މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓް -މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-89)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ، ޖިނާއީ ކުށަކާ ގުޅިގެން، މަރުވެފައިވާ މީހަކު މަރުވި ސަބަ ބު ދެނެގަތުމަށް ޓަކައި އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާން ކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 1-75 ވަނަ މާއްދާގެ (ރ) ގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން އެކުވަލައިފައިވާ ގަ ވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، ''މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ފޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު'' އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ޖިނާއީ ކުށަކާ ގުޅިގެން، މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް ޓަކައި އަދި ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހެދުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުތައް ބަޔާންކުރުމެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ، ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
4 ވަނަ މާއްދާ - ޕޯސްޓް-މޯޓަމް ހަދަންޖެހޭ ބާވަތުގެ މަރު ގެ މައްސަލަތައް
(ހ) އަންނަނިވި ބާވަތްތަކުގެ މަރުގެ މައްސަލަތަކުގައި، މަރުވެފައިވާ މީހާ، މަރުވި ސަބަބު ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމެއް ހެދުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.
- އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަ؛
- އަމިއްލައަށް މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ؛
- ގަސްތުގައި މީހަކު މަރާލައިފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ؛
- އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ؛
- ގޮތް ނޭނގޭ މަރުގެ މައްސަލަ؛
- ގުދުރަތީގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މަރުގެ މައްސަލަ.
(ށ) މި މާއްދާ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހެދުމަށް ކޯޓު އަމުރެއް އޮންނަ ހާލަތުގައި، އެ އަމުރާ އެއްގޮތްވާ ގޮތުގެ މަތީން ޕޯސްޓް-މޯޓަމް ހެދުމަށް މި މާއްދާ ހުރަހެއް ނާޅާއެވެ.
5 ވަނަ މާއްދާ - ޕޯސްޓް-މޯޓަމް ހެދުމަށް ހަށިގަނޑު އެއްތަނުން އަނެއްތަނަށް ގެންދިއުން
(ހ) ޕޯސްޓް-މޯޓަމް ހަދަންޖެހޭ ހަށިގަނޑެއް އެއްތަނުން އަނެއްތަނަށް ގެންދަންވާނީ، މަރުވެފައިވާ މީހުން ލުމަށް ހާއްސަ ބޮޑީ ބޭގު (ކެޑޭވާ ޕައުޗް) އަކަށް ލައިގެންނެވެ. ނުވަތަ އެފަދަ ހާއްސަ ބޭގެއް ލިބެން ނެތް ހާލަތެއްނަމަ، ސާފު ފޮތިގަނޑެއް ބޭނުންކޮށްގެން ހަށިގަނޑު ނިވާކޮށްގެނެވެ.
(ށ) އުފުލައި ގެންގުޅުމުގައި އަމަލުކުރަންވާނީ، ހަށިގަނޑަށް އިތުރު ގެއްލުމެއް ނުލިބޭނެ ގޮތަށް، އަދި ހަށިގަނޑުން ލިބިދާނެ ހެއްކެއް ތަޣައްޔަރު ނުވާނެ ގޮތަކަށެވެ.
(ނ) ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ނުވަތަ އެ ގާނޫނުން ބާރުލިބިގެން އެކުލަވައިލާ ފޮރެންސިކް ޕެތޮލޮޖީއާބެހޭ ގަވާއިދެއްގައި، ޕޯސްޓް-މޯޓަމާ ގުޅޭ އިޖުރާއަތެއްގައި ފުލުހުން އަމަލުކުރަންޖެހޭ ވަކި ކަމެއް ބަޔާންކޮށްފައިވާނަމަ، އެގޮތުގެ މަތީން އަމަލު ކުރަންވާނެއެވެ.
6 ވަނަ މާއްދާ - ޕޯސްޓް-މޯޓަމްއެގްޒޭމިނޭށަން ހެދުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ މަރުގެ މައްސަލައިގައި، ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހަދަންވާނީ، ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހެދުމަށް، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދީފައިވާ މަރުކަޒަކުން ނުވަތަ އިދާރާއަކުން ނުވަތަ ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ގާއިމުކޮށްފައިވާ އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދީފައިވާ ތަނަކުންނެވެ.
(ށ) ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހަދަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ދިވެހިރާއްޖެއިން ބޭރުގެ ތަނަކުންނަމަ، އެ ހާލަތުގައި ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހެދުމުގައި ހިނގާނީ، އެ ގައުމެއްގައި އެފަދަ ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަނެއް ހެދުމުގައި އަމަލުކުރާ އިޖުރާއަތުތަކެވެ.
7 ވަނަ މާއްދާ - ކާކުކަން ނޭގޭ ހާލަތުގައި އަމަލުކުރާނެ ގޮތް
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހަދާ ހަށިގަނޑަކީ ކާކުކަން ދެނެނުގަނެވޭ ހާލަތްތަކުގައި، އަންނަނިވި ގޮތަށް އަމަލުކުރަން ވާނެއެވެ.
- ކާކުކަން ދެނެގަތުމަށް ޓަކައި ހަށިގަނޑުން ނަގަންޖެހޭ އެންމެހައި ސާމްޕަލް ނެގުން؛
- ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހެދުމުގެ ކުރިން، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހަށިގަނޑަށް އައިޑެންޓިފިކޭށަން ނަންބަރެއްދީ، ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަނާ ގުޅޭ އެންމެހައި މައުލޫމާތެއް އެ އައިޑެންޓިފިކޭށަން ނަންބަރުގެ ދަށުން ރިކޯޑުކޮށް ބެލެހެއްޓުން.
(ށ) އިންސާނެއްގެ ހަށިގަނޑުގެ ބައެއް ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހަދާ ހާލަތުގައި، އެ ހަށިގަނޑުގެ ބަޔަކީ ކާކުގެ ހަށިގަނޑުގެ ބައެއްކަން ޔަގީން ނުކުރެވޭނަމަ އަމަލުކުރަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
8 ވަނަ މާއްދާ - ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ހޯދުމާއި ހުއްދަ ދިނުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ މަރުގެ މައްސަލައިގައި، މަރުވި ސަބަބު ދެނެގަތުމަށް ޓަކައި ޕޯސްޓް-މޯޓަމް ހަދަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕޯސްޓް-މޯޓަމް ހެދުމަށް ތަހުގީގު ކުރުމުގެ އިހްތިސާސް ލިބިދީފައިވާ ފުލުހުންގެ އިދާރީ ބަހާގެ އެންމެ އިސް އޮފިސަރުގެ ހުއްދަޔާ އެކުގައެވެ.
(ށ) މި މާއްދާ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް އެދެންވާނީ، އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުންނެވެ. އަދި މިގޮތުން ހުއްދައަށް އެދޭ އެދުމުގައި ޕޯސްޓް-މޯޓަމް ހެދުމުގެ ޒަރޫރަތްތެރިކަން އޮތް މިންވަރު ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހުއްދަ ދިނުމަށްފަހު، ލިޔުމުން އެކަން ރިކޯޑު ކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދަދޭ ލިޔުމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ހުއްދި ދިން އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރު؛
- ހުއްދަ ދިން ތާރީހާއި ވަގުތު؛
- ހުއްދި ދިން އޮފިސަރުގެ ސޮއި؛
- ހުއްދަ ދިން ސަބަބު.
(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުށުގެ ވެށިން ހެކި ހޯދުމާއި، ހެކި ރައްކައުތެރިކުރުމާއި، ކުށުގެ ވެށްޓާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމާއި،މަރުވެފައިވާ މީހާއަކީ ކާކުކަން ދެނެގަތުމަށް ޓަކައި ނުވަތަ ހަށިގަނޑަށް ލިބިފައިވާ އަނިޔާ ދެނެގަތުމަށް ނަގަންޖެހޭ އެންމެހައި ސާމްޕަލުތައް ނެގުމުގައި ނުވަތަ ކުށުގެ ވެށިން ނަގަންޖެހޭ މައުލޫމާތު ނެގުމާއި، ހަށިގަނޑަށް ބޮޑު ބަދަލެއް ނާންނާނެ ގޮތެއްގެ މަތީން ނަގާ ލޭ، ނުވަތަ ޔޫރިން، ނުވަތަ ގޭސްޓްރިކް ސާމްޕަލްތައް ފަދަ ސާމްޕަލްތައް ނެގުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި މި މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިގާނެއެވެ.
9 ވަނަ މާއްދާ - އިވެންޓް ލޮގް ލިޔެ ބެލެހެއްޓުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުގެ މައްސަލަތައް ތަހުގީގުކުރާ ފަރާތުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕޯސްޓް-މޯޓަމް ހަދާ މައްސަލަތަކުގައި، އެ މައްސަލައިގެ ތަހުގީގު ނިމެންދެން އިވެންޓް ލޮގް ފުރިހަމަކުރަންވާނެއެވެ.
(ށ) މި މާއްދާ (ހ) ގައި ބަޔާންކޮށްފައިވާ، އިވެންޓް ލޮގުގައި، އަންނިވި ކަންތައްތައް ހިމަނަންވާނެއެވެ.
- ކުށުގެ ވެށްޓަށް ފުލުހުން ދިޔަ ތާރީހާއި ވަގުތު؛
- ކުށުގެ ވެށްޓަށް ދިޔަ ފަރާތްތަކުގެ ފުރިހަމަ ނަމާއި، ސަރވިސް ނަންބަރު ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
- މަރުވެފައިވާ ފަރާތުގެ މައުލޫމާތު ނުވަތަ ހަށިގަނޑަށް ދިން އައިޑެންޓިފިކޭށަން ނަންބަރު؛
- މަރުވެފައިވާ މީހާ މަރުވެފައި އޮތް ގޮތް ނޫން އެހެން ގޮތަކަށް ބަދަލަކުރުން ފަދަ އެއްވެސް ކަމެއް ކުރިނަމަ، އެ ކަމުގެ މައުލޫމާތު؛
- ކުށުގެ ވެށިން އެހެން ތަނަކަށް ހަށިގަނޑު ގެންދިޔަނަމަ، އެ ކަމުގެ މައުލޫމާތު؛
- ކުށުގެ ވެށްޓާ ހަވާލުވެހުރި އެންމެ އިސް އޮފިސަރުގެ ނަމާއި، ސަރވިސް ނަންބަރު.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިވެންޓް ލޮގް ލިޔެ ބެލެހެއްޓުމުގެ ބޭނުމަކީ، ކުށުގެ ވެށްޓަށް ހާޒިރުވާ ފުލުސް އޮފިސަރުންނާއި، އެހެން އެއްވެސް ފަރާތަކުން ކުށުގެ ވެށްޓަށް ހާޒިރުވެފައިވާނަމަ، އެ ފަރާތްތަކާއި އެ ފަރާތްތަކުން ކުށުގެ ވެށްޓާ ގުޅިގެން އަދާކުރި ދައުރު ލިޔުމުން ރިކޯޑުކޮށް ބެލެހެއްޓުމެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، އިވެންޓް ލޮގުގައި ކުށުގެ ވެށިން ފެށިގެން ތަހުގީގުކުރާ ފަރާތުން ހަށިގަނޑު ދޫކޮށްލިކަން ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހަދާ ފެސިލިޓީއަށް އެންގުމާ ހަމަޔަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ތަރުތީބުން ގުޅިލާމެހިގެންދާ ގޮތެއްގައި ލިޔެ ބަލަހައްޓަންވާނެއެވެ.
10 ވަނަ މާއްދާ - އައިޑެންޓިފިކޭށަން ޑޭޓާބޭސް
(ހ) މި ގާވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުގެ މައްސަލަތަކުގައި ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހެދޭ ހަށިގަނޑަކީ ކާކުކަން ދެނެގަނެވިފައި ނުވާނަމަ، އެ ފަރާތަކީ ކާކުކަން ދެނެގަތުމަށް ބޭނުންވާނެ އެންމެހައި މައުލޫމާތާއި، އެފަދަ ފަރާތްތަކުގެ ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަނާ ގުޅޭ އެންމެހައި މައުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް، ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމުކުރަންވާނެއެވެ.
(ށ) ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހަދާ ހަށިގަނޑަކީ ކާކުކަން ދެނެގަނެވިފައި ނުވާނަމަ، ޕޯސްޓް-މޯޓަމް ހެދުމުގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑޭޓާބޭސް މެދުވެރިކޮށް އެ ހަށިގަނޑަށް އައިޑެންޓިފިކޭށަން ނަންބަރެއް ދިނުމަށްފަހުގައި މެނުވީ އެ ހަށިގަނޑެއްގެ ޕޯސްޓް-މޯޓަމް ހަދައިގެން ނުވާނެއެވެ.
(ނ) މި މާއްދާ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހަށިގަނޑަށް އައިޑެންޓިފިކޭށަން ނަންބަރެއް ދޭ ހާލަތުގައި، ޕޯސްޓް-މޯޓަމާ ގުޅޭ އެންމެހައި މައުލޫމާތު ލިޔެ ބަލަހައްޓަންވާނީ،އެ އައިޑެންޓިފިކޭށަން ނަންބަރުގެ ދަށުންނެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ހަށިގަނޑު އެއީ ފަހުގެ މަރުހަލާއެއްގައި ކާކުކަން ދެނެގަނެވިއްޖެނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޑޭޓާބޭސްއަށް އެ މައުލޫމާތު ރިކޯޑުކޮށް އަދާހަމަކޮށް ބަލަހައްޓަންވާނެއެވެ.
11 ވަނަ މާއްދާ - ހަށިގަނޑު ހަވާލުކުރުން
(ހ) ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހަދާ ފެސިލިޓީއަކުން، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މަރުގެ މައްސަލައަކާ ގުޅިގެން ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަނެއް ހެދުމަށްފަހު، އެ ހަށިގަނޑާ ގުޅޭގޮތުން ތަހުގީގުގެ ބޭނުމަށް އިތުރު އެހެން އެއްވެސް ބެލުންތަކެއް ނުވަތަ ކަންތައްތަކެއް ކުރަން ނެތްނަމަ، ލަސްކުރުމެއްނެތި، އެ ފަދަ ހަށިގަނޑެއް އާއިލާއަށް ހަވާލުކުރުމަށް ނުވަތަ ވަޅުލުމަށް ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހަދާ ފެސިލިޓިއަށް، ތަހުގީގުކުރާ ފަރާތުން ލިޔުމުން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެންގުމަށްފަހު، މަރުވެފައިވާ މީހާގެ އާއިލާއަށް ނުވަތަ ބަލަދުވެރި ފަރާތަށް އެކަން އަންގަންވާނެއެވެ.
(ނ) މަރުވެފައިވާ ފަރާތަކީ ބިދޭސީއެއް ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެންގުން، ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ އެ ބިދޭސީއަކު ނިސްބަތްވާ ގައުމުގެ ކޮންސިއުލާ މިށަނަށް އެންގުމަށް ޓަކައި ނުވަތަ އެ ބިދޭސީއަކު ނިސްބަތްވާ ގައުމަށް އެކަން އެންގުމަށް ޓަކައި، ހާރިޖީ ކަންކަމާބެހޭ ވުޒާރާއަށް އަންގަންވާނެއެވެ.
12 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކަށާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ލަ ފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ހަށިގަނޑު" ކަމަށް ބުނެފައި އެވަނީ، މައްޔިތެއްގެ ނުވަތަ މަރުވެފައިވާ އިންސާނެއްގެ މުޅި ހަށިގަނޑު ނުވަތަ އެފަދަ ހަށިގަނޑެއްގެ ބައިތަކަށެވެ.
(ށ) "ތަހުގީގުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ބަހާތަކުގެ ތެރެއިން، މަރުގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހްތިސާސް ލިބިފައިވާ އިދާރީ ބަހާއެއްގައި މަސައްކަތްކުރާ ތަހުގީގު ކުރުމުގެ ހުއްދަ އޮތް ކޮންމެ ފުލުހަކަށެވެ.
(ނ) "ކުށުގެ ވެށި" ކަމަށް ބުނެފައި އެވަނީ، ށައްކުރުކުރެވޭ މަރާއި، ގޮތްނޭ ނގޭ މަރުކަމަށް ތުހުމަތުކުރެވޭ ހަށިގަނޑު ފެންނަ ތަނަށެވެ.
(ރ) "ޕޯސްޓް-މޯޓަމް އެގްޒަމިނޭށަން" ކަމަށް ބުނެފައި އެވަނީ، އިންސާނަކު މަރުވި ސަބަބު ދެނެގަތުމަށް ޓަކައި، ނުވަތަ މަރާ ގުޅުންހުރި ކަންތައްތައް ދެނެގަތުމަށް ޓަކައި އިންސާނެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައެއް ބަލައި ހޯދުމަށެވެ. އަދި މި ގަވާއިދުގެ މަގުސަދަށް ޓަކައި "އޮޓޮޕްސީ" މި މާނައިގެ ތެރޭގައި ހިމެނެއެވެ.
(ބ) "ޕޯސްޓް-މޯޓަމް އެގްޒޭމިނޭށަން ހަދާ ފެސިލިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދީފައިވާ، މަރުކަޒު ނުވަތަ އިދާރާ ނުވަތަ ދިވެހިރާއްޖެއިން ބޭރު ގައުމުތަކުގައި އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަދީފައިވާ ތަންތަނަށެވެ.
13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު