-

ވަޒީފާއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2008-02)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ، 6ވަނަ، 7ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ ދިވެހިރާއްޖޭގައި، ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި އެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް، ލޭބަރ ރިލޭށަންސް އޮތޯރިޓީއަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލެއް ގާއިމުކޮށް އަދި މިނޫންވެސް ވަޒީފާއާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާބެހޭ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ވަޒީފާއާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ހިންގޭނެ ދާއިރާ

(ހ) އެހެން ގާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ މުވައްޒަފުންގެ މައްޗަށް މި ގާނޫނު ހިންގޭނެއެވެ. ނަމަވެސް ފުލުހުންނާ ސިފައިންނަކީ ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ބަޔަކަށްވުމާއެކު ސިފައިންނާ ފުލުހުންނަށް ހިނގާނީ ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ގާނޫނު) އާއި ގާނޫނު ނަންބަރ 5/2008 (ފުލުހުންގެ ގާނޫނު) އެވެ. (އިސްލާހު ކުރެވިފައި)

(ށ) މި ގާނޫނުގެ ދަށުން ލިބިދޭ ހައްގުތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ލިބޭގޮތަށް ކުރެވޭ އެއްބަސްވުމެއްގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާފަރާތް އެއްބަސްވުމަކީ، މި ގާނޫނު މަނާކުރާ ކަމެއްނޫނެވެ.

(ނ) ވަޒީފާ އަދާކުރާފަރާތަށް މި ގާނޫނުގެ ދަށުން ލިބިދޭ ހައްގެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އެފަދަކަމަކަށް އުނިކަމެއް ލިބޭގޮތަށް ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމުގައި، އެއްވެސް މާއްދާއެއް ހިމެނިގެންވާނަމަ، އެމާއްދާއެއް ވާނީ، ބާތިލު މާއްދާއަކަށެވެ.

 

2 ވަނަ ބާބު

އަސާސީ އުސޫލުތައް

 

3 ވަނަ މާއްދާ - މަޖުބޫރުން މަސައްކަތްކުރުވުން މަނާކުރުން

(ހ) އެއްވެސް މީހަކު ލައްވައި، މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެއެވެ.

(ށ) "މަޖުބޫރުން މަސައްކަތް ކުރުވުން" މާނަކޮށްދެނީ، މީހަކު އޭނާގެ އަމިއްލަ އިހްތިޔާރުގައި ދޭ ހިދްމަތެއް ހޯދުން ފިޔަވައި، އަދަބެއް ދޭނެކަމުގެ އިންޒާރުދީގެން ނުވަތަ ނުފޫޒުގެ ބާރު ބޭނުންކޮށް ބިރުދައްކައިގެން މީހެއްގެ ފަރާތުން ހިދްމަތެއް ހޯދުމަށެވެ. ނުވަތަ މަސައްކަތެއް ކުރުވުމަށެވެ. ނަމަވެސް މި މާނަކުރުމުގައި، އަންނަނިވި ކަންތައްތަކެއް ނުހިމެނެއެވެ.

  1. ށަރީއަތުން ކުރާ ހުކުމެއްގެ ދަށުން މީހަކު ލައްވާ ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ކޮންޓްރޯލާއި ބެލުމުގެ ދަށުން ކުރުވާ މަސައްކަތް ނުވަތަ ހޯދާ ހިދްމަތް؛
  2. މުޅި އާބާދީގެ ނުވަތަ އާބާދީގެ ބައެއްގެ މީހުންގެ ފުރާނަޔަށް ނުވަތަ ދުޅަހެޔޮކަމަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ކުއްލި ހާލަތުތަކުގައި، އެފަދަ ހާލަތުތަކުގައި ކުރުވަން އެކަށީގެންވާ ކަމަށް ގަބޫލުކުރެވޭ ނިސްބަތަށް ކުރުވާ މަސައްކަތް ނުވަތަ ހޯދާ ހިދްމަތް.

 

4 ވަނަ މާއްދާ - ތަފާތު ނުކުރުން

(ހ) ވަޒީފާ ދިނުމުގަޔާއި، އުޖޫރަ ކަނޑަ އެޅުމުގަޔާއި، އުޖޫރަ އިތުރު ކުރުމުގަޔާއި، ތަމްރީނު ދިނުމުގަޔާއި، ވަޒީފާގެ ށަރްތުތަކާއި ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގަޔާއި، ވަޒީފާއިން ވަކިކުރުމުގަޔާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާއީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ހިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ގާނޫނާއި ހިލާފުނުވާ ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބަކާ ހުރެ ނިކަމެތިވެފައިވާ ފަރާތްތަކާއި، އިޖްތިމާއީގޮތުން ނިކަމެތިކަން ފޯރާފައިވާ ފަރާތްތަކުގެ ހާލަތަށް ލުއިފަސޭހަކަމެއް ހޯދައިދިނުމުގެ މަގްސަދުގައި، ވަކިއުސޫލެއް ހަމަޖައްސައިދިނުން، ނުވަތަ ވަކި ޕްރޮގްރާމެއް ނުވަތަ ވަކި ހަރަކާތެއް ހިންގުމަކީ ހަމަހަމަ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) ވަޒީފާއެއް އަދާކުރުމަށް ބޭނުންވާ ތައްލީމީ ފެންވަރާއި، ހުނަރާއި، ތަޖުރިބާއާ އަދި މިނޫންވެސް މަސައްކަތާ ސީދާގުޅުންހުރި ކަންތައްތަކުގެ މައްޗަށްބެލުން މި މާއްދާގެ (ހ) އިން ހުރަހެއްނާޅައެވެ.

(ރ) ވަޒީފާދޭ ފަރާތުން މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ ކަމުގެ ށަކުވާއެއް ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭ ކަމަށް ނުވަތަ ތަފާތު ގެނައީ، މި މާއްދާގެ (ހ) އާ ހިލާފުނުވާ ގޮތުގެމަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.

(ބ) ވަޒީފާދޭ ފަރާތުން، ވަޒީފާއަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަން ދިނުމަކީ، މި މާއްދާގައި ބުނެފައިވާ ތަފާތުކުރުން ކަމުގައެއް ނުބެލެވޭނެއެވެ.

 

5 ވަނަ މާއްދާ - އަސާސީ އުސޫލުތަކާ ހިލާފުވުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން މީހަކަށް ލިބިދޭ ހައްގަކަށް އުނިކަމެއް ލިބޭ އަމަލެއް ހިންގައިފިނަމަ އެ އުނިކަން
ލިބޭކަމަށް ދެކޭ ފަރާތުން އެކަމުގެ ށަކުވާ، މި ގާނޫނުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން ލިބިދޭ ހައްގަކާގުޅޭގޮތުން ޓްރައިބިއުނަލަށް ހުށަހެޅޭ ށަކުވާތައް، ޓްރައިބިއުނަލުން އަވަސް ގޮތެއްގައި ބަލަންވާނެއެވެ. މިގޮތުން ށަކުވާކުރާ ފަރާތާއި ށަކުވާ ރައްދުވާ ފަރާތުގެ ވާހަކަތައް ހުށަހެޅުމަށާއި އެއަށް ޖަވާބުދިނުމަށް އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ.

(ނ) ޓްރައިބިއުނަލަށް ހުށަހެޅޭ ށަކުވާއަކީ، ރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ ސައްހަ ށަކުވާއެއްކަމަށް ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އަންނަނިވި އަމުރުތަކުގެތެރެއިން އަމުރެއް ނެރުމުގެ ބާރު ހިމެނޭގޮތުން، މިބައިގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ނެރެންޖެހޭ އަމުރެއް ނެރުމުގެ ބާރު، ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

  1. ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު؛
  2. ވަޒީފާއިން ވަކިކޮށްފައިވާ މީހާއަށް އަނބުރާ އެވަޒީފާ ދިނުމަށް ކުރާ އަމުރު؛
  3. މީހަކަށް ގެއްލިފައިވާ މަންފާއެއް ނުވަތަ ފަސޭހައެއް، އަނބުރާ އެމީހަކަށް ލިބޭނެގޮތް ހެދުމަށް ކުރާ އަމުރު؛
  4. ބަދަލުދިނުމަށް ކުރާ އަމުރު.

  

3 ވަނަ ބާބު

ކުޑަކުދިން ވަޒީފާގައި ގެންގުޅުން

 

6 ވަނަ މާއްދާ - އެންމެ ހަގު އުމުރު

އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު، އެކުއްޖެއްގެ ތައްލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުމަށް ގެންގުޅުމަކީ މަނާ ކަމެކެވެ. އުމުރުން 16 އަހަރުނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ރުހުމާއެކު، އާއިލާގެ ފަރާތުންކުރާ މަސައްކަތެއްގައި ބައިވެރިވުން މި އުސޫލުން އިސްތިސްނާވާނެއެވެ.

 

7 ވަނަ މާއްދާ - ކުޑަކުދިންލައްވާ މަސައްކަތް ނުކުރުވުން

(ހ) ކުރާ މަސައްކަތް ނުވަތަ އަދާކުރާ ވަޒީފާގެ ސަބަބުން، ނުވަތަ އެމަސައްކަތް ނުވަތަ ވަޒީފާ އަދާކުރަންޖެހޭ ހާލަތުތަކުގެ ސަބަބުން، މުވައްޒަފުގެ ސިއްހަތަށް، ނުވަތަ ތައްލީމަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ އަހްލާގަށް ނުރަނގަޅު އަސަރެއް ފޯރުވައިދޭ ޒާތުގެ މަސައްކަތެއް ކުރުމަށް ނުވަތަ ވަޒީފާއެއް އަދާކުރުމަށް ކުޑަކުއްޖަކު ގެންގުޅެގެން ނުވާނެއެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ހުރިހާ އުމުރެއްވެސް ބަލާނީ މީލާދީ ކަލަންޑަރުންނެވެ. އަދި 18 އަހަރު ނުފުރޭ ކުއްޖަކު ކަމުގައި ބަލާނީ، ގާނޫނު ނަންބަރު 9/1991 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު)  ގައިވާ ގޮތުގެމަތިންނެވެ.

 

8 ވަނަ މާއްދާ - ބަލަދުވެރިޔާގެ ހުއްދަ ހޯދުން

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާ ތައާރުޒު ނުވާގޮތުގެ މަތިން، ކުޑަކުއްޖަކު ވަޒީފާގައި ނުވަތަ މަސައްކަތްކުރުމަށް ގެންގުޅެވޭނީ އެކުއްޖެއްގެ ށަރްއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ށަރްއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާ ކަމަށް ބުނެފައިއެވަނީ ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު)  ގައި  އެ ލަފުޒުތަކަށް ދީފައިވާ މާނައިގައެވެ.

 

9 ވަނަ މާއްދާ - މަސައްކަތްކުރާ ގަޑި

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއާ ތައާރުޒު ނުވާގޮތުގެ މަތިން އެކުއްޖަކަށް ސްކޫލުގެ ކިޔެވުން އޮންނަ ދުވަހެއްގެ ކިޔެވުން އޮންނަ ގަޑީގައި، ކުޑަކުއްޖަކު ވަޒީފާގައި ގެންގުޅެގެން ނުވާނެއެވެ.

(ށ) ރޭގަނޑު 11:00 ގެ ފަހުގެ ވަގުތެއްގައި، ވަޒީފާގައި ކުޑަކުއްޖަކު ގެންގުޅެގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - ވަޒީފާއާ ގުޅޭ ކުދިންގެ ދަފުތަރު

މި ގާނޫނުގައިވާ ގޮތުގެމަތިން ކުޑަކުއްޖަކު ވަޒީފާގައި ގެންގުޅޭ ކޮންމެ ފަރާތަކުންވެސް، އެކުއްޖެއްގެ ނަމާއި އެޑްރެހާއި އުފަން ތާރީހު އެނގޭނެ ދަފުތަރެއް ލިޔެ ބަލަހައްޓަންވާނެއެވެ.

 

11 ވަނަ މާއްދާ - ސިއްހީ މަސައްކަތްތެރިއަކަށް ދެއްކުން

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއާ ތައާރުޒުނުވާ ގޮތުގެމަތިން، އުޅަނދެއްގައި އަދާކުރަންޖެހޭ އެއްވެސް ވަޒީފާއެއްގައި ކުޑަކުއްޖަކު ގެންގުޅެވޭނީ، ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު، އެކުއްޖާގެ ކިބައިގައި އެފަދަ ވަޒީފާއެއް އަދާކުރުމުގެ ގާބިލުކަން ސިއްހީގޮތުން ލިބިފައިވާކަން ކަށަވަރުކޮށްދީ ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ހުށަހެޅުމުންނެވެ.

(ށ) އެއްވެސް އުޅަނދެއްގައި ކުޑަކުއްޖަކު އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރާނަމަ، ވަޒީފާދޭ ފަރާތުގެ ހަރަދުގައި މަދުވެގެން އަހަރަކު އެއްފަހަރު އެކުއްޖަކު، ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކަށް ދައްކައި، އެފަދަ މަސައްކަތެއްގައި، އުޅުމުގެ ސިއްހީ ގާބިލުކަން އެ ކުއްޖަކަށް ލިބިފައިވާކަން ކަށަވަރުކޮށްދޭ މެޑިކަލް ސެޓުފިކެޓެއް، ހޯދަންވާނެއެވެ.

 

12 ވަނަ މާއްދާ – އަދަބު

މި ބާބުގައިވާ މާއްދާއަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، 1,000 ރުފިޔާއާއި، 5,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

4 ވަނަ ބާބު

ވަޒީފާގެ އެއްބަސްވުން

 

13 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުމުގެ ބާވަތްތައް

(ހ) އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި ބާބުގައި ބަޔާންކޮށްފައިވާ މާއްދާތައް، ހުރިހާ ބާވަތެއްގެ ވަޒީފާގެ އެއްބަސްވުންތަކުގެ މައްޗަށް ހިންގޭނެއެވެ.

(ށ) ވަޒީފާދޭ ފަރާތާއި، ކޮންމެ މުވައްޒަފަކާ ދެމެދު ލިޔުމަކުން ނުވަތަ ލިޔުންތަކަކުން އެކުލެވިގެންވާ ވަޒީފާގެ އެއްބަސްވުމެއް އޮންނާންވާނެއެވެ. މިފަދަ އެއްބަސްވުމުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. މުވައްޒަފުގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުއުޅޭ އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު އަދި އުފަން ތާރީހާއި، ގައުމީ ނިސްބަތް އަދި އިމަޖެންސީކޮށް ގުޅާނެ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު؛
  2. ދާއިމީ ވަޒީފާއެއްކަން ނުވަތަ ވަގުތީ ވަޒީފާއެއްކަން؛
  3. ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހު؛
  4. ލިބޭ އުޖޫރައާ އެހެނިހެން އިނާޔަތްތައް؛
  5. އުޖޫރަދެވޭ މިންގަނޑާއި އުޖޫރަ
  6. އުޖޫރަދިނުމަށް ކަނޑައަޅާ ދުވަސް؛
  7. ޗުއްޓީ ދެވޭ ދުވަސް؛
  8. މުވައްޒަފުގެ އަހްލާގާ ގުޅޭގޮތުން އޭނާއާމެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް؛
  9. މުވައްޒަފުންގެ މަސައްކަތް ބެލޭ އުސޫލު (ސްޓާފް އެޕްރައިޒަލް) ؛
  10. ވަޒީފާއިން ވަކިކުރެވިދާނެ އުސޫލުތައް ކަނޑައެޅި ބަޔާންކުރެވިފައި އޮތުން.

(ނ) ތިރީގައި ބަޔާންކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން އެއްބަސްވުމެއް އޮތުމަކީ ހުއްދަ ކަމެކެވެ.

  1. ވަޒީފާގެ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުން؛
  2. ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ
  3. ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުން.

(ރ) ވަޒީފާއިން ވަކިކުރުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ނޯޓިސް ދިނުމާ ގުޅޭގޮތުން، މި ބާބުގެ މާއްދާތަކުގައިވާ ގޮތުގެމަތިން، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް، އެ އެއްބަސްވުމުގައި ހިމެނޭ ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް، ބާތިލު ކުރެވިދާނެއެވެ.

(ބ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްނަމަ، މި މާއްދާގެ (ކ) ގައިވާ ހާލަތުގައި މެނުވީ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ ކަމަށް ކަނޑައަޅާފައިވާ ތާރީހުގައި އިތުރު ނޯޓިހެއް ދިނުމަކާނުލައި، އެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.

(ޅ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު  ދެ އަހަރު ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ކ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ އަމަލުތައް ބަހައްޓާގޮތުން، އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްނޫން ކަމުގައި ބަލަންޖެހޭނެއެވެ. (އިސްލާހު ކުރެވިފައި)

(އ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކިމަސައްކަތަކަށް ހާއްސަކޮށްފައިވާ، ވަޒީފާގެ އެއްބަސްވުމެއްގެ މަގްސަދަކީ، ނުވަތަ ނަތީޖާއަކީ، ވަޒީފާ އަދާކުރާ ތާނގައި އާދައިގެމަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް، ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުން ކަމުގައިވާނަމަ  އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބަލަންޖެހޭނެއެވެ.

(ވ) ވަކިމަސައްކަތަކަށް ހާއްސަކޮށްފައިވާ ވަޒީފާގެ އެއްބަސްވުން، އެމަސައްކަތެއް ނިމުމުން، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ނިމުމަކަށް އަންނާނެއެވެ.

(މ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން، ވަޒީފާދޭ ފަރާތުން މުވައްޒަފާއެކު އެކުލަވާލައި ދެފަރާތުން ސޮއިކޮށް، އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާ ހަވާލުކުރަންވާނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އެއްބަސްވުމުގެ ކޮޕީ ހަވާލުނުކޮށްހުރި ފަރާތްތަކުން، މި ގާނޫނަށް އަމަލުކުރަން ފަށާތާ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަވާލުކޮށް ނިންމަންވާނެއެވެ. (އިތުރު ކުރެވިފައި)

(ފ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަޒީފާގެ އެއްބަސްވުން ހަދާފައި ނުވާނަމަ، ނުވަތަ މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން، މުވައްޒަފާ އެއްބަސްވުން ހަވާލުކޮށްފައި ނުވާނަމަ ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލައި، 2،000 (ދެހާސް) ރުފިޔާއާއި 20,000 (ވިހިހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން، ވަޒީފާދޭ ފަރާތް ޖޫރިމަނާކުރެވޭނެއެވެ. (އިތުރު ކުރެވިފައި)

 

14 ވަނަ މާއްދާ - ވަގުތީ މުއްދަތު (ޕްރޮބޭށަން) (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި 3 (ތިނެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވަގުތީ މުއްދަތުގައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އިސީތިޔާރު ދެ ފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އެހެންނަމަވެސް، މި ގާނޫނުގެ 32 ވަނަ މާއްދާއިން 57 ވަނަ މާއްދާއާ ހަމައަށް ހުރި މާއްދާތަކުގައި ބަޔާންކުރާ އެންމެހައި ހައްގުތައް، ވަގުތީ މުއްދަތުގައި ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި މި ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ލިބިގަތުމުގެ ހައްގު، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ވަޒީފާއަދާކުރާ ފަރާތަށް އެ މުއްދަތުގައި ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ވަޒީފާ ބަޔާން

(ހ) މި މާއްދާގެ (ރ)  ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، އެ ވަޒީފާގައި އަދާކުރަންޖެހޭ ކަންތައްތައް ހިމެނޭ ވަޒީފާ ބަޔާނެއް، ކޮންމެ މުވައްޒަފަކަށް، ލިޔުމަކުން ދޭންވާނެއެވެ.

(ށ) މި ގާނޫނު ހިންގަން ފަށާއިރު، ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، އެމީހުންގެ ވަޒީފާގެ ބަޔާން މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި، ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް ދޭންވާނެއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ވަޒީފާދޭ ފަރާތަކުން އެއްވެސް މީހަކަށް ވަޒީފާއެއް ދޭނަމަ، އެ ވަޒީފާއެއް ދޭ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ވަޒީފާގެ ބަޔާން ހަވާލުކުރަންވާނެއެވެ. އަދި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ބަދަލުވެއްޖެނަމަ ނުވަތަ މަގާމުގެ ކުރިއެރުމެއް ލިބިއްޖެނަމަ އެއައި ބަދަލާގުޅޭ ގޮތުން ވަޒީފާ ބަޔާން އާކުރަންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ، ވަޒީފާގެ ބަޔާން ހިމެނޭ ލިޔުމުގައި، އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. ވަޒީފާދޭ ފަރާތުގެ ނަމާއި، އެޑްރެހާއި، ގައުމީ ނިސްބަތާއި  ކުރާ މަސައްކަތުގެ ބާވަތް؛
  2. މުވައްޒަފުގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު އުޅޭ އެޑްރެހާއި އައިޑެންޓިޓީކާޑު ނަންބަރާއި، އުފަންތާރީހާއި، ގައުމީ ނިސްބަތް؛
  3.  (އުނި ކުރެވިފައި)
  4. (އުނި ކުރެވިފައި)
  5. (އުނި ކުރެވިފައި)
  6. ވަޒީފާގެ ނަމާއި ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތުގެ ބާވަތާއި ތަފްސީލުތައް؛ (އިސްލާހު ކުރެވިފައި)
  7. ވަޒީފާ އަދާ ކުރަންޖެހޭތަން؛
  8. އާދައިގެމަތިން މަސައްކަތް ކުރަންޖެހޭ ގަޑިތައް؛
  9. (އުނި ކުރެވިފައި)
  10. (އުނި ކުރެވިފައި)

(ރ) އަންނަނިވި ހާލަތުތަކުގައި، ވަޒީފާއަދާކުރާ މީހުން މި މާއްދާއިން އިސްތިސްނާ ވާނެއެވެ.

  1. ހަފުތާއެއްގެ ތެރޭގައި އާދައިގެ މަތިން މަސައްކަތް ކުރަންޖެހޭ މިންވަރު ޖުމުލަ 16 ގަޑިއިރަށްވުރެ މަދުވާ މީހުން؛
  2. ކަނޑައެޅިގެން ހަ ހަފުތާއަށްވުރެ ކުރު މުއްދަތަކަށް، ނުވަތަ  ހަ ހަފުތާގެ ތެރޭގައި ކަނޑައެޅިގެން ނިމޭނެ މަސައްކަތެއް ކުރުމަށް ވަޒީފާ އަދާކުރާ މީހުން.

(ބ) ވަޒީފާގެ ބަޔާން، ވަޒީފާދޭ ފަރާތުން މުވައްޒަފާ ހަވާލުކޮށްފައި ނުވާނަމަ، ދެފަރާތުގެ ދެމެދުގައި އަނގަބަހުން އެއްބަސްވެވިފައިވާ ނުވަތަ މި ގާނޫނުގެ ދަށުން އެ އެއްބަސްވުމެއްގައި ހިމެނެންޖެހޭނެ މާއްދާތަކާއި ށަރްތުތަކުގެ ދަށުން އެމުވައްޒަފަކަށް ލިބެންޖެހޭ މަންފާއެއް ލިބިގަތުމަށްޓަކައި، އެ އެއްބަސްވުމެއް ތަންފީޒުކުރުމުގެ ހައްގު އެމުވައްޒަފަކަށް ލިބިގެންވެއެވެ. އަދި އެފަދަ އެއްބަސްވުމެއްގެ ސަބަބުން މުވައްޒަފަކަށް ގެއްލުމެއް ލިބޭގޮތަށް ތަންފީޒުކުރުމުގެ ހައްގެއް ވަޒީފާދޭ ފަރާތަށް ލިބިގެނެއް ނުވެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާ ބަޔާނެއް، މުވައްޒަފާ ހަވާލުކޮށްފައި ނުވާނަމަ، 1,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން، ވަޒީފާދޭ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ދާއިމީ ވަޒީފާ

(ހ) ދާއިމީ ވަޒީފާއެއް ދެމިއޮންނަ މުއްދަތު ގުނަން ފެށޭނީ، ވަޒީފާގެ މަސައްކަތް އަދާކުރަން މުވައްޒަފަކު ފަށާ ދުވަސް ހިމަނައިގެންނެވެ. އަދި އެވަޒީފާއިން ވަކިވާ، ނުވަތަ ވަކިކުރެވޭ ދުވަސް ހިމެނޭގޮތަށް، އެވަޒީފާގެ މުއްދަތު  ދެމި އޮންނާނެއެވެ.

(ށ) އަންނަނިވި ކަންތައްތަކުން ކަމެއް ދިމާވެގެން، މުވައްޒަފަކު މަސައްކަތަށް ނުނިކުތުމުން، އޭނާ ވަޒީފާއަދާކުރާ މުއްދަތު މެދުކެނޑުނީ ކަމުގައި ބަލައިގެން ނުވާނެއެވެ.

  1. މި ގާނޫނުގެ ދަށުން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން، ނުވަތަ ވަޒީފާގެ އެއްބަސްވުމުގެ ދަށުން، ޗުއްޓީއެއް ހޯދައިގެން މަސައްކަތަށް ނުނިކުމެ ހުންނަ ހުރުން؛
  2. މަހު އުޖޫރަ ލިބޭގޮތަށް ނުވަތަ ނުލިބޭގޮތަށްނަމަވެސް މި ގާނޫނުގެ ދަށުން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން، ނުވަތަ ވަޒީފާގެ އެއްބަސްވުމުގެ ދަށުން، މުވައްޒަފަކު މަސައްކަތަށް ނުކުތުން ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ ސަބަބުން، މަސައްކަތަށް ނުނިކުމެ ހުންނަ ހުރުން؛
  3. ވަޒީފާއިން ވަކިކޮށްފައިވަނީ ނަހަމަގޮތުގައި ކަމަށްބަލައި، މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން، ނުވަތަ އެހެން އެއްބަސްވުމެއްގެ ދަށުން، އަލުން އެވަޒީފާ ހަވާލުކުރަންދެން މަސައްކަތަށް ނުނިކުމެ ހުރުން؛
  4. މުވައްޒަފުން މަދުކުރުމުގެގޮތުން، ވަޒީފާދޭ ފަރާތުން ވަގުތީގޮތުން ވަޒީފާއިން ވަކިކޮށްގެން މަސައްކަތަށް ނުނިކުމެ ހުރުމަށްފަހު ވަޒީފާދޭ ފަރާތުގެ މުވައްޒަފެއްގެ ގޮތުގައި އަލުން ވަޒީފާއަށް ނުކުމެފައިވާނަމަ، އެމުއްދަތުގައި މަސައްކަތަށް ނުނިކުމެހުރި ހުރުން؛
  5. ވަޒީފާދޭ ފަރާތުން އެއްބަސްވެގެން މަސައްކަތަށް ނުނިކުމެ ހުންނަ ހުރުން.

 

17 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުން

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، ވަޒީފާގެ އެއްވެސް އެއްބަސްވުމެއް، މުވައްޒަފެއްގެ ރުހުމާ ނުލައި، ވަޒީފާދޭ ފަރާތުން ވަޒީފާ ލިބިދޭ ފަރާތަށް ފިޔަވައި އެހެން ފަރާތަކަށް ބަދަލުކޮށްގެން ނުވާނެއެވެ.

(ށ) ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ އުސޫލުން ކުރާ މަސައްކަތެއް، ނުވަތަ އެވިޔަފާރީގެ ނުވަތަ އެމަސައްކަތެއްގެ ބައެއް، ވިއްކާލުމުން، ނުވަތަ ކުއްޔަށް ދޫކުރުމުން ނުވަތަ ނަގުލުކުރުމުން، ނުވަތަ އެހެންވެސް ގޮތަކުން ދޫކޮށްލުމުން، އެވިޔަފާރިއަކާ ނުވަތަ އެމަސައްކަތަކާ ގުޅޭގޮތުން، އެވަގުތު މުވައްޒަފުންގެ ގޮތުގައިތިބި މީހުންގެ ވަޒީފާގެ އެއްބަސްވުންތައް، އެވިޔަފާރިއެއް ނުވަތަ އެމަސައްކަތެއް ބަދަލުވެގެންދިޔަ ފަރާތަށް، ނަގުލުވާނެއެވެ. މިގޮތުން، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކާ ދެމެދު އުފެދިގެންވާ ހައްގުތަކާއި ވާޖިބުތައް، އެވިޔަފާރިއެއް ނުވަތަ މަސައްކަތެއް ބަދަލުވެގެންދިޔަ ފަރާތާއި ވަޒީފާގައި ތިބި ފަރާތްތަކަށް ބަދަލުވެގެން ދާނެއެވެ. އަދި ބަދަލުވުމުގެ ކުރިން، ވަޒީފާއަދާކުރާ ފަރާތްތަކާއި ވިޔަފާރި ނުވަތަ މަސައްކަތް ބަދަލުކުރި ފަރާތާދެމެދު ހިނގާފައިވާ ކޮންމެ މުއާމަލާތެއްވެސް، ބެލެވޭނީ ވަޒީފާގައި ތިބި ފަރާތްތަކާއި ވިޔަފާރި ނުވަތަ މަސައްކަތް ބަދަލުވެގެންދިޔަ ފަރާތާ ދެމެދު ހިނގާފައިވާ ކަމެއް ކަމަށެވެ.

(ނ) ވިޔަފާރިއެއް ނުވަތަ އެއިން ބައެއް، ނުވަތަ މަސައްކަތެއް ނުވަތަ އެއިން ބައެއް ވިއްކާލުމުން، ނުވަތަ ކުއްޔަށް ދިނުމުން، ނުވަތަ ނަގުލުކުރުމުން، ކުރިން ވަޒީފާދިން ފަރާތަށާއި، ވިޔަފާރި ނުވަތަ މަސައްކަތް ނަގުލުވުމުން ވަޒީފާދޭ ފަރާތް ކަމުގައި ބެލޭ ފަރާތަށް، މުވައްޒަފުން މަސައްކަތްކޮށްދިން މުއްދަތު، އެމީހުންގެ ބޭނުމަށްޓަކައި ގުނޭނީ އެއްމުއްދަތެއްގެ ގޮތުގައެވެ. އަދި އެއްވެސް މެދުކެނޑުމެއް އެމީހުންގެ ވަޒީފާގެ މުއްދަތަށް އައިކަމަކަށް ނުބެލެވޭނެއެވެ.

(ރ) އެއްވެސް ކުށަކާގުޅިގެން، ދައުވާ ކުރެވެމުންދާ ނުވަތަ ދައުވާއެއް ސާބިތުވެފައިވާ، ނުވަތަ ހުކުމެއް އައިސްފައިވާ ފަރާތެއްގެ ޒިންމާއެއް، މި މާއްދާގެ (ށ) ގައިވާ ހާލަތުގައި، އެހެން ފަރާތަކަށް ބަދަލުވެގެނެއް ނުދާނެއެވެ. އަދި އެފަދަ މީހަކު އުފުލަންޖެހޭ ޒިންމާއަށްވެސް އެއްވެސް އުނިކަމެއް ނާންނާނެއެވެ.

 

18 ވަނަ މާއްދާ - ކަނޑައެޅޭ ވަކި ދުވަސްވަރެއްގައި އަދާކުރަންޖެހޭ ވަޒީފާ

އަހަރުގެ ވަކިދުވަސްވަރެއްގައި އެކަނި ކުރަންޖެހޭ މަސައްކަތެއްގައި، ވަޒީފާއަދާކުރާ މުވައްޒަފެއްނަމަ، މެދުނުކެނޑި އެއްއަހަރަށްވުރެ ގިނަ އަހަރު ކޮންމެ އަހަރެއްގެވެސް އެއްދުވަސްވަރަކު ވަޒީފާދޭ ވަކި ފަރާތަކަށް އެމުވައްޒަފަކު ހިދްމަތް ކޮށްފައިވާނަމަ، އޭނާ، އެކި އަހަރުމަތިން އެހިދްމަތްކުރި ދުވަސްތަކުގެ ޖުމުލަ އަދަދަށް، އެވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި ދެމިހުރި މީހެއް ކަމުގައި ބެލެވޭނެއެވެ.

  

މަސައްކަތުގެ އަހްލާގު އަދި ވަޒީފާއިން ވަކިކުރުން

 

19 ވަނަ މާއްދާ - މުވައްޒަފާމެދު އިސްލާހީ ފިޔަވަޅުއެޅުން

(ހ) މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަހްލާގީ މިންގަނޑުތަކަށް ތަބާނުވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ މުވައްޒަފަކާމެދު އަޅަން ފެންނަ އެކަށީގެންވާ އިސްލާހީ ފިޔަވަޅު އެޅުމުގެ ބާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި "އިސްލާހީ ފިޔަވަޅު" ގެ މާނައިގައި އަންނަނިވި ކަންތައްތައް ހިމެނޭނެއެވެ.

  1. ނަސޭހަތްދިނުން؛
  2. ލިޔުމުން އިންޒާރު
  3. ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުން؛
  4. ހުރި މަގާމަށްވުރެ ދަށްމަގާމަކަށް ބަދަލުކުރުން.

(ނ) ވަޒީފާދޭ ފަރާތުން ވަކި މުވައްޒަފަކާމެދު އަޅާފައިވާ އަހްލާގީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްތޯ ބެލުމަށްޓަކައި، މަސައްކަތުގެ އަހްލާގީ މިންގަނޑަށް އެމުވައްޒަފަކު ތަބާނުވި މިންވަރާއި، އެމުވައްޒަފެއްގެ ވާޖިބުތަކާއި، ވަޒީފާދޭ ފަރާތުން އެޅިފިޔަވަޅާއި، އެފިޔަވަޅު އެޅުމުގައި އަމަލުކުރިގޮތާއި، އެ މުވައްޒަފަކު އަހްލާގީ މިންގަނޑާ ހިލާފުވުމުން ލިބުނު ގެއްލުމާއި، އެމުވައްޒަފަކު މަސައްކަތުގެ އަހްލާގު ކުރިން ބަހައްޓަމުން އައިސްފައިވާ ގޮތުގެ މައްޗަށް ރިއާޔަތް ކުރަންވާނެއެވެ.

(ރ) މަސައްކަތުގެ އަހްލާގީ މިންގަނޑަށް ތަބާނުވުމުން އެޅިފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއް ކަމަށް އެފިޔަވަޅު އެޅުނު މުވައްޒަފަކަށް ފެނިއްޖެނަމަ، އެކަމުގެ ށަކުވާ، ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

 

20 ވަނަ މާއްދާ - މުސާރައިން ކެނޑުން ހުއްދަވާ މިންވަރު

(ހ) މުވައްޒަފަކު ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރައިން ކެނޑުން ފިޔަވައި، ވަޒީފާދޭ ފަރާތުން، މުވައްޒަފަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން އިތުރު ޖޫރިމަނާކޮށްގެން ނުވާނެއެވެ.

(ށ) ވަޒީފާދޭ ފަރާތުގެ މުދަލަށް ނުވަތަ ވިޔަފާރިއަށް ގެއްލުމެއް ލިބޭނޭކަން އެނގިހުރެ މުވައްޒަފަކު ކުރާ އަމަލަކުން، ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން، ވަޒީފާދޭ ފަރާތަށް ލިބުނު ގެއްލުމަށް އެކަށީގެންވާ ބަދަލު ދިނުމަށް ކަނޑައެޅުން މި މާއްދާ ހުރަހެއްނާޅައެވެ.

 

21 ވަނަ މާއްދާ - އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުން މަނާކުރުން

(ހ) މުވައްޒަފެއްގެ މަސައްކަތުގެ ގާބިލުކަން ނުވަތަ އަހްލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަހްލާގާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ.

(ށ) މަސައްކަތުގެ އަހްލާގީ މިންގަނޑަށް މުވައްޒަފަކު ތަބާނުވާކަމަށް ބެލުމުގައި، ނުވަތަ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކި ކުރުމުގައި، ތިރީގައި އެވާ ކަންތައްތައް، އެއީ، އެކަށީގެންވާ ސަބަބުތަކެއް ކަމުގައެއް ނުބެލެވޭނެއެވެ.

  1. މުވައްޒަފުގެ ނަސްލު، ކުލަ، ގައުމީ ނިސްބަތް، އިޖްތިމާއީ ނިސްބަތް، ދީން، ސިޔާސީގޮތުން ވިސްނުން ގެންގުޅޭ ހިޔާލު، ނިސްބަތްވާ ސިޔާސީ ޕާޓީ، ޖިންސު، ކައިވެނީގެ ނިސްބަތް، އާއިލީ ގޮތުން އުފުލަންޖެހޭ ޒިންމާތައް، ނުވަތަ އޭނާގައި ހުރި ނުކުޅެދޭ ސިފައެއް؛ (އިސްލާހު ކުރެވިފައި)
  2. ބަލިވެއިނުން ނުވަތަ ބަލިވެއިނުމާ ގުޅިފައިވާ
  3. މި ގާނޫނުގެ ދަށުން މުވައްޒަފަކަށް ލިބިދޭ ހައްގެއްގެ ބޭނުން އޭނާ ކުރުން؛
  4. ބަލިވުމުން ނުވަތަ ލިބުނު ހާނިއްކައެއްގެ ސަބަބުން، ވަގުތީގޮތުން، ވަކި ދުވަސްތަކަކު މަސައްކަތަށް ނުނުކުމެ ހުރުން؛
  5. މަސައްކަތް ކުރަން ތިމާ އުޅެންޖެހޭ މާހައުލަކީ ސީދާގޮތުންނާއި ނުސީދާގޮތުން ނުރައްކާތެރި ގެއްލުމެއް ތިމާގެ ސިއްހަތަށް، ނުވަތަ ފުރާނައަށް ލިބިދާނެ މާހައުލެއް ކަމަށް، އެކަށީގެންވާ ގޮތުގައި ގަބޫލު ކުރެވިގެން، އެމާހައުލުން ދުރުވުމަށް އެމުވައްޒަފަކަށް ލިބިދޭ ހައްގެއްގެ ބޭނުން އޭނާ ކުރުން ނުވަތަ ކުރަން އުޅުން؛
  6. މަސައްކަތްކުރާ މީހުންގެ ޖަމްއިއްޔާއެއްގެ މެންބަރަކަށް މުވައްޒަފަކުވުން، ނުވަތަ އެފަދަ ޖަމްއިއްޔާއަކުން ކުރާ ގާނޫނު ހުއްދަކުރާ ހަރަކާތެއްގައި އޭނާ ބައިވެރިވުން؛
  7. ވަޒީފާދޭ ފަރާތުން ގާނޫނާއި ނުވަތަ ގަވާއިދާ ހިލާފުވެއްޖެ ކަމަށް ތުހުމަތުކޮށް، މުވައްޒަފަކު ށަކުވާއެއް ހުށަހެޅުން، ނުވަތަ އެފަދަ ށަކުވާއެއް ހިމެނިފައިވާ މައްސަލައެއްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުން. 

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ވަޒީފާދޭ ފަރާތުން ހިންގާ ވިޔަފާރިއެއް ނުވަތަ ދެމުންގެންދާ ހިދުމަތެއް ހުއްޓާލަންޖެހުމާ ގުޅިގެން، ނުވަތަ ވަޒީފާދޭ ފަރާތުގެ ހިންގުމަށް ގެންނަ ބަދަލަކާ ގުޅިގެން ނުވަތަ ވަޒީފާދޭ ފަރާތުގެ މާލީ ހިާލަތު ދަށްވުމާ ގުޅިގެން މަގާމެއް އުނިކުރަންޖެހުމުގެ ސަބަބުން، މި މާއްދާގެ (ބ) ގައި ބަޔާންކުރާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، މި މާއްދާގެ ބޭނުމަށްޓަކައި ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވޭނެއެވެ. (އިތުރު ކުރެވިފައި)

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، އެ ސަބަބު ބަޔާންކޮށް، އެފަދައިން އަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި، އަދި ވަކި މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ ނިޔަތުގައި ނޫންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބުތަކަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ހިާލަތްތަކާއި، އެފަދަ ހިާލަތެއްގައި ވަޒީފާދޭ ފަރާތުން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި މިނިސްޓަރު ކަނޑައަޅައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބުތަކަށްޓަކައި މުވައްޒަފު ވަޒީފާއިން ވަކިކުރާއިރު، އެ މުވައްޒަފަކު ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތަށް 1 (އެކެއް) އަހަރު ފުރިފައިނުވާނަމަ، 1 (އެކެއް) މަސްދުވަހުގެ ނޯޓިސް ނުވަތަ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންވާނެއެވެ. ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު 1 (އެކެއް) އަހަރާއި 4 (ހަތަރެއް) އަހަރާ ދެމެދުގެ މުއްދަތެއްނަމަ، ވަޒީފާއިން ވަކިކުރުމަށް، މަދުވެގެން 2 (ދޭއް) މަސްދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންވާނެއެވެ. އަދި ވަޒީފާގައި ހިދުމަތްކޮށްފައިވާ މުއްދަތު 4 (ހަތަރެއް) އަހަރުދުވަހަށްވުރެ އިތުރުވާނަމަ، ވަޒީފާއިން ވަކިކުރުމަށް، މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ނުވަތަ އެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދޭންވާނެއެވެ. (އިތުރު ކުރެވިފައި)

 

22 ވަނަ މާއްދާ - ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުން

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގައިވާ ހާލަތުތަކުގައި މެނުވީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ބާތިލުކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް ދޭންޖެހޭނެކަމަށް ތިރީގައި ބަޔާންކޮށްފައި އެވާ ނޯޓިސް ދިނުމަށްފަހުގައެވެ.

  1. ތިންމަސް ދުވަހަށްވުރެ ކުރުނޫން އަދި އެއްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ދެހަފުތާގެ ނޯޓިސް؛ (އިސްލާހު ކުރެވިފައި)
  2. އެއްއަހަރަށްވުރެ ކުރުނޫން އަދި ފަސް އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް އެއްމަސް ދުވަހުގެ
  3. ފަސްއަހަރަށްވުރެ ގިނަ ދުވަހު ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ދެމަސް ދުވަހުގެ ނޯޓިސް.

(ށ) މި ބާބުގެ ދަށުން މުވައްޒަފަކަށް ލިބިދޭ ޗުއްޓީއެއްގެ ބޭނުން، މުވައްޒަފަކު ކުރަމުންދާ ދަނޑިވަޅެއްގައި، އެ ޗުއްޓީގެ މުއްދަތާއެކު ނޯޓިސްގެ މުއްދަތު ގުނޭގޮތަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިހެއް ދީގެން ނުވާނެއެވެ.

(ނ) މި މާއްދާގައި ނޯޓިސް ދިނުމަށް ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ނޯޓިސް ދިނުމުގައި، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމަކަށް، ނުވަތަ ވަކިމުއްދަތެއްގެ ކުރިން ނޯޓިސް ދޭންޖެހޭ ދިނުމާ ގުޅޭގޮތުން މުވައްޒަފަކަށް ލިބިގެންވާ ހައްގެއް އެއިރަކު އޭނާ ދޫކޮށްލުމަކަށް، މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ ދަށުން ދެވޭ ނޯޓިސް ދޭންވާނީ ލިޔުމުންނެވެ.

 

23 ވަނަ މާއްދާ - ނޯޓިހެއް ދިނުމަކާނުލައި ވަކިކުރުން

(ހ) ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަހްލާގު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތުތަކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާގޮތުގެމަތިން ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަހްލާގު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން؛
  2. ހިޔާނާތެއް ވެފައިވުން.

(ނ) "ނޯޓިހެއް ދިނުމަކާނުލައި ވަކިކުރުން" މާނަކޮށްދެނީ، ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތުން މުވައްޒަފަކަށް ދޭންޖެހޭ ނޯޓިސް ދިނުމަކާ ނުލައި، ނުވަތަ އެ ނޯޓިސް ދޭންޖެހޭ މުއްދަތަށްވުރެ ކުރު މުއްދަތަކަށް ނޯޓިސް ދިނުމަށްފަހު، ވަޒީފާގެ އެއްބަސްވުން، ވަޒީފާދޭ ފަރާތުން ބާތިލުކުރުމެވެ.

 

24 ވަނަ މާއްދާ - ވަޒީފާ އަދާކުރިކަމުގެ ލިޔުން

(ހ) ވަޒީފާގެ އެއްބަސްވުމެއް ނިމުމަކަށް ގެނައުމަށްފަހު، އެކަން މުވައްޒަފަށް އަންގާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެ މުވައްޒަފަކު އެދިއްޖެ ނަމަ، އަންނަނިވި ކަންތައްތަކަށް އިށާރާތްކޮށް ވަޒީފާ އަދާކުރިގޮތުގެ ލިޔުމެއް، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރި ފަރާތަށް ދޫކުރަންވާނެއެވެ.

  1. ވަޒީފާދޭ ފަރާތުގެ ނަމާއި އެޑްރެސް؛
  2. ވަޒީފާދޭ ފަރާތުން ކުރާ މަސައްކަތުގެ ބާވަތް؛
  3. މެދުކެނޑުމެއްނެތި ވަޒީފާގައި އެމުވައްޒަފަކު ދެމިހުރި މުއްދަތު؛
  4. ވަޒީފާ އަދާކުރި ތަން؛
  5. ވަޒީފާއިން ވަކިވުމުގެ ކުރިން އެމުވައްޒަފަކު އަދާކުރަމުން އައި ވަޒީފާ؛
  6. ވަޒީފާއިން ވަކިވި ތާރީހާ ހަމަޔަށް، އެ މުވައްޒަފަކަށް ލިބެމުންދިޔަ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް.

(ށ) މުވައްޒަފަކު އެދިއްޖެ ހިނދެއްގައި މެނުވީ، އެމުވައްޒަފަކު ވަޒީފާއިން ވަކިވާން ދިމާވި ސަބަބު، ނުވަތަ އޭނާ ވަޒީފާ އަދާކުރި ގޮތާމެދު ވަޒީފާދޭ ފަރާތުން ދެކޭގޮތް، ވަޒީފާ އަދާކުރި ގޮތުގެ ލިޔުމުގައި، ހިމަނައިގެން ނުވާނެއެވެ.

 

25 ވަނަ މާއްދާ - ނޯޓިސްދިނުމުގެ ބަދަލުގައި ފައިސާ ދިނުން

ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެނޯޓިސްގެ މުއްދަތު ނިމޭދުވަހާ ހަމައަށް، އެމުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް، ހަމައަށް އޭނާއަށް ދިނުމަށްފަހު، ވަޒީފާދޭ ފަރާތަށް، އޭނާ ވަޒީފާއިން ވަކިކުރެވިދާނެއެވެ.

 

26 ވަނަ މާއްދާ - ވަޒީފާ ދޫކޮށްލުން

(ހ) ވަޒީފާދޭ ފަރާތުން މި ގާނޫނާ ނުވަތަ ވަޒީފާގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފަށް އަމަލުކުރާނަމަ، ވަޒީފާއަދާކުރާ ފަރާތުން ވަޒީފާދޭ ފަރާތަށް އެކަން ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ. މިގޮތުން ދޭ ނޯޓިސްގައި އެފަދަ ކަންކަން ރަނގަޅުކުރުމަށް ދީފައިވާ މުއްދަތުގައި އެދިފައިވާ ކަންކަން ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ރަނގަޅުނުކޮށްފިނަމަ، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން ވަކިވުމަށް ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، ވަކިވުމުގެ ހައްގު ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ)  ގެ ދަށުން، މުވައްޒަފަކު ވަޒީފާގެ އެއްބަސްވުން ބާތިލުކޮށްފިނަމަ، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާދޭ ފަރާތުން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރީ ކަމުގައި ބެލެވޭނެއެވެ.

 

27 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށްދިނުން

މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ށަކުވާއެއް ނުވަތަ ދައުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)

 

28 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުމާ ވިދިގެން ށަކުވާ އުފުލުން

(ހ) ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް ގަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ށަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. ވަޒީފާ އަދާކުރި މީހާއަށް ނޯޓިސް ލިބުނު ތާރީހުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

(ށ) ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތަ އެ ވަޒީފާއެއް އަދާކުރާ މީހާ، އެވަޒީފާގެ ގޮތުން އިސްތިއުފާ ދޭންޖެހޭ ނުވަތަ މުސްކުޅި ކުރަންޖެހޭ ދުވަސްއައުމުން، ވަޒީފާއިން ވަކިކޮށްފިނަމަ، އެކަމުގެ ށަކުވާ، މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ކުރުމުގެ ހައްގެއް އެމުވައްޒަފަކަށް ލިބިގެނެއް ނުވެއެވެ.

 

29 ވަނަ މާއްދާ - އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުން މުވައްޒަފަށް ލިބިދޭ ގާނޫނީ ހައްލު

(ހ) މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެހިނދެއްގައި، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޓްރައިބިއުނަލުން އަމުރު ނެރެންވާނެއެވެ.

  1. އެމުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކުރުން؛
  2. މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުން، އަދި އެއަމުރުގައި ބަޔާންވެގެންވާ ނުވަތަ ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު އެއްބަސްވެވޭ ށަރްތުތަކަކާއި މާއްދާތަކަކާ އެއްގޮތަށް އަމަލު ކުރުމަށާއި، ވަކި ތާރީހަކުން ފެށިގެން އެވަޒީފާއާ ހަވާލުވުމަށް އަމުރުކުރުން؛
  3. މި މާއްދާގެ (ރ)  ގައިވާ ގޮތުގެމަތިން، ބަދަލުދިނުމަށް އަމުރުކުރުން.

(ށ) ޓްރައިބިއުނަލުން އަމުރެއް ނެރުމުގައި، ފުރަތަމަ ބަލަންވާނީ އެމުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށެވެ. ނުވަތަ އެވަޒީފާއާގުޅޭ، ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށެވެ. މިފަދައިން ބެލުމުގައި، ވަޒީފާއިން ވަކިކުރެވުނު ހާލަތުތަކަށާއި، ވަޒީފާއިން ވަކިކުރަން ދިމާވީ މުވައްޒަފަކު ކުރި އަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ.

(ނ) މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޖެހުނީ، އޭނާގެވެސް ކޮންމެވެސް މިންވަރެއްގެ ހިއްސާއެއްއޮތްކަމަށް ނުވަތަ ކޮންމެވެސް ވަރަކަށް އޭނާ ފަހިކޮށްދިން ކަމެއްގެ ސަބަބުންކަމަށް، ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އެމުވައްޒަފަކަށް ވަޒީފާ އަނބުރާ ދިނުމަށްކުރާ އަމުރުގެ ތެރޭގައި، އެމުވައްޒަފަކު އުފުލަންޖެހޭ ކޮންމެވެސް މިންވަރެއްގެ އުގޫބާތެއްވެސް ހިމެނިދާނެއެވެ.

(ރ) ބަދަލުދިނުމުގެ އަމުރެއް ޓްރައިބިއުނަލުން ނެރުމުގައި، ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާކަމަށް އަދި އަދުލުވެރިކަމަށް ޓްރައިބިއުނަލަށް ފެންނަ އަދަދަކަށެވެ. މިފަދައިން އަދަދު ކަނޑައެޅުމުގައި، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން އަމަލުކުރިގޮތުން އެމުވައްޒަފަކަށް ސީދާގޮތުން ލިބުނު ގެއްލުމަށާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފަކުކުރި އަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނަ ބައިވެރިވާ މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ. މުވައްޒަފަށް ބަދަލު ދިނުމުގައި، އޭނާ ވަޒީފާއިން ވަކިކުރީ މި ގާނޫނުގެ  23 ވަނަ މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް ބިނާކޮށް ކަމުގައިވާނަމަ، އެކަމަށްޓަކައި އެމުވައްޒަފަކަށް އިތުރު އަދަދެއްގެ ފައިސާ ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރެވިދާނެއެވެ.

 

30 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް މަރުވުން

ވަޒީފާގެ އެއްބަސްވުން ބިނާވެފައިއޮތީ، ވަޒީފާދޭ ފަރާތުގެ ފަރުދީ ހައިސިއްޔަތުގެ މައްޗަށް ކަމުގައިވާނަމަ، އޭނާ ނިޔާވި ދުވަހުންފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 22 ވަނަ މާއްދާގެ (ހ)  ގެ ދަށުން އެއްބަސްވުން ނިމުމަކަށް ގެނެސްފައި ނުވާނަމަ، އެ އެއްމަސް ދުވަސް ހަމަވުމުން، އެ އެއްބަސްވުން ބާތިލުވާނެއެވެ.

 

31 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް ބަނގުރޫޓުވުން

(ހ) ވަޒީފާދޭ ފަރާތް ބަނގުރޫޓު ވެއްޖެނަމަ ނުވަތަ ވަޒީފާދޭ ފަރާތުގެ ވިޔަފާރި ނުވަތަ މަސައްކަތް ހުއްޓާލައިފިނަމަ، އެދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 22 ވަނަމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިނުވާނަމަ، އެ އެއްމަސްދުވަސް ހަމަވުމުން، އެވަޒީފާގެ އެއްބަސްވުން ބާތިލުވާނެއެވެ.

(ށ) ވަޒީފާދޭ ފަރާތް ބަނގުރޫޓުވިޔަސް، އެފަރާތުގެ މަސައްކަތް ހުއްޓުމަކަށް ނުގެންނަނަމަ، ނުވަތަ އެމަސައްކަތް އެހެން ފަރާތަކަށް ބަދަލުކޮށްފައިވާނަމަ، މި މާއްދާގެ ދަށުން ވަޒީފާގެ އެއްބަސްވުން ބާތިލެއް ނުވާނެއެވެ.

(ނ) ވަޒީފާދޭ ފަރާތް، ބަނގުރޫޓުވުމުން، ނުވަތަ އެފަރާތުގެ މަސައްކަތް ހުއްޓާލުމުން، މުވައްޒަފުން ނުވަތަ އެމީހުން ތަމްސީލުކުރާ ފަރާތަކުން، އެމުވައްޒަފުންނަށް ލިބެންވާ މުސާރައާއި އެހެނިހެން ފައިސާއަށް އެދި ދައުވާ ކޮށްފިނަމަ، ވަޒީފާދޭ ފަރާތް ދަރަނި އަދާކުރަންޖެހޭ ސަރުކާރުގެ ދާއިރާއެއް ވާނަމަ، އެދާއިރާއަކަށާއި އެހެން ހުރިހާ ފަރާތްތަކަށް ލިބެންވާ ފައިސާ ހޯދައިދިނުމަށްވުރެ ބޮޑަށް އިސްކަން ދޭންވާނީ، ތިރީގައިއެވާ ނިސްބަތަށް މުވައްޒަފުންނަށް ފައިސާ ހޯދައިދިނުމަށެވެ.

  1. ބަނގުރޫޓުވުމުން ނުވަތަ ވިޔަފާރި ހުއްޓާލުމުގެ ކުރިން ހިނގައިދިޔަ 27 ހަފުތާގެ ތެރޭގައި މުވައްޒަފުންނަށް ލިބެންވާ، މުސާރަ، އިތުރުގަޑީގެ ފައިސާ، ކޮމިށަން، ސަރވިސްޗާޖް، އަދި އެހެނިހެން މާލީ ފައިދާތައް؛
  2. ބަނގުރޫޓުވުމުގެ ނުވަތަ މަސައްކަތް ހުއްޓާލުމުގެ ކުރިން ހިނގައިދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި، ޗުއްޓީ ލިބެންވާ ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާނަމަ، ޗުއްޓީނުނަގާ މަސައްކަތް ކުރުމުން އޭގެ ބަދަލުގައި ލިބެންވާ ފައިސާ؛
  3. ބަނގުރޫޓުވުމުގެ ނުވަތަ މަސައްކަތް ހުއްޓާލުމުގެ ކުރިން ހިނގައިދިޔަ 12 މަސްދުވަހުގެ ތެރޭގައި، މުސާރައިން ނުކެނޑޭގޮތަށް މަސައްކަތަށް ނުނިކުމެ ހުރިނަމަ، އެދުވަސްތަކަށް ލިބެންވާ
  4. އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ބަދަލުދޭން ޖެހިފައިވާނަމަ، އެބަދަލުގެ ފައިސާއާއި ވަޒީފާއިން ވަކިކުރާއިރު، އެއްވެސް ފައިސާއެއް ދޭން އޮތްނަމަ އެފައިސާ. 

 

މަސައްކަތްކުރާ ގަޑި 

 

32 ވަނަ މާއްދާ - ހަފުތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތައް

(ހ) ހަފުތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތް ކުރެވޭ ގަޑިތައް ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން 48 ގަޑިއިރަށްވުރެ އިތުރަށް އެއްވެސް މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެއެވެ. މި އުސޫލުގެ ތެރޭގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިތުރުގަޑީގައި މަސައްކަތް ކުރުވުމެއް ނުހިމެނޭނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މުވައްޒަފަކު އަރާމުކުރުމަށް އާދައިގެމަތިން ހަމަޖެހިފައިވާ ދުވަހެއްގައި ނުވަތަ ދެފަރާތުން އެއްބަސްވެފައިވާ ދުވަހެއްގައި، އަރާމުކުރުމަށް ވިދިވިދިގެން 24 ގަޑިއިރުގެ މުއްދަތެއްނުދީ، އެއްވެސް މުވައްޒަފަކުލައްވާ ވިދިވިދިގެން 6 ދުވަހަށްވުރެ ދިގުމުއްދަތަކަށް މަސައްކަތް ކުރުވައިގެން ނުވާނެއެވެ.

(ނ) ޓޫރިސްޓު ރިސޯޓުތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި މަސައްކަތްކުރާ މީހެއް ނުވަތަ މީހުން އަދި މީހުން  ދިރިނޫޅޭ ސިނާއީ މަސައްކަތްތައްކުރާ ރަށްރަށުގައި މަސައްކަތްކުރާ މީހެއް ނުވަތަ މީހުންނާއި ވަޒީފާ ދޭފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުމުގައި، ކަނޑައަޅާފައިވާ ގޮތެއްގެމަތީން ވިދިވިދިގެން 6 ދުވަހަށްވުރެ ދިގުމުއްދަތަކަށް މަސައްކަތް ކުރުމަށްފަހު، ވިދިވިދިގެން 6 ދުވަހަށްވުރެ ދިގުމުއްދަތަކަށް މަސައްކަތްކުރާ ކޮންމެ 6 ދުވަހަކަށް 1 ދުވަހުގެ މަގުން އަރާމްކުރުމަށް ދުވަސްތައް އެއްކޮށް ނެގުމަށް މި މާއްދާގެ (ށ) ހުރަހެއް ނާޅައެވެ. (އިތުރު ކުރެވިފައި)

(ރ) ޓޫރިސްޓު ރިސޯޓުތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި މަސައްކަތް ކުރާ މީހެއް ނުވަތަ މީހުން އަދި މީހުން ދިރިނޫޅޭ ސިނާއީ މަސައްކަތްތައްކުރާ ރަށްރަށުގައި މަސައްކަތްކުރާ މީހަކު، ނުވަތަ މީހުން ވަޒީފާ ބަޔާނުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ދުވާލަކު އިތުރު 2 ގަޑިއިރު މަސައްކަތްކުރުވުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. ނަމަވެސް މި ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މިގޮތުން އިތުރުވާ ގަޑިތަކަށް އިތުރުގަޑީގެ ފައިސާ ދޭންވާނެއެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގައިވާ ގޮތުގެމަތިން، ވަޒީފާދޭ ފަރާތުން މުވައްޒަފަކު ލައްވާ މަސައްކަތްކުރުވާ ވަގުތާއި، ގަޑިއާއި، އިތުރު ގަޑީގައި މަސައްކަތްކުރުވާ ވަގުތާއި، އިތުރު ގަޑީގެ ގޮތުގައި މުވައްޒަފަށްދޭ ފައިސާގެ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ވަޒީފާދޭ ފަރާތުން ބަލަހައްޓަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މައުލޫމާތު، ލޭބަރ ރިލޭށަންސް އޮތޯރިޓީން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން ވަޒީފާ ދޭފަރާތުން އެ އޮތޯރިޓީއަށް ދޭންވާނެއެވެ. (އިތުރު ކުރެވިފައި)

(ކ) މި މާއްދާގެ (ޅ) ގެ ދަށުން، ލޭބަރ ރިލޭށަންސް އޮތޯރިޓީން އަންގާ އެންގުމަކާ ހިލާފުވެއްޖެ ފަރާތެއް، 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

 

33 ވަނަ މާއްދާ - ދުވާލަކު އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތައް ކަނޑައެޅުން

އާންމުކޮށް ދުވާލަކު އެންމެ ގިނައިން މަސައްކަތްކުރެވޭނެ ގަޑިތައް ކަނޑައަޅާ ގަވާއިދެއް ހެދުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - އިސްތިސްނާވާ މުވައްޒަފުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް މި ގާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން އިސްތިސްނާވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. ކުއްލި ހާލަތުތަކުގައި މަސައްކަތް ކުރާ މީހުން؛
  2. ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާ ބޯޓުގައި މަސައްކަތް ކުރާ މީހުން؛
  3. މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތުމީހުން (އިސްލާހު ކުރެވިފައި)
  4. އޮންކޯލް ޑިއުޓީގައި ތިބޭ ވަގުތުތަކުގައި، އޮންކޯލް ޑިއުޓީގައި ތިބޭ މީހުން. (އިސްލާހު ކުރެވިފައި)
  5. (އުނި ކުރެވިފައި)
  6. ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި، އެ ހާލަތެއްގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް މި ބާބުގައިވާ މާއްދާތައް ވަގުތީގޮތުން ނުހިނގާގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ހަމަޖެއްސިދާނެއެވެ.

  1. އެކްސިޑެންޓެއް ދިމާވުމުން، ނުވަތަ ވަޒީފާ ދޭފަރާތުގެ ބާރު ނުހިނގާ ކަމެއް ދިމާވުމުން، ނުވަތަ އެފަދަ ކަމެއް ދިމާވެދާނެކަންކަން ޔަގީންވުމުން، ނުވަތަ މަސައްކަތްކުރާ ތަނުގެ އިމާރާތާ ނުގުޅޭގޮތުން، ނުވަތަ މަސައްކަތުގައި ބޭނުންކުރާ ސާމާނާ ގުޅޭގޮތުން، ކޮންމެހެން އަވަހަށް ކޮށްނިންމަންޖެހޭ މަސައްކަތެއް ކުރަންޖެހުމުން، އެކަންކަމަށްޓަކައި އިތުރުގަޑީގައި އެއްވެސް މަސައްކަތެއް ނުކޮށްފިނަމަ، ވަޒީފާދޭ ފަރާތުގެ މަސައްކަތް އާދައިގެމަތިން ހިނގަމުންދާގޮތަށް، ނުރަނގަޅު އަދި ބޮޑު އަސަރެއް ކޮށްފާނެފަދަ ހާލަތެއް ދިމާވުން؛
  2. ހާއްސަ ހާލަތުތަކެއްގެ ސަބަބުން، އާދައިގެމަތިން ކުރާ މަސައްކަތަށްވުރެ އިތުރަށް ވަޒީފާދޭ ފަރާތުން ކޮށް ނިންމަންޖެހޭ މަސައްކަތްތަކެއް ދިމާވުން؛
  3. އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި، ހަލާކުވިޔަ ނުދިނުމަށް ކޮންމެހެން މަސައްކަތްކުރަން ޖެހޭފަދަ ހާލަތެއް ދިމާވުން.

(ނ) މި މާއްދާގެ (ށ)  ގައިވާ ގޮތުގެމަތިން ވަގުތީގޮތުން އިސްތިސްނާވާ ފަރާތްތަކުން ކުރަންޖެހުނު މަސައްކަތެއްކޮށް ނިމުމުން، މި ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތާ އެއްވަރުގެ މުއްދަތެއް އެމީހުން އަރާމުކުރުމަށް ވަޒީފާދޭ ފަރާތުން އެމީހުންނަށް ދޭންވާނެއެވެ. އަދި ދުވާލަކު އާންމުކޮށް އެންމެގިނަވެގެން މަސައްކަތް ކުރެވޭ ގަޑީގެ އިތުރަށް މަސައްކަތް ކޮށްފިނަމަ، އެގަޑިތަކަށް މި ގާނޫނުގެ 37 ވަނަ މާއްދާގެ (ށ)  ގައިވާ ގޮތުގެ މަތީން، އިތުރުގަޑީގެ ފައިސާވެސް، ވަޒީފާދޭ ފަރާތުން އެމީހުންނަށް ދޭންވާނެއެވެ.

 

34-1 ވަނަ މާޢްދާ  - މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު (އިތުރު ކުރެވިފައި)

(ހ) މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ މަސައްކަތްކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއްފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެއެވެ. އަދި، މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ ވަޒީފާއަދާކުރާ ތަން ދޫކޮށް ދިއުމާއި ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ވަޒީފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ހުރަސްއަޅައިގެންނުވާނެއެވެ.

(ށ) މަސައްކަތު ގަޑި ނިމުމުން، މުވައްޒަފަކު އޭނާ ވަޒީފާއަދާކުރާ ތަން ދޫކޮށް ދިއުމަށް އަދި ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ފުރާދުއްވާ އުޅަނދެއް ބޭނުންކުރަންޖެހޭނަމަ، އެ އުޅަނދަކަށް އެތަނަކަށް ކައިރިކުރުމުގެ ހުއްދަ ވަޒީފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ދޭންވާނެއެވެ.

 

35 ވަނަ މާއްދާ - ކެއުމުގެ ގަޑި

(ހ) ވަޒީފާދޭ ފަރާތުން، މުވައްޒަފަކުލައްވާ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުވައިގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް ކުރަން ހުއްދަ ދީގެންވެސް ނުވާނެއެވެ.

  1.  މަދުވެގެން 30 މިނެޓުގެ ވަގުތުކޮޅެއް ކެއުމަށް ނުދީ، މެދުކެނޑުމެއްނެތި ގިނަވެގެން ފަސްގަޑިއިރަށްވުރެ އިތުރަށް މަސައްކަތް
  2. ކެއުމަށް، މުވައްޒަފަކަށް ލިބޭ ވަގުތުގައި، އޭނާ ލައްވާ އެއްވެސް މަސައްކަތެއް ކުރުވުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާވާ މުވައްޒަފުންނަށް، އެމުވައްޒަފުންނާއި އެމުވައްޒަފުންނަށް ވަޒީފާދޭ ފަރާތާ ދެމެދު އެއްބަސްވާ ގޮތެއްގެމަތިން، އެހެން އުސޫލަކުން ކެއުމުގެ ގަޑި ކަނޑައަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

 

36 ވަނަ މާއްދާ - ނަމާދު ކުރުމުގެ ވަގުތާއި، ހުސްވަގުތު

(ހ) ވަޒީފާއަދާކުރާ ކޮންމެ މީހަކަށްވެސް، ނަމާދުކުރުމަށް، އެނަމާދެއްގެ ވަގުތު ފާއިތުނުވަނީސް، މަސައްކަތަށް ދަތިނުވާނޭ ގޮތުގެމަތިން 15 މިނެޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ.

(ށ) މިމާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ހުސްވަގުތުކޮޅެއް ނުލިބި މަސައްކަތުގައި ހޭދަވާ ކޮންމެ ހަތަރު ގަޑިއަކުން އެއްފަހަރު 15 މިނެޓުގެ ހުސްވަގުތުކޮޅެއް ދޭން ވާނެއެވެ.

 

37 ވަނަ މާއްދާ - އިތުރުގަޑި

(ހ) ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މެނުވީ، އިތުރުގަޑީގައި މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެއެވެ. މިފަދައިން މަސައްކަތްކުރުވާނަމަ، މި މާއްދާގެ (ށ) ގައިވާ ގޮތަށާއި، މި ގާނޫނުގެ 38 ވަނަ މާއްދާގައި ބުނާގޮތަށް އަމަލުކުރަންވާނެއެވެ.

(ށ) މުވައްޒަފަކުލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ¼1 ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތްކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ½1 ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި، އެމުވައްޒަފަކަށް، ވަޒީފާދޭފަރާތުން ދޭންވާނެއެވެ.

 

38 ވަނަ މާއްދާ - ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުން

އާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހެއްގެ ގޮތުގައި، ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކުލައްވާ މަސައްކަތް ކުރުވާނަމަ، އޭނާއަށް މަދުވެގެން ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ އޯވަރޓައިމްގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އެމުވައްޒަފުގެ މުސާރައިގައި ހިމަނައިގެން ވަޒީފާދޭ ފަރާތުން، އެމުވައްޒަފަކަށް ދޭންވާނެއެވެ.

 

ހައްގުވާ އެކިއެކި ޗުއްޓީ

39 ވަނަ މާއްދާ - އަހަރީ ޗުއްޓީ

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާ އަދާކުރާތާ އަހަރުވުމުން، ކޮންމެ އަހަރަކު، މުސާރަލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ.

 

40 ވަނަ މާއްދާ - ޗުއްޓީގައި ހުންނައިރު މަސައްކަތް ނުކުރުން

މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓާ، ވަޒީފާދޭ ފަރާތުން، އެފަރާތުގެ އެއްވެސް މަސައްކަތެއް އެމުވައްޒަފަކު ލައްވައި ކުރުވައިގެން ނުވާނެއެވެ. ނުވަތަ އެފަދައިން މަސައްކަތް ކުރުވުމަށް ހުއްދަކޮށްގެން ނުވާނެއެވެ.

 

41 ވަނަ މާއްދާ - ޗުއްޓީދޭ ތާރީހު

(ހ) މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީ ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. ޗުއްޓީފެށޭ ތާރީހު ކަނޑައަޅާނީ، އެޗުއްޓީ ހައްގުވާ މުވައްޒަފަކާ މަށްވަރާކުރުމަށްފަހު، ވަޒީފާދޭ ފަރާތުންނެވެ. މިގޮތުން، ޗުއްޓީފެށޭ ތާރީހަކީ، ޗުއްޓީ ހައްގުވާ އަހަރު ނިމުނު ތާރީހުން ފެށިގެން 12 މަސްދުވަހަށްވުރެ ފަހުގެ ތާރީހަކަށް ވެގެން ނުވާނެއެވެ.
  2. މި ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތީން ދެވޭ ސަލާމުގެ ޗުއްޓީ ނުވަތަ މި ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެމަތީން ދެވޭ ވިހެއުމުގެ ޗުއްޓީ ނުވަތަ ވަޒީފާއިން ވަކިކުރުމަށްދޭ ނޯޓިސް ދީފައިވާ މުއްދަތު އަހަރީ ޗުއްޓީން އުނިވާގޮތަކަށް ޗުއްޓީ ނުދެވޭނެއެވެ.
  3. މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެމުވައްޒަފަކު އާދައިގެ ގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެފަދަ ކޮންމެ ބަންދު ދުވަހަކަށް، ދުވަހެއް، އެމުވައްޒަފެއްގެ ޗުއްޓީއަށް އިތުރު ކުރެވޭނެއެވެ.

(ށ) ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެމަތިން މުވައްޒަފަކު އެދެފިނަމަ، އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށްވުރެ ލަސްނުވާނެ ގޮތުގެމަތިން، އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިންޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭންވާނެއެވެ. ނަމަވެސް، ދައުލަތުން މުސާރަދޭ މުވައްޒަފަކު އެ މުވައްޒަފަކު ޗުއްޓީގައި ހުރި ނަމަވެސް، އާންމު ގޮތެއްގައި މުސާރަދޭ އުސޫލުން މުސާރަ ދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މުވައްޒަފަކު، ވަޒީފާއިން ވަކި ކުރާނަމަ، އެމުވައްޒަފަކަށް ލިބިދޭ އަހަރީ ޗުއްޓީއެއްގެ ބޭނުން ނުކޮށް އޮތުމުން އެ ޗުއްޓީއަށް ލިބެންވާ ފައިސާ، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ނުދީ އޮތްކަމަށްވާނަމަ، ވަޒީފާއިން ވަކިކުރާއިރު، އެ ފައިސާ އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދޭންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން މުވައްޒަފަކަށް ދޭންޖެހޭ ފައިސާ ކަނޑައަޅާނީ، އޭނާ ޗުއްޓީ ނެގި ދުވަހުގެ ކުރިން ނުވަތަ އޭނާ ވަޒީފާއިން ވަކިވުމުގެ ކުރިން އޭނާއަށް ލިބެމުންއައި މުސާރައިގެ ނިސްބަތަށް ބަލައިގެންނެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ހާލަތުގައި މެނުވީ، މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީގެ ބަދަލުގައި، އެއްވެސް ފައިސާއެއް، ވަޒީފާދޭ ފަރާތުން ދީގެން ނުވާނެއެވެ.

(ޅ) މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މުވައްޒަފަކަށް ލިބިދޭ ޗުއްޓީއެއް ދޫކޮށްލުމަށް، ނުވަތަ ބޭނުން ނުކުރުމަށް އެއްވެސް އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެކެވެ.

 

42 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީ (ސުރުހީއާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ.

(ށ) ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ.

(ނ) މި މާއްދާގެ (ށ) އެހެންއޮތް ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ ތެރެއިން 15 (ފަނަރަ) ދުވަސް، ވިދިވިދިގެން 2 (ދޭއް) ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިސީތިޔާރު، ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ.

 

43 ވަނަ މާއްދާ - ވިހެއުމާ ގުޅިގެންދޭ ޗުއްޓީ

(ހ) އަންހެން މުވައްޒަފަކު، ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓް ހުށަހެޅުމުން، އެ މުވައްޒަފަކަށް، ވިހެއުމާ ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީ ދޭންވާނެއެވެ. ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ދިނުމުގައި ވިހާނެކަމަށް ލަފާކުރާ ދުވަހުގެކުރިން ހިނގާގޮތަށް ގިނަވެގެން ދެވޭނީ 30 ދުވަހުގެ ޗުއްޓީއެވެ. މިމާއްދާ މިހެން އޮތުމަކުން، ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ފުރިހަމަނުކޮށް ވަޒީފާއަށް ނުކުތުން އެމުވައްޒަފަކަށް މަނައެއް ނުކުރެއެވެ.

(ށ) ވިހެއުމާގުޅިގެންދޭ ޗުއްޓީއަކީ، މި ގާނޫނުގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން ލިބިދޭ އެހެނިހެން ޗުއްޓީތަކުގެ އިތުރަށް އަންހެން މުވައްޒަފުންނަށް ދެވޭ ޗުއްޓީއެކެވެ.

(ނ) އަންހެން މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި އިންނަ މުއްދަތުގައި، ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި، އިނާޔަތްތަކާއި، މަގާމުގެ ކުރިއެރުން ލިބިދިނުން ފަދަ ހައްގުތައް ފުރިހަމައަށް ލިބެންވާނެއެވެ. މިގޮތުން، ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކަށާއި، މަގާމުގެ ކުރިއެރުން ލިބުމަށް ވަޒީފާގެ މުއްދަތު ގުނޭގުނުމަކަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެއެވެ. އަދި އޭނާ ވަޒީފާ އަދާކުރާ މުއްދަތަށް އެއްވެސް ހުއްޓުމެއް އައީކަމަށް ނުވަތަ މެދުކެނޑުނީ ކަމަށް ނުވަތަ އެމުއްދަތު ކުރުވީކަމަށްވެސް ބަލައިގެން ނުވާނެއެވެ.

(ރ) ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއެއްގައި ވަޒީފާއަދާކުރާ އަންހެން މުވައްޒަފަކު އިންނައިރު އޭނާގެ މުސާރަ އޭނާއަށް ދޭންވާނެއެވެ. މިގޮތުން އޭނާއަށް ހައްގުވާ މުސާރައިގެ ފައިސާ ދޭނީ، އާންމުކޮށް މުސާރަދޭ ދުވަހުއެވެ.

(ބ) އަންހެން މުވައްޒަފަކު، ބަލިވެއިނުމުގެ ސަބަބުން، ނުވަތަ ވިހެއުމުގެ ސަބަބުން، ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް ނުވަތަ އޭނާގެ ދަރިފުޅު ބައްޔެއް ވެއްޖެކަމަށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓުފިކެޓެއް ދީފިނަމަ، ވިހެއުމުގެ ކުރިން ގިނަވެގެން 28 ދުވަހުގެ ޗުއްޓީއެއް އަދި ވިހެއުމުގެ ފަހުން ގިނަވެގެން 28 ދުވަހުގެ ޗުއްޓީއެއް މި މާއްދާގެ (ހ) ގައިވާ މުއްދަތުގެ އިތުރަށް ދޭންވާނެއެވެ. މިގޮތުން ދެވޭ ޗުއްޓީގެ ދުވަސްތަކަށް މުސާރަ ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ.

 

44 ވަނަ މާއްދާ - އަނބުރާ އައުމުގެ ހައްގު

(ހ) ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަވުމުން، އެ މުވައްޒަފަކު ޗުއްޓީ ނެގުމުގެ ކުރިން ލިބެމުންއައި މަންފާތަކާއި ހައްގުތައް ލިބޭގޮތަށް، އެ ޗުއްޓީ ނެގުމުގެ ކުރިން އޭނާ އަދާކުރަމުން އައި ވަޒީފާއަށް، ތިރީގައިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެއްޖެ ހާލަތެއްގައި މެނުވީ، އަނބުރާ އައުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ.

  1. މަސައްކަތްކުރާ ތަނުގެ އިގްތިސާދީ، ނުވަތަ ފަންނީ، ނުވަތަ އިންތިޒާމީ ސަބަބަކާހުރެ، އެތަނުގައި ،އެވަޒީފާ ނެތުން؛
  2. އޭނާ އެވަޒީފާ އަދާކުރުމުގައި ދެމިހުރުމަށް ނުކުޅެދުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އެ މުވައްޒަފަށް ގެއްލުނު، ނުވަތަ އަދާކުރުމަށް ނުކުޅެދުނު ވަޒީފާގެ ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް މަސައްކަތްކުރާ ތަނުން ހޯދައިދިނުމަށް ވަޒީފާދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅު އަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އޭނާ ކުރިން އަދާކުރަމުންއައި ވަޒީފާގެ ބަދަލުގައި އެ މުވައްޒަފަކަށް އެކަށޭނަ ވަޒީފާއެއް ހޯދައިނުދެވިއްޖެނަމަ ނުވަތަ އެފަދަ ވަޒީފާއެއް، އަދާކުރުމަށް އެމުވައްޒަފަކު އެކަށީގެންވާ ސަބަބެއްނެތި އިއުތިރާޒް ކޮށްފިނަމަ، މި ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ނޯޓިސްދީ ވަޒީފާގެ އެއްބަސްވުން ބާތިލު ކުރެވިދާނެއެވެ.

 

45 ވަނަ މާއްދާ - ކުއްޖާ ބެލުމަށް ވަގުތުދިނުން

މުވައްޒަފަކު، ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭގޮތުން، ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް ދިޔުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު 2 ފަހަރު ދޭންވާނެއެވެ. މިގޮތުގެމަތިން ހުސްވަގުތުކޮޅެއް ދިނުން ލާޒިމުވެގެންވަނީ ދަރިފުޅުގެ އުމުރުން 1 އަހަރު ފުރުމާ ހަމައަށެވެ.

 

46 ވަނަ މާއްދާ - މަޔަކަށް ނުވަތަ ބަފަޔަކަށްވުމުން ލިބޭ ޗުއްޓީ

(ހ) ވިހެއުމާގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ވިހޭ ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް އެއްއަހަރު ދުވަހަށްވުރެ ދިގުނޫން ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ.

(ށ) ވަޒީފާދޭ އެއްފަރާތެއްގައި، ދަރިފުޅުގެ މަންމައާއި ބައްޕަ ވަޒީފާ އަދާކުރާނަމަ، އެމީހުންނަށް ފެންނަ ގޮތަކަށް އެ ޗުއްޓީގެ މުއްދަތު ދެމީހުންގެ މައްޗަށް ބަހާލެވިދާނެއެވެ.

 

47 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ

އާއިލާގެ މެންބަރަކު ބަލިވުންފަދަ މުހިންމު ޒިންމާތަކާ ގުޅިގެން، ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކަށްވެސް މުސާރަ ލިބޭގޮތަށް 10 ދުވަހުގެ ޗުއްޓީއެއް އަހަރުދުވަހުގެތެރޭގައި ނެގިދާނެއެވެ.

 

48 ވަނަ މާއްދާ - އަނބިމީހާ ވިހެއުމުން ދެވޭ ޗުއްޓީ

ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަލިބޭގޮތަށް 3 ދުވަހުގެ ޗުއްޓީއެއް ހައްގުވާނެއެވެ.

 

49 ވަނަ މާއްދާ - ހިތާނުކުރުމާ ގުޅިގެން ދޭ ޗުއްޓީ

މުވައްޒަފެއްގެ ދަރިއަކު ހިތާނުކުރުމުން، އެދުވަހުން ފެށިގެން މުސާރަ ލިބޭގޮތަށް، 5 ދުވަހުގެ ޗުއްޓީއެއް އެ މުވައްޒަފަކަށް ހައްގުވާނެއެވެ.

  

އުޖޫރަ

50 ވަނަ މާއްދާ - މުސާރަ ދިނުން

(ހ) ވަގުތީ މުވައްޒަފަކަށް ލިބެންވާ މުސާރަ ފިޔަވައި، އެހެން ހުރިހާ މުވައްޒަފުންނަށްވެސް، މަދުވެގެން މަހަކު އެއްފަހަރު މުސާރަ ދޭންވާނެއެވެ.

(ށ) ވަގުތީ މުވައްޒަފަކަށް އާންމު އުސޫލެއްގެގޮތުން ދޭންވާނީ ދުވަހު މުސާރައެވެ. ނަމަވެސް، ވަޒީފާދޭ ފަރާތާއި އެ ވަގުތީ މުވައްޒަފާ ދެމެދު އެއްބަސްވާގޮތެއްގެ މަތިން، ކޮންމެ ހަފުތާއަކު އެއްފަހަރު ނުވަތަ ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު މުސާރަދޭގޮތަށްވެސް ހަމަޖެއްސިދާނެއެވެ.

(ނ) މި ގާނޫނުގައި ވަކިގޮތަކަށް ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭ މުސާރަ ދިނުމަށް ކަނޑައަޅާފައިވާ ހާލަތުތައް ފިޔަވައި އެހެނިހެން ހާލަތުތަކުގައި މުވައްޒަފަކަށް ލިބޭ މުސާރަ ދޭންވާނީ: (އިސްލާހު ކުރެވިފައި)

  1. އެ މުވައްޒަފެއްގެ އަތަށް ނުވަތަ އޭނާ ލިޔުމަކުން ކަނޑައަޅާ ފަރާތަކަށެވެ.
  2. ގާނޫނީ ގޮތުން ސައްހަ ފައިސާއަކުން ނަގުދުގެގޮތުގައި، ނުވަތަ ރާއްޖޭގައި ހުންނަ ބޭންކެއްގެ
  3. ނަގުދު ފައިސާއިން މުސާރަދޭނަމަ، ބަންދުނޫން ދުވަހެއްގައި، އެމުވައްޒަފަކު މަސައްކަތް ކުރާތަނުން ނުވަތަ އެތަނާ ކައިރި ތަނަކުންނެވެ.

(ރ) ސިނާއީ މަސައްކަތްތަކުގަޔާއި، މުވައްޒަފަކު އަދާކުރާ މަސައްކަތުގެ އާދަކާދައިގެ މައްޗަށް ބިނާކޮށް، މުސާރައިގެ ގޮތުގައި ނުވަތަ މުސާރައިގެ ބައެއްގެ ގޮތުގައި ފައިސާނޫން އެހެން އެއްޗެއް ދީއުޅޭ ޒާތުގެ މަސައްކަތްތަކުގައި، އެފަދައިން އުޖޫރައިގެ ގޮތުގައި އެއްޗެއް ދެވޭނީ، އެއެއްޗަކީ ތިރީގައި މިވާ ށަރްތުތައް ފުރިހަމަވާ އެއްޗަކަށް ވާނަމައެވެ.

  1. ބަނގުރާ ނުވަތަ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެއްޗަކަށް ނުވުން؛
  2. މުވައްޒަފަށް ނުވަތަ އޭނާގެ އާއިލާގެ މެންބަރުންނަށް އެއިން ބޭނުމެއް ހިފޭ ނުވަތަ ފައިދާއެއް ކުރާ
  3. އެއެއްޗަކަށް ނިސްބަތްކުރެވޭ އަގަކީ، އެކަށީގެންވާ ރަނގަޅު
  4. އެއެއްޗަކީ ގެންގުޅުން ނުވަތަ އަތުގައިބެހެއްޓުން މަނާއެއްޗެއް ކަމުގައި ނުވުން.

 

51 ވަނަ މާއްދާ -  ރަމަޒާން މަހުގެ އިނާޔަތް (އިތުރު / އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޒާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޒާން މަސް ފެށުމުގެ ކުރިން 3,000 (ތިންހާސް) ރުފިޔާ ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިނާޔަތް ދިނުމުގައި ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާ އެންމެހައި ފަރާތްތައްވެސް ހިމަނަންވާނެއެވެ.

(ނ) ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޒާން މަހުގެ އިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިހްތިޔާރު ލިބިގެންވާ ކަމެކެވެ. މި އިހްތިޔާރުގެ ދަށުން ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޒާން މަހުގެ އިނާޔަތް ދިނުމުގައި އަމަލުކުރާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިންނެވެ. އަދި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް ރަމަޒާން މަހުގެ އިނާޔަތް ދިނުމުގައި އަމަލުކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާމެދު އަމަލުކުރާ އުސޫލުގެ މަތިންނެވެ.

(ރ) ޕްރައިވެޓް ސެކްޓަރގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް މި މާއްދާގެ (ހ) ހިނގާނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހިޖުރީގޮތުން 1 (އެކެއް) އަހަރު ފަހުންނެވެ. އެހެންނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އަންނަ ފުރަތަމަ ރަމަޒާން މަހުގައި ޕްރައިވެޓް ސެކްޓަރގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ރަމަޒާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭނީ އެމީހަކަށް ލިބޭ މުސާރައިގެ ތިންބައިކުޅައެއްބައެވެ. މުސާރައިގެ ތިންބައިކުޅައެއްބައި 2,000 (ދެހާސް) ރުފިޔާއަށްވުރެ މަދުނަމަ ދޭނީ 2,000 (ދެހާސް) ރުފިޔާއެވެ. މުސާރައިގެ ތިންބައިކުޅައެއްބައި 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ގިނަނަމަ ދޭނީ 10,000 (ދިހަހާސް) ރުފިޔާއެވެ.

 

52 ވަނަ މާއްދާ – ސަރވިސްޗާޖް (އިސްލާހު ކުރެވިފައި)

(ހ) ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން، %10 (ދިހައެއް އިންސައްތަ) އަށްވުރެ މަދުނޫން އަދަދަކުން ސަރވިސްޗާޖް ނަގަންވާނެއެވެ. އަދި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތައް ފިޔަވައި، އެހެން ވިޔަފާރިތަކަށްވެސް އެ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން ސަރވިސްޗާޖް ނެގުމުގެ އިސީތިޔާރު އެފަރާތްތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސަރވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހަމަހަމަކަމާއެކު ބަހަންވާނެއެވެ.

  1. ސަރވިސްޗާޖުގެ ގޮތުގައި ފާއިތުވި މަހު ލިބުނު ފައިސާ، ހިނގަމުންދާ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދީ ނިންމަންވާނެއެވެ.
  2. އެއްވެސް ތަނެއްގައި ސަރވިސްޗާޖް ބެހުމުގައި އެތަނެއްގައި ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި، މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ މެދުގައި ތަފާތުކުރެވިގެން ނުވާނެއެވެ. މި މާއްދާގެ ބޭނުމަށް ވިޔަފާރިއެއްގެ ތެރޭގައި ތަފާތު ހިދުމަތްދޭ ވަކިވަކި ވިޔަފާރިތައް މާނަކުރަންވާނީ އެއް ހަމައަކުންނެވެ.

(ނ) މި މާއްދާގެ ބޭނުމަށް "އެންމެހައި މުވައްޒަފުން" ކަމަށް ބުނެފައިއެވަނީ، ހިދުމަތެއް ހޯދާ ފަރާތަކުން ހިދުމަތް ދިނުމުގައި ސީދާ އަދި ނުސީދާގޮތުގައި، ވަޒީފާގެގޮތުން ބައިވެރިވާ ހުރިހާ މުވައްޒަފުންނަށެވެ.

(ރ) ސަރވިސްޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، އިދާރީ ފީގެ ގޮތުގައި %1 (އެކެއް އިންސައްތަ) ނެގިދާނެއެވެ. އަދި އެއްވެސް ހިާލެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާދޭ ފަރާތުން ނަގައިގެންނުވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ހިދުމަތެއް ފޯރުކޮށްދިނުމުގައި ވަޒީފާދޭ ފަރާތަށް ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު ޖުމުލަ އާމްދަނީ އާއި، އެމަހަކު ސަރވިސްޗާޖް ލިބުނު މުވައްޒަފުންގެ އަދަދާއި، ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ހައްގުވާ މިންވަރާއި، ސަރވިސްޗާޖުގެ ގޮތުގައި ދިން ފައިސާގެ އަދަދުގެ މައުލޫމާތު، ވަޒީފާދޭ ފަރާތުން ގަވާއިދުން ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ އަހަރަކު 2 (ދޭއް) ފަހަރު، ލޭބަރ ރިލޭށަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީހެއްގެ ކުރިން އެ މައުލޫމާތު އެ އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ މައުލޫމާތު، ލޭބަރ ރިލޭށަންސް އޮތޯރިޓީން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ އޮތޯރިޓީން އަންގާ ގޮތެއްގެމަތިން އެފަރާތާ، ވަޒީފާދޭ ފަރާތުން ހިއްސާކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ބ) އަދި (ޅ) އާ ހިލާފުވެއްޖެ ފަރާތެއް، 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަމުންނުދާނަމަ ނުވަތަ މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަމުންނުދާނަމަ އެފަރާތްތައް 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު އެފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ ބާރު ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ. އެގޮތުން، ޖޫރިމަނާކުރުމުގެ އުސޫލުތަކާއި އަޅާނެ ފިޔަވަޅުތައް މި ގާނޫނުގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ބޭނުމަށް، މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތައް ދެނެގަތުމުގައި، މި މާއްދާގެ (ބ) ގެ ދަށުން ހުށަހަޅާ މައުލޫމާތުގެ ސަައްހަކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ކަށަވަރުކޮށްދޭންވާނެއެވެ. މިގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މައުލޫމާތުގެ ސަައްހަކަން ކަށަވަރުކޮށްދޭންޖެހޭނީ ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެއެވެ. 

 

53 ވަނަ މާއްދާ - ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކަށް އުޖޫރަ ދިނުން (އިތުރު ކުރެވި / އުނި ކުރެވިފައި)

 

54 ވަނަ މާއްދާ - މުސާރައިގެ ބަޔާން

(ހ) މުވައްޒަފުންނަށް މުސާރަ ދޭއިރު، އެމުސާރަޔާއެކު ތިރީގައިއެވާ ކަންތައްތައް ހިމެނޭ ލިޔުމެއް ވަޒީފާދޭފަރާތުން، މުވައްޒަފުންނަށް ދޭންވާނެއެވެ.

  1. މުސާރަދެވޭ މުއްދަތުގައި އެމުވައްޒަފަކަށް ލިބޭ މުޅި މުސާރައިގެ ޖުމުލަ އަދަދު؛
  2. އެއްވެސް އަދަދެއް އެމުސާރައިގެ ޖުމުލައިން ކަނޑާފައިވާނަމަ، އެގޮތުން ކެނޑި އަދަދާއި އެ އަދަދު ކަނޑަންޖެހުނު
  3. މުސާރަދެވޭ މުއްދަތުގައި، މުވައްޒަފަށް މުސާރައިގެ ގޮތުގައި ދެވޭ އަސްލު އަދަދު.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމުގެ ބަދަލުގައި، މުސާރައިގެ ބަޔާނުގައި ހުންނަންވާނެކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިވާ މައްލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައި އޮންނަ މުސާރައިގެ ދަފުތަރެއްގައި މުވައްޒަފުންލައްވާ، މުސާރަ ލިބޭ ވަގުތު ސޮއިކުރުވާ ގޮތަށްވެސް ހަމަޖެއްސިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ މުސާރައިގެ ދަފުތަރުގައިވާ ކަމާބެހޭ ސަފްހާއެއްގެ ކޮޕީ، އެކަމަށް އެދޭ މުވައްޒަފަކަށް އިތުރު އުޖޫރައެއް ނެގުމަކާނުލައި ދޭންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުސާރައިގެ ބަޔާނެއް، މުވައްޒަފަކަށް މުސާރަ ދޭއިރު، ވަޒީފާދޭފަރާތުން ނުދީފިނަމަ، ނުވަތަ މުސާރައިގެ ދަފުތަރުގެ މައްލޫމާތު އެމުވައްޒަފަކަށް ނުދައްކައިފިނަމަ، އެކަމުގެ ށަކުވާ އެމުވައްޒަފަކަށް، ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

 

55 ވަނަ މާއްދާ - މުސާރައާ ގުޅޭގޮތުން މަނާ ކަންތައްތައް

(ހ) ވަޒީފާދޭ އެއްވެސް ފަރާތަކުން،

  1. މި ގާނޫނުގެދަށުން، އެއްވެސް މުވައްޒަފަކަށް ދީފައިވާ މުސާރައެއް ނުވަތަ އެމުވައްޒަފަކަށް ދޭންޖެހޭ މުސާރައެއް، ވަޒީފާދޭ ފަރާތަށް ދިނުމަށް، ނުވަތަ އަނބުރާ ދެއްކުމަށް، އަންގައިގެން ނުވާނެއެވެ.
  2. އެއްވެސް މުވައްޒަފަކަށް ލިބިފައިވާ މުސާރައަކުން ނުވަތަ ލިބެންވާ މުސާރައަކުން ނުވަތަ އެފަދަ މުސާރައެއްގެ ބަޔަކުންނަމަވެސް، އެމުވައްޒަފަކަށް ލިބެންވާ ފައިދާއަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް ހުރަސްއެޅޭ ޒާތުގެ އެއްވެސް ކަމެއް
  3. އެއްވެސް މުވައްޒަފަކަށް ލިބުނު މުސާރައިގެ އިތުރަށް އެއްވެސް އަދަދެއްގެ ފައިސާއެއް އޭނާއަށް ލިބުނުކަމަށް، ރަސީދެއް ދިނުމަކަށް ނުވަތަ އެގޮތަށް ހާމަކުރުމަށް އެދިގެން ނުވާނެއެވެ. އަދި އެކަން ކުރުމަށް ހުއްދަކޮށްގެންވެސް
  4. އޭނާގެ މުވައްޒަފަކަށް ލިބޭ މުސާރައާމެދު އަމަލުކުރުމަށް އެމުވައްޒަފަކަށް އޮތް މިނިވަންކަމަށް ހުރަސްއެޅޭފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.

(ށ) ވަޒީފާދޭ އެއްވެސް ފަރާތަކުން އޭނާގެ މުވައްޒަފުންނަށް ދޭ މުސާރައާއި އުޖޫރައިން އެއްވެސް އެއްޗެއް އުނިކުރެވޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. ގާނޫނުގައިވާ ގޮތުގެމަތިން ނުވަތަ ކޯޓުގެ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރަންޖެހޭ އެއްޗެއް އުނިކުރުން؛
  2. ވަޒީފާދޭ ފަރާތުން މުވައްޒަފަކަށް ހޯދައިދީފައިވާ ގެއެއް ނުވަތަ ދިރިއުޅޭނެ ތަނެއް ހޯދުމަށް، ނުވަތަ ކުއްޔަށް ހިފުމަށް ދީފައިވާ، ނުވަތަ އޭނާ އެމުވައްޒަފަކަށް ވިއްކާ މުދަލަކަށް ލިބެންވާ ފައިސާއާ ގުޅޭގޮތުން ނުވަތަ އޭނާ އެމުވައްޒަފަކަށް ދޫކުރާ ލޯނަކާ ނުވަތަ އޭނާ ގެރެންޓީކޮށްދީގެން ހޯދައިދޭ ލޯނަކާ ނުވަތަ މުސާރައިގެ އެޑްވާންސްގެ ގޮތުގައި ދީފައިވާ އަދަދަކާ ގުޅޭގޮތުން މުވައްޒަފެއްގެ ހުއްދަ، ލިޔުމަކުން ލިބިގެން، އެ ހުއްދަދޭ އަދަދަކަށް، ނުވަތަ މުވައްޒަފަކަށް ލިބޭ އުޖޫރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ނުވާނޭހެން އުނިކުރާ އުނިކުރުން؛
  3. އެމުވައްޒަފެއްގެ ޗުއްޓީއާގުޅޭ ނުވަތަ ބޭސްފަރުވާއާގުޅޭ ނުވަތަ އިންށުއަރެންސާގުޅޭ ފަންޑަކަށް، ނުވަތަ ޕްރޮވިޑެންޓް ފަންޑަކަށް ދެއްކުމަށް ލިބެންޖެހޭ ފައިސާއާގުޅޭގޮތުން އުނިކުރާ އުނިކުރުން.

 

56 ވަނަ މާއްދާ - މުވައްޒަފުންނަށް ފިހާރައެއްގެ ހިދްމަތް ދިނުން

(ހ) ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ބޭނުންތަކަށް ވަޒީފާދޭ ފަރާތުން ހުޅުވާ ފިހާރައަކުން، ނުވަތަ ވަޒީފާދޭ ފަރާތުން ވިޔާފާރީގެ އުސޫލުން ދޭ ހިދްމަތް، އޭނާގެ މުވައްޒަފުންނަށްވެސް ލިބޭގޮތަށް ހަދައިފިނަމަ، އެފަދަ ފިހާރައަކުން ތަކެތި ވިއްކަންވާނީ ނުވަތަ އެހިދްމަތެއް ދޭންވާނީ، އެކަށީގެންވާ ރަނގަޅު އަގަކަށެވެ.

(ށ) ވަޒީފާދޭ ފަރާތުން ހުޅުވާ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ފިހާރައަކުން ނުވަތަ ދޭ ހިދްމަތަކުން، އެއްޗެތި ގަތުމަކަށް ނުވަތަ ހިދްމަތުގެ ބޭނުން ކުރުމަކަށް، ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ނުވާނެއެވެ.

 

57 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރާއިރު އުޖޫރަ ދިނުން

މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، ނުވަތަ އޭނާގެ ވަޒީފާގެ މުއްދަތު ހަމަވާއިރު ދޭންޖެހޭ ފައިސާއެއްވާނަމަ، ވަޒީފާއިން ވަކިކުރާތާ ނުވަތަ ވަޒީފާގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް ދޭންޖެހޭ އެންމެހައި ފައިސާ، ދީ ނިންމަންވާނެއެވެ.

 

58 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުމާއި މުސާރައާބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ތަންފީޒުކުރުމާބެހޭ ގަވާއިދު އެކުލަވައިލުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 50 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއާއި، 52 ވަނަ މާއްދާއާއި، 53 ވަނަ މާއްދާ އަދި 57 ވަނަ މާއްދާއާ ވަޒީފާ ދޭ ފަރާތްތަކުން ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެފަރާތަކުން ހިލާފުވި ހިފާފުވުން އިސްލާހުކުރަންދެން، އިދާރީ ފިޔަވަޅެއްގެ ގޮތުގައި، ވަޒީފާ ދޭ ފަރާތަށް ސަރުކާރުގެ އިދާރާތަކުން އެވަގުތަކު ފޯރުކޮށްދެމުންގެންދާ ހިދުމަތްތައް ހުއްޓާލަން އެންގެމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބެންވާ މުސާރަ، ސަރވިސްޗާޖް އަދި މުސާރައިގެ ބައެއްގެ ގޮތުގައި ދެވޭ ފައިސާ ނުވަތަ އިނާޔަތް އެފަރާތްތަކަށް ހޯދައިދިނުމަށް ބާރު އެޅުމުގެ ގޮތުން، މި ގާނޫނުގެ 50 ވަނަ މާއްދާއާޢި، 51 ވަނަ މާއްދާއާއި، 52 ވަނަ މާއްދާ އަދި 53 ވަނަ މާއްދާއާ ހިލާފަށް އަމަލުކުރާ ވަޒީފާ ދޭ ފަރާތްތަކުގެ މައްޗަށް، މި ގާނޫނުގައި މުސާރައާއި އިނާޔަތް ދިނުމާބެހޭ ގޮތުން ބަޔާންވެގެންވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ކަމާބެހޭ ގަވާއިދު މިނިސްޓަރު އެކުލަވާލަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދު، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

59 ވަނަ މާއްދާ - އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، މި ގާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

 

59-1 ވަނަ މާއްދާ - މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު (އިތުރު ކުރެވިފައި)

(ހ) އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްތައްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި ބޯޑެއް އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޯޑު، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އުފައްދައި، މި ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ބޯޑަށް މެންބަރުން އައްޔަނުކުރަންވާނެއެވެ.

 
59-2 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތުތައް (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ދެވޭނެ ސިޔާސަތުތަކާއި، މިންގަނޑުތަކާއި، ހަމަތައް ދިރާސާކޮށް ދެނެގަތުން؛

(ށ) ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، އަންނަނިވި ސިނާއަތްތަކަށާއި ދާއިރާތަކަށް ވަކިވަކިން ރިއާޔަތްކޮށް، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދިނުން:

  1. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް؛ 
  2. ފަތުރުވެރިކަމުގެ ސިނާއަތް؛
  3. ކޮންސްޓްރަކްށަން މަސައްކަތުގެ ސިނާއަތް؛
  4. ދަތުރުފަތުރުގެ ސިނާއަތް؛
  5. ސިއްހީ ހިދުމަތުގެ ދާއިރާ؛
  6. ތައުލީމީ ހިދުމަތުގެ ދާއިރާ؛
  7. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ؛
  8. އިންފޮމޭށަން، ކޮމިއުނިކޭށަން އަދި ޓެކްނޮލޮޖީގެ ދާއިރާ؛
  9. މެރިޓައިމް އިންޑަސްޓްރީ. 

(ނ) މި ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު، ކޮންމެ 2 (ދޭއް) އަހަރަކުން މުރާޖައާކުރުން، އަދި މިގޮތުން މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދު އިސްލާހުކުރަން ބޯޑަށް ފެންނަނަމަ، މިނިސްޓަރަށް ލަފާދިނުން؛

(ރ) މި މާއްދާގެ (ނ) އެހެންއޮތް ނަމަވެސް، ގައުމަށް ދިމާވާ އިގްތިސަާދީ ހިާލަތަކާ ގުޅިގެން، 2 (ދޭއް) އަހަރުވުމުގެ ކުރިންވެސް، މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު މުރާޖައާކޮށް އިސްލާހުކުރުމަށް ބޯޑަށް ފެންނަ ހިާލަތެއްގައި، މިނިސްޓަރަށް ލަފާދިނުން؛

(ބ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ ދިރާސާތަކާއި ސަރވޭކުރުމާއި، މައުލޫމާތު ހޯދުމާއި، އެއްކުރުމާއި، ށާއިއުކުރުމާއި، މިނޫންވެސް ބޯޑުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އަދާކުރަންޖެހޭ ފަންނީ، އިދާރީ އަދި ގާނޫނީ އެންމެހައި ވާޖިބުތައް އަދާކުރުން؛

(ޅ) މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ދެވޭނެ ސިޔާސަތުތަކާއި، މިންގަނޑުތަކާއި، ހަމަތައް ކަނޑައެޅުމުގައި ވަޒީފާއަދާކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކަށާއި، މީގެ ތެރޭގައި ދިރިއުޅުމުގެ ހަރަދުތަކަށާއި، އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭގޮތުން ލިބިދޭ އިނާޔަތްތަކަށާއި، ދިރިއުޅުމުގެ މިންގަނޑުތަކަށާއި، އިގްތިސަާދީ ތަރައްގީގެ މިންގަނޑުތަކަށާއި، އުފެއްދުންތެރިކަމުގެ މިންވަރަށާއި، ވަޒީފާގެ ފުރުސަަތުތައް އިތުރުކޮށްދިނުމާއި ގިނަ ފަރާތްތައް ވަޒީފާގައި ދެމެހެއްޓުމުގެ ސިޔާސަތުތައް ފަދަ އިގްތިސަާދީ ކަންކަމަށް ބޯޑުން ރިއާޔަތްކުރަންވާނެއެވެ.

 
59-3 ވަނަ މާއްދާ - މައުލޫމާތު ދިނުމަށް އެންގުމުގެ ބާރު (އިތުރު ކުރެވިފައި)

(ހ) ބޯޑުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، އަދި މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި، ވަޒީފާދޭ ފަރާތުން އެފަރާތުގެ މުވައްޒަފުންނަށް ދޭ އުޖޫރައާ ގުޅޭ މައުލޫމާތު، ބޯޑުން ނުވަތަ މިނިސްޓްރީން އެދިއްޖެ ހިާލަތެއްގައި އެ މައުލޫމާތު ދިނުމަށް ވަޒީފާދޭ ފަރާތްތަކަށް އެންގުމުގެ ބާރު، ބޯޑަށާއި މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ވަޒީފާދޭ ފަރާތަކަށް މައުލޫމާތު ދިނުމަށް ބޯޑުން ނުވަތަ މިނިސްޓްރީން އަންގާ އެންގުމަކާ ހިލާފުވެއްޖެ ފަރާތެއް، 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ބޯޑަށް ނުވަތަ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން، ވަޒީފާދޭ ފަރާތުން އެފަރާތުގެ މުވައްޒަފުންނަށް ދޭ އުޖޫރައާ ގުޅޭ މައުލޫމާތު ބޯޑަށް ނުވަތަ މިނިސްޓްރީއަށް ދިނުމަށް އެންގުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

60 ވަނަ މާއްދާ - ބޯޑު އެކުލެވިގެންވާ ގޮތް (އިސްލާހު ކުރެވިފައި)

(ހ) ބޯޑު އެކުލެވިގެންވަނީ، އަންނަނިވި ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ.

  1. ބޯޑުގެ ޗެއަރޕަރސަންގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހަޅާ ފަރާތެއް؛
  2. މިނިސްޓްރީ އޮފް ފިނޭންސުން ހުށަހަޅާ ފަރާތެއް؛
  3. ފަތުރުވެރިކަމާއި، ކޮންސްޓްރަކްށަންގެ ސިނާއަތާއި، އަންހެން ވިޔަފާރިވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި، މި 4 (ހަތަރެއް) ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން ހުށަހަޅާ 4 (ހަތަރެއް) މެންބަރުން؛
  4. ވަޒީފާއަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްއިއްޔާތަކުން ހުށަހަޅާ 5 (ފަހެއް) މެންބަރުން.

(ށ) ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރަންވާނީ، ބޯޑުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ބޯޑަށް އައްޔަނުކުރެވޭ މެންބަރެއްގެ މަގާމުގެ މުއްދަތަކީ، އެ މެންބަރަކު އައްޔަނުކުރެވުނު ތާރީހުުން ފެށިގެން 3 (ތިނެއް) އަހަރުދުވަހެވެ.

(ރ) މި މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކީ އަލުން އިތުރު ދައުރަކަށް ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރެވިދާނެ މެންބަރެކެވެ.  
(ބ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

  1. ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން މެންބަރުކަމުން އިސްތިއުފާދިނުން؛
  2. ބޯޑުގެ ރިޔާސަތުގެ ހުއްދަ ނެތި، ވިދިވިދިގެން ބޯޑުގެ 3 (ތިނެއް) ބައްދަލުވުމަށް، އެކަށީގެންވާ އުޒުރެއް ނެތި ހާޒިރުނުވުން؛
  3. މެންބަރުކަމުގެ މުއްދަތު ހަމަވުން؛
  4. މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިގެން އެ މެންބަރަކު މަގާމުން ވަކިކުރުން.

(ޅ) ބޯޑުގެ ހިންގާ ގަވާއިދު ބޯޑުން އެކުލަވާލަންވާނެއެވެ.

 

60-1 ވަނަ މާއްދާ - ބޯޑު މެންބަރުންގެ އުޖޫރަ (އިތުރު ކުރެވިފައި)

ބޯޑުގެ މެންބަރުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. 

 

61 ވަނަ މާއްދާ - ޖަލްސާ ބޭއްވުން

(ހ) ބޯޑުން ބަލަމުން ގެންދާ ކަމަކާގުޅޭގޮތުން، ވަކިމީހަކު ހާޒިރުކޮށް، އެމީހެއްގެ ވާހަކަ އަޑުއަހަން ބޯޑުން ބޭނުންވެއްޖެ ހިނދެއްގައި، ބޯޑުގެ ރިޔާސަތު ބަލަހައްޓާ މެންބަރު، އެފަރާތަކަށް އެކަން އަންގައި، ބޯޑުގެ ޖަލްސާގައި ބައިވެރިވުމަށް، އޭނާގެ ގާތުން އެދެވިދާނެއެވެ.

(ށ) އެމީހަކަށް ލިބޭ އުޖޫރައާ ބެހޭގޮތުން ކަމެއް، ބޯޑަށް ހުށަހެޅުމުގެ ފުރުސަތަކަށް ކޮންމެމީހަކަށްވެސް އެދެވިދާނެއެވެ. އެފަރާތަކީ، ބޯޑުން ބަލަމުން ގެންދާ ނުވަތަ ބެލިދާނެ ކަމަކާގުޅޭ ފަރާތެއްކަމަށް ބޯޑުގެ ރިޔާސަތު ބަލަހައްޓާ މެންބަރަށް ފެނިއްޖެނަމަ، ބޯޑުގެ ޖަލްސާގައި ބައިވެރިވުމަށް އޭނާއަށް ފުރުސަތު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގައިވާފަދައިން ބޯޑުން އެމީހެއްގެ ވާހަކަ އަހައިދިނުމަށް އެދޭ ފަރާތަކަށް، ބޯޑުގެ ރިޔާސަތުން އެ ފުރުސަތު ނުދީފިނަމަ، އެކަން، ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

 

62 ވަނަ މާއްދާ - އެންމެކުޑަމިނުން ދޭންވާނެ އުޖޫރަ ކަނޑައަޅާ އަމުރު (އިސްލާހު ކުރެވިފައި)

(ހ) ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށްފަހު، ގިނަވެގެން، 30 (ތިރީސް) ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށް ކަނޑައަޅަންވާނެއެވެ.

(ށ) އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައަޅަންވާނެއެވެ. އަދި މީގެ އިތުރުން ވަކި މަސައްކަތެއްގައި ނުވަތަ ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ވަކިން ބަޔާންކުރުމާއެކު، މިގޮތުން ކަނޑައަޅާ އުޖޫރައެއް ދިނުމުގައި ވަޒީފާދޭ ފަރާތްތަކުން އެ އަމުރަކަށް ފުރިހަމައަށް އަމަލުކުރުމަށް ވަކި މުއްދަތެއް ނުވަތަ މުއްދަތުތަކެއް ކަނޑައަޅާފައިވާނަމަ، އެކަން ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ބޯޑުން މިނިސްޓަރަށް ދޭ ލަފަޔަށް ބިނާކޮށް، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ މިނިސްޓަރު ކަނޑައެޅުމުގައި، ވަޒީފާއަދާކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ ޒަރޫރީ ބޭނުންތަކަށް ހިނގާނެ ހަރަދުތަކަށާއި، އިގްތިސަާދީ ކަންކަމަށާއި، ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ކުރާ އަމުރެއް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމާއެކު، މި ގާނޫނުގެ ދަށުން އެ އަމުރު ބާތިލުކުރެވެންދެން ނުވަތަ ބަދަލުކުރެވެންދެން، އެ އަމުރު ދެމިއޮންނާނެއެވެ. އަދި އެއީ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ، އެ އަމުރު ރައްދުވާ އެންމެހައި ފަރާތްތަކުން އެ އަމުރުގައި ހިމެނޭ ކަންކަމުގެ މައްޗަށް އަމަލުކުރުން ލާޒިމު އެއްޗެކެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމުގެ ގޮތުން މިނިސްޓަރު ކުރާ ފުރަތަމަ އަމުރު، މި ގާނޫނުގެ ދަށުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާދޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، މިނިސްޓަރު ކަނޑައަޅައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މި މާއްދާގެ (ބ) ގެ ދަށުން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭ ގައިމަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއްނަމަ، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް ބޯޑުން މިނިސްޓަރަށް ދޭ ލަފާގެމަތިން، މި މާއްދާގެ (ބ) ގެ ދަށުން މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް މިނިސްޓަރު ކަނޑައަޅައި އާންމުކޮށް އިއުލާންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

63 ވަނަ މާއްދާ - ނޯޓިސް ފެންނާނެހެން ބެހެއްޓުން

(ހ) ވަޒީފާދޭ ފަރާތަކުން، އޭނާގެ މުވައްޒަފުންނަށް އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ކަނޑައަޅާ، މިނިސްޓަރު ކުރާ އަމުރެއް ލިބިއްޖެނަމަ، އެ އަމުރެއްގައި ހިމެނިގެންވާ މައްލޫމާތު މުވައްޒަފުންނަށް ފެންނާނެގޮތަށް މަސައްކަތްކުރާ ތަނުގައި ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާއާ ހިލާފުވާ ގޮތަށް ވަޒީފާދޭ ފަރާތްތަކުން ވަޒީފާގެ ކަމެއް ކުރަނީނަމަ، އެކުރަނީ ކުށެކެވެ. އެކުށް ސާބިތުވެއްޖެނަމަ 1,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

64 ވަނަ މާއްދާ - އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ނުދިނުން

(ހ) ވަޒީފާދޭ ފަރާތުން މުވައްޒަފަކަށް ދޭންޖެހޭ އެންމެ ކުޑަ އުޖޫރަ ނުދީ އެއަށްވުރެ ކުޑަ އުޖޫރައެއް ދީފިނަމަ، އެކުރަނީ ކުށެކެވެ. އަދި އެކުށް ކުރާ ފުރަތަމަފަހަރު 1,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ވަޒީފާދޭފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. ދެވަނަ ފަހަރަށް، އެކުށް ކޮށްފިނަމަ، 1,000 ރުފިޔާ އަށްވުރެ ކުޑަނޫން އަދި 3,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން އޭނާ ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށްވުރެ ކުޑަ އަދަދެއް ވަޒީފާދޭފަރާތުން މުވައްޒަފަކަށް ދީފިނަމަ، އެމަދުވާ އަދަދަށްވާ ފައިސާ، އެމުވައްޒަފަކަށް ދިނުމަށް ޓްރައިބިއުނަލުން ވަޒީފާ ދޭފަރާތަށް އަމުރު ކުރަންވާނެއެވެ.

(ނ) އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށްވުރެ ކުޑަ އަދަދެއް ވަޒީފާދޭފަރާތުން މުވައްޒަފަކަށް ދީގެން، އެކަމުގެ ށަކުވާ އުފުލިއްޖެނަމަ، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅާ، މިނިސްޓަރު ކޮށްފައިވާ އަމުރާ ހިލާފު ނުވާކަން ސާބިތު ކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

 

5 ވަނަ ބާބު

ބިދޭސީން ވަޒީފާ އަދާކުރުން

 

65 ވަނަ މާއްދާ - ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަދިނުމާއި ޑިޕޮސިޓް ބެހެއްޓުން (އިސްލާހު1، / އިސްލާހު2 / އިސްލާހު3 ކުރެވިފައި)

(ހ) ބިދޭސީން ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމަށް ހުއްދަ ދިނުމާއި، ވަޒީފާއަދާކުރާ މުއްދަތަށް ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދިނުމުގެ އިސީތިޔާރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ ގޮތެއްގެ މަތިން، ކަމާގުޅޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ، ބިދޭސީން ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމުގެ ކޯޓާ ދޫކުރާނެ ގޮތުގެ ށަރުޠުތަކާއި އުސޫލުތަކާއި ކޯޓާ ފީ ނަގަންފަށާނެ މުއްދަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި ކޯޓާ ފީގެ ގޮތުގައި އަހަރަކަށް 2,000 (ދެހާސް) ރުފިޔާ މިނިސްޓަރު ކަނޑައަޅާ އިދާރާއަކަށް ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ، ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ (ވަރކް ޕަރމިޓް) ދޫކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ށަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ވަރކް ޕަރމިޓް ފީގެ ގޮތުގައި މަހަކު 350 (ތިންސަތޭކަ ފަންސާސް) ރުފިޔާ މިނިސްޓަރު ކަނޑައަޅާ އިދާރާއަކަށް ދެއްކުމުންނެވެ.

 

65-1 ވަނަ މާޢްދާ - އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާއަދާކުރުމަށް ރާއްޖެ ގެނެވޭނެ އަދަދު ކަނޑައެޅުން (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމަށްޓަކައި، އެއް ގައުމަކުން އެންމެ ގިނައިން ދިވެހިރާއްޖެއަށް ގެނެވޭނެ އަދަދަކީ ،100،000 (އެއްލައްކަ) މީހުންނެވެ.

(ށ) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ ތެރެއިން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަދަށްވުރެ އިތުރަށް އެއްވެސް ގައުމަކުން ބިދޭސީން ވަޒީފާއަދާކުރުމަށް ހުއްދަދެވި ރާއްޖެ ގެނެސްފައިވާނަމަ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް  6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންގެ އަދަދު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަދަށް ހަމަޖައްސަންވާނެއެވެ.

 

66 ވަނަ މާއްދާ – ށަކުވާ

ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފެއްގެ ފަރާތުން، ނުވަތަ އޭނާއާ ގުޅޭގޮތުން، އޭނާގެ ވަޒީފާގެ އެއްބަސްވުމާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެކަމުގެ ތުހުމަތެއް ކުރެވިއްޖެނަމަ، އެކަމުގެ ށަކުވާ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

  

6 ވަނަ ބާބު

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތައް

 

67 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ  އޭޖެންސީ

"ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ" މާނަކޮށްދެނީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، ނުވަތަ ވަޒީފާދޭ އެކިއެކި ފަރާތްތަކަށް އެމީހުންގެ ވަޒީފާގައި އުޅެދޭނެ މީހުން ހޯދައިދިނުމުގެ ގޮތުން، ނުވަތަ އެކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ހިދްމަތްދޭ ކޮންމެ ފަރާތެކެވެ. ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދްމަތްދޭ ސަރުކާރުގެ ދާއިރާތައް މީގެތެރެއިން އިސްތިސްނާވާނެއެވެ.

 

68 ވަނަ މާއްދާ - ރަޖިސްޓަރީކުރުމާއި ހިންގުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ހިންގަންވާނީ، މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

(ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ރަޖިސްޓަރީކުރުމާއި، ހުއްދަދިނުމާއި، ހުއްދަ އައުކުރުމާއި، ހުއްދަ ހިފެހެއްޓުމާއި، ހުއްދަ ބާތިލުކުރުމާއި، އޭޖެންސީ ހިންގުމާއި، އެފަދަ އޭޖެންސީން ދެވޭ ހިދުމަތާއި، ހިދުމަތުގެ މިންގަނޑުތަކާ ބެހޭގޮތުން ގަވާއިދު ހެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި ގާނޫނުގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކަށް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް ހިދުމަތުގެ ފީޢެއް ނެގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން ދެވޭ ހިދުމަތަށް ފީ ނެގޭނެ އުސޫލާއި މިންވަރު ކަނޑައަޅައި، ކަމާބެހޭ ގަވާޢިދު ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު އެކުލަވާލައި، ށާއިއުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

69 ވަނަ މާއްދާ – ސިއްރު

(ހ) ވަޒީފާއަކަށް އެދޭ މީހަކަށް، އޭނާ އެދޭ ވަޒީފާ އަދާކުރުމުގެ ގާބިލުކަން ލިބިގެންވޭތޯ ބެލުމަށް ކޮންމެހެން ހޯދަންޖެހޭ މައްލޫމާތެއް ހޯދުން ފިޔަވައި، އެމީހެއްގެ އެހެން އެއްވެސް ޒާތީ މައްލޫމާތެއް ހޯދުމަށް އެދުމަކީ ނުވަތަ އެފަދަ މައްލޫމާތެއް ރިކޯޑު ކުރުމަކީ، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެއްކުރެވޭ ވަޒީފާ އަދާކުރާ މުވައްޒަފެއްގެ އަމިއްލަ މައްލޫމާތު ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން ހާމަކުރަންވާނީ، ވަޒީފާ އަދާކުރުމަށް ވަކިކަހަލަ ސިފަތަކެއް ހުރި މީހަކު ހޯދުމަށް ށައުގުވެރިވާ ވަޒީފާދޭ ފަރާތްތަކަށް އެކަންޏެވެ.

 

70 ވަނަ މާއްދާ – ފީ

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކަށް، އެ އޭޖެންސީއަކާއި ވަޒީފާދޭ ފަރާތާދެމެދު އެއްބަސްވާ ގޮތެއްގެމަތިން، ވަޒީފާދޭ ފަރާތުން ފީއެއް ނެގިދާނެއެވެ. ނަމަވެސް ވަޒީފާއަކަށް އެދޭ މީހެއްގެ އަތުން ސީދާކޮށް ވިޔަސް ނުސީދާކޮށް ވިޔަސް އެއްވެސް ފީއެއް ނަގައިގެން ނުވާނެއެވެ.

 

71 ވަނަ މާއްދާ – ށަކުވާ

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާބެހޭ އެއްވެސް ށަކުވާއެއް ވާނަމަ، އެ ށަކުވާއެއް މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

(ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ގުޅޭގޮތުން މިނިސްޓަރަށް ހުށަހަޅާ އެއްވެސް ށަކުވާއެއް ބަލާއިރު، އެއީ ރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ށަކުވާއެއްކަން މިނިސްޓަރަށް ސާބިތުވެއްޖެނަމަ، އޭޖެންސީއެއް ކުރި ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި، އެފަރާތަކާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

  1. މިނިސްޓަރަށް އެކަށީގެންވާ ކަމަށް ފެންނަ މުއްދަތަކަށް އެ އޭޖެންސީއެއްގެ ހުއްސަ ހިފެހެއްޓުން؛
  2. 5،000 (ފަސްހާސް) ރުފިޔާއާއި 50،000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛
  3. އޭޖެންސީގެ ހުއްދަ ބާތިލުކުރުން؛
  4. އޭޖެންސީއެއްގެ މަސްއޫލުވެރި ފަރާތްތައް ހިއްސާވާ އެއްވެސް ވިޔަފާރިއަކަށް އޭޖެންސީ ހިންގުމުގެ ހުއްދަ ދޫނުކުރުން.

(ނ) މިމާއްދާގެ (ހ) ގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ގުޅެގޮތުން މިނިސްޓަރަށް ހުށަހަޅާ ށަކުވާ ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ގާނޫނު ނަންބަރު 2/20008 (ވަޒީފާއާބެހޭ ގާނޫނު) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު އެކުލަވާލައި، ށާއިއުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ނ) މިނިސްޓަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެނިންމުން ނިންމާތާ 60 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

(ރ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާބެހޭ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހެޅުމަކަށް މި މާއްދާގެ (ހ) ހުރަހެއްނާޅައެވެ.

  

7 ވަނަ ބާބު

ތަމްރީނުދިނުން އަދި ތަމްރީނުދިނުމަށް ވަޒީފާގައި ގެންގުޅުން

 

72 ވަނަ މާއްދާ - ތަމްރީނުކުރުމާބެހޭ އެއްބަސްވުން

(ހ) މުވައްޒަފަކު އަދާކުރާ ވަޒީފާ ނުވަތަ މަސައްކަތަކާ ގުޅޭގޮތުން ރަސްމީ އެއްވެސް ސިފައެއްގައި، ނުވަތަ ޕްރޮގްރާމެއްގައި ބައިވެރިކޮށްގެން، ނުވަތަ ކޯހެއްގައި ބައިވެރިކޮށްގެން އެމުވައްޒަފަކަށް ތަމްރީނެއް ދޭނަމަ، އެތަމްރީނު ދޭންފެށުމުގެ ކުރިން، ތަމްރީނާގުޅޭގޮތުން ވަޒީފާދޭ ފަރާތާއި، އެމުވައްޒަފަކާ ދެމެދު އެއްބަސްވުމެއް އެއްބަސްވާންވާނެއެވެ.

(ށ) ތަމްރީނާބެހޭ އެއްބަސްވުމުގައި ތިރީގައިވާ މައްލޫމާތުތައް ބަޔާންކޮށްފައި ހުންނަންވާނެއެވެ.

  1. ވަޒީފާދޭ ފަރާތުގެ ނަމާއި އެޑްރެސް؛
  2. މުވައްޒަފުގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުއުޅޭ އެޑްރެހާއި، އައިޑެންޓިޓީކާޑު
  3. މުވައްޒަފަށް ދެވޭ ތަމްރީނާބެހޭ
  4. ތަމްރީނުގެ މުއްދަތު؛
  5. ވަޒީފާދޭ ފަރާތުން އެ ތަމްރީނަށް ކުރަންޖެހޭ ހަރަދު؛
  6. ތަމްރީނު ފުރިހަމަ ނުކުރެވިއްޖެނަމަ، ދެފަރާތަށްމެ ލިބިގެންވާ ހައްގުތަކާއި ދެފަރާތުންމެ އަދާކުރަންޖެހޭ ޒިންމާތައް.

(ނ) ވަޒީފާދޭ ފަރާތުން އެ  ތަމްރީނެއް ދިނުމަށް ކުރި ހަރަދަށްވުރެ އިތުރު ފައިސާއެއް، މި މާއްދާގެ (ހ) ގެ ދަށުން ވެވޭ އެއްބަސްވުމުގެ ދަށުން،  ތަމްރީނުދެވޭ މުވައްޒަފެއްގެ އަތުން، ވަޒީފާދޭ ފަރާތުން ސީދާގޮތުން ނުވަތަ ނުސީދާ ގޮތުންނަމަވެސް އެ ތަމްރީނެއް ދިނުމުގައި  އޭނާ ބައިވެރިވިކަމަށްޓަކައި، އަތުލައިގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)

 

73 ވަނަ މާއްދާ - ތަމްރީނު ދިނުމަށް ވަޒީފާގައި ގެންގުޅުމާބެހޭ އެއްބަސްވުން

(ހ) ވަކިކަހަލަ ތަމްރީނެއް ދިނުމަށްޓަކައި، ވަޒީފާއެއްގައި ބަހައްޓައިގެން ތަމްރީނުކުރުމާ އެކުއެކީގައި، ކަމާގުޅޭ ހުނަރުތައް ވަކިން ދަސްކޮށްދީގެން، މުވައްޒަފަކަށް ތަމްރީނުދޭނަމަ، އެ ތަމްރީނެއްދޭން ފެށުމުގެ ކުރިން، ތަމްރީނު ދިނުމަށް ވަޒީފާގައި ގެންގުޅުމާބެހޭ އެއްބަސްވުމެއް، ވަޒީފާދޭ ފަރާތާއި އެމުވައްޒަފަކާދެމެދު، އެއްބަސް ވާންވާނެއެވެ. ނުވަތަ މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ވަޒީފާގެ އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

(ށ) ތަމްރީނު ދިނުމަށްޓަކައި ވަޒީފާގައި ގެންގުޅުމަށް އެއްބަސްވާ އެއްބަސްވުމުގައި، ތިރީގައިވާ މައްލޫމާތުތައް ހިމަނާފައި ހުންނަންވާނެއެވެ.

  1. ވަޒީފާދޭ ފަރާތުގެ ނަމާއި އެޑްރެސް؛
  2. ވަޒީފާ އަދާކުރާ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުއުޅޭ އެޑްރެހާއި، އައިޑެންޓިޓީކާޑު
  3. މުވައްޒަފަށް ދެވޭ ތަމްރީނާބެހޭ ތަފްސީލު؛
  4. ތަމްރީނުގެ މުއްދަތު؛
  5. ވަޒީފާގެ ށަރްތުތަކާއި، އެ ވަޒީފާގައި މުވައްޒަފަކަށް ލިބޭނެ ފައިދާތަކާއި، އޭނާއަށް ލިބޭނެ އުޖޫރަ.

(ނ) ތަމްރީނު ދިނުމުގެގޮތުން ވަޒީފާގައި ބަހައްޓާ މުވައްޒަފަކަށް އެންމެ މަދުވެގެން ދޭންވާނެ އުޖޫރަ މި ގާނޫނުގެ ދަށުންހަދާ ގަވާއިދެއްގައި ކަނޑައެޅިދާނެއެވެ.

(ރ) ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ތަމްރީނު ދިނުމުގެ ގޮތުން ވަޒީފާގައި ގެންގުޅޭ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދޭނީ،
މި ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ނެރެފައިވާ އަމުރެއް ނިސްބަތްވާ ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް އެ އަމުރުގައި ބަޔާންކޮށްފައިވާ މުސާރައިގެ %70 އެވެ.

(ބ) ތަމްރީނު ދިނުމަށް ވަޒީފާގައި މުވައްޒަފަކު ގެންގުޅޭ މުއްދަތު، ހަމަސް ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ޅ) ތަމްރީނު ދިނުމުގެ ގޮތުން ވަކި މުވައްޒަފަކަށް ވަޒީފާ ހަމަޖެއްސުމާ ގުޅިގެން، އެ މުވައްޒަފަކަށް އެ ފުރުސަތު ތަނަވަސް ވެގެން ދިޔަކަމަށްޓަކައި، އޭނާގެ އަތުން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެއްވެސް އަގެއް، ވަޒީފާދޭ ފަރާތުން އަތުލައިގެން ނުވާނެއެވެ.

(ކ) ވަޒީފާގެ ބައެއް ދާއިރާތަކަކީ، ތަމްރީނު ދިނުމަށް މުވައްޒަފުން އެ ވަޒީފާތަކުގައި، ނުގެންގުޅެވޭނެ ދާއިރާތަކެއްކަމަށް، މި ގާނޫނުގެ ދަށުންހަދާ ގަވާއިދަކުން ހަމަޖެއްސިދާނެއެވެ.

 

74 ވަނަ މާއްދާ - އެއްބަސްވުމާ ހިލާފުވުން

ތަމްރީނުދިނުމަށް ވަޒީފާގައި ގެންގުޅުމާބެހޭ އެއްބަސްވުމަކާ، ނުވަތަ ތަމްރީނާބެހޭ އެއްބަސްވުމަކާ ހިލާފުވެއްޖެކަމަށް ތުހުމަތު ކުރެވޭނަމަ، އެކަމެއްގެ ށަކުވާ، ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

 

74-1 ވަނަ މާއްދާ - ދިވެހިން ތަމްރީނުކުރުމާއި ވަޒީފާ ދިނުމުގައި އިސްކަންދިނުން (އިތުރު ކުރެވިފައި)

(ހ) ދިވެހިންގެ މަސައްކަތުގެ ހުނަރު އިތުރުކުރުމަށްޓަކައި ތަމްރީނާއި ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ. އެގޮތުން، ދިވެހި މަސައްކަތްތެރިން މަދު ދާއިރާތަކުގައި ދިވެހި މަސައްކަތްތެރިންނަށް ފުރުސަަތުތައް އިތުރުކުރުމުގެ ގޮތުން، އެފަދަ ދާއިރާތަކުގައި ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި ތަމްރީނުތައް ދިވެހިންނަށް ދެވޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

(ށ) 50 (ފަންސާސް) މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުންނާގުޅޭ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަންވާނީ ދިވެހި މުވައްޒަފެކެވެ.

(ނ) 50 (ފަންސާސް) މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތްކުރާ ތަންތަނުގައި ސީނިއަރ މެނޭޖްމަންޓްގައި %60 (ފަސްދޮޅަސް އިންސައްތަ) ދިވެހި މުވައްޒަފުން ތިބެންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ސީނިއަރ މެނޭޖްމަންޓަކީ ކޮބައިކަން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާތާ އެންމެ ލަސްވެގެން 5 (ފަހެއް) އަހަރު ތެރޭގައި މި މާއްދާގެ (ށ) އަދި (ނ) އަށް އަމަލުކުރަންވާނެއެވެ.     

(ބ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ބަޔާންކޮށް އަހަރަކު 1 (އެކެއް) ފަހަރު، ލޭބަރ ރިލޭށަންސް އޮތޯރިޓީން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީހެއްގެ ކުރިން އެ މައުލޫމާތު އެ އޮތޯރިޓީއަށް އެ މާއްދާގައި ބަޔާންކުރާ ކުންފުނިތަކުން ފޮނުވަންވާނެއެވެ. އަދި، އެ މައުލޫމާތު ލޭބަރ ރިލޭށަންސް އޮތޯރިޓީން އާންމުކުރަންވާނެއެވެ.

(ޅ) އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ ތައުލީމާއި، ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ އިގްތިސަާދީ ފުދުންތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެފަދަ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާގެ ފުރުސަަތުތައް ފަހިކޮށްދޭންވާނެއެވެ.

(ކ) މި މާއްދާގެ (ށ) އަދި (ނ) އާ ހިލާފުވެއްޖެ ފަރާތެއް، 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު، ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް ލިބިގެންވެއެވެ. 

 

8 ވަނަ ބާބު

މަސައްކަތްކުރާ ތަނުގެ ރައްކާތެރިކަމާއި މުވައްޒަފުންގެ ސިއްހަތު

 

75 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުގެ ވާޖިބުތައް

މުވައްޒަފުންގެ އަތުން، އެއްވެސް އުޖޫރައެއް އެކަމަށް ނުނަގައި، ވަޒީފާ އަދާކުރާ ތަނުގައި، މަސައްކަތްކުރާ މުވައްޒަފުންގެ ސިއްހަތަށާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް، ވަޒީފާދޭ ފަރާތުން އަޅަންވާނެއެވެ. މީގެތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ.

  1. ރައްކާތެރިގޮތުގައި މަސައްކަތް ކުރެވޭނެ ތަނަކާއި ގޮތެއް މުވައްޒަފުންނަށް ހަމަޖައްސައިދިނުމާއެކު، ރައްކާތެރި ތަކެއްޗާއި ސާމާނާއި މެށިނަރީ، މަސައްކަތް ކުރުމަށް ހޯދައިދީ، އެތަކެތީގެ ރައްކާތެރިކަން
  2. ރައްކާތެރިގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް
  3. ކުރާ މަސައްކަތުގެ ބާވަތުން، ސިއްހަތަށް ގެއްލުންހުރި ކަންތައްތައް މަސައްކަތްކުރާ ތަނުން ނައްތާނުލެވޭނަމަ ނުވަތަ ކޮންޓްރޯލު ނުކުރެވޭނަމަ، އެފަދަ ނުރައްކަލުން ސަލާމަތްވުމަށް ބޭނުންކުރާނެ ރައްކާތެރި ހެދުމާއި ތަކެތި
  4. ރައްކާތެރިވާން ބޭނުންކުރާ ހެދުމާއި ތަކެތި ބޭނުންކުރާނެ ގޮތްތައް ހިމެނޭގޮތުން، މުވައްޒަފުންގެ ސިއްހަތަށާއި ރައްކާތެރިކަމާ ގުޅޭގޮތުން އެމީހުންނަށް ތަމްރީނާއި މައްލޫމާތު ދިނުމާއި، އެނގެން ބޭނުންވާނެ އެހެނިހެން ކަންތައްތައް
  5. ކެމިކަލެއް ނުވަތަ ބަޔޮލޮޖިކަލް މާއްދާއަކުން، ނުވަތަ ޖިސްމާނީގޮތުން ސިއްހަތަށް އެއްވެސް ނުރައްކަލެއް ދިމާވެދާފަދަ މަސައްކަތްކުރާ މުވައްޒަފުން، ގަވާއިދުން ސިއްހީގޮތުން ކުރަންޖެހޭ ޓެސްޓުތައް ހަދަމުން
  6. ވަޒީފާ އަދާކުރަނިކޮށް މުވައްޒަފަކަށް ހާނިއްކައެއް ވެއްޖެނަމަ، އޭނާއަށް ބޭނުންވާނެ އެކަށީގެންވާ ސިއްހީ ފަރުވާ ދިނުން، ނުވަތަ އެފަދަ ފަރުވާ ލިބޭނޭގޮތް
  7. ކުއްލި ނުރައްކަލުގެ ހާލަތުތަކާއި އެކްސިޑެންޓުތަކުގައި ބޭނުންކުރާނެ ފުރަތަމައެހީގެ ހިދްމަތްތައް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު، ހަމަޖައްސައިދިނުން.

 

75-1 ވަނަ މާއްދާ - މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ މިންގަނޑު (އިތުރު ކުރެވިފައި)

(ހ) ވަޒީފާދޭ ފަރާތުން، އެފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް، ނުވަތަ ނިދުމަށް ހަމަޖައްސާ ތަންތަނާއި، އެތަންތަނުގެ ޒަރޫރީ ބޭނުންތަކަށް އެތަންތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާއި އެހެނިހެން ކަންކަމުގެ އާންމު މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ލާޒިމުވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދު، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ  30 (ތިރީސް) ދުވަހުގެ ތެރޭގައި ހަދައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގެ ދަށުން ކަނޑައަޅާ މިންގަނޑުތަކަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރުމަށްޓަކައި މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

76 ވަނަ މާއްދާ - މުވައްޒަފުންގެ ވާޖިބުތައް

ތިރީގައިވާ ކަންތައްތަކަކީ، ކޮންމެ މުވައްޒަފެއްގެ މައްޗަށް ލާޒިމުވާ ކަންކަމެވެ.

(ހ) މަސައްކަތްކުރުމުގައި ސަމާލުވާންވީ ކަމަކަށް ސަމާލު ނުވުމުގެ ސަބަބުން، ތިމާއަށާއި ތިމާއާ އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ސަލާމަތާއި ސިއްހަތަށް ގެއްލުމެއް ވިޔަނުދިނުމަށްޓަކައި އެފަދަ ކަންކަމަށް ދޭންވާ ސަމާލުކަންދީ، ރައްކާތެރިކަމަށް ބެލުން؛

(ށ) ރައްކާތެރި ވުމަށާއި ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ވަޒީފާދޭ ފަރާތަށާއި ތިމާއާއެކު މަސައްކަތްކުރާ އެހެން މީހުންނަށް އެހީތެރިވެދިނުން؛

(ނ) ރައްކާތެރިވުމަށް ބޭނުންކުރާ ހެދުމާއި ސާމާނު، އެ ތަކެތި ބޭނުންކުރުމަށް ލިބިފައިވާ ތަމްރީނާއި އިރުށާދާ އެއްގޮތަށް ބޭނުންކުރުން؛

(ރ) ރައްކާތެރިވުމަށް ބޭނުންކުރާ ހެދުމަށާއި ސާމާނަށް އެއްވެސް ކަހަލަ ގެއްލުމެއް ވެއްޖެނަމަ، ނުވަތަ އެއިން އެއްޗެއް ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ އެކަން ވަޒީފާދޭ ފަރާތަށް އެންގުން؛

(ބ) ނުރައްކަލެއް ދިމާވެދާނެ ކަމަށް ގަބޫލުކުރެވޭ ކަމެއް ހިނގައިފިނަމަ، އަދި އެކަމަކީ، އެމީހަކަށް އަމިއްލަޔަށް ރަނގަޅު ނުކުރެވޭނެ ކަމަކަށްވާނަމަ، އެކަމެއްގެ ވާހަކަ ވަގުތުން ވަޒީފާދޭ ފަރާތަށް ނުވަތަ އެ ފަރާތަކުން ކަނޑައަޅާފައި ހުންނަ ސުޕަވައިޒަރަކަށް އެންގުން؛

(ޅ) މަސައްކަތް ކުރުމުގެ ތެރޭގައި، ނުވަތަ މަސައްކަތާ ގުޅިގެން ދިމާވާ އެކްސިޑެންޓެއް، ނުވަތަ ގެއްލުމެއް ވަޒީފާދޭ ފަރާތަށް ނުވަތަ  އެ ފަރާތަކުން ކަނޑައަޅާފައި ހުންނަ ސުޕަވައިޒަރަކަށް އެންގުން.

 

77 ވަނަ މާއްދާ - މަސައްކަތުން ދުރުހެލި ވުމުގެ ހައްގު

ތިމާގެ ސިއްހަތަށް ނުވަތަ ފުރާނަޔަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ވަޒީފާ އަދާކުރާ ފަރާތަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެފަދަ މަސައްކަތެއް ކުރުމުން ދުރުހެލިވުމުގެ ހައްގު، ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެންވެއެވެ.

 

78 ވަނަ މާއްދާ – އެންގުން

ވަޒީފާ އަދާކުރުމުގެ ތެރޭގައި މީހަކު މަރުވެއްޖެނަމަ، ނުވަތަ ފުރަތަމަސިއްހީ އެހީ ދިނުމަށްވުރެ ބޮޑަށް ފަރުވާދޭން ޖެހޭފަދަ ހާނިއްކައެއް، ވަޒީފާ އަދާކުރާ ފަރާތަށް ލިބިއްޖެނަމަ، އެމީހަކު މަރުވި ދުވަހުން ފެށިގެން، ނުވަތަ އެ ހާނިއްކައެއް ލިބުނު ދުވަހުން ފެށިގެން ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި، އެ މައްލޫމާތު ވަޒީފާދޭ ފަރާތުން މިނިސްޓަރަށް އަންގަންވާނެއެވެ.

  

9 ވަނަ ބާބު

ލޭބަރ ރިލޭށަންސް އޮތޯރިޓީ

 

79 ވަނަ މާއްދާ - ލޭބަރ ރިލޭށަންސް އޮތޯރިޓީ

(ހ) ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ލޭބަރ ރިލޭށަންސް އޮތޯރިޓީއެއް މިނިސްޓްރީގައި ގާއިމުކުރަން ވާނެއެވެ.

  1. މި ގާނޫނާއި، މި ގާނޫނުގެދަށުން ހެދޭ ގަވާއިދުތަކަށް އަމަލުކުރޭތޯ ބަލައި، ތަންފީޒު ކުރުމަށްޓަކައި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
  2. މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި އަމަލުކުރުމަށް، ހޭލުންތެރިކަން އިތުރުކުރުމާއި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މައްލޫމާތާއި ލަފާ
  3. މި ގާނޫނާއި މި ގާނޫނުގެ ދަށުންހެދޭ ގަވާއިދުތަކުގައި ހިމެނިގެންނުވާ ކަންތައްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި، އެފަދަ ކަންކަމުން ނަހަމަގޮތުގައި ފައިދާ ނަގާނަމަ، އެކަންކަން، މިނިސްޓަރަށް އެންގުން؛
  4. ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކާ ދެމެދު މުއާމަލާތު ކުރުމުގައި އަމަލުކުރާނެ ގަވާއިދުތައް ހެދުން.

 

80 ވަނަ މާއްދާ - ބަލައި ޗެކުކުރުން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން، ލޭބަރ ރިލޭށަންސް އޮތޯރިޓީގެ އޮފިސަރުން ދޭތެރެ ދޭތެރެއިން މަސައްކަތްކުރާ ތަންތަން ބަލައި ޗެކު ކުރަންވާނެއެވެ.

 

81 ވަނަ މާއްދާ - ވަޒީފާއާބެހޭ އޮފިސަރުންނަށް ލިބިގެންވާ ބާރުތައް

(ހ) އަންނަނިވި ކަންތައްކުރުމުގެ ބާރު، ވަޒީފާއާބެހޭ އޮފިސަރުންނަށް ލިބިގެންވެއެވެ.

  1. މި މާއްދާގެ (3) ގައި ބަޔާކޮށްފައިވާ ހާލަތުގައި މެނުވީ، ކުރިން އެންގުމަކާނުލައި، ކޮންމެ ވަގުތެއްގައިވެސް، މަސައްކަތްކުރާ ތަނަކަށް ވަދެ އެތަނެއް ބަލައި ފާސްކުރުން؛
  2. މި މާއްދާގެ (3) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މަސައްކަތްކުރާ ތަނެއް ކަމަށް، އޭނާއަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ކޮންމެ ތަނަކަށްވެސް، ދުވާލުގެ ވަގުތުގައި ވަދެ އެތަނެއް ބަލައި ފާސް ކުރުން؛
  3. މަސައްކަތްކުރާ ތަނަކީ ވަޒީފާދޭ ފަރާތް ދިރިއުޅޭ ގެ ކަމަށް ވާނަމަ، ވަޒީފާދޭ ފަރާތުގެ ހުއްދަ ލިބިގެން، ނުވަތަ މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން އެތަނަކަށް
  4. މި ގާނޫނާއި މި ގާނޫނުގެ ދަށުންހެދޭ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވިފައިވޭތޯ ޔަގީންކުރުމުގެ ގޮތުން، މަސައްކަތްކުރާތަން ބެލުމާއި، އެތަނުގެ މީހުންނާ ސުވާލުކުރުމާއި އަދި ވަކިން ހާއްސަކޮށް އަންނަނިވި ކަންތައްތައް ކުރުން.

(ހ) ވަޒީފާ އަދާކުރުމާއި މަސައްކަތްކުރުމާ ގުޅޭގޮތުން ގާނޫނީގޮތުން ބަލަހައްޓަންޖެހޭ ރިކޯޑެއް، ފޮތެއް، ދަފުތަރެއް ނުވަތަ ލިޔުމެއް، އެގޮތުގައި ބަލަހައްޓާތޯ ކަށަވަރުކުރުމަށްޓަކައި އެފަދަ ތަކެތި ހުށަހެޅުމަށް އަންގައި، އެފަދަ އެއްޗެއް ހުށަހެޅުމުން، އެފަދަ ތަކެތީގެ ކޮޕީ ހެދުން، ނުވަތަ އެތަކެތިން މައްލޫމާތު ނެގުން؛

(ށ) ގާނޫނީ ގޮތުން ބަހައްޓަންޖެހޭ އެންގުމެއް ބަހައްޓާފައި ނުވާނަމަ އެފަދަ އެންގުމެއް ބެހެއްޓުމަށް އެންގުން؛

(ނ) ވަޒީފާދޭފަރާތް ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތަކަށް އެންގުމާއެކު، ތަހްލީލު ކުރުމަށްޓަކައި، މަސައްކަތްކުރާ ތަނުގައިހުރި އެކިއެކި އެއްޗެހީގެ ސާމްޕަލް އެތަނުން ގެންދިއުން؛

(ރ) މުވައްޒަފުން މަސައްކަތްކުރަމުންދާ ހާލަތާ ގުޅޭގޮތުންނާއި، އެމީހުންގެ އުޖޫރައާއި މަސައްކަތްކުރާ ގަޑިތަކާ ބެހޭގޮތުން، މައްލޫމާތު ހޯދުން؛

(ބ) ގާނޫނު ނުވަތަ ގަވާއިދެއްގެ ދަށުން، ބަލަހައްޓަންޖެހޭ، މަސައްކަތާ ގުޅިފައިވާ އެކްސިޑެންޓުތަކާއި، ބަލިތަކާގުޅޭ ރެކޯޑު ބެލުން. އަދި އެފަދަ އެކްސިޑެންޓެއް ނުވަތަ ބައްޔެއް، ވަޒީފާ އަދާކުރުމުގައި ދިމާވި ސަބަބު ނުވަތަ ހާލަތާ ގުޅޭގޮތުން މައްލޫމާތު ހޯދުން؛

(ޅ) މަސައްކަތްކުރާ ތަނުގެ ސާމާނު ބޭނުންކުރެވޭ ގޮތުން، ނުވަތަ ތަނުގައި މަސައްކަތްކުރަން ޖެހިފައިވާ ގޮތުން، މަސައްކަތްކުރާ މީހުންގެ ސިއްހަތަށް، ނުވަތަ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް، އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، ގަބޫލު ކުރެވޭނަމަ، އެކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ށ) މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ (ޅ) ގައިވާ ކަންތައްތައް، ވަޒީފާއާބެހޭ އޮފިސަރުންނަށް އަދާކުރެވޭނެގޮތް ހަދައިދިނުމުގައި، އަންނަނިވި ކަންތައްތަކާގުޅޭ އަމުރުތައް ކުރުމުގެ ބާރު އެމީހުންނަށް ލިބިގެންވެއެވެ. ނަމަވެސް މިއަމުރުތަކާމެދު ހިތްހަމަނުޖެހޭ، ވަޒީފާދޭ ފަރާތްތަކުން ޓްރައިބިއުނަލަށް އެމައްސަލައެއް ހުށަހެޅުމުގެ ހައްގު އެފަރާތްތަކަށް ލިބިގެންވެއެވެ.

  1. މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށް، ނުވަތަ ސިއްހަތާ ގުޅޭގޮތުން ހެދިފައިވާ ގާނޫނުތަކުގައިވާ މާއްދާތަކަށް ފުރިހަމައަށް އިހްތިރާމު ކުރުވުމަށްޓަކައި، ތަނުގައި ބޭނުންކުރާ މެށިނަރީއަށް، ނުވަތަ މެށިނަރީ އަތުރާފައިވާ ގޮތަށް، ކަނޑައެޅޭ ވަކިމުއްދަތެއްގެ ތެރޭގައި، ބަދަލުގެނައުމަށް ކުރާ އަމުރު؛
  2. މަސައްކަތްކުރާ މީހުންގެ ސިއްހަތަށް ނުވަތަ ފުރާނައަށް ޔަގީނުންވެސް ނުރައްކަލެއް ދިމާވެދާނެ ކަމަށް، ގަބޫލު ކުރެވޭ ދަނޑިވަޅުތަކުގައި، ވަކިކަހަލަ ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ކުރާ އަމުރު.

 

82 ވަނަ މާއްދާ – އެންގުން

ވަޒީފާއާބެހޭ އޮފިސަރުން، މަސައްކަތްކުރާ ތަނެއްގައި ކަންތައް ހިނގާގޮތް ބެލުމަށް އެތަނަށް ދިޔުމަށްފަހު، އޮފިސަރުންގެ މަސައްކަތަށް ހުރަސްއެޅިދާނެ ކަމަށް ނުފެންނަނަމަ، އެތަނެއްގައި އެމީހުން ތިބިކަން ވަޒީފާދޭ ފަރާތަށް، ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތަކަށް އަންގަންވާނެއެވެ.

 

83 ވަނަ މާއްދާ - މުއާމަލާތުކުރެވޭނެ ފުރުސަތު ދިނުން

(ހ) ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، އޭނާގެ ވަޒީފާގައި ގެންގުޅޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ އޮފިސަރުންނާ، މިނިވަންކަމާއެކު އެއްވެސް ހުރަހެއްނެތި ވާހަކަ ދެއްކޭނެ ފުރުސަތު ތަނަވަސްކޮށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ބަޔާން ކޮށްފައިވާ ކަމަކާގުޅޭގޮތުން، މުވައްޒަފަކު އަމަލުކުރާ ގޮތަކުން، އޭނާއާމެދު އެއްވެސް ނުރަނގަޅު ފިޔަވަޅެއް، ވަޒީފާދޭ ފަރާތުން އަޅައިގެން ނުވާނެއެވެ.

 

84 ވަނަ މާއްދާ - މައްލޫމާތު ފާޅުކުރުން މަނާކުރުން

(ހ) މި މާއްދާގެ (ށ)  ގައިވާ ހާލަތުގައި މެނުވީ، ވަޒީފާއާބެހޭ އޮފިސަރުންނަށް، އެމީހުން އަދާކުރާ ވަޒީފާގެ ގޮތުން މައްލޫމާތު ލިބޭ އެކިއެކި މަސައްކަތްތަކުގެ ވިޔަފާރިއާ ގުޅުންހުރި ސިއްރު މައްލޫމާތާއި އުފެއްދުންތެރިކަމާ ގުޅިފައިވާ މައްލޫމާތު، އެމީހުން ވަޒީފާގައި ތިބޭ ދުވަސްތަކުގައިވެސް އަދި ވަޒީފާއިން ވަކިވުމަށްފަހުގައިވެސް، ސިއްރުގެ ގޮތުގައި ހިފަހައްޓަން ވާނެއެވެ.

(ށ) މުވައްޒަފުންގެ ފުރާނައަށް ނުވަތަ ސިއްހަތަށް ގެއްލުމެއް ލިބިދާނެ ޒާތުގެ އެއްޗެއް، ވަޒީފާދޭ ފަރާތުގެ މަސައްކަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުންކުރެވޭނަމަ އެކަން، ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެއެވެ.

(ނ) މަސައްކަތްކުރާ ތަނެއްގައި، ގާނޫނާއި ގަވާއިދަށް ތަބާނުވާ ކަންތައްތަކެއް ހުރިކަމަށް ބަޔާންކޮށް، މިނިސްޓަރަށް ނުވަތަ ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް އެކިއެކި މުވައްޒަފުން ފޮނުވާ ށަކުވާއާބެހޭ އެއްވެސް މައްލޫމާތެއް ދިން މުވައްޒަފެއް، ވަޒީފާދޭ ފަރާތަށް ހާމަކޮށްގެންނުވާނެއެވެ. އަދި އެތަނެއް ބެލުމަށްދާ ވަޒީފާއާބެހޭ އޮފިސަރުން، އެތަނަށް ދިޔައީ، ވަކި މުވައްޒަފެއްގެ ށަކުވާއެއް ލިބިގެން ކަމުގައިވެސް ބަޔާންކޮށްގެން ނުވާނެއެވެ.

(ރ) ވަޒީފާއާބެހޭ އޮފިސަރުން، އެމީހުން ބެލުމަށް ކަނޑައަޅާފައިވާ ތަންތަނުން، ސީދާ ނުވަތަ ނުސީދާ ފައިދާއެއް ލިބޭނެ ގުޅުމެއް، އެއްވެސް ފަރާތަކާއެކު ބާއްވައިގެން ނުވާނެއެވެ.

  

85 ވަނަ މާއްދާ – ރިޕޯޓު

ވަޒީފާއާބެހޭ އޮފިސަރުން، އެކިތަންތާނގައި މަސައްކަތް ހިނގާނުހިނގާގޮތް ބަލައި ތައްޔާރުކުރާ ރިޕޯޓުތައް، މިނިސްޓަރު ކަނޑައަޅާ އުސޫލެއްގެ މަތިން މިނިސްޓަރަށް ފޮނުވަންވާނެއެވެ.

 

86 ވަނަ މާއްދާ - ކުށާއި އަދަބު

އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް، މީހަކު ކޮށްފިނަމަ، އެކުރަނީ ކުށެކެވެ. އެފަދަ ކުށެށް ކޮށްފި މީހެއްގެ އަދަބަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 500 ރުފިޔާއާއި، 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ އެއްއަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

  1. މި ގާނޫނުގެ 80 ވަނަ މާއްދާއާއި 81 ވަނަ މާއްދާއާ ހިލާފުވުން؛
  2. ވަޒީފާއާބެހޭ އޮފިސަރަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް، ނުވަތަ އޭނާ ކުރަންޖެހޭ ކަމެއް ކުރުމަށް
  3. ވަޒީފާއާބެހޭ އޮފިސަރުންނަށް، ގާނޫނީގޮތުން ލިބިދޭ ބާރުގެ ދަށުން އެމީހުންގެ ވާޖިބު އަދާކުރުމުގައި، ނުވަތަ ކުރަންޖެހޭ ކަމަކާ ގުޅޭގޮތުން، ކަމެއް ކުރުމަށް މީހަކަށް އެންގުމުން، އެކަމެއް ނުކުރުން؛
  4. ވަޒީފާއާބެހޭ އޮފިސަރަށް، ދޮގު މައްލޫމާތު ނުވަތަ ހަގީގަތް އޮޅޭފަދަ މައްލޫމާތު ގަސްތުގައި ދިނުން؛
  5. ވަޒީފާއާބެހޭ އޮފިސަރެއްގެ ކުރިމައްޗަށް މީހަކު ހާޒިރުވުމަށް ހުރަސްއެޅުން، ނުވަތަ އެފަދަ މީހަކާ ސުވާލުކުރުމަށް ހުރަސްއެޅުން، ނުވަތަ އެފަދަ ކަމެއް ކުރަން އުޅުން، ނުވަތަ އެފަދަކަމެއް ވިޔަނުދިނުން؛
  6. ވަޒީފާއާބެހޭ އޮފިސަރަކަށް ނުވާހިނދު، އެފަދަ އޮފިސަރެއް ކަމަށް މީހެއްގެގާތު ބުނުން ނުވަތަ އެގޮތަށް ތިމާ ތަމްސީލުވުން.

  

10 ވަނަ ބާބު

ވަޒީފާއާބެހޭ ޓްރައިބިއުނަލް

 

87 ވަނަ މާއްދާ - ޓްރައިބިއުނަލެއް ގާއިމުކުރުން

(ހ) މި ގާނޫނުގެ ދަށުން އުފައްދާ އަދި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހިންގާ ވަޒީފާއާބެހޭ ޓްރައިބިއުނަލެއް އޮންނަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން، ޓްރައިބިއުނަލުން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު، ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ގަރީނާ ހޯދުމާއި، އަދި މިނޫންގޮތަކުންވެސް މައްސަލައިގެ ހަގީގަތް ހޯދާ ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

87-1 ވަނަ މާއްދާ - ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ކޯޓުތައް މެދުވެރިކޮށް ބެލުން  (އިތުރު ކުރެވިފައި)

(ހ) މާލެ ފިޔަވައި އެހެން ރަށްރަށުގައި އުފެދޭ ވަޒީފާއާބެހޭ މައްސަލަތައް އެ މައްސަލައެއް އުފެދުނު ރަށު ކޯޓު މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

(ށ) ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ވަޒީފާއާބެހޭ މައްސަލަތައް، މައްސަލަ ހުށަހެޅުނު ކޯޓު މެދުވެރިކޮށް އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތަށް ހުށަހެޅޭ މައްސަލަތަކުގައިވެސް ގޮތެއް ނިންމާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުންނެވެ.

(ނ) މި މާއްދާގެ ދަށުން ރަށު ކޯޓުތައް މެދުވެރިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލާނެ އުސޫލު މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކުލަވާލައި އާންމުކުރަންވާނެއެވެ.

 

88 ވަނަ މާއްދާ – އިސްތިއުނާފު

(ހ) މި މާއްދާގެ (ށ) ގައިވާ ހާލަތުގައި މެނުވީ، ޓްރައިބިއުނަލުގެ ނިންމުންތަކަކީ، އެމައްޗަށް އަމަލުކުރަންޖެހޭ އެންމެ ފަހުގެ ނިންމުންތަކެވެ.

(ށ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާފައިވަނީ، ށަރްއީ އުސޫލުތަކާއި، ނުވަތަ ގާނޫނާއި ގަވާއިދާހިލާފުވާ ގޮތަކަށްނަމަ، ނުވަތަ އެ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންނަމަ، އެމައްސަލައެއް ނިންމާތާ 60 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

(ނ) ޓްރައިބިއުނަލުގެ ނިންމުން ތަންފީޒު ނުކުރުމަށް ކޯޓުން ކަނޑައެޅިގެން އަމުރެއް ނުކުރާނަމަ، ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާ ގޮތަށް އަމަލުކުރުން ހުއްޓާލައިގެން ނުވާނެއެވެ.

 

88-1 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުން (އިތުރު ކުރެވިފައި)

(ހ) ޓްރައިބިއުނަލުން މައްސަލައެއް ނިންމުމަށްފަހު، އެ ނިންމުމާ އެއްގޮތަށް އެ ނިންމުން ރައްދުވާ ފަރާތުން އަމަލުކޮށްފައިވޭތޯ ޓްރައިބިއުނަލްގެ އަމިއްލަ އިސްނެގުމުގައި ކަށަވަރުކުރަންޖެހޭނެއެވެ.

(ށ) ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތަށް އެ ނިންމުން ރައްދުވާ ފަރާތުން އަމަލުކޮށްފައިނުވާކަމަށް މައްސަލަ ރައްދުވާ ފަރާތަކުން ޓްރައިބިއުނަލަށް އަންގައިފިނަމަ، އެ ނިންމުން ތަންފީޒުކުރުމަށްޓަކައި އެ ނިންމުން ތަންފީޒުކުރުމުގެ އިސީތިސަާސް ލިބިގެންވާ ކޯޓަކަށް ޓްރައިބިއުނަލުން އެ ނިންމުމެއް ފޮނުވަންވާނެއެވެ. އަދި އެގޮތުން ކޯޓަށް ހުށަހެޅޭ ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތް އެ ކޯޓަށް ހުށަހެޅޭ އެހެނިހެން ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކާ އެއް އުސޫލަކުން، އެ ކޯޓެއްގައި ކުރިއަށް ގެންދަންވާނެއެވެ.

(ނ) ޓްރައިބިއުނަލުން ފޮނުވައިގެން ކޯޓުން ކުރިއަށް ގެންދާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި، އެ މައްސަލައިގެ ހަސްމެއްގެ ގޮތުގައި ޓްރައިބިއުނަލް ޖާމިނުކުރުވައިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ އުސޫލަކީ ޓްރައިބިއުނަލުން ނިންމާ ނިންމުމެއް ރައްދުވާ ފަރާތަކުން، ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އަމިއްލައަށް އެ މައްސަލައެއް ކޯޓަށް ހުށަހެޅުމަށް އޮތް ހުރަހެއްކަމަށް އެއްވެސް ފަރާތަކުން މާނަކޮށްގެން ނުވާނެއެވެ.

 

88-2 ވަނަ މާއްދާ - ޓްރައިބިއުނަލްގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލުން  (އިތުރު ކުރެވިފައި)

(ހ) ޓްރައިބިއުނަލްގެ އަޑުއެހުންތައް ހިންގަންވާނީ އާންމުކޮށް ހުޅުވާލައިގެންނެވެ.

(ށ) ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި ދީމިގްރާތީ އުސޫލުތަކާ ހިލާފުނުވާނެ ގޮތެއްގެމަތިން، އަޑުއެހުމެއް އެކުގައި ނުވަތަ އަޑުއެހުމުން ބައެއް އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިއުމުގެ އިސީތިޔާރު އެ މައްސަލައެއް ބަލާ މެންބަރުންނަށް ލިބިގެންވެއެވެ.

  1. މުޖްތަމައުގެ އަސީލާގީ އުސޫލުތައް ހިފެހެއްޓުމަށް ނުވަތަ މުޖްތަމައުގައި އަމަންއަމާންކަން ގާއިމުކުރުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުން.
  2. ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުން.
  3. އެހެން ގާނޫނަކުން ހުޅުވާލައިގެން އަޑުއެހުމެއް ބޭއްވުމަށް މަނާކޮށްފައިވާ ސަބަބެއް މެދުވެރިވުން. 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި އެހެން ގޮތަކަށް ޓްރައިބިއުނަލުން ކަނޑައަޅާފައިނުވާނަމަ، ޓްރައިބިއުނަލުން ނެރޭ ހުރިހާ އަމުރުތަކާއި ހުކުމްތައް އިއްވަންވާނީ އާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ. އަދި ހުޅުވާލައިގެން ބޭއްވޭ އަޑުއެހުންތަކުން ނެރޭ އަމުރުތަކާއި ކުރާ ހުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނަން ހުންނަންވާނެއެވެ.

 

88-3 ވަނަ މާއްދާ - ޓްރައިބިއުނަލަށް މީހުން ހާޒިރުކުރުން  (އިތުރު ކުރެވިފައި)

ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހާޒިރުކުރަން ބޭނުންވާ މީހުން  މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުކުރުމާއި ޓްރައިބިއުނަލަށް ހާޒިރުކުރާ މީހުންނާ ޓްރައިބިއުނަލުން ބޭނުންވާ ސުވާލެއް ކުރުމާއި، ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭ ލިޔުމެއް ހުށަހެޅުމަށް އެންގުމަކީ ޓްރައިބިއުނަލަށް ލިބިގެންވާ ބާރެކެވެ. ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން ޓްރައިބިއުނަލަށް ހާޒިރުވުމަށް އެންގޭ މީހަކު، މަގްބޫލު އުޒުރެއް ނެތި ޓްރައިބިއުނަލަށް ހާޒިރުނުވެއްޖެނަމަ، ޓްރައިބިއުނަލުން އަމަލުކުރާނެގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

88-4 ވަނަ މާއްދާ - އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ހިންގުން (އިތުރު ކުރެވިފައި)

(ހ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދަންވާނީ މައްސަލަ ހުށަހަޅާ ފަރާތާއި، މައްސަލަ ރައްދުވާ ފަރާތާއި، އެފަރާތްތަކުގެ ވަކީލުންނާއި، އަދި އެނޫނަސް ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ މީހުންކަމަށް ޓްރައިބިއުނަލުން ކަނޑައަޅާ މީހުންނާއި، މައްސަލަ ބަލާ މެންބަރުންނާ އެއް ހާޒިރެއްގައި އަދި އެއް މަޖިލީހެއްގައި ތިބެގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލަކީ އާންމު އުސޫލުކަމުގައި ވީނަމަވެސް، ޓްރައިބިއުނަލުން ކަނޑައަޅާ ހުާއްސަަ ހިާލަތްތަކުގައި، އަދުލު އިންސަާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެމަތިން، ޓްރައިބިއުނަލްގެ އަޑުއެހުންތައް ހިންގާ މާލަމާއި، މައްސަލައިގައި ހިމެނޭ އެހެނިހެން ފަރާތްތައް ތިބޭ މާލަންތައް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވާލައިގެން އަޑުއެހުންތައް ކުރިއަށް ގެންދިއުމުގެ އިސީތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. މިގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ހިާލަތްތަކަކީ ހުާއްސަަ ހިާލަތްތަކެއްކަމަށް ޓްރައިބިއުނަލަށް ކަނޑައެޅިދާނެއެވެ.

  1. ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހިާލަތެއް ނުވަތަ ކާރިސާގެ ހިާލަތެއްގެ ސަބަބުން މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން؛
  2. ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުންނާއި ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއް އުފުލަންޖެހޭ މާލީ ބުރައެއްގެ ސަބަބުން އެވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، އަދުލު އިންސަާފު ގާއިމުކުރުމަށް ބުރޫއަރާފާނެ ހިާލަތެއް އޮތުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ގޮތުގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޓްރައިބިއުނަލްގެ އަޑުއެހުންތައް ކުރިއަށްގެންދިއުމާބެހޭ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ޓްރައިބިއުނަލުން އެކުލަވާލަންވާނެއެވެ. އަދި އެ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1.  އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުމުގެ މަޖިލީހުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން ވާންޖެހޭ ތައްޔާރީތައް؛
  2. ޓްރައިބިއުނަލްގެ މާލަމުގައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވިގެން އަޑުއެހުމުގެ މަޖިލީހުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުން އަޑުއެހުމުގެ މަޖިލީހުގައި ހިފަހައްޓަންޖެހޭ އުސޫލުތައް؛
  3. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ހެދުމަށް ހޯދަންޖެހޭ ތަކެއްޗާއި ގާއިމުކުރަންޖެހޭ ވަސީލަތްތައް؛
  4. މާލެއިން ބޭރުގައިވާ ފަރާތެއް ހިމެނޭ މައްސަލައެއްނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ މަށްވަރާއާއެކު، މެޖިސްޓްރޭޓް ކޯޓުތަކުގައި ގާއިމުކޮށްފައިވާ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ނިޒާމުގެ ބޭނުން ހިފުމަށް ކޯޓުތަކުން އެހީތެރިކަން ހޯދާނެ އުސޫލު؛
  5. ޓްރާންސްމިށަން ސްޕީޑާއި ބޭންޑްވިތްގެ މިންގަނޑުތައް؛
  6. ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އަމަލުކުރާނެ ގޮތް؛
  7. ރާއްޖެއިން ބޭރުގައިވާ ފަރާތެއް ހިމެނޭ މައްސަލައެއްނަމަ، އަޑުއެހުން ބާއްވާ ވަގުތާއި އެފަރާތެއް ހުރި ގައުމެއްގެ ވަގުތާ ދެމެދުގައިވާ ފަރަގު ބޮޑުވާނަމަ އަމަލުކުރާނެ ގޮތް؛
  8. ތަރުޖަމާނަކު ބޭނުންކުރަންޖެހޭ ހިާލަތުގައި އަމަލުކުރާނެ ގޮތް؛ އަދި
  9. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ކުރިއަށް ގެންދިއުމާގުޅޭ މިނޫންވެސް އެންމެހައި އުސޫލުތައް.

(ރ) އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ އަޑުއެހުންތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީހުުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.

 

88-5 ވަނަ މާއްދާ - ޓްރައިބިއުނަލްގެ އާންމު މަޖިލިސް (އިތުރު ކުރެވިފައި)

ޓްރައިބިއުނަލްގެ އެންމެހައި މެންބަރުން ހިމެނޭގޮތަށް ޓްރައިބިއުނަލްގެ އާންމު މަޖިލީހެއް އޮންނަންވާނެއެވެ. އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަންވާނީ ޓްރައިބިއުނަލްގެ ރައީސްއެވެ. ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ޓްރައިބިއުނަލުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާމެދު މަށްވަރާކޮށް، ގޮތެއް ނިންމުން.

(ށ) މި ގާނޫނުގެ 10 ވަނަ ބާބުގެ ދަށުން ޓްރައިބިއުނަލުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

(ނ) ޓްރައިބިއުނަލްގެ މަސައްކަތް ހިންގާގޮތާއި، ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޓްރައިބިއުނަލްގެ މެންބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ޓްރައިބިއުނަލްގެ އާންމު މަޖިލީހުގެ ގަވާއިދު ހެދުން.

(ރ) ޓްރައިބިއުނަލްގެ ބަޖެޓު ތައްޔާރުކުރުމުގެ ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަމާމެދު ގޮތެއް ނިންމުން.

(ބ) ޓްރައިބިއުނަލްގެ މުވައްޒަފުން ތަމްރީނުކުރަން ބޭނުން ދާއިރާތައް ކަނޑައެޅުން.

(ޅ) ގާނޫނަކުން ކަނޑައެޅޭ ނުވަތަ ހަވާލުކުރެވޭ ކަމެއް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ކ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ކުރަންޖެހޭ ކޯޓުގެ ދާހިލީ ކަންކަން ކުރުން.

(އ) ބަލަމުންދާ މައްސަލަތަކުގެ މަރުކަޒީ ދަފްތަރެއް ޓްރައިބިއުނަލްގައި ގާއިމުކޮށް އެ މައްސަލަތައް އެކަށީގެންވާ ހަލުވިމިނުގައި ހިންގުމަށް ބޭނުންވާ އިދާރީ ފަސޭހަތައް މަރުކަޒީ ގޮތެއްގައި ލިބެމުންދާނެގޮތް ހެދުން.

 

89 ވަނަ މާއްދާ – އެކުލެވިގެންވާގޮތް (އިސްލާހު ކުރެވިފައި)

(ހ) އެކުލެވިގެންވާ ގޮތް 
 ޓްރައިބިއުނަލް އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 7 މެންބަރުންގެ މައްޗަށެވެ.

(ށ) މެންބަރުންގެ މުއްދަތު

  1. ޓްރައިބިއުނަލަށް އައްޔަނުކުރެވޭ މެންބަރަކު، އެމަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަނުކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
  2. މި މާއްދާގެ (އ) ގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކު އަލުން 5 (ފަހެއް) އަހަރުގެ ދައުރަކަށް އައްޔަނުކުރެވިދާނެއެވެ. އަދި އެގޮތުން އައްޔަނުކުރެވޭ މެންބަރަކު ކޮންމެ 5 (ފަހެއް) އަހަރަކުން އައްޔަނުކުރަމުން ގެންދެވިދާނެއެވެ.

(ނ) މެންބަރުންގެ ސިފަތައް

ޓްރައިބިއުނަލްގެ މެންބަރުންގައި އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.

  1. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  2. ރިށްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
  4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
  5. ވަޒީފާގެ ދާއިރާގެ މައްސަލަތައް ދެނެގަތުމާއި ހައްލު ހޯދައިދިނުމުގެ ގާބިލުކަން އިލްމީގޮތުން ނުވަތަ ތަޖުރިބާގެ ގޮތުން ލިބިފައިވުން.

(ރ) މެންބަރުކަމަށް ފުލްޓައިމްކޮށް އަދި ޕާޓްޓައިމްކޮށް އައްޔަނުކުރުން

ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުން ޕާޓްޓައިމްކޮށް ނުވަތަ ފުލްޓައިމްކޮށް އައްޔަނުކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ

(ބ) ޓްރައިބިއުނަލްގެ ރައީސާއި ނައިބުރައީސް

  1. ޓްރައިބިއުނަލަށް އައްޔަނުކުރާ މެންބަރުންގެ ތެރެއިން ޓްރައިބިއުނަލަށް ރައީސަކާއި ނައިބުރައީސެއް، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރަންވާނެއެވެ.
  2. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޓްރައިބިއުނަލް ހިންގައި ބެލެހެއްޓުމުގައި ޓްރައިބިއުނަލްގެ އެންމެ އިސްފަރާތަކީ ޓްރައިބިއުނަލްގެ ރައީސެވެ.'
  3. ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ޓްރައިބިއުނަލްގެ ނައިބުރައީސެވެ. މީގެ އިތުރުން، ޓްރައިބިއުނަލްގެ ރައީސް ޓްރައިބިއުނަލްގެ ނައިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
  4. ޓްރައިބިއުނަލްގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ.

(ޅ) މެންބަރުން މަގާމާ ހަވާލުވުން
ޓްރައިބިއުނަލްގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައި އަންނަނިވި ހުވާކުރުމުންނެވެ.

"އަހުރެން ....................... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތަކަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރެއްގެގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މިނިވަންކަމާއި، އަދްލުވެރިކަމާއި، އިންސާފުވެރިކަމާއެކު، އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި އިހްލާސްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."

(ކ) މަގާމު ހުސްވުން
ޓްރައިބިއުނަލްގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. މެންބަރުކަމުގެ މުއްދަތު ހަމަވުމުން.
  2. އިސްތިއުފާ ދިނުމުން.
  3. މި މާއްދާގެ (އ) ގައިވާ ގޮތުގެމަތިން، ޓްރައިބިއުނަލްގެ މެންބަރުކަމުން ވަކިކުރުމުން.
  4. މަރުވުމުން.
  5. ޓްރައިބިއުނަލްގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން

(އ) މެންބަރުކަމުން ވަކިކުރުން
ޓްރައިބިއުނަލްގެ މެންބަރަކު އޭނާގެ މަގާމުން ވަކިކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، ރައީސުލްޖުމްހޫރިއްޔާ އެމެންބަރަކަށް ފޮނުވާ ލިޔުމަކުންނެވެ.

  1. ށަރްއީ ހުކުމަކުން އިފްލާސްކުރުން.
  2. ޓްރައިބިއުނަލްގެ މެންބަރެއްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުން؛ ނުވަތަ ޓްރައިބިއުނަލްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޒުވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް ދިމާވުން.
  3. ހުވަޔާ ހިލާފުވުން.
  4. މެންބަރެއްގެ މައްޗަށް ސާބިތުވާ ކުށެއްގެ ސަބަބުން، ޓްރައިބިއުނަލްގެ މެންބަރަކު ހިފަހައްޓަންޖެހޭ އަބުރުވެރިކަމަށް އުނިކަން އަތުވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނުން.
  5. ޓްރައިބިއުނަލްގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުމާއި، އެކަމަށް ދޭންވާ ސަމާލުކަން ނުދިނުން.

(ވ) އިސްތިއުފާ ދިނުން

  1. ޓްރައިބިއުނަލްގެ ރައީސް ނުވަތަ ނައިބުރައީސް ނުވަތަ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން ނުވަތަ އިސްތިއުފާ ހުށަހެޅި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަސް ވަންދެން އެމީހަކު އޭނާގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.  
  2. މި މާއްދާގެ (ވ) ގެ (1) ގެ ދަށުން ޓްރައިބިއުނަލްގެ ރައީސް ނުވަތަ ނައިބުރައީސް އޭނާގެ މަގާމުން އިސްތިއުފާ ދިން ކަމުގައިވިޔަސް، ޓްރައިބިއުނަލްގެ މެންބަރުކަމުން އޭނާ އިސްތިއުފާ ދިނީކަމުގައެއް ނުބެލެވޭނެއެވެ.

(މ) މެންބަރުންގެ މުސާރައާއި އިނާޔަތްތައް

  1. ޓްރައިބިއުނަލްގެ ރައީސާއި ނައިބުރައީސާއި މެންބަރުންނަށް ދެވޭ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި އެމެންބަރަކީ ޓްރައިބިއުނަލްގައި ފުލްޓައިމްކޮށް ނުވަތަ ޕާޓްޓައިމްކޮށް ވަޒީފާއަދާކުރާ ފަރާތެއްކަމާމެދު ރިއާޔަތްކުރަންވާނެއެވެ.

ޓްރައިބިއުނަލްގެ ރައީސަށާއި ނައިބުރައީސަށް ދެވޭ މުސާރައާއި މާލީ އިނާޔަތްތައް، އެމީހުންގެ މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ. އަދި ޓްރައިބިއުނަލްގެ މެންބަރުންނަށް ދެވޭ މުސާރައާއި މާލީ އިނާޔަތްތައްވެސް، އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.

(ފ) ޓްރައިބިއުނަލަށް މުވައްޒަފުން އައްޔަނުކުރުން
ޓްރައިބިއުނަލަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، އެއް މަގާމުން އަނެއް މަގާމަށް ބަދަލުކޮށް އެމީހުން ވަޒީފާއިން ވަކިކުރާނީ ޓްރައިބިއުނަލުން އެކުލަވާލާ ގަވާއިދެއްގެ މަތިން ޓްރައިބިއުނަލްގެ މެންބަރުންގެ ފަރާތުން ޓްރައިބިއުނަލްގެ ރައީސެވެ.

(ދ) ޓްރައިބިއުނަލްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް
ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން ކަނޑައަޅާނީ ޓްރައިބިއުނަލްގެ މެންބަރުންގެ ފަރާތުން ޓްރައިބިއުނަލްގެ ރައީސެވެ.

(ތ) މާލީ ކަންކަން

  1. ޓްރައިބިއުނަލްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ޓްރައިބިއުނަލަށް ދޫކުރަންވާނެއެވެ.
  2. ޓްރައިބިއުނަލްގެ އާމްދަނީއާއި، ހަރަދާއި، މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، ޓްރައިބިއުނަލުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ލ) ދިވެހި ސިވިލް ސަރވިސްގައި ނުހިމެނުން
ޓްރައިބިއުނަލްގެ މެންބަރުންނާއި ޓްރައިބިއުނަލްގެ މުވައްޒަފުންނަކީ ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ ބައެއް ނޫނެވެ.

 

90 ވަނަ މާއްދާ - ޓްރައިބިއުނަލުގެ ގަވާއިދު

ޓްރައިބިއުނަލުގެ މަސައްކަތް ހިންގާގޮތާއި، ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޓްރައިބިއުނަލާބެހޭ އެހެނިހެން ކަންތައްތައް ހިމެނޭ ގަވާއިދެއް، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ހަދައި އިއުލާން ކުރަންވާނެއެވެ.

 

11 ވަނަ ބާބު (އިތުރު ކުރެވިފައި)

ރެމިޓެންސް ޓެކްސް

 

91 ވަނަ މާއްދާ - ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނެގުން (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީން 1 އޮކްޓޫބަރު 2016 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ %3 (ތިނެއް އިންސައްތަ) "ރެމިޓެންސް ޓެކްސް" ގެ ގޮތުގައި ދައުލަތަށް ނެގޭނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށް، "ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ދޫކުރާ ވާކް ވީޒާ ލިބިފައިވާ ބިދޭސީންނަށާއި، އެފަދަ ވީޒާއެއް ލިބިފައި ނެތްކަމުގައިވިއަސް ނުވަތަ އެފަދަ ވީޒާގެ މުއްދަތު ހަމަވެފައިވީކަމުގައިވިއަސް ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީންނަށެވެ.

(ނ) ރެމިޓެންސް ޓެކްސް ނަގާނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެމަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

 

92 ވަނަ މާއްދާ - ރެމިޓެންސް ޓެކްސް ނަގައި ދައުލަތަށް ދެއްކުން (އިތުރު ކުރެވިފައި)

މި ގާނޫނުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރެމިޓެންސް ޓެކްސް ބިދޭސީން އަތުން ނަގައި، މި ބާބުގައިވާ ގޮތުގެމަތިން އެ ޓެކްސް ދައުލަތަށް ދެއްކުމަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކްތަކާއި ބޭންކް ނޫން މަލީ ވިޔަފާއި ހިންގާ ފަރާތްތަކުގެ ތެރެއިން އެއްވެސް ސިފައެއްގައި ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާއެކެވެ.

 

93 ވަނަ މާއްދާ - ރެމިޓެންސް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން (އިތުރު ކުރެވިފައި)

(ހ) ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީވެފައިވާ ކޮންމެ ފަރާތަކުންމެ، ކޮންމެ މަހަކު ރެމިޓެންސް ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ މިންވަރު ހިސާކުރުމަށްފަހު އެކުލަވާލާ ރެމިޓެންސް ޓެކްސް ބަޔާނެއް ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅައި، ރެމިޓެންސް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެ ތާރީހުގެ ނިޔަލަށް މީރާއަށް ދައްކަންވާނެއެވެ.

(ށ) ރެމިޓެންސް ޓެކްސް މީރާއަށް ދައްކަންވާނީ ދިވެހި ރުފިޔާއިންނެވެ.

 

94 ވަނަ މާއްދާ - ފިޔަވަޅު އެޅުން (އިތުރު ކުރެވިފައި)

(ހ) ރެމިޓެންސް ޓެކްސް ދައްކަންޖެހޭ ތާރީހަށް ނުދައްކައިފިނަމަ، ނުވަތަ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހަށް ހުށަނާޅާއިފިނަމަ، ނުވަތަ ފައިސާ ފޮނުވައިދުނުމުގެ ހިދުމަތްދޭ ފަރާތަކުން އަދާކުރަންޖެހޭ އެނޫންވެސް ޒިންމާއެއް އަދާނުކޮށްފިނަމަ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައިވާ ގޮތުގެ މަތިން އެފަރާތަކާ މެދު އަމަލުކުރެވޭނެއެވެ.

(ށ) ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވާން އެއްވެސް ފަރާތަކުން މަސައްކަތްކޮށްފިނަމަ، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެދީފިނަމަ މި މާއްދާގެ (ހ) އަށް އަމަލުކުރުމުގެ އިތުރުން، ދިވެހިރާއްޖެއިން ބޭރަށް ފޮނުވި ފައިސާއާ އެއްވަރުގެ އަދަދަކުން އެފަރާތް ޖޫރިމަނާވާނެއެވެ. އަދި އެކަން ކުރީ ވިޔަފާރިއަކުން ކަމުގައިވާނަމަ، ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތަށް ދޫކޮށްފައިވާ ވިޔަފާއިކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު ދައުލަތުގެ ކަމާބެހޭ އިދާރާއަށް ލިބިގެންވެއެވެ.

 

95 ވަނަ މާއްދާ - ރެމިޓެންސް ޓެކްސްއާބެހޭ ގަވާއިދު ހެދުން (އިތުރު ކުރެވިފައި)

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންވެފައިވީނަމަވެސް، މި ބާބުގެ މަގްސަދަށްޓަކައި، އަންނަނިވި ކަންކަމާ ގުޅޭގޮތުން ގަވާއިދު ހެދުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.

(ހ) ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން؛

(ށ) ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމުގައި ފައިސާ ފޮނުވައިދިނުމުގެ ހިދުމަތްދޭ ފަރާތްތަކުން ގެންގުޅެންޖެހޭ އުސޫލުތައް؛

(ނ) ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަކީ ކޮބައިކަން ކަނޑައެޅުން؛

(ރ) ރެމިޓެންސް ޓެކްސް ތަންފީޒުކުރުމަށްޓަކައި އެކަށައަޅަންޖެހޭ އުނޫންވެސް ކަންކަމާއި އުސޫލުތައް.

 

12 ވަނަ ބާބު (އިސްލާހު ކުވިފައި)

އެހެނިހެން ކަންތައްތައް

 

96 ވަނަ މާއްދާ - ގަވާއިދުތައް ހެދުން

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތެއްގައި، މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މިނިސްޓަރެވެ.

 

97 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި:

"ރަސްމީ ބަންދު ދުވަސް" ކަމަށް ބުނެފައިއެވަނީ، ހުކުރު ދުވަހާއި، ގައުމީ ދުވަހާއި، ކީރިތި ރަސޫލާގެ އީދުމީލާދު ދުވަހާއި، ރާއްޖެ އިސްލާމްވި ދުވަހާއި، މިނިވަން ދުވަހާއި، ރަމަޒާންމަހުގެ ފުރަތަމަ ދުވަހާއި، ފިތުރު އީދު ދުވަހާއި، ނަސްރުގެ ދުވަހާއި، ޖުމްހޫރީ ދުވަހާއި، ހައްޖު ދުވަހާއި، އަޒުހާ އީދު ދުވަހަށެވެ.

"ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔާ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ އިދާރާއަކުން މެޑިކަލް ސެޓިފިކެޓް ދޫކުރުމަށް ހުއްދަދީފައިވާ ފަރާތް ތަކަށެވެ.

"އުޖޫރަ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން، ފައިސާއިން، ނުވަތަ އަގުހުރި އެހެންވެސް އެއްޗަކުން، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ދޭ މުސާރައާއި، އިތުރު މަންފާތަކާއި، އެލަވަންސްތަކާއި ވަޒީފާއާ ގުޅިގެން   އެ މުވައްޒަފަކަށް ދޭ އެހެނިހެން މާލީ ފައިދާތަކަށެވެ.

"ވަގުތީ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ދާއިމީ ގޮތެއްގައި މަސައްކަތުގައި ދެމިހުންނާނެކަމުގެ އުންމީދެއް ނެތްގޮތުން، ދުވަހު މަސައްކަތްކުރާ އުސޫލުން، މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށެވެ.

"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކާއި، ކުންފުންޏަކާއި، ސަރުކާރާއި، މީހުންގެ މައްޗަށް އެކުލެވިގެންވާ ކޮންމެ ޖަމާއަތަކަށެވެ. އަދި މި މާނަކުރުމުގައި، މިނިވަންނޫން ކޮންޓްރެކްޓަރުންގެ ހިދްމަތް ބޭނުންކުރާ ފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެފަރާތްތަކުގެ ބަދަލުގައި އުފެދޭ ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ނަގުލުވާ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.

"މަސައްކަތްކުރާ މީހާ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފެއް ނުވަތަ ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރާ މީހަކަށެވެ.

"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ވަޒީފާއާ ބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެވަގުތަކަށް ހަވާލުކުރެވިފައިވާ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެހުރި ވަޒީރަކަށެވެ. ނުވަތަ އޭނާ ތަމްސީލު ކުރުމުގެ ބާރުލިބިގެންވާ ފަރާތަކަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެވަގުތަކަށް ހަވާލު ކުރެވިފައިވާ މިނިސްޓްރީއަކަށެވެ.

"މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހިދްމަތްދޭ މީހާއަށެވެ. އަދި މިބަހުގެ މާނައިގައި، މިނިވަންނޫން ކޮންޓްރެކްޓަރާއި ވަޒީފާދޭ ފަރާތަށް، ކުރިން މަސައްކަތް ކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭގޮތަށެވެ.

"ދާއިމީ ވަޒީފާ" އަދި "ވަޒީފާގެ ދާއިމީކަން" މިހެން ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކާއެކު، އެފަރާތުގެ ވަޒީފާގައި، މެދުކެނޑުމެއްނެތް ގޮތުގައި މުވައްޒަފަކު މަސައްކަތްކުރާ ކުރުމަށެވެ.

"ސަރވިސްޗާޖް" ކަމަށް ބުނެފައި އެވަނީ، ދެވޭ ހިދްމަތަކަށް ނަގާ އަގުގެ އިތުރަށް ސަރވިސްޗާޖުގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ނަގާނަމަ، އެގޮތަށް ނަގާ ފައިސާއަށެވެ.

"ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 10 ވަނަ ބާބުގެ ދަށުން އުފައްދާފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބަލާ، ޓްރައިބިއުނަލަށެވެ.

"ޓޫރިސްޓް ރިޒޯޓުތައް" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިޒޯޓުތަކަށާއި، ޕިކްނިކް އައިލެންޑްތަކަށެވެ.

"ހިންގުމުގެ އިސްމަގާމުގައި ތިބޭ މީހުން" "ހިންގުމުގެ އިސް މަގާމުގައި ތިބޭ މީހުން" ކަމަށް ބުނެފައިއެވަނީ، ވަޒީފާދޭ ފަރާތުގެ ހިންގުމުގެ ދާއިރާގައި އެންމެ އިސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ހިންގުމުގެ އިސް މަގާމެއްގެ ގޮތުގައި ވަޒީފާދޭ ފަރާތުން ކަނޑައަޅާ ފަރާތްތަކަށެވެ. މިގޮތުން ހިންގުމުގެ އިސް މަގާމެއްގެ ގޮތުގައި ކަނޑައެޅުމުގެ ށަރުޠުތަކާއި މިންގަނޑުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ. (އިތުރު ކުރެވިއިސްލާހު ކުރެވިފައި)

 

98 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަންފަށާނީ ރައީސުލްޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގުކުރައްވާ ދުވަހުން ފެށިގެން 45 ދުވަސް ހަމަވާ ތާރީހުގައެވެ. މި ގާނޫނާ ގުޅޭގޮތުން ބަދަލު ނުވަތަ ހަރުދަނާ ކުރަންޖެހޭ ސަރުކާރުގެ ނިޒާމެއްވާނަމަ އެފަދަ ކަންތައްތައް   މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ހަމަޖައްސާ ނިންމާން ވާނެއެވެ.

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 02/2008)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅާ އަމުރު (އަމުރު - 8 ނޮވެމްބަރު 2021)
  2. ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ އާ ންމު މަޖިލީ ހުގެ ގަވާއިދު (ގަވާއިދު ނަންބަރު 112/2021)
  3. ވަޒީފާއާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 63/2021)
  4. ސަރވިސްޗާޖާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 41/2021)
  5. ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 16/2021)
  6. ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު ނަންބަރު 15/2021)
  7. ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާޢިދު ނަންބަރު 62/2020)
  8. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 21/2016)
  9. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 20/2015)
  10. އެވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 211/2014)
  11. ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސިން ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 22/2011)
  12. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު - 2010
  13. ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގައި މުއާމަލާތުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 12/2011)
  14. ށަރުއީދާއިރާތަކުގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު 18/2011)
  15. މިސްކުތުގެ އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުންގެ ވަގުތާއި ހާޒިރީ ބެލެހެއްޓުމާއި ގަޑީލާރި ކެނޑުމާއި ބަދަލުގައި މީހުން ހަމަޖެއްސުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 13/2012)
  16. ރެމިޓެންސް ޓެކްސްގެ ގަވާއިދު (ގަވާއިދު ނަންބަރު 186/2016)
  17. މުސާރައާބެހޭ ކަންކަން ވަޒީފާދޭ ފަރާތުގެ މައްޗަށް ތަންފީޒު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 98/2016)

 

 ގުޅުންހުރި ގަވާއިދު

މީޓިރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 379/2014)

ކިޔުންތެރިންގެ ހިޔާލު