-

ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-111)

(މި ގަވާއިދުގެ 78 ވަނަ މާއްދާގެ (ހ) އިން ވަނީ ގަވާއިދު ނަންބަރު 2021-16 އުވާލެވިފައި)

 

1 ވަނަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް އަމަލުކުރަންޖެހޭ އުސޫލުތަކާއި، ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައިހުރުމުގެ ހުއްދަ ބިދޭސީންނަށް ދިނުމުގައި އަމަލުކުރާނެ އިޖުރާއަތްތަކާއި، ބިދޭސީންނަށް ވަޒީފާ ދިނުމާއި ވަޒީފާގައި ގެންގުޅުމުގައި އަމަލުކުރަންޖެހޭ އެހެނިހެން އުސޫލުތަކާއި ހަމަތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުންބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭގަވާއިދު" އެވެ.

 

2 ވަނަ ބާބު

އެކްސްޕެޓް ސިސްޓަމް ބޭނުންކުރުން

 

3 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމް

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނާ ގުޅިގެން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތަކާއި ޕަރމިޓްތައް ދޫކޮށް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭގޮތުން މިނިސްޓްރީއާއެކު ކުރަންޖެހޭ މުއާމަލާތުތައް ކުރަންވާނީ "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށެވެ.

 

4 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމް ބޭނުންކުރުން

އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވެ، އެ ސިސްޓަމް ބޭނުންކުރަންވާނީ،މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

5 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖޭގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި، ބިދޭސީން ގެންނަން ބޭނުންވާ ވަޒީފާދޭ ފަރާތްތަކާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތަކާއި ޕަރމިޓްތަކާ ގުޅިގެން އެކިއެކި ހިދުމަތްތައް ދޭ ފަރާތްތަކުން މި ގަވާއިދުގެޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީ ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކްސްޕެޓް ސިސްޓަމް ބޭނުންކުރުމަށް އެދޭ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާދޭ ފަރާތް ތަމްސީލުކުރުމަށް އައްޔަނުކުރާ ރެޕްރެޒެންޓޭޓިވްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.

  1. މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން؛
  2. ބުއްދި ސަލާމަތުން ހުރި ފަރާތެއް ކަމުގައި ވުން؛
  3. ސަރޓިފިކެޓް ފޮރ އެމްޕްލޯއިމަންޓް އިންޓަމީޑިއަރީ ކޯސް (ސީ.އީ.އައި. ކޯސް) ފުރިހަމަކޮށް ލައިސަންސް ލިބިފައިވުން.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާދޭ ފަރާތުގެ ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ސިސްޓަމުގައި ރަޖިސްޓަރީވާ ފަރާތްތަކުން މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާސަރޓިފިކެޓް ފޮރ އެމްޕްލޯއިމަންޓް އިންޓަމީޑިއަރީ ކޯސް (ސީ.އައި.އީ. ކޯސް) ފުރިހަމަކުރަންޖެހޭނީ މިނިސްޓްރީން އަންގާ ތާރީހެއްގެ ފަހުންނެވެ.

 

6 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް

މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށްބިދޭސީން ގެނައުމަށް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދޭ ފަރާތަކީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވަޒީފާދޭ ފަރާތެއް ނަމަ، ވަޒީފާދޭ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންވާނެއެވެ.

 

7 ވަނަ މާއްދާ - ވަރކް ޕަރމިޓާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް

މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދޭ ފަރާތަކީ ވަރކް ޕަރމިޓާ ގުޅިގެން މި ގަވާއިދުގެ ދަށުން އެއްވެސް ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ނަމަ، އެ ފަރާތަކީ އެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ސައްހަ ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

 

8 ވަނަ މާއްދާ - ވަޒީފާދޭ ފަރާތްތަކުގެ ރެޕްރެޒެންޓޭޓިވްސް

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ވަޒީފާދޭ ފަރާތް ތަމްސީލުކޮށްދޭ ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ރަޖިސްޓަރީވެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  1. ވަޒީފާދޭ ފަރާތުގެ ދިވެހި މުވައްޒަފެއް؛
  2. ކެޓަގަރީ A ނުވަތަ ކެޓަގަރީ B ގެ ލައިސަންސް ލިބިފައިވާ އެމްޕްލޯއިންމަންޓް އެޖެންސީ؛
  3. އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ވަޒީފާދޭ ފަރާތުން އައްޔަނުކުރާ އަމިއްލަ ފަރުދެއް.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމިއްލަ ފަރުދަށް އެކްސްޕެޓް ސިސްޓަމުގައި ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ވަޒީފާދޭ 5 (ފަހެއް) ފަރާތަށް ވުރެ ގިނަ ފަރާތެއް ތަމްސީލެއް ނުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ވަޒީފާދޭ ފަރާތަށް ގިނަވެގެން އައްޔަނުކުރެވޭނީ 2 (ދޭއް) ރެޕްރެޒެންޓޭޓަރުންނެވެ.

 

9 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާ ސިސްޓަމް ޔޫޒަރސް

މި ގަވާއިދުގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތައް، ތިރީގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކުން، އެއް ކެޓަގަރީއެއްގައި ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

(ހ) ވިއު ޔޫޒަރސް.

(ށ) އެކްޓިވް ޔޫޒަރސް.

 

10 ވަނަ މާއްދާ - ވިއު ޔޫޒަރ

(ހ) އެކްސްޕެޓް ސިސްޓަމުގައި ވިއު ޔޫޒަރ ރަޖިސްޓަރީކޮށްދެވޭނީ، ވަޒީފާދޭ ފަރާތަކީ ގާނޫނީ ށަހްސެއްނަމައެވެ.

(ށ) ވިއު ޔޫޒަރއެއްގެ ގޮތުގައި ވަޒީފާދޭ ފަރާތުން އައްޔަނުކުރާ ފަރާތް ވާންޖެހޭނީ، ވަޒީފާދޭ ފަރާތުގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރ ނުވަތަމި ގަވާއިދުގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މަގާމެއް އަދާކުރަމުންދާ ފަރާތަކަށެވެ.

(ނ) މި މާއްދާގެ ދަށުން ވިއު ޔޫޒަރއެއްގެ ގޮތުގައި ބިދޭސީ ފަރާތެއް އައްޔަނުކުރެވޭނީ، އެ ފަރާތަކީ ވަޒީފާދޭ ފަރާތުގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރެއް ކަމުގައި ވާނަމައެވެ.

(ރ) މި މާއްދާގެ ދަށުން ރަޖިސްޓަރީކޮށްދޭ ވިއު ޔޫޒަރ އެކައުންޓް ބޭނުންކުރަންވާނީ، ވަޒީފާ ދޭ ފަރާތުގެ އެކްސްޕެޓް ސިސްޓަމުގެ އެކައުންޓުން ހިންގާ ހަރަކާތްތައް މޮނީޓަރކުރުމުގެ ބޭނުމަށެވެ. އަދި ވިއު ޔޫޒަރއެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ފަރާތްތަކަށް ސިސްޓަމުގައި އެކްޓިވް ޔޫޒަރއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިއެއް ނުވެވޭނެއެވެ.

 

11 ވަނަ މާއްދާ - އެކްޓިވް ޔޫޒަރ

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާ ގާނޫނީ ށަހްސެއްގެ ހައިސިއްޔަތުން ވަޒީފާދޭ ފަރާތްތައް ފިޔަވައި، އެ ނޫން ފަރާތްތައްއެކްޓިވް ޔޫޒަރއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންވާނެއެވެ.

(ށ) އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް އެދެވޭނީ، މި މާއްދާގެ (ހ) ގައިބަޔާންކޮށްފައިވާ އެކްޓިވް ޔޫޒަރގެ ގޮތުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކަށެވެ.

 

12 ވަނަ މާއްދާ - އެމްޕްލޯއިމެންޓް އިންޓަމީޑިއަރީ ލައިސަންސް

(ހ) އެކްސްޕެޓްސިސްޓަމުގައި އެކްޓިވް ޔޫޒަރއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަކީ މިނިސްޓްރީން އެޕްރޫވްކުރާ ސައްހަ ސެޓްފިކެޓް އޮފް އެމްޕްލޯއިމެންޓް އިންޓަމީޑިއަރީ ކޯސް ފުރިހަމަކޮށް ލައިސަންސް ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ށ)  މި މާއްދާގެ ބޭނުމަށް ދޫކުރެވޭ އެމްޕްލޯއިމެންޓް އިންޓަމީޑިއަރީ ލައިސަންސަކީ ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ ގޮތުންނާއި ބިދެސީން ވަޒީފާ އަދާކުރުމާ ބެހޭގޮތުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި، ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅުންހުރި ހުއްދަތައް ހޯދުމަށާއި، ހުއްދަތައް ދޫކުރުމުގައި ބޭނުންކުރާ ސިސްޓަމްތަކަށް އަހުލުވެރިކުރުމަށް ޓަކައި ހިންގާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެ ކަނޑައަޅާ ނަތީޖާ ހާސިލުކުރާ ފަރާތްތަކަށް ދޫކުރެވޭ ލައިސަންސެކެވެ.

 

13 ވަނަ މާއްދާ - އެކްސްޕެޓް ސިސްޓަމުގައި ކުރާ މުއާމަލާތްތަކަށް ޒިންމާވުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވާ ޔޫޒަރސް، އެ ސިސްޓަމް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށްއެ ޔޫޒަރއެއްގެ ވެރިފަރާތުން ޒިންމާވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަޒީފާދޭ ފަރާތުގެ ރެޕްރެޒެންޓޭޓިވްއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވާ ޔޫޒަރއެއް ސިސްޓަމުގައި ކުރާ މުއާމަލާތްތަކަކީ މި ގަވާއިދުގެ ބޭނުމަށް ވަޒީފާދޭ ފަރާތުން ކުރާ މުއާމަލާތުތަކެވެ. އަދި އެ މުއާމަލާތްތަކާ ގުޅިގެން އުފުލަންޖެހޭޒިންމާތައް ވަޒީފާދޭ ފަރާތާއި ސިސްޓަމުގައި މުއާމަލާތުކުރި ޔޫޒަރގެ ވެރިފަރާތުން އުފުލަންވާނެއެވެ.

(ނ) އެކްސްޕެޓް ސިސްޓަމުގެ ޔޫޒަރ އެކައުންޓެއްގެ މައުލޫމާތު އެކައުންޓް ބޭނުންކުރާ ފަރާތް ނޫން އެހެން ފަރާތަކާ ހިއްސާކުރުމާއި، އެކައުންޓް ބޭނުންކުރުމަށް ހުއްދަ ދިނުން ނުވަތަ މި ގަވާއިދާ ހިލާފަށް ނަހަމަގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭނުންކުރުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ހިންގާ ފަރާތަކާމެދު މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅައި، އެ މައްސަލައެއް ތަހުގީގުކޮށްދިނުމަށް އެދި މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަންވާނެއެވެ.

 

3 ވަނަ ބާބު

ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުއްދަތަކާއި ޕަރމިޓްތައް

 

14 ވަނަ މާއްދާ - ބިދޭސީން ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުއްދަ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީއަކު ގެނައުމުގެ ކުރިން، އަންނިވި ހުއްދަތައް ނެގުމަކީ އެ ބިދޭސީއަކުވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެންނަ ފަރާތުގެ ޒިންމާއެކެވެ.

(ހ) ވަރކްސައިޓް ރަޖިސްޓަރީކުރުމާއި، އެ ވަރކްސައިޓުގައި ބިދޭސީން ވަޒީފާގައި ގެންގުޅުމުގެ ހުއްދަ.

(ށ) ބިދޭސީން ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުން.

(ނ) ވަރކް ޕަރމިޓް.

 

15 ވަނަ މާއްދާ - ވަރކްސައިޓް ރަޖިސްޓަރީކުރުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން ވަޒީފާ އަދާކުރާ ވަރކްސައިޓަކީ މި ގަވާއިދުގެ ޖަދުވަލު 11 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީކޮށް، ބިދޭސީން މަސައްކަތްކުރުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ސައިޓެއް ކަމުގައި ވާންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް ވަރކްސައިޓް ރަޖިސްޓަރީނުކޮށް ނުވަތަ މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނެގުމަކާ ނުލައި ނުވަތަ އެއްވެސް ސަބަބަކާހުރެ މިނިސްޓްރީން އެ ވަރކްސައިޓުގެ ހުއްދަ ބާތިލުކޮށްފައިވާނަމަ، ނުވަތަ ހުއްދަ ހިފަހައްޓައިފައިވާނަމަ، ހުއްދަ ނެތި ނުވަތަ އެ ހުއްދަ އައުކުރުމަކާ ނުލައި އެ ވަރކްސައިޓުގައި ބިދޭސީން ވަޒީފާ އަދާކުރުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ހިންގާ ފަރާތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

16 ވަނަ މާއްދާ - ވަރކްސައިޓް

 މި ގަވާއިދުގެ ބޭނުމަށް ވަރކްސައިޓެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ އަންނަނިވި ތަންތަނެވެ.

(ހ) މީހުން ދިރިއުޅޭ ރަށްތަކުގައި ވިޔަފާރި ބޭނުމަށް ހިންގާ ތަންތަން.

(ށ) މީހުން ދިރިނޫޅޭ ރަށްތަކުގައިވާ ވިޔަފާރި ބޭނުމަށް ހިންގާ ތަންތަން.

(ނ) އޮންލައިން ނުވަތަ ވަރޗުއަލް ވިޔަފާރި ހިންގާ ތަންތަން.

(ރ) ވިޔަފާރި ބޭނުމަށް ބޭނުންކުރާ ކަނޑު އުޅަނދުތައް.

(ބ) ގޭބިސީތައް.

 

17 ވަނަ މާއްދާ - ވަރކްސައިޓް ބޭނުންކުރުން

އެއްވެސް ވަރކްސައިޓެއްގައި ބިދޭސީއަކަށް ވަޒީފާ އަދާކުރެވޭނީ، މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ވަރކްސައިޓް ރަޖިސްޓަރީކުރުމަށް ހުށަހަޅައި، ވަރކްސައިޓް ރަޖިސްޓަރީކޮށް، އެ ތަނުގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ހުއްދަ ލިބުމުންނެވެ.

 

18 ވަނަ މާއްދާ - ވަރކްސައިޓް ބަދަލުވުން

މި ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން ހުއްދަ ލިބިގެން ވަކި ވަރކްސައިޓެއްގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު،އެ ވަރކްސައިޓު ނޫން އެހެން ސައިޓެއް ނުވަތަ ލޮކޭށަނެއްގައި ވަޒީފާ އަދާކުރާނަމަ، މި ގަވާއިދުގެ ޖަދުވަލު 11 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

19 ވަނަ މާއްދާ - އެއް ވަރކްސައިޓަށްވުރެ ގިނަ ވަރކްސައިޓުގައި ބިދޭސީން ވަޒީފާ އަދާކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރަޖިސްޓަރީކުރެވޭ ވަރކްސައިޓްތަކުގެ ތެރެއިން، ވަރކްސައިޓްތަކުގެ ބާވަތަށް ނުވަތަ އެ ވަރކްސައިޓުގައި ކުރެވޭ މަސައްކަތުގެ ބާވަތަށް (ބިޒްނަސް އެކްޓިވިޓީ) ނުވަތައެ ވަރކްސައިޓުގައި ވަޒީފާ އަދާކުރާ ބިދޭސީން އަދާކުރާ ވަޒީފާގެ ބާވަތަށް (އޮކިއުޕޭށަން) ބަލައި، އެއީ އެއްބާވަތެއްގެ މަސައްކަތްތައް ކުރާ ވަރކްސައިޓްތަކެއްނަމަ، އެ ވަރކްސައިޓުގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް، މި ގަވާއިދުގެ ޖަދުވަލު 11 ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން، އެއް ވަރކްސައިޓަށް ވުރެ ގިނަ ވަރކްސައިޓުގައި މަސައްކަތްކުރުމުގެ ހުއްދަ ދެވިދާނެއެވެ.

 

20 ވަނަ މާއްދާ - ވަރކްސައިޓް އިންސްޕެކްޓްކުރުން

(ހ) ވަރކްސައިޓް ރަޖިސްޓަރީކުރުމަށް ހުށަހަޅާއިރު ހުށަހަޅާ މައުލޫމާތު ވެރިފައިކުރުމަށް ނުވަތަ ވަރކްސައިޓުގައި ކުރުމަށް ރަޖިސްޓަރީކޮށްފައިވާ މަސައްކަތުގެ ބާވަތުން ފުރިހަމަވާންޖެހޭ މިންގަނޑުތައް ވަރކްސައިޓުގައި ފުރިހަމަވޭތޯ ބެލުމަށް ނުވަތަ އެ ތަނަކީ މުވައްޒަފުން މަސައްކުރުމަށް އެކަށޭނެ ތަނެއްތޯ ބެލުމަށް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީން ވަރކްސައިޓްތައް އިންސްޕެކްޓްކޮށް ބެލުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީން ކުރާ އިންސްޕެކްށަނަކުން، ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ވަރކްސައިޓަކާ ގުޅިގެން މިނިސްޓްރީއަށް ހުށަހަޅައިފައިވަނީ ދޮގު މައުލޫމާތެއްކަން އެނގިއްޖެނަމަ، ނުވަތަ މައުލޫމާތުގައި ފުށުއެރުންތަކެއް ހުރިނަމަ، ވަރކްސައިޓު ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރަޖިސްޓަރީކުރުމަށް އެދިފައިވާ ވަޒީފާދޭ ފަރާތްތަކާ މެދު މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

ކޯޓާ ހޯދުން

 

21 ވަނަ މާއްދާ - ކޯޓާ

(ހ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އުސޫލާއެއްގޮތްވާ ގޮތުގެ މަތީން، ވަޒީފާދޭ ފަރާތުން ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ބޭނުންވާ ކޯޓާ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހޯދަންވާނެއެވެ.

(ށ) މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި، ނުވަތަ މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަކާ ނުލައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަކީ މަނާކަމެކެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ކޯޓާއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު، މި ގަވާއިދާ ހިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރުމަކީ، ނުވަތަ ވީއްލުމަކީ، ނުވަތަ ފޮނުވުމަކީ މަނާކަމެކެވެ.

 

22 ވަނަ މާއްދާ - ކޯޓާ ދޫކުރުމުގައި ބަލާ މިންގަނޑުތައް

(ހ) ވަޒީފާދޭ ފަރާތްތަކަށް ކޯޓާ ދޫކުރުމުގައި އަންނަނިވި ކަންކަމަށް މިނިސްޓްރީން ބަލަންވާނެއެވެ.

  1. ކޯޓާއަށް އެދޭ ވަރކްސައިޓް ނުވަތަ ވަރކްސައިޓުތަކުގައި ވަޒީފާދޭ ފަރާތުން ކުރުމަށް ނުވަތަ ކުރަމުންދާ މަސައްކަތުގެ ދާއިރާއަށް ބޭނުންވާ ބިދޭސީންގެ އަދަދު؛
  2. ކޯޓާއަށް އެދޭ ބާވަތުގެ މަސައްކަތްތެރިން ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުން ލިބެންހުރި މިންވަރު؛ 
  3. ކޯޓާއަށް އެދޭ ވަރކްސައިޓުގައި ނުވަތަ ވަރކްސައިޓްތަކުގައި މުވައްޒަފުން ގެންގުޅޭނަމަ، ވަޒީފާގައި ގެންގުޅޭ ދިވެހި މުވައްޒަފުންނާއިބިދޭސީ މުވައްޒަފުންގެ އަދަދު؛ 
  4. ކޯޓާއަށް އެދޭ ވަރކްސައިޓް ނުވަތަ ވަރކްސައިޓުތަކަށް ބެނުންވާނެ މަސައްކަތްތެރިންނާ ގުޅޭގޮތުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ލަފާކުރާ އަދަދާއި މަސައްކަތްތެރީންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ކަނޑައަޅާ ށަރުތުތައް؛ 
  5. ވަޒީފާދޭ ފަރާތުން ކޯޓާ ނެގުމަށް އެދޭ ކެޓަގަރީ؛
  6. ވަޒީފާދޭ ފަރާތުގެ މާލީ ގާބިލުކަން؛

(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ވަޒީފާދޭ ފަރާތުގެ މާލީ ގާބިލްކަން ވަޒަންކުރުމުގައި، މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައި އޮތްނަމަ، އެ ފަރާތަކަށް މި ގަވާއިދުގެ ދަށުން ކޯޓާ ދޫނުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ކޯޓާ ދޫކުރެވޭ ކެޓަގަރީތައް

(ހ) ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރެވޭނީ އަންނަނިވި ކެޓަގަރީތަކަށެވެ.

  1. ޕަރމަނަންޓް ކޯޓާ؛
  2. ޕްރޮޖެކްޓް ކޯޓާ.

(ށ) މި މާއްދާގެ ދަށުން ޕަރމަނަންޓް ކޯޓާއަކީ މަސައްކަތުގެ ދާއިރާއަށް ބަލައި، ވަޒީފާދޭ ފަރާތަށް ދޫކުރާ ކޯޓާއެވެ.

(ނ) މި މާއްދާގެ ބޭނުމަށް ޕްރޮޖެކްޓް ކޯޓާއަކީ، ވަކި ހާއްސަ ޕްރޮޖެކްޓަކާ ގުޅިގެން ނުވަތަ ވަކި މަސައްކަތަކާ ގުޅިގެން، އެ ޕްރޮޖެކްޓުގެ މުއްދަތަށް، ވަޒީފާދޭ ފަރާތަށް ދޫކުރާ ކޯޓާއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ދޫކުރާ ޕްރޮޖެކްޓް ކޯޓާ، އެ ޕްރޮޖެކްޓެއްގެ މުއްދަތު ހަމަވުމުން، ކޯޓާ ދޫކޮށްފައިވާ ސައިޓުގެ ސްޓޭޓަސް "ސައިޓް ކްލިއަރެންސް" އަށް ބަދަލުވާނެއެވެ. އަދި ސައިޓް ކްލިއަރެންސްގެ މުއްދަތުގެ ތެރޭގައި އެ ޕްރޮޖެކްޓާ ގުޅިގެން މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާތައް ދައްކައި ހަލާސްކޮށް، އެ ޕްރޮޖެކްޓަށް ދޫކޮށްފައިވާ ހުއްދަތައް ކެންސަލްކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޖެކްޓަށް ދޫކޮށްފައިވާ ހުއްދަތައް ކެންސަލް ކުރުމުގެ ބަދަލުގައި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕަރމަނަންޓް ކޯޓާއަކަށް ނުވަތަ ވަޒީފާދޭ ފަރާތުގެ އެހެން ޕްރޮޖެކްޓެއްގެ ކޯޓާއަކަށް ބަދަލުކުރުމުގެ އިހްތިޔާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

 

24 ވަނަ މާއްދާ - ކޯޓާ ދޫކުރެވޭ ދާއިރާތައް

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާތައް ދޫކުރެވޭނީ އަންނަނިވި ދާއިރާތަކަށެވެ.

  1. ދިވެހިރައްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށް ދޫކުރެވޭ ކޯޓާ؛
  2. ދައުލަތުގެ އިދާރާތަކަށް ދޫކުރެވޭ ކޯޓާ؛
  3. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތައް ނުހިމެނޭހެން އެހެނިހެން ގާނޫނީ ށަހްސުތަކަށް ދޫކުރާ ކޯޓާ؛
  4. ގެވެށި މަސައްކަތަށް ދޫކުރެވޭ ކޯޓާ.

(ށ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތައް ނުހިމެނޭހެން އެހެނިހެން ގާނޫނީ ށަހްސަކުން ހިންގާ ވިޔަފާރިއަކަށް ކޯޓާ ދޫކުރެވޭނީމި މައްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.

 

25 ވަނަ މާއްދާ - ކޯޓާއަށް އެދޭ ފަރާތުގެ ށަރުތުތައް

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައި ވުން.

(ށ) މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ބިދޭސީން ވަޒީފާ އަދާކުރުމަށް ވަރކްސައިޓެއް ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވުން.

(ނ) ކޯޓާއަށް އެދޭ ފަރާތަކީ ބިދޭސީން ވަޒީފާގައި ގެންގުޅޭ ފަރާތެއްނަމަ،މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ބިދޭސީން ގެންގުޅެމުންދާ ފަރާތެއް ކަމުގައި ވުން.

(ރ) ކޯޓާއަށް އެދޭ ފަރާތަކީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) އާއި، ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލަކާ ހިލާފުވެފައިވާ ނުވަތަ އެ ނޫން ވެސް ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ އެހެން ގާނޫނަކާ ހިލާފުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

(ބ) ވަޒީފާދޭ ފަރާތަކީ ގާނޫނީ ށަހްސެއް ކަމުގައި ވާނަމަ، ގާނޫނީ ށަހްސުގެ މެންބަރުންނަކީ ނުވަތަ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވާ ފަރާތްތަކަކީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު) އާއި، ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލަކާ ހިލާފުވެފައިވާ ނުވަތަ ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ އެ ނޫން ގާނޫނަކާ ހިލާފުވެފައިވާ ފަރާތެއް ކަމުގައި ނުވުން، ނުވަތަ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުކުރެވިފައިވާ ފަރާތެއް ކަމުގައި ނުވުން.

 

26 ވަނަ މާއްދާ - ކޯޓާއަށް އެދިހުށަހެޅުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ކޯޓާ ހޯދުމަށް އެދި ހުށަހަޅަންވާނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އާންމުކުރާ މަގާމުތަކަށް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ކޯޓާއަކާ ނުލައި ބިދޭސީން ގެނައުމުގެ އިހްތިޔާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

 

27 ވަނަ މާއްދާ - ކޯޓާ ދޫނުކުރުން

ކޯޓާ އަށް އެދި ހުށަހަޅާއިރު ހުށަހަޅާ މައުލޫމާތު ޔަގީންކުރުމަށްފަހު، މި ގަވާއިދުގެ 25 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަނުވާނަމަ، ނުވަތަ ކޯޓާއަށް އެދި ހުށަހެޅި މައުލޫމާތު ސައްހަ ނޫންނަމަ، ވަޒީފާދޭ ފަރާތަށް ކޯޓާ ދޫނުކުރުމުގެ އިހްތިޔާރު މިނސްޓްރީއަށް ލިބިގެންވެއެވެ.

 

28 ވަނަ މާއްދާ - ކޯޓާ ޔޫޓިލައިޒްކުރުން

މި ގަވާއިދުގެ ދަށުން ދޫކުރާ ކޯޓާއަށް ބިދޭސީއަކު ގެނެވޭނީ، އެ ވަޒީފާއަކީމި ގަވާއިދުގެ ޖަލުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެއްސަކު ހޯދުމަށް އެދި ނޭށަނަލް ޖޮބް ސެންޓަރުގައި އިއުލާނުކުރަންޖެހޭ ފަދަ ވަޒީފާއެއް ނަމަ، އެ ވަޒީފާއަށް ދިވެއްސަކު ހޯދުމަށް އެދި ނޭށަނަލް ޖޮބް ސެންޓަރުގައި އިއުލާނުކޮށް، އެކަށީގެންވާ ދިވެއްސަކު ނުލިބިއްޖެނަމައެވެ.

 

29 ވަނަ މާއްދާ - ކޯޓާ ފީ

(ހ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ ދަށުން ކޯޓާ ޔޫޓިލައިޒްކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކޯޓާގެ ފީގެ ގޮތުގައި 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް ކޯޓާއަކަށް 2,000 (ދެހާސް) ރުފިޔާ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓާ ފީ، ބަހައިލައިގެން ދައްކަން ބޭނުންވާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ށެޑިއުލް ޕޭމަންޓްތަކަކަށް ބަހައިލައިގެން ކޯޓާ ފީ ދެއްކުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓާ ފީ ށެޑިއުލް ޕޭމަންޓްތަކަކަށް ބަހައިލައިގެން ދައްކާނަމަ، އެ ފަރާތުގެ ކޯޓާ ޔޫޓިލައިޒްކުރެވޭނީ، ށެޑިއުލްކޮށްފައިވާ ޕޭމަންޓުގެ ފުރަތަމަ ޕޭމަންޓު ދެއްކުމުންނެވެ.

 

30 ވަނަ މާއްދާ - ކޯޓާގެ މުއްދަތު

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާގެ މުއްދަތަކީ މި ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން އެ ކޯޓާއަކަށް ވަޒީފާދޭ ފަރާތުން ފީ ދައްކާ މުއްދަތެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ޕްރޮޖެކްޓްތަކަށް ދޫކޮށްފައިވާ ޕްރޮޖެކްޓް ކޯޓާތައް، ކޯޓާއަށް އެދި ހުށަހަޅާއިރު ބަޔާންކުރާ މުއްދަތު ހަމަވުމުން، އެ ޕްރޮޖެކްޓުގެ މުއްދަތު އިތުރުކޮށްފައި ނުވާނަމަ، ކޯޓާގެ މުއްދަތު ހަމަވީކަމުގައި ބަލައި، މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސައިޓް ކްލިއަރެންސަށް ބަދަލުކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ކޯޓާއަށް ބަދަލުގެނައުން

މި ގަވާއިދުގެ ދަށުން ދޫކުރާ ކޯޓާތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތީންނެވެ.

 

32 ވަނަ މާއްދާ - ކޯޓާގެ އުސޫލާ ހިލާފުވުން

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ކޯޓާއެއް މި ގަވާއިދާ ހިލާފަށް ބޭނުންކުރުމަކީ މަނާކެމެވެ. އެފަދަ ފަރާތްތަކާ މެދު މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ

 

ވަރކް ޕަރމިޓް

 

33 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނަކީ، މި ގަވާއިދުގެޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން، ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ނަގައިފައިވާ ބިދޭސީއެއް ކަމުގައި ވާންވާނެއެވެ.

 

34 ވަނަ މާއްދާ - ވަރކް ޕަރމިޓް އެންޓްރީ ޕާސް

(ހ) މި ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދައަށް އެދޭ ބިދޭސީއަކީ އަލަށް ވަރކް ޕަރމިޓު ހުއްދައިގެ ދަށުން ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީއެއް ނަމަ، ނުވަތައައު ވަރކް ޕަރމިޓެއްގައި އަންނަ ބިދޭސީއެއް ނަމަ، އެފަދަ ފަރާތްތަކުން ދިވެހިރާއްޖެއަށް އެތެރެވުމުގެ ކުރިން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ވަރކް ޕަރމިޓް އެންޓްރީ ޕާސް ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސްއަކީ މި ގަވާއިދުގެ ބޭނުމަށް މިނިސްޓްރީން ދޫކުރާ ވަރކް ޕަރމިޓް ހުއްދައިގެ ބައެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސް ބޭނުންކުރެވޭނީ، އެ އެންޓްރީ ޕާސްގައި ބަޔާންކޮށްފައިވާ މުއްދަތަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް އެންޓްރީ ޕާސްގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު، ވަރކް ޕަރމިޓް ނެގުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ވަރކް ޕަރމިޓް ނަގައިފައި ނުވާނަމަ،އެ އެންޓްރީ ޕާސްގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުންމި ގަވާއިދުގެ ޖަދަވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ.

 

35 ވަނަ މާއްދާ - ކޮންޑިށަނަލް ވަރކް ޕަރމިޓް

(ހ) ދިވެހިރާއްޖެގައި ވަޒީފާ އަދާކުރާ ބިދޭސީން ވަޒީފާދޭ ފަރާތް ބަދަލުކުރުމަށް އެދި މި ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން ހުށަހަޅައިފިނަމަ، ނުވަތަ މި ގަވާއިދު 67 ވަނަ މާއްދާގެ ދަށުން ރެގިއުލަރައިޒްވުމަށް އެދި ހުށަހަޅައިފިނަމަ، އެފަދަ ފަރާތްތަކަށް ވަރކް ޕަރމިޓް ލިބުމާ ހަމަޔަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ މި ގަވާއިދުގެ ޖަދަވަލު 4 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޫކުރާ ކޮންޑިށަނަލް ވަރކް ޕަރމިޓެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންޑިށަނަލް ވަރކް ޕަރމިޓުގެ މުއްދަކީ، ވަޒީފާދޭ ފަރާތުން ވަރކް ޕަރމިޓް ޑިޕޮޒިޓް ދައްކާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ކޮންޑިށަނަލް ވަރކް ޕަރމިޓުގެމުއްދަތު ހަމަވާއިރު، ވަރކް ޕަރމިޓް ނެގުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ވަރކް ޕަރމިޓް ނަގައިފައި ނުވާނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ.

 

36 ވަނަ މާއްދާ - ވަރކް ޕަރމިޓް ނެގުމާއި ފީދެއްކުން

(ހ) މި މައްދާގެ ދަށުން ވަރކް ޕަރމިޓް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަރކް ޕަރމިޓް ފީގެ ގޮތުގައި މަހަކު 350 (ތިންސަތޭކަ ފަންސާސް) ރުފިޔާ ދެއްކުމުންނެވެ.

(ށ) ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކީ ވަރކް ޕަރމިޓް އެންޓްރީ ޕާސްއެއްގެ ދަށުން ރާއްޖެ އަންނަ ފަރާތެއް ނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި، ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ވަރކް ޕަރމިޓް ނަގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓް ނަގައިފައި ނުވާނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާއުސޫލުގެ މަތީން ޖޫރިމަނާކުރުމާއެކު، އިތުރު 15 (ފަނަރަ) ދުވަހުގެ މުއްދަތު، ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް، ވަޒީފާދޭ ފަރާތަށް ދޭންވާނެއެވެ.

(ރ) ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ވަރކް ޕަރމިޓް ފީ ނުދައްކައިފިނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތާމެދު ފިޔަވަޅުއެޅޭނެއެވެ.

 

37 ވަނަ މާއްދާ - ވަރކް ވިސާ

މި ގަވާއިދުގެ ދަށުން ދޫކުރާ ވަރކް ޕަރމިޓް ލިބޭ ތާރީހުން ފެށިގެން، 30 (ތިރީސް) ދުވަހުގެ ތެރޭގައި ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ވާރކް ވިސާ ހޯދަންވާނެއެވެ.

 

38 ވަނަ މާއްދާ - ވަރކް ޕަރމިޓުގެ މުއްދަތު

(ހ) މި ގަވާއިދުގެ 36 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ވަރކް ޕަރމިޓުގެ މުއްދަތަކީ، ވަރކް ޕަރމިޓުގެ ފީ ދައްކައިފައިވާ މުއްދަތެވެ.

(ށ) މި މައްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ވަރކް ޕަރމިޓާ ގުޅިގެން މި ގަވާއިދުގައި ފުރިހަމަކުރަންޖެހޭ ށަރުތެއް އުނިވެއްޖެނަމަ، ނުވަތަ ވަރކް ޕަރމިޓާ ގުޅިގެން ހުށަހަޅައިފައިވާ ލިޔުމެއްގެ މުއްދަތު ހަމަވެއްޖެނަމަ، އެ ވަރކް ޕަރމިޓެއް ބަލަންވާނީ، މި ގަވާއިދުގެ ބޭނުމަށް މުއްދަތު ހަމަވެފައިވާ ވަރކް ޕަރމިޓެއްގެ ގޮތުގައެވެ.

 

39 ވަނަ މާއްދާ - ވަރކް ޕަރމިޓް ދޫކުރެވޭ ކެޓެގަރީތައް

މި ގަވާއިދުގެ ދަށުން ވަރކް ޕަރމިޓް ދޫކުރެވޭ އަންނަނިވި ކެޓަގަރީތަކަށެވެ.

(ހ) ޕްރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީ.

(ށ) ނޮން ޕްރޮފެށަނަލް ކެޓަގަރީ.

(ނ) ޑޮމެސްޓިކް.

 

40 ވަނަ މާއްދާ - ޕްރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީ

(ހ) މި ގަވާއިދުގެ ބޭނުމަށް ޕްރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީވަޒީފާއެއް ކަމުގައި ބަލާނީ، އެ ވަޒީފާއަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ކަނޑައަޅައިފައިވާ ސެޓުފިކެޓު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލެއްގެ ތައުލީމީ ސެޓުފިކެޓު ބޭނުންވާ ނުވަތަ ސެޓުފިކެޓު ލެވެލް 5 ނުވަތަ ސެޓުފިކެޓު ލެވެލް 6 އާއެކު، ކުރަންޖެހޭ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ބޭނުންވާ މަގާމުތަކުގެ ގޮތުގައި މިނިސްޓްރީން އާންމުކުރާ މަގާމުތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން ކަނޑައަޅާ ވަކި ބާވަތްތަކެއްގެ ޕްރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީގެ މަގާމުތަކަށް ވަރކް ޕަރމިޓަށް އެދި ހުށަހަޅާއިރު އަދާކުރަންޖެހޭ މަސައްކަތުގެ ބާވަތުން، ގުޅުންހުރި ދާއިރާއަކުން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން އާންމުކުރާ ބާވަތްތަކެއްގެ ޕްރޮފެށަނަލް އެންޑް މެނެޖީރިއަލް ކެޓަގަރީގެ މަގާމުތަކަށް ވަރކް ޕަރމިޓަށް އެދި ހުށަހަޅާ ބިދޭސީންގެ ތައުލީމީ ސެޓުފިކެޓު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

 

41 ވަނަ މާއްދާ - ނޮން-ޕްރޮފެށަނަލް ކެޓަގަރީ

(ހ) މި ގަވާއިދުގެ ބޭނުމަށް ނޮން-ޕްރޮފެށަނަލް ކެޓަގަރީ ވަޒީފާއެއް ކަމުގައި ބަލާނީ، އެ ވަޒީފާ އަދާކުރާ ފަރާތުގެ ކިބައިގައި، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ކަނޑައަޅައިފައިވާ ސެޓުފިކެޓު ލެވެލް 5 ނުވަތަ އެ ސެޓުފިކެޓާ އެއް ފެންވަރުގެ ތައުލީމީ ސެޓުފިކެޓު ނުވަތަ އެ ފެންވަރުގެ މަސައްކަތުގެ ތަޖުރިބާ ބޭނުންވާ ނުވަތަ ކުރަންޖެހޭ މަސައްކަތާ ގުޅިގެން ވަޒީފާދޭ ފަރާތުން ދޭ އިރުށާދުތައް ކިޔަން އެނގޭ މަސައްކަތަށް ބޭނުންވާ އަސާސީ ހުނަރު ލިބިފައި ހުންނަންޖެހޭނެކަމަށް، މިނިސްޓްރީން އާންމުކުރާ މަގާމުތަކަށެވެ.

(ށ) ނޮން-ޕްރޮފެށަނަލް ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ހުނަރެއް ނެތް (އަން ސްކިލްޑް) ބިދޭސީންނަށް ދިވެހިރާއްޖޭގައި ހުރުމަށް ވަރކް ޕަރމިޓް ދެވޭނެ އެންމެ ދިގު މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ.

 

42 ވަނަ މާއްދާ - ވަނަ މާއްދާ - ޑޮމެސްޓިކް ކެޓަގަރީ

(ހ) މި ގަވާއިދުގެ ބޭނުމަށް ޑޮމެސްޓިކް ކެޓަގަރީގެ ވަޒީފާއެއް ކަމުގައި ބަލާނީ، ގެވެށި މަސައްކަތާ ގުޅުންހުރި މަސައްކަތްކުރުމަށް ބިދޭސީން ގެނެވޭނެ މަގާމުތަކުގެ ގޮތުގައި މިނިސްޓްރީން އާންމުކުރާ މަގާމުތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން އާންމުކުރާ މަގާމުތަކުގެ ތެރެއިން، ގޭތެރޭގެ މަސައްކަތްކުރުމަށް ނުވަތަ އެހީތެރިވުމަށް ގެންނަ ބިދޭސީންނާއި، ބަލިމީހާއަށް އެހީތެރިވުމަށް ގެންނަ ބިދޭސީން ގެންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

43 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް ބަދަލުކުރުން

(ހ) ވަރކް ޕަރމިޓެއްގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީއެއްގެ ވަޒީފާދޭ ފަރާތް ބަދަލުކުރާނަމަ، މި ގަވާއިދުގެ ‏ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތް ބަދަލުކޮށް،އައު ވަރކް ޕަރމިޓެއް ނަގަންވާނެއެވެ.

(ށ) ވަރކް ޕަރމިޓެއްގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީއެއްގެ ވަޒީފާދޭ ފަރާތް ބަދަލުކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާދޭ ފަރާތް ބަދަލުކޮށް އައު ވަރކް ޕަރމިޓެއް ނަގައިފައި ނުވާނަމަ، މި ގަވާއިދުގެ ބޭނުމަށް ބިދޭސީއަށް ވަޒީފާދިން ފަރާތްކަމުގައި ބަލާނީ، ވަރކް ޕަރމިޓުގައި ބަޔާންކޮށްފައިވާ ވަޒީފާދިން ފަރާތެވެ.

(ނ) މި މާއްދާއާ ހިލާފަށް ވަޒީފާދިން ފަރާތް ބަދަލުކޮށް އައު ވަރކް ޕަރމިޓެއް ނުނަގައި ބިދޭސީން ވަޒީފާގައި ގެންގުޅުމަކީ މަނާކަމެކެވެ. މި ފަދަ އަމަލެއް ހިންގާ ފަރާތަކާމެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅޭނެއެވެ.

 

44 ވަނަ މާއްދާ - ވަރކްސައިޓް ބަދަލުކުރުން 

ވަކި ވަރކްސައިޓެއްގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީއަކު، އެ ވަރކްސައިޓު ނޫން އެހެން ސައިޓެއްގައި ނުވަތަ ލޮކޭށަނެއްގައި ވަޒީފާ އަދާކުރާނަމަ، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

45 ވަނަ މާއްދާ - މަގާމާއި ކޯޓާ ސްލޮޓް ބަދަލުކުރުން

(ހ) ވަރކް ޕަރމިޓެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީއަކު ވަރކް ޕަރމިޓް ދޫކޮށްފައިވާ މަގާމު ނޫން އެހެން މަގާމަކަށް ބަދަލުކުރާނަމަ، މި ގަވާއިދުގެ ‏ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) ވަރކް ޕަރމިޓެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީއަކު ވަރކް ޕަރމިޓް ދޫކޮށްފައިވާ ކޯޓާ ސްލޮޓް ބަދަލުކުރާނަމަ، މި ގަވާއިދުގެ ‏ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

46 ވަނަ މާއްދާ - ވަރކް ޕަރމިޓް ބާތިލުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ބާތިލުކުރެވޭނެއެވެ.

  1. ވަރކް ޕަރމިޓް ބާތިލުކޮށްދިނުމަށް އެދި ވަޒީފާދޭ ފަރާތުން ހުށަހެޅުން؛
  2. ވަޒީފާދޭ ފަރާތް ބަދަލުވުން؛
  3. ވަރކް ޕަރމިޓުގެ ދަށުން ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީ މީހާ ގެއްލިފައިވުން ނުވަތަ ފިލުން؛
  4. ވަރކް ޕަރމިޓުގެ ދަށުން ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީ މީހާ މަރުވުން؛
  5. ވަރކް ޕަރމިޓާ ގުޅިގެން މި ގަވާއިދުގައި ފުރިހަމަކުރަންޖެހޭ ށަރުތެއް އުނިވުން ނުވަތަ ވަރކް ޕަރމިޓާ ގުޅިގެން ހުށަހަޅައިފައިވާ ލިޔުމެއްގެ ސައްހަކަން ގެއްލުން؛
  6. ވަރކް ޕަރމިޓުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީއަކު މި ގަވާއިދާ ހިލާފުވުން؛
  7. ދިވެހިރާއްޖޭގެ ކޯޓަކުން ކުރާ ށަރުއީ ހުކުމަކާ ގުޅިގެން؛
  8. ވަރކް ޕަރމިޓުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީއަކު 3 (ތިނެއް) މަސްދުވަހަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ބަންދުކުރުން ނުވަތަ ޖަލަށްލުން؛
  9. ވަރކް ޕަރމިޓުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީއަކު ވަރކް ވިސާ ނޫން އެހެން ވިސާއަކަށް ބަދަލުވުން؛
  10. ވަޒީފާދޭ ފަރާތް މަރުވުން؛
  11. ވަޒީފާދޭ ފަރާތަކީ ވިޔަފާރި ށަހްސެއް ކަމުގައި ވާނަމަ، ނުވަތަ ގާނޫނީ އެހެން ށަހްސެއް ކަމުގައި ވާނަމަ، އެ ފަރާތް އުވިގެން ދިޔުން، ނުވަތަ އެފަދަ އެހެން ށަހްސަކާ އެއްކޮށްލުން؛
  12. ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އާ ހިލާފުވުން؛
  13. ތަހުގީގީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ކުރާ ތަހުގީގަކަށް ބިދޭސީ މީހާ އެއްބާރުލުން ނުދިނުން؛
  14. ވަރކް ޕަރމިޓް ބާތިލުކޮށްދިނުމަށް އެދި ބިދޭސީ ފަރާތުން ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކޮށްދިނުމަށް އެދި ވަޒީފާދޭ ފަރާތުން ހުށަހެޅޭނީ، އެ ބިދޭސީއަކީ ވަރކް ޕަރމިޓް ބާތިލުކުރުމަށް އެދި ހުށަހަޅާއިރު އެ ވަޒީފާއިން ވަކިވެފައިވާ އަދި ދިވެހިރާއްޖެއިން ފުރައިފައިވާ ބިދޭސީއަކަށް ވާނަމައެވެ.

(ނ) މި މާއްދާގެ (ހ) ގެ (14) ވަނަ ނަންބަރުގެ ދަށުން ވަރކް ޕަރމިޓް ބާތިލުކޮށްދިނުމަށް އެދި ބިދޭސީއަކު ހުށަހަޅައިފިނަމަ، އެ ފަރާތުގެ ވަރކް ޕަރމިޓް ބާތިލުކުރުމުގެ ކުރިން އެ ބިދޭސީއަކީ ދިވެހިރާއްޖެއިން ފުރައިގެން ގޮސްފައިވާ ފަރާތެއްކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއެއްގެ ވަރކް ޕަރމިޓެއް ބާތިލުކޮށްފިނަމަ، އައު ވަރކް ޕަރމިޓުގެދަށުން އެ ފަރާތަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ދޫކުރެވޭނީ، އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކުރި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ފަހުންނެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކުރިއިރު ވަޒީފާދޭ ފަރާތުގެ ގޮތުގައި ބަޔާންކޮށްފައިވާވަޒީފާދޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަސް ފުރިހަމަވުމުގެ ކުރިން އެފަދަ ބިދޭސީއެއް ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ވަޒީފާދޭ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރުމަށް ދިވެހިރާއްޖެއަށް އައުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ޅ) ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއަކު ވަކި މުއްދަތަކަށް އެހެން ފަރާތެއްގެ ވަޒީފާއެއް އަދާނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން ނިންމައިފިނަމަ، ކޯޓުން ކަނޑައަޅާ މުއްދަތު ހަމަވަންދެން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށްއެ ބިދޭސީއަކަށް މި ގަވާއިދުގެ ދަށުން ވަރކް ޕަރމިޓެއް ދޫކޮށްގެން ނުވާނެއެވެ.

 

47 ވަނަ މާއްދާ - ވަރކް ޕަރމިޓް ނުހޯދައި ބިދޭސީން ވަޒީފާގައި ގެންގުޅުން

(ހ) ވަރކް ޕަރމިޓް ނުނަގައި ނުވަތަ މި ގަވާއިދުގެ މާއްދާތަކާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުއްދަ ހޯދުމެއްނެތި ބިދޭސީއަކުވަޒީފާގައި ގެންގުޅެފިނަމަ، މި ގަވާއިދުގެ ‏ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

ވަރކް ޕަރމިޓް ޑިޕޮޒިޓް

 

48 ވަނަ މާއްދާވަރކް ޕަރމިޓް ޑިޕޮޒިޓް

(ހ) މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނަގާ ވަރކް ޕަރމިޓް ޑިޕޮޒިޓަކީ، ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް ގެންނަބިދޭސީއަކު، ދައުލަތުގެ ހަރަދުގައި ގައުމަށް އަނބުރާ ފުރުވައިލަން ޖެހިއްޖެ ހާލަތެއްގައި ނުވަތަ ވަޒީފާދޭ ފަރާތުންމި ގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާތައް ނުނަގައި ދޫކޮށްލާ ހާލަތްތަކުގައި ބޭނުންކުރުމަށް ބަހައްޓާ ފައިސާއެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީއަކު ގެނެވެނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބިދޭސީއަށް ދައްކަންޖެހޭ ވަރކް ޕަރމިޓް ޑިޕޮޒިޓް، މިނިސްޓްރީގައި ބެހެއްޓުމަށް ފަހުގައެވެ.

 

49 ވަނަ މާއްދާ - އިތުރަށް ހިނގާ ހަރަދަށް ފައިސާ ދެއްކުން

ވަޒީފާދޭ ފަރާތުން، މި ގަވާއިދުގެ ދަށުން އުފުލަންޖެހޭ ޒިންމާއެއް ނުއުފުލައިގެން ނުވަތަ އެ ނޫން ވެސް ސަބަބަކާހުރެ، ވަޒީފާދޭ ފަރާތުން ބަހައްޓައިފައިވާ ވަރކް ޕަރމިޓް ޑިޕޮޒިޓް ފައިސާގެ އަދަދަށްވުރެ އިތުރަށް ދައުލަތުން ބިދޭސީއަކަށް ހަރަދުކުރަން ޖެހިއްޖެނަމަ، އިތުރަށް ހަރަދުކުރާ މިންވަރު، މި ގަވާއިދުގެ ‏ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތުން މިނިސްޓްރީއަށް ދައްކަންވާނެއެވެ.

 

50 ވަނަ މާއްދާ - ވަރކް ޕަރމިޓް ޑިޕޮޒިޓް ރިފަންޑް ކުރުން 

މި ގަވާއިދުގެ 48 ވަނަ މާއްދާގެ ދަށުން ނަގާ ވަރކް ޕަރމިޓް ޑިޕޮޒިޓްރިފަންޑު ކުރެވޭނީ، މި ގަވާއިދުގެ ‏ޖަދުވަލު 5 ގައި ބަޔާންކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތީންނެވެ.

 

51 ވަނަ މާއްދާ - ވަރކް ޕަރމިޓް ޑިޕޮޒިޓް ނުދެއްކުން

މި ގަވާއިދުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަރކް ޕަރމިޓް ޑިޕޮޒިޓް ދައްކައިފައި ނުވާ ބިދޭސީންނަށް މި ގަވާއިދުގެ ދަށުން އެއްވެސް ބާވަތެއްގެ ވަރކް ޕަރމިޓެއް ދޫކޮށްގެން ނުވާނެއެވެ.

 

4 ވަނަ ބާބު

ވަރކް ޕަރމިޓުގެ ހުއްދައިގެ ދަށުން ވަޒީފާއަށް ގެންނަ ބިދޭސީން ވަޒީފާގައި ގެންގުޅުމާއި ބެލެހެއްޓުން

 

52 ވަނަ މާއްދާބިދޭސީން ވަޒީފާގައި ގެންގުޅުން

ވަރކް ޕަރމިޓުގެ ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން ވަޒީފާގައި ގެންގުޅެންވާނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭގާނޫނު) އާއި، އެ ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ފުރިހަމަކޮށް، އެ ގާނޫނުތަކާ ތައާރުޒު ނުވާނޭ ގޮތެއްގެ މަތީންނެވެ.

 

53 ވަނަ މާއްދާ - ބިދޭސީންނަށް ވަޒީފާދިނުން

އެއްވެސް ވަޒީފާއަކަށް ބިދޭސީއަކު ގެނެވޭނީ، މި ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ވަޒީފާއަށް ދިވެއްސަކު ހޯދުމަށް އެދިޖޮބް ސެންޓަރުގައި އިއުލާނުކުރުމަށްފަހު، އެ ވަޒީފާއަށް އެކަށީގެންވާ ދިވެއްސަކު ނުލިބިއްޖެ ނަމައެވެ.

 

54 ވަނަ މާއްދާ - ވަޒީފާއަށް ހޮވިފައިވާކަން އެންގުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް ބިދޭސީއަކު ގެންނަމަ، މި ގަވާއިދުގެ ޖަދުވަލު 10 ގައި ހިމަނައިފައިވާ ނަމޫނާ "ލެޓަރ އޮފް އެޕޮއިންޓްމަންޓް" ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތުން ވަޒީފާއަށް ހޮވުނުކަން އެނގޭނެ ފަދަ ލިޔުމެއް ނުވަތަ ލެޓަރ އޮފް އެޕޮއިންޓްމަންޓް، ވަޒީފާދޭ ފަރާތުން، ވަޒީފާއަށް ގެންނަ ބިދޭސީއަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމަކީ ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެކުލަވައިލުމާ ހަމަޔަށް، މި ގަވާއިދުގެ ބޭނުމަށް ވަޒީފާގެ އެއްބަސްވުން ކަމުގައި ބެލެވޭނެ ލިޔުމެކެވެ.

(ނ) ވަޒީފާއަށް ހޮވުނުކަން އަންގައި ބިދޭސީ ފަރާތަށް ދޭ ލިޔުން ނުވަތަ ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ހިމެނޭ އެއްވެސް މާއްދާއެއް، ގާނޫނު ނަންބަރު 2008-022 (ވަޒީފާއާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާއާ ތައާރުޒުވެގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލެޓަރ އޮފް އެޕޮއިންޓްމަންޓް ނުވަތަ ވަޒީފާއަށް ހޮވުނުކަން އަންގާ ލިޔުމުގައި، މިނިސްޓްރީން އާންމުކުރާ ނަމޫނާ ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަ ނޫންނަމަ، އެ ލިޔުމަކީ މި މާއްދާގެ ބޭނުމަށް ސައްހަ ލިޔުމެއް ކަމުގައި ބަލައެއް ނުގަނެވޭނެއެވެ.

 

55 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު،މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީން ރާއްޖެ އަންނަ ތާރީހުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން އެކުލަވައިލައިފައި،އެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށް، އެއްބަސްވުމުގެ ކޮޕީއެއް،އެ ބިދޭސީއަކާ ހަވާލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން ހަދައިފައި ނުވާނަމަ، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

56 ވަނަ މާއްދާ - ވަޒީފާގެ ބަޔާން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ވަޒީފާދޭ ފަރާތުން އެއްވެސް ބިދޭސީއަކަށް ވަޒީފާދޭނަމަ، ނުވަތަ ބިދޭސީ ފަރާތުން އަދާކުރަމުން އައި ވަޒީފާ ބަދަލުވެއްޖެނަމަ، ބިދޭސީއަކު ވަޒީފާއަށް ނުކުންނަ ތާރީހުން ފެށިގެން ނުވަތަ ވަޒީފާ ބަދަލުވި ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީފާގައި އަދާކުރަންޖެހޭ ކަންތައްތައް ހިމެނޭ ވަޒީފާ ބަޔާނެއް، ވަޒީފާއަށް ގެންނަ ބިދޭސީ ފަރާތަށް ލިޔުމަކުން ދޭންވާނެއެވެ.

 

57 ވަނަ މާއްދާ - ވަޒީފާއަށް ގެންނަ ބިދޭސީ މީހާއާ ހަވާލުވުމާއި، އުޅޭނެ ތަން ހަމަޖެއްސުން 

(ހ) ވަރކް ޕަރމިޓުގެ ހުއްދައިގެ ދަށުން ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް އެތެރެވުމުން، ވަޒީފާދޭ ފަރާތުން އެ ބިދޭސީއަކު ރާއްޖެ އެތެރެވާ ބަނދަރަކުން އެ ބިދޭސީއަކާ ހަވާލުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތުން ހަވާލުވާ ބިދޭސީން، ވަޒީފާދޭ ފަރާތުގެ ވަޒީފާގައި ގެންގުޅޭ މުއްދަތުގައި، އެ ބިދޭސީއެއްގެ ނިދުމާއި ހުރުމުގެ އިންތިޒާމު، މި ގަވާއިދުގެ ‏ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ބިދޭސީއަކު ދިވެހިރާއްޖެ އެތެރެވުމުން ވަޒީފާދޭ ފަރާތުން ހަވާލުނުވެއްޖެނަމަ، ނުވަތަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެ ބިދޭސީއެއްގެ ނިދުމާއި ހުރުމުގެ އިންތިޒާމު ވަޒީފާދޭ ފަރާތުން ހަމަޖައްސައިފައި ނުވާނަމަ، މި ގަވާއިދުގެ ‏ޖަދުވަލު ‏7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތާމެދު ފިޔަވަޅު އެޅޭނެއެވެ.

 

58 ވަނަ މާއްދާ - ބިދޭސީން ދަފުތަރުގައި ރަޖިސްޓަރީކުރުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން، އެ ބިދޭސީއަކު ވަޒީފާ އަދާކުރުމަށް ހަމަޖެހިފައިވާ ވަރކްސައިޓް ހުންނަ ރަށަކަށް ނުވަތަ ސިޓީއަކަށް ގެންދިޔުމަށްފަހު ނުވަތަ ވަޒީފާ އަދާކުރާ ރަށް ނުވަތަ ސަރަހައްދު ބަދަލުވާ ހާލަތްތަކުގައި، ކަމާ ގުޅުންހުރި އިދާރާއަކުން އެދިއްޖެނަމަ، އެ މައުލޫމާތު، މިނިސްޓްރީން އެ އިދާރާތަކާ ހިއްސާކުރަންވާނެއެވެ.

 

59 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް ބަދަލުކުރުން 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއެއް، އެ ފަރާތުގެ ރުހުމާ ނުލައި، ވަޒީފާގެ އެއްބަސްވުން ނުވަތަ ވަޒީފާދޭ ފަރާތް ބަދަލުކޮށްގެން ނުވާނެއެވެ.

 

60 ވަނަ މާއްދާ - ބިދޭސީއަކު ފިލުން ނުވަތަ ގެއްލުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއަކު، ވަޒީފާދޭ ފަރާތަށް ފިލައިފިނަމަ، ނުވަތަ ބިދޭސީއަކު ގެއްލިއްޖެނަމަ، ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރުމާއެކު، މި ގަވާއިދުގެ ޖަދުވަލު 8 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތުން އެކަން އެކެސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގެއްލިގެން ނުވަތަ ފިލައިގެން ރިޕޯޓްކުރެވޭ ބިދޭސީންގެ މައްސަލަ، މި ގަވާއިދުގެޖަލުވަލު 8 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލޭބަރ ރިލޭށަން އޮތޯރިޓީ މެދުވެރިކޮށް ތަހުގީގު ކުރަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު ފިލައިފިނަމަނުވަތަ ގެއްލިއްޖެނަމަ، މިނިސްޓްރީއަށް އެކަން ރިޕޯޓްނުކޮށް ހުރުމަކީ މަނާކަމެވެ. އަދި ވަޒީފާދޭ އެފަދަ ފަރާތްތަކާ މެދު، މި ގަވާއިދުގެ‏ޖަދުވަލު ‏7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

61 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު،މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) އެއްވެސް ސަބަބަކާހުރެ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު ވަޒީފާއިން ވަކިކޮށްފިނަމަ، މި ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާދޭ ފަރާތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ކެންސަލްކުރުމަށް ހުށަހަޅަންވާނެއެވެ.

 

62 ވަނަ މާއްދާ - ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވައިލުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއަކު، އެ ބިދޭސީއެއްގެ ވަޒީފާގެ އެއްބަސްވުން ހަމަވުމުން ނުވަތަ ވަރކް ޕަރމިޓުގެ މުއްދަތު ހަމަވުމުން، ވަޒީފާއާބެހޭ އެއްބަސްވުން އައުކޮށް ވަރކް ޕަރމިޓް މުއްދަތު އިތުރުކުރުމަކާ ނުލައި ވަޒީފާގައި ގެންގުޅެގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ބިދޭސީއެއްގެ ވަޒީފާގެ އެއްބަސްވުން ހަމަވުމުން ނުވަތަ ވަރކް ޕަރމިޓުގެ މުއްދަތު ހަމަވާއިރު، ވަޒީފާގެ އެއްބަސްވުން އައުކޮށް ވަރކް ޕަރމިޓް މުއްދަތު އިތުރުނުކުރާނަމަ، ވަރކް ޕަރމިޓުގެ ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވަޒީފާދޭ ފަރާތުން އެ ބިދޭސީއަކު އަނބުރާ ގައުމަށް ފުރުވައިލުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލުމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގައިފިނަމަ، އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ ބިދޭސީއަކު އަނބުރާ ފުރުވައިލުމުގެ އިންތިޒާމު،އެ ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ބިދޭސީއެއްގެ ވަރކް ޕަރމިޓުގެ މުއްދަތު ހަމަނުވަނީސް އެ ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވައިލުމަށް ދައުލަތުގެ އިދާރާއަކުން އަންގާ ހާލަތުގައި، ވަޒީފާދޭ ފަރާތުންއެ ބީދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިނުލައިފިނަމަ، ވަޒީފާދޭ ފަރާތުން ބަހައްޓައިފައިވާ ވަރކް ޕަރމިޓް ޑިޕޮޒިޓް ފައިސާ ބޭނުންކޮށްގެން، އެ ފަރާތް ގައުމަށް އަނބުރާ ފޮނުވައިލެވޭނެއެވެ.

(ބ) މި މާއްދާއާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ މަނާކަމެކެވެ. އެފަދަ ވަޒީފާދޭ ފަރާތާމެދު، މި ގަވާއިދުގެ ‏ޖަދުވަލު 7 ގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

63 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު މަރުވުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުން ދަނިކޮށް މަރުވެއްޖެނަމަ، މިނިސްޓްރީއާއި، މަރުވި މީހާގެ އާއިލާއާއި، އެ މީހާ ނިސްބަތްވާ ގައުމުގެ ޑިޕްލޮމެޓިކް މިށަނެއް ނުވަތަ ކޮންސިއުލޭޓް މިށަނެއް ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާނަމަ، އެ މިށަނަކަށް އެކަން އަންގައި، އެ މީހާ ވަޅުލުމުގެ ހަރަދާއި އެކަމުގެ އިންތިޒާމުތައް ވަޒީފާދޭ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބިދޭސީ ފަރާތުގެ ވަޒީފާގެ އެއްބަސްވުމުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އެއްބަސްވެފައިވާނަމަ، މި މާއްދާގެ (ހ) އަށް އަމަލުކުރުމާއެކު، ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނިޔާވި ފަރާތުގެ އެންމެހައި ކަންކަން ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބިދޭސީ މީހާ ނިޔާވީ ދިވެހިރާއްޖޭގައި ނަމަ، އަދި އެ ބިދޭސީމީހާގެ އާއިލާގެ ފަރާތުން އެ މީހާގެ ހަށިގަނޑު ގައުމަށް އަނބުރާ ގެންނަން ބޭނުންވެއްޖެނަމަ، އަދި ވަޒީފާދޭ ފަރާތުން ބިދޭސީގެ ނަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާފަދަ އިންށުއަރެންސްއެއް ނަގައިފައި ނުވާނަމަ، ވަޒީފާދޭ ފަރާތާއި މަރުވި މީހާގެ އާއިލާއިން އެއްބަސްވާ ގޮތެއްގެ މަތީން، މަރުވި މީހާގެ ހަށިގަނޑު ގައުމަށް ފޮނުވައިލުމުގެ އިންތިޒާމު، ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 

64 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް މަރުވުން

(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީއެއްގެ ވަޒީފާގެ އެއްބަސްވުން ބިނާވެފައިއޮތީ، ވަޒީފާދޭ ފަރާތުގެ ފަރުދީ ހައިސިއްޔަތުގެ މައްޗަށް ކަމުގައި ވާނަމަ، ވަޒީފާދޭ ފަރާތް ނިޔާވި ދުވަހުން ފެށިގެން1 (އެކެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއްބަސްވުން ނިމުމަކަށް ގެނެސް ބިދޭސީ މީހާ ގައުމަށް އަނބުރާ ފޮނުވައިލައިފައި ނުވާނަމަ، 1 (އެކެއް) މަސްދުވަސް ހަމަވުމުން، އެ ފަރާތަށް ދީފައިވާ ވަރކް ޕަރމިޓް ބާތިލުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،ވަޒީފާދޭ ފަރާތުގެ ނަމުގައި ގެނެސްފައިވާ ބިދޭސީއަކު، ވަޒީފާދޭ އެހެން ފަރާތެއްގެ ނަމަށް ބަދަލުވާން ބޭނުންނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ވަޒީފާދޭ ފަރާތް ބަދަލުކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ބިދޭސީއަށް ވަޒީފާދޭން ބޭނުންވާ ފަރާތަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ވަޒީފާދޭ ފަރާތުގެ ވާރިސަކު، ވަޒީފާދޭ ފަރާތުގެ ނަމުގައި ގެނެސްފައިވާ ބިދޭސީން އެ ފަރާތުގެ ނަމަށް ބަދަލުކުރުމަށް ބޭނުންވާނަމަ، ވަޒީފާދޭ ފަރާތުގެ ބާކީތިބި ވާރިސުންގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއެކު، ވަޒީފާދޭ ފަރާތް ބަދަލުކުރަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ވަޒީފާދޭ ފަރާތް ބަދަލުކުރާއިރު، ބިދޭސީގެ އިއުތިރާޒެއް ނެތްކަން ކަށަވަރުކުރުމަށް ޓަކައި މި ގަވާއިދުގެ 55 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ލެޓަރ އޮފް އެޕޮއިންޓްމަންޓުގައި، ވަޒީފާ ގަބޫލުކުރިކަން އެނގޭނޭހެން ބިދޭސީ މީހާގެ ސޮއި ހިމަނަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ނުވަތަ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިންވަޒީފާދޭ ފަރާތް ބަދަލުކޮށްފައި ނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، ބިދޭސީ ފަރާތަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ހުއްދަ ބާތިލުކޮށް، އެ ބިދޭސީއަކު ވަރކް ޕަރމިޓް ޑިޕޮޒިޓް ފައިސާ ބޭނުންކޮށްގެން ގައުމަށް އަނބުރާ ފޮނުވައިލެވޭނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ވަރކް ޕަރމިޓް ޑިޕޮޒިޓް ފައިސާ ބޭނުންކޮށްގެން، ބިދޭސީއަކު ގައުމަށް އަނބުރާ ފޮނުވައިލެވޭ ހާލަތުގައި އެ ބިދޭސީއަކަށް ދައްކައިފައިވާ ވަރކް ޕަރމިޓް ޑިޕޮޒިޓް ފައިސާ ރީފަންޑެއް ނުކުރެވޭނެއެވެ.

 

65 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް އުވައިލުން ނުވަތަ ބަދަލުވުން

(ހ) ވަޒީފާދޭ ފަރާތަކީ، ގާނޫނު ނަންބަރު 2014-18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިއެއް ނުވަތަ އެ ނޫން ވެސް ގާނޫނީ ށަހްސެއްނަމަ، އެ ތަނެއް އުވައިލެވޭނީ، ނުވަތަ ހުއްޓައިލެވޭނީ، ނުވަތަ އެހެން ވެސް ވިޔަފާރި ށަހްސަކާ ނުވަތަ ގާނޫނީ ށަހްސަކާ އެއްކޮށްލެވޭނީ، ވަޒީފާދޭ ފަރާތުގެ ނަމުގައި ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ގެނެސްފައިވާ ބިދޭސީއަކު ހުރިނަމަ، އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ބާތިލުކޮށް ގައުމަށް އަނބުރާ ފޮނުވައިލައި، ވަރކް ޕަރމިޓް ޑިޕޮޒިޓް ފައިސާ ރީފަންޑް ލިބުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަޒީފާދޭ ފަރާތުގެ ނަމުގައި ގެނެސްފައިވާ ބިދޭސީން ވަޒީފާދޭ އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރަން ބޭނުންވާނަމަ، ވަޒީފާދޭ ފަރާތް އުވައިލުމުގެ ކުރިން ނުވަތަ އެއްކޮށްލުމުގެ ކުރިން، މި ގަވާއިދުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތް ބަދަލުކުރަންވާނެއެވެ.

(ނ) ވަޒީފާ ދޭ ފަރާތަކީ ދައުލަތުގެ އިދާރާއެއް ނަމަ އަދި އެއްވެސް ސަބަބަކާހުރެ އެ އިދާރާއެއް އުވައިލަންޖެހިއްޖެނަމަ، ނުވަތަ ގާނޫނާއި ގަވާއިދަށް ގެންނަ ބަދަލަކުން ނުވަތަ އެ އިދާރާއިން ކުރަމުންދިޔަ މަސައްކަތް ހުއްޓައިލާ ހާލަތުގައި، ނުވަތަ އިދާރާއިން ކުރަމުންދިޔަ މަސައްކަތް އެހެން އިދާރާއަކަށް ބަދަލުކުރާ ހާލަތުގައި، އެ އިދާރާއެއްގެ ނަމުގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީން އެހެން އިދާރާއަކަށް ބަދަލުކުރުން ނުވަތަ ވަރކް ޕަރމިޓް ބާތިލުކޮށް ފުރުވައިލުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

66 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ބިދޭސީން ވަޒީފާގައި ގެންގުޅުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން، މި ގަވާއިދާ ހިލާފަށް ވަޒީފާގައި ގެންގުޅެނިކޮށް ދިމާވާ ކަންތައްތަކާ ގުޅޭގޮތުން ވަޒީފާދޭ ފަރާތަކުން އުފުލަންޖެހޭ ޒިންމާތައް، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަކުން އުފުލަންވާނެއެވެ.

 

5 ވަނަ ބާބު

ސައްހަ ހުއްދައެއް ނެތި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދަށް ފެއްތުން (ރެގިއުލަރައިޒޭށަން)

 

67 ވަނަ މާއްދާ - ރެގިއުލަރައިޒޭށަން 

ގަވާއިދު ނަންބަރު 2021-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ތެރެއިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތައް ނުވަތަ މީގެ ކުރިން ބޭނުންކުރެވެމުންދިޔަ ގަވާއިދުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި ވަޒީފާ އަދާކުރަމުންދާ ބިދޭސީންނަށް، މި ގަވާއިދުގެ ‏ޖަދުވަލު 9 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ރެގިއުލަރައިޒްވުމުގެ ފުރުސަތު ލިބިގެންވެއެވެ.

 

68 ވަނަ މާއްދާ - ރެގިއުލަރައިޒް ކުރެވޭނެ ބިދޭސީން

(ހ) މި ގަވާއިދުގެ 67 ވަނަ މާއްދާގެ ދަށުން ރެގިއުލަރައިޒް ކުރެވޭނީ، އަންނަނިވި ށަރުތުތައް ހަމަވާ ބިދޭސީންނެވެ.

  1. ގަވާއިދު ނަންބަރު 2021-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ ކުރިން ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދައެއް ލިބިފައިވާ ބިދޭސީއެއް ކަމުގައިވުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބިދޭސީއަކީ ގަވާއިދު ނަންބަރު 2021-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ ދަށުން ވަރކް ޕަރމިޓް ހުއްދައެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން؛
  3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބިދޭސީއަކީ މި ގަވާއިދުގެ ދަށުން ކޮންޑިށަނަލް ވަރކް ޕަރމިޓެއް ދޫކޮށްފައިވާ ފަރާތެއް ނަމަ، އެ ވަރކް ޕަރމިޓުގެ މުއްދަތު ހަމަވިއިރު ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންކަން ވަޒީފާދޭ ފަރާތުން ފުރިހަމަކޮށްފައި ނުވުން؛
  4. ގަވާއިދު ނަންބަރު 2021-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ ކުރިން ބިދޭސީން ދިވެރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދައެއް ލިބިފައިވާ ބިދޭސީއެއް ކަމުގައި ވުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް، ވަރކް ޕަރމިޓެއް ލިބިފައިވާ ބިދޭސީއެއްކަމުގައި ބަލާނީ، ގަވާއިދު ނަންބަރު 2021-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ ދަށުން ނުވަތަ މި ގަވާއިދުގެ ދަށުން ވަރކް ޕަރމިޓް ނެގުމަށް ބޭނުންވާ އެންމެހައި ކަންކަން ފުރިހަމަކޮށް ވަރކް ޕަރމިޓް ފީ ދައްކައިފައިވާ ފަރާތެއް ނަމައެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮންޑިށަނަލް ވަރކް ޕަރމިޓެއް އޮތް ފަރާތަކީ މި ގަވާއިދުގެ ދަށުން ރެގިއުލަރައިޒްވެފައިވާ ފަރާތެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

69 ވަނަ މާއްދާ - ރެގިއުލަރައިޒް ކުރެވޭ ބިދޭސީންނަށް ވަރކް ޕަރމިޓް ދޫކުރުން

(ހ) މި ގަވާއިދުގެ ބޭނުމަށް ރެގިއުލަރައިޒް ކުރެވިފައިވާ ބިދޭސީއެއްކަމުގައި ބަލަންވާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީފާދޭ އައު ފަރާތުގެ ނަމުގައި ކޮންޑިށަނަލް ވަރކް ޕަރމިޓް ނެގުމުންނެވެ.

(ށ) މި މާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންޑިށަނަލް ވަރކް ޕަރމިޓް ލިބުމުން، ވަރކް ޕަރމިޓާ ގުޅިގެން މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަކުރަންވާނެއެވެ.

 

70 ވަނަ މާއްދާ - ރެގިއުލަރައިޒޭށަން ކޯޓާ (އާރް ކޯޓާ)

މި ގަވާއިދުގެ ދަށުން ރެގިއުލަރައިޒްކުރެވޭ ފަރާތްތަކަށް ރެގިއުލަރައިޒް ކުރުމަށް ހާއްސަކޮށްގެން، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން ވަޒީފާދޭ ފަރާތްތަކަށް ހާއްސަ ކޯޓާއެއް ދޫކުރަންވާނެއެވެ.

 

6 ވަނަ ބާބު

ފިޔަވަޅު އެޅުން

 

71 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު މި ގަވާއިދުގެ ‏ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅައި، މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދަތަކާއި ޕަރމިޓްތައް ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދައެއް ނުވަތަ ޕަރމިޓެއް ބާތިލުކުރުމުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ނުވަތަ އެ ނޫން ވެސް ފަރާތަކަށް ލިބިދޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

 

7 ވަނަ ބާބު

އެހެނިހެން

 

72 ވަނަ މާއްދާ - މޮނިޓަރ ކުރުމާއި އިންސްޕެކްޓްކުރުން

ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު ވަޒީފާގައި ގެންގުޅެނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުމުގެ ގޮތުން، އެ ބިދޭސީއަކު މަސައްކަތްކުރާ ތަނަށާއި އޭނާ ހުންނަން ހަމަޖެހިފައިވާ ތަނަށް ގޮސް، ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުންމޮނިޓަރކޮށް އިންސްޕެކްޓް ކުރުމުގެ ބާރާއި އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

73 ވަނަ މާއްދާ - ވިޔަފާރީގެ ސިއްރު މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުން

މި ގަވާއިދުގެ ދަށުން ހޯދަންޖެހޭ ހުއްދައެއް ހޯދުމަށް އެދި އެއްވެސް ފަރާތަކުން މިނިސްޓްރީއަށް ހުށަހަޅާ މައުލޫމާތުތަކުގެ ތެރެއިން، ވިޔަފާރީގެ ސިއްރު މައުލޫމާތުގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ މައުލޫމާތުގެ ސިއްރުކަން، މިނިސްޓްރީން ހިފަހައްޓަންވާނެއެވެ. އަދި ގާނޫނަކުން ބާރު ލިބިގެން ތަހުގީގީ އިދާރާއަކުން ހިންގާ ތަހުގީގަކަށް، ނުވަތަ ކޯޓުގެ އަމުރަކަށް މެނުވީ، ވިޔަފާރީގެ ސިއްރު މައުލޫމާތު، ތިންވަނަ ފަރާތަކާ މިނިސްޓްރީން ހިއްސާކޮށްގެން ނުވާނެއެވެ.

 

74 ވަނަ މާއްދާ - ނޮޓޮރައިޒްކުރުން

(ހ) މި ގަވާއިދުގެ ދަށުން ނޮޓަރައިޒް ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ނޮޓަރައިޒް ކުރެވޭނީ، ނޮޓަރައިޒް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކުގެ ތެރެއިން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާނޮޓަރައިޒް ކުރުމުގެ ހުއްދަ ލިބިފައިވާ ނޮޓަރީންގެ ލިސްޓެއް، އެކްސްޕެޓް ސިސްޓަމުގައި އާންމުކޮށް ފެންނަން ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޮޓަރީއަކު، ނޮޓަރައިޒްކުރުމުގެ އަމަލުކުރަންޖެހޭ އުސޫލާ ހިލާފަށް ނޮޓޮރައިޒްކޮށްފައިވާ ލިޔުމެއް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، އެ ނޮޓޮރީއަކަށް މިނިސްޓްރީއަށް ހުށަހެޅޭ އެފަދަ އެހެން ލިޔުންތައް، މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތަކަށް ނޮޓޮރައިޒެއް ނުކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް ޕަބްލިކް ނޮޓޮރީއެއް ނޮޓޮރައިޒްކުރާ ލިޔެކިޔުންތައް މިނިސްޓްރީން ބަލައިނުގަންނަން ނިންމައިފައިވާނަމަ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިނިސްޓްރީން އެކަން އާންމުކުރަންވާނެއެވެ.

(ބ) މި މާއްދާއަށް އަމަލުކުރަން ފަށާނީ، މިނިސްޓްރީއަށް ބޭނުންވާ ލިޔެކިޔުންތައް ނޮޓޮރައިޒް ކުރާއިރު އަމަލުކުރަންޖެހޭ އުސޫލު އާންމުކުރާ ތާރީހުން ފެށިގެންނެވެ.

 

75 ވަނަ މާއްދާ - ޖަދުވަލުތައް

މި ގަވާއިދުގެ ޖަދުވަލުތަކަކީ، މި ގަވާއިދުގެ ބައެކެވެ.

 

76 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށެވެ.

(ށ) "އެކްސްޕެޓް ސިސްޓަމް" ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނާ ގުޅިގެން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތަކާއި ޕާމިޓްތައް ދޫކޮށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން މިނިސްޓްރީއާއެކު ކުރަންޖެހޭ މުއާމަލާތުތައް ކުރުމުގައި ބޭނުންކުރާ އޮންލައިން ސިސްޓަމަށެވެ.

(ނ) "ވަރކް ޕަރމިޓް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޓަކައި، ވަޒީފާ އަދާކުރާ މުއްދަތަށް ދިވެހިރާއްޖޭގައި ހުރުމަށް ޓަކައި، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޭ ހުއްދައަށެވެ.

(ރ) "ވަޒީފާ" ކަމަށް ބަޔާންކޮށްފައި އެވަނީ، އުޖޫރައަކަށް ނުވަތަ އުޖޫރައެއް ލިބޭ ގޮތަކަށް ކުރާ ކޮންމެ މަސައްކަތަކަށެވެ.

(ބ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކޮށްފައިވާ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެހުރި ވަޒީރަކަށް ނުވަތަ އޭނާ ތަމްސީލުކުރުމުގެ ބާރު ލިބިގެންވާ ފަރާތަކަށެވެ.

(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކޮށްފައިވާ މިނިސްޓްރީއަކަށެވެ.

(ކ) "ކޯޓާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކަށް، ވަޒީފާ އަދާކުރުމަށް އެންމެ ގިނަވެގެން ރާއްޖެ ގެނައުން ހުއްދަކުރާ ބީދޭސީންގެ އަދަދަށެވެ.

(އ) "އެމްޕްލޯއިމަންޓް އެޖެންސީ" ކަމަށް ބުނެފައި އެވަނީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، ނުވަތަ ވަޒީފާދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަޒީފާގައި އުޅެދޭނެ މީހުން ހޯދައިދިނުމުގެ ގޮތުން، ނުވަތަ އެކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ހިދުމަތްދޭ ކޮންމެ ފަރާތަކަށެވެ. ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތް ދޭ ސަރުކާރުގެ ދާއިރާތައް މީގެ ތެރެއިން އިސްތިސްނާވާނެއެވެ.

(ވ) "ރެޕްރެޒެންޓޭޓިވް" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުގެ ބަދަލުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް ކުރުމަށް ވަޒީފާދޭ ފަރާތުން އައްޔަނުކުރާ ފަރާތަށެވެ.

(މ) "ގާނޫނީ އެހެނިހެން ށަހްސު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ވަކި ގާނޫނީ ށަހްސެއްގެ ގޮތުގައި އުފައްދައިފައިވާ ނުވަތަ އުފައްދާ ތަންތަނަށެވެ.

(ފ) "ވަރކްސައިޓް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގެންނަ ބިދޭސީން މަސައްކަތްކުރާ ތަނަށެވެ.

(ދ) "އޮކިއުޕޭށަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ގެންނަ ބިދޭސީން އަދާކުރާ މަގާމަށެވެ.

(ތ) "އެކަމަޑޭށަން" ކަމަށް ބުނެފައި އެވަނީ، ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭ ތަންތަނަށެވެ.

(ލ) "ވާރކް ވިސާ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ކަމާބެހޭ ދާއިރާއަކުން ހަމަޖައްސާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދައިގެން، ރާއްޖެއަށް މަސައްކަތްކުރުމަށް އަންނަ ބިދޭސީއަކު އޭނާ މަސައްކަތްކުރުމަށް ރާއްޖޭގައި ހުއްދަކޮށްފައިވާ މުއްދަތަށް ރާއްޖޭގައި ހުރުމަށް ދެވޭ ހުއްދައަށެވެ.

(ގ) "ވަޒީފާދޭ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ބިދޭސީއަކު ދިވެހިރާއްޖެ އަންނައިރު އެމްޕްލޯޔާގެ ގޮތުގައި ވާރކް ޕަރމިޓުގައި ބަޔާންކޮށްފައިވާ ފަރާތަށެވެ.

(ޏ) "ބިދޭސީ" ނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް ވަރކް ޕަރމިޓުގެ ހުއްދައިގެ ދަށުން ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ކޮންމެ ބިދޭސީއަކަށެވެ.

(ސ) "ހިންގުމުގެ އިސް މަގާމުގައި ތިބޭ މީހުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުގެ ހިންގުމުގެ ދާއިރާގައި އެންމެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ހިންގުމުގެ އިސް މަގާމެއްގެ ގޮތުގައި ވަޒީފާދޭ ފަރާތުން ކަނޑައަޅާ ފަރާތްތަކަށެވެ.

 

77 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ސެޓްފިކެޓް އޮފް އެމްޕްލޯއިމަންޓް އިންޓަމީޑިއަރީ (ސީ.އައި.އައި) ލައިސަންސް ނަގަންޖެހޭނީ، އެ ކޯހާ ގުޅޭ އުސޫލު މިނިސްޓްރީން އާންމުކުރާ ތާރީހުން ފެށިގެންނެވެ.

(ނ) މި ގަވާއިދުގެ 10 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، މިނިސްޓްރީން އާންމުކޮށް އަންގާ ތާރީހުން ފެށިގެންނެވެ.

(ރ) މި ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ބޭނުންވާ ލިޔެކިޔުންތައް ނޮޓޮރައިޒް ކުރުމަށް މިނިސްޓްރީގައި ރަޖިސްޓަރީވާންޖެހޭ ތާރީހެއް މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން މިސިންގ ރިކްއެސްޓްތަކާ ގުޅިގެން ނަގަން ކަނޑައަޅައިފައިވާ ސަރވިސް ފީ ނަގަން ފަށާނީ، މިނިސްޓްރީން އާންމުކޮށް އަންގާ ތާރީހުން ފެށިގެންނެވެ.

(ޅ) މި ގަވާއިދުގެ ޖަދުވަލު 2 ގެ 17 ވަނަ މާއްދާގެ (ށ) އަށް އަމަލުކުރަން ފަށާނީ، މިނިސްޓްރީން އާންމުކޮށް އަންގާ ތާރީހުން ފެށިގެންނެވެ.

 

78 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މިހައިތަނަށް އަމަލުކުރަމުން ގެންދިޔަ ގަވާއިދު ނަންބަރު 2021-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) އުވުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގެ ދަށުން ހޯދައިފައިވާ ކޯޓާއާއި ހުއްދަތަކާއި ޕަރމިޓްތައް، އެ ކޯޓާއާއި ހުއްދައާއި ޕަރމިޓް ދޫކުރެވިފައިވާ މުއްދަތަށް ދެމިއޮންނާނެއެވެ.

 

(މި ގަވާއިދުގައި ހިމެނޭ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

ޖަދުވަލު 1

ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ ސިސްޓަމުގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

 

ޖަދުވަލު 2

ބިދޭސީން ވަޒީފާއަށް ގަނައުމަށް ކޯޓާ ދޫކުރުމާބެހޭ އުސޫލު

 

ޖަދުވަލު 3

ކޯޓާ ފީ ނެގުމުގެ އުސޫލު

 

ޖަދުވަލު 4

ވަޒީފާ އަދާކުރާ މުއްދަތަށް ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދޫކުރުމުގެ އުސޫލު

 

ޖަދުވަލު 5

ޑިޕޮސިޓް ބެހެއްޓުމާއި ރީފަންޑް ކުރުމުގެ އުސޫލު

 

ޖަދުވަލު 6

ދިވެހިރާއްޖޭގައި ދިރިއުޅުމަށް، ވަޒީފާދޭ ފަރާތުން "އެކަމަޑޭށަން" ހަމަޖައްސައިދިނުމުގެ އުސޫލު

 

ޖަދުވަލު 7

ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދާ ޚިލާފުވުމުން ފިޔަވަޅު އެޅުމުގެ އުސޫލު

 

ޖަދުވަލު 8

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާެއް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލު

 

ޖަދުވަލު 9

ރެގިއުލަރައިޒެށަން އުސޫލު

 

ޖަދުވަލު 10

ލެޓަރ އޮފް އެޕޮއިންޓްމަންޓްގެ ޓެމްޕްލޭޓް

 

ޖަދުވަލު 11

ވަރކްސައިޓް ރަޖިސްޓަރީ ކުރުމުގެ އުސޫލު

 

 

މައި ގާނޫނު

ގާނޫނު ނަންބަރު 2008-02

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު