-

ޖިނާއީ ތަހުގީގުކުރުމުގައި އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-01)

(މި ގަވާއިދަށް އަމަލުކުރަން ފެށި 7 ޖަނަވަރީ 2025 ގައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން، ޖިނާއީ ތަހުގީގުކުރުމުގައި އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކޮށްފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޖިނާއީ ތަހުގީގުކުރުމުގައި އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އިލެކްށަންސް ކޮމިށަނުގެ އިހްތިސާސް ހިނގާ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ތަހުގީގުކުރެވޭނެ މައްސަލަތައް

މި ގަވާއިދު ދަށުން ތަހުގީގުކުރެވޭނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގައި ބަޔާންކޮށްފައިވާ ކޮރަޕްށަނުގެ މައްސަލަތައް ފިޔަވައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ، އިންތިހާބާ ގުޅޭ ޖިނާއީ މައްސަލަތަކެވެ.

 

5 ވަނަ މާއްދާ - ހާޒިރުވުމަށް އެންގުމުގެ ބާރު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ މައްސަލައެއްގެ ތަހުގީގަކާ ގުޅޭގޮތުން އިލެކްށަންސް ކޮމިށަނަށް ހާޒިރުވުމަށް، ޗިޓެއް މެދުވެރިކޮށް ލިޔުމުން އެންގުމުގެ ބާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ތަހުގީގަކާ ގުޅިގެން، އިލެކްށަންސް ކޮމިށަނަށް ހާޒިރުވުމަށް އެންގޭނީ، އަންނަނިވި ހާލަތްތަކުގައެވެ. 

  1. ކުށުގެ ތުހުމަތުކުރެވޭ މީހެއްކަމުގައި ވުން؛
  2. ތަހުގީގަށް މައުލޫމާތު ދެވިދާނެ މީހެއްކަމުގައި ވުން؛
  3. ހެކިބަސް ދެވިދާނެ މީހެއްކަމުގައި ވުން.

(ނ) ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ މީހާ ހުރީ ރާއްޖޭގައި ނަމަ، އެ ޗިޓު، އޭނާ އިލެކްށަންސް ކޮމިށަނަށް ހާޒިރުވާންޖެހޭ ގަޑީގެ 12 (ބާރަ) ގަޑިއިރުގެ ކުރިން އޭނާއަށް ރައްދުކުރަންވާނެއެވެ.

(ރ) ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ މީހާ ހުރީ ރާއްޖެއިން ބޭރުގައި ނަމަ، އެ ޗިޓު، އޭނާ އިލެކްށަންސް ކޮމިށަނަށް ހާޒިރުވާންޖެހޭ ގަޑީގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން އޭނާއަށް ރައްދުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާޒިރުވާން އަންގާ ފަރާތަށް ފުރަތަމަ ދެވޭ މުއްދަތުގެ ތެރޭގައި، އެ ފަރާތް ހާޒިރުވާންޖެހޭ ތާރީހާއި ގަޑިއަށް ހާޒިރުވެވެން ނެތްކަމަށް ބުނެ މަގްބޫލު އުޒުރަކާއެކު އިލެކްށަންސް ކޮމިށަނަށް އަންގައިފި ނަމަ، އޭނާ ހާޒިރުވުމަށް އެކަށޭނަ އިތުރު މުއްދަތެއް ދިނުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ހާޒިރުވުމުގެ ޗިޓުގައި ހިމަނަންޖެހޭ މައުލޫމާތު

މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމެއްގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ. ހާޒިރުވުމަށް އަންގާ ޗިޓު، މި ގަވާއިދުގެ ޖަދުވަލު 1 ގައި އެވަނީއެވެ.

(ހ) ހާޒިރުކުރެވޭ މީހާގެ ނަމާއި، ދާއިމީ އެޑްރެސް.

(ށ) ހާޒިރުކުރެވޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.

(ނ) ހާޒިރުކުރެވޭ ހައިސިއްޔަތ.ު

(ރ) ކުށަކަށް ތުހުމަތުކުރެވޭ ފަރާތެއް ނަމަ، އޭނާއާމެދު ކުރެވޭ ތުހުމަތުގެ ހުލާސާ.

(ބ) ތަހުގީގަކަށް މައުލޫމާތު ދެވިދާނެ މީހަކު ނަމަ ނުވަތަ ހެކިބަސް ދެވިދާނެ މީހަކު ނަމަ، ކުރަމުންދާ ތަހުގީގުގެ ހުލާސާ.

(ޅ) ހާޒިރުވާން އަންގާ ތަނާއި ތާރީހާއި ގަޑި.

(ކ) ހޭދަވާނެކަމަށް އަންދާޒާކުރާ ވަގުތު.

 

7 ވަނަ މާއްދާ - ހާޒިރުވުމަށް އަންގާނެ ގޮތް

މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ހާޒިރުވުމަށް އަންގާ ޗިޓު ރައްދުކުރާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.

(ހ) ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ ފަރާތަށް ހަވާލުކުރުން.

(ށ) ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ ފަރާތް ދިރިއުޅޭ އެޑްރެހުގައި އުޅޭ، ތަސައްރުފު ފުދިފައިވާ މީހަކާ ހަވާލުކުރުން.

(ނ) ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ ފަރާތުގެ އީމެއިލް އެޑްރެހަށް ފޮނުވައިގެން.

(ރ) ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ ފަރާތުގެ ފޯނަށް ފޮނުވައިގެން.

(ބ) އިލެކްށަންސް ކޮމިށަނުން ހޯދާ ކޯޓު އަމުރެއްގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ބަންދުގައި ބަހައްޓައިގެން.

 

8 ވަނަ މާއްދާ - ޗިޓަށް ހާޒިރުވުން

(ހ) މި ގަވާއިދު ބަޔާންކޮށްފައިވާ ގޮތުގެ މަތީން މީހަކު ޗިޓަށް ހާޒިރުވާއިރު، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއި ހާޒިރުވުމަށް އަންގާ ޗިޓު ގެންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާޒިރުވާ މީހަކު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ނަމަ، ގާނޫނީ ވަކީލަކާއެކު ހާޒިރުވުމުގެ ފުރުސަތު އޭނާއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ޗިޓަށް ހާޒިރުވުމަށް އުޒުރު ވެރިވުން

މި ގަވާއިދު 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ މީހާ އެ ޗިޓުގައިވާ ގަޑިއަށް ހާޒިރުވެވެން ނެތް ނަމަ، މަގްބޫލު ސަބަބަކާއެކުު ހާޒިރުވާންޖެހޭ ގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން، އިލެކްށަންސް ކޮމިށަނަށް ސިޓީއާއި ލިޔެކިޔުން ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތްތަކުންކުރެ ގޮތަކަށް، ލިޔުމުން އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ - މަގްބޫލު ސަބަބެއް ނެތި ހާޒިރުނުވުން

(ހ) ކުށެއްގެ ތުހުމަތުކުރެވޭ މީހަކު މަގްބޫލު ސަބަބެއްނެތި ހާޒިރުވުމަށް އަންގާ ޗިޓުގައިވާ ތާރީހާއި ގަޑިއަށް ހާޒިރުވާން ވާނެއެވެ. މި މާއްދާގެ ބޭނުމަށް ޓަކައި މަގްބޫލު ސަބަބުކަމުގައި ބެލޭނެ ކަންތައްތައް ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ. 

  1. ދަތުރުފަތުރު ކުރެވޭވަރަށް މޫސުން ތަން ނުދިނުން؛
  2. ހާޒިރުނުވެވޭ ފަދަ ބައްޔެއް ވުން؛
  3. މިފަދަ މަގުބޫލު އެހެން ސަބަބެއް މެދުވެރިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައިވާކަން ސާބިތުކޮށްދިނުމަކީ ހާޒިރުވުމުގެ ޗިޓު ރައްދުވާ ފަރާތުގެ ޒިންމާއެކެވެ.

(ނ) ކުށެއްގެ ތުހުމަތުކުރެވޭ މީހަކުު ހާޒިރުވުމުގެ ޗިޓެއް ލިބި އެ ޗިޓުގައިވާ ތާރީހާއި ގަޑިއަށް ހާޒިރުނުވެއްޖެ ނަމަ، އެ މީހަކާމެދ،ު ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނީ ފިޔަވަޅުއެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވުމުގެ އިހުތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ރުހުމުގައި އިލެކްށަންސް ކޮމިށަނަށް ހާޒިރުވުން

(ހ) ތުހުމަތުކުރެވޭ ފަރާތެއް ނުވަތަ މައްސަލައަކާ ގުޅިގެން ހެކިބަހެއް ނުވަތަ މައުލޫމާތެއް ދިނުމަށް އިލެކްށަންސް ކޮމިށަނަށް ހާޒިރުކުރަން ބޭނުންވާ މީހާގެ ރުހުމުގައި، ފޯނުކޮށް އަންގައިގެން ނުވަތަ އެ މީހަކާ ބައްދަލުކޮށް ހާޒިރުވާންޖެހޭ ގަޑި އަންގައިގެން އިލެކްށަންސް ކޮމިށަނަށް ހާޒިރުވުމަށް އެންގުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެ މަތީން އަންގާ އެންގުމަކާ ގުޅިގެން އިލެކްށަންސް ކޮމިށަނަށް ހާޒިރުވާއިރު އެ މީހެއްގެ ގާނޫނީ ވަކީލާއެކު ހާޒިރުވުމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެ މަތީން އަންގާ އެންގުމަކާ ގުޅިގެން އިލެކްށަންސް ކޮމިށަނަށް ހާޒިރުކުރެވޭ މީހަކާ ސުވާލުކުރުމުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ، ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ މީހަކަށް ދޭންޖެހޭ ގާނޫނީ އިންޒާރު އެ މީހަކަށް ލިޔުމުން ދޭންވާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން އަންގާ އެންގުމަށް ހާޒިރުވެ ހުންނަ ފަރާތަކާ ސުވާލުކުރުމުގައި، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ޗިޓަށް ހާޒިރުކުރެވޭ މީހުންނާ ސުވާލުކުރުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނަށް ހާޒިރުކުރެވޭ މީހުންނާ ސުވާލުކުރުމުގެ ބާރު، ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނަށް ހާޒިރުކުރެވޭ މީހުން ބޭތިއްބޭނީ، ހާޒިރުވުމަށް އަންގާ ޗިޓުގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސުވާލުކުރެވޭ މީހާއަކީ ކުށެއްގެ ތުހުމަތުގައި ސުވާލުކުރާ މީހެއް ނަމަ، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން، ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ މީހުންނަށް ދޭ ގާނޫނީ އިންޒާރު، ލިޔުމަކުން އޭނާއަށް ދޭންވާނެއެވެ. އަދި އެ ލިޔުމުގެ ކޮޕީއެއް އޭނާއަށް އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިލެކްށަންސް ކޮމިށަނުން ދޭންޖެހޭ ގާނޫނީ އިންޒާރުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ތުހުމަތުކުރެވެނީ، ކޮން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކޮން ކުށަކާ ގުޅިގެންކަން؛
  2. އޭނާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގު އޭނާއަށް ލިބިގެންވާކަން؛
  3. ސުވާލަށް ޖަވާބު ނުދިނުމަކީ އޭނާއަށް ލިބިގެންވާ ހައްގެއް ކަމުގައި ވިޔަސް، ސުވާލަށް ޖަވާބުދިނުން އެދެވިގެންވާކަން؛
  4. ސުވާލަށް އޭނާ ދޭ ޖަވާބަކީ، އޭނާއާ ދެކޮޅަށް ކޯޓެއްގައި ބޭނުންކުރެވިދާނެ އެއްޗެއްކަން؛
  5. އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގެންވާކަން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރުގައި ހިމެނިގެންވާ ބައިތައް ސުވާލުކުރެވޭ މީހާއަށް ރަނގަޅަށް ފަހުމުވެއްޖެކަން އިލެކްށަންސް ކޮމިށަނުންކަށަވަރުކުރަންވާނެއެވެ. އަދި ފަހުމުނުވާ ނަމަ، އޭނާއަށް އެ ކަންކަން ފަހުމުވާނެ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު، ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށް ހާޒިރުކުރާ ކޮންމެ ފަހަރަކުު މި މާއްދާގައިވާ ގޮތުގެ މަތީން، ތުހުމަތުކުރެވޭ މީހާއަށް ލިޔުމުން ދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ސުވާލުކުރެވޭނެ ވަގުތުގެ ދިގުމިން

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިލެކްށަންސް ކޮމިށަނަށް ހާޒިރުކުރެވޭ މީހަކާ މެދުކެނޑުމެއްނެތި ސުވާލުކުރެވޭނީ، ގިނަވެގެން 60 (ފަސްދޮޅަސް) މިނެޓަށެވެ. ސުވާލުކުރާ މުއްދަތުގެ ތެރޭގައި 60 (ފަސްދޮޅަސް) މިނެޓު ސުވާލުކުރުމަށްފަހު، މަދުވެގެން 10 (ދިހައެއް) މިނެޓުގެ ހުސްވަގުތުކޮޅެއް އެ މީހަކަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިލެކްށަންސް ކޮމިށަނަށް ހާޒިރުކުރެވޭ މީހާއާ ސުވާލުކުރާއިރު ހުސްވަގުތު ބޭނުންނުވާކަމަށް އެ މީހާ ބުނެފި ނަމަ، މި މާއްދާގެ (ހ) ގައިވާ އުސޫލެއް އެ މީހާގެ މައްޗަކަށް ނުހިނގާނެއެވެ. 

 

14 ވަނަ މާއްދާ - ތަހުގީގުގައި ކުށަށް އިއުތިރާފުވުން

(ހ) ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުންކަމަށް ބުނެފި ނަމަ ނުވަތަ އިއުތިރާފުވި ނަމަ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 104 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފުރުސަތު ދިނުމަށް ޓަކައި، އެކަން، ވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިލެކްށަންސް ކޮމިށަނުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިއުތިރާފުވި ފަރާތުން އެއްވެސް ސަބަބަކާހުރެ އިއުތިރާފުން ރުޖޫއަވެއްޖެ ނަމަ، އިލެކްށަންސް ކޮމިށަނުން އެފަދަ މައްސަލަތަކުގެ ތަހުގީގު ފުރިހަމަކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުން

އިލެކްށަންސް ކޮމިށަނުން ބަލަމުންދާ މައްސަލައެއްގައި ހާޒިރުކުރަންޖެހޭ ފަރާތަކުން މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައިފާނެކަމުގެ ނުވަތަ ހެކި ފޮރުވައިފާނެކަމުގެ ނުވަތަ ހެކި ނައްތައިލާނެކަމުގެ އިހުތިމާލު އޮތް ހާލަތެއްގައި ނުވަތަ އިލެކްށަންސް ކޮމިށަނަށް ހާޒިރުވުމުގައި އެއްބާރުލުން ނުދޭ ހާލަތެއްގައި، އިލެކްށަންސް ކޮމިށަނުން ހޯދާ ކޯޓު އަމުރެއްގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ބަންދުކޮށްގެން ތަހުގީގަށް ހާޒިރުކުރެވިދާނެއެވެ.

 

16 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި މީހަކު ހާޒިރުކުރުން

ބަންދުކޮށްފައި ހުރި މީހަކު އިލެކްށަންސް ކޮމިށަނަށް ހާޒިރުކުރަން ބޭނުންވެއްޖެ ނަމަ، އެ މީހަކު ހާޒިރުކުރާނީ، އެ މީހަކު ބަންދުކުރި ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށްގެންނެވެ.

 

17 ވަނަ މާއްދާ - ހާއްސަ އިނާޔަތްތައް ދެވިފައިވާ ފަރާތްތައް

ބަލިހާލު ހުރިގޮތުން ނުވަތަ ޖިސްމާނީ އުނިކަމެއްގެ ސަބަބުން ނުވަތަ ނަފްސާނީ އުނިކަމެއްގެ ސަބަބުން އިލެކްށަންސް ކޮމިށަނަށް ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތްތައް، އިލެކްށަންސް ކޮމިށަނަށް ހާޒިރުކޮށްގެން ބަޔާން ނެގުމުގެ ބަދަލުގައި އެ ފަރާތެއް ދިރިއުޅޭ ތަނަކަށް ގޮސްގެން ބަޔާން ނެގިދާނެއެވެ.

 

18 ވަނަ މާއްދާ - ހާޒިރުކުރެވޭ މީހުން ކުރުން މަނާ ކަންތައްތައް

އިލެކްށަންސް ކޮމިށަނަށް ހާޒިރުވުމަށް ހާޒިރުކުރެވޭ މީހުން، ތިރީގައިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) އަޑާއި މަންޒަރު ރިކޯ ޑުކުރެވޭނެ ނުވަތަ އިލެކްޓްރޯނިކް އެއްވެސް އެއްޗެއްގެ ބޭނުންހިފުން.

(ށ) މީހަކަށް ޖިސްމާނީ ގެއްލުމެއް ދެވިދާނެ ފަދަ އެއްވެސް އެއްޗެއް ތަހުގީގު މަޖިލީހަށް ވެއްދުން.

(ނ) އިލެކްށަންސް ކޮމިށަނުން ޗެކްކުރުމަށްފަހު ތަހުގީގު މަޖިލީހަށް ވެއްދުމުގެ ހުއްދަ ލިބިފައިވާ ލިޔެކިޔުންތައް ފިޔަވައި އިތުރު އެއްޗެއް ވެއްދުން.

(ރ) އިލެކްށަންސް ކޮމިށަނުގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ ކަމެއް ކުރުން.

(ބ) އިލެކްށަންސް ކޮމިށަނުގެ ބޭނުމަށް ރާއްޖެއިން ބޭރުން ނުވަތަ ރަށުން ބޭރުން ގެނެވޭ މީހުން ތަހުގީގު ކުރިޔަށްދާ މުއްދަތުގައި އިލެކްށަންސް ކޮމިށަނުގެ ހުއްދަ ނުލިބި ފުރައިގެން ދިޔުން.

(ޅ) އިލެކްށަންސް ކޮމިށަނުގެ ހުއްދަ ނެތި ތަހުގީގު އެ އިރެއްގައި ހިނގަމުންދާ ތަނަކުން ބޭރަށް ދިޔުން.

(ކ) އިލެކްށަންސް ކޮމިށަނުގެ ތަހުގީގަށް ހުރަސްއެޅޭ ފަދަ ގޮތަށް އަމަލުކުރުން.

 

19 ވަނަ މާއްދާ - ތަހުގީގު މަޖިލިސް ރިކޯޑުކުރުން

އިލެކްށަންސް ކޮމިށަނުން ކުރާ ތަހުގީގުތަކުގެ ތަހުގީގު މަޖިލިސްތަކުގެ އޯޑިއޯ ނުވަތަ ވީޑީއޯ ރިކޯޑުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ހަނުހުރުމުގެ ހައްގު

(ހ) މައްސަލައަކާ ގުޅިގެން ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފުމުގެ އިހުތިޔާރު ލިބިގެންވެއެވެ. އަދި އެ ހައްގުގެ ބޭނުންހިފާ ނަމަ، އެ ހައްގު އޭނާ އިހުތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އެކަން، ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސުވާލުކުރެވޭ މީހާ ހަނުހުރުމުގެ ހައްގު އިހުތިޔާރުކޮށްފި ނަމަ، އޭނާއާމެދު ކުރެވިފައިވާ ތުހުމަތާ ގުޅޭގޮތުން އޭނާއާ ދެން އިތުރަށް އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ. އަދި އޭނާ އެ ހައްގު އިހުތިޔާރުކުރީ،ސުވާލުކުރެވެމުން ދަނިކޮށް ކަމުގައި ވާ ނަމަ، އޭނާއާ ސުވާލުކުރަމުން ދިޔަދިޔުން އެހިނދުން ފެށިގެން ހުއްޓައިލަންވާނެއެވެ.

(ނ) މައްސަލައަކާ ގުޅިގެން ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެއެވެ. އަދި އެފަދައިން އޭނާއަށް އެންގުމަށްފަހު އޭނާ ދައްކާ ކޮންމެ ވާހަކައެއް ވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް އޭނާއަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ސުވާލުކުރެވޭ މީހާ ހަނުހުރުމުގެ ހައްގު އިހުތިޔާރުކުރީ އޭނާއާ ސުވާލުކުރެވެމުންދަނިކޮށް ކަމުގައި ވާ ނަމަ،އެ ހައްގު އިހުތިޔާރުކުރުމާ ހަމަޔަށް އޭނާއާ ކުރެވުނު ސުވާލުތަކާއި، އެ ސުވާލުތަކަށް ދިން ޖަވާބުގެ ގާނޫނީ ސައްހަކަމަށް އުނިކަމެއް ނާންނާނެއެވެ.

(ބ) މައްސަލައާ ގުޅިގެން ތުހުމަތުގައި ނޫންގޮތަކަށް ސުވާލުކުރެވޭ މީހާއަށް ނުވަތަ މައުލޫމާތު ހޯދުމަށް ޓަކައި ސުވާލުކުރެވޭ މީހާއަށް ހަނުހުރުމުގެ ހައްގު ލިބިގެނެއް ނުވެއެވެ. 

 

21 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު

(ހ) އިލެކްށަންސް ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ތަހުގީގަށް ހާޒިރުކުރާ ނަމަ، އެ ފަރާތަކަށް ގާނޫނީ ވަކީލަކު އަ އްޔަނުކުރުމުގެ ހައްގު ލިބިގެންވާކަން، އިލެކްށަންސް ކޮމިށަނުން އެ ފަރާތަކަށް އަންގަންވާނެއެވެ. 

(ށ) އިލެކްށަންސް ކޮމިށަނުން ތަހުގީގުކުރާ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރެވޭ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަނުކުރަން އެދިއްޖެ ނަމަ، އެ ވަގުތަކުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ މުއްދަތެއް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް އެ ފަރާތަކަށް އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަ ގުބޫލު ސަބަބަކާ ހެދި ވަކީލަކު އައްޔަނު ނުކުރެވިގެން ވަކީލަކު އައްޔަނުކުރުމަށް އިތުރު މުއްދަތެއް ބޭނުންވާ ނަމަ، މުއްދަތު ހަމަވުމުގެ ކުރިން، ސަބަބު ބަޔާންކޮށް، ވަކީލަކު އައްޔަނުކުރުމަށް އިތުރު ފުރުސަތަކަށް އިލެކްށަންސް ކޮމިށަނުގައި ލިޔުމުން އެދެންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދޭން އެދުމުން، އެއީ އެކަށީގެންވާ ސަބަބެއްކަމަށް ފެންނަ ނަމަ، އެ ފަރާތަކަށް ވަކީލަކު އައްޔަނުކުރުމަށް 12 )ބާރަ( ގަޑިއިރުގެ މުއްދަތެއް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގާނޫނީ ވަކީލެއް އައްޔަނު ނުކޮށްފި ނަމަ، ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ދޫކޮށްލީކަމަށް ބަލައި، ތަހުގީގު ކުރިޔަށް ގެންދިޔުމުގެ އިހުތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - ގާނޫނީ ވަކީލުގެ ފުރުސަތު ދޫކޮށްލުން

އިލެކްށަންސް ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތަކުން ގާނޫނީ ވަކީލަކު އައްޔަނުކުރަން ބޭނުންނުވާކަމަށް ބުނެފި ނަމަ، ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު އެ ފަރާތަކަށް ދިންކަމަށާއި، އެ ފަރާތަކުން ވަކީލަކު އައްޔަނުކުރަން ދިން ފުރުސަތު ދޫކޮށްލީކަން އެނގޭގޮތަށް އިލެކްށަންސް ކޮމިށަނުން ދޭ ލިޔުމެއްގައި އެ ފަރާތަކުން ސޮއިކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ގާނޫނީ ވަކީލަކު އައްޔަނުކުރާ ފޯމު

(ހ) އިލެކްށަންސް ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގަށް ގާނޫނީ ވަކީލަކު އައްޔަނުކުރީކަމުގައި ބެލެވޭނީ، އެކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ފޯމު ފުރިހަމަކޮށްފައި ކޮމިށަނަށް ހުށަހެޅުމުންނެވެ. "ގާނޫނީ ވަކީލު އައްޔަނުކުރާ ފޯމު" މި ގަވާއިދުގެ ޖަދުވަލު 3 ގައި ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު ހުށަހެޅުމަށް ލާޒިމުކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން މެނުވީ ފޯމު ބަލައެއް ނުގަނެވޭނެއެވެ.

(ނ) ގާނޫނީ ވަކީލަކު އައްޔަނުކުރުމަށްފަހު، ތަހުގީގަށް އިލެކްށަންސް ކޮމިށަނަށް ހާޒިރުވާންޖެހޭ ވަގުތު އެ ފަރާތަށް އިލެކްށަންސް ކޮމިށަނަށް އެންގުމުން، އެ ފަރާތުން އައްޔަނުކޮށްފައިވާ ވަކީލަށް މައުލޫ މާތު އެންގުނީ ކަމުގައި ބެލެވޭނެއެވެ.

(ރ) އިލެކްށަންސް ކޮމިށަނުން ކުރާ ތަހުގީގަކަށް އައްޔަނުކޮށްފައިވާ ވަކީލަކަށް ތަރުޖަމާނެއްގެ އެހީ ބޭނުންވާ ނަމަ، އެފަދަ އެހީ ހޯދުމަކީ އެ ވަކީލެއްގެ ޒިންމާއެކެވެ.

 

24 ވަނަ މާއްދާ - ގާނޫނީ ވަކީލުންގެ ށަރުތުތައް

އިލެކްށަންސް ކޮމިށަނުން ކުރާ ތަހުގީގަކަށް، ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތު ތައް ފުރިހަމަވާ ފަރާތްތަކެވެ.

(ހ) ވަކާލާތު ކުރުމުގެ ހުއްދަ އޮތުން.

(ށ) މައްސަލައެއްގައި ސުވާލުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުކުރެވިފައިވާ ފަރާތެއް އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެގޮތުގައި އައްޔަނެއް ނުކުރެވޭނެއެވެ.

(ނ) މައްސަލައެއްގައި ސުވާލުކުރެވޭ އެއްފަރާތުގެ ވަކީލަކަށް އައްޔަނު ވުމަށްފަހު، އޭނާގެ ވަކީލުކަމުން ތަނާޒުލުވ،ެ ހަމަ އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައި އައްޔަނެއް ނުކުރެވެނޭއެވެ.

 

25 ވަނަ މާއްދާ - ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުކުރުން

(ހ) އިލެކްށަންސް ކޮމިށަނުން ކުރާ ތަހުގީގަށް ހާޒިރުކޮށްފައިވާ ފަރާތަކުން، އެ ފަރާތުން އައްޔަނުކޮށްފައިވާ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކޮށް މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެ ނަމަ، އެ ފުރުސަތު ދޭންވާނެއެވެ.

(ށ) ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުކޮށް މަށްވަރާކުރުމަށް ދެވޭ ފުރުސަތުގައި ގިނަވެގެން ދެވޭނީ ފަހަރަކު 10 (ދިހަ) މިނެޓުގެ 2 (ދޭއް) ފުރުސަތެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތަހުގީގަށް ހާޒިރުކުރެވޭ ފަރާތުން އިތުރު ފުރުސަތަކަށް އެދިއްޖެ ނަމަ، އިތުރު ފުރުސަތެއް ދިނުމުގެ އިހުތިޔާރު، ތަހުގީގުކުރާ ފަރާތަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - ގާނޫނީ ވަކީލު، ކޮށްގެން ނުވާނެ ކަންކަން

(ހ) އިލެކްށަންސް ކޮމިށަނުން ހިންގާ ތަހުގީގެއްގައި ތުހުމަތުކުރެވޭ ފަރާތެއްގެ ގާނޫނީ ވަކީލަކުު އޭނާގެ މުވައްކިލާއެކު ހާޒިރުވެ ހުންނައިރު، އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.

  1. ހާޒިރުކުރެވޭ ފަރާތުގެ އިއުތިރާފުގެ ބަސް، އޭނާގެ މުވައްކިލުގެ ފަރާތުން ނުވަތަ އޭނާގެ ބަދަލުގައި ދިނުން؛
  2. އިލެކްށަންސް ކޮމިށަނުން ކުރާ ސުވާލުތަކަށް ދޭ ޖަވާބު ބުނެދިނުން؛
  3.  އަޑާއި މަންޒަރު ރިކޯޑުކުރެވޭނެ ނުވަތަ އިލެކްޓްރޯނިކް އެއްވެސް އެއްޗެއްގެ ބޭނުންހިފުން؛
  4. ސުވާލުކުރުމާއި ޖަވާބުދިނުން މެދުކަނޑައިލެވިފައިވާ ވަގުތެއްގައި ފިޔަވައި، މުވައްކިލާ ސުވާލުކުރެވެމުން ދަނިކޮށް ތަހުގީގުކުރާ ކޮޓަރިން ނުކުމެގެން ދިއުން؛
  5. ތަހުގީގުކުރާ ކޮޓަރީގައި ސުވާލުކުރުމަށާއި ޖަވާބުދިނުމަށް ހުރަސްއެޅޭ ފަދަ އަމަލެއް ކުރުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ތަހުގީގުކުރެވޭ މީހާއާ ކުރާ ވަކި ސުވާލަކަށް ޖަވާބު ނުދިނުމަށް ގާނޫނީ ވަކީލު އޭނާގެ މުވައްކިލަށް ނަސޭހަތްތެރިވުމަކީ، ގާނޫނީ ވަކީލަށް ކުރެވިދާނެ ކަމެކެވެ.

(ނ) މި އުސޫލާ ގާނޫނީ ވަކީލު ހިލާފުވެއްޖެ ނަމަ، އެ ގާނޫނީ ވަކީލަކު ތަހުގީގުން ބޭރުކުރުމުގެ އިހުތިޔާރު، ތަހުގީގުކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި އެ ވަކީލަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމުގެ އިހުތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ތަހުގީގުގައި ބައިވެރިކުރެވޭނެ ގާނޫނީ ވަކީލުންގެ އަދަދު 

(ހ) ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ކުށުގެ ތުހުމަތުކުރެވޭ މީހަކަށް ލިބިދޭ ހައްގުގެ ދަށުން، އޭނާ 1 (އެކެއް) ވަކީލަށްވުރެ ގިނަ ވަކީލުން އައްޔަނުކުރި ކަމުގައި ވިޔަސް، އޭނާއާ އެކުގައި ތަހުގީގުކުރާ ކޮޓަރިއަށް އާންމު އުސޫލުން އެއްވަގުތެއްގައި ވަދެވޭނީ އޭނާ ކަނޑައަޅާ 1 (އެކެއް) ވަކީލަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތަހުގީގުކުރުމަށް ބޭނުންކުރާ ތަނުގެ ޖާގައާއި ވަސީލަތްތައް ހުރި މިންވަރަކުން، ގިނަވެގެން 2 (ދޭއް) ވަކީލުންނަށްވުރެ އިތުރުނުވާގޮތަށް ތަހުގީގެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ އިހުތިޔާރު، ތަހުގީގުކުރާ ފަރާތަށް ލިބިގެންވެއެވެ.

 

28 ވަނަ މާއްދާ - ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުންނާމެދު އަމަލުކުރަންވީ ގޮތް

ޖިސްމާނީ އުނިކަމެއްގެ ސަބަބުން އެހެން ފަރާތެއްގެ އެހީއެއް ބޭނުންވާ ފަދަ ހާލަތެއްގައި ހުރި މީހެއް ނަމަ، ތަހުގީގުގެ މަރުހަލާގައި އެ ފަރާތަކާމެދު އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ފަރާތަކާ ސުވާލުކުރެވޭނީ، އެ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްލަހަތު ހިމާޔަތްކުރާ ފަރާތް އައްޔަނުކުރެވޭ ހާލަތުގައި އެ ފަރާތުގެ މައުލޫމާތު ލިޔެ ބަލަހައްޓަންވާނެއެވެ.

(ނ) ލޮލަށް ފެނުމުގައި ނުވަތަ ކަންފަތަށް އަޑުއިވުމުގައި ނުވަތަ ވާހަކަދެއްކުމުގައި އުނިކަމެއްހުރި މީހެއް ނުވަތަ ލިޔަން ކިޔަން ނުދަންނަ މީހެއްކަމުގައި ގަބޫލުކުރެވޭ ނަމަ ނުވަތަ އެ ފަރާތަށް އެފަދަ މައުލޫމާތެއް ލިބިފައިވާ ނަމަ، އެކަމާ ދެކޮޅަށް ހެކި ލިބިފައި ނުވާހައި ހިނދަކު އެ މީހަކާމެދު އަމަލުކުރަންވާނީ އެފަދަ ސިފައެއްހުރި މީހެއް ގޮތުގައި ބަލައިގެންނެވެ.

(ރ) ޖިސްމާނީ އުނިކަމެއް ހުރި މީހެއް ނަމަ، އެ ފަރާތަކާމެދު ކުރާ ތުހުމަތަކާއި، ތަހުގީގުގައި ކުރެވޭ ސުވާލުތަކާއި، އެ ފަރާތުން ދީފައިވާ ބަޔާންތަކާއި، އެހެނިހެން ލިޔުންތަކުގައި ބުނާ އެއްޗެއް އެ ފަރާތަކަށް ވިސްނިފައިވާކަން ޔަގީންކުރުމަކީ ތަހުގީގުކުރާ ފަރާތުގެ ޒިންމާއެކެވެ.

(ބ) މަސްލަހަތު ހިމާޔަތްކުރުމަށް އައްޔަނުކޮށްފައިވާ ފަރާތުން، ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދަން ބޭނުންކަމަށް ބުނެފި ނަމަ، އެއީ ތަހުގީގަށް ހާޒިރުކުރެވިފައިވާ ފަރާތުން ބުނި ބުނުމެއްކަމުގައި ބެލެވޭނެއެވެ.

 

29 ވަނަ މާއްދާ - ލިޔަންކިޔަން ނުދަންނަ މީހުންނާމެދު އަމަލުކުރާނެ ގޮތް

(ހ) އިލެކްށަންސް ކޮމިށަނުގެ ތަހުގީގަށް ހާޒިރުކުރެވޭ ފަރާތަކީ ލިޔަންކިޔަން ނޭނގޭ ފަރާތެއް ނަމަ، އެ ފަރާތުން ދީފައިވާ ބަޔާނުގައި ސޮއިކުރުވުމުގެ ކުރިން، އެ މައްސަލަ ތަހުގީގުގައި ބައިވެރިނުވާ ފަރާތެއް އަދި އެ މަސައްލަގައި ހެކިބަސްދޭ ފަރާތް ފިޔަވައި މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް މެދުވެރިކޮށް ބަޔާންތައް އެ ފަރާތަށް އިއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކީ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަށް ވާ ނަމަ، ބަޔާނުގައި ސޮއިކުރަންވާނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައެވެ.

 

30 ވަނަ މާއްދާ - ތަރުޖަމާނަކު އައްޔަނުކޮށްދިނުން

އިލެކްށަންސް ކޮމިށަނަށް ހާޒިރުކޮށް ސުވާލުކުރެވޭ ފަރާތް އާންމުކޮށް ވާހަކަދައްކައިއުޅޭ ބަހުން ނުވަތަ އޭނާއަށް އެނގޭ އެ ނޫން ވެސް ބަހަކުން ސުވާލުކުރުމަށް ތަހުގީގުކުރާ ފަރާތަށް ނޭނގޭ ނަމަ، އެ ފަރާތެއްގެ ތަހުގީގު ކުރިޔަށް ގެންދަންވާނީ، ތަހުގީގުގައި އޭނާއާ ކުރާ ސުވާލުތައް އެ ފަރާތަކަށް ތަރުޖަމާކޮށްދޭނޭ ފަރާތެއް އިލެކްށަންސް ކޮމިށަނުން އައްޔަނުކޮށްގެންނެވެ. އަދި އިލެކްށަންސް ކޮމިށަނަށް ހާޒިރުކުރެވިފައިވާ ފަރާތަކީ އިށާރާތުން ވާހަކަދައްކާ ފަރާތެއް ނަމަ، އެ ފަރާތަކާ ކުރާ ސުވާލުތައް އެ ފަރާތަށް ބަޔާންކޮށްދެވޭނެ މީހަކު އިލެކްށަންސް ކޮމިށަނުން އައްޔަނުކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ތަހުގީގުކުރުމުގައި އެހެން އިދާރާއެއްގެ އެހީތެރިކަން ހޯދުން

އިލެކްށަންސް ކޮމިށަނުގެ އިހްތިސާސް ހިނގާ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމަށް ޓަކައި، މައްސަލަ ތަހުގީގުކުރާ އެހެން އިދާރާތަކުގެ އެހީތެރިކަމަށް އެދެވިދާނެއެވެ.

 

32 ވަނަ މާއްދާ - ބެންކު އެކައުންޓު މޮނިޓަރކުރުމާއި، މާލީ ކަންކަން ތަހުގީގުކުރުން 

ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މީހެއްގެ ބެންކު އެކައުންޓާއި އެ އެކައުންޓުން ކޮށްފައިވާ މުއާމަލާތް މޮނިޓަރކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެކަމަށް އެދި ކޯޓު އަމުރަކަށް އިލެކްށަންސް ކޮމިށަނުން އެދެވިދާނެއެވެ.

 

33 ވަނަ މާއްދާ - ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ނެރުން

މައްސަލައަކާ ގުޅިގެން، މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އަދި އޭނާ ފިލައިގެން ދާން އުޅޭކަމަށް ބެލެވޭ ފަދަ އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އޭނާގެ ޕާސްޕޯޓު، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމުގެ އިހުތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - ގުޅިގެން ހިންގާ ތަހުގީގު

ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޖޮއިންޓް އިންވެސްޓިގޭށަނެއް ހިންގުމަށް ކޮމިށަނަށް ފެންނަ ހާލަތުގައި އެކަން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ކުރިޔަށް ގެންދިޔުމުގެ އިހުތިޔާރު، އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

35 ވަނަ މާއްދާ - މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް މެދުވެރިވުން

މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ އިލެކްށަންސް ކޮމިށަނުންނެވެ.

 

36 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކުު ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތަކުގެ މާނަކުރާނީ އެ އަކުރުތަކުގައިވާ ގޮތަށެވެ.

(ހ) "އިލެކްށަންސް ކޮމިށަން" ނުވަތަ "ކޮމިށަން" ކަމުގައި ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އުފައްދައިފައިވާ އިލެކްށަންސް ކޮމިށަނަށެވެ. 

(ށ) "އިންތިހާބު" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހިންގައި ބަލަހައްޓަންޖެހޭ އެންމެހައި އިންތިހާބުތަކަށެވެ.

(ނ) "ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެ ވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑާއި، ޕާސްޕޯޓު ކާޑާއި، ދިވެހި ޕާސްޕޯޓާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑަށެވެ.

 

37 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

ޖަދުވަލު 1 - ހާޒިރުވުމަށް އަންގާ ޗިޓު

ޖަދުވަލު 2 - ގާނޫނީ އިންޒާރު

ޖަދުވަލު 3 - ގާނޫނީ ވަކީލަކު އައްޔަންކުރާ ފޯމު 

 

މައި ގާނޫނު

ޖިނާއީ އިޖްރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2016-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު