-

ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ރަޖިސްޓްރާރގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-31)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ 84 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ (ތ) އާއި، އެ ގާނޫނުގެ 98 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، " މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ރަޖިސްޓްރާރގެ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުގެ ތެރޭގައި އަންނަނިވި ކަންކަން ހާސިލުކުރުން ހިމެނެއެވެ.

(ހ) ކައުންސިލުގެ ރަޖިސްޓްރާރގެ ކިބައިގައި ހުންނަންޖެހޭ ށަރުތުތަކާއި، ރަޖިސްޓްރާރ އައްޔަނު ކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން.

(ށ) ކައުންސިލުގެ ރަޖިސްޓްރާރގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް ބަޔާންކުރުން.

(ނ) ކައުންސިލުގެ ރަޖިސްޓްރާރއަށް ލިބިގެންވާ ބާރުތަކާއި އިހްތިޔާރުތައް ކަނޑައެޅުން.

(ރ) ރަޖިސްޓްރާރ މަގާމުން އިސްތިއުފާ ދިނުމާއި ވަކިކުރުން.

 

3 ވަނަ މާއްދާ - ރަޖިސްޓްރާރ އައްޔަނު ކުރުން

(ހ) ކައުންސިލުގެ ރަޖިސްޓްރާރގެ މަގާމަށް މީހަކު އައްޔަނު ކުރާނީ، އާންމު އިއުލާނެއް ކޮށް، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު، އިންޓަވިއު ކޮށްގެން، މެރިޓު އުސޫލުން އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

(ށ) ކައުންސިލުގެ ރަޖިސްޓްރާރ އައްޔަނު ކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތަކެއް ކުރާނީ، މިނިސްޓްރީންނެވެ.

 

4 ވަަނ މާއްދާ - އިންޓަވިއު ޕެނަލް އެކުލެވިގެންވާ ގޮތް

މި ގަވާއިދުގެ ދަށުން ރަޖިސްޓްރާރ ހޮވުމަށް ބާއްވާ އިންޓަވިއު ފެނަލް އެކުލެވިގެންވަނީ، އަންނަނިވި 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.

(ހ) ކައުންސިލުން ކަނޑައަޅާ މެންބަރެއް.

(ށ) މިނިސްޓްރީން ކަނޑައަޅާ ފަންނީ އިސްފަރާތެއް.

(ނ) ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ފަންނީ އިސްފަރާތެއް.

 

5 ވަނަ މާއްދާ - ރަޖިސްޓްރާރގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް

ކައުންސިލުގެ ރަޖިސްޓްރާރގެ ކިބައިގައި އަންނަނިވި ސިފަތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) ކައުންސިލުގެ ރަޖިސްޓްރާރގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ އިލްމީ ފެންވަރާއި، ލަޔާގަތާއި، މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައި ވުން.

(ނ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން، ނުވަތަ ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ރ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައި ވުން.

(ބ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރީން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ޅ) ސިއްހީ ހިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ކަމަކާ ގުޅިގެން ނުވަތަ ނުކޮށް ދޫކޮށްލި ކަ މަކާ ގުޅިގެން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ސިއްހީ ހިދުމަތްދޭ ތަނެއްގެ މަސްއޫލުވެރިއެއްގެ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން، ނުވަތަ ބޯޑު މެންބަރެއްގެ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން، ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.

(އ) ސިއްހީ ހިދުމަތްދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން، ނުވަތަ އޭނާގެ ފަރާތުން އައްޔަނުކޮށްފައިވާ ފަރާތެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން، ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.

(ވ) ގާނޫނެއްގައި ކަނޑައެޅިފައިވާ އިންތިހާބަކުން މަގާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.

(މ) ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

 

6 ވަނަ މާއްދާ - މަގާމުގެ ށަރުތު

މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވުމާއެކު، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މެނޭޖްމަންޓުގެ ދާއިރާގައި ނުވަތަ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް، އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

 

7 ވަނަ މާއްދާ - މަގާމުގެ މުއްދަތު

(ހ) ރަޖިސްޓްރާރގެ މަގާމަށް އައްޔަނުކުރާ މީހަކު އެ މަގާމުގައި ދެމިހުންނާނީ، މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ރަޖިސްޓްރާރގެ މަގާމަށް އައްޔަނުކުރާ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވިޔަސް 5 (ފަހެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރަށްވުރެ ގިނަ ދުވަހު ރަޖިސްޓްރާރގެ މަގާމުގައި ދެމިއެއް ނުހުރެވޭނެއެވެ.

 

8 ވަނަ މާއްދާ - އުޖޫރައާއި މާލީ އިނާޔަތްތައް

ރަޖިސްޓްރާރގެ އުޖޫރައާއި މާލީ އިނާޔަތްތައް ކަނޑައަޅާނީ، ނޭށަނަލް ޕޭ ކޮމިށަނުގެ ލަފާގެ މަތީން، ސިއްހީ ކަންކަމާބެހޭ ވުޒާރާއިންނެވެ.

 

9 ވަނަ މާއްދާ - ހާޒިރީ އާއި ސަލާމާއި ޗުއްޓީ

(ހ) ސަރުކާރުގެ ރަސްމީ ކޮންމެ ދުވަހަކު ރަޖިސްޓްރާރ މަސައްކަތަށް ހާޒިރުވާންވާނެއެވެ. އުޒުރެއް މެދުވެރިވެގެން މަސައްކަ ތަށް ނުކުމެވޭގޮތް ނުވެއްޖެނަމަ، ވީ އެންމެ އަވަހަކަށް، ކައުންސިލުގެ ރައީސަށް ނުވަތަ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތަކަށް އެކަން އަންގަންވާނެއެވެ.

(ށ) ރަޖިސްޓްރާރގެ ރަސްމީ މަސައްކަތު ގަޑިއަކީ، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއެވެ. މަސައްކަތަށް ހާޒިރުރުވުމާއި، ގަޑިޖެހުމާއި، އިތުރުގަޑީގައި މަސައްކަތްކުރުމާއި، ސަލާމްބުނުމާއި، ޗުއްޓީ ނެގުން ފަދަ ކަންކަމުގައި ރަޖިސްޓްރާރގެ މައްޗަށް ހިނގާނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލެވެ.

 

10 ވަނަ މާއްދާ - އިދާރީގޮތުން ކައުންސިލް ހިންގުން

(ހ) ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން އިދާރީގޮތުން ކައުންސިލް ހިންގުމުގެ އިސް ޒިންމާ އަދާކުރާނީ ރަޖިސްޓްރާ ރއެވެ. އަދި ކައުންސިލް ހިންގުމުގައި ރަޖިސްޓްރާރ ޖަވާބުދާރީ ވާންވާނީ، ކައުންސިލަށާއި، ކައުންސިލުގެ ރައީސަށް ނުވަތަ އެ އިރަކު ކައުންސިލާ ހަވާލުވެހުރި ފަރާތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ އިދާރީ ހިންގުމުގެ ކަންކަމާ ގުޅޭގޮތުން މިނިސްޓަރަށް ނުވަތަ އެ ވަގުތަކު މިނިސްޓަރު އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަކަށް ރަޖިސްޓްރާރ ރިޕޯޓު ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ރަޖިސްޓްރާރގެ އިހްތިޔާރާއި ބާރު

ކައުންސިލުން އަވަސް ގޮތަކަށް ކަމެއް ނިންމައިދިނުމަށް އެދި، ކައުންސިލުގެ ރައީސަށް ލިޔުމަކުން ހުށަހެޅުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އެގޮތުން ރަޖިސްޓްރާރ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ކައުންސިލުގެ ރައީސަށް ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި ކައުންސިލުގެ ބައްދަލުވުމެއް ބާއްވައި، ރަޖިސްޓްރާރ ހުށަހަޅައިފައިވާ މައްސަލައާމެދު ގޮތެއް ނިންމަންވާނެއެވެ.

 

12 ވަނަ މާއްދާ - ޒިންމާއާއި މަސްއޫލިއްޔަތުތައް

ކައުންސިލުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ކައުންސިލުގެ ބައްދަލުވުންތައް ބާއްވައި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

(ށ) ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން.

(ނ) ކައުންސިލުގެ އިހްތިސާސް ހިނގާ ދާއިރާގެ މަސައްކަތްތެރީންގެ ރަޖިސްޓަރީ ލިޔެ ދަފުތަރުކޮށް ބެލެހެއްޓުން.

(ރ) ކައުންސިލުން ދޫކުރާ ލައިސަންސްތަކާއި، ހުއްދަތަކާއި، ސެޓުފިކެޓު ފަދަ ލިޔުންތައް ދޫކުރުން.

(ބ) ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކައުންސިލުގެ ބޭންކް އެކައުންޓްތައް ހުޅުވައި، ބޭންކް އެކައުންޓްތައް ބަންދުކޮށް، ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓްކުރުމަށް ބޭނުންވާ ކަންކަން ކުރުން.

(ޅ) ކައުންސިލުން ދޫކުރާ ލައިސަންސަކީ ސައްހަ ނޫން މައުލޫމާތެއް ހުށަހަޅައިގެން ހޯދައިފައިވާ ލައިސަންސެއް ކަމަށް، ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ، އެ ލައިސަންސެއް ބާތިލުކުރުން.

(ކ) ކައުންސިލުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން ކުރުން.

(އ) ކައުންސިލުގެ ނިންމުންތަކުގައި ސޮއިކުރަންޖެހޭ ހާލަތުގައި ސޮއިކޮށް، ނިންމުންތައް ތަންފީޒުކުރުން.

(ވ) ކައުންސިލުގެ ލިޔުންތަކުގައި ކައުންސިލުގެ ސިއްކަ ޖެހުމަށް ހުއްދަ ދިނުން.

(މ) ކައުންސިލަށް ލިބޭ އާމްދަނީއާއި ކުރާ ހަރަދުތައް ބެލެހެއްޓުން.

(ފ) ކައުންސިލުގެ މަށްވަރާގެ މަތީން ކައުންސިލުގެ ބަޖެޓް ތައްޔާރުކޮށް، ސިއްހީ ކަންކަމާބެހޭ ވުޒަރާއަށް ފޮނުވުން.

(ދ) ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކަށް ކައުންސިލުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން ދޭންޖެހޭ އެހީތެރިކަން ލަސްކުރުމެއްނެތި ފޯރުކޮށްދިނުން.

(ތ) ކައުންސިލް އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް ކައުންސިލުގެ މަށްވަރާޔާއެކު އެކުލަވައިލައި، އެ ސިޔާސަތުތައް ހިންގައި ބެލެހެއްޓުން.

(ލ) ކައުންސިލުގެ މަށްވަރާޔާއެކު، ކައުންސިލުގެ ކުރިއެރުމާއި، ތަރައްގީއަށް ދުރު ރާސްތާގެ މަށްރޫއުތަކާއި، މެދު ރާސްތާގެ މަށްރޫއުތަކާއި، ކުރު ރާސްތާގެ މަށްރޫއުތައް އެކުލަވައިލުމާއި، ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލުމާއި، އެ ކަންކަން ހިންގައި، މޮނިޓަރކޮށް ބެލެހެއްޓުން.

(ގ) ސިއްހީ ކަންކަމާބެހޭ ވުޒަރާއަށާއި، ދައުލަތާއި މުއައްސަސާތަކަށް ކައުންސިލް ޖަވާބުދާރީވުމުގައި، އިދާރީގޮތުން އެކަމުގެ ފުރިހަމަ އެހީތެރިކަން ކައުންސިލަށް ފޯރުކޮށްދިނުން.

(ޏ) ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލުގެ އިދާރީ އޮނިގަނޑު އެކުލަވައިލައި، މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތް ހަވާލުކޮށް، ލިޔެކިޔުންތައް ބެލެހެއްޓުން.

(ސ) ކައުންސިލް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް، ބެޖެޓުގެ ތެރެއިން ހޯދޭނެ އިންތިޒާމު ހަމަޖައްސުން.

(ޑ) މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް، މަސައްކަތުގެ މާހައުލުގައި ސުލްހަމަސަލަސްކަން ގާއިމްކުރުމަށް މަސައްކަތްކުރުން.

(ޒ) އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާނގައި ކަންކުރާގޮތް ބަލައި، އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، އެ ކަންކަން ދެނެގަނެ، އެ ގޮތްތައް ކައުންސިލަށް ތައާރުފުކުރުމާއި، މަސައްކަތަށް ފަސޭހަ، ހަރަދުކުޑަ އަދި އަވަހަށް ކަންކަން ނިންމޭނެ ޓެކްނޮލޮޖީ ހޯދައި ތައާރުފުކުރުން.

(ޓ) ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކޮށްހެދުމާއި، މަސައްކަތާ ގުޅުންހުރި ދިރާސާތައް ކައުންސިލާއި މުވައްޒަފުންނާ ހިއްސާކުރުން.

(ޔ) ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގެ އިމުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ކަންކަމާއި، ކަނޑައަޅާ އެ ނޫން ޒިންމާތައް އަދާކުރުން.

 

13 ވަނަ މާއްދާ - މަގާމު ހުސްވުން

ކައުންސިލުގެ ރަޖިސްޓްރާރގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، އަންނަނިވި ހާލަތްތަކުގައެވެ.

(ހ) ރަޖިސްޓްރާރގެ މަގާމުގެ ދައުރު ހަމަވުމުން.

(ށ) އިސްތިއުފާ ދިނުމުން.

(ނ) މަރުވުމުން.

(ރ) ރަޖިސްޓްރާރގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެފައިވާކަމަށް ކައުންސިލުން ނިންމުން.

(ބ) ރަޖިސްޓްރާރގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދޭކަމަށް ކައުންސިލުން ނިންމުން.

(ޅ) ރަޖިސްޓްރާރގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބާ ތައާރުޒުވާ ފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ނުވަތަ ދައުރެއް އޮތް ހާލަތެއް މެދުވެރިވެއްޖެކަމަށް ކައުންސިލުން ނިންމުން.

(ކ) ރަޖިސްޓްރާރގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެއްޖެކަމަށް ކައުންސިލުން ނިންމުން.

 

14 ވަނަ މާއްދާ - ވަގުތީގޮތުން ރަޖިސްޓް ރާރގެ މަގާމު އަދާކުރުން

ރަޖިސްޓްރާރގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، އެ މަގާމަށް މީހަކު އައްޔަނު ކުރެވެންދެން، ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކައުންސިލުގެ ރައީސް ކަނޑައަޅަންވާނެއެވެ. އަދި އެފަދައިން އައްޔަނުކުރާ މެންބަރަކީ، ސިއްހީ ހިދުމަތުގެ ފަންނުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. 

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

(ހ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-13 (ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު) ގައި ބުނެފައިވާ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ނ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގެ ރަޖިސްޓްރާރގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-31)

 

މައި ގާނޫނު

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނު (ގާނޫނު ނަންބަރު 2015-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު