ރ) މި މާއްދާގެ 0ހ) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ ގިނަވެގެން 4 (ހަތަރެއް) ގަޑިއިރުގެ މުއްދަތަށެވެ.

(ބ) ހައްޔަރުކުރުމަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކަށް، އޭނާއާ ސުވާލުކުރެވޭ ސަބަބު ސާފުކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ވަގުތުގެ ތެރެއިން ގިނަވެގެން 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް އެ މީހަކާ ފުލުހުންނަށް ސުވާލުކުރެވިދާނެއެވެ. އެހެންނަމަވެސް، ސުވާލުކުރާ ވަގުތު، އެއްވެސް ސަބަބަކާ ހެދި 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ކ) ހައްޔަރުކުރުމަށް ނުވާގޮތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ފުލުހުނ ްމީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ ރަހްމަތްތެރިއަކަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް ގުޅުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(އ) ހައްޔަރުކުރުމަށް ނުވާގޮތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ ބޭނުންކަމުގައިވާނަމަ، އޭނާއާ ސުވާލުކުރެވޭ ވަގުތު އޭނާގެ ގާނޫނީ ވަކީލު އޭނާއާ އެކުގައި ހުރުމަށް އެދުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. އަދި، އޭނާ އެކަމަށް އެދެފިނަމަ، އެކަން އެގޮތަށް ކޮށްދިނުން ފުލުހުންގެ މައްޗަށް ލާޒިމުވެގެންވެއެވެ.

(ވ) ހައްޔަރުކުރުމަށް ނުވާގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހަކު ހައްޔަރުކުރަން އެކަށީގެންވާ ސަބަބެއްނުވާނަމަ، އޭނާއާ ސުވާލުކޮށް ނިމުމުން، އޭނާ އިތުރަށް ހިފަހައްޓައިގެންނުވާނެއެވެ. އަދި ސުވާލުކޮށް ނުނިމުނު ނަމަވެސް، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުތާ 4 (ހަތަރެއް) ގަޑިއިރު ހަމަވުމުން، އޭނާ އިތުރަށް ހިފަހައްޓައިގެންނުވާނެއެވެ.

 

51 ވަނަ މާއްދާ – ގާނޫނީ ވަކީލެއްގެ އެހީ ލިބިގަތުން

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، ނުވަތަ ހައްޔަރުކުރުމަށް ނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކު ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދެފިނަމަ، އޭނާގެ ވަކީލުގެ ހާޒިރުގައި މެނުވީ އޭނާއާ ފުލުހުން ސުވާލުކޮށްގެން ނުވާނެއެވެ.

(ށ) ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރެވޭއިރު ފުލުހުން އޭނާއަށް ދޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައި އަދި އެ އިންޒާރުގައި ހިމެނޭ ކަންކަން އޭނާއަށް ފުލުހުން ސާފުކޮށްދިނުމަށްފަހުގައި، ގާނޫނީ ވަކީލަކު އައްޔަންކުރުމަށް އޭނާ ބޭނުންނުވާކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފިނަމަ، މި ގާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުންނަށް އޭނާއާ ސުވާލުކުރެވިދާނެއެވެ. އެހެންނަމަވެސް، އޭގެ ފަހުން އެއްވެސް އިރެއްގައި އޭނާ ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފިނަމަ، ގާނޫނީ ވަކީލެއް އައްޔަންކުރުމުގެ ފުރުސަތު، މި ގާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުން އޭނާއަށް ދޭންވާނެއެވެ.

(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، ފުލުހުން އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ. އެގޮތުން، އެއް ފުރުސަތަށްވުރެ ގިނަ ފުރުސަތަށް އެދިއްޖެނަމަ، އެ ފުރުސަތުތައްވެސް އޭނާއަށް ދޭންވާނެއެވެ.

(ރ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީ ހަމަޖައްސައިދިނުމަށް އެދެފިނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދެވޭ ހާލަތްތައް އެ މީހަކަށް ފުލުހުން ސާފުކޮށްދޭންވާނެއެވެ. އަދި ހައްޔަރުކުރެވޭ މީހާއާމެދު ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އަދި އޭނާއަކީ ގާނޫނީ ވަކީލެއް ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން އޭނާއަށް ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދޭންވާނެއެވެ.

(ބ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. އެ ގަވާއިދުގައި، ޖިނާއީ ބޮޑު ކުށަކާ ގުޅިގެން ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީއަށް އެދޭ މީހުންނަށް ދައުލަތުން އެ އެހީ ފޯރުކޮށްދޭނެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.

(ޅ) ކުށުގެ ތުހުމަތުގައިވާ މީހަކާއި އޭނާގެ ގާނޫނީ ވަކީލާ ދެމެދު ކުރެވޭ މުއާމަލާތްތަކަކީ ގާނޫނީ ހިމާޔަތް ލިބިގެންވާ މުއާމަލާތްތަކެކެވެ.

(ކ) ދައުލަތުން ކަނޑައަޅާ ދިފާއީ ވަކީލުން އައްޔަނުކުރާ ހާލަތްތަކުގައި ފިޔަވައި، މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުކުރެވިފައިވާ ފަރާތެއް އެ މައްސަލައިގައި ސުވާލު ކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައި އައްޔަނުނުކުރެވޭނެއެވެ.

 

52 ވަނަ މާއްދާ – ބަންދުކުރުން

(ހ) އެހެން ގާނޫނެއްގައި ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ ހާލަތެއްގައި މެނުވީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ބަންދުކޮށްފައި ބައިތިއްބަންވާނީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައި ކަނޑައަޅާފައިވާފަދަ ކަސްޓޯޑިއަލް ޖަލެއްގައެވެ.

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ ހައްޔަރުކުރެވޭއިރު ފުލުހުން ދޭ ގާނޫނީ އިންޒާރުގައި ބަޔާންކޮށްފައިވާ ހައްގުތައް، އޭނާ ބަންދުގައި ހުންނަ މުއްދަތުގައިވެސް ލިބިދެވޭނެއެވެ.

 

53 ވަނަ މާއްދާ - ބަންދުގައި ހުންނަ މީހާ ބަލައި ފާސްކުރުން

(ހ) ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހަކު ބަލައި ފާސްކުރުމުގެ ބަލައި ފާސްކުރުން ބާރު، މި ގާނޫނުގައިވާ ގޮތުގެމަތިން ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެންއޮތްނަމަވެސް، ބަލައި ފާސްކުރެވޭ މީހާގެ ގައިގައި އަތްލާންވާނީ، އަދި، އޭނާ ބަލައި ފާސްކުރެވޭހިނދު އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މީހަކު ބަލައި ފާސްކުރުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާއާ އެއް ޖިންސުގެ އޮފިސަރަކު އެތަނުގައި ނެތްނަމަ، އޭނާއާ އެއް ޖިންސުގެ މީހަކު އެތަނަށް ހާޒިރުކުރުވައި، އެ މީހަކު މެދުވެރިކޮށް ކުށުގެ ތުހުމަތުގައިވާ މީހާ ބަލައި ފާސްކުރެވިދާނެއެވެ. އެ ހާލަތުގައި މީހަކު ބަލައި ފާސްކުރެވޭއިރުވެސް އެތާނގައި ތިބެންވާނީ، ބަލައި ފާސްކުރެވޭ މީހާއާ އެއް ޖިންސެއްގެ މީހުން އެކަންޏެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެންއޮތްނަމަވެސް، މީހަކު ބަލައި ފާސްކުރުމުގައި، އޭނާގެ ޖިންސީ ގުނަވަނެއް ހާމަކުރަން ޖެހޭކަމަށްވާނަމަ، ނުވަތަ އެއިން ގުނަވަނެއް ބަލައި ފާސްކުރަންޖެހޭކަމަށްވާނަމަ، އެކަން ކުރަންވާނީ، މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހޯދާ ކޯޓު އަމުރަކާ އެކުގައި، އެ އަމުރުގައި ބަޔާންވެގެންވާ ގޮތެއްގެމަތިންނެވެ.

 

54 ވަނަ މާއްދާ – ބަލައި ފާސްކުރާއިރު ބައެއް ތަކެތި ހިފެހެއްޓުން

(ހ) ފުލުހުން ހައްޔަރުކޮށް، ބަންދުގައި ބަހައްޓާފައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ ތަކެތީގެ ތެރެއިން އޭނާއާމެދު ތުހުމަތުކުރެވޭ ކުށާ ގުޅުންހުރި އެއްޗެހި، ހެކީގެ ގޮތުގައި ނަގައި، ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހާ ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ އަންނަނިވި ތަކެތި ފުލުހުން ނަގައި، ފުލުހުންގެ އަތުގައި ވަގުތީގޮތުން ބެހެއްޓިދާނެއެވެ.

  1. އޭނާގެ އަތުގައި އޮތް އެއްޗަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ނުވަތަ ހަށިގަނޑަށް މާއްދީ ގެއްލުމެއް ލިބިދާނެ އެއްޗެއް ކަމުގައިވުން؛
  2. އެހެން މީހަކަށް ނުރައްކާވެދާނެ ނުވަތަ މާއްދީ ގެއްލުމެއް ކުރިމަތިކުރުވަފާނެ އެއްޗެއް ކަމުގައިވުން؛
  3. ފިލައިގެންދިޔުމަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމުގައިވުން؛
  4. އޭނާގެ އަތުގައި އޮތް އެއްޗަކީ، އޭނާ ބަންދުގައި ހުންނަ މުއްދަތުގައި، ފުލުހުން ރައްކާތެރިކަމާއެކު ބަލަހައްޓައިދޭންޖެހޭ އެއްޗެއް ކަމުގައި ފެނުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓާ އެއްޗެހި، އެ މީހަކު ބަންދުން ދޫކޮށްލާއިރު އެ މީހަކާ އަނބުރާ ހަވާލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން މީހަކު ބަލައި ފާސްކުރުމުގައި، އޭނާގެ އަތުން ނުވަތަ ހަށިގަނޑުން ނުވަތަ ފޭރާމުން ފެންނަ އެއްޗަކީ ގާނޫނާ ހިލާފު އެއްޗެއް ކަމުގައިވާނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. އެ ހާލަތުގައި ހިފެހެއްޓޭ އެއްޗެއް އެ މީހަކަށް އަނބުރާ ހަވާލެއް ނުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ފުލުހުން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ އެއްޗެހި ކަނޑައަޅައި، އެތަކެތި ރައްކާތެރިކަމާއެކު ބެލެއްޓުމާބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅަންވާނެއެވެ.

 

55 ވަނ މާއްދާ – ބަންދުގައި ހުންނަ މީހާގެ ސާމްޕަލް ނެގުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަ މީހާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

  1. އޭނާއަކީ ކާކުކަން ދެނެގަނެވޭނެ މާއްދީ ނިށާންތައް ފާހަގަކޮށް އޭނާގެ ފޮޓޯ ނެގުން؛
  2. އޭނާގެ އިނގިލީގެ ނިށާން ނެގުން؛
  3. އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި މީހެއް ކަމުގައި، އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ހާލަތުގައި، އޭނާގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުން؛
  4. އޭނާގެ ހަށިގަނޑުގެ ބޭރުން ސާމްޕަލް ނެގުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ޖިނާއީ ތަހްގީގެއްގައި އަންނަނިވި ކަންކަން ކުރެވޭނީ، ކޯޓު އަމުރެއްގެ ދަށުން، އެ އަމުރެއްގައިވާ ގޮތުގެމަތިންނެވެ.

  1. މީހެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރުން؛
  2. މީހެއްގެ ޖިންސީ ގުނަވަނެއްގެ ފޮޓޯ ނެގުން؛
  3. މީހެއްގެ ހަޑިގަނޑުގެ ތެރެއިން ސާމްޕަލް ނެގުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަމެއް ކުރުމަށް ކޯޓު އަމުރަކަށް އެދެވޭނީ، ޖިނާއީ ބޮޑު ކުށްކުށާއި ޖިންސީ ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާ ގުޅޭގޮތުން އެކަންޏެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކުރުމަށްޓަކައި ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ހައްޔަރުކުރެވިފައިވާ މީހާގެ މައުލޫމާތު؛
  2. ހައްޔަރުކުރެވިފައިވާ މީހާ ކުރި ކަމަށް ތުހުމަތުކުރެވޭ ޖިނާއީ ބޮޑު ކުށަކީ ނުވަތަ ޖިންސީ ކުށަކީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށެއްކަން؛
  3. ހައްޔަރުކުރެވިފައިވާ މީހާ ކުރިކަމަށް ތުހުމަތުކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް އެހާތަނަށް ލިބިފައިވާ ހެކި؛
  4. ކޯޓު އަމުރަށް އެދެނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮން ކަމަކަށްޓަކައި ކަމާއި، އެކަން ކުރަން ބޭނުންވާ ސަބަބު؛
  5. ކޯޓު އަމުރުން ކުރުމަށް ހުއްދަދޭ ކަންކަން ތަންފީޒުކުރާ ފަރާތެއްގެ ނަމާއި މަގާމު.

(ބ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކުރަންވާނީ، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ހުއްދަލިބިފައިވާ ސިއްހީ އެހީތެރިއެއްގެ އެހީގައެވެ.

(ޅ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގެ ދަށުން އަމަލުކުރުމުގެ ކުރިން، އޭގެ ސަބަބުން އެ މީހާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް އެއްވެސް ނުރައްކަލެއްނުވާނެކަން ކަށަވަރުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީހެއްގެ ސާމްޕަލެއް ނެގުމުގެ ކުރިން، ނަގަން ބޭނުންވާ ސާމްޕަލަކީ ކޮބައިކަމާއި، އެ ސާމްޕަލް ނެގެނީ ކޮން ސަބަބަކަށްޓަކައިކަން ކުށުގެ ތުހުމަތުގައިވާ މީހާއަށް ފުލުހުން ބަޔާންކޮށްދޭންވާނެއެވެ. އަދި ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިންސީ ކުށެއް ކުރިކަމަށް ނުވަތަ އެފަދަ ކުށެއްގައި ބައިވެރިވިތޯ ބެލުމަށްޓަކައި އެހެން ސާމްޕަލަކާ ނުވަތަ ސާމްޕަލްތަކަކާ އަޅައިކިޔުމަށް އޭނާގެ ކިބައިން ހޯދޭ ސާމްޕަލް ބޭނުންކުރެވިދާނެކަންވެސް ބަޔާންކޮށްދޭންވާނެއެވެ.

(އ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީހެއްގެ ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެކަން ލިޔުމުން ފެންނަން އޮންނަންވާނެއެވެ. އަދި އެ ސާމްޕަލް ނެގީ އޭނާގެ ރުހުމުގައިކަން ނުވަތަ ނޫންކަން، އަދި އެ ސާމްޕަލް ނެގީ ކާކުކަން އެ ލިޔުމުގައި އެނގެން އޮންނަންވާނެއެވެ.

(ވ) މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީހެއްގެ ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެ ސާމްޕަލް ފޮނުވާނީ، ތަހްލީލު ރިޕޯޓެއް ހޯދުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ލެބޯރަޓަރީއަކަށެވެ.

(މ) މި މާއްދާގެ ބޭނުމަށްޓަކައި "ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ޕިއުބިކް ސަރަހައްދުނޫން އެހެން ހިސާބުތަކުން ނެގޭ އިސްތަށި، ނިޔަފައްޗާއި ނިޔަފަތި ދަށުން ނެގޭ ސްވަބް ސާމްޕަލް، އަނގައިންނާއި ހަށިގަނޑުގެ އެހެނިހެން ހިސާބުތަކުން ނެގޭ ސްވަބް ސާމްޕަލް، ކުޅު، ކުޑަކަމުދާ ތަކެތި، އިނގިލީގެ ނިށާން ފިޔަވައި ހަށިގަނޑުގެ ހަމުގައި ފެންނަން ހުންނަ ތަފާތު ނިށާންތަކަށެވެ. މީގެ ތެރޭގައި އަނގަ ފިޔަވައި ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލެއް މިމާނައިގައި ނުހިމެނޭނެއެވެ.

 

56 ވަނަ މާއްދާ – ހަށިގަނޑުގެ ތެރެއިން ސާމްޕަލް ނެގުން

(ހ) ފުލުހުން ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހެއްގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނަގަންވާނީ، އޭނާ ޖިނާއީ ބޮޑު ކުށެއް، ނުވަތަ ޖިންސީ ކުށެއް ކޮށްފައިވާކަން ނުވަތަ އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާކަން ނުވަތަ ނޫންކަން އެ ސާމްޕަލުން ދައްކުވައިދޭނެކަމަށް ފުލުހުންގެ އިންސްޕެކްޓަރުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ހާލަތުގައި، އޭނާގެ ހަށިގަނޑުން އެ ސާމްޕަލް ނެގުމުގެ ހުއްދަ އެ އޮފިސަރު ލިޔުމުން ދީފައިއޮތުމާއެކު، ކުށުގެ ތުހުމަތުގައިވާ މީހާ އެކަމަށް ލިޔުމުން ރުހުން ދީފައިވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށުގެ ތުހުމަތުގައިވާ މީހާ ލިޔުމުން ރުހުން ދީފައިނުވާހާ ހިނދަކު، އޭނާގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް، ކޯޓު އަމުރަކާއެކު މެނުވީ ނަގައިގެންނުވާނެއެވެ.

(ނ) ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނެގުމަށްޓަކައި ކޯޓު އަމުރަށް އެދުމުގައި އަދި އެ އަމުރު ތަންފީޒުކުރުމުގައި އަމަލުކުރާނީ މި ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. 

(ރ) މި މާއްދާގެ ދަށުން މީހެއްގެ ހަށިގަނޑުގެ ތެރެއިން ސާމްޕަލެއް ނަގައިފިކަމަށްވާނަމަ، އެ ސާމްޕަލް ފޮނުވާނީ، ތަހްލީލު ރިޕޯޓެއް ހޯދުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ލެބޯރަޓަރީއަކަށެވެ.

(ބ) މި މާއްދާގެ ބޭނުމަށްޓަކައި "ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ދަތްޕިލައިގެ ނިށާން، ލޭ، މަނި، މައިދާގެ ތެރެއިން ނެގޭ ސާމްޕަލް، ޖިންސީ ގުނަވަނާއި އެގުނަވަނުގެ ވަށައިގެންވާ ސަރަހައްދުން ނެގޭ އިސްތަށި، ހަށިގަނޑުގެ ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލް، ޑީ.އެން.އޭ ހެދުމަށްޓަކައި ނެގޭ ކަށީގެ މަދު އަދި ސޮފްޓް ޓިށޫ އަދި ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ބާނައިގެން ނަގާ ކުޑަކަމުދާ ތަކެއްޗަށެވެ. މީގެ ތެރޭގައި ސްވަބް މެދުވެރިކޮށް އަނގައިން ނެގޭ ކުޅުގެ ސާމްޕަލެއް ނުހިމެނެއެވެ.

 

57 ވަނަ މާއްދާސާމްޕަލް ނެގުމާބެހޭ ގަވާއިދު

މި ގާނޫނުގެ 55 ވަނަ މާއްދާއާއި 56 ވަނަ މާއްދާގެ ދަށުން މީހެއްގެ ހަށިގަނޑުން ސާމްޕަލް ނަގާނެ ގޮތުގެ އިޖުރާއަތާއި، އެ ސާމްޕަލް ނެގުމަށްފަހު، ރައްކާތެރިކަމާއެކު އެ ބެލެހެއްޓޭނެ ގޮތާއި، އެ ޓެސްޓުކުރެވޭނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަޔާންކުރަންވާނެއެވެ.

 

 

ހަވަނަ ބާބު

ބަންދުކޮށްފައިވާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން

58 ވަނަ މައްދާ – ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުވުން

(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި، ވީއެންމެ އަވަހަކަށް، އަދި އޭނާ ހައްޔަރުކުރެވޭތާ ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރުކުރަންވާނެއެވެ.

(ށ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވޭ މީހަކުވެސް، ބަންދުގައި ބަހައްޓާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުގައި ފިޔަވައި، ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމަށްޗަށް ހާޒިރުނުކޮށް، 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެއެވެ.

  1. ފަނޑިޔާރު ހުރީ އޭނާ ހައްޔަރުކުރެވުނު ރަށް ނޫން އެހެން ރަށެއްގައި ކަމަށްވެފައި، ދަތުރުފަތުރު ކުރުމުގެ އެކަށީގެންވާ ވަސީލަތެއް ނެތުން، ނުވަތަ ދަތުރުކުރުމަށް މޫސުން ތަން ނުދިނުން؛
  2. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ހައްޔަރުކުރެވޭ މީހެއްނަމަ، ކަނޑައެޅިފައިވާ ވަގުތަށް އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ ވަރަށްވުރެ ދަތުރަށް ހޭދަވާ ވަގުތު ދިގުވުން؛
  3. އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާއަށް ފަރުވާ ދޭންޖެހުން ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި އެޑްމިޓްކޮށްފައި އޮތުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބެއް މެދުވެރިވާ ހާލަތުގައި، އެ ސަބަބެއް ފިލައިދިޔަހާ އަވަހަކަށް އެ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެއެވެ. އަދި މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބެއް މެދުވެރިވިކަން ދަލީލުކޮށްދޭ ރަސްމީ ލިޔުމެއް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައަޅައިދިނުމަށް އެދި ފަނޑިޔާރަށް ހުށަހަޅާނީ ގާނޫނު ތަންފީޒުކުރާ އިދާރާއިންނެވެ.

(ޅ) ބަންދުކުރެވިފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ ށަރީއަތަކަށް އެ މީހާގެ ބަންދާގުޅޭ އަންނަނިވި މައުލޫމާތު، އޭނާ ބަންދުކުރި ފަރާތުން ހުށަހަޅަންވާނެއެވެ.

  1. ހުށަހަޅާ ފަރާތުގެ މައުލޫމާތު؛
  2. ހައްޔަރުކޮށްފައިވާ މީހާގެ މައުލޫމާތު؛
  3. އޭނާ ހައްޔަރުކުރި ތާރީހާއި ގަޑި؛
  4. އޭނާ ހައްޔަރުކުރި ސަބަބު؛
  5. އޭނާ ހައްޔަރުކުރީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން ކުށަކާ ގުޅިގެންކަން؛
  6. ތުހުމަތުކުރެވޭ ކުށާއި އޭނާއާ ގުޅުވައިދޭ ހެކި ލިބިފައިވާ މިންވަރު؛
  7. އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބު؛
  8. އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ މުއްދަތު؛
  9. އޭނާގެ ކުށުގެ ރެކޯޑް؛
  10. ގާނޫނު ތަންފީޒުކުރާ އިދާރާގެ ތައްގަނޑާއި، މައްސަލަ ތަހްގީގުކުރާ މުވައްޒަފުގެ ނަމާއި، ސޮއި.

(ކ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވަނީ އޭނާ ހައްޔަރުކުރެވުނުތާ 24 (ސައުވީސް) ގަޑިއިރު ފާއިތުވި ފަހުން ކަމުގައިވާނަމަ، އެ ސަބަބެއް މެދުވެރިވިކަން ފަނޑިޔާރަށް ގަބޫލުކުރެވޭނެ މިންވަރަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން މައުލޫމާތު ހުށަހަޅަންވާނެއެވެ.

(އ) މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދައުލަތުގެ ފަރާތުން ވާހަކަ ދެއްކުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ވ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބާއްވާ ށަރީއަތުގެ އަޑުއެހުމަކީ، މި ގާނޫނުގެ ބޭނުމަށްޓަކައި ށަރީއަތުގެ މަޖިލީހެއް ކަމުގައި ބެލޭނެއެވެ. އަދި އެ މަޖިލީހުގައި އޭނާ ދޭ ބަޔާންތަކާއި ދައްކާ ވާހަކަތަކަކީ، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާ ފަހުން އުފުލިއްޖެ ހާލަތެއްގައި ބޭއްވޭ ށަރީއަތުގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެކި ކަމުގައި ބެލޭނެއެވެ.

 

59 ވަނަ މާއްދާ – ބަންދާމެދު ގޮތެއް މިންމާއިރު ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންކަން

ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ށަރީއަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެމަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ ދެފަރާތުން ހުށަހަޅާ ކަންތައްތަކަށް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ. އޭގެ އިތުރުން، އަންނަނިވި ކަންކަމަށްވެސް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ.

(ހ) ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން؛

(ށ) އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަން؛

(ނ) އޭނާގެ ކުށުގެ ރެކޯޑް؛

(ރ) ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި އަމަލުކޮށްފައިވާ ގޮތް.

 

60 ވަނަ މާއްދާ – ބަންދާމެދު ގޮތެއް ކަނޑައެޅުން

(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ށަރީއަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެމަތިންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރެއް ފަނޑިޔާރު ނެރެންވާނެއެވެ.

  1. މި މާއްދާގެ (ށ) ނުވަތަ (ބ) ގެ ދަށުން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް؛
  2. މި މާއްދާގެ (ނ) ގެ ދަށުން އެއްވެސް ށަރުތެއް ނެތި އޭނާ ބަންދުން ދޫކުރުމުގެ އަމުރެއް؛
  3. މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އޭނާ ކަފާލާތުގެ އުސޫލުން ދޫކުރުމުގެ އަމުރެއް؛
  4. މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އޭނާ ށަރުތަކާއެކު ބަންދުން ދޫކުރުމުގެ އަމުރެއް.

(ށ) ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އޭނާގެ ށަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

  1. އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ
  2. އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ
  3. އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ
  4. އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.

(ނ) ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތްނަމަ، އަދި މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތްނަމަ، އެއްވެސް ށަރުތަކާ ނުލައި އޭނާ ބަންދުން ދޫކޮށްލުމަށް އަންގަންވާނެއެވެ.

(ރ) ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބެއް ނެތް ކަމުގައިވީނަމަވެސް، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އޭނާ ބަންދުން ދޫކޮށްލުމުގ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

  1. ކަފާލާތުގެ އުސޫލުން އޭނާ ބަންދުން ދޫކުރުމަށް؛ ނުވަތަ
  2. ކޯޓުން ކަނޑައަޅާ ށަރުތުތަކަކާއެކު އޭނާ ބަންދުން ދޫކުރުމަށް.

(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައިވިޔަސް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، މި ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިއާޔަތްކޮށް، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މުއްދަތު ހަމަވުމަށްފަހު އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން ބޭނުންނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، އިތުރު މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އޭނާއާ އެކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވާނަމަ، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، އޭނާ ބަންދުކޮށްފައިވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އޭނާ 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ށަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ ދަށުން ފަނޑިޔާރަކު އަމުރެއް ކުރުމުގައި، ށަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާނަމަ އެގޮތަށް ފެންނަ ސަބަބު، ނުވަތަ ށަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރަށް ނުފެންނަނަމަ ނުފެންނަ ސަބަބު، ނުވަތަ މީހަކު ބަންދުން ދޫކޮށްލަން ނިންމައިފިނަމަ އޭނާ ބަންދުން ދޫކޮށްލަން ނިންމި ސަބަބު، ނުވަތަ ކަފާލާތުގެ ދަށުން ނުވަތަ ށަރުތަކާއެކު ދޫކޮށްލަށް ނިންމައިފިނަމަ، އެފަދައިން ނިންމި ސަބަބު، އެ އަމުރުގައި ބަޔާންކުރަންވާނެއެވެ.

(ވ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާނެ އުސޫލުތަކާއި، އެފަދަ މައްސަލަތައް ބެލުމުގައި ކޯޓުން އަމަލުކުރާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

 

ހަތްވަނަ ބާބު

ކަފާލާތުގެ ދަށުން ދޫކުރުން

61 ވަނަ މާއްދާ – ކަފާލާތުގެ އުސޫލުން ދޫކޮށްލުމަށް އެދުމުގެ ހައްގު

ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކީ، ކަފާލާތުގެ ދަށުން ދޫކުރެވޭ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްނަމަ، މި ބާބުގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ކޯޓުގައި އެދުމުގެ އިހްތިޔާރު އެ މީހަކަށް ލިބިގެންވެއެވެ.

 

62 ވަނަ މާއްދާ – ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ގޮތްތައް

(ހ) އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަފާލާތުގެ ދަށުން މީހަކު ދޫކުރެވިދާނެއެވެ.

  1. ފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުން؛
  2. މީހަކު ޖާމިނުވުމުން ކަފާލާތުގެ ދަށުން ދޫކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް މީހަކު ކަފާލާތުގެ ދަށުން ދޫކުރާއިރު، ށަރުތަކާ ނުލައިވެސް، ށަރުތަކާއެކުވެސް އެ މީހަކު ދޫކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

63 ވަނަ މާއްދާ – ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ މައްސަލަތައް

އަންނަނިވި ބާވަތުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހަކު ކަފާލާތުގެ އުސޫލުން ދުލެއްނުކުރެވޭނެއެވެ.

(ހ) ގަސްދުގައި މީހަކު މެރިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛

(ށ) މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ހަމަލާދީ، އެ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛

(ނ) ޓެރަރިޒަމްގެ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛

(ރ) ދައުލަތުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުންވާފަދަ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް؛ 

(ބ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ މައްސަލަތައް؛

(ޅ) ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށްކުށުގެ މައްސަލަތައް؛

(ކ) ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެހެން ގާނޫނަކުން ކަނޑައަޅާފައިވާ މައްސަލަތައް.

 

64 ވަނަ މާއްދާމީހަކު ޖާމިނުވުމުން ބަންދުން ދޫކުރުން

(ހ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކުރުމަށްޓަކައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހަކު ޔަގީންކަންދީ ޖާމިނުވެއްޖެނަމަ، އޭނާ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރުކުރެވިދާނެއެވެ.

(ށ) ބަންދުގައިހުރި މީހަކަށް ޖާމިނުވާ މީހެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުމުރުން 21 (އެކާވީސް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛
  2. އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނެގުމުގެ އިހްތިޔާރު ލިބިފައިވާ މީހަކު ކަމުގައިވުން؛
  3. ކުށުގެ ތުހުމަތުގައިވާ މީހާގެ ގާނޫނީ ވަކީލު ކަމުގައިނުވުން؛
  4. ކޯޓެއްގައި އެއްވެސް ޖިނާއީ ދައުވާއެއް ހިނގަމުންދާ މީހެއްކަމުގައި ނުވުން؛
  5. ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ކަމުގައިނުވުން؛
  6. އިފްލާސްކުރެވިފައިވާ ނުވަތަ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއް ކަމުގައިނުވުން؛
  7. ޖިނާއީ ކުށެއް ސާބިތުވެގެން ށަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ނުވަތަ ތަންފީޒުކުރަންޖެހޭ މީހެއް ކަމުގައި ނުވުން؛
  8.  އޭނާ ޖާމިނުވެގެން، ކަފާލާތުގައި ދޫކޮށްފައިވާ އެއްވެސް މީހަކު ފިލާފައިނުވުން؛
  9. ކަފާލާތުގެ އިގުރާރާ ހިލާފުވެފައިވާ މީހަކު ކަމުގައިނުވުން.

(ނ) އުމުރުން 18 (އަށާރަ) އަހަރުނުވާ ކުއްޖަކު ނުވަތަ އަމިއްލަ ދިރިއުޅުމުގައި ޒިންމާ ނެގުމުގެ އިހްތިޔާރު ލިބިފައިނުވާ މީހަކު ކަފާލާތުގައި ދޫކުރެވޭނީ، އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޒިންމާދާރު ބަލަދުވެރިޔަކު ނުވަތަ އެނޫންވެސް އެފަދަ ކުއްޖަކު ނުވަތަ މީހަކު ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތުން ދޭ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށެވެ.

(ރ) ބަންދުގައިހުރި މީހަކަށް ޖާމިނުވާ މީހަކީ އެކަން ކުރެވިދާނެ މީހެއް ކަމުގައި މި މާއްދާގެ (ށ) އަށް ރިއާޔަތްކޮށް ފަނޑިޔާރު ކަނޑައެޅުމުން، އަންނަނިވި ކަންކަން ހިމެނޭ އިގްރާރެއްގައި އޭނާ ސޮއިކުރަންވާނެއެވެ.

  1. ބަންދުގައިހުރި މީހާ ބަންދުން ދޫކޮށްލާފައި ހުންނައިރު އޭނާ ކުށެއް ކުރިޔަނުދީ ބަލަހައްޓާނެކަން؛ އަދި
  2. އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހްގީގަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ތަންތަނަށް އޭނާ ހާޒިރުކުރާނެކަން؛ އަދި
  3. ށަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ކޯޓަށް ހާޒިރުކުރާނެކަން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ށަރުތުތަކުގެ އިތުރުން، އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ނުވަތަ ށަރުތުތަކެއް ކަނޑައެޅުމުގެ އިހްތިޔާރުވެސް ފަނޑިޔާރަށް ލިބިގެންވެއެވެ.

  1. ވަޒީފާގައި ދެމިހުރުމަށް ނުވަތަ ވަޒީފާއެއް ނެތްނަމަ ވަޒީފާއެއް ހޯދުމަށްއަމަލީގޮތުން މަސައްކަތްކުރުން؛
  2. ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ނުވަތަ ބައިވެރިވެފައިވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް؛
  3. ދަތުރުފަތުރުކުރުމާއި، އުޅޭނޫޅޭ ތަންތަނާއި، މީހުންނާ މުއާމަލާތްކުރުމުގައި ކޯޓުން ކަނޑައަޅާ ގޮތަށް އަމަލުކުރުން؛
  4. ކުރި ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާއާއި ނުވަތަ މީހުންނާއި، އެ މައްސަލައިގައި ހެކިބަސްދޭނެކަމަށް ގަބޫލުކުރެވޭ މީހުންނާ މުއާމަލާތްނުކުރުމާއި ބައްދަލުނުކުރުން؛
  5. ކަނޑައަޅާފައިވާ އިދާރާއަކަށް ގަވާއިދުން ރިޕޯޓުކުރުން؛
  6. ގޭގައި ހުރުމަށް ކަނޑައަޅާފައިވާ ވަގުތުގައި އެގޮތަށް އަމަލުކުރުން؛
  7. ސިއްހީ ނުވަތަ ނަފްސާނީ ނުވަތަ މަސްތުވާތަކެތިން ދުރުހެލިވުމުގެ ފަރުވާ ލިބިގަތުމަށާއި، އަދި ކޯޓުން ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ސިއްހީ ނުވަތަ ނަފްސާނީ ނުވަތަ މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒެއްގައި ހުރެ އެ މަރުކަޒުން ފަރުވާ ލިބިގަތުމަށް؛
  8. ތައުލީމު ހާސިލުކުރުމަށް ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ އެނޫންވެސް އެހެން ބޭނުމެއްގައި ބަންދުން ދޫކޮށްފައިވާނަމަ، ކަނޑައަޅާ ވަގުތެއްގައި ކަނޑައަޅާފައިވާ ތަނަށް ބަންދުގައި ހުރުމަށް އެނބުރި އައުން.

(ޅ) ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަށްޓަކައި، ބަންދުގައި ހުރިމީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގްރާރާ ހިލާފުވެއްޖެނަމަ އޭނާ އެކުރަނީ ކުށެކެވެ. ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގްރާރާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަންނަނިވި އަދަބުތަކުގެ ތެރެއިން އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

  1. 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
  2. 2 (ދޭއް) އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛
  3.  15,000 (ފަނަރަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  4. ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން.

(ކ) ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްފައިވަނިކޮށް، އޭނާއަށް ޖާމިނުވި މީހާ އޭނާގެ އިގްރާރާ ހިލާފުވެއްޖެނަމަ، ނުވަތަ ބަންދުން ދޫކުރެވިފައިވާ މީހާ ފިލައިފިނަމަ، ބަންދުން ދޫކުރެވިފައިވާ މީހާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނެއެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

65 ވަނަ މާއްދާފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުން

(ހ) ބަންދުގައިހުރި މީހަކު ބަންދުން ދޫކުރުމަށްޓަކައި، އޭނާ، ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު، ކޯޓުން ކަނޑައަޅާ އަދަދެއްގެ ފައިސާ ކަފާލާތުގެ ގޮތުގައި ކޯޓުގައި ބަހައްޓައިފިނަމަ، ބަންދުގައިހުރި މީހާ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރުކުރެވިދާނެއެވެ.

(ށ) މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ކޯޓުން ކަނޑައަޅާ ށަރުތުތައް ގަބޫލުކުރާކަމަށާއި، ކޯޓުން އިތުރު ށަރުތުތަކެއް ކަނޑައަޅާނަމަ އެ ށަރުތުތައްވެސް ގަބޫލުކުރާކަމަށާއި، އެއިން ށަރުތަކާ އެ މީހަކު ހިލާފުވެއްޖެނަމަ، ކަފާލާތުގެ ގޮތުގައި އެ މީހަކު ބަހައްޓާފައިވާ ފައިސާ ދައުލަތަށް ނެގޭނެކަން ކަފާލާތު ލިބިދޭ މީހާއަށް ނުވަތަ އޭނާގެ ފަރާތުން ފައިސާ ބެހެއްޓި މީހާއަށް ކޯޓުން އަންގައި، ކަފާލާތު ލިބިދޭ މީހާ ނުވަތަ އޭނާގެ ފަރާތުން ފައިސާބެހެއްޓި މީހާ ސޮއިކުރާ އިގްރާރުގައި އެކަން ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ބަންދުން ދޫކުރެވޭ މީހާ ފިލައިފިނަމަ، ނުވަތަ ކަފާލާތުގެގޮތުގައި ފައިސާ ބެހެއްޓި މީހާ އޭނާގެ އިގްރާރާ ހިލާފުވެއްޖެނަމަ، ބަންދުން ދޫކުރެވިފައިވާ މީހާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނެއެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ ދަށުން ކަފާލާތުގެ ގޮތުގައި ފައިސާ ބަހައްޓާ މީހަކު މައްސަލަ ނިމޭއިރު ކަފާލާތުގެ އިގްރާރާ ހިލާފުވެފައިނުވާނަމަ، އެ ފައިސާ ވީއެންމެ އަވަހަކަށް ކޯޓުން އޭނާއަށް ރައްދުކުރަންވާނެއެވެ.

 

66 ވަނަ މާއްދާ – ކޯޓުން ކަނޑައަޅާ އިތުރު ށަރުތަކާއެކު ބަންދުން ދޫކުރުން

(ހ) ބަންދުގައި ހުރި މީހާ ދޫކޮށްލާފައި ހުންނައިރު އޭނާ އިތުރު ކުށެއް ނުކުރާނެ ކަމަށާއި، ތަހްގީގު މަރުހަލާގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން ހާޒިރުވާން އަންގާ ތަންތަނަށް އޭނާ ހާޒިރުވާނެ ކަމަށާއި، ށަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ހާޒިރުވާނެ ކަމަށާއި، ކޯޓުން އިތުރު ށަރުތުތަކެއް ކަނޑައަޅާނަމަ އެ ށަރުތުތައްވެސް ގަބޫލުކުރާކަމަށް ބަންދުގައި ހުރި މީހާ އިގްރާރުވެ ސޮއިކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރު ނެރެވިދާނެއެވެ. 

(ށ) މި މާއްދާގެ ދަށުން ބަންދުން ދޫކުރެވޭ މީހަކު ބަންދުން ދޫކުރާއިރު ކަނޑައެޅިފައިވާ ށަރުތަކާ ހިލާފުވެއްޖެނަމަ އަލުން ބަންދުކުރެވޭނެކަން ބަންދުގައި ހުރި މީހާ ސޮއިކުރާ އިގްރާރުގައި ބަޔާންކުރަންވާނެއެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ނުވަތަ ށަރުތުތަކެއް ކަނޑައެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

  1. ބަންދުން ދޫކޮށްލާފައި ހުންނައިރު އެއްވެސް ގާނޫނަކާ ހިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުމަށް؛
  2. ތަހްގީގު މަރުހަލާގައި ތަހްގީގުކުރާ ފަރާތުން ހާޒިރުވާން އަންގާ ތަންތަނަށް ހާޒިރުވުމަށް؛
  3. ށަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުމަށް؛
  4. ވަޒީފާގައި ދެމިހުރުމަށް ނުވަތަ ވަޒީފާއެއް ނެތްނަމަ ވަޒީފާއެއް ހޯދުމަށް އަމަލީގޮތުން މަސައްކަތް ކުރުމަށް؛
  5. ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ނުވަތަ ބައިވެރިވެފައިވާ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް؛
  6. ދަތުރު ފަތުރުކުރުމާއި، އުޅޭނޫޅޭ ތަންތަނާއި، މީހުންނާ މުއާމަލާތްކުރުމާމެދު ކޯޓުން ކަނޑައަޅާ ގޮތަށް އަމަލުކުރުމަށް؛
  7. އޭނާ ކުރި ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާއާއި، އަދި އެ މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ އެންމެހައި މީހުންނާ މުއާމަލާތްނުކުރުމާއި ބައްދަލުނުކުރުމަށް؛
  8. ކަނޑައަޅާފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ނުވަތަ އެހެންވެސް އިދާރާއަކަށް ގަވާއިދުން ރިޕޯޓު ކުރުމަށް؛
  9. ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުގައި އެގޮތަށް އަމަލުކުރުމަށް؛
  10. ލިބެންހުރި ސިއްހީ ނުވަތަ ނަފްސާނީ ފަރުވާ ލިބިގަތުމަށާއި، އަދި ކޯޓުން ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ސިއްހީ، ނުވަތަ ނަފްސާނީ ފަރުވާދޭ މަރުކަޒެއްގައި ހުރެ އެ މަރުކަޒަކުން ފަރުވާ ލިބިގަތުމަށް؛
  11. ތައުލީމު ހާސިލުކުރުމަށް ނުވަތަ ވަޒީފާ އަދާކުރުމަށްޓަކައި، ނުވަތަ އެނޫންވެސް އެހެން ބޭނުމެއްގައި ދޫކުރުމަށްފަހު، ކަނޑައަޅާ ވަކި ވަގުތެއްގައި، ކަނޑައަޅާފައިވާ ވަކި ތަނަކަށް ބަންދުގައި ހުރުމަށް އެނބުރި އައުމަށް.

(ނ) މި މާއްދާގެ ދަށުން ބަންދުން ދޫކުރާ މީހާ ފިލައިފިނަމަ ނުވަތަ އޭނާ ވެފައިވާ އިގްރާރާ ހިލާފުވެއްޖެނަމަ، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެވިދާނެއެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަށަރީއަތުން ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

67 ވަނަ މާއްދާ - މައުލޫމާތު ރެކޯޑުކުރުން

ކަފާލަތުގެ ދަށުން މީހަކު ބަންދުން ދޫކުރާއިރު އޭނާއާގުޅޭ އަންނަނިވި މައުލޫމާތު ކޯޓުން ރެކޯޑުކުރަންވާނެއެވެ.

(ހ) ބަންދުން ދޫކުރެވޭ މީހާގެ ނަން؛

(ށ) އޭނާގެ އުފަން ތާރީހް؛

(ނ) އޭނާގެ ގައުމީ ނިސްބަތް؛

(ރ) އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު؛

(ބ) އޭނާގެ ދާއިމީ އެޑްރެސް؛

(ޅ) އޭނާ ދިރިއުޅެމުންދާ އެޑްރެސް؛

(ކ) އޭނާ ވަޒީފާ އަދާކުރާ ތަން؛

(އ) ކަފާލާތުގެ ދަށުން ދޫކުރެވޭ މުއްދަތުގައި އޭނާ ދިރިއުޅޭނެ ތަނާއި، އޭނާއާ އެކުގައި ދިރިއުޅޭނެ ފަރާތެއްގެ ނަމާއި، އެޑްރެސް، އަދި ގުޅޭނެ ފޯނު ނަންބަރެއް؛

(ވ) އޭނާއަށް ޖާމިނުވާ މީހާގެ އިތުރުން އޭނާއާ ގުޅޭނެ ގޮތުގެ މައުލޫމާތު ދެވޭނެ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްގެ ނަމާއި އެޑްރެސް، އަދި ގުޅޭނެ ފޯނު ނަންބަރެއް؛

(މ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތެއް.

 

68 ވަނަ މާއްދާ – ބަންދުން ދޫކުރާއިރު ޕާސްޕޯޓު ހިފެހެއްޓުން

މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ނުވަތަ 65 ވަނަ މާއްދާގެ ދަށުން ނުވަތަ 66 ވަނަ މާއްދާގެ ދަށުން އަމުރެއް ކުރުމާ އެކުއެކީގައި، އެ މީހެއްގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު، ނުވަތަ އޭނާ އެވަގުތަކު ހުރި ރަށް ނޫން އެހެން ރަށަކަށް ފުރައިގެން ދިއުން މަނާކުރަން ނުވަތަ ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

69 ވަނަ މާއްދާ – ކަފާލާތާގުޅޭ ގަވާއިދު ހެދުން

ކަފާލާތުގެ ގޮތުގައި ފައިސާ ބަހައްޓަންޖެހޭ އަދަދުތަކާއި، އެ ފައިސާ ކޯޓަށް ބަލައިގަންނާނެ ގޮތާއި، އެ ފައިސާ ރައްކާކުރެވޭނެ ގޮތާއި، އެ ފައިސާ ދައުލަތަށް ނަގަންޖެހޭ ހާލަތުގައި ކަންކުރާނެ ގޮތާއި، ކަފާލާތުގެ ގޮތުގައި ފައިސާ ބަހައްޓާ މީހަކު މައްސަލަ ނިމޭއިރު ކަފާލާތުގެ އިގްރާރާ ހިލާފްވެފައިނުވާނަމަ އެ ފައިސާ އެ މީހަކަށް ރައްދުކުރާނެގޮތާއި، މިނޫންވެސް ކަމާގުޅޭ އެހެނިހެން އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

އަށްވަނަ ބާބު

ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ އިތުރު ބާރު

70 ވަނަ މާއްދާ – ގާނޫނުން ދޭ ބާރުގެ ބޭނުން ހިފުމުގެ އިހްތިޔާރު

ޖިނާއީ ކުށެއްގެ ތަހްގީގުކުރުމުގައި ތަންތަނާއި މުދާ ބަލައި ފާސްކުރުމަށް ލިބިދޭ ބާރުގެ އިތުރުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ އެހެނިހެން ބާރުތައް، މި ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ. މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި އެނޫން ކޮންމެ ހާލަތެއްގައި، މި ގާނޫނުގައިވާ ގޮތުގެމަތިން އެއިން ކޮންމެ ބާރެއްގެ ބޭނުންހިފުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ ކޮންމެ އިދާރާއަކަށްމެ ލިބިގެންވެއެވެ.

 

71 ވަނަ މާއްދާގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާޒިރުވާން އެންގުން

(ހ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރުމުގެ އިހްތިސާސް ލިބިގެންވާ ޖިނާއީ ކުށެއްގެ ތަހްގީގަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހަކު ނުވަތަ އެ ތަހްގީގަށް މައުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކު، އެ އިދާރާއަށް ހާޒިރުވުމަށް، އެ އިދާރާއެއްގެ ހުއްދަކުރެވިފައިވާ އޮފިސަރަކު ސޮއިކޮށް ދޫކުރާ ލިޔުމަކުން އެންގުމުގެ ބާރު، އެ އިދާރާއަކަށް ލިބިގެންވެއެވެ.

(ށ) ގާނޫނު ތަންފީޒުކުރާ އިދާރާއަކީ ފުލުހުން ކަމުގައިވާ ހާލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮފިސަރަކީ، ފުލުހުންގެ ކަމާބެހޭ ޑިޕާޓްމަންޓްގައި ނުވަތަ ޔުނިޓްގައި ނުވަތަ ސްޓޭށަންގައި އިސްކޮށް ހުންނަ ފަރާތެއް ކަމުގައި ވާންވާނެއެވެ. އެނޫން އިދާރާއެއްނަމަ، އެ އިދާރާގެ ކަމާބެހޭ ޑިޕާޓްމަންޓްގެ ވެރިއެއް ކަމުގައި ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ހާޒިރުކުރެވޭ ހައިސިއްޔަތު؛
  2. ކުށުގެ ތުހުމަތުކުރެވޭ ފަރާތެއްނަމަ، އޭނާއާމެދު ކުރެވޭ ތުހުމަތުގެ ހުލާސާ؛
  3. ތަހްގީގަކަށް މައުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކުނަމަ، ކުރަމުންދާ ތަހްގީގުގެ ހުލާސާ؛
  4. ހާޒިރުވާން އަންގާ ތަނާއި ގަޑި؛
  5. އެ އިދާރާގައި ހޭދަވާނެކަމަށް އަންދާޒާކުރާ ވަގުތު؛
  6. ހުއްދަދޭ އޮފިސަރުގެ ސޮއި.

(ރ) ގާނޫނު ތަންފީޒުކުރާ އިދާރާއަށް ހާޒިރުވުމަށް، މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމަކަށް ހާޒިރުވާ މީހަކު، އެކަމަށް އޭނާ ހާޒިރުވެ ހުންނަ ހުރުމުގައި ހައްޔަރެއް ނުކުރެވޭނެއެވެ.

 

72 ވަނަ މާއްދާބޭންކް އެކައުންޓް މޮނިޓަރކުރުން

(ހ) އަންނަނިވި ހާލަތްތަކުގައިވާ މީހުންގެ ބޭންކް އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތް މޮނިޓަރކުރުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ.

  1. ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއް ކޮށްފައިވާ މީހާއާއި، އެފަދަ ކުށެއް ކުރުމުގައި ބައިވެރިވެފައިވާ މީހާއާއި، އެފަދަ ކުށެއް ކުރަންއުޅޭކަމުގެ މައުލޫމާތު ލިބިފައިވާ މީހާ؛
  2. ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުން ލާޒިމުކުރާ ކުށެއްގެ އަމަލުނ ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި މަންފާ ލިބިފައިވާ މީހާ؛
  3. ޖިނާއީ ބޮޑު ކުށެއްގެ އަމަލުން މަންފާއެއް ލިބިގަތުމުގެ މަގުމަތީގައިވާ މީހާ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯޓު އަމުރަކަށް އެދޭއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއްނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓް ނަންބަރާއި، ގައުމު؛
  2. ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އެ ކުށް ކުރަންއުޅޭ ކަމަށް ނުވަތަ ކުރަމުންދާ ކަމަށް ލިބިފައިވާ ހެކި؛
  4. ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރެވޭ ބޭންކް އެކައުންޓް ނުވަތަ އެކައުންޓްތަކުގެ މައުލޫމާތު؛
  5. ކޯޓު އަމުރުގެ ދަށުން މޮނިޓަރކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތް؛
  6. އެކައުންޓް މޮނިޓަރކުރަން ބޭނުންވަނީ އެކައުންޓްގެ ވެރިފަރާތަށް ނޭނގޭ ގޮތަށްކަން ނުވަތަ އެނގޭ ގޮތަށްކަން؛
  7. އެކައުންޓް މޮނިޓަރކުރަން ބޭނުންވަނީ އެކައުންޓްގެ ވެރިފަރާތަށް ނޭނގޭ ގޮތަށްކަން ކަމަށްވާނަމަ، އެކަން އެގޮތަށް ކުރަންޖެހޭ ސަބަބު؛
  8. އެ އަމުރުގެ ދަށުން މޮނިޓަރކުރުމަށް ހުއްދަކުރެވޭ އެކައުންޓް މޮނިޓަރކުރެވޭ ތާރީހު ނުވަތަ ތާރީހުތައް، ނުވަތަ މުއްދަތު؛
  9. ކޯޓު އަމުރުގައި ބަޔާންކުރާގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަގްސަދަކަށް ހުއްދައިގެ ބޭނުން ނުކުރެވޭނެކަން.
  10. މޮނިޓަރކުރުމުގެ ހުއްދަ ދެވޭ ބޭންކް ނުވަތަ މާލީ އިދާރާ؛
  11. އަމުރަށް އެދޭ ގާނޫނު ތަންފީޒުކުރާ އިދާރާއާއި، އެ އިދާރާގެ ކަމާބެހޭ މުވައްޒަފުގެ ނަމާއި، ސޮއި އަދި އިދާރާގެ ތައްގަނޑު.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އަމުރެއް ނެރުނުކަން، އެ އެކައުންޓްގެ ވެރިފަރާތަށް ނޭނގޭ ގޮތަށް ނުވަތަ އަންގަންނުޖެހޭގޮތަށް އެ އަމުރު ނެރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އަމުރެއްގެ ބޭނުމަކީ، އަންނަނިވި މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމަށް، ބޭންކަކަށް ނުވަތަ މާލީ އިދާރާއަކަށް އަމުރުކުރުމެވެ.

  1. އެކައުންޓްގެ ވެރިފަރާތުގެ ނަން؛
  2. އެކައުންޓަކުން ހިންގާފައިވާ މުއާމަލާތްތަކުގެ ތަފްސީލު؛
  3. އެ ބޭންކަކުން ނުވަތަ މާލީ މަރުކަޒަކުން ދޭންވީ މައުލޫމާތު ނިސްބަތްވާ މުއްދަތު؛
  4. އެ މައުލޫމާތު ދޭންވީ ގާނޫނު ތަންފީޒުކުރާ އިދާރާގެ ވަކި އޮފިސަރެއްގެ ނަން.

(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޖިނާއީ ކުށްތައް ތަހްގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

73 ވަނަ މާއްދާ – އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމާއި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުން

(ހ) މި ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓަރކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކައުންޓެއްގައިވާ ފައިސާ ހިފަހައްޓަންވާނީ ނުވަތަ އެއިން މުއާމަލާތްކުރުން ހުއްޓުވަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެމަތިންނެވެ.

(ނ) މި މާއްދާގެ ދަށުން މުއާމަލާތްކުރުން ހުއްޓުވާ ފައިސާ ބަލަހައްޓަމުންގެންދާނީ، އެ ފައިސާއެއް ހުރި މާލީ އިދާރާއަކުން، ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުނުއިރު އެ އެއްޗެހި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަރާތަކުންނެވެ.

(ރ) މި މާއްދާގެ ދަށުން ހިފެހެއްޓޭ ފައިސާ ބަލަހައްޓަމުންގެންދާނީ ގާނޫނު ތަންފީޒުކުރާ އިދާރާގެ ބެލުމުގެ ދަށުންނެވެ.

(ބ) ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓު އަމުރު ހޯދި ބޭނުން ފިލައިގޮސްފިނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާއިން އެ އަމުރު ބާތިލުކުރަން އެދެންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހިފަހައްޓާފައިވާ ފައިސާއެއް ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެނައުމަށްޓަކައި، ނުވަތަ މުއާމަލާތްކުރުން ހުއްޓުވާފައިވާ ފައިސާއަކުން މުއާމަލާތްކުރުން ހުއްޓުވި ހުއްޓުވުން ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ކ) މި މާއްދާގެ ދަށުން ހިފެހެއްޓޭ ފައިސާ ދައުލަތަށް ނަގަންޖެހޭނަމަ އެ ފައިސާ ދައުލަތަށް ނަގަންދެން ނުވަތަ މި މާއްދާގެ ދަށުން ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެންނަންދެން، އެ ފައިސާ ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ގާނޫނު ތަންފީޒުކުރާ އިދާރާގެ ޒިންމާއެކެވެ.

 

74 ވަނަ މާއްދާ – ޒާތީ މުއާމަލާތް އަޑުއެހުމާއި ބެލުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މީހަކު ހިންގާ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބާވަތުގެ ޒާތީ މުއާމަލާތަކީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށް މަގުފަހިވާ އެއްވެސް މައުލޫމާތެއް ހިމެނޭ މުއާމަލާތެއްކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، ކޯޓު އަމުރެއްގެ ދަށުން އެ މުއާމަލާތެއް ސަރވެއިލްކުރުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.

  1. މީހުން މެރުމުގެ ކުށް؛
  2. އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛
  3. ޓެރަރިޒަމްގެ ކުށް؛
  4. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
  5. މީހުން ޓްރެފިކްކުރުމުގެ ކުށް؛
  6. މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އަންނަނިވި ބާވަތުގެ ޒާތީ މުއާމަލާތް އެ އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަރވެއިލްކުރުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.

  1. ސިޓީއާއި އީމެއިލް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް؛
  2. މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ހިންގާ ޒާތީ މުއާމަލާތްތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅަންވާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށްފަހުގައެވެ.

  1. އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
  2. އެ މުއާމަލާތް ސަރވެއިލްކޮށްގެން މެނުވީ، މި މާއްދާގެ (ހ) ގައިބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެންނެތް ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
  3. އެ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަކަށް އެ އިދާރާގެ އިސް ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވުން.

(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ސަރވެއިލަންސް ނިސްބަތްވާ މީހާގެ ނަމާއި އެޑްރެސް؛
  2. އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. އޭނާ އެ ކުށް ކުރިކަމަށް ނުވަތަ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ލިބިފައިވާ ހެކި؛
  4. އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުއްދަތު؛
  5. އެ އަމުރުގެ ދަށުން ސަރވެއިލަންސް ހިންގާނެ ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުގެ ނަމާއި މަގާމާއި ސަރވިސް ނަންބަރު.

(ބ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާއިރު، މި މާއްދާގެ (ނ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތުގެ ތަފްސީލު؛
  2. މި ގާނޫނުގައިވާ ގޮތުގެމަތިން ސަރވައިލަންސެއް ހިންގައިގެން އެ ކުށާގުޅޭ ހެކި ލިބޭނެކަމަށް ގަބޫލުކުރެވޭ ސަބަބު؛
  3. އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުވާސަލާތީ ވަސީލަތުގެ ހިދުމަތްދޭ ފަރާތް؛
  4. އެ މުވާސަލާތީ ވަސީލަތް ހުރީ ވަކި ތަނެއްގައި ކަމުގައިވާނަމަ، އެތަނެއްގެ ތަފްސީލު.

(ޅ) މި މާއްދާގެ(ހ) ގެ ދަށުން ކޯޓު އަމުރެއް ނެރުމުގައި އަންނަނިވި ކަންކަން ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ.

  1. އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަކީ އެ އިދާރާއަކުން ތަހްގީގުކުރުމުގެ ބާރު ލިބިފައިވާ ކުށެއްކަން ޔަގީންކުރުން؛
  2. އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކަމުގައިވުން؛
  3. އެ ސަރވެއިލަންސް ނިސްބަތްވާ ފަރާތުން ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާ ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ ކުރަމުންދާ ކަމަށް ކުރަންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާކަން؛
  4. އެ މުއާމަލާތް ސަރވެއިލްކޮށްގެން މެނުވީ، މި މާއްދާގެ(ހ) ގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމުގެ ހެކި ލިބެންނެތް ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ވާކަން؛
  5. އެ ޒާތީ މުއާމަލާތް ސަރވެއިލްކުރުމުގެ ހުއްދައަށް އެދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރަކަށް އެ އިދާރާގެ އިސް ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ހުއްދަ ދީފައިވާކަން؛
  6. ސަރވެއިލަންސް ހިންގުމަށް އެދޭ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަން؛
  7. އަމުރަށް އެދޭ ގާނޫނު ތަންފީޒުކުރާ އިދާރާއަށް ކަމާގުޅޭގޮތުން އެހާތަނަށް ލިބިފައިވާ މައުލޫމާތާއި، އެ އަމުރު ނެރެދިނުމަށް އެކަށީގެންވާ ސަބަބެއް އޮތްތޯ ބެލުމަށް ފަނޑިޔާރަށް ބޭނުންވާނެ އެނޫންވެސް މައުލޫމާތު ލިބިފައިވާކަން.

(ކ) މި މާއްދާގެ(ހ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަމުރު ނިސްބަތްވާ މީހާގެ ނަމާއި އެޑްރެހާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއްނަމަ، އަމުރު ނިސްބަތްވާ މީހާގެ ނަމާއި، އެޑްރެހާއި، ޕާސްޕޯޓް ނަންބަރާއި، ގައުމު؛
  2. އޭނާ ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. ކޯޓު އަމުރުގެ ދަށުން ސަރވެއިލްކުރަން ބޭނުންވާ މުއާމަލާތުގެ ބާވަތާއި، އެ މުއާމަލާތުގެ ތަފްސީލު؛
  4. އެ ކަންކަން ކުރުމަށް ހުއްދަކޮށްފައިވާ ތާރީހު ނުވަތަ ތާރީހުތައް، ނުވަތަ މުއްދަތު؛
  5. އެކަން ކުރުމަށް ހުއްދަ ދެވޭ ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު؛
  6. ކޯޓު އަމުރުގައި ބަޔާންކުރާގޮތް ފިޔަވައި އެހެން ގޮތަކަށް ނުވަތަ މަގްސަދަކަށް އެ އަމުރު ތަންފީޒުނުކުރެވޭނެކަން؛
  7. އަމުރު ނެރޭ ތާރީހާއި، ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު.

(އ) މި މާއްދާގެ(ހ)ގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުގެ ބޭނުންކުރެވޭނީ، މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ވ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިންގޭ ސަރވެއިލަންސެއްގައި ހޯދާ އެއްވެސް މައުލޫމާތެއް، އެ ސަރވެއިލަންސް ނިސްބަތްވާ ކުށަކާ ގުޅިގެން ހިންގާ ތަހްގީގެއްގެ ނުވަތަ ށަރީއަތެއްގެ ބޭނުމަށް މެނުވީ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން ހާމަކޮށްގެންނުވާނެއެވެ.

 

75 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުން

(ހ) މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އޭނާގެ ޕާސްޕޯޓު، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމުގެ އިހްތިޔާރު، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެއެވެ.

(ށ) މީހެއްގެ ޕާސްޕޯޓް ނުވަތަ ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ އެނޫންވެސް ރަސްމީލިޔުމެއް ހިފެހެއްޓުމަށް އެދި ކޯޓަށް ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާގެ ނަމާއި އެޑްރެހާއި ޕާސްޕޯޓް ނަންބަރު؛
  2. ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. އޭނާ އެ ކުށް ކުރިކަމަށް ލިބިފައިވާ ހެކި؛
  4. އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ސަބަބު، އަދި ކަމާ ގުޅޭގޮތުން ލިބިފައިވާ ހެކި؛
  5. އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބު؛
  6. އެ އަމުރުގެ ދަށުން ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މުއްދަތު.

(ނ) މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރޭ ކޯޓު އަމުރެއްގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަމުރުގެ ދަށުން ޕާސްޕޯޓު ހިފަހައްޓަން ބޭނުންވާ މީހާގެ ނަމާއި އެޑްރެހާއި ޕާސްޕޯޓް ނަންބަރު؛
  2. އޭނާ ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ ކުށް؛
  3. އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަން ބޭނުންވާ ސަބަބު؛
  4. އަމުރު ދެމިއޮންނާނެ މުއްދަތު؛
  5. އެ އަމުރުގެ ދަށުން އޭނާގެ ޕާސްޕޯޓު ހިފެއްޓޭ ކަމާއި، އެ މުއްދަތުގައި އޭނާ ދިވެހިރާއްޖެއިން ފުރައިގެން ދިއުން މަނާކުރެވޭކަން؛
  6. އަމުރު ނެރޭ ތާރީހާއި، ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި، އަދި ކޯޓުގެ ތައްގަނޑު.

(ރ) ގާނޫނު ތަންފީޒުކުރާ އިދާރާއަކުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރެދިނުމަށް އެދިއްޖެނަމަ، އެ އަމުރު ފަނޑިޔާރު ނެރެދޭންވާނީ، އަންނަނިވި ކަންކަން އެ މީހަކާ ގުޅޭގޮތުން ފުރިހަމަވާނަމައެވެ.

  1. ޕާސްޕޯޓް ހިފަހައްޓަން ބޭނުންވާ މީހާ ކުށެއް ކޮށްފައިވާކަމަށް ނުވަތަ ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކުރަންއުޅޭ ކަމުގެ ހެކި ލިބިފައިވުން؛
  2. އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭ ކަމުގެ ހެކި ލިބިފައިވުން؛
  3. އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން.

(ބ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ތަންފީޒުކުރުމަށްޓަކައި އެ އަމުރު ނެރޭ ތާރީހުގައި، އެ އަމުރުގެ އެއް ކޮޕީ މޯލްޑިވްސް އިމިގްރޭށަނަށް ގާނޫނު ތަންފީޒުކުރާ އިދާރާއިން ފޮނުވަންވާނެއެވެ. އަދި ހަމަ އެއާ އެކުއެކީގައި، އެ އަމުރުގެ ކޮޕީއެއް، އެ އަމުރު ނިސްބަތްވާ މީހާއަށްވެސް އެ ތާރީހުގައި ދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރޭ އަމުރެއްގެ މައުލޫމާތު، ވީއެންމެ އަވަހަކަށް އެ މީހަކަށް ދޭންވާނެއެވެ.

(ކ) މި މާއްދާގެ ދަށުން ނެރޭ އަމުރުގައި ބަޔާންކުރާ މުއްދަތު ހަމަނުވަނީސް މި މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދު ހާސިލުވެއްޖެނަމަ، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކުރަންވާނެއެވެ.

 

ނުވަވަނަ ބާބު

ތަހްގީގުކުރުމާގުޅޭ ބައެއް އާންމު އުސޫލު

76 ވަނަ މާއްދާ - ގުޅިގެން ހިންގާ ތަހްގީގު

(ހ) ގާނޫނު ތަންފީޒުކުރާ އެއް އިދާރާއިން ތަހްގީގުކުރަމުންދާ ކުށަކީ ގާނޫނު ތަންފީޒުކުރާ އެހެން އިދާރާއަކުން ތަހްގީގުކުރުމުގެ އިހްތިސާސް ލިބޭ ކުށެއް ކަމުގައިވާނަމަ، އެ ކުށުގެ ތަހްގީގު ހިންގަންވާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ށ) ފުލުހުން ތަހްގީގުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހްގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިހްތިސާސް ހިނގާނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އަމަލުކުރަންވާނެއެވެ.

(1) އެ ކުށުގެ އެ ބައިގެ ތަހްގީގު އެ އިދާރާއަކުން ކުރިއަށް ގެންދިޔުމަށްޓަކައި އެ އިދާރާއަށް މައްސަލަ ހުށަހެޅުން؛ ނުވަތަ

(2) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގިދާނެއެވެ.

 

77 ވަނަ މާއްދާދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅުން

ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހްގީގުކުރާ ޖިނާއީ ކުށެއްގެ ތަހްގީގު ފުރިހަމަކޮށް ނިމުމާއެކު، އެ ކުށުގެ ދައުވާ އުފުލުމަށްޓަކައި ފޮނުވާނީ، ޕްރޮސިކިއުޓަރ ޖެނެރަލްއަށެވެ.

 

78 ވަނަ މާއްދާ – އިލެކްޓްރޯނިކްކޮށް މައްސަލަ ހުށަހެޅުން

ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ތަހްގީގުކުރާ މައްސަލަތަކުގެ ތަހްގީގު ނިމުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އިލެކްޓްރޯނިކްކޮށް ފޮނުވުމަށްޓަކައި، އިލެކްޓްރޯނިކް ފައިލިން ސިސްޓަމެއް ގާއިމުކޮށް، އެކަމަށްޓަކައި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން އެކަން ކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

79 ވަނަ މައްދާ – ބައެއް މައުލޫމާތު ސިއްރު މައުލޫމާތުގެ ގޮތުގައި ފޮނުވުން

ޖިނާއީ މައްސަލައެއްގައި ހެކިބަސްދޭންހުރި މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުންދީފާނެކަމުގެ އިންޒާރު ނުވަތަ މައުލޫމާތު ލިބިފައިވާނަމަ، ހެކިބަސްދޭންހުރި މީހަކީ ކާކުކަން ހާމަނުކޮށް، އޭނާއާގުޅޭ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއިން ސިއްރުކުރަންވާނެއެވެ. އަދި ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެފަދަ މައްސަލަތައް ފޮނުވާއިރު، ހެކިބަސްދޭންހުރި މީހާގެ މައުލޫމާތު ހިމެނޭ ލިޔުންތައް ފޮނުވަންވާނީ ސިއްރު ލިޔުންތަކެއްގެ ގޮތުގައެވެ.

 

 

ތިންވަނަ ބައި

ދައުވާކުރުމުގެ މަރުހަލާ

 

ދިހަވަނަ ބާބު

ދައުވާކުރުން 

80 ވަނަ މާއްދާ – ދައުވާއެއް އުފުލޭއިރު ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވުން

(ހ) ޖިނާއީ ކުށެއްގެ ދައުވާއެއް މީހެއްގެ މައްޗަށް އުފުލަން ނިންމައި، އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އެ މީހެއްގެ މައްޗަށް އެ ދައުވާއެއް އުފުލަންވާނީ، އެ ކުށާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެގެންނެވެ.

(ށ) މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށްޓަކައި ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެކެވެ.

 

81 ވަނަ މާއްދާ - ދައުވާ ހުށަހެޅުން

ޖިނާއީ މައްސަލައެއްގެ ދައުވާ، އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތައްޔާރުކުރާ ފޯމު މެދުވެރިކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. އެ ފޯމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ނަމާއި ސޮއި އޮންނަންވާނެއެވެ. އަދ ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި އެހެން މީހަކު އެ ފޯމުގައި ސޮއިކުރާނަމަ، އެ މީހަކު އެކަން ކުރަނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީގެންކަން ކަނޑައެޅިގެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

82 ވަނަ މާއްދާ - ދައުވާ އޮންނަންވީ ގޮތް

(ހ) ޖިނާއީ ކޮންމެ ދައުވާއެއްގައި، ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ދައުވާކުރެވޭ ކުށް ބަޔާންކުރަންވާނެއެވެ.

(ށ) މީހެއްގެ މައްޗަށް ދައުވާ އުފުލޭ ކުށް، ދައުވާއެއްގައި ބަޔާންކުރަންވާނީ، ގާނޫނުގައި އެ ކުށް ކަނޑައަޅާ މާއްދާއާ ހަވާލާދީއެވެ. ކުށް ކަނޑައަޅާ މާއްދާއަށް ހަވާލާދިނުމަކާ ނުލައި އެނޫން އާންމު މާއްދާއެއްގެ ދަށުން ނުވަތަ ގާނޫނީ އިފްތިރާޒެއްގެ ދަށުން ނުވަތަ އެނޫންވެސް އެހެން މާއްދާއަކާ ހަވާލާދީ ޖިނާއީ ކުށަކަށް ދައުވާ އުފުލައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުށް ކަނޑައަޅާ ގާނޫނެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ހުރުމަކީ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު މީހަކު ވަކި ކުށެއް ކުރީ ކަމުގައި ބެލެވޭނެ ހާލަތެއް ކަމުގައި ގަބޫލުކުރެވޭނެ ކަމަށް ބަޔާންކުރާނަމަ، އެ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ ހާލަތުގައި، މީހެއްގެ މައްޗަށް ދައުވާ އުފުލަންޖެހިއްޖެނަމަ އެ ދައުވާ އުފުލާނީ، އެ ގާނޫނީ އިފްތިރާޒް ބަޔާންކުރާ މާއްދާއަށް ހަވާލާދިނުމާއެކު، އެ އިފްތިރާޒްގައި ހަވާލާދޭ ކުށް ކަނޑައަޅާ މާއްދާގެ ދަށުންނެވެ.

(ރ) ޖިނާއީ ވަކި ކުށަކަށް ގާނޫނެއްގައި ވަކި ހާއްސަ ނަމެއް ދީފައިވާނަމަ، ނުވަތަ އެ ކުށް ކަނޑައެޅުމުގައި ގާނޫނެއްގައި ވަކި ހާއްސަ އިބާރާތެއް ބޭނުންކޮށްފައިވާނަމަ، ދައުވާގައި އެ ކުށް ބަޔާންކުރަންވާނީ، އެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށެވެ.

(ބ) ދައުވާއެއްގައި ކުށް ބަޔާންކުރުމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާ ހިންގި ކަމަށް ބުނާ އަމަލާއި، އޭނާ ކުށް ކުރި ކަމަށް ބުނާ ވަގުތާއި ތަން ބަޔާންކުރަންވާނެއެވެ. އަދި އެ ކުށަކީ، މީހަކާ ދެކޮޅަށް ހިންގުނު ކުށެއް ކަމުގައިވާނަމަ، ނުވަތަ ވަކި އެއްޗެއް ހިމެނޭ ކުށެއް ކަމުގައިވާނަމަ، އެ މީހެއް ނުވަތަ އެ އެއްޗެއްގެ ތަފްސީލުވެސް ބަޔާންކުރަންވާނެއެވެ.

 

83 ވަނަ މާއްދާދައުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުން

(ހ) ޖިނާއީ މައްސަލައެއްގެ ދައުވާ، އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ، އެ ދައުވާ ސާބިތުކުރުމަށް ބޭނުންވާ ހެއްކާ އެކުގައެވެ. އެގޮތުން، ދައުވާ ސާބިތުކުރުމަށް ހުށަހަޅަން ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުމާއި، އެކްޒިބިޓްތައް ދައުވާ ފޯމާއެކު ހިމަނަންވާނެއެވެ.

(ށ) ދައުވާ ސާބިތުކުރަން ހުށަހަޅަންޖެހޭ ހެކީގެ ތެރޭގައި ހިމެނޭ މާއްދީ ހެއްކަކީ، ދައުވާ ފޯމާއެކު ހުށަހެޅެން ނެތް ހެކި ކަމުގައިވާނަމަ، އެ ހެކީގެ ތަފްސީލުތައް ދައުވާ ފޯމާއެކު ހުށަހަޅަންވާނެއެވެ.

(ނ) ދައުލަތުން ދައުވާއެއް ސާބިތުކުރަން ހުށަހަޅާ ހެކީގެ ތެރޭގައި ށަފަހީ ހެކި ހިމެނޭނަމަ، ހެކިބަސް ދޭ މީހާއަށް ހިމާޔަތްދިނުމަށް އެދޭ ހާލަތުގައި މެނުވީ، އެ ހެކިބަސް ދޭ މީހާ ނުވަތަ މީހުންގެ ތަފްސީލު ދައުވާ ފޯމުގައި ދޭންވާނެއެވެ.

 

84 ވަނަ މާއްދާ – ދައުވާގެ ލިޔެކިޔުން ދައުވާ ލިބޭ ފަރާތަށް ދިނުން

ޖިނާއީ ކުށެއްގެ ދައުވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަށް ބަލައިގެންފިނަމަ، އެ ތާރީހުން ފެށިގެން ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ދައުވާއާއި ދައުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީއެއް ދައުވާ ލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.

 

85 ވަނަ މާއްދާ – ދައުވާގައިވާ އޮޅުމެއްގެ ސަބަބުން ދައުވާއަށް އަސަރުނުކުރުން

ތުހުމަތުކުރެވޭ ފަރާތާމެދު ތުހުމަކުރެވޭ ކުށް ދައުވާ ފޯމުގައި ބަޔާންކުރުމުގައި ނުވަތަ ދައުވާއާގުޅޭ އެނޫންވެސް ތަފްސީލެއް ބަޔާންކުރުމުގައި ކުށެއް އޮތުމަކީ، ނުވަތަ ކުށް ބަޔާންކުރުމުގައި ނުވަތަ ދައުވާއާގުޅޭ އެނޫންވެސް ތަފްސީލެއް ބަޔާންކުރުމުގައި ހިމަނަންޖެހޭ އެއްޗެއް ނުހިމެނި އޮތުމަކީ، އޭގެ ސަބަބުން ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ދައުވާ، ދައުވާ ލިބޭ ފަރާތަށް އޮޅިދާނެ ހާލަތެއްގައި މެނުވީ، އެ ދައުވާއަށް އަސަރުކުރާނެ ކަމެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

86 ވަނަ މާއްދާ – ވަކި ކުށްކުށަށް ވަކި ދައުވާކުރުން

(ހ) މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެ ޖިނާއީ ކުށަކަށް ވަކި ދައުވާއެއް ކުރަންވާނެއެވެ. އަދި މި މާއްދާގެ (ށ)، (ނ) އަދި (ރ) ގައި ބަޔާންކުރާ ހާލަތުގައާއި، މި ގާނޫނުގެ 88 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އެއިން ކޮންމެ ކުށެއްގެ ދައުވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލަންވާނީ، ވަކި މައްސަލަތަކެއްގެ ގޮތުގައެވެ.

(ށ) ކުށުގެ ތުހުމަތުގައިވާ މީހާ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކަށް އިއުތިރާފުވާ ހާލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.

(ނ) މީހަކު ކުރާ ކުށެއްގެ އަމަލުގެ ތެރޭގައި އެއް ކުށަށްވުރެ ގިނަ ކުށުގެ ރުކުން ފުރިހަމަވާ ހާލަތުގައި، އެ ހުރިހާ ކުށްތަކެއްގެ ދައުވާ ހިމެނޭ ގޮތުން، އޭނާގެ މައްޗަށް އެއް ދައުވާކުރުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ރ) މީހަކު ކުރާ ކުށުގެ އަމަލަކީ، ތަފާތު ދެ ގާނޫނު ނުވަތަ އެއަށްވުރެ ގިނަ ގާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށުގެ އަމަލެއް ކަމުގައިވާނަމަ، އެ ހުރިހާ ގާނޫނެއްގައި ބަޔާންކުރާ ކުށުގެ ދައުވާ އެ މީހެއްގެ މައްޗަށް އުފުލިދާނެއެވެ. އަދިއެ ހާލަތުގައި، އެ ހުރިހާ ކުށްތަކެއްގެ ދައުވާ ހިމެނޭ ގޮތުން، އޭނާގެ މައްޗަށް އެއް ދައުވާކުރެވިދާނެއެވެ.

 

87 ވަނަ މާއްދާދައުވާ އުފުލިފައިވާ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވުން

(ހ) މީހެއްގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށުގެ ށަރީއަތުގައި ހާމަވާ ހެކީގެ ސަބަބުން އޭނާ އެހެން ކުށެއްގެ އަމަލު ހިންގިކަން ސާބިތުވާ ހާލަތުގައި، އޭނާގެ މައްޗަށް އެ ދެވަނަ ކުށުގެ ދައުވާ އުފުލިފައިނުވި ނަމަވެސް، އެ ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ކަނޑައެޅޭނީ، އެއީ އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ފުރަތަމަ ކުށުގެ އަމަލުން ފުރިހަމަވާ ކުށެއް ކަމުގައިވާ ހާލަތުގައި އެކަންޏެވެ.

(ށ) މީހެއްގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވިނަމަވެސް، އެ ކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެއެވެ.

(ނ) މީހެއްގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށުގެ އަމަލުގެ ތެރޭގައި، އެއް ކުށަށްވުރެ ގިނަ ކުށުގެ އަމަލު ހިމެނޭ ހާލަތުގައި، އަދި އޭގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަށްވުރެ ކުޑަ ކުށެއް ހިމެނޭ ހާލަތުގައި، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާ ކުރިކަމަށް ސާބިތުނުވިނަމަވެސް، އެ ކުށުގެ އަމަލުން ފުރިހަމަވާ އަނެއް ކުށް އޭނާ ކުރިކަމަށް ސާބިތުވާނަމަ، އެ ދެވަނަ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅިދާނެއެވެ.

 

88 ވަނަ މާއްދާ – އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުގައި ދައުވާކުރުން

އަންނަނިވި މީހުންގެ މައްޗަށް، އެކުގައި ދައުވާ އުފުލުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ހ) އެއް މުއާމަލާތަކުން ފުރިހަމަވާ އެއް ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މީހުން؛

(ށ) އެއް މުއާމަލާތަކުން ފުރިހަމަވާ ތަފާތު ކުށްތަކަކަށް ތުހުމަތުކުރެވޭ މީހުން؛

(ނ) ކުށުގެ އަމަލުން ފުރިހަމަވާ އެއް ބާވަތެއްގެ ކުށްތަކަކަށް ތުހުމަތުކުރެވޭ މީހުން؛

(ރ) އެއް ގާނޫނަކުން ކަނޑައަޅާފައިވާ ތަފާތު ދެ ކުށް ފުރިހަމަވެފައިވަނީ، އެއް މުއާމަލާތަކުން ކަމުގައިނުވިނަމަވެސް، އެ ދެ ކުށް ފުރިހަމަވެފައިވަނީ އެއް ކުށުގެ އަމަލުތަކަކުން ކަމުގައިވާ ހާލަތުގައި، އެ ދެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މީހުން.

 

89 ވަނަ މާއްދާ - އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެއް ދައުވާ ކުރުމުން މަސްލަހަތަށް އުނިކަން އައުން

މި ގާނޫނުގެ 88 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުވާކުރުމުން މީހެއްގެ މަސްލަހަތަށް އުނިކަމެއް އަތުވެދާނެކަމަށް ކޯޓަށް ފެނިއްޖެނަމަ ނުވަތަ އެފަދަ އުނިކަމެއް އަންނަ ކަމަށް މައްސަލައިގައި ހިމެނޭ ފަރާތަކުން ކޯޓަށް ހުށަހަޅައިފިނަމަ، އަދި އެއީ އިންސާފުވެރިގޮތް ކަމަށް ކޯޓަށް ފެންނަނަމަ، އެ ދައުވާތައް ވަކިވަކި ދައުވާތަކެއްގެ ގޮތުގައި ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އެންގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

90 ވަނަ މާއްދާ – އެއް ދައުވާ ސާބިތުވުމުން ދެން ހުރި ދައުވާ ދޫކޮށްލުން

(ހ) މީހެއްގެ މައްޗަށް އެއް ދައުވާއަށްވުރެ ގިނަ ދައުވާ އުފުލިފައިވާ ހާލަތެއްގައި، އޭނާގެ މައްޗަށް ދައުވާ ކުރެވިފައިވާ އެއް ކުށް ނުވަތަ އެއަށްވުރެ ގިނަ ކުށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ދެން ހުރި ކުށްތަކުގެ ތެރެއިން ކުށެއްގެ، ނުވަތަ އެ ހުރިހާ ކުށެއްގެ ދައުވާ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި، ކޯޓުގެ ހުއްދައާއެކު އަނބުރާ ގެންދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާއެއް އަނބުރާ ގެންގޮސްފިނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ އޭނާގެ މައްޗަށް އަލުން އެ ދައުވާ އުފުލައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް، މަތީ މަރުހަލާއެއްގެ ކޯޓުން ބާތިލުކޮށްފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ގެންދެވުނު ދައުވާ އޭނާގެ މައްޗަށް އަލުން އުފުލިދާނެއެވެ.

 

91 ވަނަ މާއްދާ - ދައުވާއަށް ބަދަލު ގެނައުން

(ހ) އިބްތިދާއީ އަޑުއެހުމުގެ ކުރިން، އަދި ދައުވާ ލިބޭ ފަރާތަށް އެކަށީގެންވާ ނޯޓިސް ލިބޭގޮތަށް، ދައުވާގައި ހިމެނޭ ތަފްސީލުތައް ބަދަލުކުރުމުގެ ނުވަތަ ދައުވާގައި އިތުރު ކުށް ހިމެނުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކުރެވޭ ކަންކަން ބިނާވެފައި އޮންނަންވާނީ، ދައުވާގައި ފުރަތަމަ ހިމެނުނު ކުށް ނުވަތަ ކުށްތައްބިނާވެފައިވާ އަމަލުގެ މައްޗަށެވެ.

(ށ) އިބްތިދާއީ އަޑުއެހުން ފެށުމަށް ފަހުގައި، ދައުވާގައި އިތުރު ކުށް ހިމަނައިގެންނުވާނެއެވެ. އެހެންނަމަވެސް ކޯޓުގެ ހުއްދައާއެކު ދައުވާ ބިނާވެފައިވާ ކަންކަން، އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ބަދަލު ކުރެވިދާނެއެވެ.

 

92 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުން

(ހ) މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއްގެ ށަރީއަތުގެ ފުރަތަމަ އަޑުއެހުން ފެށުމުގެ ކުރިން، އެ ދައުވާއެއް އަނބުރާ ގެންދިޔުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. އެފަދައިން ދައުވާ އަނބުރާ ގެންދާއިރު، ފަހުން އެ ދައުވާކުރުމުގެ ހައްގު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ގޮތަށްވެސް ނުވަތަ ނުލިބޭ ގޮތަށްވެސް ދައުވާ އަނބުރާ ގެންދެވިދާނެއެވެ.

(ށ) ދައުވާ އަނބުރާ ގެންދިއުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

93 ވަނަ މާއްދާ - ދައުވާ ލިބޭ މީހާ މަރުވުން

ޖިނާއީ ކުށެއްގެ ދައުވާ ލިބޭ މީހަކު މަރުވެއްޖެނަމަ، އޭނާގެ މައްޗަށް ކުރެވިފައިވާ ދައުވާ ބާތިލުވާނެއެވެ.

 

94 ވަނަ މާއްދާ - ދައުވާކުރުމުގެ މުއްދަތުތައް

(ހ) ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ މި ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ.

(ށ) ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މީހުންގެ މައްސަލަތަކުގައި އެ މާއްދާތަކުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލުމަށް މަގުފަހިކުރުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެފަދަ މައްސަލަތަކުގެ ތަހްގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 30 (ތިރީސް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި އެ މީހެއްގެ މައްޗަށް އެ 30 (ތިރީސް) ދުވަސް ހަމަވުމުގެ ކުރިން ދައުވާ އުފުލަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 45 (ސާޅީސްފަހެއް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި އެ މީހެއްގެ މައްޗަށް އެ 45 (ސާޅީސްފަހެއް) ދުވަސް ހަމަވުމުގެ ކުރިން ދައުވާ އުފުލަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ނުވަތަ (ބ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މުއްދަތު އިތުރުކޮށްދީފިނަމަ، އެ މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުމެއް، އެ މައްސަލައިގެ ދައުވާއާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ.

 

95 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހުރި މައްސަލަތައް

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ތަހްގީގުކުރަމުންދާ މައްސަލަތަކުގެ މައްޗަކަށް މި ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުތައ އެގޮތަކަށް ނުހިނގާނެއެވެ. އެހެންނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ތަހްގީގުގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް ނިންމައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަންވާނެއެވެ. އަދި ހައްޔަރުކުރެވި، އެހެންނަމަވެސް ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތައް ނިންމައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަންވާނެއެވެ.

 

96 ވަނަ މާއްދާ – ކުށަށް އިއުތިރާފްވާ މީހުންގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުން

(ހ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަހްގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފިނަމަ، އަންނަނިވި ބާވަތްތަކުގެ އެއްބަސްވުންތަކުގެ ތެރެއިން އެއްބަސްވުމެއް އޭނާއާއެކު ވުމުގެ އިހްތިޔާރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

  1. މި ގާނޫނުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމެއް؛
  2. މި ގާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމެއް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމެއް ކުށުގެ ތުހުމަތުގައިވާ މީހާއާއެކު ވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމިއްލަ އިހްތިޔާރުގައި ހުށަހެޅިދާނެއެވެ. ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާއަށްވެސް ހުށަހެޅިދާނެއެވެ.

(ނ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަހްގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފިނަމަ، އޭނާއާ ތަހްގީގުގައި ސުވާލުކުރެވެމުންދާއިރު އެ މަޖިލީހަށް ހާޒިރުވެ، ތުހުމަތުކުރެވޭ މީހާ ކުށަށް އިއުތިރާފުވޭތޯ ބެލުމަށް އޭނާއާ ވާހަކަދެއްކުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވާހަކަދައްކާއިރު، ތުހުމަތުކުރެވޭ މީހާ ކުށަށް އިއުތިރާފުވޭތޯ ބެލުމަށް ތިރީގައި ބަޔާންކޮށްފައިވާފަދަ ކަންކަން އޭނާއަށް ހުށަހެޅުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

  1. އޭނާގެ މައްޗަށް އިތުރު ދައުވާއެއް ނުކުރުން؛
  2. އޭނާގެ މައްޗަށް ކޮށްފައިވާ ބައެއް ދައުވާ އަނބުރާ ގެންދިއުން؛
  3. ކުށުގެ އަދަބު ލުއިކޮށްދޭން އެދޭނަމަ، އަދަބު ލުއިކޮށްދެވިދާނެ ގޮތްތައް.

 

އެގާރަވަނަ ބާބު

ނަސޭހަތް ދިނުން

97 ވަނަ މާއްދާ – ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމުން

(ހ) ތަހްގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ށ) ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމަންވާނީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ އެގޮތަށް އެ މައްސަލަ ނިންމުނ ކަމުގައިވާނަމައެވެ. އެގޮތުން، މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކުރަންވާނެއެވެ.

 

98 ވަނަ މާއްދާ – ނަސޭހަތް ދެވޭނެ މައްސަލަތައް

ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދީ، މައްސަލަ ނިންމޭނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ މައްސަލަތަކުގައެވެ.

(ހ) ކުށަށް އިއުތިރާފުވެފައިވުން؛ އަދި

(ށ) ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް ކުށުގެ ތުހުމަތުގައިވާ މީހާ ގަބޫލުވުން؛ އަދި

(ނ) އޭނާ ކުރިކަމަށް އިއުތިރާފުވާ ކުށަކީ 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ހިމެނޭ ކުށެއް ކަމުގައި ނުވުން.

 

99 ވަނަ މާއްދާ – އާންމު މަސްލަހަތަށް އެންމެ ފައިދާހުރިގޮތް ކަނޑައެޅުން

ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުމަކީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކުރަންވާނެއެވެ.

(ހ) އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ނަސޭހަތް ދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(1) ކުށުގެ އަދަބަކީ ކުޑަ އަދަބެއް ކަމުގައިވުން؛

(2) ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއް ކަމުގައިނުވުން؛

(3) ކުށް ކުރި މީހަކީ ފުރަތަމަ ފަހަރަށް ކުށް ކުރި މީހެއް ކަމުގައިވުން؛

(4) ކުށް ކުރި މީހަކީ އެހެން ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހެއް ކަމުގައިނުވުން؛

(5) ކުށް ކުރި މީހަކީ އުމުރުން ދުވަސްވެފައިވާ މީހެއް ކަމުގައިވުން؛

(6) ކުށް ކުރީ ކުޑަ ކުއްޖެއް ކަމުގައިވުން؛

(7) ކުށް ކުރީ ޒިންމާދާރުކަމާއެކު އާއިލާއެއް ބަލަމުންދާ މީހަކު ކަމުގައިވުން؛

(8) ކުށުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދީފައިވުން.

(ށ) އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމުގައި ނިންމުމަށް ބާރުއަޅާ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  1. ކުށުގެ އަދަބަކީ ބޮޑު އަދަބެއް ކަމުގައިވުން؛
  2. ކުށް ކުރުމުގައި ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ބޭނުންކޮށްފައިވުން؛
  3. ކުށް ކުރުމުގައި މީހަކަށް ހަމަލާ ދީފައިވުން ނުވަތަ ހަމަލާ ދީފާނެކަމުގެ ބިރުދައްކާފައިވުން؛
  4. ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގި އަމަލަކަށްވުން؛
  5. ކުށް ކުރި މީހަކީ މުޖުތަމައުގައި ޒިންމާދާރު މަގާމެއްގައި ހުރި މީހެއް ކަމުގައިވުން؛
  6. ކުށް ކުރީ ޖަމާއަތެއް ހަދައިގެން ކަމަށްވާނަމަ، އޭނާއަކީ އެކަން ރޭވި މީހާ ކަމުގައިވުން؛
  7. ކުށުގެ އަމަލު ހިންގީ ކުޑަކުއްޖަކާ ދެކޮޅަށް ކަމުގައިވުން؛
  8. ކުށުގެ އަމަލު ހިންގީ ކުޑަކުއްޖެއް ބައިވެރިކޮށްގެން ކަމުގައިވުން؛
  9. ކުޑަކުއްޖެއްގެ ކުރިމަތީގައި ކުރި ކަމަކަށްވުން؛
  10. މީހެއްގެ ނަސްލު ނުވަތަ ޖިންސު ނުވަތަ ގައުމީ ނިސްބަތް ނުވަތަ އެ މީހެއްގެ ކިބައިގައިހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުމެއްގެ ސަބަބުން އެ މީހަކާމެދު ހިންގުނު އަމަލެއް ކަމުގައިވުން؛
  11. ކުށް ކުރުމުގައި ކޮރަޕްށަންގެ އަމަލެއް އެކުލެވިގެންވުން؛
  12. އެ ކުށަކީ އޭގެ ޒާތުގައި ބޮޑު ކުށެއް ކަމުގައި ނުވިނަމަވެސް އެ ކުށް ކުރުން އާންމުވެފައިވުން؛
  13. ކުށުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ، ދައުވާ ނުކުރުމާމެދު އޭނާ ކަނޑައެޅިގެން އިއުތިރާޒުކުރުން.

 

100 ވަނަ މާއްދާ – ނަސޭހަތްދީ ދޫކޮށްލުމުގެ އެއްބަސްވުން

(ހ) މި ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހަކު ނަސޭހަތްދީ ދޫކޮށްލާނަމަ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޭނާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ށަރުތުތަކަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވާކަމަށް އިގުރާރުވެ، ކުށުގެ ތުހުމަތުގައިވާ މީހާ ސޮއިކުރަންވާނެއެވެ. އަދި އެ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އޭނާ އަމަލުކުރަމުންދާހާ ހިނދަކު، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާ ނުއުފުލާނެކަން ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ވެވޭ އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ށަރުތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

101 ވަނަ މާއްދާ - އިތުރު ކުށެއް ކުރުން

މި ގާނޫނުގެ މިބައިގެ ދަށުން ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދީ މައްސަލަ ނިންމި ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، ނަސޭހަތް ދެވުނު މީހާ އިތުރު ކުށެއް ކޮށްފިނަމަ، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާއާއެކު، އެ ކުށާ ގުޅިގެން ނަސޭހަތް ދެވުނު ކުށުގެ ދައުވާވެސް ކުރަންވާނެއެވެ.

 

102 ވަނަ މާއްދާ – ނަސޭހަތްދީ ދޫކޮށްލުމާގުޅޭ ގަވާއިދު ހެދުން

ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދީ މައްސަލަ ނިންމުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

ބާރަވަނަ ބާބު

އަދަބު ލުއިކޮށްދިނުމަށް އެދުން

103 ވަނަ މާއްދާއަދަބު ލުއިކޮށްދިނުމަށް ހުށަހެޅުން

ތަހްގީގުގައި ކުށަށް އިއުތިރާފުވާ މީހަކީ، މި ގާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ނަސޭހަތް ދިނުމަށްފަހު ދައުވާ ނުކޮށް ދޫކޮށްލުމަށް ށަރުތު ހަމަވާ މީހެއް ކަމުގައިނުވާނަމަ، ނުވަތަ އޭނާގެ މައްޗަށް އޭނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައި މި ގާނޫނުގެ 104 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިއުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ވެވިދާނެއެވެ.

 

104 ވަނަ މާއްދާ - އިއުތިރާފުގެ އެއްބަސްވުން

(ހ) މި މާއްދާގައިވާ ގޮތުގެމަތިން، ތުހުމަތުކުރެވޭ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތުކުރެވޭ މީހާ ކުށަށް އިއުތިރާފުވެއްޖެނަމަ، ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއް ވެވިދާނެއެވެ. މި އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ވެވޭ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށްނުވާނެ އަދަބެކެވެ. ނުވަތަ ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެކެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން، ކުށުގެ ތުހުމަތުކުރެވޭ މީހާ އާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވެވިއްޖެނަމަ، މި ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޭނާގެ މައްޗަށް އެ ކުށުގެ ދައުވާ އުފުލުމަށްޓަކައި އެ މައްސަލައިގެ ލިޔުންތައް ގާނޫނު ތަންފީޒުކުރާ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ.

(ރ) ކުށަށް އިއުތިރާފުވުމަށް ފުރުސަތު ދިނުމުގެ ކަންތައް ކުރިއަށްގެންދާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

ހަތަރުވަނަ ބައި

ށަރީއަތުގެ ކުރީގެ މަރުހަލާ

 

ތޭރަވަނަ ބާބު

އިބްތިދާއީ އަޑުއެހުން

105 ވަނަ މާއްދާއިބްތިދާއީ އަޑުއެހުން ބޭއްވުން

ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދައުވާ އޭނާއަށް ސާފުވެފައިވޭތޯ ބެލުމަށާއި، ދައުވާއަށް އޭނާ ޖަވާބުދާރީވާ ގޮތެއް ބެލުމަށާއި، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުމަށްޓަކައި، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމެއް، އެ ކޯޓަކުން ބާއްވަންވާނެއެވެ.

 

106 ވަނަ މާއްދާ – އިވްތިދާއީ އަޑުއެހުމުން ހާސިލްކުރަންޖެހޭ ކަންތައްތައް

އިބްތިދާއީ އަޑުއެހުން ބޭއްވުމުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ދައުވާއާއި ދައުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދައުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުން؛

(ށ) ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވޭ ދައުވާއަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދިނުން؛

(ނ) ދިފާއީ ވަކީލަކު ނުވަތަ ތަރުޖަމާނަކު ހޯދާފައިނުވާނަމަ، އެކަން ކުރަން ފުރުސަތުދިނުން؛

(ރ) މި ގާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތަކުންކުރެ ގޮތަކަށް ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ދިނުން؛

(ބ) ށަރީއަތް ހިންގުމަށް ބޭނުންވާ މައުލޫމާތާއި ލިޔުންތައް ހާމަކޮށް، ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުން؛

(ޅ) ށަރީއަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭނެ މުއްދަތު ކަނޑައެޅުން؛

(ކ) ށަރީއަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތައް ބޭއްވުމަށާއި، ށަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީހުތަކާއި ގަޑި ކަނޑައަޅައި ތާވަލުކުރުން.

 

107 ވަނަ މާއްދާ - ދައުވާއަށް ޖަވާބުދާރީވުން

(ހ) ދައުވާ ލިބޭ ފަރާތުން އިބްތިދާއީ އަޑުއެހުމުގައި އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ދައުވާއަށް ޖަވާބުދާރީވާންވާނެއެވެ.

  1. ކުށަށް އިއުތިރާފުވާކަން؛ ނުވަތަ
  2. ދައުވާއަށް އިންކާރުކުރާކަން.

(ށ) ދައުވާ ލިބޭ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިހްތިޔާރު ނުކޮށްފިނަމަ، ނުވަތަ އިބްތިދާއީ އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، އޭނާ ދައުވާއަށް އިންކާރުކުރީ ކަމަށް ކޯޓުން ބަލަންވާނެއެވެ. އެ ހާލަތުގައި، އިބްތިދާއީ އަޑުއެހުން ނިމުމަކަށް ގެނެސް، މި ގާނޫނުގައިވާ ގޮތުގެމަތިން އެ ދައުވާގެ ށަރީއަތް ކުރިއަށްގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ.

(ނ) ދައުވާ ލިބޭ މީހާ މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދައުވާއަށް ޖަވާބުދާރީވުމަށް އެންގުމުގެ ކުރިން، އަންނަނިވި ކަންކަން ފަނޑިޔާރު ކުރަންވާނެއެވެ.

  1. ދައުވާއާއި ދައުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދައުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުން؛
  2. ދައުވާ ލިބޭ މީހާގެ މައްޗަށް ކުރެވޭ ދައުވާއަކީ ކޮބައިކަން ދައުވާ ލިބޭ ފަރާތަށް އެނގޭތޯ ސުވާލުކޮށް، އޭނާއަށް ދައުވާ ސާފުވެފައިނުވާނަމަ ދައުވާ ސާފުކޮށްދިނުން؛
  3. ދައުވާއަށް އިންކާރުކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން؛
  4. ދައުވާއިން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބުމުގެ ހައްގު، އޭނާއަށް ލިބިގެންވާކަން؛
  5. އޭނާ އިހްތިޔާރުކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިގެންވާކަމާއި، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާ ހާލަތުގައި، އޭނާ އަމިއްލައަށް ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ މާލީ ތަނަވަސްކަމެއް އޭނާގެ ކިބައިގައި ނެތްނަމަ، ހަމަޖެހިފައިވާ އުސޫލުން ދައުލަތުގެ ފަރާތުނ އޭނާއަށް ވަކީލަކު އައްޔަންކޮށްދެވޭނެކަން އެންގުން؛
  6. އޭނާގެ ހާޒިރުގައި ށަރީއަތްކުރެވުމުގެ ހައްގު ލިބިގެންވާކަން؛
  7. އޭނާއަކީ ދިވެހި ބަސް ނޭނގޭ މީހެއްނަމަ، މި ގާނޫނުގެ 167 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަރުޖަމާނެއްގެ އެހީގައި ށަރީއަތް ކުރެވުމުގެ ހައްގު ލިބިގެންވާކަން އެންގުން؛
  8. އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގު އޭނާއަށް ލިބިގެންވާކަމާއި، އޭނާ ށަރީއަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ބަޔާނެއްކަމާއި، އޭނާ ދޮގުހެކި ދީފިނަމަ، ދޮގުހެކި ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ކުރެވިދާނެކަން އެންގުން؛
  9. ދައުލަތުން ށަރީއަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުން ހެކީން ށަރީއަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ށަރީއަތުގައި ސުވާލުކުރުމުގެ ހައްގު ލިބިގެންވާކަން އެންގުން؛
  10. އޭނާ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުށަށް އިއުތިރާފުވެއްޖެނަމަ، މި މާއްދާގެ (3) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހައްގުތައް، އޭނާއަށް ލިބިނުދެވޭނެކަން.

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އަމަލުކުރުމުގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަމާއި، އެ ކުށް ކުރާ މީހަކަށް ނުވަތަ ކުށް ކުރަން އުޅުނު މީހަކަށް ނުވަތަ ކުށް ކުރުމުގައި އެހީތެރިވެދިން މީހަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށް އޭނާގެ މައްޗަށް ސާބިތުނުވިނަމަވެސް، އެ ކުށް ކުރަން އޭނާ އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާނަމަ، އެ ކުށް ކުރަން އުޅުމުގެ ނުވަތަ އެހީތެރިވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެކަން އޭނާއަށް ސާފުކޮށްދޭންވާނެއެވެ.

 

108 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވުން

(ހ) އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެނަމަ، އެ އިއުތިރާފު ށަރީއަތަށް ބަލައިގަތުމުގެ ކުރިން އެ އިއުތިރާފަކީ، އެއްވެސް މަޖުބޫރުކުރުމެއް ނުވަތަ ނުފޫޒެއް ނުވަތަ ބިރުދެއްކުމަކާ ނުލައި، ބުއްދި ސަލާމަތުން ހުރެ އޭނާގެ އަމިއްލަ އިހްތިޔާރުގައިވާ އިއުތިރާފެއްތޯ ބެލުމަށްޓަކައި ފަނޑިޔާރު އެ މަޖިލީހުގައި އޭނާއާ ސުވާލުކޮށް، އެއީ އެފަދައިންވާ އިއުތިރާފެއްކަން ކަށަވަރުކުރަންވާނެއެވެ. އަދި އެ އިއުތިރާފަކީ ހަގީގަތެއްގެ މައްޗަށް ބިނާވެގެންވާ އިއުތިރާފެއްކަންވެސް ކޯޓުން ކަށަވަރުކުރަންވާނެއެވެ.

(ށ) އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެނަމަ، މި ގާނޫނުގެ 107 ވަނަ މާއްދާގެ (ނ)ގެ (3) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ހައްގުތައް އެ މީހަކު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ. އަދި އެކަން، ފަނޑިޔާރު ދައުވާ ލިބޭ މީހާއަށް އަންގަންވާނެއެވެ.

(ނ) މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ކުށަށް އިއުތިރާފުވާ މީހުންގެ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމާމެދު އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ގޮތެއް ނިންމަންވާނެއެވެ. އަދި އެގޮތުން ނިންމާ ނިންމުން ބިނާކުރާ ސަބަބުތައް، ދައުލަތަށާއި ދައުވާ ލިބޭ ފަރާތަށް ލިޔުމުން ފަނޑިޔާރު ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިއުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުން ކަމަށްވާނަމަ، އޭނާގެ މައްޗަށް ހުކުމްކޮށް، އަދަބު ކަނޑައެޅުމުގައި އެ އެއްބަސްވުމާ އެއްގޮތަށް ފަނޑިޔާރު ހުކުމްކޮށް އަދަބު ކަނޑައަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިއުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިނުގަތުން ކަމުގައިވާނަމަ، އެކަން ކޯޓުން ހާމަކުރަންވާނެއެވެ. 

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިއުތިރާފުގެ އެއްބަސްވުމެއް ބަލައިނުގަތުމަށް ފަނޑިޔާރު ނިންމައިފިނަމަ، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަށް އޭނާ ވެފައިވާ އިއުތިރާފުން އޭނާއަށް ރުޖޫއަވުމަށް ފުރުސަތު ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ދޭ ފުރުސަތުގައި ދައުވާ ލިބޭ ފަރާތުން އިއުތިރާފުން ރުޖޫއަނުވެއްޖެނަމަ، އޭނާގެ އިއުތިރާފު ފަނޑިޔާރު ބަލައިގަންނަންވާނެއެވެ. އެހެންނަމަވެސް، އެހާލަތުގައި ފަނޑިޔާރު ބަލައިގަންނަނީ ހަމައެކަނި އެ އިއުތިރާފުކަމާއި، ދައުވާ ލިބޭ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުން ބަލައިނުގަންނަކަން ފަނޑިޔާރު ހާމަކުރަންވާނެއެވެ.

(އ) ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވާ ހާލަތުގައި، އެ އިއުތިރާފާއި، މި ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ސާފުކޮށްދޭ ކަންކަން، ލިޔުމުން، ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ މެދުވެރިކޮށް، ރެކޯޑުކުރެވި، މަހްޒަރުކުރެވިފައި އޮންނަންވާނެއެވެ.

(ވ) އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެނަމަ، އެ މައްސަލަ އަވަސްނިޔާއިން ނިންމުމަށްޓަކައި ށަރީއަތުގެ އަޑުއެހުމެއް ބާއްވަންވާނެއެވެ.

 

109 ވަނަ މާއްދާ – އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ މީހަކު އިއުތިރާފުން ރުޖޫއަވުން

(ހ) މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ކުށަށް އިއުތިރާފުވެފައިވާ މީހަކަށް މި ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި، އޭނާ ވެފައިވާ އިއުތިރާފުން ރުޖޫއަވެ، ދައުވާއަށް އިންކާރުކުރުމުގެ ހައްގު ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި، ދައުވާ ލިބޭ ފަރާތުން ދައުވާއަށްއިންކާރުކޮށްފިނަމަ، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހްގީގު އިތުރަށް ފުރިހަމަކުރަންޖެހޭތޯ ބެލުމަށްފަހު، ދައުލަތުން އެ ފުރުސަތު ބޭނުންކަމަށް ބުނެފިނަމަ، އެ ފުރުސަތު ފަނޑިޔާރު ދައުލަތަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދޭ ފުރުސަތުގައި ތަހްގީގު ފުރިހަމަކުރުމަށް ފަނޑިޔާރު ފުރުސަތު ދިނުމާއެކު، އިބްތިދާއީ އަޑުއެހުން އިތުރަށް ކުރިއަށްގެންދެވެން ނެތް ކަމަށް ކަނޑައަޅައި، އެ މައްސަލަ ބާތިލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ބާތިލުކުރާ މައްސަލައެއްގެ ތަހްގީގު ފުރިހަމަކުރުމަށްފަހު، އަލުން އެ ދައުވާ އޭނާގެ މައްޗަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

110 ވަނަ މާއްދާ - ދައުވާއަށް އިންކާރުކުރުން

(ހ) ދައުވާއަށް ޖަވާބުދާރީވުމަށް އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި އޭނާ ދައުވާއަށް އިންކާރުކޮށްފިނަމަ، އޭނާ ދައުވާއަށް ޖަވާބުދާރީވިގޮތް ފަނޑިޔާރު ރެކޯޑުކުރުމަށްފަހު، ށަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންނަމަ، އެ ފުރުސަތު ފަނޑިޔާރު ދޭންވާނެއެވެ. 

(ށ) މި މާއްދާގެ (ހ)ގެ ދަށުން ދެވޭ ފުރުސަތުގައި ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ ނިމި، އެހުށަހެޅުންތަކާމެދު ފަނޑިޔާރު ގޮތެއް ނިންމުމުން، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ށަރީއަތަށް ހުށަހަޅަން ގަސްދުކުރާ އެންމެހައި ހެކި، އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ހާމަކުރަންވާނެއެވެ.

(ނ) އިބްތިދާއީ އަޑުއެހުމެއްގައި ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިންކާރުކުރުމާއެކު، އޭނާގެ މައްޗަށް އެ ދައުވާނުކުރެވޭނެ ކަމަށް ބުނެ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 60 ވަނަ ބާބުގައި ބަޔާންކުރާ ދިފާއުތަކުގެ ތެރެއިން ދިފާއެއް ނަގައިފިނަމަ، އެ ދިފާއު ސާބިތުވޭތޯ އިބްތިދާއީ އަޑުއެހުމުގައި ބަލައި، ގޮތެއް ކަނޑައަޅަންވާނެއެވެ.

(ރ) ދައުލަތުން ހެކި ހުށަހެޅުމުން، ދައުވާ ލިބޭ ފަރާތުން ދިފާއުގައި ހުށަހަޅާނެ ހެކި ހުރިނަމަ، އެ ހެކި ހުށަހަޅަން ދައުވާ ލިބޭ ފަރާތަށް ފުރުސަތު ދޭންވާނެއެވެ.

(ބ) އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އަދި ދައުވާ ލިބޭ ފަރާތުން ހެކި ހުށަހަޅައި، ހާމަކުރަންވާނީ މި ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިންނެވެ.

 

111 ވަނަ މާއްދާ – އިއުތިރާފުން ރުޖޫއަވުމުން ކުރިން ވެފައިވާ އިއުތިރާފް ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ބޭނުންކުރުން

މި ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި، އޭނާ ވެފައިވާ އިއުތިރާފުން ރުޖޫއަވެ، ދައުވާއަށް އިންކާރުކޮށްފިނަމަ، އޭނާ ކުރިން ވި އިއުތިރާފު އޭނާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ. އަދި އޭނާ އިއުތިރާފުން ރުޖޫއަވިއިރު އޭނާއަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އޭނާ ވި އިއުތިރާފުން ރުޖޫއަވެ، ދައުވާއަށް އިންކާރުކޮށްފިނަމަ، އެ އެއްބަސްވުމުގައި އޭނާ އެއްބަސްވެފައިވާ ކަންކަން އޭނާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

 

112 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުމަށް ދައުވާ ލިބޭ މީހާ ހާޒިރުވުން

ދައުވާ ލިބޭ މީހާ ފަނޑިޔާރުގެ ކުރިމަތީގައި ހާޒިރުވެ ހުރެގެން މެނުވީ އިބްތިދާއީ އަޑުއެހުން ބާއްވައިގެންނުވާނެއެވެ. ދައުވާ ލިބޭ މީހާ އިބްތިދާއީ އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، މި ގާނޫނުގެ 107 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފަނޑިޔާރު އަމަލުކުރަންވާނެއެވެ.

 

113 ވަނަ މާއްދާ – އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވުން

(ހ) ށަރީއަތުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވުމަށް ކޯޓުން އަންގަންވާނެއެވެ. އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ސީދާ ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި މާއްދާގެ (ށ) ގައި ބުނެފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެމަޖިލީހުގައި ބައިވެރިވުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ށ) ށަރީއަތުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުންތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދައުލަތުން ބައިވެރިވުމުގެ ކަންތައް ކުރިއަށްގެންދާނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

114 ވަނަ މާއްދާ – ގާނޫނީ ވަކީލަކު އައްޔަނުކުރުން

(ހ) މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށް ދައުލަތުން ހާޒިރުވާއިރު ގާނޫނީ ވަކީލަކު އައްޔަންކޮށްފައިނުވާނަމަ، ވަކީލަކު އައްޔަންކުރުމަށް އޭނާއަށް ފުރުސަތު ދޭންވާނެއެވެ.

(ށ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، އިބްތިދާއީ އަޑުއެހުމުގައި ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުންކަމުގައި ދައުވާ ލިބޭ ފަރާތުން ބުނެފިނަމަ، މި ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޭނާ ދައުވާއަށް ޖަވާބުދާރީވާން އަންގަންވާނީ، އޭނާގެ ގާނޫނީ ވަކީލު އައްޔަންކުރެވުމުން، އެ ވަކީލުގެ ހާޒިރުގައެވެ.

(ނ) އިބްތިދާއީ އަޑުއެހުމުގައި ގާނޫނީ ވަކީލަކު ހަމަޖައްސަން ބޭނުންކަމުގައި ދައުވާ ލިބޭ ފަރާތުން ބުނެފިނަމަ، އެ މީހަކަށް ގާނޫނީ ވަކީލެއް ހަމަޖެއްސުމަށްގިނަވެގެން 10 ( ދިހައެއް) ދުވަހުގެ ފުރުސަތެއް ކޯޓުން ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ މުއްދަތު ހަމަވާއިރު އެ މީހަކު ވަކީލެއް ހަމަޖައްސާފައިނުވާނަމަ އެ މީހަކު ވަކީލެއް ހަމަޖައްސަން ބޭނުންނުވަނީ ކަމުގައި ބެލުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ބ) ގާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަންނަން ބޭނުންވާ މީހަކީ ބަންދުގައި ހުރި މީހެއްނަމަ، އޭނާ ވަކީލެއް ހަމަޖެއްސުމަށްޓަކައި އޭނާއަށް ވަކީލެއް ހަމަޖެއްސެންދެން ނުވަތަ ކޯޓުން ދޭ މުއްދަތު ފާއިތުވަންދެން ފޯނުކުރުމުގެ ފުރުސަތު އޭނާއަށް ދިނުމަށް އޭނާ ބަންދުކޮށްފައިހުރި ތަނުގެ އިދާރާއަށް ކޯޓުން އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުންވެސް ވަކީލެއް ހަމަޖެއްސުމަށް ދެވޭ މުއްދަތަކީ ގިނަވެގެން 10 (ދިހައެއް) ދުވަހެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަކީލަކު ހަމަނުޖައްސައިފިނަމަ އޭނާ ވަކީލެއް ހަމަޖައްސަން ބޭނުންނުވަނީ ކަމުގައި ބެލެވޭނެއެވެ.

(ކ) ވަކީލެއް ހަމަޖެއްސުމަށް ދެވޭ މުއްދަތު ހަމަވާއިރު ދައުވާ ލިބޭ މީހާ އެކަށީގެންވާ ސަބަބަކާ ނުލައި ވަކީލަކު ހަމަޖައްސާފައިނުވާނަމަ، މައްސަލައިގައި ކޯޓުން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަންވާނެއެވެ. އަދި އޭނާ ފަހުން ވަކީލަކު އައްޔަންކުރި ކަމުގައިވިޔަސް، ށަރީއަތުގައި ނިމިފައިހުރި ކަންކަން އަލުން ކުރާކަށް ލާޒިމެއްނުވާނެއެވެ.

(އ) ދައުވާ ލިބޭ މީހާއާމެދު ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އަދި އޭނާއަކީ ގާނޫނީ ވަކީލެއް ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހެއްނަމަ، ކަނޑައެޅިފައިވާ އުސޫލުން އޭނާއަށް ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖެއްސުމަށްޓަކައި، ކޯޓުން ފުރުސަތު ދޭންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ކޯޓުން ދޭ މުއްދަތުގެ ތެރޭގައި ކަމާބެހޭ ދައުލަތުގެ އިދާރާއަށް ހުށަހަޅައިގެން ވަކީލެއް ހަމަޖެއްސުމުގެ ކަންތައް އެކަށީގެންވާ ގޮތެއްގައި ކޮށްފައިނުވާކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ، އެ މީހަކު ވަކީލަކު އައްޔަންކުރަން ބޭނުންނުވަނީ ކަމުގައި ބެލެވޭނެއެވެ.

(މ) ދައުވާ ލިބޭ މީހާ ހުރީ ބަންދެއްގައި ކަމުގައިވާނަމަ، މި މާއްދާގެ (އ) ގެ ދަށުން ގާނޫނީ ވަކީލަކު ހަމަޖެއްސުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާއަށް ހުށަހަޅައިގެން އެކަން ހަމަޖައްސައިދިނުމަށް އެ މީހަކު ބަންދުކޮށްފައިވާ ތަނުގެ އިދާރާއަށް ކޯޓުން އަންގަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގައިވާ ހާލަތުގައި އެ މީހެއްގެ ކާކުކަން އަންގައިދޭ މައުލޫމާތާއި ހުށަހަޅަންޖެހޭ އެހެނިހެން މައުލޫމާތު، ކަމާބެހޭ ދައުލަތުގެ އިދާރާއަށް ހުށަހަޅައިގެން އެ މީހަކަށް ވަކީލެއް ހަމަޖެއްސުމުގެ ހުރިހާ ކަމެއް ކުރުމަށް އެ މީހަކު ބަންދުގައި ބަހައްޓާފައި ހުރި ތަނުގެ އިދާރާއިން މަގުފަހިކޮށްދޭންވާނެއެވެ.

 

115 ވަނަ މާއްދާ – ދައުވާއާއިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުން

(ހ) މި ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި ދައުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދައުވާއަށާއި، އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިއާޔަތްކުރާއިރު، ދައުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދައުވާ ކުރެވޭނެ ތަނެއް ނެތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދައުވާއައިގެން ކުރިއަށްދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެއީ ބާތިލު ދައުވާއެއް ކަމުގައި ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާއައިގެން ކުރިއަށްދާނެ ތަނެއް ނެތް ކަމަށްފަނޑިޔާރު ކަނޑައަޅާ ހާލަތުގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހުރީ ބަންދުގައި ކަމަށްވާނަމަ، އޭނާ ދޫކޮށްލުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާއެއް ބާތިލު ކަމަށް ކޯޓުން ކަނޑައެޅުމަކީ، އިތުރު ހެއްކާއެކު، ނުވަތަ ދައުވާގެ ލިޔުމަށް ބަދަލުގެނެސް، ހަމަ އެ ދައުވާ އަލުން އުފުލުމަށް ހުރަހަކަށްވާނެ ކަމެއް ނޫނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަކު ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުން ނިންމި ސަބަބުތައް، އެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ. އަދި އެ ނިންމުން ދައުލަތަށާއި ދައުވާ ލިބޭ ފަރާތަށް ފަނޑިޔާރު ދޭންވާނެއެވެ.

(ބ) މި ގާނޫނުގެ 107 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި ދައުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދައުވާއަށާއި އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިއާޔަތްކުރާއިރު، ދައުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދައުވާ ކުރެވޭނެ ތަނެއް އޮތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދައުވާއައިގެން ކުރިއަށްދެވޭނެ ކަމަށް ކަނޑައަޅަންވާނެއެވެ.

 

116 ވަނަ މާއްދާ – ށަރީއަތުގެ އަޑުއެހުން ބާއްވާނެ ދުވަހެއް ކަނޑައެޅުން

(ހ) ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތް ކަމަށް މި ގާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން ފަނޑިޔާރު ނިންމައިފިނަމަ، މި ގާނޫނުގެ ސާދަވަނަ ބާބުގައިވާ ގޮތުގެމަތިން ށަރީއަތްފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއްކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދައުވާ ލިބޭ ފަރާތާ މަށްވަރާކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލުކުރަންވާނެއެވެ.

(ށ) މައްސަލައިގައި ހިމެނޭ ފަރާތްތަކުން ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުމެއް ނެތްކަމަށް ބުނެ، މި ގާނޫނުގެ ސާދަވަނަ ބާބުގެ ދަށުން އެފަދަ ހުށަހެޅުންތައް ހުށަހަޅަން ދެވޭ ފުރުސަތު ދޫކޮށްލައިފިނަމަ، ށަރީއަތުގެ އަޑުއެހުން ބާއްވާނެ ދުވަސްތައް ކޯޓުން ކަނޑައަޅައި ތާވަލުކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ށަރީއަތުގެ އަޑުއެހުންތައް ތާވަލުކުރަންވާނީ، މި ގާނޫނުގެ 142 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

ސާދަވަނަ ބާބު

ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން

 

117 ވަނަ މާއްދާ – ށާރީއަތުގެ ކުރިން ހުށަހެޅިދާނެ ހުށަހެޅުން

ށަރީއަތުގައި މައުޒޫއީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާއެއް، ނުވަތަ އިއުތިރާޒެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ށަރީއަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅިދާނެއެވެ.

 

118 ވަނަ މާއްދާ – ށާރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމާއި، އެ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތައް ބޭއްވުން

(ހ) ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހައި ހުށަހެޅުމެއް، ށަރީއަތް ފެށުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ އަޑުއެހުންތައް ބާއްވާނެ ގޮތެއް، މި ގާނޫނުގެ 116 ވަނަ މާއްދާގެ ދަށުން ތާވަލުކުރާއިރު ފަނޑިޔާރު ނިންމަންވާނެއެވެ. 

(ށ) މައްސަލައިގައި ހިމެނޭ ފަރާތަކުން މިމާއްދާގައިވާ ގޮތުގެމަތިން ށަރީއަތް ފެށުމުގެކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް، މި ގާނޫނުގެ 116 ވަނަ މާއްދާގެ ދަށުން ތާވަލުކޮށްފައިވާ ގޮތުގެމަތިން އެ އަޑުއެހުންތައް ފަނޑިޔާރު ބާއްވަންވާނެއެވެ.

(ނ) ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ށަރީއަތަށް ހުށަހަޅަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތައްޔާރުކުރެވިފައިވާ ކަމާގުޅޭ ފޯމު މެދުވެރިކޮށެވެ.

(ރ) ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު، އެ ހުށަހެޅުމަށް ތާއީދުކުރާ އެފިޑެވިޓެއް ހުށަހަޅަންވާނެއެވެ. 

(ބ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ކޯޓަށް ހުށަހެޅުމާއެކު، އެ ހުށަހެޅުމުގެ ކޮޕީއެއް، އެ ހުށަހެޅުން ކޯޓަށް ހުށަހަޅާތާ 2 (ދޭއް) ދުވަހުގެ ތެރޭގައި މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް ރައްދުދިނުމުގެ ގޮތުން އަނެއް ފަރާތުން ހުށަހަޅާ އެފިޑެވިޓް، އަޑުއެހުން ބޭއްވުމުގެ 2 (ދޭއް) ދުވަސް ކުރިން ހުށަހަޅަންވާނެއެވެ.

(ކ) ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބާއްވާ އަޑުއެހުން ބޭއްވުމުގެ 5 (ފަހެއް) ދުވަސް ކުރިން އެކަން، މައްސަލައިގައި ހިމެނޭ ދެފަރާތަށް ފަނޑިޔާރު އަންގަންވާނެއެވެ.

 

119 ވަނަ މާއްދާ – ށަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުން

(ހ) އަންނަނިވި ހުށަހެޅުންތަކަކީ ށަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކެކެވެ. މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ށަރީއަތް ފެށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުސަތު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ.

  1. ދައުވާ އުފުލުމުގައި އަދި/ނުވަތަ ދައުވާ ހުށަހަޅާ ފޯމުގައި އުނިކަމެއް ވާނަމަ އެކަން؛
  2. ދައުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާއެއް؛
  3. ވަކި ހެއްކަކީ ށަރީއަތަށް ގަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން؛
  4. އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުގައި ކުރާ ދައުވާއެއް ވަކިކޮށްދިނުމަށް އެދުން؛
  5. ހެކިބަސް ދޭ މީހާއަށް ހިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުން؛
  6. މި ގާނޫނުގެ 129 އަދި 132 ވަނަ މާއްދާގެ ދަށުން ހެކި ހާމަކުރުމަށް އެންގުމަށް އެދި ހުށަހަޅާ ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ވަކި ހެއްކެއް ހާމަވީ، ށަރީއަތް ފެށުމަށް ފަހުގައި ކަމަށްވާނަމަ، އެ ނަންބަރުގައި ބަޔާންކުރާފަދަ ހުށަހެޅުމެއް، ށަރީއަތް ފެށުމަށް ފަހުގައިވެސް ހުށަހެޅިދާނެއެވެ.

 

120 ވަނަ މާއްދާދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު ހުށަހެޅުން

(ހ) ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއެއް ކަމަށް ގާނޫނެއްގައި ބަޔާންވެގެންވާ ދިފާއެއް އޮވެގެން، ދައުވާ ލިބޭ ފަރާތުން އެ ދިފާއު ހުށަހަޅަން ބޭނުންވާނަމަ، ށަރީއަތުގެ ކުރިން އެ ދިފާއު ހުށަހެޅުމުގެ ފުރުސަތު ފަނޑިޔާރު ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ދިފާއެއް ވާންވާނީ، ދައުވާ ލިބޭ ފަރާތާ ދެކޮޅަށް ހުށަހެޅިފައިވާ ދައުވާ މައުޒޫއީގޮތުން ބެލުމަކާ ނުލައި، އެ ދިފާއާމެދު ގޮތެއް ނިންމޭނެ ދިފާއަކަށެވެ.

(ނ) ދައުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާއެއް ކަމަށް ގާނޫނެއްގައި ބަޔާންވެގެންވާ ދިފާއެއް އޮވެގެން، މި މާއްދާގެ ދަށުން ދައުވާ ލިބޭ ފަރާތުން އެ ދިފާއު ހުށަހަޅައި މަދަނީ މިންގަނޑުން އެ ދިފާއު ސާބިތުކޮށްދީފިނަމަ، އެ ދައުވާ ބެލޭނެ ތަނެއް ނެތްކަމަށް އެ ހިސާބުން ކޯޓުން ކަނޑައަޅައި، މައްސަލަ ނިންމަންވާނެއެވެ.

 

121 ވަނަ މާއްދާދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާކަމުގެ ދިފާއު

(ހ) ދައުވާ ލިބޭ ފަރާތުން ދައުވާ ލިބިގަތުމަށާއި، ކުރެވޭ ހުކުމް ބަލައިގަތުމަށް ނުކުޅެދިގެންވުމުގެ ދިފާއުގެ ދަށުން ދިފާއެއް ށަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ހުށަހަޅައިފިނަމަ ކޯޓުގެ އަމިއްލަ އިހްތިޔާރުގައި ނުވަތަ ދައުލަތުގެ އެދުމުގެމަތިން އޭނާއަކީ ސިއްހީގޮތުން އެ ދައުވާ ބަލައިގަނެވޭނެ މީހެއްކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ކަނޑައަޅާ ތަނަކުން މެޑިކަލް އެގްޒެމިނޭށަނެއް ހެދުމަށް ދައުވާ ލިބޭ ފަރާތަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ށ) ކޯޓުގެ އަމުރާ އެއްގޮތަށް ދައުވާ ލިބޭ ފަރާތުން އަމަލުނުކޮށްފިނަމަ ދައުވާ ލިބޭ ފަރާތަކީ ސިއްހީގޮތުން އެ ދައުވާ ބަލައިގަނެވޭނެ މީހެއް ނޫންކަން ސާބިތުކުރުމަށްޓަކައި އެ ފަރާތުން ހުށަހަޅާ ހަބީރުންގެ ހެކިބަސް ގަބޫލުނުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ މެޑިކަލް އެގްޒެމިނޭށަން ރިޕޯޓުގެ ކޮޕީއެއް ހޯދުމަށް ދައުލަތުން އެދިއްޖެނަމަ، އެ ރިޕޯޓުގެ ކޮޕީއެއް ކޯޓުން ދައުލަތަށް ދޭންވާނެއެވެ.

 

122 ވަނަ މާއްދާ – ކުށުގެ އަމަލު ހިންގި ތަނުގައި ނެތް ކަމުގެ ދިފާއު

(ހ) ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަމުގައިވާނަމަ، އަދި އޭނާ އެކަން، ދިފާއެއްގެ ގޮތުގައި ނަގަން ބޭނުންވާނަމަ، އެކަން ދުރާލާ ހާމަކޮށްފައި އޮންނަންވާނެއެވެ. އެގޮތުން ތަހްގީގު މަރުހަލާގައި އަންނަނިވި މައުލޫމާތު ގާނޫނުތަންފީޒުކުރާ އިދާރާއަށް ދީފައި އޮންނަންވާނެއެވެ.

  1. ކުށުގެ އަމަލު ހިނގިއިރު ދައުވާ ލިބޭ ފަރާތް ހުރި ކަމަށް ބުނާ ކޮންމެ ތަނެއް ވަކިވަކިން ސާފުކޮށް ބަޔާންކޮށްދިނުން؛
  2. ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމުގެ ގޮތުން ދައުވާ ލިބޭ ފަރާތުން ހުށަހަޅަން ގަސްދުކުރާހެކީންގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރު.

(ށ) ދައުވާ ލިބޭ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ތަހްގީގުގައި ދީފިނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާއިން އެ މައްސަލަ ތަހްގީގުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާއިރު، އެ މައުލޫމާތު ހިމަނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން ހުށަހަޅާ ހެކި ހުރިކަން އޭނާއަށް އެނގިފައިވަނީ ތަހްގީގު މަރުހަލާގެ ފަހުން އެހެންނަމަވެސް ށަރީއަތުގެ މަރުހަލާގެ ކުރިން ކަމުގައިވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ ކޯޓަށް ހުށަހެޅުމުގެ ކުރިން ދައުވާ ލިބޭ ފަރާތުން މި މާއްދާގެ (ހ) ގައިވާ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔުމަކުން ހުށަހެޅުމުންވެސް، އެ މައުލޫމާތު ދުރާލާ ހާމަކުރެވުނީ ކަމުގައި ބެލެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން ހުށަހެޅޭ މައުލޫމާތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބުމުން، ދައުވާ ލިބޭ ފަރާތުން ހުށަހެޅި ކަންތައްތަކާއި، މައްސަލައިގެ ތަހްގީގުން ފެންނަންހުރި ކަންތައްތަކަށް ބެލުމަށްފަހު، ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، ދައުވާ ލިބޭ ފަރާތް އެ ދިފާއު ދުރާލާ ހާމަކުރިކަން ދައުވާގެ ލިޔުންތަކުން އެނގެން އޮންނަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންވެގެންވާ ގޮތަށް ދައުވާ ލިބޭ ފަރާތުން އަމަލުކޮށްފައިވާނަމަ، ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން ހާމަކުރާ ހެކީން ދިފާއީ ހެކީންގެ ގޮތުގައި ށަރީއަތަށް ހާޒިރުކުރެވިދާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދައުވާ ލިބޭ ފަރާތުން އަމަލުކޮށްފައިނުވާނަމަ، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމުގެގޮތުން ދުރާލާ ހާމަނުކުރާ ހެކީންގެ ހެކިބަސް ކޯޓުން ގަބޫލުކޮށްގެން ނުވާނެއެވެ.

(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، ދައުވާ ލިބޭ ފަރާތުގެ އަމިއްލަ ހެކިބަސް ށަރީއަތުގައި ދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(އ) ކުށުގެ އަމަލު ހިނގި ތަނުގައި ދައުވާ ލިބޭ ފަރާތް ނެތްކަން ސާބިތުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން ހުށަހަޅާ ހެކި ހުރިކަން އެނގިފައިވަނީ ށަރީއަތުގެ މަރުހަލާގައި ކަމަށްވެފައި، ދައުވާ ލިބޭ ފަރާތުން އެ ހެކި ށަރީއަތަށް ހުށަހަޅައިފިނަމަ، އެހާތަނަށް ށަރީއަތަށް ހުށަހެޅިފައިހުރި ހުރިހާ ހެކިތަކަކަށް ރިއާޔަތްކުރުމަށްފަހު އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި އެ ހެކި ގަބޫލުކުރަންޖެހޭކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ ހެކި ގަބޫލުކުރެވިދާނެއެވެ. އަދި މި ގާނޫނުގެ 136 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ ކަންކަމަކީ އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި އެއްކިބާކުރެވިދާނެ ކަމެއްކަމަށް ކޯޓަށް ފެންނަނަމަ، ކަންހިނގާފައި އޮތްގޮތް ރަނގަޅަށް ބެލުމަށްފަހު، އެކަންކަން އެއްކިބާކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

 

 

ފަނަރަވަނަ ބާބު

ހެކިބަހުގެ ގޮތުގައި ފަހުން ބޭނުންކުރުމަށް ބަޔާން ނެގުން

123 ވަނަ މާއްދާ – ކޯޓުގެ އަމުރަށް ހެކިބަސް ނެގުން

(ހ) ޖިނާއީ ކުށެއްގެ ށަރީއަތުގައި ހެއްކެއްގެ ގޮތުގައި ހުށަހަޅަން ގަސްދުކުރާ މީހެއްގެ ހެކިބަސް ދުރާލައި ނަގައި، ށަރީއަތުގައި ފަހުން ބޭނުންކުރުމަށްޓަކައި ރައްކާތެރިކޮށްދިނުމަށް އެދި، މައްސަލައިގައި ހިމެނޭ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ، ހެކިބަހުގެ ގޮތުގައި ފަހުން ބޭނުންކުރުމަށް ބަޔާންނެގުމުގެ ހުއްދަ ކޯޓަށް ދެވިދާނެއެވެ.

  1. މި ގާނޫނުގެ 128 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކާ ހުރެ ހެކިބަސްދޭ މީހާ ށަރީއަތުގެ މަޖިލީހުގައ ހެކިބަސް ދިނުމަށް ހާޒިރުވެވެން ނެތުން؛ އަދި
  2. އޭނާގެ ހެކިބަހަކީ އެ ށަރީއަތަށް މުހިންމު ހެކިބަހެއް ކަމަށްވުން؛ އަދި
  3. އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި އޭނާގެ ހެކިބަސް ނަގައި ރައްކާތެރިކުރެވިފައި އޮތުން މުހިންމުކަމަށްވުން.

(ނ) ކޯޓުގެ ހުއްދައާއެކު، މައްސަލައިގައި ހިމެނޭ ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން، މި މާއްދާގެ ދަށުން ހެކިބަސްދޭ މީހާގެ ހެކިބަސް ނަގައި ރައްކާތެރިކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސް ނަގައި ރައްކާތެރިކުރުމަށް ކޯޓުން އަމުރުކުރާނަމަ، އެ ހެކިބަސްނަގާއިރު ހެކިބަސްދޭ މީހާގެ ބެލުމުގެ ދަށުގައިވާ ކަމާގުޅޭ ފޮތްތަކާއި ލިޔެކިޔުމާއި ރެކޯޑާއި ރެކޯޑިންގތަކާއި، ޑޭޓާތަކާއި އެނޫންވެސް މާއްދީ ތަކެތި ހުށަހެޅުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައިވީ ނަމަވެސް، ގާނޫނީ ހިމާޔަތް ލިބިފައިވާ އެއްޗެއް އެ މާއްދާގެ ދަށުން ހުށަހެޅުން ލާޒިމުވެގެނެއްނުވެއެވެ.

 

124 ވަނަ މާއްދާ – ނޯޓިސްދިނުން

(ހ) ހެކިބަސް ނަގައި ރައްކާތެރިކުރަން އެދޭ ފަރާތުން އެ ހެކިބަސް ނަގާނެ ދުވަހަކާއި ހެކިބަސް ނެގުން އޮންނާނެ ތަނުގެ މައުލޫމާތު، މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެންގުމެއް އަންގާއިރު، ހެކިބަސް ނަގައި ރައްކާތެރިކުރަން ގަސްދުކުރާ އެންމެންގެ ނަމާއި އެޑްރެސް ހިމަނަންވާނެއެވެ. ދައުވާ ލިބޭ ފަރާތަކީ ބަންދުގައި ހުރި ފަރާތެއްނަމަ، މި މާއްދާގެ ދަށުން ހެކިބަސް ނެގުމަށް ކަނޑައެޅިފައިވާ ދުވަހާއި ތަން އެ މީހަކު ބަންދުގައި ބަހައްޓާފައި ހުރި އިދާރާއަށް އަންގަންވާނެއެވެ.

(ނ) ހެކިބަސް ނަގައި ރައްކާތެރިކުރުމަށްޓަކައި ހެކިބަސް ނަގަން ހަމަޖެހިފައިވާ ތަން ބަދަލުކުރަން މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، އެކަން އެގޮތަށް ބަދަލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެކަން ކުރުމަށް ހުއްދަދެވިދާނެއެވެ.

 

125 ވަނަ މާއްދާދައުވާ ލިބޭ ފަރާތް ހާޒިރުވުން

(ހ) ހެކިބަސް ނަގައި ރައްކާތެރިކުރުމުގެ ކަންކަން ކުރިއަށްދާއިރު އެތަނަށް ހާޒިރުވެ، ހެކިބަސްދޭ މީހާގެ ހާޒިރުގައި ހުރުމުގެ ހައްގު ދައުވާ ލިބޭ މީހާއަށާއި އޭނާގެ ވަކީލަށް ލިބިގެންވެއެވެ. އެގޮތުން ހާޒިރުވުމުގެ އެންމެހައި ހަރަދެއް އުފުލަންޖެހޭނީ ދައުވާ ލިބޭ ފަރާތުންނެވެ.

(ށ) ދައުވާ ލިބޭ މީހަކީ ބަންދުގައިވާ މީހެއްނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، އޭނާ ބަންދުގައި ބަހައްޓާފައިހުރި ފަރާތުން ހެކިބަސް ނެގުމަށް ހަމަޖެހިފައިވާ ތަނަށް އޭނާ ހާޒިރުކޮށްދޭންވާނެއެވެ.

(ނ) ދައުވާ ލިބޭ ފަރާތަށް އެތަނުގައި ހާޒިރުވެހުރުމަށް ލިބިފައިވާ ހައްގު ލިޔުމުން ދޫކޮށްލާފައިވާނަމަ، ނުވަތަ ހެކިބަސް ނެގުމަށް ހުރަސް އެޅޭގޮތަކަށް ދައުވާ ލިބޭ ފަރާތުގެ އަމަލުތައް ހުރުމުގެ ސަބަބުން ހެކިބަސް ނަގާ ތަނުން އޭނާ ނެރެންޖެހިދާނެކަމަށް އިންޒާރުކުރުމުންވެސް އޭނާގެ އަމަލުތައް ހެކިބަސް ނެގުމަށް ހުރަސްއެޅޭ ގޮތަކަށް ހުރިނަމަ، ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ހެކިބަސް ނެގިދާނެއެވެ.

(ރ) ދައުވާ ލިބޭ ފަރާތަކީ ބަންދުގައިވާ މީހެއް ކަމަށް ނުވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ނަގާ ތަނުގައި ހާޒިރުވެ ހުރުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. އެކަށީގެންވާ ސަބަބެއް ނެތި ދައުވާ ލިބޭ ފަރާތް އެތަނަށް ހާޒިރުވެފައި ނުވާނަމަ، އަންނަނިވި ހައްގުތައް އޭނާ ދޫކޮށްލީ ކަމުގައި ބެލޭނެއެވެ.

  1. އެތަނަށް ހާޒިރުވެ ހުރުމަށް ދައުވާ ލިބޭ ފަރާތަށް ލިބިދޭ ހައްގު؛
  2. ހެކިބަސް ނެގުމަށާއި، އެ ހެކިބަސް ބޭނުންކުރުމަށް އިއުތިރާޒުކުރުމަށް ދައުވާ ލިބޭ ފަރާތަށް ލިބިފައިވާ ހައްގު.

 

126 ވަނަ މާއްދާ - ހެކިބަސް ނަގާ ގޮތް

މި ގާނޫނުގެ ދަށުން ނުވަތަ ކޯޓުގެ އަމުރަކުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، މ މާއްދާގެ ދަށުން ނަގާ ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހުގައި ހެކިބަސް ނެގުމުގައި އަމަލުކުރުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ހެކީންނާ ސުވާލުކުރުމުގެ ފުރުސަތު، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ.

 

127 ވަނަ މާއްދާ – އިއުތިރާޒުކުރުން

ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހެކިބަސް ނަގާއިރު، އެ ހެކިބަސް އެގޮތަށް ނެގުމަށް ދެފަރާތުންކުރެ ފަރާތަކުން އިއުތިރާޒުކުރާނަމަ އެކަން އެ ހެކިބަސް ނެގޭ މަރުހަލާގައި ސަބަބާއެކު ބަޔާންކުރަންވާނެއެވެ.

 

128 ވަނަ މާއްދާ – ހެކީގެ ގޮތުގައި ބޭނުންކުރުން

ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ނަގާ ހެކިބަސް ނުވަތަ އެ ހެކިބަހުގެ ބައެއް، ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން، އަންނަނިވި ހާލަތުތަކުންކުރެ ހާލަތެއްގައި ށަރީއަތަށް ހުށަހަޅައި، ށަރީއަތުގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

(ހ) ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށް ނަގާފައިވާ ހެކިބަހުން ބައެއް، ށަރީއަތުގައި ހިމެނޭ އަނެއް ފަރާތުން ށަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވުން؛

(ށ) ހެކިބަސްދޭ މީހާ އަންނަނިވި ސަބަބުތަކުންކުރެ ސަބަބަކާހުރެ ށަރީއަތުގެ މަޖިލީހަށް ހާޒިރުކުރެވެން ނެތުން:

  1. މަރުވުމުގެ ސަބަބުން، ނުވަތަ ހަށިގަނޑަށް ނުވަތަ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން، ނުވަތަ މުސްކުޅިވުމުގެ ސަބަބުން އޭނާ ހާޒިރުކުރެވެން ނެތުން؛
  2. ހެކިބަސްދޭ މީހާ ގައުމުން ބޭރުގައިވުމުގެ ސަބަބުން ހާޒިރުކުރެވެން ނެތުން؛
  3. ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ނަގާފައިވާ ހެކިބަސް ދިން މީހާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް އަންގާފައިވާ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންވެގެންވާ ގޮތަށް ހެކިބަސްދޭ މީހާ ގައުމުން ބޭރުގައި ހުރި ހުރުމަކީ ށަރީއަތުގެ މަޖިލީހުގައި ފަހުން ހެކިބަހުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ނަގާފައިވާ ހެކިބަސް، ހެކީގެ ގޮތުގައި ހުށަހަޅަން ގަސްދުކުރާ ފަރާތުން ގަސްދުގައި ކުރުވާފައިވާ ކަމެއް ކަމުގައި ވެގެންނުވާނެއެވެ.

 

ސޯޅަވަނަ ބާބު

ހެކި ހާމަކުރުން

129 ވަނަ މާއްދާ - ދައުލަތުން ހެކި ހާމަކުރުން

(ހ) މި ގާނޫނުގެ 130 ވަނަ މާއްދާގައިވާ ހާލަތްތަކުގައި މެނުވީ ދައުލަތުން އަންނަނިވި މައުލޫމާތު، ދައުވާ ލިބޭ ފަރާތަށް ހާމަކުރަންވާނެއެވެ. ނުވަތަ ދައުވާ ލިބޭ ފަރާތަށް އެ މައުލޫމާތު ބެލޭނޭ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.

  1. ދައުލަތުގެ ބާރުގެ ދަށުގައިވާ ނުވަތަ ބެލުމުގެ ދަށުގައިވާ މައުލޫމާތު؛
  2. އެ މައުލޫމާތަކީ ދައުލަތަށް އެނގޭ ނުވަތަ އެކަށީގެންވާ ގޮތުގައި އެނގެންޖެހޭ މައުލޫމާތު ކަމަށްވުން.

(ށ) ދައުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އަންނަނިވި ތަކެތި ބަލައި، ކޮޕީ ނަގައި، ފޮޓޯ ނެގުމުގެ ފުރުސަތު ދައުލަތުން ދައުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ.

  1. ދައުވާ ލިބޭ ފަރާތުން ދީފައިވާ އެ މައްސަލައާ ގުޅުންހުރި އެންމެހައި ބަޔާންތައް؛
  2. ދައުވާ ލިބޭފަރާތުން އަނގަބަހުން، ދައުވާކުރާ ފަރާތަށް ނުވަތަ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދީފައިވާ ބަޔާނެއްގައި ހިމެނޭ މައިގަނޑު ކަންކަން؛ 

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ދައުލަތުން މައުލޫމާތު ހާމަކުރަންޖެހޭނީ އެ މައުލޫމާތަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކު ކުރި ތަހްގީގެއްގައި ނުވަތަ ކުރި ސުވާލެއްގެ ޖަވާބުގެ ގޮތުން ލިބިފައިވާ މައުލޫމާތެއްކަމަށް ދައުވާ ލިބޭ ފަރާތަށް ގަބޫލުކުރެވޭނަމައެވެ.

(ރ) ދައުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ އެ ފަރާތުގެ ކުށުގެ ރެކޯޑު ދައުލަތުން ދޭންވާނެއެވެ.

(ބ) ދައުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، އަންނަނިވި ހާލަތުގައި ލިޔެކިޔުމާއި، ފޮޓޯއާއި، ވީޑިއޯއާއި، ޑޭޓާއާއި، އިމާރާތްތަކާއި، ތަންތަން ބަލައި، ފޮޓޯ ނަގައި، ކޮޕީ ހެއްދުމުގެ ފުރުސަތު، ދައުލަތުން ދައުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ.

  1. އެ އެއްޗެއްސަކީ، ދިފާއު ތައްޔާރުކުރުމުގައި ދައުވާ ލިބޭ ފަރާތަށް މުހިންމުކަމަށްވުން؛ ނުވަތަ
  2. އެ އެއްޗެއްސަކީ، ދައުލަތުގެ މައިގަނޑު ދައުވާގައި ށަރީއަތުގައި ބޭނުންކުރުމަށް ގަސްދުކުރާ ތަކެތި ކަމަށްވުން؛ ނުވަތަ
  3. އެ އެއްޗެއްސަކީ، ދައުވާ ލިބޭ ފަރާތުގެ އަމިއްލަ އެއްޗެއް ނުވަތަ އޭނާ ހޯދާފައިވާ އެއްޗެއް ކަމަށްވުން.

(ޅ) ދައުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، އެ މައްސަލައަކާ ގުޅޭގޮތުން ކުރެވިފައިވާ އެންމެހައި ޖިސްމާނީ ނުވަތަ ސިކުނޑީގެ ނުވަތަ ސައިންޓިފިކް ޓެސްޓްތަކުގެ ނަތީޖާތަކަކީ ދައުވާ ލިބޭ ފަރާތުގެ ދިފާއު ތައްޔާރުކުރުމުގައި، ނުވަތަ ދައުލަތުން ކުރާ ދައުވާގައި ށަރީއަތުގައި ބޭނުންކުރުމަށް ގަސްދުކުރާ ޓެސްޓުތަކެއްކަމަށް ވާނަމަ އެތަކެތި ދައުލަތުން ދައުވާ ލިބޭ ފަރާތަށް ދޭންވާނެއެވެ.

(ކ) ށަރީއަތް ފެށުމުގެ ކުރިން ދައުވާ ލިބޭ ފަރާތުން، ލިޔުމުން އެދިއްޖެނަމަ، އެ ފަރާތާ އެއްކޮޅު އެންމެހައި ހެކި ދައުލަތުން ހާމަކުރަންވާނެއެވެ.

(އ) ދައުވާ ލިބޭ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދައުލަތުން ހުށަހަޅަން ގަސްދުކުރާ އެންމެހައި ހެކީންގެ ނަމާއި އެޑްރެސް ހިމެނޭ ލިސްޓެއް ދައުވާ ލިބޭ ފަރާތަށް ދައުލަތުން ދޭންވާނެއެވެ.

 

130 ވަނަ މާއްދާ - ހާމަކުރަންނުޖެހޭ މައުލޫމާތު

(ހ) އަންނަނިވި ހާލަތްތަކުގައި މި ގާނޫނުގެ 129 ވަނަ މާއްދާގައިވާ މައުލޫމާތަކީ ހާމަކުރަންޖެހޭ ނުވަތަ ބެލުމުގެ ފުރުސަތު ދޭންޖެހޭ މައުލޫމާތެއް ނޫނެވެ.

  1. މި ގާނޫނުގެ 129 ވަނަ މާއްދާގެ (ހ)، (ރ)، (ޅ) އަދި (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ އެ މައްސަލައެއްގެ ތަހްގީގަކާ ގުޅިގެން ނުވަތަ ދައުވާކުރާ ކުރުމާ ގުޅިގެން ދައުލަތުގެ ވަކީލަކު ނުވަތަ އެޖެންޓަކު އެ އޮފީހެއް ނުވަތަ އެ އިދާރާއެއްގެ އެކަނި ބޭނުމަށްޓަކައި ތައްޔާރުކުރާ ރިޕޯޓާއި ލިޔެކިޔުންތައް؛
  2. މި ގާނޫނުގެ 129 ވަނަ މާއްދާގެ (ހ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ ވަކީލަކަށް، ހެކިވެރިއަކު ނުވަތަ ހެކިވެރިއަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާން.

 

131 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު

(ހ) ދައުލަތުން މި ގާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ހާމަކުރަންޖެހޭ ހެކި ހާމަ ނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް، ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ދައުލަތުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދިއްޖެނަމަ، އެ އަމުރާމެދު ކޯޓުން ގޮތެއް ނިންމަންދެން ދައުވާ ލިބޭ ފަރާތަށް އެފަދަ މައުލޫމާތު ލިބުން މަނާކުރުމުގެ ވަގުތީ އަމުރު ނެރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) އަންނަނިވި ސަބަބުތަކަށްޓަކައި ހެކި ހާމަކުރުމަކީ އިންސާފުވެރިގޮތް ކަމަށް ނުފެންނަނަމަ، ހެކި ހާމަ ނުކުރުމަށް، ނުވަތަ ހާމަކުރުން ފަސްކުރުމަށް، ނުވަތަ ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިހްތިޔާރު ކޯޓަށްލިބިގެންވެއެވެ.

  1. އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިގްތިސާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުން؛ ނުވަތަ
  2. ތަހްގީގަށް ހުރަސް އެޅުން؛ ނުވަތަ
  3. ހެއްކެއްގެ އަސްލު އޮޅުވާލުން ނުވަތަ ހެކި ނައްތާލުން، ނުވަތަ ހަލާކުކޮށްލުން، ނުވަތަ ގެއްލުވާލުން.

 

132 ވަނަ މާއްދާދައުވާ ލިބޭ ފަރާތުން ހެކި ހާމަކުރުން

(ހ) މި ގާނޫނުގެ 133 ވަނަ މާއްދާގައިވާ ހާލަތުގައި މެނުވީ، އަންނަނިވި ރުކުންތަކަށް ފެތޭ ތަކެތި، ދައުވާ ލިބޭ ފަރާތުން ހާމަކުރަންވާނެއެވެ.

  1. އެ ތަކެއްޗަކީ ދައުވާ ލިބޭފަރާތުގެ އަތުގައި ނުވަތަ ބެލުމުގެ ދަށުގައި ނުވަތަ ބާރުގެ ދަށުގައިވާ ތަކެތި ކަމަށްވުން؛
  2. އެ ތަކެއްޗަކީ ދައުވާ ލިބޭ ފަރާތުގެ މައިގަނޑު ދިފާއުގައި ބޭނުންކުރަން ގަސްދުކުރާ ތަކެއްޗަށްވުން.

(ށ) ދައުވާ ކުރާ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދައުވާ ލިބޭ ފަރާތަށް ލިބިފައިވާ ހޯދުންތަކާއި ފޮޓޯތަކާއި، ވީޑިއޯތަކާއި، ފޮތްތަކާއި، ކަރުދާހާއި، ޑޭޓާއާއި، އެނޫންވެސް އެފަދަ އެއްޗެހި، ދައުވާ ލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް ހާމަކޮށް، އެ އެއްޗެއް ނަކަލު ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) ދައުވާ ކުރާ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދައުވާ ލިބޭ ފަރާތް ނުވަތަ އެ ފަރާތުގެ މަންދޫބަކު، ވަކި މައްސަލައަކާ ގުޅިގެން، ސިއްހީ ގޮތުން ބެލި ބެލުމަކަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް، ސައިންޓިފިކް ޓެސްޓެއް ނުވަތަ ތަހުލީލެއް، ނުވަތަ އެނޫންވެސް އެފަދަ އެއްޗެހި ދައުވާކުރާ ފަރާތަށް ހާމަކޮށް، އެ އެއްޗެއް ނަކަލު ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ރ) ދައުވާ ކުރާ ފަރާތުން ލިޔުމުން އެދިއްޖެނަމަ، ދައުވާ ލިބޭފަރާތުން ށަރީއަތަށް ހުށަހަޅަން ގަސްދުކުރާ އެންމެހައި ހެކީންގެ ނަމާއި އެޑްރެސް ހާމަކޮށް، އެ މައުލޫމާތު ހިމެނޭ ލިސްޓެއް ދައުވާކުރާ ފަރާތަށް ދޭންވާނެއެވެ.

 

133 ވަނަ މާއްދާ - ހާމަކުރަންނުޖެހޭ މައުލޫމާތު

އަންނަނިވި މައުލޫމާތަކީ، އަންނަނިވި ހާލަތްތަކުގައި، މި ގާނޫނުގެ 132 ވަނަ މާއްދާގެ ދަށުން ހާމަކުރަންޖެހޭ ނުވަތަ ބެލުމުގެ ފުރުސަތު ދޭންޖެހޭ މައުލޫމާތެއް ނޫނެވެ.

(ހ) ދައުވާ ލިބޭ ފަރާތުން ނުވަތަ އެ ފަރާތުގެ ވަކީލަކު، ތަހްގީގު މަރުހަލާގައި ނުވަތަ ށަރީއަތުގެ ކުރީގެ މަރުހަލާގައި ތައްޔާރުކޮށްފައިވާ އެއްވެސް ރިޕޯޓެއް، މެމޯއެއް، ނުވަތަ އެ ފަރާތުގެ ބޭނުމަށް ތައްޔާރުކުރާ އެއްވެސް ލިޔުމެއް؛

(ށ) ހެއްކަކު ނުވަތަ ހެއްކަކަށް ވެދާނެ މީހަކު ދީފައިވާ ބަޔާން.

 

134 ވަނަ މާއްދާ - ރައްކާތެރިކުރުމުގެ އަމުރު

(ހ) ދައުވާ ލިބޭ ފަރާތުން މި ގާނޫނުގެ 132 ވަނަ މާއްދާގެ (ހ) ގެ ދަށުން ހާމަކުރަންޖެހޭ ހެކި ހާމަ ނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް، ނުވަތަ ހެކި ހާމަކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ދައުވާ ލިބޭ ފަރާތުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދިއްޖެނަމަ، އެ އަމުރާމެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން ދައުލަތަށް އެފަދަ މައުލޫމާތު ލިބުން މަނާކުރުމުގެ ވަގުތީ އަމުރު ނެރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) އަންނަނިވި ސަބަބުތަކަށްޓަކައި ހެކި ހާމަކުރުމަކީ އިންސާފުވެރިގޮތް ކަމަށް ނުފެންނަނަމަ، ހެކި ހާމަ ނުކުރުމަށް، ނުވަތަ ހާމަކުރުން ފަސްކުރުމަށް، ނުވަތަ ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

  1. އެއްވެސް މީހަކަށް ޖިސްމާނީ، ނުވަތަ އެކަށީގެންވާ ބޮޑު އިގްތިސާދީ ގެއްލުމެއް ލިބުން ނުވަތަ ކަމަކަށް މަޖުބޫރު ކުރުން؛ ނުވަތަ
  2. ހެކީގެ ބާރު ކަނޑުވާލުން ނުވަތަ ގެއްލުންދިނުން ނުވަތަ ނައްތާލުން.

 

135 ވަނަ މާއްދާހެކި ހާމަކުރުމަށް އޮތް މަސްއޫލިއްޔަތު ދެމިއޮތުން

އަންނަނިވި ހާލަތުތަކުގައި މައްސަލައެއްގެ ށަރީއަތް ފެށުމުގެ ކުރިން ނުވަތަ ށަރީއަތް ކުރިއަށް ދަނިކޮށް، މައްސަލައިގައި ހިމެނޭ ފަރާތަކަށް އިތުރު ހެއްކެއް ލިބިއްޖެނަމަ، އެކަމުގެ މައުލޫމާތު މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް އަދި ކޯޓަށް ވަގުތުން އަންގަންވާނެއެވެ.

(ހ) އެ ހެއްކަކީ މި ބާބުގައިވާ ގޮތުގެމަތިން ހާމަކުރަންޖެހޭ ހެއްކެއް ކަމުގައިވުން؛

(ށ) އެ ހެއްކަކީ މައްސަލައިގައި ހިމެނޭ ފަރާތަކުން ހާމަކުރަން އެދިފައިވާ ބާވަތުގެ ހެއްކަކަށްވުން ނުވަތަ ކޯޓުން ހާމަކުރަން އެދިފައިވާ ބާވަތުގެ ހެއްކަކަށްވުން.

 

136 ވަނަ މާއްދާހެކި ހާމަކުރުމާގުޅޭ ކަންކަން ތަންފީޒުކުރުން

(ހ) މި ބާބުގެ ދަށުން ހާމަކުރަންޖެހޭ ހެކި، ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގައި ހާމަކުރަންވާނެއެވެ. ހެކި ހާމަކުރަން އެދޭފަރާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން އަދި ށަރީއަތް ފެށުމުގެ ކުރިން ހާމަކުރަންޖެހޭ ހެކި ހާމަކޮށް ނިންމުމަށްޓަކައި، ހެކި ހާމަކުރަންޖެހޭ މުއްދަތުތައް، ދުރާލައި ކޯޓުން ކަނޑައަޅަންވާނެއެވެ.

(ށ) މައްސަލައިގައި ހިމެނޭ ފަރާތަކުން މި ބާބުގައި ބަޔާންކުރާ އުސޫލަކާ ހިލާފުވެއްޖެނަމަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލު ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

  1. ހެކި ހާމަކުރުމަށް ނުވަތަ ބެލުމަށް އަމުރުކުރުން. (އެގޮތުން އަމުރުކުރުމުގައި ހެކި ހާމަކުރަންޖެހޭ މުއްދަތާއި، ތަނާއި، ހާލަތާއި އަދި އެނޫންވެސް ކޯޓަށް ފެންނަ އިންސާފުވެރި ށަރުތުތަކެއް ކަނޑައެޅިދާނެއެވެ.)
  2. ހެކި ހާމަކުރުމަށް އިތުރު ފުރުސަތު ދިނުން؛
  3. ހާމަނުކުރި ހެކި ށަރީއަތުގެ މަޖިލީހަށް ހުށަހެޅުން މަނާކުރުން؛
  4. އެ ހާލަތާ ގުޅޭގޮތުން އެންމެ އިންސާފުވެރި އެނޫންވެސް އަމުރެއް ނެރުން.

 

137 ވަނަ މާއްދާ – ހުއްދަކުރެވިގެންވާ ހެކި ހާމަކުރުމުން އިސްތިސްނާވުން

ހާމަކުރަން އެދޭ ހެއްކަކީ ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) ގެ ދަށުން ށަރީއަތުގައި ގަބޫލުނުކުރެވޭ ހެއްކަކަށްވުން އެއީ މި ބާބުގެ ދަށުން ހެކި ހާމަކުރުމަށް އޮންނަ މަސްއޫލިއްޔަތު އަދާކުރުމަށް އޮތް އުޒުރެއްނޫނެވެ. އެހެންނަމަވެސް އެފަދަ ހެކި ހާމަކުރެވުނު ކަމުގައިވީނަމަވެސް، އެފަދަ ހެކި ށަރީއަތަށް ގަބޫލުކުރުމުގައި އަމަލުކުރާނީ ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) ގައިވާ ގޮތުގެމަތިންނެވެ.

 

 

ފަސްވަނަ ބައި

ށަރީއަތުގެ މަރުހަލާ

 

ސަތާރަވަނަ ބާބު

ށާރީއަތް ހިންގުން

 

138 ވަނަ މާއްދާ – ށަރީއަތް ހިންގޭނެ މައްސަލަތައް

އިބްތިދާއީ އަޑުއެހުން ބޭއްވުމަށްފަހު، ށަރީއަތަށް ހުށަހެޅޭނީ، އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކުރާ މީހުންގެ މައްސަލަތަކާއި، އިބްތިދާއީ އަޑުއެހުމަށް ހާޒިރުނުވާ މީހުންގެ މައްސަލަތަކެވެ. ދައުވާކުރެވޭ ކުށަށް އިއުތިރާފުވާ މީހުންގެ މައްސަލަތައް ބެލޭނީ، މި ގާނޫނުގެ 162 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަވަސްނިޔާއިންނެވެ.

 

139 ވަނަ މާއްދާ – ކުށަށް އިއުތިރާފްވެފައިވާ މީހުންގެ މައްސަލަތައް

މި ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައިވާ މީހުންގެ މައްސަލަތަކުގައި، އިބްތިދާއީ އަޑުއެހުން ބާއްވާ ވަގުތުން ފެށިގެން ގިނަވެގެން ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.

 

140 ވަނަ މާއްދާ – ދައުވާއަށް އިންކާރުކުރާ މީހުންގެ މައްސަލަތައް

(ހ) ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 109 ވަނަ މާއްދާ ނުވަތަ 110 ވަނަ މާއްދާގެ ދަށުން އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށްފައިވާ މީހަކުނަމަ، އަދި އޭނާއަކީ، މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކުރެވިފައިވާ މީހަކުނަމަ، މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން އޭނާއަށް ދައުވާއާގުޅޭ ލިޔެކިޔުންތައް ލިބޭތާ ގިނަވެގެން 70 (ހަތްދިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ށަރީއަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.

(ށ) ދައުވާ ލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެއްނަމަ، މި ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން އޭނާއަށް ދައުވާއާގުޅޭ ލިޔެކިޔުންތައް ލިބޭތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ށަރީއަތުގެ އަޑުއެހުން ބާއްވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވާ ތާރީހުން ފެށިގެން ނުވަތަ ދައުވާއާގުޅޭ ލިޔެކިޔުން ދައުވާ ލިބޭ ފަރާތަށް ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވުމުގެ ކުރިން، އެ މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުން ބާއްވައިގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މައްސަލައިގެ ށަރީއަތުގެ އަޑުއެހުން އެއަށްވުރެ ކުރިން ބޭއްވުމަށް ދައުވާ ލިބޭ މީހާ އަމިއްލައަށް އެދިއްޖެ ހިނދެއްގައި، މައްސަލައިގެ ށަރީއަތް އެއަށްވުރެ އަވަހަށް ފެށުމަކަށް ހުރަހެއްނެތެވެ.

 

141 ވަނަ މާއްދާ - އިސްތިސްނާ ހާލަތްތައް

 (ހ) މި ގާނޫނުގެ 140 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މުއްދަތުތައް ގުނުމުގައި، ށަރީއަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަށްޓަކައި ހޭދަވާ ވަގުތެއް ނުހިމެނޭނެއެވެ.

(ށ) މި ގާނޫނުގެ 140 ވަނަ މާއްދާ އެހެންއޮތްނަމަވެސް، އެންމެ ލަސްވެގެން ށަރީއަތް ފެށެންވާނެ ކަމަށް އެ މާއްދާގައި ބަޔާންވެގެންވާ މުއްދަތު އިތުރުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން އެދިއްޖެނަމަ، އެއީ އަދުލުއިންސާފު ގާއިމުކުރުމުގެ މަސްލަހަތު އޮތްކަމެއް ކަމަށް ކޯޓަށް ފެންނަ ހާލަތުގައި، އެ މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

142 ވަނަ މާއްދާ – އަދުލުވެރިކަމާއެކު އަދި މެދުކެނޑުމެއްނެތި ށަރީއަތް ހިންގުން

(ހ) ޖިނާއީ ކޮންމެ މައްސަލައެއްގެވެސް ށަރީއަތް ހިންގަންވާނީ، އަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.

(ށ) ށަރީއަތުގެ އަޑުއެހުންތައް ފެށުމަށްފަހު، މެދުކެނޑުމެއްނެތި އެށަރީއަތް ކޮށް ނިންމަންވާނެއެވެ

.

143 ވަނަ މާއްދާ – ށާރީއަތުގެ މަޖިލިސް އާންމުކޮށް ހުޅުވާލައިގެން ބޭއްވުން

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި، ޖިނާއީ މައްސަލަތަކުގެ ށަރީއަތް ބާއްވަންވާނީ އާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި ޖިނާއީ މައްސަލައެއްގެ ށަރީއަތެއް، ނުވަތަ ށަރީއަތުން ބައެއް ބާއްވަންވާނީ އާންމުކޮށް ހުޅުވާލެވިފައިނުވާ މަޖިލީހެއްގައެވެ.

  1. ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ދައުވާއެއްގެ ށަރީއަތުގެ މަޖިލީހުގައި؛
  2. އެއީ ކުށުގެ އަމަލުން އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ބޭނުންތެރި ކަމެއް ކަމަށްވާ ހާލަތުގައި؛
  3. އެއީ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމަށްޓަކައި ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުމަށްޓަކައި ބޭނުންތެރި ކަމެއް ކަމަށްވާ ހާލަތުގައި؛
  4. އެއީ ގައުމީ ސަލާމަތަށް ބުރޫއެރިޔަނުދިނުމަށްޓަކައި ބޭނުންތެރި ކަމެއް ކަމަށްވާ ހާލަތުގައި؛
  5. އާންމުކޮށް ހުޅުވާލައިގެން ށަރީއަތް ހިންގައިފިނަމަ، އަދުލު އިންސާފު ގާއިމުކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުމަށްޓަކައި އެއީ ބޭނުންތެރި ކަމެއް ކަމުގައިވާ އެނޫންވެސް ހާލަތެއްގައި.

 

144 ވަނަ މާއްދާ – ށަރީއަތުގެ އަޑުއެހުން ފެށުމާއި، ދައުވާއާއި ދިފާއު ހުށަހެޅުން

(ހ) ށަރީއަތުގެ އަޑުއެހުން ފަނޑިޔާރު ފަށަންވާނީ، ށަރީއަތުގެ އަޑުއެހުން ފެށުނުކަން އިއުލާންކުރުމާ އެކުގައެވެ. އަދި އެ އަޑުއެހުން ބޭއްވެނީ، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިބްތިދާއީ އަޑުއެހުމުގައި އިންކާރުކޮށްފައިވާތީކަން، ނުވަތަ އިބްތިދާއީ އަޑުއެހުމަށް އޭނާ ހާޒިރުވެފައިނުވާތީކަން ފަނޑިޔާރު ހާމަކުރަންވާނެއެވެ.

(ށ) ޖިނާއީ މައްސަލައެއްގެ ށަރީއަތް ފަށާނީ، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހަޅާ ދައުވާ، ދައުލަތުގެ ފަރާތުން ހުށަހެޅުމުންނެވެ.

(ނ) ދައުލަތުގެ ފަރާތުން ދައުވާ ހުށަހަޅާއިރު، އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކި، އެ ދައުވާއާއެކު ހުށަހަޅަންވާނެއެވެ. ދައުވާއާ ގުޅިގެން ށަރީއަތަށް ހާޒިރުކުރަން ބޭނުންވާ ހެކީންގެ ހެކިބަސް ނަގާނީ، މި ގާނޫނުގެ ނަވާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހެކީން ހާޒިރުކުރުމުގެ މަރުހަލާގައެވެ.

(ރ) ދައުލަތުގެ ފަރާތުން ދައުވާ ހުށަހަޅާ ނިމުމުން، ދައުވާ ލިބޭ ފަރާތުން އޭނާގެ ދިފާއު ހުށަހަޅަންވާނެއެވެ.

(ބ) ދައުވާ ލިބޭ ފަރާތުން ދިފާއު ހުށަހެޅުމުން ދެން އޮންނާނީ، ހެކީން ހާޒިރުކޮށް ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

 

 

އަށާރަވަނަ ބާބު

ހެކިހުށަހެޅުމާއި ގަބޫލުކުރުން

145 ވަނަ މާއްދާ –ށަރީއަތަށް ގަބޫލުކުރެވޭނެ ހެކި

(ހ) ދައުލަތުން ދައުވާ ހުށަހަޅާއިރު، އެ ދައުވާ ސާބިތުކުރުމަށްޓަކައި ހެކި ހުށަހަޅަންވާނެއެވެ. 

(ށ) ދައުވާ ލިބޭ ފަރާތުން އޭނާގެ ދިފާއު ހުށަހަޅާއިރު، އެ ދިފާއު ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހެކި ހުށަހެޅުމުގައި އަމަލުކުރާނީ ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ރ) މައްސަލައިގައި ހިމެނޭ ފަރާތަކުން ށަރީއަތަށް ހުށަހަޅާ ހެއްކަކީ ށަރީއަތަށް ގަބޫލުކުރެވޭނެ ހެއްކެއް ނޫން ކަމަށްބުނެ، އެ ހެކި ހުށަނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ހުށަހަޅައިފިނަމަ، މައްސަލައިގެ ށަރީއަތް އިތުރަށް ކުރިއަށް ގެންދިޔުމުގެ ކުރިން އެ ހުށަހެޅުމާމެދު ފަނޑިޔާރު ގޮތެއް ނިންމަންވާނެއެވެ.

 

146 ވަނަ މާއްދާހަސްމުން ށަރީއަތަށް ހުށަހަޅާ ހެކި ފިޔަވައި އެހެން ހެކި ގަބޫލުކުރުން

(ހ) މައްސަލައިގައި ހިމެނޭ ހަސްމުން ށަރީއަތަށް ހުށަހަޅާ ހެކި ފިޔަވައި އެހެން އެއްވެސް ހެއްކެއް ފަނޑިޔާރު ގަބޫލުކޮށްގެންނުވާނެއެވެ. އެހެންނަމަވެސް، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހަބީރުން ހާޒިރުކުރާ ހާލަތުގައި، އެކަމުގައި އިތުރު ރައުޔެއް ހޯދުން މުހިންމު ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، ފަނޑިޔާރުގެ އަމިއްލަ އިސްނެގުމަކަށް ހަބީރުން ހާޒިރުކޮށް، އެ މީހުންގެ ހެކިބަސް ނެގުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. 

(ށ) ކޯޓުގެ އަމިއްލަ އިސްނެގުމުގައި ހާޒިރުކުރާ ހަބީރުންނާ ސުވާލުކުރުމުގެ ހައްގު، ދައުލަތަށާއި ދައުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.

 

ނަވާރަވަނަ ބާބު

ހެކިބަސް ނެގުން

147 ވަނަ މާއްދާ - ހެކިބަސް ނެގުން

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޖިނާއީ ކޮންމެ މައްސަލައެއްގައިވެސް ހެކީންގެ ހެކިބަސް ނަގަންވާނީ، އާންމުކޮށް، ހުޅުވާލެވިފައިވާ ށަރީއަތުގެ މަޖިލީހެއްގައި، ށަރީއަތުގެ މަޖިލީހަށް އެ މީހުން ހާޒިރުކޮށް، ހުވައި މަތީގައި އެ މީހުންނާ ސުވާލުކޮށްގެންނެވެ.

(ށ) ފުރަތަމަ ހެކިބަސް ދޭނީ ދައުލަތުން ހާޒިރުކުރާ ހެކީންނެވެ. ދައުލަތުން ހާޒިރުކުރާ ހެކީންނާ ދައުލަތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ހައްގު، ދައުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން ދައުވާ ލިބޭ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ދައުލަތުގެ ހެކީން ދައުވާ ލިބޭ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ހައްގު، ދައުލަތަށް ލިބިގެންވެއެވެ.

(ބ) ދައުލަތުން ހާޒިރުކުރާ ހެކީންގެ ހެކިބަސް ނަގާ ނިމުމުން، އަދި އެ ހެކީން ދައުވާ ލިބޭ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، ދެން ހާޒިރުކުރާނީ ދައުވާ ލިބޭ ފަރާތުން ހާޒިރުކުރަން ބޭނުންވާ ހެކީންނެވެ.

(ޅ) ދައުވާ ލިބޭ ފަރާތުން ބޭނުންނަމަ، އޭނާގެ އަމިއްލަ ހެކިބަސްވެސް ށަރީއަތަށް ދެވިދާނެއެވެ. އެހެންނަމަވެސް، އޭނާ ބޭނުންނުވާނަމަ، އޭނާގެ ހެކިބަސް ދިނުމަށް އެއްވެސް ފަރާތަކަށް ލާޒިމެއް ނުކުރެވޭނެއެވެ. އަދި އޭނާ ހެކިބަސް ނުދިނުމަކުން އޭނާ ހެކިބަސް ނުދިނުމަށް އިންކާރުކުރި ކުރުމާމެދު ދައުލަތަށް އެއްޗެއް ނުބުނެވޭނެއެވެ. އަދި އޭނާ ހެކިބަސް ދޭން އިންކާރުކުރި ކުރުމަށް ފަނޑިޔާރު އެއްވެސް ބުރަދަނެއް ދީގެންނުވާނެއެވެ.

(ކ) ދައުވާ ލިބޭ ފަރާތުން މި މާއްދާގެ (ޅ) ގެ ދަށުން ހެކިބަސްދޭން ނިންމައިފިނަމަ، އޭނާ ހެކިބަސް ދޭނީ، ހުވައި މަތީގައި، ށަރީއަތުގެ މަޖިލީހުގައެވެ. އަދި އޭނާގެ ހެކިބަސް ނެގުމުގައި ށަރީއަތަށް ހާޒިރުކުރެވޭ އެހެން ހެކީންގެ ހެކިބަސް ނެގުމުގައި އަމަލުކުރެވޭނެ އުސޫލުތައް ކަމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ.

(އ) ދައުވާ ލިބޭ ފަރާތުން ހާޒިރުކުރާ އެންމެހައި ހެކީންނާ ދައުވާ ލިބޭ ފަރާތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ހައްގު ދައުލަތަށް ލިބިގެންވެއެވެ. އަދި ދައުވާ ލިބޭ ފަރާތުން ހެކިބަސް ދޭ ހާލަތުގައި، އޭނާ ކްރޮސް-އެގްޒެމިންކުރުމުގެ ހައްގުވެސް ދައުލަތަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން ދައުލަތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ. 

(މ) މި މާއްދާގެ (އ) ގެ ދަށުން ދައުވާ ލިބޭ ފަރާތުގެ ހެކީން ދައުލަތުގެ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ހައްގު، ދައުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.

 

148 ވަނަ މާއްދާ – ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުން

(ހ) ހެކީންގެ ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ގާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ހެކިބަސްދޭ މީހާ ހުރީ ށަރީއަތް ހިނގަމުންދާ ރަށްނޫން އެހެން ރަށެއްގައި ނުވަތަ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ގާއިމުވެފައިވާ ބިދޭސީ ގައުމެއްގައި ކަމަށްވެފައި، އޭނާ ށަރީއަތަށް ހާޒިރުވުމަށް ދިގުމުއްދަތެއް ނެގުމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އޭނާގެ ހެކިބަސް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ) ހެކިބަސްދޭ މީހާ ހުރީ ށަރީއަތް ހިނގަމުންދާ ރަށްނޫން އެހެން ރަށެއްގައި ކަމަށްވާނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގަންވާނީ އެރަށެއްގެ ކޯޓަށް އެ މީހާ ހާޒިރުކޮށް، އެ މީހަކީ ކާކުކަން ޔަގީންކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހުއެވެ. އެ މީހަކު ހުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިށަނެއް ގާއިމުވެފައިވާ ގައުމެއްގައިނަމަ، އެ މީހަކު އެތަނަކަށް ހާޒިރުކޮށް އެމްބަސީ ނުވަތަ ހައިކޮމިށަންގެ ފަސްޓް ސެކްރަޓަރީގެ މަގާމަށްވުރެ މަތީ މަގާމެއްގައި ހުރި މީހެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހުއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގާއިރުވެސް، އަމަލުކުރަންވާނީ، މި ގާނޫނުގެ 147 ވަނަ މާއްދާގެ (ށ) އިން ފެށިގެން (މ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގަންވާނީ އެކަމަށް ބޭނުންވާ ވަސީލަތްތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ގާއިމުވެފައިވާ ހާލަތުގައި އެކަންޏެވެ.

 

149 ވަނަ މާއްދާ – ހެކިބަސްދޭ މީހާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުން

 (ހ) ހެކިބަސް ނަގަންވާނީ ށަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް މި ގާނޫނުގެ 147 ވަނަ މާއްދާ (ހ) ގައި ބަޔާންކޮށްފައިވީނަމަވެސް، ގާނޫނު ނަންބަރު 24/1976 (ހެއްކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރިކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހެކިބަސް ނެގުމަށް އެދޭ ފަރާތަކުން މި ގާނޫނުގެ 119 ވަނަ މާއްދާގައިވާ ގޮތުގެމަތިން މައްސަލައިގެ ށަރީއަތް ފެށުމުގެ ކުރިން އެކަމަށް އެދެންވާނެއެވެ.

(ނ) ހެކިބަސް ދޭ މީހާ ހިމާޔަތްކުރެވޭ ގޮތަށް ހެކިބަސް ނެގުމަށް މި މާއްދާގެ (ށ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތަކުން ށަރީއަތުގެ ކުރިން ހުށަހަޅައިފިނަމަ، އެފަދައިން އެ ހެކިބަސް ނެގުމާމެދު ފަނޑިޔާރު ގޮތެއް ނިންމާއިރު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ.

  1. އިންސާފުވެރިކަމާއެކު ށަރީއަތް ހިންގުމާއި، އެގޮތަށް ހެކިބަސް ނެގުމުން އިންސާފު ގާއިމުކުރެވޭނެކަން؛
  2. ހެކިބަސް ދޭ މީހަކީ އަނިޔާ ލިބިފައިވާ ފަރާތް ކަމުގައިވާނަމަ، އޭނާއަށް އެ ކުށުގެ އަމަލުގެ ސަބަބުން ލިބިފައިވާ ނަފްސާނީ ގެއްލުމާއި، އެ ގެއްލުން ރަނގަޅުވުމަށް އެހީތެރިވެވޭނެ މިންވަރު؛
  3. މައްސަލައިގައި އެ ހެކިބަހުގެ މުހިންމުކަން؛
  4. މައްސަލައިގެ ބާވަތުން އާންމު މަސްލަހަތަށް އަސަރުކުރާނެ މިންވަރު.

 

ވިހިވަނަ ބާބު

ށަރީއަތުގެ އަޑުއެހުންތައް ނިންމާލުން

150 ވަނަ މާއްދާ - ހުލާސާ ބަޔާން ހުށަހެޅުން

(ހ) ދައުލަތުން އަދި ދައުވާ ލިބޭ ފަރާތުން ހާޒިރުކުރާ ހެކީން ހާޒިރުކޮށް ނިމުމުން، އަދި ފަނޑިޔާރު ހަބީރަކު ހާޒިރުކުރާ ހާލަތުގައި އެ ހަބީރެއްގެ ހެކިބަސް ނަގާ ނިމުމުން ދެން އޮންނާނީ، މައްސަލައިގައި ހިމެނޭ ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމެވެ. 

(ށ) ފުރަތަމަ ހުލާސާ ބަޔާން ހުށަހަޅާނީ ދައުލަތުންނެވެ. އެއަށްފަހު ދައުވާ ލިބޭ ފަރާތުންނެވެ.

 

151 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުން

(ހ) މި ގާނޫނުގެ 150 ވަނަ މާއްދާގެ ދަށުން ދެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅާ ނިންމުން ނިމުމާއެކު ށަރީއަތުގެ އަޑުއެހުންތައް ފަނޑިޔާރު ނިންމާލަންވާނެއެވެ. އަދި އެކަން، އެ މަޖިލީހުގައި ފަނޑިޔާރު އިއުލާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ނ) ގައި ނުވަތަ މި ގާނޫނުގެ 152 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، އެ މައްސަލައިގެ އަޑުއެހުންތައް ފަނޑިޔާރު އަލުން ހުޅުވާލައިގެންނުވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު ދެން އެ މައްސަލައިގެ އަޑުއެހުންތައް އަލުން ހުޅުވާލެވޭނީ، އެ މައްސަލައަކާ ގުޅޭގޮތުން ކުރިން ލިބިފައިނުވާ އާ ހެކި ލިބިފައިވާ ހާލަތުގައި، އަދި އެ ހެކި ށަރީއަތަށް ހުށަހެޅުމަކީ އަދުލުއިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ހާލަތެއްގައެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމާއެކު، އެ މައްސަލައިގެ ހުކުމްކުރުމުގެ މަޖިލިސް އޮންނާނެ ތާރީހެއް ފަނޑިޔާރު އިއުލާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، އެ މައްސަލައިގެ ހުކުމްކުރުމުގެ މަޖިލިސް، އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ށަރީއަތުގެ އަޑުއެހުންތައް ނިންމާލުމަށްފަހު، އެ މައްސަލައިގެ ހުކުމްކުރުމުގެ ކުރިން، އެ މައްސަލައާ ގުޅޭގޮތުން ކޮންމެހެން ސާފުކުރުން މުހިންމު ކަމެއްވާނަމަ، އެކަމެއް ސާފުކުރުމަށްޓަކައި އިތުރު އެއް އަޑުއެހުން ބޭއްވުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެފަދައިން ބާއްވާ އަޑުއެހުން، މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތުގެ ކުރިން ބާއްވަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ބާއްވާ އަޑުއެހުމުގައި އޮންނާނީ ހަމައެކަނި ފަނޑިޔާރު ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމެވެ. އެ އަޑުއެހުމުގައި އިތުރު ކަންކަން ނުވަތަ ހެކި ހުށަހެޅުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ލިބިގެނެއްނުވެއެވެ.

 

152 ވަނަ މާއްދާ – ފަނޑިޔާރަށް ށަރީއަތް ކުރިއަށް ނުގެންދެވޭނެ ހާލަތެއް މެދުވެރިވުން

ށަރީއަތް ހިނގަމުން ދަނިކޮށް ނުވަތަ ށަރީއަތުގެ އަޑުއެހުން ނިމި، ހުކުމް އިއްވަންވެފައި ވަނިކޮށް ފަނޑިޔާރު ބަލިވެއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ ނުވަތަ ފަނޑިޔާރުގެ މަގާމުގެ ދައުރު ހަމަވެއްޖެނަމަ ނުވަތަ އެ ށަރީއަތެއް ފެށުމުގެ ކުރިން މެދުވެރިވެފައިނުވާ ނުވަތަ އެނގިފައިނުވާ، އެ ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ށަރީއަތެއް ހިންގުމަށް ފަނޑިޔާރަކު ނުކުޅެދިއްޖެނަމަ، ނުވަތަ އެ ށަރީއަތެއް ހިންގުމަށް އެނޫންވެސް ގޮތަކުން ނުކުޅެދިއްޖެނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އެ މައްސަލައިގައި އަމަލުކުރުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި އެގޮތުން ކަނޑައަޅާ ގޮތް، ސަބަބާއެކު މައްސަލައިގައި ހިމެނޭ ދެ ފަރާތަށް، އެ ކޯޓު ހިންގުމާ ހަވާލުވެހުރި ފަނޑިޔާރަކު އަންގަންވާނެއެވެ.

(ހ) އެ ކޯޓަކަށް ހާއްސަކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ށަރީއަތް ކުރިއަށްގެންދިއުމަށް ކަނޑައެޅުން؛ ނުވަތަ

(ށ) އެ މައްސަލައިގެ ށަރީއަތް އަލުން ބޭއްވުމަށް ކަނޑައެޅުން.

 

 

އެކާވީސްވަނަ ބާބު

ހުކުމްކުރުން

153 ވަނަ މާއްދާ - ހުކުމްކުރުމުގެ މަޖިލިސް ލަސްނުކޮށް ބޭއްވުން

ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ފަނޑިޔާރު ކަނޑައަޅާ ހާލަތުގައި، އޭނާގެ މައްޗަށް ހުކުމްކުރުމަށް ބާއްވަންޖެހޭ މަޖިލިސް ލަސްނުކޮށް ބާއްވަންވާނެއެވެ.

 

154 ވަނަ މާއްދާ – ހުކުމްކުރުން

ށަރީއަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ފަނޑިޔާރު ހުކުމްކުރަންވާނީ، ހުށަހެޅިފައިވާ ދައުވާއަށާއި، ދިފާއުތަކަށާއި، ހުށަހެޅުނު ހެއްކަށާއި، ށަރީއަތަށް ހާޒިރުކުރެވުނު ހެކީންގެ ހެކިބަހަށް ރިއާޔަތްކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

(ހ) ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅުން؛ ނުވަތަ

(ށ) ދައުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭކަމަށް ކަނޑައެޅުން؛ ނުވަތަ

(ނ) ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުން.

 

155 ވަނަ މާއްދާކުށް ސާބިތު ނުވާކަމަށް ކަނޑައެޅުން

(ހ) މި ގާނޫނުގެ 154 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ، ހަމަ އެ މަޖިލީހުގައި އެ ހުކުމް އިއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުކުމް އިއްވާއިރު، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ:

  1. ދެ ފަރާތުން ހުށަހެޅި ހެއްކަށް ރިއާޔަތްކުރާއިރު، ކުށުގެ އަމަލު ހިނގާފައިވާ ގޮތާ ގުޅޭގޮތުން ށަރީއަތަށް ފާހަގަކުރެވޭ ކަންކަން؛
  2. ފަނޑިޔާރު ނިންމީ ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަމުގައިވާނަމަ، އެ ނިންމުމަށް ވާސިލުވުމުގައި ރިއާޔަތްކުރި ކަންކަމާއި އެ ނިންމުން އެފަދައިން ނިންމި ސަބަބުތައް؛
  3. ފަނޑިޔާރު ނިންމީ ދައުވާ ލިބޭ ފަރާތް އެ މައްސަލައިގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭކަމަށް ކަމުގައިވާނަމަ، އެކަން ސާބިތުކުރުމަށްޓަކައި ދައުވާ ލިބޭ ފަރާތުން ނަގާފައިވާ ދިފާއެއް އޭނާއަށް ސާބިތުކޮށްދެވުނު ކަމަށް ފަނޑިޔާރު ނިންމި ސަބަބުތައް.

 

156 ވަނަ މާއްދާކުށް ސާބިތުވާކަމަށް ކަނޑައެޅުން

(ހ) މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ނިންމީ ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަމުގައިވާނަމަ، އެފަދައިން އޭނާގެ މައްޗަށް ހުކުމްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުކުމެއް އިއްވާއިރު، އަންނަނިވި ކަންކަން އެ ހުކުމުގައި ބަޔާންކުރަންވާނެއެވެ:

  1. ދެ ފަރާތުން ހުށަހެޅި ހެއްކަށް ރިއާޔަތްކުރާއިރު، ކުށުގެ އަމަލު ހިނގާފައިވާ ގޮތާ ގުޅޭގޮތުން ށަރީއަތަށް ފާހަގަކުރެވޭ ކަންކަން؛
  2. ދައުވާ ލިބޭ ފަރާތުން ދިފާއެއް ހުށަހަޅާފައިވާނަމަ، އެ ދިފާއު އޭނާއަށް ސާބިތުކޮށްނުދެވުނު ކަމަށް ފަނޑިޔާރު ނިންމި ސަބަބުތައް؛
  3. ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމުމުގައި ފަނޑިޔާރު ރިއާޔަތްކުރި ކަންކަމާއި އެ ނިންމުން އެފަދައިން ނިންމި ސަބަބުތައް؛
  4. ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެފައިވާނަމަ އެކަން؛
  5. ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކަނޑައެޅޭ އަދަބު؛
  6. ދައުވާ ލިބޭ ފަރާތުގެ މައްޗަށް އަދަބު ކަނޑައެޅުމުގައި، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު ތަތުބީގުކޮށްފައިވާ ގޮތް؛
  7. ދައުވާ ލިބޭ މީހަކީ މި ގާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާ އިއުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ވެފައިވާ މީހެއް ކަމުގައިވާ ހާލަތުގައި އެ އެއްބަސްވުން ކޯޓުން ބަލައިގަތްނަމަ، އެކަން؛
  8. ދައުވާ ލިބޭ މީހާގެ މައްޗަށް ކަނޑައެޅޭ އަދަބު، މި ގާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާ އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ލުއިކޮށްދޭނަމަ، އެކަން؛
  9. ކުށުގެ އަނިޔާ ލިބުނު ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭނަމަ އެކަމާއި، ބަދަލު ދޭންޖެހޭ ގޮތާއި، އެގޮތުން ދޭންޖެހޭ ބަދަލުގެ އަދަދު؛
  10. ދައުލަތަށް ނަގަންޖެހޭ ފައިސާއެއް ނުވަތަ މުދަލެއްވާނަމަ، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކުރާ އަމުރު.

(ނ) ފަނޑިޔާރު ހުކުމް އިއްވަންވާނީ އަނގަބަހުންނެވެ. އަދި ފަނޑިޔާރު އަނގަބަހުން އިއްވާގޮތަށް، އަކުރުން އަކުރަށް ހުކުމް ލިޔެފައި އޮންނަންވާނެއެވެ. އަދި ހުކުމް އިއްވުމަށްފަހު ފަނޑިޔާރު އެ ވަގުތު އެ ހުކުމުގައި ސޮއިކުރަންވާނެއެވެ.

(ރ) ދައުވާ ލިބޭ މީހާގެ މައްޗަށް ހުކުމް އިއްވާ ވަގުތު ދައުވާ ލިބޭ މީހާއާއި އޭނާގެ ވަކީލު ހުންނަންވާނީ ކޮޅަށް ތެދުވެއެވެ.

 

157 ވަނަ މާއްދާ - ހުކުމަށް ބަދަލުނުގެނައުން

ފަނޑިޔާރު މި ގާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ހުކުމް އިއްވުމަށްފަހު، ހިސާބު ޖެހުމުގައި އަރާފައިއޮތް އޮޅުމެއް ނުވަތަ ލިޔުމުގައިވާ އިމްލާކުށެއް ނުވަތަ ހާމަކަންބޮޑު ގޮތެއްގައި އޮޅިގެން އުނިވެފައިވާ ތަނެއް އިސްލާހުކުރުން ފިޔަވައި ހުކުމަށް އެއްވެސް ބަދަލެއް ގެނެސްގެންނުވާނެއެވެ.

 

158 ވަނަ މާއްދާ – އިސްތިއުނާފްކުރުމުގެ ފުރުސަތު އޮތްކަން އެންގުން

ފަނޑިޔާރު ކަނޑައެޅި ހުކުމާމެދު ދައުވާ ލިބޭ ފަރާތުން ހިތްހަމަނުޖެހޭނަމަ، މި ގާނޫނުގެ ނަވާވީސްވަނަ ބާބުގެ ދަށުން އިސްތިއުނާފުކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް އޭނާއަށް ލިބޭނެ މުއްދަތު، ފަނޑިޔާރު އޭނާއަށް އަންގަންވާނެއެވެ.

 

 

ބާވީސްވަނަ ބާބު

އަދަބު ކަނޑައެޅުން

159 ވަނަ މާއްދާ - އަދަބު ކަނޑައެޅުން

(ހ) ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ފަނޑިޔާރު ކަނޑައަޅާ ހާލަތުގައި، ދައުވާ ލިބޭ މީހާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ތިންވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) އަދަބު ކަނޑައެޅުމުގެ ކުރިން ފަނޑިޔާރު އަންނަނިވި ކަންތައްތައް ގާނޫނުލްއުގޫބާތުގައި ނުވަތަ ކުށް ކަނޑައަޅާ އެހެން ގާނޫނެއްގައި ކަނޑައަޅާފައިވާ ގޮތަށް ބަލައި، ރިއާޔަތްކުރަންވާނެއެވެ.

  1. ކުށުގެ ޒިންމާ އުފުލުމުގެ އަސާސްތައް ފުރިހަމަވެފައިވާ މިންވަރު؛
  2. ކުށުގެ ރުކުންތައް ފުރިހަމަވެފައިވާ މިންވަރު.

 

160 ވަނަ މާއްދާއަދަބު ކަނޑައެޅުމަށް ވަކި މަހިލީހެއް ބޭއްވުން

ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމްކުރާ މަޖިލީހުގައިވެސް، ނުވަތަ އަދަބު ކަނޑައެޅުމަށް ވަކިން ބާއްވާ މަޖިލީހެއްގައިވެސް ދައުވާ ލިބޭ ފަރާތުގެ މައްޗަށް އަދަބު ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، އަދަބު ކަނޑައެޅުމުގެ މަޖިލިސް ވަކިން ބާއްވާނަމަ، އެފަދައިން ބާއްވާ މަޖިލިސް، މައްސަލައިގެ ހުކުމްކުރާތާ އެންމެ ލަސްވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބާއްވަންވާނެއެވެ.

 

161 ވަނަ މާއްދާއަދަބު ކަނޑައެޅުމުގެ އުސޫލާ އެއްގޮތަށް އަމަލުކުރުން

ދައުވާ ލިބޭ މީހާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ތިންވަނަ ބައިގައި ބަޔާންވެގެންވާ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާއި، އަދަބު ކަނޑައެޅުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ދައުވާ ލިބޭ ފަރާތުގެ މައްޗަށް ސާބިތުވާ ކުށަކީ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ހިމެނޭ ކުށެއް ކަމުގައިނުވާނަމަ، އެ ކުށަށް އަދަބު ކަނޑައެޅުމުގައި ރިއާޔަތްކުރަންވާނީ، އެ ކުށް ކަނޑައަޅާ ގާނޫނުގައ ބަޔާންކޮށްފައިވާ އުސޫލަށެވެ.

 

 

ތޭވީސްވަނަ ބާބު

އަވަސްނިޔާއިން މައްސަލަ ބެލުން

162 ވަނަ މާއްދާ – ކުށަށް އިއުތިރާފްވެފައިވާ މީހުންގެ މައްސަލަ އަވަސްނިޔާއިން ބެލުން

(ހ) އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައިވާ މީހުންގެ މައްސަލަތަކުގެ ށަރީއަތް ހިންގަންވާނީ މި ބާބުގައިވާ ގޮތުގެމަތިން އަވަސްނިޔާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަވަސްނިޔާއިން ބެލޭ މައްސަލަތަކުގައި، ށަރީއަތުގެ އަޑުއެހުން ފަށަންވާނީ އެއީ އަވަސްނިޔާއިން ބެލުމަށް ހަމަޖެހިފައިވާ މައްސަލައެއްކަން ފަނޑިޔާރު އިއުލާންކުރުމާއެކުގައެވެ. އަދި އެ މައްސަލައިގެ ދައުވާ ލިބޭ ފަރާތަކީ ކޮބައިކަމާއި، އެ މައްސަލަ އަވަސްނިޔާއިން ބެލުމަށް ތާވަލުކުރެވިފައިވަނީ ދައުވާ ލިބޭ ފަރާތް އިބްތިދާއީ އަޑުއެހުމުގައި އޭނާއާ ދެކޮޅަށް ކުރެވިފައިވާ ދައުވާއަށް އިއުތިރާފުވުމުން ކަމުގައިވެސް ބަޔާންކުރަންވާނެއެވެ. 

(ނ) ދައުވާ ލިބޭ ފަރާތުން އިބްތިދާއީ އަޑުއެހުމުގައި ވެފައިވަނީ ސައްހަ އިއުތިރާފެއްކަން ފަނޑިޔާރު ޔަގީންކުރުމަށްފަހު، އޭނާ އިއުތިރާފުވި ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، ފަނޑިޔާރު ހުކުމްކުރަންވާނެއެވެ. އަދި ހަމަ އެމަޖިލީހުގައި އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނެއެވެ.

(ރ) ދައުވާ ލިބޭ ފަރާތަކީ، މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އަދި އެ އެއްބަސްވުމަކީ އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ބަލައިގެންފައިވާ އެއްބަސްވުމެއްނަމަ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިންނެވެ.

(ބ) ދައުވާ ލިބޭ ފަރާތަކީ، މި ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއް ކަމުގައިނުވާނަމަ، ނުވަތަ އިއުތިރާފުވެ އެއްބަސްވުން ބަލައިނުގަތުމަށް އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ނިންމާފައިވާނަމަ، އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު، ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރު ކަނޑައަޅަންވާނެއެވެ.

 

 

ސައުވީސްވަނަ ބާބު

ށަރީއަތާގުޅޭ އާންމު އުސޫލު

 

163 ވަނަ މައްދާ – މެދުކެނޑުމެއްނެތި ށަރީއަަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުން

(ހ) ށަރީއަތުގެ އަޑުއެހުންތައް ފެށުމަށްފަހު، މެދުކެނޑުމެއްނެތި އެށަރީއަތް ހިންގޭނެ އިންތިޒާމު، މައްސަލަ ބަލާ ފަނޑިޔާރު ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ށަރީއަތެއް މެދުކަނޑާލުމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ މަސްލަހަތުގައި އޮތްކަމެއް ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެ ށަރީއަތެއް ކުރު މުއްދަތަކަށް މެދުކަނޑާލެވިދާނެއެވެ.

 

164 ވަނަ މާއްދާ – ށަރީއަތް މެދުކަނޑާލުމާއި ފަސްކުރުން

(ހ) ށަރީއަތެއް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާނަމަ، އެކަން، ފަނޑިޔާރު އިއުލާންކުރަންވާނެއެވެ. އަދި އަލުން ފަށާއިރު ފަށާކަން އިއުލާންކުރަންވާނެއެވެ.

(ށ) ށަރީއަތެއް މެދުކަނޑާލަނީ އެހެން ތާރީހެއްގައި ކުރިއަށްގެންދިޔުމަށްނަމަ، އެކަން، ސަބަބު ބަޔާންކޮށް، ފަނޑިޔާރު އިއުލާންކުރަންވާނެއެވެ. އަދި ށަރީއަތުގެ އެ އަޑުއެހުމުގެ ބާކީ ބައި ކުރިއަށްގެންދާނެ ތާރީހަކާއި ގަޑި އެ މަޖިލީހުގައި ފަނޑިޔާރު އިއުލާންކުރަންވާނެއެވެ.

 

165 ވަނަ މާއްދާ – އިއުތިރާޒްކުރުން

(ހ) ށަރީއަތެއް ކުރިއަށްދާއިރު ށަރީއަތުގެ އުސޫލުތަކާ ހިލާފަށް މައްސަލައިގައި ހިމެނޭ ފަރާތަކުން އަމަލުކުރަމުންދާކަމަށް މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ފެންނަނަމަ، އެކަމަށް އިއުތިރާޒްކުރެވިދާނެއެވެ. އިއުތިރާޒުކުރާނީ، "އިއުތިރާޒުކުރަން" އެފަދައިން ބަޔާންކުރުމަށްފަހު ތެދުވެހުރެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތަކުން އިއުތިރާޒްކުރާކަން ހާމަކުރުމާއެކު، އޭނާ އިއުތިރާޒްކުރާ ސަބަބު ބަޔާންކުރަންވާނެއެވެ. މިގޮތުން، އިއުތިރާޒްކުރެވޭނީ އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެގެންނެވެ.

  1. ށަރީއަތަށް ހުށަނޭޅޭނެ ހެކި ބަހެއް ހުށަހަޅަން މަސައްކަތްކުރާ ހާލަތުގައި؛
  2. ހެކިބަސް ދޭ މީހާއާ ލީޑިންގ ސުވާލުކުރާ ހާލަތުގައި؛
  3. ހެކިބަސް ދޭ މީހާއަށް ފުރައްސާރަކުރާ ހާލަތުގައި.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތަކުން އިއުތިރާޒެއް ކޮށްފިނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ފަނޑިޔާރު އަމަލުކުރަންވާނެއެވެ.

  1. އިއުތިރާޒް ބަލައިގަތުން؛
  2. އިއުތިރާޒް ގަބޫލުނުކުރުން.

(ރ) އިއުތިރާޒެއް ބަލައިގެންފި ކަމަށް މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފަނޑިޔާރު އެންގުމުން، އަނެއް ފަރާތުން ކުރަމުންދިޔަ ކަމެއް ވަގުތުން ހުއްޓާލަންވާނެއެވެ.

(ބ) އިއުތިރާޒެއް ގަބޫލުނުކުރާ ކަމަށް މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފަނޑިޔާރު އެންގުމުން، އަނެއް ފަރާތުން ކުރަމުންދިޔަ ކަމެއް ކުރިއަށްގެންދެވިދާނެއެވެ.

 

166 ވަނަ މާއްދާ - ށަރީއަތް ކުރާ ބަސް

(ހ) ށަރީއަތުގެ އެންމެހައި މަރުހަލާއެއް ކުރިއަށް ގެންދަންވާނީ، އަދި އެންމެހައި ލިޔެކިޔުންތަކާއި ރެކޯޑުތައް ބަލަހައްޓަންވާނީ ދިވެހި ބަހުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އިނގިރޭސި ބަހާއި އަރަބި ބަހުން ހުންނަ ޑޮކިއުމެންޓްތައް، އޭގެ ދިވެހި ތަރުޖަމާ ހުށަނޭޅުނުކަމުގައިވިޔަސް ކޯޓުތަކުން ބަލައިގަނެ، މައްސަލަތައް ކުރިޔަށް ގެންދަންވާނެއެވެ. އަދި އިނގިރޭސި ބަހާއި އަރަބި ބަސް ނޫން ބަސްބަހުން ލިޔެފައިވާ ޑޮކިއުމެންޓްތައް ކޯޓުތަކަށް ހުށަހަޅަންވާނީ އިނގިރޭސި، ދިވެހި ނުވަތަ އަރަބި ބަހުންކުރެ ބަހަކުން ތަރުޖަމާ ކޮށްގެންނެވެ.

 

167 ވަނަ މާއްދާ – ކުށުގެ ތުހުމަތުގައިވާ މީހާއަށް ދިވެހިބަސް ނޭނގުން ނުވަތަ ލިޔަންކިޔަން ނޭނގުން

(ހ) ކުށުގެ ދައުވާ އުފުލިފައިވާ މީހަކީ، ދިވެހި ބަހުން ލިޔަންކިޔަން ނުދަންނަ މީހެއްނަމަ، އަދި އޭނާ ވަނީ ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދޫކޮށްލާފައިނަމަ، އޭނާއާ ދެކޮޅަށް ހިންގޭ ށަރީއަތެއްގައި ބަދަލުކުރެވޭ ލިޔެކިޔުމާއި، ނެގޭ ބަޔާންތަކާއި، މައްސަލައާ ގުޅުންހުރި އެހެނިހެން ލިޔުންތަކުގައިވާ އެއްޗެއް އޭގައިވާ ގޮތަށް އެ މީހަކަށް ވިސްނިފައިވާކަން ފަނޑިޔާރު ކަށަވަރުކުރަންވާނެއެވެ.

(ށ) ކުށުގެ ދައުވާ އުފުލިފައިވާ މީހަކީ ދިވެހި ބަސް ނޭނގޭ މީހެއްނަމަ، ނުވަތަ ދިވެހި ބަހުން ރަނގަޅަށް ވާހަކަދައްކައި، ދިވެހި ބަހުން ލިޔަންކިޔަން ނުދަންނަ މީހަކުނަމަ، އެ މީހެއްގެ ށަރީއަތް ކުރިއަށް ގެންދަންވާނީ އެ މީހަކަށް ރަނގަޅަށް ވާހަކަދައްކަން އެނގޭ ބަހަކުން ވާހަކަދައްކަން ދަންނަ ތަރުޖަމާނެއްގެ އެހީގައެވެ. އަދި މި މާއްދާގެ (ރ) ގެ ދަށުން އެ މީހަކު އަމިއްލައަށް ތަރުޖަމާނަކު ހަމަޖައްސާފައިނުވާ ހާލަތުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޭނާއަށް ކޯޓުން ތަރުޖަމާނަކު ހަމަޖައްސައިދޭންވާނެއެވެ.

(ނ) ދިވެހިބަސް ނޭނގޭ މީހަކު ކޯޓުގެ ފަރާތުން ހަމަޖައްސައިދޭ ތަރުޖަމާނެއްގެ އެހީ ބޭނުންވާނަމަ، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ހުށަހަޅާނީ ކޯޓަށެވެ.

(ރ) ދިވެހިބަސް ނޭނގޭ މީހަކު އަމިއްލައަށް ތަރުޖަމާނަކު ހަމަޖައްސަން ބޭނުންވާނަމަ، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ހުށަހަޅާނީ ކޯޓަށެވެ.

 

168 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން

(ހ) ކޯޓަށް ހުށަހެޅޭ އެންމެހައި ޖިނާއީ ދައުވާތަކާ ގުޅިގެން އަންނަނިވި މައުލޫމާތާއި ލިޔެކިޔުން ކޯޓުން ބަލަހައްޓަންވާނެއެވެ.

  1. ހުށަހަޅާފައިވާ ދައުވާއާއި ދައުވާއާގުޅޭ އެންމެހައި ލިޔެކިޔުން؛
  2. ށަރީއަތުގެ މަޖިލީހުގައި ނެގޭ ހެކިބަސް؛
  3. ށަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑު ކުރެވިފައިވާނަމަ އެ ރެކޯޑިންތަކާއި، އެ ރެކޯޑިންތަކަށް އުނިއިތުރެއް ނުގެނެސް ލިޔާ ބަޔާންތައް؛
  4. ހެކިބަހުގެ ގޮތުގައި ފަހުން ބޭނުންކުރުމަށްޓަކައި، ދޭ ނުވަތަ ރެކޯޑުކުރެވޭ ބަޔާން؛
  5. ކޯޓަށް ހުށަހެޅިފައިވާ އެއްވެސް ލިޔުމެއްގައި ދައުވާ ލިބޭ ފަރާތުގެ ހައްގެއް ދޫކޮށްލިކަމަށް ބަޔާންކޮށްފައިނުވާ ހާލަތުތަކުގައި، އެ ހައްގެއް ދޫކޮށްލިކަމަށް ދައުވާ ލިބޭ ފަރާތުން ށަރީއަތުގެ މަޖިލީހުގައި ދޭ ބަޔާން؛
  6. ކޯޓުގެ އަމުރުތަކާއި، ހުކުމްތަކާއި ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުތައް؛ އަދި
  7. މިނޫންވެސް މައްސަލައާ ގުޅިގެން ބަލަހައްޓަންޖެހޭކަމަށް އެހެން ގާނޫނެއްގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެންމެހައި ތަކެތި.

(ށ) ޖިނާއީ ބޮޑެތި ކުށްތަކުގެ ށަރީއަތްތަކުގައި، މައްސަލައިގައި ހިމެނޭ ހަސްމުންނާއި، ހެކީންނާއި، ހަބީރުން އަނގަބަހުން ދައްކާ ވާހަކަތަކުގެ އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކުރަންވާނެއެވެ. ނުވަތަ ސްޓެނޮޓައިޕް ވަސީލަތެއް ބޭނުންކޮށްގެން އެ ފަރާތްތަކުން އަނގަބަހުން ދައްކާ ވާހަކަތައް އަކުރުން އަކުރަށް ވަގުތުން ލިޔަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކުރާނަމަ، ވީއެންމެ އަވަހަކަށް އެ ރެކޯޑިންގއާ އެއްގޮތަށް އަކުރުން އަކުރަށް ބަޔާން ލިޔަންވާނެއެވެ. އަދި ބަޔާން ލިޔުނު މީހާ ރެކޯޑިންގއާ އެއްގޮތަށް ބަޔާން ލިޔުނުކަމަށް އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ. މި މާއްދާގެ ދަށުން ލިޔާ ބަޔާނަކީ، ސްޓެނޮޓައިޕް ވަސީލަތެއް ބޭނުންކޮށްގެން އަކުރުން އަކުރަށް ވަގުތުން ލިޔާ ބަޔާނެއް ކަމަށްވާނަމަ، އެކަން ކުރި މީހާ އެކަން ކުރުމަށްފަހު އެ ލިޔުމުގައި ސޮއިކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑުކުރެވޭނެ އިންތިޒާމު، މި ގާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކެއްގައި ހަމަޖައްސަންވާނެއެވެ.

 

169 ވަނަ މާއްދާ – މައްސަލައިގެ ރެކޯޑިންގ އަޑުއެހުމާއި ބަޔާންތައް ބެލުމުގެ ފުރުސަތު

(ހ) ށަރީއަތުގައި ހިނގަމުންދާ މައްސަލަތަކުގައި ދައުލަތުން ނުވަތަ ދައުވާ ލިބޭ ފަރާތުން އެދެފިނަމަ، ށަރީއަތުގެ މަޖިލީހުގައި ރެކޯޑުކޮށްފައިވާ ރެކޯޑިންގ އަޑުއެހުމާއި، ލިޔެފައިވާ ބަޔާންތައް ބެލުމުގެ ފުރުސަތު އެ ފަރާތަކަށް ކޯޓުން ދޭންވާނެއެވެ. އަދި އެ ބަޔާންތަކުގެ ކޮޕީ ނެގުމަށް އެއިން ފަރާތަކުން އެދިއްޖެނަމަ އެ ފުރުސަތުވެސް ދޭންވާނެއެވެ.

(ށ) އާންމުކޮށް ހުޅުވާލެވިގެން ބާއްވާ ށަރީއަތްތަކުގެ ތެރެއިން، ހުކުމްކޮށް ނިމި، ށަރީއަތް ނިމިފައިވާ މައްސަލަތަކުގައި މައްސަލައާ ގުޅުންހުރި ފަރާތްތަކަށާއި، ގާނޫނީ ވަކީލުންނަށާއި، ދަރިވަރުންނަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބަލައި، ކޮޕީ ހަދައި، ރެކޯޑިންގތައް އަޑުއެހުމުގެ ފުރުސަތު ކޯޓުން ދޭންވާނެއެވެ. އަދި އެކަމަށްޓަކައި އެކަށޭނަ ފީއެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) އާންމުކޮށް ހުޅުވާލައިގެން ބާއްވާ ށަރީއަތުގެ މަޖިލިސްތަކުގައި ނެރޭ ކޯޓު އަމުރުތަކާއި ކުރާ ހުކުމްތައް، އެ ތަކެތި ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ލިޔެކިޔުންތައް ބެލުމަށާއި، ރެކޯޑިންގތައް އަޑުއެހުމަށް، ދޫކުރާނީ ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

170 ވަނަ މާއްދާ - ކޯޓުގެ ހުރުމަތް ކެނޑުން

ށަރީއަތް ހިނގަމުންދާއިރު، މައްސަލައިގައި ހިމެނޭ ފަރާތަކުން ނުވަތަ ށަރީއަތަށް ހާޒިރުކުރެވޭ ހެއްކަކު ނުވަތަ ހަބީރަކު، ނުވަތަ މައްސަލަ އަޑުއެހުމަށް ވަންނަ ފަރާތަކުން، ކޯޓުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ކޮށްފިނަމަ، އެ މީހަކު ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި، އެ މީހެއްގެ މައްޗަށް ވަގުތުން އަންނަނިވި އަދަބުތަކުގެ ތެރެއިން އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

(ހ) 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛

(ށ) 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛

(ނ) 15,000 (ފަނަރަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން.

 

 

ފަންސަވީސްވަނަ ބާބު

ށަރީއަތަށް މީހުން ހާޒިރުކުރުން

171 ވަނަ މައްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު

(ހ) ދައުވާ ލިބޭ މީހުންނާއި ހެކީންނާއި އެނޫންވެސް އެކިއެކި ބޭނުންތަކަށް ކޯޓަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ކޯޓު އަމުރު ފޮނުވުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ފޮނުވާ އަމުރުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ހާޒިރުވާންވީ މީހާގެ ނަމާއި، ދާއިމީ އަދި ވަގުތީ އެޑްރެސް؛
  2. ހާޒިރުވާންވީ ތަނާއި ދުވަހާއި ގަޑި؛
  3. ހާޒިރުކުރެވެނީ ކޮން ދައުވާއަކާ ގުޅިގެންކަން؛
  4. ހާޒިރުކުރެވެނީ ށަރީއަތުގެ ކޮން މަރުހަލާއަކަށްކަން؛
  5. ހާޒިރުކުރެވޭ ހައިސިއްޔަތު؛
  6. ހާޒިރުނުވެއްޖެނަމަ އެޅިދާނެ ފިޔަވަޅު؛
  7. އެ އަމުރުގައި ހިމަނަން ކޯޓަށް ފެންނަ އެހެނިހެން މައުލޫމާތު؛
  8. ހުއްދަކުރާ ފަނޑިޔާރުގެ ސޮއި އަދި ކޯޓުގެ ތައްގަނޑު.

(ށ) ހާޒިރުވުމުގެ އަމުރެއް ފޮނުވެނީ ދައުވާ ލިބޭ ފަރާތަށް ކަމުގައިވާނަމަ، އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ހުލާސާއެއް އަމުރުގައި ހިމަނަންވާނެއެވެ.

(ނ) ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރުގެ ނުފުށުގައި، ހާޒިރުވާ މީހުން ސަމާލުކަން ދޭންޖެހޭ ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

172 ވަނަ މާއްދާ - އަމުރު ރައްދުކުރުން

(ހ) ކޯޓަށް ހާޒިރުވާންޖެހޭ މީހާއަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ، ހާޒިރުވުމުގެ އަމުރު އެ މީހާއާ ހަވާލުކުރުމުން އަމުރު ރައްދުކުރެވުނީއެވެ. ކޯޓަށް ހާޒިރުވާންޖެހޭ މީހާއާ ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުނުކުރެވިއްޖެނަމަ، އޭނާ ދިރިއުޅޭ ގޭގައި އުޅޭ ތަސައްރަފު ފުދިފައިވާ މީހަކާ އަމުރު ހަވާލުކުރުމުން، އަމުރު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެމަތިން ހާޒިރުވުމުގެ އަމުރު ހަވާލުކުރެވިފައި ވަނިކޮށް، އަމުރު ލިބެންވާ ފަރާތުން އަމުރު ލިބުނު ކަމަށް އިންކާރުކުރާ ހާލަތުގައި، ކޯޓުގެ ފަރާތުން އަމުރު ހަވާލުކުރަން ދިޔަ ފަރާތުން، އަމުރު ހަވާލުކުރި ކަމަށްބުނެ ދޭ ހެކިބަހަކީ، ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ފުރިހަމަ ހެކިބަހެއް ކަމުގައި ބެލެވޭނެއެވެ.

 

173 ވަނަ މާއްދާ - އަމުރު ރައްދުކުރާ ފަރާތް

(ހ) ހާޒިރުވުމުގެ އަމުރު އާންމު ގޮތެއްގައި ކޯޓުގެ މުވައްޒަފުން ރައްދުކުރާ ގޮތަށް އޮތްކަމުގައި ވީނަމަވެސް، ކޯޓުން ކަނޑައަޅާ ހާލަތްތަކުގައި، ރަޖިސްޓަރީ ޕޯސްޓްގެ ޒަރީއާއިން ނުވަތަ ކޯޓުން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޕޯސްޓްގެ ޒަރީއާއިން ހާޒިރުވުމުގެ އަމުރު ރައްދުކުރާ ހާލަތްތަކުގައި، އެ މީހަކު ދިރިއުޅޭ އެޑްރެހަކަށް އަމުރު ރައްދުކުރިކަމަށް ސޮއިކުރުވާފައި، ޕޯސްޓް އޮފީހުން ކޯޓަށް ހުށަހަޅާ ސްލިޕް ބެލެވޭނީ، ހާޒިރުވުމުގެ އަމުރު ރައްދުވިކަމުގެ ހެއްކެއްގެ ގޮތުގައެވެ.

(ނ) އަމުރު ރައްދުވާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޖަމްއިއްޔާއެއްނަމަ، އެ ކުންފުންޏެއް ނުވަތަ ޖަމްއިއްޔާއެއް ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގެ އެޑްރެހަށް އަމުރު ރައްދުކުރިކަމަށް ސޮއިކުރުވާފައި، ޕޯސްޓް އޮފީހުން ކޯޓަށް ހުށަހަޅާ ސްލިޕް ބެލެވޭނީ، އެ ފަރާތަށް އަމުރު ރައްދުވިކަމުގެ ހެއްކެއްގެ ގޮތުގައެވެ.

 

174 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުން

(ހ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބޭ ކޮންމެ މީހަކު އެ އަމުރުގައި ކަނޑައަޅާފައިވާ ތާރީހުގައި، އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް ކޯޓަށް ހާޒިރުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، މަގްބޫލު އުޒުރެއް ނެތި އަމުރުގައިވާ ގަޑިއަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ އަމުރު ބަލައިނުގެންފިނަމަ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބަލައި، އޭނާއާމެދު ފިޔަވަޅުއެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. ހާޒިރުނުވި މީހަކީ ނުވަތަ އަމުރު ބަލައިނުގަތް މީހަކީ، ދައުވާ ލިބޭ ފަރާތް ކަމުގައިވާނަމަ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އިހްތިޔާރުވެސް ކޯޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހާޒިރުވުމަށް އަމުރު ރައްދުވެ، މަގްބޫލު އުޒުރެއްނެތި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، އެ މީހަކު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ރ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، މަގްބޫލު އުޒުރެއް ދިމާވެގެން ކޯޓަށް ހާޒިރުވެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރު ކުރިން، އެކަން ކޯޓަށް އަންގަންވާނެއެވެ. މަގްބޫލު އުޒުރެއް ކަމަށް ބަލާނީ ތިރީގައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވުމެވެ.

  1. ހާޒިރުވާންޖެހޭ މީހާ ކޯޓަށް ހާޒިރުނުވެވޭފަދަ ބައްޔެއްވުން؛
  2. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރާއި، އެއްގަމު ދަތުރު ކުރެވޭގޮތް ނުވުން؛
  3. ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެން އުޒުރެއް މެދުވެރިވުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓަށް ހާޒިރުނުވެވުނު ސަބަބަކީ ބަލިވުން ކަމަށްވާނަމަ، ކޯޓުން ދޫކުރާ މެޑިކަލް ފޯމު ފުރުމަށްފަހު ސަރުކާރު ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި، ކޯޓަށް ހުށަހަޅަންވާނެއެވެ. 

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެފަދަ ތަނަކުން ފުރިހަމަކޮށްގެން ގެންނަ ލިޔުމެއްގެ ތެދު ދޮގު ސާބިތުކުރަންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފޯމުގައި ސޮއިކޮށްފައިވާ ފަރާތްތައް ކޯޓަށް ހާޒިރުކުރެވިދާނެއެވެ.

 

175 ވަނަ މާއްދާ – އެހެން ރަށެއްގައި ނުވަތަ ގައުމެއްގައި ހުރި މީހަކަށް އަމުރު ރައްދުކުރުން

(ހ) ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހާ ހުރީ މައްސަލައިގެ ށަރީއަތް ހިންގާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ކަމަށްވާނަމަ، އެ މީހަކު ހާޒިރުކޮށްދިނުމުގެ އަމުރު ރައްދުކޮށްދިނުމަށް އެދޭނީ އެ މީހަކު ހުރި ރަށެއްގެ ކޯޓުގައެވެ. އެ މީހަކު ހުރިރަށުގައި ކޯޓެއް ނެތްނަމަ، އެ އަމުރު ރައްދުކުރާނީ އެ މީހަކު ހުރި ރަށާ އެންމެ ކައިރީގައިވާ ރަށެއްގެ ރަށު ކޯޓުންނެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތުގައި އެ މީހަކަށް ރައްދުކުރާނީ އެ މާއްދާގައި ބަޔާންކުރާ ރަށެއްގެ ކޯޓުން ތައްޔާރުކޮށްފައިވާ އަމުރެކެވެ. ނަމަވެސް އެ އަމުރަކަށް ހާޒިރުނުވެގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މައްސަލައިގެ ށަރީއަތް ހިންގާ ކޯޓުންނެވެ.

(ނ) ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހާ ހުރީ ދިވެހިރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، އެ މީހަކު ހާޒިރުކޮށްދިނުމުގެ އަމުރު ރައްދުކޮށްދިނުމަށް އެދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެ ގައުމެއްގެ ކަމާބެހޭ ފަރާތެއްގައެވެ.

 

176 ވަނަ މާއްދާމީހުން ހާޒިރުކުރުމާބެހޭ ގަވާއިދު

ށަރީއަތަށް މީހުން ހާޒިރުކުރުމާއި، ހާޒިރުކުރުމުގެ އަމުރު ނެރުމާއި އަމުރު ރައްދުކުރުމާބެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

177 ވަނަ މާއްދާ – ހެކީން ހާޒިރުކުރުމުގައި ހިނގާ ހަރަދު

(ހ) ދައުވާ ލިބޭ ފަރާތުން ހާޒިރުކުރަން ބޭނުންވާ މީހަކު ހުރީ މައްސަލައިގެ ށަރީއަތް ހިންގާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، ދައުވާ ލިބޭ ފަރާތުން ހާޒިރުކުރަން ބޭނުންވާ މީހާގެ ދަތުރު ހަރަދާއި، އެ މީހަކު އެ ރަށުގައި ހުރުމަށް ހިނގާނެ ހަރަދު އުފުލާނީ ދައުވާ ލިބޭ ފަރާތުންނެވެ. 

(ށ) ދައުލަތުން ހާޒިރުކުރަން ބޭނުންވާ ހެއްކަކު ހުރީ ށަރީއަތް ހިންގާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، ދައުލަތުން ހާޒިރުކުރަން ބޭނުންވާ މީހާގެ ދަތުރު ހަރަދާއި، އެ މީހަކު އެ ރަށުގައި ހުރުމަށް ހިނގާނެ ހަރަދު އުފުލާނީ ދައުލަތުންނެވެ. 

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ދައުވާ ލިބޭ ފަރާތާއި ދައުލަތުން އުފުލަންޖެހޭ ހަރަދުތައް އުފުލާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

178 ވަނަ މާއްދާ – ބަންދުގައި ތިބޭ މީހުން ކޯޓަށް ހާޒިރު ކުރުން

ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކީ ބަންދުގައި ހުރި މީހެއްނަމަ، އޭނާ ކޯޓަށް ހާޒިރުކުރުމަށް ނެރޭ އަމުރު، އޭނާ ބަންދުކޮށްފައި ހުރި ތަނުގެ އިދާރާއަށް ފޮނުވުމުން، އެ އަމުރު އެ މީހާއަށް ރައްދުކޮށް، އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް އެ އިދާރާއިން އޭނާ ހާޒިރުކޮށްދޭންވާނެއެވެ.

 

179 ވަނަ މާއްދާ – ކޯޓަށް ހާޒިރުވާ މީހުންގެ ހެދުން

ކޯޓަށް ހާޒިރުވާ މީހުން ކޯޓަށް ހާޒިރުވާންވާނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ހެދުމެއް އަޅައިގެންނެވެ. ކޯޓަށް ހާޒިރުވާއިރު ހެދުން އެޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

ސައްބީސްވަނަ ބާބު

ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު

 

180 ވަނަ މާއްދާ – ކޮންމެ މައްސަލައެއްގައި ށަރީއަތް ނުމުނު ގޮތުގެ ރިޕޯޓެއް އޮތުން

ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ހިންގާ ށަރީއަތެއްގައި، ހުކުމްކޮށް، އަދަބުކަނޑައަޅާ ނިމުމުން، އެ މައްސަލައިގެ ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓެއް މައްސަލަ ބެލި ފަނޑިޔާރު ތައްޔާރުކުރަންވާނެއެވެ.

 

181 ވަނަ މާއްދާ – ރިޕޯޓްގައި ހިމެނެންޖެހޭ ކަންތައްތައް

(ހ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ދައުވާ ލިބޭ މީހާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ދައުވާ ލިބޭ މީހާގެ އުމުރު ނުވަތަ އުފަން ތާރީހް؛
  3. މައްސަލަ ކޯޓަށް ހުށަހެޅުނު ތާރީހާއި ނިމުނު ތާރީހް؛
  4. ދައުލަތުން ކުރާ ދައުވާގެ ބާވަތާއި ދައުވާގެ ހުލާސާ؛
  5. ދައުވާއާގުޅޭ ލިޔުންތައް؛
  6. މި ގާނޫނުގެ 155 ވަނަ މާއްދާގެ (ށ) ގައި ނުވަތަ 156 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތު ހިމެނޭގޮތުން، އެ މައްސަލައިގައި ކޮށްފައިވާ ހުކުމް؛
  7. ރިޕޯޓުގައި ހިމެނުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު.

(ށ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި މައްސަލަ ބެލި ފަނޑިޔާރު ސޮއިކޮށް، ކޯޓުގެ ތައްގަނޑު ޖަހަންވާނެއެވެ.

 

182 ވަނަ މާއްދާ – މައްސަލައާ ގުޅުންހުރި ފަރާތްތަކުން ރިޕޯޓް ހޯދުމަށް އެދުން

މައްސަލައާ ގުޅުންހުރި ފަރާތްތަކުން ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް އެދިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ރިޕޯޓުގެ އަސްލާ އެއްގޮތްކަމުގެ ކޮޕީއެއް، ވީއެންމެ އަވަހަކަށް އެ ފަރާތަށް ދޫކުރަންވާނެއެވެ.

 

 

ހަވަނަ ބައި

ށަރީއަތުގެ ފަހުގެ މަރުހަލާ

 

ހަތާވީސްވަނަ ބާބު

ހުކުމް ތަންފީޒުކުރުން

183 ވަނަ މާއްދާހުކުމް ތަންފީޒުކުރުމުގެ އަމުރު

ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ކުރި ހުކުމްގައިވާ އަދަބަކީ ޖަލުގައި ނުވަތަ އެނޫންވެސް ތަނެއްގައި ބަންދުކުރުން ކަމުގައިވާނަމަ، އެ އަދަބެއް ތަންފީޒުކުރުމަށް، އަދަބު ތަންފީޒުކުރާ އިދާރާއަށް ކޯޓުން އަމުރުކުރަންވާނެއެވެ.

 

184 ވަނަ މާއްދާހުކުމް ތަންފީޒުކުރުމުގެ އަމުރުގައި ހިމަނަންޖެހޭ ކަންކަން

ހުކުމް ތަންފީޒުކުރުމަށްޓަކައި މި ގާނޫނުގެ 183 ވަނަ މާއްދާގެ ދަށުން އަދަބު ތަންފީޒުކުރާ އިދާރާއަށް ކޯޓުން ފޮނުވާ އަމުރުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ކުށްވެރިޔާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛

(ށ) ކުށްވެރިޔާގެ އުމުރު ނުވަތަ އުފަން ތާރީހް؛

(ނ) ކުށްވެރިޔާ ހުރީ ބަންދުގައިނަމަ، އޭނާ ބަންދުގައި ހުރި ތަނަކާއި ބަންދުގައި ހުރި ގޮތް؛

(ރ) ސާބިތުވި ކުށް؛

(ބ) ތަންފީޒުކުރަންޖެހޭ އަދަބު؛

(ޅ) ހުކުމްކުރި ކޯޓާއި ގަޒިއްޔާ ނަންބަރު؛

(ކ) ހުކުމްކުރި ތާރީހް؛

(އ) ހުކުމްކުރަންދެން ބަންދުގައި ހުރިނަމަ ބަންދުގައި ހުރި މުއްދަތު.

 

185 ވަނަ މާއްދާ – އެއް ހުކުމަށްވުރެ ގިނަ ހުކުމް ތަންފީޒުކުރުން

މީހެއްގެ މައްޗަށް އެއް ހުކުމަށްވުރެ ގިނަ ހުކުމް ކަނޑައަޅާފައިވާ ހާލަތެއްގައި، ހުކުމް ތަންފީޒުކުރާނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

186 ވަނަ މާއްދާ – ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން ކެނޑުން

ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ށަރީއަތުން ހުކުމްކުރަންދެން ދައުވާ ލިބޭ މީހާ ބަންދުގައި ހުންނަ ހާލަތުގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ބަންދުކުރުން ކަމުގައިވާނަމަ، ހުކުމްކުރަންދެން ބަންދުގައި ހުރި މުއްދަތު، ހުކުމުގެ މުއްދަތުން ކަނޑަންވާނެއެވެ.

 

187 ވަނަ މާއްދާ - ކުށުގެ ރެކޯޑު ބެލެހެއްޓުން

ހުކުމް ތަންފީޒުކުރުމުގެ އަމުރުގެ އަސްލާ އެއްގޮތް ކޮޕީއެއް، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓަން ހަމަޖެހިފައިވާ އިދާރާއަށް ފޮނުވަންވާނެއެވެ. އެފަދަ އިދާރާއެއް ކަނޑައެޅިފައި ނުވާނަމަ، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިދާރާއަށް އެ ރެކޯޑުގެ ކޮޕީ ފޮނުވަންވާނެއެވެ.

 

188 ވަނަ މާއްދާ - ޖޫރިމަނާ ދެއްކުން

(ހ) ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެއެވެ. މިގޮތުން ޖޫރިމަނާކުރިކަން އަންގައިދޭ ލިޔުމެއް މައްސަލަ ބަލައި ހުކުމްކުރި ކޯޓުން ތައްޔާރުކޮށް ދައުވާ ލިބޭ މީހާއަށް ވަގުތުން ދޭންވާނެއެވެ. އެ ލިޔުމުގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނެންވާނެއެވެ.

  1. ކުށްވެރިޔާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ކުށްވެރިޔާގެ ބައްޕަ ނުވަތަ މަންމަގެ ފުރިހަމަ ނަން؛
  3. ކުށްވެރިޔާގެ އުމުރު ނުވަތަ އުފަން ތާރީހް؛
  4. ސާބިތުވި ކުށް؛
  5. ޖޫރިމަނާ ދައްކަންވީ ގޮތާއި އަދަދު؛
  6. ހުކުމްކުރި ކޯޓާއި ގަޒިއްޔާ ނަންބަރު؛
  7. ހުކުމްކުރި ތާރީހް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ކުރިކަން އަންގައިދޭ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް އަދަބު ތަންފީޒުކުރާ އިދާރާއަށާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށާއި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓަން ހަމަޖެހިފައިވާ އިދާރާއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެއެވެ.

(ރ) މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުމަށްޓަކައި ކަމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

189 ވަނަ މާއްދާ – ދަރަނި ސާބިތުވިކަން އެންގުމާއި ދަރަނި ދެއްކުން

(ހ) ޖިނާއީ މައްސަލައެއްގެ ށަރީއަތް ނިމި ހުކުމްކުރިއިރު އެ ކުށުގެ ސަބަބުން ގެއްލުންވި ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދޭން ނިންމާފައިވާނަމަ، އެފަދަ ގެއްލުމުގެ ބަދަލަކީ ކުށް ސާބިތުވި މީހާ، އެ ފަރާތަށް ދައްކަންޖެހޭ ދަރަންޏެކެވެ. ހުކުމުގައި ބުނެފައިވާ ގޮތަށް އެ ދަރަނި އޭނާ އަދާކޮށް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ދަރަނި ދައްކަންޖެހޭނީ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ އިބްތިދާއީ ކޯޓަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން މައްސަލަ ނިމުމުން ދަރަނި ސާބިތުވީކަން އަންގައިދޭ ލިޔުމެއް، ކުށް ސާބިތުވި މީހާއަށާއި ދަރަނި ލިބެންޖެހޭ މީހާއަށް ކޯޓުން ދޭންވާނެއެވެ. އެ ލިޔުމުގައި އަންނަނިވި މައުލޫމާތު ހިމެނެންވާނެއެވެ.

  1. ކުށްވެރިވި މީހާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ކުށްވެރިވި މީހާގެ އުމުރު ނުވަތަ އުފަން ތާރީހް؛
  3. ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ އަދަދު؛
  4. ހުކުމްކުރި ކޯޓާއި ގަޒިއްޔާ ނަންބަރު؛
  5. ހުކުމްކުރި ތާރީހް؛
  6. ދަރަނި ލިބެންޖެހޭ ފަރާތް.

 

190 ވަނަ މާއްދާ – ދަރަނީގެ މައުލޫމާތު ބެލެހެއްޓުން

(ހ) މި ގާނޫނުގެ 189 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް، ދަރަންޏާބެހޭ މައުލޫމާތު ބަލަހައްޓާ މަރުކަޒީ އިދާރާއަށް ފޮނުވަންވާނެއެވެ. އަދި ދަރަންޏާބެހޭ މައުލޫމާތު މަރުކަޒީކޮށް ބެލެހެއްޓުމަށްޓަކައި މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ އިބްތިދާއީ ކޯޓުގެ ފައިސާއާބެހޭ ސެކްށަނަށް އެ ލިޔުމުގެ ކޮޕީ ފޮނުވަންވާނެއެވެ.

(ށ) ދަރަނި ދައްކަންޖެހޭ ފަރާތުން މި ގާނޫނުގެ 189 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ކޯޓަށް ދަރަނި ދެއްކުމުން، ވީއެންމެ އަވަހަކަށް ދަރަނި ލިބެންވާ ފަރާތަށް އެ ފައިސާ ރައްދުކުރަންވާނެއެވެ. އަދި ދަރަނީގެ މައުލޫމާތު މަރުކަޒީކޮށް ބެލެހެއްޓުމަށްޓަކައި އެ ދަރަނި ދައްކާ ނިންމިކަން ވީއެންމެ އަވަހަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާއަށް ލިޔުމަކުން އަންގަންވާނެއެވެ.

 

191 ވަނަ މާއްދާކުށް ސާބިތުނުވާ ހާލަތުގައި ބަންދުން ދޫކުރުން

ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ހުކުމްކުރާއިރު، އެ މީހަކީ ބަންދުގައި ހުރި މީހެއްނަމަ، އެ މީހަކު ބަންދުން ދޫކޮށްލުމަށް އެ މީހަކު ބަންދުގައި ބަހައްޓާފައި ހުރި ތަނުގެ އިދާރާއަށް ކޯޓުން ވަގުތުން އަންގަންވާނެއެވެ.

 

އަށާވީސްވަނަ ބާބު

ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން

192 ވަނަ މާއްދާ – ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން

ދައުވާ ލިބޭ ފަރާތުން ކުރި ކުށުގެ ސަބަބުން، އެ ފަރާތަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ށަރީއަތަށް ސާބިތުވާ ހާލަތުގައި، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ގާނޫނަކުން ކަނޑައަޅާފައިވާނަމަ، އެގޮތަށް އެކަން ކުރުމަށް ކޯޓުން އަމުރުކުރަންވާނެއެވެ. އަދި އެ މުދަލާއި ފައިސާ ބޭނުންކޮށްގެން އިތުރު މުދަލާއި ފައިސާ ހޯދާފައިވާ ކަމަށް ށަރީއަތަށް ސާބިތުވެފައިވާނަމަ، އެ ފައިސާއާއި މުދާވެސް ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

 

193 ވަނަ މާއްދާ – މުދަލާއި ތަކެތި ދައުލަތުން ނެގުމަކީ އަދަބުގެ ބައެއް ނޫންކަން

ދައުވާ ލިބޭ ފަރާތުން ކުރި ކުށުގެ ސަބަބުން، އެ ފަރާތަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ށަރީއަތަށް ސާބިތުވާ ހާލަތުގައި، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ކުރާ އަމުރަކީ އެ ކުށަކަށް ކަނޑައަޅާ އަދަބުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

 

194 ވަނަ މާއްދާ – ފަހުން ފެންނަ މުދާ ނުވަތަ ފައިސާ

ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރި ފަހުން ހަމައެފަދަ އެހެން މުދާތަކެއް ނުވަތަ ފައިސާތަކެއް ފެނިގެން އެ ފައިސާ ނުވަތަ އެ މުދާ ކުރިން ކޮށްފައިވާ އަމުރުގައި ބަޔާންކޮށްފައިވާ މުދަލާއި ފައިސާގެ ތެރޭގައި ހިމެނުމަށް، ދައުލަތުން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، އިތުރު އަމުރެއް ނެރުމުގެ ނުވަތަ ކުރިން ކޮށްފައިވާ އަމުރު އިސްލާހުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

195 ވަނަ މާއްދާ – ދައުލަތަށް ނެގުމަށް އަމުރުކޮށްފައިވާ މުދަލެއް ނުވަރަ ފައިސާއެއްގެ ބަދަލުގައި އެހެން މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނެގުން

ދައުވާ ލިބޭ ފަރާތުން ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ މުދާ ނުވަތަ ފައިސާގެ ބަދަލުގައި އެ މުދަލުގެ ނުވަތަ ފައިސާގެ އަގާ އެއްވަރު މުދަލެއް ނުވަތަ ފައިސާއެއް ނެގުމުގެ އިހްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.

(ހ) އެ މުދާ ނުވަތަ ފައިސާ ތިންވަނަ ފަރާތަކަށް ވިއްކާލާފައިވުން ނުވަތަ ދީފައިވުން؛

(ށ) އެ މުދާ ނުވަތަ ފައިސާ ދައުލަތުގެ ބާރު ނުހިނގާ ހިސާބަކަށް ގެންގޮސްފައިވުން؛

(ނ) އެ މުދަލުގެ ނުވަތަ ފައިސާގެ އަގު އެކަށީގެންނުވާ މިންވަރަކަށް ދަށަށް ގޮސްފައިވުން؛

(ރ) އެ މުދާ ނުވަތަ ފައިސާ ފަސޭހައިން ވަކިނުކުރެވޭ ގޮތަށް އެހެން މުދަލަކާ ނުވަތަ ފައިސާއަކާ އެއްކޮށްލާފައިވުން.

 

196 ވަނަ މާއްދާ – ތިންވަނަ ފަރާތެއްގެ ހައްގެއް އޮތުން

ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާގައި ތިންވަނަ ފަރާތެއްގެ ހައްގެއް އޮތްކަމަށްވާނަމަ، އެ ހައްގު ހޯދުމަށްޓަކައި ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ހައްގު އެ ފަރާތަކަށް ލިބިގެންވެއެވެ.

 

197 ވަނަ މާއްދާ – މުދަލާއި ފައިސާ ދައުލަތުން ނެގުމުގެ އަމުރު ތަންފީޒުކުރުން

ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ދައުލަތުން ކަނޑައަޅާ ފަރާތަކަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

(ހ) ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާގެ ތެރެއިން ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ މުދަލާއި ފައިސާ އަތުލުން؛

(ށ) ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާގެ ތެރެއިން ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކޮށްފައިވާ މުދަލާއި ފައިސާ ހޯދައި ދެނެގަތުމަށްޓަކައި ހޯދަންޖެހޭ ހޯދުންތަކާއި ކުރަންޖެހޭ ކަންކަން ކޯޓުން ގަބޫލުކުރާ ގޮތަކަށް ކުރުން؛

(ނ) ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގާއިރު ތިންވަނަ ފަރާތެއްގެ ހައްގަކާ ބެހޭގޮތުން ކޯޓު އަމުރަކުން ނުވަތަ އެއްވެސް ގާނޫނެއްގައި ވަކިގޮތަކަށް ކަމެއް ކުރުން ލާޒިމުކުރާނަމަ އެކަން އެގޮތަށް ކުރުން.

 

ނަވާވީސްވަނަ ބާބު

އިސްތިއުނާފުކުރުން

198 ވަނަ މާއްދާ – އިސްތިއުނާފުކުރުން

 މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ދަށު ކޯޓަކުން ކޮށްފައިވާ ހުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ އެއިން ކޯޓަކުން ނިންމާފައިވާ އެނޫންވެސް ނިންމުމެއް، ގާނޫނުއަސާސީއާ ނުވަތަ ށަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފުކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި ކަމާބެހޭ ފަރާތަކުން ހުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވިދާނެއެވެ.

 

199 ވަނަ މާއްދާ - ކުށް ސާބިތުނުވާކަމަށް ކުރި ހުކުމް އިސްތިއުނާފްކުރުން

(ހ) ކުށް ސާބިތުނުވާކަމަށް ނުވަތަ ދައުވާ ލިބޭ މީހާ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭކަމަށް މައްސަލަ ބެލި ކޯޓުން ކުރާ ހުކުމް އިސްތިއުނާފުކުރުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން އިސްތިއުނާފުކުރާއިރު ދައުވާ ލިބުނު މީހަކީ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާ ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން، ދައުވާ ލިބޭ މީހާ ބަންދުގައި ބަހައްޓަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފިނަމަ، މި ގާނޫނުގެ ތިންވަނަ ބައިގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދުމުގެ އިހްތިޔާރު ދައުވާ ލިބޭ މީހާއަށް ލިބިގެންވެއެވެ.

 

200 ވަނަ މާއްދާކުށް ސާބިތުވާކަމަށް ކުރި ހުކުމް އިސްތިއުނާފްކުރުން

މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށު ކޯޓަކުން ކޮށްފައިވާ ހުކުމް، ދައުވާ ލިބޭ ފަރާތުން އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

 

201 ވަނަ މާއްދާ – ކަނޑައަޅާފައިވާ އަދަބު އިސްއުނާފްކުރުން

މައްސަލަ ބެލި ކޯޓުން އަދަބު ކަނޑައަޅާފައިވަނީ އަދަބު ކަނޑައެޅުމުގެ އުސޫލާ ހިލާފަށް ކަމަށް ފެނިއްޖެނަމަ، މައްސަލަ ބެލި ކޯޓުން ކަނޑައެޅި އަދަބު އިސްތިއުނާފުކުރުމުގެ އިހްތިޔާރު ދައުލަތަށާއި ދައުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.

 

202 ވަނަ މާއްދާ – މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކުރާ އަމުރު އިސްތިއުނާފްކުރުން

މި ގާނޫނުގެ އަށާވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުން ކުރާ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.

 

203 ވަނަ މާއްދާ – ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުން

ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ނިންމާފައިވާގޮތް ގާނޫނުއަސާސީއާ ނުވަތަ ށަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފުކަމަށް ގަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގައި ކަމާބެހޭ ފަރާތަކުން އިސްތިއުނާފުކުރެވިދާނެއެވެ.

 

ހަތްވަނަ ބައި

އެހެނިހެން

 

ތިރީސްވަނަ ބާބު

އާންމު މާއްދާތައް

204 ވަނަ މާއްދާކޯޓު އަމުރު ދޫކުރުމުގެ އުސޫލު

މި ގާނޫނުގެ ދަށުން ކޯޓު އަމުރެއް ހޯދައިގެން މެނުވީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގައި، އެ އަމުރު ދޫކުރުމުގައި އަމަލުކުރާނެ ގަވާއިދެއް، އަންނަނިވި އުސޫލުތައް އެކުލެވޭގޮތަށް މި ގާނޫނުގެ ދަށުން ހަދައި، އާންމުކުރަންވާނެއެވެ.

(ހ) ވަކި ކޯޓަކަށް ހާއްސަވެގެންވާ ކަމަކަށް އެކަންވުމުގެ ބަދަލުގައި، އެކި ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މާލޭގައި ކޯޓު އަމުރު ދޫކުރެވިދާނެ މަދުވެގެން 15 (ފަނަރަ) ފަނޑިޔާރުން ކަނޑައެޅުން؛

(ށ) އެއިން ފަނޑިޔާރަކު ކޯޓު އަމުރު ދޫކުރުމަށް ހަފްތާއެއްގެ ތެރޭގައި ހާއްސަވާންޖެހޭ ދުވަސް ކަނޑައެޅުން؛

(ނ) ވިދިވިދިގެން ދެ ދުވަހު އެއް ފަނޑިޔާރަކު ކޯޓު އަމުރު ދޫނުކުރެވޭނެ ގޮތްވުން؛

(ރ) ކޯޓު އަމުރު ދޫކުރުމުގައި ފަނޑިޔާރުން ދައުރުވާ އުސޫލަކުން ކޯޓު އަމުރު ދޫކުރުމުގެ އުސޫލު ހަމަޖެހުން؛

(ބ) އެ ފަނޑިޔާރަކު ދޫކުރާ ކޯޓު އަމުރަކީ، އެ ފަނޑިޔާރަކު ނިސްބަތްވާ ކޯޓަކުން ދޫކުރާ ކޯޓު އަމުރެއްކަމުގައި ބެލުން؛

(ޅ) އަތޮޅުތަކުގައި ކޯޓު އަމުރު ދޫކުރާނެ މެޖިސްޓްރޭޓުން ކަނޑައެޅުން؛

(ކ) ކޯޓު އަމުރު ދޫކުރުމަކީ، ފަނޑިޔާރަކު ހުންނަ ތަނަކަށް ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުން ގޮސް، އެކަމާގުޅޭ ލިޔުން ހުށަހެޅުމުން، އެ އަމުރު ދޫކުރުމާއި ދޫނުކުރުމާމެދު އެ ވަގުތު ގޮތެއް ކަނޑައަޅަންޖެހޭގޮތަށް އޮންނަކަމަކަށްވުން.

 

205 ވަނަ މާއްދާކުޑަކުއްޖެއް ނުވަތަ ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރެވޭ އުސޫލު

(ހ) ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހެއް ނުވަތަ ލޮލަށް ފެނުމުގައި ނުވަތަ ކަންފަތަށް އަޑުއިވުމުގައި ނުވަތަ ވާހަކަ ދެއްކުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް އުނިކަމެއް ހުރި މީހެއް ނުވަތަ ލިޔަންކިޔަން ނުދަންނަ މީހެއް ކަމުގައި، ގާނޫނު ތަންފީޒުކުރާ ފަރާތަށް ގަބޫލުކުރެވޭނަމަ ނުވަތަ އެ ފަރާތަށް އެފަދަ މައުލޫމަތެއް ލިބިފައިވާނަމަ، އެކަމާ ދެކޮޅަށް ހެކި ލިބިފައިނުވާހާ ހިނދަކު، އެ މީހަކާމެދު އަމަލުކުރަންވާނީ އެފަދަ ސިފައެއް ހުރި މީހެއްގެ ގޮތުގައި ބަލައިގެންނެވެ.

(ށ) ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތަކީ ކުޑަކުއްޖެއްނަމަ ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހެއްނަމަ، އަދި އެ ކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު، ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކާ ހަވާލުވެގެން ހުންނަ މީހަކު ނުވަތަ އެ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު ގާނޫނު ތަންފީޒުކުރާ ފަރާތުން ހާޒިރުކުރަންޖެހިއްޖެނަމަ، އަންނަނިވި ކަންކަމަކީ އޭނާ ހާޒިރުވުމުގެ މަގްސަދުކަން އަނގަބަހުންނާއި ލިޔުމުން އެ މީހަކަށް އަންގަންވާނެއެވެ.

  1. ކުޑަކުއްޖާއަށް ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހާއަށް ލަފާދިނުމަށް؛
  2. ކުޑަކުއްޖާއާމެދު ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހާއާމެދު އަމަލުކުރެވެނީ އަދުލުވެރި އަދި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމަށް؛
  3. ކުޑަކުއްޖާ ނުވަތަ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހާ ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް އެހީތެރިވެދިނުމަށާއި، އެ ކުއްޖާއާ ނުވަތަ އެ މީހާއާ މުއާމަލާތްކުރުމުގައި އެހީތެރިވެދިނުމަށް.

(ނ) މި ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ބެލެނިވެރިއެއް ނުވަތަ އެ ކުއްޖެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހެއް ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކާ ހަވާލުވެގެން ހުންނަ މީހެއް ނުވަތަ އެ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު، އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދެފިނަމަ، އެއީ އެ ކުއްޖެއް ނުވަތަ އެ މީހަކު ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް އެދުނީ ކަމުގައި ބަލަންވާނެއެވެ.

(ރ) ކުޑަކުއްޖަކު ނުވަތަ ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ކުއްޖަކު ނުވަތަ އެ މީހެއްގެ ހާލަތާއި، އެ ކުއްޖަކު ނުވަތަ އެ މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުން ކޮށްފާނެ ނޭދެވޭ އަސަރުތަކާއި، އެކަމުގައި އެ މީހަކަށް ފެންނަ އެންމެ ރަނގަޅުގޮތް ހުށަހެޅުމުގެ ފުރުސަތު، އެ ކުއްޖަކާ ނުވަތަ އެ މީހަކާ ހަވާލުވެގެންހުރި މީހާއަށް ނުވަތަ އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހާއަށް ދޭންވާނެއެވެ.

 

206 ވަނަ މާއްދާ – ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންގެ ހައްގުތައް

(ހ) ތަހްގީގު މަރުހަލާގައާއި ށަރީއަތުގެ ހުރިހާ މަރުހަލާއެއްގައިވެސް، ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ހުރުމުގެ ސަބަބުން އެ މީހެއްގެ އަމިއްލަ މަސްލަހަތު ދިފާއުނުކުރެވޭ މީހުންނާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. ތަހްގީގުގައި އެ މީހަކާ ސުވާލުކޮށް ނުވަތަ ބަޔާން ނަގައި ނުވަތަ އެނޫން ގޮތަކަށްވެސް ތަހްގީގުގައި އޭނާއާ މުއާމަލާތްކުރަންވާނީ އޭނާއާ ހަވާލުވެގެން ހުންނަ މީހެއްގެ ނުވަތަ އޭނާގެ މަސްލަހަތު ދިފާއުކުރެވޭނެ މީހެއްގެ ހާޒިރުގައެވެ.
  2. އެ މީހަކާމެދު ކުރެވޭ ތުހުމަތުތަކާއި، ތަހްގީގުގައި އޭނާއާ ކުރެވޭ ސުވާލުތަކާއި، އޭނާ ދީފައިވާ ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅާފައިވާ ގޮތަށް އެ މީހަކަށް ވިސްނިފައިވާކަން ޔަގީންކުރުމަކީ ތަހްގީގުކުރާ ފަރާތުގެ ޒިންމާއެކެވެ.
  3. އޭނާ ހައްޔަރުކުރާނަމަ ނުވަތަ ބަންދުކުރާނަމަ، އޭނާގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތަށް ރިއާޔަތްކުރަންވާނެއެވެ. އަދި އޭނާ ހައްޔަރުކުރުމުގައި ނުވަތަ ބަންދުކޮށްފައި ބެހެއްޓުމުގައި އޭނާގެ އަމިއްލަ އިހްތިޔާރުގައި ކުރަން ދަތި ޒަރޫރީ ކަންކަން ކުރެވޭނެ އިންތިޒާމް އޭނާ ހައްޔަރުކުރާ ނުވަތަ ބަންދުކުރާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
  4. ޖިނާއީ އެއްވެސް އިޖުރާއަތެއް އެފަދަ މީހެއްގެ މައްޗަށް ހިންގުމުގައި، އެ މީހެއްގެ ނަފްސާނީ ނުވަތަ ޖިސްމާނީ ހާލަތާ އެކަށީގެންނުވާ ބުރައެއް އެ މީހަކާ ކުރިމަތިކޮށްގެންނުވާނެއެވެ.
  5.  ބަންދުގައި ތިބޭ އެހެން މީހުންގެ ފަރާތުން އޭނާއަށް އަނިޔާއެއް ނުލިބޭނެ ނުވަތަ ގޯނާއެއް ނުވާނެފަދަ ގޮތަކަށް އޭނާ ބަންދުކޮށްފައި ބަހައްޓާ ފަރާތުން ކަންކަން އިންތިޒާމްކުރަންވާނެއެވެ.
  6. އޭނާއަކީ ލޮލަށް ފެނުމުގައި އުނިކަމެއް ލިބިފައިވާ މީހެއްނަމަ ނުވަތަ ލިޔަންކިޔަން ނޭނގޭ މީހެއްނަމަ، އޭނާ ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، އެ މައްސަލަ ތަހްގީގުކުރުމުގައި ނުވަތަ ށަރީއަތްކުރުމުގައި ބައިވެރިނުވާ މީހަކު މެދުވެރިކޮށް އޭނާ ދީފައިވާ ބަޔާން އޭނާއަށް އިއްވަންވާނެއެވެ.
  7. އޭނާއަކީ ކަންފަތަށް އަޑުއިވުމުގައި އުނިކަމެއް ލިބިފައިވާ މީހެއްނަމަ ނުވަތަ ވާހަކަނުދެއްކޭ މީހެއްނަމަ، އޭނާއާމެދު ކުރެވޭ ތަހްގީގުގައި ނުވަތަ ށަރީއަތުގައި އޭނާއަށް އެހީތެރިވެދިނުމަށްޓަކައި، އެފަދަ މީހަކާ މުއާމަލާތްކުރަން އެނގޭ މީހަކު ވީއެންމެ އަވަސް ފުރުސަތެއްގައި ތަހްގީގުކުރާ ފަރާތުން ނުވަތަ ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހަކު ބަލައި ފާސްކުރަންވާނީ، އެ މީހަކާ ހަވާލުވެގެން ހުންނަ މީހެއް ނުވަތަ އެ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހެއްގެ ހާޒިރުގައެވެ. އެހެންނަމަވެސް، އެފަދަ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު ނެތް ހާލަތެއްގައިވެސް، އެފަދަ މީހަކު ބަލައި ފާސްކުރުމަކީ މައްސަލައިގެ އެންމެހައި ހާލަތުތަކަށް ރިއާޔަތްކުރާއިރު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ތަހްގީގުކުރާ ފަރާތުގެ އޮފިސަރަށް ގަބޫލުކުރެވިއްޖެނަމަ، މި މާއްދާގެ (ނ) ގައިވާ ކަންކަން ފުރިހަމަވާ ގޮތެއްގެމަތިން އެފަދަ މީހެއްގެ ޣައިރު ހާޒިރުގައި އެކަން ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ނަފްސާނީ ގޮތުން ގެއްލުމެއް ލިބިފައިވާ މީހެއްގެ މަސްލަހަތު ދިފާއުކުރެވޭނެ މީހަކު ނެތް ހާލަތެއްގައި އެފަދަ މީހަކު ބަލައި ފާސްކުރަންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރެއްނަމަ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކަށްވުރެ މަތީ ރޭންކެއްގެ ވެރިއެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ. އެނޫން އިދާރާއެއްގެ އޮފިސަރެއްނަމަ، އެ އިދާރާއެއްގެ ކަމާބެހޭ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ. 

(ރ) މި މާއްދާގެ (ނ) ގެ ދަށުން މީހަކު ބަލައި ފާސްކުރާ ކޮންމެ ފަހަރަކު، އެކަން އެގޮތަށް ކުރި ސަބަބު ބަޔާންކޮށް، ލިޔުމުން ރެކޯޑުކުރަންވާނެއެވެ. އަދި އެ ލިޔުމުގައި އެ މީހަކު ބަލައި ފާސްކުރި އޮފިސަރާއި، އެކަމަށް ހުއްދަ ދިން ވެރިއެއްގެ ސޮއިކޮށްފައި އޮންނަންވާނެއެވެ.

 

207 ވަނަ މާއްދާ – ހޭބިއަސް ކޯޕަސް ރިޓަކަށް އެދުން

(ހ) މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އޭނާ ހައްޔަރުން ދޫކޮށްލުމަށް އެދި، އޭނާއަށް ނުވަތަ އޭނާގެ ބަދަލުގައި އެހެން ފަރާތަކަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހަޅާއިރު، އަންނަނިވި މައުލޫމާތު އެކުލެވޭ ބަޔާނެއް ހުށަހަޅަންވާނެއެވެ.

  1. ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކުރި ތާރީހާއި އޭނާ ބަންދުކޮށްފައިވާ ތަން؛
  2. ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކުރި ފަރާތް؛
  3. ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކުރި ސަބަބު ކަމަށް ބެލެވޭ ނުވަތަ ގަބޫލުކުރެވޭ ސަބަބުތައް.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔާނަކީ، ހައްޔަރުކޮށްފައިވާ މީހާ ދީފައިވާ، އަދި އޭނާ ސޮއިކޮށްފައިވާ ތެދު ބަޔާނެއް ކަމުގައި ވާންވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ހައްޔަރުކޮށްފައ ވާ މީހާ ހައްޔަރުގައި ހުރުމުގެ ސަބަބުން އޭނާ އަމިއްލައަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބަޔާން ދެވެން ނެތްކަމަށް ކޯޓަށް ސާބިތުކޮށްދެވޭނަމަ، އޭނާގެ ފަރާތުން އެހެން މީހަކު އެ ބަޔާން ދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހަޅަނީ، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ މީހަކާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ މާއްދާގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައާއެކު އެ އަމުރެއްގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަމުރުގެ ކޮޕީ ވާންވާނީ، ހައްޔަރުކުރުމުގެ އަމުރު ނެރުނު ފަރާތުގެ ސޮއި އަދި/ނުވަތަ ސިއްކައެއް ހިމެނޭ ކޮޕީއަކަށެވެ.

(ކ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އަމުރުގެ ކޮޕީއެއް، ހައްޔަރުކުރި ފަރާތުގައި އެދުމުންވެސް ހައްޔަރުކޮށްފައިވާ މީހާއަށް އެ ފަރާތުން ފޯރުކޮށްދީފައިނުވާނަމަ، އެ އަމުރުގެ ކޮޕީއަކަށް އެ ފަރާތުން އެދިފައިވާ ކަމާއި، ހައްޔަރުކުރި ފަރާތުން އެ އަމުރުގެ ކޮޕީއެއް ދިނުމަށް އިންކާރުކޮށްފައިވާ ކަން ބަޔާންކޮށް، ކޯޓަށް ބަޔާނެއް ހުށަހަޅަންވާނެއެވެ.

 

208 ވަނަ މާއްދާ – ހައްޔަރުކޮށްފައިވާ މީހާ ހާޒިރުކުރަން އަމުރުކުރުން

(ހ) މި ގާނޫނުގެ 207 ވަނަ މާއްދާގެ ދަށުން ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅުމުން، އެ މައްސަލަ ނިސްބަތްވާ މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި، ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުކުރުމަށް އޭނާ ހައްޔަރުކޮށްފައިވާ ފަރާތަށް ކޯޓުން އަމުރުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން، ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުކުރުމަކީ، އޭނާ ހައްޔަރުކުރި ފަރާތުގެ މައްޗަށްލާޒިމު ކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުނުކޮށްފިނަމަ، ހައްޔަރުކުރާ ފަރާތުން ކޯޓުގެ ހުރުމަތާ ހިލާފުވީ ކަމުގައި ބަލައި، އެ ފަރާތް ކޯޓަށް ހާޒިރުވުމަށް އަމުރުކޮށް، ކޯޓުގެ ހުރުމަތާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުން އެ ފަރާތާމެދު އަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

209 ވަނަ މާއްދާ – ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުން

(ހ) މި ގާނޫނުގެ 208 ވަނަ މާއްދާގެ ދަށުން ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން ހައްޔަރުގައިވާ މީހާ ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ސާބިތުކޮށްދޭނީ، އޭނާ ހައްޔަރުކުރި ފަރާތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހައްޔަރުގައިވާ މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން އޭނާ ހައްޔަރުކުރި ފަރާތަށް ސާބިތުކޮށްނުދެވިއްޖެނަމަ، އޭނާ ހައްޔަރުން ދޫކޮށްލުމަށް ކޯޓުން އަމުރު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހައްޔަރުގައިވާ މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން އޭނާ ހައްޔަރުކުރި ފަރާތަށް ސާބިތުކޮށްދެވިއްޖެނަމަ، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ކޯޓުން ކަނޑައަޅަންވާނެއެވެ.

 

210 ވަނަ މާއްދާގެއްލުމުގެ ބަދަލު ހޯދުން

(ހ) މީހަކު ހައްޔަރުކޮށްފައިހުރީ ނުވަތަ ބަންދުކޮށްފައިހުރީ ގާނޫނާ ހިލާފަށް ކަމަށް ކޯޓަކުން ކަނޑައަޅައިފިނަމަ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު، އޭނާ ބަންދުކުރި ފަރާތުގެ ކިބައިން ލިބިދިނުން އެދި ށަރީއަތަށް ހުށަހެޅުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާނީ މަދަނީ މައްސަލައެއްގެ ގޮތުގައި، އެފަދަ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށެވެ.

 

211 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ގަވާއިދު ހަދާނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކެވެ.

  1. މި ގާނޫނުގެ ދަށުން ތަހްގީގުކުރުމާގުޅޭ ކަންކަމުގައި ގަވާއިދުތައް ހަދާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނެވެ.
  2. މި ގާނޫނުގެ ދަށުން ދައުވާ އުފުލުމާއި ދައުވާކުރުމާގުޅޭ ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.
  3. މި ގާނޫނުގެ ދަށުން ށަރީއަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ސުޕްރީމް ކޯޓުންނެވެ.

 

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ގަވާއިދު ހެދުމަށް ގާނޫނުއަސާސީން ކޯޓުތަކަށް ލިބިދޭ ބާރުގެ ދަށުން ވަކި ކޯޓަކުން ހަދަންޖެހޭ ގަވާއިދެއް ހެދުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި ނިންމަންވާނެއެވެ.

 

212 ވަނަ މާއްދާ – ގާނޫނަށް އަމަލުކުރަން ފެށުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 8 (އަށެއް) މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރެވެމުންދިޔަ އާންމު ޖިނާއީ އިޖުރާއަތާގުޅޭ އެންމެހައި އުސޫލުތައް ބާތިލުވީއެވެ. 

(ނ) ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ހާއްސަ އުސޫލުތަކެއް ކަނޑައަޅައިދީފައިވާ ހާލަތުގައި ފިޔަވައި، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އަންނަނިވި ކަންކަމުގައި އަމަލުކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. ކޯޓު އަމުރު ހޯދަންޖެހޭ ހާލަތުގައި އެ އަމުރަށް އެދުމުގައި އަދި އެ އަމުރު ކޯޓުން ނެރުމުގައި އަދި އެ އަމުރު ތަންފީޒުކުރުމުގައި؛
  2. މީހުން ހުއްޓުވުމާއި، ހިފެހެއްޓުމާއި، ހިފައި ހައްޔަރުކުރުމާއި ބަންދުކުރުމުގައި؛
  3. ޖިނާއީ މައްސަލައެއްގެ ތަހްގީގު ހިންގުމުގައި؛
  4. ޖިނާއީ މައްސަލައެއްގެ ދައުވާ އުފުލުމުގައި ނުވަތަ ދައުވާ ދޫކޮށްލުމުގައި ނުވަތަ ދައުވާ އަނބުރާ ގެނައުމުގައި؛
  5. ޖިނާއީ މައްސަލައެއްގެ ށަރީއަތް ހިންގުމުގައި؛
  6. ޖިނާއީ މައްސަލައެއްގެ ހުކުމް ތަންފީޒުކުރުމުގައި؛
  7. މި ގާނޫނުގައި ކަނޑައަޅާފައިވާ އާންމު ޖިނާއީ އިޖުރާއަތަކާ ގުޅޭގޮތުން.

 

213 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "އެހެން ގާނޫނެއް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނަކަށެވެ.

(ށ) "އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އެންމެންނަށްމެ ބޭނުންކުރެވޭ ގޮތަށް އަބަދުމެ ހުޅުވާލެވިފައިވާ މަގާއި ގޯއްޗާއި ބިމާއި އާންމު މައިދާންތަކާއި ޕާކްތަކާއި އަމިއްލަ ތަންތަން ކަމަށް ނުބެލެވޭ ބިމާއި ގޯއްޗާއި އިމާރާތަށެވެ. އާންމުކޮށް މީހުންނަށް ވަދެނިކުމެވޭގޮތަށް ހުޅުވިގެންވާ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ސައިހޮޓާތަކާއި އެފަދަ ތަންތަނުގެ ތެރެއިން ތަނެއްގައި ކުށެއް ހިނގައިފިކަމަށް ނުވަތަ ކުށެއް ހިނގަމުންދާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭހިނދު، އެތަނަކީވެސް އާންމު ތަނެއްގެ މާނައިގައި ހިމެނިގެންވާނެ ތަނެކެވެ.

(ނ) "އަމިއްލަ ތަންތަން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، އިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި ގޭބިސީއަށާއި އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި އިމާރާތާއި ހޯލާއި މައިދާންތަކަށެވެ.

(ރ) "ކޯޓު އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރަކު ދޫކުރާ ހުއްދައަށެވެ. ނުވަތަ ފަނޑިޔާރަކު ކުރާ އަމުރަށެވެ.

(ބ) "ފަނޑިޔާރު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ދަށު ކޯޓުތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.

(ޅ) "ހައިކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.

(ކ) "ސުޕްރީމް ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.

(އ) "ސާމްޕަލް ނެގުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ލެއިން ނުވަތަ އިސްތަށިން ނުވަތަ ނިޔަފަތީގެ ދަށުން، ނުވަތަ ދަލުން ނުވަތަ ހަށިގަނޑުގެ އެނޫންވެސް ދިޔައެއް ނުވަތަ ތެތްކަމެއް ހިމެނޭގޮތަށް، ހަށިގަނޑުގެ ތެރެއިންނާއި ހަށިގަނޑުގެ ބޭރުން ސާމްޕަލެއް ނެގުމަށެވެ. 

(ވ) "ޑީ.އެން.އޭ" ނުވަތަ "ޑީއޮކްސިރައިބޯ ނިއުކްލިކް އެސިޑް" ކަމަށް ބުނެފައި އެވަނީ، ދިރޭތަކެތީގެ ހަށިގަނޑުގައި އެކުލެވޭ އެންމެ އަސާސީ ވިހުދަ ނުވަތަ ޔުނިޓު ނުވަތަ ސެލްގެ ނިއުކްލިއަސްގެ ވިއުގަނޑެއް ފަދައިން ވަރަށް ފުރިހަމަ ތަރުތީބަކުން އެތުރި ރައްކާކުރެވިފައިވާ ވިރާސީ ސިފަތަކާއި ނަސްލާއި ގުނަވަންތަކުގެ މަސައްކަތްތައް އޭގެ މައްޗަށް ބިނާވެފައިވާ ވިރާސީ ބަހާއަށެވެ. މި ވިރާސީ ކުރެހުން، ނިބޫ ނުވަތަ ގަރުބަގަތުމުގައި އެއް ޖިންސުގެ އެއް ކުއްޖަކަށްވުރެ ގިނަކުދިން ފިޔަވައި ތަފާތެވެ.

(މ) "ފުލުހުންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ފުލުހުންގެ ހިދުމަތް ދިނުމަށް އުފައްދައި ހިންގައި ކޮންމެ އިދާރާއަކަށް ނުވަތަ މަރުކަޒަކަށެވެ. 

(ފ) "ޖިނާއީ ކުށެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ޖިނާއީ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށެވެ.

(ދ) "ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކުގެ ތެރެއިން ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނުތަކާއި، ވަކި ދާއިރާއެއް ނުވަތަ ކަމަކާގުޅޭ ގާނޫނެއްގައި ޖިނާއީ ކުށްކުށާގުޅޭ މާއްދާތައް އެކުލެވޭ ގާނޫނުތައް ހިމެނޭގޮތުންނެވެ.

(ތ) "ޕްރޮސިކިއުޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ.

(ލ) "ކުށުގެ ވެށި" ކަމަށް ބުނެފައި އެވަނީ، މީހަކު ކުށް ކުރި ތަނާއި، ކުށްކުރުމަށްފަހު އެނބުރި ދާ ދިއުމާއި، ފިލަން ނުވަތަ އެއްޗެއް ފޮރުވުމަށް ވަދެ ހުންނަ ކޮންމެ ތަނަކަށެވެ.

(ގ) "ސަރވައިލްކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކޮށްފައިވާ ކަމުގެ ނުވަތަ ކުރަމުންދާކަމުގެ ނުވަތަ ކުރަންއުޅޭ ކަމުގެ ހެކި ހޯދުމަށްޓަކައި، ނުވަތަ ތުހުމަތުކުރެވޭ ޖިނާއީ ހަރަކާތެއްގެ އިންޓެލިޖެންސް އެއްކުރުމަށްޓަކައި، ކެމެރާ، މައިކްރޮފޯން، ޓޭޕް ރެކޯޑަރ، ވަޔަރ ޓެޕްފަދަ އިލެޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން މީހުންގެ މުއާމަލާތްތައް އަޑުއެހުމާއި، މީހުންގެ ހަރަކާތްތައް މޮނިޓަރކުރުމާއި، މީހުންނާއި ތަންތަން ބަލައި އޮބްޒަރވްކުރުމަށެވެ.

(ޏ) "ޑިޕްލޮމެޓިކް އިމްތިޔާޒު" ކަމަށް ބުނެފައި އެވަނީ، ބޭރު ދައުލަތެއްގެ އިއްޒަތްތެރިއެއްކަމުގައި ވުމުން، ނުވަތަ ބޭރު ގައުމެއްގެ ސަފީރަކަށް ވުމުން، ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ބައިނަލްއަގްވާމީ މުއައްސަސާއެއް ތަމްސީލުކުރާ ފަރާތަކަށްވުމުން، ނުވަތަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން އިމްތިޔާޒު ލިބެންޖެހޭ ފަރާތަކަށްވުމުން، އެ ފަރާތަކަށް ދިވެހި ދައުލަތުގެ ފަރާތުންދޭ އިމްތިޔާޒަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އެންޓ-ިކޮރަޕްށަން ކޮމިށަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-102)
  2. މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓް -މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-89)
  3. ކްރިމިނަލް ކޯޓުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-100)
  4. ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-04)
  5. ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މީރާއިން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-108)
  6. އެންޓި-ކޮރަޕްށަން ކޮމިށަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-98)
  7. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ނަވާވީސް-1 ވަނަ ބާބަށް އަމަލުކުރަން އެންގުން (އެންގުން ނަންބަރު 2-2020-198)
  8. ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1052)
  9. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-78)
  10. ޕްރޮސިކިއުޓްކުރުމުގެ އިޖްރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-76)

ރިފަރެންސް

މި ގާނޫނު ފާސްކުރީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 18 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ނެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގު ކުރެއްވީ 2 މޭއި 2016 ވީ ހޯމަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު